
ޤުރުބާން ވުމީ މިހިތުގެ އުފާ 6 ވަނަ ބައި
“ވަރަށް ބޮޑަށް ތޭންކްސް އިނގޭ. މަދަމާވެސް ގެންނާނަން އިނގޭ.” ޔަޒަން ދަބަސް ހިފައިގެން އައުމުން ޖަންނަތާއި ދިމާއަށް ޒައިދާން ބުންޏެވެ.
“އާން… އަހަރުމެން ތިބޭނަން ހުސްވެގެން، ބަންދު ވީމަ ދެން ކުރާނެ އިތުރު ކަމެއްވެސް ނެތް.” އާޔަތް ބުނެލި އެވެ.
“ބާއި ޖަންނަދައްތާ، ބާއި އާޔާ ދައްތާ ބާއި އާޒަތުބޭ.” ޔަޒަން އެންމެނަށް ހަނާއަޅަމުން ޒައިދާން ފަހަތުން ނުކުމެގެން ދިޔައެވެ.
ޖަންނަތު ޓީވީ ބަލަން އިންދާ ނަސީރު އައިސް ސަލާން ގޮވާލި އެވެ. ޖަންނަތު ފުންމައިގެން ތެދުވި އެވެ. ގޭގައި އޭރު އެހެން މީހެއްވެސް ނެތެވެ. ޖަންނަތު ކުޑަކޮން ޖެހިލުންވީ އެހެންވެ އެވެ. ނަސީރު އައިސް އިށީނީ އެކަކަށް އިނދެވޭ ސޯފާގަ އެވެ.
“ދަރިފުޅާ، ޖަންނާ… ނަސީރުބޭ ގެނައި ހެދުންތައް ހެޔޮވަރު ކޮށްލައިފިންތަ؟” ނަސީރު ނިކަން ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކަން ފެށިއެވެ.
“ނަސީރުބޭ، އެހާ އަގުބޮޑު ހެދުންތަކެއް ގެންނެވީ ކީއްކުރަންވަންތޯ؟” ޖަންނަތު ހުރީ ވަރަށް ނުރުހިފަ އެވެ.
ވިޔަފާރި ވެރިން އެއްވެގެން ކޮންމެ އަހަރަކުވެސް ބާއްވާ އެ ހަފްލާއަށް މިފަހަރު ޖަންނަތުމެން ގެންދަން ނަސީރު ބޭނުންވަނީ ނިކަން މުހިންމު ކަމަކު ކަމަށް ޖަންނަތު ކައިރީ ނަސީރު ބުންޏެވެ. އަދި އެއީ ބޮޑެތި އިއްޒަތް ތެރީން ވަޑައި ގަންނަވާނެ ހަފްލާއެއް ކަމުން ޖަންނަތުމެން ވެސް ރީތިވެގެން ހަފްލާއަށް ދިއުމަށް ނަސީރު އެދުނެވެ. އަދި ހަފްލާ އޮންނަ ދުވަހު ހެދުނާ މާލެދާން ނިންމާފައި ވާކަމަށް ވެސް ބުންޏެވެ. ޖަންނަތު އިނީ ހާސްވެފަ އެވެ. އެފަދަ ހަފްލާއެއްގައި ދުވަހަކު ވެސް ޖަންނަތުމެން ބައިވެރިއެއް ނުވެއެވެ.
“އެކޮއެ ހާސް ނުވޭ.. ނަސީރުބޭ ބުނާގޮތަށް ކަންތައް ކުރީމަ ރަގަޅު ވާނެ.” ނަސީރު ދާން ތެދުވަމުން ބުންޏެވެ. “މިއަދު މޫސަ ފިހާރައިން ޒީނަތުއާ ދިމާވުމުން ޒީނަތު ކައިރީ މިވާހަކަ ދައްކައިފިން. އެކޮއެ ދެން އާޒަތު އާއި އާޔަތުއަށް ކަންތައް ކުރަންވީ ގޮތް ކިޔައިދީ.” އެހެން ބުނެފައި ނަސީރު ނިކުމެގެން ހިގައްޖެ އެވެ. ޖަންނަތު ހުރިގޮތަށް ހުއްޓުން އަރާފައި ހުރީ އެވެ.
އެވަގުތު އަބްޔާން އައިސް ވަނެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. މިގަޑީގައި އަބްޔާންއައުމުން ޖަންނަތު ހުރީ ހައިރާން ވެފަ އެވެ.
“ޔާން ގޮވައިގެން އަންނަން އުޅުނީ، އެކަމަކު އޭނައެއް ނައި… ދެން ކިހިނެއް ހަދާނީ.” އަބްޔާން ބުނެލި އެވެ.
“ޔާން ގޮވައިގެން އަންނަން އުޅުނީ ކަމަކުތަ؟” އަދިވެސް ހައިރާން ވެފައި ހުރެ ޖަންނަތު އަހާލި އެވެ.
“ބުނީމެއްނު މިރޭ އަންނާނަމޭ، ހަދާނެއް ނެތްތަ؟” ޖަންނަތު ވިސްނާލި އެވެ. ތެދެކެވެ. އަބްޔާން ވަނީ އެހެން ބުނެފަ އެވެ.
“އަބީ، އަހާލަންތަ ވާހަކައެއް.”
“ޖަންނަ މިހާރު އިޒުނަ ހޯދައިގެންތަ ވާހަކަ އަހަނީ ވެސް؟”
“އަބީ، އަބީ ބައްޕަ ކީއްވެތަ އަހަރުމެން އެ ޕާރޓީއަށް ގެންދަން އެއުޅުއްވަނީ؟”
“ބައްޕަ އެ އުޅުއްވަނީ ކީއްކުރައްވަން ކަމެއް އަހަރުމެނަކަށްވެސް ނޭގެ… އެކަމަކު ބޮޑު ސަރޕްރައިސްއެއް ދޭން ހެން ހީވަނީ.”
“އަހަރެން ހާދަ ބިރެއް ގަނެޔޭ.”
“ޖަންނަ ކީއްވެތަ ބިރުގަންނަންވީ؟” އަބްޔާން ސޯފާއިން ތެދުވިއެވެ. އަދި ޖަންނަތު ކައިރިއަށް އައިސް ހުއްޓުނެވެ. “ބިރުގަންނަން ޖެހޭ ވަރު ކަމެއް ބައްޕައެއް ނުކުއްރައްވާނެނު…” އަބްޔާން ޖަންނަތުގެ އަތުގައި ހިފާލި އެވެ. “ޖަންނަ ނާރވަސް ވަނީ ދޯ. އެހާ ހާސްނުވޭ، ހުރިހާ ކަމެއްވެސް ރަގަޅު ވާނެ.” ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އެވަގުތު އަބްޔާންއަށް ވެސް ޖަންނަތުއާއި ދިމާއަށް ބަލައިލެ ވުނެވެ. ދެމީހުންގެ ހިތުގައި އެވަގުތު ނޭގޭ ޖަޒުބާތެއް އުފެދިގެން ދިޔަ އެވެ. އިރުކޮޅަކު ހަތަރުކަޅި ހަމަކޮށްގެން ތިބެވުނީ ހިތުގެ ވިންދު އަވަސްވެފައިވާ ހާލުގަ އެވެ. އެވަގުތު ލޭނާރުތަކުގައި ލޭހިނގުން ވެސް އަވަސްވެފައި ވާ ކަހަލަ އެވެ.
“ޖަންނާ!” ޒީނަތު ގެއަށް ވަންނަމުން ގޮވާލި އެވެ. އެވަގުތު އަބްޔާންއާއި ޖަންނަތު ދިޔައީ ސިހިގެނެވެ. އަދި ދެމީހުނަށް އަތުން ދޫކޮށްލެވި ބޭ އިހުތިޔާރުގައި ދުރަށް ޖެހިލެވުނެވެ. “ނަސީރުބޭ…” ޒީނަތު ބުނަން އުޅުން ވާހަކަ ހުއްޓުނީ އަބްޔާން ފެނުމުން ނެވެ. އެހެންޏާ ރޭގަނޑުގެ ވަގުތަކު އަބްޔާން އެގެއަކަށް ނާދެ އެވެ. ޒީނަތު ހައިރާން ވެފައި ބަލައިލި އެވެ.
“އަހަރެން އިހަށް ދަނީ.” އަބްޔާން އަވަސް އަވަހަށް އެހެން ބުނަމުން އެގެއިން ނުކުމެގެން ހިގައްޖެ އެވެ. އަބްޔާން ދިޔަގޮތަށް ދިޔައީ ގެއަށެވެ. އަބްޔާންއަށް ވެސް ވީގޮތެއް އަބްޔާންއަކަށް ނުވިސްނުނެވެ. ދުވަހަކު ވެސް ނުވާކަހަލަ ގޮތްތަކެއް އަބްޔާންއަށް ވެއްޖެ އެވެ. ޖަންނަތުގެ އަތުގައި އެތައް ފަހަރަކު އަބްޔާން ހިފާފައި ވެއެވެ. ޖަންނަތު އެއަށް ވުރެން ވެސް ކައިރން ވެސް އަބްޔާންއަށް ފެނެއެވެ. ނަމަވެސް މިރޭ މިވީ ކިހިނެއް ހެއްޔެވެ. މީ ކޮންފަދަ ޖަޒުބާތެއް ހެއްޔެވެ. އަބްޔާން ކޮޓަރީގައި ހުރެގެން ވިސްނަމުން ދިޔަ އެވެ.
