“އަސްލު ނޭނގެ ވީގޮތެއް.. އޭނާ ފާޑަކަށް ރިއާންއަށް ބަލަން ފެށީމަ އަހަރެންވެސް ފާޑަކަށް ރުޅި–” ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލެވުނެވެ. ރިއާންއަށްވެސް ސިހިފައި ޒީވާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއާއެކު ޒީވާ ގަތް ލަދުން އިސްޖަހައިލަމުން ކެއުން ކުރިއަށް ގެންދިޔައިރު، ރިއާން ފާޑަކަށް ހިނިއައިސްފައި އިނދެ އޭނާ ގެނައި ކޮފީތަށީގައި ތުން ޖަހައިލިއެވެ.
************
“ސާބަހޭ ދޮންބެއަށް. ދުވަހަކު ގަޑިއަށް ތަނަކަށް ދެވޭކަމަށް ނަހަދާނެ.. ކޮންހާ ރީއްޗެއް ވާކަށްތަ؟ ސިސްވެސް ދަނީކީ ނޫންވިއްޔާ. އިޓްސް ޖަސްޓް އަ ފެމިލީ ޑިނަރ” ރާހިލްގެ ކޮޓަރީގެ ބޭރުގައިހުރެ އިޝްވާ ގޮވައިލިއެވެ.
“މަމްމެން ކީއްވެތަ ޝައިނާއަށް އިންވައިޓް ނުކުރީ؟ ޝައިނާ ހުންނައިރު ކިޔާނެ ތިއީވެސް އާއިލާ ކުއްޖެކޭ.. އެކަމަކު ކުޑަމިނުން ފެމިލީ ޑިނަރއަކަށްވެސް ދައުވަތު ދެނީކީ ނޫން” ގަމީހުގެ އަތުކުރި އޮޅަމުން ކޮޓަރިން ނުކުތް ރާހިލް ޝަކުވާ ކުރިއެެވެ.
“ތިހާވަރަށް ސިސް މި އާއިލާ މީހަކަށް ހަދަން ބޭނުމިއްޔާ ދޮންބެ އަޅެފަހެ ސިސްއާ މެރީ ކުރަންވީނު؟ އެހެންނޫނަސް މިއީ ބައްޕަގެ ކަމެކޭ.. މަންމަ ޕްލޭންކުރި ކަމަކިއްޔާ ޔަގީނުންވެސް ސިސްއަށް ކިޔާނެ. ދެންވެސް ތި ހިނގާބަލަ.. ދޮންބެއާ އެއްކޮށް ދާން ހުރެގެން އަބަދުވެސް ވާނީ މިވަރު.. ހިތަށް އަރާ މޯމް މެނާ އެއްކޮށް ކާރުގަ ދެވުނު ނަމައޭ” ރާހިލްގެ ކޮނޑުގައި އަތް އަޅައި ކޮށްޕައިލަމުން އިޝްވާ ބުންޏެވެ.
************
“އަހަރެންނަށް އަޑުއިވުނު ކަންނޭނގެ މިއީ ފެމިލީ ޑިނަރއެކޭ” މޭޒުގެ އަނެއްފަރާތުގައި ތިބި އާމިރުގެ ދެމަފިރިންނާއި އެލީޝާއަށް އިޝާރާތް ކުރަމުން ރާހިލް ގާތުގައި އިން އިޝްވާއަށް މެސެޖު ކޮށްލިއެވެ.
“އަސްލުވެސް.. މިހެން ވާނެކަން އިނގުނުނަމަ ނުވެސް އަންނާނަން.. ދޮންތިވެސް ބަލާބަލަ އެންމެ ފަހު ވަގުތު ނާންނަންވެގެން ބޯ ދަމައިގަތީނު.. ރަނގަޅަށް ވަންޏާ ދޮންތިއަށް އެނގޭނެ މި މީހުން އަންނަކަން” އިޝްވާ ރައްދުގައި ރާހިލްއަށް މެސެޖެއް ފޮނުވައިލިއެވެ.
“ކީއްވެތަ ބައްޕަ މާ ކުއްލިއަކަށް މި މީހުންނާ ގާތްވެގެން މި އުޅެނީ؟” ރާހިލް މެސެޖުގައި ލިޔުނެވެ.
“ނޭނގޭތަ؟ ބައްޕަ އުޅެނީ އެމީހުންގެ ތަނެއް މިކޮޅުގަ ހުޅުވަން.. ޕްރައިވެޓް ހޮސްޕިޓަލެއް ނޫނީ ކްލިނިކެއް..” އިޝްވާ ފޮނުވި މެސެޖުގައި އޮތެވެ.
“އެއީ ހާދަ ބޮޑު އިންވެސްޓްމެންޓެކޭ” ރާހިލް ބުންޏެވެ.
“ހޫމް.. އެމީހުން އިންވެސްޓް ކުރާނެއްނު” އިޝްވާގެ މެސްޖުގައި އޮތެވެ.
ރާހިލް ހައިރާންވެފައި އެއްފަހަރު އިޝްވާއަށް އަނެއްފަހަރު މޭޒުގެ އެއްފަޅީގައި ތިބެ ވާހަކަ ދައްކަމުންދިޔަ އާމިރާއި ނާޝިދަށް ބަލައިލިއެވެ. ވިޔަފާރިއާ ގުޅޭ އެހާ ބޮޑު ނިންމުމެއް ނިންމަން ގަސްތުކުރިއިރު އޭނާގާތު އެވާހަކަ ބުނެލުން ނާޝިދަށް މުހިއްމު ކަމަކަށް ނުވިތާއެެވެ؟ އޭނާއަކީވެސް ގައިމު މިހާރު އެ ވިޔަފާރީގައި މުހިއްމު ފަރާތެއް ނޫން ހެއްޔެވެ؟
“ދަރިފުޅާ.. މާ މަޑުން ތި އިންނަނީ ކިހިނެއްވެފަ؟ ނިކަން މި ކުދިންނާ ވާހަކަ ދައްކާލަބަ” އާމިރު އެލީޝާގާތު ބުންޏެވެ.
“އާނ.. އިޝްކޮމެންވެސް މީ އެހެންޏާ އެހާ މަޑުން ތިބޭ ބައެއް ނޫން..” ނާޝިދުވެސް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
“ބައްޕާ.. ދޮންތަ ކޮބާތަ؟” އިޝްވާ އަހައިލިއެވެ.
“ދޮންތަ މިރޭ ދަންވަރު ޑިއުޓީ އޮތީމަ ނާދެވުނީ..” ވާފިޔާ ޖަވާބުދިނެވެ. އޭރުވެސް އެލީޝާ އެތަނުގައި ބަހެއް ނުބުނެ މަޑުން އިނެވެ. އޭނާގެ މޫނުމަތިން ހަނދު އޮއްސިފައިވާ ފަދައެވެ.
“އެލީ.. ދަރިފުޅު ރަނގަޅުތަ؟” އާމިރު އަނެއްކާވެސް އަހައިލިއެވެ.
“ނޫން ބައްޕާ.. ވަރަށް ބޮޑަށް ބޮލުގަ ރިއްސަނީ.. އަޅުގަނޑު ބޭނުމީ ގެއަށް ދާން..” އެލީޝާ ބުންޏެވެ.
“ދެން ދަރިފުޅާ.. އަދި ކާއެއްޗެހިވެސް އެ އައީ ދެންމެ.. ނާޝިދުއާ ބައްޕަމެން ދައްކަންޖެހޭ މުހިއްމު ވާހަކަވެސް އެބަހުރި..” އާމިރު ބުންޏެވެ.
“ބައްޕައާއި މަންމަ މަޑުކުރޭ.. އަޅުގަނޑު ޓެކްސީއެއް ނަގައިގެން ގޮސްފާނަން” އެލީޝާ ގޮނޑިން ތެދުވިއެވެ.
“ނޫނޭ ނޫނޭ.. ތިގޮތް ކަމަކު ނުދާނެ.. އެލީޝާ އެކަނި ދާނެ ކަމެއް ނެތް.. އަދި މާލެތެރެވެސް މާ ރަނގަޅަކަށް އެނގެނީކީ ނޫނެއްނު.. ރާާހިލް.. ދަރިފުޅު އެލީޝާ ގެއަށް ގެންގޮސްދީފަ އިޝްކޮ ބަލާ އަންނަންވީނު؟” ނާޝިދު ބުންޏެވެ. ރާހިލް ހިސާބަކަށް ޖެހިލުންވެފައި އެއްފަހަރު ނާޝިދަށް އަނެއް ފަހަރު އިޝްވާއަށް ބަލައިލިއެވެ.
