އަހަރެންގެ ވާހަކަ (ތިންވަނަ ބައި)
“ކީއްވެފަ ކޮޅަށް ތިހިރީ މިތާ އިށީނދެބަލަ..” ދެވަނަ ފަހަރަށް އެހެންބުނުމުން އަހަރެން ސޯފާގައި އިށީނީމެވެ.
” ދޮންބޭ މަ ވަރަށް ހަޑިކޮށް މިހިރީ” ހާސްވެފައިހުރިވަރުން ވާހަކަވެސް ދެއްކުނީ އާގަންނަކަހަލަ ގޮތަކަށެވެ.
” އިނގެއޭ.. އެކަމަކު މިވާހަކަ އިހަށް އަޑުއަހާބަލަ..” ދޮންބެއަށް ބުނެވުނީ އެހާވަރަށެވެ. ފޯނެއް އައުމުން އަތުގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. ފޯނުކޯލު ނިމެންދެން އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.
” ވަރަށް އަވަހަށް މީހަކަށް ލޭދޭން ޖެހިގެން ކްރަސްމެޗް ހަދާލަން ހޮސްޕިޓަލަށް މިދަނީ.. މީރާ ގާތު ބުނައްޗޭ..” ދޮންބެ ގެއިން ނިކުންނަށް ހިގައިގަތީ ވަރަށްބާރަށެވެ. އަހަރެން އަވަހަށް މިސްރާބު ޖެހީ ކޮޓަރިއާއިދިމާލަށެވެ. ފެންވަރަށް ހުރިއިރުވެސް އަހަރެންނަށް ވިސްނެނީ ދޮންބެ ދައްކަން އެއުޅޭ ވާހަކައާއިމެދުއެވެ. ފެންވަރާނިމިގެން އެނދުގައި ޖައްސާލިއިރުވެސް ބޮލަށް ލުއިމެއް ނުލިބުނެވެ. އެހެންކަމުން ކުޑަކޮށް ތައްޔާރުވެލައިގެން ބޭރަށް ނިކުތީ ވަކި މަންޒިލެއް އޮވެގެންނެއްނޫނެވެ.
” އޭތް ހިނގާބަލަ ބާރބަކިއުއެއް ހަދައިގެންނޭ މިއުޅެނީ..” ގެއިން ނިކުމެ ޖެހިގެން އޮތް ގޯޅި އެޅިތަނާ ހޫދު އާދިމާވިއެވެ.
“ކޮންތާކު؟” ސައިކަލަށް އަރަމުން އަހާލީމެވެ.
” ފަހުން ހިއްކި ހިސާބުގަ.. ކުރިން މިކޮޅުގަ އުޅުނު ފްރެންޑެއް އައިސްގެން އުޅޭތީ.. ޝިމާލްއަށް ގުޅީމަ ފޯން ނިއްވާލާފަ އޮތީ..” ފޯން މަތިން ހަނދާންވީ އެވަގުތެވެ. ތެދެކެވެ. ޗާޖު ހުސްވެގެން ފޯން އޮތީ ނިވިފައެވެ. ހޫދު ގާތު މަޑުކޮށްލުމަށް ބުނުމަށްފަހު ގެއަށްވަނީ ފޯނުގެ ބެޓެރީ ބަދަލުކުރުމަށެވެ. އަވަސްކޮށްލައިގެން ނިކުތްއިރު ހޫދު ލަސްވެގެން ބަރުގޮނު އަޅައެވެ. ސައިކަލް ފަހަތަށް އެރުމާއެކު ދުއްވާލުމުން ނުވެއްޓުނީ ކިރިޔާއެވެ.
