Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 6, 2026 6 Mins Read
3 Comments

އެއްޗެއް ބުނުމެއް ނެތި އަޒްޔަން އެތެރެއަށް ވަދެ ކައިރިއަށް އައިސް ނޫރީންއާ ދިމާއަށް ތިރިވެލަމުން ލެޕްޓޮޕްގައި ހުޅުވާފައި އިން ފައިލް ސޭވް ކޮށްލާފައި ލެޕްޓޮޕް ލައްޕާލިއެވެ.

ނޫރީންއަށް އަޒްޔަންއާ ދިމާއަށް މޫނު އަނބުރާލެވުނު އިރު ދެ މީހުންގެ މެދުގައި ވީ ދެތިން އިންޗީގެ ދުރުމިނެވެ. ދުވަސްތަކެއް ފަހުން އެހާ ކައިރީގައި ތިބެވުނުކަން އިހުސާސްވެ ދެ މީހުންގެ ނޭވާވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ސިކުންތުކޮޅަކަށް ފަހު ފުރަތަމަ އެނބުރިލީ ނޫރީންއެވެ.

“ނުނިމި ހުރި ކަމެއް ވިއްޔާ މާދަމާ އައިސް ނިންމާލީމަ ރަނގަޅު ވާނެ” ހަށިގަނޑު ސީދާކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާލަމުން އަޒްޔަން ބުންޏެވެ.

ނޫރީން ޖަވާބެއް ނުދީ ދަބަސް ހިފައިގެން ތެދުވުމުން އަޒްޔަން ދޮރު ހުޅުވާލައިގެން ނޫރީން ނިކުންނަން ދެން ހުއްޓެވެ. ދެ މީހުން އެކުގައި ބޭރަށް ނިކުތް އިރު އެކަކުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ދެ މީހުންގެ ހިތުގައިވެސް ވީ އިރުކޮޅެއް ކުރިން ދެ މީހުން ތިބެވުނު ގޮތުގެ ހަނދާނެވެ.

 

ދެން އައި ދެ ހަފްތާއެއްހާ ދުވަސް ދިޔައީ އެއްގޮތަކަށެވެ. ފަތިސް ނަމާދަށް ފަހު ނޫރީން ސައި ހަދަން ނިކުންނަ އިރު އަޒްޔަންވެސް އެކިއެކި ކަންކަމުގައި ނޫރީންއަށް އެހީވެދެއެވެ. ދެ މީހުން އޮފީހަށް ދަނީ، އަދި ގެއަށް އަންނަނީވެސް އެކުގައެވެ. މެންދުރާ ރޭގަނޑުގެ ކެއުން އޮންނަނީ ޝަފަގުމެންނާ އެކުގައެވެ. ހަވީރު އޮފީހުން އައިސްފައި ނޫރީން އިންނާނީ ކޮންމެވެސް ފިލްމެއް ބަލާށެވެ. އެ ގަޑީގައި ގިނަ ފަހަރު އަޒްޔަންވެސް ނޫރީންއާ ބައިވެރިވެއެވެ. މަދު ރެއެއްގައި ނޫނީ ރައްޓެއްސަކާ އެކުވެސް އަޒްޔަން ބޭރަކަށް ނުދެއެވެ.

ކުރެވިފައިވާ ކައިވެންޏާ މެދު ދެ މީހުންވެސް ވިސްނައެވެ. އަޒްޔަންއަށް އަބަދުހެން ވިސްނެނީ އެ ގުޅުން ރަނގަޅު ކުރާނެ ގޮތަކާ މެދުއެވެ. އިތުރު ފުރުސަތަކަށް އެދެން ބުނާނެ ގޮތަކާ މެދުއެވެ. އަޒްޔަން އެދެނީ އެ ކައިވެނި ދަމަހައްޓަން ކަން ނޫރީންއަށް ޔަގީން ކޮށްދޭނެ ގޮތަކާ މެދުއެވެ. ނަމަވެސް އަޒްޔަން ބުނާ އެއްޗެއް ނޫރީންއަށް ގަބޫލު ކުރެވިދާނެ ހެން ހީނުވާތީ އެއްޗެއް ބުނަން ފަސްޖެހިފައި ހުރެވެނީއެވެ.

