Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 5 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 8, 2016 14 Mins Read
2 Comments

“ކުޑާ، ކިހިނެއް ވެފަ ތިހިރީ؟” ކޮޓަރިން ނުކުތް ޒިޔާދާއަށް ސާރާ ދޮރުގައި ލެގިގެން ލޯމަރާލައިގެން ހުރިތަން ފެނިފައި ހައިރާން ވި އެވެ.

“ކަ…ކަމެއް ނުވޭ.” ސާރާ ސިހިފައި އަވަހަށް ގޮސް ސާރާގެ ކޮޓަރިއަށް ވަނެވެ. ޒިޔާދާ ކޮންޑު އަރުވާލަމުން އައިސް ޓީވީ ކައިރީ ހުރި ގޮނޑި ސެޓުން ގޮނޑިއެއްގައި އިށީނެވެ.

 

ހެދުނު ކެއްކުމުގެ ކަންތަކުގައި ޖަންނަތު ބަދިގޭގައި އުޅެ އެވެ. އާޔަތު ޖަންނަތުއަށް އެހީވާން އެކި ކަންކަމުގައި އުޅެ އެވެ. ބަދިގެއަށް ޒީނަތު އައިސް ވަނެވެ. އެދުވަހު ހެދުނުގެ ޑިއުޓީއަށް ފިހާރައަށް ދާން ޖެހޭތީ އެވެ. އޭރު އަދި ޖަންނަތުމެނަށް ސައި ތައްޔާރު ނުކުރެ ވެއެވެ. އެހެން ކަމުން ޒީނަތު ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

“ޖަންނައަށް ކޮންކަމެއް ވަނީ؟ މިހާރު އިވޭ އަޑުތަކުން މިރަށުގަ އުޅެވޭ ވަރެއްނޫން.” ޒީނަތު އެދައްކަނީ ކޮން ވާހަކައެއް ކަން ޖަންނަތުއަށް އިނގެ އެވެ. ނަމަވެސް ޒީނަތު އުޅެމުންދާގޮތާއި މެދު އަބަދުވެސް ހިތްހަމަ ނުޖެހިފަ ހުރި ޖަންނަތު މިފަހަރު އަނގައިން ނުބުނެއެއް ނުހުއްޓެވެ.

“ދޮންތަ ވަކި ރަގަޅަށްތަ ތިއުޅެނީ؟ އަހަރެން ވިއްޔާވާ ދަންގަޑީގައި ބޭރަކު ނޫޅެން، އަދި އެކި ފިރިހެނުންނާއި އެކު ސައިކަލު ދުއްވަން ގޮހެއް ނަހަދަން.”

“ޖަންނައަށް ކޮންކަމެއް އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް.” ޒީނަތު ރުޅި އައެވެ. އަދި އަވަހަށް އެތަނުން ނުކުންނަން އުޅުނެވެ. ނަމަވެސް ޖަންނަތު އައިސް ކުރިމައްޗަށް އެރި އެވެ.

“ދޮންތާ، ދޮންތަ އަހަރެންނަށް ވުރެން ބޮޑަސް ގޯސްމަގަކުން ދޮންތަވެސް ދަންޏާ އަހަރުމެނަށް ވެސް އެއްޗިހި ބުނެވޭނެ. އެއީ ތީ އަހަރުމެންގެ ދޮންތައަށް ވާތީ، ދޮންތައަށް ކަމެއް ވިޔަސް އެހެން މީހަކު އެބަ ހުރިތަ ދޮންތައަށް އަޅާލަން؟ ދޮންތައާ މެދު ވިސްނަން ހަމައެކަނި ތިބި ބަޔަކީ އަހަރުމެން.” އެވަގުތު ޒީނަތު ޖަންނަތުއާއި ދިމާއަށް ބަލަން ހުރީ ރުޅިއައިސްފައި ކަމުގައި ވިޔަސް ހިތުގައި ވަނީ މަޑުމޮޅި ކަމެވެ. ޖަންނަތު އެގޮތަށް ވާހަކަ ދައްކަމުން ދާއިރު ޒީނަތުއަށް އޭނާގެ މަންމަ ސިފަވި ކަހަލަ އެވެ. މަންމަ ގޮތަށް ޒީނަތު ކުރާ ކަންތަކާއި އެއްޗެއް ބުނާނެ މީހަކު މި ހުރިހާ ދުވަހު ނެތެވެ. ޖަންނަތު މިއަދު އެގޮތަށް ބުނުމުން ރުޅިއައިކަން ދެއްކިއެއް ކަމަކު ހިތަށް ހަމަޖެހުމެއް ވެސް ލިބިގެން ދިޔަ އެވެ. ޒީނަތުއާއި މެދު ވިސްނާ މީހުން ވެސް ތިބި ކަމުގެ އިހުސާސް ކުރެވުނެވެ.

“ހޫން…. ސައިވެސް ގަޑިއަކަށް ނުހެދުނެއްނު… އަހަރެން ދަނީ” ޒީނަތު އަވަސް އަވަހަށް އެތަނުން ހިގައްޖެ އެވެ. ޖަންނަތު އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“ތުއްތާ، ދޮންބެ ވެސް ރޭގަ ގެއަށް އައީ ވަންވެސް ވީ ފަހުން” އާޔަތް ބުންޏެވެ.

“އާޔަތްއަށް ކިހިނެއް އިނގުނީ؟ އެހާދަން ވަންދެން އާޔަތު ހޭލާތަ އުޅުނީ؟”

“އަހަރެން ބަދިގެއަށް ފެންބޯން އައި ވަގުތު ދޮންބެ ދޮރުހުޅުވީ.” އާޔަތް ބުންޏެވެ. އާޔަތު ހުރީ އިތުރު ސުވާލެއް ކޮށްފާނެތީ ޖެހިލުން ވެފަ އެވެ. އިސްކޫލް ބަންދުވީ ފަހުން އާޔަތު ހޭލާ އޮންނަނީ ސީރީސް ބަލާށެވެ. އެގޮތަށް ހޭލަ އޮވެގެން ސީރީސް ބެލުން ޖަންނަތު އޮންނަނީ މަނާކޮށްފަ އެވެ. ނަސީބަކުން އިތުރު އެއްޗެއް ޖަންނަތު ނުބުނުމުން އާޔަތް ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

އެދުވަހު ވަޒީފާ ނިމިގެން އައިސް ނިކަން އަވަސް ކޮށްލައިގެން ގްރީން ވިލާއަށް ދިއުމަށް ޖަންނަތު ގެއިން ނިކުންނަން އުޅުން ވަގުތު އާޒަތު އައިސް ގެއަށް ވަނެވެ. އާޒަތުއާއި ދިމާއަށް އަޑުލާން ފެށީ ރޭގަނޑު ލަހުން ގެއަށް އަންނާތީ އެވެ. އާޒަތު އިސް ޖަހައިގެން ކިޔަމަން ވެގެން ހުއްޓެވެ.

“މީގެ ފަހުން އެހާ ލަސްވަންދެން ބޭރުގަ ނޫޅޭތި.” ޖަންނަތު ނިކުންނަމުން ބުންޏެވެ.

ގްރީން ވިލާއަށް ޖަންނަތު ދިޔައީ ހިދާޔާ ޖަންނަތު ކައިރީ އައިސް ދިނުމަށް އަންގާފައި އޮތީމައާއި އެކު އެވެ. ހިދާޔާ ބަދިގޭގައި އޭރު އުޅެއެވެ. ޖަންނަތު އައިސް ވަނުމުން ހިދާޔާ ނިކަން ހަލުވިކޮން ހިނގާފައި އައިސް ޖަންނަތުއާއި ދިމާއަށް ހިތް ހަމަ ނުޖެހިފައި ބަލަން ހުއްޓެވެ.

“ހިދާޔާތާ، ކިހިނެއްވީ؟”

“ކިހިނެއްހޯވީ، ލަދެއް ނުގަނޭތަ ތިހެން އަހާކަށްވެސް، ބަލަ މިގެއިން ކަލޭމެނަށް ލިބޭ އެއްޗިހި މަދުވެގެންތަ ތި އުޅެނީ؟”

“ހިދާޔާތާ؟” ޖަންނަތު ހުރީ ހައިރާން ވެފަ އެވެ. “ކީއްވެތަ ތިހެން ތިބުނީ؟”

“މިގޭ އަބިޔާންއާ ހިތާވެގެން ރަށުތެރޭ ތި އުޅެނީ މިގެއިން މިހާރު ލިބޭ އެއްޗިހި މަދުވެގެންހެން މަށަށް ހީވަނީ. އާން އެހެން ނޫނީ ދެން ކޮން ކަމެއް.”

“ހިދާޔާތާ، ޕްލީސް ތިހީކުރަނީ ރަގަޅަކަށް ނޫން، އަހަރެން ތިޔަބުނާ ގޮތަކަށް ނޫޅެން، މިރަށުގައި އެ ފެތުރިގެން އެއުޅޭ ވާހަކައަކީ ހުސް ދޮގު، ހިދާޔާތަ އަށް ވެސް އިނގޭނެ އަބީއާ އަހަންނާ އޮންނަ ގުޅުން. ކުޑައިރުން ފެށިގެން ވެސް އެއީ އަހަރެންގެ ރައްޓިއްސެއް. އިތުރު ގުޅުމެއް ނޯވޭ.”

