ނޭދެން ވަކިވާކަށް 14 ވަނަ ބައި
“ޔޫލީ ، ބަލައިން ނޫޅެނީ އަޅެ ކީއްވެތަ؟”
ޔޫލީގެ ނިތްކުރިއަށް ރޫއެރިއެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް މާންގެ އެ ބަސްތަކުން ފާޑުކިޔުމުގެ ރާގަށްވުރެ ބޮޑަށް، ކަންބޮޑުވުމާއި އަޅާލުމުގެ އަސަރު ފާހަގަވުމެވެ. އެ އިހުސާސްތަކާމެދު ފުންކޮށް ވިސްނާލުމުގެ ކުރިން، ކެބިންގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.
ދެމީހުނަށް އެއްފަހަރާ ކެބިންގެ ދޮރާ ދިމާއަށް ބަލާލެވުނެވެ. އަދިވެސް މާންވަނީ ފަރުވާތެރިކަމާއިއެކު ޔޫލީގެ ގައިގާ ހިފަހައްޓާލާފައެވެ.
ކުރިމަތީ ހުރީ އޮފީހުން އަދި ޔޫލީއަށް ނުފެންނަ މޫނެކެވެ. ރީތި ޒުވާން އަންހެނެކެވެ. އޭނާގެ ލޯ، ކޮޅަށް ހިމަވެލާފައިވާ އިރު އެ ލޮލުގެ ފުރިހަމަކަން އިންތިހާއެވެ. ލޮލުގެ ކަޅީގައި ގަދަ މުށިކުލައެއްވާއިރު، އެ “އަލްމަންޑް” ލޮލަށް އިތުރު ފަރި ކަމެއް ގެނެސްދީފައިވަނީ ކޮށްފައިވި މޭކަޕުންނެވެ. އޭނާގެ ގަދަ މުށި ކުލައިގެ ހަންގަނޑު، އޮމާންވެފައި މޫނުމަތީ ހަމަ އެންމެ އައިބެއްވެސް ނުވާ ފަދައެވެ. ތުންފަތުގައި ރަތް ކުލަ ޖައްސާލާފައިވާއިރު އެއީ ކޮންމެ އަންހެންކުއްޖަކުވެސް ބޭނުންވާނެފަދަ ބޮޑު ފުރިހަމަ ތުންފަތެކެވެ. އޭނާގެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ މެދުމިނުގެ ނޭފަތެކެވެ. އޭނާގެ ކުޑަ ކަންފަތުގެ ފޫޅުގަނޑުގައި ރަތް ކުލައިގެ އެލޭ ކަންފަތު މުންޖެއްވެއެވެ. ހަށިގަނޑުގެ ބައްޓަންވެސް ހޮލީވުޑްގެ ރީތި ތަރިންނަށް ދޫނުދެއެވެ. އޭނާގެ އުނަގަނޑު ހިމަވެފައި، ހަށިގަނޑުގެ ބައްޓަން ގަޑިއިރު ބަލާ ބިއްލޫރިގަނޑެއް ފަދައިން ފުރިހަމަވުމުން، ލައިގެން ހުރި ހިތްގައިމު ހެދުމުގައި އޭނާ ފެންނަނީ ނުހަނު ފަރިކޮށެވެ.
އޭނާ ލައިގެން ހުރި “ހައި-ވެއިސްޓް” ކަޅު ޖީންސުގެ ސަބަބުން، އޭނާގެ އުނަގަނޑު ހިމަކޮށް އަދި ފައި ދިގުކޮށް ދައްކައެވެ. އޭނާ ލައިގެން ހުރި ހަށިގަނޑަށް ބާރު ގަދަ ރަތްކުލައިގެ މަތިކޮޅުގެ ސަބަބުން، އޭނާގެ އެ ‘އަވަގްލާސް’ ބައްޓަން އިތުރަށް ފާޅުވެ، ހިމަ އުނަގަނޑުގެ ފުރިހަމަކަން ދެގުނަ ކޮށްދެއެވެ. އެ މަތިކޮޅުގެ ރަތްކުލަ އާއި ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިގެ އިތުރުން ކަންފަތުގައިވާ މުދީގެ ރަތްކަން އެކަތި އަނެކައްޗާ ގުޅި، އޭނާގެ މުށި ކުލައިގެ އޮމާން ހަންގަނޑަށް ތަފާތު ދިރުމެއް ގެނެސްދެއެވެ.
އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު، ރާޅުބާނީގެ ބައްޓަމަށް ފޫކޮޅާއި ހަމައަށް ދިގުކޮށް އޮތްއިރު، ހުއްޓިލައިގެން ހުރި ގޮތުން އޭނާގެ ހަށިގަނޑުގެ ބައްޓަމުގެ ފުރިހަމަކަން އިތުރަށް ހާމަކޮށްދެއެވެ. އޭނާގެ ހިމަ އުނަގަނޑާއި ފުޅާ ބުޑުމަތީގެ ބައްޓަމުން އޭނާ ސިފަވަނީ ހިތްގައިމު ކުރެހުމެއް ފަދައިންނެވެ. އެ މަންޒަރު ބަލައިލި ކޮންމެ މީހަކަށް، އޭނާއަކީ ހަމައެކަނި ރީތި އަންހެނެއް ނޫންކަމާއި، އެއީ ފުރިހަމަ ސޫރައެއްކަން އިހުސާސްވާނެއެވެ.
ޔޫލީއަށް ހައިރާންކަމާއިއެކު މަޑުމަޑުން މާންއަށް ބަލައިލެވުނެވެ. އެ ތުންފަތުގައިވި ޖާދުވީ ހިނިތުންވުމާއި އެ ލޮލުގައިވި އަސަރުން ކުރިމަތީގައި އެހުރީ އޭނާއަށް އާ މޫނެއް ނޫންކަން ޔޫލީއަށް ވިސްނުނެވެ.
“ޒޯ .. ކޮންއިރަކު އައީ؟” ޔޫލީގެ ގައިގާ ހިފަހައްޓައިލަގެން ހުރެ މާން އެ އަންހެންކުއްޖާއަށް ފުޅާ ހިނިތުންވުމެއް ދިނެވެ.
” މިއަދު.. ހަމަ އައިގޮތަށް ގެއަށް ވަދެލާފައި މި އައީ މަންނުއާއި ދިމާވޭތޯ… ސަޕްރައިސްއެއް ދޭން.. އެކަމް އައިމް މޯ ސަޕްރައިސްޑް.” ޒޯޔާ މިހެން ބުނެލީ ޔޫލީއަށް ލޮލުން އިޝާރާތްކޮށްލަމުންނެވެ.
‘ “މަންނު؟؟” މީނަ މާން އާއި މި މުހާތަބު ކުރީ ހާދަ ތަފާތު ނަމަކުންނެވެ. އޭނާއާއި މާންއާއި ވާ ގުޅުން އެހާވެސް ގާތީ ބާވައެވެ. މީ އަނެއްކާ މާންގެ ކާކުބާވައެވެ.’
“ޒޯ .. ހަމަ ތިކަމެއް ނުހުއްޓާނަން ދޯ؟.. އެންޑް ދިސް އިސް ޔޫލީ… ލަޔާލްގެ ރިޕްލޭސްމަންޓް… ޝީ ފެލް.. ފައި ފުރޮޅުނީމަ ޝީ ކާންޓް ސްޓޭންޑް.” މާން އެހުރިގޮތަށް ހުރެ ބުނެލިއެވެ.
ޒޯޔާގެ ފުން ނަޒަރު ޔޫލީއަށް ހުއްޓިފައި ހުރީ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށެވެ. މާންގެ އަތުގެ ތެރޭގައި ޔޫލީ އޮތް ގޮތުންނާއި، އެ ދެމީހުންގެ ދެމެދުގައި ހުރި ގާތްކަމުން ޒޯޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް، އޭނާ އެކަން މޫނުމަތިން ފާޅުވިޔަ ނުދީ ހިނިތުންވެލިއެވެ.
