Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަހަރެންގެ ވާހަކަ 2

Mysterious Angel
February 26, 2016
5 Mins Read
45 Views
13 Comments

 

(ނޯޓް: މިއީ ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ރަށުގެ ނަމަކީ ހިޔާލީ ނަންނަމެވެ.)

” ވަޓް؟؟.. މަ ކޮންއިރަކު ތިކަހަލަ ވާހަކައެއް ބުނީ.. ” އަހަރެން އެފަދަ ނަޒަރަކުން އެއްވެސް މީހަކާދޭތެރޭ ނުވެސްވިސްނަމެވެ. އަންހެންކުދިންނަކީ ހަމައެކަނި ވަގުތީކަމެކެވެ.

” ކޮންމެ އެއްޗެއް ދުލުން ބުނާކަށް ނުޖެހޭ.. މީހާގެ އަމަލުތަކުން އެމީހެއްގެ އިހްސާސްތައް ހުންނަގޮތް އިނގޭނެ..” ވަރަށް ވިސްނުންތެރިކަމާއެކު މިއުވާން ބުންޏެވެ.

“މަށަށް ހީވަނީ މިއުވާންއަކަށް މަށެއް އަދި ނޭނގޭހެން.. މަށަކީ އަންހެނެއް ފެންނައިރަށް މޮޔަވެގެން އުޅޭނެ މީހެއްނޫން..” ހިތްހަމަނުޖެހުނުވަރުން އެތަނުގައި ހުންނާކަށްވެސް އަހަރެންބޭނުމެއްނޫނެވެ. ރުޅިގަދަވެގެން މުޅިމީހާ ތުރުތުރުލަމުންދިޔައެވެ. ނޭވާ އަވަސްވެ އަތްފައިން އޮއްދާހިތްލަންފެށިއެވެ. ހޫދު އަހަރެން ކައިރިއަށްއައީ އެވަގުތެވެ. ލޯމަރާލުމަށްފަހު ރުޅިގަނޑު އެތެރެއަށް ހިންދާލުމަށް މަސައްކަތްކުރީމެވެ.

އޭގެފަހުން  މިއުވާންއާއެކީ ފޮނުވީ ހޫދުއެވެ. އަހަރެން ފަރީދުއާއެކީ މަސައްކަތްތައް ކުރަމުންދިޔައީމެވެ. ޑިއުޓީ ނިމުނުއިރުވެސް ގެއަށްދެވޭ ގޮތެއްނުވިއެވެ. މަސައްކަތުގައި އަވަދިނެތި އުޅެންޖެހުމުން ވަގުތުދިޔަ ގޮތެއްވެސް ނޭނގުނެވެ. ގެއަށް އާދެވުނުއިރު ދޭއްޖަހާ ބޮޑުވެއްޖެއެވެ. ފެންވަރާލައިގެން އެނދުގައި ޖައްސާލިތަނާ ވަރަށް ބޯކޮށް ވާރޭވެހެންފެށިއެވެ. މަސައްކަތުގެ ވަރުބަލިކަމާއެކު ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމުންވެސް ނިދޭގޮތެއްނުވިއެވެ. ލޯމަރާލާއިރަށް ފެންނަނީ ޝާޔަންގެ ހިނިތުންވެފައިވާ މޫނެވެ. މިއުވާން އޭނަގެ ވާހަކަދެއްކުމުން ވީ ގޮތެއްކަމަށް ވެދާނޭ ހިތަށްއެރިއެވެ. ޝާޔަންނޫންނަސް ރީތި ކުދިންނާ ދިމާވެ މާގާތްކޮށް އުޅެވިފައި އެބަހުއްޓެވެ. އެއިންއެއްވެސް ކުއްޖަކާ ދޭތެރޭ މިގޮތަށް ވިސްނިފައެއްވެސްނެތެވެ. އަހަރެންނަށް ނިދުނީވެސް ވިސްނުމެއްގެ ތެރޭގައި އޮއްވައެވެ.