“އަޅުގަނޑު؟”
“ނޫން އޯކޭވާނެ.. އަހަރެން އެކަނި ގޮސްލާނަން” ރާހިލްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް އެލީޝާ ބުންޏެވެ.
“ނޫނޭ.. ރާހިލް ދާނެ. ދޯ ދަރިފުޅާ؟” ވާފިޔާ ބުންޏެވެ. މަންމަގެ އެދުމަށް ރާހިލްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ބޯޖަހައިލުމަށްފަހު މޭޒުމަތީގައި އޮތް ސައިކަލު ތަޅުދަނޑި ހިފައިގެން އެލީޝާގެ ފަހަތުން ހިނގައިގަތެވެ.
އާދަޔާ ހިލާފު ހިމޭން ދަތުރަކަށްފަހު އެލީޝާމެން އުޅޭ ލަގްޒަރީ އެޕަރޓްމެންޓްތައް ހުންނަ އިމާރާތުގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލެވުނެވެ. އެހެންދުވަސްތަކު އެލީޝާގެ ފަރާތުން ފެންނަ ސަކަ މިޒާޖު ނުފެންނާތީ ރާހިލްވެސް އެރޭ މާގިނަ ވާހަކަތަކެއް ނުދެއްކިއެވެ.
“ގެއަށް ނާރާނަންތަ؟” ސައިކަލުން ފޭބުމަށްފަހު އެލީޝާ ރާހިލްގާތު އަހައިލިއެވެ.
“އިޝްކޮ ބަލާ ދާން ޖެހޭނެއްނު.. އެހެން ފަހަރަކުން ދޯ” ރާހިލް ބުންޏެވެ.
“އަދި އެހާ އަވަހަށް ނުވެސް ނިމޭނެ އެއްނު.. ރާހިލް ޗޫޒް ކުރާނީ ބައްޕަމެން އެ ދައްކާ ބޯރިންގް ވާހަކަތައް އަޑު އަހަން އެތަނަށް ދާންތަ؟ ނޫނީ އަހަރެންނާއެކީ ކޮފީއެއް ބޯލަން މަޑުކުރަންތަ؟ އަނެއްކާ ވިޔަފާރި ދާއިރާގަ މަސައްކަތް ކުރާތީ ރާހިލްއަކީވެސް ހަމަ އެހާ ބޯރިންގް މީހަކީތަ؟” އެލީޝާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ.
“އަހަހަ. ނޫނޭ.. އެކަމަކު އަހަރެން ނުދަންޏާ އިޝްކޮ އިންނާނީ އެމީހުންގެ ތެރޭގަ ފޫހިވެފައެއްނު” ރާހިލް ހިނިތުންވުމަކާއެކު ބުންޏެވެ.
“ދެން ޕްލީޒް… އަހަރެން ބުނީތީ” އެލީޝާ އެވަރަށް އާދޭސް ކުރުމުން އެލީޝާގެ އެދުމަށް ފުރަގަސްދޭކަށް ރާހިލްއަކަށް ނުކެރުނެވެ. ކައިރި ހިސާބެއްގައި ސައިކަލު ޕާކު ކުރުމަށްފަހު އެލީޝާއާއެކު އިމާރާތުގެ ތެރެއަށް ހިނގައިގަތެވެ.
“މޭކް ޔޯރސެލްފް ހޯމް.. ކޯއްޗެއް ބޭނުމީ؟” އެޕަރޓްމެންޓްގެ ލައިޓްތައް ދިއްލައިލުމަށްފަހު އެލީޝާ އަހައިލިއެވެ.
‘ވޯޓަރ އިޒް ފައިން” ރާހިލް އެޕަރޓްމެންޓްގެ ތެރެއަށް ނަޒާރު ހިންގައިލަމުން ބުންޏެވެ.
އެލީޝާ ގެނެސްދިން ފެންތަށި އެއް ނޭވައިން ހުސްކޮށްލުމަށްފަހު ރާހިލް އަނެއްކާވެސް ދިޔުމުގެ އިޒުނައަކަށް އެދުނެވެ. އެހެނަސް އެވަގުތު އެލީޝާ ކޮށްލި ކަމަކުން ދެވަނަ ސުކުންތުގައި ރާހިލްއަށް ހުރެވުނީ ހަރަކާތްކޮށްލަންވެސް ނޭނގިފައެވެ. އިންޒާރަކާނުލައި އެލީޝާގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލި ވަގުތު އޭނާއަށް ކުރެވުނުހާވެސް ކަމަކީ އެލީޝާގެ ކޮނޑުގައި ހިފަހައްޓައިލުމެވެ.
**************
“އަހަރެން ގައިގަ ނާތްލާތި! ކޮންމެހެން އަހަރެން ނެތަކަސް ރާހިލްއަށް ކަމެއް އުނިވާހެނެއް ހިއެއް ނުވެއެއްނު؟” ކޮނޑުގައި އޮތް ރާހިލްގެ އަތް ފޮޅައިލަމުން ޝައިނާ ކުރިއަށް ދެތިން ފިޔަވަޅު އަޅައިލިއެވެ. އެދެމީހުން ތިބީ ޝައިނާ ނިދާ ކޮޓަރީގައެވެ.
“ދެން އަޅެ ކޮންމެ ކަމެއްގަ މިހެން އާދޭސް ކުރަން ނުޖައްސާ އަހަރެން ކިޔާ އެއްޗެއް އެންމެ ފަހަރަކުވެސް ގަބޫލު ކޮށްބަލަ. އަހަރެން ގަސްތުގަ ލަވްއަކަށް އެހެން ނަހަދާނެއެއްނު” ރާހިލް ގޮތް ހުސްވެފައިހުރެ ޝައިނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
“އަހަރެންވެސް ހިއެއްނުކުރަމޭ ރާހިލް ދެރޭ ދެދުވާ ވަންދެން ތިހެން އަހަރެންނަށް ހަބަރެއްނުވެ ހުންނާނެކަމަށް. އަހަރެން ކަންބޮޑުވާނެވަރު ރާހިލްއަށް ނޭނގެނީތަ؟ ކުޑަމިނުން އަހަރެން ކޮށްލި އެންމެ މެސެޖަކަށް ޖަވާބެއް ދިންނަމަ. އަހަރެން ރާހިލްގެ ހަބަރެއް ހޯދާނީ ކިހިނެއް؟ ޒީއަށް އަހަރުމެންގެ ކަމެއް އެނގެނީކީ ނޫން.. ދެންހުރީ ރިއާން.. އެއީ މަސައްކަތުގެ ގޮތުން އަހަރެންގެ ވެރިމީހާ.. ރިއާން ގާތު އަހާކަށް ނުކެރޭނެ… އިޝްކޮ އެދަނީ ފެށުނީއްސުރެން އަހަރެންނަށް ރާހިލްގެ އުޅުން ހުންނަގޮތާމެދު އިންޒާރު ދެމުން.. ރާހިލް ކޮބާހޭ އަހާލާއިރަށް އިޝްކޮ އެބަ ބުނޭ ގޭގަައޭ.. އެއަށްވުރެ އިތުރަށް އަހަން ކެރޭނެތަ؟ ރާހިލް.. އަހަރެން ހީކުރީ ރާހިލް ފޫހިވީމަ އަހަރެންވެސް..”
“ވަޓް؟ ނޯ.. އަހަރެން ޝައިނާ އެހާ ފަސޭހައިން ދޫކޮށްލާނޭ ހީވަނީތަ؟ އަހަރެންނަށް ކިހިނެއް ޝައިނާއާ ދުރުގަ ހުންނަން ފަސޭހަވާނީ؟” ރާހިލް ފަހަތުން އައިސް ޝައިނާގެ ގައިގައި ބައްދައިލިއެވެ.
“ހީވަނީކީ ނޫން.. ޔަގީން.. ދެދުވަސް ވަންދެންވެސް ހުރީނު؟ އުނދަގުލެއް ނޫނެއްނު؟” ޝައިނާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“ދެން ޕްލީޒް ލަވް… ބުނެފީމެއްނު އަހަރެން ވަރަށް ގަދަޔަށް ބޮލުގަ ރިއްސާތީ ހަބަރެއް ނުވެވުނީއޭ” ރާހިލް ބުންޏެވެ.
“ތިއީވާ ވަރެއްގެ ރިހުމެއް ދޯ.. ދެދުވަސް ވީއިރުވެސް ރަނގަޅު ނުވާ ރިހުމެއް..” ޝައިނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ.