“އޯ، އައި ސީ. އައިމް ޒޯޔާ،” އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. “ޔޫލީ، އާ ޔޫ އޯކޭ؟ ވަރަށް ތަދުވޭތަ؟”
ޔޫލީއަށް ޖަވާބު ދެވުމުގެ ކުރިން މާން ބުނެލިއެވެ. “ޒޯ، އައި ތިންކް ޝީ ނީޑްސް ޓު ސީ އަ ޑޮކްޓަރ. ފައި އޮތީ ވަރަށް ބޮޑަށް ދުޅަވާން ފަށާފަ.” މާން ބުންޏެވެ. އޭނާ މަޑުމަޑުން ޔޫލީ އުފުލާލައިގެން ގޮސް ކައިރީގައި ހުރި ސޯފާގައި ބޭންދިއެވެ. ޔޫލީ ހުރީ މާންގެ އެ އޯގާތެރިކަމުން ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ޒޯ، އަހަރެން ގުޅާނަން އެނގޭ .. މިވަގުތު އަހަރެން މިދަނީ ޔޫލީ ޑޮކްޓަރަށް ދައްކާލަން،” މާން ޒޯޔާއަށް ބަލައިލަމުން ބުންޏެވެ. “ހިނގާ ދާން.” މާން ޔޫލީއަށް ބަލައިލަމުން ބުނެލިއެވެ.
“އަހަރެން އަމިއްލައަށް ގޮސްފާނަން،” ޔޫލީ ބުނެލިއެވެ. ނަމަވެސް އޭނާ ތެދުވަން އުޅުމުން ފަޔަށް އެރި ތަދާއިއެކު އަނެއްކާވެސް އިށީނދެވުނެވެ.
“ދެންވެސް ތި ބޮޑާ ނަހާކާ އަހަންނާއިއެކު ހިނގާބަލަ،” މާން ކުޑަކޮށް ހީލަމުން ބުންޏެވެ. ޒޯޔާ އެ މަންޒަރު ބަލަން ހުރީ ހިމޭނުންނެވެ. މާން ޔޫލީ ގޮވައިގެން ކެބިންއިން ނުކުތުމުން، ޒޯޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ ދެލޮލުގައި ވަނީ ކަންބޮޑުވުމާއި ހަސަދައިގެ ކުލަވަރެކެވެ.
****
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޔޫލީ އޮތީ ގޭގެ ސޯފާގައި އޮށޯވެލައިގެންނެވެ. ފައި ދަށަށް ބާލީހެއް ލައްވާލާފައިވާއިރު އޭނާގެ ފައިގައި ވަނީ ބެންޑޭޖް އަޅާފައެވެ. ޑޮކްޓަރު ބުނެފައިވަނީ ހަފްތާއެއްހާ ދުވަހު އަރާމުކުރުމަށެވެ.
ޔޫލީގެ ހިތުގައި އެނބުރެމުން ދިޔައީ އިއްޔެގެ ހާދިސާއެވެ. މާންގެ އެ ކުއްލި ބަދަލާއި އޯގާތެރިކަމެވެ. އަދި މާހައުލު ބަދަލްކޮށްލި ޒޯޔާއެވެ. ޒޯޔާއަކީ ކާކުބާވައެވެ؟ މާންއާ އޮތީ ކޮން ކަހަލަ ގުޅުމެއް ބާވައެވެ؟
ޔޫލީ ކުރިމަތިން އަޑެއް އިވިގެން ބަލައިލިއިރު ދޮރުމަތީގައި ހުރީ އޭނާ އެއްގޮތަކަށްވެސް އުއްމީދުކުރި މީހެއް ނޫނެވެ. ގޭގެ މަސައްކަތު މީހާގެ ފަހަތުން އައިސް އެ ވަނީ މާންއެވެ.
އޭނާގެ އަތުގައި މޭވާ ވަށިގަނޑަކާއި މާބޮނޑިއެއް އޮތެވެ.
“ހާލު ކިހިނެއް؟” މާން އެތެރެއަށް ވަންނަމުން އަހާލިއެވެ.
“މާން؟ މިތަނަށް؟؟ ކީއްކުރަން؟” ޔޫލީ ހައިރާންވެފައި އަހާލިއެވެ.
“އަހަރެންގެ ސަބަބުންނޭ ބުނީމެއްނު އަނިޔާވީ. އެހެންވެ ބަލާލަން މިއައީ،” މާން ސޯފާ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. “އަދި ބުނަން… ލެޕްޓޮޕް އާއިމެދު ކަންބޮޑުނުވައްޗޭ. އޭގަ ހުރި ހުރިހާ ފައިލެއް ރިކަވަރ ކުރެވިއްޖެ. އަދި އާ ލެޕްޓޮޕެއް އޮފީހުން ލިބޭނެ.”
