“މަންމާ.. އެއްޗެކޭ ހީނުކުރައްޗޭ އެނގޭ.. އެކަމަކު.. ރިއާންގެ ބައްޕަ މިހާރު މަންމައަށްވެސް…”
“ނޫން ނޫން ދަރިފުޅާ.. ޒަރީނާއާއި ރިއާންއަށް ރިޔާޒް ކިތަންމެ ގޯސްވިޔަސް އަހަރެންނަށް ވަރަށް ރަނގަޅު. ފަހަރެއްގައި އަހަރެންނަކީ ރިޔާޒްގެ އަލަތު ލޯބި ކަމަށްވާތީ ކަންނޭނގެ. ޒަރީނާ މަރުވިއިރުވެސް އަހަރެން ހުރީ މީހަކާ ނީނދެ. ރިޔާޒްގެ އަނިޔާވެރިކަން ކުރިން އެނގުނުނަމަ ރިޔާޒާވެސް ކައިވެނި ނުކުރީސް ކަންނޭނގެ. އެކަމަކު ފަހުން ވިސްނުނު އެކަންތައް ކުރީބައިގަ ނޭނގުމުގަވެސް ހިކުމަތެއް އޮންނާނެއޭ. ޖޫލީގެ އެވާހަކަތައް ކިޔައިދިން ދުވަހަށްފަހު އަހަރެން އަޒުމު ކަނޑައެޅިން ރިއާންއަށް ނުލިބުނު މަންމަގެ ލޯބި ހޯދައިދޭން.. ދެރައީ ރިއާން އެ ފުރުސަތު ދޭން ބޭނުން ނުވާތީ” ޒީވާ ފުރިހަމަ ނުކޮށް ދޫކޮށްލި ސުވާލަށް ޝީރީން ޖަވާބު ދިނެވެ.
“އަޅޭ.. ދެން ރިއާންވެސް ދޯ.. މިކަމުގަ މަންމަގެ ކުށަކީ ކޮބާ؟ ރިއާން މަންމަދެކެ ރުޅި އަންނަންވީ ކީއްވެ؟” ޒީވާގެ އަޑުން ޝީރީންއަށްޓަކައި ހަމްދަރުދީ ފާޅުވިއެވެ.
“ކީއްކުރާނީ ދަރިފުޅާ؟ އެއީ މާޒީ.. ރިޔާޒްގެ އަނިޔާވެރިކަމާހުރެ ރިއާން މިއަދު ބައްޕައެއް ބޭނުމެއް ނުވޭ.. ޒަރީނާގެ އިހުމާލާހުރެ “މަންމަ” އެ ލަފްޒުގެ އަގެއް ރިއާންއަކަށް ނެތް.. ދަރިފުޅަށް އެނގޭތަ؟ ރިޔާޒްއާ އިންއިރު އަހަރެންގެ އުމުރުން އެންމެ ތިރީސް ހައަހަރޭ.. އަހަރެންނަށް މި ހާންދާނަށް ދަރިޔަކުވެސް ހޯދުނީސް.. އެކަމަކު އަހަރެންގެ މަގުސަދާމެދު ރިއާން ސުވާލު އުފައްދައިފާނެތީ.. އަދި މި މުދަލަށް ދަހިވެތިވެފައިވާ ކަމަށް ހީކޮށްފާނެތީ އަހަރެން ރިއާންއާއެކު މި މުދަލަށް ބައި އަޅާނެ އިތުރު ދަރިއެއް ނުހޯދީ.. މިއީ ހުސް ރިއާންގެ އެއްޗެހި.” ޝީރީން ބުންޏެވެ.
“މަންމާ އުއްމީދު ކަނޑާނުލާ.. ރިއާންއަށް އަދި ވިސްނޭނެ. އިރާދަކުރެއްވިއްޔާ އެދުވަސް މާ ދުރަކު ނެތް.” ޒީވާ ހިތްވަރުދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ރިއާންއަށް ވިސްނޭނެ ކަމާމެދު ހުދު އޭނާއަށްވެސް ޝައްކެވެ.
“ތިހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު.. އަޑުއަހަން އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަަލަކީ މަންމައަކަށް ވުމޭ.. އެކަން އަހަރެން ގުރުބާންކުރީ ރިއާންއަކީ އަހަރެންގެ ދަރިއެއްކަމަށް ދެކޭތީ. އެ ދަރިފުޅު އަހަރެންނާމެދު ހިތް ރަނގަޅުކޮށް މަންމައެއްގޮތުގަ ދެކޭނެކަމުގެ ފޮނި އުއްމީދުގަ. ދެން އެވާހަކަ ބާއްވަމާ ދޯ؟ މިހާރު ކާގަޑި ޖެހެނީ” ޝީރީން ޒީވާ ގޮވައިގެން ނުކުމެ ސުފުރާ ދޮށުގައި އިށީނެވެ.
“ޖޫލީ ނުކާނަންތަ؟” ޒީވާގެ ސުވާލަށް ރިއާންއާއި ޝީރީން އެއްފަހަރު ޒީވާއަށް އަނެއް ފަހަރު ރިޔާޒްއަށް ބަލައިލިއެވެ. ހަގީގަތުގައި ޝީރީންގެ ވާހަކަތައް އެހުމަށްފަހު ޒީވާގެ ހިތުގައި ޖޫލިޔާއަށް ވަނީ ވަރަށް ހާއްސަ މަގާމެއް ދެވިފައެވެ. އެއީ ރިއާން އެންމެ ބޭނުންވި ދުވަހު ރިއާންއަށް ލޯބިދީ އިހުސާންތެރިވި ހަމައެކަނި ފަރާތެވެ.
“ޖޫލީވެސް ތިއީ ހަމަ މިގޭ މީހެއްނު.. ޖޫލީވެސް ވާނެ އަހަރުމެންނާ އެއްކޮށް ކާން އިށީންނަށް ދޯ ބައްޕާ” ޒީވާ ރިޔާޒްއާ ހަތަރުކަޅި ހަމަކޮށްލަމުން ދޯ ދިނެވެ.
ރިޔާޒް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. ޒީވާ އެކަމަށް ފަރުވާލެއް ނުދީ އޭނާއާ ޖެހިގެންހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ޖޫލީގާތު އިށީންނަން ބުންޏެވެ. އެއާއެކު ރިއާންއަށް ލޮލުގެ ހިމަކޮޅުން މޭޒުގެ ކޮޅުގައި އިން ރިޔާޒްއަށް ބަލައިލެވުނެވެ. އެ މޫނުމަތީގައިވި ހިތި އަސަރުތައް ފެނި އޭނާ އެއްމިޔަކަނިން ހިނިތުންވެލިއެވެ. އަދި ޒީވާއާމެދު ފަހުރުވެރިވާ ހާލު ޒީވާއަށް ބަލައިލަމުން ޝުކުރާއެކު ބޯ ޖަހައިލިއެވެ.
*************
މަހުގެ ފަހުކޮޅަށް ވުމާއެކު ދުވަހަކީ އެހެން ދުވަސްދުވަހާ ހިލާފަށް އޮފީހުގައި ބުރަ ދުވަހެކެވެ. ހިންދެމިލަމުން ރިއާން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ގަޑިން މެންދަމު ބާރަޖެހުމާ ގާތްވަނީއެވެ. މަސައްކަތް ހުރި ހިސާބެއްގައި ބެހެއްޓުމަށްފަހު އޭނާ ގެއަށް ދާން ތައްޔާރުވެލިއެވެ. އެގޮތަށް މަސައްކަތް މެދުކަނޑައިލުން އެއީ އޭނާގެ އާދައާ މުޅިން ހިލާފު ކަމެކެވެ. އެހެންކަމުން ގެއަށް ވަތްއިރުވެސް އޭނާއަށް ހުއްޓައިނުލާ ވިސްނެމުން ދިޔައީ މަސައްކަތާ މެދުގައެވެ.
ފޯނަށް އައިސްފައިވާ އީމެއިލްތައް ޗެކްކުރަމުން އައިސް ބޮޑުކޮޓަރީގެ މެދުގައި ހުއްޓުނު ވަގުތު ސޯފާގައި ނިދިފައި އޮތް ޒީވާ ފެނި ރިއާންގެ ނިތުގައިވާ ރޫތައް ފިލައި ދިޔައެވެ. ހިތަށް ހަމަޖެހުންލިބި ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކުޑަވިހެން ހީވިއެވެ. މިއަދު އޭނާއަށް ނޭނގިނަމަވެސް ގެއަށް އައުމަށްޓަކައި ވަގުތު ގުނެމުންދިޔަ ސަބަބަކީ މިއީ ހެއްޔެވެ؟ އޭނާގެ ދެލޯ ޒީވާ ދުށުމަށްޓަކައި އިންތިޒާރު ކުރަމުން އައިކަންވެސް އޭނާއަށް އެ ރޭކައިލީ ޒީވާ ފެނުމާއެކު ހިތަށް ލިބުނު ފިނިކަން އިހުސާސް ކުރެވުމުންނެވެ.
