Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބެ ތީ 8

Marsha
March 29, 2016
8 Mins Read
74 Views
8 Comments

އަނޫޝާ ކޮޓަރިއަށް ވަން އިރު މިޝާލް ފެންވަރައިގެން ނިކުމެ ލޯގަނޑު ކައިރީގައި ހުއްޓެވެ. އަނޫޝާ ވަނުމުން މިޝާލް އަނޫޝާއަށް ބަލާލާފައި ހީލިއެވެ.

“ހިނގާ ކާން” އަނޫޝާ ކާން ހެދުނު ވާހަކަ ބުންޏެވެ.

“އާނ…” މިޝާލް އަތުގަ އޮތް ބުރުސް ޑްރެސިންގޓޭބަލް މަތީ ބާއްވާފައި އެނބުރުނެވެ.

އެނދު ކައިރީގައި ކޮޅަށް ހުރި އަނޫޝާއަށް މިޝާލް ބަލާލިއެވެ. އަނޫޝާވެސް މިޝާލްއަށް ބަލާލާފައި ކޮޓަރިން ނިކުންނަން އުޅުނެވެ. ނަމަވެސް މިޝާލް އައިސް އަނޫޝާގެ އަތުގައި ހިފާލިއެވެ. އަނޫޝާ މިޝާލްއަށް ބަލާލީ ޖެހިލުން ވެހުރެއެވެ. މިޝާލް އެވަގުތު ހުރީ ކޮން ކަހަލަ މޫޑެއްގައި ކަމެއް އަނޫޝާއަކަށް ނޭނގެއެވެ.

“ހާދަ އަވަސް ކޮށްލައިގެން ތިއުޅެނީ، މާބޮޑަށް ބަނޑުހައި ވީތަ؟” މިޝާލް އަނޫޝާގެ މޫނުގައި ދެއަތުން ހިފާލަމުން އަހާލިއެވެ.

“އުހުނ…” އަނޫޝާއަށް އެވަރަށް ބުނެވުނު އިރަށް މިޝާލް އަނޫޝާ ގައިގައި ބައްދާލިއެވެ. ކުރީ ދުވަހު އެހާ ހެނދުނާ މިޝާލް ދިޔައިރު އަނޫޝާ ދެކެ އައިއްސަ ހުރި ރުޅި މަތިން މިޝާލް ހަނދާން ނެތީ ކަންނޭނގެއެވެ. އެވަގުތު މިޝާލް ހުރީ ވަރަށް ހަމަ ޖެހިފައިކަން އޭނަގެ ހަރަކާތްތަކުން އަނޫޝާއަށް އެނގުނެވެ.

“ވަރަށް ހައި… އެކަމަކު ކާކަށް ނޫން…” މިޝާލް އަނޫޝާގެ ކަނދުރާގައި މޫނު ފޮރުވާލަމުން ބުންޏެވެ.

“މިޝާލް! މިގަޑީގަ… މަންމަމެން އެބަ ތިބި މީޝާލް ކާން އަންނާނެ ކަމަށް” އަނޫޝާ އެހެން ބުނި ނަމަވެސް ދެކޮޅު ހަދާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

“ހެޔޮ… މިގަޑީގަ ކާކަށް ނޫން އަހަރެން ބޭނުމީކީ…” މިޝާލް ދެއަތް މައްޗަށް އަނޫޝާ ނަގަމުން ބުންޏެވެ.

އެންމެ ފަހުން މިޝާލް ކާން ނިކުތް އިރު ޒަރީރުމެން ކައިގެން ހިނގައްޖެއެވެ. އޭރު ނަސީރާވެސް ފެންނާކަށް ނެތެވެ.

 

 

ޝިޔާޒްމެންގޭ ސިޓިންގރޫމްގައި މަޑުކޮށްލައިގެން ޒިހާން އިނީ ޝިޔާޒް ގުޅާފައި މިހާރު އަންނަނީ ކަމަށް ބުނުމުންނެވެ. ފަސް ވަރަކަށް މިނެޓް ވީތަނާ ޝަމްހާ އައިސް ޒިހާން ކައިރީގައި އިށީނެވެ.

“ޒިހާން، ކިހިނެއްތަ؟” ޝަމްހާ އަހާލިއެވެ.

“ރަނގަޅު” ޒިހާން ކުރު ޖަވާބެއް ދިނެވެ.

“މިހާރު ޒިހާން ނުވެސް އާދޭ ވިއްޔަ… ދެން އެހެނެއްނު ވާނީވެސް، ކުރިންވެސް އަންނަނީ އަހަރުމެން ހޯދާކަށް ނޫން ވިއްޔަ، އަނޫ އެހެން މީހަކާ އިނީމަ ޒިހާން ދެން ކީށްކުރަން އަންނަން ވީކީ ދޯ؟” ޝަމްހާ ޒިހާންއާ ވާހަކަ ދައްކަން ފެށިއެވެ.

ޒިހާން ޝަމްހާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އަދި އަމްދުން އަނޫޝާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ޝަމްހާއާ ދައްކާކަށް ބޭނުމެއް ނޫނެވެ. އަދި އެ މައުޝޫއަށް ޝަމްހާ ދައްކާ ވާހަކައެއް އަޑު އަހާކަށްވެސް ބޭނުމެއް ނޫނެވެ. އެހެންވެ ޝަމްހާ އެހެން ބުނުމުން އަޑުއިވުނު ކަމަށްވެސް ނަހަދާ ޒިހާން އިނެވެ.