ޔޫލީ ބަހެއް ނުބުނެ މާންގެ މޫނަށް ބަލަން އިނެވެ. މާންގެ މި އޯގާތެރިކަމުގެ ފަހަތުގައި ވަނީ ކޮން ކަމެއް ބާވައެވެ؟ އޭނާގެ ހިތުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅު، މަޑުމަޑުން ނިވުމުގެ މަގަށް އެޅެމުންދާކަން އޭނާއަށް އިހުސާސްވަމުން ދިޔައެވެ. ނަމަވެސް ޒޯޔާގެ މަތިން ހަނދާންވުމުން އަނެއްކާވެސް ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ.
“ހޫ އިސް ޒޯޔާ؟” ޔޫލީގެ ސިކުނޑީގައިވި ސުވާލު ބޭއިހްތިޔާރުގައި ދުލަށްއައެވެ.
މާން ކުޑަކޮށް ހުއްޓުން އެރިއެވެ. އޭނާ ޔޫލީގެ ދެލޮލަށް ސީދާ ބަލާލިއެވެ. “ޒޯޔާއަކީ… އެއީ އަހަރެންގެ ކުރީގެ ލޯބިވެރިޔާ. އަދި މިހާރު އަހަރެން އޮފީހުގެ ޑިރެކްޓަރ އޮފް ޑިޒައިންްސް.”
މާންގެ އެ ޖުމްލައާއެކު ޔޫލީގެ ހިތަށް ލިބުނީ ސިހުމެކެވެ. އޭނާގެ ހިތް މުޅިން ތަފާތު ގޮތަކަށް ތެޅިލިއެވެ. އޭނާއަށް ނޭނގޭ ހަސަދައެއްގެ އިހުސާސް ކުރެވެން ފެށިއެވެ. “ކުރީގެ ލޯބިވެރިޔާ” އެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލީ މަލާމާތެއް ފަދައިންނެވެ. މާންގެ ދިރިއުޅުމުގައި އެހާ ފުރިހަމަ، އެހާ ރީތި މީހަކު އުޅެފައިވާކަން އެނގުމުން، ޔޫލީގެ ހިތުގައި އުފެދުނީ ބުނެދޭން ނޭނގޭ އިހްސާސެކެވެ. ހަސަދައާއި އެކުވި ފޫހިކަމެކެވެ. އަދި އޭނާއަށް މާންގެ ފަރާތުން މިހާރު މި ފެންނަ އޯގާތެރިކަމަކީ ހަމައެކަނި “އެކްޓެއް” ކަމަށް ގަބޫލުކުރެވުމުން އައި ރުޅިއެވެ.
“އޯ، ޑިރެކްޓަރ އޮފް ޑިޒައިންސް؟” ޔޫލީގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. “ދެން މާ ރަނގަޅެއްނު. ތިބޭފުޅާގެ ‘ޓޭސްޓް’ ހަމަ ވަރަށް ރީތިވެފައި ފުރިހަމަ.”
މާންގެ ދެބުމަ ގާތްވެލިއެވެ. ޔޫލީގެ އެ ބަސްތަކުގައި ހުރި ވިހަގަދަކަމުން އޭނާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. “އަހަރެންގެ ‘ޓޭސްޓް’؟ ޒޯޔާއަކީ މި ދާއިރާގެ އެންމެ ގާބިލު އެކަކު. އޭނާއަށް އެ މަގާމް ލިބުނީ އޭނާގެ ހުނަރުން.”
“ޔަގީންތާ! ހުނަރުގެ އިތުރުން ‘ކުރީގެ ގުޅުން’ ވެސް ބޮޑު ރޯލެއް ކުޅޭނެކަން ގައިމު،” ޔޫލީ ފޫހިގޮތަކަށް ބުންޏެވެ. “އަދި އެހާ ހިތްގައިމު ‘ނިކް-ނޭމް’ އަކުން ގޮވާލަނީވެސް ދޯ؟ ‘މަންނު’… ހާދަ ލޯތްބޭ. އަހަރެން ހީކުރީ މާންއަށް މީހުން ކިޔާނީ ހަމައެކަނި ‘ހިތް ހަރު ފުރޭތަ’ ކަމަށް.”
