ގާތުގާ… 14
“ޒާނާ……. އަހަރެން ދަންތަ ތިގެއަށް ….. އޭރުން ތަންކޮޅެއް ހަމަޖެހޭނެ ކަންނޭނގެ ޒާ…… އޯކޭތަ؟…” އަހަރެންނަށް ހިޔާލުތަކުން ނިކުމެވުނީ ޖަނާގެ އަޑުންނެވެ. ޖަނާގެ އެ އެދުމަށް އަހަރެން އިޖާބަ ދިނީ އަހަރެންވެސް ހަމަޖެހިލައި ފިކުރުތަކުން ދުރުވެލަން ބޭނުން ވެފައި ހުރީމައެވެ.
*****
ޖަނާ ފޯނު ބޭއްވުމުން އަހަރެން ސިޓިން ރޫމަށް ނިކުމެ ސޯފާގައި އިށީނދެލީމެވެ. ގޭތެރެއިން އެއްވެސް މީހެއް ފެންނަން ނެތުމުން އަހަރެން ޓީވީ ހުޅުވައިލަމުން ޗެނަލްތައް ބަދަލުކުރަން ފެށީ ބަލަން ކަމުދާ ކަހަލަ އެއްޗެއް ފެނޭތޯއެވެ. އިރުކޮޅަކުން އަހަރެންނަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނީ ދޮރުގެ ބެލް ޖެހި އަޑަށެވެ. ޖަނާއަށް އެހާ އަވަހަށް ނާދެވޭނެކަން އެނގި އަހަރެންގެ މޭގަނޑު ތެޅިގަތީ އެއީ ރުހާމްއަށް ވެދާނެކަމުގެ ބިރު ހިތުގައި ހިނގައިގަތީމައެވެ. ފަސްޖެހޭގޮތްވި ނަމަވެސް އަހަރެން ދޮރާއި ދިމާއަށް މަޑުމަޑުން ހިނގައި ގަތީމެވެ. ކުރިއަށް ނަގަމުން ދިއަ ކޮންމެ ފިޔަވަޅަކާއި އެކު ހިތުވިންދު އަވަސްވެ ހިތުގައި އުފަދިފައިވާ ބިރުވެރިކަން އިތުރުވަމުން ދިޔައެވެ.
މަޑުމަޑުން އަހަރެން ގޮސް ދޮރު ކުޑަކޮށް ހުޅުވާލައި ބޭރު ބަލައިލީމެވެ. އަހަރެންގެ ނަފްސަށް ހަމަޖެހުމެއް ލިބުނީ ބޭރުގައި ހުރީ ރުހާމް ނޫންކަން އެނގުމުންނެވެ. އަހަރެން ފުންނޭވާއެއް ލަމުން ބޮޑަށް ދޮރު ހުޅުވައިލީމެވެ. ބެރުގައި ހުރި މެދު އުމުރުގެ ފިރިހެން މީހާ ދިއްކޮށްލި ގަނޑުކޮޅުގައި ހިފައި އަހަރެން ބަލައިލީމެވެ. އެއީ އެއީ އަހަރެން ރުހާމް ގާތުން ވަރިވާން ފޯމު ހުށަހަޅާފައި ވާތީ ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ އަމުރެވެ.
އެމީހާ ގެންގުޅުނު ފައިލުން ގަނޑެއް ހޯދައިލުމާއި އެކު ސޮއިކޮށްލުމަށް ބުނެ އަހަރެންނަށް ގަލަމެއް ދިއްކޮށްލިއެވެ. ގަލަމުގައި ހިފަމުން އެމީހާ ދެއްކިތަކުގައި ސޮއިކޮށްލަމުން އަހަރެން އެތެރެއަށް ވަދެ ދޮރު ލެއްޕީމެވެ. ސޯފާއަށް އަހަރެންގެ ހަށިގަނޑު ދޫކޮށްލަމުން އަހަރެން ފުންކޮށް ދެތިން ނޭވާއެއްލީ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ. އަހަރެންގެ ކަންބޮޑުވުމަކީ ރުހާމް ދެން ނަގާނެ ފިޔަވަޅެއް ނޭނގޭތީއެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ރުހާމް އެހާ ފަސޭހައިން އަހަރެން ވަރި ނުކުރާނެކަމެވެ. އަދި އަހަރެންނަށް އެކިކަހަލަ ފިއްތުންތައް ކުރިމަތި ކުރުވާނެކަމެވެ. އޭނާގެ ބާރުގެ ބޭނުން ކޮށްގެން އޭނާގެ މުށުތެރެއަށް ގެންދަން އަދިވެސް މަސައްކަތް ކުރާނެކަމެވެ.