“އަހަރެން ވަރަށް ދެރަ ވެއްޖެ އަނޫ ޒިހާންއަށް ހެދި ގޮތުން…” ޝަމްހާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އަސްލު އެއީ އޭނަގެ ވައްތަރު… ފިރިހެނަކު ފެންނަ އިރަށް އޭނަ މޮޔަ ވާނެ. ޒިހާން އޭނަ ދެކެ އެހާ ލޯބި ވާއިރުވެސް އޭނަ ހަމަ މިޝާލް ފެންނަ އިރަށް މިޝާލް ފަހަތުން އުޅެން ފެށީ… ލަދެއްވެސް ނުގަނޭނު؟ އެހެންނެއްނު ވާނީ؟ މިޝާލްއަކީ މުއްސަނދި ބައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ވިއްޔަ…”

ޝަމްހާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޒިހާން ރުޅި ގަދަ ވަމުން ދިޔައެވެ. އެއްޗެއް ނުބުނެ އިނދެވޭތޯ މަސައްކަތް ކުރިއެވެ.

“ބަލައްޗޭ، ގިނަ ދުވަހަކު ނޫޅޭނެ އޭނަ މިޝާލްއާ އެކީގައެއްވެސް. މިހާރުވެސް އެއުޅެނީ އެ މުއްސަނދިކަން ފެނިގެން. މަށަށް ވަރަށް ރަނގަޅަށް އެނގޭ އެއަނޫ” ޝަމްހާ ބުނަމުން ދިޔައެވެ. ނަމަވެސް ދެން އިތުރަށް އަޑު އަހާކަށް ޒިހާންއަކަށް ކެތެއް ނުކުރެވުނެވެ.

“ޝަމްހާއަށް އަނޫ އެނގޭ ވަރުން ދޯ ތިހެން ތިބުނީ؟ ތިހިރީ ޝަމްހާއަށް އަނޫ އެނގޭ ވަރު… ޝަމްހާ ހިތަށްވެސް އަރުވައެއް ނުލެވޭނެ އަނޫ ކުރި ކަހަލަ ކަމެއް ކުރަން” ޒިހާން ޝަމްހާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ޒިހާންއަށްވެސް އޭނަ ނޭނގޭތީ ތިހެން ތި ބުނަނީ” ޝަމްހާގެ ވާހަކަ އަދިވެސް ހުރީ އެގޮތަށެވެ.

“އަހަންނަށްވެސް އެނގޭ ކޮންމެސް ވަރަކަށް އަނޫ އެހެން ކަންތައް ކުރި ސަބަބު، އަހަންނަށް ވުރެން ބޮޑަށް ޝަމްހާއަށް އެނގޭނެ ކަންވެސް އެނގޭ… އެކަމަކު ޝަމްހާގެ އަނގައިން އަނޫއާ މެދު ތިނޫން ބަހެއް ބޭރު ނުވާނެކަންވެސް އެނގޭ… ދެން ކީއްކުރަން އަހަރެން ކައިރީގަ ތިކަހަލަ ވާހަކަ ތިދައްކަނީ؟ އެނގޭނެ އަހަރެން އަޑު އަހަން ބޭނުމެއް ނުވާނެ ކަންވެސް…” ޒިހާން ޝަމްހާއާ ދިމާއަށް ބަލާލަމުން ވާހަކަ ދެއްކީ ފޫހި ރާގަކަށެވެ.

“ޒިހާން އަދިވެސް އޭނަގެ ފަހަތުން އުޅެނވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު… ހީވަނީ މިދުނިޔޭގަ—” އެހިސާބަށް ބުނެފައި ޝަމްހާ ޒިހާންގެ މޫނަށް ބަލާލަމުން ހީލިއެވެ. “ކީއްކުރަން ދެން އެވަރުގެ މިހަކު ފަހަތުން އުޅެންވީ ޒިހާން؟ ތިބުނާ ވަރުގެ ކަމަކާ ހެދިގެން އޭނަ ޒިހާން ދޫކޮށްލި އިރު، އޭނަ ޒިހާން ދެކެ ކުޑަކޮށްވެސް ލޯބި ވިނަމަ އެވާހަކައެއް ޒިހާން ގާތު ބުނީހެއްނު؟ ޒިހާން މަތިން ހަނދާން ނައްތާލާފަ އަނޫވެސް މިހާރު އެހެން ދިރިއުޅުމެއް އެފެށީ… ޒިހާންވެސް ދެން އޭނަ މަތިން ހަނދާން ނައްތާލަން މަސައްކަތް ކޮށްބަލަ، ޒިހާން ބުނެފިއްޔާ އަހަރެން އެކަމުގަ ޒިހާންއަށް އެހީވާން ތައްޔާރަށް މިހިރީ…” ޝަމްހާ ފުރަތަމަ ފަހަރަށް އޭނަގެ އެދުން ޒިހާންގެ ކުރިމަތީ ފާޅު ކުރިއެވެ.

“އަނޫ މަތިން ހަނދާން ނައްތައެއް ނުލެވޭނެ އަހަންނަކަށް، ބޭނުމެއްވެސް ނޫން… އަދި ބޭނުން ވިޔަސް އަހަރެން ޝަމްހާގެ އެހީއެއް އެކަމުގަ ބޭނުމެއް ނޫން…” ޒިހާން ހަރުކަށި ރާގަކަށް ބުނެލިއެވެ.