އަހްޔާން ރަށަށް އައިތާ ތިން ދުވަސް ވަނީ އެވެ. އަދިވެސް ގެއިން ބޭރަށް ނުކުމެލާ ހަދާލާކަށް އަހްޔާން ނޫޅެ އެވެ. ގޭތެރޭ އޮވެލާފައި ދެން ގޮސް އޮންނަނީ ހިރުދު ގަސްދޮށުގައި އެލުވާފައިވާ އުނދޯލިތަކުން އުނދޯއްޔަކަށް ފެތިފައެވެ. މިއަދު ވެސް އަހްޔާން އޮތީ ފޯނެއްގަ އެވެ. އެފޯނުގައި އޮންނަތާ މިހާރު ގަޑިއަކަށް ވުރެން ގިނަ އިރު ވެއްޖެ އެވެ.
“ތަނާ، ދެން އަހަރެން ކިހިނެއް ހަދާނީ… އަބީގެ ނަންބަރު މަ ދީފާނަން، ތަނާ އަމިއްލައަށް އަބީއަށް ގުޅާ.”
“ނޫން ޔާން، މަގޭ އަތުގަ ވެސް އެބަ އޮތޭ އަބީ ނަމްބަރު. އޭނައަށް އަހަރެން ގުޅިއަަސް އާންސަރ އެއް ނުކުރާނެ.”
“ދެން ކިހިނެއް ހަދަންވީ؟”
“ދެން ޔާން ބުނެބަލަ އަބީ ކައިރީ އެއްފަހަރު މަށާ ވާހަކަ ދައްކާލަ ބަލާށޭ. ޕްލީސް.”
“ތަނާ، އަހަރެން ދެކެ އޭރުން ރުޅި އަންނަނާނީ. އެހެން ނޫނަސް މަށަށް މިހާރު ހީވަނީ ދެން ތަނާ ވެސް އަބީ މަތިން ހަދާން ނައްތާލަން ވެއްޖެ ހެން.”
“އައި ކާންޓް ޑޫ ދެޓް. ޔާންއަށް އިނގޭނެ ހަމަ އަހަރެން އަބީ ދެކެ ލޯބިވާވަރު.”
“ތަނާ މަށަކަށް ހިޔެއްނުވޭ އަބީ ދެން ތަނާއާ ގުޅޭނެހެނެއް. ލެޓް ގޯ އޮފް ހިމް ތަނާ.”
“ޔާން، ޕްލީސް ތިހިން ނުބުނޭ. އޭނަ އަހަރެން މަތިން ހަދާނެއް ނުނެތޭނެ، ހީ ލަވްސް މީ.” ތަނާއަށް ރޮވެން ފެށި އެވެ. އަހްޔާން ކަންތައް ބޮޑުވީ ތަނާ ރޯން ފެށީމަ އެވެ. ތަނާއަކީ މާބޮޑަށް ރޮންޏާ ހާސްވެގެން ނޭވާ ނުލެވޭ މީހެކެވެ.
“ތަނާ، ޕްލީސް ނުރޮއެ، ހުރިހާ ކަމެއްވެސް ރަގަޅު ވާނެ. ޖަސްޓް ޕްރޭ އެންޑް ސީ.” އެންމެ ފަހުން އަހްޔާން ބުންޏެވެ.
“އެހަށް މިވަގުތަށް ބާއްވަނީ.” ތަނާ ރޮމުން ބުނެލި އަޑު އިވުނެވެ. އަހްޔާން ވިސްނާލަން އިނެވެ. ތަނާއަށް ވެދާނެ ގޮތަކާއި މެދު އެވެ. އެއީ ވެސް ހިތާމަ ތަކެއްގައި އުޅެމުން އަންނަ ކުއްޖެ ކެވެ. އެއްކަމަކަށް ފަހު އަނެއްކަމެއް ތަނާގެ ދިރިއުޅުމުގައި އެބަ ލައިގަނެ އެވެ.
އަބްޔާންއާއި އަހްޔާން އަދި އާލިޔާ ސިންގަޕޫރުގައި ކިޔަވަން އުޅުން އިރު ތަނާ އަކީ ޖެހިގެން ހުރި އެޕާރޓްމެންޓް ގައި އުޅޭ ދެމަފިރިންގެ ހަމަ އެކަނި ދަރިފުޅެވެ. އެއީ ރާއްޖޭ ބައެކެވެ. ކޮންމެ ރެއަކުވެސް އަހްޔާން މެނަށް އެގެއިން ޒުވާބު ކުރާއަޑު އިވެ އެވެ. އަދި ހާއްސަކޮން އަބްޔާން ކޮޓަރިއަށް އެގެއިން ޒުވާބު ކުރާއަޑު ވަރަށް ރީއްޗަށް އިވެ އެވެ. ކިޔާ އެއްޗިހި ވެސް ސާފުކޮން އިވެ އެވެ. އެންމެ ކުރިން އަހްޔާންއާއި އަބްޔާން އަދި އާލިޔާއަށް ވެސް އެކަން ވީ މަޖާ ކަމަކަށެވެ. އެހެންކަމުން ކޮންމެރެއަކު އެއަޑު އަހަން އަބްޔާން ކޮޓަރިއަށް އެންމެން އެއްވެ އެވެ. ކަންތައް ބަދަލުވީ އެމީހުނާއި ތަނާއާއި ދިމާވުމަށް ފަހު އެވެ.
ރޭގަޑު ސިނަމާއަކަށް ގޮސްފައި އައި ރެއެކެވެ. އެޕާރޓްމެންޓަށް ވަންނަން ދިޔަ ވަގުތު ޖެހިގެން ހުރި އެޕާރޓްމެންޓް ދޮރުމަތީ ދޮން އަންހެން ކުއްޖެއް އުޑުފައިން އިށީނދެ އިންތަން ފެނުނެވެ. އަހްޔާން އަބްޔާންއަށް ދައްކާލި އެވެ. ދެމީހުންވެސް ބަލައިލާފައި އަޅާނުލާ ގޮސް އެޕާރޓްމެންޓަށް ވަންނަން އުޅުނެވެ. އޭރު އާލިޔާ އައިސް އެކުއްޖާއާއި އަރާ ހަމަ ވަނީ އެވެ. ކުއްލިއަކަށް އާލިޔާގެ ފައިބުޑަށް އެކުއްޖާ ބަންޑުން ވެއްޓުނެވެ. އާލިޔާ ސިއްސައިގެން ގޮސް މޭގައި އަތް އެޅި އެވެ. އަބްޔާންއާއި އަހްޔާން އައިސް އެކުއްޖާ އަނެއް ފަރާތަށް ޖަހާ ބަލައިލި އެވެ. އަހްޔާން ވިންދު ބަލާ ނޭވާ ލާތޯ ވެސް ބަލައިލި އެވެ. އަބްޔާން ތެދުވެ އެގޭ ދޮރުގައި ޓަކި ޖެހި އެވެ. އެންމެ ފުރަތަމަ މަޑުންނެވެ. ދެން ބާރަށެވެ. އެގޭ ދޮރެއް ނުހުޅުވި އެވެ. އަބްޔާން ނިކަން ބާރަށް އެގޭ ދޮރުގައި ތަޅަން ފެށި އެވެ. އެވަރުން ވެސް ދޮރެއް ނުހުޅުވި އެވެ. ތަޅުގައި ހިފިއިރު ހުރީ ތަޅުލާފަ އެވެ. އަބްޔާން އާލިޔާއާއި އަހްޔާންއަށް ބަލައިލި އެވެ. ދެން ހަދަންވީ ގޮތެއް ނޭގިގެންނެވެ.
ދެން ހަދާނެ ގޮތެއް ނޭގިގެން އެންމެ ފަހުން އަބްޔާންމެންގެ އެޕާރޓް މެންޓަށް އެކުއްޖާ ގެންދިޔަ އެވެ. ސޯފާގައި ބާއްވާފައި އާލިޔާ އެ އަންހެން ކުއްޖާގެ މޫނުގައި ފެން ހާކާލި އެވެ. އިރުކޮޅަކުން އެކުއްޖާގެ ދިގު އެސްފިޔަތަށް ތަޅުވާލި އެވެ. އަދި ބޮޑު ބޮޑު ދެލޯ ހުޅުވި އެވެ. ދިމަ ދިމާލަށް އެކުއްޖާ ބަލައިލާފައި ކުއްލިއަކަށް ތެދުވި އެވެ. އަދި އެތާ ތިބި އެންމެނަށް ބަލައިލާފައި ރޯން ފެށި އެވެ. ރޯން ފެށީ ނިކަން ބާރަށެވެ. އަބްޔާންއާއި އަހްޔާން އެކުއްޖާ ހުއްޓާލައްވަން އުޅުނެވެ. ވީގޮތް އަހާ ހެދި އެވެ. އާލިޔާވެސް ހަދާނެ ގޮތް ބޮޑުވެފައި ހުއްޓެވެ. އިރުކޮޅަކުން އެކުއްޖާ ގިސްލާން ފެށިއެވެ. އަދި ގިސްލަމުން ގޮސް ނޭވާހާސްވެގެން ތެޅިފޮޅެން ފެށި އެވެ. އަހްޔާންއާއި އާލިޔާ ހަދާނެ ގޮތެއް ނޭގިގެން އުޅެން ފެށި އެވެ.
