Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް… (28 ވަނަބައި)

Anya Level 310 Stories100 Login
January 19, 2026 12 Mins Read
4 Comments

“ހުކުރު ދުވަސް އޯކޭ..” ޒީވާގެ ވާހަކަ ރިއާން މެދުކަނޑައިލިއެވެ. “މިބުނީ ވާފިޔާއްތަ ބުނެފަ އޮތިއްޔާ ދާންވާނެ ނޫންހޭ.. އަހަރެން މި ހުކުރަށް ޝެޑިއުލް ކްލިއަށް ކޮށްލާނަން” ރިއާން ޖަވާބުދިނެވެ. ޒީވާ އަވަސްއަވަހަށް އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލިއެވެ.

************

އެއްބަސްވެވިފައިވާ ގޮތުގެމަތިން ޖެހިގެންއައި ދުވަހު ރިއާން ހުކުރުން ފައިބައިގެން އަންނަންވާއިރަށް ޒީވާ ތައްޔާރުވެލައިގެން ތިރިއަށް ފޭބީ ވާފިޔާގާތަށް ދިޔުމަށެވެ. ރިއާންގެ ކާރު އައިސް ޒީވާގެ ކުރިމައްޗަށް ހުއްޓައިލުމާއެކު އަވަހަށް ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލިއެވެ. އެވަގުތު ނޭފަތުގައި ޖެހުނު ލެވެންޑާގެ މީރު ވަހާއެކު ޒީވާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުރެހުނެވެ. ލޮލުގެ ހިމަކޮޅުން ރިއާންގެ ކާރުގައިހުރި އެއަރ ފްރެޝްނަރ ޑިސްޕެންސަރަށް ބަލައިލެވުނެވެ. އެތަނުގައި ކުރިން ހުރި ކޮފީ ފްލޭވަރގެ ބަދަލުގައިހުރި ލެވެންޑަރ ފްލޭވަރގެ އެއަރފްރެޝްނަރ ފެނި ޒީވާގެ ހިނިތުންވުން ފުންވިއެވެ. އެކަން ރިއާންއަށް ފޮރުވައިލަމުން ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އޭނާއަށް ނޭނގުނުކަމަކީ އޭރު ރިއާންގެ ސިއްރު ނަޒަރު މަދުމަދުން ނަމަވެސް އޭނާއާ އަމާޒުވަމުން ދިޔަކަމެވެ.

ކަޅުކުލައިގެ ވަށްތިރި ސްކަރޓްގެ ދަށަށް ޖަހާލެވިފައިވާ ގަޔަށް ދޫކޮށްހުރި ހުދުކުލައިގެ ޓޮޕްކޮޅުގައި ޒީވާ ފެންނަމުންދިޔައީ ޖަންނަތުގެ ހޫރަކަށް ދޫނުކުރާނެހާ ފުރިހަމަކޮށެވެ. އޭނާގެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ގަތައިލުމަށްފަހު ކޮނޑުމަތިން ކުރިއަށް ގެނެސްފައިވާއިރު ލުއި މޭކަޕަކުން ފަޅުފިލުވާލާފައިވާ އެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. ހިތުގައި އުފެދުނު ތައުރީފުތައް ދުލާހަމައަށް ގެނެވިދާނެކަމުގެ ބިރުގައި ރިއާން ކޮލުތެރޭގައި ދަތް އަޅައިލިއެވެ. ނަމަވެސް އެއްލި ކަޅިއަކުން ޒީވާގެ ކަރުގައި އަޅައިފައި އޮތް ހުދުރަނުގެ ފަށް ފެނި އޭނާ ހުއްޓުން އެރިއެވެ. އެއީ ކައިވެނީގެ ރަނުގެ ގޮތުގައި އޭނާ ޒީވާއަށް ދިން ފަށެވެ. ބަޔާންކުރަން ދަތި އުފާވެރިކަމެއް ހިތުގައި އުފެދިގެން ދިޔުމާއެކު އޭނާ މަގަށް ސަމާލުކަން އަނބުރައިލަމުން ހިނިތުންވެލިއެވެ. ޒީވާމެންގެ ގެއާ ހަމައަށް ދެވެންދެން އެދެމެދުގައި އިތުރު ވާހަކައެއް ނުދެއްކުނެވެ.

“އަނހަ.. ދަރިފުޅުމެން އައީ ދޯ.. އަވަހަށް ކާން އާދޭ.. މިހާރުވެސް ބައްފަ އެހެރީ ލަސްވެފަ” ގޭގެ މައިދޮރުން ވަތް ޒީވާއާއި ރިއާން ފެނި ވާފިޔާ ގޮވައިލިއެވެ.

“ވޯ ވޯ.. އާދެވުނީ ދޯ ލަވްބާރޑްސްތަކަަށް.. ވީކެއް ވިއިރުވެސް ދޮންތިއަށް މިގެއަަށް އާދެވޭވަރުވީކީ ނޫންވިއްޔަ. ރިއާންބެ ދޮންތިއަށް ކިހިނެއްތަ ތި ހަދަނީ؟” އިޝްވާ ޒީވާގެ ކޮނޑަށް އަތްވައްޓާލަމުން ރިއާންގާތު ބުންޏެވެ.

“ސާބަހޭ އިޝްކޯ! ބައްޕަ ހުއްޓަސް އިޝްކޮއަކަށް ނުދެއްކޭ ވާހަކައެއް ނޯވޭ ދޯ..” ނާޝިދަށް އެ ޖުމްލަ ނީވުނު ނަމަވެސް ޒީވާ ލޯ އަޅައިލިއެވެ.

“ދިސް ކިޑް އައި ސްވެއަރ” ރިއާން ދެފަރާތަށް ބޯ ހޫރައިލަމުން ޒީވާމެންގެ ފަހަތުންގޮސް ކާގެއަށް ވަނެވެ. އުފާވެރި މާހައުލެއްގައި، މުޅި އާއިލާ އެކުގައި ކެއުމަށް އިންސާފުކުރަމުންދާ މަންޒަރުވީ ރިއާންއަށް އާ ނަމަވެސް ހިތްހަމަޖެހޭ މަންޒަރަކަށެވެ.

“ރިއާން.. ދަރިފުޅު އަލަނާސި ޖޫސް ބޯނަން ދޯ.. ބޭނުމިއްޔާ އައިސްޑް ކޮފީވެސް އެބަހުރި” ވާފިޔާ ބުންޏެވެ.

“ވާފިޔާއްތައަށް ފެންނަ އެއްޗެއް ރަނގަޅުވާނެ” ރިއާން ބުންޏެވެ.

“ވާފިޔާއްތައޭ؟ މިހާރު ދެން މީ ރިއާންގެވެސް މަންމައެއްނު..” ވާފިޔާ ބުންޏެވެ. ރިއާންއާއި ޒީވާއަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނެވެ. “މަންމަ” އެ ލަފްޒަކީ ރިއާންގެ ދުލަށް ކިހާ އުނދަގޫ ލަފްޒެއްކަން ވާފިޔާއަކަށް ނޭނގެއެވެ.

“ކޮބާ ދަރިފުޅުމެން ދެން ތަނަކަށްވެސް ޖައްސާނުލާ ގޭގަ ތިބެނީތަ؟ މިހާރުގެ ކުދިން ކިޔާހެން ހަނީމޫނަކަށްވެސް ނުދަންތަ؟” ވާފިޔާގެ ސުވާލު އިވުމާއެކު ރިއާން ކާންއިން އެތިކޮޅުވެސް ކަރުގައި ތާށިވެ ކުށިއަރައިގަތެވެ. ޒީވާ އަވަސްއަވަހަށް ރިއާންގެ ގާތަށް ފެންތަށި ޖައްސައިލިއެވެ.

“ދެން މަންމަ ކިޔާފާނެ ކޮންމެ އެއްޗެއްވެސް.. މި އިޝްކޮގެ މި ހުންނަނީ ހަމަ މަންމަގެ ގޮތްގަނޑު..” ޒީވާ އެހެން ބުނެލިއިރު އޭނާގެ މޫނަށްވެސް ލަދުން ޖަންބުކުލަ އަރައިފައިވިއެވެ.

“ދެން މަންމަ ބުންޏަކަސް އެއީ މުޅިއަކުން ދޮގެއް ނޫނެއްނު.. އެހާ އަވަސް ގޮތަކަށް ކައިވެނި ކުރެވުނީ.. ރާއްޖެއިން ބޭރަށް ނުދިޔަކަސް ދެކުދިން ވަކިން ހިތްހަމަ ޖައްސާލާ އެކަކު އަނެކަކު ދަސްކޮށްލަން ކައިރި ރަށަކަށްވިޔަސް ގޮސްލަން ރަނގަޅެއްނު” ނާޝިދު ހިޔާލު ފާޅުކުރިއެވެ.