ނޫރީންގެ ހިތުގައިވެސް ވަނީ އެ ކައިވެނީގެ ޚިޔާލެވެ. ދެން ކަންތައް ކުރަންވީ ގޮތެއް ނުވިސްނިފައި ޚިޔާލެއް ހޯދުމަށް ނޫރީންއަށް ވާހަކަ ދެއްކެނީ ޝަބާއާއެވެ. ޝަބާގެ ލަފައަކަށް ވަނީ އަޒްޔަންއަށް އިތުރު ފުރުސަތެއް ދިނުމެވެ. ނަމަވެސް އެ ފުރުސަތު ދޭން ނޫރީން ޖެހިލުން ވަނީއެވެ. އަޒްޔަންގެ ފަރާތުން އިސްނެގުމެއް ނުފެނުން ވީ ނޫރީންއަށް ގޮތެއް ނިންމަން އުނދަގޫވި ކަމަކަށެވެ.

 

ނޫރީން އޮފީހަށް ނިކުންނަން ފެށިތާ ދެ މަހެއްހާ ދުވަސް ފަހެވެ. އަޒްޔަންމެންނާ އެކު މަސައްކަތް ކުރާ އޮފީހެއްގެ އިސްވެރިއަކު، އެ އާއިލާއަށް ދިން ދަޢުވަތަކަށް ހުޅުމާލޭގެ ހޮޓެލްއެއްގައި ރޭގަނޑުގެ ކެއުމުގައި ބައިވެރިވެފައި އަޒްޔަންމެން ނިކުތީ އެކީގައެވެ. ޝަފަގުއާ ޔާސިރުއާ ޒާއިން ކާރުގައި ދިޔުމުން އަޒްޔަންއާ ނޫރީންވެސް ސައިކަލުގައި ނައްޓާލިއެވެ. ނަމަވެސް އެ މީހުންނަށް މާލެއާ ހަމައަށް ނާދެވެނީސް ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. އިރުކޮޅެއްގެ ތެރޭ ދެ މީހުން ތެމިފޯވިއެވެ. ހައިވޭގެ މެދެއްހާ ހިސާބަށް އާދެވުނު ތަނާ ވިދާލުމާއެކު ޖެހި ބާރު ގުގުރީގެ އަޑު އިވުމުން ނޫރީންއަށް ދެ އަތުން އަޒްޔަންގެ ގައިގައި ބާރަށް ބައްދާލެވުމާއެކު އަޒްޔަންގެ ބުރަކަށީގައި މޫނު ޖައްސާ ބާރުކޮށްލެވުނެވެ.

ދެވަނަ ގުގުރިއާ އެކު ނޫރީންއަށް ހަޅޭލަވައިގަނެވުނު އިރު މީހާ ތުރުތުރުއަޅަން ފަށައިފިއެވެ.

“ނޫރީން.. އިޓްސް އޯކޭ.. އިރުކޮޅަކުން ގެއަށް ދެވިދާނެ..” އަޒްޔަންގެ ބަނޑުމަތިން ބާރަށް ހިފަހައްޓައިގެން އިން ދެ އަތުގައި އަޒްޔަން އެއްއަތުން ފިރުމަމުން ނޫރީންއަށް އަޑުއިވޭ ވަރަށް ބާރަށް ބުންޏެވެ. ކުޑަ އިރުން ފެށިގެންވެސް ނޫރީންއަކީ އެ ގޮތަށް ވިއްސާރަވެ ވިދާ ގުގުރާ ނަމަ ބިރުގަންނަ ކުއްޖެއްކަން އަޒްޔަން ހަނދާންވިއެވެ.

