ތި ސޫރަ ނޫން 36
* “ދަ ވޭވްސް އެންޑް ޔޫ..” އެތަންކޮޅު ކިޔާލާފައި މިޝަލް ލޯހަނިކޮށްލިއެވެ. އެއާއެކު ކޭސްގެ ރީތި ލަވައެއް ހިއްސާކޮށްފައިވެއެވެ. މިޝަލް އަދި ރަނގަޅަށް ބަލާލުމާއެކު ދުވަހަކާއި ގަޑިއެއް ލިޔެލާފައި ވާތަން ފެނުނެވެ. ވަރަށް ރަނގަޅަށް ބަލައިގެން ނޫނީ ފާހަގަ ނުވާހާ އިބާރާތްކޮޅު ސައިޒުން ކުޑައެވެ. މާދަމާ ފަހެއް ޖަހާއިރެވެ. ހިތާހިތުން މިޝަލް ސިކުނޑީގައި އެކަން ނޯޓްކޮށްލިއެވެ. މާދަމާ އެ އަންހެންކުއްޖަކީ ކާކުކަން އޭނާ ހޯދާނެއެވެ. ޝަފްވާން ވެސް ސިއްރުން އުޅޭވަރުން އެކުއްޖެއްގެ އެންމެ ފޮޓޯއެއްހާ ހިސާބު ވެސް އޭނާއަށް ނުފެނެއެވެ. މިހާރު ކޮފީ ބޯން ވެސް ޝަފްވާން އަންނަލެއް މަދުކަމުން އެދެމެދުގައިވީ ގުޅުން ކުރިއަށް ގެންދާނެ ގޮތެއް ނެތެވެ. މާބޮޑު ކުރިއެރުމެއް ނުލިބޭތީ މިޝަލް ވަނީ އެކަން ކުރުން މަދުކޮށްފައެވެ. *
*************
ރީއަލް އެއްޗެހި ޕެކްކުރަމުން ދިޔައިރު ކިއަނާ އޭނާއަށް އެހީވާން ގާތުގައި އިނެވެ. ބޭރުގައި ހިއްކަން އަޅާފައިވާ ބައެއް އަންނައުނުތައް ހިފައިގެން މިޝްލާ އައެވެ.
“ހާދަ އަވަހަކަށް ފުރަން ތި އުޅެނީ..” މިޝްލާ ބުނެލިއެވެ. ލޯންޗު ފުރަން އޮތީ ދެދުވަސް ފަހުންނެވެ. ރީއަލް ދެއަތް އުނގުޅާލަމުން ހީނލިއެވެ.
“އަވަހަށް ތައްޔާރުވީމަ ފަސޭހައެއްނޫންތަ ދޯ ކިއާން..؟” ކިއަނާއަށް ދޯ ދެމުން ރީއަލް ބުނެލިއެވެ. ކިއަނާ އާނއެކޭ ބުނި ނަމަވެސް އޭނަޔަށް ވެސް ރީއަލް ގަޔަށް ހިނިއަރައިގެން އުޅޭ ސަބަބު ނޭނގޭ ކަމަށް ބުންޏެވެ. މިޝްލާއަށް ހެވުމާއެކު ކިއަނާ ވެސް ހިނިގަނޑެއް ޖަހާލިއެވެ. ނަވާލް އައިސް އެތެރެއަށް ބޯ ދިއްކޮށްލީ އެންމެން ސަކަރާތް ޖަހާ އަޑު އިވިގެންނެވެ. އޭނާ ބާކީނުވާންވެގެންނެވެ. ރީއަލް އެތެރެއަށް އަންނަން ބުނުމާއެކު ނަވާލް އައިސް އިށީނެވެ. އަދި ދިމާވެއްޖެނަމަ ޔައުލާނާއި ޒާމިންމެންނަށް ގަދަޔަށް ސަލާމް ބުނުމަށް އެދުނެވެ.
“މިއްތަ.. މިބުނީ މަންމަ ހަދާނަން މާދަމާ ކުޅިކާޖާ އަލީސާދައްތަމެންނަށް ފޮނުވަން. ވަރަށް މީރުވާނެ. އެހެންވެ ކަންނޭނގެ ޔުއެލް ވެސް ކުޅިކާޖާއަށް މާ ފޯރި ހުންނަނީ.. ކުޑައިރު ލީން އަތުން ދަޅު އަތުލައިގެން ހުސްކޮށްލާނެ އެކަނިމާއެކަނި.. އެހެންވެ ފަހުން ޔުއެލްއަށް ވަކިން ގިނައިން ހަދަން..” އެހިސާބަށް ބުނެވުނުތަނާ މިޝްލާ ކުއްލިއަކަށް ހުއްޓާލިއެވެ.
ރީއަލް މަންމަގެ މޫނަށް ބަލާލިއެވެ. އެއީ މައްސަލައެއް ނޫންކަން ބުނެދޭންވެގެންނެވެ. މިލީންގެ ވާހަކަތަކުން އެމީހުން ދެރަނުކުރަން މިޝްލާ މިލީންގެ ވާހަކަތައް ދެއްކުމުން މަނާވެގެންނާތީއެވެ. މިލީންގެ މަރުގެ ޚަބަރު ލިބުމުން އޭނާއަށް ވެސް ނުހަނު ބޮޑަށް އަސަރުކުރިއެވެ. ތަންކޮޅެއް ކުޑައިރު އޭނާއަށް ހުވަފެނުގައި މަންމައާއެކު މިއަލްގެ އިތުރަށް ކުޑަ އަންހެން ކުއްޖެއް ފެނެއެވެ. މިއަލްގެ ތަތްގަނޑެއް ފަދަ ކުއްޖެކެވެ. ސަފީނާ އޭނާ ކުރާ ސުވާލުތަކަށް ޖަވާބު ނުދޭތީ އޭނާ ފަހުން އެކަމާ ބެހޭގޮތުން ސުވާލެއް ނުއުފައްދަައެވެ. ހުވަފެނަކީ ބިލާހަކަށް ވާތީއެވެ. ނުހަނު އަވަހަށް އެކަން ހަނދާނުން ދާން ފެށީ އެ ހުވަފެން ނުފެންނަން ފެށިފަހުންނެވެ. ނަމަވެސް ޔައުލާން އައި ފަހުން އޭނާއަށް އޭރު ފެނުނީ ހަގީގަތެއް އެކުލެވޭ ހުވަފެނެއްކަން ވަނީ ފަޅާއަރާފައެވެ. ދެރައީ ބައްދަލުވުމުގެ ފުރުސަތެއް ނުލިބެނީސް މިލީން ވަކިވެދިޔުމުންނެވެ.
