ނޭދެން ވަކިވާކަށް 15 ވަނަ ބައި
ފުރުސަތަކަށް ބަލަ ބަލާ ހުރި ޒޯޔާ، ކެބިން ތެރެއިން މީހެއްގެ ހިލަމެއް ނުވާކަން ޔަގީންކޮށްލުމަށްފަހު ކެބިން ތެރެއަށް ވަދެލިއެވެ. އޭނާގެ މިސްރާބު ހުރީ ސީދާ މާންގެ މޭޒަށެވެ. މޭޒު މަތީވި ކަރުދާސްތައް ނަގާ، މޭޒުމަތީ ބަހައްޓާލާފައި ހުރި ކުޑަ ހަރުވެސް ފަރުވާތެރިކަމާއެކު ބަލާލިއެވެ.
ޒޯޔާގެ އަތް މާންގެ މޭޒުމަތީގައި ހުރި ފައިލްތަކާއި ކަރުދާސްތަކުގެ ތެރޭ ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އަވަހަށެވެ. އޭނާ ކޮންމެސް އެއްޗެއް ހޯދަން ބޭނުންވެފައި ހުރި ފަދައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.
ކައިރީގައި ހުރި ވަތްގަނޑު ހުޅުވާލުމަށް ހަރަކާތްކޮށްލި އަތް އޭނާ ދަމައިގަތީ، ކުއްލިއަކަށް ބެލްކަނީގެ ދޮރު ހުޅުވާލި އަޑަށެވެ. އޭނާ އަވަސްއަވަހަށް މޭޒުމަތީ އޮތް މަސައްކަތު ފައިލް ނަގައި ހަމަޖެހިލަމުން، މޫނުމަތީގެ ކުލަވަރު އާދައިގެ ގޮތަކަށް ބަދަލުކޮށްލިއެވެ.
ބެލްކަނިން އެތެރެއަށް ވަތް ޔޫލީގެ ފިޔަވަޅު މަޑުޖެހިލީ މާންގެ މޭޒު ކައިރީގައި ހުއްޓި ހުރި ޒޯޔާ ފެނުމުންނެވެ. އޭނާގެ ދެބުމަ ގާތްވެލިއެވެ.
“ޒޯޔާ؟ މިތަނުގަ ކީއްކުރަނީ؟” ޔޫލީގެ އަޑުގައިވީ ނުރުހުން ފޮރުވާލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވިއެވެ. ޒޯޔާއަށް އެ އަޑުގައިވި އަސަރު އޮޅުވައެއްނުލެވުނެވެ.
“ފައިލެއް ބަލާލަން މިއައީ،” ޒޯޔާ ވަރަށް ފޮނި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އޭނާ ޔޫލީގެ މޭޒު ކައިރިއަށް ޖެހިލިއެވެ. ” އަހަރެން މިދަނީ ބްރޭކްފާސްޓަށް. އިންޖޯއީ ޔޯ ފައިލްސް.”
ސީދާ އޭނާއާއި ކޮށްލި މަލާމާތެކެވެ. ކޮންފަދަ ބޮޑާ އަންހެނެއް ހެއްޔެވެ؟ މާންއަށް ކަމުދަނީ މިކަހަލަ ހަރުފައިން ބާވައެވެ. އެ ބީސްޓް އަށް ކޮންމެ މީހަކު ކަމުދިޔަޔަސް އަހަންނަށް ކީއް ހެއްޔެވެ… ދުލުން ބަހެއް ނުބުނި ކަމުގައި ވިޔަސް ޔޫލީ ދިޔައީ ހިތާ ހިތުން ޒޯޔާއަށް ކުދި ކިޔަމުންނެވެ.