ނޫރީން ޖަވާބެއް ނުދިނެވެ. އަޒްޔަން އިރުއިރުކޮޅާ ނޫރީން ހަމަޖެއްސޭތޯ ވާހަކަ ދައްކަމުން ނޫރީންގެ އަތުގައި ފިރުމާލައެވެ. ވިއްސަކަށް މިނަޓް ފަހުން ގެއަށް ދެވެންދެންވެސް ނޫރީން އިނީ އެހެންނެވެ. ގެއަށް ގޮސްފައި ނޫރީން ސައިކަލުން ބާލަންވެސް އަޒްޔަންއަށް ޖެހުނީ ގަދަކަމުންނެވެ. އޭރުވެސް ވާރެއާ އެކު އިރުއިރުކޮޅާ ވިދާ ގުގުރަމުން ދިޔައެވެ. ގުގުރާލާ ކޮންމެ ފަހަރަކު ނޫރީން ސިހިގެން ދެއެވެ. ގެއަށް ވަދެ ލިފްޓަށް އެރުމުން ވިއްސާރައިގެ އަޑު އިރުކޮޅަކަށް ކެނޑުނެވެ. ވިދުވަރުގެ އަލި ނުފެނުނު ނަމަވެސް ލިފްޓުން ނިކުމެ އެޕާޓްމެންޓް ދޮރާ ހަމަވީ ވަގުތު ޖަހާލި ބާރު ގުގުރިއާއެކު ސިހިގެން ދިޔަ ނޫރީން އަޒްޔަންގެ ގައިގައި ބައްދައިގަތެވެ.

“އިޓްސް އޯކޭ ނޫރީން.. އައިމް ހިޔަރ.. ބިރު ނުގަނޭ..” ނޫރީން ގެނެސް މޭގައި ޖައްސާލައިގެން ހުރެ އަޒްޔަން އެޕާޓްމެންޓް ތެރެއަށް ވަނެވެ.

“ނޫރީން، ޗޭންޖް ކޮށްލަން ވީނު؟ އެކީ ތެމިފަ ތިހުރީ، ފިނިވެގެން ރޯގާ ޖެހިދާނެ” ތުރުތުރު އަޅަމުން ދިޔަ ނޫރީންގެ ބުރަކަށީގައި ފިރުމަމުން އަޒްޔަން ބުންޏެވެ. ނަމަވެސް ނޫރީންއަށް އަޒްޔަންގެ އަޑު އިވުނުހެން ހިއެއް ނުވެއެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑު އިވެމުން ދިޔަ އިރު ނޫރީންގެ ސަމާލުކަން ދެވިފައިވީ ވިދާލާ ވިދުވަރަށް ފަހު އަންނާނެ ގުގުރީގެ އަޑަށެވެ.

“ނޫރީން..” ނޫރީން ގަޔާ ދުރުކޮށްލަން އަޒްޔަން އުޅުނެވެ. ނަމަވެސް ނޫރީން އެ ގޮތް ބޭނުން ނުވެ ހައްތަހާ ބޮޑަށް އަޒްޔަންއާ ކައިރިވެލި އިރު ފިނިވެގެން ނޫރީންގެ މުޅި ހަށިގަނޑު އެކީ ތުރުތުރު އަޅަމުން ދިޔައެވެ.

އެ ވަގުތު އަޒްޔަންގެ ފޯން ރިންގް ވިއެވެ.

“ކީކޭ މަންމާ؟” އަޒްޔަން ޖަވާބު ދިނީ ޝަފަގުގެ ކޯލަކަށް ވީތީއެވެ.

“ދަރިފުޅުމެންނަށް ގެއަށް އާދެވިއްޖެތަ؟ ކޮބާ ނޫރީން؟ އެ ކުއްޖާ ރަނގަޅުތަ؟” ޝަފަގުވެސް ކަންބޮޑުވީ ނޫރީންއާ މެދުއެވެ.

“އާނ، އާދެވިއްޖެ. ނޫރީން އެބަހުރި” އަޒްޔަން ބުންޏެވެ.

“އަޒްޔަން، ދަރިފުޅު ނޫރީންއާ ދުރަށް ނުދައްޗޭ. އޭނަ ވަރަށް ބިރުން ހުންނާނީ” ޝަފަގު ބުންޏެވެ.

“ނޫރީން ކައިރީގަ މިހުރީ. އިހަށް ބާއްވަނީ މަންމާ” އަޒްޔަން ގިނަ ވާހަކަ ނުދައްކާ ކޯލް ކަނޑާލިއެވެ.

ނޫރީން ގޮވައިގެން އަޒްޔަން ކޮޓަރިއަށް ވަން ގޮތަށް މަޑުނުކޮށް ފާހާނާއަށް ވަނެވެ. ނޫރީން އަޅައިގެން ހުރި ޝޯލް ނަގާފައި ފެން މާގަނޑު ދޫކޮށްލާ ނޫރީން ގޮވައިގެން ހޫނު ފެންތަކުގެ ދަށަށް އަޒްޔަން ވަނީ ނޫރީން ފިނިވެފައި ހުރި ވަރުންނެވެ.

