ގާތުގާ… 22
“އެހެން މީހަކު ހޯދަން ވަރަށް ފަސޭހައިން ބައްޕަ ބުނާއިރު ބައްޕައަށް ފަސޭހަވިތަ މަންމަ ނޫން މީހަކާ ގުޅުމެއް ބާއްވަން….؟ ބައްޕައަށް ފަސޭހަވިތަ ކުޑަމަންމަ އާއި ގުޅުން ބާއްވަން….؟ ” ވިދާލި ވިދުވަރާއި ގުގުރީގެ ގަދަ އަޑާއިއެކު އަހަރެންގެ އަޑުވެސް އެކޮޓަރި ތެރޭގައި ގުގުމާލީ ހޮނު ގުގުރިއެއް ފަދައިންނެވެ. މޫސުން ވެސް އަހަރެންގެ ރުޅީގައި ބައިވެރިވި ކަހަލައެވެ. ބައްޕަގެ ބަލިފައިގައި އަހަރެންނަށް ހިފުނީ ބައްޕަދެކެ އައި ރުޅީގެ ގަދަ ކަމުންނެވެ. ބައްޕަ އަހަރެންގެ އިހުސާސް ތަކާއި ދޭތެރޭގައި ނުވިސްނީމައެވެ.
********
” ކުޑަމަންމައާއި އިނދެގެން ހުރެ އަހަރެންގެ މަންމައާއި ގުޅުން ބޭއްވީ ވެސް އެގުޅުން ކަނޑައި ނުލެވުނީވެސް އެލޯބީގަ އަގެއް އޮތީމައޭނުންތަ….؟ މަންމަ ވޯތު ވެއެއް ނޫންތަ، މަންމަދެކެ ހަޤީގީ ލޯބި ވާތީއެއް ނޫންތަ ދުރު ނުވެވުނީއެއް…” އަހަރެންގެ ހަރުކަށި އެހެނަސް ތެދު ހަޤީގަތް އެކުލެވޭ ބަސްތައް ހަތަރު ފާރު ތެރޭގައި ގުގުމަމުން ދިއައެވެ. އެއީ ބައްޕަ ފަސްއަޅައި ފޮރުވި މާޒީއެވެ. ބައްޕަގެ ބަލި ފައެވެ. ބައްޕައަށް ވެވުނު ހަމަ އެންމެ ލޯތްބެކެވެ. ބައްޕަގެ އެ މާޒީ ކޮނެގެން ނަގަން އަހަރެންނަށްވެސް މިއަދު މިޖެހުނީ އަހަރެން ޒާނާ ދެކެވީ ލޯބީގައި އެއްވެސް އަގެއް ނެތް ކަމަށް ބައްޕަ ދެކުމުންނެވެ. އެދުވަސްތަށް ހަނދައިން ކޮށްދީގެން ބައްޕަގެ ހިތަށް ކުރާނެ އަސަރުވެސް އަހަރެންނަށް އެނގެއެވެ. ބައްޕަ ކުއްލިއަކަށް އަހަރެންނާއި ދިމާއަށް އެނބުރިލިއެވެ. އެދެލޯ ރަތްވެފައިވީ ރުޅިއަށްވުރެން ބޮޑަށް ވޭނުންނެވެ. މާޒީގެ ޒަޙަމް ތަކުން ކުރި އަސަރަކުންނެވެ.
” ބައްޕައަށް ހަޤީގަތުގައިވެސް މަންމައާއި ދުރު ނުވެވުނީއެއް ނޫންތަ… ދުރުގަ ކެތް ނުވީއެއް ނޫންތަ…ދެން އަހަރެން ލައްވައި ބައްޕަ ނުކުރި ކަމެއް ކުރުވަން ތިއުޅެނީ ކީއްވެގެން…؟.”‘ އަހަރެން އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔައީމެވެ. ހިތުގައި އުފެދިފައި ހުރި އުދާސްތަށް ބައްޕަ ކުރިމައްޗަށް ފޮޅައިލަން ބޭނުންވުމުންނެވެ. ކޮންމެ ޖުމްލައަކާއިއެކު ތަނަށް ވެރިވަމުން ދިޔަ އުދާސްކަންވީ ހައްތަހާ އިތުރެވެ. ބޭރުގައި އުފަދިފައިވީ ތޫފާން ހައްތަހާ ދިޔައީ ގަދަވަމުންނެވެ. ވެހެމުން ދިއަ ކެރިގަނޑު ގަދަ ކުރަމުން ދިއައީ ދެހިތަށްވެސް ފިނި ކަމެއް ދިނުމުގެ ބޭނުމުގައި ކަހަލައެވެ. ޝައުކަތު އަންކަލް އަހަރެންގެ ކައރިއަށް ޖެހިލަމުން ދެން ހުއްޓާލާށޭ ބުންޏެވެ. ނަމަވެސް އަހަރެން އެގޮތެއް ބޭނުމެއް ނޫނެވެ.