ޒޯޔާ ނިކުންނަން ހިނގައިގަންނަމުން، ވަރަށް ސިއްރުވެރި ގޮތަކަށް އޭނާގެ އަތްދަބަސް ޔޫލީގެ މޭޒުމަތީގައި ހުރި ފެންތަށީގައި ޖައްސާލުމުން ކައިރީގައި ހުރި ކަރުދާސްތަކުގެ ތެރެއަށް ފެންތަށި ބަންޑުންވިއެވެ. ޔޫލީ މިއަދު ނިންމަން ޖެހޭ މުހިންމު ލިޔެކިއުންތަކުގެ މައްޗަށް ފެން އެޅި ހަރާބުވީއެވެ.
“އޯ ގޯޑް! އައިމް ސޯ ސޮރީ ޔޫލީ….” ޒޯޔާ މޫނުމަތިން ދެރަވެފައި ހުރިކަމަށް ދެއްކި ނަމަވެސް، އޭނާގެ ލޮލުގައިވީ ކާމިޔާބީގެ ކުލަވަރެވެ. “ދެން މިހާރު ޖެހޭނީ އަލުން ތި ހުރިހާ އެއްޗެއް ފުރިހަމަ ކުރަން ދޯ؟… ވަންސް އަގެއިން ރިއަލީ ސޮރީ”
ޒޯޔާ ފޮނިގޮތަކަށް ހިނގާފައި ކެބިންއިން ނުކުމެގެން ދިޔައެވެ. ޔޫލީއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ތެމިފައިވާ ގަނޑުތަކަށް ބަލަން ހުރިއިރު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. މިއީ ޒޯޔާ ގަސްތުގައި ކުރި ކަމެއްކަން އޭނާއަށް ޔަގީނެވެ.
****
މާން އާއި މާހިން ތިބީ ހެނދުނުގެ ނާސްތާގައެވެ. ފޫހި ގޮތަކަށް މާހިން ދިޔައީ އުލުން ތަށި ހާވަމުންނެވެ.
“މާހިން، ތީ އަޅެ ކުކުޅެއްތަ؟ ތިޔަ ނުހާވާ ކައިބަލަ.. ގައިމު ތީ ބަނޑުހައިވެގެން ބުނި މީހާ ވިއްޔަ.. ކޮބާތަ މިހާރު މާހިން އަށް އެ ދުވަހު ފެނުން ފަންމިނި؟” މާން ކުއްލިއަކަށް އަހާލިއެވެ. އޭނާގެ އަޑުގައިވީ މަޖާ ރާގެކެވެ.
މާހިން ފުން ނޭވައެއް ދޫކޮށްލިއެވެ. “ނޭނގެ ދޮންބޭ… އެދުވަހަށްފަހު އޭނާއެއް ނުފެނޭ. އޭނާ ހޯދާނެ ގޮތެއްވެސް ނޭނގެ. އެކަމަކު… އެނގޭތަ؟ އަހަރެންގެ ހިތް އެދެނީ ހަމަ އެކުއްޖާ.. އޭނާގެ އެ ސޫރަ ހިތުން ފޮހެލަން ވަރަށް އުނދަގޫ. ދޮންބެއަށް އެނގޭތަ؟ ..ހާދަ ރީއްޗޭ އެކުއްޖާ.”
މާން ހީލިއެވެ. މާހިން އެދައްކަނީ ކާކުގެ ވާހަކައެއްކަން އޭނާއަކަށް ކުޑަކޮށްވެސް ރޭކާނުލައެވެ. “މާހިން، ކާކުކަންވެސް ނުވެސް އެނގޭ ކުއްޖަކަށްޓަކައި ތިވަރު ނުވޭ.. ކިހިނެއް އެނގެނީ ތިބުނާ ކުއްޖެއް ހުސް ކަމެއްވެސް” މާން ބެލީ މާހިންއަށް އެ އިންތިޒާރަކީ ބޭކާރު ކަމަކަށް ވެދާނެކަން ވިސްނާދެވޭތޯއެވެ.