“ދެން އަހަރެން ރަނގަޅުވެފަ ލަވްއާ ވާހަކަދައްކަން މަޑުކޮށްލީއޭ.. އެކަމަކު ސޮރީ.. ދެން އެހެން ނަހަދާނަން.. އަހަރެން އޮތީވެސް ގޭގައެއްނު.. ބޭރަށްވެސް ނުކުތީކީ ނޫން. އަދިވެސް އަހަރެންނަށް އިތުބާރު ނުކުރަނީތަ؟” ޝައިނާގެ އަތުގައި ހިފައި އޭނާއާވީ ފަރާތަށް އަނބުރައިލަމުން ރާހިލް އެއްސެވެ.
“އިތުބާރު ކުރަމޭ.. ދެން އެކަމަކުވެސް.. ދެން އެގޮތަށް ބިރު ނުގަންނަވައްޗޭ.. މިހާރު ބޯ އޯކޭތަ؟” ޝައިނާގެ އަޑުގައިވި ހަރުކަށިކަން އެއްކޮށް ފިލައިދިޔައެވެ.
“ހޫމް. ތިހެން ލޯބިން ބަލާލީމަވެސް މިހާރު ރިހުން އެއްކޮށް ފިލައިފިހެން ހީވަނީ..” ރާހިލް ހިނިތުންވެލަމުން ޝައިނާގެ އަތުގައި ބޮސްދިނެވެ.
“އަޅެ މިހެން ލޯބިން ބަލާލާތޯ ދެދުވަސް މަޑުނުކޮށް ކުރިންވެސް އައިނަމަ” ޝައިނާ ތުންއަނބުރައިލަމުން ބުންޏެވެ.
“ދެން މިހާރު މި އައީއެއްނު. އައިމަ ދެން ލޯބިން ދޮނެއްވެސް ނުދޭނަންތަ؟” ރާހިލް ޝައިނާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލިއެވެ. އެއާއެކު ކޮޓަރީގެ ތެރެއިން ދެމީހުންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.
**************
މެންދުރުގެ ވަގުތު ޒީވާ ގޭގައި އިނީ އޭނާ ގެންގުޅޭ ވާހަކަ ފޮތަށް ގެއްލިފައެވެ. ދެފަހަރަކު އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުމުން އޭނާ ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެހިސާބަށް ދެވުމުގެ ކުރިން އެދޮރު ހުޅުވައިލެވުނެވެ. އެތެރެއަށް ވަދެގެންއައި ޖޫލިޔާފެނި އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ޖޫލީ..؟” ޒީވާ ސުވާލުގެ ރާގެއްގައި ގޮވައިލިއެވެ.
“މިއީ ގެ ސާފުކޮށްފަ ކުޑަ ސާހިބްގެ އޮފީސް ގަމީސްތައް ދޮވެ އިސްތިރި ކޮށްލަންވެގެން” ޖޫލީ ބުންޏެވެ.
“އޯހް.. ރިއާން ބުނީތަ؟ އަޅެ އަހަރެންވެސް ދަންވަރު ޑިޔުޓީ ހަފްތާއެއްވިއްޔަ. އަހަރެންގާތު ބުނެލި ނަމަވެސް-”
“ނޫނޭ.. އާންމުކޮށް ކުޑަ ސާހިބް އަމިއްލައަށް ދޮވެ އިސްތިރި ކުރާނެ.. އޮފީހަށްދާ ހެދުންތައް އެކަނި އަހަރެން ކޮންމެ ދެ ހަފްތާއަކުން އައިސް ދޮވެ އިސްތިރި ކޮށްދެނީ” ޖޫލިޔާ ބުންޏެވެ. ޒީވާ އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިިލިއެވެ. އޭރު ޖޫލިޔާ ރިއާންގެ ކޮޓަރި ދޮރު ހުޅުވައިލުމަށްފަހު ދާ ގަމީސްތައް ހިފައިގެން ނުކުންނަނީއެވެ.
ޒީވާއަށް ފަހަތައް ޖެހިލެވުނެވެ. އޭނާގެ ކޮޓަރި ރިއާންއާ ވަކި ކުރިފަހުން އޭނާ އަދި ރިއާންގެ ކޮޓަރިއަށް ވަދެފައެއް ނުވެއެވެ. ރިއާން ގޭގައި ނޫޅޭ ވަގުތެއްގައިވެސް ކޮޓަރި ތަޅުލާފައި ދާތީ ޒީވާއަށް އެއްވެސް މީހަކު އެކޮޓަރިއަށް ވަނުން މަނާކަމުގައި ދެކެވުނެވެ. ނަމަވެސް ޖޫލިޔާގެ އަތުގައި އެ ކޮޓަރީގެ ތަޅުދަނޑި އޮތްތަން ފެނުމުން ޒީވާއަށް ކުރެވުނީ އާދަޔާހިލާފު ބީރައްޓެހިކަން އިހުސާސެކެވެ.
“އަހަރެން މިދިޔަ ހަފްތާ ނޫން ކުރީ ހަފްތާގަ އައިއިރު ޒީ ނޫޅޭ” ޖޫލިޔާ ބުންޏެވެ.
“އެ ވާނީ ޑިއުޓީގަ ކަމަށް.. ޖޫލީ.. ޖޫލީއަށް އެގޭގެ ކަންކަން ބަލަހައްޓަމުން މިކޮޅަށް އަންނަންވެސް ކިހާ އުނދަގޫވާނެ..” ޒީވާ ބުންޏެވެ.
“ނޫނޭ.. ރިއާން އަހަރެންނަށް ފައިސާ ދޭ.. އަހަރެން ދަރިފުޅު ކޮލެޖްގަ އުޅޭތީއާއެކު އަހަރެން އިތުރު މަސައްކަތް ކުރަން ބޭނުން” ޖޫލިޔާ ބުންޏެވެ. ޒީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޖޫލިޔާ އެބުނި ފަދައިން ކަން އޮތްނަމަ އޭނާއަށް ޖޫލިޔާގާތު އެގެއަށް ނައުމަށް ބުނެވޭކަށް ނެތެވެ.
“އެހެންވިއްޔާ ޖޫލީ ދޭ ގޭތެރެ ސާފުކޮށްލަން.. އެހާ ހަޑިއެއްވެސް ނުވާނެ. ރިއާންގެ އެއްޗެހި އަހަރެން އަތަށް ގެނޭ.. އަހަރެން ދޮވެލާދޭނަން” ޒީވާ ބުންޏެވެ.
“އެކަމަކު ރިއާން-”
“އަހަރެން ރިއާންގާތަކު ނުބުނާނަމޭ.. ޖޫލީގެ އާމްދަނީއަށް ހުރަސް އެޅޭ ކަމެއް އަހަރެން ނުކުރާނެއެއްނު؟ އެކަމަކު އަހަރެންވެސް ހިތްހަމަޖެހޭނެ ރިއާންގެ ކަންކަން މީހަކަށް ދޫކޮށް ނުލާ އަހަރެން އަމިއްލައަށް ކުރަން” ޒީވާގެ އެދުމަށް ދެކޮޅު ހަދާކަށް ޖޫލިޔާއަކަށް ނުކެރުނެވެ. ދެމީހުން އެކުގައި ގޭތެރޭގެ މަސައްކަތްތައް ކޮށް ނިންމައިލުމަށްފަހު ޖޫލިޔާ އެގެއިން ދިޔައީ ރިއާންފަދަ އަބުއި މިޒާޖެއްގެ މީހަކަށް ޒީވާފަދަ ހުލްގު ހެޔޮ އަންބަކު ދެއްވީތީ ޝުކުރުކުރާ ހާލުގައެވެ.
***************
“ކީކޭ؟ ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ދެން ރާހިލް ޝައިނާގާތު ތިވާހަކަ ނުބުނަންތަ؟” ރިއާންގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
“ނުބުނަން.. އަހަރެން އެކަހަލަ ވާހަކައެއް ދައްކާނީ ކޮން ދުލަކުން؟ އަހަރެން.. އަހަރެންނަކަށްވެސް ނޭނގެ އެގަޑީގަ ވީގޮތެއް ހަމަ ހުވާ.. އެކަމަކު ދެން ވީ ކަމެއްވީ.. އެވާހަކަ ނުދައްކާ.. އެއީ އަހަރެންނަށް މާ މުހިއްމު ވާހަކައެއް ނޫން.. އެވާހަކަ ދައްކައިގެން ބޭކާރު މައްސަލައެއް ޖެހުން ނޫން ކަމެއްނުވާނެ” ރާހިލް ބުންޏެވެ.
“އެކަމަކު އަބަދަކު ސިއްރެއް ނުވާނެ.. އެެހެން މީހެއްގެ ފަރާތުން އެނގުމަށްވުރެން ރާހިލް ބުނިއްޔާ ރަނގަޅުވާނީ” ރިއާން އިރުޝާދު ދިނެވެ.
