ޝައިނާގެ ޖަވާބާއެކު ރާހިލްގެ ބުމަ ގޮށްޖެހުނެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމުވިހިނދު ކުއްލިއަކަށް އޭނާގެ މޫނު އުފާވެރި ހިނިތުންވުމަކުން އުޖާލާވިއެވެ.
“އިޒް ދެޓް އަ ޔެސް؟” ރާހިލްއަށް ލިބުނު އުފަލުން ޝައިނާގެ އަތުގައި ހިފައިލެވުނެވެ.
“އުޕްސް… ޑިޑް އައި މިސް ސަމްތިންގް؟ އެހާ ފަސޭހައިން އަހަރެންގެ ޔެސްއެއް ނުލިބޭނެ އެނގޭ.. ޕްރޮޕޯޒަލްއަކާނުލާ ޔެސް ބުނާ ވަރަށްވުރެން އަހަރެންގެ ސްޓެންޑަރޑްސް ހައި ވާނެ” ޝައިނާ އެއްބުމަ އަރުވައިލަމުން ހިނިތުންވެލިއެވެ.
“ލެޓް ދޯސް ސްޓެންޑަރޑްސް ފްލައި ޑަރލިންގް. ލެޓް ދެމް ޓަޗް ދަ ސްކައި.. އައި ވިލް ސްޓިލް ރީޗް ދެމް ފޯރ ޔޫ” ރާހިލް ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ނިތްކުރި ޖައްސައިލިއެވެ. އެވަގުތު ޝައިނާގެ ފޯނު ރިންގުވާން ފެށިއެވެ.
“ޝިމާން އެ ގުޅީ ބަލާއައިސްފަ. މިހާރު އިންނާނެ ތިރީގަ.. ދަނީ އިނގޭ” ޝައިނާ ރާހިލްގެ އަތުތެރެއިން ވީއްލިގަންނަމުން ބުންޏެވެ. ރާހިލް އަވަސް އަވަހަށް ބޯޖަހައިލިއެވެ. މިރޭ އޭނާ އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. ޝައިނާގެ ފަރާތުން އެ ލިބުނު އިޝާރާތާއި އުއްމީދު އޭނާއަށް ފުދެއެވެ. އޭނާގެ ހިތް އުފަލުން ނަށަމުން ދާކަހަލައެވެ. ޝައިނާ ލޯމަތިން ގެއްލެންދެން ހުރުމަށްފަހު އޭނާ ވައިގެ ތެރޭގައި ދެއަތް ހޫރައިލަމުން އުފާ ފާޅުކޮށްލިއެެވެ.
************
ހޮޓެލް ޖެންގެ ބޭރުގައި އެެއްލޭނެކަށް ފުނިޖެހެމުންދިޔަ ޕްރައިވެޓް ކާރުތައް ފެނި އެމަގުންދާ ކޮންމެ މީހަކަށްވެސް އެތަނުގައި އެރޭ ބޮޑު މުނާސަބާއެއް އޮތްކަން އެނގެމުންދިޔައެވެ. އެއިން ކޮންމެ ކާރެއްވެސް ނިސްބަތްވަނީ ރާއްޖޭގެ މުއްސަނދި އާއިލާއަކަށެވެ. ވިޔަފާރިވެރިންނާއި ސިޔާސީ މީހުންގެ އާއިލާތަކަށެވެ. އެމީހުންގެ އަނބިދަރިންނާއި ގާތް ރަހުމަތްތެރިންނަށެވެ. ބައެއް ކާރުތަކުގައި އަންނަނީ ރާއްޖެއިން ބޭރުގެ ވިޔަފާރި ދުނިޔޭގައި މަސައްކަތްކުރާ ފަރާތްތަކެވެ. ހޮޓެލްގެ ތިރީގައި އެ އެންމެނަށް މަރުހަބާ ކިޔުމަށްޓަކައި ރިޔާޒްގެ ދެމަފިރިން މަޑުކޮށްގެން ތިއްބެވެ.
