މިހިތުގެ ލޯތްބޭ ތީ 9
“އަނޫ ތިހެން ތިބުނީ އަހަރެން ގަބޫލު ކުރާނެ ކަމަށް ހީކޮށްގެން ކަމަށް ވަންޏާ އަނޫއަށް ކާމިޔާބެއް ނުވި… އަހަރެންގެ އުންމީދަކީ އަނޫ އުފަލުގަ އުޅުން… ނޫނީ އުފަލުގަ އުޅެވޭތޯ މަސައްކަތް ކުރުން… އައި ވިޝް ޔޫ އަ ހެޕީ މެރިޑް ލައިފް!” ޒިހާން ބުނެލިއެވެ. އަދި ތެދުވެގެން ދިޔައެވެ.
އެމަންޒަރު ބަލަން ދުރުގައި ހުރި ޝަމްހާ ޒިހާންއަށް ނުފެންނަނީސް އެތެރެއަށް ވަނެވެ.
އަނޫޝާއާ މިޒްނާއަށް ގެޔަށް ދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަނޫޝާ ކޮޓަރިއަށް ވަން އިރު މިޝާލް އެނދުގައި އޮށޯވެލައިގެން އޮތެވެ.
“ކޮން ކަހަލަ ބޭބީއެއް؟” އަނޫޝާ ފެނުމާއެކު މިޝާލް އަހާލިއެވެ.
“ބޯއިއެއް” އަނޫޝާ ޖަވާބު ދިނެވެ.
“އަނޫ، އާދެބަލަ” މިޝާލް ތެދުވެ އިށީންނަމުން ގޮވާލިއެވެ.
މިޝާލް ގޮވާލި ގޮތުން އަނޫޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އެންމެ ފަހުން މިޝާލް އަނޫޝާއާ ވާހަކަ ދެއްކި އިރު ރުޅި އައިއްސަ ހުރިކަން އަނޫޝާ ހަނދާން ހުއްޓެވެ. ނަމަވެސް މިޝާލް އެކަން ހަނދާން ނެތީ ހެއްޔެވެ.
އަނޫޝާ ގޮސް މިޝާލް ކައިރީގައި އިށީނެވެ.
“ބުނަންތަ ވާހަކައެއް؟ އަހަރެންގެ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގަ ދެން ނުދައްކައްޗޭ… އިއްޔެ ހަމައެކަނި އެހެން ބުނެލާފަ ދޫކޮށްލިޔަކަސް ކޮންމެ ފަހަރަކު އެހެންނެއް ނުވާނެކަން ހަނދާން ކުރާތި!” މިޝާލް އެހެން ބުނީ މަޑުމައިތިރިކަމާ އެކީ ނަމަވެސް އެއަޑުގައިވި އިންޒާރު އަނޫޝާއަށް ނަގައިގަނެވުނެވެ.
“އަހަރެން ނުބުނަމޭ ދޮންބެ ކައިރިއަކު…” އަނޫޝާ އަމިއްލަ ދިފާއުގައި ބުންޏެވެ.
“ބުނިތޯ ނުބުނޭތޯއެއް ނޫނެއްނު މިއެހީކީ؟ މިބުނީ ދެން އެހެން ވެގެން ނުވާނެޔޭ. އެނގިއްޖެތަ؟” މިޝާލްއަށް މިފަހަރު މަޑުންނެއް ނުބުނެވުނެވެ.
އަނޫޝާ އެއްޗެއް ބުނަން ނަހަދާ ބޯޖަހާލިއެވެ. އަނޫޝާ ދައްކާ ވާހަކަ އަޑު އަހަން މިޝާލް ބޭނުން ނުވާނެކަން އެނގޭތީއެވެ.
އެވަގުތު މިޝާލްއަށް ފޯނެއް އައުމުން މިޝާލް ނިކުތީ ބޭރަށެވެ.
މިކުރެވުނީ ކޮންކަހަލަ ކަމެއް ބާއޭ އަނޫޝާ ހިތާހިތާ ސުވާލު ކޮށްލިއެވެ. އެހެން މީހުންގެ ދިރިއުޅުން އާބާދު ކޮށްދިނުމަށް ޓަކާ އަމިއްލަ ދިރިއުޅުން މިހަވާލު ކުރެވުނީ ކޮން ކަހަލަ މީހަކާ ހެއްޔެވެ؟ ލޯބި ނުވާ ތާނގައި މިޝާލްގެ ހިތުގައި އަނޫޝާއާ މެދު އެއްވެސް އޯގާތެރިކަމެއްވެސް ނެތެވެ. އެވަރުން މިޝާލްއާ އެކުގައި އަނޫޝާ ދިރިއުޅުން ހޭދަ ކުރާނީ ކިހިނެއް ހެއްޔެވެ؟
އަނޫޝާއާ މިޒްނާ ދިޔުމުން ޝަމްހާ އަނެއްކާވެސް ނިކުމެ ބޭރު ބަލާލިއެވެ. އޭރު ޒިހާންއާ ޝިޔާޒް ކައުންޓަރު ކައިރީގައި ތިއްބެވެ. ޝަމްހާ ބަލަން ހުއްޓާ ޝިޔާޒް ބޭރަށް ނިކުތެވެ. ޝަމްހާ އިރުކޮޅަކު ބަލަން ހުރެފައި ޒިހާން ކައިރިއަށް ދިޔައެވެ.
