ގާތުގާ… 16
” ރުހާމް ދޫކޮށްލާ…. ޕްލީޒް… ދޫކޮށްލާ ރުހާމް…..” އަހަރެންގެ ހިތް އިންތިހާ ބިރުވެރިކަމުން ވަށައިލިއެވެ. ހާސްވެ ކަންބޮޑުވެ މީހާ ދާހިއްލަން ފެށިއެވެ.. ރުހާމް އަހަރެން ގެއަށް ގެންގޮސް ކޮށްލާ އެންމެ ކަމަކުން އަހަރެން މިއަދު މިކުރި ހުރިހާ ހިތްވަރެއް ފެނަށް ވެގެން ދިޔައީއެވެ. އަދި ގެންދެވިއްޖެ ނަމަ އޭނާގެ އެތައް އަނިޔާ ތަކަކާއިވެސް ކުރިމަތިލާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެނޫން އެހެން ގޮތެއް އޮތް ހެނެއްވެސް މިހާރު އަހަރެންނަކަށް ހިއެއް ނުވެއެވެ. އަހަރެން މިވަނީ ރުހާމްގެ ވަކިތަކުގެ ދަށުވެ މުޅި އުމުރަށް ކަސްތޮޅު އެޅުވިފައި ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެން ހިތަށް އެރުމުން އަހަރެންގެ ހިތްވަރު އެކަށް ފެނަށް ވި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އިސާހިތަކު އަހަރެންނަށް ރޮވެން ފެށުނީ ރުހާމް ކޮށްލަފާނެ އަނިޔާތައް ވިސްނުމުންނެވެ. އަނިޔާ ކޮށްލަން ވެއްޖެޔާ ރުހާމްއަށް އަހަރެންނަށް އެކި ކަހަލަ އަނިޔާ ކޮށްލައެވެ. ހަމައެކަނި އަތް އިސްކޮށްލުމަކުން ނުފުދެއެވެ. ހިތާހިތާއި ދުއާކޮށްލެވުނީ މި ފުރޭތައެއް ފަދަ އިންސާނާ ކިބައިން ސަލާމަތް ކޮށްދެއވުން އެދިއެވެ.
*****
އަހަރެންގެ ހުހަށް އޮތް އަތުގައި މީހަކު ހިފައި ދަމާލުމާއިއެކު ރުހާމްގެ އަތް އަހަރެންގެ އަތުން ލަތްކެއް ޖަހައި ކޮންމެވެސް މީހަކު ނައްޓައިލިއެވެ. ސިހިފައި އަހަރެން އެ އިސްކޮޅުން ދިގު ބިޔަ މީހާއަށް ބަލައިލީމެވެ. އެއީ ކުރިން ދުވަހުވެސް ރުހާމްގެ އެޕާޓުމަންޓުން ފެނުނު މީހާކަން އަހަރެންނަށް އެނގުނީ އެމީހާގެ ވައަތު ލޯ ކައިރީގައި ހުރަހަށް ވާ ދިގު ލަކުނު ފެނުމުންނެވެ.
ރުހާމްގެ ފަރާތުން ސަލާމަތް ވެވުނު ކަމުގެ ހިތްހަމަޖެހުން ލިބުމާއިއެކު ވެސް ހިތުގައި ސުވާލުތަކެއް އުފެދުނީ އެމީހާ މިތާނގައި އެކުރާ ކަމެއް ނޭނގުމުންނެވެ. އަދި މިތަނުގައި މިވަގުތު އެމީހާ ހުންނަން ޖެހުނު ސަބަބެއް ނޭނގުމުންނެވެ. ކަރުނަތައް ކޯތާފަތް މަތިން ފުހެލަމުން އަހަރެން ހައިރާންވެ ސުވާލު އުފަދިފައި ހުރެ އެމީހާއަށް ބަލައިލީމެވެ. އެމީހާ ރުހާމްގެ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަހަރެންނަށް ބަލައިލިއެވެ.
” ޔޫ އޯކޭ…؟” އޯގާތެރި ކަމާއިއެކު އެމީހާ އަހައިލިއެވެ. އޭރު ޖަނާވެސް އައިސް އަހަރެމެން ކައިރިއަށް މަޑުކޮށްލަނީއެވެ. އަހަރެން މަޑުމަޑުން ބޯޖަހައިލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލީމެވެ. އެދިގު ކަމާއި އެބިޔަ، ކަސްރަތީ ހަށިގަނޑުން އަހަރެންނަށް ސިފަވީ އެހެން މީހެކެވެ. އެހެން ސޫރައެކެވެ. ހަނދާންވީ އެހެން ފަރާތެއްގެ މަތިންނެވެ. މިފަދަ ވަގުތެއްގައި ހަނދާނަށް އަންނާނޭވެސް އެންމެ ހީނުވި އިންސާނާ މަތިންނެވެ.