އިރުކޮޅެއްގެބފަހުން ހޮޓެލްގެ ބޭރަށް މަޑުކޮށްލި ކަޅުކުލައިގެ ފޯޑް މަސްޓޭންގް ކާރާއެކު އެތަނުގައި ދެން ހުރި ހުރިހާ ކާރެއްގެ ވިދުން ފަނޑުވެގެން ދިޔަކަހަލައެވެ. އެ ކާރުގެ ވެރިފަރާތް ބަލައިލުމަށްޓަކައި ކޮންމެ މީހެއްގެވެސް ކެތް މަދުވަމުންދިޔައެވެ. ޑްރައިވަރ ސީޓުގެ ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ފިޔަވަޅު އަޅައިލި ޒުވާނާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. މުޅިން ކަޅުކުލައިގެ ތްރީޕީސް އިޓާލިއަން ސޫޓެއްގައި ކާރުން ފޭބި ރިއާންފެނި އެ އެންމެންގެ ސުވާލުތަކަށް ޖަވާބުލިބިގެން ދިޔައެވެ. އޭނާއަކީ ކޮން ހައިސިއްޔަތަކުން އެރޭގެ ހަފްލާއަށް އައި މީހެއްކަން ނޭނގޭ ކިތަންމެ އަންހެން ކުދިންނަކާއި، އެކަން އެނގިހުރެވެސް ފަރުވާލެއް ނުބަހައްޓާ ކިތަންމެ އަންހެން ކުދިންނެއްގެ ލޯތައް އޭނަގެ ހިތްގައިމުކަމަށް ފިދާވަމުން ދިޔައެވެ. ރިއާން އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުދީ ކާރުން ފޭބުމަށްފަހު ސޫޓުގެ ގޮށް އަޅުވައިލިއެވެ. އަދި ކައިރީގައި ހުރި ޕާކިންގް އެސިސްޓެންޓަށް ތަޅުދަނޑި ހަވާލު ކުރުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. މީޑިއާތަކުގެ ކެމެރާތަކުން އެވަގުތު އޭނާއާ ދިމާލަށް އެޅެމުންދިޔަ ފްލެޝްލައިޓްތަކުގެ އަލިން އެތަން ދިލެމުންދިޔަ ނަމަވެސް އޭނާ ކުރިއަށް ފިޔަވަޅު ބަހައްޓައިފައިހުރީ އެއިން އެއްވެސް ކަމެއް ނުފެންނަފަދައިންނެވެ. ނުވަތަ އެއީ އޭނާ އެކަމަކަށް އާދަވެފައިވާ ކަމެއް ކަމުގައި ވެދާނެއެވެ. އާރް.އެލްގެ ހިންގުމާ ހަވާލުވި ފަހުން އޭނާ އަޅަމުންދާ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ދުވާ ނޫސްވެރިންގެ އަދަދު މަދެއް ނޫނެވެ. އެކި ނޫސް މަޖައްލާތަކާއި ޓީވީ ޗެނަލްތަކުން އޭނާގެ އިންޓަރވިއުތަކަށް އެދި ފޮނުވަމުންދާ ދައުވަތުތައް އޭނާގެ އެސިސްޓެންޓް ނީމްގެ މޭޒުމަތީގައި ފުނިޖެހިފައި ވިއެވެ. ވީއިރު މިރޭ މިއީ އެއިން ކޮންމެ ނޫހަކަށްވެސް ބޮޑު ރެއަކަށް ވާނެއެވެ. އޭނާގެ ނަމާ ގުޅުވައި ސުރުހީއެއް އަޅައިލުމަށް ލިބޭނެ ފުރުސަތަކަށް ވެގެން ދާނެއެވެ. އާނއެކެވެ. މިރޭ އެ ހޮޓެލްގައި ބޭއްވެމުން އެ ދަނީ ޒީވާއާއި ރިއާންގެ ކައިވެނީގެ ހަފްލާއެވެ.
“ކޮބާތަ ރިއާން؟ މިހިރީ ވަރެެއްގެ މީހަކާ ދޯ ލައްވާލާފަ.. އޮފީސް ކަމަކު ނޫނިއްޔާ މީނައަށް ގަޑިއަށް އާދެވޭ ތަނެއް އޮވޭތަ؟ މިހާރުވެސް ވިޔަފާރި ބައްދަލުވުމެކޭ ބުނިއްޔާ އަންނާނެ ވިހި މިނަޓު ކުރިން.. އަހަރުމެން އަބަދުވެސް މި ޖެހެނީ ކަމެއް އޮތިއްޔާ މީނަ އަންނަންދެން ގަޑި ގުނާލަ ގުނާލަ ހުންނަން..” ރާހިލް ހާސްވެފައިހުރެ ރިއާންއަށް ގުޅަމުން ކައިރީގައި ހުރި ޝިމާންގާތު ޝަކުވާ ކުރިއެވެ.
“ހަމަ ޖައްސާލަބަ ބޭބޭ.. މިހާރު ތިއުޅެނީ ސިސް އުޅޭހެން މާ އަވަހަށް ހާސްވެގެން.. ވެދާނެއެއްނު ޓްރެފިކްގަ ޖެހުނީ ކަމަށްވެސް” ޝިމާން ހަމަޖެހިލައިފައި ބުންޏެވެ.
“މިހާރު ގާޒީ އައިތާވެސް ދިހަ މިނަޓު ހިނގަ–” ރާހިލްގެ ވާހަކަ މެދުކެނޑުނީ ޝީރީނާއެކު އެތެރެއަށް ވަދެގެން އައި ރިއާން ފެނުމުންނެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ގޮނޑީގައި އިން ރިޔާޒްވެސް އެތެރެއަށް ވަނެވެ.
“ހޫމް؟ މިއަދު އަނެއްކާ ކޮން ވަކީލަކާ ބައްދަލު ކުރަން ޖެހިގެނޯ ލަސްވީ” ބާބެކިޔު އޮތްރޭ ރިއާންބުނި ވާހަކައަށް އިޝާރާތްކޮށް ރާހިލް ބުންޏެވެ.
“ޔޯރ ގަރލްފްރެންޑް ޓުކް މީ ޓު އަ ފްރީކިންގް ސެލޫން އެންޑް ދޭ ޕެމްޕަރޑް މީ ލައިކް އަ ފްރީކިންގް ކެން ޑޯލް” ރިއާން ދަތްކުނޑި ވިކައިލަމުން ބުންޏެވެ. ރާހިލް ބުމަ ގޮށްޖަހައިލަމުން ރިއާންއަށް ބަލައިލިއެވެ. އެއްފަޅިއަކަށް ހިއްލައި ސްޓައިލް ކުރެވިފައިވާ އިސްތަށިގަނޑާއި ރީތިކޮށް ކޮށައިފައިވާ ތުނބުޅީގެ ސަބަބުން ރިއާންގެ މޫނުން ތާޒާކަން ފެންނަން ހުއްޓެވެ.
“ޝައިނާ އަދި އަހަރެންގެ ގަރލްފްރެންޑަކަށް ނުވޭ އިނގޭ..” ރާހިލް ބުނެލިއެވެ.
