ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރުން ދާއިޔަލްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ކޮޓަރި ތެރޭގައި ގިނަ އަދަދެއްގެ މެހިތައް އަޑު އަޑު ލައްވަމުން އުދުހެމުން ދިޔަ އިރު، ތަޅުންގަނޑު މަތީގައި ކުދިކުދި ސޫފިތައް ފިރުކެމުން ދިޔައެވެ. އެނދުމަތީގައި އޮތީ ބަލާލަންވެސް ނުކެރޭ ފަދަ ބިރުވެރި މަންޒަރެކެވެ. އެއީ މަރުވެ، ކުނިވެފައިވާ އަންހެނެއްގެ ހަށިގަނޑެވެ. ހަށިގަނޑުގެ މަސްތައް ފީވެ، ކުލަ ކަޅުވެފައި އޮތް އިރު، އެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމުންނާއި ހުޅުވިފައިވާ ލޮލުން މުޅި މާހައުލަށް ނާމާންކަން ވެރިކުރުވިއެވެ. މުޅި ކޮޓަރި ތެރޭގައިވެސް ދުވަމުން ދިޔައީ މަރުވެ، ކުނިވެފައި އޮތް އެ މައްޔިތާގެ ވަހެވެ. ދާއިޔަލްއަށް ބިރުން ފަހަތައް ޖެހިލެވުނެވެ.
(39 ވަނަ ބައި)
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އެލާރާ ހުރީ ހާސްވެފައެވެ. ފަހަކަށް އައިސް ޒަވުލްގެ އުޅުން ހުންނަ ގޮތުން އޭނާ ހުންނަނީ ހިތުގައި ޖެހިފައެވެ. ޒަވުލް އޭނާ ‘ދުރު’ ކޮށްލާ ކަހަލަ ސުވާލެއް އޭނާއަށް ކުރެވެނީއެވެ. އަނެއްކާވެސް ފޯނު ހުޅުވާލެވުނެވެ. އޭރު ޒަވުލް އިނީ ‘އޮންލައިން’ ގައެވެ. ނަމަވެސް އޭނާ އެލާރާއަށް މެސެޖެއް ނުކޮށްލަނީ ކީއްވެ ހެއްޔެވެ؟ މިހާރު ޒަވުލް އޭނާއަށް ވާހަކަ ދައްކަނީ ހަފްތާއަކު އެއްފަހަރަކު ކަހަލަ ގޮތަކަށެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވުމާއި އެކު އެލާރާ ސިހުނެވެ. އަވަސް އަވަހަށް ކަރުނަތައް ފުހެލިއެވެ. “ދެން ދޮންބެއަށް ދޮރުގަ ޓަކި ދޭން ނޭނގެނީތަ؟” އެލާރާ ވެފައި ހުރި ދެރައިން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ.
“ނޫން. އިނގޭ. އެލާ ކިހިނެތްތަ ވެގެން ތިއުޅެނީ؟ މަންމަ ދެންމެ އައިސް ބުނެފި މިއަދު ހެނދުނު ސައިބުއި ގޮތަށޭ އެލާ ހުރީ. ނުވެސް ކައޭ. ކިހިނެތްވީތަ؟ މަންމަ ކައިރީ ނުބުންޏަސް ދޮންބެ ކައިރީގަ ބުނެބަލަ. ދޮންބެ ނުބުނާނަމޭ މަންމަ ކައިރިއަކު” އެޒިކިއެލް ވާހަކަ ދެއްކީ ލޯބިންނެވެ.
“ހަނދާން އެބަ ހުރިތަ ދޮންބެމެން ކުޑަ އިރު ކުރި ޕްރޮމިސް؟ ކޮންމެ ހާލެއްގަވެސް ދެމީހުން އެކަކު އަނެކަކަށް ހުރިހާ ވާހަކައެއްވެސް ކިޔާދޭނެ ކަން. އެކަކު އަނެކަކަށް އެހީ ވާނެ ކަން…” ކުޑަ އިރުގެ ހަނދާނެއް އެޒިކިއެލް ކޮށްލިއެވެ.
