Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 11 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 7, 2016 9 Mins Read
11 Comments

އަޒްކާއާއި ހިބާ ހައިރާން ވެފައި އަޒުމީލުއަށް ބަލަން ތިއްބެވެ. ހިބާ ބުނީމަ ދޮންބެ ބަދަލު ވާން ތައްޔާރަށް އެހުރީ ދޮންބެއަށް ހިބާ ވަރަށް ހާއްސަ ވީމަތާ އެވެ. އަޒްކާ ހިތަށް އަރަމުން ދިޔަ އެވެ. ދޮންބެއަށް ހިބާ ކަހަލަ ރަގަޅު ކުއްޖެއް ލިބިއްޖެ ނަމަ އެންމެ އުފާ ވާނީ އަޒްކާ އެވެ.

އަނެއްކާ އަޒްމީލުގެ ހިތުގައި ވަނީ ކޯޗެއްބާ އެވެ. އަޒުމީލު އެހާ އަވަހަށް އެއްބަސް ވުމުން ހިބާ ހުރީ ހައިރާން ވެފަ އެވެ.

އެދުވަހު ހަތަރު ދަމު ވާރޭ ވެހުމަށްފަހު މިހާރު ވަނީ ވިއްސާރަ ހުއްޓާ ލައިފަ އެވެ. ބޭރުތެރެ އަދިވެސް ވަރަށް ފިންޏެވެ. އަޒްކާއާއި ހިބާ ކިލާހުން މާ އަވަހަށް ގެއަށް އައީ އެއް ގަޑި ކެންސަލް ވުމުންނެވެ. ހިބާއާއި އެކު އަޒްކާ އައިސް ވަން އިރު ފައުޒާންއާއި މާޒް ސޯފާ ގައި ތިބީ މާ ފޯރި ގަދަ ފުޓުބޯޅަ މެޗެއް ބަލާށެވެ. ހިބާއާއި އަޒްކާ އައިސް ވަނީ ބަދިގެ އަށެވެ. ފެން ބޮއެގެން އަޒްކާ ހިބާއަށް މާޒް ދައްކާލި އެވެ.

“އެއީ އެދުވަހު އަޒްކާ ބުނި ކުއްޖަކީ. އެކަމަކު އަދި އެހެން މީހަކަށް މިވާހަކަ އެއް ނޭގޭނެ އިނގޭ. ހިބާ ވެސް މިވާހަކަ ސިއްރު ކޮށްދީފަ ބާއްވަން ޖެހޭނީ. މާޒް ބުނެފަ އޮތީ އަދި ނުބުނަށްޗޭ.” އަޒްކާ ބުންޏެވެ. ހިބާ ހުރީ އަނގަ ހުޅުވިފަ އެވެ. ކުރީ ދުވަހަކު އަޒްކާ ވަނީ އަޒްކާ ވެސް ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ވާހަކަ ހިބާ ކައިރީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކުއްޖެއް ކަމެއް އެދުވަހަކު ނުބުނެ އެވެ. ހިބާ ހުރީ ހައިރާން ވެގެން އަނގަ ހުޅުވިފަ އެވެ. އަޒްކާ މާޒްއާއި ރައްޓެހި ވެގެން އުޅޭ ކަމެއް މީގެ ކުރިއަކުން އެނގިފައެއް ނެތެވެ. އަދި އެކަހަލަ ޝައްކެއް ވެސް ވެފައި ނެތީ އެވެ.

“އެކަމަކު މާޒް ތަ؟” ހިބާ ހައިރާން ވެފައި ހުރެ އަހާލި އެވެ.

“އާން. ދެން މާ ބާރަށް ތިހިން ކިޔާނެ ކަމެއް ނެތް. ދެނަހުރި ކަމަށްވެސް ނަހަދާތި އިނގޭ.” އަޒްކާ ބުންޏެވެ. ހިބާ ބޯ ޖަހާލި އެވެ.

“އެކަމަކު ހަމަ މާޒް ތަ؟ ފައުޒާންއަށް އެނގޭތަ؟” ވައި އަޑުން ހިބާ އަހާލި އެވެ. އަޒްކާ ހިބާގެ އަތުގައި ހިފައިގެން ބޭރަށް ނިކުންނަމުން އަމިއްލަ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން މަޑުން ހުރުމަށް އިންޒާރު ދިނެވެ.

އަޒްކާއާއި ހިބާ ނިކުތް ތަނުން ފައްވާޒްއާއި ރިފާވެސް ވަރަށް ރީތި ވެލައިގެން ކޮޓަރިން ނިކުތްތަން ފެނުނެވެ.

“އައްދޭ، ދެކުދިން ކޮންތާކަށް؟” އަޒްކާ ފައްވާޒްމެން ދެމަފިރިންނަށް ބަލައިލަމުން އެހެން ބުނި އަޑަށް ސޯފާގައި ތިބި މާޒް އާއި ފައުޒާން ވެސް އެދިމާލަށް ބަލައިލި އެވެ.

“މިދަނީ ގާޑިޔަލަށް ކުޅިކޮން މަޖާ ކާލަންދާން.” ފައްވާޒް އަނގައަށް ހުތް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

“އަޅެ އަޒްކާ ވެސް ދާހިތް ވޭ.” އަޒްކާ ބުންޏެވެ.

“އަޒްކާ މެންވެސް ހިނގާ ދާން.” ފައްވާޒް ލޮލުގެ އިށާރާތުން އަޒްކާއަށް މާޒް އާއި ފައުޒާން ދައްކާލި އެވެ.

“ޒާންބޭ ހިންގާބަލަ އަޒްކޮމެން ގޮވައިގެން ދާން. ޕްލީސް.” އަޒްކާ ޓީވީ ކުރިމައްޗަށް އަރާ ފައުޒާންއާ ދިމާއަށް ބުންޏެވެ.

