Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (27 ވަނަބައި)

Anya Level 310 Stories100 Login
January 15, 2026 13 Mins Read
7 Comments

އެ ކެމެރާތަކުގެ ލެންސަށް ޒީވާ ނާރާނެހެން އެދެމެދަށް ހުރަސްވެލަމުން ރިއާން ހަލުވިކަމާއެކު ގޮސް ޒީވާއާއެކު ކާރުގެ ފަހަތަށް އެރިއެވެ. އޭރު ކާރުގެ ބިއްލޫރި ގަނޑުގެ ބޭރުގައި ކެމެރާ ޖައްސައިގެންވެސް ފޮޓޯ ނެގޭތޯ އެތައް ބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ.

“މަޑުމަޑުން ދުއްވާލާ.. ދުއްވަން ފެށީމަ އެއްފަރާތަކަށް ޖެހޭނެ” ކުރިމަތީގައި ތިބި މީހުންގެ ސަބަބުން ކާރު ދުއްވަން ފަސްޖެހިފައި އިން ޑްރައިވަރަށް ރިއާން އިރުޝާދު ދިނެވެ. އޭނާ ރިއާންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރިއެވެ.

_______

ރިއާންއާއި ޒީވާ ދިއުމުން އިޝްވާގެ އެދުނީ ޝިމާންއާއެކު ކާރު ދުއްވައިލަން ދިޔުމަށެވެ. އެކަމަށް ހުއްދަ ދިނުމަށްފަހު އެމީހުންނާ ކާރު ހަވާލުކުރަމުން ރާހިލް ދިޔައީ ސައިކަލުގައި ޝައިނާ ގެއަށް ގެންގޮސްދޭށެވެ.

ޝައިނާމެން ގޭގެ ކުރިމައްޗަށް ސައިކަލު ހުއްޓުނު ވަގުތު ރާހިލްއަށް ބަލައިލުމެއްވެސްނެތި ޝައިނާ ސައިކަލުން ފައިބައިގެން ދާން އުޅުނެވެ. ނަމަވެސް ރާހިލް އެވަގުތު ޝައިނާގެ އަތުގައި ހިފައި އެނާއާ ގާތަށް ދަމައިލިއެވެ.

“ގުޑް ނައިޓް.. ލަވް ޔޫ” ރާހިލް ޝައިނާގެ އަތަށް ބޮސްދެމުން ބުންޏެވެ. ބަދަލުގައި ޝައިނާ ހަމައެކަނި ގުޑްނައިޓޭ ބުނެ ދުރަށް ހިނގައިގަތެވެ. ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ރާހިލް ޝައިނާގެ އަތުގައި ހިފައި ކައިރިއަށް ދަމައިލިއެވެ. “ލަވް ޔޫ” އޭނާ އަނެއްކާވެސް ބުންޏެވެ.

“ހްމްމް އެނގެޔޭ” ޝައިނާ ބުންޏެވެ.

“ލަވް ޔޫ ޓޫ އޭ ބުނެބަލަ” ރާހިލް ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.

“ހްމްމް. ޑޫ އައި؟” ޝައިނާގެ ޖަވާބުއިވި ރާހިލްގެ ހިތުގައި ޖެހުނެވެ. އޭނާ ރުޅިމޫނު ހަދައިލަމުން ސައިކަލު އިސްޓާޓު ކޮށްލިއެވެ. ޝައިނާ ހާސްވެފައި ރާހިލް ހުއްޓުވިއެވެ. ރާހިލް ރުޅިއަންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް “ލޯބި” އެ ލަފްޒަކީ އޭނާއާ ވަރަށްވެސް ބީރައްޓެހި ލަފްޒެކެވެ. ރާހިލްދެކެ ގަޔާވި ކަމުގައިވިޔަސް އެ އިހުސާސްތަކަށް ލޯބިފަދަ ފުން މާނައެއް ދެވިދާނެކަމާމެދު އޭނާއަށް ޝައްކެވެ.

ހަދާނެ ގޮތެއް ނޭނގުމުން ޝައިނާ މަގުގެ ދެފަޅި ބަލައިލުމަށްފަހު ރާހިލްގެ ކޮލުގައި ތުންފަތް ޖައްސައިލީ ހިނދުކޮޅަކަށް ރާހިލްގެ ރުޅިގަނޑު ފިނިވާނެކަމުގެ އުއްމީދުގައެވެ. ކަން ވީވެސް އެހެންނެވެ. ރާހިލް ޝައިނާއާ ދިމާލަށް އެނބުރުމަށްފަހު ޝައިނާގެ މޫނުގައި މަޑުމަޑުން ފިރުމައިލިއެވެ. ގަދަ ރަތްކުލައިގެ ލިޕްސްޓިކުން ފަވައިލެވިފައިވާ ޝައިނާގެ ތުންފަތަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ދެމީހުންގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައި ވަނިކޮށް ކާރެއްގެ އަލި އެދިމާލަށް އެޅުނެވެ. ތިބެވުނީ މަގުމަތީގައިކަންވެސް އެމީހުންނަށް ރޭކައިލީ އަދި ކިރިޔާއެވެ. އަވަސް އަވަހަށް ދުރުވެލުމަށްފަހު ފަހަތް ބަލައިލިއިރު ކާރުގެ ކުރިމަތީގައި ހެވިފައިތިބި އިޝްވާއާއި ޝިމާން އެމީހުންގެ ލޮލުގައި އަޅައިގަތެވެ.

“ތި ދެމީހުން މާ ނޫންކަމަކަށް ހަދައިގެން އުޅޭތީ އަހަރުމެން ހީކޮށްގެން މި ތިބެނީ އަދި ހުރިހާކަމެއް ނިމުނީ ކަމަށް ދޯ މާނޫ. މިވީ ކިހިނެތް؟” އިޝްވާ ދެއަތް މޭމަތީގައި ހުރަސްކޮށްލަމުން އަހައިލިއެވެ. ޝައިނާ ހުރީ ލަދުން އިސް އުފުލައިލާންވެސް ނުކެރިފައެވެ.

“ދުއްވާލަން ދިޔަ މީހުން ތި އައީ ހާދަ އަވަހަކަށޭ ދޯ” ރާހިލް ވާހަކަ އޮޅުވައިލިއެވެ.

“ބަލަ މެންދަމުން އަލިވެ އެކެއް ޖެހީއޭ. މަގުމެދުގަ މާ ފޮޅުވަން ތިބެންޏަކާ ގަޑިއެއް ނޭނގޭނެ ދޯ.. ދެންވެސް ހިނގާ ގެއަށް” އިޝްވާގެ އެދުމަށް ރާހިލް ސައިކަލު ޕާކު ކުރުމަށްފަހު ގޮސް ކާރަށް އެރިއެވެ. ޝިމާންވެސް ގޭގެ ދޮރާށިން ވަންނަމުން ޝައިނާއާ ދިމާކޮށްލި އަޑު އިވުނެވެ. ޝައިނާ އަތުގައި އޮތް ކުޑަ ދަބަސް ހޫރައިލައި ޝިމާންގެ ކޮނޑުގައި އޭގެއިން އެތި ފަހަރެއް ޖެއްސެވެ.

—————————

ކަނު އަނދިރިކަން ވެރިވެފައިވި އެޕަރޓްމެންޓަށް ޒީވާގެ ފޮށި ވައްދައިލުމަށްފަހު ރިއާން އެވަސްވެގަތި އެޕަރޓްމެންޓް އަލި ކޮށްލުމަށެވެ. ޒީވާވެސް ހެދުމުގައި ހިފަހައްޓައިލައިގެންހުރެ ލަސް ފިޔަވަޅުތަކެއްގައި އެޕަރޓްމެންޓްގެ ތެރެއަށް ވަނެވެ. ސިޓިންގްރޫމްގައި ބެހެއްޓިފައިހުރި ބޮޑު ސޯފާގޮނޑީގައި އިށީނދެވުމާއެކު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ލޯ މަރައިލެވުނެވެ. އެކަމުން އެކަނިވެސް ޒީވާ ވަރުބަލިވެފައިވި މިންވަރު ރިއާން ދެނެގަތެވެ. އެހެންކަމުން ހަލުވި ކަމާއެކު ބަދިގެއަށްވަދެ ފެންތަށްޓެއް ހިފައިގެން އައިސް ޒީވާއަށް ދިއްކޮށްލިއެވެ. ރިއާންއަށް ޝުކުރު އަދާކުރާހާލު ޒީވާ އޭގައި ހިފިއެވެ.

ފެން ހުސްކުރި ތަށި ކުރިމަތީގައިހުރި މޭޒުގައި ބެހެއްޓުމަށްފަހު ޒީވާ އަވަސްވެގަތީ އޭނާ ލައިގެންހުރި އުސް ފައިވާން ބޭލުމަށެވެ. ތުން ބިންދައިގެން އިނދެ އެ ފައިވާނުގެ ވަދު ދޫކޮށްލެވޭތޯ މަސައްކަތް ކުރަމުންދިޔަ ޒީވާ ފެނި ރިއާންއަށް ހިނިތުންވެލެވުނެވެ. މިނެޓެއްހާއިރު ވީއިރުވެސް އެކަމުގައި ޒީވާއަށް މާބޮޑު ކާމިޔާބެއް ނުލިބުނީތީ ރިއާން އެކަން ކޮށްދިނުމަށް އިސްނެގިއެވެ. ޒީވާ އިން ދިމާލުން ބިންމަތީގައި ކަކޫޖަހައިލަމުން ޒީވާގެ ފައިގައި އަތް ޖައްސައިލިއެވެ. އެކަމުން ސިހުން ލިބިގެންދިޔަ ޒީވާއަށް ކުއްލިއަކަށް ފައި ދަމައިގަނެވުނެވެ.