“ދެން ބައްޕާ.. އަދި ނުދެވިފައެއް ނެތެއްނު.. އޭރު ހުރިހާ ޗުއްޓީއެއް ނެގީމަ އަހަރެންނަށްވެސް އެހާ އަވަހަށް ޗުއްޓީއެއް ނުލިބޭނެއެއްނު..” ޒީވާ ބުންޏެވެ. “ދެން އަހަރެމެންގެ ވާހަކަ ބާއްވަބަލަ… މިއަދު ދޮންބެ ކޮބާތަ؟”

“ދޮންބެގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.. މި ދޭތެރެއަކުން މައިތިރިވެގެން އުޅެފަ މިހާރު އަނެއްކާ ކޮންމެވެސް މީހެއްގެ ހުރި އަންހެން ދަރިއެއްގެ ހިތް ހަލާކު ކޮށްލަން ކަންނޭނގެ އެ އުޅެނީ.. ގޭގަ ހަރުލަނީކީ ނޫން. މިއަދުވެސް ހުކުރުން ފޭބިގޮތަށް އައިސް އެއްޗެހި ބަދަލުކޮށްގެން ނޭނގެ ކޮންތާކަށް ކަމެއްވެސް ދިޔައީކީ” ވާފިޔާ ބުންޏެވެ.

____________

“ރާހިލް” މޫދުގައި އޮތް ރާހިލްއަށް ބަލަމުން ޝައިނާ އޭނާގެ އަތުގައިހުރި މަޖާތަށި ދައްކައިލިއެވެ. އޭނާ މިވަގުތުހުރީ އެއްގަމުގައި ނަމަވެސް ތެމިފައިވާ ހެދުމުން އޭނާވެސް މޫދަށް އެރުނުކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

“އަހަރެންނަށް ނުދީ ތި ހުސްކޮށްގެން ނުވާނެ” ރާހިލް މޫދުގައި އޮވެ ގޮވައިލިއެވެ.

“ރާހިލްއަކަށް މިއެއް ނުކެވޭނެ.. ހާދަ ކުޅިއޭ” ޝައިނާ މަޖާތަށިން ސަމްސަލެއް ނަގައި ރަހަބަލައިލަމުން ބުންޏެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރާހިލް އެއްގަމަށް އަރައިގެން އައިސް ޝައިނާގާތު އިށީނެވެ.

“އެއްކަލަ ސަންތި. ދެން ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަރެން އެއްގަމަށް ގެނައީއޭ ތިއީ.. އަނެއްކާ މާބޮޑަށް މިސްވީތަ؟” ރާހިލް ވެލިގަނޑު މަތީގައި އޮށޯވެލަމުން ޝައިނާގެ އުނގުގައި ބޯ އަޅައިލިއެވެ. ޝައިނާ ލޯތްބާއެކު ރާހިލްގެ ނިތްކުރިމަތީގައި ތަތްލައިފައިވާ އިސްތަށިތައް ދުރުކޮށްލިއެވެ. އެދެމީހުން ތިބީ ވިލިމާލޭގެ އަތިރިމަތީގައެވެ. ހުކުރު ދުވަހުގެ މެންދުރުކަމަށްވެފައި އާންމުކޮށް ފަތުރުވެރިން އައިސްނޫޅޭ ސަރަހައްދެއްކަމުން އެތަނުގައި އޭރު މާގިނަ ބަޔަކު ނެތެވެ.

“މިސްވިއްޔާ މައްސަލައަކީތަ؟ އައިސް މި އުޅެނީ އަހަރުމެން ދެމީހުން އެކަނި. ރާހިލް ބޭނުމެއްނުވޭ ވިއްޔާ އިޝްކޮމެންވެސް ގޮވައިގެން އަންނާކަށް.. އެކަމަކު އައިމަ އަހަރެންނަށްވުރެ މުހިއްމުވަނީ މޫދެއްނު.. ދެން އަހަރެން ކިހާ ފޫހިވާނެ” ޝައިނާ ޝަކުވާ ކޮށްލިއެވެ.

“އޯކޭ އޯކޭ. ސޮރީ މެޑަމް. ދެން އަބަދަކު އިޝްކޮމެން ގޮވައިގެން ނޫޅެވޭނެއްނު. އަހަރެންވެސް ބޭނުންވާނެއެއްނު ޝައިނާއާއެކު ވަކިން މިކަހަލަ މެމޮރީޒް ކްރިއޭޓް ކުރަން” ރާހިލް ތެދުވެ ޝައިނާގެ ގައިގައި ބައްދައިލަމުން ޝައިނާގެ ކޮލަށް ބޮސްދިނެވެ. ޝައިނާ އަތުގައިހުރި މަޖާތަށިން އެތިކޮޅެއް ރާހިލްގެ އަނގަޔަށް ލައިދިނެވެ. އެކި ވާހަކަތަކުގައި ދެމީހުން ޖެހީފައި ތިބިއިރު ވަކި ހިސާބަކުން ރާހިލްއަށް ޝައިނާގެ ކަޅި ރާހިލްގެ ކޮނޑުމަތިން އެހެން ދިމާލަކަށް ހުއްޓިފައިވިކަން ފާހަގަވިއެވެ. ރާހިލް ފަސްއެނބުރި ބަލައިލިވަގުތު އެތަނުގައި އުޅުނު ކުދިބަޔަކު ފައިތިލަ ފޮރުވޭނެހެން ވެލިން ފެނުޕަރީއެއްގެ ފަތްގަނޑު ފަރުމާކުރަމުން ދިޔައެވެ.

“ރާހިލް ކުޑައިރު އެގޮތަށް މާމެއިޑް އަކަށް ވިންތަ؟” ޝައިނާ އަހައިލިއެވެ.

“ނުހޭނަން ކަމަށް ވައުދުވޭ” ރާހިލް ބުންޏެވެ.

“އަހަހަހަހަ. އޯ އެމް ޖީ.. ޔޫ ޑިޑް ދޯ؟ ފޮޓޮއެއް އޮންނާނެތަ؟” ޝައިނާ ހޭން ފެށިއެވެ.

“ދެން އަހަރެން ކުރި ކަމެއް ނޫނޭ އެއީ.. އިޝްކޮއާއި ޒީއާ ގަދަކަމުން ކުރުވި ކަމެއް.. އެހެންނޫނަސް… ކާކުތަ ކުޑައިރު އެގޮތަށް މާމެއިޑަކަށް ނުވަނީ؟” ރާހިލް އާދައިގެ ގޮތަކަށް އަހައިލިއެވެ.

“އަހަރެން” ޝައިނާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

“ނޯ ވޭ!” ރާހިލް ގަބޫލެއް ނުކުރިއެވެ.

“ހޫމް.. މާމެއިޑަކަށް ވެވޭނީ ފުރަތަމަ ކުޑައިރު ބީޗްއަކާ ހިސާބަށް ދެވިގެންނު.. އަހަރެން ގޮވައިގެން ތަނަކަށް ދާންވެސް ހުންނާނީ ދޮންތަ… އެކަމަކު މަންމައަށް ރަށުމީހުން ކިޔާ އެއްޗެއްސާހުރެ ދޮންތައަކަށްވެސް ނުކެރޭ ގެއިން ނުކުންނާކަށް.. އަހަރެންގެ އުމުރުން ދިހަ އަހަރު ހޭދަވީ ހަމަ އެ ގޭގެ ހަތަރުފާރު ތެރޭގައޭ ބުންޏަސް ދޮގަކަށް ނުވާނެ.. ބީޗަކީ މަޖާކުރަން މީހުން އަންނަ ތަނެއްކަންވެސް އަހަރެންނަށް އެނގުނީ ބޮޑުދައިތަމެން ގާތަށް ދިޔަތާވެސް ދެ އަހަރު ފަހުން. އެ ދެ އަހަރު އިނީ ގޭގަ ބަންދުވެފަ.. ދެން ދަނީ ޗައިލްޑް ކައުންސެލިންގްއަށް… ހުރިހާ ކަމެއް ހަމައަކަށް އެޅުނުއިރު ތޭރަ އަހަރުވެއްޖެ. އެއީ ދެން ބީޗްއަށް ގޮސް މާމެއިޑްއަކަށްވާ އުމުރަށްވުރެ ބޮޑެއްނު” ޝައިނާ ހިނިތުންވެފައި ބުނި ކަމުގައިވިޔަސް އެއިން ކޮންމެ ޖުމްލައަކީ ކިހާ ހިތާމަވެރި ޖުމްލައެއްކަން ރާހިލްއަށް އެނގުނެވެ. އޭނާގެ ހިތް “ތުއްތު” ޝައިނާއަށްޓަކައި ޝަކުވާއިން ފުރުނެވެ. ކުއްލިއަކަށް ރާހިލް ޝައިނާގެ ދެފައިގައި ހިފައި ތެދުކޮށްލަމުން ވެލިގަނޑުމަތީގައި ދަމައިލިއެވެ.

“ތަރޓީން އޯރ ތާރޓީ… ޝައިނާ މާމެއިޑްއަކަށް ވާން ބޭނުމިއްޔާ ޝައިނާއަށް މާމެއިޑް އަކަށް ވެވޭނެ” ރާހިލް ޝައިނާގެ ފައިދަށުން ތިލަކޮށް ކޮނެލަމުން ވެލިތައް އެއްފަރާތް ކުރަން ފެށިއެވެ.