ފަތިހުގެ ވަގުތެވެ. ޖެހޭ ފިނިފިނި ވައިރޯޅިން ހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ. ރަށުގެ އަތިރިމަތީގެ ހިތްގައިމު މާހައުލުގައި އަހަރެން މަޑުކޮށްލައިގެންހުރީ އިރުއަރާ މަންޒަރުބެލުމަށެވެ. އިރުކޮޅަކުން ތަންކޮޅެއްދުރުން ހުދުހެދުމުގައިހުރި އަންހެންކުއްޖަކު އަންނާތީ ފެނުނެވެ. އެކުއްޖާ ލައިގެންހުރި ހެދުމުގެ ފަސްބައި ބިންމަތީގައި ދެމެމުންދިޔައެވެ. ވައިރޯޅީގެ ސަބަބުން އޭނާގެ ފަން އިސްތަށިގަނޑުން މޫނުވަނީ ނިވާވެފައެވެ. އެކުއްޖާއަށް ބަލަން ހުއްޓާ އާދަޔާޚިލާފަށް ވައިގަދަވެ ކަޅުވިލާތަކުން މުޅިފަޒާ ފޮރުވާލިއެވެ. އަންހެންކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑު އޭރު އިވެމުންދިޔައެވެ. އަހަރެން އަޑު އަންނަ ދިމާލަށް ދުއްވައިގަތީމެވެ. އޭރު ކުރިން ހުދު ހެދުމުގައި ހުރި އަންހެންކުއްޖާ ކަނޑުގެ ރާޅުތަކުގެ ޝިކާރައަކަށް ވެގެންދަނީއެވެ. އޭނާ ސަލާމަތަށް އެދި ހަޅޭއްލަވަމުންދިޔައެވެ. އެދިމާލަށް ހިގައިގަންނަށް ކުރި މަސައްކަތް ބޭކާރުވީ ފައި ބިންގަނޑުގެ ތެރެއަށް ގެނބެމުންދާންފެށުމުންނެވެ. “ޝިމާލް އަހަރެން ސަލާމަތްކުރޭ..” އެއަންހެންކުއްޖާ އަޑު އިވެމުންދިޔައެވެ.

ފުންމައިގެން ތެދުވެވުނުއިރު މުޅިމީހާހުރީ ދާހިތްލާފޯވެފައެވެ. އޭރުވެސް އެއަންހެންކުއްޖާގެ އަޑު ކަންފަތުގައި ގުގުމަމުންދިޔައެވެ. ގަޑި ބަލާލިއިރު ހަޔެއްވެސް ނުޖަހައެވެ. އަހަރެން ޑިއުޓީއަށް ދާން ޖެހެނީ ނުވައެއް ޖަހާއިރަށެވެ. ފެންފޮދެއް ބޯލުމަށްފަހު އަލުން ނިދޭތޯ ކުރި މަސައްކަތް ބޭކާރުވީ ބޭރުން ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑުއިވިފައެވެ. ދޮންބެވާނީ ޑިއުޓީގައެވެ. އިތުރު ފިރިހެނެއް ގެއަކު ނޫޅެއެވެ. ވަގަކަށް ވެދާނެތީ އަހަރެން ތެދުވެ ހިގައިގަތީ ފިޔަވަޅުގެ އަޑުވެސް ނީވޭނެހާ މަޑުންނެވެ. ކޮޓަރިން ނިކުމެ ބޭރުދޮރާހަމައަށް ދެވުނުއިރު އަންހެނެއްގެ ހުނުމުގެ އަޑުއިވިއްޖެއެވެ. ކުރިއަށް ހިގައިގަންނަން އުޅެފައިވެސް އަހަންނަށް ހުރެވުނީ ޤަބޫލުނުކުރެވިފައެވެ. އެއީ ދެވަނަމީހެއްގެ އަޑެއް ނޫނެވެ. ދޮންބެދައްތަ މީރާގެއަޑެވެ. ވީފޫހިން ކޮޓަރިއަށްވަދެ ފާރުގައި ގޮށްމުށުން ޖަހާލެވުނެވެ. ތަދު އިހްސާސްކުރެވުނީވެސް އިރުކޮޅެއްފަހުންނެވެ. ރުޅިގަނޑު މައިތިރިކުރުމަށް  ފާހާނާއަށްވަދެ ފެންވަރާލީމެވެ. ބޮލަށް ލުއިވިނަމަވެސް ހިތުގައި ވަނީ ރިހުމެވެ. ދޮންބެއަށްޓަކައި އަހަރެންގެ ހިތް ހަމްދަރުދީން ފުރުނެވެ. އަހަރުމެންނަށް އުނިވި ބައްޕަގެ ލޯބިދިން މީހަކީ ދޮންބެއެވެ.