“ހުސް ނޫނިއްޔާ އެދެމެދަށް ވަންނާނަން އަހަރެން.. ކޮންމެ ގޮތަކުންވެސް އޭނާ ހޯދާނަން.. އޭނާ ލިބެންވާނީ އަހަރެންނަށް” މާހިން ގަދަ އަޒުމާއެކު ބުނެލިއެވެ. “އަހަރެންގެ ހިތް ބުނަމުން ދަނީ އޭނާއާ އަދި ދިމާވާނެޔޭ. އެކަމަކު ކޮން އިރަކުން ކަމެއް، ކޮންތާކުން ކަމެއް ނޭނގެ.”
“މާހިންގެ ވިސްނުން ދޮންބެ އަކަށް ކަމަކު ނުދޭ. ތިމާގެ އަމިއްލަ އެދުމަށް މީހެއްގެ ދިރިއުޅުމުގައި ހުޅު ޖަހާކަށް ނުވާނެ.” މާހިންގެ ގޮތްދޫނުކުރުން މާންއަށް އަލެއްނޫނެވެ. ނަމަވެސް މީހެއްގެ ދިރިއިޅުމާއި އަޅުވާ މާހިން އެވަރުގެ އެއްޗެއް ބުނުމުން އޭނާ ދެރަވިއެވެ. ލޯބިވާ ކޮއްކޮއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
” އެވާހަކަ ބާއްވާފަ ބުނެބަލަ.. ޒޯ ޖޮއިން ކުރީތަ ދޮންބެމެން އޮފީހަށް؟ ޒޯ ބުނި އެހެން.” މާހިން ވާހަކަ އޮޅުވާލަމުން ބުނެލިއެވެ.
މާންގެ ލޯބިވެރިޔާއަށްވުމުގެ މާ ކުރިން ޒޯޔާއަކީ އެ އާއިލާގެ ރައްޓެއްސެކެވެ. ޒޯޔާގެ ބައްޕަ ހާރޫނަކީ، މާންގެ ބައްޕަ މާހިރުގެ އޮފީހުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. ޒޯޔާގެ މަންމަ އޭނާ ވިހެއުމުގެ ތެރޭ މަރުވުމުގެ ސަބަބުން އެހާ ކުޑަ ކުއްޖެއް ނުދަންނަ މީހެއްގެ އަތަށް ދޫކޮށްފައި ދިއުމަށް ހާރޫނުގެ ހިތް ނޭދޭތީ، މާންގެ މަންމަ ޒުބޭދާގެ އެދުމަށް ޒުބޭދާގެ މަރު ދުވަހާ ހަމައަށްވެސް ޒޯޔާ ހުރީ ޒުބޭދާގެ ބެލުމުގެ ދަށުގައެވެ.
” ޔަރ .. ޒޯ އަކީ މިހާރު ދޮންބެމެން އޮފީހުގެ އިސް ވެރިއެއް. ޒޯޔާ އެ އައީ ލަންޑަނުގެ ބަރޓްލެޓް ސްކޫލް އޮފް އަރކިޓެކްޗަރ އިން ޕީ.އެޗް.ޑީ ހާސިލްކޮށްގެންނު” މާން ޒޯޔާއަށް ފަހުރުވެރިވެއެވެ. ނަމަވެސް އެ އަޑުގައި ޖެހިލުންވުމެއްވެއެވެ.
މޭޒުމަތީ އޮތް މާންގެ ފޯނު ރިންގުވީ އެ ވަގުތުއެވެ.
“ހަލޯ ނާއިލް؟” މާން ފޯނު ނެގިއެވެ.
“ކީއްކުރަނީ މާން؟ ޔޫލީގެ ކަންތައް ކިހިނެއް؟ އޭނާ ޒިންމާދާރުވޭތަ؟” ނާއިލްގެ އަޑުގައި ހުރީ އޯގާތެރިކަމެވެ.
“ލައްބަ ނާއިލް. އޭނާ ވަރަށް މަސައްކަތްކުރޭ،” މާން ބުންޏެވެ. “އަޅުގަނޑު ބަލާނަން އޭނާ އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭތޯ. ނާއިލް އިތުބާރު ކުރައްވާ.”