” ނަވީން ދެން ހުއްޓާލާ… ބައްޕައާއި ތިގޮތަށް ވާހަކަ ނުދައްކާ…” ޝައުކަތު އޯގާތެރިކަމާއިއެކު ބުނި ކަމަށް ވިއަސް އަހަރެންނަށް ޝައުކަތުގެ އަތް ފޮޅުވައި ލެވުނެވެ.
“ބައްޕައަށް ނުވި ކަމެއް އަހަރެންނަށް ވާނެ ކަމަށް ބައްޕަ ހީކުރީވެސް………… އުއްމީދު ކުރީވެސް ކިހިނެތް…؟” އަހަރެން ހަމަ ހަރުއަޑުން ބުނީމެވެ.
” އެއީ އަހަރެންނަށް ދެން އޭރުގަ ނަވީން އެ ވެއްޓުނު ފަދަ އަޑިގަނޑަކަށް ދެން ވެއްޓިއްޖެއްޔާ ނަގާނެ ހިތްވަރު ނެތީމަ….އެހިތްވަރު އަހަރެންނަށް ދޭން ހުރި މީހާވެސް ނެތީމަ…” ބައްޕަގެ ނުރުހުމާއެކު އަހަރެންނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ކުއްލިއަކަށް ހަރު އަޑުން ބުންޏެވެ. ބައްޕައަށް ކެތް ނުވީއެވެ. އަހަރެންގެ ބަސްތަކުން ކެތްތެރިކަން ކޮޅުން ލީއެވެ. ބައްޕަ ފުންނޭވާއެއް ލިއެވެ. މީހާ ހަމަ ޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.
” އަހަރެންގެ ދަރިންގެ ތެރެއިން އަހަރެން އެންމެ ލޯބިވާ އެންމެ ހާއްސަ ދަރިއަކީ ތިއީ ނަވީން. އެނގޭތަ އެއީ ކީއްވެ ކަން؟. އެއީ ތީ މައުރާގެ ދަރިއެއް ވީމަ..” ހިތްދަތި ވެފައި ހުރެވެސް ބައްޕަ ބުނެލީ ހަރު އަޑުންނެވެ.
” އަހަރެންގެ ފުރަތަމަ އަދި ހަމައެކަނި ލޯބިވި މީހާގެ ދަރިއަށް ވީމަ. ” ބާރު ގުގުރިއެއްގެ އަޑާއިއެކު ބައްޕަ ބުނެލިއެވެ. މޫސުންވެސް ކަމުގެ ބޮޑު ކުޑަމިން އަނގައިދެމުންދާ ކަހަލައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިފަހައްޓައިލަމުން ފުން ނޭވާއެއް ބައްޕަ ލިއެވެ. ނުރޯން މަސައްކަތް ކުރިއެވެ. މަންމަގެ ހަނދާން ތަކުން ބައްޕަގެ ހިތަށް ވަރަށް ފުން އަސަރު ތަކެއް ކޮށްފިކަން އަހަރެންނަށް އެނގުނެވެ. ބައްޕަގެ ހިތުގައި ޖެއްސުނީތީ ކުޑަކޮށް ދެރަވާގޮތް ވިކަމުގައި ވިޔަސް އަހަރެންނަށް އަދިވެސް ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ.