“ނުސީދާކޮން ތި ބުނަނީ މާޒް ކައިރީ ދޯ.” ފައުޒާން އަޒްކާއާއި ދިމާ ކޮށްލުމަށް ބުންޏެވެ. އަޒްކާއާއި މާޒްގެ ގުޅުމުގެ ކަންތައް ފައުޒާންއަށް މާކުރިންވެސް އެނގެއެވެ. އަޒްކާގެ މޫނުމަތި ރަތްވެގެން ދިޔައީ ފައްވާޒްމެން ތިއްބާ އެގޮތަށް ފައުޒާން ދިމާކޮށްލީމަ އެވެ.

“ދެން ހަމަ ޒާންބޭ.” އަޒްކާ ލަދުގަނެގެން ބުންޏެވެ. އަދި ފައުޒާންއާއި މާޒްގެ ކައިރިއަށް އައިސް ހުއްޓިލި އެވެ.

“މައްސަލައެއް ނެތޭ މާޒް ވިއަސް.” ވަރަށް މަޑުމަޑުން ބުންޏެވެ. ފައުޒާން މާޒްއަށް ބަލައިލި އެވެ.

“ލިބުނު ފުރުސަތު ދޫކޮށް ލާކަށް ނުވާނެނު،” މާޒް ހިނިގަޑެއް ޖަހާލަމުން ތެދުވަމުން ބުންޏެވެ. “ކޮބާ ނަދޫއަށް ވެސް ގުޅަން ވީނު. ނަދޫވެސް ގެންދަން ވާނެނު.” މާޒް ބުނެލި އެވެ. ފައުޒާންއަށް ހިބާއާއި ދިމާއަށް ބަލައިލެވުނެވެ. އޭރުން ހިބާއަކަށް ނުދެވޭނެ އެވެ. އަނެއްކާ އިތުރު ސައިކަލެއް އޭރުން ޖެހޭނީ ހޯދާށެވެ.

“ނަދޫ ދާނެ ހެނެއް ހިޔެއްނުވޭ.” ފައުޒާން ތެދުވެ ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލަމުން ބުންޏެވެ.

“އަޅެ ގުޅާލަ ބަލަ.” ފައްވާޒް ބުންޏެވެ.

ފައްވާޒް ބުނުމުން ފައުޒާން ނަދުވާއަށް ގުޅާލި އެވެ. ނަދުވާ ފޯނު ނެގުމުން ފައުޒާން ނަދުވާއާއި ވާހަކަ ދައްކަން ތަންކޮޅެއް ދުރަށް ޖެހިލި އެވެ. ހިބާ އެތާ ހުރެލައިފައި މައްޗަށް ދިއުމަށް ހިގައި ގަތެވެ.

“ހިބާ މަޑުކޮށްބަލަ،” ފައުޒާން ބުންޏެވެ. ހިބާ އޭރު ސިޑީގެ އެއް ހަރުފަތައް ހުރީ އަރަ އެވެ. ހިބާ ފަހަތަށް ބަލައިލި އެވެ. “ނަދޫ ބޮލުގަ ރިއްސާތީ ނުދެވޭނެ ޔޯ. އެހެންވީމަ ހިބާއަށް ޒާންއާ އެއްކޮން ދެވޭނެނު.”

ހިބާ ފައްވާޒްއާއި ދެން ތިބި އެންމެނަށް ބަލައިލި އެވެ. އެންމެން ވެސް ތިބީ ހިބާގެ ޖަވާބަކަށް ބޭނުން ވެފަ އެވެ.

“އޯކޭ، ދެވިދާނެ.” ހިބާ އެންމެ ފަހުން ބުންޏެވެ.

“އަވަސް ކުރޭ ހިންގާ ދާން މަންމަ ޑިއުޓީ ނިމިގެން އަންނަން ވާއިރަށް ގެއަށް އަންނަން ޖެހޭނެ.” ރިފާ ހުރެފަ ބުންޏެވެ.

ބޭރަށް ނުކުތުމުން ޖެހެމުން ދިޔަ ތެތް ފިނި ވައިރޯޅިން ހިތާ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ އެވެ. އެންމެން ސައިކަލުގައި މިސްރާބު ޖެހީ ލޮނުޒިޔާރަތްކޮޅު އުސް ފަސްގަނޑާ ދިމާ އަށެވެ. އެރޭ ވިއްސާރަވެ ފިނި ކަމުން އެހިސާބުގައި މީހުން ވެސް ވަރަށް މަދެވެ. އެތަނުން ގާޑިޔަލެއް ކައިރީ ހުރި ގޮނޑިތަކުގައި އެންމެން އިށީނދެގެން ތިބީ އަނބު މަޖަލަށް އޯޑަރު ދީފަ އެވެ.