“ޒިހާން! ހީވަނީ އަނޫ ވަރުގެ އެހެން މީހަކު ޒިހާންއަށް މިދުނިޔެއިން ނުފެންނަނީ ހެން” ހިތްހަމަ ނުޖެހިފައި ޝަމްހާވެސް ބުނެލީ ޒިހާން ރުޅި އަރުވާލުމުގެ ބޭނުމުގައެވެ.

“އާނ، ނުހުންނާނެ އެވަރުގެ މީހެއް… އަދި ޝަމްހާއަށް އޭނައާ ވާދަވެސް ނުކުރެވޭނެ!” ޒިހާން ތެދުވެ ޝަމްހާއަށް ބަލަން ހުރެ ބުންޏެވެ. އިތުރަށް ޝިޔާޒްއަށް އިންތިޒާރު ކުރާކަށް ދެން ޒިހާންއަކަށް އެގެޔަކު ނުހުރެވޭނެއެވެ.

ދޮރުން އެތެރެއަށް ވަދެގެން އައި ޝިޔާޒް ގައިގައި ޒިހާން ނުޖެހުނީ ކިރިޔާއެވެ.

“ޒިހާން! ދަނީތަ؟” ޝިޔާޒްއަށް އަހާލެވުނެވެ. އެއާއެކު ޒިހާންގެ މޫނަށް ބަލާލިއެވެ. ޒިހާން ރުޅިއައިސްފައި ހުރިހެން ޝިޔާޒްއަށް ހީވިއެވެ. ސަބަބު އެނގުނީ ސިޓިންގރޫމްގައި ޒިހާންއާ ދިމާއަށް ބަލަހައްޓައިގެން އިން ޝަމްހާ ފެނުމުންނެވެ.

“ކީކޭ ކީތަ؟” ޝިޔާޒް ފެނުމުން ޝަމްހާ މައްޗަށް ދިޔުމުން ޝިޔާޒް ޒިހާންއާ ސުވާލު ކޮށްލިއެވެ.

“ކަމެއް ނުވޭ” ޒިހާން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

ޒިހާން އެހެން ބުނި ނަމަވެސް ޝަމްހާއާ ޒިހާންއާ ދެމެދު ކޮންމެވެސް ދެބަސް ވުމެއް ހިނގައިފި ކަން ޝިޔާޒްއަށް ޔަގީންވިއެވެ. ނަމަވެސް އިތުރަށް ސުވާލު ނުކުރީ ޒިހާން އެވާހަކަ ދައްކަން ބޭނުން ނުވާނެތީއެވެ.

“އަނޫ މިޝާލްއާ އިނީކީ ހަމަ އެކަނީ ޝަމްހާއަށް ފުރުސަތެއް ދޭކަށް އެކަންޏެއް ނޫން… އޭނައަށް އަހަރެން ބުނެދިނިން ވަރަށް ރަނގަޅަށް އޭނަ މިޝާލްއާ އިނަސް އަހަރެން ޝަމްހާ އަކާ ނީންނާނަން ކަން… ދެން ކޮން ސަބަބެއްތަ އެކަމުގެ ފަހަތުގަ އޮންނާނީ؟ ވިސްނާ ވިސްނާ މިހާރު އަހަރެންގެ ބޯ ގޮވަން ކައިރި ވެއްޖެ” ޒިހާން ފުރަތަމަ ފަހަރަށް އެވާހަކަ ޝިޔާޒްއާ ހިއްސާ ކުރިއެވެ.

އެއަޑު އިވުމުން ޝިޔާޒް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނޫޝާ މިޝާލްއާ ކައިވެނި ކުރީ ޝަމްހާއަށް ޒިހާންގެ ލޯބި ހޯދައިދޭން ކަމެއް ޝިޔާޒްއަކަށް ނޭނގެއެވެ. އެހެން ނޫނަސް ޝަމްހާ ޒިހާންއާ މެދު ދެކޭ ގޮތް އަނޫޝާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެވާހަކަ އަނޫޝާ ގާތު ބުނީ ކާކު ހެއްޔެވެ؟

އެސުވާލުގެ ޖަވާބު ޝިޔާޒްއަށް ވިސްނުނެވެ. ނަމަވެސް އެހެން ނުބުނެވިގެން އުޅެނިކޮށް ޒިހާން ބުނެލީ ސީދާ ޝިޔާޒްގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކެވެ.

“ޝިޔާޒް، އަހަރެން މިހެން ބުންޏަސް އެއްޗެއް ހީނުކުރައްޗޭ، އެކަމަކު… އަހަންނަށް ހަމަ ހީވަނީ އަނޫގެ އެ ނިންމުމުގެ ފަހަތުގަ ޝިޔާޒް މަންމަގެ އަތެއް ވާހެން” ޒިހާން އޭނަގެ ހިތަށް އަރަމުން ދިޔަ ޚިޔާލުތައް ފާޅު ކޮށްލިއެވެ.

“އަހަންނަށްވެސް އެބަ ހީވޭ ތިހެން” ޝިޔާޒްވެސް އެކަމާ ދެކޮޅެއް ނަހަދައެވެ.