“ބަލަ މަގޭ ލޮލުން ވެސް ފެނިފަޔޭ ހުރީ ދެމީހުން ޖޯލިފަތީ ތިބި ތަން.”

“ހިދާޔާއްތާ، މިގެއަށް އައިސް އެތާ ޖޯލީގަ އޮއްވާ އަބީއައިސް ވާހަކަ ދައްކަން ފެށީ، ހިދާއްޔާއްތަ ތި ހީކުރާފަދަ ގުޅުމެއް އޮވެގެނެއްނޫން އެއީ، ހިދާއްޔާއްތަ ގަބޫލުކޮށްބަލަ.”

ޖަންނަތު ހުރީ ވަރަށް ދެރަވެފަ އެވެ. މިއީ ހިދާޔާ ޖަންނަތުއާއި ދިމާއަށް އެއްޗިހިކީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެން އެކި އެކި ކަންތަކާ ވެސް ހިދާޔާގެ ހިތަށް އަންނަހާ އެއްޗެއް ޖަންނަތުއާއި ދިމާއަށް ކިޔަ އެވެ. ޖަންނަތު ކަމަކަށް ނަހަދާ ހިދާޔާ ކިޔާ އެއްޗެއް އަޑު އަހަން ގިނަ ފަހަރު ހުންނަނީ އެވެ. މިފަހަރުވެސް އިތުރު އެއްޗެއް ނުބުނެ އިސްޖަހާލައިގެން ޖަންނަތު ހުއްޓެވެ. އެވަގުތު ހިދާޔާ އަވަހަށް މަޢުލޫ ބަދަލު ކޮށްލި އެވެ.

“ނަސީރުބޭ ބުނުއްވީ މާދަމާ ރޭ އަންނަ ވާހަކަ، އެހެންވެ ކުޑަކޮން ކޮޓަރިއާއި ތަންތަން ސާފުކޮށްލަ ދޭން ބުނަން ވެގެން އެވަރަކުން ޖަންނަތު ކައިރީ އައިސްލަ ދޭށޭ ބުނީ.”

ޖަންނަތު ހިދާޔާއަށް ބަލައިލި އެވެ. ހިދާޔާގެ ރާގު ބަދަލު ވުމުން ޖަންނަތު ހުރީ ހައިރާން ވެފަ އެވެ. ނަމަވެސް ދެން ހިދާޔާ ވާހަކަ ދައްކަން ފެށުމުން ޖަންނަތުގެ ހައިރާންކަން ފިލާ ދިޔަ އެވެ.

“އައްދޭ ދަރިފުޅާ، ބޯކޮށާލީތަ؟ ނިކަން ބަލައިލަ މިހާރު ރީތިކަން. ގައިމު ފިރިހެނެއް ވައްތަރު ޖަހައެއްނު.” ހިދާޔާ އަބްޔާންއަށް ބަލައިލަމުން ބުންޏެވެ.

“އޭ، ޖަންނާ،” އަބްޔާން ޖަންނަތުއަށް ފަހަތުން ގޮވާލުމުން ޖަންނަތު އެނބުރުނެވެ. އަބްޔާން ބޯކޮށާލާފައި ހުރިގޮތުން ޖަންނަތުގެ ހިތުގައި ސުވާލު އުފެދުނެވެ. އަބްޔާން އަކީ އެހާ ކުރުކޮން ބޯކޮށާ މީހެއް ނޫނެވެ. “މަގޭ ދެ ގަމީސް ދޮވެލަ ދެއްޗޭ، މާދަމާ އޮފީހަށް ދާނެ އެއްޗެއް އެހެން ނޫނީ ނޯންނާނެ.”

“އަބީ ކައިރީ މަންމަ ބުނެފީމެއްނު މާލެ ގޮސް ގަމީސް ކޮޅަކާ ފަޓުލޫނު ކޮޅެއް ގަނެބަލާށޭ.”

“ދާނަމޭ، އަދި ތިކަމެއް ނުވެފައެއް ނެތެއްނު.” އަބްޔާން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި އެހާމެ އަވަހަށް އެބުނާ ދެ ގަމީހެއް ގެނެސް ޖަންނަތު އަތަށް ދިނުމަށްފަހު ބޭރަށް ނިކުމެގެން ހިގައްޖެ އެވެ. ހިދާޔާ ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހުރީ ދެން ހަދަންވީ ގޮތެއް ނޭގިފަ އެވެ.

“ދޭ ތި ދޮންނަން އަޅާފަ އަހަރުމެން ކޮޓަރި ބެޑްޝީޓް ބަދަލުކޮށްފަ ކޮޓަރި ސާފު ކުރަން.” އަމުރު ވެރި ރާގަކަށް ހިދާޔާ ބުންޏެވެ.

ޖަންނަތު ކޮޓަރި ސާފު ކުރުމަށް ފަހު މުޅި ގޭތެރެ ކުނިކަހަން އުޅުނެވެ. ބޭރުން އަބްޔާން އައިހެން ޖަންނަތުއަށް ހީވި އެވެ. ނަމަވެސް އަޅާނުލާ ހުއްޓާ ޖަންނަތުގެ އުނަގަނޑު ގައި އަބްޔާން ކޮށްޓާލި އެވެ.

“އަބީ!” ޖަންނަތު ހީލި އަރައި ގަނެގެން ތެޅިގަންނަމުން ގޮވާލުމަށް ފަހު ބަލައިލި އެވެ. ޖަންނަތުގެ ލޯބޮޑުވެ ހައިރާންކަން ލިބުނީ އެއީ އަބްޔާން ނޫންކަން ޖަންނަތުއަށް އިނގުމުން ނެވެ. “ޔާން؟” ޖަންނަތުއަށް މަޑުމަޑުން ބުނެވުނެވެ.

އަނެއްކޮޅުން އަހުޔާން ހުރީ ލަދުން ނެވެ. އާލިޔާ ކަމަށް ހީކޮށް ޖަންނަތުގެ ގައިގައި ކޮށްޓާލެވުމުންނެވެ.

“ސޮރީ، އަހަރެން ހީކުރީ އާލިޔާ ކަމަށް.” ޔާން ޖަންނަތުއާއި ދިމާއަށް ބަލަން ހުރެ ބުންޏެވެ.

ޖަންނަތު ލަދުން ކޮލާ ދިމާލަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތަށް ލައްވާލަމުން ހިނިތުން ވެލި އެވެ. މިހާރު އަބްޔާންއާއި އަހްޔާން އެތިބީ އެއް ސިފައެއްގަ އެވެ. އަބްޔާން ކުއްލިއަކަށް މިއަދު ބޯކޮށީ ކީއްވެކަން ޖަންނަތުއަށް އިނގިގެން ދިޔަ އެވެ. ހަމަ އަބްޔާން ފަދައިން އަހްޔަން ވެސް ތުނބުޅި ބަހައްޓާފައި ހުރީ ގާތް ގަނޑަކަށް އަބްޔާންއާއި އެއްގޮތަކަށެވެ. ހަށިގަނޑުވެސް ދެމީހުން މިހާރު އެއްގޮތެވެ. ރަގަޅަށް ބަލައި ފިއްޔާ ނޫނީ މީހަކަށް ވަކި ކުރާކަށް ނޭގޭނެ އެވެ.

“ކޮބާ މަންމަ؟” ކަރުކެހިލަމުން އަހުޔާން އަހާލި އެވެ. ޖަންނަތު ބަދިގެއާއި ދިމާލަށް އިޝާރާތް ކޮށްލި އެވެ. އަހުޔާން ޖަންނަތުއާއި ދިމާއަށް އަދިވެސް އެއްފަހަރު ބަލައިލާފައި ބަދިގެއާއި ދިމާއަށް ހިގައި ގަތެވެ.

“މަންމާ، މަންމާ، ބަނޑުހައި ވެއްޖެ.” އަހުޔާން ބަދިގެ އަށް ވަންނަމުން ގޮވާލި އެވެ. އުނދުން ކައިރީ ހުރި ހިދާޔާ ބަލައިލި އެވެ.

“އަބީ، މީ ކޮން ގަޑިއެއްތަ ބަނޑުހައިވާން؟ މިއަދު ރެސްޓޯރެންޓުން ކޮފީ ނުބޯ ދުވަހަކީ ދޯ.” ހިދާޔާ ހީކުރީ އެއީ އަބްޔާން ކަމަށެވެ. ބަލައިލުމުން ވެސް ހިދާޔާއަކަށް ނޭގުނެވެ.

“މަންމާ، ކޮންމެސް އެއްޗެއް ކާން ގެނެސްދީބަލަ.” ހިދާޔާ ކައިރިއަށް ޖެހިލާފައި އަހުޔާން ބުނެލި އެވެ. އެވަރުން ވެސް ހިދާޔާއަށް ރޭކާ ނުލި އެވެ.

އަބީ އައިސް ގެއަށް ވަނުމުން އަހުޔާން އައި ވާހަކަ ޖަންނަތު އަބްޔާން ކައިރީ ބުންޏެވެ. އަބްޔާން އަވަސް އަވަހަށް ބަދިގެއާއި ދިމާއަށް ދިޔަ އެވެ.