“ކޮން އެހެން މީހެއް؟ އެލީޝާއަކީ ޝައިނާއާ ގުޅުމެއް އޮންނަ މީހެއްނޫން.. ދެން ހުރީ ރިއާން.. ރިއާން ނުބުނާހާ ހިނދަކު ޝައިނާއަކަށް އެނގޭނެ ގޮތެއް ނޯންނާނެ” ރާހިލް ނިތްކުރީގައި ދެއަތުން ހިފަހައްޓައިލިއެވެ. “އަހަރެން ދަނީ.. މިތަނުގަ އިނދެގެންވެސް ބޯ ގޮވުން ނޫން ކަމެއް ނުވޭ” އޭނާ ބުންޏެވެ.
ރާހިލް ދިޔަ ދިމާލަށް ބަލަން އިނުނަށްފަހު ބޯ ހޫރައިލަމުން ރިއާން މަސައްކަތުގެ ތެރެއަށް ވަދެގަތެވެ. އެކަން މެދު ކަނޑައިލީ ގަޑިއެއްހާއިރު ފަހުން ނުދަންނަ ނަންބަރަކުން އޭނާއަށް އައި ފޯން ކޯލަކުންނެވެ. “ހަލޯ.” ރިއާން ޖަވާބުދިނެވެ.
“އާނ… އަހަރެން ގުޅާލަންވެސް އުޅެފިން.. ހަފްތާއެއް ފާއިތުވިއިރުވެސް ހަބަރެއް ނުވީމަ ހީކޮށްގެން މިހިރީ ހަމްޒާގެ ހިޔާލު ބަދަލުވީއޭ.. އެންމެ ރަނގަޅު.. ނީމް ކިޔާ ކުއްޖަކު އެބަ ފޮނުވާލަން ގޭޓް ކައިރިއަށް އެކުއްޖާއާ ހަވާލުކޮށްލާ” ރިއާން ބުންޏެވެ.
ޕެންޑްރައިވް އަތަށް ލިބުމާއެކު ރިއާން އަވަސްވެގަތީ ގޮތްނޭނގޭ ޑިވައިސްތައް ޖެހުމަށްޓަކައި އޭނާ ގެންގުޅޭ ރިމޯޓް ލެޕްޓޮޕުން އޭގައިވާ ފުޓެޖްތައް ބެލުމަށެވެ. އެދުވަހުގެ ހުރިހާ ފޫޓެޖްއެއް ފަރުވާތެރި ކަމާއެކު ބަލަމުންދިޔައިރު ފައިގައިވާ ތަޅުވައިލަ ތަޅުވައިލައި އިންގޮތުންވެސް އޭނާގެ ހިތް އަވަސްވެފައިވާ މިންވަރު ބަލައިލި މީހަކަށް އެނގިގެންދާނެއެވެ. ކުއްލިއަކަށް ފުޓެޖް ނިވިގެން ދިޔަތަން ފެނި ރިއާންއަށް ދެފަހަރަކު ލެޕްޓޮޕްގެ ފިއްބަރީގައި ތަޅައިގަނެވުނެވެ.
އިރުކޮޅެއްފަހުން ފޫޓެޖް އަލުން ރޯލުވާން ފެށި ވަގުތު ފެނުނު މަންޒަރުން ދެލޯ ނިތްކުރިއަށް އެރި ކަހަލައެވެ. ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިލިއިރު އޭނާގެ ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. އާނއެކެވެ. ޒީވާގެ ގައިގައި ބޯވައެއްހެން ތަތްވެގެން އޮތް މީހަކު ކުއްލިއަކަށް ޒީވާ ދޫކޮށްލުމަށްފަހު އެތަނުން ދުއްވައިގަތް މަންޒަރެވެ. ނަމަވެސް ރިއާންއަށް އެންމެ ބޮޑު އަސަރެއް ކުރީ އެވަގުތު ޒީވާއަށް ވެފައިހުރި ގޮތް ފެނުމުންނެވެ. ދިރުމެއް ނެތް މޫނުމައްޗެކެވެ. ލައިގެންހުރި ޔުނީފޯމް ވީދިފައިވާލެ ބޮޑުކަމުން އެ ހަށިގަނޑުގައި ފޭރާމެއް ނެތް ފަދައެވެ. ޒީވާގެ ބަނޑުން ހޯސްލާފައި ލޭ އަންނަމުން ދިޔަތަން ފެނުނެވެ. ކުއްލިއަކަށް ދުވެފައި އަައި އައިޝާ ޒީވާގެ ގައިގައި ބައްދައިލި ވަގުތު ދެމީހުން އެކުގައި ބިންމައްޗަށް ތިރިވިތަން ފެނުނެވެ. އިތުރަށް އެ މަންޒަރު ބެލުން ރިއާންއަކަށް ކުޅަދާނައެއް ނުވިއެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. ލޮލުން ދިލަ ނަގަމުންދާހެންވެސް ހީވާން ފެށިއެވެ. އާންމު ތަނެއްގައި ޒީވާއަށް އެފަދަ ގެއްލުމެއް ދޭން ކެރުނީ ކާކަށް ހެއްޔެވެ؟
ރިއާން އެ ފުޓެޖް ފެށޭ ހިސާބު ދެވަނަ ފަހަރަށް ބެލީ އެމީހާ ލައިގެންހުރި އަންނައުނު ފާހަގަ ކުރުމަށެވެ. ފުޓެޖްގެ ކަޅުކޮށް ފެންނަ ހިސާބަކީ ކަރަންޓު ދިޔުމުގެ ސަބަބުން ގެއްލިފައިވި ހިސާބުކަން އޭނާ ދެނެގަތެވެ. އެއަށްފަހު ކަރަންޓު ދިޔަ ވަގުތުގެ ކުރިން ހޮސްޕިޓަލަށް އެމީހާ ވަންނަތަން ފެންނަ ފުޓެޖް ހޯދިއެވެ. އޭރު އޭނާގެ މޫނުމަތީގައި އެ މާސްކެއް ނެތެވެ. ރިއާން ރަނގަޅަށް ފޫޓެޖް ޒޫމް ކޮށްލުމަށްފަހު ބަލައިލިއެވެ. އެއީ ކާކުކަން ސާފުކޮށް ފެނުމާއެކު މާ ދުރުނޫން ހަނދާނެއް އޭނާގެ ސިކުނޑީގައި ކޮށްޓައިލިއެވެ. އިސާހިތަކު އޭނާގެ ނިތަށް ރޫތަށް ގިނަވެ ކަތުރު ކަށިގަނޑަށް ބާރުވެގެންދިޔައެވެ.
*************
ރާހިލް އަންނާނެ އިރަކަށް ގަޑި ގުނާލަގުނާލައި ސޯފާގައި އިން ވާފިޔާގެ އިންތިޒާރަށް ނިމުމެއް އައީ އެރޭގެ ދަންވަރު ދޭއްޖެހުމާ ގާތްވެފައި ވަނިކޮށެވެ. ގޭގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް ރާހިލް އެތަނުގައި އިން ވާފިޔާ ފެނުނުކަމަށްވެސް ނަހަދައި ސިޑީގެ ހަރުފަތްތަަކުން އަރައިގެންގޮސް ކޮޓަރިއަށް ވަދެ ގެެއްލުނެވެ.
ވާފިޔާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވި ކަމުގައިވިޔަސް އޭނާގެ ހިތްވަރު އެލުވައިލުމެއް ނެތެވެ. ފައިގައި ހުންނަ ރިހުމުގެ ސަބަބުން އާންމުކޮށް އެ ސިޑިން އަރައި ނޫޅުނު ކަމަށްވިޔަސް މިރޭ އޭނާއަކަށް އިތުރުގޮތެއް ނެތެވެ. ރާހިލްއާ ވާހަކަ ނުދައްކައި ފަރުޖެހޭކަށް ނެތެވެ.
“މޯމް؟” ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަތް ވާފިޔާ ފެނުމާއެކު ރާހިލްއަށް ތެދުވެވުނެވެ.
“މަންމަ ކީއްކުރަން ސިޑިން އެރީ؟ އަހަރެންނަށް ގޮވާލިނަމަ” ރާހިލް ބުންޏެވެ.
“ދަރިފުޅު މަންމަ ނުފެންނާތީކީ ނޫނެއްނު އަޅާނުލާ މައްޗަށް އެރީ؟” ވާފިޔާ އެނދުގައި އިށީންނަމުން ބުންޏެވެ. ރާހިލް އެކަމާ ވަކި އެއްޗެކޭ ނުބުނުމުން އެދެމެދަށް އާދަޔާހިލާފު ހިމޭން ކަމެއް ވެރިވިއެވެ.