“ލީންގެ ވާހަކަ ދެއްކިޔަސް މަނާކުރާނެ އެކަކުވެސް މިގެއަކު ނޫޅޭނެ.. މިޝްލާއަށް އުނދަގޫ ކަމަކަށް ނުވަންޏާ އަހަރެމެންނަށް އެއްވެސް މައްސަލައެއް ނެތް.. އެ ވާހަކަތައް އިވުމުން މިހާރު އުފާވެރިކަން ލިބޭ.. ލީން އާއި ބެހޭގޮތުން އިތުރަށް އެނގި ދަސްކުރަން އަހަރެމެން މިތިބީ ތައްޔާރަށް..” މިޝްލާ ހަމަޖައްސައިދިނުމުގެ ގޮތުން ނަވާލް ބުނެލިއެވެ. އެވާހަކަތަކަށް ރީއަލްއަށްވުރެ ކުރިން ކިއަނާ އެއްބަސްވިއެވެ. މިޝްލާ ކުޑަކޮށް ހީނލިއެވެ. އަދި ކުޅިކާޖާ ދަޅަށް އެކުދިން ތަޅާފޮޅާ އުޅުނު ގޮތް ކިޔައިދޭންފެށިއެވެ. ދުރު ބަލަހައްޓައިގެން އިނދެ އެ ވާހަކަ ކިޔާދެމުން ދިޔައިރު ހިތްދަަތިކަން އެމޫނުން ފާޅުވިޔަސް ހިތްހަމަޖެހުމެއް ވެސް ފެންނަމުން ދިޔައެވެ.
އިރުކޮޅަކު ތިބުމަށްފަހު މިޝްލާ އާއި ނަވާލް ދިޔުމުން ކިއަނާ އާއި ރީއަލް އެކަނިވިއެވެ. ރީއަލްގެ ދެއަތުގައި ހިފާބާރުކޮށްލަމުން ކިއަނާ އޭނާ ހަމައަސްލަށްވެސް ދަނީތޯ އެއްސެވެ.
“އާނ ދަނީ… ދެން ހަމަ… މި އަނޭ…. ޔުއެލްއަށް ވިޒިޓް ކޮށްލަން ދަނީ.. ބަންދު ދެދުވަސް ލިބޭތީ..” ފާޑަކަށް އަޅައިގަންނަމުން ރީއަލް ޖަވާބުދިނެވެ. “އެލް ވެސް ފެންނާނެއެއްނު..؟ ގޮސްފަ ކިއާންއަށް ގުޅާނަން އިނގޭ.. ވަރަށް މިސްވާނެ..” ލޯބިން ކިއަނާގެ ކޮލުގައި ހިފާލަމުން ރީއަލް ބުންޏެވެ. ކިއަނާ ވެސް އޭނާ ވަރަށް ހަނދާންވާނެކަމަށް ބުނެލިއެވެ.
ކިއަނާ ނިކުމެ ދިޔުމުން ރީއަލް ޕެކްކޮށް ނިންމާލަން އަވަހަށް މަސައްކަތް ފެށިއެވެ. ފޮށިގަނޑަކަށް އެއްޗެހި އަޅާ ޓޭޕް އަޅަމުން އަތް މަޑުޖައްސާނުލެވިގެން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ. ފޯނަށް އަރާފައި އޮތް ނަން ފެނި ރީއަލް ކުރަން ހުރި މަސައްކަތް ވެސް ދޫކޮށްލާފައި ފޯނު ނެގީ ނުހަނު އަވަހަށެވެ. އޭރު އޭނާގެ ތުންފަތްމަތީ ބޮޑު ހިނިތުންވުމެއް ދުވެލާފައިވިއެވެ.
************
ހިނގާލަން ދިޔުމުގެ ނަމުގައި މިޝަލްއަށް ގެއިން ނިކުމެވުނީ ފަސްގަޑި ސާޅީސްފަހެއްގައެވެ. އަވަހަށް ދާން ބޭނުންވިޔަސް މިމްރާހު ދިން ގަޑިއަކީ އެޔެވެ. މިހާރު އޭނާގެ މިނިވަންކަން ވެސް އޮންނަނީ މިމްރާހުގެ އަތްމަތީގައެވެ. ވަޒީފާއަށް ދާން ނޫންގޮތަކަށް މިމްރާހަށް އަންގާފައި ނޫނީ މިހާރު ނުދެވެއެވެ. މިޝަލްއަށް ނުފެންނާނެހެން މިމްރާހު ހުންނާނެ ކަމާއި ނުރައްކަލެއް އޮތްނަމަ އޭނާ މިޝަލް ސަލާމަތްކޮށްދޭނެ ވާހަކަ ބުނުމުން މިޝަލްއަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ. އަޅި ހުޑީއަކާއި ކަކޫ ފޮރުވޭ ވަރުގެ ސޯޓެއް ލައިގެން ހަމަ އެކުލައިގެ ތޮތްޕެއް އަޅައިގެން ހުރިއިރު މިޝަލް ނުހަނު ރީއްޗެވެ. ދެލޯ އަވިއައިނަކުން ފޮރުވާލައިގެން މާސްކުއަޅައިގެން ދިޔަ މިޝަލްގެ މިސްރާބުހުރީ އަތިރި މައްޗަށެވެ.
ކޮލެޖް ނިންމާފައި މިއަދުވެސް ޝަފްވާނާއެކު މިއަލް އިނީ އަތިރިމައްޗަށް ގޮހެވެ. ޝޯ ނިންމާލާފައި ކުރިން ދުވަހުވެސް އިން ގޮނޑީގައި ދެމީހުން އިށީނދެގެން އިނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. ޝަފްވާން ތެރަޕީ ނެގުމާއި މިއަލްގެ ކޮލެޖް ހަޔާތުގެ ގިނަ ވާހަކަތަކެއް އެދެމެދުގައި ދެކެވުނެވެ. އިރުއޮއްސޭއަތަށް އެޅުމުން އިރުއޮއްސޭ މަންޒަރާއެކު ޝަފްވާން މިއަލްގެ ފޮޓޯ ނަގައިދިނެވެ. މޫދާއި ވެލިގަނޑަށް ރަން ކުލައެއް އަރާފައި އޮތުމުން ނުހަނު ނަލައެވެ. މިއަލް އެ ފޮޓޯތައް އޭނާގެ ފޯނަށް ފޮނުވިއެވެ. އަދި އޭނާއަށް އެނގުނުގޮތަކަށް ޝަފްވާންގެ ފޮޓޯ ވެސް ނަގައިދިނެވެ.