ވަރަށް ހިތްވަރުކޮށްގެން ވަރަށް ކެރިހުރެގެން ކުރިމަތިލާން ނިއްމައިގެން ހުރިކަމުގައި ވިޔަސް މާދަމާ ވާނެ ގޮތެއް ނޭނގޭތީ އަހަރެން ފަސްޖެހެން ފެށުނެވެ. ކަންބޮޑުވާން ފެށިއެވެ. ފިކުރުތައް ހައްތަހާ ގިނަވާން ފެށިއެވެ. ހާސްކަން އައިސް މީހާ ވަށައިލިއެވެ. އެކަމަކުވެސް ހުރިހާކަމެއް އަހަރެން ﷲ އާއި ވަކީލުކޮށްލީމެވެ.
އާދުވަހަކަށް އިރުއެރީ ރީތި ކުލަތަކަކުން އުޑުމަތި ޖަރީކުރަމުންނެވެ. ކޮޓަރީގެ ކުޑަދިރުން ވަންނަމުން ދިއަ އިރުގެ ރަން ދޯދިތައް އަހަރެން އޮތް އެނދަށް އެޅެމުން ދިއައެވެ. ވަޔާ ވިހުރެން ދިއަ ކުޑަދޮރުގެ ފޮތިތަކަށް އަހަރެން ނަޒަރު ހުއްޓާލައިގެން އޮތީމެވެ. އެ ދޮރުފޮތިގަނޑު ފަދައިން އަހަރެންގެ ހަޔާތުގެ ލަގަންވެސް ވަނީ ދާނެ ދިމާއެއް ނޭނގި ވަޔާއި ވިހުރެމުން ކަމުގައި އިހުސާސް ކުރެވުނެވެ.
ރޭގެ ހަތަރު ދަން އަހަރެން ހުސްވީ އަހަރެންނަށް ލޮލު ފިޔައެއް ނުޖެހިއެވެ. އެކިކަހަލަ ފިކުރުތަކުގެ ކަނޑަކަށް ޢަރަގު ކުރުވަމުންނެވެ. ކައިވެންޏަށްފަހު ކުރިމަތިލާން ޖެހުނު ހިތްދަތި ދުވަސްތަކާއި ރުހާމްގެ ރަހުމެއް ނެތް ހިތްދަތި ބަސްތަކާއި އެނގި ފާޅުވަމުން ދިޔަ އަނދިރި އަދި ހިތި ހަޤީގަތް ތަކެވެ. އެންމެ ގާތް މީހުން ކަމުގައި ދެކުނު މީހުން ދީފައިވާ ކެހިތަކެވެ. އެހުރިހާ ރިހުމަކަށް ޝިފާއެއްކަމުގައި މާޒީގައި ވެވުނު ހަމަ އެންމެ ލޮތްބެއްގެ ހަނދާންތައް ވިއެވެ. “އޭނާއާއިއެކު” އެ ހޭދަކުރި ހިޔާލެއް ފިކުރެއްނެތް “އުފާވެރި” ކަމާއި މެންދަމުގެ ގުނާ އަދަދު ނުކުރެވޭ ” އެއުފާތައް” ހިތަށް ތަސައްލީއެއް ގެނެސްދިނެވެ. އެކުގައި ހޭދަކުރެވުނު ވަގުތުތަކާއި ވީއަހުދުތައް ދިރުމެއްގެ އަސަރު ހިތަށް ގެނެސްދިނެވެ. އެހަނދާންތަށް ހިތަށް ތަސައްލީއެއް ގެނެސްދޭއިރު އޭނާ ކައިރީގައި ހުރިނަމަ ލިބޭނެ ލުއި ހިތަށް އަރާފައި ހިތްދަތިކަން ލިބުނު ވަގުތުކޮޅެއްވެސް ދިއައެވެ.
ކޯޓަށް ދާން އޮތް ގަޑިއަށް އަހަރެން ތައްޔާރުވެލީމެވެ. ކަކުލާއި ހަމައަށް ހުރި ކަޅުކުލައިގެ ކުރުތާއަކާއި ކަޅު ސްކިނީ ޖިންސެއްގައި އަހަރެން ފެންނަނީ ވަރަށް އާދައިގެ ކޮންނެވެ. އިސްތަށިގަނޑު ފަހަތަށް އައްސައިލަމުން ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސައިލީމެވެ. އަދި ކޮލުގައި ބްލަޝް ކޮޅެއް ޖައްސައިލަމުން ލޯގަނޑުން އަހަރެންގެ މޫނަށް ރަނގަޅަށް ބަލައިލީމެވެ. ރޭގެ ނިދިން މަހުރޫމް ވެފައިވާތީ އަހަރެން ފެންނަނީ ވަރަށް ވަރަށް ވަރުބަލި ކޮންނެވެ.