“ދަރިފުޅާ.. ބައްޕަދެއްކި ވާހަކަ-”
“މަންމާ ޕްލީޒް.. އަހަރެން ކައިރި އެހެން ކޮންމެ ކަމަކު ބުންޏަސް އަހަރެން އިތުރު ވިސްނުމަކާނުލާ މަންމައަށް އެކަމެއް ކޮށްދޭނަން.. އެކަމަކު ތިހެން ނަހަދާ.. ބައްޕަގެ އެ ހުށަހެޅުން ގަބޫލުކުރަން އަހަރެންނަށް މަޖުބޫރު ނުކުރޭ” ރާހިލް އެނދުގައި އިށީނެވެ.
“އެއީ ހަމަ ދަރިފުޅަށްވެސް ރަނގަޅަ-”
“ހެޔޮނުވާނެ.. އަހަރެން ކިތައް ފަހަރުތަ ބުނަންވީ އަހަރެން ލޯބިނުވާ މީހަކާ އެއްކޮށް ދިރިއުޅުމެއް ނުފެށޭނޭ؟ އެހެންނޫނަސް އަހަރެން ލޯބިވާ ކުއްޖެއްހުރޭ..”
“ރާހިލް… ރާހިލް ހީކުރަނީ ތި ބުނާ ކުދިންދެކެ ރާހިލް ލޯބިވަނީ ކިހިނެއްކަން މަންމައަށް ނޭނގެނީ ކަމަށްތަ؟ ބަލަ ދަރިފުޅުގެ އުމުރުންވެސް މިހާރު ހަތާވީސް އަހަރު ވަނީއޭ.. މިހާރު ވަގުތު ޖެހިއްޖެއެއް ނޫންތަ؟ ތި ގެންގުޅޭ ވަގުތީ ލޯބިވެރިންނަށްވުރެ ތިމާއަށް ވަފާދާރީވާނެ އަންބެއް ހުރުމަކީ ދަރިފުޅުވެސް މާ ހިތްހަމަޖެހޭނެ ކަމެކޭ..” ވާފިޔާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ހުއްޓާލާ.. ހެޔޮ މަންމަ ކޮންމެ އެެއްޗެއް ކިޔަސް… ތިބުނާ ވަފާދާރީ އަންބަކީ އެލީޝާތަ؟ އަހަރެން އަމިއްލައަށް ތިބުނާ އަންބަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ނުދޭންވީ ކީއްވެ؟ އިޝްވާވެސް ޒީވާވެސް އުޅެނީ އެމީހުން ލޯބިވާ މިހުންނާ އެކީގައެއް ނޫންތަ؟ އަބަދުވެސް އަހަރެންގެ އުފަލަަށް ހުރަސްއަޅަށް ނާޝިދު ބޭނުންވަނީ ކީއްވެތަ؟ އެކު އުޅޭތާ ވިހި އަހަރު ވީއިރުވެސް އޭނައަށް އަހަރެންނާ ދޭތެރޭ އަމިއްލަ ދަރިއެއްހެން ނުދެކެވުނު… އަހަރެންގެ ހުރި ހަމައެކަނި މީހަކީ މަންމަ.. އެކަމަކު ތިއީ މަންމަ ކޮންމެހެން އަހަރެންނަށް ހެޔޮ އެދިގެން ދައްކާ ވާހަކަތަކެއް ނޫން. ތީ މަންމަ އިނދެގެން އުޅޭ އެ ދަހި ގޮތެއްނެތް ފިރިހެނާ-”
“ރާހިލް!” ރާހިލްގެ ވާހަކަ މެދުކެނޑިގެންދިޔައީ ކަންފަތްމައްޗަށް އަރައިގެންދިޔަ ވާފިޔާގެ އަތުގެ ހޫނު ހަމަލާއަކުންނެވެ.
“ރާހިލް ހަނދާން ނެތުނީތަ ނާޝިދު އަހަރެމެންނަށް ވެދިން އިހުސާންތެރިކަން؟ އަހަރެމެން ތިން މައިން ނަރަކައަކުން ސަލާމަތްކޮށްދީގެން އަމާން އައްސޭރިއަކަށް ގެނެސްދިނީ ނާޝިދުކަން؟ އެ އަނދިރި ދުވަސްތައް ފަސްއަޅައި މާޒީގެ ތެރެއަށް ވަޅުލުމަށްފަހު ރާހިލް މިހާރު އެއް ބައްރުން އަނެއް ބައްރުން ތި އުދުހޭހާ މުއްސަނދި ދިރިއުޅުން ރާހިލްއަށް ހޯދައިދިން ބައްޕައަކީ ނާޝިދުކަން؟ ވީއިރު މިކަމަކީ ނާޝިދު މީގެ އެތަށް އަހަރެއްކުރިން ހިތުލައިގެން އުޅޭ ކަމެއްކަން އެނގިހުރެ ރާހިލް އެކަން ފުރިހަމަ ނުކޮށްދޭންވީ ކީއްވެ؟ އާމިރުގެ އަންހެނުންނާއި އޭނާގެ އާއިލާ މިކަމަށް އެއްބަސްކުރުވަން ނާޝިދު މަސައްކަތް ކުރާހާ ކިހާ ދުވަހެއް. އެމީހުން ޝަރުތެއް ކަނޑައަޅައި އެކަމާ އެއްބަސްވީމަ ރާހިލް ތިއުޅެނީ ނާޝިދުގެ ނަސީބަށް އެޅޭ ހުރަހަކަށް ވާންތަ؟ ހުރި ލަދު ހަޔާތްކުޑަކަން ދެކިބަަލަ.. ގެރި ބަކަރިވެސް އެއަށް ކާންދީ ހަދާ މީހާ ދަންނާނެ… ރާހިލްއަށް އެލީޝާއާ އިނދެގެން ލިބޭނެ ދެރައެއް ނޯންނާނެ”
“އަހަހަ ހަހަހަ ހަހަ” ކުއްލިއަކަށް އަޑުވީއްލާ ހޭންފެށި ރާހިލްއަށް ބަލަން އަޖައިބުވެފައި ވާފިޔާ ހުއްޓެވެ.
“އަހަހަ. ކޮންގްރެޓްސް މޯމް.. ޔޫ ހޭވް ޑަން އިޓް. އަހަރެންގެ އުމުރުން މި ވީހާ ދުވަހެއް ވަންދެން އަހަރެން ގަބޫލުކުރީ ޕާރފެކްޓް ޕޭރެންޓް ޑަޒް އެގްޒިސްޓް ކަމަށް.. އެންޑް ދެޓް ޕަރފެކްޓް ޕޭރެންޓް އިޒް މައި މޯމްކަމަށް.. އެކަމަކު މިރޭ އަހަރެންނަށް އެނގިއްޖެ ތިބުނާވަރު އަމިއްލަ އެދުން ނެތް މަންމައެއް ބައްޕައެއްވެސް ނޫޅޭކަން.. ޔޫ ނޯ ވަޓް މޯމް؟ ދެޓް ސްލެޕް.. އިޓް ޑިޑްންޓް ހަރޓް މީ.. ނޮޓް ވަން ބިޓް.. ކުޑަވެސް ތަދެއް އިހުސާސެއް ނުވޭ! ވަޓް ހަރޓް މީ އިޒް ދަ ފޫލިޝް އެންޑް ސެލްފިޝް ރީޒަން ބިހައިންޑް ދެޓް.. ނާޝިދުގެ ރުހުމަށްޓަކައި އަހަރެންގެ އުފަލާއި ދިރިއުޅުން ގުރުބާންކުރަންޖެހޭ ހިސާބަށް މަންމަ ހިނގައްޖެ ކަމަށްވާނަމަ.. އަދި ތި ހުރިހާ އެއްޗެއް އަހަރެންނާ ދިމާލަށް ކިޔަންޖެހޭ ހިސާބަށް މަންމަގެ ވިސްނުން ހިނގައްޖެ ކަމުގައިވާނަމަ ޔޫ ހޭވް ފެއިލްޑް އޭޒް މައި މޯމް” ރާހިލް ހިތުގެ އުދާސްތައް ބަންޑުން ކޮށްލިއެވެ. ވާފިޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
“ރާހިލް މަންމަ މި ދައްކާ ވާހަކަ އަޑު އަ–” ރާހިލް އަތް ދަމައިލައި އިތުރަށް ކުރިއަށް ނައުމަށް ވާފިޔާއަށް އިޝާރާތް ކުރިއެވެ. ހިތި ގޮތަކަށް ހީލުމަށްފަހު އެއްޗެއް ފަހުމް ކުރަން އުޅޭ ފަދައިން ބޯޖަހައިލިއެެވެ. އަދި އެންމެ އަވަހަށް އަތުޖެހުނު ޓީޝާޓު ބޮލަށް މަހައިލަމުންގޮސް ކޮޓަރިން ނުކުތެވެ. އެ ގެއިންވެސް ނުކުތެވެ. ވަކި މިސްރާބެއްނެތި ސައިކަލަށް އަރައި ސްޓާރޓް ކޮށްލެވުނުއިރު އޭނާގެ ހިޔާލުގައި ވަނީ މީގެ ހަތަރު ދުވަސްކުރިން ހިނގައިދިޔަ ކަންތަކެވެ.
