ތި ސޫރަ ނޫން 32
* މިއަލް ވާހަކަ ކިޔަން އިންދާ ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ. މިއަލް ކުޑަކޮށް ނުކެރި އިނދެ ފޯނު ނެގިއެވެ. މުހިންމު ކޯލަކަށް ވެދާނެތީއެވެ. އެކޮޅުން ފިރިހެނެއްގެ އަޑު އިވުނުހެން ހީވިއެވެ. އެހެނަސް ކީ އެއްޗެއް ސާފެއް ނުވިއެވެ. “ތިއީ ކާކު..؟” މިއަލް އެއްސެވެ. މިއަލްގެ އަޑު އިވުމާއެކު އެކޮޅުން ބަރު ހިނިގަނޑެއް ޖަހާލިއަޑު އިވިގެންދިޔައެވެ. މިއަލްގެ ގައިން ހީބިހި ނަގައިގަތެވެ. އެއާއެކު ނުބައި ބިރެއް އައިސް މީހާ ވަށާލައިފިއެވެ.*
“ރިޒްވާން..؟؟” މިއަލްއަށް އަހާލެވުނެވެ.
“ކޮންތާކަށް ގޮސް ފިލައިގެން ތިއުޅެނީ..؟ އެލްއަށް ޓަކައި މިއޮއްހާ ދުވަހު އަހަރެން ދުރުގައި އުޅުނީ ވެސް.. ދެން ކީއްވެ އަހަންނާ މާދުރަށް ތި ދިޔައީ..؟” ރިޒްވާން އެހެން ބުނެލުމުން މިއަލްއަށް ބޯހޫރާލެވުނެވެ. ރިޒްވާން އެހެން ކީ ނަމަވެސް ރިޒްވާނުގެ ގޭންގު ގަނޑުގެ މީހުން ކޮންމެ ދުުވަހަކުހެން އޭނާއަށް ދުއްތުރާކުރިވަރު އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ.؟ ދުރުން ހުރީމޭ ކިޔާ މައުސޫމުވާކަށް ރިޒްވާނު މާ ރަނގަޅެއް ނޫނެވެ.
“ކީއްކުރަން ތި ގުޅީ..؟” މިއަލް އެއްސެވެ. ރިޒްވާނުމެންގެ އަމަލުތަކަށް ކެތްކޮށްގެން އެންމެ ޝަކުވާއެއް ވެސް ނުކޮށް އޭނާ ހަނުހުރި ދުވަސްތަކަށް ނިމުމެއް ގެންނަމުންނެވެ. އިތުރުން އެއްޗެކޭ ނުބުނެ ހަމައެކަނި ފޯނު ކަނޑާލުމަކުން ރިޒްވާނުގެ އުނދަގުލުން ސަލާމަތްވެދާނެއޭ މިއަލްގެ ހިތެއް ނުބުނެއެވެ.
އެހެން އިންދާ އިޒާ ޝަފްވާނުގެ އަތުގައި ހިފާ ދަމަމުން ދޮރު ހުޅުވާލާފައި އައިސް ވަނެވެ. އަދި ކުޅޭ އެއްޗެއް ހިފައިގެން އެބަ އަންނަމޭ ބުނެ އެހާ ބާރަށް ނިކުމެގެން ގޮސްފިއެވެ. އަޅި ޓީޝާޓަކާއި ގަދައަޅި ޖިންސެއް ލައިގެން ހުރި ޝަފްވާން ހުރީ ހިނިއައިސްފައެވެ. ހަށަން ބަނދެލައިގެން އޭނާ ބަލަން ހުރުމުން މިއަލް ވެސް ލުއިކޮށް ހިނިތުންވެލައިފިއެވެ. އަދި އަތުގެ އިޝާރާތުން އެނދުގައި އިށީނުމަށް އެދުނެވެ. ޝަފްވާން ފެނިލުމާއެކު އޭނާގެ ހިތަށް ހަމަޖެހުމެއް ވެރިވެގެން ދިޔައެވެ.
“އެލްއަށް ނޭނގޭކަމަށް ނުހަދަބަލަ.. އަހަންނަށް އެނގޭ އެލް އަހަރެން ދެކެ ލޯބިވާކަން އަހަރެން ވެސް ލޯބިވާ ފަދައިން..” ރިޒްވާނު ބުންޏެވެ. އޭނާ ރީއްޗަށް ވާހަކަ ދައްކަން އެ މަސަައްކަތް ކުރަނީ ކަށިން ހިތްވަރު ނެރިގެންނެވެ. އެހެނީ ނުބައި ބަހެއް ނުކިޔާ ރިޒްވާނަށް އެއް ޖުމްލަ ވެސް ނުބުނެވެއެވެ. ވަގުތުން މިއަލްއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ރިޒްވާނުދެކެ ލޯބިވާކަން އޭނާއަށް ހާމަކުރެވުނީ ކޮންއިރަކު ހެއްޔެވެ.؟ އޮޅިގެންވެސް އެފަދަ އިޝާރާތެއް ކޮށްފައެއް ނުވާނެއެވެ. އޭނާ ރިޒްވާނުދެކެ ވާ ފޫއްސަށް ކިއަނާ ވެސް ހެކިވާނެއެވެ.
މިއަލްގެ މޫނަށް ވެރިވެފައިވާ އަސަރުތަކުން ޝަފްވާން އޭނާގެ މޫނުމަތީ އަތްހޫރާލިއެވެ. އަދި ވައިއަޑުން ގުޅައިގެން އިނީ ކާކުތޯ އަހާލިއެވެ. މިއަލް އިނީ އުނދަގޫވެފައިހެން ހީވެގެންނެވެ. މިއަލްގެ މޫނަށް ބަލާލަން ޝަފްވާނަށް ޖެހުނީ އެންމެ ފަހަރަކުއެވެ. އޭނާ އެކަން ނަގައިގަތީ ފެންފޮދެއް ބޯލާހާ ފަސޭހައިންނެވެ.