“ދެން ރާހިލް.. ތީ ކޮންކަމެއް؟” ޝައިނާ ފައިދަ މައިގަންނަން އުޅުނު ވަގުތު ރާހިލް އަނެއްކާވެސް ފައިގައި ހިފެހެއްޓިއެވެ.

“ޝައިނާއަށް އަހަރެން ވައުދު ވީމެއްނު.. ޝައިނާގެ ޗައިލްޑްހުޑްގަ ގެއްލިދިޔަ ހުރިހާ އުފަލަކާއި ލިބެން އޮތް ހުރިހާ އުފަލެއްވެސް ހޯދަ ދޭނަން ކަމުގަ… ޝައިނާއަށް އަހަރެންވި ކޮންމެ ވައުދެއް އަހަރެންގެ ހަނދާނުގަ އެބަހުއްޓޭ!” ރާހިލް ޝައިނާގެ ފައިމައްޗަށް ވެލި އަޅަމުން ބުންޏެވެ.

“ރާހިލް ޔޫ އަރ ސޯ ޑްރެމެޓިކް” ޝައިނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

“ދެޓްސް މީ” ރާހިލް ޝައިނާއަށް އެއްލޯ މަރައިލިއެވެ. އޭނާ ފަރުވާތެރިކަމާއެކު ޝައިނާގެ މުޅި ފައި ވެލިއަޅައި ފޮރުވައިލުމަށްފަހު އެ ވެލިތައް އޮމާންކުރިއެވެ. އޭރު ޝައިނާ ދިޔައީ ރާހިލް ކުރަމުންދިޔަ މަސައްކަތުގެ އެކި މަރުހަލާތައް ފޮޓޯ ނަގަމުންނެވެ.

“ދެން މިހާރު ނިމުނީއެއްނު” ޝައިނާ ބުންޏެވެ.

“ނޫން މަޑުކުރޭ.. އަދި ޑެކަރޭޓް ކުރަން ޖެހޭނެއެއްނު. އެބަ އަންނަން ބޮލި ހިފައިގެން” ރާހިލް މޫދު ކައިރިއަށް ދުއްވައިގަތެވެ. މިނެޓެއްހާއިރު ފަހުން ތަފާތު ވައްތަރުގެ ބޮއްޔާއި ގައު ހިފައިގެން އައިސް ޝައިނާގެ ފައިމައްޗަށް އަޅައިފައިވާ ވެކިތައް މަތީގައި ހަރުކުރަން ފެށިއެވެ.

“މިއީ އެންމެ ފައިނަލް” ކުއްލިއަކަށް ރާހިލް ޝައިނާގެ ފައިމަތީގައި ބޭންދި ބޮޑު ދެ ބޮލިން ނުކުތް ދެ ބަރަވެލި ފެނުމާއެކު ޝައިނާ ސިއްސައިގެން ދިޔައެވެ.

ރާހިލް ހީނގަތުމަށްފަހު ދުރަށް ހިނގައިގަތް ވަގުތު ޝައިނާ ހަޅޭއް ލަވައިގަންނަމުން ފައިމަތީގައިހުރި ވެލިތައް ފޮޅައިލައި ރާހިލްގެ ފަހަތުން ދުއްވައިގަތެވެ. ރާހިލްވެސް ޝައިނާގެ އަތުގައިނުޖެހި ވޭތޯ ދުވަމުން ދިޔައެވެ. ވަކި ހިސާބަކުން ރާހިލް ބިންމަތިން ނެގި ދެ ކަކުންޏަކާއެކު ޝައިނާއާ ދިމާލަށް އެނބުރުނެވެ. އެ މަންޒަރު ފެނި ޝައިނާ އަނބުރާ އައިކޮޅަށް ދުއްވައިގަތެވެ. ދުވުމުގެ މިސްރާބު ބަދަލުވެ މިހާރު ރާހިލް ދުވަމުން ދިޔައީ ޝައިނާ ފަހައެވެ. ވަކި ހިސާބަކުން ޝައިނާ ވަރުބަލިވެ އަމާން ދިނެވެ. ރާހިލް ކަކުންޏަކާއި ކަކުންޏެއް ދޫކޮށްލުމަށްފަހު ގޮސް ޝައިނާ އަތްދަނޑި މައްޗަށް އުފުލާލައިގެން މޫދަށް އެރުނެވެ. އޭރު މާހައުލުގައި ހިފައިލައިފައިވަނީ އެ ދެ ޒުވާނުންގެ އުފާވެރި ހުނުމާއި ސަކަރާތުގެ އަޑެވެ.

************

އަތުގައި އޮތް އައިޕެޑުން އަޅުވައިލެވިފައިވާ ރިއާންގެ އިންޓަރވިއު ކިޔަމުންދިޔަ ރާހިލްގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. އޭނާ އެއްފަހަރު ކުރިމަތީގައި އިން ރިއާންއަށް އަނެއްފަހަރު އިންޓަރވިއުގައި ޖަހައިފައިވާ ރިއާންގެ ފޮޓޮއަށް ބަލަމުން ދިޔައެވެ.

“އަހަރެންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ރިއާން މި އިންޓަރވިއު ދޭން އެއްބަސްވިކަމެއް… އަނެއްކާ ނޫސްވެރިންނަށް ކޮން ހިތެއް ޖެހިގެން ކުރި ކަމެއްބާ؟” ރާހިލް އަހައިލިއެވެ.

“ތި އަހަރެންނަށް އިތުރު ގޮތެއް ނެތިގެން ކުރި ކަމެކޭ ބުންޏަސް ރަނގަޅުވާނެ… ތި އިންޓަރވިއުއެއް ނުދިންނަމަ ޒީއަށް ހަމަޖެހިލައިގެން މަގެއް މަތިން ހިނގާލެވޭނެ ހެންވެސް ހީނުވޭ” ރިއާން ފޫހިކަމާއެކު ކުރިމަތީގައިހުރި ކޮފީޖޯޑު ތުނބުގައި ޖަހައިލިއެވެ. އާދައިގެމަތިން އެދެމީހުން އައިސް ތިބީ އާރް.އެލްގެ ކައިރީގައިހުރި ރެސްޓޯރެންޓްގައެވެ.

“ދެން ކީކޭ ބުނާނީ.. މީހުންނާ އިނީމަ މީހުން ބަދަލުވެޔޭ ބުނަނީ.. އަދި މިކަހަލަ ކިތަންމެ ކަމެއް ފެންނާނެތާ ދޯ؟” ރާހިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

“ލިބޭ ފުރުސަތަކިއްޔާ އަހަރެންނާ ދިމާ ކުރެވޭތޯ ބަލަންވާނެ. ބަދަލު އައިސްގެން ތި އުޅެނީ ރާހިލްއަަށް. ޝައިނާ ނޫން މީހަކާ އެއްކޮށް ރާހިލްއަށް މިހާރު މަގެއް މައްޗަށް ފިޔަވަޅެއްވެސް ނޭޅޭ. އޭނަވެސް ހަމަ އެހާވަރެއްގަ.. ކީކޭ ބުނާނީ.. އަހަރެން ހީކުރި ވަރަށްވުރެވެސް ރާހިލް ކުޅަދާނަ” ރިއާން ބުންޏެވެ.

“ދޯ؟ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެން ބުނީމެއްނު އެކަންތައް ކުރާނަމޭ. ރިއާންއެއްނު ބުނީ އަހަރެންނަކަށް ނުވާނޭ އެއީ ވަރަށް ތަފާތު ކުއްޖެކޭ އޭނަގެ މަތިން ހަނދާން ނައްތާލާށޭ.. ކޮބާ މިހާރު ދެން ރައްޓެހިވެސް މި ވެވުނީނު؟” ރާހިލް ބުންޏެވެ.

“ވަޓް؟ ރާހިލް.. ނުބުނާތި މި ހުރިހާ ކަމަކީ އަހަރެން ބުނީތީ ރާހިލް ޗެލެންޖަކަށް ކުރި ކަމެކޭ” ރިއާން ކަންބޮޑުވިއެވެ. ރާހިލް ސަކަރާތަށްޓަކައި ކޮށްފަ ނުކުރާނީ ކީއްކަމެއް މީހަކަށް ބުނެދޭކަށް ނޭނގޭނެއެވެ.

“ސާބަސް ރިއާންއަށް! އަހަރެން އަސްލުވެސް ޝައިނާދެކެ ވަރަށް ލޯބިވޭ.. އަހަރެން ޝައިނާއަކާ އެގޮތަކަށް ނުކުޅޭނަން” ރާހިލް ބުންޏެވެ. ދެޒުވާނުންގެ ދޭތެރެއަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ދެމީހުންގެ ސަމާލުކަންވެސް ހުއްޓުނީ ރިއާން އިން ގޮނޑީގެ ފަހަތަށްހުރި މޭޒުގައިތިބި މީހުން ދައްކަމުންދިޔަ ވާހަކަތަކަށެވެ.