“ކޮން ވާހަކައެއްތަ އަނޫއާ ދެމީހުން އޭރު ދެއްކީ؟” ޝަމްހާ އަހާލިއެވެ.
“ވަކި ވާހަކައެއް ނޫން…” ޒިހާން ފޫހި ރާގަކަށް ބުނެލިއެވެ.
“ޒިހާން ދެރަ ވާނެކަން އަހަންނަށް އެނގޭ، އެހެންވެ އަނޫ ދެކެ ރުޅި އާދެވެނީވެސް… އެކަމަކު ޒިހާން އެއްފަހަރުވެސް ވިސްނާލިންތަ އަހަރެންގެ ހިތަށް އަރާނެ އެއްޗަކާ މެދު؟ ޒިހާން ބުނިހެން އަހަންނަށްވެސް އެނގޭ އަސްލު އަނޫ އެހެން ހެދި ސަބަބު، އެކަމަކު އަހަރެން ނުބުނަން އަނޫ ކައިރީގަ އެހެން ހަދާށެކޭ. އެކަމަކު އެކަމުގަ ޒިހާން އަހަރެން ކުށްވެރި ތި ކުރަނީ… އަހަރެންގެ ހިތެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ… ޒިހާން ވިސްނާލަބަލަ، އަނޫ އެވަރުގެ ގުރުބާނީއެއް ވީއިރު ޒިހާން ނުޖެހޭތަ އަނޫ އެދޭ ގޮތަށް ކަންތައް ކޮށްދޭކަށް؟ އޭރުން އެކަމުންވެސް އޭނައަށް އުފަލެއް ލިބޭނީ، އަހަންނަށް އެކަންޏެއް ނޫން… ޒިހާން އެއްފަހަރުވެސް އެގޮތަށް ވިސްނާލިންތަ؟” ކައުންޓަރު ކައިރިން ދުރަށް ދިޔަ ޒިހާންއާ އެއްވަރަށް ހިނގަމުން ޝަމްހާ ވާހަކަ ދެއްކިއެވެ.
ޒިހާން ޝަމްހާއާ ދިމާއަށް ބަލާލިއެވެ. ހަގީގަތުގައިވެސް ޝަމްހާ ޒިހާން ދެކެ ލޯބިވަނީ ހެއްޔެވެ. އޭނައަށް އެފަދަ ފުރުސަތެއް ދޭންވީ ހެއްޔެވެ. އެހެން ހިތަށް އެރުމާއެކު ޒިހާންއަށް ދެފަރާތަށް ބޯހަލުވާލެވުނެވެ. ޒިހާންއަށް ދުވަހަކުވެސް ޝަމްހާއާ މެދު ހިތުގައި އެފަދަ އިހުސާސެއް ނުއުފެއްދޭނެއެވެ. ޒިހާންއަށް އެނަޒަރުން ޝަމްހާއާ މެދަކު ނުދެކެވޭނެއެވެ. ޝަމްހާގެ ގޮތް ޒިހާންއަށް އެނގޭތީއެވެ. ޝިޔާޒްއާ ޒިހާންގެ ރަހުމަތްތެރިކަމަށް މިވީ ބާރަ ވަރަކަށް އަހަރުގެ ތެރޭގައި ޒިހާންއަށް ވަނީ ވަރަށް ރަނގަޅަށް ޝަމްހާ ދަސްވެފައެވެ. އެވަރުންވެސް ދަސް ނުވި ކަމެއް ވިއްޔާ ޝިޔާޒް ޝަމްހާއާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކުން ވަނީ އެނގިފައެވެ.
“ޝަމްހާ، އަހަރެންގެ ހިތުގަ ޝަމްހާ ތިއެދޭ ފަދަ އިހުސާސް ތަކެއް ޝަމްހާއާ މެދަކު ނެތް، އެހެން ނަމަ އަހަރެން ތިކަމާ ވަރަށް ފުންކޮށް ވިސްނީމުސް… އަހަރެން ލޯބިވީ އެންމެ މީހެއް ދެކެ. އެހަނދާން ހިތުން ފޮހެވުނު ދުވަހަކުން އަދި ތިކަމާ ފަހަރެއްގަ ވިސްނިދާނެ ކަންނޭނގެ… އެކަމަކު… އަހަރެން ބުނާ އެއްޗެއް ގަބޫލު ކުރާނަންތަ؟ ޝަމްހާވެސް ބަލާ ޝަމްހާ ދެކެ ލޯބިވާ މީހަކު ހޯދޭތޯ، ގައިމުވެސް އަހަންނަކަށް އެމީހަކަށް ނުވެވޭނެ— އަދިއެއް” ޒިހާން ހުއްޓިފައި ޝަމްހާއާ ކުރިމަތި ލަމުން ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ދިޔައެވެ.