އަބްޔާން ބަދިގެ ދޮރުމަތީ ކުޑަކޮން މަޑުކޮށްލީ އަދިވެސް ހިދާޔާއަށް އަހުޔާން ނޭގިގެން އުޅޭތީ އެވެ. އެންމެ ފަހުން އަބްޔާން ހިދާޔާއަށް މަންމާއޭ ކިޔައިފައި ގޮވާލި އެވެ.

“އަބީ؟” ހިދާޔާއަށް ދޮރުކަނީގައި ލެނގިލައިގެން ހުރި އަބްޔާން ފެނުމުން ހައިރާންކަން ލިބުނެވެ. ނަމަވެސް އެހާކުޑަ ސިކުންތު ކޮޅެއްގައި އުފާވެރިކަން ހިތަށް ލިބިގެން ގޮސް ކައިރީގައި ހުރި އަހްޔާން ގައިގައި ބައްދާލެވުނެވެ.

“މަންމައަށް ނޭގުނީމަ އަހަރެން ހައިރާންވި.” އަހުޔާން ބުންޏެވެ.

“އިނގޭނެތަ، ތުނބުޅިއާއި ތަންތަން އެއް ވައްތަރަކަށް ބަހައްޓާފަ އަނެއްކާ މިހާރު ތިހިރީ ދެމީހުންގެ ހަށިގަނޑު ވެސް އެއް ގޮތަކަށް… ދަރިފުޅު ކަސްރަތު ކުރަނީތަ؟” ހިދާޔާ ވަރަށް ރަގަޅަށް އަހުޔާންއަށް ބަލައި ލާފައި އަހާލި އެވެ.

“އާން މަންމާ،  އަބީ ބުނެގެން ކުރަން ފެށި ކަމެއް އެއީ.” އަބްޔާން އަށް ބަލައިލާފައި އަހްޔާން ބުންޏެވެ.

“ބްރޯ، މަ އަސްލުވެސް އިމްޕްރެސް ވެއްޖެ. މިހާރު ހީވަނީ އަހަރުމެން ކުޑައިރުގެ ތައްގަނޑުހެން. މީހުން ހައްދާލެވޭނެ މިހާރު. ނޭގޭނެ އެކަކަށް ވެސް އަހަރުމެން ވަކި ކުރާކަށް.” އަބްޔާން ބުނެލި އެވެ.

“ޖަންނަ ފިޔަވާ.” އަހްޔާން ބުންޏެވެ. އަބްޔާން ބުމަ ހިއްލާލި އެވެ. ހަމަ ތެދެއްހޭ ބުނާ ކަހަލަ ގޮތަކަށެވެ. ހިދާޔާ ފާޑާކަށް އެދެބެންނަށް ބަލަން ހުއްޓެވެ.

“އާން، ޖަންނައަށް އަހަރެން ފެންނަ އިރަށް އިނގިއްޖެ.”

“އެކަމު ކިހިނެއްބާ ތި އިނގުނީ ދޯ.”

“މަށަކަށް ނޭގެ އިނގުނު ގޮތެއް. އެކަމަކު އިނގުން އެއްފަހަރުން.”

“ދޭ ދެން ތައްޔާރު ވެލައިގެން ސައި ބޯން އަންނަން.” ދެމީހުންގެ ވާހަކަ އަޑުއަހަން ހިދާޔާ ހުރެފައި ބުންޏެވެ.

އަބްޔާންއާއި އަހްޔާން ބަދިގެއިން ނުކުތް އިރު ޖަންނަތު ޑަސްބިން ބޭރަށް ލާފައި އައިސް ވަންނަނީ އެވެ. ޖަންނަތު އާއި ދިމާއަށް ބަލަހައްޓައިގެން ދެމީހުން ތިއްބެވެ. ޖަންނަތު އައިސް ބަދިގެއަށް ވަންނަން އުޅުނީ ހިދާޔާ ކައިރީ ދަނީއޭ ބުނާށެވެ.

“ޖަންނާ، ހައު ޑޫ ޔޫ ނޯ؟” އަބްޔާން އަހާލި އެވެ. ޖަންނަތު ސުވާލު އުފެދިފައި އަބްޔާންއަށް ބަލައިލި އެވެ. “އެއީ ޔާންކަން ކިހިނެއް އިނގުނީ؟”

“ދެން އިނގުނީ ހަމަ، އަބީ ބޭރަށް ނިކުތް އިރު ލައިގެން ހުރި އެއްޗެއް ނޫންވިއްޔަ އައި އިރު ލައިގެން ހުރީ… ” އަހްޔާން އަބަދުވެސް ލާނީ ޖީންސް ނޫނީ ފަޓުލޫނެވެ. އަބްޔާން ގޮތަށް ކުރު ސޯޓެއް ނުލާނެ އެވެ. ބަދިގޭގައި ހުރި ހިދާޔާއަށް ޖަންނަތު އާއި ދެބެން ވާހަކަ ދައްކާ އަޑު އިވިގެން ކުދި ކިޔާލަ ކިޔާލަ ހުއްޓެވެ.

“ބައްޕަކޮބާ؟” އަހްޔާން އަބްޔާން ކައިރީ އަހާލި އެވެ.

“މަސް ފެކްޓްރީގަވީ، މިހާރު އަބަދު އެތާ އުޅުއްވަނީ… ރަށަށް އަންނާނެ އެހެން އުޅެލާފަ ދެތިން ދުވަހަށް.” އަބްޔާން ބުނެލި އެވެ.

“ބައްޕަ ވަރަށް ހިންގާލާ ދޯ، ބައްޕަ ބުނުއްވި ވަރަށް ފައިދާ ވާހަކަ.. އަބީ ނުދަންތަ އެރަށަކަށް؟” އަހްޔާން އަހާލި އެވެ.

“އާން، އަދި ފެމިލީ ބިޒްނަސްއަށް ވަންނަން އަހަރެން ހިޔާލެއް ނުކުރަން. ޔާނު އައިސް އެކަންތައް ކުރޭ. މަ ހުންނާނަން ދުރުގަ ބަލަން.”

“އަބީ، އަދިވެސް ހަމަ އެހެނޭ ތި އުޅެނީ. ތިގޮތް ދެން މިހާރު ދޫކޮށްލަން ވެއްޖެ.”

“މަ ޖޮބެއްގަޔޭ މި އުޅޭނީ. ދޯ ޖަންނާ.” އަބްޔާން ޖަންނައަށް ދޯ ލިއެވެ. ޖަންނަތު ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.

“ކޮންތާކު؟” އަހްޔާން އަހާލި އެވެ.

“ޒައިދާން ކައިރީ.” އަބްޔާން ބުނެލި އެވެ. އަހްޔާން ޖަންނަތުއަށް ބަލައިލާފައި ހިނިތުން ވެލިއެވެ. “އާން ޖަންނަވެސް އެތާ އުޅެނީ. ތި ދެމީހުން އަދިވެސް ވާހަކަ ނުދައްކަން ތި ތިބެނީ އަޅެ ކީއްވެތަ؟” ޖަންނަތު ލަދުން އިސްޖަހާލި އެވެ. އަހްޔާން ބުނާނެ އެއްޗެއް ނޭގިގެން އަބްޔާންގެ ކޮނޑުގައި ހިފައި ގަތެވެ.

“އަހަރެން ދަނީ…” ޖަންނަތު އެހެން ބުނަމުން އަވަހަށް އެތަނުން ދިއުމަށް ހިގައި ގަތެވެ. އަބްޔާން ލާނެތް ފާޑަކަށް ހިނިއައިސްފައި ހުރެގެން އަހްޔާންގެ ކޮނޑުގައި އަތްއަޅުވާލައިގެން ޖަންނަތު ފަހަތުން ދޮރާހަމައަށް ނުކުތެވެ. ޖަންނަތުއާއި އަހްޔާން ގުޅުވޭތޯ މިފަހަރު އަބްޔާން މަސައްކަތް ކުރާނެ އެވެ.

 

“ޖަންނާ މާދަން ރޭ ދާނަން ތިގެއަށް.” ޖަންނަތު މަގުމައްޗަށް ނުކުމެގެން ހިގައި ގަތުމުން އަބްޔާން ގޮވާލި އެވެ. އެވަގުތު ސައިކަލު ބަހައްޓާފައި ސައިކަލުން ފޭބި ޒައިދާންއަށް އެއަޑު އިވިގެން އެދިމާ ބަލައިލި އެވެ. އަދި ޖަންނަތުއާއި ޒައިދާން އެކަކު އަނެކަކަށް ހިނިތުން ވުމެއް ބަދަލު ކޮށްލި އެވެ.

“ޔާން، އެއީ ޔާން ކުރަން ރަގަޅު ކަމެކޭ… ޖަންނަތު ލިބިއްޖެއްޔާ މުޅި ލައިފް ޖަންނަތަކަށް ވާނެ.” އަބްޔާން އަހްޔާންގެ ކޮނޑުން އަތް ނަގަމުން ހިނގާފަ ދިޔަ ޖަންނަތުއަށް އިޝާރާތް ކޮށްލަމުން މަޑުމަޑުން ބުނެލި އެވެ.