ހަތަރު ދުވަސްކުރި…
އެލީޝާ ގެނެސްދިން ފެންތަށި އެއް ނޭވައިން ހުސްކޮށްލުމަށްފަހު ރާހިލް އަނެއްކާވެސް ދިޔުމުގެ އިޒުނައަކަށް އެދުނެވެ. އެހެނަސް އެވަގުތު އެލީޝާ ކޮށްލި ކަމަކުން ދެވަނަ ސުކުންތުގައި ރާހިލްއަށް ހުރެވުނީ ހަރަކާތްކޮށްލަންވެސް ނޭނގިފައެވެ. އިންޒާރަކާނުލައި އެލީޝާގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލި ވަގުތު އޭނާއަށް ކުރެވުނުހާވެސް ކަމަކީ އެލީޝާގެ ކޮނޑުގައި ހިފަހައްޓައިލުމެވެ. އަދި އެލީޝާ ދުރަށް ކޮށްޕައިލިއެވެ. އޭރު ރާހިލްގެ ބުމަ ގޮށްޖެހިފައިވިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
އެލީޝާގެ ހަށިގަނޑު ފާރުގައި ޖެހުމާއެކު ހަށިގަނޑަށް ލޮޅުން އަރައިގެން ދިޔަނަމަވެސް އޭނާ ރާހިލްއާ ކުރިމަތިލިއެވެ.
“ވަޓް ދަ ފަ*! އެލީޝާ މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެން ކުރިކަމެއް؟” ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
“ކިހިނެއްވީ؟ މިއީ ރާހިލްވެސް ބޭނުންވެގެން އުޅުނު ކަންތަކެއް ނޫންތަ؟” އެލީޝާގެ އަޑުގައިވެސް ވަނީ ހިތްހަމަނުޖެހުމެވެ.
“ކީކޭ؟ ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އައި ހޭވް އަ ގަރލްފްރެންޑް އެންޑް އައި ލަވް ހަރ” ރާހިލް ބުންޏެވެ.
“އަހަހަހަ. ލޯތްބަކީ ރާހިލްއަށް އެއްވެސް އަގެއްހުރި އެއްޗެއްތަ؟ އެހެންވިއްޔާ ރާހިލް އަހަރެންނާ ކައިވެނިކުރާން އެއްބަސްވީ ކީއްވެ؟ ޔޫ ޑޯންޓް ލަވް ހަރ އިނަފް!” އެލީޝާ ބުންޏެވެ.
“އެލީޝާ ކީކޭ ތި-”
“ރާހިލް ކޮންމެހެން އަހަރެންނާ ކައިވެނި ނުކުރިޔަސް އަހަރެން ރާހިލް ބޭނުންވާ ކަންތައް ފުއްދައިދީފާނަމޭ.. އަހަރެން ރާހިލްއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫން.. އަހަރެން ޖޯޝުއާ ދެކެ ލޯބިވާކަން ރާހިލްގާތު ނުބުނަންތަ؟” އެލީޝާ ބުންޏެވެ. އެދެމީހުން ދިޔައީ ހަމަ ރަނގަޅަށްވެސް ޒުވާބު ކުރަމުންނެވެ.
“ދެން ކޮންހާ އިތުރު ވާހަކައެއްތަ؟ އެލީޝާ އައިސް އަހަރެންގެ ގަޔަށް ބޮލަށް އަރައިގަންނަން ޖެހޭ ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަނެއްކޮޅުން އަހަރެން މިހިރީ ތި ބުނާ ކައިވެންޏެއްގެ ވާހަކައެއް ހަމަ އަޑުއެހިތާ” ރާހިލް ހުރީ ހަމަ ރަނގަޅަށްވެސް ރުޅި ގަދަވެފައެވެ.
އެލީޝާއަށްވެސް ކަމުގެ ވާނުވާ ރޭކައިލީ އަދިކިރިޔާއެވެ. އާމިރާއި ނާޝިދުގެ އެ ނިންމުމުގައި ރާހިލްގެ އަތެއް ނެތްކަން އެނގުމާއެކު އެލީޝާ ރުޅިމަޑުކޮށްފައި ރާހިލްއާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ.
“ދެން ކީއްވެ؟ ތީގެ މާނައަކީ ރާހިލް އަހަރެންނާ ކައިވެނި ކުރާކަށް ނޫޅެމޭތަ؟ ދެން ބައްޕަމެން ކީއްވެ؟” އެލީޝާގެ ސުވާލަށް ޖަވާބު ދިނުމަކީ މުހިއްމުކަމެއް ކަމުގައި ރާހިލްއެއް ނުދެކުނެވެ. ހުދު އޭނާއަކަށްވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެލީޝާ އެކަނިމާއެކަނި ފިކުރު ކުރުމަށް ދޫކޮށްލުމަށްފަހު އޭނާ ދިޔައީ އެ ޖަވާބުތައް ހޯދުމަށެވެ.
ގެއަށްއައިސް ހުސްކޮށް އޮތް ސިޓިންގްރޫމްގައި އޭނާ މަޑުކޮށްގެން އިނީ ނާޝިދުމެން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެއީ މާ ދިގު އިންތިޒާރަކަށް ނުވިއެވެ. ގޭގެ ދޮރު ހުޅުވައިލުމަށްފަހު ވަތް ނާޝިދު ފެނުމާއެކު ރާހިލް އިށީނދެ އިން ގޮނޑިން ފުންމައިގެންގޮސް ނާޝިދުގެ ކުރިމަތީގައި ހުއްޓުނެވެ.
“މިފަހަރު ކަލެއަށް ނީލަން ކިޔަން އިނގުނު އެއްޗަކީ އަހަރެންގެ ދިރިއުޅުން ދޯ؟” ކުއްލިއަކަށް ރާހިލް ފެށި ވާހަކައާއެކު އެތަނުގައިހުރި އިޝްވާއާއި ވާފިޔާއަށްވެސް ސިހުން ލިބުނެވެ. ނަމަވެސް ވެގެން އުޅޭގޮތް ރޭކައިލުމާއެކު ވާފިޔާ އަވަސްވެގަތީ ރާހިލް ހަމަޖެއްސުމަށެވެ.
“ރާހިލް.. ދަރިފުޅާ ހަމަ ޖެހިބަލަ.. ތި ދައްކަން އޮތް ވާހަކައަކިއްޔާ ރީތިކޮށްވެސް ދެއްކޭނެއެއްނު؟” ރާހިލްގެ އަތުގައި ހިފެހެއްޓި ވާފިޔާ ބުންޏެވެ.
“މަންމައަކަށް ނޭނގޭނެ މީނަ އާމިރުބެމެންނާ ދައްކައިގެން އުޅޭ ވާހަކައެއް.. އެލީޝާއާއި އަހަރެން ކައިވެނި ކުރާނެއޭ ކިޔައިގެން އުޅެނީ” ރާހިލް ބުންޏެވެ. އެއަޑު އިވުނު އިޝްވާއަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ.
“ދަރިފުޅާ ހަމަޖެހިބަލަ! މަންމައަށްވެސް އެކަން އެނގެޔޭ.. އެކަމުގަ ގޯހެއް ނެތެއްނު؟ އެލީއަކީ ކިހާ ރީތި ކިހާ އޯގާތެރި ކުއްޖެއް؟ މަންމަ ވަރަށް ހިތްހަމަ ޖެހޭ” ވާފިޔާ ބުންޏެވެ.
“މަންމާ އެކަމު ދޮންބެ-”
“މިއީ އިޝްވާއަކާ ބެހޭ ވާހަކައެއް ނޫން.. އިޝްވާ މިތަނުން ދޭ” އިޝްވާ ބުނަން އުޅުނު ޖުމްލަ ނާޝިދު މެދުކަނޑައިލުމާއެކު އިޝްވާ ރުޅިމޫނު ހަދައިލަމުން އެތަނުން ދިޔައެވެ.
“ނީންނާނަން! އަހަރެން އިންނާނީ އަހަރެން ބޭނުން މީހަކާ! އަހަރެން ލޯބިވާ މީހަކުވެސް ހުރެދާނެއެއްނު؟” ރާހިލް ބުންޏެވެ.