“ދެން ވާނީވެސް އެހެނެއްނު. މުއްސަނދިންނާ ސިޔާސީ މީހުންނާ.. އެއީ ދުނިޔޭގެ އުސޫލު އޮންނާނެ ގޮތް. އެއީވެސް ކޮންމެސް މެންބަރެއްގެ ދަރިއެކޯ… ބާރާއި ނުފޫޒު ހޯދަން މިޒަމާނަކު ނުވިއްކާ އެއްޗެއް ނޯންނާނެ! އަމިއްލަ ދަރިވެސް.! މިހެން ބުންޏަސް އެކުއްޖާގެ ގޮތެއްވެސް ނޭނގޭ..” އެމޭޒުގައި އިން މީހަކު ބުނި އަޑު އިވުނެވެ. ރިއާންއާއި ރާހިލްގެ ސަމާލުކަން އެވާހަކައަށް ހުއްޓުނީ އެތަނުގެ މައުޟޫއަކީ ޒީވާކަމަށް ހީވުމުންނެވެ.

“ތީ ތެދެއް.. ބަލާލަންވެސް ހުތުރު ކުއްޖެއްނޫން… ދެރައީ އެކުއްޖާއަށް ޖެހޭނެ ހާލު. އެހެން ވިއްކާލާ ކުއްޖާ އަންބެއްގެ ގޮތުގަ ގޭގަ އިންދާ ގިނަ ފަހަރަށް މަހުޖަނު ފިރިމީހާ އެހެން އަންހެނުން ގޮވައިގެން އުޅޭނެ ގޮތަކަށް އުޅެނީ.. ރިއާންގެ ގޮތެއްވެސް އަދި ބުނާކަށް ނޭނގޭނެ.. އެކަހަލަ ރީތި ކުއްޖަކާ އިނދެގެން މާ ލޯބިން ގެންގުޅޭނެ މީހުންވެސް ވާނެ. އަހަރުމެން ކަހަލަ” ދެން އިން މީހަކު ބުންޏެވެ. އެހިސާބުން ރިއާންއާއި ރާހިލްގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ރިއާންގެ އަތް މުށްކަވައިލެވުނު ހިނދު ރާހިލް މަޑުމަޑުން ހަމަޖެހުމަށް އިޝާރާތް ކުރިއެވެ. އެތަނުގައި ހައިޖާނެއް ހިނގައިފިނަމަ ބަލަން ތިބޭ މީހުނަށް މާނަ ނެގޭނީ މާ ގޯސްކޮށް ކަމުގައި ރާހިލްއަށް ވިސްނުނެވެ.

“އާން އަހަރެންވެސް ދުށީމޭ އެކުއްޖާ.. ވަރަށް ލޯބި އިނގޭ. އަނެއްކާ އެއީ ނަރުހެއް ކަމަށް ވަނީ.. ކިހާސަޅި… ނުލާހިކު އެކްސްޕީރިއަންސްޑް ވާނޭ. މައި ފެންޓަސީ ކަމް ޓްރޫ.. ހަހަހަހަހަ.” އެތަނުން އިވުނު ތިންވަނަ މީހާގެ އަޑާއެކު ދެންތިބި ދެމީހުން ހޭން ފެށިއެވެ. ރިއާންއަށް ދަތްކުނޑި ވިކައިލެވުނުއިރު ދެއްކި ވާހަކައިގެ ޒާތުން ރާހިލްއަށްވެސް މިފަހަރު ރުޅި އާދެވުނެވެ.

“އަހަހަހަ މަވެސް ބޭނުން މި ނަރުހެއް ދެން އެނގޭނު. މަށަށް ލިބުނިއްޔާ—” ރިއާންއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ އިންތަނުން ތެދުވެ ފަހަތަށް އެނބުރިލުމަށްފަހު އެ މޭޒާ ގާތަށް ފިޔަވަޅެެއް އަޅައިލިއެވެ. އެތަނުގައި ތިބި މީހުނަށް ރިއާން ފެނުމާއެކު ސިހުނެވެ. އެ އެންމެންގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

“ސަރ-”

ރިއާންގެ ދުލުން އެންމެ ބަހެއްވެސް ނުނިކުތެވެ. އިތުރަށް އެތަނުގައި މަޑު ކުރުމެއްނެތި ހަރު ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަތެވެ. ރާހިލް ބިލަށް ވާވަރަށް މޭޒުމަތީގައި ފައިސާ ބެހެއްޓުމަށްފަހު ރިއާންގެ ފަހަތުން ހިނގައިގަތެވެ.

އޮފީހަށް އާދެވުމާއެކު ރިއާން އަވަސްވެގަތީ އެ މުވައްޒަފުންގެ ކަންތައް ކޮޅެއްގައި ޖެއްސުމަށެވެ. މޭޒު ކައިރީގައި ހަމަޖެހިލެވުމާއެކު އެންމެ ފުރަތަމަ ކަމަކަށް މޯޑުއަށް ގުޅައިލިއެވެ.

“ފަނަރަ މިނަޓުތެރޭ އަހަރެން މި ފޮނުވާ ތިންމީހުންގެ ފައިނަލް ސެޓްލްމަންޓް ފައިނޭންސަށް ގުޅައިގެން ހަމަޖައްސާ.. ކޭޝްކޮށް އެނގޭ… ޓަރމިނޭޝަން ލިޔުންވެސް..” ރިއާން ފޯނު ބޭއްވިއެވެ.

“ރިއާން.. އައި ނޯ އިޓްސް އަ ބްލޯ ޓު ޔޯރ އީގޯ… އެންޑް ސެލްފް ރެސްޕެކްޓް ބަޓް-”

“އިޓްސް މޯރ ދޭން ދެޓް ރާހިލް.. އިޓްސް މޯރ ދޭން ދެޓް” ރިއާން ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން އަތުގެ ބާރު ހަމަލާއެއް މޭޒުމައްޗަށް ދޫކޮށްލިއެވެ. “އަހަރެންނޭ ކިޔައިގެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކަނީ އަލަކަށް ނޫނޭ.. މިސްޓްރެސްއެކޭ ކޮންމެ އެއްޗެކޭ ކިޔަސް އައި ކޭން ހޭންޑްލް ދެޓް! އެކަމަކު ޒީވާއޭ ކިޔައިގެން އެމީހުންނަށް އެފާޑަކަށް ވާހަކައެއް ނުދެއްކޭނެ! ޒީވާ ކުރާ މަސައްކަތަކަށް އިންސަލްޓްއެއް ނުކުރެވޭނެ! އަހަރުމެން ދެމީހުންނަށްވެސް ޒީވާގެ ގޮތް އެނގެއެއްނު. ހަރ ސޯލް އިޒް ވޭ ޓޫ ޕިޔޯ ފޯރ ދިސް ފަ** އަޕް ވަރލްޑް. ސޯ އައި ވިލް ނޮޓް ޓޮލެރޭޓް އަ ސިންގްލް ވޯޑް ޑިސްރެސްޕެކްޓް ޓުވަރޑްސް ހަރ” ރިއާން ހަގީގަތުގައިވެސް ރުޅިއައީ އެމީހުން ޒީވާއާމެދު ދެއްކި ވާހަކަތަކުންނެވެ.

ރިއާންގެ ވާހަކަތަކަށް ބޯ ޖަހައިލުމަށްފަހު އެ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހްތިޔާރު ރިއާންއަށް ދޫކޮށްލަމުން ރާހިލްވެސް މަޑުން އިނެވެ. ބަރާބަރު ފަނަރަ މިނަޓުފަހުން ރިއާން އެދުނު ފަދައިން ތިން ސިޓީއުރަ ހިފައިގެން މޯޑު އެތަނަށް އަތުވެއްޖެއެވެ.

“މި މީހުން އޮފީހުގަ އެބަ އުޅޭތަ؟” ރިއާންގެ ސުވާލަށް މޯޑު ބޯ ޖަހައިލިއެވެ. “ތިން މީހުން ކައިރި ބުނޭ މިކޮޅަށް އަންނާށޭ.” ރިއާން މޯޑު ފޮނުވައިލިއެވެ. މިނެޓެއްހާއިރު ތެރޭގައި ރިއާން އެދުނު ފަދައިން މޯޑު އެމީހުން ފޮނުވައިދިނެވެ.

“އަހަރެންގެ މުވައްޒަފެއްގެ ގޮތުގަ ހުންނަ ކޮންމެ މީހެއްގެ ފަރާތުންވެސް އަހަރެން އުއްމީދުކުރާ އަހުލާގީ މިންގަނޑެއް އޮންނާނެ. މިއަދު އަންހެންކުއްޖަކާ ބެހޭގޮތުން ތިމީހުން ދައްކަނިކޮށް އަހަރެންނަށް އިވުނު ވާހަކަތަކަކީ އެ މިންގަނޑާ ހިލާފު ވާހަކަ ތަކަކަށްވާތީ އަހަރެން އިތުރަށް ތިމީހުން މިތަނުގަ ގެންގުޅޭކަށް ބޭނުމެއް ނޫން.. މިއޮތީ ސެޓްލްމަންޓް. މިވަގުތުން ފެށިގެން ތީ އާރް.އެލްގެ މުވައްޒަފުންނެއް ނޫން!” ރިއާން މޭޒުމަތީގައި އޮތް ތިން ސިޓީއުރައަށް އިޝާރާތް ކުރަމުން ބުންޏެވެ.