“ނޮޓް މައި ޓައިޕް. އަބީގެ ލައިފް ޖަންނަތަކަށް ހަދަން މާ ރަގަޅުވާނެ.” އަހްޔާން އަބްޔާންގެ ބޮލުގައި ޖަހާލި އެވެ. އެވާހަކަ އަޑުއަހަން ހުރި ޒައިދާން ކައިރިއަށް ހިނިއައެވެ. އަދި ބޯ ހޫރާލަމުން ގެއަށް ވަނެވެ.

 

އިރުއޮއްސުން ގަޑީގައި ތުންޑި މަތީގައި އޮތް ބޮޑު ގާގަޑެއްގައި ޖައްސާލައިގެން ޒީނަތުއާއި އާލިޔާ ތިއްބެވެ.

“އަޅެ މަށަށް ޔާންބެ ފެނުނީމަ މަ ހީކުރީ އަބީބެ ކަމަށް. ދެން މާ ފަހުން އަބީބެ ފެނުނީމަ މަށަށް ޔާންބެ ކަން އިނގުނީ.” އާލިޔާ އިނީ އަހްޔާން އައިމަ ނިކަން އުފާވެފަ އެވެ. އަހްޔާން އަންނަމުން އާލިޔާއަށް ގެނައި އަގުބޮޑު ގަޑި އަޅައިގެން އިނީ ޒީނަތުއަށް އެ ދައްކާލާށެވެ.

“އިނގޭތަ އަދި ބައްޕަ މިއަދު ގުޅުއްވާފަ ބުނުއްވި މާލޭގަ އޮންނަ މާބޮޑު ޕާރޓީ އަކަށްދާން އަހަރުމެން ފެމިލީ. އަހަރެން މި ވިސްނަނީ އެޕާރޓީގަ ލާނެ ހެދުމަކާ ދޭތެރޭ،” އާލިޔާ ވިސްނާލަން އިނެވެ. “މިއުޅެނީ ޖަމްޝާދު ފިހާރައިން ރީތި ފޮތިކޮޅެއް ގަނެގެން ފަރީމާ ކައިރިއަށް ދާން ހެދުން ފަހަން.”

“ކޮން އިރަކުން އޮތް ޕާރޓީއެއް.”

“އަދި ނޭގެ. ބައްޕަ އަންނާނެ ނިކަން އަވަހަށް، އައިމަ އިނގޭނީ.”

 

 

ޒައިދާން ޔަޒަން ކައިފައި ހުރި ތަށިތަށް ނަގަން ފެށި އެވެ. ޔަޒަން އިނީ މޭޒުކައިރީ ކުލަޖައްސާށެވެ. ގޭގަައި ގިނަ ވަގުތު ވޭތިކުރާއިރު ވަރުދާގެ މަތިން ޒައިދާން ހަދާން ވެ އެވެ. ހާއްސަކޮން ޔަޒަންގެ ކަންތައް ކޮށްދޭ އިރު ވަރުދާ މަތިން މާ ބޮޑަށް ހަދާން ވެއެވެ. އެގެއަށް މަސައްކަތް ކުރަން ކުއްޖެއް ގެންނަން ޒައީމާ އެދުމުން ވެސް ޒައިދާން އެކަމާ ދެކޮޅު ހެދީ އެވެ. ގެއަށް އައިސް ކުރާނެ ކަމެއް ނެތިފައި އިންނަން ވެއްޖެ ނަމަ ވަރުދާގެ ހިޔާލު ތަކުން މާބޮޑަށް އެކަނި ވެރިކަން އިހުސާސް ކުރެވި ދާނެތީ އެވެ. އެހެން ކަމުން ޔަޒަންގެ ކަންތަކާއި އަމިއްލަ ހުރިހާ ކަމެއްވެސް ކުރަނީ ޒައިދާން އަމިއްލަ އަށެވެ. މާ ބޮޑަށް ފޫހިވުމުން ބެލްކަންޏަށް ގޮސް ސިނގިރޭޓެއް ބޯލަނީ އެވެ. އެއީ ވެސް ވަރުދާ ދުނިޔެ ދޫކުރި ފަހުން ހިފުނު އާދަ އެކެވެ. ޒައިދާން ސިނގިރޭޓު ބޯކަން ޔަޒަންއަށް އަންގަން ޒައިދާން ބޭނުމެއް ނުވެ އެވެ. ޔަޒަން ނޫނަސް އެކަކަށް ވެސް އަދި ޒައިދާން އަކީ ދުންފަތުގެ އިސްތިޢުމާލް ކުރާ މީހެއް ކަމެއް ނޭގޭނެ އެވެ.

ހުރިހާކަމެއް ނިންމާލައިފައި ޔަޒަން ނިދުމުން އެރޭ ވެސް ޒައިދާން ބެލްކަނީގައި ހުރީ ސިނގިރޭޓެއް ރޯކޮށްގެނެވެ. މޫދާ ދިމާލަށް ބަލަހައްޓައިގެން ޒައިދާން ހުރިއިރު ސިކުނޑީގައި ހިގަމުން ދަނީ ވަރުދާގެ ހިޔާލު ތަކެވެ. ވަރުދާ ފިޔަވާ އެހެން އަންހެނަކާއި މެދު ވިސްނަން އަދި ޒައިދާން ހިތަކަށް ނާރަ އެވެ. ޒައިދާންއަކީ އެރަށު މީހެއް ނޫނެވެ. ޒައިދާން އަކީ ޔަތީމު ކުދިން ތިބޭ އިސްލާހިއްޔާގައި ބޮޑުވެފައި ހުރި މީހެކެވެ. ޒައިދާންގެ މައިން ބަފައިންނަކީ ކޮބައި ކަމެއް ޒައިދާންއަކަށް ނޭގެ އެވެ. ވަރުދާއާއި ކައިވެނިކޮށް ވަރުދާމެން ރަށުގައި ޒައިދާން އުޅެން ފެށީ ވަރުދާގެ ބައްޕަގެ ފިހާރަ ތަރައްގީ ކޮށްގެނެވެ. ޒައިދާން އައި އިރު އެ ފިހާރައަކީ ވިޔަފާރި ނުވާ ކުޑަކުޑަ ފިހާރަ އެކެވެ. ފައިދާއެއް ލިބެނީ ވެސް ހާލަކުން ފަހަރަކު އެވެ. ޒައިދާން އެ ފިހާރަ މަރާމާތުކޮށް އެތާ ކޮސްމެޓިކްސް އެއްޗިހި ވިއްކަން ފެށުމުން ނުހަނު ބާރަށް އެތަން ކުރިއަރައިގެން ދިޔަ އެވެ. ޒައިދާންގެ ހީވާގި ކަމާއި މަސައްކަތް ތެރިކަން ފެނުމުން މުޅި ފިހާރަ އެއްކޮން ޒައިދާންއާއި ހަވާލު ކުރުމަށްފަހު ވަރުދާގެ ބައްޕަ ހިންދެމިލައިގެން ހުރީ އެވެ.

އެ ބިރުވެރި ހާދިސާ ހިނގި ދުވަހު ވަރުދާ ބައްޕައާއި އެކު ވަރުދާ މާލެ ދާން ދިޔައީ ބައްޕަ ޑޮކްޓަރަށް ދައްކާލާށެވެ. ކުޑަކުޑަ ޔަޒަން ގެންދަން އުޅުމުން ޒައިދާން އެދުވަހު ޔަޒަން ގެންދިޔަ ނުދިނީ އުނދަގޫވާނެކަމަށް ބުނެފަ އެވެ. އެއީ ވެސް ނަސީބޭ ޒައިދާން ހިތަށް އަރައެވެ. އެހެން ނޫންނަމަ އެ ހާދިސާގައި ވަރުދާއާއި ބައްޕަގެ އިތުރުން ކުޑަކުޑަ ޔަޒަންވެސް ޒައިދާންއަށް ގެއްލުނީހެވެ. ޒައިދާން އެތަކެއް އިރު ބެލްކަނީގައި މަޑުކޮށްލައިގެން ހުއްޓެވެ.

 

 

ޖެހިގެން އައިދުވަހު ހެދުނާ ނަސީރު އައިސްފި އެވެ. އޭރު އަބްޔާން އޮފީހަށް ދާން ނިކުންނަނީ އެވެ. އަބްޔާން ހުރިގޮތް ފެނުމުން ނަސީރު ނިކަން ހިތްހަމަ ޖެހުނެވެ. ނަސީރު ހިފައިގެން ހުރި އަތްދަބަސް ސޯފާގައި ބޭންދުމަށްފަހު އަބްޔާން ކައިރިއަށް އައެވެ. ބޯކޮށާލާފައި ރަސްމީ ގޮތަށް ހެދުން އަޅާފައި ހުރުމުން އަބްޔާންއަށް ބަދަލެއް އައިސްފައި ވާކަން ނަސީރު ދެނެގަތެވެ.