ބައްޕައަކީ އެއްއިރެއްގައިވެސް ދަރިންނަށް ޚަރަދުކޮށް ލޯބިދިން މީހެއްނޫނެވެ. އެއީ ހަމައެކަނި ނަމެއްގައި ހުރި ބައްޕައެކެވެ. މަންމަގެ މަސައްކަތުން ލިބޭ އެއްޗަކުން އަހަރެމެންނަށް އުޅެވެމުންދިޔައީ ކިރިޔާއެވެ. އޭރު އެކަން އަހަރެމެންނަށް ނޭނގުނަސް ދޮންބެއަށް އެނގެއެވެ. އެހެންކަމުން ޅައުމުރުގައި ކިޔެވުމުން ދޫކޮށްލާ އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް ދޮންބެ ވަޒީފާއަށް ދާންފެށިއެވެ. އަހަރުމެންނަކީ އޭނަގެ ދޮންބައްޕަގެ ދަރިންނެއްކަމަކު ފަހަރެއްގައިވެސް އެކަން އިހްސާސްވިޔައެއް ނުދެއެވެ. އަމިއްލަ ބޭނުންތައް ހަނދާންނައްތާލުމަށްފަހު އަހަރެމެން ތިންބެއިންގެ ހުރިހާކަމެއް ފުއްދާދެމުންދިޔައީ ބައްޕައެއް ފަދައިންނެވެ.

ވަގުތު އޮތުމުން ބޯހަމަޖައްސާލުމަށް ބޭރަށް ނިކުމެ ބަލާލިއިރު މަގުތައްމަތީގައި ވަނީ ހަމަހިމޭންކަމެވެ. އަހަރެން ހިގައިގަތީ ވަކި މިސްރާބެއް އޮވެގެނެއް ނޫނެވެ. ބަނދަރާހަމައަށް އާދެވުނީ ވިސްނުންތަކެއްގައި ހުރެގެންނެއެވެ. ގާމަތީގައި އިށީންނަމުން އަހަރެން އިރުއަރާ މަންޒަރު ފޯނުގައި ރައްކާކުރީމެވެ.

“ހާދަ ހެނދުނަކާ ހޭލައިގެން..” ފަހަތުން ދަންނަ އަންހެން އަޑެއް އިވިގެން އަހަރެން ފަސްއެނބުރި ބަލާލީމެވެ. އޭރު ތަންކޮޅެއް ދުރުގައި ޝާޔަން އިށީންނަނީއެވެ. އާދައިގެ ކަޅު ހެދުމަކާއި ކަޅު ބުރުގަލެއް އަޅާފައިވާއިރުވެސް އޭނަގެ ރީތިކަމެއް ފަނޑެއްނުވެއެވެ.

” މަށަށްވެސް ތި ސުވާލު ކުރެވިދާނެއްނު..” އޭނާއާއި ދިމާލަށް އެނބުރިލަމުން އަހަރެން ބުނީމެވެ.

” އަހަރެން ކޮންމެ ދުވަހަކުވެސް މިގަޑީގަ މިތަނަށް އަންނަން..” އިސްޖަހާލަމުން ޝާޔަން ބުންޏެވެ.