“ބައްލަވާ.. އޮފީހުން ބޭރުގަ ދައްކާ ވާހަކައަކާ ގުޅިގެން ތިގޮތަށް ވަޒީފާއިން ވަތްކެއް ނުކުރެވޭނެ ނޫންތޯ؟” އެތަނުން އެކަކު ބުންޏެވެ.

“ރިއަލީ؟ އަންބިލީވަބަލް! ބަލަ ތިފާޑަށް ތި ވާހަކަ ދައްކަނީ އަހަރެން ބުނި އެއްޗެއް ނީވިގެންތަ؟ ކަން ހިނގާދިޔަގޮތް ނޭނގިގެންތަ؟ އަހަރެން ދެންމެ މިތަނުގަ ޕްރޮފެޝަނަލް ސްޓާންސް އަކުން ވާހަކަދެއްކީތީ މިކަމުގެ ކުޑަ ބޮޑުމިން އޮޅުނީތަ؟ ބަލަ ދެކެވުނު ވާހަކައިގެ މައުލޫއަކީ އަހަރެންގެ އަންހެނުންނޭ!! އޮފީސްތެރޭ އެވާހަކަ ކުރިއަށް ދިޔަނަމަ އެއްވެސް އިތުރު މުއައްސަސާއަކުން ކަލޭމެނަށް ވަޒީފާ ނުލިބޭވަރު ކުރީސް.. ދެންވެސް މަގޭ އަތުން ފައިން ގޯހެއް ނުހެދެންދެން ބަަލަން ނުހުރެ މި ހިފައިގެން މަގޭ ކުރިމަތިން ދުރަށްދޭ” ރިއާންގެ އަޑު މުޅި ކެބިންގެ ތެރޭގައި ގުގުމާލިއެވެ. އެމީހުން ޖެހިލުންވެފައިހުރެ އެތަނުން ދިޔުމުން އެތަނުގައި ހުރި ރާހިލްއަށްވެސް ބަލައިލުމެއްނެތި ރިއާން މަސައްކަތުގެ ތެރޭގައި އަވަދިވެގަތެވެ.

ގެއަށްދިޔައިރުވެސް ރިއާންގެ ސިކުނޑީގައިވަނީ އެމީހުންގެ ބަސްތަކެވެ. ޒީވާއޭ ކިޔައިގެން އެފަދަ ގޮތަކަށް ދެއްކި ވާހަކަތައް ހަޖަމު ކުރާކަށް އޭނާއަަކަށް ފަސޭހައެއް ނުވިއެވެ. އެމީހުންނާމެދު އިތުރަށް ފިޔަވަޅު އަޅަށް ބޭނުންވިޔަސް އެވާހަކަ ދައްކާނެ އިތުރު ބަޔަކުވެސް އުޅޭނެކަން އޭނާއަށް ގަބޫލުކުރެވުނެވެ. އެ އެންމެންގެ އަނގައިގައި އޭނާއަށް ހިފެހެއްޓޭނީ ކިހިނެއް ހެއްޔެވެ؟

“ރިއާން… އައީތަ؟” ޓައި ދޫކޮށްލަމުން ސޯފާއަށް ވެއްޓިގަތް ރިއާން ފެނުމާއެކު ޒީވާ އަހައިލިއެވެ. އޭރު އޭނާ އުޅުނީ ކިޗަން އައިލެންޑް މަތީގައިހުރި ކޭކެއް ޒީނަތްތެރި ކުރުމުގައެވެ.

“އާޗާ.. ޒީވް ކޭކްވެސް އަޅަންތަ؟” ރިއާން ސޯފާއިން ތެދުވެގެން އައިސް އައިލެންޑް ސްޓޫލްއެއްގައި ޖައްސައިލުމަށްފަހު ކޭކަށް ބަލައިލިއެވެ.

“ހޫމް ބައެއްފަހަރު… ހަމައެކަނި ގާތް މީހުނަށް.. މިއީވެސް އިޝްކޮ ބުނެގެން އަޅައިދޭ ކޭކެއް” ޒީވާ ހިނިތުންވެލިއެވެ.

“ހާދަ ޓެލެންޓެޑް އޭ ދޯ.. ދެން ކީއްވެ އަސްލު ނަރސިންގް ޕަރސިޔުކުރަން ވިސްނީ؟” ރިއާން އޭނާގެ ހިތުގައި އުފެދުނު އަސްލު ސުވާލު އަމާޒުކޮށްލިއެވެ. އާއިލީ ވިޔަފާރިއާއި އެނޫންވެސް ކުރިއަށް ދާނޭ އިތުރު ދާއިރާތައް ހުއްޓައި ޒީވާ އެ ރޮނގުން ކުރިއަށް ދާން ނިންމީ ކީއްވެބާއެވެ.

“ނޭނގެ ކީއްވެގެން ކަމެއް.. ކުޑައިރުއްސުރެވެސް ބޭނުންވީ ބަޔަކަށް އެހީއެއް ވެދީގެން ނަފްސަށް ހަމަޖެހުން ލިބޭ ކަހަލަ ދާއިރާއަކުން ކުރިއަށްދާން… އަނެއްކާ ކިހިނެއްވީ؟ އަހަރެން ވޯކް ކުރާތީ ރިއާން ހިތްހަމަ ނުޖެހެނީތަ؟”

“ނޫނޭ.. ހަމަ އަހާލީ.. އެހެންނޫނަސް ކީއްވެ ހިތްހަމަ ނުޖެހެންވީ.. އަސްލު ނަރުހުންނަކީ ކިހާ މާތް ކިހާ މުހިއްމު ބައެއް؟ އިންސާނިއްޔަތަށް ކިހާ ބޭނުންތެރި މުހިއްމު ހިދުމަތެއް ފޯރުކޮށްދޭ ބައެއް” ރިއާން ބުންޏެވެ.

“ހޫމް. ދެރައީ އެންމެން ތިގޮތަށް ނުދެކޭތީތާ ދޯ. ލިބެންވާ ރެސްޕެކްޓް އެންޑް ޕްރޮޓެކްޝަން ނުލިބޭތީ” ޒީވާ ބުންޏެވެ.

“ތިބުނީ؟ ޒީވް އަށް ކަމެއް ދިމާވީތަ؟” ރިއާންގެ ސުވާލާއެކު ޒީވާ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނާއަށް ކުރިމަތިވި ހާދިސާ ހަނދާންވުމާއެކު ހިތްއަވަސްވެ އަތް ތުރުތުރުލާން ފެށިއެވެ. އެމޫނުމަތީގައިވި ހާސްކަން ފޮރުވުމަށްޓަކައި ރިއާންއަށް ފުރަގަސްދެމުން ކެބިނެޓް މަތީގައިހުރި ކަޕްކޭކް ޓްރޭއާ ދިމާލަށް ހިނގަައިގަތެވެ.

“ކަޕްކޭކް ކާނަންތަ؟ އަޅެ ރަހަ ބަލާލަބަ” ޒީވާ އައިސް ރިއާންއަށް ކަޕްކޭކެއް ދިއްކޮށްލަމުން ބުންޏެވެ.

“ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫނެއްނު” ރިއާން ކަޕްކޭކުގައި ހިފަމުން ބުންޏެވެ. ޒީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރިއާންގެ ތޫނު ދެލޯ އޭނާއަށް އަމާޒުވެފައިވާތަން ފެނި އެ ސުވާލުން ރެކި ގަނެވެން ނެތްކަން ކަށަވަރުވިއެވެ.

“ދެން ހުންނާނެ ދޯ.. ދެން އެކި ކަހަލަ.. ކަންކަން ދިމާވެފަ… ކުދި ކުދި.. އެކަމަކު އެއީ އެހާ އަޅާލަންޖެހޭ ކަމެއް ނޫނެއްނު… ދެން އެވާހަކަ ނުދައްކަމާ.. ކަޕްކޭކް މީރުތަ؟” ޒީވާ ހަގީގަތް ފޮރުވިއެވެ.

ޒީވާގެ ސުވާލަށް ބޯ ޖަހައިލި ރިއާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޒީވާ ގަސްތުގައި އޭނާގެ ސުވާލަށް ޖަވާބު ނުދިނީކަން އޭނާއަށް އެނގުނެވެ. އެހެނަސް އިތުރަށް އެވާހަކަ ދައްކަން އޭނާ ޖެހިލުންވީ ޒީވާ އެވާހަކަތައް އޭނާއަށް ކިޔައިދޭހާ ގާތް މީހެއްކަމުގައި އޭނާއާމެދު ނުދެކޭކަމަށް ހީވުމުންނެވެ. އެހެން ހީވުމުން ރިއާންއަށް އުނދަގޫ އިހުސާސެއް ކުރުވިއެވެ. މީގެ އަހަރުތަކެއް ކުރިން ޒީވާއާ އެންމެ ގާތުގައި ޒީވާގެ ހުރިހާ ސިއްރެއް ހިއްސާކުރާ މީހެއްގެ ގޮތުގައި ހުރީ އޭނާއެއް ނޫންހެއްޔެވެ؟ މިއަދު ޒީވާ އެހާވެސް ބޮޑަށް އޭނާ ދުރުކޮށްލީއެވެ. ކުއްލިއަކަށް މޫޑަށްއައި ބަދަލު ފޮރުވަމުން ރިއާން އެތަނުން ދާން ތެދުވިއެވެ.