“ދަރިފުޅާ، ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅު ތިގޮތަށް ފެނުނީމަ. ޒައިދާން ވެސް ބުނި މިހާރު ދަރިފުޅު ވަރަށް ޒިންމާދާރު ވެފަ މަސައްކަތަށް ފަރުވާ ބަހައްޓާ ވާހަކަ.” އަބްޔާންއާއި ސަލާން ކޮށްލާފައި އަބްޔާން ކޮނޑުގައި ޖަހާލަމުން ނަސީރު ބުނެލި އެވެ.

އަބްޔާން ހިނިތުން ވެލި އެވެ. އަދި ގަޑިޖެހެނީ ކަމުގައި ބުނަމުން އަވަހަށް ގެއިން ނިކުތެވެ.

ހިދާޔާ ފާހާނާއިން ނިކުތް އިރު ނަސީރު އެނދުގައި އޮށޯވެލައިގެން އޮތެވެ. ނަސީރު ފެނުމުން ހިދާޔާ ނިކަން އުފާވި އެވެ. އަދި އައިސް ނަސީރު ކައިރީ މަގަތުން އިށީނެވެ. ނަސީރު ހިދާޔާއަށް ބަލައިލާފައި ހިނިތުން ވެލަމުން ތެދުވި އެވެ.

“އަހަރެން ހީކޮށްގެން ހުރީ ނަސީރު އަންނާނީ މިރޭ ކަމަށް.”

“މިރޭ އަންނަން ހުރީ އެކަމަކު ހެދުނާ އަންނަ އެއްޗެއް އޮތީމަ އަވަހަށް މިއައީ.”

“ނަސީރު، އަބަދު ދެން ތިހިންތަ އުޅޭނީ؟ އަހަރެން ހިތްހަމައެއް ނުޖެހޭ ނަސީރު އަބަދު ރަށުން ބޭރުގަ އުޅޭކަށް.”

“ހިދާ، އަހަރެންވެސް ދެރަވެޔޭ މިގޮތަށް އާއިލާއާއި ދުރުގަ އުޅެން، އެކަމު ކީއްކުރާނީ އަހަރެން އެބަޖެހޭ އަހަރެންގެ އާއިލާ އުފަލުގަ ބައިތިއްބަންވެސް. ހިދާއަށް އިނގޭތަ. އަހަރެން މިކުރާ މަސައްކަތުން ފައިދާވާ މީހުން ވަރަށް ގިނަކަން. މިކަން ހުއްޓާލެވޭކަށް ވެސް ނެތޭ، މިހާގިނަ ލާރި ލިބޭކަމެއް ފެށުނުކަން މީ އަހަރުމެންގެ ނަސީބު.”

      “މަނުބުނަމެއްނު ތިނޫން ވާހަކައެއް. މަވެސް އުފާވެޔޭ ތަނަވަސްކޮން އަހަރުމެނަށް އުޅެވޭތީ.”

 

“ހިދާ، ކޮބާ ޔާނު؟” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ނަސީރު އަހާލި އެވެ.

“އޭނަ އަދި ނުހޭލާ.”

“އަހަރެން މި ވިސްނަނީ ދެން އަހަރެން ދާއިރު އޭނަ ގޮވައިގެން އެރަށަށް ދާން. އަހަރުމެންގެ މި ވިޔަފާރި ކުރިއަރުވާނެ ދަރިޔަކީ އެއީ،” ހިދާޔާ ހިނިތުން ވެލި އެވެ. “އަބްޔާންއަށް ވުރެން ހަރުދަނާވެފަ ބުނާ ބަސް އަހާވިއްޔަ.”

“ނަސީރު ތިޔަ ބުނީ ތެދެއް. އަބީގެ އެ ހުންނަނީ ކާކުގެ ގޮތެއް ކަމެއްވެސް ނޭގެ. ލާނެތްކަމުގެ ލާމަސީލު މިސާލެއް… އެވަރަށް އަންހެން ކުދިންނާވެސް ގުޅުން އޮވޭ. މިރަށުގަ އޭނަގެ ވާހަކަ އަބަދު މީހުން ދައްކަނީ. ނަސީރު ނިކަން އޭނައަށް ނަސޭހަތް ދީބަލަ.”

“ހިދާ، އެކަންތައް އަދި ރަގަޅުވާނެ.. މަޑުމަޑުން އަބީވެސް ހަމައަކަށް އެޅޭނެ. މިއަދު އަބީ ފެނުނު ގޮތުން މަށަށް އެކަން ޔަގީންވި.” ނަސީރު ބުނި އެއްޗަކުން ހިދާޔާ ނަސީރުއަށް ބަލައިލި އެވެ. “ހިނގާ ދެން ސައިތައްޓެއް ބޯލަންދަމާ… ނިކަން ބަނޑުހައިވެއްޖެ.”

“ހިނގާ، ޔާނު ވެސް ހޭލަފާނެ ކަންނޭގެ މިހާރު.” ހިދާޔާ އެހެން ބުނަމުން އިތުރު ވާހަކައެއް ނުދައްކާ ކޮޓަރިން ނުކުމެގެން ދިޔައީ އެވެ. ނަސީރު ފުން ނޭވާއެއް ބޭރުކޮށްލާފައި ތެދުވެގެން ފާހާނާއަށް ވަނެވެ.

އެހެން ދުވަސް ތަކަށް ވުރެން އަވަހަށް ޖަންނަތުއައިސް ގެސްޓް ހައުސްއަށް ވަންއިރު ލަމްޔާ ރިސެޕްޝަންގައި ތާއްޔައް ޖެހިލަ ޖެހިލާ އިނެވެ.

“ލަމް،” ޖަންނަތު ގޮވާލުމުން ލަމްޔާ އަވަހަށް ހިންދެމިލަމުން ހަމަ ޖެހިލި އެވެ. “ރޭގަ ލަމްއާ އެއްކޮން ކާކު ޑިއުޓީގަ؟”

“ލީނާ.”

“ކޮބާ ލީނާ؟”

“ދެންމެ އެދިޔައީ ގެއަށް. އޭނަ ދަރިފުޅު ކުޑަކޮން ބަލިކޮން އުޅޭތީވެ.”

“އެހެންތަ.” ޖަންނަތު އެހެން ބުނިތަނާ ލަމްޔާ ހިން ދެމިލާފައި ހަށިގަނޑު ސީދާކޮށްލި އެވެ. އަދި އަވަހަށް ހެދުން ރީތިކޮށްލި އެވެ. އަދި އަތުން ބޮލުގައި އަތްކާތާލާފައި ތުއިގޮތަކަށް ހީލައިގެން ދޮރާދިމާއަށް ބަލަން ހުއްޓެވެ. ޖަންނަތުވެސް ދޮރާއި ދިމާއަށް ބަލައިލި އެވެ. އޭރު އަބްޔާން ދޮރުން ވަދެގެން އާދެއެވެ. އެހާ އަވަހަށް ވަޒީފާއަށް ދުވަހަކުވެސް އަބްޔާން ނާދެއެވެ. މުޅިންވެސް މިވީހާ ތަނަށް އަންނަނީ ގަޑިޖެހިގެން ނެވެ. ތުއިވެފައި އިން ލަމްޔާއާއި ދިމާއަށް އެއްލޯ މަރާލާފައި އަބްޔާން ދިޔަ ގޮތަށް ގޮސް ކެބިންއަށް ވަނެވެ. ލަމްޔާއާއި އަނގައިންވެސް ބުނެނުލާ ދިއުމުން ޖަންނަތު ހުރީ ހައިރާން ވެފަ އެވެ.

“އަބީއަށް ކިހިނެއް ވެފަ އެހެރީ؟” ލަމްޔާއަށް މަޑުމަޑުން ބުނެލެ ވުނެވެ.

ޖަންނަތު ލަމްޔާއަށް ބަލައިލާފައި ހިނިތުންވެލަމުން ކޮނޑުއަރުވާލި އެވެ.

އިރުކޮޅެއް ފަހުން ޖަންނަތު އައިސް މަޑުމަޑުން ކެބިންއަށް ވަނެވެ. އަބްޔާން މޭޒުމަތީ އިން ލެޕްޓޮޕްގެ ޑިސްޕްލޭއަށް ބަލަހައްޓައިގެން އިނެވެ. ޖަންނަތު އަބްޔާންއަށް ބަލަން ހުރެލާފައި އައިސް އަމިއްލަ މޭޒުކައިރީ އިށީނެވެ. ޖަންނަތު އިރުކޮޅަކާ އަބްޔާންއަށް ބަލައިލަ އެވެ. އަބްޔާން ޖަންނަތުއަށް ސަމާލުކަމެއް ނުދެ އެވެ.

ޒައިދާން އައިސް ވަނުމުން ޖަންނަތުއާއި އަބްޔާންއަށް ވެސް އެއްފަހަރާ ތެދުވެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އެވެ. އަވަހަށް އަބްޔާން ޒައިދާންއަށް ސަލާމް ގޮވާލި އެވެ. ޒައިދާން ބޯޖަހާލީ ސަލާމް ކޮށްލުމުގެ ގޮތުންނެވެ. އަދި އަވަހަށް އޭނާގެ ކޮޓަރިއަށް ވަދެގެން ދިޔަ އެވެ.

“އަބީ، އާރ ޔޫ އޯކޭ؟” ޖަންނަތުއަށް އުނދަގޫ ވެގެން އަހާލި އެވެ.

