ބޮޑީގާޑު 8
އިނާ ލޯންޗުން ފޭބިއިރު ޒިމާމް ހުރީ ބޮޑު ކާރެއްގެ ކައިރީގައި އިނާގެ އިންތިޒާރުގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ފަޚުރެވެ.”މަރުހަބާ އިނާ. ތި ސާބިތުކޮށްދިނީ ބާރުގަދަ މީހުންނާ ގުޅިގެން އުޅުމުގެ މުހިންމުކަން. ކޮބާ ޕެންޑްރައިވް؟” އިނާ އެއްވެސް ޖެހިލުމެއް ނެތި އޭނާގެ އަތްދަބަހުން ޕެންޑްރައިވް ނަގައި ޒިމާމަށް ދިއްކޮށްލިއެވެ.
“މިއޮތީ. މީގެ ބަދަލުގައި އަހަރެން ބޭނުންވަނީ އަހަރެންގެ ސަލާމަތާއި އަހަރެންގެ އާއިލާއަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން.” ޒިމާމް ޕެންޑްރައިވްގައި ހިފިއެވެ. އޭނާ ހީވަނީ އުފަލުން ގޮސް މޮޔަވެފައި ހުރި މީހެއްހެންނެވެ. “މިރޭ އަހަރެންގެ ގޭގައި މަޑުކުރޭ. ވަރަށް އަވަހަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނަން.” ޒިމާމްގެ ބޮޑު ގަނޑުވަރެއް ފަދަ ގެއިން އިނާއަށް ހާއްސަ ކޮޓަރިއެއް ދެވުނެވެ. ކޮޓަރީގެ ދޮރުމަތީގައި ފާރައަށް ދެ މީހުން ތިއްބެވެ.
“ޕެންޑްރައިވްގައި ހުރި ހުރިހާ އެއްޗެއް މިހާރު ވަނީ ނައްތާލެވިފައި. އަދި ފުލުހުންގެ ތެރޭގައި ތިބި އަހަރެމެންގެ މީހުން ވަނީ ޒޭންގެ މަރުގެ ރިޕޯޓް ތައްޔާރުކޮށް ނިންމާފައި. އޭނާ މަރުވީ ފިލަން އުޅެނިކޮށް ރަހީނުކުރި މީހާ ދިން ހަމަލާއަކުން ކަނޑަށް ވެއްޓިގެން ކަމަށް އޮތީ.” އިނާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.
“ކަލޭގެ ހިތުގައި ރަހުމެއް ނެތްކަން އެނގުނީމާ އަހަރެން ވަރަށް އުފާވެއްޖެ.” ޒިމާމް ހިނިތުންވެލިއެވެ. “އަހަރެންގެ ބައްޕަ، ޒިޔާދު ވެސް މިއަދު މިނިވަންވާނެ. ހުރިހާ ހެއްކެއް ނެތިދިއުމާއެކު އޭނާގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް މިހާރު ނެތް. މިއީ އަހަރެމެންގެ އާއިލާގެ އާ ފެށުމެއް.” އެވަގުތު އެތަނަށް ޒިމާމްގެ އެންމެ އިތުބާރު ހުރި ސެކިއުރިޓީ ގާޑު އައެވެ. “ޒިޔާދު ސާރ މިހާރު ހުންނެވީ ގޭގެ ދޮރުމަތީގައި. އަވަހަށް ވަޑައިގަންނަވާ.” އެމީހާ ވަަރަށް އަދަބުވެރިކަމާއެކު ޒިމާމް ކައިރީ ގައި ބުންޏެވެ. ޒިމާމް އުފަލުން ފޮޅުނެވެ. އޭނާ ވަގުތުން ތިރިއަށް ދިޔައެވެ. އިނާވެސް މަޑުމަޑުން އޭނާގެ ފަހަތުން ހިނގައިގަތެވެ. ގޭގެ ދޮރުމަތީގައި ކާރު މަޑުކޮށްލުމާއެކު ޒިޔާދު ކާރުން ފޭބިއެވެ. އޭނާގެ މޫނުމަތީގައި ހުރީ ކާމިޔާބީގެ ކުލަވަރެވެ. އޭނާ ޒިމާމްގެ ކޮނޑުގައި ޖަހާލުމަށްފަހު ދުރުގައި ހުރި އިނާއަށް ބަލާލިއެވެ.