ކަރުހިއްކާފައި ހުރުމުން ފެންފޮދެއް ހޯދަން އައިސް-އަލަމާރިއާ ދިމާލަށް ހިނގައިގަތްހިނދު ކާމޭޒުދޮށުގައި ކާން ހަދައިފައިވާތަން ފެނި ޒީވާއަށް ނިދުނީ އޭނާގެ އިންތިޒާރުގައި އިންދައިކަން ރިއާންއަށް އެނގުނެވެ. އެއާއެކު ހިތަށް ވެރިވި އުފާވެރި އިހުސާސްގެ މައްޗަށް ގަދަވެގަތީ މާޔޫސްކަމެވެ. ރިއާންއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާއަށް ގެއަށް އާދެވޭނީ ލަހުން ކަމުގައި ޒީވާއަށް އަންގައިލެވުނުނަމަ ތާއެވެ؟ އޭނާ ލަސްފިޔަވަޅުތަކެއްގައި އައިސް ޒީވާ ނިދާފައި އޮތް ސޯފާގެ މަގަތަށް ވާގޮތަށް އިށީނެވެ.
ނިދީގެ ތެރޭގައިވެސް ހިނިތުންވުމެއް ކުރަހައިލެވިފައިވާ ޒީވާގެ މޫނުން އެ މިޒާޖާގުޅޭ ހަމަހިމޭންކަމެއް ފެންނަމުން ދިޔައެވެ. އަދި އެ ހިނިތުންވުމުގެ އަސަރުގައި ޖެހި ހޭދަވެގެންދާ ކޮންމެ ސުކުންތަކާއެކު ރިއާންގެ ހިތަށް ތަސައްލީ ލިބެމުން ދިޔައެވެ. އެހެން އިންދައި ޒީވާ މޯޅިއަކަށް ދެމިލުމަށްފަހު އެއް ފަރާތަކަށް އެނބުރިލިއެވެ. އެވަގުތު ޒީވާގެ މޫނުމަތިން ހިނިތުންވުން ފިލައިގޮސް ތުން ބަނޑިކޮށްލި ގޮތާއި، ބުމަ ގޮށްޖެހިގެން ދިޔަގޮތް ފެނި ރިއާންއަށް ހީނލެވުނެވެ. ނަމަވެސް އެހަރަކާތުން އޭނާއަށް އެނގުނީ ޒީވާއަށް އެތަނުގައި އޮންނަން އުނދަގޫވެގެން އުޅޭކަމެވެ.
ރިއާން ދެ ހިޔާލެއްގައިހުރެ ފަރުވާތެރިކަމާއެކު ޒީވާ އަތްދަނޑިމައްޗަށް އުފުލައިލިއެވެ. އަދި މަޑުމަޑުންގޮސް ޒީވާގެ ކޮޓަރީގެ ހުޅުވިފައިވާ ދޮރުން އެތެރެއަށްވަދެ ކޮޓަރީގެ އެނދުގައި ޒީވާ ބާއްވައިލިއެވެ. ހަމަ އިސްކޮޅަށް ދެމިލުމަށްފަހު އޭނާއަށް ފުރަތަމަ ފަހަރަށް އެކޮޓަރީގެ ތެރެއަށް ނަޒަރު ހިނގައިލެވުނެވެ. މަޑު ދަނބުކުލައިގެ ފާރުތަކުން ވަށައިލެވިފައިވާ އެކޮޓަރިން ފެންނަނީ ސާދާ ކަމެވެ. ރިއާންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ކޮޓަރީގައި ހުރި ފޮތް ހަރުގަނޑާއި އެނދުގެ ހެޑްބޯޑުގައި އަތުރައިފައިވާ “ސްޓަފްޑް ޓޯއީޒް” ތަކެވެ. ރިއާން އަތް ދަމައިލުމަށްފަހު އެތަނުން ހަނދުފަޅިއެއްގެ ބައްޓަމަށް އޮތް އެއްޗެއް ނެގިއެވެ. އެއަށްފަހު ޒީވާގެ އަތްދަށަށް އެ ލައިދިނުމަށް މަސައްކަތް ކުރިއެވެ. އެކަމަށް ހުރަސްއެޅުނީ ކުއްލިއަކަށް ޒީވާ ސިއްސައިގެންގޮސް ތެދުވެ އެނދުގެ ފަހަތަށް ޖެހިލުމުންނެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ޒީވާ ރިއާންއާ ދުރަށް ޖެހިލަމުން ކަކުލުގައި ބައްދައިލިއެވެ. އޭރު ޒީވާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައިވާއިރު އެ ނިތުން ދާތިކި ފާޅުވާން ހުއްޓެވެ.
“ޒީވް..” ރިއާން ޒީވާއާ ގާތަށް ދަމައިލި އަތް ތިރިކޮށްލީ ޒީވާ ސިހިފައި އިތުރަށް ފަހަތަށް ޖެހިލުމުންނެވެ. އޭނާއަށް ބުމަ ގޮށްޖަހައިލަމުން ޒީވާގެ އެ ހަރަކާތުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބާއިމެދު ވިސްނައިލެވުނެވެ. އެއާއެކު ސިކުނޑިއަށް ވެރިވި ހިޔާލު އޭނާގެ މުޅިގައިން ހީބިހި ނަގުވައިލިއެވެ.
“ޒީވް-” ރިއާން ޒީވާއާ ގާތަށް ދަމައިލި އަތް ތިރިކޮށްލީ ޒީވާ ސިހިފައި އިތުރަށް ފަހަތަށް ޖެހިލުމުންނެވެ. ރިއާންއަށް ބުމަ ގޮށްޖަހައިލަމުން ޒީވާގެ އެ ހަރަކާތުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބާމެދު ވިސްނައިލެވުނެވެ. އެއާއެކު ސިކުނޑިއަށް ވެރިވި ހިޔާލު އޭނާގެ މުޅިގައިން ހީބިހި ނަގުވައިލިއެވެ.
“ޒީވް. މީ އަހަރެންނޭ” ރިއާން ހިންދިރުވައިލަމުން ޒީވާގެ އަތުގައި ހިފަހައްޓައިލިއެވެ. ޒީވާ ފުންނޭވާތަކެއް ލަމުން ބޯ ޖަހައިލިއެވެ.
“އައި.. ސޮރީ.. ހުވަފެނެއް ފެނުނިީ ދެން.. ލޯ ހުޅުވައިލި ގަޑީ ރިއާން ފެނުނީމަ ސިއްސައިގެން ދިޔައީ” ޒީވާ މޫނުމަތީގައިވި ކުލަވަރު ބަދަލުކޮށްލަމުން ހިނިތުންވެލިއެވެ.
“ސޯފާގަ އުނދަގުކޮށް އޮތްހެން ހީވާތީ އަހަރެން އެތެރެއަށް ގެނައީ” ރިއާން އިސްޖަހައިލަމުން ބުންޏެވެ.
“ގޮވާލިނަމަ. އަހަރެންވެސް ރިއާން އާދޭތޯ އޮއްވާ ނިދުނީއޭ” ޒީވާ ބުންޏެވެ.
“ކޮންމެހެން އަހަރެންނަށް މަޑު ނުކުރިޔަސް ރަނގަޅުވާނެ.. އަހަރެންނަށް ބައެއް ރޭރޭ އާދެވޭނީ ލަހުން” ރިއާންގެ ވާހަކައަށް ޒީވާ ބޯ ޖަހައިލިއެވެ. ދެމީހުންގެ ތެރޭގައި ފާއިތުވި ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ރިއާން އެތަނުން ދިޔުމަށްޓަކައި ތެދުވިއެވެ.
“ގުޑް ނައިޓް ރިއާން” ޒީވާ ބުންޏެވެ. ރިއާންވެސް ބަދަލުގައި ރޭގެ ސަލާމް ކޮށްލުމަށްފަހު އެތަނުން ނުކުތީ އަދިވެސް ޒީވާގެ ހަރަކާތަށް އޭރު އައި ކުއްލި ބަދަލާމެދު ހިތުގައި ސުވާލު އުފައްދަމުންނެވެ. ޒީވާ އޭނާއަށް ފޮރުވަމުންދަނީ ކިހާ ވަރެއްގެ ސިއްރެއްތޯ ސުވާލު އުފައްދަމުންނެވެ.
*************
ރާހިލްއާއި ޝައިނާގެ ލޯބި ދުވަހެއް ދުވަހަކަށް އާރުލާ ކުރިފޯދެމުން އައިނަމަވެސް އެދެމީހުންގެ ލޯބީގެ ބާބު ވީ ދުނިޔެއަށް ސިއްރުވެފައެވެ. އެކަމުގެ ހިލަމެއްވާ ބަޔަކަށް ތިބީ ޝިމާންއާއި އިޝްވާގެ އިތުރުން ރިއާން އެކަންޏެވެ.
