ގާތުގާ… 15
ދެން ހޭދަވި މަދު މިނެޓުކޮޅު އަހަރެންނަށް އިހުސާސްވީ ގަތުނެއް ފަދައިންނެވެ. ގާޒީގެ ނިއްމުން އަންނާނެ ގޮތަކަށް ކަންބޮޑުވެފައި އަހަރެން އިން އިރު ރުހާމްގެ މޫނުމަތިން ކެހިވެރިކަމުގެ ހިނިތުން ވުމެއް ދުވެލަދުވެލާ ހުއްޓެވެ. އޭނާ މިއަދު މިތަނަށް އައިސް އެއިނީވެސް ގާޒީ ގަނެލައިގެން ނޫންކަމެއް ނޭނގެއެވެ. ހިތާހިތާ ދުއާ ކޮށްލެވުނީ ރުހާމްގެ ކިބައިން މިންޖުކޮށް ދެއްވުމަށް އެދިއެވެ.
******
ރުހާމް އަހަރެން ވަރިކުރަން ބޭނުން ނޫން ކަމުގައި ވިއަސް އަހަރެން ރުހާމް ކައިރިން ވަރިވާން ބޭނުން ވާތީއާއި އަދިވެސް އެހެން ސަބަބުތަކާއި ހުރެ ގާޒީ އަހަރެން ވަރިކޮށްދޭން ނިއްމިއެވެ. އަހަރެން ހީކުރި ވަރަށްވުރެންވެސް އަވަހަށް މިކަން ނިމެމުން ދާތީ ހިތް ހަމަޖެހުނެވެ. އެހެން ނަމަވެސް ހިތުގައި ސުވާލުތަކެއްވެސް އުފެދެމުން ދިއައެވެ.
ގާޒީގެ ނިންމުން އަޑުއިވިފައި ރުހާމްގެ އަމަލުތަކުންނާއި އޭނަގެ މޫނުމަތިން ސުވާލު އުފެދިފައި އިންކަމުގެ ނިޝާން ތަކެއް ފާޅުވަމުން ދިޔައީ އޭނާއަތުން އަހަރެން ބީވަމުން ދާކަމުގެ އިހުސާސް ކުރެވޭތީ ކަންނޭގެއެވެ. ނުވަތަ އޭނާ އުއްމީދު ކޮށްގެން އިން ގޮތަށް ކަންކަން ވަމުން ނުދާތީ ކަންނޭނގެއެވެ. ދުވަހަކުވެސް ހާސްކަމާއި ކަންބޮޑުވުމުގެ އަސަރު ފެނިފައި ނެތް ރުހާމްގެ މޫނު މަތިން އަހަރެންނަށް މިއަދު ފުރަތަމަ ފަހަރަށް އެކުލަވަރުތައް ފެންނަމުން ދިޔައެވެ.
ރުހާމް ކައިރިން މިނިވަންވިކަމުގެ ހިތްހަމަޖެހުމުގައި އަހަރެން ކޯޓުން ނިކުތީމެވެ. އަހަރެންގެ ހިތަށް ވަރަށް ދުވަހަށްފަހު ހިތްހަމަޖެހުމުގެ އަސަރެއް ލިބިގެން ދިއަ ކަމުގައިވިޔަސް އިއްދައިގެ މުއްދަތުގައި ރުހާމްގެ ފަރާތުން ކުރިމަތިވެދާނެ ދުއްތުރާ ތަކެއް ނޭނގޭތީ އެކަމުގެ ބިރުވެރިކަންވެސް ހިތުގައި ވިއެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ރުހާމް އަހަރެންމެންގެ ކައިވެނި ރުޖޫއަ ކުރަން މަސައްކަތް ކުރާނެ ކަމެވެ. ރުހާމްއަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއް ނޫނެވެ. އަދި އަހަރެންގެ މައްޗަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރާނެ ކަމެވެ.
” ކޮންގްރެޓްސް….. ހެޕިލީ ޑިވޯސްޑް…. މިހާރު ދެން އިރާދަކުރެވިއްޔާ ރުހާމް ކައިރިން ތި މިނިވަން ވީ….” ސައިކަލު ޕާކު ކޮށްފައި ހުރި ދިމާއަށް ހިނގައިގަންނަމުން ޖަނާ ވަރަށް އުފާވެލާފައި ބުނެލިއެވެ.