“ލެޓް މީ..” ރިއާންގެ އެދުމަށް ޒީވާ ފައި ދިއްކޮށްލިއެވެ. ރިއާން ފަރުވާތެރި ކަމާއެކު ޒީވާގެ ބޫޓު ނައްޓައިލައިދިނުމަށްފަހު ކައިރީގައި ބެހެއްޓިއެވެ. އަދި ޒީވާ އިށީނދެ އިން ގޮނޑީގެ ދެފަރާތުގައި އަތް އަޅުވައިލަމުން ފުންނޭވައެއް ދޫކޮށްލުމަށްފަހު ޒީވާއަށް ބަލައިލިއެވެ.

“އޯކޭ.. ފުރަތަމަ ކަމަކަށް.. އިނގޭ މިއީ ވަރަށް ފާޑެއްގެ ކަމެއްކަން” ރިއާން ހިނިތުންވާން މަސައްކަތް ކުރިއެވެ. “ކުރިންވެސް ބުނިހެން.. އަހަރެންނަކަށް އަދިވެސް ޒީވް މިވަރުގެ ބޮޑު ނިންމުމެއް މިގޮތަށް ނިންމަން ޖެހުނީ ކީއްވެ ކަމެއް ނޭނގޭ.. އެކަމަކު އަހަރެން މަސައްކަތް ކުރާނަން ޒީވްގެ ދިރިއުޅުމަށް މިކަމުން އަންނަ އިމްޕެކްޓް ވީހާވެސް ކުޑަ ކުރެވޭތޯ.. ޒީވް ބޭނުންވާ ހުރިހާ ޕްރައިވަސީއެއް އޮންނާނެ.. އެހެރަ ކޮޓަރީގަ ހުރެވޭނެ…” ރިއާން އެތަނުގައި ރިއާންގެ ކޮޓަރީގެ ދޮރާ އިންވެގެން ހުރި ކޮޓަރި ދައްކައިލަމުން ބުންޏެވެ.

“ބޭނުން ކޮންމެ ކަމަކަށް ޒީވްގެ މިނިވަންކަން އޮންނާނެ.. ޒީވާ އެހެން މީހަކާ އެކުވެރިކަމެއް ބާއްވަން ބޭނުންވިޔަސް.. މިބުނީ ޒީވާއަށް ރަނގަޅު މީހެއް ހޯދަން ބޭނުންވިޔަސް އަހަރެން އެއިން ކަމަކަށް ހުރަހެއް ނާޅާނަން. ޢެކަމަކު ޒީވާ ވެސް ހަނދާންކުރަން ވާނެ އައި ހޭވް އަ ޕަބްލިކް އިމޭޖް.. އެކަމަށް ވިސްނައިގެން އަހަރެންގެ ރެޕިއުޓޭޝަނަށް ހުތުރެއް ނާރާނެހެން ޒީވާ ކުރާ ކޮންމެ ކަމެއްވެސް ކުރާނެކަމަށް އުއްމީދުކުރަން.. އަދި އެއް ކަމެއް.. ޒީވާ.. ޒީވް ބޭނުން ކޮންމެ އިރަކު އަހަރެން ޒީވް މިނިވަން ކޮށްދޭނަން” ރިއާން ހިންދިރުވައިލިއެވެ. އޭނާއަށް އެ ވާހަކަތައް ދައްކަން ކިތަންމެ އުނދަގޫވި ނަމަވެސް ހާލަތު ނިޔާކޮށްފައިވާ ގޮތުން އޭއީ އޭނާ ދައްކަންޖެހޭ ވާހަކަތަކެއް ކަމުގައި ދެކުނެވެ. މީގެ ކުރިން އޭނާއަަށް ބުނެވިފައިވާ ބަސްތަކުގެ ސަބަބުން ޒީވާއަށް އޭނައާއެކު އުޅެން ފަސޭހަ ނުވާނެކަން އޭނާއަށް އެނގުނެވެ. ވީއިރު ޒީވާ ހިތްހަމަޖެހޭނެ ފަދައިން ދިރިއުޅުމުގެ މަގުތައް ފަހިކޮށްދިނުމަކީ މުހިއްމުކަމެއް ކަމުގައި އޭނާ ދެކުނެވެ.

ޒީވާއަށް ރިއާން ދެއްކި ވާހަކަތަކުން ސިހުން ލިބިގެން ދިޔައެވެ. ރިއާން ބޭނުންވާ ގޮތަކީ އޭނާ ވީހާވެސް އަވަހަކަށް އެހެން މީހަކު ހޯދައިގެން ދިޔުން ހެއްޔެވެ؟  އޭނާގެ ކިބައިން ސަލާމަތްވާން ހެއްޔެވެ؟ ޒީވާއަށް ހީވީ ރިއާން އޭނާގެ ހިތުގައި ކޮށި ވަޅިއަކުން އަޅައި ޒަހަމް ކޮށްލެވުނު ހެނެވެ. ނަމަވެސް އެކަން ރިއާންއަށް ދެއްކުމުގެ ބަދަލުގައި ޒީވާ ރިއާންގެ ވާހަކަތަކަށް އެއްްބަސްވިއެވެ. ރިއާން އޭނާގާތު އެހެންބުނީ ބަދަލުގައި އޭނާގެ ފަރާތުންވެސް އެފަދަ އެއްބަސްވުމަކަށް އުއްމީދު ކުރާތީ ކަމުގައި އޭނާ ދެކުނެވެ.

“އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުންވެސް ރިއާންއަކަށް އުނދަގުލެއް ނުވާނެ… ރިއާންގެ ރަސްމީ އަދި ޒާތީ ދިރިއުޅުމުގަވެސް ރިއާންއަށް ފުރިހަމަ މިނިވަންކަން އޮންނާނެ.. އަހަރެމެންގެ މާޒީ ކޮންމެ ގޮތަކަށް އޮތަސް އެދުވަހާ މިދުވަހާ އެއްވެސް ގުޅުމެއް ނެތް.. އަހަރެމެންނަށް ރަހްމަތްތެރިންގެ ގޮތުގަ ކުރިއަށް ދެވިދާނެ..” ޒީވާ އޭނާގެ ހަށީގައި ހުރިހާ ހިތްވަރަކާއެކު ބުންޏެވެ. ޙުދު އޭނާގެ އަމިއްލަ ނަފްސަށްވެސް އެ ބަސްތައް ވިސްނައިދޭން އުޅޭ ކަހަލައެވެ. ރިއާން ޒީވާއަށް ހިނިތުންވެލުމަށްފަހު ގޮސް ކޮޓަރިއަށް ވަތްއިރުވެސް ޒީވާއަށް ޖެހި ބުދެއްހެން އެތަނުގައި ގަނޑުވެފައި އިނދެވުނީއެވެ. އޭނާ އެތަނުން ތެދުވެގެން ދިޔައީ ރިއާން އޭނާއަށް ގޮވައިލުމުންނެވެ.

“މިރޭ މިތަނުގަ ނިދާލާ.. އަހަރެން މާދަން ޖޫލީގާތު ބުނެގެން ކޮޓަރި ސާފުކޮށްލާނަން.. ރިއާން ޒީވާގެ ފޮށި އެތެރެއަށް ވައްދަމުން ބުންޏެވެ. ޒީވާ ބޯ ޖަހައިލިއެވެ. ރިއާން އޭނާ ލައިގެންހުރި ކޯޓާއި ވެސްޓްގެ އިތުރުން ގަމީސް ބާލައި ކޮނޑުގައި އަޅުވައިލުމަށްފަހު ތުވާލި ހިފައިގެން ފާހަނައާ ދިމާލަށް ހިނގައިގަތެވެ.

“ރިއާން.. މި ނައްޓާލަ ދެވިދާނެތަ؟” ޒީވާގެ އަޑަށް ރިއާން ތުވާލި ކޮނޑުމައްޗަށް އެއްލަމުން ލޯގަނޑުގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިހުރި ޒީވާއާ ދިމާލަށް ހިނގައިގެތެވެ. ޒީވާ އެދުނީ އޭނާގެ ހުޅީގައި ހަރުކޮށްފައިވާ ވެޑިންގް ވެއިލް ނައްޓައިދިނުމަށެވެ. އެކަންވީ ރިއާން ހީކުރި ވަރަށްވުރެ އުނދަގޫ ކަމަކަށެވެ.

“ކަފާލިޔަސް އޯކޭތަ؟” ރިއާން އަހައިލިއެވެ.

“ވަޓް؟ ނޯ!” ޒީވާ ބުންޏެވެ.

“ދެން އަހަރެންނަށް ދަމާލެވޭ ގޮތަކުން ޒީވްގެ ބޮލަށް ތަދުވެދާނެ. ކީއްކުރަންތަ މިކަހަލަ ކޮމްޕްލިކޭޓެޑް ކަންކަން ކުރަނީ؟ އެ ޝައިނާގެ ކަންތައް ދޯ މީ” ރިއާންއަށް ބޯ ހޫރައިލެވުނެވެ.

