ތިޔަ ނަން މި ހިތުގާ 13
ނޫރީން އެއްޗެއް ނުބުނެ އަޒްޔަންގެ މޫނަށް ބަލާލިއެވެ.
“ނޫރީން..” އަނެއްކާވެސް އަޒްޔަން ގޮވާލި އިރު އެ އަޑުގައިވި އަސަރުން ނޫރީންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރެވެމުން ދިޔަ އިހުސާސުން އަޒްޔަންއާ ހަތަރުކަޅި ހަމަކޮށްގެން އޮންނަން ނުކެރިގެން ނޫރީން އިސްޖަހާލިއެވެ.
“ނޫރީން..” ކުރިއަށް ވުރެ މަޑުން އަޒްޔަން ދެންވެސް ނޫރީންގެ ނަން ކިޔާލިއެވެ. ނޫރީން އަނެއްކާވެސް އަޒްޔަންގެ މޫނަށް ބަލާލިއެވެ. އެ ގޮވާލުމުގެ ފަހަތުގައިވީ އެދުން އެ ދެ ލޮލުން ނޫރީންއަށް ސާފުކޮށް ފެނުނެވެ.
ނޫރީން އިސްޖަހާލަމުން އަޒްޔަންގެ ކަރުދަށުގައި މޫނު ފޮރުވާލިއެވެ.
ލޯ މަރާލެވުމާއެކު އަޒްޔަންއަށް މުޅިން އެހެން ދުނިޔެއަކަށް ދެވުނު ކަހަލައެވެ. ނޫރީން އިސް ނެގި ނަމަވެސް އަޒްޔަންއަށް ފަސް ޖެހިފައި އޮވެވުނު އިރު ކުރިއަށް ދާން ބޭނުންވި ނަމަވެސް އެއީ ނޫރީންއަށް ނޭނގުމުގައި ހިނގަމުން ދާ ކަމަކަށް ވެދާނެއޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ނޫރީން ދިޔައީ ކުރިއަށެވެ. ގިނަ އިރެއް ނުވެ އަޒްޔަންއަށް އަމިއްލަ ނަފްސަށް އޮތް ބާރު ދޫވާން ފެށިއެވެ.
“ނޫރީން.. ޔަގީންތަ؟” ނޫރީންގެ އަތުގައި ހިފާލަމުން އަޒްޔަން އެހިއެވެ.
ނޫރީން މޫނު ހިއްލާ އަޒްޔަންއަށް ބަލާލާފައި ޖަވާބެއްގެ ގޮތުން އިސްނަގާ އަޒްޔަންގެ ތުންފަތުގައި ބޮސްދިނެވެ.
ފަތިހު ފުރަތަމަ ހޭލެވުނީ އަޒްޔަންއަށެވެ. ލޯ ހުޅުވާލި އިރު އަތުތެރޭ ނިދިފައި އޮތް ނޫރީން ފެނުމުން ރޭގެ ހަނދާންވެ އަޒްޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނޫރީންގެ ނިތްކުރިއަށް ބޮސްދީފައި ބަލާލި އިރު ނޫރީން އޮތީ ލޯ ހުޅުވައިގެން އަޒްޔަންއާ ދިމާއަށް ބަލާށެވެ.
“ތެންކްޔޫ!” ނޫރީންގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އަޒްޔަން ބުންޏެވެ.
ނޫރީން ކައިރިވެލާ އަޒްޔަންގެ މޭގައި މޫނު ފޮރުވާލިއެވެ.
“ނޫރީން.. އައިމް ސޮރީ.. ކުރިން ވީ ހުރިހާ ކަމަކަށް.. އަހަރެން ހުރިހާ އެއްޗެއް ކިޔާދޭން ބޭނުން. ނޫރީން ރުޅި ނައިސް އަޑު އަހާނަން ދޯ؟ ޕްލީޒް ޓްރައި ޓު އަންޑަރސްޓޭންޑް.. އެއީ އަހަރެންގެ ޕާސްޓް. ނޫރީން ރަންކީ ފަހުން ކިއާރާ ކައިރިއަށް ދެވުން އެއީ އަހަންނަށް ހެދުނު މިސްޓޭކްއެއް. އެއީ އަހަރެންގެ ޕާސްޓް ވިޔަސް އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން އެނގޭ.