“އަންހެން ކުއްޖެއްތަ ތީ؟” ހިނިގަނޑެއް ޖަހާލަމުން ހޫދު އެހިއެވެ. މޫޑު ގޯސްވެފައިހުރުމުން ރައްދުދޭ ހިތެއްނުވިއެވެ. ރަށުގެ ހިއްކި ހިސާބަށް އާދެވުނުއިރު ގިނަބަޔަކު އެސަރަހައްދުގައި އުޅެއެވެ. ބާބަކިއު ހަދާފައިވަނީ މީހުން ތިބި ހިސާބާއި ތަންކޮޅެއްދުރުގައެވެ.
“މާލަހުން ތިޔައީ.. ތަންކޮޅެއް އަވަހަށް އައިނަމަ ރަތްމަސްކޮޅެއްވެސް ލިބުނީސް..” ޒިޔާމުއާއި ފަރީދު އަހަރެން ގާތަށްއައެވެ.
“ކޮބާތަ ހޫދު ބުނި ފްރެންޑް؟” އާމޫނެއް ނުފެނުމުން އަހަރެން އަހާލީމެވެ.
” ހޫދު ދިޔަތަނާ އޭނަ ހިނގައްޖެ.. މިހާރު އެއީ ސާރޖެންޓެއްނު..” ފިހުނު ކުކުޅުފަޔާއި ސޮސެޖު އަޅާފައި ހުރި ތައްޓެއް ދިއްކޮށްލަމުން ޒިޔާމު ބުނެލިއެވެ.
” އެހާ އަވަހަށް މިހުރިހާ ކަމެއްކުރީ ކިހިނެއް؟ މަވެސް އަދި ހަމަ ފެންވަރާލައިގެން މިނިކުތީ..” ކެއުމުގެ ތެރެއިން އަހަރެން އަހާލީމެވެ.
” މީ ޒައިކްގެ އަންހެނުން ފެމެލީ މީހުންނާއެކީ ވީމަ އަވަސްވީ.. އަހަރުމެން އައިއިރު އެމީހުން ހުރިހާ އެއްޗެއް ރެޑީކޮށްފަހުރީ..” ފަރީދު އޮޅުންފިލުވައިދިނެވެ.
“ޒައިކް؟” އަހަރެން ފަރީދުގެ މޫނަށް ބަލާލަމުން އަހާލީމެވެ.
” ހޫދުގެ ފްރެންޑް.. ކޮބާތަ އެއުޅޭ މިއުއްޓޭ؟” ތެދެކެވެ. މިއުވާން ނޫން އެހެން އެންމެންއެތަނުގައި އުޅެއެވެ.
” އެއްޗެހި ދޮންނަށް އުޅޭ.. ބުނި ފެންވަރައިގެން އަންނާނަމޭ..” ތަންކޮޅެއް ދުރަށްޖެހިލަމުން ޒިޔާމު ބުންޏެވެ. އިރުއޮއްސެމުންދާތީ މީހުންތައް މަދުވަމުންދިޔައެވެ.
” އޭ ހިނގާބަލަ ދާން.. ވަރަށް އަވަހަށް ދާންޖެހިއްޖެ..” ފޯނު ބޭއްވުމަށްފަހު ޒިޔާމުގެ އަތުގައި ކޮށްޓާލަމުން ހޫދު ބުނެލިއެވެ.
” މަވެސް ދާންވީންތަ؟” ކާން ގެންގުޅުނު ތަށި ބަހައްޓަމުން އެމީހުންނަށް ބަލާލީމެވެ.
” މިއުއްޓެ އަންނައިރު ކޮންމެސް މީހަކު ހުންނަށްވާނު..” އަހަރެން ބޯޖަހާލީމެވެ. ޒިޔާމު ސައިކަލު ފަހަތަށް ހޫދު އެރުމާއެކު ނައްޓާލައިފިއެވެ. މީހުންތައް މަދުވަމުން ގޮސް އަހަރެން އެކަނިވެއްޖެއެވެ. މީގެ ކުރިން އަހަރެންނަކީ އެކަނިވެރިކަމަށް ނަފްރަތު ކުރަމުން އައި މީހެކެވެ. ކައިރީގައި މީހަކު ނެތިއްޔާ ފޫހިވެގެން މަރުވާވަރުވާނެއެވެ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެއެވެ. ހަމައެކަނި އެކަމެއްވެސް ނޫނެވެ. ހުރިހާކަމެއް މަޑުމަޑުން ބަދަލުވަމުންދަނީއެވެ.