” ޒާ….އޯކޭތަ..؟” ޖަނާ ރުހާމްއަށް ބަލައިލަމުން އަހަރެންގެ ކޮނޑުގައި އަތް ޖައްސައިލަމުން އަހައިލިއެވެ.
“ޔާ… އަހަރެން ރަނގަޅު ހަމަ…'” އަހަރެން ޖަވާބު ދިނީމެވެ.
” ގޯ……” ރުހާމްގެ ކައިރީގައި ހުރި މީހާ އަހަރެންނަށް ބަލައިލަމުން ބުނެލިއެވެ. އަހަރެން އެއްފަހަރު ރުހާމްއަށް އަނެއް ފަހަރު އެމީހާއަށް ބަލައިލީމެވެ. ރުހާމްގެ މޫނުމަތިން އަހަރެން ހިފަހައްޓަން ބޭނުންވެ އެއްވެސް ކަމެއް ކުރަން ނުކެރިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ނުވަތަ އޭނާއަށް އަހަރެން ހިފެހެއްޓެން ނެތީއެވެ.
” ޒާ…. ހިނގާ ދާން…” ޖަނާ އަހަރެންގެ އަތަށް ދަމައިލަމުން ބުނެލިއެވެ. އަހަރެން ބޯޖަހައިލަމުން ފަސްއެނބުރި ހިނގައިގަތީ ޖަނާއާއި އެކު ދިއުމަށެވެ.
” ޒާނާ……….” އަހަރެން ދާން ހިނގައިގަތުމުން ރުހާމް އަހަރެން ހިފެހެއްޓުމަށްޓަކައި އަހަރެންނާއި ގާތަށް ޖެހުމަށް އުޅުނެވެ. ނަމަވެސް ރުހާމްގެ ގާތުގައި ހުރި މީހާ ހުޝިޔާރު ކަމާއިއެކު ރުހާމް ހިފެހެއްޓިއެވެ. ރުޅިވެރިކަމާއިއެކު ކެތްމަދުވެފައި މީހެއް ފަދައިން ރުހާމް އެމީހާގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރީ އަހަރެންގެ ގާތަށް އައުމަށެވެ.
” ގޯ…..ނައު…” އެމީހާ އަހަރެންނަށް ބަލާލަމުން ބުނެލީ ރުހާމް ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ. ރުހާމްގެ އަތުނުވުމަށްޓަކައި އަހަރެންނާއި ޖަނާ ސައިކަލާއި ދިމާއަށް ދުއްވައިގަތީމެވެ.
” ޒާނާ އޭތް…….. ތިހެން ނުއެއް ދެވޭނެ އިނގޭ ކަލެއަކަށް…. އަހަރެން ކަލޭ ހޯދަން ދާނަން..އުނދަގު ކުރާނަން…. ތީ އަހަރެންގެ މީހެއް އަދިވެސް…… އަދި 3 މަސް އެބައިން….އަހަރެން ބޭނުން އެއްޗެއް ހަދާނީ އިނގިއްޖޭ…..ތީ އަހަރެންގެ ހައްޤެއް…… އެކަން ހަނދާން ކުރައްޗޭ… އެހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެ އިނގޭ….” އަހަރެމެން ދުއްވައި ގަތުމުން ރުހާމް ރުޅިއައިސްފައި ގޮވައިލި އަޑު އިވުނެވެ. އަހަރެން އެއްވެސް ވަރަކަށް ފަހަތް ބެލުމެއް ނެތި ދުވެފައި ގޮސް ސައިކަލާއި އަރައި ހަމަކުރީމެވެ. ޖަނާ ހަލުވިކަމާއިއެކު ސައިކަލު ސްޓާޓް ކޮށްލުމުން އަހަރެން ޖަނާގެ ފަހަތަށް އެރީމެވެ.. ހޭވިފައިވާ އިސްތަށިގަނޑުން ވޫލްކޮޅު ނަށްޓައިލަމުން އަހަރެންގެ ދިގު އިސްތަށިގަނޑު ނިއުޅުވައިލައި ވަޔާއި ވިހުރެން ދޫކޮށްލީމެވެ.