މާން ގޮނޑިން ތެދުވެ ޔޫލީއާ ގާތަށް ޖެހިލިއެވެ. “ޔޫލީ، ތީގެ މާނައަކީ ކޮބާ؟ އަރ ޔޫ ޖެލަސް؟” އޭނާގެ އަޑުގައިވީ ޝައްކެވެ.
ޔޫލީ ބާރަށް ހީލިއެވެ. “ޖެލަސް؟ އަހަރެން ޖޭވާން ތީ އަހަރެންގެ ކާކު؟ އަހަރެންނަށް ތި އޮފީހުން މާން ވަޒީފާ ދިނީ އަހަރެންގެ ބައްޕަގެ އެދުމަށް ޒިންމާދާރު މީހަކަށް ހެދުމަށް. އެކަމަކު މި ޖެހުނީ ކޮންތާކު؟ ބޮސް އޮފީހުގެ ތެރޭގައި ‘ރޮމޭންޓިކް’ ޑްރާމާ ކުޅެން ފެށީމާ މަސައްކަތަކަށްނު ބުރޫއަރާނީ. އަހަރެން ބޭނުމެއް ނޫން ތި ދެމީހުންގެ މެދަށް ވަންނާކަށް.”
“އަހަރެން ޑްރާމާއެއް ނުކުޅެން، ކުޅޭކަށް ނުވެސް އުޅެން” މާން ދަތްކުނޑިވިކާލަމުން ބުންޏެވެ. “ޔޫލީއަށް އެހާ އުނދަގޫވަންޏާ ލޯ މަރައިގެން ހުރޭ. އަހަރެން ކުރާ ކަމެއް ބަލާކަށް ޔޫލީއަކަށް ނުޖެހޭނެ. ޔޫލީގެ ޒިންމާ ޔޫލީ އަދާކުރީމަ ރަގަނޅުވާނެ…”
“އެހެންތާ؟ އެހެންވިއްޔާ އަހަރެން ރިލްވާންއާއި ވާހަކަ ދެއްކިޔަސް، ނޫނީ އެހެން މީހެއްގެ އުނގަށް ވެއްޓުނަސް މާންއަށް ކޮން ކަމެއް؟” ޔޫލީ މަލާމާތުގެ ރާގަކަށް އަހާލިއެވެ. “ބަލައިގެން އުޅޭށޭ،… ތި ބަސްތައް މާ ރަނގަޅުވާނެ ޒޯޔާގެ ކަންފަތްދޮށުގައި ކިޔަން. އެހާ ބޮޑެތި ‘ހައި-ހީލްސް’ އަށް އަރައިގެން ހިނގާއިރު އޭނާ ވެއްޓިދާނެތީ މާން މާ ކަންބޮޑުވާން ޖެހޭނެ.”
މާންގެ ކޯތާފަތުގެ މަސްގަނޑަށް ލޮޅުމެއް އަރައިގެން ދިޔައެވެ. ޔޫލީގެ އެ ވިހަގަދަ ބަސްތަކުން އޭނާގެ ހިތް އަންދަމުން ދިޔައެވެ. “ޔޫލީއަށް ތިހާ ބޮޑަށް އަސަރުކުރާނެކަމެއް އަހަރެން ނުދެނަހުރިން. އެކަމަކު ހަނދާންކުރާތި، ޒޯޔާއަކީ އޮފީހުގެ އިސްވެރިއެއް. އޭނާއަށް އިހުތިރާމްކުރަން ދަސްކުރޭ.”
“އިހުތިރާމް؟ އެއީ ލިބޭ އެއްޗެއް ނޫން، ހޯދާ އެއްޗެއް،” ޔޫލީ ތެދުވާން މަސައްކަތް ކުރިއެވެ. ” މާ ހެޔޮ އެދޭ މީހަކަށް ވެގެން ތި ޑްރާމާ ނުކުޅޭ.. ކުރިން ވެސް މާން އަހަންނާއި ބޭއްވި ހަރުކަށިކަން އަހަންނަށް ފުދޭ.. ” ޔޫލީ މަޑުމަޑުން އުދަނގޫ ގޮތަކަށް ސޯފާއިން ތެދުވިއެވެ.