އެ ހިސާބަށް ރަނގަޅަށް ނުދެވެނީސް މިޝަލްއަށް ބޮޑު ގަލެއް މަތީ ކޮޅަށް ހުރި ޝަފްވާން ފެނުނެވެ. ހުދު ގަމީހަކާއި ޖިންސެއް ލައިގެންހުރި ޝަފްވާން ފެނި މިޝަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު ސްކޭނެއް ކޮށްލި ފަދައިން އޭނަ މުޅި ސަރަހައްދު ދިރާސާ ކޮށްލިއެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. އެހެނަސް އެކަން ދޮގުވެގެން ދިޔައީ ގޮނޑުދޮށުން އަރައިގެން މިއަލް އައުމުންނެވެ. މިޝަލް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭނާ އެހިސާބަށް ގޮސް މަޑުކޮށްލީ އޭނާއަކީ ވެސް އެ ރީތި މަންޒަރުގެ ފޮޓޯއެއް ނަގަން އުޅޭ އާންމު ރައްޔިތެއް ކަމަށް ހެދިގެންނެވެ.
ދެމީހުން އެއްކޮށް ފޮޓޯއެއް ނަގާފައި ސެލްފީއެއް ނެގުމަށް ޝަފްވާނާއި މިއަލް އެނބުރުނެވެ.
މިޝަލްއަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ޖެހި ހެންނެވެ. ކުރިމަތީ ފެންނަން ހުރީ… އޭނާ ހެއްޔެވެ.؟ ނޫނެކެވެ. މިޝަލްގެ ދެލޮލަށް ކަރުނަތައް ގިނަވީ މިއަލް ފެނުމުން ކަމެއް ނުވަތަ މިއަލްއާއި ޝަފްވާން އެކުގައި ހުރުމުން ކަމެއް ނޭނގުނެވެ.
މިއަލްގެ މޫނަށް ނުހަނު ފުންކޮށް މިޝަލް ބަލާލިއެވެ. ހަމަ އެ މޫނެވެ. އެ ސޫރައެވެ. ހަމައެކަނި އޭނާގެ އިސްތަށިގަނޑަށްވުރެ މިއަލްގެ އިސްތަށިގަނޑު މާ ރާޅުބާނިކަމެވެ. އޭނައަށްވުރެ ތަންކޮޅެއް އިސްކޮޅުން ކުރުހެން ވެސް ހީވެއެވެ. މިއަލް ފެނިފައި އެއީ އޭނާގެ ކޮއްކޮކަން ދެނެގަންނަން މިޝަލްއަށް އެންމެ ދެ ސިކުންތުވެސް ނުނެގިއެވެ. ހިތް އެދިމާލަށް ދުއްވައިގަންނަން އުޅޭހެން ހީވީ އޭނާއަށް ކުރިއަށް އެއް ފިޔަވަޅު އެޅުމުންނެވެ. އިޚްތިޔާރުން ބޭރުގައެވެ. ހަމައެއާއެކު މިޝަލް އަމިއްލަ ނަފްސު ހުއްޓުވިއެވެ. އަދި ކަރުނަވީ ދެލޮލަކުން މިއަލްގެ މޫނަށް ބަލާލިއެވެ.
ޝަފްވާން މާވަރަކުން މިއަލްއާހެދި އުޅެނީ އޭނަޔާ ވައްތަރުވީމަ ހެއްޔެވެ.؟ އެހެންވެއްޖެނަމަ މުޅިން އާ މީހަކަށްވެ އޭނާ ސިފަ ބަދަލު ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ.؟ މިޝަލްގެ ސުވާލުތައް ގިނަވިއެވެ. ބޯހާސްވިއެވެ. ޝަފްވާންގެ ދެލޮލުން ލޯބި ނޫން އެއްޗެއް މިޝަލްއަކަށް ނުފެނުނެވެ. އެ ރީތި ހިނިތުންވުމާއެކު މިއަލްއަށް ބަލާލާ ކޮންމެފަހަރަކު އޭނާއަށް ސިފަވަނީ ޝަފްވާން މިއަލް ބޭނުންވާވަރެވެ. ގަދަކަމުން ހިންދިރުވާލެވުމާއެކު އޭނާއަށް ހީވީ ހިތި ބޭހެއް ބޮވުނުހެންނެވެ.
އެއްކޮޅުން އޭނަ މިހުރިހާ ދުވަހަކު ހޯދި ކޮއްކޮއެވެ. އަނެއްކޮޅުން އޭނާގެ ލޯތްބެވެ. ބޮލަށް ތަދުވެ ހޮޑުލަވާހެން ހީވުމުން މިޝަލް ޚިޔާރުކުރީ އެނބުރި ގެއަށް ދިޔުމެވެ. މިކަމާމެދު ތަންކޮޅެއް ފުންކޮށް ވިސްނާލާނެ ވަގުތު އޭނަ ބޭނުމެވެ. އިސްއޮބާލައިގެން މިޝަލް ހިނގައިގަތީ މޮޅިވެރިކަމާއެކުއެވެ. މިވީ ކިހިނެތްހެއްޔެވެ.؟
“އަންނަ ހަފްތާގައި ފެށޭނެ.. ހޮސްޕިޓަލަށް ދާން ޖެހެނީ.. އައިވް ނެވަރ ބީން ދެއަރ.. އެޕޮއިންޓްމެންޓް ހަމަޖެހިފައި އޮތް ދުވަހު ދަންތަ ޝަފްވާން އާއެކީ..؟” މިއަލް ހުށަހެޅިއެވެ. ޝަފްވާންގެ ތެރަޕީ ހަމަޖެހިގެން ދިޔައީ ހީކުރިވަރަށްވުރެ އަވަހަށެވެ. ޝަފްވާން ބޯޖަހާލިއެވެ. އެގޮތް އޭނާއަށް މާ ރަނގަޅުކަމަށް ބުނަމުންނެވެ.
*************
ޔައުލާން ހުރީ ބަނދަރުދޮށުގައެވެ. ލޯންޗުން މީހުންގަނޑު ފައިބައިގަތެވެ. އެންމެ ފަހުން ފޭބި މީހުންގެ ތެރޭ ރީއަލް ހިމެނުނެވެ. ލަގޭޖާއި ގެނައި ދެ ފޮށިގަނޑު ހޯދަން ހުއްޓާ ޔައުލާން އައިސް ރީއަލްގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ.