ހިއެއް ނުކުރަން ކިއާރާ ނޫން އަންހެން ކުއްޖަކަށް މި ގޮތަށް އަހަރެންގެ ހިތް އެދޭނެ ކަމަކަށް. އެކަމަކު ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީރޭ.. އެރޭ އަހަންނަށް ވީ ގޮތެއް ނުވިސްނިފަ ހުރެވުނީ. އަހަރެންގެ ހިތް ނޫރީންއަށް އެދެން ފެށީ އަހަންނަށް ނުވެސް އެނގި. އަހަންނަށް ނޫރީން ވަރަށް ޚާއްސަ ވެއްޖެ. މިހާރު ބޭނުން ވަނީ ނޫރީންއާ އެކީ އުޅެން. އެހެންވެ އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނޫން. އަހަރެންގެ ހުރިހާ ކަމެއް ނޫރީންއަށް ކިޔާދޭން ބޭނުން—” އަޒްޔަން ބޭނުންވީ ކިއާރާއާ އަޒްޔަންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ، އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި ނޫރީންއަށް ކިޔާދޭށެވެ. ނަމަވެސް އަޒްޔަން ހުއްޓުވީ ނޫރީންއެވެ.
“އަޒްޔަން އަހަންނާ މެރީ ކުރުމުގެ ކުރިން ވީ އެއްވެސް ކަމެއް އެނގޭކަށް މިހާރު އަހަރެން ބޭނުމެއް ނޫން. އެއީ އަޒްޔަންގެ ޕާސްޓް. އަޒްޔަން ދޮގު ނުހަދާ ތި އެއްބަސް ވަނީ ރަންކީ ފަހުން އޭނަ ކައިރިއަށް ދިޔަ ކަމަށް. އޭރު އެހާ ރުޅި އާދެވުނީ ކުރަން ނުޖެހޭ ވަރަށް އަޒްޔަންގެ ފަރާތުން ކަންތައްތަކަށް އެކްސްޕެކްޓް ކުރެވުނީމަ، އަހަންނަށް މި ކައިވެނި މުހިންމު ވީ ވަރަށް އޭރު އަޒްޔަންއަށްވެސް ވާނެ ކަމަށް އުންމީދު ކުރެވުނީމަ.. އަހަންނަށް މީ ކިތަންމެ ބޮޑު ކަމަކަށް ވިޔަސް އޭރު އަޒްޔަންއަށް އެހެން ފީލް ނުވެދާނެކަން މިހާރު ވިސްނޭ. ދެން އެ ވާހަކަތައް އިތުރަށް ދައްކާކަށް ބޭނުމެއް ނޫން. އެ ދުވަސްތައް އެ ދިޔައީ. އެ ވާހަކަތައް ދައްކާނެ ކަމެއް ނެތް. މިހާރު އަޒްޔަންއަށްވެސް މި ކައިވެނި މުހިންމު ކަން އަހަންނަށް ގަބޫލު ކުރެވިއްޖެ” އަޒްޔަންގެ ތުންފަތުގައި އަތްތިލަ ޖައްސާލަމުން ނޫރީން ބުންޏެވެ.
“ނޫރީންއަށް ނޭނގުނަސް އަހަރެން.. އަހަންނާ ކިއާރާ..” ހާމަ ކުރަން އޮތް ވާހަކައިގެ ގޮތުން ބުނަން އުނދަގޫވެ އަޒްޔަން ލޯ މަރާލަމުން ނޫރީންގެ އަތުގައި ހިފާ ގެނެސް އަޒްޔަންގެ ލޯމަތީ ޖައްސާލިއެވެ.