 

މިޝާލްއާ ކައިވެނި ކުރި ފަހުން އަނޫޝާ ފުރަތަމަ ފަހަރަށް ގެޔަށް ދިޔައީ ދެހަފްތާ ވީފަހުންނެވެ. އެރޭ މިޝާލްއާ އެކީ އަނޫޝާ ގެޔަށް ދިޔަ އިރު ސިޓިންގރޫމްގައި ޝަރީފާ އިނެވެ. އަނޫޝާމެންގެ ފަހަތުން ކަހަލަ ގޮތަކަށް ޝިޔާޒްވެސް އައިސް ވަނެވެ.

“އަނޫ، މިޝާލް!” ޝިޔާޒްއާ ޝަރީފާ އެއްފަހަރާ އެދެމީހުންނަށް ގޮވާލިއެވެ.

އަނޫޝާ ފެނުމުން ޝަރީފާ ގޮވާލި ގޮތުން އަނޫޝާއަށް ލިބުނީ ހައިރާން ކަމެކެވެ. އެނޫނީ އެގޮތަށް ޝަރީފާ ދުވަހަކުވެސް އަނޫޝާއަށް ގޮވާލާފައެއް ނެތެވެ. އަބަދުވެސް އަނޫޝާގެ ނަން ޝަރީފާގެ ދުލުން ބޭރުވާނީ ރުޅިވެރިކަމާ އެކީގައެވެ. ޝިޔާޒްވެސް ހައިރާން ވެފަ ޝަރީފާއާ ދިމާއަށް ބަލާލިއެވެ.

“އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން” އަނޫޝާއާ މިޝާލް އިށީނުމުން ޝަރީފާ ތެދުވިއެވެ.

“މިޒޫ ނުވެސް ބުނޭ އަނޫމެން މިރޭ މިގެޔަށް އަންނަ ވާހަކައެއް” ޝިޔާޒް އަނޫޝާމެން ކައިރީ އިށީނދެފައި ބުންޏެވެ.

“މިޒޫއަކަށް ނޭނގޭނެ އަހަރުމެން އައީ ގެޔަށް ކަމެއް، ދޯ މިޝާލް؟” އަނޫޝާ ބުންޏެވެ. މިޝާލްވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އަނޫ މިޝާލްމެން ގެޔަށް ދިޔަފަހުން އަހަރުމެން މަތިން ހަނދާންވެސް ނުވޭދޯ؟ އެހެން ވެގެނެއްނު ނުވެސް އަންނަނީ؟” ތަބަކެއްގައި ކޯކްއާ ބިސްކޯދު އަޅާފަ ހުރި ތަށިތަކެއް ހިފައިގެން އައިސް ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބަހައްޓަމުން ޝަރީފާ ބުންޏެވެ. އަދި މިޝާލްއަށާ އަނޫޝާއަށް ދެތަށި ކޯކް ދިއްކޮށްލިއެވެ.

“ނޫން… އެހެން ވެގެނެއް ނޫން، އަދި އަންނަން ވަގުތެއް ނުވަނީ… މިޝާލްއަށް ވަގުތެއް ނުވާތީ” އަނޫޝާ ޝަރީފާއަށް ބުންޏެވެ. ޝަރީފާގެ ވާހަކަ ހުރި ގޮތުން އަނޫޝާ އިނީ އަޖައިބު ވެފައެވެ. އެގޭގައި އަނޫޝާ ހޭދަ ކުރި ހަތް އަހަރު ދުވަހުގެ ތެރޭން އެންމެ ފަހަރަކުވެސް ޝަރީފާ އެގޮތަށް އަނޫޝާއާ ވާހަކަ ދެއްކި ހަނދާނެއް އަނޫޝާ ނުވެއެވެ. އެކަމަކު މިރޭ ހީވަނީ އަމިއްލަ ދަރިއަކާ ވާހަކަ ދައްކާހެންނެވެ.

“އަނޫ!” ޝަމްހާގެ އަޑަށް އަނޫޝާ ބަލާލިއެވެ. އެވަގުތު ބޭރުން ގެޔަށް ވަދެގެން އައި ޝަމްހާ އަނޫޝާ ފެނުމުން އައިސް އަނޫޝާއާ ޖެހިގެން އިށީނެވެ. “ކިހިނެއްތަ؟ ނުވެސް އަންނަމެއްނު؟” ޝަމްހާ އަނޫޝާގެ އަތުގަ ހިފާލަމުން އަހާލިއެވެ.

އަނޫޝާއަށް ޝިޔާޒްގެ މޫނަށް ބަލާލެވުނެވެ. ޝިޔާޒްވެސް އިނީ ޝަމްހާއާ ދިމާއަށް ބަލަހައްޓައިގެނެވެ.

