ގާތުގާ… 24
އެތަށް ފަހަރަކު އަހަރެން ފުންކޮށް ނޭވާ ލީމެވެ. ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރީމެވެ. ރޮވެން ފެށުނީ މޭގައިހުރި ތަދު ފުންވަމުންދާހެން ހީވާތީއެވެ. ލުޔެއް ނުލިބި، ނޭވާކުރުވެ މަޑު ތުރުތުރެއް ހަށިގަނޑުގައި ދައުރުވާން ފެށިއެވެ. ބޮލަށް އެނބުރުން އަރައި މޫނުމަތީގައި ކުދިކޮކާ ބުރާހެން ހީވާން ފެށިއެވެ. ގިސްލަ ގިސްލައި ރޮވެން ފެށުނީ ދުވަހަކުވެސް ނުވާ ގޮތް ތަކެއް ވެ އަދި ވަމުންމިދާ ގޮތެއް އަހަރެންނަށް ނޭނގި ބިރުގަންނަން ފެށުމުންނެވެ. މާގަނޑުން ފައިބަމުން ދިއަ ފިނި ފެންތަކާއި އެކުވެސް އަހަރެންނަށް ހަށިގަނޑުގައި އުދާސްކަމަކާއި ހޫނު ކަމެއް ވެރިވެގެން ދިޔަ ފަދަ އިހުސާސްތަކެއް ކުރެވެމުން ދިއައެވެ. ކުރުކޮށް އަވަސް އަވަހަށް ނޭވާލަމުން އަހަރެން ބިރުން އެތަށް އިރަކު ފެންމާގަނޑު ދަށުގައި އިނދެގެން ރުއީމެވެ. ބިރުވެރިކަން މީހާގެ ހަފަރާތް ވަށާލައި، މުޅި ސިކުނޑި ހުސްވި ހިނދު އައި ނައިތަނެއް ނޭނގި ……………..
***********
ބިރުވެރިކަން މީހާގެ ހަފަރާތް ވަށާލައި، މުޅި ސިކުނޑި ހުސްވި ހިނދު އައި ނައިތަނެއް ނޭނގި އަހަރެންގެ ލޮލުގެ ކުރިމައްޗަށް ސިފަވީ އެންމެ ސޫރައެކެވެ. ހަމަ އެންމެ ފަރާތެއްގެ ސޫރައެވެ. އޭނާގެ ފިރިހެންވަންތަ މޫނެވެ. އެކުގައި ހޭދަކުރެވުނު ވަގުތު ތަކުގެ ހަނދައިން ތަކެވެ. ލޯބިން ކުރެވުނު ވައުދުތަކެވެ. އެހިނދު ރުހާމްގެ ހިޔާލުތަކުން ތަޢައްޔަރު ވެފައިވީ ސިކުނޑިއަށް ލުޔެއް ލިބެންފެށީ ދެނެވެ. އަހަރެންގެ ނޭވާވެސް ހަމައަކަށް އެޅެން ފެށިކަމުގެ އިހުސާސްވެސް ކުރެވެން ފެށިއެވެ. އޭނާގެ އެ ސޫރައިން އަހަރެންގެ ހަލަބޮލި ވެފައިވީ ނަފްސުވެސް ހިމޭން ކޮށްލި ކަހަލައެވެ. އަހަރެންގެ ހިތުގެ ވިންދުވެސް ހަމަ މަގަށް ގެނައި ކަހަލައެވެ. އަޖައިބެއްފަދަ ކަމަކަށް އަހަރެންނަށް އެކަން ވިއެވެ. އެހެން ނަމަވެސް އެއީ މުޅިއަކުން އާ ކަމަކަށްވެސް އަހަރެންނަކަށް ނުވިއެވެ.
އެއްކޮށް ހަމައަކަށް އެޅެންދެން އަހަރެން ފެންމާގަނޑު ދަށުގައި އިނީމެވެ. އެއަށްފަހު އަވަހަށް ފެންވަރައި ލައިގެން އަހަރެން ނިކުމެ ތައްޔާރުވާން ފެށީމެވެ. މޫނުގައި އެހާ ގޮތްބޮޑު ނޫން މޭކަޕެއް ކޮށްލަމުން އަހަރެން ތުންފަތުގައިވެސް މަޑުކުލައެއް ޖައްސައިލީމެވެ. ކޮލުގައި ބްލަޝް ކޮޅެއްވެސް ޖައްސައިލީ މޫނު މައްޗަށް ތާޒާކަން ގެނައުމަށެވ.