“ޒިމާމް. މި އަންހެން ކުއްޖާގެ ކަންތައް ނިންމާލީ ކިހިނެއް؟” ޒިޔާދު ސިއްރުން އަހާލިއެވެ.
“ބައްޕަ އެކަމާ ހާސްނުވޭ. އޭނާ އެއީ މިހާރު އަހަރެމެންގެ މީހެއް. ޒޭން މަރާލީވެސް އޭނަ.” ޒިމާމް ފަޚުރުވެރިކަމާއެކު ބުންޏެވެ. ޒިޔާދު ހީގަތެވެ. “ވަރަށް ރަނގަޅު. އެކަމަކު ހަނދާންކުރާތި ހަރުފައަކީ ކިތަންމެ ރީތިވިޔަސް ހަމަ ހަރުފައެއް. އޭނާއަށް ފާރަވެރިވާތި.”
މުޅި އެ ދުވަސް ހޭދަވެގެން ދިޔައީ ޒިޔާދުގެ މިނިވަންކަން ފާހަގަކުރުމުގައެވެ. ޒިމާމްގެ ރޭވުންތައް ދިޔައީ އެއްވެސް ހުރަހެއް ނެތި ވަރަށް ކާމިޔާބުކޮށެވެ. ޒޭންގެ މަރުގެ ޚަބަރު ޓީވީން ދައްކަމުން ދިޔައެވެ. އިނާ އެ ޚަބަރު ބަލަން ޓީވީ ކައިރީގައި އިނެވެ.
ދުވަސް ނިމި ރޭގަނޑުގެ އަނދިރިކަން ވެރިވިއިރު ޒިމާމް އިނީ އޭނާގެ އޮފީހުގައި ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާގެ ހުރިހާ ހަތުރުން ވަނީ ނެތިގޮސްފައެވެ. ޕެންޑްރައިވްގައި ހުރި ހެއްކެއް ނެތެވެ. ޒޭންއެއް ނެތެވެ. އަދި ކޮމިޝަނަރުވެސް ވަނީ މަގާމުން ވަކިކުރެވިފައެވެ. ޒިމާމަށް ހީވީ އޭނާއަކީ މުޅި މާލޭގައި ރަސްކަން ކުރެވޭހެންނެވެ. އޭނާ އިނީ އެހާވެސް އުފަލުންނެވެ. އެއްވެސް ބިރުވެރިކަމެއް ޒޭންގެ އެއްވެސް ނިޝާނެއް ނެތެވެ.
ޒޭން މަރުވިތާ ތިން ދުވަސް ފާއިތުވެއްޖެއެވެ. މުޅި މާލޭ ގައި ވާހަކަ ފެތުރެމުން ދިޔައީ ޒޭން އަކީ އަމިއްލަ އާއިލާއަށް ގައްދާރުވެ ނޫސްވެރިޔަކު ރަހީނުކޮށްގެން އުޅެނިކޮށް ފިލަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓި މަރުވި މީހެއްގެ ގޮތުގައެވެ. ޒިމާމްގެ ނުފޫޒުން، މީޑިއާތަކުގައި ޒޭންގެ ނަން ވަނީ މުޅިން ކިލަނބުކޮށްލާފައެވެ. ޒިޔާދު މިނިވަންވުމާއެކު އޭނާގެ ވިޔަފާރި އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. “ބައްޕާ. މިއަދު އަހަރެމެންނަށް ހުރަސްއަޅާނެ އެކަކުވެސް ނެތް.” ޒިމާމް އޭނާގެ ބައްޕައާއެކު ހެނދުނުގެ ނާސްތާ ކުރަން އިނދެ ބުންޏެވެ. “އިނާވެސް މިހާރު ހުރީ އަހަރެމެންގެ ފަޅީގަ. އޭނާ ބޭނުންވަނީ ހަމައެކަނި ސަލާމަތުން ރަށަށް ދާން.” ޒިޔާދު އިނާއަށް ބަލާލިއެވެ. އިނާ އިނީ މޭޒުގެ ކޮޅުގައި ވަރަށް މަޑުމަޑުންނެވެ. އޭނާގެ މޫނުމަތިން އެއްވެސް އިހުސާސެއް ފާޅެއް ނުވެއެވެ. “އޭނާ ރަށަށް ފޮނުވާލުމުގެ ކުރިން އޭނާ ލައްވައި ވީޑިއޯ ބަޔާނެއް ނަގަންވާނެ. ޒޭން އޭނަ ރަހީނުކޮށްގެން ކުރި ކަންތައްތަކުގެ ވާހަކަ ކިޔައިދޭން ޖެހޭނެ.” ޒިޔާދު ބުންޏެވެ.