“ޒަވޫ…” އެލާރާގެ އަޑު ކުރެހުނެވެ. “ދެމީހުން މައްސަލައެއް ޖެހުނީތަ؟” އެޒިކިއެލް އަހައިލިއެވެ. “ނޭނގެ… މިހާރު އެލާއަކަށް ޒަވޫ ވާހަކައެއް ނުދައްކާ. އަބަދު ބިޒީ. ސީން ޒޯން ކުރަނީ މެސެޖެއް ކުރިޔަސް. ހަފްތާއަކު އެއްފަހަރަކު ކަހަލަ ގޮތަކަށް ގުޅަނީވެސް. ގުޅާފަވެސް 10 މިނިޓް ނުވަނިސް ބާއްވާ. އެހާ ފޫހިކޮށް ވާހަކަ ދައްކަނީ. ހީވަނީ މަޖުބޫރު ވެގެންހެން…” އެލާރާއަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. އެޒިކިއެލް ވަރަށް ލޯބިން އެލާރާގެ ހަށިގަނޑުގައި ބައްދާލިއެވެ.
އެވަގުތު އެލާރާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ޒަވުލްއެވެ. “އެލާ ތި ފޯނު ނަގައިގެން ނުވާނެ. އެލާ ތިއީ އެ ޒަވުލް ބޭނުންވީމަ ގުޅާފަ ފޫހިވީމަ ނުގުޅާ ހަދަން އެސޮރު ގެންގުޅޭ ބުދެއްތަ؟” އެޒިކިއެލް ހުރީ ހިތްހަމަ ނުޖެހިފައެވެ. “ދޮންބޭ. ޕްލީޒް. ހަމަ ޖެހިބަލަ. ފަހުން މިވާޙަކަ ދައްކާނީ. އިހަށް ބޭރަށް ދޭ… ޕްލީޒް. އެލާއަށްޓަކާ…” އެލާރާގެ ލޮލުގައިވީ އާދޭސް ފެނި އެޒިކިއެލް ހަތިޔާރު ބެހެއްޓިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނިކުތީ އެހެންވެގެންނެވެ.
“ހަލޯ؟” ކޮޓަރި ދޮރު ލައްޕާލަމުން އެލާރާ ގޮސް އެނދުގައި އިށީނެވެ. “ހޫމްމް.” ޒަވުލްގެ ޖަވާބު ކުރެވެ. “ޒަވޫ… ކީއްވެތަ ތިހެން ތިއުޅެނީ..؟ ކީއްވެތަ ޒަވޫ ތިހާ ހިތް ހަރުވީ؟ ކީއްވެތަ ޒަވޫ މިހާރު ތިހާ ދުރީ…؟” އެލާރާއަށް ވަގުތުން ރޮވުނެވެ.
“ހޫން ހޫން. އަނެއްކާ ފެށުނީ ދޯ؟ މަ ބިޒީވީމަ މައްސަލައެއް ދޯ؟ އެލާރާ ތި ލަޝްކާގެ ވޭދަނައިގަ ބިޒީވި ބިޒީވީނުން އުޅުނީ ހަމަ މިހެން. އޭރު އޯކޭ. މަވީމަ ކަޑަ ދޯ؟” ހިތްހަމަ ނުޖެހިފައި ޒަވުލް ބުނެލިއެވެ.
“އެހެންވެތަ؟ ސޮރީ… ދެން ނުވާނެ އެހެންނެއް. ޒަވޫ އެހެން ވެސް ބުނި ނަމަ…” މޭގައި ފިރުމާލަމުން އެލާރާ ބުނެލިއެވެ.
ފިޔަވަޅުތައް ހަލުވި ކޮށްލަމުން ދާއިޔަލް ދުއްވައިގަތެވެ. ގޭތެރޭގައިވީ ހިރަފުސްތަކުގެ ސަބަބުން އޭނާ ކައްލާ އަނގަވަތައް ވެއްޓި، ދަތްދޮޅި ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ނަމަވެސް އެ ތަދު އިހުސާސްވާ ވަރަށްވުރެވެސް ދާއިޔަލް ހުރީ މާ ބިރުންނެވެ. އެގެއިން އޭނާއަށް ނިކުމެވުން އިރު އޭނާ ތުރުތުރުލައެވެ.