މިރޭ މިގޭ މީހުންނަށް ވެފަ ތިބި ގޮތަކާ މެދު ޝިޔާޒްއާ އަނޫޝާގެ ހިތުގައި ސުވާލުތައް އުފެދެމުން ދިޔައެވެ. ޝަރީފާއާ ޝަމްހާއަށް އަނޫޝާއަކީ އެގޭގައި އެއްވެސް މީހެއް ނޫންކަން އެންމެންނަށްވެސް އެނގެއެވެ. އަދި އަމްދުން ޝަމްހާ ދުވަހަކުވެސް އަނޫޝާއާ ހެޔޮހިތުން އަނގައިން ބުނެލި އަޑެއް ޝިޔާޒްއަށް އިވިފައެއް ނެތެވެ. އެކަމަކު މިރޭ…

ޝިޔާޒްއަށް ވިސްނުނެވެ. ޝަރީފާވެސް އަދި ޝަމްހާވެސް މިޝާލްގެ ކުރިމަތީގައި ތަމްސީލެއް ކުޅެލަނީއެވެ. މިޝާލްގެ ކުރިމަތީގައި އަނޫޝާ ދެކެ ލޯބިން އުޅެނީއެވެ. އެހެން ހިތަށް އެރުމާއެކު ޝިޔާޒް ސޯފާގައި ލެނގިލިއެވެ. އަދި އެ “ޑްރާމާ” ބަލަން ހެވިފައި އިނެވެ.

އަނޫޝާއާ މިޝާލް ޝަރީފާއާ ޝަމްހާއާ އެކިއެކި ވާހަކަ ދައްކަން ތިއްބެވެ. ދޭތެރެއަކުން ޝިޔާޒްވެސް އެވާހަކައިގައި ބައިވެރި ވެއެވެ.

“މިޝާލް، ވަޒީފާއަކަށް ދާން އުޅޭ ވާހަކަ އަޑު އެހިން، ކޮންތަނަކަށް އެޕްލައި ކުރީ؟” ވާހަކައިގެ ތެރޭން ޝިޔާޒް އަހާލިއެވެ.

ޝިޔާޒް އެސުވާލު ކުރުމާ އެކީ މިޝާލްއަށް އައި ބަދަލު އަނޫޝާއަށް ފާހަގަ ކުރެވުނެވެ.

“އަދި އެޕްލައިއެއް ނުކުރަން… އެކަމަކު އެބަ ވިސްނަން ޖޮބަކާ ދޭތެރޭ” މިޝާލް ރުޅި އައި ނަމަވެސް އެކަން ޝިޔާޒްއަކަށް ނުދައްކައެވެ. ނަމަވެސް ޝިޔާޒްއަށް ޖަވާބު ދެމުން އަނޫޝާއަށް ބަލާލި ބަލާލުމުގެ މާނަ އަނޫޝާއަށް ވިސްނުނެވެ.

“އައްދޭ! މިޝާލްމެން ކަހަލަ މީހުން ޖެހޭތަ ޖޮބަށް ދާން؟” އެވަގުތު ޝަމްހާ ބުނެލިއެވެ.

“އާއެކޭ… އެކަމަކު މަންމައަށާ އަނޫއަށް ތިކަމެއް ނުވިސްނޭ… ކީށްކުރާނީ ދޯ!” މިޝާލް ސަމާސާ ރާގެއްގައި ޝަމްހާގެ ވާހަކައަށް ތާއީދު ކުރިއެވެ.

އޭގެ ފަހުން ގިނަ އިރެއް ނުވެ އަނޫޝާއާ މިޝާލް ގެޔަށް ދިޔައެވެ. ދިޔަ މަގުމަތީގައި މިޝާލް އަނޫޝާއާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަނޫޝާމެން ގެޔަށް ދިޔަ އިރު ދެމީހުންގެ މެދުގަ އޮތް “ރައްޓެހިކަން” އޭރު ވަނީ ބަދަލު ވެފައެވެ.

މިޝާލް ރިސޯޓަށް ގޮއްސަ އައި ފަހުން ވީ ދިހަ ވަރަކަށް ދުވަސް ދިޔައީ ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހިއެވެ. މިޝާލް ހިތްހަމަ ނުޖެހިދާނެ ނުވަތަ ރުޅި އައިސްދާނެ ފަދަ ކަމެއް ނުކޮށް ވޭތޯ އަނޫޝާ ކުރަމުން އައި މަސައްކަތް ވަނީ އެރެޔާ ހަމައަށް ކާމިޔާބު ވެފައެވެ. ނަމަވެސް ޝިޔާޒްގެ އެސުވާލުގެ ސަބަބުން މިޝާލްގެ މިޒާޖު ވަނީ މުޅިން ބަދަލު ވެފައެވެ.

މިޝާލް ހީކުރާނީ ވަޒީފާގެ ވާހަކަ ޝިޔާޒް ގާތު ދެއްކީ އަނޫޝާ ކަމަށެވެ. ނަމަވެސް މިޝާލްއާ ބެހޭ ގޮތުން އެދުވަހު ހުރިހާ އެއްޗެއް ޝައުފާ ކައިރީ ދެއްކި ވާހަކަ ފިޔަވާ ގޭގެ އެހެން މީހެއް ކައިރިއަކު އަނޫޝާ މިޝާލްގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އެކަން މިޝާލް ގަބޫލު ކުރާނެ ބާއޭ އަނޫޝާ ހިތަށް އަރަމުން ދިޔައެވެ.