މެންދުރުގެ ވަގުތެވެ. ޒިމާމް އޭނާގެ އޮފީހުގައި އިންދާ އޭނާގެ ސެކްރެޓަރީ އައިސް ރީތިކޮށް ބަންދުކޮށްފައިވާ ބޮޑު ޕާރުސަލެއް މޭޒުމަތީގައި ބޭއްވިއެވެ. “ސަރ. މިއީ އުފަންދުވަހުގެ ހަދިޔާއެއް ކަމަށް ބުނެ ރިސެޕްޝަނަށް މީހަކު ދީފައި ދިޔަ އެއްޗެއް.” ޒިމާމް ހިނިތުންވުމަކާއެކު ޕާރްސަލް ހުޅުވާލިއެވެ. އޭގައި އޮތީ އުފަންދުވަހުގެ ކާޑެކެވެ.
“ލޭގެ ގުޅުމަކީ ދުވަހަކު ވެސް ކެނޑޭނެ ގުޅުމެއް ނޫން. އުފާވެރި އުފަން ދުވަހަކަށް އެދެން.” ކާޑު ތިރީގައި ރަތްކުލައިން ޒޭންގެ ނަން ލިޔެފައި އިނެވެ. ޒިމާމްގެ މޫނުމަތިން ހިނިތުންވުން ފިލައި ބިރުވެރިކަން ފާޅުވިއެވެ.
“މީ ކިހިނެއް ވާނެ ކަމެއް؟ އޭނަ މަރުވެއްޖެ. އަހަރެން އަމިއްލަ ދެލޮލުން ދުށިން އޭނަ ކަނޑަށް ވެއްޓުނުތަން.”
ޒިމާމް ވަގުތުން ސެކިއުރިޓީންނަށް ގޮވައި އެ ގެނައި މީހަކު ހޯދަން އަމުރުކުރިއެވެ. ނަމަވެސް އެމީހުން ބުނީ އެއީ ޑެލިވަރީ ބޯއީއެއް ކަމަށާއި އޭނާ މިހާރު ގޮސްފި ކަމަށެވެ.
އަނެއްކާ ވެސް ޒިމާމް އެ ކާޑަށް ބަލާލިއެވެ. ރަތްކުލައިން ލިޔެފައިވާ ޒޭން އެ ނަން ފެނިފައި އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. އޭނާގެ ހަނދާނަށް އައީ ކަނޑުގެ އަނދިރި ލޮނުގަނޑުގެ ތެރެއަށް ޒޭން ގެނބިގެން ދިޔަ މަންޒަރެވެ. ޒިމާމް މަޑުމަޑުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. އޭނާއަކީ ބަލިކަށި މީހެއްކަން ދައްކާކަށް ބޭނުމެއް ނޫނެވެ. އޭނާ ސީދާ މިސްރާބު ޖެހީ އިނާގެ ކޮޓަރިއާ ދިމާލަށެވެ.
އިނާ ހުރީ ކޮޓަރީގެ ބެލްކަނީގައި ބޭރު ބަލާށެވެ. ދޮރުގައި ޓަކިޖަހާލުމަށްފަހު ޒިމާމް އެތެރެއަށް ވަނެވެ. މިފަހަރު އޭނާގެ ހަރުކަށިކަމެއް ނެތެވެ. އޭގެ ބަދަލުގައި އޭނާގެ މޫނުމަތިން ފެންނަނީ ތަފާތު މަޑުމޮޅި ކަމެކެވެ.