މާން ފޯނު ބޭއްވިއިރު ޒޯޔާ އައިސް އެމީހުންގެ މޭޒު ކައިރީގައި އިށީންނަނީއެވެ. “ކާކު؟” ޒޯޔާ އަހާލިއެވެ.
“ނާއިލް، ޔޫލީގެ ބައްޕަ” މާން ކުރު ޖަވާބެއް ދިނެވެ.
ޒޯޔާގެ ދެބުމަ ގާތްވެލިއެވެ. ޔޫލީގެ ބައްޕައާއި މާން ވާހަކަ ދެއްކި ގާތްގޮތުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. ނަމަވެސް އޭނާ އެކަން މޫނުމަތިން ފާޅުވިޔަ ނުދީ ހިނިތުންވެލިއެވެ.
****
ޔޫލީ އުޅުނީ ޒޯޔާގެ ހަމަލާގެ ސަބަބުން ހަލާކުވެގެން ދިޔަ ލިޔެކިއުންތައް އަލުން ތައްޔާރުކުރާށެވެ.
” ދެޓް ސްނޭކް.. އަދި ބުނެފިއޭ ސޮރީއޭ … އެންޑް ދެޓް ބީސްޓް .. ބުނެފިއެއްނު ސައި ބޯކަށް ނުދެވޭނެއޭ މި ނިންމާށޭ.. އެ ދެ ލޯބިވެރިން ވެގެން އަހަންނަށް ކޮން ޖެއްސުމެއް ކުރާކަށްތަ އަޅެ..” ޔޫލީގެ ހިތުގައިވަނީ ނަފުރަތެވެ. މާން އޭނާއާއި ދޭތެރޭ ކަންތައް ކުރާ ގޮތުން އެ ހިތުގައި ޝަކުވާ އުފެދިފައިވިއެވެ.
ކެބިންގެ ދޮރުގައި ޖަހާލައި ރިލްވާން އެތެރެއަށް ވަދެލިއެވެ. އަވަދިނެތި މަސައްކަތުގައި އުޅުނު ޔޫލީ އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަ ފޮހެލިއެވެ.
“ޔޫލީ! ކިހިނެއްވީ؟” ރިލްވާން އެ މަންޒަރު ފެނުމުން ދުވެފައި ކައިރިއަށް އައެވެ.
“ޒޯޔާ… އޭނާގެ އަތް ޖެހިގެން ފެންތަށި ވެއްޓުނީ،” ޔޫލީ ދެރަވެފައި ބުންޏެވެ. “މިހާރު މި ހުރިހާ އެއްޗެއް އަލުން ހެދޭތޯ މި ބަލަނީ… މާން އަށް އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ. އެ ބީސްޓް އަހަރެން ކާލާނެ”
“ކަންބޮޑުނުވޭ، އަހަރެން އެހީވާނަން،” ރިލްވާން ޔޫލީގެ ކައިރީގައި އިށީނެވެ. “ޒޯޔާއަކީ ވަރަށް ނުރައްކާތެރި މީހެއް. އޭނާ ގަސްތުގައި ކުރި ކަމެއްހެން އަހަންނަށް ހާދަ ހީވޭ”
ޔޫލީ އާއި ރިލްވާން އެކުގައި މަސައްކަތް ކުރަން ފެށިއެވެ. ޔޫލީގެ ހިތުގައި މާންއާއި މެދު އޮތް ނަފުރަތު އިތުރުވަމުން ދިޔައެވެ. މާން އޭނާ ޒިންމާދާރު ކުރަން ނާއިލްއާ ވީ ވައުދުގެ ނަމުގައި، މި އުޅެނީ އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދަން ބާވައެވެ؟
ކެބިންއަށް ވަދެގެން އައި މާންގެ ނަޒަރު ވަނީ ރިލްވާންއަށެވެ. އެ ލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ހިތްހަމަ ނުޖެހުމެވެ. އެ މޫނުމަތީވި ރުޅިވެރިކަމުގެ އަސަރު ސާފުކޮށް ފާޅުވެއެވެ.