“އަޒްޔަންއަށް ބުނަން އުނދަގޫ ވާހަކައެއް އަޑު އަހަން އަހަންނަށްވެސް ފަސޭހައެއް ނުވާނެ. އެހެން ވީމަ އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް. ޕާސްޓްއާ މެދު، އަދި އެވެސް އަހަރެން އަޒްޔަންގެ އަނތްބަކަށް ވުމުގެ ކުރިން ވީ ކަމަކަށް އަޒްޔަން ގިލްޓީ ވާކަށް ނުޖެހޭނެ. ވީ ކަމަކަށް ވިއްޔާ އައި ފޮރގިވް ޔޫ!” އަޒްޔަންގެ ލޯ މަތިން އަތް ނަގަމުން ނޫރީން ވާހަކަ ދެއްކިއެވެ.
“ނޫން.. ފަހުން އެނގިގެން—” އަޒްޔަން ދެންވެސް ބުނަން އުޅުނެވެ. ނަމަވެސް އަޒްޔަންގެ ތުންފަތުގައި އިނގިލިތައް ޖައްސާލަމުން ނޫރީން އަނެއްކާވެސް ހުއްޓުވިއެވެ.
ނޫރީންއަށް އެއްވެސް ކަމެއް ސިއްރު ނުކުރުމަށް އަޒްޔަންގެ ޒަމީރު ބުނަމުން ދިޔައެވެ. އަޒްޔަންއަށް މާފު ކޮށްފި ކަމަށް ނޫރީން ބުނުމުން އަޒްޔަންއަށް ގަބޫލު ކުރަން އުނދަގޫވިއެވެ. އެ ލިބުނު ފުރުސަތުގެ ބޭނުން ކުރުމަށް ހިތް ގޮވާލިއެވެ. ކުރީގެ އެއްވެސް ވާހަކައެއް އަޑު އަހަން ބޭނުން ނޫން ކަމަށް އެ ބުނަނީ ނޫރީން އަމިއްލައަށެވެ. ވީ އިރު އެ ވާހަކަތައް ދެއްކުމުގެ މާނައެއް ނެތެވެ. އެއީ އިތުރު މީހަކަށް އެނގެން އަޒްޔަން އެދޭނެ ކަންތައްތަކެއް ނޫނެވެ. އަދި އަމްދުން އަޒްޔަންގެ މާޒީގެ އެ ދުވަސްތަކުގެ ކަންތައް ނޫރީންއަށް އެނގި، ނޫރީންގެ ހިތް އަނެއްކާވެސް އަޒްޔަންއާ މެދު ގޯސްވުމަކަށް އަޒްޔަން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
“އަހަރެން ބުނީމަވެސް އަޑު އަހާބަލަ. ތި ވާހަކަތައް ދެން އިތުރަށް ދައްކާ އަހަންނާ އަޒްޔަންގެ މެދަށް ކިއާރާގެ ނަން ގެންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރުމެންގެ މެދަށް ދެން އޭނަ ނާންނާނެ ކަމުގެ ޔަގީންކަން އަޒްޔަން އަހަންނަށް ދެނިކޮށް އެ ނިމުނީ” ނޫރީން އެދުނެވެ.
“އެއްވެސް މީހަކަށް ދެން އަހަންނާ ނޫރީންގެ މެދަކަށް ނާދެވޭނެ!” އަޒްޔަން ވަގުތުން ޖަވާބު ދިނެވެ.
“އެހެން ވިއްޔާ ދެން އަހަރުމެންގެ މެދުގަ އެ ނަންވެސް ކިޔާކަށް ބޭނުމެއް ނޫން” އަޒްޔަން އެ ދިން ޔަގީންކަމުން ނޫރީން ހިތްހަމަޖެހުނެވެ.
“ޔަގީންތަ؟ ފަހުން އަހަރެން ދެކެ ރުޅިއެއް ނާންނާނަންތަ؟” ނޫރީންގެ އަތްތިލަ ގެނެސް މޭގައި ޖައްސާލަމުން އަޒްޔަން އަހާލީ އަމިއްލަ ހިތާ ސިކުނޑިއަށް އެ ޔަގީންކަން ދޭށެވެ.
ބޯ ޖަހާލަމުން ނޫރީން އަޒްޔަންގެ މޭގައި ފިރުމާލިއެވެ.