“އަނޫ ޖެހޭތަ ތިގޭ އެންމެން ކައިރީގަ އަހަރެންނޭ ކިޔާފަ ފާޑުފާޑުގެ ވާހަކަ ދައްކަން؟ އަހަރެން ވަޒީފާއަކަށް ނުދިޔަކަސް އެއީ އަނޫ ބެހެން ޖެހޭ ކަމެއް ނޫނޭ، އަދި ތިގޭ މީހުންވެސް ނުޖެހޭނެ އެކަމާ ބެހޭކަށް. ކީކޭ ހިތަށް އަރައިގެންތަ މަގޭ ވާހަކަ ގޮސް ގޭއެންމެން ކައިރީގަ ކިޔަނީ؟” ކޮޓަރިއަށް ވަން ގޮތަށް މިޝާލް އަނޫޝާއާ ދިމާއަށް ހަޅޭ ލަވަން ފެށިއެވެ.

“އަހަރެން ނުބުނަން…” އަނޫޝާ ބުންޏެވެ.

“އަނޫ ނުބުނާ ނަމަ ކިހިނެއް ޝިޔާޒްއަށް އެނގުނީ؟” މިޝާލް އެހިއެވެ.

“ނޭނގެ ދޮންބެއަށް އެކަން އެނގުނު ގޮތެއް” އެކަން ޝިޔާޒްއަށް އެނގޭނީ މިޒްނާގެ ފަރާތުން ކަން އެނގުނު ނަމަވެސް އަނޫޝާ މިޒްނާގެ ނަން ބުނާކަށް ބޭނުމެއް ނުވިއެވެ.

“އަނޫ ބުނީމަ އެނގޭނީ… އެހެން ނޫނިއްޔަކާ ނޭނގޭނެ… ބުނަންތަ؟ މީގެ ފަހުން މަގޭ ވާހަކަ ނުދައްކައްޗޭ އެއްވެސް މީހެއް ކައިރީގަ، އިނގޭ!” އަނޫޝާގެ ދެއަތުގަ ހިފާ ބާރު ކޮށްލަމުން މިޝާލް ބުނެލިއެވެ. އަދި އެނދާ ދިމާލަށް އަނޫޝާ ކޮއްޕާލާފައި ކޮޓަރިން ނިކުމެގެން ދިޔައީ ޖެހުނުހާ ބާރަކަށް ކޮޓަރީގެ ދޮރު ޖަހާފައެވެ.

އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ރޯން އޮވެ އަނޫޝާއަށް ނިދުނު ރެއެކެވެ. މިޝާލް އާދޭތޯ އެކެއް ޖަހަންދެން އަނޫޝާ ނުނިދާ އޮތެވެ. ނަމަވެސް އޭގެ ފަހުން ނިދުނު އިރެއް އަނޫޝާއަކަށްވެސް ނޭނގެއެވެ. ހެނދުނު ހޭލެވުނު އިރު އަނޫޝާ ކައިރީގައި މިޝާލް ނިދާފައި އޮތެވެ.

މެންދުރު ކާން ވީއިރަށް މިޝާލް ހޭލިއެވެ. ކައިގެން ދިޔައީ ބޭރަށެވެ. އަނޫޝާއާ ވާހަކައެއް ނުދައްކައެވެ. ގޭ މީހަކުވެސް މިޝާލް ކަންތައް ކުރާ ގޮތާ ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ. އޭނަގެ ގޮތް އެންމެންނަށްވެސް އެނގޭތީ ކަންނޭނގެއެވެ.

އަނޫޝާ ކޮޓަރިއަށް ވަދެ މާގިނަ އިރެއް ނުވެ ނަސީރާ ގޮވާލި އަޑަށް އަނޫޝާ ތިރިއަށް ފޭބިއެވެ.

“ފޯނެއް” ނަސީރާ ސިޓިންގރޫމްގައި ހުރި ފޯނަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.

އަނޫޝާ ގުޅަނީ ކާކު ބާއޭ ހިތަށް އަރަމުން ގޮސް ފޯން ނަގާ ކަންފަތުގަ ޖައްސާލިއެވެ.

“އަނޫ، ޝައު ހޮސްޕިޓަލަށް ގެންގޮސްގެން ދެންމެ ޔާފިއު ގުޅައިފި… މަންމައާ ޝަމްކޮ ދިޔަ ތަނެއްވެސް ނޭނގެ، ޝަމްކޮ ނުނަގާ ފޯނެއް، މަންމަ ދިޔައީ ފޯނު ބާއްވާފަ…” އަނޫޝާ ހަލޯއޭ ބުނުމާއެކު ޝިޔާޒް ހާސް ވެގެން އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.

“ދޮންތަބޭގެ މަންމަމެން ކޮބާ؟” އަނޫޝާ އަހާލިއެވެ. ހޮސްޕިޓަލުގައި ޔާފިއު އެކަނި ހުންނަން ޖެހިއްޖެއްޔާ އޭނަވެސް ހާސް ވާނެ ވަރު ހިތަށް އަރާފައެވެ.

“ހޮސްޕިޓަލުގަ” ޝިޔާޒް ޖަވާބު ދިނެވެ.

“ދޮންބޭ، އެހެން ވިއްޔާ ހާސް ނުވޭ… ތުއްތައަށް މެސެޖް ކޮށްލާފަ ދޮންބެ ދޭ ހޮސްޕިޓަލަށް، އަހަރެންވެސް މަންމަމެން ކައިރީ އަހާލާފަ އެބަ ދަން” އަނޫޝާ ބުންޏެވެ.

އަނޫޝާ ނަސީރާ ގާތު އެހުމުން ނަސީރާ އަނޫޝާ ހޮސްޕިޓަލަށް ދާން ހުއްދަ ދިނެވެ. އެއްޗެހި ބަދަލު ކޮށްލައިގެން އަނޫޝާ މިޝާލްއަށް ގުޅާލިއެވެ.