ސޭޖް ގްރީން ކުލައިގެ މަޑު ސެޓިން ފޮތީގެ ހެދުން އަހަރެން ލީމެވެ. ގަޔަށް ރީތި ވަރަކަށް ހިފާލާފައިވީ އެހެދުމުން އަހަރެންގެ ބައްޓަންތައް ހުރީ ވަރަށް ރީއްޗަށް ފާހަގަ ވާށެވެ. އަހަރެން އެހެދުން ފެހީވެސް ޖަނާ އެދުނު ގޮތަށް ‘ބެކްލެސް’ ކޮށެވެ. އެހެން ކަމުން އަހަރެންގެ ފޫކޮޅުން ތިރިއަށް އޮތް ދިގު އިސްތަށިގަނޑު ދޫކޮށްލާފައި ބޭއްވީ ހެދުމުގެ ފަހަތުން އަހަރެންގެ ބުރަކަށިން ބޮޑުބައެއް ފެންނާތީއެވެ. ހެދުން އަހަރެންނާއި ކިތަންމެހާވެސް ގުޅެއެވެ. ރީއްޗެވެ.
ސެންޓް ޖަހައިލަމުން އަހަރެން އަޅި ކުލައިގެ ފުންނާބު އުސް ފައިވާނަކަށް އެރީ ހެދުމާއި ގުޅުވާލާފައެވެ. އެހިނދު އަހަރެންގެ ކުރު އިސްކޮޅު ކުޑަތަންކޮޅެއް ދިގުވެލިއެވެ. ލޯގަނޑުން ފަރި ބަލައިލަމުން އަހަރެން އަވަސް އަވަހަށް ކޮޓަރިން ނިކުތީ ލަސްވާތީއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ގަނެފައި ހުރި ބިރާއި ހާސްކަމުގެ އެއްވެސް އަސަރެއް މިހާރު އަހަރެންގެ ހިތުގައި ނެތީ އިރުއިރު ކޮޅުން އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ ސޫރައިގެ ސަބަބުން ކަންނޭނގެއެވެ.
ހަލުވި ހިނގުމެއްގައި އަހަރެން ގޮސް ޖަނާގެ ކޮޓަރިއަށް ވަނީމެވެ. އޭރު އެންމެން ކަހަލައިން ތައްޔާރުވެ ނިމިއްޖެއެވެ. އެންމެންވެސް ހެދުން އަޅައިގެން ތިބީ ވެޑިންގެ ތީމާއި އެއްގޮތަށް ސޭޖް ގްރީން ކުލައިންނެވެ. އެކި ޑިޒައިން ތަކުގެ އެކި ހެދުން ތަށް އެ ކޮޓަރިން ފެންނަމުން ދިއައެވެ. ތައްޔާރުވެ ނިމިފައި ތިބި މީހުން އެކިގޮތް ގޮތަށް ސެލްފީއާއި ފޮޓޯ ނެގުމައިގެން އުޅޭތަން ފެނެއެވެ.
އަހަރެން ގޮސް ޖަނާގެ ގާތުގައި މަޑުކޮށްލީމެވެ.
” އޯ ލަސްވީ ދޯ…” އަހަރެން ވަރަށް މާޔޫސް ވެލާފައި އެހީމެވެ. އަހަރެން ދިޔައީ ޖަނާ ހެދުން ލާންވާއިރަށް އަންނާނެ ވާހަކަ ބުނެފައެވެ. ނަމަވެސް އަހަރެން ލަސްވުމުން ޖަނާ މިހާރު އެހުރީ ހެދުން ލައިގެންނެވެ.
” އިޓްސް އޯކޭ…” ޖަނާ ވަރަށް ހަމަޖެހިލަމުން އަހަރެންނާއި ދިމާއަށް އެނބުރިލަމުން ހިނިތުން ވެލަމުން ބުނެލިއެވެ. ނަމަވެސް އަހަރެންގެ މޫނު ފެނިމާއި އެކު އެ ހިނިތުންވުން ފަނޑުވިއެވެ.
” ޒާނާ… ކިހިނެތް ވެފަ ތިހިރީ.. ރޮއެފަތަ.؟” ޖަނާ އަހައިލީ އަހަރެންގެ ލޮލުގައި ހުރި ރަތްކަން ފާހަގަ ވެގެންނެވެ.