އެހެން ތިބެގެން ދައްކަމުން ދިޔައީ އެކިތަންތާ ހިގާފަ ހުރި ބިރުވެރި ހަދިސާ ތަކުގެ ވާހަކަ އެވެ. ރިފާ މެންރަށު ކުއްޖެއް ޖިންނި މޮޔަވި ގޮތުގެ ވާހަކަ ކިޔައި ދިނުމުން ހިބާ އިނީ ވަރަށް ބިރުންނެވެ. ގޮނޑީގައި އެއްފޫ ޖައްސައިލައިގެން ހިބާއިނީ ޖެހެމުންދިޔަ ވައި ބާރުވަމުން ދާތީ އެކަމާ ވެސް ހިތް ބިރު ގަންނަ ގޮތް ވެފަ އެވެ. އެހެން ތިއްބާ ކައިރީގައި ހުރި ރުކަކުން އެއްޗެއް ވެއްޓުމުން ހިބާ ފުންމައިގެން ތެދުވެ ގޮސް އެރީ ޖެހިގެން އިން ގޮޑީގައި އިން ފައުޒާންގެ އުނގަށެވެ. ހިބާ ހެދިގޮތުން އަޒްކާއަށް ވެސް ބިރުން ތެދުވެ ވުނެވެ. އެންމެނަށް އެދިމާއަށް ބަލައިލެވުނު އިރު އެއީ ހިކިފުޅަތްޕެއް ކަން އެގުމުން އެންމެން ހޭން ފެށި އެވެ. ހިބާވެސް އެދިމާ ބަލައި ލާފައި އެއީ ކޯޗެއްކަން އެގުމުން ގަތް ލަދުން އަވަހަށް ފައުޒާންގެ އުގުން ތެދުވި އެވެ. އަދި އިސް ޖަހާލައިގެން ހުރެ ސިއްރު ސިއްރުން ފައުޒާންއަށް ބަލައިލި އެވެ. އޭރު ފައުޒާން ވެސް ހިނި އައިސްފައި ހިބާއަށް ބަލަން އިނެވެ. ހިބާގެ މޫނުމަތި ރަތް ވެގެން ދިޔަ އެވެ. އެތަކެއް އިރު ހުނުމުގައި ވޭތިވެގެން ދިޔަ އެވެ.

އެންމެން ފޯރީގައި މަޖާކަމުން ދަނިކޮން އެހެން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި ނަދުވާ އިންދާ މާޒްއަށް ފެނުނެވެ. އެއީ ނަދުވާކަން ކަށަވަރު ކުރަން ގޮނޑިން ތެދުވެ ފަހަތަށް އެނބުރި ވެސް މާޒް ބަލައިލި އެވެ. މާޒް އެނބުރިފއި ފައުޒާންއަށް ބަލައިލި އިރު ފައުޒާން ވެސް ހުރީ އެ ދިޔަ ސައިކަލާ ދިމާއަށް ބަލާށެވެ. ފައުޒާން މާޒްއަށް ބަލައިލި އެވެ. އަދި ޖީބުން ފޯނު ނަގާ ވަރަށް އަވަހަށް ނަދުވާއަށް ގުޅާލި އެވެ. ނަދުވާ ފޯނަށް ޖަވާބެއް ނުދިނެވެ. ފައުޒާން މާޒްއާއި ދިމާއަށް ބަލައިލަމުން ބޯ ހޫރާލި އެވެ. ދެން ނަދުވާ މަންމަ ނަދީމާއަށް ފައުޒާން ގުޅާލި އެވެ.

“ނަދޫ ދެންމެ އޮފީސް ކުއްޖަކާ އެކު ބޭރަށް ދިޔައީ.” ނަދީމާ ފޯނުން ފައުޒާން ކައިރީ ބުންޏެވެ. ފައުޒާން ގޮނޑީގައި އިށީނީ ވިސްނުމެއްގެ ތެރޭގައި އިނދެއެވެ.

“ކިހިނެއްވީ؟” ފައްވާޒްއަށް ފައުޒާން އަށް ވެފައި އިންގޮތް ފެނުމުން އަހާލި އެވެ.

“ކަމެއް ނުވޭ.” ފައުޒާން އިންގޮތަށް އިނދެ ބުންޏެވެ. އެވާހަކަ އިތުރު މީހަކަށް އަންގާކަށް ފައުޒާން ބޭނުމެއް ނޫނެވެ. މާޒްއަށް އެކަން ވިސްނިގެން މާޒްވެސް ދެނަހުރި ކަމަށް ނަހަދާ އަނެއްކާ ވެސް ގޮނޑީގައި އިށީނެވެ.            “އަޅެ އަދި ނަދޫއަށް ގުޅާލަ ބަލަ.” މާޒް އިރުކޮޅެއް ފަހުން އެންމެން ތެދުވެ އަތިރިއާ ދިމާއަށް ހިގައި ގަތުމުން ފައުޒާން ކައިރިއަށް އައިސް ބުންޏެވެ. ފައުޒާން އަނެއްކާ ވެސް ނަދުވާއަށް ގުޅާލި އެވެ. ދެފަހަރަކަށް ރިންގު ވުމަށްފަހު ފޯނު ނެގި އެވެ.

“ހެލޯ،” ނަދުވާގެ އަޑު އައެވެ. ” މަޖާ ކާކަށް ނުދަންތަ؟” ނަދުވާ އަހާލި އެވެ.

“ނޫނޭ، މަޖާކާން މިތިބީ. ނަދޫ ކޮންތާކު؟” ފައުޒާން ވަރަށް އާދައިގެ ގޮތަކަށް ބުނެވޭތޯ މަސައްކަތް ކުރި އެވެ.

“ނަދޫ ގޭގައެއްނު މިއޮތީ. ބޮލުގަ ރިއްސާ ރިއްސާ މިހާރު ހޮޑުވެސް ލަވާ އެބަ.” ބަލި އަޑެއް ނެރެމުން ނަދުވާ ބުންޏެވެ.

“އެހެންތަ. ހާދަ އަޑު ގަދައޭ. ޓީ.ވީ ހުޅުވައިގެން ދޯ ތިއޮތީ؟” ގަސްތުގައި ފައުޒާން ނޭގޭ ކަމަށް ހެދި އެވެ.

“އާން. ޓީ.ވީ ބަލަން މިއޮތީ. އެކަމަކު ދެން މި އުޅެނީ ނިދަން.” ނަދުވާ ބުންޏެވެ.

“އާން. ޓޭކް ރެސްޓް. ގުޑް ނައިޓް.” ފައުޒާން ފޯނު ކަނޑާލި އެވެ. ފައުޒާންއާއި ދިމާއަށް ބަލަން މާޒް ހުރިތަން ފެނުމުން ފައުޒާން ނަދުވާ ބުނި ވާހަކަ މާޒްއަށް ކިޔައި ދިނެވެ. އަދި ދެން ހަދަންވީ ކިހިނެއްތޯ މާޒް ކައިރީ އަހާލި އެވެ.