“ރާހިލް.. އަހަރެންނަކަށް ނޭނގެ ކިހާ ދުވަހެއް ވަންދެން ކަމެއް ތިކަން ޒީވާއަށް ސިއްރު ކުރަން ނިންމައިގެން ތިހިރީ.. އެކަމަކު ތިހެން އުޅެނިކޮށް ޒީވާއަށް ފަޅާއަރާނެ ދުވަހަކުން ވާނެ ގޮތް ވިސްނާލަބަ. ތީ ޒީވާގެ އެންމެ ގާތް ދެމީހުން..” ފޯނުގެ އަނެއް ފަރާތުގައިހުރި ރިއާންގެ ވާހަކަ އަޑުއަހަމުން ރާހިލް ގޭގެ ދޮރު ހުޅުވައިލިއެވެ.
“ވަގުތު ޖެހުނީމަ ބުނާނީއޭ.. ޒީއަށްވެސް ހެންޑްްލް ކުރެވޭނީ ފަހަރަކު ޝޮކެއް ދޯ.. ރިއާން މާ ބޮޑަށޭ ތި ވިސްނަނީ.. އަބަދު ޒީގެ ވާހަކަ.. ތިވަރުން ދެން ސީ.އީ.އޯ ކަމުން ރިސައިން ކޮށްފަ ފުލްޓައިމް ޒީ ގާތުގަ ހުންނަންވީނު..” ރާހިލް ދިމާކޮށްލިއެވެ.
“ރާހިލް އަހަރެން މިހެން މި ބުނަނީ ހަމަ ތިދެމީހުނަށް ރަނގަ–” ކުއްލިއަކަށް ރިއާންގެ ވާހަކަ މެދުކެނޑުނީ ފޯނުގެ އަނެއް ފަރާތުން ވާފިޔާ ރާހިލްއަށް ގޮވައިލި އަޑާއެކު ރާހިލް ފޯނު ކަނޑައިލުމުންނެވެ.
“ސާބަހޭ.. އެނގިއްޖެ ދޯ ގެއަށް އަންނަން.. ދަރިފުޅު ކިހިނެއްތަ މިހާރު ތި އުޅެނީ؟ ހާދަ ގުޅައިފީމޭ.. ގުޅާ އިރަކިއްޔާ އަބަދު ކޯލް ބިޒީ..” ވާފިޔާ ބުންޏެވެ.
“ދެން މަންމަ ދައްކާ ވާހަކަ.. ޖޮބަށް ނުކުންނަން ފެށީމަ ހަމަ ބިޒީ ވަނީއޭ.. ދެންމެ ރިއާންއަށް ގުޅައިގެން ހުއްޓާ ގުޅުނީ ކަމަށް ތި ވާނީ. ކޯއްޗެއްތަ ކާން ހުރީ މޯމް..؟” ރާހިލް ވާފިޔާގެ ކޮނޑަށް އަތް ވައްޓައިލިއެވެ.
“އެބަހުރި ލައްކަ އެއްޗެހި ކާން ހަދާފަ.. ދޭބަލަ ތި ފެންވަރައިލައިގެން ކާން އަަންނަން.. ބައްޕަގެ ރައްޓެހިންތަކެއްވެސް އައިސް އެބަ އުޅޭ..” ވާފިޔާ ރާހިލް އެތަނުން ފޮނުވައިލިއެވެ. ރާހިލް އާދައިގެމަތިން ރީތި ރާގަކަށް ތުނބުން ފުމެމުން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ވެގެން ދިޔައީ އެކޮޓަރިން ނުކުންނަން އައި އަންހެންކުއްޖާވެސް ކޮޓަރީގެ ދޮރު އެތެރެއަށް ވާގޮތަށް ހުޅުވައިލި ވަގުތަށެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ރާހިލް އަރިއަޅައިލި ވަގުތު އެކުއްޖާގެ ހެދުމުގައި ހިފައި ދަމައިގަނެވުނެވެ. އިސާހިތަކު ރާހިލްގެ ބުރަކަށި ތަޅުންގަނޑުގައި ޖެހުނު ވަގުތު އެކުއްޖާގެ ހަށިގަނޑުވެސް ރާހިލްގެ ގައިމައްޗަށް ވެއްޓުނެވެ.
“އެލީޝާ؟” “ރާހިލް؟” ދެމީހުންނަށް އެކީގައި ބުނެވުނެވެ.
“މިތާ ކީއްކުރަނީ؟” ރާހިލް ބުމަ ގޮށްޖަހައިލަމުން އަހައިލިއެވެ.
“މިއީ ބައްޕަމެންނާ އެއްކޮށް އައިސްފަ.. ބައްޕަ އެބައިން ތިރީގަ. އަހަރެން ފާހަނަ ދައްކާށޭ ބުނީމާ ވާފިޔާއްތަ ބުނީ ދާށޯ ކޮންމެ ކޮޓަރިއަކަށް ވަނަސް ފާހަނަ ހުންނާނެޔޯ.. މި ކޮޓަރިއަށް ވަދެވުން މިއީ ހަމަ އިއްތިފާގެއް..” އެލީޝާ ބުންޏެވެ.
“އޯ އޯކޭ… އާމިރުބެއާ އެލީއާ އެކަނިތަ އައީ؟” ރާހިލް އަހައިލިއެވެ.
“ނޫން. މަންމަވެސް އައި. ދެން ސާބަސް.. ހުރިހާ ވާހަކައެއް ދައްކަނީ މިތާ އޮވެތަ؟” އެލީޝާ ހީނގަތެވެ.
“އާހް ޔެސް ތެދުވަންވީ ދޯ.. އެލީއޭ އަސްލު ތެދުވަންވީ. އޭރުންނެއްނު އަހަރެންނަށް ތެދުވެވޭނީ..” ރާހިލް ބުންޏެވެ.
“ސިލީ.. ތެދުވެވޭނީ ރާހިލް އަހަރެންގެ އަތުން ދޫކޮށްލީމައެއްނު” އެލީޝާގެ ވާހަކަ އިވި ރާހިލްއަށް ގުޅިފައިވާ އެދެމީހުންގެ އަތަށް ބަލައިލެވުނެވެ. ވެއްޓެން ދިޔައިރު ހިފެހެއްޓުނު ގޮތަށް އޭނާއަަށް އަދިވެސް އޮތީ އެ އަތުން ދޫނުކުރެވިއެވެ.
“ސޮރީ” ރާހިލް އަވަސްއަވަހަށް އެ އަތުން ދޫކޮށްލިއެވެ. ދެމީހުންނަށް އެކުގައި ކޮޅަށް ތެދުވެވުނު ވަގުތު އެލީޝާ އެތަނުން ނުކުތުމަށް އަވަސްވެގަތެވެ.
“ސީ ޔޫ އަރައުންޑް..” އެލީޝާ ނުކުންނަމުން ބުންޏެވެ.
“ޔެޕް ސީ ޔޫ..” ރާހިލް ވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެލީޝާ ދިޔުމުން ދޮރު ލައްޕައިލިއެވެ.
**************
ހީކުރިފަދައިން ޖެހިގެން އައި ރޭވެސް ރިއާންއަށް އޮފީހުން އާދެވުނީ ވަރަށް ދަންވި ފަހުންނެވެ. ނަމަވެސް ކުރީ ރެއާޚިލާފަށް ސޯފާގައި އިން ޒީވާގެ މޫނުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރިއާން ފެނުމާއެކު ހިނތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޓީވީއިން އޭނާ ބަލަމުންދިޔަ ފިލްމަށް ސަމާލުކަން ދިނެވެ. ގަމީހުގެ މޭމަތިން ދެގޮށް ނައްޓައިލުމަށްފަހު ރިއާންވެސް ވަރުބަލިކަމާއެކު އެކަކަށް އިށީނދެވޭނެހެން ހުރި ގޮނޑިއަށް ވެއްޓިގަތެވެ. ޓީވީން ޒީވާ ބަލަމުންދިޔަ އިނގިރޭސި ފިލްމަށް އަވަސް ނަޒަރެއް ދިނުމާއެކު އޭގެ އަލިން ބޮލަށް އެރި ތޫނު ތަދުގެ ސަބަބުން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.
“ރިއާން.. ރަނގަޅުތަ؟” ޒީވާގެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ބޯ ޖަހައިލަމުން ރިއާން ދެލޯ ހުޅުވައިލަން މަސައްކަތް ކުރިއެވެ. އެވަގުތު އަނެއްކާވެސް އެ ތޫނު ތަދު އިހުސާސްވުމާއެކު އޭނާއަށް ނިތްކުރީގައި ހިފަހައްޓައިލެވުނެވެ.
“ރިއާން…” ޒީވާއަށް ރިއާން ރަނގަޅު ނޫންހެން ހީވެ އަނެއްކާވެސް ގޮވައިލިއެވެ.
“ޔެސް އޯކޭ.. ކުޑަކޮށް ބޮލުގަ ރިއްސާލީ” ރިއާން ހިނިތުންވާން މަސައްކަތް ކުރިއެވެ.
“މާ މަސައްކަތް ބުރައީ ދޯ؟” ޒީވާ ކަންބޮޑުވެފައި އަހައިލިއެވެ. “ރިއާން އޮފް ދުވަހެއްވެސް ނުނަގަމެއްނު..”