“އަނެއްކާ ތީ ހަމަ ޝާޔަންތަ؟ ނޫނީ ޝާޔަންގެ ސިފައިގައިހުރި ޖިންނިއެއްތަ؟” ލޯބޮޑުކޮށްލަމުން އަހަރެން އެހެންބުނުމުން ޝާޔަން ހޭންފެށިއެވެ.

” ކީއްވެ އަސްލު މިތަނަށް މިގަޑީގަ އައިސް ތިއިނީ.. ހީވަނީ ނުނިދިގެންހެން..” ހުނުން ހުއްޓާލުމަށްފަހު ވަރަށް ސީރިޔަސްކަމާއެކު ޝާޔަންއެހިއެވެ. ފެނުނު ހުވަފެނާބެހޭ ގޮތުން އޭނާއަށް ކިޔާދިނީމެވެ. ފަހުންވީ ގޮތެއް ނުބުނަމެވެ.

” މީހުން ބުނޭ ފަތިސް ވަގުތުގަ ފެންނަ ހުވަފެން ހަޤީޤަތަކަށް ވާނެއޭ..” އަހަރެންގެ ވާހަކަ އަޑުއެހުމަށްފަހު ޝާޔަންބުނީ އެހެންނެވެ. ފޯނުން ގަޑި ބަލާލުމަށްފަހު މާލަސްވެއްޖޭ ބުނެލުމަށްފަހު ޝާޔަން ހިގައިގަތެވެ. އެކަނިވިޔަސް އެތަނުން ދާހިތެއް ނުވިއެވެ. ދިރިއުޅުމާ ދޭތެރޭ ވިސްނަންފެށުނެވެ. ވިސްނިވަރަކަށް ހިތަށް މާޔޫސްކަން ވެރިވަމުންދިޔައެވެ.

މަންމަމަތިން ހަނދާންވެގެން އަހަރެން ގުޅީމެވެ. އެންމެ ފަހަރަކު ރިންގުވާއިރަށް މަންމަ ފޯން ނެގިއެވެ. އަހަރެންނަށް ފެނުނު މަންޒަރުތައް މަންމައަށް ކިޔާދިނީމެވެ. އެއާއެކު މަންމަ ރޯއަޑުއިވުނެވެ. އަހަރެންގެ ހިތުގައިޖެހުނުކަމުގައިވިޔަސް ކެތްތެރިވީމެވެ. އަހަރެމެން ހަތަރު ކުދިންގެ ތެރެއިންވެސް މަންމަ އެންމެ ލޯބިވާނީ ދޮންބެދެކެއެވެ. އެކަން އެނގުނަސް ހިތުގައި ހަސަދަވެރިކަމެއްނުވެއެވެ. އަހަރުމެން ތިންބެއިންނަށްވެސް އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކިޔަވަން ފުރުސަތުލިބުނެވެ. ނަމަވެސް އެ ނަސީބު ނުލިބިހުރީ ދޮންބެއެވެ. އަހަރުމެންނަށްޓަކާ ދޮންބެވީ ޤުރުބާނީއަކީ އަހަރުމެން ތިންބެއިންގެ ހިތުންވެސް ފިލައިގެންދާނެ ކަމެއްނޫނެއެވެ. މަންމަވެސް އަބަދު ނަސޭހަތްދެނީ އެކަން ހަނދާންނައްތާނުލުމަށެވެ.