ޒިހާން ދިޔަ ތަން ބަލަން ޝަމްހާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ޒިހާންގެ އެޖަވާބުގެ ބަދަލު ޝަމްހާ ހޯދާނީ އަނޫޝާގެ ފަރާތުންނެވެ. އަނޫޝާގެ ކިބައިގައި ހުރީ ޝަމްހާގެ ގައިގައި ނެތް ކޮން ސިފައެއްބާއޭ އަމިއްލަ ނަފްސާ ސުވާލު ކުރަމުން ހިތާ ހިތުން އަނޫޝާއާ ދިމާއަށް އެއްޗެހި ކިޔަމުން އަނޫޝާގެ ހުރިހާ އުފަލެއް ގަދަކަމުން ވިޔަސް އަތުލުމަށް އަމިއްލަ ނަފްސަށް ވަޢުދު ވަމުން ޝަމްހާ އެރުޅީގައި ހުރެ ހޮސްޕިޓަލުން ނިކުތީ ޝަރީފާ ގާތުވެސް ނުވެސް ބުނެއެވެ.
ގެޔަށް ވަދެވުމާ އެކު ޝަމްހާ މިޝާލްއަށް ގުޅާލިއެވެ.
“މިޝާލް، ޝަމްހާއޭ، އަހަރެން އެއްޗެއް ބަލާ ގެޔަށް އައިއްސަ އަލުން ހޮސްޕިޓަލަށް ދާން ކާރެއް ނުލިބިގެން މިއުޅެނީ، ދޮންބެގެ ފޯނަކާ ނުގުޅުނު… އައިސްދެވިދާނެތަ އަހަރެން ގެންގޮސްދޭން؟” ޝަމްހާ ވާހަކައެއް ހަދާލަމުން އަހާލިއެވެ.
ގުޅީ ކާކުކަން ނޭނގުނު ނަމަވެސް ފޯން ނެގުމާ އެކީ އެއީ ޝަމްހާ ކަން އެނގުމުން މިޝާލް އާއެކޭ ބުނެފައި ނިކުތެވެ.
މިޝާލް ސައިކަލުގައި ޝާމްހާމެންގޭ ދޮރުމައްޗަށް މަޑުކޮށްލި އިރު ޝަމްހާ ދޮރުމަތީ ނިކުމެ ހުއްޓެވެ. ޝަމްހާ ސައިކަލުގައި އިށީނެވެ.
“އަނޫ ހާދަ އަވަހަކަށޭ ދޯ އެދިޔައީ؟ މިޝާލް ބުނީތަ އަންނާށޭ؟” ޝަމްހާ އަހާލިއެވެ.
“އަހަންނެއް ނުބުނަން” މިޝާލް ބުންޏެވެ.
“އެހެންތަ؟ ވެދާނެ އެތާ ޒިހާން ހުރީމަ ކަމަށްވެސް…” ޝަމްހާ އެހެން ބުނީ ޒިހާންގެ ވާހަކަ ބުނުމުން މިޝާލް ސުވާލު ކުރާނެކަން އެނގޭތީއެވެ.
“ޒިހާންއޭ؟ އެއީ ކާކު؟” މިޝާލް އަހާލިއެވެ.
“ޒިހާން ނޭނގޭތަ މިޝާލްއަކަށް؟ އަނޫ ނުބުނޭތަ؟” ޝަމްހާ އަހާލިއެވެ. ފާޑަކަށް ހިނިއައިސް އިނދެއެވެ.
“ނުބުނޭ، ކާކުތަ އެއީ؟” ޒިހާން އަކީ ކާކުތޯ ބަލަން މިޝާލް ބޭނުން ވިއެވެ.
“އެއީ… އަނޫ ނުބުނަންޏާ ދެން އަޅާނުލާ” ޝަމްހާ އެވާހަކަ ދައްކަން ބޭނުން ނުވާ ގޮތް ދައްކާލީ މިޝާލް އިތުރަށް ސުވާލު ކުރާނެކަން އެނގޭތީއެވެ.
“އެވާހަކަ ފެށިއްޖެއެއްނު؟ ދެން ބުނެބަލަ” ޒިހާންއާ އަނޫޝާއާ މެދު ކޮންމެވެސް ގުޅުމެއް ވާހެން މިޝާލްއަށް ހީވާން ފެށީ ޝަމްހާ އެވާހަކަ ނުދައްކަން އުޅޭތީއެވެ.
“ދެން މިޝާލް، އެހެން ވާހަކައެއް ދައްކަބަލަ… ދޮންބެއާ މިޒޫ މެރީ ކުރީމަ ދެފެމިލީ މިހާރަށް ވުރެން ބޮޑަށް ގުޅޭނެ ދޯ؟” ޝަމްހާ ވާހަކަ އޮޅުވާލަން އުޅުނެވެ. އެވެސް މިޝާލްގެ ހިތުގައި ޒިހާންއާ އަނޫޝާގެ ވާހަކައާ މެދު ޝައުގުވެރިކަން އުފެއްދުމަށް ކޮށްލި ކަމެކެވެ.
