Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 21

Anaq Level 210 Stories
May 18, 2026 5 Mins Read
0 Comments

ލައިބުރަރީގެ މެދުގައި ހުރި ބޮޑު ކަޅު މޭޒުގެ ބިއްދަށުގައި ހުރި ކަޅު ލެދާރ ގޮނޑީގައި ބައްޕަ ދޮރާއި ފުރަގަސް ދީގެން އިނެވެ. އަހަރެން ވަނުމުންވެސް އެނބުރިވެސް ނުލައި އިނުމުން އެއިނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް ކަށަވަރުވިއެވެ. މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި، ބައްޕަގެ ފުރަގަހުގައި، ޝައުކަތު އަންކަލް ވަރަށް ކަންބޮޑުވެފައި އިނެވެ. އަދި އަހަރެން ފެނުމުން ބޯހޫރުވައިލާ ކޮނޑު އަރުވައިލީ ބައްޕަ އަންނަން އުޅޭކަން ޝައުކަތަށްވެސް ނޭނގޭކަން އަންގައިލިމުގެ ގޮތުންނެވެ. އަހަރެންގެ ފަހަތުން ވަތް އާކިފްވެސް ތަންކޮޅެއް ދުރުގައި ސޯފާތަކުގެ ކައިރީގައި މަޑުކޮށްލިއެވެ. ތަނަށް ވެރިވި ހަމަ ހިމޭންކަމުން އަންނަން އޮތް ރާޅުގެ ބޮޑުކަން އަހަރެންނަށް އަނދާޒަ ކުރެވުނެވެ.

 

***********

 

އެހެންނަމަވެސް އަހަރެންގެ ހިތް އެކަމާއި ކަންބޮޑެއް ނުވިއެވެ. ހާހެއް ނުވިއެވެ. ޖެހިލުމެއްވެސް ނުވިއެވެ. އެއީ އަހަރެންނަށް އަހަރެންގެ ބައްޕަ ވަރަށް ރަނގަޅަށް އެނގި ދަސްވެފައި ވާތީއެވެ. ސިކުންތު ތަކެއް އެގޮތުގައި ފާއިތުވިއެވެ. ބައްޕަ އިސްވެ ވާހަކަ ނުދައްކަވާނެ ކަމަށް ނިއްމާފައި އަހަރެން ވާހަކަ ފަށަން ނިންމީމެވެ.

” އެނގޭ ބައްޕަ ތި ދުރުވީ ކީއްވެކަން…” ސާބިތު ކަމާއިއެކު އަހަރެންގެ ގޮތްގަނޑުގައި ބުނީމެވެ. އަހަރެންގެ އަޑުގައި ހުރި ޖެހިލުން ކުޑަކަމާއި ސާބިތުކަން ފާހަގަ ވެގެން ޝައުކަތުވެސް ބަލައިލީ ދެލޯ ބޮޑު ކޮށްލަމުން ގަބޫލު ނުކުރެވިފައެވެ.

” އެހެންތަ؟. ދެން އެހެންވިއްޔާ ބުނަން ވީނުން.” ބައްޕަގެ އަޑު ހަތަރު ފާރު ތެރޭގައި ގުގުމައި ގަތެވެ.

” ނޫނީ އަދިވެސް ބުނަންވީ ވަގުތު ނުޖެހެނީތަ؟. ކޮންއިރަކުން ބުނަން ނިއްމައިގެންތަ ނަވީން ތިހުންނަނީ…؟” ބައްޕަގެ އަޑުގައި އިންތިހާ ހިތްހަމަ ނުޖެހުމެވެ. ރުޅިވެރި ކަމެވެ.

” ބައްޕައަށް އެނގެންޔާ ބުނުމުގެ ބެނުމެއް ކޮބާ؟… ބައްޕައަށް އެނގެނީ ކިހާވަރަކަށް ކަމެއްވެސް ނޭނގެ….އެހެން ނޫނަސް ބައްޕައަށް އެނގުނީ ކިހިނެތްތަ؟” އަހަރެންގެ ޖުމްލައިން ޝައުކަތު އަންކަލް ލޮލުން އިޝާރާތް ކޮށްލީ މަޑުން ވާހަކަ ދެއްކުމަށެވެ. ނަމަވެސް އަހަރެން އެބަހަކަށް ބޮލެއް ނުލަނބަމެވެ.