“ދަރިފުޅާ ތިކަން ޝުހާދުއަށް ދަރިފުޅުގެ ފަރާތުން އެނގުނަނުދެއްޗޭ… ” ހިތްވަރުކޮށްފައި މަންމަ ބުނެލިއެވެ. އަހަރެންވެސް އެނގިހުރެ ދޮންބެއަށް ހިތްދަތިކަމެއް ނުދޭނެކަން މަންމައަށް ޔަޤީންވާނެއެވެ. އިރުކޮޅެއްވަންދެން ވާހަކަ ދެއްކުމަށްފަހު މަންމަ ފޯން ބޭއްވިއެވެ. މަޑުމަޑުން އަހަރެން ހިގައިގަތީ ގެއަށްދިއުމަށެވެ. އެއާއެކު ހަޔާތުން މާޒީވެ ގޮސްފައިވާ އެކި ދުވަސްތައް ސިކުނޑީގައި އެނބުރެމުންދިޔައެވެ. އަހަރުމެން އެންމެން ކުޑައިރުގެ މަޖާ ދުވަސްތަކާއި އެކުގައި ހޭދަކޮށްފައިވާ އެކި ވަގުތުތަކެވެ. ބައްޕަގެ ވިޔާނުދާ އުޅުމާއި އަހަރެމެންނަށާއި މަންމައަށްކުރި އަނިޔާތަކެވެ. އަހަރެމެން ތިންބެއިންނާއި މަންމަގެ ދިޢާފުގައި ދޮންބެ ބައްޕައާއި ކުރިމަތިލާ ދުވަސްތަކެވެ. އެއީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ހަނދާންތަކެއްނޫނެވެ. އަދްހަމް އެވަގުތު ގުޅުންވީ އަހަރެންގެ ނަސީބަށެވެ. އެހެންނޫންނަމަ އަހަރެންގެ މާޔޫސްވެފައިވާ މޫނު ދޮންބެއަށް ފެންނާނެއެވެ.

” އެވަރަށް ބުނީމަވެސް އަހަރުމެން މަތިން ހަނދާން ނައްތާލީ ދޯ..” އާދައިގެމަތިން އަދްހަމްފެށިއެވެ.

” ތިމީހުން މަތިން މަ ހަނދާންނެތޭނެހެން ހީވޭތަ ސްވީޓް ހާރޓް..” ނުތަނަވަސްކަން ފިލުވާލުމަށް ގަދަކަމުން އަހަރެން ހީގަތީމެވެ. އަދްހަމްއާއި ވާހަކަދައްކަމުން އައިސް ގެއަށްވަނީމެވެ. އޭރު ނޫރުވެސް ހޭލައިގެން ގޭތެރޭގައި ދުވެ ދުވެ އުޅެއެވެ. ފޯން ބޭއްވުމާއެކު ނޫރު އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

“ޝިމްބެ ކޮންތާކަށް ދިޔައީ.. ” އެތުއްތު އަޑުއިވުމުންވެސް ހިތަށް ފިނިކަން ލިބިދެއެވެ.

” ހިނގާލަން ގޮސް މިއައީ..” ނޫރުގެ ލޯބި ކޯކޮޅުގައި ހިފާލަމުން އަހަރެން ބުނީމެވެ.

“ދެން ދުވަހަކުން ދާއިރު ނޫން ގެންދައްޗޭ އިނގޭ..” ނޫރު ބުނެލިގޮތުން އަހަރެންނަށް ހެވުނެވެ.

” ކޮބާތަ ޑެޑީ..” ނޫރު އުރާލަމުން ގޭތެރެއަށް ބަލާލީމެވެ.

” ފެންވަރަނީ.. ޑެޑީއާއެކީ މިއަދު ސުކޫލަށް ދަނީ..” ވަރަށް އުފާވެފައި ނޫރުބުނެލިއެވެ. ދޮންބެމެން ދެމަފިރިން ވަކިވެއްޖެނަމަ އެމައުސޫމު ތުއްތު ކުއްޖާއަށް ހާދަ އަސަރެއްކުރާނެއެވެ. އެހިޔާލު ހިތަށްވެރިވުމުން އަހަރެންގެ ދެލޯފުރުނެވެ. ނޫރު ބަހައްޓާފައި އަވަހަށް ކޮޓަރިއަށްވަނީމެވެ. ފެންވަރާލައިގެން ތައްޔާރުވެލައިގެން ނިކުތްއިރު ދޮންބެ ނޫރު ގޮވައިގެން އުޅެއެވެ.

“ޝިމާލް ނައިސްގެން ދޮންބެ މިއިނީ.. ހިނގާ އަވަހަށް ސައިބޯން..” އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ދޮންބެ ވަނީ ކާކޮޓަރިއަށެވެ.