“އޯ އައިމް ސޮރީ.. ދެ ގަޑިއިރުތެރޭ ވާންއުޅޭ ގަރލްފްރެންޑް” ރިއާން އަތުކުރީގައިވާ ގަޑިއަށް ބަލައިލަމުން ބުންޏެވެ. އެއީ އޭނާ ލައިފައިވާ ސޫޓުގެ ޝާހީކަން އިތުރުކުރުމަށް ސޫޓުގެ ޖީބާއި ގިރުއާނު ގުުޅުވައިދޭ ރިހި ޗޭނުކޮޅާ ގުޅޭނެހެން އަޅައިފައިވާ ރިހި ކުލައިގެ ގަޑިއެކެވެ.
“އަދި ނޭނގެއެއްނު ޔެސް ބުނާނެ ކަމެއްވެސް.. އަހަރެންގެ ދެ ގަޑިއިރު ބާއްވާ.. ރިއާންއަށް ތިއުޅެނީ ބައިގަޑިއިރު ތެރޭ އަންބަކު ލިބެން.. އެހެންވީމަ ބަސްއަހައިގެން މިތާ ތިއްތިކޮށް އިށީނދެލައިގެން އިނދޭ އިނގޭ” ކައިވެނި ކޮންދިނުމަށް ތައްޔާރުކޮށްފައިވާ މޭޒުދޮށުގައި ރިއާން ބައިންދަމުން ރާހިލް ދުރަށްޖެހިލިއެވެ. އޭރު ގާޒީންނާއި ކޯޓުގެ އޮފިޝަލުންގެ އިތުރުން ހެކިވެރިންގެ ގޮތުގައިތިބި ޝިމާންއާއި އާރް.އެލްގެ މުވައްޒަފުވެސް އެތަނުގައި އިށީނދެ އިނެވެ. އެތަނުގައި މަދުވަނީ ޒީވާގެ އިތުރުން ޒީވާގެ ވަލީވެރިޔާއެވެ.
މިނެޓެއްހާއިރުފަހުން ހުޅުވިގެންދިޔަ ދޮރަށް އެންމެންގެ ސަމާލުކަން ހުއްޓުނުއިރު ރިއާންއަށްވެސް އެދިމާ ބަލައިލެވުނީ ޒީވާ ދެކިލުމުގެ އުއްމީދުގައެވެ. ނަމަވެސް ދޮރުން ވަދެގެން އައި މެދުއުމުރުގެ ފިރިހެންމީހާ ފެނި ރިއާންގެ މޫނުމައްޗަށް ހާސްކަން ވެރިވެގެން ދިޔައެވެ. އޭނާގެ ލޮލަށް އެއްވެސް އޮޅުމަކާނުލައި އެއީ ކާކުކަން ދެނެގަނެވުނެވެ. އެހެންކަމުން ވަށައިގެން ހޯދައިލެވުނީ ރާހިލްގެ ހަބަރެއް ބަލައިލުމަށެވެ. ފެންނަ ހިސާބުގައި ރާހިލް ނެތުމުން ކޯޓުގެ އެތެރޭ ޖީބުގައި އޮތް ފޯނު ނެގީ ރާހިލްއަށް މެސެޖުކުރުމުގެ ނިޔަތުގައެވެ. އެކަމަށްޓަކައި ފޯނު ހުޅުވައިލި ވަގުތު ރާހިލް ކޮށްފައިވާ މެސެޖު އޭނާގެ ލޮލުގައި އަޅައިގަތެވެ.
“ޒީ އާއި ރިއާންގެ ހަޔާތުގަ އަންނާނެ އެންމެ މުހިއްމު ވަގުތު މިސްކޮށްލަން ޖެހޭތީ މާފަށް އެދެން. އެކަމަކު އަހަރެން އޭނަގެ މޫނުވެސް ދެކޭކަށް ބޭނުމެއް ނޫން.” ރާހިލްގެ މެސެޖުގައިވިއެވެ. ރިއާން އެ މެސެޖަށް ލައިކެއް ދިނުމަށްފަހު ފޯނު އަލުން ކޯޓުގެ ޖީބަށް ވައްޓައިލިއެވެ. އޭރު އެތަނުގައިހުރި ވާފިޔާ އެމީހާއާ ދައްކަމުންދިޔަ ވާހަކަ ރިއާންއަށް އިވެމުންދިޔައެވެ.
“އަހަރެންނަށް ވަރަށް ރަނގަޅު އަކްރަމް ކުރަންޖެހޭ ކަންތައް ނިމުމަށްފަހު ވީހާވެސް އަވަހަކަށް މިތަނުން ދިޔައިއްޔާ.. މިރެއަަށްފަހު ޒީވާގެ މައްޗަކަށް އަކްރަމްގެ އިތުރު އެއްވެސް ހައްގެއް ނޯންނާނެ. އެހެންނޫނަސް ޒީވާއަކީ އެއްވެސް އިރަކު އަކްރަމްގެ ހަޔާތުގެ ބައެއް ނޫނެއްނު.. އަހަރެން ބޭނުމެއްނޫން ޕާޓީން އަކްރަމް ފެންނާކަށް.. އަކްރަމާހެދި ރާހިލްއަށް ޕާޓީގެ އުފާވެރިކަން ގެއްލުނަކަ ނުދެވޭނެ” ވަފިއްޔާ ބުންޏެވެ. ކައިރީގައިހުރި ނާޝިދު ބަހެއްވެސް ބުނެނުލާ އެ ހުރިހައި ވާހަކައެއް އަޑު އަހަމުންދިޔައެވެ.