“ފައުޒާންއަށް ދޮގު ހަދަންވީ ކީއްވެބާއޭ މާޒް މި ހިތަށް އަރަނީ. ތިކަމުގަ ކޮންމެސް ގޯހެއް އެބަ އުޅޭ.” މާޒް ބުންޏެވެ.

“އާން.ފައުޒާން ދުވަހަކުވެސް ނަދޫ ބޭރަށް ގޮސްގެން އެއްޗެއް ނުބުނަން. ދެން ނަދޫ ދޮގު ހަދަންވީ ސަބަބެއް ނޭގެ.” ފައުޒާން ވެސް ބުންޏެވެ.

ހިބާއާއި އަޒްކާ އެކަކު އަނެކަކު ފަހަތުން ދުވަނީ އަތްލާ ކުޅެމުންނެވެ. ރިފާވެސް އެމީހުނާ ބައިވެރި ވެގެން އަތްލާ ކުޅެން އުޅެއެވެ. ފައްވާޒް ފަޓުލޫނު ޖީބަށް އަތް ޖަހާލައިގެން ހެވިފައި އެދިމާ ބަލަން ހުއްޓެވެ.

ޒާން އެތާ އެންމެ އިރުކޮޅަކު ވެސް މަޑުކުރަން ބޭނުމެއް ނުވި އެވެ. ފައުޒާންއާއި ހެދި އެހެން މީހުނަށް ވެސް ޖެހުނީ ގެއަށް އަންނާށެވެ. ވީގޮތެއް ވެސް މާޒް ފިޔަވާ އެހެން މީހަކަށް އެގެނީއެއް ނޫނެވެ. އެހާ އަވަހަށް ކުއްލި އަކަށް ފައުޒާންގެ މޫޑު ހަރާބު ވުމުން އެންމެން ވެސް ތިބީ ހައިރާން ވެފަ އެވެ.

އެންމެން ގެއަށް އައިސް ލިފްޓަށް އެރުނީ އެންމެނަށް ވެސް އެއްކޮނެވެ. ފައުޒާން ނަދުވާ މެން ބަޔަށް މަޑު ކުރުމުން އެހެން މީހުން ދިޔައީ ގެއަށެވެ.     ފައުޒާން މިހާ އަވަހަށް ގެއަށް މިއައީ ނަދުވާ އާއި ދުރުގަ ނުހުރެވިގެން ތާއެވެ. ހިބާ ހިތަށް އަރަމުން ދިޔައެވެ. ފައުޒާންއަށް ނަދުވާއާއި ނުލާ ނޫޅެވެނީ އެވެ. ނަދުވާދެކެ ކިހާ ލޯބި ވޭ ހެއްޔެވެ. ނަދުވާ ނުދާތީ ފައުޒާންއަށް މަޖާ ވެސް ނުވީ އެވެ. ހިބާ ތަފާތު ހިޔާލު ތަކެއްގައި އައިސް ފާހާނަާއަށް ވަދެ ރީތިވެގެން ނިދަން އޮށޯތެވެ. އޭރުވެސް ހިބާގެ ހިތުގައި އެނބުރެމުން ދަނީ ފައުޒާންގެ ހިޔާލު ތަކެވެ.

ފައުޒާން ނަދުވާމެން ބަޔަށް ވަންއިރު ނަދީމާ އިނީ ސޯފާގައި އިށީދެގެން ފޮތިގަނޑެއްގައި މާ ޖަހާށެވެ. ފައުޒާން ފެނުމުން އަދިވެސް ނަދުވާ ނާންނަ ކަމުގައި ނަދީމާ ބުންޏެވެ. ނަދުވާ އަންނަން ދެން ފައުޒާން މަޑުކުރާނެ ކަމުގައި ބުނުމުން ނަދީމާ ވެސް އެތާ ގިނައިރު ނީދެ ނިދަން ދިޔައީ އެވެ. ފައުޒާން ޓީވީ ބަލަން އިނެވެ. އެތައް އިރެއް ވީ އިރުވެސް ނަދުވާއެއް ނައެވެ. ނަދުވާއަށް ގުޅަން ހިތަށް އަރާފައި ވެސް އަންނަ އިރެއް ބަލައިލަން ހަމަ މަޑުކޮށްލާ ހިތް ވީ އެވެ. އެތަށް އިރަކު ޗެނަލް ބަދަލު ކޮށްލަ ކޮށްލާ ފައުޒާން އިނެވެ.

އެކެއް ޖަހަން ކައިރިވެފައި ހުއްޓާ ނަދުވާ އައިސް ވަންތަން ފެނުމުން ފައުޒާން ޓީވީ ނިވާލާފައި ތެދުވި އެވެ. ނަދުވާއަށް ފައުޒާން ފެނުމުން ސިހިގެން ދިޔައެވެ. ނުތަންވަޅު ގަޑިއެއްގައި ފައުޒާން ފެނުމުން ހައިރާން ވެސް ވިއެވެ. އަދި ހެދި ދޮގު ފަޅާ އެރުމުން ދެން ކިޔާނެ އެއްޗަކާ މެދު ވިސްނެން ފެށި އެވެ.

“ނަދޫވާ، ޒާން ނާހާނަން ކޮންތާކުންތޯ ތި އައީކީ. އެކަމަު ޒާން ބޭނުންވަނީ ނަދުވާ އެންމެ ސުވާލަކަށް ޖަވާބު ދޭން.” ފައުޒާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފަކަން ފައުޒާންގެ އަޑާ ވާހަކަ ދައްކާ ރާގުން އެނގެ އެވެ.

“ޒާން… ނަދޫ… ޒާން…” ނަދުވާ އަށް ބުނާނެ އެއްޗެއް ނޭގުނެވެ.