“ދަނީތަ؟” ޒީވާ ގޮވައިލިއެވެ.

“އާން ވަރަށް ވަރުބަލި” ރިއާން ބުންޏެވެ.

“މަޑުކޮށްބަ..” ޒީވާގެ އަޑަށް ރިއާން ހުއްޓުނެވެ.

“އަހަހަހަ. އެއްޗެއް ދައްކަންތަ؟” ޒީވާ ހެމުންހެމުން އައިސް ފޯނުގެ ކެމެރާއިން ރިއާންއަށް ރިއާންގެ އަމިއްލަ ސިފަ ދައްކައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން ރިއާންއަށް ބުމަ ގޮށްޖަހައިލެވުނެވެ. އޭނާގެ ތުނބުޅީގައި އެކީ އެކައްޗަކަށް އުނގުޅިފައިވަނީ ކޭކުގެ އައިސިންގްތަކެވެ.

“ސަމް ތިންގްސް ނެވަރ ޗޭންޖް އައި ގެސް. އަދިވެސް ރިއާންއަކަށް ކަޕްކޭކު ކާން ނޭނގޭ ދޯ” ޒީވާ އެމީހުންގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ބުންޏެވެ. އަދި ރިއާންއަށް އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ ރިއާންގެ ތުނބުޅީގައިވާ ކޭކުތައް ފޮހެދިނުމަށް އަވަސްވެގަތެވެ. ކުޑަކޮށް ކޮރައިލަމުން ރިއާންގެ މޫނާއި ގާތަށް ޖެހިލިއެވެ.

ޒީވާގެ އިނގިލިތައް ރިއާންގެ ތުންފަތް ކައިރީގައި ބީހިލިވަގުތު ރިއާންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ޒީވާގެ ކޮންމެ ހަރަކާތަކަށް ނުނިޔަތެއްގައި ބެލެމުން ދިޔައެވެ. އެއީ ޒީވާ މާބޮޑު ފަރުވާލެއްނެތި ކުރި ކަމުގައިވިޔަސް އެ ހަރަކާތާއެކު އޭނާގެ ހިއްސުތަކުގައި ހުޅުޖެހުނުފަދައެވެ. ޒަމާންތަކަކަށް އޭނާގެ އެތެރެހަށިން ފިލައިގޮސްފައިވާ ހޫނުކަމެއް އަލުން އިއާދަވި ކަހަލައެވެ. އިތުރަށް މަޑުކޮށްފިނަމަ ގޯހެއް ހެދިދާނެ ކަމަށް ވިސްނި ޒީވާއާ ދުރަށް ޖެހިލަމުން ހަލުވިކަމާއެކު ރިއާން ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.

ޒީވާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. ރިއާން ހިތްހަމަ ނުޖެހޭގޮތަށް އޭނާއަށް ބުނެވުނީ ކީކޭކަމެއްް ނުވަތަ ކުރެވުނީ ކީއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ފުން ވިސްނުމަކަށް ގެއްލިފައިހުރެ ކޭކުގެ މަސައްކަތް ނިންމައިލައި ފްރިޖަށް ލުމަށްފަހު އޭނާވެސް ނިދަން ތައްޔާރުވެލިއެވެ. އެވަގުތު ފޯނަށް އައި ކޯލިގެ އަޑު ޖެހުމާއެކު ޒީވާގެ ބުމަ ގޮށްޖެހިގެންދިޔައެވެ. މިފަދަ ވަގުތެއްގައި އޭނާއަށް ގުޅާނީ ކާކު ހެެއްޔެވެ؟

“ހަލޯ؟” ޒީވާ ޖެހިލުންވެފައިހުރެ ފޯނަށް ޖަވާބު ދިނެވެ.

“ހަލޯ؟ ދަރިފުޅާ.. މީ މަންމައޭ” ފޯނުން އިވުނީ ޝީރީންގެ އަޑެވެ.

“މަންމަ ހާދަ ނުގަޑިއެއްގަ؟ ރަނގަޅުތަ؟ ކަމެއް ދިމާވީތަ؟” ޒީވާ ކަންބޮޑުވެފައި އަހައިލިއެވެ.

“ނޫނޭ ދަރިފުޅާ.. ހަމަ ގުޅާލީ ދަރިފުޅު މިގެއަށް އައިސް ނުލާތީ.. ރިއާން ނަޔަސް ދަރިފުޅު އަންނަންވާނޭ މަންމަ ބުނީމެއްނު.. މަންމަ ގުޅީމަ ރިއާން ހިތްހަމަނުޖެހިދާނެތީ ރިއާން ނިދާނެހާ އިރު ކޮށްފަ މި ގުޅާލީވެސް..” ޝީރީން ބުންޏެވެ.

“ލައްބަ.. ރިއާން މިހާރު ނިދައިފި.. އަޅުގަނޑު މާދަން މަންމަގާތަށް ގޮސްލެވޭތޯ ބަލާނަން.. ރިއާންވެސް ގޮވައިގެން ދެވޭތޯ ބަލާނަން..” ޒީވާ ބުންޏެވެ.

************

“ރިއާން ބޭނުން ނެތިއްޔާ އަހަރެންނާއެކު ނަޔަސް މައްސަައެއް ނެތޭ” ކާރުން ފޭބި ރިއާންއާ އަރައި ހަމަކޮށްލަމުން ޒީވާ ބުންޏެވެ. ރިއާން ވަކި ޖަވާބެއް ނުދީ ޒީވާގެ ކުރިއަށްހުރެ މ.އެޒެލިޔާއަށް ވަނުމަށް ހިނގައިގަތެވެ.

“މި އައީނު ޒީވާވެސް. ޖޫލީ… އާދެބަލަ މަގޭ ޒީވާއާ މީޓް ކޮށްލަން” ޖޫސްތަށްޓެއް ހިފައިގެން ސިޑިއާ ދިމާލަށްދިޔަ ޝީރީން ތަންކޮޅެއް ބާރަށް ޖޫލިޔާއަށް ގޮވައިލިއެވެ.

“މަންމަ އެބަ އަންނަން އެނގޭ ބައްޕައަށް މި ޖޫސްތަށި ގެންގޮސްދީފަ. ދަރިފުޅު އިހަށް ޖޫލީއާއެކު މަޑުކޮށްލާ..” ޝީރީން ޒީވާގެ ކޮނޑުގައި ފިރުމައިލަމުން ބުންޏެވެ. “ރިއާން.. ދަރިފުޅުވެސް އިށީނދޭ” ޝީރީން ރިއާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެތަނުން ދިޔައެވެ.

“ކުޑަ ސާހިބް” ޖޫލީ ރިއާންއަށް ގޮވައިލިއެވެ. ރިއާން ބަލައިލުމާއެކު އަތުން ޒީވާއަށް އިޝާރާތްކޮށްލުމަށްފަހު “އޯކޭ” ކަމަށް އިޝާރާތެއް ދައްކާލަމުން އެއްލޯ މަރައިލިއެވެ. ޒީވާއަށް އެ މަންޒަރުފެނި ދެލޯ ބޮޑުކޮށްލެވުނެވެ.

“ޕިސްޕިސް.. މި ޖޫލީވެސް މިހާރު ހާދަ ލާނެތް ވެއްޖޭދޯ!” ރިއާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

“އަހަހަހަ. މެޑަމް ކޯއްޗެއް ކާނީ؟ އަހަރެންވެސް ކުޑަ މަސައްކަތް ހުރީ މިގަޑީގަ” ޖޫލީ ބުންޏެވެ.

“އަދި އެއްޗެއް ނުކާނަން.. ޖޫލީ ކޮންކަމެއްގަތަ ތި އުޅެނީ؟” ޒީވާ އަހައިލިއެވެ.

“މިއުޅެނީ ކުކުޅު ރޯސްޓް ކުރަން” ޖޫލީ ބުންޏެވެ.

“ހިނގާ.. އަހަރެންވެސް ހެލްޕް ވާނަން” ޒީވާ ބުންޏެވެ.

“އެކަމަކު މެޑަ-”

“ދެން ތިހެން މެޑަމްއޭ ނުކިޔަބަލަ. ޖޫލީ އަހަރެންނަށްވުރެ އުމުރުންވެސް ދޮށިއިރު ތިހެން މެޑަމް ކިޔަންޏާ އަހަރެން ވަރަށް ދެރަވާނެ.. އަހަރެން މުސްކުޅިހެން ހީވަނީތަ؟” ޒީވާ ހިތްހަމަ ނުޖެހޭ ގޮތް ދައްކަމުން ބުންޏެވެ.