“ރާހިލް.. ދަރިފުޅު ތި އުޅޭ ދޯދިޔާ އުޅުން ދޫކޮށްލާފަ ދުވާލަކު ލޯބިވެރިއެއް ގެންގުޅުމަށްވުރެ މިގޮތް މާ ބޮޑަށްވެސް ރަނގަޅުވާނެއެއްނު.. މިއީ ނާޝިދުވެސް ވަރަށް ބޭނުން ކަމެއް.. މިކަމުގެ މަންފާ ކުރާނީ ހަމަ އަހަރުމެނެގެ އާއިލާއަކަށް ނޫންތަ؟ ނިކަން އަހަރެމެންނަށް ނާޝިދު ވެދިން ހެޔޮކަމަށްޓަކައިވެސް ދަރިފުޅު މިކަމަށް އެއްބަސްވެބަލަ.. މަންމަމެން ދަރިފުޅަށް ދެރައެއްލިބޭ ކަމަކު ނުކިޔަމެއްނު. މިކޮޚުގަ ހުޅުވާ ހޮސްޕިޓަލްގެ ފަންސާސް އިންސައްތަ މިލްކުވެރިއަކަށް ވާނީ ހަމަ ދަރިފު-” ވާފިޔާ ބުންޏެވެ. ރާހިލްގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލައެވެ.
“ކިހާ ދެރަކަމެއްތަ؟ ވިޔަފާރި ވިޔަފާރި ވޯޓު މަޖިލިސް ފައިދާ!! މި ނޫން އެއްޗެއް ނެތީތަ؟ މީނަ ކައިރިން ދަސްކޮށްގެން މިހާރު މަންމަވެސް އެގޮތަށް ވާހަކަދައްކަން ފެށީތަ؟ އަހަރެންނަށް ވަރިހަމަ ތިކަން ވިޔަސް ނުވިޔަސް.. އަހަރެން އެލީޝާއާ ކައިވެނި ކުރާނެ ގޮތެއް އެއީ ނެތް ގޮތެއް.. ކަލޭ…” ރާހިލް ނާޝިދާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.
“ވާފިޔާ! މިއީ އަހަރެންނާ ރާހިލްއާ ދެމީހުންވެ މެދުގަ އޮތް ކަމެއް! ވާފިޔާ އިހަށް ދޭ!” ނާޝިދު ބުންޏެވެ.
“އެކަމަކު ނާޝިދު-”
” ވާފިޔާ!!” މިފަހަރު ނާޝިދު ގޮވައިލުމާއެކު ވާފިޔާ އިތުރަށް މަޑުނުކޮށް އެތަނުން ދިޔައެވެ.
“ރާހިލްއަކަށް އިތުރު އެއްވެސް ގޮތެއް ނެތް.. އަހަރެންނާއި އާމިރު ހުރިހާކަމެއް ހަމަޖައްސައިފިން.. އަހަރެން ކަލޭމެނަށްޓަކައި ވެދިން އިހުސާންތެރިކަމުގެ އަގު އަދާކުރަން އެނގޭ ގޮތަކީ ތިއީތަ؟ ކަލޭމެން ބޮޑެތިކޮށް މީހުނަށް ހެދީމަ ބަދަލު ދޭން އެނގެނީ ތިހެންތަ؟ ހަނދާންކުރާތި އެ ހެޔޮކަމާ އެއްވަރަށް އަހަރެންނަކީ ކިހާ ނުލަފާ މީހެއްކަން.. ރާހިލް ތި ރައްޓެހިވެގެން އުޅޭ ކުއްޖަކާ ދުރު ކުރާނީ ކިހިނެއްކަން މަށަށް އެނގޭ.. އޭނައަކީ ކިހާ ފެންވަރެއްގެ މީހެއްކަން އަހަރެންނަށް އެނގޭ.. އެކުއްޖާއަށް އިތުރު ނިކަމެތި ކަމެއް ލިބެން ރާހިލް ބޭނުން ވަނީތަ؟” ނާޝިދު ވާހަކަދެއްކީ ކައިރިއަށް ހުއްޓިލި ރާހިލްއަށް އިވޭ ވަރަށް އެކަނި ކަމުގައިވިޔަސް އެ އަޑުގަައިވަނީ ހަރުކަށިކަމެވެ. އޭރު އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކައެއް ނޭނގި ވާފިޔާ ކަންބޮޑުވެފައި ހުއްޓެވެ.
“ބުނަން؟ ކަލެއަކަށް އޭނައަކަށް އެއްކަމެއްވެސް ކުރާކަށް ނުކެރޭނެ! އޭނައަށް ހިމާޔަތް ދޭނީ އަހަރެން.. އިރާދަ ކުރެއްވިއްޔާ އަހަރެން ކަލެއަކަށް ދަރާފައެއް ނޫޅޭނަން.. ކަލޭ ދިން ހުރިހާ ހަރަދަކަށްވާ ފައިސާ ރައްދުކޮށްދޭނަން.. އެކަމަކު އެލީޝާއަކާ ނީންނާނަން.. އަޑު އިވިއްޖެތަ؟”
“އެ ފައިސާ ރާހިލް ހޯދާފަ ދެނީ ވަޅަކުންތަ؟ މިހާރުވެސް ތި އުޅެނީ އަހަރެންގެ ވަޒީފާގައޭ…” ނާޝިދު ބުންޏެވެ.
“އަހަރެން ކަލޭގެ ވަޒީފާ ދޫކޮށްލައިފިން.. އަދި އަހަރެން އެ ފައިސާވެސް ކަލެއަށް ދޭނަން.. އެކަމަކު އެލީޝާއަކާ ނީންނާނަން!” ރާހިލް ފަހުބަސް އިއްވައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
“އިޝީ.. އިޝީ..” ރާހިލް އިޝްވާގެ ކޮޓަރީގެ ދޮރުގައި ޖަހައިލިއެވެ. އިޝްވާ ދޮރު ހުޅުވައިލުމަށްފަހު ރާހިލް އަވަސް އަވަހަށް އެކޮޓަރީގެ ތެރެއަށް ދެމިގަތެވެ.
“ދޮންބޭ.. އެއީ ކޮންކަމެއް؟”
“އިޝީ.. މިއިން އެއްވެސް ވާހަކައެއް އިވުނުކަމަށް ނަހަދާތި އެނގޭ.. ދެޓް ވޯޒް ކޮމްޕްލީޓް ބުލްޝިޓް.. އަހަރެން އެލީޝާއާ ކައިވެނި ކުރެވޭނެ ގޮތެއް އެއީ ނެތް ގޮތެއް.. ޝައިނާގެ ކަންފަތާ ހަމައަށް ބޭކާރު ވާހަކައެއް ދާކަށް އަހަރެން ބޭނުމެއް ނޫން” ރާހިލް ބުންޏެވެ. އިޝްވާ ރާހިލްގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތީގައި އެއްވެސް ހާސްކަމެއްގެ ކުލަވަރެއް ނެތެވެ. ވާފިޔާއާއި ނާޝިދު ދެއްކި ވާހަކަތަކަކީ އޭނާގެ އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުމެ ގޮސްފައިވާ ވާހަކަތަކެއް ކަހަލައެވެ.
“ދޮންބޭ.. ސިސްއަށް ދެރައެއް ނުދެއްޗޭ” އިޝްވާ ކުރިއަށް ޖެހިލައި ރާހިލްގެ އަތުގައި ހިފަހައްޓައިލިއެވެ.
“އޮފްކޯސް ސްވީޓްހަރޓް.. ނެވަރ” ރާހިލްވެސް އިޝްވާގެ ގައިގައި ބައްދައިލަމުން ބުންޏެވެ. ނަމަވެސް އޭނާ ދިޔައީ ކުރިއަށްވާނެ ގޮތަކާމެދު ވިސްނަމުންނެވެ. ނާޝިދަކީ ކަމަކަށް ހިފާލައިފިނަމަ އެކަމެއް ނުކޮށް ދޫކުރާވަރު މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ. މޫނުމަތިން ހަމަޖެހުން ދައްކައިގެން ހުއްޓެއްކަމަކު ހިނގައިދިޔަ ކަންތަކާއި ނާޝިދުފަދަ އާރާއި ނުފޫޒު ހުރި މީހެއް އެ ދިން އިންޒާރުގެ ސަބަބުން އޭނާގެ ހިތް ޝައިނާއަށްޓަކައި ބިރުގަންނަމުން ދިޔައެވެ.