އިރުއޮއްސުމާއެކު މަޑުމަޑުން ދުނިޔެމައްޗަށް އަނދިރިކަން ވެރިވަމުންދިޔައެވެ. ދިއްލާފައި ހުރި ހޮޅިބުރިތަކުންވެސް ހިސާބަށް ދީފައިވަނީ ފަނޑުއަލިކަމެކެވެ. މޫދަށް ބަލަހައްޓައިގެން ހުރުމަށްފަހު އެނބުރިލިތަނާ ތަންކޮޅެއް ދުރުން އެކަނިމާ އެކަނި ހުރި އަންހެންކުއްޖަކު ލޮލުގައި އަޅައިގަތެވެ. އެދިމާލަށް ހިގައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ތަންކޮޅެއް ކައިރިވިތަނާ އެއީ ކާކުކަން އެނގިއްޖެއެވެ.
” މީހެއްގެ އިންތިޒާރުގަތަ އަނެއްކާ؟” ގަލެއް މަތީގައި އިށީނދެގެން އިން ޝާޔަން ސިހުނެވެ.
” ވެދާނެ ތިހެން ކަމަށްވެސް..” އާދައިގެ މަތިން ހިނިގަނޑެއް ޖަހާލަމުން އޭނަ ޖަވާބުދިނެވެ.
” އަސްލުވެސް ކީއްވެ ތިހާ އެކަނިވެފަ ތިއިނީ؟” ތަންކޮޅެއް ދުރުގައި އިށީނީ މީހަކަށް ފެނި ޝާޔަންގެ ބޮލުގައި ދޮގު ތުހުމަތެއް އެޅިދާނެތީއެވެ. އެހެންވާކަން އަހަރެން ބޭނުމެއްނޫނެވެ. އެހާ ރަނގަޅު ކުއްޖަކަށް ދެރައެއްލިބޭކަށް ހިތެއްނޭދުނެވެ.
” ހަމަ އިރުއޮއްސޭ މަންޒަރު ބަލާލަން އައީ.. ރަށުގަ އުޅޭއިރު މިކަހަލަ ހަމަހިމޭން ތަނަކަށް އާދެވޭނީ..” އިންގޮތަށް އިނދެ ޝާޔަން ވާހަކަދެއްކިއެވެ.
” އަނެއްކާ މާލެ ދަނީތަ؟” ޝާޔަންގެ މޫނު ފެނޭތޯ ކުޑަކޮށް ގުދުވެލީމެވެ. ނަމަވެސް އޭނައިން ގޮތުން މޫނުމަތި ފެންނަނީ އަނދިރިކޮށެވެ.
” ހޫމް.. ހަފްތާއެއް ފަހުން.. ދެން ނާންނާނަން އެހާއަވަހަށް.. ” މައްޗަށް ބަލާލަމުން އޭނަ ބުނެލިއެވެ.
” އެއީ؟ އެއްކޮށް ބަދަލުވަނީތަ؟” ހަމައެކަނި ބޮލުގެ އިޝާރާތުން އޭނަ ޖަވާބުދިނެވެ. ހަމަކުއްލިއަކަށް ތުނި ތުނިކޮށް ވާރޭވެހެންފެށިއެވެ. ނަމަވެސް ޝާޔަން އިން ތަނުން ގުޑާވެސްނުލައެވެ. އަންހެންކުއްޖަކު އެގޮތަށް އެކަނި ބަހައްޓާފައި ދާކަށްނުވާނެއެވެ. އިރުކޮޅަކުން ސައިކަލެއްގެ އަޑުއިވުނެވެ. ބަލާލިއިރު ތަންކޮޅެއް ދުރުގައި ސައިކަލެއް މަޑުކޮށްގެން އިނެވެ. މިއުވާންކަން އެނގުނީ ގުޅަންފެށީމެވެ.