މިޝާލް ވަގުތުން ސައިކަލު މަޑުކޮށްލިއެވެ.
“ކިހިނެއްވީ؟ ސައިކު ހުއްޓުނީތަ؟” ޝަމްހާ އަހާލިއެވެ.
“ޒިހާންއަކީ ކާކުކަން ބުނެދިން އިރަކުން ދެން ކުރިއަށް ދެވޭނީ، އެހެން ނޫނީ ޝަމްހާ ދެން ޖެހޭނީ ހިނގާފަ ދާން” މިޝާލް ބުންޏެވެ.
“އަޅެ… އެހާވަރުގެ ކަމެއްވެސް ނޫނޭ އެއީ… މަންމަމެން އުޅޭނެ މިހާރު ލަސް ވެގެން…” ޝަމްހާ ބުނެލިއެވެ.
“އެހާ ވަރުގެ ކަމެއް ނޫން ނަމަ ކީށްވެ އެވާހަކަ ނުދައްކަން ތިހާ ވަރަކުން ތިއުޅެނީ؟” މިޝާލް އަހާލިއެވެ.
“ދެން… އަޑު އަހާ އެހެން ވިއްޔާ… ޒިހާން އެއީ އަނޫގެ ބޯއިފްރެންޑް… މިބުނީ ކުރިން، އަނޫއާ މިޝާލް މެރީ ކުރުމުގެ ކުރިން” ޝަމްހާ ނުބުނެވިގެން އުޅުނު ވާހަކަ އެންމެ ފަހުން ބުނެލިއެވެ. އަދި އިސް ޖަހާލީ ޝަމްހާގެ ތުންފަތްމަތީ ދުވެލި ވިހަ ހިނިތުންވުން މިޝާލްއަށް ނުދައްކާށެވެ.
“އެހެން ދޯ!” މިޝާލް ބުނެލިއެވެ.
“ދެން ހިނގާ” ޝަމްހާ ބުންޏެވެ.
“މިއަދު ހޮސްޕިޓަލުގަ އޭނަވެސް ހުރިތަ؟ އެދެމީހުން ވާހަކަ ދެއްކިތަ؟” ޝަމްހާ ބުނި އެއްޗަކަށް އަޅާނުލާ މިޝާލް އަހާލިއެވެ.
“މިޝާލް ތިހެން ސުވާލު ކޮށްފަ އެންމެ ފަހުން ވާނީ އަހަރެން ތިހުރިހާ ވާހަކައެއް މިޝާލް ކައިރީގަ ބުނީ ކަމަށް” ޝަމްހާ ބުނެލިއެވެ.
“ބުނެބަލަ، ޝަމްހާ ނުބުންޏަސް އަހަރެން ތިކަންތައް ހޯދަން ވެއްޖެއްޔާ ހޯދަފާނަމޭ… އެކަމަކު ދެން އެންމެ ރަނގަޅު ވާނީ ޝަމްހާ ކިޔާދިނިއްޔާ” މިޝާލް ޝަމްހާއާ ދިމާއަށް ބަލާލަމުން ބުނެލީ ޔަގީން ކަމާ އެކީގައެވެ.
“އަސްލު އެއީ ދެން މާބޮޑު ކަމެއްވެސް ނޫން… އެކަމަކު އަހަރުމެން އެންމެންވެސް ވަރަށް ހައިރާން ވި ޒިހާންއާ ރައްޓެހި ވެގެން އުޅެފަ ކުއްލިއަކަށް އަނޫ މިޝާލްއާ އިންނަ ވާހަކަ ދެއްކީމަ… އަނެއްކާ…” ޝަމްހާ އެވަރަށް ބުނެފައި މިޝާލްގެ މޫނަށް ބަލާލިއެވެ.
“އަނެއްކާ ކީކޭ؟” މިޝާލް އަހާލިއެވެ.
“އަހަރުމެން ހީކުރީ އަނޫ ޒިހާން ދެކެ ވަރަށް ލޯބި ވާކަމަށް… އެކަމަކު އަސްލު އެހެން ނުވީމަތާ އަނޫ އެހާ އަވަހަށް މިޝާލްއާ މެރީ ކުރަން އެއްބަސް ވީ” ޝަމްހާގެ މޫނުމަތިން ހީވަނީ އެކަމަކީ ޝަމްހާއަށް ނަގައިގަންނަން އުނދަގޫ ކަމެއް ހެންނެވެ.
“މިއަދު އެދެމީހުން ކޮން ވާހަކައެއް ދެއްކީ؟” މިޝާލް އަހާލިއެވެ.