“ފަހަތުން ނުނެއްޓިގެން އުޅޭ މީހެއް.. ރިޒްވާންގެ ވާހަކަ ކިޔާދިނީމެއްނު..؟” މިއަލް ވެސް ވައިއަޑުން ޖަވާބުދިނެވެ. ފޯނަށް ނީވޭނެހެންނެވެ. މައިޒާނީ ޕާރކުގައި އެދެމެދުގައި ވަނީ ގިނަގުނަ ވާހަކަތަކެއް ދެކެވި ކުރިއަށްވުރެ ގާތްވެވިފައެވެ. ޝަފްވާން ގާތަށް ފުރަތަމަ އައީ ހިންޏެވެ. ކުރިން ޖެހިލުންވެ އެހާ މަޑުމަޑުން އުޅޭ މިއަލް މިހާރު ރީއްޗަށް އޭނާ އާއި ވާހަކަދައްކަން ފެށުމުންނެވެ. ފަސްޖެހުމާއި ހާސްވުން ނެތިގޮސް އޭނާގެ މިޒާޖަށް އަންނަމުން މިދިޔަ ހެޔޮ ބަދަލުތަކުންނެވެ. ހަމައެއާއެކު ޝަފްވާންގެ ބުމަ ކައިރިވިއެވެ. މިއަލް ހިތްހަމަނުޖެހޭ މީހަކަށް ވަނީނަމަ އޭނާ އެމީހަކަށް ދުނިޔޭގެ ދެކޮޅު ދައްކާލާނެއެވެ. ޝަފްވާންގެ މޫނަށް މިއައި ބަދަލުން މިއަލްއަށް މަޖާވެގެން ފޯނު ސްޕީކަރަށް ލިއެވެ. ޝަފްވާން އިންދާ ރިޒްވާނަށް ކަމެއް ނުކުރެވޭނެކަމުގެ ޔަގީންކަން ހިތުގައި އުފެދިފައިވާތީއެވެ.
“ޖަވާބެއް ނުދޭނަންތަ..؟ މިހާރު ކިހާ ދުވަހެއް ވެއްޖެ.. ސީދާކޮށް އެލް ގާތު ބުނެވިފަ ނެތަސް މަށަށް އެނގޭ އެލްއަށް ވެސް އަޑުއިވިފަކަން އޮންނާނީ މަ އެލްއާ މެދު ދެކޭގޮތް.. އެއީ ތެދު.. ވަރަށް ލޯބިވޭ އަސްލުވެސް.. އެލް ބޭނުންވަނީ އަހަރެން ކީއްކޮށްދޭންތަ..؟” ރިޒްވާނުގެ ބޮޑާ އަޑުގައި އާދޭހުގެ ރާގެއް އެކުލެވެންފެށިއެވެ. އެއާއެކު ފަހަތުން ސިޔައްޓެ އެއްޗެއް ބުނެލިހެން ވެސް މިއަލްއަށް ހީވިއެވެ. އެ އެންމެންނެކޭ ހިނި ބައިގަނޑެކޭ އެއްގޮތެވެ. ނޭވާލާން ވެސް އެކަކު އަނެކަކު ބޭނުންވާފަދައެވެ. ވަކިން އެއްކަމެއް ކުރެވޭވަރެއް ވެސް ނޫނެވެ. މިފަދަ ކަމެއް ވެސްމެއެވެ.
“ރިޒްވާނަށް ބުނެދެވިދާނެތަ ތިހެން ހީކުރެވޭ ސަބަބު..؟” އެއްޗެކޭ ބުނުމުގެ ކުރިން މިއަލް އެނގެން ބޭނުންވިއެވެ.
“އެލް އަބަދުވެސް އަހަންނަށް ވަރަށް ބަލަމެއްނު.. ކޮންމެ ކަމެއް ކުރިޔަސް ޗުއްޕު ވެސް ނުބުނެ ހުންނަނީ ލޯބިވާތީއެއްނޫންތަ..؟ ބޭނުމިއްޔާ އެ ފާއިޒާ ކައިރި މައެ ވާހަކަތައް ބުނެވެން އޮއްވަ ވެސް ނުބުނެ ހުރީ އަހަރެން ސަލާމަތް ކޮށްދޭކަށްނު..؟” ރިޒްވާން ފައްޗަކަށް އަމުނާލައިފިއެވެ. އެމީހުން ފެނުމުން މިއަލް ގަންނަ ބިރުން ނުރައްކަލެއް އޮތްތޯ ބެލުމަށް ޓަކައި ދެވޭ ނަޒަރުތައް ރިޒްވާނަށް ތަރުޖަމާ ކުރެވިފައި މިވަނީ ރޯ ނުބައިކޮށެވެ. އޭނާއަށް ކުރިއަށްވުރެ ގިނައިން ޖެއްސުން ކޮށްފާނެކަމަށް ޓަކައި ފާއިޒާގާތު ޝަކުވާ ނުކޮށް ފަރު ޖައްސާލިކަން ވެސްމެއެވެ.
“ތިހެން ހީކުރަން ރިޒްވާނަށް ފުރުސަތު ދެވުނީތީ މައާފަށް އެދެން.. އެކަމަކު އެގޮތަކަށް ރިޒްވާނާއި ދޭތެރޭ ދުވަހަކުވެސް ދެކެވިފައެއް ނެތް..” މިއަލް އެހެން ބުނެލިއިރު ޖުމްލައިގައިވީ އިހްތިރާމެވެ.
“ތިހެން ނުބުނޭ މިއަލް.. އަމިއްލަ ނަފްސަށް އޮޅުވާނުލާ.. އެލްއަށް ޖެއްސުންކުރެވުނީ ވެސް ލޯބިވާތީ އޭ.. އޭރު އެގޮތަށް ކުދި ގޯނާ ކުރީ ސީރިއަސްކޮށެއް ނޫން.. ދުވަހަކުވެސް ނީންނާނެ ބޮޑު އަނިޔާއެއްވާވަރު ކަމެއް ކޮށްފައެއް އަދި އެހެން ކަމެއް ކުރިޔަސް.. އެލްއަށް ގޮތެއް ވުމަކީ މައެ ބޭނުންވާ ގޮތެއް ނޫނޭ.. އެކަމާ އަދިވެސް ހާޑުވެފަ އިނިއްޔާ ސޮރީ.. ނޫނީ މަ ލޯބިވާކަން ގަބޫލު ނުކުރެވެނީތަ..؟ ލޯބި ނުވަންޏާ މަ މިހުރިހާ ކަމެއް ނުކުރާނެކަން އެނގެެއެއްނު..؟ އެލްއަށް ފެނިފަ ވާނީ މައެ ހިތްހަމަނުޖެހޭ މީހުންނަށް ވާ ގޮތް.. ކިހާ ޔަގީންކަމެއް ދިނީމަތަ ގެޓު ވާނީ..؟” ރިޒްވާނު ބުނެލިއެވެ. އޭނާއަށް މިއަލް ލޯބިވާކަމުގެ އެހާބޮޑު ޔަގީންކަމެއް ލިބި އެ އުދުހެވެނީ ހުވަފެނީ ދުނިޔެއެއްގައިކަން މިއަލް އިތުރަށް ބުނެދޭނީ ކިހިނެތްހެއްޔެވެ.؟ އެހާ ސާފުކޮށް ބުނެގެން ވެސް ރިޒްވާނަށް އެކަން ބަލައެއް ނުގަނެވުނެވެ.