“ނޫން.. ހެދުމުގެ ފަހަތް އޮތް ގޮތުން… އަހަރެން ބޭނުންވީއޭ ވެއިލެއް އަަޅަން. ދެން އަޅެ ޓްރައި ކޮށްބަލަ ތި ނެއްޓޭނޭ.. ރިއާން މާ ހާސްވަނީ” ޒީވާ ބުންޏެވެ.

ރިއާން ކުއްލިއަކަށް ލުތްކެއްޖަހައި އެ ފޮތިގަނޑު ދަމައިގަތުމާއެކު އޭތި ޒީވާގެ ބޮލުން ނެއްޓިގެން ބިން މައްޗަށް ވެއްޓުނެވެ. ރިއާންއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ޒީވާ އެ ހެދުމުގެ ފަހަތް ފޮރުވޭނެހެން އިސްތަށިގަނޑުގައި އެ ދިގު ވެއިލް ހަރުކުރަން ބޭނުންވި ސަބަބު ސާފުވިއެވެ. ހެދުން ފަހައިފައިވާ ގޮތުގެ ސަބަބުން ޒީވާގެ ބުރަކަށި އެކީ އެކައްޗަކަށް އުނަގަނޑާ ހިސާބަށް ވަނީ ހާމަވެފައެވެ. އޭނާއަށް ބޭއިޙްތިޔާރުގައި އަތުގެ ނުފުށުން ޒީވާގެ އޮމާން ބުރަކަށީގައި ފިރުމައިލެވުނެވެ. އެ ބީހުން އިހުސާސްވި ވަގުތު ކުރިމަތީގައިހުރި ލޯގަނޑުން ޒީވާ ސިހިގެން ދިޔަތަން ފެނި އިތުރަށް އެތަނުގައި މަޑުނުކޮށް ގޮސް ފާހަނައަށް ވަނެވެ.

ރިއާން ނުކުތްއިރު ޒީވާ ނިދަންލާ ޓީޝާޓާއެކު އެނދުގައި ދެފައި ވަށްކޮށްލައިގެން އިށީނދެ އިނެވެ. ޒީވާ ލައިގެންއުޅުނު ކައިވެނީގެ ހެދުން ކޮޓަރީގެ އެއްފަރާތުގައިހުރި ޗެއިސްލާންޖް ގޮނޑީގައި ބާއްވައިފައި އޮތެވެ.

ރިއާން އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން އައިސް އެނދުގެ ޒީވާ އިންދިމާލުގައި ހުރި ސައިޑްކަބަޑުގެ ކައިރިއަށް ހުއްޓިލީ އެތަނުގައި ބޭއްވި އޭނާގެ ފޯނު ނެގުމަށެވެ. އެ ފޯނު ނެގުމަށްޓަކައި ގުދުވެލަމުން މާ ބޮޑު ވިސްނުމަކާނުލައި ސޯޓުގެ މަތިން އުނަގަނޑުގައި އައްސައިފައި އޮތް ތުވާލި މޮހެލިއެވެ. އެވަގުތު ޒީވާ މޫނުގައި އަތް އަޅަމުން ބާރަށް ހަޅޭއްލަވައިގަތެވެ. ރިއާން ދިޔައީ ސިއްސައިގެންނެވެ.

“ހޭއި.. ޒީވް…. ކިހިނެއްވީ؟” ރިއާން ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. ޒީވާ މޫނުމަތިން އަތް ނެގިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ރިއާންގެ އަތުގައި އޮތް ތުވާއްޔަށެވެ. ޒީވާ ހިތަށްއެރީ ކީކޭކަން ރޭކައިލުމާއެކު ރިއާންއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އޭރު ލަދުންގޮސް ޒީވާގެ މޫނަށް ޖަންބުކުލަ އަރައިފިއެވެ. އަވަސް އަވަހަށް “ގުޑް ނައިޓް” އޭ ބުނުމަށްފަހު މޫނާއެކީ ރަޖާ އަޅައިގެން އޮށޯތެވެ. ޒީވާގެ އަމަލުތަކުގައިހުރި ޅަގޮތް ފެނި ދެފަރާތަށް ބޯ ހޫރައިލަމުން ހެވިފައިހުރެ ރިއާންވެސް ކޮޓަރިން ނުކުތެވެ.

**********

“އޯ ގޯޑް.. ޝިމާން ހޭލާ އުޅުނުއިރު އަޅެ އަހަރެންނަށް ގޮވާލިނަމަ. މިއަދު ހަމަ ޔަގީން ގަޑި ޖެހޭނެކަން..” ދަބަސް ހިފައިގެން ކޮޓަރިން ނުކުތް ޝައިނާ އަވަސްއަވަހަށް ފައިވާނަށް އަރަމުން ބުންޏެވެ.

” އަހަރެންނަށް އެނގޭނީ ކިހިނެއްތަ؟ ސިސް އެހެންޏާވެސް ހޭލާ ވިއްޔާ” ޝިމާން ޖަވާބުގައި ބުންޏެވެ.

“ރޭގަ ލަހުން ނިދުނީމަ އަހަރެންނަށްވެސް ނުހޭލެވުނީއޭ.. ދެންވެސް ތިތާ ނީނދެ ސައިކަލު ނަގައިގެން އައިސް އަހަރެން އޮފީހަށް ގެންގޮސްދިނިއްޔާ ވާނީ ކީއްތަ؟” ޝައިނާ ކުދި ކިޔަން ފެށިއެވެ.

“އޯކޭ އޯކޭ. ފައިބާ. މި ދަނީ ސައިކަލު ނެރެން” ޝިމާން ބޯން އިން ކޮފީތަށި ހުރި ހިސާބަކަށް ބެހެއްޓުމަށްފަހު ގޮސް ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރުކައިރީގައި ހުރި ސާމާނު ފެނި އޭނާ ޝައިނާއަށް ބަލައިލިއެވެ. “މިހިރީ ސިސްގެ ޑެއިލީ ޑެލިވަރީ.. އަމިއްލައަށް ނަގާ” ޝިމާން އެ ހުރިތަނުގައި އެ އެއްޗެހި ބެހެއްޓުމަށްފަހު ދިޔައެވެ.

“ދެން އަޅެ ލަސްވެގެން އުޅޭ އިރުވެސް… މި ރާހިލް ކައިރީގަވެސް މީއްޗެހި ނުފޮނުވާށޭ ބުނީމަވެސް ހަމަ–” ދޮރާއި ހިސާބަށް އާދެވުމާއެކު ޝައިނާގެ ޖުމްލަ މެދު ކެނޑުނީ އެހެން ދުވަސް ދުވަހު ހަދިޔާ ފޮނުވުމުގައި ބޭނުންކޮށްފައި ހުންނަ ރީނދޫކުލައާއި ޚިލާފަށް ރަތްކުލައިން މިއަދުގެ ފިނިފެންމާތައް ހުރުމުންނެވެ. އަދި އެހެންޏާ އޭނާއަށް ލިބޭ ކޭކާއި ރަބަރު އަސްދޫނީގެ ބަދަލުގައި މިއަދު މާބޮނޑިއާއެކު ލިބިފައިވަނީ ރަތްކުލައިގެ ޓެޑީ ބެއާއެކެވެ. ޝައިނާއަށް ހިނިތުންވެލެވުނެވެ. އަވަސް އަވަހަށް މާ ބޮނޑިއާއި ބެއަރ އެތެރެއަށް ވެެއްދުމަށްފަހު މާބޮނޑީގެ ތެރެއިން ނެގި ނޯޓު ދަބަހަށް ލަމުން ގެއިން ނުކުތެވެ.

************

ހުއްޓުމެއްނެތި ރިންގުވަމުންދިޔަ ފޯނުގެ އަޑަށް ހޭލެވުނު ރިއާން ކަންނެތްކަމާއެކު ސޯފާގެ ކުރިމައްޗަށް ހުރި މޭޒަށް އަތް ދަމައިލައި އޭގެ މަތީގައި އޮތް ފޯނު ނަގަމުން ޖަވާބުދިނެވެ.

“ހެލޯ ޒީ..އަދިވެސް ނުހޭލަންތަ؟” ރިއާންއަށް ސިއްސައިގެންގޮސް ކޮޅަށް ތެދުވެވުނީ އޭނާއަށް ކުރިން ދުވަހަކުވެސް އިވިފައިނުވާ އަންހެން އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ރަނގަޅަށް ލޯ ހުޅުވައި ބަލައިލިއިރު އަތުގައި އޮތީ އޭނާގެ ފޯނެއް ނޫނެވެ. ރޭގައި ޕާޓީއިން އައިސް އެތަނުގައި ބޭއްވި ގޮތަށް އޮތް ޒީވާގެ ފޯނެވެ.

“ހަލޯ.. ހަލޯ؟ ހަލޯ ޒީ؟”ރިއާންއަށް އެއްޗެކޭ ނުބުނެވެނީސް އެކުއްޖާގެ އަޑު އަނެއްކާވެސް އިވެން ފެށުމުން ރިއާން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ދޮރު ހުޅުވައިލިއިރު އެނދުގައި ގަދަޔަށް ނިދިފައި އޮތް ޒީވާ ފެނި އޭނާ ފޯނަށް ޖަވާބުދިނެވެ.