” ތި ނޫނީ ނުހުންނާނެ އަހަރެން ކުރިމަތީގަ ބަސް ބުނަން ކެރޭ ދަރިއެއް. ހަމަ އެގޮތަށް އެނގޭ ތި ނޫނީ ނުހުންނާނެކަން އަހަރެންދެކެ މައުރާ ވީފަދަ މަތިވެރި ލޯތްބެއްވާ ދެވަނަ އިންސާނަކުވެސް މިދުނިޔޭގަ. ހަޤީގަތަށް ބުނަންޔާ އަހަރެންނަށް ވުރެން ވެސް އެތަށް ގޮތަކުން ނަވީން ކުޅަދާނަ. ނަވީންގެ ތި ރުޅިއާއި ގޮތްދޫނުކުރުމާއި ތި ހަރުކަށި އުސޫލު ތަކުގެ ސަބަބުން އަހަރެން ވަނީ ނަވީންއާއި ދޭތެރޭގަ ފަހުރުވެރި. އެނގޭތަ އެއީ ކީއްވެގެން ކަން … އެއީ ނަވީންގެ ކޮންމެ އަމަލެއް އަހަރެންނަށް ހަނދައިން ކޮށްދެނީ މައުރާ.. އެހެންވެ… އަހަރެން ޔަޤީން ކުރިން ނަވީންގެ އަޒުމު ގުޑުވައިލެވޭވަރުގެ މީހަކު ނާއްނާނެކަން…ތި އުސޫލުތަށް މުގުރައިލެވޭވަރުގެ މީހަކު ނާއްނާނެކަން އެނގުނު. މާހިންއަށް ވުރެންވެސް ބޮޑަށް އަހަރެން ނަވީންއަށް އިތުބާރު ކުރަން…އެކަމަކު…..” ބައްޕަ ވާހަކަ ފުރިހަމަ ނުކޮށް ހުއްޓައިލީ އަޑު ކުރެހިގެންނެވެ. ބައްޕަގެ އުންމީދުތަށް ވަރަށް އުސް ނަމަވެސް އަހަރެންގެ ސަބަބުން ބައްޕަގެ އެ ހަރު ހިތް މަޑު ކަފަކޮޅަކަށް ވެ ނިމިއްޖެއެވެ. މަޑުމަޑުން މޮޅިވެރި ރާގަކަށް ބުނެލި ގޮތުން ހުދު އަހަރެންވެސް ދެރަވިއެވެ. ޝައުކަތު އަންކަލް ބައްޕަގެ ކޮނޑުގައި ހިފަހައްޓައިލީ ހިތްވަރު ދިނުމުގެ ގޮތުން ކަންނޭނގެއެވެ.
“އެކަމަކު އާދައިގެ ހަމަ އެންމެ އަންހެން ކުއްޖެއްގެ ސަބަބުން ނަވީން މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނުތަން އަހަރެންނަށް ފެނުނު…” ވަރަށް ބުރަދަން ހުރި ހަޤީގަތެއްގެ ވާހަކަ ބައްޕަ ހާމަކުރީ އަހަރެންނާއި ދިމާއަށް މަޑު ހިނގުމެއްގައި އަންނަމުންނެވެ.
“ތި ހަރުހިތް މަޑު ފުށް ކޮޅަކަށް އެކުއްޖާ ހެދިތަން އަހަރެންނަށް ފެނުނު….” ބައްޕަ އަހަރެންގެ ކައިރީގައި ހުއްޓިލަމުން އަހަރެންގެ ހިތާއި ދިމާގައި އިނގިލި ޖައްސައި އޮބާލަމުން ބުންޏެވެ. އެއަޑުގައި ހިތާމައާއި އެކު ހަޤީގަތް ހަޖަމްކުރަން އުނދަގުވެފައި ހުރިކަމުގެ އަސަރު ހުއްޓެވެ.
“ހަމަ އެދުވަހު މައުރާ އަހަރެންގެ ހިތަށް ހެދިހެން….!!!!” އަހަރެންގެ މޭގައި ބައްޕަ ޖެއްސި އިނގިލި އަނބުރައި ގެންގޮސް އަމިއްލަ މޭގައި ޖައްސައިލަމުން ބުންޏެވެ.
” ފުރަތަމަ ފަހަރަށް ނަވީންގެ ތި ހަރުކަށި އުސޫލުތަކާއި ގަވައިދު ތަކާއި ހިލާފްވިތަން ފެނުނު…” އަހަރެންނާއި ބައްޕަ ހަތަރުކަޅި ހަމަ ކޮށްލިއެވެ.
“ދުވަހަކުވެސް…. ދުވަހަކުވެސް… ހުވަފެނުންވެސް އަންނާނެ ކަމަށް ހީނުކުރި ދުވަސް ދެކެން ޖެހުނު…” ހަމަ ރަނގަޅަށްވެސް ބައްޕަގެ އަޑު ކުރެހިގެން ދިއައެވެ. ޔޫސުފް ޖަލީލްގެ އެސިފައަކީ އަހަރެންގެ ހަޔާތުގައިވެސް އެންމެ ދެ ފަހަރު ފެނިފައިވާ ސިފައެކެވެ.