” ރިލްވާން މިތާ ކީއްކުރަނީ؟” މާންގެ އަޑުންް އެ ހިތްހަމަ ނުޖެހުން ފާޅުވެއެވެ.
” މިއަދު ނިންމަން ޖެހޭ ލިޔެކިއުންތަކަކަށް ފެން އެޅިގެން އުޅޭތީ ޔޫލީއަށް އެހީވެލަނީ” ރިލްވާން ޖެހިލުންވެހުރެ ޖަވާބު ދިނެވެ.
” ރިލްވާންގެ މަސައްކަތް ނެތީތަ؟ މިއަދު ކުރި މެއިލްއަށްވެސް އަދި އަޕްޑޭޓް ނާދޭ… ގޯ އެން ފިނިޝް ޔޯ ވޯކްސް.” މާން ހަމަ އެ ރާގުގައި ބުނެލިއެވެ.
މާޔޫސްކަމާއެކު ޔޫލީއަށް ބަލާލާފައި ރިލްވާން އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.
މާންގެ ނަޒަރު ހުއްޓިފައިވަނީ ޔޫލީއަށެވެ.މާންގެ ރުޅިވެރިކަން ވަނީ އޭނާގެ ހަށިގަނޑުން ބޭރުވާން ތައްޔާރުވެފައެވެ. ޔޫލީ އާއި ރިލްވާންގެ އެ ގާތްކަން ފެނުމުން، އޭނާގެ ހިތުގައި އުފެދުނު ނުތަނަވަސްކަން ބަދަލުވީ ހަރުކަށި ބަސްތަކަށެވެ. ކެބިން ތެރޭގައި އުފެދިފައިވާ ހިމޭންކަން މާންގެ އަޑުން ފޫދުއްވާލިއެވެ.
“ޔޫލީގެ ފަރުވާކުޑަ ކަމުގެ ސަބަބުން ހަލާކުވެގެން ތި ދިޔައީ ވަރަށް މުހިންމު ލިޔެކިއުންތަކެއް. މިހާރު ތި ބޭކާރުވެގެންދަނީ ކިހާ ބައިވަރު ވަގުތެއް!” މާން ހުރީ ޔޫލީގެ މޭޒާ ދިމާލަށް ގުދުވެލައިގެންނެވެ. “މިއަދު ޔޫލީއަށް ގެއަށް ދެވޭނީ ތި ލިޔެކިއުންތަށް ނިންމާ އަދި އަހަރެން ހަވާލް ކުރި ހުރިހާ ފައިލްއެއް ތަރުތީބުކޮށް ނިންމާފަ.”
ޔޫލީ އިސްއުފުލާލައިފައި ސީދާ މާންގެ ދެލޮލަށް ބަލާލިއެވެ. އޭނާގެ ދެލޮލުގައި ވަނީ ފަރުވާކުޑަ، ނަމަވެސް ގަދަފަދަ ކަމެކެވެ.
“އޯ… ސޮރީ ! އަހަރެން ހީކުރީ މިތަނުގައި “ސްޕާ” އެއް ހުޅުވީ ކަމަށް، އެކަމަކު އެއީ ކަރުދާހަށް ހިދުމަތްދޭ” ޔޫލީ ތެމިފައިވާ ގަނޑުތަކަށް އިޝާރާތް ކުރަމުން ބުންޏެވެ. އޭނާ އެކަން ހިނގިގޮތް ބުނާކަށް ބޭނުމެއް ނުވިއެވެ. މާންއަށް ޒޯޔާއަށް ކުރެވޭ އިތުބާރު ބޮޑުވާނެތީއެވެ. އެހެންކަމުން އޭނާ ހިޔާރު ކުރީ މާންއަށް ބަހުގެ ހަމަލާ ދޭށެވެ. “އަހަރެންނަށް އެހީވާނެ މީހަކު ހުރީމަ ތިބޭފުޅާއަށް މާ ބޮޑަށް އުނދަގޫވީ ދޯ؟ އެކަމަކު… އަހަރެން ކައިރިގައި ރިލްވާން ހުރުމުން މާންއަށް ތިވާ ‘ޑިސްޓާބް’ އެއް ނޭނގެ.”