ޒީވާގެ ވާހަކައަށް ރައްދުދޭކަށް ރިއާންއެއް ނޫޅުނެވެ. ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯ އޭނާ ގޮނޑީގެ ފަހަތަށް ކަރު އެލުވައިލައި ދެލޯ މަރައިލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ނިތްކުރިމަތިން ފިނިފިނި އަތްތިލައެއްގެ އިހުސާސް ކުރެވި ސިއްސައިގެންގޮސް ލޯ ހުޅުވައިލަމުން އެ އަތްތިލައިގައި ހިފެހެއްޓިއެވެ.
“މިއީ.. ބޮލުގަ.. މިބުނީ .. ބޯ ކުޑަކޮށް އޯކޭވޭތޯ.. މަސާޖް” ރިއާންގެ ކުއްލި ހަރަކާތުގެ ސަބަބުން ސިހުން ލިބިފައިހުރި ޒީވާ ހާސްވިއެވެ. އޭނާއަކަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ރިއާންގެ އިޒްނައާނުލާ އެފަދަ ގޮތަކަށް ގައިގައި އަތްލުމުން ރުޅިއައިސްދާނެ ކަމަށްޓަކައި އޭނާ ބިރުގަތެވެ. އެހެނަސް ހީކުރި ގޮތާހިލާފަށް ރިއާން ބޯ ޖަހައިލުމަށްފަހު ޒީވާއާ އެއްބަސް ވެލަމުން ޒީވާގެ އަތްތިލަ ކުރިންވެސް އޮތްހެން އޭނާގެ ނިތްކުރީގައި ބޭއްވިއެވެ.
ޖެހިލުންވެފައިހުރެ ޒީވާ ދެފަހަރަކު ރިއާންގެ ނިތްކުރީގައި ފިރުމައިލުމަށްފަހު އަތުގެ އިނގިލިތައް ރިއާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލިއެވެ. މިފަހަރު ރިއާންއަށް ދެލޯ މަރައިލެވުނީ ބޮލުގައި އުފެދުނު ރިހުމަކުން ނޫނެވެ. ޒީވާގެ ހިމަހޯލި އިނގިލިތަކުން ރިއާންގެ ބޯ މޮޑެދޭން ފެށުމާއެކު ބޮލަށް އިހްސާސްކުރެވިގެންދިޔަ ލުއިކަމުންނެވެ. އެގޮތުގައި އެތައް މިނެޓެއް ހޭދަވެގެން ދިޔައިރުވެސް ރިއާން ލޯ ހުޅުވާކަށް ނޫޅުނެވެ. ޒީވާގެ އަތް މަޑުމަޑުން ތިރިއަށް ދަތުރު ކުރަމުން އައިސް ރިއާންގެ ކޮނޑުގައި ބީހިލިއެވެ. އޭނާ ޖެހިލުންވެފައިހުރެ ރިއާންގެ ގަމީސް ގިރުއާނާ ދިމާލުން ފޭކޮށްލުމަށްފަހު ރިއާންގެ ކޮނޑު މޮޑެދޭން ފެށިއެވެ. ރިއާންގެ ފަރާތުން އިވުނު ހިތްހަމަޖެހުމުގެ އާހާއެކު ޒީވާ ހިނިތުންވެލިއެވެ.
“ޓްރެއިންޑް ޕްރޮފެޝަނަލް އަކަށްވުރެވެސް ޒީ މާ މޮޅު” ރިއާން ބުންޏެވެ. ޒީވާގާތަށް ހިނިއައެވެ.
“ތި ބުނާ ގޮތުން ހީވަނީ ރިއާން މިކަމަށް ގަވައިދުން ޕްރޮފެޝަނަލްސް ހަޔަރ ކުރާހެން” ޒީވާ ބުންޏެވެ.
“ނޫނޭ.. އެއްފަހަރު ރާހިލް ކިޔާވަރުން އެކޮޅުގަ ފައިނަލްސް ނިންމާފަ ފާޑެއްގެ ސްޕާއަކަށް ދިޔައިން. ޒީވްހާ މޮޅެއް ނޫނޭ އެމީހުންވެސް” ރިއާން ބުންޏެވެ.
“އަހަހަހަ… ދެން ހަމަ ގޯނިފުލަށް ލީ ދޯ.. އަހަރެންނެއްކަމަކު ޕްރޮފެޝަނަލަކާ އެއްވަރުވާނީ ކިހިނެއް؟” ޒީވާ ބުންޏެވެ.
“ހަމަ އަސްލުވެސް. ޒީވް ކިހިނެއްތަ އެހާ މޮޅީ؟” ރިއާން އަހައިލިއެވެ.
“ޕްރޮފެޝަނަލީ މިކަމުގަ ނޫޅުނަސް މިއީ ޕްރޮފެޝަންގެ ގޮތުން އަހަރެންވެސް ޕޭޝަންޓުންނަށް ކޮށްދޭ ކަމެކޭ” ޒީވާ ބުންޏެވެ.
“ތިބުނީ؟ ހަމަ ކޮންމެ ޕޭޝަންޓަކަަށްވެސްތަ؟” ރިއާންގެ ބުމަ ގޮށްޖެހުނެވެ. އޭނާ މިހާރު އެއިން މަގާމުގައި އެހެން ފިރިހެނަކު އިނދެފާނެކަމުގެ ހިޔާލުން އޭނާއަށް އުނދަގޫވާން ފެށީއެވެ. ފަހަތުގައި ހުރި ޒީވާއަށް ރިއާންގެ މޫނަށް އެރި ކުލަވަރުގެ ހިލަމެއްނުވާ ހާލު މައުސޫމް ކަމާއެކު ރިއާންގެ ސުވާލަށް ޖަވާބުދިނެވެ.
“ހޫމް.. މިހާރު ވިއްސާ ނަރުހަކަށް ބަދަލުވިފަހުން.. ވަރަށް ގިނައިން..” ޒީވާގެ ޖަވާބުއިވި ރިއާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“އަހަރެން ހީކުރީ ޒީ ވޯކް ކުރަނީ އެމަރޖެންސީ ބައިގަ ކަމަށް” ރިއާން ބުންޏެވެ. އޭނާގެ ފައި ފިހިގެން ހޮސްޕިޓަލަށް ދެވުނު ދުވަހުވެސް ޒީވާ ފެނުނީ އަވަސްފަރުވާދޭ ބައިގެ ތެރެއިންނެވެ.
“ހޫމް ކުރިން.. އެކަމަކު އެތަން އެހާ ސޭފް ނޫންވީމަ ބަދަލުވީ” ޒީވާ ބުންޏެވެ.
“ސޭފެއް ނޫނޭ ތިބުނީ ކިހިނެއް؟” ރިއާންގެ ސުވާލާއެކު ޒީވާގެ ހަރަކާތްތައް ހިނދުކޮޅަކަށް ހުއްޓުނުހެން ރިއާންއަށް ހީވިއެވެ. އެސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޒީވާ ހިމޭންކަން ހިޔާރުކުރިއެވެ.
“ޒީވާ” ރިއާން ގޮވައިލުމުންވެސް ޒީވާގެ ހަބަރެއް ނުވީތީ ރިއާން ކަންބޮޑުވިއެވެ. އޭނާގެ ކޮނޑުގައި އޮތް ޒީވާގެ އަތް ދުރުކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލިއެވެ.
“ޒީވް އޯކޭތަ؟” ރިއާން މިފަހަރު ގޮވައިލުމާއެކު ޒީވާ ސިހުނެވެ.
“ކީކޭ؟ ޔެސް.. އޯކޭ.. ނިންމާލީތަ؟ މިހާރު ކުޑަކޮށް އޯކޭވެއްޖެ ދޯ.. ދެން ނިދާލީމަ ރަނގަޅުވާނެ. އަހަރެންވެސް ވަރަށް ނިދި އައިސް-”
“ވައި އަރ ޔޫ ޓްރައިންގް ޓު އެވޮއިޑް ދިސް ޒީވް؟” ޒީވާ ވާހަކަ އޮޅުވައިލަން ކުރި މަސައްކަތް ނާކާމިޔާބުވީ ރިއާން އިން ގޮނޑިން ތެދުވެގެން އައިސް ޒީވާގެ އަތުގައި ހިފެހެއްޓުމުންނެވެ. ރިއާންގެ ސުވާލާއެކު ޒީވާގެ މޫނަށް ހާސްކަން ވެރިވިއެވެ. އަދި ރިއާންއާ ހަތަރުކަޅި ހަމަނުކުރުމަށްޓަކައި އިސް ޖަހައިލިއެވެ. އެ ހާސްކަމުގެ ސަބަބުން ޒީވާގެ އަތުގައި އުފެދުނު ތުރުތުރު އިހުސާސްވުމާއެކު ރިއާންއަށްވެސް ކުޑަ ސިހުމެއް ލިބުނެވެ.