” ކިހިނެތް އެނގެނީ… ހަމަ ޔަގީން އަދިވެސް އުނދަގު ކުރާނެކަން…. ހީވޭތަ އެހާ ފަސޭހައިން ގޮތްދޫކުރާނެހެން އޭނަ….” ޕޭމަންޓު މަތިން ޖަނާއާއި އެއްހަމައެއްގައި ހިނގަމުން އަހަރެން ހިސާބެއްގެ ކަންބޮޑުވުމަކާއިއެކު ބުނީމެވެ.
” ނޯ ގާރލް.. އެހާ ނެގެޓިވް ނުވެބަ… ރަނގަޅުވާނެ ހުރިހާ ކަމެއްވެސް … އެގޮތަށް ވިސްނާ… ރުހާމްގެ އުނގަދުލެއް ދެން ފޯރައިފިއްޔާ ދެން ހެދޭނެ ގޮތްގޮތްވެސް ހުންނާނެއޭނުން…” ޖަނާ އަހަރެން ހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.
” ކޮންގޮތެއް…؟ އެހެން ނޫނަސް މިސްޓާރ ރުހާމް ނައީމް ކަހަލަ މީހުން ތިއްބަ އަހަރެމެން ކަހަލަ އާދައިގެ މީހުންގެ ބަސް ނުވެސް ވިކޭނެ… ދުނިޔޭގެ އާދައޭނުން އެއީހަމަ.. މޮޅު މީހާއަށް މޮޅު ގޮތް.. ދެރަ މީހާއަށް ދެރަ ގޮތް ހަމަ… އެހެން ނޫންނަމަ އަހަރެންނަށް މިހާލެއް ނުޖެހުނީސް ކަންނޭނގެ….” މާޒީގެ ހަނދާންތައް އާވުމުން އަހަރެން ދެރަވާގޮތް ވިއެވެ. ނަމަވެސް އަހަރެން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރީމެވެ.
” އާން… ތީ ތެދެއް .. އެކަމަކު މީހުން ބުނާއެއްޗެއް އެއީ ބޮޑުމަސް ފަހާލާ ވަރުގެ ބޮޑުމަހެއްވެސް އުޅެދާނޭ…. އެހެން ނޫންތަ އަޅެ….” ޖަނާ ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ.
” އަހަންނަކަށް ހިއެއްނުވޭ…އަހަންނަށް ހަމަ ޔަގީން އަހަރެން އޭނަ ކައިރިން މިނިވަން ވިޔަސް އޭނަ އަހަރެންނަށް އުނދަގު ކުރާނެކަން….”އަހަރެން ކަންބޮޑުވެފައި ބުނެލީމެވެ.
” ހަމަ އެއްކަލަ ގޮތަށް ތި ނެގެޓިވް ވަނީނުން އަނެއްކާވެސް…. އެހާ ނުވިސްނަބަ.. ލިއަމް މެންވެސް ހެލްޕްވާނޭ ކަމެއް ދިމާވެއްޖެޔާ….” ޖަނާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އޭނާ ހަމަޖެހިފައި ހުރިވަރުން އަހަރެން ހައިރާންވެސް ވިއެވެ.
” އެކަމަކު އަހަރެން ހިތަށް އަރަނީ މިހަމަ އެހާ ފަސޭހަ ކަމެއް ބާއޭ ހަމަ…. ރުހާމް މެން ކަހަލަ މީހެއް ކައިރިން….. ކޮންމެވެސް އެހެން ކަމެއްވެސް އުޅޭހެން އަހަރެންނަށް ހީވަނީ ހަމަ ޖަނާ…. ގާޒި ވަރިކޮށްދޭން ނިއްމި ހިސާބުން ރުހާމްވެސް ފާޑަކަށް ހައިރާން ވެފަ އިނީވެސް.. އެއޮއް ހުރިހާއިރު ވަރަށް ފޮނުވެލާފަ އިނީވެސް…..” އަހަރެން ސުވާލު އުފެދިފައި ބުނީމެވެ. އޭރު އަހަރެމެންނަށް ސައިކަލު ކައިރިއަށް އާދެވިއްޖެއެވެ. އަހަރެންނާއި ޖަނާ ސައިކަލަށް އަރައަރައި ހުއްޓައި މީހަކު އަހަރެންގެ އަތުގައި ހިފައި ދަމަތިގަތެވެ. އަހަރެން ގޮސް މަތަވީ އެމީހާގެ ގައިގާ ޖެހިފައެވެ. އަހަރެންނަށް ބިރުން ތެޅިފޮޅިގަނެވުނީ އެއީ ރުހާމްކަން އެނގުމުންނެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ.