މާންގެ ދެބުމަ ގާތްވެލިއެވެ. “އަހަންނަށް ‘ޑިސްޓާބް’ އެއް ނުވޭ. މިއީ އޮފީހެއް….. މީހުންނާ އަބަދު ‘ސޯޝަލައިޒް’ ވާން އޮންނަ ތަނެއް ނޫން،” މާންގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.
“ސޯޝަލައިޒްވުމޭ؟ ވީ ވަރ ވޯކިން… ސީދާ ޖަވާބެއްދީބަލަ .. މާންއަށް ކޮން އުނދަގުލެއްހޭ ތިވަނީ އެކަމުން؟” ޔޫލީގެ އަޑުވެސް ބާރުވިއެވެ. އޭނާގެ ލޮލުގައި ރުޅިވެރިކަމުގެ ކަނިވިއެވެ.
މާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓާލިއެވެ. ޔޫލީގެ އެ ސާބިތުކަމާއި، އޭނާގެ ދެލޮލުން ފެންނަ ގޮންޖެހުމުގެ އަސަރުން މާންގެ ހިތުގައި އާދަޔާ ހިލާފު އިހުސާސެއް އުފެދުނެވެ. އޭނާ ބޭނުންވީ ޔޫލީ ބަލިކޮށްލާށެވެ. ނަމަވެސް ޔޫލީ އިނީ އޭނާގެ ބަސްތަކުން ގުޑާލާ ކަހަލަ ގޮތަކަށް ނޫނެވެ.
*****
ހިތުގައިވި އުދާސްތަކުގެ ސަބަބުން ޔޫލީ ދިޔައީ ކޮފީއެއް ބޯލާށެވެ. ހަށިގަނޑަށް ލުޔެއްލިބޭތޯއެވެ. ސައި ކޮޓަރިއަށްވަދެ ކޮފީއެއް ހިފައިން ސޯފާގައި އިށީންދެލިއެވެ.
ޒޯޔާ އައިސް ސައި ކޮޓަރިއަށް ވަނީ އެވަގުތެވެ.
‘ މި ސްނޭކް ހީވަނީ އަހަންނަށް ފާރަލާހެން.. ހަމަޖެހިލެވޭކަށްވެސް ނެތެއްނު.’ ޔޫލީގެ މޫޑު ގޯސްވެ މޫނުމަތީގެ ކުލަވަރު ފޫހި ކަމަށް ބަދަލުވިއެވެ.
“ހާއި ޔޫލީ.. ކޮބާ މަސައްކަތް ނިމޭވަރުވޭތަ އެބަ؟” ޒޯޔާގެ އަޑުގައިވީ މަލާމާތެވެ.
” މަސައްކަތް ނިމޭނެ.. ޒޯޔާ އެކަމާ ހާސްވާކަށް ނުޖެހޭނެ.” އޭނާ މި އަންހެނާ ދެކެ ކިތަންމެ ފޫހިވިޔަސް އެ ފޫހިކަން ފޮރުވާލަމުން ޗާލު ހިނިތުންވުމަކާއިއެކު ޔޫލީ ރައްދު ދިނެވެ.