“އަހަރެން ބޭނުން އެލްއާ ކައިވެނި ކުރަން..” ރިޒްވާން ބުނެލި ޖުމްލައިން މިއަލް ސިހިގެންދިޔައެވެ. ލޯބިވާކަމަށް އިއުތިރާފުވީ ނަމަވެސް އެހާ ދުރަށް އޭނާ ވިސްނާފަ އޮވެދާނެކަމަށް މިއަލް ހިޔެއް ނުކުރެއެވެ. ފާޑަކަށް އަނގަ ނަގައިގެން ފޯނަށް ބަލާލެވުނީ ރިޒްވާނު ކުރިމަތީ ހުރެއްޖެނަމަ ވެސް ބަލާލާނެހާ ސިހުމާއެކީގައެވެ.
“އޭތް..!” މިއަލް އަތުން ފޯނު ނަގާފައި ޝަފްވާން ބާރަށް ގޮވައިގަތެވެ.
“ރިޒްވާނު ދޯ..؟ އެންމެ ކުޑައިރުއްސުރެ ފެށިގެން މިއާއަށް ތުރާކޮށްފަ ކަލޭ ހާދަ ހިތްވަރުގަދައޭ މިހާރު މިއާގެ ލޯތްބަށް އެދި އާދޭސްކުރަން.. ބުނަންތަ ރަނގަޅު ވާހަކައެއް..؟ ލޯބިވާކަން ދުލުން ހާމަކުރަން ނުކެރިގެން ޖެއްސުންކުރާހާ ކަލޭގެ ވިސްނުން ކޮށިނަމަ އަދި މީހަކާ އިންނަވަރެއް ނުވޭ ކަންނޭނގެ.. އެއަށްވުރެ ކަލޭ މާ އިމެޗުއަރ.. އޭގެ ބަދަލުގައި ކަލޭ އެންމެފުރަތަމަ އިސްލާހުވާން ޚިޔާލު ކޮށްބަލަ މިއާއަށް ޖެއްސުން ނުކޮށް..” އެހިސާބަށް ބުނެފައި ޝަފްވާންގެ އަޑަށް ހުއްޓުމެއް އައެވެ. ރިޒްވާނާއި އޭނާގެ ދެމެދުގައި މާކަ ބޮޑު ތަފާތެއް ނެތުމުންނެވެ. ރިޒްވާނު ގޭބަންދު ކުރަން ޖެހުނީ ވައްކަމުގެ މައްސަލައެއް ގައި ކަމަށް މިއަލް ވަނީ އޭނާއަށް ކިޔާދީފައެވެ. ހަމައެކަނި ރިޒްވާނުހެން އޭނާ އެހެންމީހުންނަށް ބޮޑު އުނދަގުލަކަށް ނުވާކަމެވެ. ރައްދުގައި ރިޒްވާނު ވެސް އެއްޗެކޭ ކިޔަންފެށި ނަމަވެސް އޭނާއަށް ވާހަކަ ދައްކަން ޝަފްވާން ފުރުސަތެއް ނުދިނެވެ.
“އަދި އަންހެނަކު ނޫނެކޭ ބުނީމަ ގަދަބާރުން އޭނަގެ ވިސްނުން ބަދަލުކުރެވޭތޯ ތި އުޅެނީ އޭނަގެ އިހުސާސްތަކަށް އިހުތިރާމުކުރުމެއް ނެތި.. ނޯ މީންސް ނޯ މައި ގާއި.. އޭނަގެ ޖަވާބު ބަދަލެއް ނުވާނެ.. ދެން މި ނަންބަރަށް ނުގުޅާތި މީގެފަހުން..!” ޝަފްވާން އެހެން ބުނެ ފޯނު ކަނޑާލީ ރިޒްވާނަށް އެއްޗެކޭ ބުނަން އަނގަ ވެސް ހުޅުވާ ނުލެވެނީހެވެ. އަދި އެ ނަންބަރު ބްލޮކްކޮށްލީ ސިކުންތެއް ތެރޭގައެވެ.
މިއަލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ބޮލަށް އުނދަގޫވެފައި އިނދެ ޝަފްވާން މިއަލްއާ ދިމާއަށް ބަލާލީ ހެނީ ކީއްވެގެންތޯ އަހަމުންނެވެ. ނަމަވެސް ހެވޭވަރުން މިއަލްއަށް ވާހަކަދެއްކޭވަރެއް ނުވިއެވެ. ހީވީ ޑްރާމާ ސީންއެއްހެން ވިއްޔާއެވެ. ވާހަކަ ދަައްކަނީ ރިޒްވާނުކަން އެނގުނީއްސުރެ ކޯލް ނިންމާލާފައި އެ ނަންބަރު ބްލޮކްކުރަން އޭނާ ހުރީ މާކުރިން ހިތުލައިގެންނެވެ. ޝަފްވާން އެނދުގައި ލެނގިލިއެވެ.
“އިންނު ބޭނުން ކާޓޫން ބަލަން..” އިޒާ އައިސް ބުނެލިއެވެ. އޭނާގެ އަތުގައި ބެއާއެއް އޮތެވެ. ލޯތްބާއެކު އިޒާ ނަގާ އޭނާގެ އުނގަށް ލަމުން މިއަލް އެއްބަސްވިއެވެ.