“ތެންކް—” ނޫރީންއާއެކު ފުރޮޅިލި އަޒްޔަންއަށް އިތުރަށް ބަހެއް ބުނާނެ ފުރުސަތެއް ނުދިނެވެ.
ދެން އައި ދުވަސްތަކަކީ އަޒްޔަންއާ ނޫރީންގެ “ހަނީމޫން” ފަދައެވެ. ފާއިތުވަމުން ދިޔަ ކޮންމެ ދުވަހަކާއެކު އަޒްޔަންގެ ހިތް ނޫރީންގެ މައްޗަށް ލެނބިގެން ދިޔައީ ހީވެސް ނުކުރާ ވަރަށެވެ. ލޯތްބަކީ ކޮބާ ކަން އަޒްޔަންއަށް އެނގުނީ ނޫރީންގެ ސަބަބުންނެވެ. ކިއާރާއާ އޮތީ ކިތަންމެ ގާތް ގުޅުމެއް ނަމަވެސް އެއީ ހިތަށް ވުރެ ހަށިގަނޑުގެ ގުޅުމެއް ކަން އަޒްޔަންއަށް ވިސްނުނީ، އަޒްޔަންގެ ހިތް ނޫރީންއަށް އެދެނީ ތަފާތު ގޮތަކަށް ކަން އިހުސާސް ކުރެވުމުންނެވެ. ނޫރީންއާ ވަކިވާން ޖެހިދާނެ ކަމުގެ ޚިޔާލު ކުރެވުނަސް ބަޔާން ކުރަން ދަތި ނުތަނަވަސްކަމެއް އިހުސާސް ކުރެވެއެވެ. ހަމަ އެހެން އަޒްޔަން ދެކެ ނޫރީން ވާ ލޯބި އިހުސާސް ކުރެވި ހިތް ފުރިގެން ދާ އިރު، އަޒްޔަންގެ ފަރާތުން ނޫރީންއަށް ދެވަނަ ފަހަރަށް ދެރައެއް ލިބިއްޖެ ނަމަ އެ އަންހެން ކުއްޖާއަށް ވާނެ ގޮތް ހިތަށް އެރިޔަސް އަޒްޔަންއަށް ކެތްކުރަން ދަތިވެއެވެ.
ނޫރީންއާ އަޒްޔަންގެ ގުޅުމަށް އަންނަމުން ދިޔަ ބަދަލު ޝަފަގުއާ ޔާސިރުއަށްވެސް ފާހަގަ ކުރެވުނެވެ. އެދެމެދުގައި އޮތް ގުޅުން ގާތްވެފައި ވީވަރު ފެނުމުން އެ ދެމަފިރިން އިންތިހާއަށް އުފާވިއެވެ. ޝާމިހްއާ އާސިޔާއަށް ވީ ވަޢުދު ފުއްދާދެވުނު ކަމުގެ ހިތްހަމަޖެހުން އެ މީހުންނަށް ލިބުނެވެ.
އޭރު އޮފީހުގެ މަސައްކަތްތަކަށް ނޫރީން އާދަވެއްޖެއެވެ. އުނދަގޫ ކަމަކާ ކުރިމަތި ވެއްޖެ ނަމަ ޔާސިރުއާ އަޒްޔަން ނޫރީންއަށް އެހީވެއެވެ. ބައްޕަގެ މަސައްކަތުގައި އެހީވުމަކީ ކުޑައިރުން ފެށިގެންވެސް ނޫރީންގެ ހުވަފެނެކެވެ. އަދި އެއީ ޝާމިހްގެވެސް ހުވަފެނެވެ. ބައްޕަ ދުނިޔޭގައި ނެތް ނަމަވެސް ބައްޕަގެ ހުވަފެން ސީދާކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުން ނޫރީންއަށް އިހުސާސް ކުރެވެއެވެ.
އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައިރު، އުފަލާ ހިތްހަމަޖެހުމަކީ ދެމީހުންގެ ދިރިއުޅުމުގެ ބައެއް ކަމުގައި ވިއެވެ. ނޫރީންގެ ހިތުގައި ކުޑަވެސް ޝަކުވާއެއް ނުވާ ވަރަށް އަޒްޔަންގެ ލޯތްބާ އަޅާލުން ލިބެމުން ދިޔައެވެ. ޝަފަގުއާ ޔާސިރު ނޫރީންގެ އުފަން މަންމައާ ބައްޕަ ފަދައެވެ. އުފަލާ މަޖަލުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ.
ޝަފަގު ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ދުވަހުގެ ފަހުން ކިއާރާގެ ޚަބަރެއް އަޒްޔަންއަކަށް ނުވެއެވެ. މަދުމަދުން ކިއާރާގެ ޚިޔާލު ކުރެވުނު ނަމަވެސް އަޒްޔަންގެ ހިތުގައި ކިއާރާއާ މެދު ކުރިން ވީ ފަދަ އިހުސާސްތަކެއް އޭރު ނުވެއެވެ. ބައެއް ފަހަރަށް އެކަމާ އަޒްޔަން ހައިރާންވެސް ވެއެވެ. ކުރިން ކިއާރާއާ މެދު ކުރެވުނު އިހުސާސްތަކާ މެދު ސުވާލު އުފެދެއެވެ. އެއީ ހަމަ ލޯބި ބާއޭ އަމިއްލަ ހިތާ ސުވާލު ކުރެވެއެވެ. އެއީ ލޯބި ނަމަ އެހާ ފަސޭހައިން ކިއާރާގެ ހަނދާންތައް ހިތުން ނުފިލީހެވެ. އެކަން އަޒްޔަންއަށް ޔަގީން ވަނީ ނޫރީންއާ މެދު އަޒްޔަންގެ ހިތުގައި ވާ ޖަޒްބާތު، އެ އިހުސާސްތަކަށް ވުރެ ފުންކަން އެނގޭތީއެވެ.
ދިރިއުޅުމާއިގެން ކުރިއަށް ދިޔައިރު އަޒްޔަންއާ ނޫރީން ކުރިއަށް އަންނަން އޮތް ދުވަސްތަކަށް ކަންތައްތައް ރާވަމުން ދިޔައެވެ. އޭގެން އެއްވެސް ޕްލޭންއެއްގައި ކިއާރާއެއް ނުވެއެވެ. ނަމަވެސް ހީނުކޮށް ހުއްޓާ އަޒްޔަންގެ މާޒީ އައިސް ކުރިމަގުގެ ރޭވުންތަކަށް ހުރަސް އެޅިއެވެ.
ނޫރީން ބަލިވެގެން އަޒްޔަންއާ އެކު ޑޮކްޓަރަށް ދައްކާލުމަށް ދިޔަ ރެއެކެވެ. ޑޮކްޓަރަށް ދައްކާފައި ނިކުމެ ހަދަން ދިން ޓެސްޓްތައް ހެދުމަށް ލޭ ނެގުމަށް މަޑުކޮށްލައިގެން ތިއްބާ ދޮރު ހުޅުވާލާފައި ނިކުތް މީހަކު ފެނުމުން ނޫރީންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ފޯނަށް ބަލަން އިން އަޒްޔަންއަށް ނޫރީންއާ ދިމާއަށް ބަލާލެވުނު ވަގުތު ނޫރީން އިން ގޮތް ފެނުމުން ކުރިމައްޗަށް ބަލާލުމާ އެކު ކޮޅަށް ތެދުވެވުނެވެ. ނޫރީންވެސް ތެދުވި އިރު ދެ މީހުންގެ ނަޒަރު އެކުގައި ހެން އަމާޒުވެފައި ހުރީ ކިއާރާގެ ބަނޑަށެވެ.
ނޫރީންއަށް ދެން ބަލާލެވުނީ އަޒްޔަންއަށެވެ.
ކިއާރާ ކައިރީގައި ހުރި އެމާ ކިއާރާގެ އަތުގައި ހިފާލިއެވެ.
“އެއީ.. އެއީ އަޒް.. އެއީ..” ހިތުގައި ވި ސުވާލު ފުރިހަމަ ކުރުމަށް ނޫރީންގެ ދުލުން އެ ބަސްތައް ބޭރު ކުރުންވެސް ދަތިވިއެވެ.