“އަހަންނަށް ކިހިނެއް އެނގޭނީ؟ އަހަރެން ނެތީމޭ އެތާކު… އެދެމީހުން އެކަނި ތިބެ—” އެހިސާބަށް ބުނެފައި ޝަމްހާ ކުއްލިއަކަށް އަނގަމަތީ އަތް އަޅާލަމުން މިޝާލްގެ މޫނަށް ބަލާލިއެވެ.
“ހިނގާ ދާން” މިޝާލް ކުއްލިއަކަށް ސައިކަލް ސްޓާޓް ކޮށްލާފައި ދުއްވާލިއެވެ. ޝަމްހާ ވިހަ ގޮތަކަށް ހީލާފައި މިޝާލްގެ އުނަގަނޑުގައި ދެއަތުން ހިފާލިއެވެ.
ޝަމްހާ ހޮސްޕިޓަލާ ހަމައަށް ގެންގޮސްދީފައި މިޝާލް ގެޔަށް ނުގޮސް މަގުތައް މަތީގައި ބައިގަޑިއެއްހާ އިރު ދުއްވީ އައިސްފައިވާ ރުޅި ފިނިވޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެވަގުތަށް އެންމެ ބޭނުންވީ މިޝާލްގެ ރައްޓެހިންގެ ގްރޫޕާ ބައްދަލު ކޮށްލުމަށެވެ.
މިޝާލް ގެޔަށް ދިޔައިރު އަނޫޝާ އެނދުގައި އިށީނދެލައިގެން އިނީ މިޝާލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
“ކާން ހަދަންތަ؟” މިޝާލް ފެނުމުން އަނޫޝާ އަހާލިއެވެ.
މިޝާލް ޖަވާބެއް ނުދީ ލައިގެން ހުރި ޓީޝާޓު ބާލާފައި ތުވާލި ނަގައިގެން ފާހާނާއަށް ވަނެވެ.
ގޭން ދިޔައިރު މިޝާލް ހުރި ގޮތާ މިހާރާ ތަފާތުކަން އަނޫޝާއަށް އެނގުނެވެ. މިޝާލް ހުރީ ކޮންމެވެސް ކަމަކާ ރުޅި އައިސްފައި ކަންވެސް އަނޫޝާއަށް ވިސްނުނެވެ. ނަމަވެސް ސަބަބެއް ނޭނގެއެވެ. އަނޫޝާ އެއްޗެއް އަހައިފިނަމަ މިޝާލް ހަދާނެ ގޮތެއްވެސް ނޭނގެއެވެ. އަނޫޝާ އެފަދަ ޚިޔާލުތަކެއްގަ އިންދާ މިޝާލް ފާހާނާއިން ނިކުތެވެ.
“މިޝާލް، ނުކަންތަ މިރޭ؟” އަނޫޝާ އަހާލިއެވެ.
ދެންވެސް މިޝާލް އެއްޗެއް ނުބުންޏެވެ.
“މިޝާލް…” އަނޫޝާ ތެދުވެ ޑްރެސިންގޓޭބަލް ކައިރީ ހުރި މިޝާލްއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.
“ކިހިނެއް ވެގެންތަ ތިއުޅެނީ؟ މިއަދު ޒިހާންއާ ވާހަކަ ދެއްކުނީމަ އެކަމާ އުފާވި ވަރުންތަ އަހަރެން ނުކައިގެން ތިހާ ވަރަކުން ތިއުޅެނީ؟” މިޝާލް އަނޫޝާއާ ދިމާއަށް އެނބުރިފައި އަހާލިއެވެ.
އަނޫޝާއަށް ހުއްޓެވުނެވެ. ހައިރާން ވެގެން މިޝާލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒިހާންއާ އަނޫޝާ ވާހަކަ ދެއްކިކަން މިޝާލްއަށް އެނގުނީ ކިހިނެއް ހެއްޔެވެ. އަނޫޝާގެ ހިތަށް ބިރުވެރިކަން އިހުސާސް ކުރެވުނީ އަނޫޝާއާ ޒިހާންއާ ބެހޭ ގޮތުން މިޝާލް އެފަދަ ސުވާލެއް ކުރީތީއެވެ. ޒިހާންއާ އަނޫޝާގެ މެދުގައި ކަމެއް ހިނގާފައިވާކަން މިޝާލްއަށް އެނގުނީ ކިހިނެއް ހެއްޔެވެ.
“މިހާރު ކީއްވެތަ އެއްޗެއް ބުނަން ނޭނގިފަ ތިހިރީ؟” މިޝާލް އައިސް އަނޫޝާގެ ދެއަތުގަ ހިފާފައި އެހިއެވެ.
މިޝާލް ރުޅި އައިސްފައި ހުރި ވަރު އަނޫޝާއަށް އަންދާޒާ ކޮށްލެވުނީ އެވަގުތުއެވެ. މިޝާލް އަނޫޝާގެ އަތުގައި ހިފާފައި ހުރިލެއް ބާރު ކަމުން އަނޫޝާގެ އަތަށް ތަދުވިއެވެ. އެހިސާބުން އަތް އައްސިވާހެންވެސް ހީވާން ފެށިއެވެ.