“އެނގުނު ގޮތްތަ އަދިވެސް މުހިންމީ..؟” ބައްޕަގެ އަޑު ބާރުވިއެވެ. ގޮނޑީގެ މުށްގަނޑަށް ބާރުކޮށްލި ގޮތުން ބައްޕަ އިތުރަށް ހިތްހަމަ ނުޖެހުނު ވަރު ފެނިގެން ދިއައެވެ.

” ނަވީން ހީކުރީ ނަވީން އުޅޭ ނޫޅޭ ގޮތް ނުބަލައި އަހަރެން ހުންނާނެ ކަމަށްތަ…؟” ބައްޕަގެ ބަރު އަޑު ހަތަރު ފާރު ތެރޭގައި ހިއްޕާލިއެވެ.

” އަހަރެންގެ އެތަށް ލޮލެއް އަބަދުވެސް ނަވީންއަށް އަމާޒުވެފައި ހުންނާނެ. އެހެން ނޫނަސް ރޯމާ ދުވާލު ޕާކިން ޒޯނުތަކުގަ ކުރާ ކަންކަން ބަލަން އުޅޭ މީހަކަށް ހޯދާކަށް އުނދަގުލެއްވެސް ނުވާނެ…” ބައްޕަ އެންމެ ފަހުން އަހަރެންނާއި ކުރިމަތި ލިއެވެ. ފަސްދޮޅަހުގެ އަހަރުތަށް ގުނަމުންދާ ބައްޕަގެ ތުނބުޅިއާއި، ކަންފަތާއި ހަމައަށް ހުރި އިސްތަށިގަނޑުވެސް ވަނީ ނުރަވެ ހުދު ވެފައެވެ. އެހެން ނަމަވެސް ބައްޕަ ފެންނަނީ އެއުމުރުގެ އެހެން މީހުންނަށް ވުރެން ޒުވާންކޮށް އަދި ހަށިގަނޑުވެސް އަހަރެމެންނެކޭ އެއްފަދައިން ވަރުގަދަ ކޮންނެވެ. އަހަރެންނަށް ލިބިފައި މިވަނީ ބައްޕަގެ ދިގު އިސްކޮޅާއި ވަރުގަދަ ބިޔަ ހަށިގަނޑޭ އަބަދުވެސް މާމަ ބުނާ ބުނުން އެއީ ތެދު ހަޤީގަތެވެ.

“ނަވީން ހި ނުކުރައްޗޭ ނަވީން ކުރާ ކަންކަން އަހަރެން ނުބަލަ ހުންނާނޭ… ” ބައްޕަ އަހަރެންނަށް ބަލައިލަމުން ބުންޏެވެ.

“ބައްޕަ އަހަރެންގެ އެކަހަލަ ކަންކަމަކާ ބެހިއެއް ނޫޅެމޭނުން..” އަހަރެން ރައްދު ދިނީމެވެ.

“އާން ނަވީންގެ ‘އެކަހަލަ’ ކަންކަމަކާ ނުބެހެން.. ބެހޭކަށް ނުވެސް ޖެހޭ.. އެނގޭ ބަލަން ޖެހޭ ވަރަށް ވުރެން ނަވީން މާ ބޯހުންނާނެކަން. އެއެއް ނޫނޭ މީގަ މައްސަލައަކީ އެއް…” ބައްޕަ ބުންޏެވެ.

“ސޯ ވަޓް….” ބައްޕަގެ ބަހުރުވަ ހުރި ގޮތުން އަހަރެންގެ ގާތަށްވެސް މަޑުމަޑުން ރުޅި އަންނަން ފެށިއެވެ. ހިނދުކޮޅަކަށް ބައްޕަ އަހަރެންނަށް ބަލަން ހުއްޓެވެ. ދެއަތް ޖީބަށް ޖަހައިލައިގެން ހުރި އިރު ސަހަލު އެއްޗެއް ނޫންކަން ބުނަން އެއުޅެނީ އަހަރެންގެ ހަވަނަ އަންގަން ފެށިއެވެ.