ޔޫލީ ކޮރުޖަހަމުން އެތެރެއަށް ހިނގައިގަތެވެ. މާން އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ނަޒަރު ހުރީ ޔޫލީގެ ފަޔަށެވެ. އެ ފަޔަށް އަނިޔާވެފައި ހުރިކަން އެނގޭތީ އޭނާގެ ހިތުގައި ކުޑަ ހަމްދަރުދީއެއް އުފެދުނެވެ. އެކަމަކު ޔޫލީގެ އެ ބޮޑާކަމާއި ބަސްމަގު ހުރި ގޮތުން، އެ އިހުސާސް ފޮރުވަން އޭނާއަށް މަޖުބޫރުވިއެވެ.
****
ހަފްތާއަކަށްފަހު ޔޫލީ އޮފީހަށް ނިކުތް ފުރަތަމަ ދުވަހެވެ. އޭނާ އަދިވެސް ހިނގަނީ ކުޑަކޮށް ބަލައިގެންނެވެ. ރިސެޕްޝަން ކައުންޓަރު ކައިރީގައި ހުރި ޝިފްނާ، ޔޫލީ ފެނުމާއިއެކު ދުވެފައި އައެވެ.
“ޔޫ! އައި މިސްޑް ޔޫ ސޯ މަޗް!” ޝިފްނާ ޔޫލީގެ އަތުގައި ހިފާލިއެވެ. “މިހާރު ފައި ރަނގަޅުތަ؟”
“އާނ، ކުރިއަށްވުރެ މާ ރަނގަޅު،” ޔޫލީ ހިނިތުންވެލިއެވެ. ” ހައު އިސް އޮފީސް” އޮފީހަށް މިފަހުން އައި ބަދަލު އެނގި ހުރެ ޔޫލީ އަހާލީ އިތުރަށް އޮޅުންފިލުވާށެވެ.
ޝިފްނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ޔޫލީގެ ކަންފަތްދޮށުގައި ސިއްރުން ބުންޏެވެ. “ސޯ ބޭޑް… އެ ‘ޒޯޔާ’ އައި ފަހުން މާންގެ މޫޑު ހުންނަނީ ގޯސްކޮށް. އޭނާ މިއަދުވެސް އައިސް އެބައިން ބޮސްގެ ކެބިންގަ. ވަރަށް ފޮނި އަންހެނެއް އެއީ.”
ޔޫލީ އެއްޗެއް ބުނަން އުޅުނު ވަގުތު، ރިލްވާން އައިސް އެމީހުންގެ ކައިރީގައި މަޑުކޮށްލިއެވެ. “ވެލްކަމް ބެކް ޔޫލީ! އަހަރެން ހީކުރީ އަދި ހަފްތާއެއް ނަގާނެ ކަމަށް،” ރިލްވާން ވަރަށް ގާތްކަމާއިއެކު ޔޫލީގެ ކޮނޑުގައި އަތްލިއެވެ.
ލިފްޓުން ފޭބި މާންގެ ނަޒަރު ސީދާ އަމާޒުވީ ޔޫލީގެ ކޮނޑުގައި ބާއްވާލާފައިވާ ރިލްވާންގެ އަތަށެވެ. މާންގެ ދެލޯ ރަތްވެ، މޫނުމަތީގެ ނާރުތަކަށް ވާންވެލިއެވެ. އޭނާ ބާރު ފިޔަވަޅުތަކުގައި އެދިމާލަށް އައެވެ. “ރިލްވާން! މިއީ ރިސެޕްޝަން އޭރިއާ، މިތަނުގައި ބޭކާރު ވާހަކަ ދައްކާ ސަކަރާތް ޖަހާ ނުހަދާ، ދޭ މަސައްކަތަށް!” މާންގެ އަޑުގައި ހުރި ހަރުކަށިކަމުން ރިލްވާން އަވަސްއަވަހަށް ހިނގައިގަތެވެ.