“ޝަފްވާން ކާޓޫން ބަލާނަންތަ..؟” މިއަލް ކުޑަ ހިނިތުންވުމަކާއެކު އަހާލުމުން ޝަފްވާން އާނބަސް ދިނެވެ. އަދި މެންދުރުގެ ވަގުތުކަމަށްވެފައި އޭނާއަށް ވެސް ހުސް ދުވަހަކަށް ވާތީއެވެ. އެކަންކަމަށް ވުރެ ބޮޑަށް މިއަލްއާއެކު ހޭދަކުރަން ލިބޭ ވަގުތުކޮޅަކަށް ޝަފްވާން ނޫނެކޭ ބުނާނެ ހެއްޔެވެ.؟
ތިން މީހުން އެކުގައި ލެޕްޓޮޕުން ބަލަން ފެށީ ބިއުޓީ އެންޑް ދަ ބީސްޓް ކާޓޫނެވެ. ފަހަކަށް އައިސް އިޒާއަށް މާ ކަމުދާ ކާޓޫނެކެވެ. ނުހަނު ފޯރީގައި އިޒާ ކާޓޫނު ބަލަމުން ގެންދިޔައީ ދިގު ކޮމެންޓްރީއެއް ދެމުންނެވެ. މިއަލްއަށް ދޭތެރެދޭތެރެއިން އިޒާގެ ފަން އިސްތަށިގަނޑާއި ކުޅެލެވެއެވެ. ޝަފްވާނަށް އެ މަންޒަރު ފެނުމުން މިއަލްއާއި ބެހިލާ ހިތްވިއެވެ. މަޖާ ކޮށްލުމުގެ ގޮތުންނެވެ. ބޭރުފުށުން ކިތަންމެ ހިނިއައިސްފައި އިނަަސް މިއަލްގެ ހިތުގެ ކަނެއްގައި ރިޒްވާނުގެ ބިރު އުފެދިފައި އޮވެދާނެކަމަށް ވިސްނިގެންނެވެ.
މިއަލްއަށް ނޭނގޭނެހެން ޝަފްވާން ފަހަތުން މިއަލްގެ އިސްތަށިގަނޑަށް ދަމާލިއެވެ. މިއަލްއަށް އިހުސާސެއް ނުވިއެވެ. ދެވަނަ ފަހަރަށް ވެސް ޝަފްވާން ދަމާލައިފިއެވެ. އެކަން ކުރަނީ ކާކުކަން އިހުސާސްނުވެ މިއަލް އިށީނދެގެން އިން ގޮތް ބަދަލުކޮށްލިއެވެ. ލެނގިލައިގެން އިންގޮތުން އިސްތަށިގަނޑަށް ވާންވީކަމަށް ހީކޮށެވެ. ޝަފްވާނަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވި ފަދައިން މިއަލްގެ ސަމާލުކަން އޭނާއަށް ނުލިބިގެންނެވެ. އިސްތަށިގަނޑުގެ ބޮޑުބައެއްގައި ހިފާ ޝަފްވާން ދަމާލިއެވެ. މިއަލްއަށް ތަދުނުވާނެހެންނެވެ. މިއަލް ސިހިފައި އިސްތަށިގަނޑުގައި ހިފަހައްޓަން އުޅެނިކޮށް އަތް ބޭއްވުނީ ޝަފްވާންގެ އަތްމަތީގައެވެ. ވަގުތުން އިސްތަށިގަނޑުން ދޫކޮށްލާ ޝަފްވާން މިއަލްގެ އަތުގައި ހިއްޕެވެ. އެ އަތްތިލަ އޭނާގެ އަތުތެރޭ ފޮރުވާލަމުން ޝަފްވާން ސްކްރީނަށް ނަޒަރު ހުއްޓާލިއިރު ތުންފަތްމަތީ ފަނޑު ހިނިތުންވުމެއްވިއެވެ. އޭނާގެ މަގްސަދު ހާސިލުވީއެވެ.
ގުޅި ލާމެހިފައިވާ ދެމީހުންގެ އަތަށް މިއަލް ބަލާލިއެވެ. އެއާއެކު ނުތަނަވަސްކަން މީހާ ވަށާލިއެވެ. އުފާވެރިކަމުގެ އިހުސާސްތަކާއި މަސްހުނިވެގެން މި އުފެދުނު އިހުސާސަށް ދޭނެ ނަމެއް މިއަލްއަކަށް ނޭނގުނެވެ. އެނގުނުހާވެސް ކަމަކީ އޭނާ ވެސް އެއަތުން ދޫކޮށްލަން ބޭނުންނުވިކަމެވެ. އޭނާ ސިއްރުސިއްރުން ޝަފްވާނަށް ވެސް ނަޒަރެއް ދިނެވެ. ފެންނަމުން ދިޔައީ އެ މޫނުގެ އެއްބައި ނަމަވެސް ހިތާހިތުން މިއަލްއަށް ތައުރީފު ކޮށްލެވުނެވެ.
އެ ބޮޑު ދެލޯ ހުއްޓިފައިވަނީ އޭނާގެ މޫނަށްކަން އެނގުމުން ޝަފްވާން ކުޑަކޮށް ރަކިވާގޮތްވެސްް ވިއެވެ. ދެ މިނެޓްވަރު ހިނގިއިރު ވެސް މިއަލް އެހެން ދިމާއެއް ބަލާނުލާތީއެވެ. ވާކަމަކަށް ވެސް ނުހަދާ އޭނާ އިޒާއާއެކު ކާޓޫން ބެލުމައިގެން ކުރިއަށް ދިޔައެވެ. ހިތް އުފަލުން ނަށަމުން ދިޔައިރު އެކަން މޫނުމަތިން ނުދައްކާވޭތޯ އޭނާ ބަލަމުން ދިޔައީ މިއަލްއަށް އެނގިއްޖެނަމަ ލަދުން ދެން ދުވަހަކުވެސް އޭނަޔާ ދިމާއަށް ބަލާނުލާފާނެތީއެވެ. މިއަލްގެ ހަރަކާތްތަކުން އޭނަޔާ ރުހޭކަން ފެންނަމުންދާތީ ހަވަޔަށް ނޭރި އިނދެވެނީ ކިރިޔާއެވެ.
ކާޓޫންގެ މެދަކާއި ހަމައަށް ދިޔައިރު އިޒާ ނިދިޖެހިގެން މިއަލްގެ ގައިގައި ލެނގިލައިގެން އޮވެ ރަނގަޅަށް ނިދައިފިއެވެ. އޭނާ އެނދުމަތީ ބާއްވާފައި ބެއާ ވެސް ގާތުގައި ބޭއްވިއެވެ. އިޒާގެ ނިދިހަރުވުމުން މިއަލް ޝަފްވާނާއި ކުރިމަތިލިއެވެ.
“ޝަފްވާން ވެސް މީހަކާ އިންނަވަރަށް ބޮޑެއް ނުވެއެއްނު..؟ ޖެއްސުންކުރާވަރު ބަލާބަލަ..” މިއަލް ބުނެލިއެވެ. އޭނާގެ ބޮލަށް ދެމި ދެމުމަށް އިޝާރާތްކޮށްފައެވެ.