“ކިހިނެތްތަ މޭން ހާދަ ދުވަހެއް ކޮށްލާފައޭ މި ފެނުނީ..!” ޔައުލާން ހުރީ އުފަލުންނެވެ. އެކުވެރިޔާ މިކޮޅަށް ޒިޔާރާތް ކޮށްލީތީއެވެ.
މަޑުކޮށްބަލާށެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނާއަށް މިލީން ލިބިއްޖެނަމަ އޭނާ ވާނީ ރީއަލްގެ ޅިޔަނަކަށް ނޫން ހެއްޔެވެ.؟ އެ އާއިލާ މީހަކަށް ނޫން ހެއްޔެވެ.؟ ކުއްލިއަކަށް އެހެން ހިތަށް އެރުމުން ޔައުލާން ގާތަށް ހިނިއައެވެ. އެހެންނަމަވެސް އެ ހިނިތުންވުން ފޮހެވިގެން ދިޔައީ އެއީ ވާނެކަމެއް ނޫންކަން ހަނދާންވުމުންނެވެ.
“އާނއެކޭ.. އޭ އަސްލު އެބަ އޮތޭ ޔުއެލްއާއި ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ..” ރީއަލްގެ އަޑުގައިވީ ނުތަނަވަސްކަމެވެ. އެހެނަސް ހިނިތުންވުމެއްވިއެވެ.
“އޭ ޖިންކްސް.. މަ ވެސް އެބައޮތް ވަރަށްށްށް ބޮޑު ވާހަކައެއް ދައްކަންވެފަ..” ޔައުލާން ވެސް ބުނެލިއެވެ. އެއީ އެކަމަކަށް ޓަކައި ޔައުލާން ދުވަސްތަކެއް ކުރިން ވިސްނަމުން އައި ކަމެކެވެ. ރީއަލް އާއި އެ ވާހަކަ ދައްކަން އޭނާ ނިންމާފައިވަނީ އެރަށަށް ދިޔުމަށެވެ. ނަމަވެސް ކަންދިމާކުރިގޮތުން ރީއަލް މިއައީ މިކޮޅަށެވެ.
“ތޭންކްސް ފޯ ލެޓިންގ މީ ސްޓޭ އެޓް ޔޯ ޕްލޭސް..” ހިނގައިގަންނަމުން ރީއަލް ޝުކުރުއަދާކުރިއެވެ. ޔައުލާން އަނގަޔަށް ވައްތަރެއް ޖައްސާލީ ތީ ވެސް ބުނަންޖެހޭ އެއްޗެއް ހެއްޔޭ އަހާލާ ފަދައިންނެވެ.
“ނޯ ވޮރީޒް މޭން.. ހިނގާ ގެއަށް ގޮސް ކައިގެން ވާހަކަ ދައްކަން.. ވަރުބަލިއްޔާ އޯކޭ އަރާމު ކޮށްލިޔަސް ވެސް.. ފަހުން ވެސް ވާހަކަ ދެއްކިދާނެ..” ކާރަށް އަރާ ސްޓާޓް ކޮށްލަމުން ޔައުލާން ބުނެލިއެވެ.
*************
މިއީ މިއަލް ހޮސްޕިޓަލް ޑިއުޓީތަކަށް ދާން ފެށިފަހުން ތިންވަނަ ދުވަހެވެ. ފުރަތަމަކޮޅު ނުތަނަވަސްވެ ހާސްވިޔަސް އެކަން ކޮންމެވެސް ވަރަކަށް ފިލާ ގޮސްފިއެވެ. އަމިއްލަ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކޮށް ކުރަންވީ ކަންތައްތައް އަވަހަށް ދަސްކުރުން ވެގެން ދިޔައީ ކުދިންނާއި މުދައްރިސުންގެ މެދުގައި މިއަލް ފާހަގަވެގެންދިޔަ ސަބަބަކަށެވެ.
މުސްކުޅި ޕޭޝަންޓަކަށް ފާހާނާއަށް ދިޔުމަށް އެހީތެރިވެދީފައި މިއަލް ދިޔައީ ކައުންޓަރަށެވެ. އެތަނުގައި ވެސް ނިންމަންޖެހޭ ދެތިން ކަމެއް ނިންމާލުމަށްފަހު މިއަލް ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. ދިޔަ މަގުމަތީގައި ގިޓާކުޅޭ އަޑު އިވުނުހެން ހީވެގެން މިއަލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަދި އަޑު އަންނަނީ ކޮން ދިމާއަކުންތޯ ހޯދާލީ މީހަކު ފެންނަން ނެތުމުންނެވެ. އަޑު އަންނަހެން ހީވާ ދިމާއަށް މިއަލް ފިޔަވަޅުތައް ބެހެއްޓީ ހިތުގައި އުފެދުނު ޝައުގުވެރިކަމާ ހުރެއެވެ.
އަޑު އަންނަމުން ދިޔައީ ހޮސްޕިޓަލްގެ ހިޔާކޮށްފައިވާ ‘އައުޓް ޑޯ ސްޕޭސް’ އިންނެވެ. ތަފާތު ގަސްގަހާއި މާމެލާމެލިން ޒީނަތްތެރިވެފައިވާ މާހައުލެކެވެ. މަސްފެންގަނޑެއް އޮތްއިރު ތަފާތުވައްތަރުގެ މަސް އޭގައި ދުވަމުން ދިޔައެވެ. ފެހިކަންފަދަ ވިނަގަނޑުމަތީގައި ބެންޗް ޖަހާލާފައިވާއިރު ހިނގޭނެހެން ވެސް މަގެއް ހަދާލާފައިވެއެވެ. އިރުގެ ދޯދިތައް މަތީގައި ދަމާލާފައިވާ ތުނި ސަތަރީގެ ތެރެއިން ފޭދިގެން އެޅިފައިވެއެވެ. އެތަނުގައި ހިޔާދޭ ގަހެއްގެ ދަށުގައި ސްޓޫލްއެއްގައި އިށީނދެގެން އިނީ ޝަފްވާން ނޫން ދެވަނަ މީހެއް ނޫނެވެ.
ކަޅު ޓީޝާޓަކާއި އާރމީގްރީން ކާރގޯޕޭންޓްސްއެއް ލައިގެން އިން ޝަފްވާން ލުއި ރާގެއް ގިޓާއިން އަޅުވާލައިގެން އިނެވެ. އެއްލަވަ ނިމުމުން އަނެއް ލަވަ ފަށަނީއެވެ. ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އޭނާގެ މޫނަށް އަވި އެޅިފައިވާތީ ނޫކުލައިގެ ރީތި ދެލޯ އިހުނަށްވުރެ ބޮޑަށް ފާޅުވެފައި ހުއްޓެވެ. ތުންފަތުގައި ނުހަނު ރީތި ހިނިތުންވުމެއް ދުވެލާފައިވާއިރު މިއީ އޭނާގެ އުފާވެރި ތަންކަން އަންގައިދެއެވެ.