“މިޝާލް، ދޮންތަ ބަނޑުގަ ރިއްސާތީ ހޮސްޕިޓަލަށް ގެންގޮސްގެން… ހެޔޮތަ އަހަރެން ގޮސްލިޔަސް؟” މިޝާލް ފޯން ނެގުމުން އަނޫޝާ އަހާލިއެވެ.

“އާނ، ދޭ…” މިޝާލް ހަމަ އެކަނި އެހެން ބުނެފައި ފޯން ކަނޑާލިއެވެ.

އަނޫޝާ ތައްޔާރު ވެގެން ނިކުތް އިރު މިޒްނާވެސް ކޮޓަރިން ނިކުންނަނީއެވެ.

“އަނޫ، މަވެސް ދާނަން، ޝިޔާޒް ގުޅި ދެންމެ” މިޒްނާ ބުންޏެވެ.

“އަނޫ، މަންމަގެ ސަލާން ބުނައްޗޭ ޝައުފާއަށް، ބުނޭ ވިހެއީމަ ގޮވާލަން ދާނަމޭ” އަނޫޝާއާ މިޒްނާ ފެނުމުން ނަސީރާ ބުންޏެވެ.

ދެމީހުން ގޮސް ހޮސްޕިޓަލަށް ވަން އިރު ޔާފިއުގެ މަންމައާ ބައްޕައާ ޔާފިއުގެ އިތުރުން އެތާ ތިބީ ޝިޔާޒްއާ ޒިހާންއެވެ. ޒިހާން ފެނުމާއެކު އަނޫޝާ ހުއްޓުނެވެ. ޒިހާންވެސް އަނޫޝާ ފެނުމުން ބަލަން ހުއްޓެވެ.

ޝިޔާޒް ޒިހާންއަށް ގޮވާލިއެވެ. އަނޫޝާ މިޒްނާގެ ފަހަތުން ހިނގައިގަތީ ޒިހާން އަނެއް ފަރާތަށް އެނބުރުމުންނެވެ.

“ދައްތަމެންނަކާ ނުގުޅޭތަ އަދިވެސް؟” އަނޫޝާ ޝިޔާޒްއާ ސުވާލު ކޮށްލިއެވެ.

“ދެންމެ ޝަމްކޮ ގުޅި، މަންމައާ ދެމީހުން ކޮންމެސް ފިހާރައަކަށޯ ދިޔައީ، މިހާރު އެބަ އާދޭ” ޝިޔާޒް ބުންޏެވެ.

އަނޫޝާމެން ދިޔަތާ ދިހަ މިނެޓްވެސް ނުވަނީސް ޝައުފާ ފިރިހެން ކުއްޖަކު ވިހެއެވެ. ބޭބީ ދައްކާލަން ނެރެފައި ވެއްދި ތަނާ ޝަރީފާއާ ޝަމްހާ އައެވެ.

“ފިރިހެން ކުއްޖެއް” ޝަރީފާ އެންމެ ފުރަތަމަވެސް ކުރި ސުވާލުގެ ޖަވާބު ދިނީ ހިތްހަމަ ނުޖެހިފައި ހުރި ޝިޔާޒްއެވެ.

ގަޑިއެއްހާ އިރު ފަހުން ރޫމެއް ހުސްކޮށް ނެތުމުން އެވަގުތަށް ޝައުފާ ވޯޑަށް ނެރުނެވެ. އެންމެން ޝައުފާގެ އެނދު ކައިރީގައި ތިއްބެވެ. އަނޫޝާވެސް އިރުކޮޅަކު އެތާ ހުރެފައި ނިކުމެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ.

އަނޫޝާ ދިޔަތަން ބަލަން ހުރެފައި ޝިޔާޒް ގާތު އެބަ އަންނަމޭ ބުނެލާފައި ޒިހާންވެސް ނިކުތެވެ. ބޭރުގައި ގޮނޑިއެއްގައި އަނޫޝާ އިންތަން ފެނުމުން ޒިހާން އަނޫޝާ ކައިރީގައި މަޑު ކޮށްލިއެވެ.

“އަނޫ” ޒިހާން ގޮވާލިއެވެ.

އަނޫޝާ ބަލާލިއެވެ.

“ޒިހާން…” އަނޫޝާވެސް ގޮވާލިއެވެ.

ޒިހާން އެއްގޮނޑި ދޫކޮށްފައި އަނޫޝާ ކައިރީގައި އިށީނެވެ.

“ކިހިނެއްތަ؟” ޒިހާން އަހާލިއެވެ.

“ރަނގަޅު” އަނޫޝާ ޒިހާންގެ މޫނަކަށް ނުބަލައެވެ.

“އަނޫ އުފަލުންތަ ތިއުޅެނީ؟” ޒިހާން އަނޫޝާގެ މޫނަށް ބަލަން އިނދެ ސުވާލު ކުރިއެވެ.

“ޒިހާންއަށް އެކަމާ ޝައްކު ވަނީތަ؟” އަނޫޝާ އަހާލިއެވެ.

“ނޫނޭ… އެކަމަކުވެސް އަނޫ އަމިއްލައަށް އެހެން ބުނާ އަޑު އަހާލަން ބޭނުން ވަނީ” ޒިހާން ބުންޏެވެ.