“ނޫރީން.. ވާރޭ ތުނިކޮށްލައިފި، ގުގުރާ ވިދުންވެސް ހުއްޓިއްޖެ. އަޑު އަހާބަލަ، އެބަ ގުގުރާތަ؟ އެ އަޑެއް ނީވެއެއްނު؟” ވިއްސާރައިގެ އަޑު މަޑުވުމުން އަޒްޔަން ބުންޏެވެ.

އަޒްޔަންގެ މޭގައި ބޯ ޖައްސައިގެން ހުރި ގޮތަށް އިރުކޮޅަކު ހުރެފައި ނޫރީން ދުރަށް ޖެހިލިއެވެ. ވާރޭގެ އަޑު މަޑުވެފައިވީ ނަމަވެސް ދެންވެސް އިރުކޮޅަކު ނޫރީންއަށް މަޑުކޮށްލެވުނީ ގުގުރީގެ އަޑު ކެނޑުނުތޯ ޔަގީން ކުރަން ކަހަލައެވެ. އެކަން ޔަގީން ވުމުން ނޫރީން އަދިވެސް ދުރަށް ޖެހިލިއެވެ. ނަމަވެސް އޭރުވެސް ނޫރީންގެ ހިތުން އެ ބިރު މުޅިން ނުފިލައެވެ.

“ސޮރީ..” ލަސްލަހުން ދުރަށް ޖެހިލި ނޫރީން އަޒްޔަންއާ ދިމާއަށް ބަލާލިއެވެ.

“އިޓްސް އޯކޭ. ނޫރީން ޗޭންޖް ކޮށްލަން ވީނު؟” އަޒްޔަން ބުންޏެވެ.

ނޫރީން ބޯ ޖަހާލުމުން ދޮރާ ދިމާއަށް ދިޔަ އަޒްޔަން ނޫރީން ގޮވާލުމުން ހުއްޓިފައި ބަލާލިއެވެ.

“އަހަރެން ޗޭންޖް ކޮށްލަން ދެން.. ދޮރު ކައިރީ މަޑުކޮށްލަ ދެވިދާނެތަ؟” ނުކެރިފައި ހުރިހެން ނޫރީން އެދުނެވެ.

އަޒްޔަން ބޯ ޖަހާލުމުން ނޫރީން ނިކުމެ އަލަމާރިން އެންމެ ފުރަތަމަ އަތުޖެހުނު ޓީޝާޓާ ހަރުވާޅު ހިފައިގެން ފާހާނާއަށް ވަނެވެ. އަޒްޔަން ދޮރު ކައިރި ކޮށްލާފައި ނިކުމެ ކައިރީގައި ހުރި ހަރުން ތުވާލި ނަގާ ބޯ ހިއްކާލާފައި ލައިގެން ހުރި ތެތް އެއްޗެހި ބާލާ އުނަގަނޑުގައި ތުވާލި އޮޅާލިއެވެ.

“އަޒްޔަން..؟” އަޒްޔަން ދުރަށް ދިޔައީ ހެން ހީވެ ނޫރީން ގޮވާލިއެވެ.

“ނުދަން، ދޮރު ކައިރީ މިހުރީ” އަޒްޔަން ޖަވާބު ދިނެވެ.

ދެން އަޒްޔަންއަށް އިވުނީ މާގަނޑުން ފެން އޮހެން ފެށި އަޑެވެ. އެއާއެކު އަޒްޔަންގެ ހިތުގެ ތެޅުން އަވަސް ވެލިއެވެ. ހިތަށް ވެރިވާން ފެށި ޚިޔާލުތައް ފޮހެލުމަށް ލޯ މަރާލި ނަމަވެސް އަޒްޔަންއަށް އެ ޚިޔާލުތަކުން ސަލާމަތެއް ނުވެވުނެވެ. އޮހެމުން ދިޔަ ފެނުގެ އަޑާއެކު އަޒްޔަންގެ ހަށިގަނޑު ހޫނުވަމުން ދިޔައެވެ. މުޅިން ނުލެއްޕި ހުރި ދޮރާ ދިމާއަށް އިޚްތިޔާރެއް ނެތި ދެ ފިޔަވަޅު އަޅާލެވުނު ފަހުން އަޒްޔަން އަމިއްލަ ނަފްސު ހުއްޓުވިއެވެ. އަވަސް އަވަހަށް ފަހަތަށް އަޅާލި ފިޔަވަޅާއެކު ހިއްލާލެވުނު އަތުން ޖެހި ޑްރެސިންގްޓޭބަލް މަތިން ފުޅިއެއް ވެއްޓި ބިންމަތީ ޖެހުނު އަޑު ހިމޭންވެފައި އޮތް ކޮޓަރިތެރޭ ގުގުމައިގެން ދިޔައެވެ.