“ރާހިލް ކޮބާ؟” އަކުރަމް އަހައިލި އަޑު އިވުނެވެ.
“ރާހިލް ވީތަނެއް ބަލާކަށް އަކުރަމަކަށް ނުޖެހޭނެ.” ވާފިޔާ ބުންޏެވެ. އަކްރަމް އެކަމާ ދެބަސްވާކަށް ނޫޅުނެވެ. ވާފިޔާމެނަށް ބޯ ޖަހައިލުމަށްފަހު އައިސް މޭޒާއި ކައިރިވެލިއެވެ. އަދި އެއްޗެއް ނަގައިގަންނަން އުޅޭ ފަދައަކުން ރިއާންއަށް ބަަލައިލިއެވެ.
“އައްސަލާމް އަލައިކުމް. ރިއާން ރިޔާޒް ލަތީފް” ރިއާން ތެދުވެ އަމިއްލައަށް ތައާރަފުވެލަމުން ސަލާމަށް އަތް ދިއްްކޮލިއެވެ.
“އަލީ އަކުރަމް” ރިއާންއާ ސަލާން ކޮށްލަމުން އަކުރަމް ގޮނޑީގައި އިށީނެވެ. އެއަށްފަހު އެދެމީހުންގެ ދެމެދަށް ވެރިވެގެންދިޔައީ ހިމޭންކަމެވެ. އެހިމޭންކަމުން މާހައުލަށް އައި ނުތަވަސްކަން ފިލައިގެންދިޔައީ އަނެއްކާވެސް އެތަނުގައިތިބި މީހުންގެ ލޯތައް ދޮރާ ދިމާލަށް ހުއްޓުމުންނެވެ. މިފަހަރު ރިއާން އެކަމަކަށް ނުހެއްލުނެވެ. އޭނާ އެއިން ގޮތަށް ފޫހިކަމާއެކު ކުރިއަށް ނަޒަރު ހުއްޓައިލައިގެން އިނެވެ.
“ވާއު މާޝާﷲ..” އެތަނުގައިހުރި ޒީވާގެ ރަހްމަތްތެރި އަންހެންކުއްޖެއްގެ އަޑު އިވި ރިއާން ދޮރާ ދިމާލަށް ބަލައިލިއެވެ. އެވަގުތު އޭނާ ލާންއުޅުނު ނޭވާވެސް ހުއްޓި ވައި ނޮޅީގައި ތާށިވިއެވެ. ވަށައިގެންވި ހުރިހައި މަންޒަރެއް ފުސްވެ ހިނދުކޮޅަކަށް އޭނާގެ ދެލޮލުގެ ފެނުން އެންމެ އިންސާނަކަށްޓަކައި ހާއްސަކުރެވުނުހެން ހީވިއެވެ. ގަޔަށް ހިފައިލެވިފައިވާ ހުދުކުލައިގެ ކައިވެނީގެ ހެދުމުގައިހުރި ޒީވާ ފެނުމާއެކު ހިނދުކޮޅަކަށްވެސް އެހެން ދިމާލަކަށް މޫނުއަނބުރައިލުމަށް އޭނާގެ ނަފްސު އުޒުރުވެރިވިއެވެ.
ފަލަމަސްގަނޑާއި ހިސާބުން ދޫކޮށްލެވިފައިވާ ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލައިލައިގެންހުރި ޒީވާ އައިސް ރިއާންގާތު ހުރި ގޮނޑީގައި އިށީނެވެ. ހަމައެވަގުތު ޒީވާއާއެކު އައި އިޝްވާއާއި ޝައިނާ އަވަސްއަވަހަށް ވެޑިންގް ލޭހުން ހަދައިފައިވާ ބޮޑު ވެއިލް އަކުން ޒީވާގެ އިސްތަށިގަނޑު ފަރުވާތެރިކަމާއެކު ނިވާ ކޮށްދިނެއެވެ. އެ ބޮލުގައި ޖަހައިފައިވާ ރީތި ހުޅިއާއި އެ ހުޅީގައި ހަރުކުރެވިފައިވާ ރިހިކުލައިގެ މާތަކަށް ބުރޫނާރާނެ ފަދައިންނެވެ.
“ތޭންކްސް” ޒީވާ ލުއި ހިނިތުންވުމަކާއެކު އިޝްވާއާއި ޝަޢިނާއަށް ޝުކުރު އަދާކުރިއެވެ. އަދި އެމީހުން ދުރަށް ޖެހިލުމުން ކައިރީގައި އިން ރިއާންއަށް ބަލައިލައި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އިސާހިތަކު ރިއާންގެ ހިތް އަވަސްވެ މީހާ ހާސްވާން ފެށިއެވެ. ޒީވާ ދިން ހިނިތުންވުން ރައްދުކުރަން ބޭނުންވިކަމުގައިވިޔަސް އެކަންވެސް ހަނދާނުން ކައްސައިލިއެވެ. އަވަސްކަމާއެކު ކަރުކެހިލައި ކަރުގައި އޮތް ޓައި ރީތިކޮށްލަމުން ޒީވާއާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. އެމަންޒަރު ފެނި ޒީވާގެ ހިނިތުންވުން ފިލައިދިޔައެވެ. ރިއާންގެ ހިތްހަމަ ނުޖެހުން އޭނާއާ އަމާޒުވިހެން ހީވެ ހިތް މޮޅިވިއެވެ. އެ ނުތަނަވަސްކަން ސިއްރު ކުރުމަށްޓަކައި އިސް ޖަހައިލަމުން އަތުގެ އިނގިލިޔަކާއި ކުޅެން ފެށިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާ ފެނުނު ވަގުތުން ފަށައިގެން ރިއާންގެ ސިކުނޑި މަސައްކަތްކުރުން މަޑުޖެހިލި ކަމެވެ. އޭނާގެ މައުސޫމު ހިނިތުންވުން ރިއާންގެ ހިތުގެ ކަނެއްގައި ކޮށްޓައިލި ކަމެވެ. އަދިވެސް ސިއްރުސިއްރުން ރިއާންއަށް ބެލެމުންދަނީ ޒީވާގެ އިސްޖެހިފައިވާ މޫނަށެވެ. ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން ޖަންބުކުލަ އަރައިފައިވާ ޒީވާގެ ދެ ކޮލާއި، ކަޅުކަންގަަދަވެފައިވާ އެސްފިޔަތަކުން ޒީވާގެ ރީތިކަން އިތުރުކޮށްދީފައިވަނީ ހީވެސް ނުކުރާހާ ފުރިހަމައަށެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ގާޒީ ބިސްމިއަށްފަހު ކައިވެނީގެ ހުތުބާ ފެށި އަޑު އިވުމުން ރިއާންއަށް ހަމަ ބިމަށް އާދެވުނެވެ. އަދި އެކަމަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ.