އަނޫޝާ އިސް އުފުލާ ޒިހާންގެ މޫނަށް ބަލާލިއެވެ.

“އާނ، އަހަރެން ވަރަށް އުފަލުން މިއުޅެނީ، މިޝާލް އަހަރެން ދެކެ ވަރަށް ލޯބިވޭ، އެގޭ މީހުންވެސް އަހަންނަށް ވަރަށް ރަނގަޅު” އަނޫޝާ ބުންޏެވެ.

“އަނޫވެސް އެވަރަށް މިޝާލް ދެކެ ލޯބިވޭތަ؟” ޒިހާން އަހާލިއެވެ.

އަނޫޝާ ޖަވާބެއް ނުދެއެވެ.

“ބުނެބަލަ! އަނޫ މިޝާލް ދެކެ އެވަރަށް ލޯބިވޭތަ؟ މިޝާލް ލޯބި ވާވަރަށް ނުވިޔަސް… ކުޑަކޮށްވެސް އަނޫ މިޝާލް ދެކެ ލޯބިވޭތަ؟” ޒިހާން އަހާލިއެވެ.

“އާނ، މިޝާލް އަހަރެން ދެކެ ލޯބި ވާވަރަށް އަހަރެންވެސް މިޝާލް ދެކެ ލޯބިވޭ” އަނޫޝާ ޒިހާންއާ ހަތަރު ކަޅި ހަމަ ކޮށްލަމުން ބުންޏެވެ.

އެއަޑު އިވުމާ އެކީ ޒިހާންއަށް ކުރެވުނު އިހުސާސް ޒިހާންގެ މޫނު މަތިން އަނޫޝާއަށް ފެނުނެވެ.

އަނޫޝާ އެހެން މީހެއް ދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އަހަން ޒިހާންއަށް އުނދަގޫ ވިއެވެ. ނަމަވެސް އަނޫޝާ އެހެން ބުނި ވަގުތު ހިތަށް ކިޔަންމެ ތަދު ވީނަމަވެސް އެއީ ތެދެއް ނޫންކަން ޒިހާންއަށް ޔަގީން ވެއެވެ.

މިޝާލް އަނޫޝާ ދެކެ ލޯބި ނުވާކަން އެނގި ހުރެ އަނޫޝާ އެހެން ބުނީ ޒިހާންއަށް އަނޫޝާ މަތިން ހަނދާން ނައްތާލަން ފަސޭހަ ވެދާނެ ކަމަށެވެ. އަނޫޝާ އެހެން ބުނެލާ އެއްޗެއް ގަބޫލު ކުރާ ވަރަށް ވުރެން ބޮޑަށް ޒިހާންއަށް އަނޫޝާ އެނގޭނެ ކަމަކަށް އަނޫޝާ ހިއެއް ނުކުރެއެވެ. އަދި އަމްދުން އަނޫޝާ ޒިހާންއާ މެދު ކަންތައް ކުރި ގޮތުންވެސް ޒިހާންއަށް އަނޫޝާއާ މެދު އެފަދަ ޔަގީން ކަމެއް އޮވެދާނެ ކަމަކަށް އަނޫޝާ ހިއެއް ނުކުރެއެވެ.

“އަނޫ ތިހެން ތިބުނީ އަހަރެން ގަބޫލު ކުރާނެ ކަމަށް ހީކޮށްގެން ކަމަށް ވަންޏާ އަނޫއަށް ކާމިޔާބެއް ނުވި… އަހަރެންގެ އުންމީދަކީ އަނޫ އުފަލުގަ އުޅުން… ނޫނީ އުފަލުގަ އުޅެވޭތޯ މަސައްކަތް ކުރުން… އައި ވިޝް ޔޫ އަ ހެޕީ މެރިޑް ލައިފް!” ޒިހާން ބުނެލިއެވެ. އަދި ތެދުވެގެން ދިޔައެވެ.

އެމަންޒަރު ބަލަން ދުރުގައި ހުރި ޝަމްހާ ޒިހާންއަށް ނުފެންނަނީސް އެތެރެއަށް ވަނެވެ.

ނުނިމޭ

60
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 4..

Next

ހާދަ ލޯބިންނޭ 24

Next
March 30, 2016

ހާދަ ލޯބިންނޭ 24

Previews
March 29, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 4..

8 Comments

  1. 619 says:
    March 29, 2016 at 10:22 pm

    Mivaahakaiga onnanee keumaai hedhumaai varah majaa

    1. Aanaa says:
      March 30, 2016 at 12:01 am

      Haha

    2. shame says:
      March 30, 2016 at 1:12 pm

      LOL 619 heeheee halaaku vejje.. but so true. bst comment so far

  2. princess says:
    March 29, 2016 at 10:30 pm

    Nyc

  3. princess says:
    March 29, 2016 at 10:31 pm

    Nycuuuuuuu?m

  4. Mc says:
    March 30, 2016 at 12:34 am

    Ginafaharu vaanuvaaneynge mivaahakaige

  5. Anonymous says:
    March 30, 2016 at 8:44 am

    can yuh jst get out from the dining room… anu abadhu cooking ga ulheny… story is gud….

  6. ... says:
    May 4, 2016 at 4:21 pm

    Worst stry
    Eat sleep eat sleep

Comments are closed.

All Right Reserved!