އެއާއެކު ނޫރީން ހަޅޭލަވައިގަންނަމުން ދުވެފައި ފާހާނާއިން ނިކުމެގެން އައި ގޮތަށް އަޒްޔަން ގައިގައި ބައްދައިގަތެވެ. ނޫރީން ގައިގައި އަތްޖައްސާލަން ނޭނގި ގަނޑުވެފައި ހުރި އަޒްޔަން ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެގެން ދިޔައިރު ހީވީ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލޭ ހޫނުވެގެން ދިޔަ ހެންނެވެ.

ހުރެވުނު ގޮތް ނޫރީންއަށް އިހުސާސް ކުރެވުނީ، އިވުނީ ގުގުރުމުގެ އަޑު ނޫންކަން ވިސްނުމުންނެވެ. ދުރަށް ޖެހިލަންވެސް ނުކެރިފައި ހުރެ ނޫރީން އިސް އުފުލާ އަޒްޔަންގެ މޫނަށް ބަލާލިއެވެ.

“ނޫރީން..” ނޫރީން ދުރަށް ގޮސްދާނެހެން ހީވެ އަޒްޔަންއަށް ދެ އަތުން ނޫރީން ގައިގައި ހިފަހައްޓާ ބާރުކޮށްލެވުނެވެ. ހުރެވުނު ގޮތުން ލަދުން ހުރި ނޫރީންއަށް އަޒްޔަންގެ އަޑުގައިވި އެދުން ނަގައެއް ނުގަނެވެއެވެ. ނޫރީންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އިރު އަޒްޔަންއަށްވެސް އެކަން އިހުސާސް ކުރެވެމުން ދިޔައެވެ. ހިތުގައި ވި ޚިޔާލުތައް ފޮހެލަން މަސައްކަތް ކުރަމުން އަޒްޔަން ލޯ މަރާލާ ފުންކޮށް ދެތިން ނޭވާލާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

ދުރަށް ޖެހިލަން އަޒްޔަން ފިޔަވަޅެއް އަޅާލި އިރަށް ނޫރީން ކުރިއަށް ވުރެ ބޮޑަށް އަޒްޔަންއާ ކައިރިވިއެވެ. ނޫރީންއާ އެކު އަލަމާރި ކައިރިއަށް ގޮސް އަޒްޔަން ތުވާއްޔެއް ނަގާ ނޫރީންގެ ގައިގައި އޮޅާލިއެވެ.

“ނޫރީން، އަދިވެސް ތެމިފަ ތިހުރީ، ތުވާލި އޮޅާލާ.. ދެން ބިރު ނުގަނޭ. ވާރެއެއް ނުވެހޭ، ނުވެސް ގުގުރާ މިހާރަކު.. ތިހެން ހުއްޓާ މާ ބޮޑަށް ފިނިވެދާނެ” ގަދަކަމުން ކަހަލަ ގޮތަކަށް ނޫރީން ދުރުކޮށްލަމުން އަޒްޔަން ބުންޏެވެ. އަދި ފަހާނާގެ ދޮރާ ހަމައިން ނޫރީން ދޫކޮށްލިއެވެ.

“މިތާ މިހުރީ. އަވަސް ކޮށްލައިގެން އާދޭ” އަޒްޔަން ދުރަށް ނުދާނެ ކަން ނޫރީންއަށް ޔަގީން ކޮށްދިނެވެ.

ނޫރީން ދެކޮޅު ނުހަދާ އަވަސް ކޮށްލައިގެން ނިކުތް އިރުވެސް އަޒްޔަން ދޮރު ކައިރީ ހުއްޓެވެ. އަޒްޔަން ނޫރީން ގޮވައިގެން އެނދާ ހަމައަށް ދިޔައެވެ. އަޒްޔަންގެ އިޝާރާތާއެކު ނޫރީން އޮށޯތުމުން ގައިމަތީ ކުއިލްޓް އަޅައިދީފައި ތެދުވަން ވީ އިރަށް ނޫރީން އަޒްޔަންގެ އަތުގައި ހިފާލިއެވެ.