“އެހެންތަ..؟ އެއީ ދެން ލޯބިންނޭ..” ބުނާނެ އެއްޗެއް ނޭނގިގެން ޝަފްވާން އެހެން ބުނެލުމުން މިއަލްގެ ކޯތާފަތަށް މަޑު ރަތްކަމެއް ވެރިވިއެވެ. ހިނިއައިސްފައި އިން ޝަފްވާން ކުޑަކޮށް ހައިރާންވިއެވެ. އެވަރު ކުޑަ ޖުމްލައަކުން މިއަލް ލަދުގަންނަވާލެވޭނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ.
“ލޯބިން ޖެއްސުންކުރަންޏާ ތިވީ ހަމަ ރިޒްވާނަށެއްނު..” މިއަލް ދުލެއް ނުދިނެވެ.
“އައްޗީޑި..! މަށާ އޭނަޔާ އެއްގޮތް ނުކުރޭ..” އަނގަޔަށް ގޮތެއް ހަދާލަމުން ޝަފްވާން ބުނެލީ ފަކުރު ގަތް ފަދައިންނެވެ. ރިޒްވާނާއި އޭނާ އެހާ އެއްގޮތްނަމަ މިއަލް ރިޒްވާނު ކުރާ ޖެއްސުންތަކަށް ވެސް ހޭން އިންނަންވީ ނޫންހެއްޔެވެ.؟ ހިތާހިތުން ޝަފްވާން ކުދިކިޔާލިއެވެ.
“އަދި ބުނަން.. މަގޭ އަތްނބެއް ހުރޭ.. އޭނަ ވީ ވަޒީފާއަށް ގޮސް.. ޗީޒީގައި..” ޝަފްވާން ވަރަށް ފޮނިވެފައި ބުންޏެވެ. އަޑުން އެކަނިވެސް އޭނާގެ “އަނބި”ދެކެ ވާ ލޯބި ހާމަވެއެވެ.
“އަނބި ވަފާތެރިއެއް ނޫން ޝަފްވާނަކަށް.. ކުރިންދުވަހު އޭނާ އެހެން ކުއްޖެއް ގޮވައިގެން ކާރުދުއްވަނިކޮށް ދުށިން.. ފޯނުގައި ވެސް އޮވޭ އެކުއްޖާއާއެކު ދަން ދެބައިވަންދެން.. ވަރަށް ރީތި ކުއްޖެއް..” ޝަފްވާންގެ ސަމާސާގައި މިއަލް ބައިވެރިވިއެވެ.
“ދެން ތިކިޔަނީ މަ ހުތުރީއޭތަ..؟ އަސްތާ..! ތިހެންނެއް ނުވާނެ.. މަގޭ އަނބިމީހާއަކީ މުޅި މިދުނިޔެއިން ވެސް އެންމެ ފުރިހަމަ އަނބި.. ލަގޭޖަށް އެއްޗެހި އަޅައިދިނުމާއި ގަމީސް އިސްތިރިކުރުމާއި އަތްކުރި އޮޅާދިނުމުގެ އެއްވަނަ.. ޓިކެޓް ބުކްކޮށްދީ އެކި ރަށްރަށް ބަލާލަން ވެސް ގެންދޭ.. ހަވީރު ފިންޏަށް ހިނގާލަން ވެސް ދޭ.. ކާރު ދުއްވާލަން ވެސް ގެންދާނެ ވަރަށް ގިނައިން.. ބޭނުމިއްޔާ އަމިއްލައަށް ކާރު ދުއްވަން ވެސް ދޭނެ.. ކިހާ ހިތްތިރިތަ އޭނަ..؟ އިނގޭތަ އަދި އެހާ ލޯބިން އަބަދު ކުދިވެސް ކިޔާނެ.. ބޭނުންއިރަކު ގުޅާލީމަ ޕިއްޒާ ވެސް ހަދައިގެން ގެނެސްދޭނެ. ރަހަ އެހާ މީރުވާނެ.. އެހާ މަޖާވާނެ.. ފޫހިވާނެ ޖާގައެއް ނުދޭނެ.. މަގޭ އަނބީގެ އާއިލާ ވެސް އެހާ ހެޔޮ.. ނުލާހިކު ލޯބިވާނެ. މަށާމެދު ކަންތައް ކުރާނީ އަމިއްލަ ދަރިއެއް ފަދައިން.. އެންމެ ބެސްޓު އެއީ.. އަހަރެންހާ ނަސީބުގަދަ މީހަކު މި އުޑުހިޔާދަށުގައި އަޅެ ވާނެތަ..؟” ޚުޝާމަދުކޮށް ނިންމާލިއިރު ޝަފްވާން ހީވަނީ ހަގީގަތުގައި ވެސް ފަންސަވީހަކަށް އަހަރު ވަންދެން މީހަކާއި އިނދެގެން އުޅެމުންދާ މީހެއް ހެންނެވެ. މިއަލް ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ތިހާ ލޯބިވަންޏާ ދޭބަލަ އަނބިމީހާ ކައިރިއަށް..! ކީއްކުރަންތަ މިތާ ތީނީ..؟؟” ދެލޯ ކުޑަ ކޮށްލާފައި މިއަލް ޝަފްވާންގެ މޫނުމަތީ ބާލީހަކުން ޖެއްސެވެ. ޝަފްވާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“މަގޭ ލޯބިވާ އަނބީގެ ކޮއްކޮމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަކުން ލިބޭ ގެއްލުމެއް ނެތެއްނު..؟” ޝަފްވާން ވާހަކަ ކުރިއަށް ގެންދިޔައީ ނުހަނު ފުރިހަމައަށެވެ. މިއަލް އަނގަ ހަދާލިއެވެ. އަދި ދޮރާ ދިމާއަށް އިނގިލި ދިއްކޮށްލާފައި އެހުރީ ތަނާއޭ ބުނެލިއެވެ. ޝަފްވާން ދިޔައީ ސިއްސައިގެންނެވެ. ގަޔަށް ކަށްޓެއް ހެރުނުހެން އެއްލިފައި އޭނާ ބަލާލީ އައްޑަނައަކަށް ބާލީސް ހިއްލާލަމުންނެވެ. މިއަލް ފޯނުން ބިރުން ވިރިފައި އިން ޝަފްވާނުގެ ފޮޓޯއެއް ނަގާ ހަތަރު މީހުން ހެދި ގްރޫޕް ޗެޓަށް ފޮނުވާލިއެވެ. އަދި ވީގޮތް ކިޔާދިނީ ހެމުންނެވެ.