“އިނާ.” ޒިމާމް މަޑުމަޑުން ގޮވާލިއެވެ. “މިރެއަކީ އަހަރެންގެ އުފަންދުވަސް. ބައްޕަ ވަނީ ވަރަށް ބޮޑު ޕާޓީއެއް މި ގޭގައި އިންތިޒާމުކޮށްފައި. މާލޭގެ ހުރިހާ ބޮޑެތި މީހުން މިރޭ މިތަނަށް އަންނާނެ.” އިނާ އެއްވެސް އެއްޗެއް ނުބުނެ ޒިމާމަށް ބަލާލިއެވެ. “މިރެއަކީ ޒޭންގެ ވެސް އުފަންދުވަސް.” ޒިމާމްގެ އެހެން ބުނެފައި ސީދާ އިނާގެ ލޮލަށް ބަލާލިއެވެ. ނަމަވެސް އިނާގެ މޫނުމަތިން އެއްވެސް އަސަރެއް ނެތެވެ. “އަހަރެމެން ދެމީހުންގެ އުފަންދުވަސް އަންނަނީ އެއް ދުވަހަކު. އަހަރެން ބޭނުންވަނީ މިރޭ އިނާ އަހަރެންނާއެކު މި ޕާޓީގަ ބައިވެރިވާން. މީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް.”
ޒިމާމްގެ ދެލޮލުން އިނާއަށްޓަކައި އުފެދިފައިވާ ޝައުގުވެރިކަން އިނާއަށް ފާހަގަވިއެވެ. “އަހަރެން ދާނަން” އިނާ ބުންޏެވެ. “އެކަމަކު އިނާ ތައްޔާރު ވާންވަނީ އަހަރެން ބުނާގޮތަކަށް.” ޒިމާމް ބުނެލިއެވެ. އިނާ މަޑުމަޑުން ބޯޖަހާލިއެވެ.
ރޭގަނޑު 8 ޖެހިއިރު ޒިޔާދުގެ ބޮޑު ގޭތެރެ ވަނީ ވަރަށް ރީއްޗަށް ޒީނަތްތެރިކޮށް ދިއްލާލާފައެވެ. ސިޔާސީ މީހުންނާއި ބޮޑެތި ވިޔަފާރިވެރިންގެ ކާރުތަކުން ގޭ ކައިރި ވަނީ ފުރިފައެވެ. ޒިޔާދު ހުރީ އެންމެންނާ ސަލާމްކޮށް އޭނާގެ މިނިވަންކަމުގެ އުފާ ފާޅުކުރާށެވެ.
ކުއްލިއަކަށް މުޅި ހޯލަށް ހިމޭންކަން ވެރިވިއެވެ. ސިޑިން ތިރިއަށް ފައިބަމުން ދިޔަ އިނާ ފެނިފައި އެންމެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. އިނާ ހުރީ ކަޅުކުލައިގެ ވަރަށް ރީތި އަގުބޮޑު ހެދުމެއްގައެވެ. އޭނާގެ މޭކަޕާއި އިސްތަށިގަނޑު ހަދާފައިވާ ގޮތުން އޭނާ ފެންނަނީ ރާނީ އެއް ހެންނެވެ.
ޒިމާމްގެ ދެލޯ ބޮޑުވިއެވެ. އޭނާ އައިސް އިނާގެ އަތުގައި ހިފާލިއެވެ. “އިނާ. ހާދަ ރީއްޗޭ.” ޒިމާމް ހުރީ އާޝޯޚުވުމެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެ، އިނާއަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ލޯބީގެ ކުލަވަރު ދެލޮލުން ފާޅުވަމުން ދިޔައެވެ. އިނާ ހިނިތުންވެލިއެވެ. އެއީ ޒިމާމްގެ ހިތް އަތުލާނެ ފަދަ ހިނިތުންވުމެކެވެ.
“އުފާވެރި އުފަން ދުވަހަކަށް އެދެން” އިނާ ޒިމާމްގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ.