“މައްސަލައެއް ނެތް.. އަހަރެންނަށް މައާފުކުރޭ.. ކުރަން ނުޖެހޭ ސުވާލެއް ދޯ މި ކުރެވުނީ.. އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު އޮޅުނީ.. ޒީވާ އެއްވެސް ކަމެއް ހިއްސާކުރަން ބޭނުން ނޫންނަމަ…” ޒީވާގެ އަތުން ދޫކޮށްލި ރިއާން ދުރަށް ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު ޒީވާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
“ނޫން ރިއާން.. މިއީ ރިއާންއަށް އެނގެންޖެހޭ ވާހަކައެއް.. އެކަމަކު އަހަރެންނަކަށް މި ވާހަކަ ދައްކާނެގޮތެއް ނޭނގުނު.. ބައްޕަމެން އަހަރެންގެ ކައިވެނި މީހަކާ ހަމަޖެއްސީއޭ ބުނި ދުވަހު އަހަރެން ހީކޮށްގެންހުރީ އެމީހަކަށް މިވާހަކަ އަންގާނެ ކަމަށް.. އެކަމަކު އެއީ ރިއާންކަން އެނގުނު ހިސާބުން އަހަރެންނަށް އެނގުނު ރިއާންއަށް އެއްވެސް ކަމެއް ނޭނގޭކަން… ކުޑަމިނުން އަހަރެމެންގެ ކައިވެނި ކުރެވުނު ސަބަބުވެސް… ރިއާން.. އަހަރެން… މީގެ ދެތިން.. މިބުނީ ހަތަރުމަސް ކުރިން… އައި ވޯޒް.. އައި ވޯޒް އެސޯލްޓަޑް. އޯލްމޯސްޓް ރޭ**”
ޒީވާގެ ވާހަކައާއެކު ރިއާންއަށް ހީވީ މީހަކު އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވައިލިހެނެވެ. ރޭގައި ޒީވާއަށް ނިދިން ހޭލެވުނު ވަގުތު އޭނާ ފެނުމުން އެކަހަލަ ގޮތަކަށް ސިހުން ލިބިގެންދިޔައީ މިހެންވެ ހެއްޔެވެ؟ ހިނދުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރުމަށްފަހު ޒީވާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރު ޒީވާ ތުންފިއްތާލައިގެން ހުރިގޮތުން ހީވަނީ ދެންމެ ދެންމެ ރޮއެގެންފާނެ ހެނެވެ.
“ޒީވް އައި.. އައިމް ސޮރީ… ޒީ ރެޑީ ނޫން ކަމުގައި ވާނަމަ އަހަރެންނަށް ނުކިޔާދިނަސް..”
“އިޓްސް އޯކޭ ރިއާން..” ޒީވާ ބުންޏެވެ. ރިއާން ބޯ ޖަހައިލުމަށްފަހު ޒީވާ ސޯފާގައި ބޭންދިއެވެ. އެކަންތައް ހިނގައިދިޔަގޮތާއި، އެކަން ކުރި މީހެއް އޭނާ އިންތިހާއަށް އެނގެން ބޭނުމެވެ.
“އަހަރެން.. އަހަރެން ހުރީ ދަންވަރު ޑިއުޓީގަ ހުއްޓާ… މުޅި ހޮސްޕިޓަލަކުންވެސް ނޫން.. އަހަރެމެން ތިބި ދިމާލުން ކަރަންޓު ކެނޑުނީ.. އައިޝް ކަރަންޓަށް ވީ ގޮތް ބަލަން ދިޔަ ގަޑީ އޭނަ– އަހަރެ–” ޒީވާއަށް އިތުރަށް ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށެވެ. އެރޭގެ ހަނދާންތައް އާވުމާއެކު ހިތުގައި ފޮރުވިފައި އޮތް ބިރުވެރިކަން ތިލަވެ ދެލޯ ފެންކަޅިވާން ފެށިއެވެ. ރިއާން ޒީވާއަށް ހިތްވަރު ދިނުމުގެ ގޮތުން ޒީވާގެ އަތުގައި ހިފައިލިއެވެ.
“އަހަރެން… އަހަރެން ހީކުރީ ނަފްސާނީ ޕޭޝެންޓެއް ކަމަށް.. އެކަމަކު އޭނަ….” ޒީވާއަށް ގިސްލެވެމުން ދިޔަ ނަމަވެސް އެވާހަކަ ކުރިއަށް ގެންދިޔައެވެ. ޒީވާގެ ދުލުން ކިޔައިދެމުންދިޔަ ކޮންމެ ޖުމްލައަކާއެކު ރިއާންގެ މުށްކަވައިލެވިފައިވާ އަތަށް ބާރު ކުރެވެމުން ދިޔައެވެ. އެއިން ކޮންމެ ލަފްޒެއް ބިއްލޫރިތަކެއްހެން އޭނާގެ މެޔަށް ހެރެމުންދިޔަ ކަހަަލަ ވޭނެއް ހިތުގައި އަޅަންފެށިއެވެ.
“ރިއާން ޕްލީޒް.. ބައްޕަމެންނަށް އެމީހާ އަދިވެސް އަހަރެންނަށް ފާރަލާކަން އެނގިގެން އަހަރެންގެ ހިމާޔަތަށްޓަކައި ކައިވެނި ރޭވިޔަސް.. މިއީ އެއްވެސް ހާލެއްގަ ރިއާން ޔޫޒް ކުރަން ކުރި ކަމެކޭ ހީ ނުކުރައްޗޭ.. އަހަރެން.. އަހަރެން ހިއެއް ނުކުރަން މިހެން ކަންވާނެއެކޭ.. އަހަރެންނާ ކައިވެނި ކުރާނޫ ރިއާންއަށް ވާނެއެކޭވެސް.. ރިއާން އައި ވޯންޓެޑް ޓު ޓެލް ޔޫ.. ރިއާން.. އަހަރެން-”
“ޝްޝްޝް..” ޒީވާ ގެނެސް މޭތެރޭގައި ބޮނޑިކޮށްލަމުން ރިއާން ޒީވާގެ ވާހަކަ ހުއްޓުވިއެވެ. “ތިކަހަލަ ކަމެއްގަ ޒީވް އަހަރެން ޔޫސްކޮށްގެން އަހަރެން ހިތްހަމަ ނުޖެހޭނެއޭ ޒީވްއަށް ހީވަނީތަ؟ އަހަރެން ކައިރި ކުރިންވެސް ތި ވާހަކަ ބުނެލިނަމަ.. އަހަރެން އޭނަ ހޯދާ-”
“ނޫން ރިއާން.. ދެން އެއްވެސްކަމެއް ކުރާނެ ކަމެއްނެތް.. މާތްﷲގެ މިންވަރުފުޅުގަ އަހަރެން ސަލާމާތްވާން ހުރީތީ އޭނާ ބޭނުންވި ކަމެއް އަހަރެންނަށް ނުކުރެވުނެއްނު.. އަހަރެންނަށް މިހާރު އޭނާގެ އެއްވެސް އުނދަގުލެއް ނުފޯރާ.. އެހެންނޫނަސް މިކަހަލަ ކަމެއްގަ ރިއާންގެ ވަގުތުތައް ބޭކާރުކުރުމުގެ ބޭނުމަކީ ކޮބާ؟ އެކަހަލަ މީހުންނަކީ ކޯޓުގެ އެއްދޮރުން ވައްދާފަ އަނެއްދޮރުން ބޭރުކުރާ މީހުން.. އެމީހެއް ހޯދަން އުޅެގެން ރިއާންއަށްވެސް އަހަރެންނަކަށްވެސް އޭގެ ފައިދާއެއް ނެތެއްނު” ޒީވާ ބުންޏެވެ. ރިއާން އެކަމާ ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ޒީވާ އެ އެދުނު ފަދައިން އޭނާއަށް އެކަން ނުބަލާ ދޫކޮށްލެވޭނެ ކަމާމެދު ޝައްކެވެ.
“ބަލާބަލަ. ރިއާން ބުނަނީ ތެދެއް. އަހަރެންނަށް ކަމެއްވާއިރަށް ކުޑަކުދިންހެން ރޮވެނީ. އަހަރެންމީ ބޮޑު ފިނޑިއެއް” ރިއާން އެއަށް ވަކި ރައްދެއް ދޭކަށް ނޫޅުނެވެ. އެއީ އޭނާ ޒީވާއާ ދިމާލަށް ނުބުނާ ވާހަަކަތަކަކަށް ނެހެދޭނެއެވެ.
“އާރ ޔޫ އޯކޭ ނައު؟ އެކަމުގެ އެއްވެސް ޒަހަމެއް..” ރިއާންގެ ސުވާލު ފުރިހަމަ ނުކުރެވެންދެން ޒީވާ ބޯ ޖަހައިލަމުން ރިއާންއާ ދުރަށް ޖެހިލިއެވެ.