” ޝިމާލް ދޭ..” އަހަރެންހުރީ ޝާޔަން ބަހައްޓާފައި ދާން ނުކެރިގެންކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ. މިއުވާންއަށް އަތުން ހަނާ އެޅުމުން އޭނަ އަތުވެއްޖެއެވެ. ސައިކަލުގައި ތަންކޮޅަކަށް ދެވުނުތަނާ ވަރަށް ބާރަށް ދުވެފައި މީހަކު އައިސް ޝާޔަން އިން ދިމާލަށް ދިޔައެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުންދިޔައެވެ. ފޯނެއް އައުމުން މިއުވާން ސައިކަލު މަޑުކޮށްލުމަށްފަހު ފޯންނެގިއެވެ.
” މަކުނުދޫ ގެއެއްގަ އަލިފާން ރޯވެގެން ހިނގާބަލަ އަވަހަށްދާން..” މިއުވާންގެ އަޑުގައިވެސް ހުރީ ނުތަނަވަސްކަމެވެ. ސްޓޭޝަނަށް ދެވުނުއިރު އެރަށަށް ދާނެ ޓީމުވަނީ ހަމަޖެހިފައެވެ. ދޮންބެއަށް ގުޅުމަށްފަހު ގެއަށްދެވޭނީ ލަހުންކަމަށް ބުނީމެވެ. ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމުން ރޭގަނޑު ދަތުރުކުރުމަކީ ގިނަ ލޯންޗު ފަހަރު ގެންގުޅޭ މީހުން އުޒުރުވެރިވާކަމެކެވެ. ސްޓޭޝަނުގެ ލޯންޗުވެސް ވަނީ މަރާމާތަށް މާލެގެންގޮއްސައެވެ. އެހެންކަމުން އެވަގުތު ލޯންޗެއް ހޯދުންވީ ބޮޑުކަމަކަށެވެ. އެންމެ ފަހުން ލޯންޗެއް ހޯދައިގެން އެރަށަށްދާން ފުރުނުއިރު ހަތްގަޑި ބައިވެއްޖެއެވެ.
މަކުނުދުއަށް އާދެވުމާއެކު ހާދިސާ ހިގައިގެންއުޅޭ ގެއާއި ދިމާލަށް މިސްރާބުޖެހީ އެރަށުގެ ކައުންސިލްގެ ފަރާތުން އައިސްތިބި ބޭފުޅުންނާއެކީއެވެ. އޭރު ރަށުގެ ރައްޔިތުން ވެގެން އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަމުންދިޔައެވެ. ރޯވެފައިހުރީ ގޭގެ ބަދިގޭގައި ކަމަށްލަފާކުރެވެއެވެ. ރަށުގެ ރައްޔިތުންގެ އެހީއާއެކު އަލިފާންގަނޑު ނިއްވާލެވުނުއިރު ހުރީ ދިހައެއްޖަހާ ބޮޑުވެފައެވެ. މައްސަލަ އިތުރަށް ތަހުޤީޤުކުރަންޖެހޭތީ އެރަށުގައި މަޑުކުރަންޖެހުނެވެ. މަސައްކަތުން އަވަދިވެގެން އަހަރުމެން ތިބެން ހަމަޖެހިފައިވާ ގެއަށް އާދެވުނުއިރު ވަރަށް ދަންވެއްޖެއެވެ. ކެއުން ތައްޔާރަށް ހުރިނަމަވެސް އެއްވެސް މީހަކު ކާކަށް ބޭނުމެއްނުވިއެވެ. އެންމެންވެސް ބޭނުންވީ ފެންވަރާލައިގެން އަވަހަށް ނިދާލާށެވެ. ފެންވަރާލައިގެން އައިސް އެނދުމައްޗަށް ވެއްޓިގަތުމާއެކުހެން ނިދިއްޖެއެވެ.