” ކޮންތާކަށް ދާން ތިއުޅެނީ….” ދަތް ވިކާލަމުން ރުހާމް ބުނެލިއެވެ. ތިބެވުނީ މަގުމަތީގައި ކަމުން އޭނާގެ އަޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީކަން އަހަރެންނަށް އެނގުނެވެ.
“އަދިވެސް ތިއީ އަހަރެންގެ މީހެއް.. އެކަން އެނގޭތަ..؟… އަދި 3 މަސް އެބައިން…” އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި އަތް ނޫން އަނެއް އަތުން ތިން އިނގިލި ދައްކައިލަމުން ރުހާމް ބުނެލިއިރު އެމޫނުމަތިން ރުޅިއާއި މަލާމާތުގެ އަސަރުތައްވެސް ފެންނަން ހުއްޓެވެ.
” އެ ތިން މަހު އަހަރެން ބޭނުން އެއްޗެއް ހެދޭނެ…” އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރިތަނަށް ބާރު ކޮށްލަމުން ރުހާމް ބުނެލިއެވެ. އަހަރެންނަށް ރުހާމް ކައިރިން މިނިވަން ވާން ވެގެން ތެޅިފޮޅިގަނެވުނީ ރުހާމްގެ އެބަހުގައި ހުރި ބަރުދަން ވިސްނި ހާސްވީވަރުންނެވެ. މިއަދު މިކުރި ހިތްވަރު އެހެން ދުވަހަކުން އަލުން ބަލުން ކުރާނެ ހިތްވަރު އަހަރެންގެ ގައިގާ ނުހުރެދާނެއެވެ. ކުރާނެ ފުރުސަތެއްވެސް ނުލިބިދާނެއެވެ. މިއަދު ރުހާމްއަށް ކާމިޔާބު ލިބިގެން، އޭނާއަށް އަހަރެން އޭނާގެ ގެއަށް ގެންދެވިއްޖެޔާ، ދެން ވާނެ ހުރިހާ ގޮތެއް އަހަރެންނަށް އެނގެއެވެ.
” ހިނގާ ހަމަ މިހާރު ގެއަށް…” ރުހާމް ބުންޏެވެ.
” ނުދެވޭނެ ޒާނާ އަކަށް… ޒާނާ ދާނީ ޒާނާ ގެއަށް… ތިހެން ގަދަކަމުން ނުވެސް ގެންދެވޭނެ….” އަހަރެންނަށް ބިރުން ވާހަކަ ދައްކަން ނޭނގިފައި ހުއްޓައި ޖަނާ އަހަރެންގެ ދިފާއުގައި ނިކުތެވެ. ޖަނާ އަހަރެންގެ ގާތަށް ޖެހިލަމުން އަހަރެންގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް ދަމައިލިއެވެ. އަހަރެން އެދެމީހުންގެ ދޭތެރޭގައި ތާށިވެފައި ހުރީމެވެ.
” އެހެންތަ؟… ތީ ކާކު މިދޭތެރެއަށް ވަންނަން…؟” ރުހާމް ޖަނާއަށް ލޯއަޅައިލަމުން ބުނެލިއެވެ. މަގުމަތީގައި މީހުން މަދު ވަގުތެއްކަމުން ރުހާމްއަށް ފުރުސަތުގެ ބޭނުން ހިފައިލެވެން އޮތެވެ.