“ކޮން ނަމެއް ކިޔަނީ އެއަންހެން ކުއްޖާއަށް….؟” ވާހަކަ ދިގު ދަންމަން ނޫޅެ ސީދާ ސުވާލު ބައްޕަ ކޮށްލިއެވެ. އަހަރެންނަށް ހަމަ ޔަގީންވެ ކަށަވަރުވި ފަދައިން ބައްޕަ އެއައީ ހަމަ ޒާނާގެ ކަންތަށް އެނގިގެންނެވެ.

“ޒާނާ…” ބައްޕައަށް އެނގިފައި އޮތުމުން އިތުރަށް ސިއްރު ކުރުމުގެ ބޭނުމެއް ނެތެވެ. ބައްޕައާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ސިއްރު ކުރުމެއް ނެތި އަހަރެން ޖަވާބު ދިނީމެވެ.  ދެމެދުގައިވީ ފަސްވަރަކަށް ފޫޓުގެ ދުރުމިނުންވެސް އަހަރެންގެ ޖެހިލުން ކުޑަކަމާއި ސާބިތުވެ ހުރިކަން އަދި ތަނަށް ވެރިވި އުދާސް ކަމަށް އެތަނުގައި ތިބި އެންމެންވެސް ހެކިވާނެއެވެ.

” ޝައުކަތުވެސް ނުބުނޭ….ކީއްވެ..؟” ބައްޕަ ޝާއުކަތު އަންކަލް ދެކެވެސް ރުޅިއައެވެ. ޝައުކަތު އަންކަލް ކުށްވެރިއެއް ފަދައިން އިސްޖަހައިލިއެވެ.

” އަހަރެން ބުނެގެން އަންކަލް ސިއްރުކޮށް ދިނީ…” އަހަރެން ޝައުކަތުގެ ދިފާއުގައި ބުނީމެވެ.

” މަށަށް އަޑު އިވުނީ ރަނގަޅު ވާހަކަ ތަކެއްތާ އެހެންވީމަ..” ބައްޕަގެ އަޑު ބާރުވެގެން އައެވެ. އޭރު ދުނިޔެމަތި ކަޅު ވިއްސާރަ ވިލާތަކުން އުދަރެސް ބައްދަމުން ދިޔަ މަންޒަރު ބައްޕަގެ ފުރަގަހުގައި ހުރި ކުޑަދޮރުން ދައްކަމުން ދިއައެވެ.

“ބައްޕައަށް އަޑު އިވުނީ ކިހާވަރަކަށް..؟” އަހަރެން އެއްވެސް ޖެހިލުމެއް ނެތި އެކަމަކު ހިތްހަމަ ނުޖެހޭ ގޮތް ވެފައި އަހައިލީމެވެ. އަހަރެންގެ ޖެހިލުން ނުވެ ބައްޕަގެ ކުރިމަތީގައި ބަސްބުނަމުން ދިޔައީމެވެ. ނަމަވެސް ކީއްވެ ކަމެއް ނެނގެއެވެ. އަހަރެންނަށް ބަލައިލަމުން ބައްޕަގެ ތުންފަތުގެ އެއްމިޔަ ކަނުން ދެމިލަން އުޅުނުހެން ހީވިއެވެ. އެދެލޮލުން އެހެން ކުލަވަރެއް ސިކުންތަކަށް ފެނުނުހެންވެސް އަހަރެންނަށް ހީވިއެވެ.  ނަމަވެސް އެލޮލަށް ވެރިވި  ކުލަތަކާއި ތުންފަތަށް ވެރިވާން އުޅުނު ހިނިތުން ވުން ބައްޕަ ވަރަށް އަވަހަށް ފަރުދާ ކޮށްލައިފި އެވެ.

“އެއީ މީހެއްގެ އަންބެއްކަން… އަދި އެވެސް އެމް.ޕީއެއްގެ އަންބެއް..” ބައްޕަ ނުރުހުމާއިއެކު ބުންޏެވެ.