****
މާހިން ރިސެޕްޝަނާ ދިމާލަށް ހިނގައިގަތް ވަގުތު، އެތަނުގައި ހުރި ޝިފްނާއަށް ފެނުމުން އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަދި މާހިންއާއި ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. ‘އެއީ ހަމަ އެ ސޫރައެވެ. އަހަރެންގެ ހިތުގައި، އެންމެ ފެނިލުމަކުން ބިންވަޅު ނެގިފައިވާ ފުރިހަމަ ކަމެވެ. އެ ބުޅި ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފާވީ ނަމަވެސް އެއީ ހަމަ އޭނާއެވެ.’ ޝިފްނާ ގެ ސިކުނޑި ދިޔައީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
“ހައި،” މާހިން ހިނިތުންވެލިއެވެ. ޝިފްނާގެ ހިތް ބާރަށް ތެޅަން ފެށިއެވެ. ވާނިވެސް އެހެންތާއެވެ. ކުރިމަތީ އެހުރީ އޭނާގެ ހިތް އަތުލި “ކްރަޝް” އެވެ.
“މާން އެބައުޅޭތަ؟” މާހިން އަހާލިއެވެ. އޭނާގެ ނަޒަރު ހުރީ ޝިފްނާއަށް ހުއްޓިފައެވެ.
“އާނ… ބޮސް އެބައުޅޭ ކެބިންގަ،” ޝިފްނާ ކުޑަކޮށް ލަދުން އިސްޖަހާލަމުން ބުނެލިއެވެ. މާހިން ޝިފްނާއާ ވާހަކަދައްކަން މަޑުކޮށްލިއިރު، ދުރުން ކޮރިޑޯގެ ތެރެއިން ޔޫލީ ހިނގާފައި ދިޔަ މަންޒަރު އޭނާއަށް ފެނުނީ ހަމައެކަނި ހިޔަންޏެއް ފަދައިންނެވެ. މާހިންއަށް އެއީ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދިޔަ ރާނީ ކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
ޝިފްނާ ވަނީ މާހިންއާ ވާހަކަދައްކާލަން ފުރުސަތު ލިބުމުން އުފަލުން ފޮޅިފައެވެ. އޭނާއަށް ނޭނގޭ ކަމީ، އޭނާގެ މި “ކްރަޝް” އަކީ އޭނާގެ ބޮސްގެ ކޮއްކޮކަމެވެ. އަދި މާހިންގެ ހިތުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އުފެދިފައިވި އިހްސާސެވެ.
****
“މާން ކީއްވެތަ އަހަރެންގެ ކަންކަމާ ތިހާވަރަށް ބެހެނީ؟” ޔޫލީ އޭނާގެ މޭޒު ކައިރީގައި އިށީންނަމުން މަޑުމަޑުން ބުންޏެވެ. “ރިލްވާންއަކީ އަހަރެންގެ ރަހުމަތްތެރިއެއް.” ޔޫލީ އިތުރު ކޮށްލިއެވެ.
“އަހަރެން ބޭނުމެއް ނޫން އޮފީހުގެ ތެރޭގައި ތިކަހަލަ ‘ސޯޝަލައިޒް’ ވުންތައް ފެންނާކަށް،” މާން ގޮނޑީގައި ލެގިލަމުން ބުންޏެވެ. “ޔޫލީއަކީ އަހަރެންގެ ޒިންމާއެއް.”
“ޒިންމާއެއް؟ ނޫން، މާން ތި އުޅެނީ އަހަރެން ‘ކޮންޓްރޯލް’ ކުރަން،” ޔޫލީ ބާރަށް ބުންޏެވެ. “މާންގެ ޒިންމާއަކީ ޒޯޔާ. އާ އެހެންޔަ، ތީ ޒޯޔާގެ ‘މަންނު’ އެއްނު؟” މަލާމާތުގެ ރާގެއްގައި ޔޫލީ ބުނެލިއެވެ.
” ވައި އަރ ޔޫ ސޯ އޮބްސެސްޓް ވިތް ޒޯ؟” ފިއްތާލެވިފައިވާ ދަތްތަކުގެ ތެރެއިން މާން މަޑުމަޑުން ބުނެލިއެވެ.
ޔޫލީ ޖަވާބެއް ނުދީ މަސައްކަތަށް ސަމާލުކަން ދިނެވެ. އެވަގުތު މާންގެ ފޯނަށް މެސެޖެއް އައެވެ. އެއީ މާހިންގެ މެސެޖެކެވެ. އޭނާ ރިސެޕްޝަންގައި އިންތިޒާރުގައި ހުރި ކަމަށް ބުނެފައި އޮތެވެ. ޔޫލީގެ ފޯނަށްވެސް މެސެޖެއް އައެވެ. މާން ގަސްތުގައި ޔޫލީގެ ފޯނަށް ބަލާލިއެވެ.