“ޝިމްބެ ކީއްވެ ޑެޑީއަށް ދޮންބެ ކިޔަނީ.. އެއީ ޝިމްބެގެވެސް ޑެޑީއެއްނު..” ނޫރުގެ މައުސޫމު ސުވާލުން ދޮންބެ ހޭންފެށިއެވެ.

” ހޫމް ޝިމްބެގެވެސް ޑެޑީއޭއެއީ..” ހިނިގަނޑު އޮއްބާލަމުން ބުނެލީމެވެ.

“ހާދަ އަވަހަށް ތިދަނީ މިއަދު؟” ދޮންބެ އެހިއެވެ.

” ސީޕީ އަންނާތީ ވަރަށް ބިޒީ މިހާރު..” އަވަހަށް ކާލައިގެން އަހަރެން ނިކުތީމެވެ. ތެދެކެވެ. އަދި ގަޑި ޖެހެން ބައި ގަޑިއިރު އެބައޮތެވެ. ނަމަވެސް ގޭގައިހުރެގެން ވިސްނާކަން އަހަރެން ބޭނުމެއް ނޫނެވެ. މަސައްކަތައިގެން ކުރިއަށް ދިޔައިރުވެސް އެތައް ހިޔާލުތަކެއް ސިކުނޑިއަށްވެރިވަމުންދިޔައެވެ. އެތައްފަހަރަކު އަދްހަމްއަށް ގުޅަންވެސް ހިތަށްއެރިއެވެ. ނަމަވެސް އޭނަވެސް ބިޒީވެދާނެއެވެ. ހިޔާލުތަކުން ދުރަށް އައިސް މަސައްކަތުގެ ތެރެއަށް ވަދެވުނީ ވަރަށް މަސައްކަތުންނެވެ.

“ޝިމާލް އައި އެމް ސޮރީ..” މިއުވާން އައިސް މާފަށް އެދުނެވެ.

” އިޓްސް އޯކޭ.. މަ ބައެއްފަހަރު ވަރަށް ރުޅިގަދަވާނެ..” ކުޑައިރު ދިމާވެފައިވާ ހާދިސާތަކުގެ ސަބަބުން އަވަހަށް ރުޅިއައުމަކީ އަހަރެންގެ އާދައެކެވެ.

“އެހެންވީއިރު ހިނގާ ކޮފީއަކަށް..” މިއުވާން އެދުނެވެ. އޯކޭ އޭ ބުނެލަމުން އަހަރެން އޭނަގެ ފަހަތުން ހިގައިގަތީމެވެ. ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން ކޮފީގައި ގިނަވަގުތު ތިބެވޭކަށް ނެތެވެ. އެހެންކަމުން އަވަސްކޮށްލައިގެން ނިކުތްތަނާ އަންހެންކުއްޖެއްގެ ގައިގާޖެހި އެކުއްޖާގެ އަތުގައި އޮތް ޕާރސް ވެއްޓިއްޖެއެވެ.

“ސޮރީ..” ޕާރސް ނަގާ އެކުއްޖާގެ އަތަށް ދެމުން އަހަރެންބުނީމެވެ.

“އޯކޭ..” ހިނިތުންވެލަމުން އެކުއްޖާ އެތެރެއަށްވަނެއެވެ. އެއީ ހަމަގައިމުވެސް މީގެކުރިން އަހަރެން ދުށްކުއްޖެއްނޫނެވެ.

“އޭތް ހިނގާ އަވަހަށް..” ބިލް ދައްކާފައި އައި މިއުވާން އަހަރެންގެ ކޮޑުގައި ޖަހާލަމުން ބުނެލިއެވެ. އަހަރެން އެކުއްޖާގެ ވާހަކަ މިއުވާން ގާތު އެހީމެވެ. ނަމަވެސް އޭނަވެސް ދަންނަ ކުއްޖަކަށްނުވިއެވެ.