އާދަޔާޚިލާފަށް ހޫނުވެގެން އަހަރެންނަށް ހޭލެވުނެވެ. އޭރު މިއުވާންއާއި ހޫދުތިބީ ގަދަނިދީގައެވެ. އަހަރެންނަށް ބޭރަށް ނުކުމެވުނީ ފިނިކޮށްލުމަށެވެ. ބޭރަށްނިކުމެ އަތިރިމައްޗާދިމާލަށް ހިގައިގަނެވުނީ ހަށިގަނޑަށް ތާޒާކަން ހޯދުމަށެވެ.
“ހެލްޕް މީ..” އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑު ހުއްޓުމެއްނެތި އިވެމުންދިޔައެވެ.
އަޑު އަންނަދިމާލަށް ދުއްވައިގަނެވުނީ ދަންނަ އަންހެންކުއްޖެއްގެ އަޑުކަމަށް ހިތްބުނަމުންދާތީއެވެ. އޭރުވެސް އެއަންހެންކުއްޖާގެ އަޑު އިވެމުންދިޔައެވެ. އަތިރިމައްޗަށް ދެވުނުއިރު އަންހެންކުއްޖަކު އޮޔާދާތަންފެނުނެވެ. ފެންނަންހުރީ ހަމައެކަނި އަންހެންކުއްޖާގެ ދެއަތެވެ. އަހަރެން ފަތަގަތީ އަވަހަށް އެކުއްޖާ ސަލާމަތްކުރުމަށެވެ. ނަމަވެސް ތަންކޮޅަކަށް ދިޔަތަނާ އެކުއްޖާ ގެއްލިއްޖެއެވެ.
ފުންމައިގެން ތެދުވެވުނުއިރު ހޫދުއާއި މިއުވާން އެމީހުންގެ އެނދުގައި އަހަރެންނަށް ބަލަހައްޓައިގެން ހައިރާންވެފައިތިއްބެވެ.
“ކިހިނެއްވީ؟” މިއުވާންގެ އަޑުގައި ހުރީ ނިދީގެ އަސަރެވެ.
” ހުވަފެނެއް ފެނުނީ..” ނޭވާ ހަމަޖައްސަން މަސައްކަތްކުރަމުން ބުނީމެވެ. ހޫދު ތެދުވެގެންގޮސް މޭޒުމަތީހުރި ފެންފުޅި ގެނެސްދިނެވެ. ކޮޑުގައި ޖަހާލަމުން އޭނާ އެނދަށް ވެއްޓިގަތެވެ.
ފެންފޮދެއް ބޯލުމަށްފަހު އެނދުގައި ޖައްސާލީމެވެ. އޭރުވެސް މިއުވާން ބަލަހައްޓައިގެންއޮތެވެ. ލައިޓް ނިއްވާލުމަށްފަހު ރަޖާގަނޑު ދަށަށްވަދެ ނިދޭތޯބެލީމެވެ. ނަމަވެސް ކަންފަތުގައި ހަރުލާފައިވަނީ ހުވަފެނުން ފެނުނުކުއްޖާގެ އަޑެވެ. ހިތްބުނަނީ އެއީ އަހަރެންނާ ކޮންމެވެސް ގުޅުމެއް އޮތް ކުއްޖެއްކަމަށެވެ. އެއީ އަނެއްކާ ޝާލީއެއް ނޫންބާއެވެ. އަނެއްކާ ޝާލީއަށް ކަމެއްވީބާއެވެ؟ ނޫނީ އޭނައަށް ނުރައްކާތެރިކަމެއް ކުރިމަތިވަނީބާވައެވެ؟ ހިތުގައި އުފެދިފައިވާ ވަހުމުތަކަށް ހައްލެއް ލިބޭނީ ޝާލީއާއި ވާހަކަދައްކާލެވުމުންނެވެ. ފޯނުނެގުމާއެކު ވޯލްޕޭޕަރއަށް ލާފައިވާ ޝާލީގެ ފޮޓޯފެނުމުން އެއްވެސް އިހްތިޔާރަކާނުލާ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ޝާލީގެ މައުސޫމު މޫނުގައި ތުންފަތްޖައްސާލެވުނީ ހިތަށްކުރި ފުންއަސަރުންނެވެ. މާޒީވެގެން ގޮސްފައިވާ އެކި އެކި ދުވަސްތަކުގެ މަތިން ހަނދާންވުމުންނެވެ.