“އަހަރެން އޯކޭ. އެކަމަކު ދައްކަންތަ؟ މިއީ އެރޭ ވަޅިން އަޅުވާފަ ދިޔަ ތަން” ޒީވާލައިގެން ހުރި ޓީޝާޓު ކުޑަކޮށް ހިއްލައިލުމަށްފަހު ބަނޑުގެ އަރިމަތިން ހުރަހަށް ވާގޮތަށް ހުރި ލަކުނު ރިއާންއަށް ދައްކައިލިއެވެ. ސިޓިންގްރޫމްގައިވާ ފަނޑުއަލީގެ ތެރެއިން އެ ލަކުނު ފާހަގަ ކުރަން އުނދަގޫވުމުން ރިއާން އަތުގެ ބޮޑުވައި އިނގިލިން އެތަނުގައި ފިރުމާއިލިއެވެ. ޒީވާގެ އޮމާން ހަންގަނޑުގެ މަތިން ކުރަކިވެފައިވާ ހިސާބު އިހުސާސްވުމާއެކު ރިއާންއަށް ދަތްކުނޑި ވިކައިލެވުނެވެ. ޒީވާ އެދުނުވަގުތު އެ މައްސަލަ ދޫކޮށްލަން ވައުދު ނުވެވުނުކަމީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ. ޒީވާގެ ހަށިގަނޑުގައި އެފަދަ ކޫރުމެއް އަޅުވައިލި މީހަކު އޭނާއަށް އެހާ ފަސޭހައިން ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ އެ މައުސޫމް ހިތް ދުނިޔޭގެ އަނިޔާވެރިކަމުން ކިލަނބުކޮށްލި މީހަކަށް މައާފު ދޭނީ ކިހިނެއް ހެއްޔެވެ؟
އެރޭ ޒީވާ ނިދަން ދިޔުމުންވެސް ރިއާންއަށް އިނދެވުނީ އެކަމާމެދު ފިކުރު ކުރުމުގައެވެ. ޒީވާއަށް ދިމާވި ކަންތަކާމެދު އޭނާގެ ހިތް ޝަކުވާއިން ފުރެމުންދިޔަ ނަމަވެސް އެއަށްވުރެން ބޮޑު ރުޅިވެރިކަމެއް އެހިތުގައި އުފެދެމުންދިޔައީ ހަތަރުމަސް ފާއިތުވެ ދިޔައިރުވެސް ޒީވާއަށް އެކަމުގައި އިންސާފު ލިބިފައި ނުވީތީއެވެ. ނާޝިދުފަދަ އާރާއިބާރު ހުރި މީހަކު ގަސްތުގައި ޒީވާގެ ކަންތަކާމެދު ފަރުވާކުޑަ ކޮށްލީތީއެވެ.
*************
ހޮސްޕިޓަލުގެ ހަލަބޮލި މާހައުލުގެ ތެރެއަށް ވަދެގެން އައި ރިއާން ނޭފަތުގައި އަޅައިފައިވާ ކަޅުކުލައިގެ ޑިސްޕޯޒަބަލް މާސްކް ރަނގަޅުކޮށްލަމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ. އަދި ފޯނުން އޭނާއާ ވާހަކަ ދައްކަމުންދިޔަ މީހާގެ އިރުޝާދާ އެއްގޮތަށް ހިނގަމުންދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ހުރެވުނީ ހޮސްޕިޓަލެގެ ކޮންޓްރޯލް ރޫމްގެ ބޭރުގައެވެ.
“އެމް.ޑީ ހެނދުނު ވިދާޅުވި ރިއާން އަންނާނޭ ރިއާންއަށް އެސިސްޓް ކޮށްލަދޭށޭ.. އެހެންވީމާ އެދިލެއްވި ފަދައިން އަޅުގަނޑު ހުންނާނީ އެދުވަހުގެ ހުރިހާ ފުޓެޖްއެއް ރެޑީ ކޮށްލާފަ.. ވަކި ޓައިމެއެއް ބުނެލަދިނިއްޔާ ފަސޭހަވާނެ” ކޮންޓްރޯލް ރޫމްގެ ތެރެއިން ރިއާންއާ ބައްދަލުކުރި ޒުވާނާ ބުންޏެވެ.
“އާންމުކޮށް ދަންވަރު ޝިފްޓް ފެށޭހިސާބުން ޕްލޭ ކޮށްލަބަ” ރިއާން ގޮނޑީގައި އިށީންނަމުން ބުންޏެވެ. ދެން ފާއިތުވެދިޔަ ބައި ގަޑިއެއްހާއިރު އޭނާގެ ފުރިހަމަ ސަމާލުކަން އެ ކެމެރާތަކަށް ދެވިފައިވިއެވެ. ނަމަވެސް އެކަން ހިނގިކަމަށް ޒީވާ ބުނާ ހިސާބުގައިހުރި ކެމެރާތައް އެއްކޮށް ބަލައި ނިމުނުއިރުވެސް ރިއާންއަކަށް އެއިން މަންޒަރެއް ނުފެނުނެވެ. ދެވަނަ ފަހަރު އޮޅައިލުމަށްފަހު ފުޓެޖް ޕްލޭ ކުރިއިރު ރިއާންގެ ނަޒަރު ހުއްޓިފައިވަނީ ފުޓެޖްގެ ކަނަށް އަރައިފައިވާ ވަގުތަށެވެ.
“މީގެން ދެ ގަޑިއިރު އެބަ މަދުވެއެއްނު؟” ރިއާން އަޑުގަިއވި ހިތްހަމަ ނުޖެހުން ފޮރުވާން މަސައްކަތްކުރަމުން ބުންޏެވެ.
“އަސްލު މިއީ ހޮސްޕިޓަލްގެ ކޮންފިޑެންޝަލް ވާހަކައެއް.. އެކަމަކު ރިއާންގެ ވައިފްއާ ގުޅޭ ކަމެއްވީމަ އަހަރެން ބުނެދީފާނަން… އެރޭ މިކޮޅުގަ ހިނގި ކަންތައް ސިއްރުކުރަން އެމް.ޕީ ނާޝިދު އެދިލައްވައިގެން އެވަގުތުގެ ހުރިހާ ފޫޓެޖްއެއް ފުހެލާން ޖެހުނީ” އެ ޖަވާބު އިވުމާއެކު ރިއާންގެ ލޭ ކެކިގަތެވެ. އެހެނަސް ކެތްތެރިކަމާއެކު އެކަން އިތުރަށް ހޯދާނެ ގޮތަކާމެދު ވިސްނަން ފެށިއެވެ.
“އަހަރެންނަކީވެސް މިކަންކަމަށް މާ އާ މީހެއްނޫން.. އަހަރެންނަށް އެނގޭ އަސްލު ފުޓެޖް ފުހެލިޔަސް ބެކަޕް ބަހައްޓާނެކަން.. ނާޖާއިޒް ބޭނުމަކަށްވިޔަސް.. ކޮބާ ބެކަޕް؟” ރިއާން ސުވާލުކުރިއެވެ.
“ސޮރީ އެކަމަކު ނާޝިދު އެދިލައްވައިގެން ބެކަޕްތައްވެސް ޑިސްޓްރޯއިޑް.. އަޅުގަނޑަކަށް ހިއެއްނުވޭ ދެން އިތުރަށް ރިއާންއަށް މިކަމުގަ ކަމެއް ކޮށްދެވޭނެހެން” އެ ޒުވާނާ ތެދުވެ ރިއާންގެ ސްކްރީނުން ފެންނަން ހުރި ފުޓެޖް ނިއްވައިލިއެވެ. ރިއާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
“ކޮން ނަމެއްތަ ކިޔަނީ؟” ރިއާން އަހައިލިއެވެ.
“ހަމްޒާ”
“އޮލްރައިޓް.. އެހެންވީމަ ހަމްޒާ އަގެއް ކިޔާ” ރިއާން ބުންޏެވެ.
“ތިބުނީ؟” ހަމްޒާގެ ސިކުނޑީގައި ސުވާލުމާކު ޖެހިގެން ދިޔައެވެ.
“މިބުނީ ހަމްޒާ މި ހުރިހާ ކަމަކާ ހަވާލުވެ ހުންނަ މީހެއްގެ ހައިސިއްޔަތުން ހުރިހާ ބެކަޕްއެއް ނައްތާލުންކަހަލަ މޮޔަކަމެއް ކުރާނެޔޭ އަހަރެންގެ ހިތެއް ނުބުނެޔޭ.. އެހެންވީމަ މިކަމުގަ އަހަރެމެން ދެމީހުންގެވެސް މަގްސަދު ހާސިލްވާނެހެން އިތުރު ބަޔަކަށް ނާންގާ މިކަން ކުރަން ބޭނުމިއްޔާ ހަމްޒާ އަގެއް ކިޔާށޭ.” ރިއާން ބުންޏެވެ.
“ބައްލަވާ.. އަޅުގަނޑު ބުނީ ތެދު.. ހުރިހާ ބެކަޕްއެއްވެސް ނައްތާލީ.. އެކަމަކު އަޅުގަނޑަށް އެއްދުވަހުގެ މުއްދަތެއް ދިނިއްޔާ މެއިން ސާރވާއިން އޭތި ރިސްޓޯރ ކުރެވޭތޯ މަސައްކަތް ކުރެވިދާނެ.. ޔަގީންކަމެއް ނުދެވޭނެ” ހަމްޒާ އިރުކޮޅަކު ވިސްނައިލުމަށްފަހު ބުންޏެވެ.