އޭނާ ވަށައިގެން ހޮސްޕިޓަލް ހެދުން ލައިގެން އެކި އުމުރުފުރާގެ މީހުން ތިއްބެވެ. އެތަނުން މީހަކު ހުރީ އައިވީ ވެސް ގުޅާފައެވެ. އެމީހުންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. މަޑުމައިތިރިކަމާއެކު ޝަފްވާންގެ އަޑުގެ ޖާދޫގައި ޖެހިފައި އިނެވެ. އުންމީދުން ފުރިގެންވީ ރީތި ލަވައެއް ކިޔަން ޝަފްވާން ފެށިއެވެ. މިއަލް ތަނބުގައި ލެނގިލީ އަޑުއެހުމަށެވެ. ލަވައާއި އެއްވަރަކަށް ބޮލުން ހަރަކާތްކުރެވެމުން ދިޔަކަމެއް މިއަލްއަށް ރޭކައެއްނުލައެވެ. އޭނާއަށް ބަލަހައްޓައިގެން މީހަކު ހުރިކަން ވެސްމެއެވެ.
ލަވަ ނިމުމާއެކު އެންމެން އަތް ޖަހަންފެށިއެވެ. އެމީހުންނާއި ބައިވެރިވެ މިއަލް ވެސް އަތްޖަހާލިއެވެ. ހެވިފައި ހުރެއެވެ. އެއްލިކަޅިއަކުން ޝަފްވާނަށް މިއަލް ފެނުނެވެ. އެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔުމާއެކު ބަލަން އައިސްތިބި މީހުންނަށް އެކަން ފާހަގަނުވެ ނުދިޔައެވެ. އެންމެންވެސް ފަހަތަށް އެނބުރިފައި ހޯދާލީ މިފަދަ ހިނިތުންވުމެއް ޝަފްވާންގެ މޫނަށް ގެނެސްދިނުމުގައި ކާމިޔާބު ކުރީ ކާކުތޯ ބެލުމަށެވެ. އެއްވެސް މީހަކު ވާހަކައެއް ފަށައިގަތުމުގެ ކުރިން ޝަފްވާން ނިންމާލުމަށް ފަހު ގިޓާ ކަރުގައި އަޅުވާލައިގެން މިއަލް އާއި ދިމާއަށް މިސްރާބު ޖެއްސެވެ.
“މިއަލް..” ފަހަތުން މީހަކު ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ޝަފްވާން އައިސް ހަމަވަންދެން ހުރި މިއަލްއަށް ސިހުމެއް ލިބިގެންދިޔައެވެ. ފަހަތް ބަލާލިއިރު އައިޒަކް ހުރީ ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝަފްވާން ހުއްޓި އައިޒަކްގެ މޫނަށް ބަލާލިއެވެ.
ސިކުންތެއް ވެސް މަޑުކޮށްނުލާ ޝަފްވާން އައިޒަކްގެ އަތް ފޮޅުވާލައިފިއެވެ. އައިޒަކް ތިރިއަށް ބަލާލާފައި ފާޑަކަށް ހީނލައިފިއެވެ. އަދި އިސްއުފުލާލާ ޝަފްވާނަށް ބަލާލީ ގޮންޖަހާ ފަދަ ގޮތަކަށެވެ. މިއަލް ހުރީ ސުވާލުގެ ނަޒަރަކުން ޝަފްވާނަށް ބަލަންކަމުން އައިޒަކް މިއަލްއަށް ހިލަމެއް ނުވާނެހެން ގާތަށް ޖެހިލައިފިއެވެ. ހިތަށް ވީ އުނދަގުލުން ޝަފްވާން އައިޒަކްގެ ގިރުވާނުގައި ހިފާ ފާރަށް ގަންނާވާލިއެވެ. އޭރު އެދެލޮލުން ވިދަމުން ދިޔައީ ރުޅިވެރިކަމެވެ.
“ޔޫ.. ޔޫ ސްޓޭ ދަ ** އަވޭ ފްރޮމް ހަރ..” ދަތްކުނޑި ވިކާލައިގެންހުރެ ޝަފްވާން ބުނެލިއެވެ. ހަމައެކަނި އައިޒަކަށް އަޑުއިވޭ ވަރަށެވެ. އެ ނަޒަރުން އެކަނިވެސް އައިޒަކް އަންދާލަފާނެހެން ހީވިއެވެ. އައިޒަކް ޝަފްވާން ފޮޅުވާލިއެވެ. އަދި ގަމީސް ރީތި ކޮށްލައިފިއެވެ. މިއަލް ކަންބޮޑުވެފައި ޝަފްވާނާއި ގާތަށް ލެފިލީ މިވާނުވާ ނޭނގިގެންނެވެ.
“ހާޝިޔާ އެބަ ހޯދާ..” އައިޒަކް ބުނެލީ އެހެން އެކަންޏެވެ. އިތުރަށް ޝަފްވާނު ރުޅިއަރުވާލުމަށް ޓަކައި އައިޒަކް އޭނާއަށް ރައްދެއް ނުދިނެވެ. މިއަލް ހިނގައިގަތެވެ. ދިޔުމުގެ ކުރިން ޝަފްވާނަށް އޭނާ ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ޝަފްވާން ވެސް މިއަލްއަށް ހީލާފައި އަލުން އައިޒަކަށް ނަޒަރު ހުއްޓާލިއިރު ތުންފަތްމަތީ އެ ހިނިތުންވުމުގެ ޒައްރެއްގެ މިންވަރު ވެސް ނެތެވެ. އައިޒަކް ވެސް ހުރީ ފާޑަކަށް ބުމަ ގުޅުވާލައިގެން ޝަފްވާނަށް ބަލާށެވެ. އޭނާ އެނބުރި ހިނގައިގަތީ މިއަލްގެ ފަހަތުންނެވެ.