“ހީކުރީތަ ތި ކުޅޭ ކުޅިގަނޑު އަހަންނަށް ނޭނގޭނެ ކަމަށް؟ ގޭތެރޭގަ އެކަންތައް ފަށާފަ ކީއްކުރަންތަ މަށާ އިނީ؟ އަދިވެސް ހުއްޓާނުލެވިގެން ތިއުޅެނީ ކިހިނެއް ވެގެން؟ ހީކުރީތަ މަށަށް އެއްކަމެއްވެސް ނޭނގޭނެޔޭ؟” މިޝާލް އަނޫޝާގެ އަތުން ދޫކޮށްލަމުން ކޮއްޕާލިއެވެ.
އަނޫޝާއަށް އެއްޗެއް ނުބުނެވުނެވެ. މިޝާލް ކޮއްޕާލުމުން އަނޫޝާ ވެއްޓުމާއެކު ތެދުވަން އުޅުނެވެ. ނަމަވެސް އެއަށް ވުރެން ކުރިން މިޝާލް އައިސް އަނޫޝާގެ އަތުގައި ހިފާ ނަގާފައި އެނދުމައްޗަށް ވައްޓާލިއެވެ.
“ޖަވާބެއް ނުދެވުނީ އެއީ ތެދަކަށް ވާތީއެއްނު؟ މަހިއެއް ނުކުރަން އަނގައިން ބަހެއް ބުނަން ނޭނގިފަ އިންނަ މީހަކު ތިހާ ވަރު ވެދާނެ ކަމަކަށް… ވަރަށް އުފަލުން ދޯ ތިހުންނަނީ އޭނަޔާ ވާހަކަ ދެއްކުނީތީ؟” މިޝާލް އަނޫޝާގެ ދަތްދޮޅީގައި ހިފާލިއެވެ.
“މިޝާލް…” އަނޫޝާ މިޝާލްގެ އަތް ދުރު ކުރަން މަސައްކަތް ކުރަމުން ގޮވާލީ ތަދުވީ ވަރުންނެވެ.
“ދެން ނުކެރޭނެ މީހަކާ އަނގައިން ބުނަންވެސް” މިޝާލް އަނޫޝާގެ މޫނުމަތީ އަތުން ޖެހިއެވެ. ޖެހިލެއް ބާރު ކަމުން އަނޫޝާގެ އަނގައިން ލޭއައެވެ.
އަނގަމަތީ އަތް އަޅާފައި އަނޫޝާއަށް ރޮވުނެވެ.
“ރޯނެ ކަމެއް ނެތް، އޭނަޔާ ވާހަކަ ދައްކަން އިން އިރަކު ނޭނގޭތަ ތީ މީހެއްގެ އަނތްބެއް ކަމެއްވެސް؟ ހަނދާން ނެތުނީ ދޯ؟” މިޝާލް ތެދުވަމުން އެހިއެވެ.
“މިޝާލް… ކާކު ބުނީ…؟” އަނޫޝާ ރޮމުން އަހާލިއެވެ.
“ބުނި މީހަކުތަ ބަލަންވީ؟ ކޮންމެ މީހަކު ބުންޏަސް ވަރިހަމައެއްނު؟” މިޝާލް އަނޫޝާއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން އެހިއެވެ. އަނޫޝާއަށް އަތުން މޫނު ފޮރުވާލެވުނީ މިޝާލް އަނެއްކާވެސް ޖަހާފާނެތީއެވެ.
“އެހެން މީހަކު މަތިން ހަނދާން ނުކުރާ ވަރު ކޮށްދޭނަން މިރޭ…” މިޝާލް އަނޫޝާގެ މޫނުމަތިން އަތް ދުރަށް ޖައްސާލަމުން ބުނެލިއެވެ. އަނޫޝާ އެނދުން ތެދުވަން އުޅުނެވެ. އެވަގުތު އަނޫޝާ މިޝާލް ކޮށްފާނެ ކަމަކާ މެދު ބިރުގަތެވެ.
އަނޫޝާއަށް ތެދު ނުވެވެނީސް މިޝާލް އަނޫޝާގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ.
މިޝާލްގެ ބޭނުން އަނޫޝާއަށް ވިސްނުނެވެ. އެއާއެކު އަނޫޝާ ބިރުގަތެވެ. މިޝާލްގެ އަތްދަށުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިޝާލް ދުލެއް ނުކުރިއެވެ. އަނޫޝާއަށް ރޮވުނެވެ. ނަމަވެސް އަނގައިން އަޑެއް ބޭރުނުވޭތޯ މަސައްކަތް ކުރިއެވެ. މިޝާލް ހަދާނެ ގޮތެއް ހަދަން ދޫކޮށްލީ އަނޫޝާއަށް މިޝާލްގެ ފަރާތުން އެވަގުތު ސަލާމަތް ނުވެނޭނެކަން ޔަގީންވާތީއެވެ.
ހިތްފުރޭ ވަރު ވުމުން މިޝާލް އަނޫޝާއާ ދިމާއަށް ބަލާލިއެވެ.