” ހެވޭނުން ކޮންމެ މީހެއް ވިޔަސް….ނުގެންދެވޭނެ ޒާނާއެއް…ތިފާޑަށް އުޅެންޏާ ފުލުހުންނަށް ގުޅާނީ…ދޫކޮށްލާ ހަމަ މިހާރު ޒާނާގެ އަތުން …. އެހެން ނޫނީ މާ ރީއްޗެއް ނުވާނެ އިނގޭ…ލާހިކެއް ނޫން އަހަރެން ހުއްޓަ ޒާނާ ގެންދާކަށް…” އެންމެ ތަންފުކެއްވެސް ދޫނުކޮށް ޖަނާވެސް ބުނެލިއެވެ. އޭނާވެސް ހުރީ ރުހާމް ކަންކަން ކުރަމުންދާ ގޮތުން ހިތްހަމަނުޖެހިފައެވެ.
” އެހެންތަ…. ތިއެއް ބަލައިލާނަމޭ….” ރުހާމް އެހެން ބުނެލަމުން ލަތްކެއް ޖަހައި ޖަނާގެ އަތް އަހަރެންގެ އަތުން ނައްޓުވައިލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައި ދަމާލަމުން އޭނާގެ ކާރާއި ދިމާއަށް ގެންދަން ފެށިއެވެ.
އަހަރެން ރުހާމްގެ ގާތުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. ޖަނާވެސް އަހަރެންގެ އަތުން ދޫކޮށްލާށޭ ބުނަމުން އަހަރެމެން ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް އަންނަން ފެށިއެވެ.
ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް ރުހާމް އަހަރެން އޭނާގެ ކާރާއި ދިމާއަށް ގެންދަން ފެށިއެވެ. ޕާކިން ޒޯނުގައި އެއްވެސް މީހެއެއް ނެތް ހަމަހިމޭން ވަގުތެއް ކަމުން އެކަންވީ ރުހާމްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެފުރުސަތުގެ ބޭނުން އޭނާ ހިފަމުން ދިއައީ ނުހަނު ރަނގަޅަށެވެ.
” ރުހާމް ދޫކޮށްލާ…. ޕްލީޒް… ދޫކޮށްލާ ރުހާމް…..” އަހަރެންގެ ހިތް އިންތިހާ ބިރުވެރިކަމުން ވަށައިލިއެވެ. ހާސްވެ ކަންބޮޑުވެ މީހާ ދާހިއްލަން ފެށިއެވެ.. ރުހާމް އަހަރެން ގެއަށް ގެންގޮސް ކޮށްލާ އެންމެ ކަމަކުން އަހަރެން މިއަދު މިކުރި ހުރިހާ ހިތްވަރެއް ފެނަށް ވެގެން ދިޔައީއެވެ. އަދި ގެންދެވިއްޖެ ނަމަ އޭނާގެ އެތައް އަނިޔާ ތަކަކާއިވެސް ކުރިމަތިލާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެނޫން އެހެން ގޮތެއް އޮތް ހެނެއްވެސް މިހާރު އަހަރެންނަކަށް ހިއެއް ނުވެއެވެ. އަހަރެން މިވަނީ ރުހާމްގެ ވަކިތަކުގެ ދަށުވެ މުޅި އުމުރަށް ކަސްތޮޅު އެޅުވިފައި ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެން ހިތަށް އެރުމުން އަހަރެންގެ ހިތްވަރު އެކަށް ފެނަށް ވި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އިސާހިތަކު އަހަރެންނަށް ރޮވެން ފެށުނީ ރުހާމް ކޮށްލަފާނެ އަނިޔާތައް ވިސްނުމުންނެވެ. އަނިޔާ ކޮށްލަން ވެއްޖެޔާ ރުހާމްއަށް އަހަރެންނަށް އެކި ކަހަލަ އަނިޔާ ކޮށްލައެވެ. ހަމައެކަނި އަތް އިސްކޮށްލުމަކުން ނުފުދެއެވެ. ހިތާހިތާއި ދުއާކޮށްލެވުނީ މި ފުރޭތައެއް ފަދަ އިންސާނާ ކިބައިން ސަލާމަތް ކޮށްދެއވުން އެދިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