“ތިވަރުވެސް މިވަގުތަށް ފުދޭ… ނިންމާފަ އަހަރެންނަށް ޕެންޑްރައިވް ފޮނުވާލާ ދުވަހު ހަމްޒާއަށް ޕޭމެންޓް ފޮނުވަދޭނަން..” ރިއާން ބުންޏެވެ.
“ނޫނޭ.. ކޮންސިޑަރ އިޓް އަ ފޭވަރ ޔޫ ކޭން ރިޓަރން ވެން ޓައިމް ކަމްސް..” ހަމްޒާ ބުންޏެވެ.
“ސްމާރޓް މޭން ޔޫ އަރ” ހަމްޒާގެ ކޮނޑުގައި ދެފަހަރަކު ޖަހައިލުމަށްފަހު ރިއާން އެތަނުން ނުކުތީ ހަމްޒާ އެ ބެކްއަޕް ހޯދުމުގެ މަސައްކަތް ފެށުމުންނެވެ. ހޮސްޕިޓަލުން ނުކުތުމަށް ފިޔަވަޅު ބެހެއްޓިއެއްކަމަކު ވަކި ހިސާބަކުން އެ ފިޔަވަޅުތަކުގެ މިސްރާބު އެނބުރިގެން ދިޔައީ ކިހިނެއްކަމެއް ރިއާންއަކަށް ނޭނގުނެވެ. ވިއްސާކޮޓަރި ހުންނަ ފަންގިފިލާއަށް އަރައި ކައުންޓަރާ ހިސާބަަށް ދެވުނުއިރު ހުދު އޭނާވެސް ދިޔައީ އެ ނިންމުމާމެދު އަމިއްލަ ނަފްސާ ސުވާލުކުރަމުންނެވެ.
“ހައި.”
“ހެލޯ ޔެސް.. ޒީ ހޯދަން ދޯ؟” ރިއާންއަށް އިތުރު ބަހެއް ނުބުނެވިގެން އުޅެނިކޮށް އައިޝާ ހިނިތުންވެލަމުން އެހިއެވެ. ރިއާން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
“ޒީ މިހާރު އެތެރޭގަ އުޅޭތާ އިރުކޮޅެއްވެއްޖެ” އައިޝާ ބުންޏެވެ.
“ނިމޭނެ އިރެއް އެނގޭތަ؟” ރިއާން ސުވާލުކުރިއެވެ.
“އެހެން ބުނާކަށް ނޭނގޭނެ ދެއްތޯ؟” އައިޝާ ހިނިތުންވެލަމުން ޖަވާބުދިނެވެ. ރިއާން ބޯ ޖަހައިލުމަށްފަހު އެތަނުން ދިޔުމަށްޓަކައި އެޅި ފިޔަވަޅު ހުއްޓުނީ އެވަގުތު ލޭބަރ ރޫމްގެ ދޮރު ހުޅުވުމުންނެވެ. ހުދުކުލައިގެ ރަޖަލަކަށް ލައިފައިވާ ތުއްތު ކުއްޖެއް އުރާލައިގެންހުރެ އެދޮރުން ނުކުތީ ޒީވާ ފިޔަވައި އިތުރު މީހެއް ނޫނެވެ.
ޒީވާ އެ ތުއްތުކުއްޖާގެ މަންމަގެ ނަން އެތަނުގައި އިއްވައިލުމާއެކު އެއާއިލާގެ މީހުން އެދިމާލަށް ދިޔައެވެ. ފަހަރަކު މީހަކު އެ ތުއްތުކުއްޖާ އުރައި ލޯބިކުރަމުން ދިޔައިރު އެމަންޒަރު ބަލަންހުރި ޒީވާގެ މޫނުމަތީގައިވި ހިނިތުންވުންފެނި ރިއާންގެ ހިތަށް އާދަޔާހިލާފު ހަމަޖެހުމެއް ލިބުނެވެ. އެއިން ކޮންމެ ހަރަކާތެއް އޭނާއަށް ފެންނަމުންދިޔައީ ލަސްކޮށްލެވިފައިވާ މަންޒަރެއް ފަދައިންނެވެ.
ޒީވާ އެކުއްޖާ އުރާލައިގެން އަލުން އެތެރެއަށް ވަންނަން އުޅުނު ވަގުތު ދުރުގައިހުރި ރިއާން ފެނި އެމޫނުމަތީގައި ސުވާލުމާކު ޖެހިގެންދިޔައެވެ. އޭނާ އަތުގެ އިޝާރާތުން ރިއާންގާތު މަޑުކޮށްލުމަށް ބުނަމުން ވިއްސާ ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އޭގެ މިނެޓެއްހާއިރު ފަހުން އޭނާ ނުކުމެގެން އައިސް ރިއާންގާތު ހުއްޓުނެވެ.
“ރިއާން.. މިތާ ކީއްކުރަނީ؟ ރައްޓެއްސަކާއެކުތަ؟” ޒީވާ އަހައިލިއެވެ.
“ނޫނޭ.. ކުޑަކަމެއްގަ މިކޮޅަށް އައިސްފަ ދެން ހަމަ ހިތަށް އެރީ ޒީވް ގޮވައިގެން ލަންޗަށް ދާން އަންނާނީއޭ. އަހަރެންވެސް އެކަނިވީމައާއެކު” ރިއާން ރަކިވެފައިހުރެ ބޯ ކަހައިލިއެވެ.
“އަޅޭ.. އަހަރެން އަދި ނިމެން އިރުކޮޅެއް ނަގާނެ.. ހްމްމްމް. މަޑުކޮށްލައްޗޭ އިނގޭ.. އެބަ ގޮތެއް ހޯދާލަން” ޒީވާ އަވަސް އަވަހަށް އައިޝާމެންތިބި ކައުންޓަރު ކައިރިއަށް ދުވެފައި ދިޔައެވެ.
“އައިޝް.. އަހަރެން މިއަދު ތަންކޮޅެއް އަވަހަށް ލަންޗް ނަގާލަން ދިޔަސް އޯކޭތަ؟ އައިޝް މިކޮޅުގަ ހުންނާނަން ދޯ” ޒީވާ އެދުނެވެ.
“އަނބިގޮއްޔެ ދެކިލާހިތުން ރިއާންއަށް ކެތްނުވީ ދޯ” އައިޝާ ދިމާކޮށްލިއެވެ.
“އެއީތަ ޒީވާގެ ފިރިމީހާ؟ އަދި މި ފެނުނީ.. އެކަމަކު ކަނބުލޯ ބުނަން.. ކައިވެނީގެ ފުރަތަމަކޮޅު ވަރަށް އޮޅުވާނެ… ހޯދަންވެސް އަންނާނެ.. ފެންނަ ހިސާބުގަ ނެތިއްޔާ އަރުން ކާއެތިކޮޅުވެސް ދިރޭ ކަމަށް ނުހަދާނެ. ވިސްނައިގެން އުޅޭތި! އާކަން ކެނޑުނީމަ ފެންނާނީ އަސްލު ސިފަ” އެތަނުގައި އުޅޭ މެދުއުމުރުގެ ނަރުހެއް ކަމަށްވާ ޒޫނާ ބުންޏެވެ.
“ހޫމް ދެން މި ޒޫނައްތަ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް.. ޒީ ދޭ.. އަހަރެން ހަމަ ޖައްސާލާނަން” ޒީވާގެ އެދުމަށް އައިޝާ އެއްބަސްވިއެވެ. ޒީވާ އުފަލުން ދުވެލާފައި ރިއާން ގާތަށް ދިޔައެވެ.
“އެބަ އަންނަން އެނގޭ ގައުން ޗޭންޖް ކޮށްލައިގެން” ޒީވާ އޭނާ ލައިގެންހުރި ވިއްސާ ކޮޓަރީގައި ބޭނުންކުރާ ގަދަ ފެހިކުލައިގެ ގައުންއަށް އިޝާރާތްކޮށް ބުނެލިއެވެ. ރިއާން މިފަހަރުވެސް ބޯ ޖަހައިލިއެވެ. ޒީވާ އައުމާއެކު ދެމީހުން އެކުގައިގޮސް ވަނީ ހޮސްޕިޓަލުގައި ހުންނަ އާންމުންނަށް ހިދުމަތްދޭ ކެންޓީނަށެވެ.
“އަރ ޔޫ ޝުއަރ މިތަން އޯކޭ ކަން؟ ބޭރަށް ދާންވީނު ލަންޗް ނަގައިގެން އަންނަން” އެތަނުގައި ތޮއްޖެހިފައިވާ މީހުންނަށް ބަލައިލަމުން ރިއާން ބުންޏެވެ.
“ހޫމް. އަހަރެންނަށް ހުސްކޮށް ލިބޭނީ އެންމެ ގަޑިއިރެކޭ.. ބޭރަށް ގޮސްފިއްޔާ އަންނަން މާ ލަސްވާނެ.. ކިހިނެއްވީ؟ މިތަން ރިއާންގެ ސްޓެންޑަޑާ އެއްހަމަ ނުކުރަނީތަ؟” ޒީވާ އަހައިލިއެވެ. އޭރު އެ ދެމީހުން ތިބީ ކާއެއްޗެހި އެޅުމަށް ހަމަޖެހިފައިވާ ކިއުގައެވެ.