ކައިވެނިކޮށް ނިމުނުވަގުތު އެތަނުގައި ތިބި އެންމެން އުފާ ފާޅުކުރަން ފެށިއެވެ. ކޮންމެ މިހަކުވެސް އައު ދެމަފިރިން ގާތަށް ޖެހިލައި މަރުހަބާގެ ލަފްޒުތައް އޮއްސަމުންދިޔައެވެ. ނަމަވެސް ޒީވާއާއި ރިއާންގެ މޫނުމަތިން އެތަނަށް ވެރިވިފަދަ އުފާވެރިކަމެއް ނުފެނުނެވެ. އެކަކު އަނެކަކަށް ބަލައިލައި ބަދަލުކޮށްލި ލުއި ހިނިތުންވުން ފިޔަވައި އިތުރު މުއާމަލާތެއް އެ ދޭތެރެއަކު ނުހިނގައެވެ.
ކައިވެނި ކުރުމަށް ހަމަޖެއްސި ކޮޓަރި ދޫކުރުމަށްފަހު ޕާރޓީ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލަށް ހުރިހާ އެންމެން ޖަމާވާން ފެށިއެވެ. އިޝްވާ ބޭނުންވީ އެންމެ ފުރަތަމަ ކަމަކަށް ޒީވާއާއި ރިއާން އެކުގައި ފޮޓޮއެއް ނެގުމަށެވެ. ނަމަވެސް އެކަމަށްޓަކައި މަޑުކުރުމެއްނެތި ރިއާން އެތަނުން ނުކުމެގެން ދިޔައެވެ. އެކަމުން ލިބުނު މާޔޫސްކަން ޒީވާ ފޮރުވައިލީ އެވަގުތު އޭނާ ގާތަށް އައި ޝީރީން ފެނުމުންނެވެ.
“މާޝާﷲ.. އަހަރެންގެ ޅީދަރިފުޅު ހާދަ ރީއްޗޭ.. ވަރަށް ބޮޑަށް މަރުހަބާ” ޝީރީން ހިނިތުންވެލަމުން ޒީވާގެ ދަތްދޮޅީގައި ހިފަހައްޓައިލިއެވެ.
“ޝުކުރިއްޔާ ދައްތާ” ޒީވާ އަދަބުވެރިކަމާއެކު ބުނި ނަމަވެސް އެ ބަސްތައް އިވި ޝީރީންގެ ހިިނިތުންވުން ފިލައިދިޔައެވެ.
“އެނގޭ ރިއާން މަންމައެއްގެ ދަރަޖަ ދޭން ބޭނުން ނުވާ މީހަކަށް ޒީވާވެސް މަންމަ ކިޔާކަށް ނުޖެހޭނެކަން.. އެކަމަކު މިއަދުން ފަށައިގެން ޒީވާއަކީވެސް ހަމަ އަހަރެންގެ ދަރިއެއް. އަހަރުމެންގެ ރިއާންއަކީ ހަގީގަތުގަ ވަރަށް ގޮތްދޫނުކުރާ ކުއްޖެކޭ ބުނެވިދާނެ.. ޒީވާ ހިތްވަރުބކުރާތި.. ކަމެއް ދިމާވިޔަސް މި މަންމަ ހުރިކަން ހަނދާން ބަހައްޓާތި.. ރިއާން ނަޔަސް ދަރިފުޅުވާނެ މަންމަގާތަށް އައިސްލަން..” ޝީރީންގެ ވާހަކައަށް ޒީވާ ބޯ ޖަހައިލިއެވެ.
—————
އަވަސްއަވަހަށް ޖީބުގައި އޮތް ފޯނު ނަގައި ރާހިލްއަށް ގުޅަމުން ނުކުތް ރިއާންގެ މިސްރާބު ހުރީ ލިފްޓާ ދިމާލަށެވެ. އޭނާ އަވަސްވެގަތީ ރާހިލް ހުރި ދިމާލެއް ހޯދުމަށެވެ.