“ހެލޯ.. އަމްމް.. ޒީވް.. ޒީ ނިދާފަ” ރިއާން އަޅައަޅައިގަންނަމުން ވާހަކަދެއްކިއެވެ.

“ނިދާފައޭ؟؟ އަޅެ ޒީ ހަނދާން ނެތުނީތަ އައިޝްގެ ޕާޓީ އޮތްކަން؟ ޕްލީޒް ގޮވާލަދީބަ” އެކުއްޖާ ބުންޏެވެ. ރިއާން އެންމެރަނގަޅޭ ބުނެ ފޯނު ކަނޑައިލުމަށްފަހު ޒީވާއަށް ގޮވައިލިއެވެ.

“ޒީވް.. ހޭއި.. ޒީވް.. ހޭލަބަ ކޮންމެވެސް މީހެއް އެބަ ގުޅާ” ބާލީހުގައި ބައްދައިލައިގެން އޮތް ޒީވާގެ ކޮނޑުގައި ކޮށްޓައިލަމުން ރިއާން ގޮވިއެވެ. “ޒީ..”

“ދެން މަންމާ…. އަޅެ އަދި ފަސްމިނަޓު” ޒީވާ އިތުރަށް ބާލީހުގައި މޫނު ފޮރުވައިލިއެވެ.

ޒީވާގެ އަމަލުކުރިގޮތުން ރިއާން ހިނިއައެވެ. ނަމަވެސް ނިދިފައި އޮތް އިރު އެ މޫނުމަތީގައިވާ މައުސޫމުކަން ފެނި އަދި އިރުކޮޅެއްވަންދެން ޒީވާ ނިދަން ބާއްވާނީކަމުގައި ނިންމައި އޭނާ އެތަނުންދި ޔައެވެ.

މޫނުދޮވެ ތާޒާވެލައިގެންއައިސް ކޮފީތަށްޓާއެކު ސޯފާގައި އިށީން ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރު ރިއާން ނިންމީ ފޯނަށް ޖަވާބު ނުދޭށެވެ. އަދި ގަޑިން ޖެހީ މެންދުރު އެކެއް ވިއްޔާއެވެ. މިހާ އަވަހަށް އޮންނާނީ ކޮން ޕާރޓީއެއްހޭ އޭނާގެ ހިތަށް އެރިއެވެ.

ވިއްސަކަށް މިނެޓު ފަހުން އަނެއްކާވެސް ފޯނު ރިންގުވުމުން ރިއާން ކުރިއެކޭ އެއްފަދައިން އަނެއްކާވެސް ގޮސް ޒީވާއަށް ގޮވައިލިއެވެ. މިފަހަރުވެސް ޒީވާ ހަމަ ހިލާ އޮތްތަނުން ގުޑާވެސް ނުލިއެވެ. ކަންްތަކާ ޖެހުނީތާއޭ ރިއާންގެ ހިތަށް އެރިއެވެ. ދެންވެސް މާވަރަކުން ޒީވާ ހޭލައްވަން ނޫޅެ ލެޕްޓޮޕާއެކު ގޮސް ސިޓިންގްރޫމްގެ ސޯފާގައި އިށީނެވެ. ފޯނުގެ ރިންގަކަށް ހުއްޓުމެއް ނައެވެ.

“ފޯރ ދަ ލަވް އޮފް ގޯޑް” ރިއާން ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެ ފޯނު ނެގިއެވެ.” ޔެސް.. ޔެސް އެބަ ގޮވަން.. ޒީވް.. ޒީވް.. ހޭލަބަ މިއޮތީ ފޯނެއް. އަން. ވާހަކަ ދައްކަބަލަ” ރިއާން ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިގަތުމަށްފަހު ޒީވާއަށް ފަސޭހައަކަށް ފޯނު ސްޕީކަރަށް ލައިދެމުން ޒީވާގާތު ބޭއްވިއެވެ.

“ހަލޯ” ޒީވާ ދެލޯމަރައިގެން އޮވެ ނިދި އަޑަކުން ފޯނަށް ޖަވާބުދިނެވެ.

“ސާބަހޭ ބަލާބަލަ ގަޑިން ވީ ވަރު. ތިމަންނައާ ކޭކު ހަވާލުކުރާށޭ ކިޔާފަ އަދިވެސް ނިދަނީ ދޯ. ދެން ކިހިނެތް އައިޝް އަންނަންވާއިރަށް މިތަން ތައްޔާރު ކުރާނީވެސް؟” ފޯނުން ދެއްކި ވާހަކައިގެ އަޑު ޖެހުމާއެކު ޒީވާއަށް ހީވީ މީހަކު އޭނާގެ މޫނު މައްޗަށް ފެން އެއްޗެއް އޮއްސައިލި ހެނެވެ. ކުއްލިއަކަށް ތެދުވަން އުޅުމުގެ ތެރޭގައި މީހާ އެނދުން ވެއްޓެން ދިޔަތަން ފެނި ރިއާންއަށްވެސް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް އެއަށްވުރެން ކުރިން ޒީވާ އޮތީ ބިންމަތީގައެވެ. ހަމަ ވެއްޓި ތަޅުންގަނޑުގައި ފޫ ޖެހުމާއެކު ފުންމައިގެން ތެދުވެއްޖެއެވެ. ތިރީގައި އަޅައިފައިވާ މަޑު ކާޕެޓުގެ ސަބަބުން ޒީވާއަށް އަނިޔާ ނުވާނެކަން އެނގި ރިއާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެފަދަ ގޮތަކަށް ޒީވާ އުޅޭތަން ފެނުން ވެގެންދިޔައީ އޭނާއަށް މުޅިން އާ މަންޒަރަކަށެވެ. ޝައުގުވެރިކަމާއެކު ޒީވާގެ ހަރަކާތްތައް ބަލަން ދޮރުގެ ދާރައިގައި ލެގިލައިގެން ހުރެވުނެވެ.

“ވަޓް؟ އަޅެ ނާނީ ކީއްވެތަ ކުރިން ނުގުޅީ؟ އަދި ގެއަށްގޮސް ކޭކުވެސް އަަޅަން ޖެހޭނެ.. އޯ ގޯޑް.. އަަދި އަހަރެން ފެންވަރައިގެން ގެއަށް ދާންވެސް އެހާ އިރު ނަގާނެ.. ކޯއްޗެއްތަ ލާނީވެސް؟” ފޯނު ސްޕީކަރުން ކަނޑާލުމަކާނުލައި ޒީވާ ފޮށީގައި ހުރި ހެދުންތައް ހާވަން ފެށިއެވެ.

“އަހަރެން އޭރުވެސް ބުނިން ޒީ ގާތު މިފަހަރު ކޭކާ ހަވާލުވާނެ ކަމެއްނެތޭ.. ޒީގެވެސް ވެޑިންގް ނައިޓް އޭ ބުނިން” ނާނިގެ ވާހަކަ އަޑު އަހަމުންދިޔަ ޒީވާ ފަހަރަކު ހެދުމެއް ނަގައި ބަލަމުން ދިޔައެވެ.

“އަޅެ އަހަރެން ވަރުބަލިވެފަ ހުރިވަރުން މާ ލަސްވަންދެން ނިދުނީއޭ” ޒީވާ ޝަކުވާ ކޮށްލިއެވެ.

“ވަރުބަލި ވާނެކަން އެނގޭތީއޭ ބުނީ. ޒީ ކަހަލަ ފުށްގަނޑެއް ލިބުނީމަ ރިއާން އެހާ އަވަހަކަށް ހިތެއް ނުފުރޭނެ ވިއްޔަ… ނިދާލަން ވަގުތެއްވިކަންވެސް ރަނގަޅެ–” ޒީވާއަށް ތެޅިގެންފައި އަވަސްއަވަހަށް ފޯނު ކަނޑައިލެވުނެވެ. ދޮރު ކައިރީގައިހުރި ރިއާންއަށް ބަލައިލިއިރު ޒީވާގެ މޫނުވަނީ ލަދުން ރަތްވެފައެވެ.

ރިއާންވެސް ހުރީ އިވުނު ވާހަކަތަކުގެ ސަބަބުން ހިސާބަކަށް ހުއްޓުން އަރައިފައެވެ. ޒީވާ އިތުރަށް އެންމެ މިނެޓެއްވެސް އެތަނުގައި މަޑުކުރުމެއްނެތި އެންމެ އަވަހަށް އަތު ޖެހުނު ހެދުން ހިފައިގެންގޮސް ފާހަނައަށް ވަނެވެ.

——————

“އަވަސް އަވަސް އަވަސް… ރިއާން އަޅެ ހިނގާބަލަ އަހަރެން ގެންގޮސްދޭން” އަތްދަބަސް ހިފައިގެން ދުވެފައި ކޮޓަރިން ނުކުތް ޒީވާ ގޮވައިލިއެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ލައިގެން ހުރި މަޑުނޫކުލައިގެ ފަރުމާއެޅި ހުދު ވައްތިރި ހެދުމާގުޅޭ ކަންފަތުލާއެތި ހަރުކުރުމަށެވެ.