ނޫރީން އަހަން އުޅުނީ ކީކޭ ކަން އަޒްޔަންއަށް ވިސްނުނެވެ. ޖަވާބު ދިނުމެއް ނެތި ނޫރީންގެ އަތުގައި ހިފައިގެން ދުރަށް ދިޔުމަށް އަޒްޔަން ފިޔަވަޅެއް އަޅާލިއެވެ.
“އަޒްޔަން..” އެ ވަގުތު ކިއާރާ ގޮވާލިއެވެ. ސިކުންތަކަށް މަޑުޖެހިލެވުނު ނަމަވެސް ކުރިއަށް ދިޔަ އަޒްޔަންގެ އަތުގައި ހިފާ ހުއްޓުވީ ނޫރީންއެވެ.
“އެއީ އަޒްޔަންގެ.. އަޒްޔަންގެ ބޭބީއެއްތަ؟” ނޫރީން އެހިއެވެ.
އަޒްޔަން ޖަވާބެއް ނުދިނެވެ. ނޫރީން އަޒްޔަންގެ އަތުގައި ހިފާފައި އެނބުރި ކިއާރާއާ ކުރިމަތިލިއެވެ.
“ތީ އަޒްޔަންގެ ބޭބީއެއްތަ؟” ނޫރީން ކިއާރާއަށް ބަލަން ހުރެ އަހާލި އިރު އަޒްޔަންއާ ސުވާލު ކުރި އިރު އަޑުގައިވި ފަސްޖެހުމެއް ނެތެވެ.
ކިއާރާ ހަމައެކަނި ބޯ ޖަހާލީއެވެ.
“ތެދެއްތަ އެއީ؟” އަޒްޔަންއަށް ބަލާލަމުން ނޫރީން އެހީ އަޒްޔަންގެ ފަރާތުން އެކަން ޔަގީން ކުރާށެވެ.
ދެކޮޅު ހެދުމެއް ނެތި އެއްބަސް ވުމަށް އަޒްޔަން ބޯ ޖަހާލީ ކިއާރާގެ ބަހަށް އިތުބާރު ކުރެވޭތީއެވެ. އަދި ނޫރީންއަށް އޮޅުވާލާ ދޮގެއް ހަދަން ބޭނުން ނުވާތީއެވެ.
އިސްޖަހާލި ނޫރީންގެ ލޮލުން ކަރުނަ އަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ. އިތުރަށް އެންމެ އިރުކޮޅަކުވެސް އެތަނުގައި މަޑުނުކޮށް ނޫރީން ބާރަށް ހިނގާފައި ނިކުތެވެ. ނޫރީންއަށް ބަލާލާފައިވެސް އަޒްޔަން އެނބުރުނީ ކިއާރާއާ ދިމާއަށެވެ.
“މިހާ ދުވަސް ވީ އިރު ކީއްވެ ނުބުނީ؟” އަޒްޔަން ކިއާރާއާ ސުވާލު ކުރިއެވެ.
“އަޒްޔަން މެރީ ކުރި ފަހުން އަހަރުމެންގެ މެދުގަ ގުޅުމެއް ނެތެއްނު؟ އިތުރަށް އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއް ނޫނޭ، އަޒްޔަންއަށް ގުޅާ އުނދަގޫ ނުކުރާށޭނު އަޒްޔަން ބުނީ. އަހަރެން ބުންޏަސް ކޮން ކަމެއް ވާނީ؟ ގުޅުމެއް ނެތް އިރު އަހަރެން ބަލިވެ އިނަކަސް އަޒްޔަން ކައިރީ އަހަރެން ބުނަންވީ ކީއްކުރަން؟” ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެފައި ކިއާރާ އިނގިރޭސި ބަހުން ޖަވާބު ދިނެވެ.