” ނަވީން މޮޔަވީތަ… މިއޮއް ބޮޑު ދުނިޔެއިން މީހެއްގެ އަންބެއް ނޫނީ ނުފެނުނީތަ މިފަހަރު؟…ކުރިންވެސް ކޮންމެވެސް އަންހެން ކުއްޖަކަށް ވީވަރު ފެނުން، މިފަހަރު އަދި މީހެއްގެ އަނބަކާ ތިއުޅެނީ… ނަވީން ތިއުޅެނީ…..” ބައްޕަގެ ޖުމްލަ ފުރިހަމަ ކުރާނެ ވަގުތެއް ނުދީ އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

” ކުރިންވެސް އެއީ ހަމަ ޒާނާ… މިފަހަރުވެސް އެއީ ހަމަ އެ ޒާނާ…” ކުއްލިއަކަށް ތަނަށް ފުންމިން ނޭނގޭ ހަމަ ހިމޭން ކަމެއް ވެރިވީ އަހަރެންގެ ޖުމްލައިންނެވެ. ގަބޫލު ނުކުރެވިފައި ބައްޕަ އަހަރެންނަށް ބަލައިލިއެވެ.

” ވަޓް…” އިރުގަނޑަކަށް ދެމިގެން ދިއަ ހަމަހިމޭން ކަމަކަށް ފަހު ބައްޕަ އަހައިލެވުނެވެ. ލިބުނު މައުލޫމާތުގެ ބުރަދަން ބޮޑުކަމުން ބުނާނެ އެއްޗެއް ނޭނގިފައި ބައްޕަ ހުއްޓެވެ. ނިއުޅެމުން ދިއަ ކަންކަމުން ބައްޕައަށް ޝޮކެއް ލިބުނެވެ. ހައިރާންވެ ވިއެވެ.

“ޔެސް… ތި އިވުނީ ހަމަ ރަނގަޅަށް….” އަހަރެން ބުނީމެވެ.

” ނައު އިޓް މޭކްސް އޯލް ސެންސް…” ބައްޕަ މަޑުމަޑުން ބުންޏެވެ.

” މިއީ ދޯ މިވާ ގޮތަކީ… މަށަށް އެނގޭ ނަވީން އަންހެން ކުއްޖަކާ ގުޅުމެއް ބާއްވާނީ އެކުއްޖަކު ވަރަށް ހާއްސަ ވެގެން ކަން… އެކަމަކު މީހެއްގެ އަނބަކާއި ގުޅުމެއް ބާއްވަން އުޅޭކަން އެނގުނީމަ އެކަން ހުއްޓުވަން މިއައީވެސް… އެކަމަކު ހިއެއް ނުކުރަން ކުރީގެވެސް ކުއްޖާ ކަމަކަށް މިފަހަރުވެސް ފެނިގެން ތިއުޅެނީއެއް…” ބައްޕަގެ އަޑުގައި އަދިވެސް ހިތަހަމަ ނުޖެހުމުގެ އަސަރުތަށް ހުއްޓެވެ. އަހަރެންގެ އަމަލުތައް ގަބޫލު ނުކުރެވިފައި ހުރި ކަހަލައެވެ.

“ބައެއްގެ ދިރިއުޅުން ހަލާކު ކޮށްލަންތަ ނަވީން ބޭނުންވަނީ…؟ ނޫނީ ބަދަލު ހިފަނީތަ އެއަންހެން ކުއްޖާ ކިބައިން…؟” ބައްޕަގެ އަޑު އަނެއްކާވެސް ބާރު ވެގެން އައެވެ. ބައްޕައަށް މުޅީ ވާހަކައިން ނެގުނީ އެހެން މާނައެކެވެ.

” އެއީ މީހެއްގެ އަންބެއް ނޫނޭ މިހާރު.” ބައްޕަ އަހަރެންނާއި ދޭތެރޭގައި އެހާ ދަށު ދަރަޖަ އަކަށް ވިސްނީތީ އަހަރެން ހިތްހަމަ ނުޖެހުނެވެ.

“އެހެން ނޫނަސް ބައްޕަ ކިހިނެއް ހީކުރީ އަހަރެން ބަދަލު ހިފާނޭ.. އަދި އެވެސް ޒާނާ ކައިރިން.. އަހަރެން ބަދަލު ހިފަންޏާ ހިފާނީ ރުހާމް ފަރާތުން… އަހަރެން އަދިވެސް ޒާނާ ދެކެ ލޯބިވޭ….” އަހަރެން ގޮތް ދޫނުކޮށް ހިފެހެއްޓީމެވެ. ހިތްހަމަ ނުޖެހިފައި ބުނީމެވެ. އަހަރެންނާއި ބައްޕަ އާއި ދެމެދު ދެކެވެމުން ދިޔަ ވާހަކަ މަޑުމަޑުން ޒުވާބަކަށް ބަދަލު ވަމުން ދިއައެވެ.