“ރިއާން އަވަސް” ޒީވާ އަނެއްކާވެސް ގޮވާލުމާއެކު ރިއާން ހުޅުވިފައިހުރި ކޮޓަރީގެ ދޮރު ލައްޕައިލަމުން ޒީވާގެ ފަހަތުން ނުކުތެވެ. ލިފްޓުން ފައިބައިގެން އައިސް ކާރާ ގާތްވެލި ވަގުތު އައި ނައި ތަނެއް ނޭނގި ހަތަރު ފޮޓޯގްރާފަރުން އެމީހުންގެ ކުރިމައްޗަށް އެރިއެވެ. ޒީވާ ލިބުނު ސިހުމުގައި ރިއާންގެ ފަހަތަށް ވަދެ ނިވާވެލިއިރު އެ ސިހުމުގައި އަތުގައި އޮތް ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. ހިތްހަމަނުޖެހުނު ނަމަވެސް ރިއާން އަވަސްވެގަތީ ޒީވާއަށް ހިމާޔަތްދީ އެތަނުން ގެންދިޔުމަށެވެ. އެހެންކަމުން ބިންމައްޗަށް ވެއްޓިފައި އޮތް ފޯނު ނަގައިގެން އޭނާ ޒީވާއާއެކު އަލުން ލިފްޓަށް ވަނެވެ.

“އޯކޭތަ؟” ރިއާންގެ ސުވާލަށް ޒީވާ ބޯ ޖަހައިލިއެވެ.

“ފޯނު އޯކޭތަ؟ ސޮރީ އަހަރެން ސިއްސައިގެން ދިޔައީ” ޒީވާ ބުންޏެވެ. ރިއާން ޒީވާގެ ފޯނު ދިއްކޮށްލިއެވެ.

އެޕަރޓްމެންޓަށް ވަދެވުމާއެކު އަވަސް އަވަހަށްގޮސް ގަރާޖުގެ ފުޓޭޖް ފެންނަގޮތަށްހުރި ސްކްރީންގާތު ހުއްޓިލީ އެއިން މީހެއްގެ ހިލަމެއްވޭތޯ ބަލައިލުމަށެވެ. އޭރުވެސް އެމީހުން ތިރީގައި ތިބިތަން ފެނި ރިއާންއަށް ދަތްކުނޑި ވިކައިލެވުނެވެ. އޭނާ ޖީބުގައި އޮތް ފޯނު ނަގައި ނީމްއަށް ގުޅައިލިއެވެ.

“ހެލޯ.. ނީމް.. ކުރީދުވަހު ފޮނުވި ލިސްޓުގަ ހުރި އެޑިޓަރުންނަށް ގުޅާފަ ބަލާލަބަ މިގޭގެ ތިރީގަ ތިބީ ކޮން ނޫހެއްގެ ބައެއްތޯ؟ އަވަސް ކޮށްލަދެއްޗޭ.. އެމީހުން ވަކި ކޮށްލާފަ އަހަރެންނަށް ޖޮއިންޓް ކޯލް ޕާސް ކޮށްލައްޗޭ” ރިއާން ފޯނު ކަނޑައިލިއެވެ. “ލަސްވޭ ދޯ؟ ސޮރީ އިނގޭ.. އަހަރެންވެސް އެކްސްޕެކްޓް ކޮށްގެންހުރި ކަމެއްނޫން މީ..” އޭނާ ޒީވާގާތު ބުންޏެވެ.

“އޯކޭވާނެ. އެކަމަކު ކޭކް.. ދެން އަޅާނުލާ.. ދެން ކޭކެއް ގަންނާނީ..” ޒީވާ ހުރި ކަންބޮޑުވެފައެވެ.

“އައި ޕްރޮމިސް.. ދިސް އިޒް ދަ ފަސްޓް އެންޑް ލާސްޓް ޓައިމް. ދެން މިހެނެއް ނުވާނެ” ރިއާން ބުންޏެވެ. ފަނަރަ މިނެޓެއްހާއިރު ފަހުން ރިއާންއަށް ނީމްގެ ކޯލު ލިބުނެވެ. އެ ކޯލުގައި ތިބި ހަތަރު ނޫހުގެ އެޑިޓަރުންނާ ރިއާން ވާހަކަ ދައްކަމުން ދިޔައެވެ.

“އެންމެ ރަނގަޅު.. އެކަމަކު މިވަގުތު އަހަރެންގެ ގެ ކައިރީގަ ތިބި މީހުން އެތަނުން ފޮނުވާދެވެން ވާނެ” ރިއާން އެމީހުންގެ ޝަރުތާ އެެއްބަސްވީ އޭނާއަށް އިތުރު ގޮތެއް ނެތުމުންނެވެ. މިފަހަރަކު އޭނާއަށް އެކަމުން އަވަހަކަށް ބޯ ދަމައި ނުގަނެވޭނެކަން އޭނާ ދެނެގަތެވެ.

ރިއާން ދެވަނަ ފަހަރަށް ޒީވާއާއެކު ތިރިއަށް ފޭބިއިރު އެތަނުގައި ތިބި މީހުން ކެމެރާތަށް ޕެކް ކުރުމުގައި އުޅުނެވެ.

“އައްސަލާމް އަލައިކުމް” ރިއާން އެތަނުން އެކަކަށް ސަލާމުގެ އަތް ދިއްކޮށްލިއެވެ. އެމީހާ ހައިރާންވެފައިހުރެ ރިއާންގެ ސަލާމަށް ޖަވާބުދިނެވެ.

“އަހަރެންނަށް އެނގޭ އަހަރެމެން މައްޗަށް އެރުމުގެ ކުރިން ތި ކެމެރާއިން އަހަރެންގެ އަންހެނުންގެ ފޮޓޯ ނެގިކަން. އައިމް އާސްކިންގް ޔޫ ޓު ޑިލީޓް ދެޓް ފޮޓޯ އެޓް ވަންސް” ރިއާން ބުންޏެވެ.

“އަހަރެން އެއްވެސް ފޮޓޮއެއް ނުނަގަން” އެމީހާގެ ޖަވާބާއެކު ރިއާން އެއްމިޔަކަނިން ހިނިތުންވެލަމުން އޭނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ.

“ލުކް މޭން.. ޔޫ ޑޯންޓް ވޯންޓް މީ ޓު ރިޕީޓް މައިސެލްފް” ރިއާން ބުންޏެވެ.

“ރިއާން ދެން އަޅާނުލާ ހިނގާބަ” ޒީވާ މަޑުމަޑުން ރިއާންގެ އަތަށް ދަމައިލިއެވެ.. ނަމަވެސް ރިއާން ހުރީ އެ ފޮޓޯ ޑިލީޓް ކުރުމަށް އަޒުމު ހިފައިލާފައެވެ.

“އޯކޭ އޯކޭ. ސޮރީ..” އެމީހާ ރިއާންގެ ކުރިމަތީގައި ކެމެރާއިން ނެގި ޒީވާގެ ފޮޓޮއާއި އޭގެ ބެކަޕް ޑިލީޓް ކޮށްލިއެވެ. ރިއާން އެންމެރަނގަޅޭ ބުނެ ބޯ ޖަހައިލުމަށްފަހު ޒީވާ ގޮވައިގެން ކާރަށް އަރައި ދުއްވައިލިއެެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ހިސާބަކަށް ހިނގައިދިޔަ ކަންތައްތަކާމެދު ހިތްހަމަނުޖެހިފައެވެ.

ކޭކު ގަނެގެން ޒީވާ ބޭނުންވާ މަންޒިލަށް ޒީވާ ގެންގޮސް ދިނުމަށްފަހު ރިއާންވެސް މިސްރާބުޖެހީ އޮފީހާ ދިމާލަށެވެ. އޮފީހުގެ ދޮރުން ވަދެވުމާއެކު ހުރިހާ މުވައްޒަފުން އެއްއަޑަކުން “ކޮންގްރެޖުލޭޝަންސް” އޭ ކިޔައިގަތް ވަގުތު އޭނާގެ ކަންފަތް ހީވީ ފަޅައިގެން ދިޔަހެނެވެ. އޭރު ކުރިމަތީގައި އެ އިބާރާތް ލިޔެވިފައިވާ ކޭކެއް ހުރި މޭޒެއް ބަހައްޓައިފައި ހުއްޓެވެ. ހެޑް އޮފީހުގެ ހުރިހާ މުވައްޒަފުން ވަނީ ތިރީ ލޮބީއަށް ޖަމާވެފައެވެ. ރިއާންގެ ރުޅިގަނޑުވެސް ފިލައިގެން ދިޔައެވެ. އޭނާއަކީ މުވައްޒަފުންނާ އޮންނަ ޒާތީ ގުޅުން ބަދަހިކުރުމަށް އެއްވެސް އިސްކަމެއް ދޭ ވެރިއަކަށް ނުވާއިރުވެސް އޭނާއާ ދެތެރޭ އޭނާގެ މުވައްޒަފުން މިހާ ގާތްކޮށް ދެކުނީތީ އާދަޔާހިލާފު ހިތްހަމަ ޖެހުމެއް ލިބުނެވެ.

“ބޮސް. އަވަހަށް ކޭކް ފަޅަން އާދޭ” ރިއާން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އަދި ކޭކު ފަޅައިލައި އޭގެން ކުޑަ އެތިކޮޅެއް އަނގަޔަށްް ލިއެވެ.

“ކޮބާ.. ކައިވެންޏަށް މަރުހަބާ އިނގޭ.. އެކަމަކު ވަރަށް ދެރަ! މިތާތިބި ގިނަ ސްޓާފުންނަށް ޕާޓީއަށް ނުކިޔާއިރު ކައިވެނި ސައެއް ދޭންވާނެ” އެޗް. އާރްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މޯޑު ބުންޏެވެ.