“އާން، އައި އޭމް ފައިން.”

“ކަމަކާ ވިސްނަނީތަ؟”

“ނޫނޭ، ވަރަށް އުފަލުން މިހުންނަނީ، ބައްޕަ މިއަދު އަހަންނަށް ތަޢުރީފް ކުރެއްވީމަ އެކަމާ އުފަލުން މިއުޅެނީ.” އަބްޔަން ގޮނޑިން ތެދުވެގެން ޖަންނަތުގެ މޭޒުކައިރިއަށް އައެވެ. “ޖަންނާ، ވަރަށް ގިނަދުވަސް ފަހުން އެގޮތަށް ބައްޕަ އެ ބުނުއްވީ. އަހަރެން ވަރަށް އުފާވި. މިއަދު އަހަރެން މި އޮފީހަށް އައީ ބައްޕަ ބޭނުންވާ ކަހަލަ ދަރިއަކަށް ވާން މަސައްކަތް ކުރަން އަޒުމު ކަނޑައަޅައިގެން. ހެލްޕް މީ ޖަންނާ.”

“އަހަރެންނަށް ވެވޭނީ ކޮން ހެލްޕެއް؟”

“ޖަންނާ، އަހަރެންނަށް ހަރުދަނާ ވާންވީ ގޮތްތައް ކިޔައިދީ، އަހަރެންގެ ނެގެޓިވް ޕޮއިންޓްސްތައް އަހަންނަށް ވިސްނަދީ، ހުރިހާ ގޮތަކުން ވެސް ރަގަޅު ދަރިއަކަށް ވާން އަހަރެން ބޭނުމީ.”

“އަބީ، އަހަރެން ވަރަށް އުފާވެއްޖެ އަބީ ތިގޮތަށް ވިސްނީމަ. ތީ ހަމަ އަބީ ބާއޭ އަހަރެން މި ހިތަށް އަރަނީ”

“އަސްލު މީ ޔާން.” ކުއްލިއަކަށް އަބްޔާން ބުންޏެވެ. ޖަންނަތު ތެޅިގަންނަމުން ރަގަޅަށް އަބްޔާންއަށް ބަލައިލި އެވެ. އަދި ޔަގީން ކޮށްލަމުން ލޯއަޅާލި އެވެ.

“ތީ އަބީ، ޔާން ތިހާވަރަށް ވާހަކައެއް ނުދައްކާނެ. އައިނޯ ޔޫ އަބީ. މަށަށް އަބީ އެއް ނޯޅޭނެ.”

“ތިކަމެއްނޭގެ ދެންމެ ތެޅިގަނެފަ އަވަހަށް އަހަރެން އިންސްޕެކްޓް ކޮށްލިގޮތް ބަލާލަބަލަ.” އަބްޔާން ހޭން ފެށި އެވެ. ޖަންނަތުވެސް ހިނިތުން ވެލި އެވެ. އެވަގުތު ޒައިދާން ޖަންނަތުއަށް ގޮވާލި އަޑު އިވުނެވެ.

 

 

މަސައްކަތުގެ ވާހަކަ ޖަންނަތުއާއި ދައްކާ ނިމިގެން ޒައިދާން ގޮނޑީގައި ހަމަ ޖެހިލި އެވެ.

“އަދި ޖަންނަ ކައިރީ ކަމަކުވެސް ކިޔަން ވެފަ އޮތީ. ވަރަށް ބޮޑު ކަމެއް.” ޒައިދާން އުޅަބޮށި މޭޒުުގައި ޖައްސާލަމުން އަތް ޖޯޑުކޮށްލި އެވެ.

“އަނެއްކާ ކޮން ކަމެއްތޯ؟”

“މިއަދު ސާރާ ޒައީމާއްތަ ގޮވައިގެން މާލެދަނީ ޑޮކްޓަރަށް ދައްކަން، އެހެންވެ ޔަޒަން ބަލައި ދޭށޭ ބުނަން ވެގެން. ޖަންނަ މިއަދު ގެއަށް ދާނީ އެގާރަ ޖަހާއިރު. އަހަރެން ޔަޒަންއާ ޔަޒަންގެ އެއްޗިހި ތިގެއަށް ލައިދޭނަން އެހާ އިރަށް.” ޖަންނަތު އެއްޗެއް ބުނަންދެން ޒައިދާން މަޑުކޮށްލި އެވެ. ޖަންނަތު އަނގައިން ނުބުނުމުން އަނެއްކާވެސް ޒައިދާން ވާހަކަ ދައްކަން ފެށި އެވެ. “އަނެއްހެން މުސާރައަކަށް އުނިކަމެއް ނާންނާނެ، އެކަމަކު ޖަންނައަށް ބޮޑުކަމަކަށް ވަނީ ވިއްޔާ ހިދާޔާއްތަ ކައިރީވެސް ބެހެއްޓިދާނެ.”

“ނޫނޭ، ތީކީ އަޅުގަނޑަކަށް ބޮޑުކަމެއްނޫން. އަޅުގަނޑު ހަމަ އުފަލުން ތިކަން ކޮށްދެވޭތޯ ބަލާނަން.”

“ތޭންކްސް ޖަންނާ، ހީކޮށްލާ މީ ވެސް ވަޒީފާ އޭ. ހަމަ އެކަނި ދެތިން ދުވަސް.” ޒައިދާން ބުނެލި އެވެ. ޖަންނަތު ބޯޖަހާލި އެވެ.

“ޖަންނާ،” ޖަންނަތު ނުކުތުމަށް ދޮރުކައިރިއަށް ދިޔަ ވަގުތު ޒައިދާން ގޮވާލި އެވެ. “ނަސީރުބޭ ބުނިތަ ބޮޑު ހަފްލާއަކަށް މާލެ ދާން ޖެހޭ ވާހަކައެއް؟” ޒައިދާން ގޮނޑިން ތެދުވެގެން އައިސް މޭޒުގައި ފޫކޮޅު ޖައްސާލަމުން ހަށަން ބަދެލި އެވެ. ޖަންނަތު ހައިރާން ވެފައި ވިސްނާލަމުން ބޯ ހޫރާލި އެވެ.

“އެ ހަފްލާއަށް ޖަންނަމެންގެ ހުރިހާކުދިން ގެންދަން ނަސީރުބޭ ނިންމާފަ އޮތީ،” ޖަންނަތު ސުވާލުން ފުރިގެންވާގޮތަށް ބަލަން ހުއްޓެވެ. ނަސީރުބޭ އެގޮތަށް އެވިސްނަނީ ކިހިނެއް ވެގެން ކަމެއް އެއްގޮތަކަށް ވެސް ޖަންނަތުއަކަށް ނޭގެ އެވެ. “މާލޭގައި އޮންނަ އެ ހަފްލާއަކީ ވިޔަފާރި ވެރިންނާއި ނިކަން ގިނަ އިއްޒަތްތެރިން ވެސް ބައިވެރިވާ ހަފްލާއެއް.”

“ދެން އަޅުގަނޑުމެން ތި ހަފްލާއަށް ދާންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެނާ ތިކަމާ އޮތީ ކޮން ގުޅުމެއްތޯ؟”

“އަހަންނަކަށް ވެސް ނޭގެ، ނަސީރުބޭ ބޭނުންވާ ގޮތް އެއީ… އަދި އެވާހަކަ ނަސީރުބޭ ޖަންނަމެން ކައިރީ ދައްކާނެ.”

ޖަންނަތު އިރުކޮޅަކު ވިސްނާލަން ހުއްޓެވެ. ނަސީރުބޭ އުޅޭ ގޮތުން ބައެއް ފަހަރު ޖަންނަތު ނިކަން ބިރު ގަނެ އެވެ.

“ޖަންނާ؟ އާރ ޔޫ އޯކޭ.” ޖަންނަތު ވިސްނަން ހުރުމުން ޒައިދާން އަހާލި އެވެ.

“އަޅުގަނޑު ހިތައްއަރާ ނަސީރުބޭ އެހާގިނަ ހަރަދު އަޅުގަނޑުމެނަށް އެކުރައްވަނީ ކީއްވެބާއޭ…. އަނެއްކާ އެކުރާ ހަރަދުގެ ބަދަލަށް ނަސީރުބޭ ބޭނުންވެލައްވާނީ ކޮންކަމެއް ބާއޭ ވެސް ހިތައް އަރާ.”

“ޖަންނާ، ނަސީރުބޭ އެއީ ތި ހީކުރާ ކަހަލަ މީހެއްނޫން… ޖަސްޓް ޓަރަސްޓް މީ.” ޒައިދާން ބުނެލި އެވެ.

 

އަހްޔާން ބޭރަށް ނިކުންނަ އިރަށް ރަށުގެ ޒުވާން އަންހެން ކުދިންގެ ނަޒަރު އަހްޔާންއަށް އަމާޒުވާތީ އަހްޔާން ހިތްހަމައެއް ނުޖެހުނެވެ. ނޫރުއާއި އެކު ބޭރުގައި އުޅެފައި މާގިނައިރު ނުކޮށް ގެއަށް އައިސްފި އެވެ. މީހުން ހީކުރަނީ އަބްޔާން ކަމަށެވެ. އަބްޔާން ގޮތަށް މީހުނާއި ވާހަކަ ދައްކާ އުޅުމަކީ އަހްޔާންގެ ހުންނަ ސިފައެއް ނޫނެވެ. އަހްޔާންއަށް އެގޮތަށް އުޅެން އުނދަގޫ ވެއެވެ.