ޕާޓީގެ މެދުތެރެއިން ޒިޔާދު ސްޓޭޖަށް އެރިއެވެ. “މިއަދަކީ އަޅުގަނޑުގެ ދަރިފުޅު ޒިމާމްގެ އުފަންދުވަސް. އެކަމަކު އަހަރެންގެ ހިތުގައި މިއަދު ވަރަށް ބޮޑު ހިތާމައެއް ވެސް އެބައޮތް.” ޒިޔާދު ވަރަށް ދެރަވެފައި ހުރި ކަމަށް ދައްކަމުން ވާހަކަ ދެއްކިއެވެ. “މިއަދަކީ އަހަރެމެންނާ ވަކިވެފައިވާ ޒޭންގެ ވެސް އުފަންދުވަސް. އޭނާ ދުނިޔޭގައި ހުރިނަމަ މިއަދު އޭނާގެ އުމުރުން ވާނީ 28 އަހަރު. އޭނަގެ ފުރާނައަށް ހެޔޮ ދުއާ ކުރަން.”
ޒިޔާދު މިހެން ބުނި ވަގުތު ޒިމާމްގެ ޖީބުގައި އޮތް ފޯނަށް މެސެޖެއް އައެވެ. އޭނާ ސިއްރުން ފޯނު ބަލާލިއެވެ.
“ބައްޕަގެ ދޮގުތަކަށް އަތްޖަހާ. އެކަމަކު ހަނދާންކުރާތި. ކޭކު ފަޅާނީ އަހަރެން.” ޒިމާމްގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ ވަށައިގެން ބަލާލިއެވެ. މެހެމާނުންގެ ތެރޭގައި ތިބި އެތައް ސަތޭކަ ބަޔަކު އަތްޖަހަމުން ދިޔައިރު ދުރުގައި ހުރި އަނދިރި ކަނެއްގައި ކަޅު ހޫޑީއެއް ލައިގެން ހުރި މީހެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ މީހާ އަތުގައި އޮތް ބަޑި މަޑުމަޑުން އުފުލާލިއެވެ. ޒިމާމް ބިރުން ހަޅޭއްލަވައިގަތެވެ. “ޒޭން!”
އެންމެން ސިހިފައި ޒިމާމަށް ބަލާލިއެވެ. ނަމަވެސް އެތަނުގައި އެކަކުވެސް ނެތެވެ. އިނާ ޒިމާމްގެ އަތުގައި ބާރަށް ހިފާލިއެވެ. “ޒިމާމް. ކިހިނެއްވީ؟ ހަމަޖެހިބަލަ. ކޮން ޒޭންއެއް؟” ޒިމާމް ހުރީ ދާހިތްލާ ފޯވެފައެވެ. “އޭނަ.. އޭނަ އެބަހުރި މިތަނުގައި. އަހަރެން ދުށިން.”
“ޒިމާމް. ތި ވާނީ މާ ބޮޑަށް ވަރުބަލި ވީކަމަށް.” އިނާ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. ޒިމާމް އަށް އިނާގެ އޯގާތެރިކަމުން ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ފިލައިގެންނެއް ނުދިޔައެވެ. ޒޭންގެ ހިޔަނި އޭނާގެ ފަހަތުން ނުނައްޓާނެކަން އޭނާއަށް މިހާރު ޔަގީންވެއްޖެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



ME first today
So tht means zeyn mareh nuvay dhww
What has gotten into inaa??
Can’t wait for next part
When is next
Let’s see. Tomorrow next episode 😊
How many parts?
I think 15
Dhw Ara??
Yes 15 total 😊
Is he really alive or is it a ghost? Suspense is killing me. Brilliant writing. 10/10 for the drama and suspense. 👏🏻👏🏻
Anaa TV programme akah erintha??? Jusss asking ingey
Thank you so much 🥰🫶🏻
ހީވަނީ ހަމަ ފިލްމެއް ބަލާލެވުނުހެން ޕާޓް 9 އަށް ކެތްމަދުވެފައި މިހުރީ ލިޔުންތެރިޔާ ވަރަށް މޮޅު
ޝުކުރިއްޔާ 🥰🫶🏻