ޝަފްވާން ބޯހޫރާލައިފިއެވެ. މިއަލް ވެސް އުޅޭ ގޮތެވެ. އެއަށް ޕިސްޕިސް ކިޔާފައި ތަނާ ދެމުން ދިޔަ ޖަވާބުތައް ކިޔާފައި ދެމީހުންނަށް ވެސް ދިޔައީ ހުއްޓުމެއް ނެތި ހެވެމުންނެވެ. އިޒާ ނިދާފައި އޮތުމުން މަޑުން ހެވޭތޯ ބެއްޔަސް ދޭތެރެދޭތެރެއިން ހުނުމުގެ އަޑު ފަޅައިގެންދެއެވެ. ހީހީ ގޮސް މިހާރު ބަނޑަށް ހަގޮޅި ނާރާކަމެއް ނޭނގެއެވެ. އަހުނަފަކީ ތިމަންނަގެ މީހެކޭ ކިޔާ ތަނާ ވަރަކަށް ޒުވާބު ކޮށްލިއެވެ. ޝަފްވާނަށް އަހުނަފެއް ނުލިބޭނެކަމާއި ވާންވަންޏާ އޭނަގެ ހަގު އަތްނބަށް ވާންވެސް ތަނާ ތައްޔާރުކަމަށް ބުނެފައި އޮތެވެ.
ލިބެމުންދިޔަ މެސެޖްތައް ގިނަކަމުން ވަނީ ކިހިނެއްތޯ ބަލަން ޗީޒީގައި އިން އަހުނަފް ވެސް އޮންލައިން ވެއްޖެއެވެ. ދެން ފެނުނީ އަހުނަފް ޗެޓަށް ފޮނުވި ވީޑިޔޯއެކެވެ. އޭރު ޕިއްޒާ ހަދަމުންދިޔަ އަހުނަފަށް ހުއްޓުމެއް ނެތި ހެވެމުން ދިޔަ ތަނާއި ދެލޮލަށް ފެންގިނަވެފައިހުރި މަންޒަރު ފެންނަމުން ދިޔައެވެ. އަދި އަތުން ބޮޑު ހިތެއް ހަދާ ވީޑިޔޯއަށް ދައްކާލާފައި ހިތެއްގެ ބައްޓަމަށް އޭނާ ހަދަމުން ދިޔަ ޕިއްޒާ ދެއްކިއެވެ. މިއީ އޭނާދެކެ އެހާ ލޯބިވާތީ އޭނާގެ އަތްނބަށް ދޭ ހަދިޔާއެއް ކަމަށް ބުންޏެވެ. އެއާއެކު ވީޑިޔޯ ނިމިގެންދިޔައީ އަހުނަފާއެކު ޑިއުޓީގައި ހުރި ކުއްޖާގެ ކަންބޮޑުވެފައިވާ މޫނުންނެވެ.
“ކޮބާ.. ލޯބިވާ ކުދިން އެބަ ފެނެއެއްނު..؟” ޝަފްވާންގެ އެ މެސެޖުން ތަނާގެ ރުޅިގަނޑު އަށްޑިހައަށް އެރިއެވެ. އަހުނަފާއެކު ވެސް ޒުވާބެއް ކޮށްލާފައި ޝަފްވާނަށް އޭނާ ވަރަކަށް އިންޒާރުދިނެވެ.
އަހުނަފާއި ތަނާއަށް ވަގުތުކޮޅެއް ދެމުން ޝަފްވާނާއި މިއަލް ފެށީ ކާޓޫނުގެ ބާކީ އޮތް ބައި ބަލާށެވެ. އިޒާ ނެތަސް ދެމީހުން ތިބީ އެއަށް ޝައުގުވެރިވެފައެވެ. ބީސްޓް ބެލްއަށް ފޮތްތަކުން ފުރިފައިވީ ލައިބްރަރީއެއް ހަދިޔާ ކުރި ބައިން މިއަލްގެ ހިނިތުންވުން ފުންވެގެން ދިޔަކަން ޝަފްވާނަށް ފާހަގަވިއެވެ. ފޮތްކިޔަން ނުހަނު ގަޔާވާ މިއަލްއަށް އެކަންވީ ވަރަށް ލޯބި ކަމަކަށެވެ. ޝަފްވާނަށް އެނދު ކައިރީ އިން މޭޒުމަތީ ވާހަކަ ފޮތެއް ބާއްވާފައި އޮތް މަންޒަރު ފެނުނެވެ. އޭނާ ވިސްނާލިއެވެ.
“ގެޓް ރެޑީ.. އައިމް ޓޭކިންގ ޔޫ އައުޓް..” ޝަފްވާން ބުނެލިއެވެ.
“ކޮންތާކަށް..؟” މިއަލް އެއްސެވެ. ޝަފްވާން ކުއްލިއަކަށް އެހުމުންނެވެ.
“އައި ހޭވް އެވްރީތިންގ ޕްލޭންޑް އައުޓް.. މިއާ ހާސްނުވޭ..” ފޮނިގޮތަކަށް ހިނިތުންވެ ޝަފްވާން ބުނެލިއެވެ.
“ކޮންބައެއް ދަނީ..؟” އެނގުނަސް މިއަލް ވެސް އަހާލީ ޖެއްސުމަށެވެ. ޝަފްވާނާއެކު ވަގުތު ހޭދަކުރެވޭވަރަކަށް އޭނާގެ ލާނެތްކަން ދިޔައީ މަޑުމަޑުން ވިޔަސް މިއަލްގެ ކަށީގައި ހިފަމުންނެވެ. އެހެނަސް ހަގީގަތުގައި އެކަމުގައި އެންމެ ބޮޑީ އަހުނަފްގެ ރޯލެވެ. ލޭގެ ބަދަލުގައި އަހުނަފްގެ ހަށިގަނޑުގައި ހިނގަނީ ލާނެތްކަމޭ ބުންޏަސް ދޮގަކަށް ނުވާނެ ކަންނޭނގެއެވެ.
“ޖަސްޓް އަސް ޓޫ..” ޝަފްވާން ޖަވާބުދިނީ ސީދާ މިއަލްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ. މިއަލް އެއްބަސްވިއެވެ. ހައިފާއަށް އަންގާލާނެ ވާހަކަ ބުނަމުންނެވެ.