” ނުވޭ އެއްވެސް ކަމެއް … ލޮލަށް ސަލިބޯނު އެޅުނީ…” އަހަރެން ދޮގެއް ހަދައިލީ މިއަދުގެ އުފާވެރިކަން އަހަރެންގެ ސަބަބުން ކުޑަވިއަ ނުދިނުމަށްޓަކައެވެ.
” ޒާ……. ދޮގު ނަހަދައްޗޭ އިނގޭ…. ރުހާމް ގުޅީތަ؟..” ޖަނާ ބުނެލިއެވެ.
” އަޅޭ ދޮގެއް ނަހަދަމޭ ހަމަ. ލޮލަށް ސައިބޯނި އެޅުނީއޭ… އެހެން ނޫނަސް ކީއްކުރަންތަ މިކަހަލަ ދުވަހަކު އަހަރެން ރޯންވީކީ…. ރުހާމްވެސް ނުގުޅައޭ…” އަހަރެން ވަރަށް ހަމަޖެހިލަމުން ބުނީމޭވެވެ. އެހެން ނަމަވެސް އެސިކުންތުވެސް އެސޫރަ އަހަރެންގެ ލޮލުގެ މައްޗަށް ސިފަވެގެން ދިއަ ކަހަލައެވެ.
“ޔަގީންތަ ހަމަ ކަމެއް ނުވާކަން..؟” ޖަނާ އަނެއްކާވެސް އަހައިލިއެވެ.
” އާންއެކޭ ޖަނާ ނުވޭ އެއްވެސް ކަމެއް… މީނަ ދެން ގަބޫލެއްވެސް ނުކުރާނެ. ” އަހަރެންގެ ވާހަކައިން ޖަނާ ހަމަޖެހުނުކަން އެމޫނުމަތިން އެނގުނެވެ. އަދި އިތުރު ސުވާލު ކުރުން ވެސް ހުއްޓާއިލިއެވެ.
ކައިވެނި އޮތް ހަފްލާއަށް ދިއުމުގެ ކުރިން އެންމެ ފަހު ފަހަރަށް ޖަނާގެ މޭކަޕާއި ހެދުން ހުރީ ރަނގަޅަށްތޯ ބަލައިލިއެވެ. ފޮޓޯ ނަގާ މީހުން ވެގެން ޖަނާގެ އެ ހާއްސަ ވަގުތު ކޮޅު ކެމެރާގެ ލެންސުގައި ރައްކާކުރެވޭތޯ މަސައްކަތް ކުރަމުން ދިއައެވެ.
ފޮޅިފައި އިން ފިނިފެން މަލެއްފަދައިން ޖަނާ ހިނިތުން ވެފައި ހުއްޓެވެ. މިއަދަކީ ޖަނާއާއި ލިއަމްގެ ކައިވެނިވެވޭ ދުވަހެވެ. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހިނިތުން ވުން ފެނިފައި އަހަރެންގެ ހިތްވެސް އުފަލުން ނަށަންފެށިއެވެ. މިއަދަކީ ޖަނާގެ ހަޔާތަށް އަންނާނެ އެންމެ ހާއްސަ އެންމެ އުފާވެރި ދުވަހެވެ. ޖަނާއަށްޓަކައި އަހަރެންވެސް ވަރަށް އުފާވިއެވެ. އެކަމަކު އަހަރެންވެސް ” އުފާވެރި” ކައިވެންޏެއްގެ ހުވަފެން ދެކުނީމެވެ. އެންމެ ލޯބިވި މީހާއާއި ކައިވެނި ކުރުމުގެ ފޮނި ހުވަފެންތައް ދެކުނީމެވެ. ނަމަވެސް އެހުވަފެންތަށް މިހާރު ކޮބައި ހެއްޔެވެ؟ ނިކަން ލޯބިން އަހަރެންގެ ހަޔާތަށްއައި ބައިވެރިޔާ މިހާރު ކޮބައި ހެއްޔެވެ؟ އޭނާ މިހާރު ކޮބައި ހެއްޔެވެ؟ މިވީ ހަތް އަހަރު ތެރޭގައި އޭނާ އަހަރެންނާއި އެއްވެސް ވަރަކަށް ކޮންޓެކްޓެއް ނުކުރެއެވެ. އޭނާވީ ކޮން ހިސާބަކު ކޮންހާލެއްގައި ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނާއި އެކު ވަނީ ހަމަ އެކަނި އޭނާގެ ހަނދާން ތަކެކެވެ. ވަރަށް މަސައްކަތުންވެސް ހަނދައިން ނައްތައި ނުލެވުނު ހަނދާން ތަކެވެ. އަދިވެސް އޭނާ ދެކިލަން އަހަރެން ވަރަށް ބޭނުން ވެއެވެ. ބައްދާލަން ބޭނުން ވެއެވެ. ގާތުގާ ބަހައްޓަން ބޭނުން ވެއެވެ. އަދިވެސް ކުރުވަނީ ހަމަ އެ އިހުސާސުތޯ ބަލާލަން ބޭނުން ވެއެވެ.