ޝަފްވާނަށް ވެސް ނުހިނގައިގަނެވުނީ ކިރިޔާއެވެ. އޭނާ އަމިއްލަނަފްސު ހުއްޓުވީ ގަދަކަމުންނެވެ. އޭނާއަށް ވެގެންވާނަމަ އައިޒަކާއެކު މިއަލް އެކަނި އެންމެ ސިކުންތަކުވެސް ނުހުރީހެވެ. މިއީ މިއަލްގެ ކިޔެވުމެވެ. އޭނާގެ ހުވަފެންތަކާއި އުންމީދުތަކެވެ. އެކަންކަމުގެ ތެރެއަށް ވަންނަން އޭނާ މިއީ ކާކު ހެއްޔެވެ.؟ ނަމަވެސް އައިޒަކްގެ ފަރާތުން މިއަލްއަށް ކިރިޔާވެސް އުނދަގުލެއް ފޯރައިފިނަމަ އޭނާ މަޑަކުން ނުހުންނާނެއެވެ. އައިޒަކަކީ މާ ރަނގަޅު މީހެއް ނޫންކަން އޭނާއަށް ވަނީ އިވިފައެވެ. އޭގެ އިތުރުން މިލީން އާއި އޭނާ އެކުގައި އުޅުނު ދުވަސްވަރު އައިޒަކް މިލީން އާއި ހެދި އުޅުނުގޮތުގެ މަތިން އޭނާ އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. ދެރައީ މިލީން ވެސް އައިޒަކަށް ކުލަނެތް އުންމީދު ތަކެއް ދިންކަމެވެ. އޭނާ އާއި އެކުގައި އުޅެމުންނެވެ. ދެއަތް މުއްކަވާލާފައި ޝަފްވާން އައިކޮޅަށް ހިނގައިގަތްތަނާ ފޯނަށް މެސެޖެއް އައެވެ.
“ކޮންއިރަކު ހޮސްޕިޓަލްގައި ޝޯ ދޭން ފެށީ..؟” މިއަލް ފޮނުވާފައި އޮތެވެ.
“ކުރިންވެސް ދެން.. މިތަނުގައި އެނދުމަތިކޮށްފައި ތިބޭ ޕޭޝަންޓުންނަށް.. އެމީހުންގެ ބަލިހާލަތު ސީރިއަސްކަމުން ބޭރަށް ނުކުމެ ހަދާލެވެނީވެސް ކިރިޔާ.. ޝޯއެއް ލައިވްކޮށް ބަލާލުމުގެ ފުރުސަތު އެމީހުންނަކަށް ނޯވޭ.. އެހެންވެ..” ޝަފްވާން ފޮނުވި މެސެޖް ކިޔާލި މިއަލްއަށް ޝަފްވާންގެ ހިތްތިރި ކަމަށް ތައުރީފް ކުރެވުނެވެ. ދެންމެވީ ކިހިނެތްކަމާމެދު އަހަން އުޅެފައި ވެސް މިއަލް ނޭހީ އައިޒަކް ބަލަހައްޓައިގެން ހުރިހެން ހީވުމުންނެވެ.
ލޮބީއާއި އަރާ ހަމަވެފައި މިއަލް ވަށައިގެން ހޯދާލީ ހާޝިޔާ ފެންނަން ނެތުމުންނެވެ. ގާތުގައި ހުރި އައިޒަކަށް އޭނާ ބަލާލީ އެ ސުވާލު އަހަމުންނެވެ.
“ދެޓްސް އޮޑް.. ދެންމެ މިތާ އޭނަ ހުރި..” ދެ ޖީބަށް އަތް ޖަހާލަމުން އައިޒަކް ވަށައިގެން ހޯދާލިއެވެ. އަދި މިއަލްއަށް ފުރަގަސްދިން ވަގުތު އޭނާގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއްވިއެވެ. އިސްތަށިގަނޑު ރީތިކޮށްލާފައި މިއަލް އާއި އަލުން އޭނާ ކުރިމަތިލިއެވެ. އެހެނަސް މިއަލްގެ ސަމާލުކަން ހުއްޓިފައިވީ ފޯނަށެވެ. ޝަފްވާން ނެތްތާނގައި ވެސް އޭނާއަށް މިއަލްގެ ސަމާލުކަމެއް ނުލިބުނެވެ. އައިޒަކް ދަތްކުނޑި ވިކާލިއެވެ. އޭނާ ވާހަކައެއް ފަށަން އުޅުނެވެ.
“މިއަލް.. ރައިޓް..؟ ހާޝިޔާ އަންނަންދެން މިތާ މަޑުކޮށްލަމާ ދެން.. ޓެލް މީ.. ނަރުހަކަށް ވުމަކީ ކޮން އިރަކުން ފެށިގެން ދެކެމުން އައި ހުވަފެނެއް..؟” އައިޒަކް އެއްސެވެ. މިއަލް ފޯނު ތިރިކޮށްލީ ބޭނުންނުވެހުރެއެވެ. ޝަފްވާން އައިޒަކާ މެދު އަމަލުތައް ބެހެއްޓިގޮތުން އައިޒަކްގެ ފަރާތުން މިއަލްއަށް ލިބެމުން ދިޔައީ ނުބައި ޚަބަރުތަކެކެވެ.
“މީހުންނަށް ކޮންމެވެސް ގޮތަކުން ހެލްޕްވާ މީހަކަށް ވާން ބޭނުންވީ އަބަދުވެސް.. އެހެންވެ ނަރސިންގ ނެގީ..” މާ ބޮޑު ތަފްސީލަކަށް ނުގޮސް މިއަލް ބުނެލިއެވެ. އައިޒަކް އޭނާ ގާތަށް ފިޔަވަޅު ނަގަމުން އައިސް ހުއްޓުނީ ނުހަނު ގާތުގައެވެ. މިއަލްއަށް އުނދަގޫވިއެވެ. އައިޒަކްގެ ކަޅި އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ މޫނުން ދުރެއް ނުވެއެވެ.
“އެހެންތަ..؟ ހައު ނޯބްލް..” އައިޒަކް ހަށަން ބަނދެލިއެވެ. އެ ރީތި ލޮލަށް ހިޔާ އަޅަމުން ދިޔަ ދިގު އެސްފިޔަތައް އަވަސްއަވަހަށް ހެލިލާ ގޮތް އޭނާ ނުހަނު ގާތުން ބަލަމުން ދިޔައެވެ. މިއަލްގެ ނޭވާ އަވަސްވިކަން އޭނާއަށް ފާހަގަވިއެވެ. އައިޒަކްގެ ތުންފަތް ކުޑަ ހިިނިތުންވުމަކުން ފޭވިއެވެ. މިލީން އާއި ޚިލާފަށް މިއަލްގެ ފަރާތުން ފެންނަމުން މިދާ ނުތަނަވަސްކަން ވެގެން ދިޔައީ އޭނާއަށް ކުޑަކޮށް މަޖާވި ކަމަކަށެވެ.