“ދެން އެހެން ފިރިހެނަކާ އަނގައިން ބުނުމުގެ ކުރިން ވިސްނާލާތި!” މިޝާލް ބުނެލިއެވެ. އަދި އަނެއް ފަރާތަށް އެނބުރި އެނދުގެ ފައިލާ ކޮޅުގައި އޮތް ބެޑްޝީޓް ނަގާ ގައިގައި އަޅާލައިގެން އޮށޯތެވެ.
މިޝާލް ނިދިކަން ޔަގީން ވުމުން އަނޫޝާ ތެދުވެގެން ގޮސް ފާހާނާއަށް ވަދެ މާގަނޑު ދޫކޮށްލި ގޮތަށް އެތައް އިރެއް ވަންދެން ގަޔަށް ފެން އަޅަން ހުއްޓެވެ. އެފެންތަކުގެ ދަށުގައި ހުރެ އެތައް އިރެއްވަނެ ދެން ރުޔެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު ނެތެވެ. އިސް ޖަހާލައިގެން ހުރެ ރޮމުން ދިޔައިރު ލޮލުން ފޭބި ކަރުނަ ފެނާ އެކުވެގެން ފައިބަމުން ދިޔައެވެ.
އެރޭ މިޝާލްގެ ފަރާތުން އަނޫޝާއަށް އެލިބުނީ ދުވަހަކުވެސް ހަނދާން ނުފިލާނެ ވަރުގެ އަނިޔާއެކެވެ. ހަށިގަނޑުން އެޒަޚަމްތައް ފިލާދިޔަ ނަމަވެސް އެލަކުނު ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. ފިރިމީހާގެ ފަރާތުން އެފަދަ އަނިޔާއެއް ލިބިދާނެ ކަމަކަށް އެއްވެސް އަންހެން ކުއްޖަކު ހުވަފެނުގައިވެސް ދެކިފައެއް ނުވާނެއެވެ.
ނަމަވެސް އަނޫޝާ އެވަނީ އެއަނިޔާއާވެސް ކުރިމަތި ލާފައެވެ. ދެން މިޝާލް ކަމަކާ ރުޅި އަންނަ ދުވަހަކުން ކުރާނީ ކޮންފަދަ އަނިޔާއެއް ކަމެއްވެސް ނޭނގެއެވެ.
ބައިގަޑިއެއްހާ އިރުފަހުން އަނޫޝާ ފާހާނާއިން ނިކުމެ ނިދާ ހެދުން ލައިގެން އޮށޯތެވެ. ނަމަވެސް އެރޭ ދެން އެއްގޮތަކަށްވެސް ނުނިދުނެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އަނޫޝާ ހޭލާ އޮއްވައެވެ. ބަންގި ގޮވުމުން އަނޫޝާ ތެދުވެ ނަމާދު ކޮށްގެން ކޮޓަރިން ނިކުންނަން އުޅެފަވެސް ހިޔާލު ބަދަލު ވިއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި ރިހުމާއެކު ބަދިގެއަށް ދާނެ ހިތްވަރެއް އަނޫޝާގެ ކިބަޔަކު ނެތެވެ. އަނޫޝާ އަނެއްކާވެސް ގޮސް އޮށޯވެލިއެވެ. ނިދާކަށް ނޫނެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނޫޝާއަށް ނިދުނެވެ.
ހަތްގަޑި ބައިވީތަނާ އަނޫޝާއަށް ހޭލެވުނެވެ. އަވަސް އަވަހަށް ތެދުވެ ގަޑި ބަލާލީ ކޮޓަރިތެރެ އެކީ އަލިވެފަ އޮތުމުންނެވެ. އެނދުން ފޭބުމުގެ ކުރިން ކައިރީގައި އޮތް މިޝާލްއަށް ބަލާލީ މިޝާލް ނިދާފައި އޮތްތޯ ޔަގީން ކުރާށެވެ. އެކަން ޔަގީން ވުމުން އަނޫޝާ ފާހާނާއަށް ވަދެލާފައި ތިރިއަށް ފޭބިއެވެ. އޭރު ނަސީރާމެން ސައިހަދާ ނިމިއްޖެއެވެ.
“މިއަދު ބަލީތަ؟” އަނޫޝާ ފެނުމާއެކު ނަސީރާ އަހާލިއެވެ.
އަނޫޝާ އެއްޗެއް ނުބުނެ ދެފަރާތަށް ބޯހަލުވާލިއެވެ.
“އެކަމަކު އަނޫއަށް ބަލާލާފަ ރަނގަޅު ހެނެއް ހިއެއް ނުވޭ…” ނަސީރާ އަނޫޝާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.
“ނޫން… ބައްޔެއް ނޫން…” އަނޫޝާ އެހެން ބުނެފައި ބަދިގެޔަށް ވަންނަން އުޅުނެވެ. ނަމަވެސް ނަސީރާ އަނޫޝާގެ އަތުގައި ހިފެހެއްޓިއެވެ.