“ދަރިފުޅާ، ގޭގަތަ ތި އުޅެނީ؟” އަހްޔާން ސޯފާގައި އިންތަން ފެނުމުން ބަދިގެއިން ނުކުތް ހިދާޔާ އަހާލި އެވެ. “ނޫރުއާ އެކު ބޭރަށް ދިޔަތަން ފެނުން.”

“އާން، ގޮއްސަ މިއައީ… ދެން އެހަށް ގޭގަ އިނދެލާނީ.” ފޯނު ނަގާ ބަލައިލަމުން އަހްޔާން ބުންޏޭވެ. ހިދާޔާ އިތުރު އެއްޗެއް ނުބުނެ އެތަނުން ހިގައްޖެ އެވެ.

 

އެގާރަ ޖެހުމުން ޖަންނަތު އަވަހަށް ގެއަށް ދިޔަ އެވެ. ޖަންނަތު އައިސް ސޯފާގައި އިށީނދެ ހިންދެމިލި އެވެ. ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ހުރި ފޮށިތައް ޖަންނަތު ލޮލުގައި އަޅައި ގަތެވެ. އެއީ ވެލެންޓީނޯ ބްރޭންޑްގެ ހެދުން ތަކެއްކަން އެފޮށިތަކުގެ ބޭރުން އިނގުނެވެ. އެހާ އަގުބޮޑު ހެދުންތަކެއް ހުރުމުން ޖަންނަތު ހައިރާން ވި އެވެ. އެވަގުތު އާޔަތު ކޮޓަރިން ނުކުމެގެން އެތަނަށް އައިސް ހުއްޓުނެވެ.

“މީ ދޮންތަގެ ކަމެއްދޯ.” އާޔަތު ކުރެން ޖަންނަތު އަހާލި އެވެ.

“ނޫން، ތީ ނަސީރުބޭ ގެނެސް ލާފަ ދިޔަ އެއްޗެއް. ބުނީ ކޮންމެސް ހަފްލާއަކަށް މާލެދާން ވާނެޔޯ މިގޭ ހުރިހާކުދިން.”

“ނަސީރުބޭ؟” ޖަންނަތު އެތަނުން ފޮށްޓެއް އަވަހަށް ހުޅުވާލި އެވެ. އޭގައި އޮތީ ނޫ ކުލައިގެ ހެދުމެކެވެ. އާޔަތު ބަލަން އިނދެފައި އެހެން ފޮށްޓެއް ހުޅުވާލި އެވެ. އޭގައި އޮތީ ރަތް ކުލައިގެ މެކްސީ އެކެވެ. ތަންތަން ކޮޅަށް ވިދުމެއް ގެނުވާފައިވާ އަތްކުރު އެ މެކްސީ އާޔަތު ގައިގައި ޖައްސާލި އެވެ. ފެންނަ ފެނުމަށް ހެޔޮވަރު ކަމަށް ދައްކަ އެވެ. އާޔަތު އެ ހިފައިގެން ކޮޓަރިއަށް ގޮސް ލައިގެން އައެވެ. އާޔަތުއަށް ކުޑަ ތަންކޮޅެއް ދިގުކޮން ހުއްޓަސް އެހެން ތަންތަނުން ހެޔޮވަރެވެ.

“ވާއޮ ތުއްތާ… ލުކް އެޓް ދިސް. ހާދަ ރީއްޗޭ.” އާޔަތު ދެކޮޅަށް އެނބުރިލާފައި ދައްކާލި އެވެ. އަދި ދެން އޮތް ފޮށި ހުޅުވާލި އެވެ. އޭގައި އޮތީ އާޒަތުއަށް ވީ ކޯޓު ފަޓުލޫނެވެ. އެ ނަގާ ޖަންނަތުއަށް އާޔަތު ދައްކާލި އެވެ.

“ދޮންބެ އަށް މި ހަމަ ހެޔޮވަރުވާނެ. ކިހިނެއްބާ ނަސީރުބެއަށް އަހަރުމެންގެ މިން އިނގުނީ،” އެހެން ބުނަމުން ދެން އޮތް ފޮށި ވެސް އާޔަތް ހުޅުވާލި އެވެ. އޭގައި އޮތީ ތަންކޮޅެއް ކުރު ހެދުމެކެވެ. “ވާއޮ، މައި ފޭވަރިޓް މިންޓް ގްރީން ކުލަ.”

އާޔަތު އެ ހެދުން ނެގިއެވެ. އަދި ޖައްސާލި އެވެ. އާޔަތުގެ ކަކުލާއި ހަމައަށް އެ ހެދުން އަރަ އެވެ. “ހޫމް މަށަށް ހީވަނީ މީހެން މަށަށް ވީ ހެދުން.”

އާޔަތު އެ ހެދުން ހިފައިގެން ކޮޓަރިއަށް ދިޔަ އެވެ.

އެވަގުތު ޒައިދާން ކާރު އައިސް އެގޭ ދޮށުގައި މަޑުކޮށްލި އެވެ. ޔަޒަން ގޮވައިގެން ޒައިދާން އެތެރެއަށް ވަނުމުން ސޯފާގައި އިން ޖަންނަތުއަށް ތެދުވެވުނެވެ.

“މިހިރީ ޔަޒަންގެ އެއްޗިހި. ހަވީރު އަންނާނަން ޔަޒަން ބަލާ.” ޒައިދާން ޖަންނަތުއަތަށް ދަބަހެއް ދިއްކޮށްލި އެވެ. ޖަންނަތުގެ ސަމާލުކަން ޔަޒަންއަށް އަނބުރާލި އެވެ. ޔުނީފޯރމްގައި ހުރި ޔަޒަން އިންޓަވަލް ހަމުގެ ވާގަނޑު އަނގަޔަށް ލައިގެން ހަފާލަ ހަފާލަ ހުއްޓެވެ.

“ދަރިފުޅާ، ދޭ އަވަހަށް ޖަންނަދައްތަ ކައިރިއަށް. ބައްޕަ އަންނާނަން ހަވީރު، އޯކޭތަ؟” ޔަޒަން ކައިރިއަށް ގުދު ވެލަމުން ޒައިދާން ބުނެލި އެވެ. ޔަޒަން ބޯ ޖަހާލި އެވެ. “އެންޑް ބީ ގުޑް.”

“ޔަޒަން ފެންވަރާނެ މިގަޑީގަ، ދެން ކާން ހަދާލަ ދިނީމަ އެކަނި ކާނެ.” ޒައިދާން ހިންދެމިލަމުން ޖަންނަތުއާއި ދިމާލަށް ބަލައިލަމުން ބުނެލި އެވެ. ޖަންނަތު ބޯ ޖަހާލި އެވެ. “އާން ދެން އިތުރު އެއްޗެއް ޔަޒަން ބޭނުން ވެގެން އުޅެންޏާ ފިހަރައިން ގަނެލާ.” ޒައިދާން ޖީބުން ފައިސާ ނަގާ ޖަންނަތުއަށް ދިއްކޮށްލި އެވެ.

“ޕްލީސް ޑޯންޓް ވޮރީ ޒައިދާން، ޔަޒަން އަކީ ވަރަށް ބަސްއަހާ ކުއްޖެއް، އަޅުގަނޑަށް ޔަޒަން ބަލާކަށް އުނދަގުލެއް ނުވާނެ.” ޖަންނަތު އުޅުނީ ފައިސާގައި ނުހިފާށެވެ. ނަމަވެސް ޒައިދާން އެ ފައިސާ ކުޑަ މޭޒުމަތީ ބޭއްވި އެވެ.

“ސީ ޔޫ ޗެމްޕް.” ޒައިދާން ދަމުން ޔަޒަންގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ.

ޒައިދާން ދިއުމުން ޖަންނަތު ޔަޒަންއާއި އެންމެ ކުރިން ވާހަކަ ދައްކަން ފެށި އެވެ. ޔަޒަންގެ ބީރައްޓެހިކަން ކަނޑުވާލާށެވެ. ނިކަން އަވަހަށް ޔަޒަންގެ އަނގަ ފަޅައިފި އެވެ. އަދި ޔަޒަންގެ އަމިއްލަ ވާހަކަތައްވެސް ޖަންނަތުއާއި ހިއްސާކުރަން ފެށި އެވެ.

އެވަގުތު އެތަނަށް އާޔަތު އައެވެ. އޭނާ ހުރީ ދެންމެ ހެޔޮވަރު ކުރަން ވެގެން ގެންދިޔަ ހެދުން ލައިގެނެވެ.

“މިހެދުން އަސްލުމީ މަށަށްވީ ހެދުން. ސަޅި ދޯ.”