“އަދިވެސް ތަނަކު މީހަކު ފެންނައިރަށް ގެންނާތި.” އަބްޔާނަށް އިނދެފައި ބުނެވުނެވެ.
“ދެންވެސް އެމްބިއުލާންސްއަކަށް ގުޅާބަލަ.” އާލިޔާ އެކުއްޖާގެ މޭގައި ފިރުމަމުން ބުންޏެވެ.
އަބްޔާން އަވަހަށް އެމްބިއުލާންސް އަށް ގުޅި އެވެ. އެމެޖެންސީކަމަށް ވެސް ބުންޏެވެ.
އިސާހިތަކު ހޮސްޕިޓަލަށް ގެންދެވިއްޖެ އެވެ. އަދި އެކުއްޖާއަށް ފަރުވާދޭން ފެށި އެވެ. ތިންމީހުންގެ ހާސްކަން ފިލީ ޑޮކްޓަރު ނުކުމެ އެކުއްޖާ ރަގަޅު ކަމަށް ބުނުމުންނެވެ.
ތިންމީހުން އެއްފަހަރާ އެކުއްޖާއޮތް ކޮޓަރިއަށް ވަނެވެ. އެކުއްޖާ އެނދުގައި ރީތިކޮން އޮށޯވެލައިގެން އޮތެވެ. އަތަށް އައިވީ ގުޅާފައި ވަނީ އެކުއްޖާ ވަރު ދެރަވެފައި ވާތީ ކަމަށް ޑޮކްޓަރު ބުންޏެވެ.
“ހާއި، ވަޓްސް ޔުއަރ ނޭމް؟” އެނދު ކޮޅުގައި ހުއްޓިލަމުން އާލިޔާ އަހާލި އެވެ.
“އަހަރެންގެ ނަމަކީ ތަނާ، ތަނާ ނަޒީރު.” މަޑުމަޑު އަޑަކުން ތަނާ ބުންޏެވެ.
“ތީ ދިވެއްސެއްތަ؟” އަބްޔާންއަށް އަހާލެވުނެވެ. އެއްގޮތަކަށް ވެސް ތަނާ ދިވެއްސަކާއި ވައްތަރެއް ނޫނެވެ. މުށިކުލައިގެ އިސްތަށި ގަނޑެކެވެ. ޔޫރަޕް މީހުންގެ ދޮންކަން ލިބިފައިވާއިރު ލޮލުގެ ކަޅިވެސް އިނީ މަޑު މުށިކުލައަކު އެވެ.
“ނޭގެ، މިހާރަކު އަހަންނަކަށް ނޭގެ އަހަންނަކީ ދިވެއްސެއް ކަމެއް؟” ތަނާ ގެ އަޑުގައި ހިތްދަތިކަން އެކުލެވިފައި ވެއެވެ. އެންމެން އެކަކު އަނެކަކަށް ބަލައިލި އެވެ. ސުވާލުގެ ބޮޅުތަކެއް ކޮންމެ މީހެއްގެ ހިތަށް ވަދެގެން ދިޔަ އެވެ. “އަހަރެން ހީކުރީ އަހަންނަކީ ދިވެއްސެއް ކަމަށް، ނަމަވެސް އެހެނެއް ނުވި. އަހަރެންނަކީ ކޮން ގައުމެއްގެ ކާކުގެ ދަރިއެއް ކަމެއްވެސް ނޭގެ.”
“ތީ ނަޒީރުގެ ދަރިއެއްނު، ތި ބުނީނު ތަނާ ނަޒީރުއޭ ކިޔަނީ.” އަބްޔާން ހައިރާންވެ ހުރެ ބުންޏެވެ.
“ޔެސް، އެއީ ހަމައެކަނި ނަމެއް، އަހަރެން ހަދާން ހުންނަން ފެށިއިރު އަހަރެން އުޅެމުން އައީ ނަޒީރު ކިޔާ މީހަކާއި އޭނާގެ އަންހެނުން ސަނާ އާއި އެކު،” ތަނާގެ ލޮލުގެ ކޮޅުން ކަރުނަ ނިރާލި އެވެ. ނަމަވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ނަޒީރުއާއި ސަނާ އެންމެ ކުރިން އަހަރެން ގޮވައިގެން އުޅުނީ އޮސްޓްރޭލިޔާގަ، އެތާ އުޅުނީ އަހަރެންގެ އުމުރުން ފަސް އަހަރުވަންދެން، އޭގެ ފަހުން އެމީހުން މާލެ ބަދަލުވީ، އަހަރެން ހީކޮށްގެން ހުރީ އެއީ އަހަރެންގެ މަންމައާއި ބައްޕަ ކަމަށް، އެމީހުން އަހަރެން ދެކެ އެހާވެސް ލޯބިވި. އަހަރެންނަށް އެއްކަމެއްވެސް އުނިނުވޭ. އަހަރެން ބޭނުން ކޮންމެ އެއްޗެއްވެސް ގަނެދޭ. އައި ވޯސް އަ ސްޕޮއިލްޑް ޗައިލްޑް.” ތަނާ ނޭފަތް ދަމާލަމުން ކައިރީ ހުރި ޓިޝޫ ފޮށްޓަށް އަތްދިއްކޮށްލި އެވެ. އަބްޔާން އޭގެން ޓިޝޫއެއް ނަގާ ތަނާއަށް ދިނެވެ.
“އަހަރެން ބައްޕަ ކިޔައިގެން އުޅުން ނިޒާރުއަށް ސިޔާސީ މަގާމެއް ލިބުމުން މުޅި ގޭގައި އެއުފާ ފާހަގަ ކުރަމުން ދިޔަ. މާމައާއި ކާފައަދި އެހެންވެސް ބައެއް ތިމާގެ މީހުން ގެއަށް އައިސް ގޮސް އުޅުން ވެސް އިހުނަށް ވުރެން ގިނަވެ އަދި ބައްޕަގެ އަތްމަތި އިހުނަށް ވުރެން ވެސް ތަނަވަސް ވުމުން އަހަރެންނަށް އެކަމުން ހުރިހާ އުފަލެއް ލިބިގެން ދިޔަ. އަހަރެން ޓިނޭޖަކަށް އެޅުންއިރު ބައްޕަގެ މަގާމުން ބައްޕަ އިސްތިއުފާ ދީފި. އަހަންނަށް ކީއްވެކަން ނޭގުނެއް ކަމަކު ހަބަރާއި މީހުން ކިޔާ އެއްޗިހިން އިނގުނު ގޮތުން ކޮންމެވެސް ހިޔާނާތުގެ މައްސަލައެއްގައި ބައްޕަވަނީ ބެދިފައި، އަދި ވަރަށް ބޮޑު ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް މީހުން ބުނާތީ އަހަރެން އަޑު އެހިން. މާ ގިނަ ދުވަހެއް ނުވެ އަހަރެންނާއި މަންމަ ގޮވައިގެން ބައްޕަ ސިންގަޕޫރަށް އެއްކޮން ބަދަލުވީ. އޭގެ ފަހުން އެއްގޮތަކަށް ވެސް އަހަރުމެން މާލެ ނުދަން. ސިންގަޕޫރުގައި ބައްޕަ ކުޑަ ވިޔަފާރިއެއް ފެށި. އަދި އެކަމުގައި ބައްޕައާއި އެކު އުޅުން ސެކްރެޓަރީ ފިއޯނާދެކެ ބައްޕައަށް މާބޮޑަށް ލޯބިވެވުނީ.” ތަނާ މާނޭވާއެއް ލިޔެވެ. އަދި ލޮލުން އަންނަން ފެށި ކަރުތައް ޓިޝޫއިން ފޮހެލި އެވެ.
“ފިއޯނާގެ ކަންތައް މަންމައަށް އިނގޭކަށް މާ ގިނަ ދުވަހެއް ނުނެގި… މަންމައާއި ބައްޕަގެ ދެބަސްވުންތައް އެންމެ ކުރިން ފެށުނީ މަށަށް ވަންހަނާކޮން. މަޑުމަޑުން އެކަންތައް ކޮޓަރިން ބޭރަށް ނުކުމެ ގޮސް ކޮންމެ ތާކު ތިއްބަސް ބައްޕައާއި މަންމަ ޒުވާބު ކުރުން އާނމުކަމަކަށް ވެއްޖެ. ފުރަތަމަ ކޮޅު އަހަރެން ރޯން ފެށީމަ ހުއްޓާލާނެ. ނަމަވެސް ފަހުން އަހަރެން ރޮއެ އާދޭސް ކުރިއަސް އެމީހުނަށް އަހަރެންގެ އަޑެއް ނީވޭ. އޭގެ ދުވަސް ކޮޅެއް ފަހުން މަންމަ ވެސް ޖޮނަތަންއާއި ރައްޓެހިވެގެން ގެއަށް ނައިސް ވެސް އެއްރޭ ހިގައިދާނެ. ބައްޕަ އެކަމާ ނުރުހިގެން އެއްޗެއް ބުނާއިރަށް މަންމަ ފިއޯނާގެ ވާހަކަ ނަގާނެ، އެދޭތެރޭ މެދުގަ އަހަރެން ހުންނަނީ ފިތިފަ ރޯލަރޯލާ… އަހަރެންނަކީ އެމީހުނަށް މާ މުހިންމު މީހަކަށް މިހާރު ނުވޭ. އަހަރެންނަށް ލިބިލިބި ހުރި ލޯބި ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭގޭ، ބައްޕައާއި މަންމަ އަހަންނަށް ކުރިން ގަނެދޭ އަގުބޮޑު ހަދިޔާއެއް މިހާރު ނުލިބޭ. ނަމަވެސް އަހަރެން ހިތްހަމަ ނުޖެހިގެން ބައްޕަ ކައިރިއަށް ދިއުމުން ލާރިދޭ، ބޭނުން އެއްޗެއް ގަންނަން. މަންމަވެސް ލާރި ދޭ، އަހަރެން ބޭނުން ވެގެން މިއުޅެނީ ލާރިއެއް ނޫނޭ. އެމީހުންގެ ލޯތްބޭ.” ތަނާ އަނެއްކާވެސް ލޯ ފޮހެލި އެވެ. އަބްޔާންއާއި އަހްޔާން އެކަކު އަނެކަކަށް ބަލައިލި އެވެ. ތަނާއާއި މެދު ދެމީހުންވެސް ތިބީ ހަމްދަރުދީ ވެފަ އެވެ. އަދި އާލިޔާއިނީ ފެންކަޅި ވެފަ އެވެ.