“ޔޫލީ، އަހަރެން އިންތިޒާރުގަ. ބްރޭކްފާސްޓްއަށް ދާން.”
އެއީ ރިލްވާންގެ މެސެޖެކެވެ. މާންގެ ދެލޯ ރަތްވިއެވެ. އޭނާ ކުއްލިއަކަށް ތެދުވިއެވެ. “ޔޫލީ! މިއަދު ސައި ބްރޭކެއް ނޯންނާނެ. އެ ހުރިހާ ފައިލެއް މިހާރު ނިންމަން ޖެހޭނެ.” ހަރުގައި ހުރި ފައިލް ތަކަކަށް އިޝާރާތްކޮށްލަމުން މާން ބުނެލިއެވެ.
“ވަޓް؟ ވައި؟” ފޯނަށް އައި މެސެޖް ބަލައިލަން ފޯނު ނެގި ޔޫލީ ހައިރާން ކަމާއިއެކު ބުނެލިއެވެ.
“އަހަރެން ބުނީމަ!” މާން ބާރަށް ބުންޏެވެ.
މާން ކެބިންއިން ނިކުމެގެން ދިޔުމުން، ކެބިންއިން ނިކުމެވެން ހުރި ބެލްކަންޏަށް ޔޫލީ ނިކުމެލީ އޭނާގެ ހިތަށް ހަމަޖެހުމެއްލިބޭތޯއެވެ.
ފުރުސަތަކަށް ބަލަ ބަލާ ހުރި ޒޯޔާ، އެތެރެއިން މީހެއްގެ ހިލަމެއް ނުވާކަން ޔަގީންކޮށްލުމަށްފަހު ކެބިން ތެރެއަށް ވަދެލިއެވެ. އޭނާގެ މިސްރާބު ހުރީ ސީދާ މާންގެ މޭޒަށެވެ. މޭޒު މަތީވި ކަރުދާސްތައް ނަގާ، މޭޒުމަތީ ބަހައްޓާލާފައި ހުރި ކުޑަ ހަރުވެސް ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ.
***ނުނިމޭ***
ޒޯޔާ މާންގެ މޭޒުމަތިން އެ ހޯދަނީ ކޯއްޗެއްބާ؟ 👀📄
މާންއާއި ޒޯޔާ އަލުން ގުޅޭނީބާ؟🤔
މާހިންއަށް ޔޫލީ ފެންނާނީ ކޮންއިރަކުބާ؟👁️
ތިޔަ ބޭފުޅުންގެ ހިޔާލު ކޮމެންޓްގައި ހިއްސާކޮށްލަދެއްވާ.💬✨
ސުވާލުތަކުގެ ޖަވާބަށް ވާހަކައަށް އިންތިޒާރުކޮށްލައްވާ.
ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން.
ޒޯޔާގެ ފުރަތަމަ ފެނިލުމާއި ޒޯޔާ ކެރެކްޓަރ ބަލައިލަން ބޭނުން ކިޔުންތެރިންނަށް އަޅުގަނޑުގެ ފޭސްބުކް ޕޭޖްއިން މިހާރު ފެންނާނެ. 💃
ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.
ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.
-ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



When next?
Konme Thursday ehga vaahakaaige part eh publishing ah fonuvaalaanan … keiytherikamaa eku thi kuraa inthizaarah Shukuriyyaa 😊
Wow
Thank You for the lovely comment 🙂 .. And I am happy to see you again Exxo 🙂
Salhi
Dhen evee kihineitha?
Haadha curious ey
Avas avas anei bai pls
Thank you for the lovely comment Falak ☺️ vee goiy balamaa vaahakaaige kuriah huri part thakun ☺️ konme hafthaa aku ves part eh kiyaalan libeyne…
Wow wow wow
Vrh reethi ingey Wish.
Ly… tc…
Thank you for the lovely comment xxx … vaahaka shauguverikamaa eku kiyaathy varah ufaa vey… varah loaibaa eku xxx ah tgc ☺️
U job eh ha tha ulhenee??
I would like to keep that a secret 😊