“ނަދޫ، ޒާން އެއްވެސް އިރަކު ނަދުވާ ބޭރަށް ދިއުން މަނާ ކުރިތަ؟ ޒާން އެއްވެސް އިރަކު ނަދުވާ ދަނީ ކާކާ އެއްކޮންތޯ ކޮންތާކަށްތޯ އަހާތަ؟ ނާހަމެއްނު. ދެން ނަދުވާ ޒާންއަށް ދޮގު ހަދަންވީ ސަބަބެއް ބުނެދީ ބަލަ.” ފައުޒާންގެ އަޑު ކުޑަކޮން ބާރު ވަމުން ދިޔަ އެވެ.

“ޒާން ނަދޫ ހަމަ ދެންމެ…. ނަދޫ އެހާ..” ނަދުވާ ބުނަން އުޅުނު ޖުމްލަ ނުނިމެނީސް  ފައުޒާން ވާހަކަ ދައްކަން ފެށި އެވެ.

“ނަދޫ ފައުޒާން ނާހާނަން ނަދޫ ދިޔައީ ކާކުގެ ސައިކަލު ފަހަތެއްގަ ތޯއެއް. އެކަމަކު ފައުޒާން މި އަހަނީ ދޮގު ހަދަން ޖެހުނު ސަބަބު ބުނެދީ ބަލާށޭ. ޒާންއަށް ފެނުނޭ ނަދޫ ސައިކަލެއްގެ ފަހަތުގައި އިންދާ. އެއީ ނުވައެއް ޖަހާކަންހާއިރު. ނަދޫއަށް އޭރު ޒާން ގުޅީމަވެސް ނަދޫ ފޯނެއް ނުނެގި، އަނެއްކާ ފަހުން ގުޅީމަ ފޯނު ނަގާފަވެސް ދޮގު ހެދީ. އެހެންވެ މި އަހަނީ ނަދޫ ކައިރީ ދޮގު ހެދީ ކީއްވެހޭ.” ފައުޒާންގެ މޫނު މަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

“ނަދޫ، ޒާންއާ އެއްކޮން އުޅެން ބޭނުން ނުވަންޏާ ރީތިކޮން ބުނީމަނު އެނގޭނީ. ނަދޫއަށް އެހެން ކުއްޖެއް ދެކެ ލޯބި ވެވުނަސް ބުނީމަތާ އެނގޭނީ.” ފައުޒާން ބުންޏެވެ.

“ޒާން، އެހެން މިހެއްދެކެ ނަދޫ ލޯތްބެއް ނުވޭ. ޕްލީސް ޒާން ރުޅި ނާދެބަލަ.” ނަދުވާގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. ނަދުވާގެ މޫނުމަތިން ފާޅުވާން ހުރި މާޔޫސް ކަމަކުން ފައުޒާން އަށް ޖެހުނީ ރުޅި މަޑު ކުރާށެވެ.

“މީ ލާސްޓް ފަހަރު އިންގޭ ނަދޫ. ދެން ޒާންއަށް ދޮގެއް ހެދިކަން އެނގިއްޖެއްޔާ ޒާންއާއި ނަދޫގެ ގުޅުން ކެނޑުނީ ކަމަށް ނަދޫ ބަލަން ޖެހޭނީ،” ފައުޒާން ބުންޏެވެ. އަދި އެގެއިން ދިއުމަށް ހިގައި ގަތެވެ. “ދެން ދަނީ، ގުޑް ނައިޓް.” ފައުޒާން ރުންކުރު ގޮތަކަށް ބުންޏެވެ.

ނަދުވާ ދުވެފަ އައިސް ފައުޒާންގެ ފުރަގަހަތުން ފައުޒާން ގައިގައި އޮޅުލައި ގަތެވެ. އަދި ބާރަށް ރޯން ފެށި އެވެ.

“ޒާން، ނަދޫއަށް ސޮރީ. ޕްލީސް ޒާން، ނަދޫ ދެން އެގޮތަކަށް ނޫޅޭނަން. އައި ޕްރޮމިސް.” ނަދުވާ ރޮމުން ބުންޏެވެ.

“ދެން އެކަން އެއޮތީ ވެނިމިފަނު. ޒާންވެސް މި ދަނީ ނަދޫއަށް ފޮރގިވް ކޮށްފަނު،” ފައުޒާން ހަމަޖެހޭގޮތް ދައްކަމުން ނަދުވާއާއި ދިމާއަށް އެނބުރުނެވެ. “ޒާން ނިދަން މިދަނީ މިހާރުވެސް ވަރަށް ލަސް ވެއްޖެ.” ފައުޒާން ނަދުވާގެ ނިތްކުރިއަށް ބޮސްދިނެވެ. ނަދުވާ މާބާރަށް ރޯތީވެ ފައުޒާން ބޭނުންވީ ނަދުވާ ހިތަހަމަ ޖައްސާލަ ދޭށެވެ. ނަދުވާ ރުއިން ހުއްޓާލަން ދެން ފައުޒާން މަޑުކުރި އެވެ.

ފައުޒާން ގެއަށް އައިސް ނިދަން ވަންދެން އޮތީ ވެގެން ދިޔަ ކަންތައްތަކާ މެދު ވިސްނާށެވެ. ކަނޑައެޅިގެން ނަދުވާ ދޮގު ހެދީ އެ ފިރިހެން ކުއްޖާއާއި އެކު އެ ދާތާކަށް ދާން ކަން ފައުޒާން އަށް އެނގި ހުރެ އެހާ ފަސޭހައިން ނަދުވާ އަށް މާފުދީފައި އެއައީ އެކަންތައް ބޮޑު މައްސަލަ އަކަށް ނަހަދަން ވެގެންނެވެ. ނަމަވެސް އެއީ ފައުޒާން ހިތްހަމަ ޖެހޭ ގޮތެއް ވެސް ނޫނެވެ.