އާދައިގެ މަތިން ދުވަސް ނިމިގެން ދިޔައީ މަސައްކަތުގެތެރޭގައެވެ. އަންނަން ހަމަޖެހިފައި އޮތް ޓީމްގެ ބައެއް ބައިވެރިން ދަތުރުގައި ބައިވެރިނުވާތީ ކުރިން ނަގާފައި ހުރި ކޮޓަރިތައް ދޫކޮށްލަންޖެހުނެވެ. ޝާޔަންމެންގެއިން ނެގި ކޮޓަރިވެސް ދޫކޮށްލީ ސްޓޭޝަނާއި ދުރުވުމުންނެވެ. މިއުވާން އެކަމާ ދިމާކުރަމުންދިޔައެވެ. ހަމައެކަނި ހިނިތުންވެލުމަކުން އަހަރެން ފުއްދާލީމެވެ.

 

ޖެހިގެން އައި ހަފްތާވީ އަވަދިނެތި އުޅެންޖެހުނު ހަފްތާއަކަށެވެ. ރަށަށް ޒިޔާރަތްކުރި ޓީމާއެކު މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންދަންޖެހުނެވެ. ބައްދަލުވުންތަކުގެ ސަބަބުން އެހެނިހެން ހިޔާލުތަކާއި ދުރަށް ދެވި މަސައްކަތަށް ޝައުޤުވެރިވުނެވެ. ބައްދަލުވުންތައް ނިމި ޓީމުގެ ބައިވެރިންތައް ފުރުމުން ބޮލަށް ލުއިވިކަހަލައެވެ. ފާއިތުވި ހަފްތާތެރޭ އެއްގޮތަކަށް ގެއަށް ނުދަމޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހެންކަމުން އަހަރެން ބެލީ އަވަހަށް ގެއަށްދެވޭތޯއެވެ. ސައިކަލުގައި އިން އިރުވެސް ގެއަށްގޮސް އަވަހަށް ފެންވަރާލައިގެން އެނދުގައި ޖައްސާލުމުންވާނެ އަރާމު ހިތަށް ސިފަވަމުންދިޔައެވެ. ގެކައިރީ ސައިކަލު ބެހެއްޓުމަށްފަހު އަވަސް ފިޔަވަޅުތަކެއް އަޅަމުން އެތެރެއަށްވަނީމެވެ.

“ޝިމާލް މިތާ އިށީނދެބަލަ..” ދޮންބެގެ އަޑު އިވުނީ ސޯފާފަސްދީ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު ވަގުތުކަމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ވެފައިހުރި ވަރުބަލިކަމުގެ މަތިން ހަނދާންނެތުނީ ދޮންބެދައްކަން އުޅޭ ވާހަކައެއް ނޭންގޭތީއެވެ. އޭރުވެސް ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ދޮންބެ އަހަރެން ގާތު އެވާހަކަ އަހައިފިއްޔާ އަހަރެންނަށް ދޮގެއް ނުބުނޭވެއެވެ. އެކަމަކު ހަޤީޤަތް ހާމަ ކުރިޔަސް ދޮންބެގެ ހިތް ފުޑު ފުޑުވާނެއެވެ. ދުނިޔޭގެ އެންމެންނަށް އޮޅުވާލެވުނަސް ދޮންބެއަށް ކަމެއް އޮޅުވާލުމަކީ އަހަރެންނަށް ހަމަޤައިމުވެސް ވާނެކަމެއްނޫނެވެ. ޔާﷲ މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

“ކީއްވެފަ ކޮޅަށް ތިހިރީ މިތާ އިށީނދެބަލަ..” ދެވަނަ ފަހަރަށް އެހެންބުނުމުން އަހަރެން ސޯފާގައި އިށީނީމެވެ.

(ނުނިމޭ)

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mysterious Angel

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 17..

Next

އެކުގަ ނިމިގެން ދިޔުން ބޭނުމޭ..(5)

Next
February 27, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ..(5)

Previews
February 26, 2016

ކުރަމުން ތިދާހާ ގޯނާ 17..