“މިއަދު އަހަރެން އެލޯބި ހޯދަން އެމީހުން ކައިރީ އެދުނީ މަންމައާއި ބައްޕަގެ ޒުވާބުގަނޑު އެންމެ ހޫނުވީ ވަގުތު. މަންމަގެ އަނގައިން ބުނެވުނީ އަހަންނަކީ އެމަންމަގެ ދަރިއެއް ނޫން ކަމަށް. އަދި ނިޒާރުއާއި ހެދި އެޑޮޕްޓް ކުރަން ޖެހުނު ކުއްޖެކޭ ވެސް ބުނި. އަހަރެންގެ ހިތަށް ކިހާ އަސަރެއް ކުރާނެ. އަހަރެން ހާދަ ދެރަވިޔޭ. އަހަންނަށް އެހާވެސް ލޯބި ދިނޭ އެމީހުން. ކުރިންވެސް މަށަށް ޝައްކުވޭ މަށަކީ އެމީހުންގެ ދަރިއެއް ނޫންކަން، އެކަމަކު އަހަރެން އެމީހުން ކައިރީ ނާހަމޭ އެސުވާލެއް އެމީހުން ދެރަވެދާނެތީ.” ތަނާ އަނެއްކާވެސް ލޯފޮހެލި އެވެ.
“އަހަރެން ގިސްލަމުން ރޮމުން ބައްޕަ ކައިރިއަށް ގޮސް ބައްޕަގެ އަތުގައި ހިފާ އެއީ ތެދެއްތޯ އެހުމުން ބައްޕަ އަހަރެންގެ އަތް ފޮޅުވާލާފައި ބުނީ، ‘ތި ކުއްޖާއާއި ހެދިޔޭ މިހާރު ދިރިއުޅުން ވެސް މިހާ އުނދަގުލަކަށް ވެގެން މި އުޅެނީ.’ އަޅެ އަހަރެންގެ ހިތަށް އަރާނެ އެއްޗަކާއި މެދު އެމީހުން ކުޑަކޮން ވެސް ވިސްނާ ނުލަޔޭ. މީ އެމީހުން ލޯބިން ބަލާ ބޮޑުކުރި ކުއްޖާޔޭ، މަށަށް މިހާލު ޖައްސަން އެޑޮޕްޓް ނުކުރިނަމަ މާ ރަގަޅުވީސް ކަންނޭގެ. އަހަރެން ނުބުނަމޭ އެމީހުން ކައިރީ އަހަރެން ބަލާދޭށެކޭ. ޔަތީމު ކުއްޖެއްގެ ގޮތުގައި ބޮޑުވަން ބެހެއްޓިނަމަ މިހާ ހިތްދައްޗެއް ނުވީސް.” ތަނާ ބާރަށް އަނެއްކާވެސް ރޯން ފެށި އެވެ. އަބްޔާންއަށް ދުރުގައި ނުހުރެވިގެން އައިސް ތަނާގެ އަތުގައި ހިފާލި އެވެ. އަދި ހިތްވަރު ދިނެވެ. ދެން ނުރޯން ބުންޏެވެ.
“ތަނާ ދެން އެމީހުން ގެއިން ނެރެލީތަ؟” އަހްޔާން އަހާލި އެވެ.
“ނޫނޭ، ތިހިސާބަކަށް އަދިއެއް ނުދޭ. އަދި ނުބުނޭ ގެއިން ނުކުންނާކަށް. އެގަޑީގަ ޒުވާބު ކޮށްފަ އަހަރެން ވެސް ފްރެންޑަކާއި އެކު ގޮސް ކްލަބްގަ އުޅެފަ ގެއަށް އައީ. އައި އިރު ދޮރު ހުރީ ތަޅުލާފަ. ހީވަނީ ބައްޕަ ވެސް މަންމަ ވެސް މިރޭ ގެއިން ބޭރުގަ ހޭދަކުރާ ދުވަހެއްހެން.” ތަނާ ބުންޏެވެ.
އެވަގުތު އެތަނަށް ޑޮކްޓަރ އައެވެ. އަދި ތަނާ ރަގަޅަށް ބަލައިލާފައި ގެއަށް ދިއުމުގެ ހުއްދަ ދިނެވެ.
“ތަނާ، އަންނަންވީނު މިރޭ މިގޭގަ އޮންނަން، ޕޭރަންޓްސް އަިއމަ ގެއަށް ދާނީ.” ގެއަށް އައިސް ވަދެވުމުން އާލިޔާ ތަނާ ކައިރީ ބުންޏެވެ.
“ނޫނޭ، މިހާރު ވެސް ތިމީހުނަށް ކިހާ އުނދަގުލެއް ކުރެވިއްޖެ. ދެން އިތުރަށް ހެލްޕް ނުވިޔަސް އޯކޭ ވާނެ.”
“ތަނާ މިހާރު ތީ ދުރު މީހެއް ނޫނެއްނު، އަނެއްކޮޅުން ތީ އަހަރުމެންގެ ނެއިބަރ އެއްނު. ނެއިބާރސް އެކަކު އަނެކަކަށް ހެލްޕް ވާން ޖެހޭނެނު. ސޯ ޕްލީސް ކަމް.” އަހްޔާން ވެސް ތަނާ ކައިރިން އެދުނެވެ.
“އޮންލީ ފޮރ ޓުނައިޓް.” އަބްޔާން ބުނެލި އެވެ. ތަނާ އެންމެ ފަހުން އެއްބަސް ވިއެވެ.
އޭގެ ފަހުން ވެސް އެތަކެއް ދުވަހު ތަނާއަށް އެކުދިން އެހީވި އެވެ. އެންމެ ފަހުން ގިނަ ދުވަސްތައް ތަނާ ހޭދަކުރަން ފެށީ އެގޭގަ އެވެ. އަމިއްލަ ގޭގައި މަންމައާއި ބައްޕަގެ ޒުވާބު އަޑުއަހަން ހުންނަން ބޭނުން ނުވާތީ އައިސް އުޅެން ފެށީ އަބްޔާންމެން ކައިރީ އެވެ. ދުވަސް ކޮޅަކުން އާލިޔާ ރަށަށް ދާން ޖެހުނެވެ. އާލިޔާ ނުކިޔަވާތީ ބޭކާރު ހަރަދެއްކުރަން އާލިޔާ އެތާ ނުބަހައްޓަން ވެގެން ގެންދިޔައީ އެވެ. ދެންވެސް ތަނާ އެ އެޕާރޓްމެންޓަށް އައުން ހުއްޓައެއް ނުލަ އެވެ. އަބްޔާން ޑިގްރީއަށް ކިޔަވަމުން ދިޔައީ ބިޒްނަސް އެވެ. އަހްޔާން ކިޔަވަމުން ދިޔައީ މެރިން ރިސާޗް އެވެ. އެހެން ކަމުން ގިނަ ވަގުތު ޔުނިވާރސިޓީގައި އަހްޔާންއަށް އުޅެން ޖެހެ އެވެ. އަބްޔާން ގިނަ ވަގުތު ހޭދަ ކުރަނީ ގޭގަ އެވެ. އަހްޔާންއަށް ވުރެން އަބްޔާންއާއި ތަނާގެ ގުޅުން ބަދަހިވާން ފެށީ އެހެންވެ އެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާން ފެށީ ކޮން އިރަކު ކަމެއްވެސް ނޭގެ އެވެ. ގާތް ވާން ނުވާހާ ކައިރީ އެއްކޮން ދެމީހުނަށް އުޅެވެން ފެށި އެވެ. ބައެއް ދުވަސް ދުވަހު އަހްޔާން އަންނައިރު އެއް ސޯފާތެރޭ ގުޅައަކަށް ދެމީހުން ތިބެދާނެ އެވެ. ނޫނީ ކޮޓަރި ތަޅުލައިގެން ނިދާފައި ވެސް ތިބެދާނެ އެވެ.