“އޯކޭ ރެޑީވެލާ.. ޓޭކް ޔޯ ޓައިމް.. ބަލާ އަންނާނަން..” ޝަފްވާންގެ ރާގުގައި މަޑުމައިތިރިކަމެއްވިއެވެ. މިއަލްއަށް އަދިވެސް އެއްފަހަރު ހިނިތުންވެލާފައި ޝަފްވާން ނިކުންނަން ދިޔައެވެ. އަދި ހަނާއަޅާލާފައި ދޮރު ލެއްޕިއެވެ. ޝަފްވާން ދިޔުމުން މިއަލްއަށް ހިނިތުންވެވުނެވެ.
ގެއާ ދިމާއަށް މިސްރާބުޖެހި ޝަފްވާންގެ އަނގަމަތީ ދެކޮޅަށް ދެމިލާފައިވާ ހިނިތުންވުން ފިލާ ނުދެއެވެ. އޭނާ ވެސް ތައްޔާރުވެލަން ޖެހޭނެތާއެވެ. މިއަލްގެ ހިތް މަޑުމަޑުން ނަމަވެސް ހުޅުވާލަން އޭނާ މިހުރީ ތައްޔާރަށެވެ. ސީދާ އެހެން ނުބުންޏަސް އެފަދަ ގުޅުމަކަށް ދާން މިއަލްއަށް ވަގުތު ބޭނުންވާނެކަން މިއަލް ކިޔާދިން ވާހަކަތަކުން އޭނާއަށް ވަނީ ދޭހަވެފައެވެ. ކެތްތެރިވެ ހުރިހާކަމެއް ވެސް ލަސްލަހުން ގެންދަން އޭނާ ނިންމީ އެހެންވެއެވެ.
*********
ބޮޑުމީހާ ގާތު އެދިގެން ޗުއްޓީ އިތުރުކުރިއިރު ނަވާލް ގަސްތުކޮށްފައިވަނީ އެ ދުވަސްތަކުގެ ތެރޭގައި މިއަލްއާ ބައްދަލު ކޮށްލަން ނަވާޒުމެން ރަށަށް ދިޔުމަށެވެ. ގިނަ ދުުވަސް ވަންދެން ރަށުގައި މަޑުކުރުމަކީ މިޝްލާއަށް ޓަކައި އޭނާ ކުރި ކަމެއް ނޫންކަމަށް ނަވާލް ދަނީ ކެނޑިނޭޅި އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. ފޯނު މެދުވެރިކޮށް މިޝްލާގެ ވާހަކަ ފަދަ ބޮޑު ވާހަކައެއް މިއަލް އާއި ހިއްސާ ނުކުރަން އެދެބަފައިން ވަނީ ނިންމާފައެވެ. މިލީންގެ ވާހަކަ ވެސްމެއެވެ. މިއަލްއަށް މިލީންގެ ވާހަކަ އެނގޭކަމެއް ނަވާލަކަށް ނޭނގެއެވެ. ވުމާއެކު އެވާހަކަތައް މިއަލްއަށް ކިޔާދޭނީ ކިހިނަކުންކަމާމެދު ނަވާލް ވިސްނައެވެ. އޭނާގެ ހިތުގައި އެހާ ވޭންއަޅާއިރު މިއަލްއަށް ވާނެގޮތް އަންދާޒާ ކޮށްލަން ދަައްޗެވެ. ހިތްދަތިވެފައި ނަވާލް ދެލޯ މަރާލިއެވެ.
އެއީ ރީއަލްގެ ޑިއުޓީ ގަޑިއެވެ. ގުޅަން ނުކެރިފައި ހުރެ ނަވާލް މިޝްލާގެ ފޯނަށް ގުޅާލިއެވެ. ދެމީހުން ސުލްހަވުމުގެ ފުރަތަމަ ފިޔަވަޅަކަށް މިޝްލާ ހިއްސާކުރީ އޭނާގެ ނަންބަރެވެ. ރިންގުގެ އަޑު އިވުނީ ނުހަނު ގާތުންނެވެ. އޭރު މިޝްލާ ހުރީ ދޮރުމަތީގައެވެ. ކުޑަކޮށް ހިނިއައިސްފައެވެ.
“ކޮންކަމަކާ ހާސްވެގެން ތި ގޭތެރޭ ދެކޮޅުދެކޮޅަށް ހިނގަނީ..؟” މިޝްލާ އެއްސެވެ. ނަވާލަށް ބޯ ކަހާލެވުނެވެ. ގުޅާނީތޯ ނުގުޅާނީތޯ ނޭނގިގެން ގެ ކުޑަކޮށް އޭނާ ހިނގި މަންޒަރު މިޝްލާއަށް ފެނުނީއެވެ.
“ކަމެއް ނުވެ.. އާދޭ އެތެރެއަށް..” ނަވާލް ތަން ދެއްކިއެވެ. ފައިވާން ބަހައްޓާފައި މިޝްލާ އެތެރެއަށް ވަނެވެ. އަދި ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އިރުކޮޅެއް ނުވަނީސް ނަވާލް އައީ ފެންތައްޓެއް ހިފައިގެންނެވެ. ހައިރާންވެފައި މިޝްލާ ތައްޓަށް ބަލާލާފައި ނަވާލަށް ބަލާލިއެވެ.
“ކޮންމެ ދުވަހަކުވެސް ތި އަންނަނީ ހިނގާފައެއްނު..” ނަވާލު ފެންތަށި ދިއްކޮށްލީ އެ މޫނަށް ބަލާވެސް ނުލައެވެ. މާ ނުވާކަމަށް ހެދިގެން ހުއްޓަސް މިޝްލާ ކުޑަމިނުން ކާރެއްގައި އަންނަނަމައޭ ނަވާލުގެ ހިތަށް އަރައެވެ. މިޝްލާ ޝުކުރުއަދާކުރަމުން އޭގައި ހިއްޕެވެ.