“ހޯލުގަ މިހިރީ…” ރާހިލް ޖަވާބުދިނެވެ. ރިއާން އެންމެ ރަނގަޅޭ ބުނުމަށްފަހު ލިފްޓަށް އަރައި އެ ފްލޯގެ ނަންބަރަށް ފިތައިލިއެވެ. ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވި މާލަމަށް ވަދެވުނު ވަގުތު ރިއާން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އެ މުޅި މާލަން ޖަރީކުރެވިފައިވަނީ ކަޅާއި ރަނުގެ ކުލަތަކުންނެވެ. މާލަމުގެ ވަށައިގެން ކަޅުފޮތި ދަމައި އޭގެ އެކި ހިސާބުތަކުން ރަން އަލިތައްް އަޅުވައިފައިވާއިރު އަތުރައިފައިވާ މޭޒުތަކުގައިވެސް ވަނީ ކަޅުފޮތި އަޅައި ރަންކުލައިން ސްޕްރޭކުރެވިފައިވާ ގުލްދަސްތާތައް ބެހެއްޓިފައެވެ. އެެއްފަރާތެއްގައި ހުރި ހުދު ބެކްޑްރޮޕްވަނީ ރަންކުލައިގެ ޝާހީ ފަރުމާއަކުން ޖަރީކުރެވިފައެވެ. މާލަމުގެ ކަނެއްގައިހުރި ސްޓޭޖްގައި މިއުޒިކް ބޭންޑެއް ތައްޔާރުވަމުންދިޔައިރު ރާހިލް އެތަނުގައި ހުރިތަން ފެނި ރިއާންގޮސް ރާހިލްގެ ކޮނޑުގައި ޖަހައިލިއެވެ.
“ހާދަ އަވަހަށް.. ޒީމެން ނުލާތަ ތި އައީ؟” ރާހިލް އާދައިގެ މަތިން ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމަކުން ރިއާންއަށް އޮޅުވައެއް ނުލެވުނެވެ. ރާހިލްގެ ސިކުނޑީގައި ހިނގަމުންދިޔަ ސުވާލުގެ ޖަވާބުދިނެވެ.
“އޭނަ ހިނގައްޖެ. ކައިވެނިކޮށްދީ ނިމުން އިރަށް ވާފިޔާއްތަ އޭނާ ފޮނުވައިލައިފި” ރިއާން ބުންޏެވެ. ރާހިލް ބޯ ޖަހައިލިއެވެ.
“އަހަރެން އަޑުއެހިން ރާހިލް ކޮބާތޯ ވާފިޔާއްތަކުރެން އެހި އަޑު” ރިއާން ބުންޏެވެ.
“މަންމަ އަހަރެންގެ އެއްވެސް ވާހަކައެއް ދެއްކިތަ؟” ރާހިލް އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
“ދެން އެކަންތައްވެސް އެ ނިމުނީނު.. ސޯ.. ހެލޯ ބްރަދަރ-އިން-ލޯ.. ވެލްކަމް ޓު ދަ ފެމިލީ” ރާހިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ރިއާންގެ ކޮނޑަށް އަތް ވައްޓައިލިއެވެ.
“ސީރިއަސްލީ.. މިއަށްވުރެން އިތުރަށް މިކަން އޮކްވަރޑް ކުރަން ނޫޅޭ” ރާހިލްގެ އަތް ދުރުކޮށްލަމުން ރިއާން ބުންޏެވެ.
“އޯކޭ ބްރަދަރ-އިން-ލޯ” ރާހިލް މަޖާވެލާފައި ބުންޏެވެ.
“އައުޗް. ބްރަދަރ އިން ބްރަދަރ-އިން-ލޯ އަށް ދުރުވީތަ؟” ރިއާން މޭގައި އަތް އަޅައިލަމުން ބުންޏެވެ.
“އަހަހަހަ. ކަމޯން ބްރަދަރ.. ދުރެއް ނުވާނެއްނު.. ޒީމެން އަންނާކަށް ނޫޅޭތަ؟” ރާހިލް އަހައިލިއެވެ.
“މިހާރު ޝައިނާމެންނާ އެއްކޮށް އަންނާނެ ކަންނޭގެ.. މިރެއަށް ހުރިހާ ކަމެއް ހަމަޖެހުނީތަ.. ހިއެއްނުވޭ ޝައިނާ މިރޭ ޒީ ކައިރިން ދުރަށް ގެންދަން ފަސޭހަ ވާނެހެނެއް..” ރިއާން ބުންޏެވެ.
“ތިކަން އަހަރެންނަށް ދޫކޮށްލާ.. ރިއާންގެ ފަރާތުން ހުރިހާ ކަމެއް ހަމަޖެހިއްޖެތަ؟” ރާހިލް އަހައިލިއެވެ.
“ޔެސް.. ނީމް އަންނާނެ ޕާޓީއަށް.. އައިމަ ނީމް އަތުން ތަޅުދަނޑި ހޯދާ..” ރިއާން ބުންޏެވެ. އެވަގުތު ޒީވާއާއި ވާފިޔާ ކުރީގައިހުރެ ގިނަބަޔަކާއެކު މާލަމުގެ ތެރެއަށް ވަދެގަތެވެ. ޝައިނާގެ އިޝާރާތަށް ރިއާންވެސް އެތަނުން ދާން ޖެހުނެވެ.