އެހާ ގާތް ގުޅުމެއް ދެމީހުންގެ އުފެދިފައި އޭރު އޮތެވެ. އެހާ އަވަހަށް އަބްޔާންއަށް އެގުޅުމާއި ދުރަށް ދާން ދިމާވި އަސްލު ސަބަބެއް އަހްޔާންއަކަށް އަދިވެސް ނޭގެ އެވެ. އަބްޔާން ކައިރީ އެހުމުން އަބްޔާން ގެ ޖަވާބަކަށް ވަނީ އެއީ ގުޅިގެން އުޅެވޭނެ ކަހަލަ އަންހެނެއް ނޫން ކަމަށެވެ. ތަނާ ކައިރީ އެހުމުން ތަނާ ބުނަނީ އެއީ ކުއްހީއެއް ވެގެން ކަމަށެވެ. އަހްޔާން އެތަކެއް އިރު އުނދޯލީގައި އޮތެވެ. ތަނާއާއި މެދު ވިސްނާށެވެ.
ޒައިދާން ޓީ ވީ ބަލަން އިނދެފައި ތެދުވީ ޔަޒަންގެ ހަބަރެއް ނުވާތީ އެވެ. ޔަޒަން ކޮޓަރިއަށް ދިޔައީ ކުރަހާ ފޮތް ބަލައެވެ. އިރުކޮޅެއް ވީއިރުވެސް ނާދެ އެވެ.
“ދަރިފުޅާ! ޔަޒަން؟” ސިޑިން މައްޗަށް އަރަމުން ޒައިދާން ގޮވާލި އެވެ. އެއްވެސް ޖަވާބެއް ނައެވެ. ޒައިދާން މައްޗަށްއަރާ ޔަޒަންގެ ކޮޓަރި ހުޅުވާލި އެވެ. އެނދުކައިރީ ހުރި ކަބަޑުގެ ވަތްގަނޑު ހުޅުވައިގެން އެ ހާވަން ޔަޒަން އިނެވެ. “ދަރިފުޅާ، ކީއްތަތި ކުރަނީ؟” ޔަޒަން ކައިރީ އިށީންނަމުން ޒައިދާން ބުނެލި އެވެ.
“ބައްޕާ، ބަލާލަ… މިއޮތީ އެއްކަލަފަށް…” ރީތި ރަތްކުލައިގެ ފޮށްޓެއް ޒައިދާން އަތަށް ޔަޒަން ދިނެވެ. “ގުރޭ އާންޓީއަށް މަންމަ ގަނެދިން ފަށްތީ.”
ޒައިދާން އެ ފޮށި ހުޅުވާލި އެވެ. އެއީ ވަރުދާ އޯޑަރުކޮށްގެން ބޭރުން ގެނައި އެމެރަލްޑް ފަށެކެވެ. އެއީ ވަރުދާގެ އެންމެ އެކުވެރި ގުރޭޝާގެ އުފަން ދުވަހުގެ ހަދިޔާއަކަށް ދޭން ގެނައި ފަށެކެވެ. ވަރުދާއާއި އެކު އެދުވަހު ގުރޭޝާވެސް ވަނީ ދުނިޔެ ދޫކޮށްފަ އެވެ. ޒައިދާން އެ ފަށުގައި އަތްހާކާލި އެވެ. އެއީ ނުހަނު އަގުބޮޑު ފަށެކެވެ. އެހާ އަގުބޮޑު ފަށެއް ވަރުދާ އަމިއްލަ ކަރުގައި އަޅަން ވެސް ނުގަނެ އެވެ.
“ބައްޕާ. ދެން ތި ފަށަށް ކިހިނެއް ހަދާނީ؟” ޔަޒަން ޒައިދާންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ބުންޏެވެ.
“މިފަށް ދަރިފުޅު އަތުގަ ކީއްވެ؟” ޒައިދާން ހައިރާން ވެފައި އަހާލި އެވެ. ޔަޒަން ކޮނޑު އަރުވާލި އެވެ. ނޭގެޔޭ ބުނާ ފަދައަކުންނެވެ. ޒައިދާން އެ ފޮށި ލައްޕާލި އެވެ.
“އައިޑިއަރ!” ކުއްލިއަކަށް ޔަޒަން ފުންމައިގެން ތެދުވި އެވެ. ޒައިދާން ޔަޒަންއަށް ބަލަން އިނެވެ. “ބައްޕާ، އުޅޭ ތި ފަށް ޖަންނަދައްތައަށް ދޭން… ޖަންނަދައްތަ ކިހާ ރަގަޅު. ޔަޒަން ދެކެ ރުޅިއެއްވެސް ނާދޭ. ޔަޒަން ބޭނުން ހުރިހާ ކަމެއްވެސް ކޮށްދޭ.” ޔަޒަން އެހެން ބުނުމުން ވިސްނާލުމެއް ނެތި ޒައިދާން ޔަޒަންއަތަށް އެފަށް ދިނެވެ.
އެދުވަހު ޔަޒަން ޖަންނަތު މެންގެއަށް ގެންދަން ޖެހޭ ދަބަހަށް އެންމެ ކުރިން އެފަށް ލި އެވެ. ޔަޒަން ހުރީ ނިކަން އުފާވެފަ އެވެ.
ޖަންނަތުއާއި އަބްޔާންއާއި ދެމީހުން ވެސް އެދުވަހު އުޅުނީ އަވަދި ނެތި އެވެ. އެއީ ނިކަން މަސައްކަތް ގިނަ ދުވަސްކޮޅެކެވެ. ނަސީރު އައި އިރު ދެމީހުންވެސް ތިބީ މަސައްކަތައް ގެއްލިފައި ކަމުން ނަސީރު އައި ކަމެއް ވެސް ދެމީހުނަށް ވެސް ނޭގެ އެވެ. ނަސީރު ކަރު ކެހިލުމުން ދެމީހުނަށް ވެސް ބަލައިލެވުނެވެ. އަދި ޖަންނަތުއާއި އަބްޔާންއާއި ދެމީހުނަށް އެއްފަހަރާ ކޮޅަށް ތެދުވެ ވުނެވެ.
“ވަރަށް ބިޒީ ދޯ؟” ޖަންނަތުއަށް ބަލައިލާފައި ނަސީރު އަހާލި އެވެ. “ނަސީރުބޭ މިއައީ ޒައިދާންއާއި ބައްދަލުކޮށްލަން.”
“މިވަގުތު ޒައިދާން ބޭރުގަ ވީ.” ޖަންނަތު ބުނެލި އެވެ.
“އެހެންތަ.” ނަސީރު ފުރަގަހަތައް އަތްލަމުން މަޑުމަޑުން ޖަންނަތުގެ މޭޒު ކައިރީ އައިސް ހުއްޓުނެވެ.
“އަދި ޖަންނަ ކައިރީ ބުނަން ޖެހޭ ވާހަކައެއް ވެސް އެބައޮތޭ.” ނަސީރު ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ. “އެއްކަލަ، ވިޔަފާރި ވެރިންގެ ހަފްލާ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އޮންނާނެ. ޖަންނަމެން ހުރިހާ ކުދިންވެސް އެދުވަހަށް ތައްޔާރުވެގެން ހުންނަން ވާނީ އިނގޭ. ދެން މާ ގިނަ ދުވަހެއްވެސް ނެތެއްނު.”
“ނަސީރުބޭ، ހޮނިހިރު ދުވަހު ދަނީ ރޭކުރާ ގޮތަށްތޯ؟” ޖަނަނތު އަހާލި އެވެ. “މިހެން މިބުނީ އަޅުގަނޑުމެން މިހާރު މާލެގޮސް ތިބޭނެ ތަނެއް ނުހުންނާނެ، އެހެންވެ.”
“ތިކަމާ އެކޮއެމެން ހާސްވާނެ ކަމެއްނެތް. ހުރުމާ ކެއުމާ ނަސީރުބެ ހަމަޖައްސާނަން.” ނަސީރު ހިނިތުން ވެލަމުން ބުނެލި އެވެ. އަދި އަބްޔާންއަށް ބަލައިލި އެވެ. “އަބީ، ދަރިފުޅާ… ބައްޕަ ހިޔެއްވެސް ނުކުރަން ދަރިފުޅު ތިގޮތުގަ ފެންނާނެ ކަމަކަށް. މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ. ބައްޕަ ބޭނުންވަނީ ބައްޕަގެ ވިޔަފާރި ހިންގަން ގާބިލު މީހަކަށް އަބީ ވާން.” ނަސީރު އެހެން ބުނުމުން އަބްޔާންގެ ހިތަށް ވެރިވެގެން ދިޔަ އުފާވެރިކަން މޫނުމަތިން ފާޅުވެގެން ދިޔަ އެވެ.
“ދެން އަވަހަށް މަސައްކަތައިގެން ކުރިއަށް ދޭ… އަދި ޒައިދާން ދުރުވުމުން އަހަރެން އައި ވާހަކަ ބުނެލާތި.” އެހެން ބުނެފައި ނަސީރު ނުކުމެގެން ހިގައްޖެ އެވެ.
އަބްޔާންއާއި ޖަންނަތު އެކަކު އަނެކަކަށް ބަލައިލި އެވެ. މިހާރަކަށް އައިސް ދެމީހުން ދޭތެރޭ ކޮންމެވެސް ވަރެއްގެ ނޭގޭ ބީރައްޓެހި ކަމެއް ވަނީ އުފެދިފަ އެވެ. ޖަންނަތު އަވަހަށް އިށީނދެ ކުރަމުންދިޔަ ކަންތައް ކުރިއަށް ގެންދަން ފެށި އެވެ. އަބްޔާން ވެސް އިށީނދެ އޭނާގެ މަސައްކަތް ކުރަން ފެށި އެވެ.