ބަރުހެލި ފިޔަވަޅުތަކެއްގައި އޭނާ ދުވަމުން ދިޔައެވެ. އިރު އިރުކޮޅުން ފަހަތް ބަލާލެވޭ އިރު ދާއިޔަލް ހުރީ ސިހި ސިހިއެވެ. އުޑުމަތީގައި އުދުހެމުން ދިޔަ ކާޅު ތަކާއި ދިމާލަށް ދާއިޔަލް ބަލައިލިއެވެ. މުޅި ހަށިގަނޑުން ހީބިހިނަގައިގަތެވެ.
ގެއަށް ވަދެ ދާއިޔަލްއަށް ދޮރު ޖެހުނީވެސް ވަރަށް ބާރަށެވެ. އެއަޑަށް ނިދިފައި އޮތް ލަޝްކާއަށްވެސް ހޭލެވުނެވެ. އެނދުން ފައިބަން އުޅެނިކޮށް އެތެރެއަށް ދާއިޔަލް ވަނެވެ. ދާއިޔަލް ލައިގެން ހުރި މަޑު ނޫކުލައިގެ ޓީޝާޓުވީ ދަލުން ފޯވެފައެވެ. ކޮންމެވެސް ވަރަކަށް ހިރަފުސްވެސް ހުއްޓެވެ. ޓީޝާޓުގެ ކަރުވަޅުގައި ލޭގެ އަސަރުވެސް ހުއްޓެވެ. އިސްތަށިގަނޑުވެސް ވަނީ ހޭވިފައެވެ. މޫނުމަތީގައިވެސް ދާތައް ހުރި އިރު ދަތްދޮޅިން ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. ދެލޯ ބޮޑުވެފައި ހުރެ ދާއިޔަލް ގޮސްް އަލަމާރި މަތީގައި އޮތް ފޮށި ނެގިއެވެ. އަދި ތުރުތުރުލަމުން ދިޔަ އަތުން އެޔަށް އެއްޗެހިތައް އަޅަން ފެށިއެވެ.
“ދާއި؟ ކިހިނެތްވީ؟” ލަޝްކާ އެނދުން ތެދުވަމުން އެހިއެވެ. “ދާއީ؟؟ ކިހިނެތްތަވީ؟؟” ލަޝްކާ ދައްކަމުން ދިޔަ ވާހަކަ އިވޭ ވަރަށް ވުރެ ދާއިޔަލް ހުރީ މާ ބިރުންނެވެ.
ސާޅިސްވަނަބައިގެ ތެރެއިން:
“ތިއީ ކަލެއަށް ވާނެ ވަރަކީ. ރައްޓެހިވީ އިރު ހީވި ހަނދާ ތަރިވެސް ދޭނޭ. ހޫން ދާން އުޅޭ. ރައްކާވޭ!”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Maasha allah.
Mi prt va vrh reerhi.
I don’t think zavul is good.
Haadha hiyy hareu mihaarakah ais.
Any ways, when next!?
Lysm & Tc🖤💛
Jazaakallah khairan N0nni_77 🩶🫶🏻
Yeaa dhww🙁
In sha allah next soon.. likewise
Allahumma baarik vrh reethi mi baives ❤️
Alhe ehaa curious kohfa e ninmaali Hama 😭
Jazaakallah khairan Lamtty 🩶🫶🏻
Ahaa sorry sorry😭😭😭🫶🏻
V reethi mi part ves
V dheravejje elaa ulheygothun
Omg dhaii birungoas thanthan falhaigen dhaairuves hamajehilakah masahkatheh nukurey
V kiyaalaa hiyvaakahala eyge thanthanun thinimaalanee ves mulhin
CW4THENEXTP
Tc
Jazaakallah khairan Sheex 🩶🫶🏻
Dhwww i feel so sad for her🙁 asluvess dhww.. dhen ehn nun vaanee vesss.. sorry sorry hehe😭🫶🏻 stay tuned for next tc