” ނަވީން މޮޔަ ވެގެންތަ ތިއުޅެނީ…އޭން…” ބައްޕަ ގާތަށް ރުޅިއައިސްގެން  ހަޅޭލަވައި ގަތެވެ. އެމޫނުމަތިން ރުޅިވެރިކަމުގެ ހުރިހާ ކުލައެއް ފެންނަން ހުއްޓެވެ. ޝައުކަތު އަދި އާކިފްވެސް ބައްޕަގެ އަޑަށް ސިހިގެން ދިއައިރު ބައްޕަގެ އެ އަމަލުން ސިހިގެން ނުދިޔަ މީހަކަށް ހުރީ އަހަރެން އެކަންޏެވެ.

” ކުރިން ވީވަރު ފެނުނޭ އަހަރެމެންނަށް…. އަނެއްކާވެސް ހަމަ އެކުއްޖާ ފަހަތުން ތިއުޅެނީ…ކިހިނެތް އެނގެނީ ދެންވެސް ވާނީ އެހެން ނޫންކަމެއް..؟ ” ބައްޕަގެ ބާރުއަޑުން ރުޅިވެރިކަން ހާމަ ކުރަމުން ދިއައިރު އެދެލޮލުން ދައްކަމުން ދިއައީ އަހަރެންނަށްޓަކައި ކަންބޮޑުވެފައިވީ ކަމުގެ ނިޝާން ތަކާއި އަހަރެންނަށްޓަކައި އެހިތުގައި އޮތް ބަފައިވަންތަ ކަމުގެ ލޯތްބެވެ. ބައްޕަ މިހާރު ރުޅި އެއައީ އެއަންހެން ކުއްޖާއަކީ ޒާނާއަށް ވީމައެވެ. އެކަން އަހަރެންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީން ވިއެވެ. ބައްޕަގެ ފަރާތުން އަހަރެން ހުރީ މިކަހަލަ ކުލަވަރެއް ފެނިދާނެ ކަމަށް އުއްމީދުވެސް ކޮށްގެންނެވެ. ނަމަވެސް ކެތްތެރިކަމާއިއެކު ބައްޕައަށް ވިސްނައިދޭން ނިއްމައިގެން ހުއްޓަސް އަހަރެންގެ ނަފްސުގެ މައްޗަށްވެސް ރުޅިވެރިކަން ގަދަވެގަންނަމުން ދިއައެވެ.

” އޭނަ އެދުވަހުވެސް ދިއައީ މަޖުބޫރު ވެގެން…” އަހަރެން ޒާނާ ދިފާއު ކުރީމެވެ. ނަމަވެސް އަހަރެންނަށް ވެސް ވާހަކަ ދެއްކުނީ ހިތްހަމަނުޖެހިފަ ބާރަށެވެ.

” އެހެން ވިޔަސް ތިކަމާއި އެއްބަހެއް ނުވެވޭނެ….އެހެން ކުއްޖަކު ހޯދާ…” އެއްވެސް ވިސްނުމެއް ނެތި ބައްޕަ ބުންޏެވެ.  ބައްޕަ، ބައްޕަގެ ގޮތުގައި ހިފެހެއްޓިއެވެ. ބައްޕަގެ ޖުމްލައިން އަހަރެންގެ ގާތަށް ކުއްލި ރުޅިއެއް އައެވެ.  އެއްވެސް ވިސްނުމެއް ނެތި އެހެން ކުއްޖަކު ހޯދުމަށް ބައްޕަ ބުނާއިރު ބައްޕައަށް ހީވަނީ އެއީ އަހަރެންނަށް ކުރަން ވަރަށް ފަސޭހަ ކަމެއް ހެންނެވެ. ބައްޕަގެ ބަސްތަށްވީ އަނދައަނދާ ހުރި އަލިފާނަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ.