އިރުގެ ރަން އަލިން މުޅި މާހައުލަށް ގެނެސްދީފައިވީ ޖާދޫއެއް ފަދަ ހިތްގައިމު ކަމެކެވެ. ހުދު ކުލައިގެ އެކިވަރުވަރުގެ ފިނިފެންމާތަކުން މުޅި މާހައުލު ވަނީ ޖަރީ ކޮށްފައެވެ. ރޭގަނޑުގެ ބަޔަކަށްވެސް ދެމިގެންދާނެ ހަފްލާއެއްކަމުން ބޮކިފަތިތަށް ވެސް ވަނީ ދަމާފައެވެ. ޖަނާމެން ތިބެން ހަމަޖެހިފައިވީ ސްޓޭޖް ކޮޅުވެސް ވަނީ އެކިކަހަލަ ހުދު މަލުން ޒީނަތްތެރި ކޮށްފައެވެ. ބޮލާއި ދިމާގައި އެލުވާފައިވެސް މައު ކޯނިކޯނި ވެއެވެ. މުޅި މާހައުލު ފެންނަނީ އަޖައިބެއްހާ ޗާލުކޮންނެވެ.
ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވީ ތަނަށް އަހަރެމެންނަށް ދެވުނު އިރު ލިއަމްއާއި އޭނާގެ އާއިލާގެ މީހުން އެތާގައި އިންތިޒާރުގައި ތިއްބެވެ. ޖަނާ ފެނުމުން ކެތްތެރިކަން ކުޑަވެފައިވީ ފަދަ ހިނިތުންވުމެއް ލިއަމް ޖަނާއަށް ދިނެވެ.
” ކޮބާ ބަލާބަލަ… މިހާރުވެސް އޭނީ ކެތްތެރިކަން ކުޑަވެފަ…. ބަލާ ދެން މިރޭ ވާނެވަރު…” އަހަރެން ޖަނާއާއި ދިމާ ކޮށްލީމެވެ. ލަދުން މޯޅިވަމުން ގޮސް ޖަނާ ލިއަމްއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
ކައިވެނީގެ މަޖިލިސް ފެށިގެން ކުރިއަށްދާން ފެށިއެވެ. އަހަރަން ޖަނާގެ ކުރިމަތީގައި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރީ އާއިލާ މީހުންނެކޭވެސް އެއްފަދައިންނެވެ. ޖަނާ އިސްޖެހިގޮތަށް އިސްނަގަން ވެސް ނުކެރިފައި އިނެވެ. އެންމެ ފަހުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސް ދިރިއުޅުމެއް ފަށަނީއެވެ. އެތަށް ދުވަހެއް ވާންދެން ޖަނާ ދެކެމުން އައި ހުވަފެންވެސް ހަޤީގަތަކަށް ވަނީއެވެ. ހަމަހިމޭންކަން ވެރިވެފައިވީ މާހައުލުގައި ކައިވެނި ކުރެވެމުން ދިއައެވެ. ފޮޓޯ ނަގާ މީހުން އެ ހާއްސަ ވަގުތު ކޮޅުގެ އެމަންޒަރުތަށް ކެމެރާގައި ނަކަލަ ކުރަމުން ދެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީހެއްގެ ލޯބި ލޯބި އަންބަކަށް ޖަނާ ވާނެއެވެ.
ޖެހިލި ފިނިފިނި ވައިރޯޅިއަކާއިއެކު ދަންނަ ފިރިހެން ސެންޓެއްގެ ވަސް އަހަރެންގެ ނޭފަތުގައި ހަރުލުމާއިއެކު ދަންނަ އިހުސާސް ތަކެއް ކުރެވިގެން ދިއައެވެ. ސިހުމާއިއެކު އަހަރެންނަށް ފަރާތް ފަރާތަށް ބަލައިލެވުނީ އެއީ “އޭނާގެ” ހިތްގައިމު ވަހަށް ވުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