ތައްޔާރުވެގެން އަހަރެން ނިކުތްއިރު ޖަނާ އައިސް ހުއްޓެވެ. އޭނާއެއައީ އަހަރެން ބަލައިކަން އަހަރެންނަށް އެނގުނެވެ. ގެއިން ނިކުތުމުގެ ކުރިން އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން މަންމަ ވެސް އަހަރެން ގައިގާ ބައްދައިލާ ހިތްވަރު ކުރުމަށް ބުންޏެވެ.
ސައިކަލުގައި އެހޭދަވި ވަގުތުކޮޅުވެސް ހީވަނީ ވަރަށް ކުރުހެންނެވެ. މޭގައިވާ ހިތް ނެގިނެގިފައި ޖެހެމުން ދަނީއެވެ. އަހަރެން ހާސްވެ ދާހިއްލަން ފަށައިފިއެވެ. އެންމެ ފަހުން ނުބައި ހިޔާލުތައް ވެސް ހިތަށް ވެރިވާން ފަށައިފިއެވެ. ރުހާމް ކޯޓުން ނިކުންނަ ގޮތަށް އަހަރެން ގަދަކަމުން އޭނާގެ ގެއަށް ގެންގޮސްފިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ކަންކަން ވާ ގޮތަކުން މިއަދު މައްސަލަ ނިމުނު ކަމުގައިވިޔަސް 3 މަސް ވާންދެން އަހަރެން އިންނާނީ އިއްދައިގެ މުއްދަތުގައެވެ. އެ މުއަދަތުގެ ތެރޭގައި ރުހާމް އަހަރެން ރުޖޫއަ ކޮށްފިއަޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އޭރުން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ. މިކަހަލަ ހިޔާލުތަކެއްގައި އިންދައި ޖަނާ އައިސް ޕާކިން ޒޯނުގައި ސައިކަލު ޕާކުކޮށްލައިފިއެވެ. ޖަނާއާއި އެކު ސައިކަލުން ފައިބައިގެން ގޮސް އަހަރެން ކޯޓަށް ވަނީމެވެ. އޭރުވެސް އަހަރެންގެ މޭގަނޑު ޑަންޑަން ލައިފައި ތެޅެމުން ދިއައީ ހަމައެކަނި ރުހާމްއާއި ކުރިމަތިލާން ޖެހޭތީކީ ނޫނެވެ. މިފަދަ ކަމަކާއި މި ކުރިމަތިލަނީވެސް އަލަށް ވީމައެވެ.
މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮޓަރިއަށް އަހަރެން ވަނުމުން ޖަނާ ބޭރު ގޮނޑިބަރީގައި މަޑުކޮށްލިއެވެ. އަހަރެން ގޮނޑީގައި އިށީންނަމުން އަހަރެންގެ ކަނާތް ފަރާތުން ތަންކޮޅެއް ދުރުގައި އިން ރުހާމްއަށް ބަލައިލީމެވެ. އޭރު އޭނާ އަހަރެންނަށް ބަލަން އިނީ ރުޅިވެރި ނަޒަރަކުންނެވެ. އެ މޫނުމަތި ރަތް ވެފައިވަނީ ރުޅިވެރިކަމުގެ އަސަރުތަކުންނެވެ. ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެ ނުބުނެވިފައި އިންކަހަލައެވެ. އަހަރެން އަވަސް އަވަހަށް ނަޒަރު ވަކިކޮށްލީ ގާޒީ އައުމުންނެވެ.
ގާޒީ މައްސަލަ ކުރިއަށް ގެންދަން ފެށިއެވެ. އަހަރެންނަށް ވާހަކަ ދައްކާނެ ފުރުސަތު ގާޒީ ދިނެވެ. ވަރިވާން ހަމަ ބޭނުންތޯ ސުވާލު ކުރިއެވެ.
” ލައްބަ….. އަޅުގަނޑު ފޯމުލީ ވަރަށް ވިސްނާފައި…. އަޅުގަނޑު ބޭނުމީ ވަރިވާން…..” އަހަރެން ބުނީމެވެ.