އަހަރެން އެރުމުން ޖަނާ ސައިކަލު ދުއްވާލިއެވެ. ސައިކަލު ޕާކިން ޒޯނުން ނިކުންނަން ދިއަ ވަގުތު ޕާކިން ޒޯނަށް ވަދެގެން އައި ކަޅު ކުލައިގެ ވޭން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ކަޅު ބިއްލޫރި ހުރުމުން އެތެރޭގައި ތިބި ބައެއް ފެންނަ ގޮތް ނުވި ކަމުގައިވިއަސް އެއީ ރުހާމްގެ އެޕާޓުމަންޓަށް ދިއަ ދުވަހު އެގޭ ކައިރީގައި ޕާކުކޮށްފައި އޮއްވައި ފެނުނު ވޭން ކަން އަހަރެންނަށް އެނގުނެވެ. އެވޭން އާއި އަރައި ހަމަވި ވަގުތު އަހަރެން ވަރަށް ރަނގަޅަށް އެ ވޭންއަށް ބަލައިލީމެވެ.
ވޭން ގޮސް މަޑުކޮށްލީ ސީދާ ރުހާމްގެ ކުރިމައްޗަށެވެ. އެކަމަކު ވޭން އޮތް ގޮތުން ރުހާމް ރީއްޗަށް ފެންނަ ގޮތެއް ނުވިއެވެ. ފެނުނީ ރުހާމްގެ ކައިރީގައި ހުރި މީހާގެ ބޮލުން ބައެކެވެ.
” ބަލާ ޖަނާ…. އެއްކަލަ ދުވަހު ރުހާމްގެ ގޭގެ ކުރިމަތީގައި އޮތް ވޭން އެއީ ހަމަ..” އަހަރެން ޖަނާ ގާތު ބުނީމެވެ.
” ޔާ ބުނީމޭނުން އެއީ ލިއަމްގެ ރައްޓެހި ބައެކޭ….” ސައިކަލު ދުއްވަމުން ޖަނާ ބުނެލިއެވެ.
” އެކަމަކު އެމީހުންނަށް ކިހިނެއް އެނގުނީ އަހަރެމެން މިތާ ތިބިކަމެއް… އަނެއްކާ ޖަނާ ބުނީތަ…؟” އަހަރެން ސުވާލު އުފެދިފައި އަހައިލީމެވެ. އަދި އަތުގައި އޮތް ޓިޝޫ އިން ލޯކައިރި ފޮހެލީމެވެ.
” ހޫމް… އަހަރެން ހަމަ ރުހާމް ކަމެއް ކުރަން އުޅެދާނެހެން ހީވާތި ލިއަމް ގާތު ބުނިން…” ޖަނާ އެއްބަސް ވިއެވެ.
“އެހެންތަ؟.. އެކަމަކު އެމީހުން ރުހާމްއަށް ކަމެއް ކޮށްފިއްޔާއޯ…” އަހަރެން ކަންބޮޑުވެފައި އަހައިލީމެވެ. ރުހާމް ކޮންމެ ގޮތަކަށް އަހަރެންނާއި ދޭތެރޭ ކަންތައް ކުރި ކަމުގައި ވިޔަސް ރުހާމްއަށް ބޮޑު ގެއްލުމެއް ލިބޭކަށް އަހަރެން ނޭދެމެވެ.
” ހާސް ނުވޭ… އެމީހުން ނުކުރާނެ އެއްވެސް ކަމެއް ރުހާމް ކަމެއް ނުކުރަނީހެއް…..” ޖަނާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.
” އެހެންތަ؟ ތޭންކްސް އިނގޭ.. އަހަރެންނާއި ދޭތެރޭގައި ތިހާ ވިސްނާތި… އެކަމަކު ޖަނާ، އަހަރެންނަށް ހީވަނީ ހަމަ ދަންނަ ބައެއްހެން އެއީ ހަމަ… ” އަހަރެންނަށް އެހެން ބުނެވުނު ވަގުތު ވޭންގެ ދޮރުހުޅުވައި މީހަކު ފޭބިތަން ފެނުނެވެ. އެކަމަކު އެމީހާ ފޭބީ ރުހާމް ހުރި ފަރާތަށް ކަމުން އަދި އެމީހާއާއި އަހަރެންނާއި ދެމެދަށް ވޭން ހުރަހަކަށް ވެފައިވާތީ އެއީ ކާކު ކަމެއް އަހަރެންނަށް ޔަޤީންކޮށް އެނގޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް އެމީހާގެ ބޮލުގެ ފުރަގަހުން ފެނުނު ތަންކޮޅުން ދަންނަ މީހަކާއި ވައްތަރުވިއެވެ. ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ނަފްސަށް ލިބިގެން ދިއަފަދަ އިހުސާސެއް ކުރުވީ ކީއްވެ ކަމެއް ނޭނގެއެވެ.