“އަހަހަ. ބޭނުން އެއްޗެއް އޯޑަރ ކުރޭ.. އޯކޭ ޑިނަރ އަކަށް ނިންމިޔަސް.. އިޓްސް އޮން މީ.. ތެންކްޔޫ އޯލް” ރިއާން ލިފްޓާ ދިމާލަށް ހިނގައިގަންނަމުން އެންމެނަށް ހިނިތުންވެލިއެވެ.

“ޝައިނާގެ ކަމެއްދޯ މީ” ރިއާންއަށް އެތަނުން ޝައިނާ ފެނުމާއެކު މަޑުމަޑުން އަހައިލިއެވެ.

“އަހަރެންނޭ؟ ނޫން ނޫން. މިއީ ހަމަ އެންމެންވެގެން ރޭވި ކަމެއް… އަހަރެން ހަމައެކަނި ޒީގާތު ބުނީ ރިއާން މިކޮޅަށް އަންނަން ނައްޓާލީމަ ބުނެލައްޗޭ.. ޒީއަކަށްވެސް އެއީ ކީއްކުރަން ކަމެއް ނޭނގޭނެ” ޝައިނާ ބުންޏެވެ.

“ދެން މައްސަލައެއް ނެތްތާ.. އެހެންވީމަ ޝައިނާ ޑިނަރގެ ކަންތަކާ އުޅެދެއްޗޭ. ބޭނުންތާކަށް ގޮސްފަ އަހަރެންނަށް ބިލް ފޮނުވާލާ އެނގޭ. ނީމް ކޮބާތަ؟” ރިއާން ވަށައިގެން ހޯދައިލީ އޭނާގެ އެސިސްޓަންޓް ފެނޭތޯއެވެ. އޭރު ރިއާން ގޮވައިލި އަޑު އިވިގެން ނީމް ދުވެފައި އައިސް އެމީހުންގެ ގާތަށް ހުއްޓިލަނީއެވެ. ރިއާން ނީމްއާއެކު ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

“މިއަދު ޒީވްގެ ފޯނު ހަލާކުވެގެން އުޅެނީ.. ގެޓް ވަން ޑެލިވަރޑް ޓު ދިސް ކެފޭ.. ޝީ އިޒް ދެއަރ ނައު.” ރިއާން ފޯނުން ދައްކައިލީ މީގެ އިރުކޮޅެއް ކުރިން އޭނާ ޒީވާ ގެންގޮސްދިން ތަނެވެ. ނީމް ފަރުވާތެރިކަމާއެކު އެ ކެފޭގެ އެޑްރެސް ފޯނުގައި ނޯޓުކޮށްލުމުން އޭނާ ލިފްޓަށް އެރިއެވެ.

“މިއީ އަހަރެންނަށް ފެންނަަ ގޮތްތަ؟ ނޫނީ ރިއާން ހަމަ އަސްލުވެސް މިއަދު އާދަޔާހިލާފަށް ހެވިފަ ހުރި ދުވަހަކީތަ؟” ރިއާންގޮސް އޮބައިލަންދެން ބަލަން ހުރުމަށްފަހު ޝައިނާ އޭނާގެ ކައިރިއަށް ހުއްޓިލި މޯޑުގާތު އަހައިލިއެވެ.

“ދެން މިއަދު ހޭތަން ނުފެންނަ ކަމަށް ހަދާލައިގެން ހުރެލާ… މިކަހަލަ މޫނުމަތި އުޖާލާ ދުވަހެއް އަންނާނީ މަދުން.. ރޭގެ ކަންތައް ކަންނޭނގެ އެއީ އަދިވެސް. ނިއު މެޑަމް މޮޅިއްޔާ ގިނަ ގިނައިން މި އޮފީހަށް އުޖާލާ ދުވަސްތަށް ފެންނާނެކަމަށް މި ބަލަނީ. ހަހަހަ” މޯޑު ހިނިގަނޑެއް ޖަހައިލަމުން އެތަނުން ދިޔައެވެ. ޝައިނާ ލަހެއްނުވެ ފޯނު ނަގައި ޒީވާއަށް ގުޅައިލިއެވެ.

“ޒީ؟ އަހަރެންގެ ބޮސް ކޮންތާކު ފޮރުވައިގެން ތި އުޅެނީ؟” ޒީވާ ފޯނު ނެގުމާއެކު ޝައިނާ އަވަސްއަވަހަށް އަހައިލިއެވެ.

“ކީކޭ؟ ރިއާން އަދިވެސް އޮފީހަށް ނުދޭތަ؟ އެހެންވިއްޔާ އަހަރެންނަކަށް ނޭނގެ ދިޔަތަނެއް” ޒީވާ އާދައިގެ ރާގެއްގައި ބުނެލިއެވެ.

“ނޫން. އޮފީހަށް އަތުވެއްޖެ. އެކަމަކު އެއީ ރިއާން ކަމާމެދު ހާދަ ޝައްކޭ. ރިއާން ކާލައިގެން އެރި ފުރޭތައެއް ކަންނޭނގެ. ގަރލް.. ވަޓެވަރ ހެޕެންޑް.. އައި ނީޑް ފުލް ޑީޓެއިލްސް” ޝައިނާ ފޯނުން ޒީވާއާ ވާހަކަދައްކަމުން ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

——————————

“ކީކޭ؟ ހަމަ އެއްވެސް ކަމެއް ނުހިނގާތަ؟ ކިހިނެއް ތިކަން ގަބޫލު ކުރާނީ” ޝައިނާ ކޮފީތަށި ތުނބުގައި ޖަހައިލަމުން ހައިރާންވެފައި ކުރިމަތީގައި އިން ޒީވާއަށް ބަލައިލިއެވެ. އައިޝާގެ ޕާޓީ ނިންމައިލުމަށްފަހު އެދެމީހުން ތިބީ ޕާޓީ ބޭއްވި ކެފޭގައެވެ.

“ހޫމް ކަަމެއް ނުވެޔޭ.. އަހަރެން ކީއްކުރަންތަ ދޮގު ހަދަންވީ؟ ދެން އެހެންނޫނަސް ޝައި އަށް އެނގެއެއްނު.. މީ ކޮންމެހެން ލޯބިން ކުރެވުނު ކައިވެންޏެއްވެސް ނޫނެއްނު؟ މީ ހަމަ އެކަނި ވެވުނު އެއްބަސްވުމެއް… އަހަރެންނަށް ކަންތައް ދިމާވިގޮތުން ބައްޕަމެން ކުރި ކަމެއް މިއީ.. ރިއާން މި ކައިވެނިކުރީ މަޖުބޫރުވެގެން. އަހަރެން މަޢާފަށް އެދެންވެސް ބޭނުން.. އެކަމަކު އަހަރެންނަކަށް އެވާހަކަ ދައްކާނެހާ ހިތްވަރެއް ނުލިބުނު” ޒީވާ އިސް ޖަހައިލިއެވެ.

“ޒީ.. ތިހެން ހީނުކުރޭ.. ރިއާންގެ ވާހަކަ ތި ދައްކަނީ. ކަންޓްރީގެ ޖީ.ޑީ.ޕީގެ ހަތަރުބައިކުޅަ އެއްބައި އެމީހެއްގެ އަތްމަތީގަ އޮތް މީހެއްގެ ވާހަކަ ތި ދައްކަނީ.. ރިއާންއަށް ކަމެއް މަޖުބޫރު ކުރެވޭނެ މީހަކު މި ރާއްޖޭގަ ހުންނާނެހެން އަހަރެންނަކަށް ހިއެއް ނުވޭ. އަހަރެން ބުނާނީ ރިއާން ބޭނުންވެގެނޭ ޒީއާ މެރީކުރީ. ދެން އެެހިނގައިދިޔަ ކަންތަކުގެ ވާހަކަ ޒީ ރިއާންއާ ހިއްސާކުރަން ބޭނުމިއްްޔާ އެކަމުގަ މައްސަލައެއް ނެތް.  އެކަމަކު ތައްޔާރު ނޫންނަމަ އެކަން ނުކުރުމަކުން ރިއާންއަށް މާ ބޮޑު ހަގީގަތެއް އުންޏެއް ނުވާނެ. ނިކަން މިކަންތައްވެސް ވީ ރަނގަޅަކަށޭ ވިސްނާލަބަ. ކޮންމެ ހާލަތެެއްގަ ކުރެވުނު ކައިވެންޏަކަށް ވިޔަސް.. ރިއާންގެ ލޯބި ހާސިލްކުރަން މިއަށްވުރެން ރަނގަޅު ފުރުސަތެއް ޒީއަކަށް ނުލިބޭނެ! އައި ނޯ ޔޫ ސްޓިލް ލަވް ހިމް!” ޒީވާއަށް ހިތްވަރުދިނުމުގެ ގޮތުން ޝައިނާ މޭޒުމަތީގައި އޮތް ޒީވާގެ އަތުގައި ހިފައިލިއެވެ.