ޖަންނަތުއަށް އެދުވަހު ގެއަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު ޔަޒަން ފެންވަރުވައިގެން އައިސް ރީތިކުރަން އާޔަތު އުޅެ އެވެ. ޖަންނަތު ފެނުމާއި އެކު ޔަޒަން އަވަސްވެގަތީ ޔަޒަން ގެނައި ފަށް ޖަންނަތުއަށް ދޭށެވެ. ޔަޒަން ފަށް ދިނުމުން ޖަންނަތު އޭގައި ހިފީ ޔަޒަން ދިން ފަށަކަށް ވާތީ އެވެ. ޖަންނަތުއަކީ ފަށް އަޅާ މާގިނަ ގަހަނާ އަޅާ މީހެއްނޫނެވެ. ނަމަވެސް އޮފީހަށް ދާއިރު ހިމަ ކެވެލިކޮޅެއް އަޅާލަ އެވެ.
“ދައްކާލަބަލަ ބަލައިލަން ތި ފަށް.” ޖަންނަތު އަތުގައި އޮތް ފޮށި އަތުލަމުން އާޔަތު ބުނެލި އެވެ. އާޔަތު އޭގެން އެފަށް ނެގި އެވެ. ޖަންނަތުއަށް ވެސް އެފަށް ފެނުނީ ދެނެވެ.
“ތުއްތާ، މީހާދަ އަގުބޮޑު ފަށެށްހެން ހީވެޔޭ. މަށަށް ހީވަނީ މީ އައިދައިގެ ފަށެއްނޫންހެން.”
ޖަންނަތު އައިސް އެފަށް އަތުލާ ރަގަޅަށް ބަލައިލި އެވެ. ތެދެކެވެ. އެއީ އަގުހެޔޮ އެއްޗެކޭ ނުބުނެ ވޭނެ އެވެ. ޖަންނަތު އެފަށް ލާފައި އޮތް ފޮށި ބަލަިއިލި އެވެ. ޕިޔޯ އެމެރަލްޑް ޖަހާފައި އޮތްތަން ފެނުމުން ޖަންނަތު ލޯބޮޑުވި އެވެ.
“ޔަޒަން؟” ޖަންނަތު ޔަޒަންއަށް އެފަށް ދައްކާލަމުން ގޮވާލި އެވެ. “މީ ޔަޒަން ބައްޕަ ދިން ފަށެއްތަ؟”
“ތީ ޔަޒަން ދިން ފަށެއް ޖަންނަ ދައްތައަށް.”
“ޔަޒަން ކޮންތާކުން ހޯދި ފަށެއް؟”
“މީ އަސްލު މަންމަ ގުރޭދައްތަ ބާރތްޑޭގަ ދޭން ވެގެން ގަނެފަ އޮތް ފަށެއް. މިހާރު ގުރޭދައްތައެއް ވެސް މަންމަ އެއްވެސް ނެތެއްނު، އަނެއްކާ ޔަޒަންމެންގޭގަ އުޅެނީ ބޯއީސް. އެހެންވެ ޔަޒަން ޖަންނަދައްތައަށް ދޭން މިފަށް މި ގެނައީ.”
“އޯހް ޔަޒަން ދޫނީ، ޖަންނަދައްތައަކަށް ނުކެރޭނެ މިފަށް ގަބޫލުކުރާކަށް. ޔަޒަން ބައްޕައަށް އިނގޭނެތަ ޔަޒަން މިފަށް ގެނައިކަން.”
“އާން، ބައްޕަ އޯކޭޔޭ ބުނީމަޔޭ މިގެނައީ.”
ޖަންނަތު މާނޭވާއެއް ލަމުން އާޔަތުއަށް ބަލައިލި އެވެ. ޖަންނަތު ހުރީ ކަންބޮޑުވެފަ އެވެ.
“ދެން ތުއްތަ ފަށް ނާޅަންޏާ މަށަށް ދީ.” އާޔަތު ހުރެފައި ބުންޏެވެ. ޖަންނަތު ބޯހޫރާލަމުން އެ ފަށް ފޮށްޓައް ލިޔެވެ. އަދި ޒައިދާންއާއި ވާހަކަދައްކަން ނިންމި އެވެ.
ހަވީރު ޒައިދާން އައުމުން ޖަންނަތު ޒައިދާންއާއި އެފަށާއި ބެހޭ ގޮތުން ސުވާލު ކުރި އެވެ. ޒައިދާން ވެސް ދިނީ ޔަޒަން ދިން ކަހަލަ ޖަވާބެކެވެ. ޖަންނަތު އެވަރުން ހިތްހަމައެއް ނުޖެހުނެވެ. މީހެއް އަތުން އެހާ އަގުބޮޑު ހަދިޔާއެއް ޖަންނަތު ބޭނުމެއް ނޫނެވެ.
“ޒައިދާން، ޕލީސް އަޅުގަނޑަކަށް މި ގިފްޓެއް އެކްސެޕްޓެއް ނުކުރެވޭނެ.”
“ޖަންނާ، ތީ ޔަޒަން ދިން އެއްޗެކޭ. އޭނަ ދޭހިތުން ދިން އެއްޗެއް.”
“ޒައިދާން، ޔަޒަން އެއްޗެއް ދޭހިތުން ދެންޏާ ތަންކޮޅެއް އާދައިގެ އެއްޗެއް ދިނަސް އަހަރެން މާ އުފާވީސް. މިހާ އަގުބޮޑު….”
“ޖަންނާ، ޕްލީސް ތި ގަބޫލު ކުރޭ، ހިތަށް އަރުވާލާ ޔަޒަން ބަލައިދޭތީ އަހަރުމެން ދިން ހަދިޔާ އެކޭ.”
“ޒައިދާން، އަޅުގަނޑު ޔަޒަން ބަލައިދެނީ އެއްވެސް އުޖޫރައަކަށް ނޫން. އަދި އެއްޗެއް ދޭނެތީއެއް ވެސް ނޫން.”
“ޖަންނާ، ޖަންނަ ތި ގަބޫލު ނުކޮށްފިއްޔާ އަހަންނަކަށް ދެން ނުކެރޭނެ ޔަޒަން މިގެއަށް ގެންނާކަށް.”
“ޒައިދާން ތިހެން ނުބުނުއްވާ، އިންސާނުން އެކަކު އަނެކަކުގެ ފަރާތުން މަދަދަށް އެދި އެހީތެރި ވާން ޖެހޭ. މިއަދު ޒައިދާންއަށް އަޅުގަނޑުމެން މި އެހީވީ. މާދަމާ އަޅުގަނޑުމެން ޒައިދާން ކައިރިއަށް އެހީއަށް އެދި ދާން ޖެހިދާނެ، އެވެދާނެ ތި ފަށަށް ވުރެން އަގުބޮޑު ކަމެއް ކަމަށްވެސް.” ޖަންނަތު ދެއްކި ވާހަކައާއި މެދު ޒައިދާން ވިސްނާލަން ހުއްޓެވެ. “އެހެން ނޫނަސް އަޅުގަނޑުމީ އެހާ ގަހަނާ އަޅާ މީހެއްނޫން. މިއަދު މިފަށް ޒައިދާން ގެންގޮސްފި ނަމަ، އަޅުގަނޑަށް ބޮޑު މުސީބާތެއް ޖެހުމުން ހަމަ ގައިމުވެސް ޒައިދާން ކައިރިއަށް އެހީއަށް އެދި އަޅުގަނޑު ދާނަން.”
“ތިހެންވިއްޔާ އޯ ކޭ. ޖަންނަތު ތިބުނި ބަސް އަހަރެން ހަދާނެއް ނުނެތޭނެ. އެއީ ކިތަންމެ ބޮޑު ކަމެއްވިޔަސް އަހަރެން އެދުވަހަކުން ކޮށްދޭނަން. އެކަމަކު ފަސް ނުޖެހި އަހަރެން ކައިރިއަށް ޖަންނަތު އަންނަންވާނެ. ޕްރޮމިސް ކުރޭ.” ޒައިދާން ނިކަން ސީރިއަސް ވެފައި ހުރެ ބުންޏެވެ.
“އައި ޕްރޮމިސް.” ޒައިދާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ސާބިތުވެ ހުރެ ޖަންނަތު ބުނެލި އެވެ. ޒައިދާން ވެސް ބޯޖަހާލަމުން ޖަންނަތު ދިއްކޮށްލައިގެން ހުރި ފޮށީގައި ހިފި އެވެ.
ހޮނިހިރު ދުވަސް އައިސްފި އެވެ. ހެދުނާ ލޯންޗު ފުރަން އޮތީ ހަމަޖެހިފަ އެވެ. ޖަންނަތުއާއި އާޒަތުގެ ހިތަށް ހިތްހަމަ ޖެހުމެއް ނެތެވެ. އާޔަތުއާއި ޒީނަތު ހީވަނީ އީދު އައިސްގެން އުޅޭ ހެނެވެ. އަރާނެ ފައިވާނާއި ގަހަނާވެސް ދެމީހުން ހަމަ ކުރި އެވެ. އާޒަތުއާއި ޖަންނަތު ތިބީ ނަސީރުބޭ ހަދަން އުޅޭ ގޮތަކާއިމެދު ބިރު ހީވެފަ އެވެ.