**************
ހެޑްސެޓް އަޅައިގެން ސިޓިންގްރޫމްގެ ސޯފާގައި އިޝްވާއާ ވާހަކަ ދައްކަންއޮތް ޝިމާން ސިއްސައިގެންދިޔައީ މީހަކު ދޮރުގައި ތަޅައިގަތް އަޑަށެވެ. އަވަހަށްގޮސް ދޮރު ހުޅުވައިލި ވަގުތު ހައިރާންކަމެއް ލިބުނީ ކުރިމަތީގައިހުރި ރާހިލް ފެނުމުންނެވެ. އެ ހައިރާންކަން އިތުރުވީ ރާހިލް ދޮރު ބޮޑަށް ކޮއްޕަައިލުމަށްފަހު އެތެރެއަށް ވަދެ ހަމަ އެ ބާރުމިނުގައިގޮސް ޝައިނާގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތުމުންނެވެ. ރާހިލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުރީތީ ޝިމާން އެކަމާ ބަހެއް ބުނާކަށް ނޫޅުނެވެ. ޝައިނާއާ ދެމީހުން މައްސަލައެއް ޖެހުނީ ކަމުގައި ދެކުނެވެ. އެވަގުތު ޝައިނާ އާފުރެމުން ކޮޓަރީގެ ދޮރު ހުޅުވައިލިތަން ފެނުނެވެ. ރާހިލް އެ ދޮރުން އެތެރެއަށް ދެމިގަތީ ޝައިނާގެ ލޯވެސް ރަނގަޅަށް ނުހުޅުވިގެން އުޅެނިކޮށެވެ.
ހުރިހާކަމެއް ހިނގައިދިޔަ އަވަސްކަމުން ހުރިތަނުން ގުޑިލަންވެސް ނޭނގިފައިހުރި ޝިމާންއަށް ހޭވެރިކަމެއްވީ ކޯލުގައި އިން އިޝްވާ ގޮވައިލުމުންނެވެ. އޭނާ ހިނގައިދިޔަ ކަންތައް ކުރުގޮތަކަށް އިޝްވާއާ ހިއްސާކުރިއެވެ.
“ރާހިލް! ރާހިލް! ކިހިނެއްތަވީ؟ ރާހިލް އަހަރެން ވަރަށް ބިރުގަނޭ އެބަ އިނގޭ.. ނޮޓް ފަނީ ރާހިލް! ތި ވެގެން އުޅޭ ގޮތެއް ރީއްޗަށް ކިޔައިދީބަލަ” ޝައިނާ އޭނާގެ ގައިގައި ބާރަށް ބައްދައިލައިގެންހުރި ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލަމުން ބުންޏެވެ. ނަމަވެސް ރާހިލް ގުޑިލަންވެސް ހިތަށް ނާރާކަހަލައެވެ. އެންމެފަހުން ޝައިނާވެސް ހަތިޔާރު ބަހައްޓަމުން ރާހިލްގެ ގައިގައި ބާރަށް ބައްދައިލިއެވެ. އޭރު އޭނާގެ ހިތް އާދަޔާހިލާފު ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ރާހިލްއަށް ވެގެން އުޅޭ ގޮތަކާއިމެދު ވިސްނެމުން ދިޔައެވެ. އެ މޫނުމަތީގައިވަނީ ކަންބޮޑުވެފައިވާކަމުގެ އަސަރުތަކެވެ. އެހެން އިރުކޮޅަކު ތިބުމަށްފަހު ރާހިލް ޝައިނާއާ ދުރުވެލަމުން ލޯތްބާއެކު ޝައިނާގެ ނިތުގައި ބޮސްދިނެވެ.
“ދެން ބުނެބަލަ.. ކިހިނެއްތަވީ؟ މިހާ ދަންގަޑިއެއްގަ ރާހިލް މިގެއަށް ތި އައީ؟ ކިރިޔާއެއްނު އަހަރެން ބިރުން ހަލާކުނުވީ” ޝައިނާ ނޭވާ ހަމައަކަށް އަޅުވައިލަމުން ބުންޏެވެ. އޭރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
“ކަމެއްނުވޭ.. މާބޮޑަށް މިސްވީ” ރާހިލް ޝައިނާގެ އަތުގައި ހިފައިގެނެސް އެނދުގައި ބޭންދިއެވެ.
“ނޫން.. ކޮންމެވެސް ކަމެއް ވެއްޖެ” ޝައިނާ ގަބޫލެއް ނުކުރިއެވެ. ރާހިލްއަށް އެކަން އެނގި ފުންނޭވާއެއް ދޫކޮށްލިއެވެ.
“ހޫމް. މާބޮޑު ކަމެއްނުވޭ.. މަންމައާ ކުޑަ ދެބަސްވުމެއް ހިނގީ” ރާހިލް އިސްޖަހައިލަމުން ބުންޏެވެ.
“އޯ ގޯޑް.. ރާހިލް އަޅެ ތިއީ ކުޑަކުއްޖެއްތަ؟ މަންމައާ ދެބަސްވާ ކޮންމެފަހަރަކު ގެއިން ނުކުމެގެން އަންނަން.. އަހަަރެންނަކަށް ހަމަ ބުނާނެ އެއްޗެއްވެސް ނޭނގޭ ތިކަމަކާ.. ތިހެން އައިމަ މަންމަ ނުބުންޏަސް އަސްލު ކިހާ ހާސްވާނެ.. އަސްލު މަންމަ ރާހިލްދެކެ ވަރަށް ލޯބިވޭ.. އިޝީއާއި ޒީވާއަށްވުރެވެސް-”
“އަހަރެން ދެން ބުނަންވީތަ މި ދަނީ ޝައިނާ ކައިރިއަށޭ؟” ރާހިލް ބުންޏެވެ.
“ދެން އެހެނެއް ނޫނެއްނު-”
“ހިނގާ އަހަރެމެން ދެމީހުންގެ ވާހަކަ މަންމަމެނަށް އަންގަން… މަންމައަށާ ޒީއަށާ..” ރާހިލް އެދުނެވެ.
“ރާހިލް. ދެން އަޅެ. އަބަދު ތިވާހަކަ ދައްކަނީ ކީއްވެތަ؟ އަހަރެން އަދި ތައްޔާރެެއް ނޫން.. ރާހިލް ހީކުރީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށްތަ؟ ވާފިޔާއްތަ އަހަރެން ގަބޫލު ނުކުރިއްޔާ އޯ؟ ދެން ޒީ.. އަހަރެންމީ ޒީގެ ބެސްޓް ފްރެންޑް ރާހިލް.. ތީ ޒީގެ ދޮންބެ.. ދެއަރ އިޒް ނޯ ވޭ ޝީލް ޓޭކް ދިސް ކޫލް-”
“އެއީ ކީއްވެ؟ މައްސަލައަކީ ކޮބާތަ؟ ޒީ ވަކި މިހާރު މެރީކޮށްގެން އުޅެނީ އަހަރެންގެ ބެސްޓްފްރެންޑަކާ ނޫންތަ؟ ދެން މަންމަ؟ މަންމަ ޝައިނާދެކެ ކިހާ ލޯބިވޭ” ރާހިލް ބުންޏެވެ.
“އަހަރެންނަށް އެނގެޔޭ ވާފިޔާއްތަ ލޯބިވާކަންވެސް.. އެކަމަކުޒީ ހީކޮށްފާނެ ރިއާންއާ ޒީ މެރީ ކުރީމަ މިއީ ރާހިލް ޖެއްސުމަށް ކުރާ ކަމެކޭ.. ރާހިލް އަހަރެންނަކާ ސީރިއަސްއެއް ނުވާނޭ.. އައިމް ޖަސްޓް އަނަދަރ ގަރލްއޭ” ޝައިނާ ކަންބޮޑުވުން ފާޅުކުރިއެވެ.
“އަހަރެންނަކަށް ދެން އިތުރަށް ޝައިނާ މިކަމަށް ރުއްސަން ކުރާނެ ކަމެއް ނޭނގޭ.. އަހަރެންނަށް ހީވަނީ ޒީއެއްވެސް މަންމައެއްވެސް ނޫންހެން މައްސަލައަކީ… ޝައިނާ އަދިވެސް އަހަރެންނަށް އިތުބާރު ނުކުރަނީ. އަހަރެންނާ އެއްކޮށް އުޅެން ޝައިނާ ބޭނުން ނުވަނީތަ؟ އެހެންވެތަ އަދިވެސް އަހަރެންދެކެ ލޯބިވާކަމަށް ނުބުނެވިގެން ތި އުޅެނީ؟ ޝައިނާގެ ލޯތްބާއި އިތުބާރު ހާސިލްކުރަން އަހަރެން އިތުރަށް ކުރަންވީ ކޮންކަމެއްތަ؟” ރާހިލް ހިތްހަމަނުޖެހިފައި ޝައިނާގެ އަތުން ދޫކޮށްލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