އެގޮތަށް މީގެ ކުރިން ވެސް ނަދުވާ ވަނީ އުޅެފަ އެވެ. ފައުޒާންއާއި ރައްޓެހި ވުމުގެ ކުރިން ނަދުވާ އަކީ އެކި ފިރިހެން ކުދިންނާ އެކު އެކިރޭ ހޭދަކުރަމުން ގެންދިޔަ މީހެކެވެ. ފައުޒާންއަށް ވެސް އެކަން އެނގެ އެވެ. ނަމަވެސް ނަދުވާ ކިޔަ ކިޔައިގެން ފައުޒާން ނަދުވާއާއި ރައްޓެހިވީ ނަދުވާގެ އެވިޔާނުދާ ގޮތް ދޫކޮށްލާނަމޭ ބުނުމުންނެވެ. ނަދުވާއާއި ރައްޓެހިވީ ފަހުން ނަދުވާ ދެކެ ފައުޒާންއަށް ވެސް ލޯބި ވެވުނީ އެވެ. އަދި ނަދުވާގެ އަވައިގައި ޖެހި ފާފައަށް ވެސް އަރައި ގަނެވުނީ އެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ތާ އަބަދު އަންހެން ކުއްޖެއް ކައިރީގައި އެންބުރެންޏާ ލޯބި ވެވޭނެ ނޫން ހެއްޔެވެ. އަދި ތާ އަބަދު ގައިގައި ކޭތިކޭތި އުޅެންޏާ ވާނީ އެހެން ނޫން ހެއްޔެވެ. ނަމަވެސް މިހާރު ފައުޒާންއަށް ކުރެވުނު ކަންތަކާ މެދު ފައުޒާން ދެރަވެ އެވެ. އެގޮތަށް ނަދުވާއާއި އެކު ނޫޅެވުނު ނަމައޭ މިހާރު ފައުޒާން ހިތަށް އަރަ އެވެ. އެތަކެއް ހިޔާލުގައި ނުނިދިފައި ފައުޒާން އޮތެވެ.

*    *    *    *    *    *    *    *    *    *    *    *    *

އެއީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓްގެ އަންނަ މީހުން ނިކުންނަ ދޮރު ކައިރީ އެތުރިލައިގެން ފައުޒާންއާއި، ފައްވާޒްއާއި، މާޒް އަދި އަޒްމީލް ތިއްބެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ އަޒްމީލްގެ ދޮންތަ އަޒުމާ ނުކުންނަ އިރަކަށެވެ. އަޒުމާއަކީ އެންމެނާ ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. އަޒުމާއަކީ އާއިލާ އެކަތި ގަނޑަކަށް ހަދާ ލީޑަރެވެ. އާއިލާގެ އެންމެނާ ހަމަހަމަކޮން ވާހަކަ ދައްކާ އާއިލީ ކަންތައްތައް ރާވާ ވަޒީރެވެ. އަޒުމާގެ ފަހތުުގައި ކުޑައިރުން ފެށިގެން އެންމެ ނަގާކިޔަން އުޅޭ ގުރޫޕަކީ ފިރިހެން ގުރޫޕެވެ. އެއީ މިހާރު އަޒުމާގެ އިންތިޒާރުގައި އެތިބަ ހަތަރު ފިރިހެނުން ނެވެ.

އިރުތަކެއް ފަހުން ޓްރޮލީއެއް ކޮށްޕަމުން ނިކުތް ގަދަ ނޫކުލައިގެ ބޮޑު ހެދުމެއް ލައިގެން ނޫކުލައިގެ ޝޯލްއެއް ބޮލުގައި އަޅާފައިވާ ދޮންދޮން ހިމަތޮޅިއަންހެން ކުއްޖަކާ ދިމާއަށް އެންމެން ދުއްވައި ގަތެވެ. ކުއްލިއަކަށް އަޒުމާގެ ކުރިމައްޗަށް އެންމެން އެރުމުން އަޒުމާ ދިޔައީ ސިއްސައިގެނެވެ. ނަމަވެސް ހުރީ ވަރަށް ހިނިއައިސް އުފާވެފަ އެވެ.

“އަޒޫ، ތިގޮތަށް ހެދުން ލައިގެން ތިއައީ އަހަރުމެންނަށް އޮޅުވާލަން ދޯ.” މާޒް ބުންޏެވެ.

“ދޮންތަ ތިހިން ހުރީމަ ވަރަށް ތަފާތު.” އަޒުމީލު ބުންޏެވެ.

އަޒުމާއަށް އަޒުމީލު ފެނުމުން ހައިރާން ވެފައި ބަލަން ހުއްޓެވެ. އަދި އައިސް އަޒުމީލު ގައިގައި އޮޅުލައި ގަތެވެ.

“ކިހާ ރީތި މިހާރު. މިހާރު ފިރިހެނެއް ވައްތަރު ޖަހާ.” އަޒުމާއަށް އަޒުމީލު ބޯކޮށާފައި ހުރިތަން ފެނުމުން ބުންޏެވެ.

“ދެންމެ އެއައީ ކޮށައިގެން.” މާޒް ބުންޏެވެ. އަޒުމީލު ބޯކޮށަން ދިޔައީ މާޒް ގޮވައިގެންނެވެ.

“ދެން ތި ކަރުގަ ތިއޮތް ފަށްތަކާ އަތުގަ ތިހިރަ ބައިވަރުތައްވެސް ނެގީމަ ވަރަށް ހަރުދަނާ ވައްތަރު ޖަހާނެ،” އަޒުމާ ބުންޏެވެ. އަދި ފައުޒާން އާއި ފައްވާޒްއަށް ބަލައިލި އެވެ. “އައްދޭ ތި ދެމީހުން ވާހަކަ ނުދައްކަ ތި ތިބެނީ ކިހިނެއް ވެގެން؟” އަޒުމާ ފައުޒާންއާއި ފައްވާޒް އަށް ބުންޏެވެ.