ޒޯޔާގެ ނަޒަރު ޔޫލީއަށް ހުއްޓުނެވެ. އެ ލޮލުގައިވީ ރުޅިވެރިކަމާއި މަލާމާތެވެ. “މާންގެ ދިރިއުޅުމަށް އައި ފުރަތަމަ އަދި ހަމައެކަނި އަންހެން ކުއްޖަކީ އަހަރެން. މިތަނުގައި ކިތަންމެ ވަރަކަށް އުޅުނަސް، މާންއަށް ދެއްކެން ކިތަންމެ ތުއި ވިޔަސް މާންގެ ހިތަކީ ހަމައެކަނި އަހަރެންގެ ހައްގެއް.”
ޔޫލީގެ ހިތުގައި ރިހުމެއް އުފެދުނު ނަމަވެސް، އޭނާ އެކަން މޫނުމަތިން ފާޅުވިޔަ ނުދިނެވެ. “ސާބަސް ޒޯޔާ! އޮފީހުގައި ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކަ ތަކެއް. އަހަރެން މިތަނަށް މިއައީ މީހެއްގެ ހިތް ހޯދާކަށް ނޫން. އަދި އަހަރެން މިތަނުގައި ޑްރާމާ ކުޅޭކަށް ނޫޅެން” ޔޫލީ މަލާމާތުގެ ރާގަކަށް ބުންޏެވެ.
****
އޮފީހުގެ ގަޑި ނިމި، އެންމެން ގެއަށް ގޮސް ހުސްވިއިރުވެސް ޔޫލީ އިނީ އޭނާގެ މަސައްކަތުގައެވެ. މުޅި އޮފީސް ތެރެއަށް ވަނީ ހިމޭންކަން ވެރިވެފައެވެ. އޭސީގެ އަޑު ފިޔަވައި އިތުރު އަޑެއް އެ ބޮޑު އިމާރާތަކު ނެތެވެ. ބޭރުން ފެންނަ މަގުބައްތިތަކުގެ އަލި ކެބިންގެ ބިއްލޫރިގަނޑުން އެތެރެއަށް އެޅިފައިވާއިރު، ތަނަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ.
ކުއްލިއަކަށް، ކެބިންގެ ބޭރުން ފިޔަވަޅެއްގެ އަޑު އިވުނުހެން ޔޫލީއަށް ހީވިއެވެ. އޭނާ ސިހިފައި ބަލައިލިއެވެ. ނަމަވެސް ބޭރުން ފެންނަން އޮތީ ހުސް ކޮރިޑޯއެވެ. ‘އަހަންނަށް ހީވި ގޮތް ކަންނޭނގެ.. އަވަހަށް ގެއަށް ދާންވީ’ ޔޫލީ ހިތާހިތުން ކިޔާލިއެވެ.
ޔޫލީ ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑީގައި ލެގިލިއެވެ. އޭނާގެ އަތްފައި ވަނީ ވަރުބަލިވެފައެވެ. އޭނާ އެންމެ ފަހު ފައިލްވެސް ނިންމާލީ ވަރަށް ފަރުވާތެރިކަމާއިއެކުއެވެ. އޭނާގެ ހަށިގަނޑު ވަރުބަލިވެފައިވީ ނަމަވެސް، މަސައްކަތަށް އޭނާ ދޭ ސަމާލުކަމަކަށް އުނިކަމެއް ނާދެއެވެ.
ޔޫލީ ތެދުވެގެން ގޮސް މާންގެ މޭޒުމަތީގައި ފައިލުތައް ބަހައްޓާލިއެވެ. މާން ބުނި ހުރިހާ މަސައްކަތެއް އޭނާ އެހުރީ ނިންމާފައެވެ. އާންމުކޮށް މާންގެ އަތުން ފެންނަ ފެހި ކުލައިގެ ޑައިރީއެއްފާޑު ފޮތް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ މާން ދުވަހަކުވެސް އެ ގޮތަށް މޭޒުމައްޗަށް ދޫކޮށްލާފަ ދާ އެއްޗެއްނޫނެވެ. އޭގައި މާން ފޮރުވާލާފައިވަނީ ކޯއްޗެއްބާވައެވެ. މާންގެ އަމިއްލަ ކަންކަމަށް ފާރަލާން ބޭނުންނުވާތީ ހިތް އެކަމަށް އެދުން ނަމަވެސް، ޔޫލީ އެ ފޮތާއި އަތްލާކަށް ބޭނުމެއްނުވިއެވެ.
ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވުނު އަޑަށް ޔޫލީ ސިހުނެވެ. ދޮރުމަތީގައި ހުރީ މާންއެވެ. މާންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އޭނާ ހީކުރީ ޔޫލީ މިހާރު ގެއަށް ގޮސްދާނެ ކަމަށެވެ.
“އަދިވެސް މިތާ؟” މާންގެ އަޑުގައި މިފަހަރު ކުރީގެ އެ ހަރުކަށިކަމެއް ނެތެވެ.
“ތިބޭފުޅާ ބުނި މަސައްކަތް ނިންމާލައިފިން. މިހާރު ގެއަށް ދާން މި އުޅެނީ،” ޔޫލީ އަތްދަބަސް ނަގަމުން ބުންޏެވެ.
މާން ހިނގާލާފައި އައިސް މޭޒު ކައިރިއަށް ހުއްޓުނެވެ. އޭނާގެ ނަޒަރު ހުއްޓުނީ ޔޫލީ ނިންމާފައި ހުރި ފައިލްތަކަށެވެ. ޔޫލީގެ ފަރުވާކުޑަ ގޮތްގަނޑު ހުރި ނަމަވެސް، އޭނާގެ މަސައްކަތުގެ ފެންވަރު ފެނުމުން މާންގެ ހިތުގައި ތައުރީފު އުފެދުނެވެ.
“މިހާ ލަސްވީމަ ޔޫލީ އެކަނި ދާނެ ކަމެއް ނެތް. އަހަރެން ގެއަށް ލައިދޭނަން،” މާން ބުންޏެވެ.
“ނޫން، އަހަރެން އަމިއްލައަށް ދާނަން،” ޔޫލީ ބުންޏެވެ.
“ޔޫލީ… މިއީ ސުވާލެއް ނޫން،” މާންގެ އަޑުގައި އަނެއްކާވެސް އެ އަމުރުވެރި ގޮތްގަނޑު އުފެދުނެވެ.
ދެމީހުން އެކުގައި އޮފީހުން ނުކުމެ ލިފްޓަށް އެރި ވަގުތު، މުޅި އިމާރާތުގެ ކަރަންޓު ކެނޑުނެވެ. ލިފްޓު ދެ ފްލޯ ދޭތެރޭގައި ހުއްޓުނެވެ. ތަނަށް ވެރިވީ ކަނު އަނދިރިކަމެވެ.
***ނުނިމޭ***
ކަރަންޓު ކެނޑުނީ ހަމަ އިއްތިފާގަކުންބާ؟… ނޫނީ އެއީ ރޭވުމެއްބާ؟
އެ އަނދިރީގައި ދެމީހުންގެ ގުޅުމަށް ވާނީ ކިހިނެއްބާ؟
އެ ދެ މީހުނަށް ސަލާމަތްވެވޭނެބާ؟
މާންގެ ހިތް ޔޫލީއަށް އެދެން ފެށީބާ؟
ޒޯޔާގެ މަގްސަދު ހާސިލުވާނެބާ؟
ތިޔަ ބޭފުޅުންގެ ހިޔާލު ކޮމެންޓްގައި ހިއްސާކޮށްލަދެއްވާ.💬✨
ސުވާލުތަކުގެ ޖަވާބަށް ވާހަކައަށް އިންތިޒާރުކޮށްލައްވާ.
ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން.
ހުރިހާ ކިއުންތެރިންނަށްވެސް އަޟްޙާޢީދުގެ ތަހުނިޔާ އަރިސްކުރަން.
ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.
ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.
-ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



when’s next
vrh reethi
Thank you for the lovely comment … konme hafthaa aku thursday ga vaahaka publishing ah fonuvaalaane …