“ބައްޕާ…..ތިކިއޭ އެއްޗެއް އެނގޭތަ…” އަހަރެން ރުޅިއައިސްފައި އަޑުހަރުކޮށް ބުނެވުނެވެ. ހަމަ ރަނގަޅަށްވެސް އަހަރެންގެ ކައިރިއަށް ރުޅިއައެވެ. ޝައުކަތު އަންކަލް އައިސް އަހަރެންގެ ކައިރީގައި ހުއްޓިލަމުން އަހަރެންގެ ކޮނޑުގައި ހިފަހައްޓައިލި ގޮތުން އެބުނަނީ އަޑު ހަރުކޮށް ބައްޕައާއި ވާހަކަ ނުދެއްކުމަށްކަން އެނގުނެވެ. ނަމަވެސް އެކަންކަން ވިސްނޭ ވަރަށް ވުރެން އަހަރެންގެ ރުޅި ގަދަވަމުން ދިއައީ ބައްޕަ އަހަރެންގެ އިހުސާސްތަކާއި ދޭތެރޭގައި ނުވިސްނީމައެވެ.

“ބައްޕައަށް، ޒާނާ ދިޔައީމަ އަހަރެންނަށް ވީވަރު ފެނުނީމަ ވެސް ބައްޕަ އަކަށް ރިއަލައިޒެއް ނުވިތަ ކިހާ އުނދަގު ކަމެއްކަން އެއީ ޒާނާ ހަނދައިން ނައްތައި ލުމަކީ އަހަންނަށް؟.. ބައްޕައަށް ހުރިހާ ތަނެއް ފެނިފަ ހުރި މީހައަށްވެސް އަހަރެންގެ އިހުސާސްތައް އަންޑަސްޓޭންޑް ނުވަންޔާ ދެން ކާކަށް ވިސްނޭނެ ކަމަކަށްތަ މަ އުއްމީދު ކުރާންވީ….؟ ” އަހަރެންނަށް ރުޅި އައިސްގެން ހަޅޭލަވައި ގަނެވުނެވެ. އަހަރެންގެ ހިތުގައި އުފެދެމުން ދިއަ ރިހުމުގެ މައްޗަށް އަހަރެންގެ ރުޅި ކުރި ހޯދަމުން ދިއައީ ބައްޕަ އެހެން ކުއްޖަކު ހޯދުމަށް ވަރަށް ފަސޭހައިން ބުނެލި ގޮތުންނެވެ. އަހަރެންގެ އިހުސާސްތަކާއި ދޭތެރޭގައި ނުވިސްނި ވަރު ހިތަށް އަރާފައެވެ. މޭޒުމަތީގައި ދެއަތް ވިއްދާލައިގެން އަހަރެންނަށް ފުރަގަސްދީގެން ބައްޕަ ހުއްޓެވެ. އަހަރެން ހަޅޭލަވައި ގަތުމުންވެސް ބައްޕަ ބަލައިވެސް ނުލިއެވެ. އަހަރެން ފަރާތުން އުއްމީދު ކޮށްގެން ހުރި ކަމަކަށް ވާތީ ކަންނޭނގެއެވެ.

 

“އެހެން މީހަކު ހޯދަން ވަރަށް ފަސޭހައިން ބައްޕަ ބުނާއިރު ބައްޕައަށް ފަސޭހަވިތަ މަންމަ ނޫން މީހަކާ ގުޅުމެއް ބާއްވަން….؟ ބައްޕައަށް ފަސޭހަވިތަ ކުޑަމަންމަ އާއި ގުޅުން ބާއްވަން….؟ ” ވިދާލި ވިދުވަރާއި ގުގުރީގެ ގަދަ އަޑާއިއެކު އަހަރެންގެ އަޑުވެސް އެކޮޓަރި ތެރޭގައި ގުގުމާލީ ހޮނު ގުގުރިއެއް ފަދައިންނެވެ. މޫސުން ވެސް އަހަރެންގެ ރުޅީގައި ބައިވެރިވި ކަހަލައެވެ.  ބައްޕަގެ ބަލިފައިގައި އަހަރެންނަށް ހިފުނީ ބައްޕަދެކެ އައި ރުޅީގެ ގަދަ ކަމުންނެވެ. ބައްޕަ އަހަރެންގެ އިހުސާސް ތަކާއި ދޭތެރޭގައި ނުވިސްނީމައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 56

Next

ހައްޖުގެ މާތްއާރު…

Next
May 18, 2026

ހައްޖުގެ މާތްއާރު…

Previews
May 18, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 56



All Right Reserved!