“އެކަމަކު.. އެކަމަކު ރިއާންގެ ލޯތްބަށް މަސައްކަތްކުރުން އަހަރެން މީގެ ހަތަރު އަހަރު ކުރިން ހުއްޓާލައިފިން. އެމަސައްކަތް އަލުން ފަށައިގެން ނާކަމިޔާބުވާތަން ދެކޭނެހާ ހިތްވަރެއް އަހަރެންގެ ނެތް.. އަހަރެން ކިހާ އާދޭހެއް ކުރިން.. ކިހާ ރުއިމެއް ރުއިން.. ޝައިއަަށް ހީވަނީތަ އެ ހުރިހާ ކަމެއް ނުވާކަމަކަށް ހަދައިގެން މީހެން އުޅުމަކީ އަހަރެންނަށް ފަސޭހަ ކަމެކޭ؟ ރިއާން ފެނުނީމަ އަހަރެންނަށް އެ ހަނދާންތައް ހާދަ އުނދަގޫ ކުރެޔޭ.. އެކަމަކު ރިއާންއަށް އެއީ ނުވާ ދުވަސްތަކެއްހެން ހީވާ ކަހަލަ. އަހަރެންނަށް އިސްނަގަން ކެރޭނީ ކިހިނެތް؟” ޒީވާގެ އަޑު ކުރެހެން ފެށުމާއެކު ވާހަކަ ހުއްޓައިލިއެވެ. ރިއާންއާއެކު ރޭގައި ވެވުނު އެއްބަސްވުމުގެ ވާހަކަ ބުނަން ބޭނުންވި ކަމުގައިވިޔަސް އޭނާއަކަށް އިތުރަަށް ރިއާންގެ ޝަކުވާ ކުރުމުގެ ހިތްވަރެއް ނުލިބުނެވެ. ހިތުގެ ކަނަކުން އެއީ އޭނާގެ ފިރިމީހާ ކަމުގަޔާއި، އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ހިތުގައި ފިރިމީހާއާ ދެތެރޭ ނަފްރަތު އުފައްދަން ރަނގަޅު ނޫންކަމުގައި ބުނަމުން ދިޔައެވެ.

“ދެން އެވާހަކަ ބާއްވާ. އިރާދަކުރެއްވިއްޔާ ޒީއަށް އަދި ހުރިހާ އުފަލެއް ލިބޭނެ. ދެން ދައްކަބަލަ މިއަދު ލިބުނު އާ ފޯނު” ޒީވާ މާބޮޑަށް ދެރަވީކަން އެނގި ޝައިނާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

“އަޅެ ރިއާން ހަމަ ކަންތައް ބޮޑީ. އަސްލު ހަލާކެއްވެސް ނުވެޔޭ ފޯނެއް. ކުޑަކުޑަކޮށް ޑިސްޕްލޭ ތެޅުނީ” ފޮށީގައި ނުކަނޑައި އޮތް އެންމެފަހުގެ ފޯނެއް ދަބަހުން ނަގަމުން ޒީވާ ބުންޏެވެ.

“ޝަކުވާކުރާނެ ކަމެއްނެތް. ދެން މި ލައިފަށް ހޭނެން ޖެހޭނީ މެޑަމް” ޝައިނާ ސަމާސާ ރާގެއްގައި ބުނެލި ޖުމްލައާއެކު ޒީވާ ފޫހިގޮތަކަށް ކަޅި އަނބުރައިލިއެވެ. އެއާއެކު އިވިގެންދިޔައީ އެ ދެ އެކުވެރިންގެ ހުނުމުގެ އަޑެވެ.

***************

ޖެހިގެންއައި ދުވަހު ރިއާންގެ އެޕްރޓްމެންޓްގެ ހުސްކޮށްހުރި ކޮޓަރިއަށް ޒީވާ ބަދަލު ކުރެވުނެވެ. އެކަމާ ޒީވާގެ އެއްވެސް ޝަކުވާއެެއް ނެތެވެ. އޭނާއަށް އެތަނުގައި އުޅެން ފަސޭހަވާނެހާ ގޮތްތައް ރިއާން ފަހި ކޮށްދިނެވެ. އޭނާ އެދުނު ފަދައިން ކޮޓަރީގެ ފާރުތަކުގައި މަޑު ދަނބުކުލަ ލައިދިނެވެ. އެއާ ގުޅޭނެ ހުދު ކުލައިގެ މޮޅު ފަރުނީޗަރުތަކުން ކޮޓަރި ޒީނަތްތެރި ކޮށްދިނެވެ. ރިއާންގެ މެހެމާންދާރީ ވަރަށްވެސް ފުރިހަމައެވެ. އެހެނަސް ޒީވާގެ ޝަކުވާއަކީ އެއީއެވެ. އޭނާއަށް އެގޭގައި ކުރެވެމުންދިޔައީ މެހެމާނެއްގެ އިހުސާސެވެ. ކުރިން ދުރުގައި އުޅުނުއިރު ރިއާންއަކީ ނެތް މީހެއްކަމުގައި ދެކިގެން އުޅެވުނު ކަމުގައިވިޔަސް ރިއާންއާ ގާތުގައި ހުރެމެ ކޮންމެ ދުވަހަކު ރިއާންގެ ފަރާތުން ލިބެމުންދިޔަ ބީރައްޓެހިކަންވީ ޒީވާގެ ހިތުގައި އަޅާވޭން އިތުރުވި ކަމަށެވެ. ހިތާއި ނަފްސު ކޮންޓްރޯލް ކުރަން ހިތްވަރުކުރި ކަމުގައިވިޔަސް ރިއާންގެ ސަމާލުކަން ހޯދުމަށް އޭނާއަށް މަސައްކަތް ކުރެވެނީ ބޭއިހްތިޔާރުގައެވެ.

“މިރޭވެސް ޒީވް ކެއްކީތަ؟ އަހަރެން ބުނީމެއްނު ޒީވް ކޮންމެހެން ކައްކާކަށް ނުޖެހޭނޭ. އަހަރެން އަންނާނީ ކުރިއެކޭވެސް އެއްގޮތަށް ކައިގެންނޭ.. ޒީވެސް ޑިއުޓީއަށް ދަމުން މިހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެ” ރިއާން ކާމޭޒު މައްޗަށް ނަޒަރު ހިންގައިލަމުން ކަރުގައި އޮތް ޓައި ދޫކޮށްލިއެވެ. އޭނާގެ ވިސްނުން ހުރީ އެހެން ކޮންމެރެއެކޭ އެއްގޮތަށް މިރޭވެސް ޒީވާ ކެއްކި އެއްޗެއް ނުކައި ގޮސް ނިދުމަށެވެ.

ޒީވާ ހިތުގައި ޖެހުނެވެ. ރިއާން ބުނިފަދައިން އޭނާ ވަޒީފާއިން އައިސް ވެފައިހުންނަ ވަރުބައްޔާއެކުވެސް ކޮންމެ ދުވަހަކު ރިއާންއަށް މީރުވާނެހާ އެއްޗެއް ކައްކައި ކާންހެދުމަށް މަސައްކަތް ފަށަނީ ފޮނި އުއްމީދެއްގައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅައިލުމެއްނެތި ރިއާން ކޮންމެދުވަހަކު ދަނީ އޭނާ ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވައިލުމަށްފަހުއެވެ.

“ރިއާން” ޒީވާއަކަށް މިރޭ ހިމޭނަކުން ނީނދެވުނެވެ. ރިއާން ކާމޭޒާ ދުރަށް އަޅައިލި ފިޔަވަޅު ޒީވާގެ އަޑަށް ހުއްޓުނެވެ.

“ރިއާން.. އަހަރެން މިގޭގަ މި ކައްކަނީކީ ކޮންމެހެން ރިއާން ކާނެ ކަމަކަށް ނޫން.. ނޫނީ އެއީ އަހަރެންގެ ޒިންމާއެއް ކަމަށް ދެކިގެނެއްވެސް ނޫން.. އަމިއްލައަށް ކައްކައިގެން ކާން އާދަވެފަ ހުރީމަ އަހަރެން ކާން ކައްކާއިރު ރިއާންއާ ލައިގެން ކައްކަނީ” ޒީވާ ބުންޏެވެ.

“އެހެންވިއްޔާ ޒީވްއަށް އެކަނި ވާވަރަށް ކޮންމެ ދުވަހަކުވެސް އެއްޗެއް ހަދާލައިގެން ކާލާ” ރިއާން އަނެއްކާވެސް މާބޮޑު ޝައުގުވެރިކަމެއްނެތި އެތަނުން ހިނގައިގަތެވެ. މިފަހަރުވެސް އޭނާއަށް ހުއްޓެން ޖެހުނީ ޒީވާ ގޮވައިލި އަޑަށެވެ.

“ރިއާން.. އެހެނެއް ނޫނެއްނު މި ބުނީ…” ރިއާން ސުވާލު އުފެދިފައި ޒީވާގެ މޫނަށް ބަލައިލިއެވެ. “ރިއާންއަށް އަހަރެންގެ ފެމިލީ އެނގޭނެ. ބައްޕަ ނެތަސް.. ދޮންބެ ނެތަސް.. އަބަދުވެސް މަންމަ ނޫނީ އިޝްކޮ އަހަރެން ކައިރީގަ ހުރޭ.. ގޭގެ ސުފުރާމަތީގަ އޭރަކު ތިބޭ އެންމެން ކާނީ އެކީގަ.. އަހަރެން.. އަހަރެންނަށް އެކަނި ސުފުރާއެެއްގަ އިނދެ ކާން އާދަވެފައެއް ނެތް.. އަހަރެން އަސްލު ހާދަ އެކަނިވެއޭ މި ގޭގަ. އެޓްލީސްޓް ކާ ގަޑީގަ ވިލް ޔޫ ސިޓް ވިތް މީ.. ޕްލީޒް؟” ޒީވާ އެދުނެވެ. ރިއާން އިރުކޮޅަކު ވިސްނައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ. އަދި އެންމެ ގާތަށްހުރި ގޮނޑި ދަމައިލުމަށްފަހު މޭޒު ދޮށުގައި އިށީނެވެ.

ރިއާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޒީވާ ކާން ފެށިއެވެ. އެތަނުގައި ހިމޭންކަމާއެކު އިން ވަގުތު ރިއާންއަށް ތަނުގެ ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. ޒީވާ އައުމަށްފަހު ގޭތެރެއަށް އައިސްފައިވާ ބަދަލުތައް ފުރަތަމަ ފަހަރަށް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބަދިގޭގެ ކައުންޓަރޓޮޕްގައި ތަރުތީބު ކަމާއެކު ބެހެއްޓިފައިވާ ފުޅިތަކުން ފެށިގެންގޮސް އައިސް-އަލަމާރީގައި ތަތްކުރެވިފައިވާ އެކި ލިޔުންކޮޅުތައް ހިމެނޭ ދަގަތްފާނުތަކުގެ އިތުރުން، ކިޗަން އައިލެންޑް މަތީގައިވާ ޓުކުރީގައިހުރި ތާޒާ ލެވެންޑާ މާތަކުން އެކަނިވެސް ގެއަށް އައިސްފައިވާ ބަދަލު ފާހަގަވާހާ ވެއެވެ. ހަމައެއާއެކު ގޭތެރެއިން ފަނޑުކޮށް ދުވަމުންދިޔަ ލެވެންޑާގެ މީރުވަހުން ރިއާންއަށް އާދަޔާ ހިލާފު ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ.

“ދެން ހަމަ ނުކާނަންތަ؟” ކެއުމުގެ މެދުތެރެއިން ޒީވާ އަހައިލިއެވެ. ރިއާން އޭރު އިނީ ދެހިޔާލެއްގައެވެ. މޭޒުމަތީގައި އަތުރައިފައިވާ މީރު ދިވެހި ކެއުން ފެނި ތަލިން ކުޅުހިކެމުން ދިޔައިރު ފިހެފައިވާ މަހުގެ ވަހަށް އޭނާ ބަނޑުހައިވާން ފެށިހެން ހީވިއެވެ.

“ހަމަގައިމުވެސް އަހަރެން ރިއާންއަކަށް ޒަހަރެއް ނުދޭނަން.. އަހަރެންވެސް އެހާ މޮޔައެއް ނުވާނެއެއްްނު.. ރިއާންއަށް ކަމެއްވިއްޔާ މިހާރު ޕްރައިމް ސަސްޕެކްޓަކަށް ވާނީ އަހަރެންނެއްނު؟” ޒީވާގެ ވާހަކައަށް ރިއާން ހިނިތުންވެލިއެވެ.

“އޯކޭ ފައިން” އެންމެފަހުން ރިއާން ހަތިޔާރު ބެހެއްޓިއެވެ. ކުރިމަތީގައިހުރި ތަށްޓަށް ވައްތަރަކުން އެއްޗެއް އަޅައިލުމަށްފަހު ޒީވާއާއެކު ކެއުމުގައި ބައިވެރިވާން ފެށިއެވެ.

“މީރުތަ؟” ޒީވާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ރިއާން ވައަތުގެ ބޮޑުވައި އިނގިލި ދައްކައިލަމުން ބަރާބަރު ކަމުގައި ބުންޏެވެ. ހަގީގަތުގައިވެސް އޭނާހުރީ ހައިރާން ވެފައެވެ. މީގެ އަށް އަހަރުކުރިން ޒީވާއަކީ އުނދުންވެސް ރަނގަޅަށް ރޯކުރަން އެނގޭ ކުއްޖެއްނޫންކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ޒީވާގެ ކެއްކުމުގެ ހުނަރަށް އައިސްފައިވާ ކުރިއެރުމަށް ރިއާން ހިތާހިތުން ތައުރީފް ކުރިއެވެ.

“މަންމަ ގުޅި. ބުނީ ރިއާން ގޮވައިގެން އަހަރެން ނުދާތީއޯ.. އަހަރެން ބުނިން އަހަރެންވެސް ރިއާންވެސް ވަރަށް ބިޒީއޭ.. ބުނީމަ ބުނީ ހުކުރު ދުވަހު މެންދުރު ވެސް ރިއާން ބިޒީ ހެއްޔޯ.. މަންމަ ކައިރިއަށް ކާން ދެވިދާނެހެއްޔޯ.. އަހަރެން ބުނިން ފަހަރެއްގާ ރިއާ-”

“ހުކުރުދުވަސް އޯކޭ..” ޒީވާގެ ވާހަކަ ރިއާން މެދުކަނޑައިލިއެވެ. “މިބުނީ.. ވާފިޔާއްތަ ބުނެފަ އޮތިއްޔާ ދާންވާނެ ނޫންހޭ.. އަހަރެން މި ހުކުރަށް ޝެޑިއުލް ކްލިއަރ ކޮށްލާނަން” ރިއާން ޖަވާބުދިނެވެ. ޒީވާ އަވަސްއަވަހަށް އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލިއެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 14

Next

ބޮޑީގާޑު 3

Next
January 15, 2026

ބޮޑީގާޑު 3

Previews
January 14, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 14

7 Comments!

  1. Shaba_73 says:
    January 15, 2026 at 12:45 pm

    Mi part vx vrh reethi MA! 😍
    Zeeva and riaan such a beautiful couple 😘..
    Shaina and rahil vx vrh gulhey
    I appreciate your hard work
    Keep it up gurll.. ☺️
    Curiously waiting for the next part when’s next??
    Lyyy

    1. Rana Lathyf says:
      January 15, 2026 at 7:34 pm

      Thankyouu sm Shaba. Insha Allah next episode tmrww. LYM <3

  2. Miss jennie says:
    January 15, 2026 at 3:12 pm

    Mi part ves varah reethi. Riaan alhe gaboolu kobba rian zeeva dheke loabivaakamah. Rahil and shaina so cute. Curiously waiting for next part???

    1. Rana Lathyf says:
      January 15, 2026 at 7:35 pm

      Dhwww. Thankyouu ingeyy. Next part tmrw insha allah

  3. Oreo gurll says:
    January 15, 2026 at 6:49 pm

    Awwwwn Riaan haadha loabi eyy dhw zeev kaieee. I cant wait e dhemeehun aslah vx ekaku anekaku dheke loabi vaakan gaboolu kohgen dhemafirin hen ulhen fashaa dhuvahakah. Riaan will realjse tht pretty soon ia.
    Raahil and shai haadha loabi ey dhww. But dhen tha idea eh. Shai ge faraathun raahil ah special nickname eh n raahil ge faraathun shai ah special nickname eh dhinun. Like not fun chaotic ehcheh, loabi ehcheh. If this idea is nice u can use it. I dont mind even if u dont.
    Anyways good luck! And cant wait next ep ah. When? Take care and lysmmm

    1. Rana Lathyf says:
      January 15, 2026 at 7:39 pm

      Ahahaha yes yes. Thankyouu sm for this lovely comment. ILYSM <3
      Rahil has already given ehnu Shai ah nickname eh (santhi) which he calls her occasionally. Dhen shai jeheynee Rahil ah nickname eh dheyn dhw.
      The thing is Shai ge personality is written as a very serious lady with a black cat energy ehenve shai akee ehves kuhjakah nickname eh nudhey character eh gothah character plan kurevifa inee. But will think deeply about this ingeyy.

  4. Oreo gurll says:
    January 16, 2026 at 12:50 am

    Yeaa honestly i also realised that ingey shai ge charecter, rana plan koffa in goi kan. But yk even the most srs ppl has a special personality in which they only show to their most loved ones right? Egothah. Not now shai ah raahil ah fully trusr kurevi, hama like fully loabi vevuneema egothah. Special nickname eh dheyn. It would be like smth thats special for raahil only. Could be a way to show her love dhw. Thats what i meant tbh
    And santhi.. I kinda figured up you’d mention that, ehnve bunee not funny ans chaotic ehchekey. Its amazimh ingey ur idea is perfect. But as for the newly started love between them.. Egothah balanya rangalhu vaaney ekahala loabin kiyaa ehcheh. Yk smth that only raahil calls shai. Loabin govaa gothakah, same goes to shai.. Smth only she calls him. But then again raahil doest have tht much nicknames in the story dhw.
    Anyways, Rana ge idea akah ingey hama, its ur stry so u have to take it ur way. Dont feel guilty ingey in any case, i js shared hama idea eh. I wouldnt rlly mind any decision u take. Aslu ei v gina stories ga hadhaa gotheh, so unique kohlan mi story ga nehedhiyas goaheh nuvaane dhw? I rlly wouldn’t mind. I llve ur way of writing doesnt matter if nicknames are given or not. Js take it ur way. All the best from meee ❤️
    Tccccc. And ilytttttt. Btw when next ep? Cant waitt

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް… (28 ވަނަބައި)←


All Right Reserved!