“ޒާން މިހާރު ވަރަށް ބިޔަ ވެއްޖެދޯ. ހީވަނީ ހީރޯއެއް ހެން،” އަޒުމާ ހިނިގަޑެއް ޖަހާލި އެވެ. “ވާޒްދޮންބެގެ ވައިފް ކޮބައިތަ؟ ވަރަށް ރަގަޅު މަންޖެއެކޭ ބުނާއަޑު އިވޭ.” އަޒުމާ ފައްވާޒްއަށް ބަލައިލަމުން ހީލި އެވެ.

“ދެން ހިނގާބަލަ ދާން. ރޯދަ ގެއްލިދާނެ މިތާ މާގިނައިރު ވަންޏާ.” މާޒް އެތާތިބި ގެސްޓުންތަކެއް ކާތަން ދައްކާލަމުން ބުންޏެވެ.

“ދޮގެއްނޫން. އަވަހަށް ހިނގާ ދަމާ.” އަޒުމާ އެދިމާއަށް ބަލައިލަމުން ބުންޏެވެ.

އަޒުމާ ދޯނީގައި އިނދެގެން ގޭ އެންމެންގެ ވާހަކަ އަހަމުން ދިޔަ އެވެ. އަޒުމާއަށް ނޭގޭ އެއްވާހަކައެއް ވެސް ނެތެވެ. ހިބާގެ ވާހަކަވެސް އަޒުމާއަށް އޮތީ އެނގިފަ އެވެ. އަޒްކާ ކޮންމެ ދުވަހަކު ސްކައިޕުން އެންމެންގެ ވާހަކަތައް އަޒުމާއަށް ބަރާބަރަށް ކިޔައިދެމުން ދެއެވެ.

“އަޒުމީލު ބޯ ކޮށާލީ ވެސް ކުއްޖަކު ބުނެގެން ކަންވެސް މަށަށް އޮތީ އެނގިފަ.” އަޒުމާ ބުންޏެވެ. އަޒުމީލު ލަދުން މޫނު ރަތްވެގެން ދިޔަތަން ފެނުނެވެ.

“ތިބުނާ ހިބާ އަކީ އެހެންވީމަ ވަރަށް ރަގަޅު ކުއްޖެއްތާ ދޯ. މަގޭ އަޒުމީލު ވެސް ހަމަމަގަށް އަޅުވަން މަސައްކަތް ކުރޭނު އެބަ.” އަޒުމާ ބުންޏެވެ. އަޒުމާ ބުނި އެއްޗަކުން ފައުޒާންއަށް މަޑަކުން ނީދެވުނެވެ. ތެޅި ގަނެވުނެވެ. އަޒުމީލު ބޯ ކޮށީ ހިބާ ބުނެގެން ހެއްޔެވެ. އަޒުމީލުއާއި ހިބާއާ އޮންނަނީ ކޮން ގުޅުމެއް ބާ އެވެ.

“އަޒުމީލު ބޯކޮށީ ހިބާ ބުނެގެންތަ؟” ފައުޒާންއަށް ނީނދެވިގެން އެންމެ ފަހުން އަހާލި އެވެ. އަޒުމީލުއާއި ފައުޒާންގެ ހަތަރުކަޅި ބައްދަލު ވެގެން ދިޔައެވެ. ނަމަވެސް އަޒުމީލު އަނގައިން ބުނާކަށް ގަސްތެއް ނުކުރި އެވެ.

“ތި ދެމީހުން އަދިވެސް ވާހަކައެއް ނުދައްކަންތަ؟ ތީވެސް ކިހާ ބޮޑު އަޖައިބެއް. ޒާން، އެއްގޭގަ އުޅޭ މީހާއަށް ވެސް ނޭގެ ދޯ އަޒުމީލު ބޯކޮށީ ހިބާ ބުނެގެން ކަމެއް،” އަޒުމާ ބުންޏެވެ. “މިއަދު ގެއަށް ދެވޭނީ އަޒުމީލުއާ ޒާންއާ ދެމީހުން އެއް ގަލަކަށް އަރާ ރައްޓެހި ވުމަށް ފަހު. އެހެން ނޫނީ މަށެއް މިއަދު ގެއަކަށް ނުދާނަން. ބަލަ މީ ރޯދަ މަހޭ. އެކަކު އަނެކަކާ ރުޅި އައިސްގެން ތިން ދުވަހަށް ވުރެން ދިގު މުއްދަތަކަށް ވާހަކަ ނުދައްކަ ތިބޭކަށް ނުވާނެނު. އަނެއްކާ އަނެއް ކޮޅުން އަޒުމީލު ހަމަ ބުނޭ ރުޅިއެއް ނޫނޭ. އެކަމަކު ވާހަކަ އެއް ނުދައްކަ. އަޖައިބު ވާވަރުގެ ކަމެއްނު ތީ. ތި އަރަތެއް ދޯ.” އަޒުމާ ބުންޏެވެ.

މާލެއަށް ފޭބުމާއެކު އެންމެން ދޯނިން ފޭބިއެވެ. ފައްވާޒް އަވަސް ވެގަތީ ކާރެއް ހޯދާށެވެ. ނަމަވެސް އަޒުމާ އެކަން މަނާ ކުރި އެވެ.

“ވާޒް ދޮންބޭ އެހަށް މަޑު ކުރޭ. އަދި އެހާ އަވަހަށް ގެއަށް ދެވޭކަށް ނެތޭ. މިތިބަ ދެ މީހުން އެއްގަލަކަށް އަރުވަން ޖެހޭ އެބަ.” އަޒުމާ ބުންޏެވެ. އަޒުމާ އެގޮތަށް ހިފާލާ ކަމެއް ކޮށްފަ ނޫނީ ދުލެއް ނުކުރާނެ އެވެ.