ރިއާން އާއި ޒީވާ ހުރުމަށްޓަކައި އުސްކޮށް ހަދައިފައިވާ ސިޑިކޮޅުގެ މައްޗަށް އެރުމާއެކު ބޭންޑުން ލުއި ލުއި މިއުޒިކެއް ކުޅެން ފެށިއެވެ. އެއާއެކު ޕާޓީ ފެށުނެވެ. ރިއާންއާއި ޒީވާ ޕާޓީއަށް އައި މެހެމާނުންނަށް މަރުހަބާކިޔުމުގައި މަސްއޫލުވިއެވެ. އެތަނަށް އައި ކޮންމެ މީހަކުވެސް ދިޔައީ އެތަނުގެ ފުރިހަމަކަމާއި ޒުވާން ދެމަފިރިންގެ ޖޯޑަށް ތައުރީފު ކުރަމުންނެވެ. އެ އެންމެންގެ ކަޅި އެ ޖޯޑަށް ހުއްޓެމުންދިޔަ ނަމަވެސް ރާހިލްގެ ކަޅި ހުއްޓިފައިވަނީ ޒީވާއާ މާ ދުރުނޫން ހިސާބެއްގައި އިޝްވާއާއެކު ފޮޓޯ ނަގަން އުޅުނު ޝައިނާއަށެވެ. އޭނާ އެހެން އުޅުމުގެ ތެރޭގައި ޒީވާ ގޮވައިލުމުން ބައެެއް ފަހަރު އަތުގައި އޮތް ކުޑަ ފަންކާއަކުން ޒީވާގެ މޫނަށް ވިހެލައިދޭނެއެވެ. އަނެއްބައިފަހަރު ފެންތައްޓެއް ގެނެސްދޭނެއެެވެ. އަބަދުވެސް އުޅެނީ ޒީވާ ގޮވައިލައިފިނަމަ އަޑު އިވޭ ހިސާބުގައެވެ. އެހެންކަމުން ވަގުތު ކުޑަތަން ވީއިރުވެސް ރާހިލްއަށް ޝައިނާއާ ހިސާބަށް ވާސިލްވެވޭގޮތެއް ނުވިއެވެ. އޭނާގެ މަގުސަދު ހާސިލްވާ ގޮތެއް ނުވިއެވެ. އޭނާއަށް އެ ފުރުސަތު ހުޅުވައިދިނީ ނީމްއެވެ.
“އަދިވެސް ނުދަނީތަ؟ ގުޅާފަ ބުނަންވީދޯ ލަސްކޮށްލާށޭ..” ރާހިލް ގާތަށް ޖެހިލި ނީމް ކަންބޮޑުވެފައި އަހައިލިއެވެ. ރާހިލް ހާސްވެފައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. “އަހަރެން ގުޅާލާފަ ބުނެފާނަ-”
“ނޫން ނޫން. މިހާރު ދެން މި ދަނީ..” ރާހިލް ނީމްގެ ވާހަކަ މެދުކަނޑައިލަމުން ކުރިއަށް ހިނގައިގަތެވެ. އަދި ޝައިނާއާ އަރައިހަމަކޮށްލުމަށްފަހު ކުއްލިއަކަށް ޝައިނާގެ އަތުގައި ހިފައި އެއްފަރާތަކަށް ދަމައިގަތެވެ.
“ރާހިލް.. އަބަދުވެސް ބުނަމެއްނު ކުއްލިއަކަށް ތިކަހަލަ ކަންކަން ނުކުރާށޭ” ޝައިނާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.
“އައިމް ސްޓީލިންގް ތަރޓީ މިންސް އޮފް ޔޯރ ޓައިމް” ރާހިލް ޝައިނާ ގޮވައިގެން މާލަމުގެ ފަހަތުގައިވާ ދޮރާ ދިމާލަށް ހިނގައިގަތެވެ.
“ރާހިލް..އޯ ގޯޑް.. ރާހިލް އަޅެ މަޑުކޮށްބަލަ.. އަޅެ އަހާލުމެއްވެސް ނޯވޭތަ؟” މާލަމުން ނުކުމެވުމާއެކު ޝައިނާ ހާސްވެފައި ރާހިލް ހުއްޓުވަން މަސައްކަތްކުރިއެވެ.
“ކިހިނެއްވީ؟؟ ޝައިނާގެ ވަގުތުން އެންމެ ތިރީސް މިނެޓުވެސް އަހަރެންނަށްޓަކައި ހުސްކޮށް ނުދެވޭނެތަ؟” ރާހިލްގެ އަޑުގައިވި ހިތްހަމަނުޖެހުން ފޮރުވަން މަސައްކަތްކުރިއެވެ.
“ރާހިލް.. ހަމަ ކޮންމެހެން އެއީ މި ތިރީސް މިނަޓަށް ވާން ޖެހޭތަ؟ ބަލާބަލަ މީ ޒީގެ ވެޑިންގެއްނު.. ޒީ އަހަރުމެން ހޯދިއްޔާ އޯ؟ އަޅެ އަހަރެންނާ އެއްވަރަށް ރާހިލްއަށްވެސް ޒީ މުހިއްމެއްނޫންތަ؟” ޝައިނާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ޝައިނާ ޕްލީޒް. އިޝީވެސް އުޅޭނެއްނު.. ހަމަ ޖެހިލަބަ.. އިރުކޮޅަކަށް ހަމަޖެހިލާފަ ޝައިނާގެ ހުރިހާ ސަމާލުކަމެއް އަހަރެންނަށް ދީބަލަ .. ޕްލީޒް؟” ރާހިލް ދެއަތުން ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން އަހައިލިއެވެ. ރާހިލްގެ ދެލޮލުގައިވާ އުއްމީދުގެ ކުލަވަރު ގެއްލުވާލުމުގެ ހިތްވަރެއް ޝައިނާއަކަށް ނުލިބުނެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
“ގުޑް. އާދެބަ އަހަންނާއެކު” ރާހިލް ޝައިނާގެ އަތުގައި ހިފައިގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ.