“ނުދައްޗޭ..” ނޫރީން އެދުނެވެ.

“މި އަންނަނީ” ނޫރީންގެ އަތުގައި ފިރުމާލަމުން އަޒްޔަން ބޯ ޖަހާލިއެވެ. އަދި ނޫރީން ދޫކޮށްލުމުން ނިދަން ލާ ހަރުވާޅެއް ލައިގެން އައިސް އެނދުގެ އަނެއް ފަރާތުގައި އޮށޯވެ އާދައިގެ މަތިން މެދުގައި ކަންނެޔޮ ބާއްވާލިއެވެ.

އެރޭގެ ޚިޔާލުތަކަށް ގެއްލިފައި އޮތް އަޒްޔަން ސިހުނީ އަޒްޔަންގެ އަތުގައި ނޫރީން ހިފާލުމުންނެވެ. އަޒްޔަން އެނބުރި ބަލާލި އިރު ނޫރީން އޮތީ އަޒްޔަންއަށް ބަލާށެވެ.

“އަދިވެސް ބިރުންތަ؟” އަޒްޔަން އަހާލިއެވެ.

ނޫރީން ބޯޖަހާލިއެވެ.

“ބިރު ނުގަނޭ. އަހަރެން މި އޮތީ ކައިރީގައެއްނު؟ ދެން ނިދޭތޯ ބަލާ އިނގޭ” އަޒްޔަން ނޫރީންގެ އަތްތިލައަށް މަޑުމަޑުން ފިތާލިއެވެ.

ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން ނޫރީން ބޯޖަހާލަމުން ލޯ މަރާލިއެވެ.

ފުން ނޭވައެއް ދޫކޮށްލަމުން އަޒްޔަންވެސް ލޯ މަރާލިއެވެ. ނަމަވެސް އަޒްޔަންއަށް ނިދަން ފަސޭހައެއް ނުވިއެވެ. އެހެން އޮވެފައި ނޫރީންއާ ދިމާއަށް އެނބުރިލާ އެ މޫނަށް ބަލަން އޮތް އިރު އެރޭގެ ޚިޔާލުތައް އަޒްޔަންގެ ހިތަށް އުނދަގޫ ކުރަން ފެށިއެވެ. ހިތަށް ސިފަވަމުން ދިޔަ މަންޒަރުތަކުގެ މައްޗަށް އަޒްޔަންގެ ބާރެއް ނުވާ ފަދައެވެ. އަޒްޔަންއަށް ނިދުނީ އެ ޚިޔާލުތަކުގެ ތެރޭގައި ވަނިކޮށެވެ. ނިދީގައިވެސް އެ ޚިޔާލުތައް އަޒްޔަންއާ ވަތްކެއް ނުވިއެވެ. ހުވަފެނުގެ ތެރޭގައި އޮވެފައި ހޭލެވުނު އިރު ޚިޔާލާ ހުވަފެނާ ހަގީގަތް ވަކި ކުރަން އަޒްޔަންއަށް ދަތިވިއެވެ.

އަޒްޔަންގެ އަތުތެރޭގައި އޮތް ނޫރީންގެ ހޫނު ނޭވާ ހުރަހެއް ނެތި އަޒްޔަންގެ މެއަށް އެޅެމުން ދިޔައެވެ. އަޒްޔަންގެ އަތްމަތީ ބޯ އަޅާލައިގެން އޮތް އިރު އަޒްޔަންގެ ބަނޑުމަތީ ނޫރީންގެ އެއް އަތް އޮތެވެ. ތިބެވުނު ގާތް ކަމުން އަޒްޔަންގެ ނޭވާ އަވަސް ވެގެން ދިޔައެވެ. އަޒްޔަން ލޯ މަރާލާފައި އަނެއްކާވެސް ހުޅުވާލާ ނޫރީންގެ މޫނަށް ބަލާލީ އެއީ ހަގީގަތެއް ކަން ޔަގީން ކުރުމަށެވެ.