“މީ ކިހިނެއް ވެފަ؟” އަނޫޝާގެ މޫނުގައި އަތް ޖައްސާލަމުން ނަސީރާ އަހާލިއެވެ.
މިޝާލް ޖެހި ހިސާބު ރަތްވެ ދުޅަވެފައި ހުރިކަން އަނޫޝާ ހަނދާންވީ ދެނެވެ.
“ބުނެބަލަ…” އަނޫޝާ އެއްޗެއް ނުބުނުމުން ނަސީރާ އަނެއްކާވެސް އެހިއެވެ.
އަނޫޝާގެ ލޮލުން ކަރުނަ އައެވެ. ނަމަވެސް ދެންވެސް އެއްޗެއް ނުބުނެއެވެ.
“މިޝާލް ޖެހީތަ؟” ނަސީރާ އަނޫޝާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
އަނޫޝާއަށް ބާރަށް ރޮވުނެވެ. އަވަސް އަވަހަށް ލޯފޮހެލިއެވެ.
ނަސީރާ އަނޫޝާގެ އަތުގައި ހިފައިގެން ބަދިގެއަށް ވަދެ ގޮނޑިއެއްގައި ބޭންދިއެވެ.
“އަނޫ، މިޝާލް ޖެހީތަ؟ އަނިޔާ ކުރީތަ؟” ނަސީރާ އަނޫޝާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.
އަނޫޝާ އިސް އުފުލާ ނަސީރާގެ މޫނަށް ބަލާލިއެވެ.
“ކީއްވެ؟ ކަމަކާ ޒުވާބު ކުރީތަ؟” ނަސީރާ ސުވާލު ކުރަމުން ދިޔައެވެ.
“ނޫން…” އަނޫޝާ ބުންޏެވެ.
“ދެން ކީއްވެތަ މިޝާލް އަނޫއަށް އަނިޔާ ކުރަންވީ؟ އަނޫ، ބުނެބަލަ މަންމަ ކައިރީގަ” ވީގޮތެއް ބަލަން ނަސީރާ ބޭނުން ވިއެވެ. އަމިއްލަ ދަރިއަކާ މެދު އެގޮތަށް ކަންތައް ދިމާވި ނަމަވެސް އެކަމާ މެދު ނަސީރާ ކަންބޮޑުވެ ދެރަވާނީ އެވަރަށެވެ. އަނޫޝާއަކީ ރަނގަޅު ކުއްޖެއް ކަން ނަސީރާއަށް އެނގެއެވެ. މިޝާލްއާ ކައިވެނި ކޮށްގެން އަނޫޝާ އެގެޔަށް އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް އެހާ ދުވަސްތެރޭ ނަސީރާއަށް އަނޫޝާ ދެކެވެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
“މާބޮޑު ކަމެއް ނޫނޭ މަންމާ” އަނޫޝާ ވީގޮތް ނުބުނަން ވެގެން އާދައިގެ ގޮތަކަށް ބުނެލިއެވެ.
“އަނޫ، މަންމަ ވާހަކައެއް ބުނަންތަ؟” ނަސީރާ އަނޫޝާ ކައިރީ ގޮނޑިއެއްގައި އިށީނެވެ. “މިޝާލްއަކީ މަންމަގެ ދަރިއަކަސް އޭނަގެ ހުރި ގޯސް ކަމެއްގެ ވާހަކަ ނުބުނެ ސިއްރު ކުރާކަށް ނެތިން، އަދި މަންމަ ނުބުންޏަސް މިހާރު އަނޫއަށް އެނގިފަ އޮންނާނީވެސް… މިބުނަނީ ކީކޭ ކަން އެނގޭތަ؟” ނަސީރާ އަނޫޝާގެ މޫނަށް ބަލާލަމުން އަހާލިއެވެ.
އަނޫޝާ ބޯޖަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.








nice mi part ves
Wow
alhey that bloody mishaal haadha goahey dhw .. poor anuu .. story brh habbu
Nt only mishal, shamhaa gandu vx
Alhey. . . Anoo ah ehenn nuhadha ethanunn salaamaiyy kohdhybala marsha. . V v v nice. Hma obi noavey?. Ekmm v hithah thadhuve
Woww…Story is awesome.. alheyyy, anu ah dhn kihineiytha vaanyyyy… haadha sad eyy:(
ofcause rossy .. ?
Kureege 2 vaahakayaa Mivaahaka inves engenee Masha akee ekamah varah foari hunnameehehkan
619 abaduu e point faahaga kurany ekamah foari hunnaathy
rangalhah thibuny hama 916.. 619 heevany moya vegen ulhey meeheh heney..
rovijje ehn nuhadhaa e fakeerah
Mee koachekey kiyaa baeh… Thihaa molhiyaa migothah vaahaka eh liyelabala… Huh.. V foohi vey…marshaa u aa Haney’s.. Ummmmah…. Vv salhi mi vaahaka ves.. Ur the best
Nice