“މިތާ؟ މިވަގުތު؟” މާޒް އަހާލީ ހައިރާން ވެފަ އެވެ. އެއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ހެނެއް މާޒްއަށް ހިޔެއް ނުވެ އެވެ.

“އާން މިތާ މިވަގުތު މިކަމަށް ހައްލެއް ގެންނަން ޖެހޭނެ. އަވަހަށް ގެއަށް ދާން ބޭނުމިއްޔާ މިކަން ކުރަންވީ އަވަހަށް.” އަޒުމާ ފައުޒާންއާއި އަޒުމީލަށް ފަހަރަކު މީހަކަށް ބަލައިލަމުން ބުންޏެވެ.

“އަޒުމް ވަރުގަދަ އަޒުމާ އެހެރީ މިކަމަށް ހިފާލާފަ. ދެން ލާހިކެއްނޫން މިކަން ނުކޮށެއް.” ފައުޒާން ހުރެފަ ބުންޏެވެ. މާޒްއާއި ފައްވާޒް ކައިރިއަށް ހިނި އައެވެ.

“އާން އެކޭ. ޒާން އެއްނު ބޮޑީ. އެހެންވެ ޒާން ޖެހޭނީ އިސްނަގަން. ޒާން ފުރަތަމަ އިސްނަގާ.” އަޒުމާ ބުންޏެވެ. ހިސާބަކަށް މަގުމަތީ މީހުން ހެލިފެލިވެ އުޅެން ފަށައިފި އެވެ. މިހާރު މެންދުރު ވަމުން އަންނަނީ އެވެ.

“ކިހިނެއްތަ ހަދަންވީ؟” ފައުޒާން ވަރަށް ނޫން ކަމަށް ހަދާލާފައި ހިނިތުން ވެލަމުން އަޒުމީލުއަށް ބަލައިލި އެވެ. އަޒުމީލު ދުރު ބަލަން ހުއްޓެވެ.

“ޒާން ބޭނުން ގޮތެއް. މީހުން ސުލްހަވާން ހަދަނީ ކިހިނެއްތަ؟ އަހަރުމެން ކުޑައިރު އެކަކު އަނެކަކު ދެކެ ރުޅިވެގެން އުޅެން ފެށީމަ މަންމަމެން އަހަރުމެން ލައްވާ ހަދަނީ ކިހިނެތްތަ؟ ފައުޒާންއަކަށް ދަހެއް ނުކޮށްދޭތަ؟” އަޒުމާ ހުރީ ވަރަށް ސީރިއަސް ވެފަކަން މޫނު މަތިން އެނގެ އެވެ. އެހެން ކަމުން ފައުޒާން ވެސް އިތުރަށް އެއްޗެއް ނުބުނެ އަޒުމީލު ކައިރިއަށް ޖެހިލާފައި ސަލާން ކުރަން އަތް ދިއްކޮށްލި އެވެ. އަޒުމީލު ފައުޒާންގެ މޫނަށް ބަލައި ލާފައި އަޒުމާގެ މޫނަށް ބަލައި ލިއެވެ. އަޒުމީލުގެ ޖިންސް ޖީބުގައި އޮތް ކަނާއަތް ނުނަގަ ދެހިޔާލެއްގައި ހުއްޓެވެ. އަޒުމީލު އަކީ ގޮތްދޫނުކުރާ ގޮތެއް ހުއްޓަސް އަޒުމާ މާގިނައިން ކިޔަން ފެށުމުން އަބަދުވެސް އަޒުމާގެ ބަހަށް ދެބަސްވާ ކުއްޖެއް ނޫނެވެ.

އަޒުމާ އަޒުމީލުގެ މޫނަށް ބަލައިލަމުން ބޯ ޖަހާލި އެވެ. އަދިވެސް އަޒުމީލު ފައުޒާންއާއި ސަލާން ކުރާކަށް ނޫޅެ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 15

Next

ފިނިހިތް (ތިންވަނަ ބައި)

Next
April 7, 2016

ފިނިހިތް (ތިންވަނަ ބައި)

Previews
April 7, 2016

މިހިތުގެ ލޯތްބޭ ތީ 15

11 Comments!

  1. Soabi says:
    April 7, 2016 at 8:25 pm

    Kihinehvaane baa hibaa libeyney kaakahbaa hama kiyaahiyvany???

  2. Aisha says:
    April 7, 2016 at 8:26 pm

    Wen next part. So nice. Love it. Ummmmmmmma

  3. Saee says:
    April 7, 2016 at 8:28 pm

    ?salhi

  4. f says:
    April 7, 2016 at 8:57 pm

    Nadhoo aa rahtehivegen zaan ulenyaa hibaavex dhuvaskolhakah vex azmeel yaa ahkoh ulhunas ok vaane

  5. nash says:
    April 7, 2016 at 9:07 pm

    Anehka kihinehba vaanii v v nice……….

  6. rose says:
    April 7, 2016 at 9:27 pm

    Salhi. Noon Hiba liben vaani hama xaan ah

  7. Aimsithu says:
    April 7, 2016 at 9:32 pm

    Mirey adhi eh part kiyaafa nidhan beynun vany.. ehen noony hama nidhi nulibeyne mashakah.. plzzzz

    1. meesha says:
      April 7, 2016 at 10:24 pm

      me toooo…mihaa rythi stry eh nukiya kihine nideyni????

  8. naa says:
    April 8, 2016 at 8:37 am

    Mi vaahaka ebain nimifa dhivehi vaahaka. com ga

  9. jammy says:
    April 21, 2016 at 6:06 pm

    Salhi vahaka eh…. I love this :p

  10. Faxoo says:
    April 24, 2016 at 11:02 pm

    varah salhi 😀

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 12 ވަނަ ބައި←


All Right Reserved!