ނޫރީން ކުޑަކޮށް ތެޅިލުމާއެކު އަދިވެސް ބޮޑަށް އަޒްޔަންގެ އަތުތެރޭ ބޮނޑިވެލިއެވެ. ނިދީގައި ނޫރީންއަށް ގެނެވުނު ހަރަކާތާއެކު އަޒްޔަންއަށް ނޭވާ ހިފަހައްޓާލެވުނެވެ. ނޫރީންއަށް ހޭލެވިދާނެ ހެން ހީވެ ތެޅިލަންވެސް ނުކެރިފައި އޮތް ނަމަވެސް ގިނަ އިރަކު އެ ގޮތަކަށް އަޒްޔަންއަކަށް ކެތެއް ނުކުރެވުނެވެ. ލަސްލަހުން ނޫރީންއާ ދުރަށް ޖެހިލަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

“ނޫރީން..” ލޯ މަރާލަމުން ވައި އަޑުން އަޒްޔަން އެ ނަން ކިޔާލިއެވެ.

“ހްމްމް..؟” ނޫރީން ނިދީގައިވެސް އަޒްޔަންގެ އަޑު އިވިފައި ޖަވާބު ދިނެވެ.

އެއާއެކު އަޒްޔަން ސިހިގެން ގޮސްފައި ލޯ ހުޅުވާ ނޫރީންއަށް ބަލާލިއެވެ. އަޒްޔަން ސިހުނު ވަރުން ނޫރީންއަށްވެސް ހޭލެވި، ވާނުވާ ނޭނގިފައި އަޒްޔަންއަށް ބަލަން އޮތެވެ. ނޫރީންއަށް ބަލަން އޮތް އަޒްޔަން އަޑެއް ލައްވާލަމުން ލޯ މަރާލިއެވެ. ނޫރީންއަށް ރަނގަޅަށް ހޭލެވުނީ އެ ވަގުތުއެވެ. ތިބެވުނު ގޮތް އިހުސާސް ކުރެވުމާއެކު ނުރީން ދުރަށް ޖެހިލަން އުޅުނު ނަމަވެސް އަޒްޔަން ހުރަސް އެޅިއެވެ.

“ނޫރީން..” ނޫރީންގެ އަތުގައި ހިފާ ބާރުކޮށްލަމުން ލޯ ހުޅުވާލާފައި އަޒްޔަން ގޮވާލިއެވެ.

ނޫރީން އެއްޗެއް ނުބުނެ އަޒްޔަންގެ މޫނަށް ބަލާލިއެވެ.

“ނޫރީން..” އަނެއްކާވެސް އަޒްޔަން ގޮވާލި އިރު އެ އަޑުގައިވި އަސަރުން ނޫރީންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރެވެމުން ދިޔަ އިހުސާސުން އަޒްޔަންއާ ހަތަރުކަޅި ހަމަކޮށްގެން އޮންނަން ނުކެރިގެން ނޫރީން އިސްޖަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވަފާތެރިމަވީމޭ 2 (1)

Next

އާއެކޭ ލޯބިވޭ… ސާޅީސް ވަނަބައި (އެނގިހާމަވައި ސިއްރުތަކުގެ ހުރަގެ)

Next
May 7, 2026

އާއެކޭ ލޯބިވޭ… ސާޅީސް ވަނަބައި (އެނގިހާމަވައި ސިއްރުތަކުގެ ހުރަގެ)

Previews
May 6, 2026

ވަފާތެރިމަވީމޭ 2 (1)

3 Comments!

  1. Mar Sha Mar Sha says:
    May 6, 2026 at 7:32 pm

    Hello my dear readers, how are you all? part 12 upload kolly inge, miadhu thankolheh busy veema lahun upload kurevuny. kiyaalaafa vaahaka kuriah dhaa gothaa medhu dhekey goiy angaalahchey. InshaAlllah Monday ga 13 genesdheynan. Baajjaveri hukuru dhuvahakah edhen

  2. 🌺🌹N🌹🌺 says:
    May 6, 2026 at 10:03 pm

    Laheh nuve ehnu… this is Wednesday… marsha buny Thursday ga ey uplod kohlaanee….
    Curiously waiting for the next part…

    1. Mar Sha Mar Sha says:
      May 6, 2026 at 10:30 pm

      oh! Marsha ah olhifa miothy I thought today is Thursday, hehe

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 13←


All Right Reserved!