“ނޫނޭ މެޑަމް.. ސޮރީ. ކޮއްކޮ ވަރަށް ރީތި” ޖޫލީ ބުންޏެވެ.

“ހޫމް. އަނެއްކާ ކޮއްކޮއޯ. އަޅެ ޖޫލީއަށް އަހަރެން ފެންނަނީ ކުޑަކުއްޖެއްހެންތަ؟” ޒީވާގެ ސުވާލަށް ޖޫލީ ނޫނެކޭ ބުނެ ހޭން ފެށިއެވެ. ދެމީހުން އެކި ވާހަކައިގައިހުރެ ދުރަށް ހިނގައިގަތްތަން ބަލަން ހުރުމަށްފަހު ރިއާން އޭނާއަށް އައި ރާހިލްގެ ކޯލަށް ޖަވާބުދިނެވެ.

“ހަލޯ. ބައްޕަމެން ގޭގަ” ރިއާންގެ ޖަވާބުން ރާހިލް ހައިރާންވިއެވެ.

“ބްރޯއަށް މީހަކު ފަންޑިތައެއް ހެދީތަ މިހާރު މާވަރަަކަށްތި ގެއަށް ތި ދަނީ؟” ރާހިލް ބުންޏެވެ.

“ހަހަ ފަނީ. ދައްތަ ޒީވްއާ މީޓްކޮށްލަން ވެގެނޯ. އަހަރެން ނައީއްޔާ ޒީވް އެކަނިވެސް އަންނަން ހުރީ. ޒީވް އެކަނި ފޮނުވުމަށްވުރެން މިގޮތްވެސް ރަނގަޅެއްނު.” ރިއާން ބުންޏެވެ.

“ރިއާން ވާހަކަ ދައްކާގޮތުން ހީވަނީ ތި ގެއަކީ ޒީ އެކަނި ނުފޮނުވޭވަރުގެ ހަނގުރާމައިގެ މައިދާނެއްހެން” ރާހިލް ދިމާކޮށްލިއެވެ.

“ހަނގުރާމައިގެ މައިދާނަކަށްވުރެ ދެރައެއް ނޫނެއްނު. ވީ ހޭޑް ބްލަޑް ބާތްސް ހިޔަރ. ލިޓެރަލީ” ރިއާން ބުންޏެވެ.

“އޯކޭ އޯކޭ.. އަހަރެން ހީނުކުރަން ރިއާން ޒީއާމެދު ތިހާ ކެއަރ ކުރާ ކަމަކަށް އެނގޭ. އެނގޭނަމަ މަންމަމެންގާތު ބުނެގެން މާ ކުރިން ތި ދެމީހުން ކައިވެނި ކުރުވީސް” ރާހިލް ބުންޏެވެ.

“އޮފްކޯސް އައި ޑޫ ކެއަރ އަބައުޓް ހަރ! އޭގެ މާނައެއް ނޫންދޯ އަހަރެން ޒީއާ މެރީ ކުރަންވީކީއޭ؟ އަހަރެންނަށްވުރެން މާ ކެއަރ ކުރާނެ މާ ރަނގަޅު މީހުންވެސް ޒީއަށް ދިމާވީސް.. އެހެންނޫނަސް.. ކެއަރ ކުރާ އެންމެނާ އިންނަން ވިއްޔާ ކޮބާ ސަލާމަތެއް؟” ރިއާން ބުންޏެވެ.

“އައްދޭ ބްރޯ. ސަލާމަތްވާނެ ސަލާމަތްވާނެ! ހީކުރަނީ ތިއީ މާ ގިނަ މީހުނަކަށް ކެއަރ ކުރާ މީހެއް ކަމަށްތަ؟ ކެއަރ ކުރާ އެންމެނާ އިނަސް ރިއާންގެ ހަތަރު ޖާގަވެސް ނުފުރޭނެ ވިއްޔަ. ތިގޭ ޖޫލީއާއި އަހަރެންގެ ގަރލްފްރެންޑް ނެގީމަ ރިއާން ކެއަރކުރާ އިތުރު ބަޔަކަށް ތިބޭނީ އަހަރެންގެ ދެ ކޮއްކޮ.. އިޝީ އަކީ މާ ކުޑަކުއްޖެއްނު.. އެހެންވީމަ ޒީއަކީ ގޮތަކަށް ބުނަންޏާ ރިއާންއަށް އޮތް ހަމައެކަނި ޗޮއިސް.. ޒީއާ މެރީ ނުކުރިނަމަ ރިއާންގެ އުމުރު ހުސްވާނީވެސް ހުސްހަށިބަޔަށް ހުރެ” ރާހިލް ދިމާކޮށްލިއެވެ.

“އަހަހަހަ. އޭރަށް އަހަރެންގެ ބެސްޓް އެމްޕްލޯއީ ޝައިނާ ހުންނާނެ އެއްނު” ރިއާންވެސް ދިމާކޮށްލިއެވެ.

“އޭ ބުނަން! ތީ ވަރަށް ސަކަރާތްވީ އެނގޭ.. ރިއާންގެ ނަސީބު އަހަރެން ކުރިމަތީހުރެ ތިހެން ނުބުނެވުނުކަން.. ޝައިނާ އެއީ ހަމައެކަނި އަހަރެންގެ” ރާހިލްގެ އަޑަށް ކުއްލިއަކަށް ސީރިއަސްކަން ވެރިވިއެވެ.

“އޯކޭ އޯކޭ.. ޗިލް މޭން.. އެއީ ހަމަ މަޖަލަކަށް ބުނި އެއްޗެއްކަން އެނގެއެއްނު… ދެން ކިޔާބަލަ.. ކޮންކަމަކު އަސްލު ތި ގުޅީ” ރިއާން އަހައިލިއެވެ.

“މިއުޅެނީ ބާސްކެޓް ކުޅެން އައިސްގެން.. ޝައިނާ މަގޭ ޓީމަށް ނެގުނު މޮޔަ ހިތަށްއަރާ އެބަ މިހާރު އިޝީއާ ޝިމާންއާ ހަމަ މޮޅުވަނީ.. ކުޅެން އަންނާށޭ ބުނަން ގުޅީ.. އެކަމަކު ދެން ނާދެވޭނެތާ؟ އެހެންވީމަ ދެން ބާއްވަނީ” ރާހިލް ފޯނު ކުރުކޮށްލިއެވެ.

“ނާދެވޭނެޔޯ” ރާހިލް ފޯނު ބޭއްވުމަށްފަހު އެތަނުގައިތިބި ތިން މީހުންނަށް ރިއާންގެ ޖަވާބު އިއްވައިލިއެވެ.

“އަޅެ ދެން ނުކުޅެވޭނެ އަހަރެންނަކަށް.. ވަރަށް ވަރުބަލި” ޝައިނާ މާނޭވާލަމުން ބެންޗުގައި އިށީނެވެ.

“އިޝްކޮ. ލެޓްސް ގޯ ވަން-ވީ-ވަން” ރާހިލް ބުންޏެވެ.

“އުހޫން. އިޝީއަކަށް ދޮންބެ ބައްޔެއް ނުކުރެވޭނެ. އަދި ކުރެވުނަސް ދޮންބެ ތިއީ އިޝީގެ ކޯޗް. ބުނޭނު ނެވަރ އައުޓްސްމާރޓް ދަ މެންޓަރ އޭ…. މާނުއާ އެއްކޮށް ކުޅޭ.. މާނުއަށް ދޮންބެ ބަލި ކުރެވޭނީ” އިޝްވާ ބޯ ދަމައިގަތެވެ. ރާހިލް ޝިމާންއަށް ގޮވައިލަމުން ދެމީހުން އެކުގައި ކޯޓަށް ދުއްވައިގަތެވެ.

____________

އިޝާ ނަމާދަށްފަހު މިސްކިތުން އައިއިރުވެސް ޒީވާގެ ހަބަރެއް ނުވުމުން ރިއާން ޒީވާގެ ހަބަރެއް ހޯދުމަށްޓަކައި ގޭތެރެ ހޯދަން ފެށިއެވެ. ކާގެއާ އަރައި ހަމަވިއިރު ޖޫލިޔާއާއި ޝީރީނާއެކު މޭޒުމަތީގައި ތަށިތައް އަތުރަން އުޅުނު ޒީވާ ފެނި ރިއާންއަށް ހުއްޓެވުނެވެ. އެ ތިން މީހުންގެ މޫނުމަތީގައިވެސް ވަނީ އުފާވެރި ހިނިތުންވުމެކެވެ. ރިޔާޒްއާ އިނދެގެން އެ ގެއަށް އައި ފަހުންވެސް ޝީރީން ގޭތެރޭގެ މަސައްކަތެއްގައި އުޅުނު މަންޒަރެއް ރިއާންއަކަށް ފެނިފައެއް ނުވެއެވެ. ވުމާއެކު އެ މަންޒަރުވީ ރިއާންގެ ހައިރާންކަން އިތުރުވި މަންޒަރަކަށެވެ.