މިއަދު އަހަރެން ދިރިހުރީ ޝާލީގެ ސަބަބުންނެވެ. އެހެންނޫންނަމަ… އަދިވެސް އެދުވަސް ފެންނަކަހަލައެވެ. ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގުނެވެ. ހޭލެވުމާއެކު ފުރަތަމަވެސް ޝާލީއަށް ގުޅާލީމެވެ. ދެތިންފަހަރު ގުޅުމުންވެސް ފޯނެއްނުނެގިއެވެ. މާޔޫސްކަމާއެކު ފޯނު ބޭއްވުމަށްފަހު ފާހާނާއަށްވަދެ ފެންވަރާ ތައްޔާރުވެލައިގެން ނިކުތްއިރު ފޯން ރިންގުވަމުންދިޔައެވެ. ހިތްއަވަސްވެފައިވާހާލު ފޯނުނެގިއިރު ޝާލީއެވެ.
” ހޭ ހޭންޑްސަމް އަދިކިރިޔާ ދޯ ތި ގުޅަން ހަނދާންވީ.” އެއަޑުގައިވީ ޝަކުވާއެވެ. ޝާލީ އެބުނީ ތެދެކެވެ. ރަށަށް އައިފަހުން އަދި ޝާލީއަކަށް ނުގުޅެއެވެ.
“ސޮރީ ބޭބީކޮޅު.. ހަމަ ބިޒީވީމަ އެއީ.. ހުރިހާ ކަމެއް ރަނގަޅުތަ؟” ކެތްތެރިކަން ކުޑަވެފައިވާހާލު އަހާލީމެވެ.
“ހޫމް.. ހަމަ ބެސްޓް..” ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ.
“ބުނަން.. ބަލައިގެން އުޅެއްޗޭ.. އައި ލަވް ޔޫ މޯރ ދެން އެނީ ތިންގ..” ހަޤީޤަތަކީވެސް އެއީއެވެ.
“އައި ނޯ މައި ހޭންޑްސަމް އެން އައި ލަވް ޔޫ ޓޫ..” އެ މައުސޫމު އަޑުން ބުނެލިގޮތުން ހިނިވެސްއައެވެ. ނަމަވެސް އެކުއްޖާފުޅު ރުޅިއައިސްދާނެތީ ހިނިގަނޑު އެތެރެއަށް ހިންދާލީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



ވާހަކަ ލަހުން ގެނެސްދެވުނީތީ ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން… އިރާދަކުރެއްވިއްޔާދެން އެހެނެއް ނުވާނެ.. ހިޔާލެއް ނޫނީ އިސްލާހް ކުރަންޖެހޭ ކަމެއް އޮތިއްޔާ ބުނެލަދިނުން އެދެން..
varah reethi
Ok dhen
Nyc
kurin part ehga heewey bunefa inhen, eynage serious gf eh nuhureyey…ekam kihineh mi veee
dhen vaagoi varah balaalaa hiy ve.. fukeh kuruhen ves heevey.. vedhaane maa reethi veema heevi gotheh kamah vx.. ekamaku e mysterious Shaali aky kihineh dhimaavi kujjeh kan.. eiy serious bitteh tho ai.. shimaal dhirihuree Shaalyge sababunney bunefa othyma v. baivaru thafaathu scenarios thah eba hithah araa.. kihineh baa vaanee.. Love this part too..
Thanks for the comment.. am glad you liked it