ދަބަހުން ފޮތްނަގާ ހުޅުވާލީ ނިންމި ހިސާބުން ކުރިއަށް ދިޔުމަށެވެ. ނަވާލު ވެސް އައިސް އިށީނެވެ. އޭރު ގޮސްފައިވާ ހިސާބު އިހުސާސްކުރެވި މިޝްލާ ކުޑަކޮށް ފިނިވާގޮތްވިއެވެ. އޭނާ ނަވާލަށް ކަޅިއެއްލީ ނަވާލަށް ވެސް އެކަން އިހުސާސްވޭތޯ ބަލާލުމަށެެވެ. ނަވާލު އިނީ އިސްޖަހައިގެން ދެއަތް ދެއަތާ މޮޑޭށެވެ. ކިޔުނު ހިސާބަށް އެންމެ ދޮގެއް ވެސް ސަފީނާ ލިޔެފައި ނެތެވެ. ދެމީހުންގެ ހިތުގައި ވެސް ނޭނގޭ ނުތަނަވަސްކަމެއްވިއެވެ. އެންމެ ފަހުން ކީ ސަފްހާއަށް ގޮސް މިޝްލާ ފުންނޭވާއެއް ދޫކޮށްލިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.





rizey kibain salaamivy dhw thankgod
enme salhi hisaabun nimmaaly thi
cant wait for the next part
Lysm yoon💗💗💗 me 1st
Thankyouu sm zuka💕 Lym dear! yess u first
NOO yoon whyy i want to know whats in the dairyy😔…4meehunge chat haadha majaey alhuga ves heehee badah vaa araafa miothy…when next..? Love u fav writer
Haha next partt in dhw🥹 Thankyouu juju💕 Im so glad you enjoyed it!!
Next insha allah 20th Jan, Tuesday ga! Lym dear 💕
assalaam alaikum yoon. shukuriyaa bunelan alhugandu beynun vaathi mi com eh kurany. thx dhigukoh stry genesdhaythee. esfiya in enme kiyaa hithun kiyey vhk mee. bunaa dhuvahu up kodheythee vrh ufaave. kiyuntherinah heyokoh hithaa hiyheyo liyuntherieh thy. thigothuga yoon abadhu vx kuriah dhaane kamah alhugandu unmeedhu kuran. maai allah yoon ah heyo rahumai lavaashi aameen.
wa’alaikumussalaam. Aww varah bodah shukuriyya mariyum.maahira 🥹💕 Vrh vrh ufaavejje. Tysm for your lovely comment, its really sweet 🥹
v.salhi queen
Broooo, queen 👑???
Hama ehaa loabivay tha
aan
arush kaley ves hih keetha?
Thankyou sm idhaan 💕 tgc!!
Mi part ves varah reethi, mial and shafwaan soo cute. Shafwaan ekani mial ah miya kiyanee. Rizvaanoo miyal loabi vanee shafwaan dhekeyey. Navaal and mishla please kiyaa nimmaba safeena ge dairy. Curiously waiting for next part???
Hehe lol 🤣
I don’t even know her @k
I am only 15 😂😂
Keehkuraanee dhw
Thankyouu sm miss jennie🥹💕 Yess Mia is his special nickname for mial! Yess dhw lets see diary ga othy koachehthw!
soo curious
mi part varah reethi❤️
Thankyouu sm inaa.sha 💕 tgc!!
mi story in neyge loabi vaanvy kaaku dheke kameh😁 Yaulaan ves Shafwaan ves ehaa rangalhu. First time two boys thereyn choose kuran neyguny…Next part ge inthixaaru ga
Haha awwn 🥹 Glad you like them both sm! Thankyouu sm woojin!💕
Bodu moyayeyhn hevifa indhaa dharifulhu ais ahany mamma keihinei veetho😂
mial aa shafvaan varah gulhey. loabi loabi dhekudhin ei yoon e dhekudhin gulhuvaa
edhekudhin ge scene kiyaafa hama hevifa idheveny
varaves reethi baeh meeves
Omgg ahahah😭 Lets see dhww! HAHAH thankyouu sm sofy💕
Alhugandu buni gothah hama rizey dhw eii
Adhi nuves kiyan ekkonnneh hahaha
Dhanyy kiyaalan lollll
Yesss you were correct! haha thankyouu sm dear💕
Hey Yoon. I don’t knw if u would knw me but I’m a reader of urs ingey.
This story is pretty interesting, and i rlly do think, Yuel and Mishal kanneynge gulheynee in the end. maybe she is gona realise tht he’s the one she actually loves. js bsf ge gothuga disguise vefa inee since the beginning. and shafwaan and mial is gona be another couple. but its gona be so awkward dhw mileen aa shafwaan ge kurin relationship eh otheema.
anyways interesting story ingey. can’t wait next episode ah.
Good luck! Take care and lysmmm <3
Nooo emme bai nukiyenees Thi nimmaalee ..
Mial and shafwaaam haadha romantic ey dhw
When is next??? Pls tomorrow 🥺🥺🥹
Hii dear! Aww that’s a really great guess 🥹 Lets see dhww whether you’re right and how the story goes! Thankyouu so much Oreo gurll !💕🥹 You too tgc n Lym dear
Hahah next part inn 🥹 Im so happy to hear that you liked it! Next is insha allah 20th Jan Tuesday ga tho🥹 Thankyouu sm Raajiha💕
Shafwan mial cutest<333 I wish they end up together.
whn next yoon?
aww thankyou sm springbloom!! 💕
Next insha allah 18th Jan Tuesday ga
I like it when mmc have a special name for the fmc.. shafwaan calling mial mia is the adorable🫶🫶 rlly wanna know whats left in the book. when next?
So glad you like it🥹💕 Thankyouu sm dear!
Next part is Jan 18th vaa Tuesday ga
v.reethi mi bai
Thankyouu sm mary💕 Tgc!
Nice part yoon
would love to see you one day
Big fan 😚 Lysm
Thankyouu sm limyafathimath66💕 haha really?🥹 Lym dear 💕
V v reethi mi ep
wonder whats going to happen next
Love you prettygirl🫶🏻
Ey thee vaahaka.com site ga yoon ge nickname dho
LOVE YOU PRETTYY GIRL
Thankyou sm juman!💕 Lets see dhw, Lym dear💕
Lym dear💕
plx plx maadhan next bai laaba 🙏
yoon buni kameh kodheynan ma
varah reethi mi bai enme kiya hivvaa hisaaba ninmaaly thi
Plx maadhan genesdhehche
Love you beautiful
Aww im delighted to hear u wanna read it so soon!🥹
Haha day after tomorrow okay? Thankyou sm zain💕 Lym dear!
Shafiu
Mi part vess vara reethi
I love it♥️
Can’t wait for next episode
Lysm yoon
Yoon , request eh kollantha