“އަހަރެން ގާތު ނާހާނަންތަ މި ޕާތް ޗޫޒްކުރި ސަބަބެއް..؟” ކުޑަކޮށް ގުދުވެލަމުން އައިޒަކް އެއްސެވެ. މިއަލް ދުރަށް ޖެހިލިއެވެ. އަދި އައިޒަކަށް ބަލާލިއެވެ.
“ކީއްވެ..؟” މިއަލް މަޑުމަޑުން އެއްސެވެ. އެދެމީހުން އެތާ ހުރީ އެކަނިކަމަށް ވާތީ އައިޒަކް ހިތްހަމަނުޖެހޭނެ ގޮތަކަށް އަމަލެއް ނުކުރަން އޭނާގެ ޟަމީރު ނަސޭހަތްތެރިވުމުންނެވެ. އައިޒަކް ހިނިގަނޑެއް ޖަހާލިއެވެ.
“ޓްރުތް އިޒް.. އަދިވެސް ނޭނގޭ ބޭނުންވަނީ ކޮންކަމެއް ކުރަންކަމެއް.. އެޓް މައި ބިގް އޭޭޖް.. ކުޑަކޮށް ލަދު ދޯ..؟ މަންމަމެން ބޭނުންވީ އަހަރެން ސިއްހީ ދާއިރާއަށް ވަންނަން. އެހެންވެ މިއުޅެނީ..” އައިޒަކް ބުނެލިއެވެ. މިއަލް މަޑުމަޑުން އޯހް އޭ ބުނެލިއެވެ. އެއީ މައްސަލައެއް ނޫންކަމަށް ބުނަން ބޭނުންވިޔަސް މިއަލްގެ ދޫ ހަރަކާތެއް ނުކުރިއެވެ.
“ސުވާލެއް އަހަންތަ..؟ އަސްލު ކީއްވެގެންތަ މިލީންްއާ އެހާ ވައްތަރީ..؟ މިލީން ދަަންނަންތަ..؟” އައިޒަކް ކުއްލިއަކަށް މިލީންގެ ނަން ގެނައުމުން މިއަލް ހައިރާންވިއެވެ. އޭނާއަށް އަހާލެވުނީ އައިޒަކަށް މިލީން އެނގެނީ ކިހިނަކުންތޯއެވެ. އައިޒަކްގެ ހިނިތުންވުން ފުންވިއެވެ.
“މިލީންގެ ވާހަކަ ބާއްވަމާ.. ޓެލް މީ މޯރ އަބައުޓް ޔޯސެލްފް..” އައިޒަކް ގުދުވެލީ މިއަލްއާ ދިމާއަށެވެ. އެ ދެމެދުގައި ވީ ދުރުމިން ކައިރިވަމުން ގޮސް މިއަލް ފަހަތަށް އެނބުރެން މަސައްކަތް ކުރުމާއެކު އޭނާ މިއަލްގެ މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ. ސިހިފައި އައިޒަކްގެ މޫނަށް ބަލާލާފައި މިއަލް އެ އަތް ނައްޓުވާލެވޭތޯ އުޅުނެވެ. ނަމަވެސް ލާނެތް ހިނިތުންވުމެއް ދަައްކާލައިގެންހުރި އައިޒަކް އޭނާއަށް ދުލެއް ނުދިނެވެ. މިއަލްގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލަން އޭނާ ހަރަކާތްކުރިއެވެ.
ނަމަވެސް އެކަން ކާމިޔާބުނުވީ ބޭރުން ހާޝިޔާ ހަމަ އަސްލަށް ވެސް މިއަލްއަށް ގޮވާ އައުމަށް އެދުމުންނެވެ. ނަސީބު ދިމާކުރިގޮތުން ދޮރުގެ ބިއްލޫރިގަނޑުން އޭނާއަށް ފެނުނީ މިއަލް އެކަންޏެވެ. އައިޒަކް ސިހުނު ވަގުތު ބަލާފައި މިއަލް އަވަހަށް އެ އަތުން ނެއްޓިފައި ބޭރަށް ނިކުތެވެ. އޭނާގެ ހިތް ދިޔައީ އަވަސްމިނެއްގައި ތެޅެމުންނެވެ.
އައިޒަކް އަތް މުއްކަވާލީ ނާކާމިޔާބު ވުމުންނެވެ. ހާޝިޔާ ނާންނާނެކަމަށް ބަލާ އޭނާ މިތަން ޚިޔާރުކުރީ ވެސް އެހެންވެއެވެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑު މިވަނީ އަމިއްލަ ލޮލަށް ހެރިފައެވެ.
ދިޔަ މަގުމަތީ މިއަލް ހަމަޖެހިލެވޭތޯ ބެއްޔެވެ. ޝަފްވާން އައިޒަކަށް އެހާ ނަފްރަތު ކުރަނީ ކީއްވެގެންކަން އެކަމުން އެކަނިވެސް މިއަލްއަށް އެނގުނެވެ. ހުރެވުނީ ޑިއުޓީގައި ކަމުން މިއަލް ބެލީ އެ ޚިޔާލުތަކުން ދުރުވެވޭތޯއެވެ.
ހާޝިޔާ ފަހަތުން ޑްރެސިންގ ރޫމަށް ދެވުނުއިރު އެހެން ނަރުސްކުއްޖަކު އެނދުމަތީ ހުރި ޕޭޝަންޓުގެ އަތް ސާފު ކޮށްދެނީއެވެ. އޭނާ އަތުގެ އެކި ތަންތަނަށް ބިއްލޫރިކޮޅުކޮޅު ވަދެފައިވެއެވެ. ފަރުވާތެރި ކަމާއެކު ނަރުސްކުއްޖާ ބިއްލޫރިކޮޅުތައް މަޑުމަޑުން ވަކިކުރަމުން ދިޔައެވެ. އިސްޖަހާލައިގެން އެ ފިރިހެންކުއްޖާ އިންއިރު ރަނގަޅަށް މޫނު ފެންނަވަރެއް ނޫނެވެ. ހަށިގަނޑު ގުދުކޮށްލައިގެން އިން ވަރުން ބަނޑިކޮށްލާފައިވާ ފަތިގަނޑެއް ވެސް އެވަރު ވާނެހެންނެއް ހިޔެއް ނުވެއެވެ. މިއަލް އަވަހަށް ގޮސް އެކުއްޖާއަށް އަތް ގާތްކޮށްދޭންފެށިއެވެ.