ރިއާން ފެނުމާއެކު ޒީވާ ރިއާންއާ ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ. އަދި އެއަށްފަހު ޝީރީންގެ ފަހަތުން އަނެއްކާގޮސް ބަދިގޭގެ ތެރެއަށް ގެއްލުނެވެ. އެއީ ކިތަންމެ ލުއި ހަރަކާތެއް ނަމަވެސް އެ ހިނިތުންވުން ރިއާންގެ ހިތުގެ ކަނެއްގައި ކޮށްޓައިލިއެވެ.

“މަންމާ.. ރިއާންއާ ވާހަކަ ނުދައްކަނީ ކީއްވެ؟” ބަދިގޭގެ ތެރެއަށް ވަދެވުމާއެކު ޒީވާ ޝީރީންގެ އަތުގައި ހިފެހެއްޓިއެވެ.

“އެއީ ވަރަށް ދިގު ވާހަކައެއް ދަރިފުޅާ. އެހެންނޫނަސް ވާހަކަ ނުދައްކަނީކީ މަންމައެއް ނޫން. ވާހަކަ ނުދައްކަނީ ރިއާން.. އަހަރެން މީ މަންމައެއްކަމަށް ރިއާން ނުދެކޭ. އަހަރެން އަބަދުވެސް ވާނީ ރިއާންގެ ދޮން މަންމައަށް” ޝީރީންގެ އަޑުގައިވި ހިތާމަ ޒީވާއަކަށް ސިއްރެއް ނުވިއެވެ.

“ޒީވާ.. ދަރިފުޅު ނިކަން ބުނެދީބަލަ އަހަރެންގެ ކުށަކީ ކޮބާކަން؟ އަހަރެން ރިޔާޒްއާ ދިމާވިއިރު ރިޔާޒަކީ ނުބައި މީހެއް ނޫން.. އޭރު އަހަރެންގެ އުމުރުން ވަރަށް ޅަ ވާނެ. އަހަރެންނަށް ވާނީ އެންމެ ސަތާރަ އަހަރު. ރިޔާޒްއަށް ސައުވީސް. އަހަރެމެން ދެމީހުން އުޅުނީ ވަރަށް ލޯބިން. ރިޔާޒަކީ މާލޭގެ އެހާމެ އަބުރުވެރި އާއިލާއެއްގެ މީހެއް… ވީއިރު ރިޔާޒްގެ ގައިގަ ޖަނަވާރެއްގެ އުސޫލު ހުންނާނެކަން އެނގޭނީ ކާކަށް.. ޒަރީނާއަށާއި ރިއާންއަށް އެހާ އަނިޔާކުރާނެކަން އެނގޭނީ ކާކަށް..” ޝީރީން ބުންޏެވެ.

“ކީ.. ކީކޭ؟ ރިއާންގެ ބައްޕަ ރިއާންގެ މަންމައަށް… ރިއާންއަށް؟”

“އާނ. ދަރިފުޅާ.. މި ހުންނަނީ އާއިލީ ސިއްރު… ރިޔާޒަށް މިހާރު އެ ދައްކަވަނީ އެ ދުވަސް…. ޒަރީނާގެ އާއިލާއާއި ލަތީފްބެ އޮތީ މާކުރިން ރިޔާޒްގެ ކައިވެނި ޒަރީނާއާ ކުރަން ހަމަޖައްސާފަ. އޮއްވައި ރިޔާޒް އަހަރެންނާ ލޯބިން ގުޅުނީ.. އެކަމާ އަޅާނުލާ އެމީހުން ގަދަކަމުން ރިޔާޒްގެ ކައިވެނި ކުރުވީ..” ޝީރީން މަޑުމަޑުން ޒީވާއަށް ހުރިހާ ކަމެއް އޮޅުންފިލުވައިދޭން ފެށިއެވެ. “އަހަރެން ބަލި ގަބޫލުކޮށް، ފަހަތަށް ޖެހުނިން. ރިޔާޒްއާ ދުރަށް ރަށަށް ފުރައިގެން ދިޔައިން. އަހަރެން ހީކުރީ ރިޔާޒްވެސް އެކަމުން އަރައިގަންނާނެ ކަމަށް. އެކަމަކު ރިޔާޒް ޒަރީނާދެކެ ލޯތްބެއްނުވި. ޒަރީނާއަށް ކުރި ނަފްރަތުގެ ބަދަލު ދެމުން ދިޔައީ އަނިޔާއިން.. އެ އަނިޔާތަކުގެ ތެރޭގަ އުޅެ ޒަރީނާ ރިއާން އުފަންކުރީވެސް… އޭރު ރިއާންއަށް އަޅާލެވޭވަރަށްވުރެ ޒަރީނާގެ ހާލަތު ގޯސް… އަބަދުވެސް އިންނާނީ ކޮޓަރީގަ.. ރިއާންއަށް މަންމަ ނުފެނި ދާ ދުވަސް ގިނަވާނީ.. ފެނުނަސް ރިއާންއަކީ ދަރިއެއް ނޫންފަދަ… ވެދާނެ ރިއާން ފެންނަ ކޮންމެ ފަހަރަކު ރިޔާޒްގެ އަނިޔާވެރިކަން ހަނދާންވަނީ ކަމުގައިވެސް” ޝީރީން މަސައްކަތްކުރީ އަންހެނެއްގެ ހައިސިއްޔަތުން ޒަރީނާގެ ހާލަތު ދެނެގަނެވޭތޯ އެވެ.

“ރިޔާޒް އެހެން އުޅެފަ ރިއާންއަށްވެސް ވަރަށް އަނިޔާ ކުރާނެ… ލޯތްބެއް ނެތް ކައިވެންޏަކަށް އުފަންވާ ކުއްޖަކަށް ލިބޭނެ ހުރިހާ އަނިޔާއެއް އެފަކީރަށް ލިބުނު.. ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާއެއް.. އޭރު ރިއާންއަށް ހެޔޮ މީހަކަށް މި މުޅި ގޭގަވެސް ހުރީ ޖޫލީ.. ޖޫލީ އަހަރެންނަށް މި ވާހަކަތައް ކިޔައިދިނީ. އެއީ ޒަރީނާގެ މަރަށްފަހު އަހަރެން ރިޔާޒާ ކައިވެނިކޮށްގެން މިގެއަށް އައިފަހުން.” ޒީވާގެ ހިތް ރިއާންއަށްޓަކައި ފުނޑުފުނޑުވިއެވެ. އެފަދަ ހަަލަބޮލި ކަމެއްގައި ގޭތެރެ އޮތް އިރުވެސް ރިއާން ކުޑައިރުވެސް އެއިން އެއްވެސް ކަމެއްގެ ވާހަކަ އެމީހުނާ ހިއްސާ ނުކުރީތީ ހިތާހިތުން ޝަކުވާވެސް ކުރެވުނެވެ. ހަމައެއާއެކު އޭނާގެ ހިތުގައި ޝީރީންއާމެދު ކަންބޮޑުވުން އުފެދުނެވެ.

“މަންމާ.. އެއްޗެކޭ ހީނުކުރައްޗޭ އެނގޭ.. އެކަމަކު.. ރިއާންގެ ބައްޕަ މިހާރު މަންމައަށްވެސް…”

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ވެވުނީ ލޯތްބޭ ޔާރު ހުވާ

Next

އެދެނީ އުމުރަށް ތިބާ 02

Next
January 19, 2026

އެދެނީ އުމުރަށް ތިބާ 02

Previews
January 19, 2026

ވެވުނީ ލޯތްބޭ ޔާރު ހުވާ

4 Comments!

  1. Oreo gurll says:
    January 19, 2026 at 2:26 pm

    Yayyyyyyy! It’s heree
    So nice ingey this episode. Riaan ge fam sirru mi engunee ehnu, so thats why ey riaan aslu riyaazbe ah ehaa aniyaa kuree dhw. raahil mennah manzaru fennaanee ehen gothakah but he was doing the right thing in his perspective.. gosh so emotional
    Ig Zee is gona care for Riaan even more mihaaru since now she knws. I wonder what’s gona happen next.
    Raahil and Shai soo cute dhw. i’ve never heard of moodhu dates in vhk.. so appearantly this one is gona be special. honestly, so far v reethi mi vhk. this is one of my fav.. totally my type hama
    when next part? Can’t wait for nextt episodeeeee. im so proud of ur work, appreciating it to the mosttt.
    Take caree Rana. <3 Lysssssssssssssm.

    1. Rana Lathyf says:
      January 23, 2026 at 11:08 pm

      Thankyouu darlingg.. I m so glad u liked the episode as usual. Next part submit kohlaifin ingeyy. Bxy kamun hama reply ehves nudhevigen mi ulhenee. But your comment always makes me smile hama. Lysm🥹❤️

  2. aalaaa says:
    January 19, 2026 at 5:55 pm

    raana intro eh dheebala

    1. Rana Lathyf says:
      January 23, 2026 at 11:10 pm

      Intro eh dhwww… I’m a 23 yr old student. Working as well. Story writing is a hobby. Tell me what else you want to know ingeyy🫶🏽

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (29 ވަނަބައި)←


All Right Reserved!