” އަހަރެން ބިރުގަންނަނީ އެހެންވެ… އަހަރެން ފަހުރުވެރިވި ދަރިއެއް ތީ… އަނެއްކަ އެދުވަސް ދެކެން ޖެހިދާނެތީ …” ބައްޕަ އަހަރެންނަށް ބަލައިލަމުން ބުންޏެވެ. އަދި ފުރަގަސްދީފައި ގޮސް ބައްޕަގެ ގޮނޑީގައި އިށީނެވެ.
” އެނގިއްޖެތަ…. ؟ އާން އަހަރެންނަކަށް މައުރާއާއި ދުރަކު ނުހުރެވުނު.. ތީ ތެދެއް…” ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހައިލަމުން ބައްޕަ ބުންޏެވެ. ދައްކަން ބޭނުން ނޫން ވާހަކަތަކެއް އަހަރެންގެ ސަބަބުން ބައްޕައަށް ދައްކަން މަޖުބޫރުވި ކަހަލައެވެ.
” ހެދެނީ ގޯހެއްކަން ހުއްޓަންވީ ކަން އެނގުމުންވެސް ދެމިހުން ކުރެން އެކަކަށްވެސް ދުރެއް ނުވެވުނު…” ބައްޕަ ރިހުން އެކުލެވިގެންވީ އަޑަކުން ބުންޏެވެ. ބައްޕަ އިސްދަށަށް ޖަހައިލަމުން ނިތްކުރީގައި ދެއިނގިލިން ހިފަހައްޓައިލަމުން ބުންޏެވެ.
” އެތަށް ރެޔަކު ނުނިދިގެން، ހިތްހަމަޖެހިލަން ބޭނުންވެގެން ވެސް ގޮސްފައި ހުންނާނެ… ” ބައްޕަ އެ ބުނީ ކިހިނެތް މާނަކޮށްފައިކަން އަހަރެންނަށް އެނގުނެވެ. ދެލޮލުގައި ގިނަވެފައި ހުރި ކަރުނައިގެ ތެރެއިންވެސް ބައްޕަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެލީ މަންމަގެ ހަނދައިން ތަކުންނެވެ. ފުރާވަރުގެ އެ ޒުވާން ލޯބީގެ ސަމާސާ ތަކުން ކަންނޭނގެއެވެ.
” ނަވީން ތިބުނީ ރަނގަޅަށް…އަހަންނަށް ހަމަ ނަވީން މަންމައާއި ދުރުގަ ނުހުރެވުނީ.. ފަހުން ދެވި ވެސް ހިފީ… އެތަށް ބަޔަކު ބުނި ހުއްޓާލަން … އެކަމަކު ލޯތްބަކީ ހަމަ ކަނު އެއްޗެކޭ، އަމިއްލަ އެދުން ބޮޑު އެއްޗެކޭ މީހުން ބުނަނީ ހަމަ ރަނގަޅަށް…” ހިންދިރުވައިލަމުން ބައްޕަ ބުންޏެވެ. ބައްޕައަށް މަންމަގެ ހަނދައިން ތަކުން އަސަރުތަކެއް ކޮށްފިކަން އެނގުމުން އަހަރެންގެ ރުޅި ފިނިވާ ގޮތް ވިއެވެ.
” އެކަމަކު ހަމަ ތެދެއް މިބުނީ، ނަވީންއަށް ދެން ގޮތެއް ވެއްޖެއްޔާ ކޮޅަށް ނަގާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް. މައުރާގެ ހުރި ހަމައެކަނި ހަނދާނަށް ދެން ގޮތެއް ވެއްޖެއްޔާ އަހަރެން ކަންނޭނގެ ދެން އެންމެ އަވަހަށް ފަސްގަނޑު ދަށަށް ލާނީ….” އަސަރާއިއެކު ބައްޕަ ބުންޏެވެ.
“ބައްޕާ…” އަހަރެން ބައްޕައަށް ގޮވައިލަމުން ބައްޕައާއި ކައިރިއަށް ޖެހިލީމެވެ.
“އޭރުވީހެން މިފަހަރަކު ނުވާނޭ… އަހަރެންނަށް މިކަމުގަ އިތުބާރު ކުރަންވީނުން…” އަހަރެން ތަންކޮޅެއް އަޑު މަޑު ކޮށްލާފައި އެދުނީމެވެ.