ފިޔާތޮށިގޭ ކުދިން އަތިރިމައްޗަށް އައި އިރު ގްރީން ވިލާ އެންމެން ވެސް ތިބީ އަތިރި މަތީ އެވެ. އެންމެން ހަމަ ވުމުން ލޯންޗަށް އެރުމަށް ނަސީރު އެދުނެވެ. ޖަންނަތުމެން ލޯންޗަށް އަރާ އިށީން ވަގުތު ޔަޒަން ގޮވައިގެން ޒައިދާންވެސް އައިސް ލޯންޗަށް އެރި އެވެ. ޖަންނަތުއަށް ޒައިދާން ވެސް އެދަތުރުގައި ބައިވެރި ވާކަން އިނގުނީ އެވަގުތު އެވެ.
ލޯންޗު އައިސް މާލެއަށް ލެފުމުން އެންމެން ލޯންޗުން ފޭބި އެވެ. ޒައިދާން ޔަޒަންއާއި އެކު އަވަހަށް ގޮސް ކާރަކަށް އެރި އެވެ. ދެން ތިބި މީހުން މިސްރާބު ޖެހީ ނަސީރު މާލޭގައި ކުއްޔަށް ހިފާފައި ހުންނަ ދެބުރީގެ ގެއަށެވެ. އެއީ ރަށުގެ މީހުން ބޭސް ފަރުވާއަށް ވެސް އައިސް ބައެއް ފަހަރު ތިބެލަން ނަސީރު ހިފާފައިވާ ގެއެކެވެ.
އެންމެން ގޮސް ގެއަށް ވަންއިރު ގޭގައި ގެންގުޅޭ ބިދޭސީ މީހެއް ކަމަށްވާ ސަމްސުއްދީން ހުރީ އެންމެނަށް ނާސްތާ ތައްޔާރު ކޮށްފަ އެވެ. އެންމެން ވެސް އަވަހަށް ކައިގެން ބެލީ އަރާމުކޮށްލަން ކޮޓަރިތަކަށް ވަދެވޭތޯ އެވެ. ތިރީ ބުރީގައި ހުރި ހަމަ އެކަނި ކޮޓަރި ނަސީރުގެ ދެމަފިރިންނަށް ހަމަ ޖެއްސުމަށްފަހު މަތީގައި ހުރި ދެކޮޓަރި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ހަމަޖައްސާލި އެވެ.
ޖަންނަތު އައިސް އެހެން އެންމެނާއިއެކު ކޮޓަރިއަށް ވަނެވެ. އެއީ މާކަ ބޮޑު ކޮޓަރިއެއް ނޫނެވެ. ޑަބަލް އެނދަކާއި ބަންކު އެނދެއް އެކޮޓަރީގައި ހުރިއިރު ފާހާނާ ކައިރީ ބޮޑު އަލަމާރިއެއް ވެސް ހުއްޓެވެ. އާޔަތު އައިސް ބަންކް އެދުގެ މަތީއެނދަށް އެރި އެވެ.
“އަހަރެންނަށް މި އެނދު.” އާޔަތު ބުނެލި އެވެ. އާލިޔާއާއި ޒީނަތު ނެގީ ޑަބަލް އެނދެވެ. ޖަންނަތު އަވަހަށް ބަންކު އެނދުގެ ތިރީ އެނދުގައި ޖައްސާލި އެވެ. ވެފައި ހުރި ވަރުބަލިން ޖަންނަތުއަށް ނިދުނީ އެވެ. ނިދުނުތާ މާގިނަ އިރެއް ވެސް ނުވެ އެވެ. ހޭލެވުނީ ހިދާޔާ އައިސް ޖަންނަތުއަށް ގޮވާ އަޑަށެވެ.
“ކީކޭ ހިދާޔާއްތާ؟” ޖަންނަތު އެނދުގައި އިށީނަމުން ދޮރުމަތީ ހުރި ހިދާޔާއަށް ބަލައިލި އެވެ. އޭރު ކޮޓަރީގައި އެކަކު ވެސް ނެތެވެ.
“ޖަންނާ، ހިދާޔާއްތައަށް ކަމެއް ކޮށްދީބަލަ.” ހިދާޔާ އެތެރެއަށް ވަންނަމުން ބުންޏެވެ.
“ކޮން ކަމެއް؟”
“ދޭ ބަލަ ބުރުގާގަ ޖަހާ ގޮފިކޮޅެއް ގަނެލަދޭން، ހިދާޔާއްތަ މިރޭ ލާ ހެދުމާ އެއްކޮން ބުރުގާގަ ޖަހާލާނެ ރީތި ގޮފިކޮޅެއް ނެތީމަ، އެކުން ޖަންނަތު ކައިރީ މިބުނީ ހިދާޔާއްތައަށް މާލޭގަ ހިނގާކަށް ނޭގޭނެ ވިއްޔަ، އެހެންވެ.”
ޖަންނަތު ތެދުވި އެވެ. އަދި ދެން އެހެންމީހުން ކޮބައިތޯ ހިދާޔާ ކައިރީ އަހާލި އެވެ. އާލިޔާއާއި އެކު ޒީނަތުއާއި އާޔަތު ބޭރަށްގޮސް ވީކަމުގައި ހިދާޔާ ބުންޏެވެ. ޖަންނަތު ފުންނޭވާއެއް ލިޔެވެ. މާލޭގެ ގިނަ ފިހާރަތަކެއް ޖަންނަތުއަށް ވެސް މާކަ ރަގަޅަކަށް ނޭގެ އެވެ. ނަމަވެސް ހިދާޔާ ކައިރީ ޖަންނަތު އެހެން ނުބުނީ ހިދާޔާ ހިތަށް އަރާފާނެ އެއްޗަކާއި މެދު ވިސްނާލާފަ އެވެ.
ޖަންނަތު ތައްޔާރު ވެލައިގެން ތިރިއަށް ފޭބިއިރު އަހްޔާންއާއި އާޒަތު ޓީވީ ބަލަން ތިއްބެވެ. ކާމޭޒު ދޮށުގައި ފައިލު ތަކެއް ހުޅުވައިގެން ނަސީރު އިނެވެ. ޖަންނަތު ގެއިން ނުކުތް އިރު އަބްޔާން ދޮރުމަތީ ހުއްޓެވެ.
“ކޮންތާކަށް ތި ދަނީ؟” ޖަންނަތު ހިގައި ގަތުމުން އަބްޔާން ބަލަން ހުރެފައި އަހާލި އެވެ.
“މިދަނީ ބުރުގައިގަ ޖަހާ ދައްޗެއް ގަންނަން.”
“މަންމަ ބުނެގެން ދޯ؟” ޖަންނަތުއާއި އެކު ހިގައި ގަންނަމުން އަބްޔާން ބުންޏެވެ. ޖަންނަތު ބޯ ޖަހާލި އެވެ.
ޖަންނަތުއަށް ދާނެ ވަކި ފިހާރައެއް ނޭގެ އެވެ. އެބުނާ ކަހަލަ ދަތި ހުންނަނީ ކޮންތާކު ކަމެއް ނޭގެ އެވެ. ފަހަތުން އަބްޔާން އައިކަން އެއީ ނަސީބެވެ. އަބްޔާން ވެއްދި ފިހާރައިން ހިދާޔާ ބޭނުން ވެގެން އުޅޭ ކުލައެއް ނުލިބުނެވެ. އެހެން ކަމުން އަބްޔާން ޖަންނަތު ގެންދިޔައީ ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށެވެ. ނަމަވެސް އެހިސާބަށް ދިޔަތަނުން ނަމާދު ވަގުތު ވެގެން ފިހާރަ ބަންދު ކޮށްފި އެވެ.
“ދެން ކިހިނެއް ހަދާނީ؟” ޖަންނަތު ކަންބޮޑު ވެފައި އަހާލި އެވެ.
“ޑޯންޓް ވޮރީ.. ހިނގާ އެހެރަތަނުން އެއްޗެއް ބޯލަން، ފިހާރަ ހުޅުވަން ދެން މިތާ ކައިރީ އުޅޭނީ، ދެން މިހިސާބަށް އާދެވުނީމަ ގަނެގެންނު ދާންވާނީ.” އަބްޔާން ބުނެލި އެވެ.
ޖަންނަތުއާއި އަބްޔާން ކުރިމަތީ ހުރި ކެފޭއަށް ވަދެ ފިނި ބުއިމެއް ބޯލި އެވެ. ދެމީހުން އެތާ ތިބެގެން އެކި އެކި ވާހަކަ ދެއްކި އެވެ. އަބްޔާން ޖަންނަތުއަށް މާގިނައިން ބަލާހެން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ޖަންނަތު އެކަމަކަށް އަޅައެއް ނުލަ އެވެ. ޖަންނަތުގެ ހިތަށް ހިތްހަމަ ޖެހުން ގެނުވައިދީފައި ވަނީ އަބްޔާންއާއި އެކު ވަގުތު ކޮޅެއް ހޭދަވާތީ އެވެ. މިހާ ގިނަ ވަގުތެއް މީގެ ކުރިން ދެމީހުން އެއްކޮން ހޭދައެއް ނުކުރެ އެވެ. އެތާ ތިބެފައި ނުކުމެގެން ގޮސް ތިބީ ކައިރީގައި އޮތް ޕާރކުގެ ހިލަ ގޮނޑިތަކުން ގޮނޑީއެއްގަ އެވެ. އަބްޔާން އެހެން އިނދެފައި ބައެއް ފަހަރު ސަމާސާ ކޮށްލަ އެވެ. ބައެއް ފަހަރު ޖަންނަތު ވާހަކަ ދައްކާ އިރު ބަލަހައްޓައިގެން އިނދެ އެވެ. ދެމީހުންގެ ހިތުގައި ވާ ނޭގޭ ޖަޒުބާތުގައި މަޑު މަޑުން ކުލަ ޖެހެމުން ކުލަ ގަދަވަމުން ދިޔައީ ދެމީހުނަށް ވެސް ނޭގި ތިބެ އެވެ.