“ކިއާރާއަކަށް ތި ނިންމުމެއް އަމިއްލައަކަށް ނުނިންމޭނެ. އަހަރެންގެ ދަރިއަކަށް ވާ އިރު އަހަންނަށް އެނގެން ޖެހޭނެ. ކިއާރާއަށް ތި ކަމެއް ސިއްރެއް ނުކުރެވޭނެ” ކިއާރާ ދިން ޖަވާބުން އަޒްޔަން އައީ ރުޅިއެވެ. އަޒްޔަން ވާހަކަ ދެއްކީ މަޑުން ނަމަވެސް އެ އަޑުގައި ވީރުޅި ކިއާރާއާ އެމާއަށް ސިއްރެއް ނުވެއެވެ.
“އަހަންނެއް ނޫން ހުރިހާ ކަމެއް ނިންމާލާފަ ދިޔައީކީ. އަހަރެން ދޫކޮށްލާފަ ދިޔައީ އަޒްޔަން އަމިއްލައަށް. ދެން ކޮން ކަމަކާ ތިހާ ރުޅިއެއް ތި އަންނަނީ؟ އަހަރެން ބޭނުން ނުވާ އިރު އަހަރެންގެ ދަރިއަކުވެސް ބޭނުމެއް ނުވާނެ. އަމިއްލަ ދިރިއުޅުމަށް އަޒްޔަން އެނބުރި ދޭ. އަޒްޔަންގެ ދިރިއުޅުމަށް ވަންނާކަށް އަހަރެންނެއް ނުދާނަން. މި ބޭބީއާ މެދު އަޒްޔަން ވިސްނާކަށް ނުޖެހޭނެ” ކިއާރާގެ އަޑުގައިވީ ގޮތްދޫނުކުރުމެވެ.
“މިތާކު ނޫން ތި ވާހަކަތައް ދައްކާނީކީ” އެ ތަނުގައި ތިބި މީހުންނަށް ބަލާލާފައި ކިއާރާގެ އަތުގެ އުޅަނބޮއަޓާ ހިސާބުން ހިފާލަމުން ކްލިނިކްގެ ބިއްދޮށަށް ވާ ގޮތަށް ހުރި ދޮރުން އެތަނުގެ ފަހަތުގައި އޮތް ކުޑަ ބަގީޗާއަށް އަޒްޔަން ނިކުތެވެ. ތިބެވުނު ތަނުގެ ގޮތުން ކިއާރާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އަޒްޔަންއާ އެކު ދަމުން އެމާއަށްވެސް އެ މީހުންނާ އެކު އައުމަށް ކިއާރާ އިޝާރާތް ކޮށްލިއެވެ.
“އަދިވެސް ކިއާރާ ތި ގޮތް ދޫކޮށްލާކަށް ނުވޭތަ؟ އަދިވެސް ނުވިސްނޭތަ؟ އަހަރުމެން ދެ މީހުންނަށް އޯކޭ ވިޔަކަސް މި ކަންތަކުގެ ތެރެއަށް ކުއްޖަކު އުފަންވުން އެއީ ކުޑަ ކަމެއް ނޫނޭ” ރުޅިމަޑު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަޒްޔަންއަށް ނާކާމިޔާބު ވަމުން ދިޔައެވެ.
“މި ބުނީނު މީ އަޒްޔަންއާ ބެހޭ ކަމެއް ނޫނޭ” އަޑަށް ބާރުލާފައި ކިއާރާ ބުންޏެވެ.
“އަހަރެންގެ ދަރިއެއް ވިއްޔާ އަހަންނާ ބެހޭނެ” އަޒްޔަންގެ އަޑުވެސް ބާރުވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








Hello everyonq. here is part 13, hope you like this too. kihineh vaane hen hyvany? rangalhahtha kuriah mi dhany? let me know inge. next on Thursday.
Wow v reethi MA
V ufaa vehjje azyan n reen ge life happy kohdhaatheeve
WHATTTTTTTTT kiaraa PREGNANT EYYY
WHATTTTTTTTT AZYAN AH REEEN GE FEELINGS THAH NEYNGENII KEEHVETHA
V REETHI HISAABAKUN thi ninmaalee
CW4THENEXTP
Tc
thank u Sheex ❤️