“ތަރޑް ޓައިމް ދިސް ވީކް.. މިފަދަ އެކްސިޑެންޓްތައް ގިނަވާނަމަ ނާރުތަކަށް ގެއްލުންވެ އަތުގެ މޮބިލިޓީ ދަށްވެ އެހެން އުޅެފަ އަބަދު ތަދުވާން ވެސް ދިމާވެދާނެ.. ކުރިން ފަހަރު ވެސް އިންފެކްޝަނެއް އުފެދުނެއްނު އިފް އައި ރިމެމްބަރ ކަރެކްޓްލީ.. އަޅުގަނޑު ވަރަށް ނަސޭހަތްތެރިވަން އަމިއްލަ ނަފްސަށް ބަލައިގެން އުޅުމަށް.. ޕާރމެނެންޓްކޮށް އަތަށް ބޮޑު ގެއްލުމެއް ވާން ބޭނުމެއްނުވޭ ދެއްތޯ..” ނަރުސްކުއްޖާ ހިތްހެޔޮކަމާއެކު ބުނެލިއެވެ. ރައްދުގައި އެކުއްޖާ ލައްވާލީ ހޫމްއެއް އެކަންޏެވެ. އަދި ބޭސްއަޅާ ނިމުނުހާ އަވަހަކަށް ބޭރަށް ނިކުތެވެ.
“އެކްސްކިއުޒް..” މިއަލް ވެސް ނިކުތީ އެކުއްޖާއަށް ހަނދާންނެތިގެން ބާއްވާފައި ދެވުނު ވޮލެޓާއި ފޯނު ހިފައިގެންނެވެ. އޭނާ ބާރު ފިޔަވަޅުތަކެއްގައި އޭރު ނިކުންނަނީއެވެ. މިއަލް ގޮސް އޭނާ އާއި ހަމަ ކުރެވުނީ ދުވެގެންނެވެ. އޭނާ ކަންނެތްގޮތަކަށް ފަހަތް ބަލާލިއެވެ. މިއަލް އަވަހަށް އެ ތަކެތި ދިއްކޮށްލިއެވެ. އޭނާ އޭގައި ހިފަނިކޮށް ފޯނާއި ވޮލެޓާއި ދޭތެރޭ ހައްޔަރުވެފައި އޮތް އައިޑީކާޑު ވެއްޓުނެވެ. އެ ނަގަން ވެސް އެހީވީ މިއަލްއެވެ. އައިޑީކާޑް ދެމުން މިއަލްއަށް ވަގު ލޮލެއް އެއްލުނެވެ. ފެނުނީ ނަމުގެ އެއްބައެވެ. އިތުރަށް ކިޔަން ފުރުސަތު ނުލިބެނީސް އޭނާ ހިނގައިގަނެއްޖެއެވެ.
“ޝައްޔާން..؟ ޝައްޔާން ވަހީދު..؟” އަމިއްލަ ނަފްސަށް ބުނަން އުޅުމުގެ ތެރޭގައި މިއަލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހާވަރުން އޭނާ ޔަގީންކުރަން ބޭނުންވީ ކީއްވެގެންކަމެއް ނޭނގުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.





ey noon reeyal cheat nukuraathi..😨 dhen yoon nooon reeyal was my favorite character… Mishal ah ehme fahun falhaa ery dho miyal kan…varah shauguveri gothakah mi kuriyah dhany.. love you so much yoon❤️❤️🫶🏻 waiting for th next part
oh eekk lets see dhw😭 Yess enme fahun inguny!
Thankyou sm sumee that means a lot💕 Lym dear!
masha allah varah reethi dhen vaany kihinei baa
Thankyou sm sofy💕 Lets see dhw!
Reeal ah kaaku baa gulhy..?
v interesting this story
finally mial&shayaan ves meet vany
keep it up yoon ly <33
Kaakubaa gulhy ree’al ah 🥹
Thankyou sm dear, Lym! 💕
v reethi
Thankyou sm mary!!💕
what ree’al ?? no way
and whats wrong with aizak?
when next ???
Lysm❤️
Asluvx what is wrong w aizak😭
Next insha allah 28th Jan vaa Wednesday ga
Thankyou sm rui, Lym!💕
Woww v salhi queen
Ekkala king dhw
Thankyou sm idhaan💕
Mi part ves varah reethi. Reeal ah kaaku baa gulhee? Alhey mishal haadha dhera vaaney shafwaan loabi vanee mial dheke kan enguneema. Mial ehaa varah id card aa medhu visnee eyee shafwaan ge kokka ah vedhaanethee dhww?? Curiously waiting for next part???
Lets see dhw kaakuthw gulhy🥹 Yeaah vedhaanedhw ehnve kamah vx ehaa varah id ah bely
Thankyou sm Miss jennie!💕
Alheyy, kokko ah gotheh nahadhahchey mileen.
Mi bai ves hama 💯 vrh vrh reethi, the description is just… Wahhh ❤️🔥❤️🔥
Impatiently waiting for the next episode
Lysm yoon 🫶🏻🫶🏻
Yeahh fr milyn!😭
aww thankyouu sm White rose that means a lot!🥹💕
Lym dear!💕
Aizak fakuru 🤢
Shayyan aa dhimaavi dho moal aa emme fahun dhen kihinehvaa vaany
Avahah update kollaidhechhey yooon ❤️ly
Hahah😭 Yess finally meet vejje dhekudhin, Lets see dhw!
Yess insha allah tmr upload kollaanan next part
Thankyou sm Lamha, Lym!💕
Varah reethi story👏🏻🩷
Thankyouu sm asma!💕
shafwaan is so protective of mia 💛 love them both a lot. Milyn aa Yaulaan maa gulhey
Lysm yoon 💛⭐ tc stay safe
yess he is, So glad to hear that!
Lym Yash and thankyou sm💕
You too tgc and stay safe!
V.V.V rythi
Yoon ge vaahaka thah abadhuves varah rythi shaugu veri kamaa ekugai kiyaalevey kan faahaga kuran.
Next story aa behey eh ves infor eh bunelaba
Thankyouu sm dear💕
I’m so happy to hear that! 🥹💕
Next story dhww! Maybee a bit unexpected storyline?
V reethi mi bai ves dhen vaany kihinebaa eh hithah arany alhugandu hama
Thankyou sm siu!💕 Lets see dhww
Shafwaan and mial so cute 🎀
alhey mileen haadha dhera vaane ey🥺
Love your stories
lysm queen 💕
keep it up
curiously waiting for next part!!
Maasha allah v v reethi mi part vx
Mileen and yaulaan?
Mial and shafwaaan?
Omg e meehun konirakun tha gulheney???
Mial finally found her lost twin sis!!!
Can’t wait for next part