“ބައްޕައަށް އެނގޭތަ ޒާނާ އަހަރެންނާއި ވަކިވެގެން ދިޔައީ ކީއްވެގެންކަން އެނގުމުން އަހރެން ވީ ޒާނާއާއި ދޭތެރޭގައި އިމްޕްރެސް… ވާން ފެށި ލޯބިވީ އިތުރަށް ގަދަ…އެނގޭތަ އެއީ ކީއްވެގެންކަން އެއީ އަހަރެން އެހުރިހާ ލޯބިދީ ޒާނާގެ ހިތް ފުރައިދީފައި ހުއްޓައި އެގޮތަށް އާއިލާއަށްޓަކައި ދާން ކެރޭނީ ވަރަށް ހިތްވަރު ހުރީމަ ދޯ… ” އަހަރެންގެ ވާހަކަ ތަކުން ބައްޕަ އަހަރެންނަށް ބަލައިލިއެވެ.
“އަހަރެން ހިތަށް އެރީ އަހަރެންގެ އަންބަކަށް ވެއްޖެޔާ އަހަރެމެންނަށްޓަކައި ޒާނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނޭ….” އަހަރެން ބައްޕަގެ މޭޒާއި ގާތް ވެލަމުން ބުނީމެވެ.
” ބައްޕަ އޭނުން ބުނީ ރަނގަޅު އަންހެނުންނަކީ ފިރިހެނުންގެ ކުރިއެރުމޭ… ހަމަ އެގޮތަށް ނުބައި އަންހެނުންނަކީ ފިރިހެނުންގެ ހަލާކޭ…ޒާނާ އަކީ ރަނގަޅު ކުއްޖެކޭ ބައްޕާ….”‘ އަހަރެން ކެތްތެރިކަމެއް ނެތް ފަދަ ގޮތަކަށް ބުނީމެވެ.
“ބައްޕާ އަހަރެންނަށް އިތުބާރު ކުރޭ… މާޒީ ތަކުރާރެއް ނުވާނެ…” އަހަރެން ބުނީމެވެ.
” އަހަރެންނަށް ނަވީންއަށް ފުރިހަމައަށް އިތުބާރު އެބައޮތޭ….ހުރިހާ ކަމެއްގައިވެސް… އެކަމަކު…” ބައްޕަ އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އަނެއްކާވެސް ހިތްހަމަނުޖެހެން ފެށީ އަދިވެސް ބައްޕަ ގޮތް ދޫނުކުރާކަން އެނގުމުންނެވެ.
“އަބަދަކު އެއްގޮތެއް ނުވާނޭ… އަހަރެންވެސް މީ މިހާރު ބޮޑު ފިރިހެނެކޭ… އަހަރެންވެސް ބޭނުންވާނެ ދޯ މީހަކާ އިންނަން… ބައްޕަ ބޭނުންވަނީ އަހަރެން އުފަލުން ނޫނަސް ކޮންމެވެސް މީހަކާއި އިނދެގެން ހުންނަންތަ….” އަހަރެން ހިތްހަމަ ނުޖެހުމުން އަނެއްކާވެސް ބާރަށް ބުނެވުނެވެ.
” މައްސަލައެއް ނެތް….” ބައްޕަ އެންމެ ފަހުން ގޮތް ދޫކުރިއެވެ.އަހަރެން ކުޑަކޮށް ހައިރާންވި ނަމަވެސް އަހަރެންނާއި ދެކޮޅަށް ނިކުންނާނެ ހިތްވަރު ނެތީ ކަހަލައެވެ. ގޮނޑިން ތެދުވެ ބައްޕަ މޭޒު ކައިރީގައި ހުއްޓިލަމުން އަހަރެންނަށް ބަލައިލަމުން ބުންޏެވެ.
“އެނގިދާނެތާ ތި ލޯބީގައި ހުރި ވަރެއްވެސް…” ބައްޕަ ހުއްދަ ދިނީ މުޅިއަކުން ހިތްހަމަ ޖެހިގެނެށް ނޫންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް މިވަގުތަށް މިވަރުން އަހަރެންނަށް ފުދެއެވެ.
” ތެންކްސް…” އަހަރެން ބުނީމެވެ. އަދި އަހަރެން އެނބުރިލީ އެތަނުން ނިކުތުމަށެވެ. އާކިފްވެސް އަހަރެންގެ ފަހަތުން އަންނަށް ހިނގައިގަތެވެ.
” ވޯޒް ޝީ ދެޓް ގުޑް…؟” ބައްޕަގެ ސުވާލުން އަހަރެންނަށް މަޑުޖެހެވުނެވެ. ތަޅުގައި ހިފަން ނެގި އަތް ތިރި ކޮށްލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