“ވަރަށް ރީތި ވަރަށް ގުޅޭ.” ޖަންނަތުއަށް ވެސް އެހެދުން ރީތިވީ އާޔަތު ލީމަ އެވެ. ރެޑް ހެދުން ދޮންތައަށް. ތުއްތައާ ގުޅޭނެ ބްލޫ ހެދުން،” އާޔަތުއަށް އެވަގުތު އެތާއިން ޔަޒަން ފެނުނެވެ. “އަހާ، ޔަޒަން މިއަދު މިގޭގަތަ؟”

“އާން ދެން މިގެއަށް ކޮންމެ ދުވަހަކު އަންނާނީ.” ޔަޒަން ބުނެލި އެވެ. އާޔަތު ޖަންނަތުއަށް ބަލައިލީ ސުވާލު ކުރާފަދަ ގޮތަކަށެވެ.

“ސާރާމެން މާލެ ގޮސްވީ، އެމީހުން އަންނަން ދެން.” ޖަންނަތު އާޔަތުއަށް ބަލައިލަމުން ބުންޏެވެ.

“އޯހް އެހެންތަ…” އާޔަތު އެހެން ބުނަމުން އަނެއްކާވެސް ކޮޓަރިއަށް ދިޔަ އެވެ. ޖަންނަތު ޔަޒަން ފެންވަރުވައިގެން ގެނެސް ކާން ބޭންދި އެވެ. ޔަޒަން ކާން އިން އިރު ޖަންނަތު ޔަޒަން ކައިރީ އިށީދެގެން އިނެވެ. ޔަޒަން އެކަނި ކަމުން ގެންދިޔަ އެވެ.

“ޖަންނަދައްތަ މަންމަ ކޮބާ؟” ކުއްލިއަކަށް ޔަޒަން އަހާލި އެވެ.

“ޖަންނަދައްތަގެ މަންމަ ވީ ޔަޒަން މަންމަ ވީ ތަނުގަ.” ޖަންނަތު ކުޑަކޮން ވިސްނާލަމުން ބުނެލި އެވެ.

“ސުވަރުގޭގަ ދޯ؟ ޔަޒަން މަންމައާ ޖަންނަދައްތަ މަންމަ ދެން ނާންނާނެ… އެކަމަކު މަންމަ ކައިރިއަށް ޔަޒަން މެނަށް ދެވިދާނެ….”  ޖަންނަތު ބޯޖަހާލަމުން ޔަޒަން ބޮލުގަ ފިރުމާލި އެވެ. “ޖަންނަދައްތައަށް އިނގޭތަ ސުވަރުގެ ދެވޭ ގޮތް؟” ޖަންނަތު މަޑުކޮށްލައިގެން ހުރީ އިތުރަށް ޔަޒަން ވާހަކަ ދައްކަން ދެނެވެ. “ވަރަށް ބަސްއަހައިގެން އުޅުނީމަ ސުވަރުގެއަށް ދެވޭނީ… ދޮގުނުހަދާ، ބައްޕަ ބުނާގޮތް ހަދައިގެން އުޅޭ ކުދިންނަށް…”

“އެހެންތަ…”

“އެކަމު ޖަންނަ ދައްތަގެ ބައްޕައެއްވެސް ނެތްތަ؟” ޖަންނަތު ބޯޖަހާލި އެވެ. ޔަޒަން ވިސްނާލަން އިނެވެ.

“ޖަންނަދައްތަ މަންމަ ދެކެ ވަރަށް ލޯބިވޭ ދޯ.”

“ކޮންމެ ކުއްޖެއް ވެސް އެކުއްޖެއްގެ މަންމަ ދެކެ ލޯބިވާނެނު ދޯ.” ޖަންނަތު ބުނެލި އެވެ.

“ޖަންނަދައްތައަށް އިނގޭތަ ޔަޒަންއަށް ވުރެން މާ ބޮޑަށް ބައްޕަ މަންމަ ދެކެ ލޯބިވާނެ.” ޖަންނަތު ހިނިތުން ވެލައިގެން ޔަޒަންއަށް ބަލަހައްޓައިގެން އިނެވެ. “ޔަޒަންގެ މަންމަގެ ފޮޓޯ ހުންނާނެ ބައްޕަ ފޯނުގަ. ފޮޓޯ ބަލާފަ ބައްޕަ ރޯނެ.” ޖަންނަތު ޔަޒަން ގަޔާ ކައިރި ކޮށްލި އެވެ. “ޔަޒަންގެ ބައްޕަ ގެ ހުރިހާ ކަމެއް ކުރިން މަންމައެއްނު ކޮށްދެނީ އެހެންވީމަ ބައްޕަ މާ ބޮޑަށް ދެރަވާނެނު.” ޖަންނަތު ޔަޒަން ގެ ބުރަކަށީގައި ފިރުމާލި އެވެ. ޔަޒަން ވިސްނާވަރު ޖަންނަތުއަށް އިގިގެން ދިއުމުން ޖަންނަތުވެސް ދެރަވި އެވެ.

 

ހަވީރު ޒައިދާން އައިސް ޖަންނަތުމެންގެއަށް ވަންއިރު އާޒަތު ލޮލުގައި ފޮތިގަނޑު އައްސައިގެން ޖަންނަތުއާއި އާޔަތުއާއި ކުޅެނީ އެވެ. ޔަޒަން ސޯފާ މަތީ އަތް ޖަހަމުން ފުމެމުން ހެނީ އެވެ. ޒައިދާން އިރުކޮޅަކު ދޮރުމަތީ އެމީހުން ކުޅޭތަން ބަލަން ހުއްޓެވެ.

“ޔަޒަން، ދަރިފުޅާ!” ޒައިދާން ގޮވާލި އަޑަށް އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އާޒަތު ލޮލުގައި އިން ފޮތިގަނޑު ނައްޓާލި އެވެ. ޔަޒަން ވެސް ސޯފާއިން ފުންމާލައިގެން ދުވަމުން ޒައިދާން ކައިރިއަށް އައެވެ. “ދަރިފުޅު ހާދަ މަޖަލެއް ތި ކޮށްލަނީ.”

“މިގޭ ހުރިހާކުދިން ޔަޒަންއާ އެއްކޮން ކުޅެނީ. ވަރަށް މަޖާ.” ޔަޒަން ހުރީ ވަރަށް އުފާ ވެފަ އެވެ.

“އެހެންތަ. ދެން ހިނގާ ދަމާދޯ.”

“އަދި މަޑުކޮށްލާފަ ދާނީ.”

“ނޫނޭ ދަރިފުޅާ، އޭރުން ކަމަކު ނުދާނެ… ދެން އަލުން މާދަމާ އަންނާނީ.” ޒައިދާން ކުޑަކޮން ގުދުވެލާފައި ޔަޒަންގެ ބުރަކަށީ ފިރުމާލި އެވެ. “ދޭ ދެން ޔަޒަންގެ ބޭގް ހިފައިގެން އަންނަން.” ޔަޒަން ހަށިގަނޑު އެލުވާލައިގެން ބޭގް ބަލައި ގޮސް ޖަންނަތު ނިދާ ކޮޓަރިއަށް ވަނެވެ. “ޖަންނާ، ވަރަށް އުނދަގޫތަ؟”

“ނޫނޭ، ވަރަށް މަޖާ. ކުޑަކުދިންނާ އެއްކޮން އުޅުނީމަ ސްޓްރެސް ކުޑަވާނެޔޭ ބުނޭނޫންތޯ.. މިއަދު އެކަން އިގިއްޖެ.” ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ.

“ތިބުނީ ތެދެއް… ޔަޒަން އެއީ އަދި އަރާ ހުރި މީހެއް. އެހެން ކަމަކާ ވިސްނާނެ ވަގުތެއް ނުދޭނެ… ކޮށްލާ މޮޅެތި ސުވާލުން މީހާގެ ސިކުނޑި މަސައްކަތް ކުރާން ފަށާނީ އިދިކޮޅަށް.” ޒައިދާން ހެވިފައި ހުރެ ވަހަކަ ދެއްކި އެވެ.

“ވަރަށް ބޮޑަށް ތޭންކްސް އިނގޭ. މަދަމާވެސް ގެންނާނަން އިނގޭ.” ޔަޒަން ދަބަސް ހިފައިގެން އައުމުން ޖަންނަތާއި ދިމާއަށް ޒައިދާން ބުންޏެވެ.

“އާން… އަޅުގަނޑުމެން ތިބޭނަން ހުސްވެގެން، ބަންދު ވީމަ ދެން ކުރާނެ އިތުރު ކަމެއްވެސް ނެތް.” އާޔަތް ބުނެލި އެވެ.

“ބާއި ޖަންނަދައްތާ، ބާއި އާޔާ ދައްތާ ބާއި އާޒަތުބޭ.” ޔަޒަން އެންމެނަށް ހަނާއަޅަމުން ޒައިދާން ފަހަތުން ނުކުމެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 12 ވަނަ ބައި

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 9..

Next
April 8, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 9..

Previews
April 8, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 12 ވަނަ ބައި

2 Comments!

  1. naa says:
    April 8, 2016 at 9:59 am

    V reethi next part avaha up kohlaba plx

  2. Shifoo says:
    April 9, 2016 at 10:05 am

    wow…. v reethi… avahah up kohdhechey… waiting…

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 6 ވަނަ ބައި←


All Right Reserved!