13 Comments

  1. Mysterious Angel says:
    February 26, 2016 at 8:57 pm

    ހުރިހާ ކުދިންވެސް ވާހަކަ ކިޔުމަށްފަހު އިސްލާހުކުރަންޖެހޭ ކަމެއް އޮތިއްޔާ ބުނެލުން އެދެން.. ކިޔުންތެރިންގެ ފާޑު ކިޔުމަކީ އެންޖެލްއަށް މިރޮނގުން ކުރިއަށް ދިއުމަށް ހިތްވަރެއް.. 🙂

  2. twnkl str says:
    February 26, 2016 at 9:25 pm

    Nyc☺

  3. Ma says:
    February 26, 2016 at 10:13 pm

    Ok maa lahy gennaleh ehbai thi genesdheny anehbai hadhaan netheyha dhuvahun…vaahaka salhi…massalaaky lahun up vaathy…

    1. Mysterious Angel says:
      February 26, 2016 at 11:16 pm

      ހަފްތާއަކު އެއްފަހަރު ބައެއް ގެނެސްދެނީމި.. މަސައްކަތްކުރަން އެއަށްވުރެ އަވަހަށް ގެނެސްދެވޭތޯ

  4. Emyy says:
    February 27, 2016 at 2:37 am

    Reeethi mi prt … Hope den huri prt thaves mihaa reethi vaane kamah… N avhah up khdhei chey

  5. bodu kameh says:
    February 27, 2016 at 4:58 am

    plx avas???

  6. bodu kameh says:
    February 27, 2016 at 4:58 am

    plx avas???

  7. reader says:
    February 27, 2016 at 10:49 am

    Avahah up nukureveythy massla akee first part kiyaaha handhaan netheema anekka first part ess kiyan e jehuneemm btw story nice. 🙁 🙂

  8. nash says:
    February 28, 2016 at 9:54 am

    Part 1 2 3 migothah fashairu liyun varah edhen…Dhen nimeybaige last line aneh baifashaa iru liyuh ves

  9. Nunnu says:
    March 1, 2016 at 12:39 am

    kiyaa hithun indha mi prt vs nimuny
    Nxt prt vs avahaa up kohdhy

  10. GuDuMeena says:
    March 18, 2016 at 11:59 am

    V.asarugadha.. v.touching.. Gudu ge life ai vx v.gulhey mi story.. baeh than thanun maazy handhaanve v.asaru kuruvaa.. v.furihama sifakurun thah.. plus character build koffa iny v.furihamayah.. midhiya part ga Shimaal coffee ga indhefa kulliyakah ai thaaakun thaaku nujehey rulhi gandu mi part kiyaaleema justify vey.. v.salhi foreshadow eh eiy.. v.molhu.. <3 Weekly once ves Gudu ah OK dhigukoh genesdhenyaa.. anyways continuous koh liye ninmaalaane kamah unmeedhukuran.. I knw its a hell of a job.. assu writer eh kuraa bura masakkathaai heydhakuraa vaguthu konme konme meehakah ihsaas ves nukureveyne.. you are doing a great job Angel.

    1. Mysterious Angel says:
      March 21, 2016 at 12:08 pm

      ވަރަށް އުފާވެއްޖެ ގުދުމީނާއަށް ވާހަކަ ކަމުދިޔައީމަ.. ވާހަކަލިޔާމީހަކަށް އިހްސާސްކުރެވޭނީ ލިޔުންތެރިންގެ ހާލަތު.. އެކަމަށް ހޭދަވާ ވަގުތާއި ހުށައަޅާނެ ގޮތަކާއި.. އަމިއްލަ ދިރިއުޅުމުގެ
      ކަންތައްތަކަށް ވަގުތުދެމުން ވާހަކަ ލިޔުމަށް ވަގުތުހުސްކުރުމަކީ އެހާ ފަސޭހަކަމެއްނޫން..

  11. Asurumaa says:
    May 1, 2016 at 4:40 pm

    Angel writing mistakes hurey but story vaah reethi

Comments are closed.

All Right Reserved!