” މަރިޔަމް ޒާނާ ހަމީދު މި އިންނެވި ރުހާމް ނައީމްގެ ކައިރިން ވަރިވާން ބޭނުންވާ ސަބަބު ބުނެދެއްވާ….” ގާޒީ ސުވާލުކޮށްލިއެވެ.
“އެއީ…. އެއީ…. އަޅުގަނޑަށް ރުހާމްއާއި އެކު ދެން އުޅެވޭނެކަމަށް ނުފެންނާތީ…. އަދި އަޅުގަނޑަށް އަނިޔާވެރި ވާތީ…..” އަހަރެން ރުހާމް އަށް ބަލައިލަމުން ވަރަށް ނުކެރިފައި އިނދެ އިސްޖަހައިލަމުން ބުނީމެވެ.. މިހާ ހިސާބަށް އައިސް ފަސް ޖެހެން އަހަރެން ބޭނުން ނުވީއެވެ.
” އެއީ ދޮގެއް ގާޒީ…. އަޅުގަނޑު ނޯއްނާނެ ޒާނާއަށް އަނިޔާވެރި ވެފައެއް…. އެއީ ހުސް ދޮގު ….. އަޅުގަނޑު….” އަހަރެންގެ ޖަވާބު އަޑު އިވިފައި ރުހާމް ކުއްލިއަކަށް ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އޭނަގެ ވާހަކަތައް ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
” މަޑުކޮށްލައްވާ….. ކޮންމެ ބެފުޅަކަށްވެސް ވާހަކަ ދައްކަން ފުރުސަތު ލިބޭނެ…” ގާޒީ ރުހާމްގެ ވާހަކަތައް މެދުކަނޑައިލިއެވެ. އެއާއިއެކު ރުހާމްގެ މޫނުމަތިން ހިސާބެއްގެ ހައިރާން ކަމެއް ފެނިގެން ދިއައެވެ. ބޭނުންނުވެ ހުރެވެސް އޭނާ ގޮނޑީގައި އިށީނެވެ.
ގާޒީ ކުރި އިތުރު ސުވާލުތަކަށްވެސް އަހަރެން ޖަވާބު ދިނީމެވެ. އަދި އަހަރެންގެ ބައި ނިމުމުން ގާޒީ ރުހާމްއާއި ސުވާލުކުރަން ފެށިއެވެ..
” ރުހާމް ނައީމް މިއިންނެވި މަރިޔަމް ޒާނާ ހަމީދު ވަރިކުރަން ބޭނުންފުޅުތޯ…؟” ގާޒީ އެހިއެވެ.
” ނޫން އަހަރެން ބޭނުމެއް ނޫން ޒާނާ ވަރިކުރާކަށް… އަޅުގަނޑު އަޅުގަނޑުގެ އަންހެނުން ދެކެ ވަރަށް ލޯބިވޭ… އެކުގައި އުޅެން ބޭނުން… އަދި އަޅުގަނޑު ނޯއްނާނެ ޒާނާއަށް އަނިޔާވެރި ވެފައެއްވެސް…” ރުހާމް ފައްޗަކަށް އަމުނައިލިއެވެ. ރުހާމް އޭނާގެ މާތްކަން ދައްކަން ފެށުމުން އަހަރެންގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ…ރުހާމްގެ ދެފުއްކެހެރިކަން ހިތަށް އަރާފައި ރުޅިވެސް އާދެވުނެވެ. އަނިޔާވެރި ނުވަމޭ ބުނެލަން ރުހާމްއަށް ކިހާ ފަސޭހަ ހެއްޔެވެ؟
ދެން ހޭދަވި މަދު މިނެޓުކޮޅު އަހަރެންނަށް އިހުސާސްވީ ގަތުނެއް ފަދައިންނެވެ. ގާޒީގެ ނިއްމުން އަންނާނެ ގޮތަކަށް ކަންބޮޑުވެފައި އަހަރެން އިން އިރު ރުހާމްގެ މޫނުމަތިން ކެހިވެރިކަމުގެ ހިނިތުން ވުމެއް ދުވެލަދުވެލާ ހުއްޓެވެ. އޭނާ މިއަދު މިތަނަށް އައިސް އެއިނީވެސް ގާޒީ ގަނެލައިގެން ނޫންކަމެއް ނޭނގެއެވެ. ހިތާހިތާ ދުއާ ކޮށްލެވުނީ ރުހާމްގެ ކިބައިން މިންޖުކޮށް ދެއްވުމަށް އެދިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Vrh reethi ❤️
Waiting for next part inge
❤️❤️