ކުއްލިއަކަށް ކުރުވި ދަންނަ ގާތް އިހުސާސް ތަކުގެ ސަބަބުން އަހަރެންގެ ބަސްނާހާ ހިތް އެއީ “އޭނާ” ކަމަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް އަހަރެންގެ ސިކުނޑި އެއީ “އޭނާ” ނޫންކަމަށް ބުނެދިނެވެ. ކަންކަން ވެފައިވީ ގޮތުން އެއީ އޭނާއަށް ވުން ވަރަށްވެސް ނާދިރުކަމުގައި ބުނެ ވިސްނައިދިނެވެ.
********
ޗެޕްޓާ 6
ނަވީން
ޕާކިން ޒޯނަށް އަހަރެން އިން ވޭން ވަދެގެން އައި ވަގުތު، ވިހުރިގެން ދިއަ ރީތި ދިގު އިސްތަށިގަނޑެއްގެ ރީތިކަން، ވޭންގެ ބިއްލޫރިގަނޑުން ފެނިގެން ދިއައެވެ. ސައިކަލުގައި އިން، އެ ކަޅު ރޭގަނޑެއް ފަދަ އިސްތަށިގަނޑުގެ ވެރިޔާގެ ހަނދެއްފަދަ ދޮން ދޮން ޖާދުވީ ފުރިހަމަ މޫނު، އެހާ ކައިރިން ފެނުމުން އަހަރެން ލައިލައި އިން ނޭވާވެސް ތާށިވި ފަދަ އިހުސާސެއް ކުރެވިގެން ދިއައެވެ. ވޭންއާއި ސައިކަލު އަރައި ހަމަވި ވަގުތު އެދެލޮލުން އެދިން ނަޒަރުން އަހަރެންގެ ހިތުގައި ޅިއައެޅި، ފޮތިފޮތިވެ، ލޭ އޮހޮރޭހާވީ އެނަޒަރުގެ، ވަޅީގެ މިޔަހައި ތޫނުކަމުންނެވެ. ފުރިހަމަ ވެގެންވެސް ފުރިހަމަވީ އެ މައުސޫމު، އަދި އަންހެންވަންތަ އެ ބޮޑު ދެލޮލުގެ ބޯ އެސްފިޔަތަށް ތެމިފައިވީ ކަރުނައިން ކަން، އެ ބައްދަލުވި އެންމެ ސިކުންތެއްގެ ނަޒަރުން ވެސް އަހަރެންނަށް ފަހުމްވިއެވެ. ނަމަވެސް ހިތުގައި ރުހާމްއާއި ދޭތެރެ އިސާހިތަކު އުފެދި ކެކި އަރަން ފެށި ނަފްރަތުގެ ދިލަ އަލިފާނަށް ފެން އެޅުން ފަދަ ކަމަކަށް ޒާނާގެ އެ އާޝޯހު ވާފަދަ ހިތްގައިމު މޫނު ފެނުން ވިއެވެ. ހިތް މައިތިރިވީ ހައިރާންވާހާ އަވަހަށެވެ.
ވޭން އިން ނިކުމެ އަހަރެން ރުހާމްގެ ކުރިމަތީގައި ހުއްޓިލީމެވެ. އޭރު ރުހާމް ވެސް އަހަރެންނަށް ބަލަން ހުރީ އުއްމީދު ނުކުރާ މީހެއްގެ މޫނު ފެނުމުން ބަލާ ފަދަ ގޮތަކަށެވެ.
އަތުގައި އޮތް ސިނގިރޭޓު އެންމެ ފަހު ފަހަރަށް ދަމައިލަމުން ބިންމައްޗަށް ވައްޓައިލައި ފައިން އަރައި އޭގެ އަލިފާން ކޮޅު ނިއްވައިލީމެވެ. ނަމަވެސް ރުހާމްގެ މޫނު ފެނުމުނުންނާއި މިއަދު ރުހާމް އެ ކުރަން އުޅުނު ކަންތަށް ހިތަށް އެރުމުން އަހަރެންގެ ހިތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނދުނު ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އަނދައިގަތެވެ. އަނގައިގާ ހުރި ދުންތަށް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ރުހާމްގެ ގާތަށް އަހަރެން ޖެހިލީމެވެ. ކަންބޮޑުވެ ނުތަނަވަސް ވެފައިވީ ކަމުގައިވީ ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން ރުހާމް އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
އަހަރެން އާކިފްއަށް ބަލައިލަމުން ބޮލުން އިޝާރާތް ކޮށްލީ ކުރިއަށް ގެންދާށޭ ބުނާ ފަދަ ގޮތަކަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Alhe ehaa curious kohlaafa this ninmaali 😭
Waiting eagerly for next ep inge ❤️
Haha 😅 next part v avahah genesdheynan