ފިހާރަތައް ހުޅުވަން ފެށުމުން އަވަހަށް ދެމީހުން ގޮސް ހިދާޔާގެ ބުރުގާ ގޮފިކޮޅު ގަތެވެ. ނަސީބަކުން ގަނެވުނީ ނިކަން ރީތި ގޮފިކޮޅެކެވެ. ހިދާޔާއަށް ވެސް ގޮފިކޮޅު ރީތިވި އެވެ.
ހަފުލާގެ ގަޑި ކައިރިވި ވަރަކަށް ޖަންނަތުގެ ހިތުގެ ހިނގުން ވެސް ދިޔައީ ބާރު ވަމުންނެވެ. ޒީނަތުއާއި އާޔަތު ހީވަނީ އެމީހުންގެ އަމިއްލަ ކައިވެންޏަށް ތައްޔާރުވާން އުޅޭ ބައެއް ހެނެވެ. އަނެއްކޮޅުން އާލިޔާ އެމީހުން ތައްޔާރުކޮށްދިނުމަށް ހުރީ އަތުކުރި އޮޅާލައިގެނެވެ.
“ޖަންނާ، މިރޭ ޖަންނަވެސް ވާނެ މޭކަޕް ކުރަން.” އާލިޔާ އާޔަތުގެ އިނގިލި ތަކުގައި ކުލަޖައްސައިދޭން އިނދެފައި ބުނެލި އެވެ.
“ނޫން، އެހާ ވަރުގަދަ މޭކަޕެއް އަހަރެން ނުކުރާނަން، އާދައިގެ ސިމްޕަލް މޭކަޕެއް ކުރާނީ.”
“އާންއެކޭ، ޖަންނައާ ގުޅޭ ކަހަލަ މޭކަޕެކޭ ކުރާނީ… އަހަރެން އިނގޭ ކޮށްދޭނީ.” އާލިޔާ އިނީ އެންމެން ނިކަން ނަލަ ހައްދާ ހިތުންނެވެ. ޖަންނަތު އަނގައިން ނުބުނެ އިނެވެ. އެއަށް ވުރެން ބޮޑަށް ޖަންނަތު ހާސްވަނީ މި ހަފްލާގެ އަޑި ނޭގޭތީ އެވެ. ޖަންނަތު ފޯނަށް މެސެޖެއް އައުމުން ޖަންނަތު ބަލައިލި އެވެ. އެއީ އާޒަތުގެ މެސެޖެކެވެ.
“ތުއްތާ، މަށަށް އަދިވެސް ހީވަނީ މި ޕާރޓީ މީ އަހަރުންނާ އެކަށީގެން ވާ ޕާރޓީއެއް ނޫން ހެން. އާޒަތު ލިޔެފައި އޮތެވެ.
“ތުއްތަ ވެސް މި ވިސްނަނީ ތިކަމާ.”
“ހިނގާ އަހަރުމެން ގޭގަ ތިބެން.”
“އޭރުން ނަސީރުބޭ ކީކޭ ހިތަށް އަރާނީ؟”
“ދެން އެކަމު ތުއްތާ، އިޓްސް ރިއަލީ ވަޔާރޑް.”
“ކީއްތަ ތި ކުރަނީ؟”
“މިތިބީ ކޮޓަރީގަ.”
ކޮން ބައެއް ކޮޓަރީގަ ތިބީ؟”
“އަބީބެ އާ މަށާ.”
“އަބީ ކީއްކުރަނީ؟”
“ހަމަ އޮތީ ނޭގެ ކީއްވެފަ ކަމެއް… ވަރަށް ބޮޑު ވިސްނުމެއްގަ ކަންނޭގެ.”
ދެމީހުން ފޯނުން ޗެޓު ކުރަމުން ދިޔަ އެވެ. ދެކޮޓަރީގެ ހާލަތު ކިޔާދެމުން ދިޔަ އެވެ. ދެމީހުންގެ ހާސްކަން ފިލުވުމަށް ޓަކައި އެއަށް ވުރެން ވަކި ރަގަޅު ކަމެއް ނުފެނުނެވެ.
ހަފުލާއަށް ދާ ވަގުތު ކައިރި ވެއްޖެ އެވެ. އާލިޔާ ޖަންނަތުގެ މޭކަޕުކޮށްލަ ދީފައި އަމިއްލައަށް ރީތި ވެގެން ތިރިއަށް ފޭބި އެވެ. ޖަންނަތުއަށް އާލިޔާ ކުރި މޭކަޕް ކަމު ނުދިޔަ އެވެ. އެހެން ކަމުން ތިރިއަށް ނުދާން ޖަންނަތު އިނެވެ.
“ތުއްތާ؟ ނަސީރުބޭ ބުނުއްވީ އަވަހަށް އަންނާށޯ ދާން، މިހާރު އެންމެން އެބަތިބި ތިރީގަ.” އާޒަތު އައިސް ދޮރު ހުޅުވާލާފައި ބުންޏެވެ. އޭރު ޖަންނަތު އެނދުގައި އިށީނދެގެން އިނދެ ޓީޝޫ އަކުން މަޑުމަޑުން މޭކަޕް ފިލުވަނީ އެވެ.
“ނަސީރުބޭ ކައިރީ ބުނޭ އެންމެން ގޮވައިގެން ދާށޭ އޭރުން މަށާ އާޒަތާ ވަކިން ދާނީ. އެހެން ނޫނަސް އެންމެނަކަށް އެއްކާރަކަށް ނުވެސް އެރޭނެނު.” ޖަންނަތު ލޯކައިރި ފޮހެލަމުން ބުނެލި އެވެ. އާޒަތު ޖަންނަތުއަށް ބަލަން ހުރެލާފައި ތިރިއަށް ފޭބި އެވެ. އަދި ޖަންނަތު ބުނި ވާހަކަ އެންމެން ތިއްބާ ބުންޏެވެ.
“އާން، އެއީ ވެސް ތެދެއް. އެއްބަޔަކު ދާންވީ، އަބީއާ ޔާނުއާ މަޑުކުރޭ ޖަންނަ ގޮވައިގެން އަންނަން.” ނަސީރު އެހެން ބުނެފައި ހިގައި ގަތެވެ. ދެން ތިބި މީހުން ނަސީރު ފަހަތުން ހިގައި ގަތެވެ. އާޒަތު ހިގައި ގަނެފައި ވެސް މަޑުކުރި އެވެ. ޖަންނަތު ބަހައްޓާފައި ދާން އާޒަތުއަށް ނުކެރުނެވެ.
އަހްޔާންއާއި އާޒަތު ސޯފާގައި ތިބީ ކޮންމެވެސް ވާހަކައެއް ދެއްކުމުގަ އެވެ. އަބްޔާން ޖަންނަތު ނުފައިބައިގެން ސިޑިކައިރީ ހުއްޓިލައިގެން ހުރެފައި މައްޗަށް ބަލައިލަ އެވެ. ދެކޮޅަށް ހިނގާލަ އެވެ. އަނެއްކާވެސް ސިޑިކައިރީ ހުއްޓިލަ އެވެ. އެ ހާލެއްގައި އުޅެނިކޮން ޖަންނަތު ދޮރު ހުޅުވާލި އަޑު އިވުނެވެ.
އަބްޔާން މައްޗަށް ބަލަން ހުއްޓެވެ. ޖަންނަތު މަޑުމަޑުން ސިޑިން ތިރިއަށް ފައިބައިގެން އަންނަތަން ފެނުނެވެ. އަބްޔާންގެ އެތެރޭގައި ވާ ހަންހާރަވެތިކަން އުތުރިގަތެވެ. ޖަންނަތު ފެނުމުން ލޭނާރުތަކުގެ ހިނގުން އަވަސްވެ ހިތުގެ ތެޅުން އާދަޔާ ހިލާފަށް ބާރު ވެއްޖެ އެވެ. ޖަންނަތުގެ ރީތިކަމާއި މެދު އާޝޯޚް ވެފައި އަބްޔާންއަށް ހުރެވުނީ އެވެ.
ޖަންނަތު މަޑު މަޑުން ބަލައިގެން އައީ ލައިގެން ހުރި ހެދުން ކުޑަކޮން ދިގުވުމުން އެއަށް އެރިފައި ސިޑިން ވެއްޓިދާނެތީ އެވެ. ނަމަވެސް އަބްޔާން ބަލަން ހުރުމުން ޖަންނަތުއަށް ވީގޮތެއް ވެސް ނޭގުނެވެ. އެންމެ ފަހު ހަރުފަތުގައި ހުރެފައި ތިރިއަށް ފައި އެޅި ވަގުތު ޖަންނަތުއަށް ހެދުމަށް އެރުނީ އެވެ. އެރިފައި އަރިއަޅާލައިގެން ވެއްޓެން ދިޔަ އެވެ.
4 Comments!
Comments are closed.
So pretty… Vvvvvvvvvvv. Interest. Me story ves.
Varah hama nujehey vaahakayeh
❤?❤?
Whn is next part..??..vv rythi vahaka.. ..keep it up