ރިއާން ވަކި އެއްޗެކޭ ނުބުނެ ގެއްލިފައިވާ ކުޑަކުއްޖެއްހެން އެތަނުގައި ޒީވާގެ ފަހަތުން އުޅެމުން ދިޔައެވެ. ޒީވާ ބުނާ އެއްޗަކަށް އާނއެކޭ ބުނެ ބޯ ޖަހައިލުން ފިޔަވައި އިތުރު އެއްޗެކޭ ބުނާތަނެއް ނުފެނެއެވެ. ހަގީގަތުގައި އޭނާހުރީ އެތަނުގައި ތިބި މީހުންގެ ލޯތަކުން ސަލާމަތްވާން ބޭނުންވެފައެވެ. ވަކިން ހާއްސަކޮށް ފައިސާ ދައްކާ ކައުންޓަރާ ހިސާބަށް ދެވުނުއިރު އެތަނުގައި ކޭޝިއަރަކަށް އިން ކުއްޖާގެ ލޯ އޭނާއަށް ހުއްޓިފައިވާތަން ފެނި ރިއާންއަށް ފޫހިގޮތަކަށް ކަޅިބއަނބުރައިލެވުނެވެ. ރިއާންއަށް ގެއްލިފައިހުރި ވަރުން އެކުއްޖާއަށް ޒީވާ އެތަނުގައި ހުރިކަންވެސް ނޭނގޭކަހަލައެވެ.
“އެކްސްކިއުޒް މީ” ޒީވާ ކަރުކެހިލަމުން އެކުއްޖާގެ ސަމާލުކަން ހޯދޭތޯ މަސައްކަތް ކުރިއެވެ. އެކުއްޖާއަށް އެކަމުގެ ހިލަމެއް ނުވުމުން ޒީވާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ.
“ހެލޯ.. ތި ދެލޮލުން އަހަރެންގެ ފިރިމީހާ ކާނުލިއްޔާ ވެދާނެ.. މިތަނުގަ ބަހައްޓާފަ ތި ހުންނަނީކީ މީހުންގެ ފިރިންނަށް ބަލާކަށް ނޫނެއްނު؟” ޒީވާ ހިނިތުންވެލަމުން ތަންކޮޅެއް ބާރަށް އެކުއްޖާއަށް އިވޭނެހެން ބުންޏެވެ. އެއަޑު ރިއާންގެ އިތުރުން ރިއާންމެންގެ ފަހަތުގައި ތިބި މަދު ބަޔަކަށްވެސް އިވުނެވެ.
ޒީވާގެ ފަރާތުން އިވިގެންދިޔަ ބަސްތަކުން ސިހުން ލިބުނު ނަމަވެސް އެ ބަސްތަކާއެކު އޭނާގެ ބަނޑުގައި ކޮކާ އުދުހޭ ކަހަލަ އިހުސާސެއް ކުރެވިގެން ދިޔަހެން ރިއާންއަށް ހީވިއެވެ. ބޭއިހްތިޔާރުގައި ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވައިލުމަށް މަސައްކަތް ކުރެވުނެވެ. ޒީވާގެ އެކަހަލަ ހަރުކަށި ސިފައެއް ފެނުން ވެގެންދިޔައީ ރިއާން ހައިރާންކުރުވި ކަމަކަށެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ އެ ޒީވާއަކާއެކު ވަގުތު ހޭދަކުރަމުންދިޔަ މަޑުމޮޅި އަދި ލަދުރަކި މިޒާޖުގެ ޒީވާއާއި، މިހާރު އޭނާގެ ކައިރީގައި މިހިރަ ޒީވާ ހާސްބައި ތަފާތުކަން އެނގިގެން ދިޔައެވެ. އެހެނަސް ޒީވާގެ އެ ބަދަލާމެދު އޭނާގެ ހިތްހަމަ ޖެހުނެވެ.
“ސޮރީ” ކައުންޓަރުގައި ފައިސާ ބަލައިގަންނަން އިން ކުއްޖާ އިސްޖަހައިލަމުން އަގުހަދަން ފެށިއެވެ.
“ލެޓް މީ ޕޭ” ރިއާން ކުރިއަށް ޖެހިލިއެވެ.
“ނޯ ނޯ.. އަހަރެން ޕޭ ކުރާނީ.. އައި ހޭވް ސްޓާފް ޑިސްކައުޓް” ޒީވާގެ ވާހަކަ ގަބޫލު ނުކުރެވިފައި ރިއާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޒީވާ ހީކުރަނީ އެ ވިހި އިންސައްތަ ޑިސްކައުންޓަކީ އޭނާއަށް މާ މުހިއްމު ޑިސްކައުންޓަކަށް ވާނެކަމަށް ހެއްޔެވެ؟ ނަމަވެސް އެންމެފަހުން ޒީވާގެ ބަހަށް ރިއާން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
“ދެޓް ދެއަރ .. ވޯޒް ވައިލްޑް” ކާއެއްޗެހި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީންނަމުން ރިއާން ބުންޏެވެ.
“ކޮން؟” ޒީވާއަށް ވާނުވާ ނޭނގިފައި އަހައިލެވުނެވެ.
“ޒީ އެކުއްޖާ ސައިޒްކޮށްލި ގޮތް.. ހިއެއްނުކުރަން ޒީއަށް އެހެން އެއްޗެކޭ ބުނަން ކެރޭނެ ކަމަކަށް” ރިއާން ހިނިއައިސްފައި އިނދެ ދެފަރާތަށް ބޯ ހޫރައިލިއެވެ.
“އޯހް ނޯ.. އަސްލުވެސް ވަރަށް ރޫޑް ކޮށްތަ ވާހަކަ ދެއްކުނީ؟ އޯ ގޯޑް.. އަހަރެން މީ އާންމުކޮށް އެއްޗެއް ބުނާ މީހެއްވެސް ނޫން. ދެން ކިހިނެއް ހަދާނީ؟” ޒީވާ ކަންބޮޑުވެފައި މޫނުގައި އަތްއެޅި ގޮތުން ރިއާން ހައިރާންވިއެވެ. އެއީ ޒީވާގެ މިޒާޖުގައިވާ ކަމެއް ނޫންނަމަ ކޮންމެހެން އެފަދަ ގޮތަކަށް އެކުއްޖާއަށް ރައްދު ދޭންވީ ކީއްވެ ހެއްޔެވެ؟ ނަމަވެސް އޭނާއަށް ނޭނގުނުކަމަކީ ޒީވާގެ ހިތުގައި އެންމެކުރިންވެސް އޭނާއަށްޓަކައިވާ ލޯބި އަދިވެސް އެހިތުގައި ވާކަމެވެ. އެހެން މީހެއްގެ ނަޒަރު ނުސިޔާރު ގޮތަކަށް ރިއާންއާ އަމާޒުވެލަންވެސް ޒީވާ ބޭނުންނުވާކަމެވެ.
“އަސްލު ނޭނގެ ވީގޮތެއް.. އޭނާ ފާޑަކަށް ރިއާންއަށް ބަލަން ފެށީމަ އަހަރެންވެސް ފާޑަކަށް ރުޅި–” ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލެވުނެވެ. ރިއާންއަށްވެސް ސިހިފައި ޒީވާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއާއެކު ޒީވާ ގަތް ލަދުން އިސްޖަހައިލަމުން ކެއުން ކުރިއަށް ގެންދިޔައިރު، ރިއާން ފާޑަކަށް ހިނިއައިސްފައި އިނދެ އޭނާ ގެނައި ކޮފީތަށީގައި ތުން ޖަހައިލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Hii Rana
Hama bunaane ehcheh vx neyngifa meendhee mi part kiyaafa ehaa vx reethi MA! 😍 Awwn Zeeva and Riaan such a beautiful couple 😘…Mihaaru heevany riaan and zeeva dhemyhun vx ekaku anekaku dheke vrh like vaahen… zeeva haadha harukashi koh hehe I want see that from zeeva… Huhh naashidhu nujehey dhw foojet thah fohelan bunaakah…. riaan zeeva ah insaafu hoadhaidheythi…. Hmm vrh foohivey mi eleesha gandu dheke Vx I think naashidhu bunaany kanne raahil kairee eleesha aa marry kuran 😡 can’t wait to see shaina and raahil together as a couple.. ☺️
Next part Avahah up kohdhehchey pls I can’t wait
I really appreciate your hard work gurll… ✨
You are a talented author keep it up ✨
Curiously waiting for the next part when’s next???
ILYSM AND TC GURLL 🖤💙
Thankyouu so muchh.. Next part tonight submit kohleveythoa balaanan insha allah🥹❤️
Mi part ves varah reethi. Riyaan and zeeva so cute! Curiously waiting for next part???
Ahahaha fr tho. Staff discount oa like girl your man’s a millionaire🤣🤣🤣