“ކޮންތާކަށް؟”
“އެންމެ ފަހަރަކުވިޔަސް އަހަރެންނަށް އިތުބާރު ކޮށްބަލަ”
————
ޝަައިނާ ގޮވައިގެން އައި ރާހިލް ކާރު ހުއްޓައިލީ އާރް.އެލް އިމާރާތުގެ ކުރިމައްޗަށެވެ. ޝައިނާ ސުވާލު އުފެދިފައި ރާހިލްއާ ދިމާލަށް ބަލައިލިއެވެ. ރާހިލް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. އަދި މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރުމަށްފަހު ކާރުން ފައިބައިގެން އައިސް ޝައިނާ އިން ފަރާތުގެ ދޮރު ހުޅުވައިލައިދިނެވެ. ޝައިނާ ލައިގެންހުރި ކަޅުކުލައިގެ މަހުމާ ފޮތިން ފަހައިފައިވާ މާމެއިޑް ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލައިލަމުން ކާރުން ފޭބިއެވެ. ޓާރޓްލް ނެކްއެއް ލައިފައިވާ އެ ހެދުމުގެ މޭމަތިން ފެށިގެން ބަނޑާ ހިސާބަށް ރަންރޮދީގެ ފަރުމާއަކުން ޖަރީކުރެވިފައިވާއިރު ހެދުން ޝައިނާގެ ގަޔަށް ހިފައިލައިފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ހެދުމާ ގުޅޭނެހެން އޭނާގެ އިސްތަށިގަނޑު އެކީ އެކައްޗަކަށް އެއްފަރާތަކަށް ގެންގޮސް ކަންފަތް ދޮށުގައި ޖަހާއިފައިވާ ރަންކުލައިގެ ދައްޗަކުން ވަނީ ހިފަހައްޓައިލެވިފައެވެ. އާދައިގެ މަތިން ހަފްލާތަކަށް ބޭނުންކުރާ ކަންފަތުލާ ބޮޑު ބޮޅު ލުއިގޮތަކަށް އެ ކަންފަތުގައި ހެލިލަ ހެލިލާ ހުއްޓެވެ.
“ސިރިއަސްލީ ރާހިލް؟ މިއޮއްފަދަ ރޭވެސް އަހަރެން އޮފީހަށްތަ ތި ގެނައީ؟” ޝައިނާގެ ރީތިކަމަށް ގެއްލިފައި ހުރެވުނު ރާހިލްއަށް ހޭވެރިކަމެއް ވީ ޝައިނާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
“ތި ކުރާ ހުރިހާ ޝަކުވާއަކަށް ކުރީބައިގަ މައާފު ދީފިން” ރާހިލް ޝައިނާއާއެކު އޮފީސް އިމާރާތަށް ވަނުމަށްހުރި ސިޑި ގިރާކޮށްލަމުން ބުންޏެވެ. އަދި އެތަނުގައި ހުރި ސެކިއުރިޓީ ގާޑަށް ބޯ ޖަހައިލުމަށްފަހު އަތުގައި އޮތް ތަޅުދަނޑިން އޮފީހުގެ މައިދޮރު ހުޅުވައިލިއެވެ.
“ދިސް ބެޓަރ ބީ ވޯތް އިޓް” ޝައިނާ ބުންޏެވެ. ފޫހިކަން ދައްކަން މަސައްކަތްކުރި ކަމުގައިވިޔަސް ހަގީގަތުގައި އޭނާ ހުރީ ރާހިލް ކުރަން އުޅޭ ކަމެއް އެނގުމަށްޓަކައި ޝައުގުވެރިވެފައެވެ.
“ރާހިލް… ކީއްކުރަން ތި އުޅެނީ؟” ރިއާންގެ ކެބިން ހުޅުވައިލި ވަގުތު ޝައިނާ ރާހިލް ހުއްޓުވިއެވެ. ރާހިލް އެ ބުނި އެއްޗެއް ދޭހަކުރަން ނޭނގިފައިހުރެ ޝައިނާއަށް ބަލައިލިއެވެ.
“އާރ ޔޫ… ތިއުޅެނީ ވައްކަން ކުރަންތަ؟” ރާހިލް ހުރީ ޝައިނާގެ ވާހަކައާމެދު ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއްޗެކޭ ބުނުމަށްޓަކައި ދެފަހަރަކު އަނގަ ހުޅުވައިލުމަށްފަހުވެސް ލައްޕައިލީ ޝައިނާގެ ސިކުނޑިއަށް އެ ހިޔާލު ވަތް ގޮތަކާމެދުވެސް ސުވާލު އުފައްދަން ނޭނގިގެނެވެ.
“ޝައިނާއަށް އަހަރެން ފެންނަނީ ވަގެއްގެ ސިފައިގަތަ؟ ތިއުޅެނީ މާވަރަކަށް އިންޑިއަން ސީ.އައި.ޑީ ބަލައިގެން” ރާހިލް ހިނިގަނޑު އޮއްބައިލަމުން ބުންޏެވެ. އެއަށްފަހު އޭނާގެ ޖީބުން ހިމަ ފޮތިކޮޅެއް ނެގިއެވެ.
“ޑޫ ޔޫ ޓްރަސްޓް މީ؟” އެފޮތިކޮޅު ޝައިނާގެ ލޮލާ ކައިރިކޮށްލަމުން ރާހިލް އެއްސެވެ. އަދި ޝައިނާ ބޯ ޖަހައިލުމާއެކު އެ ފޮތިކޮޅު ޝައިނާގެ ލޯ މަތީގައި އައްސައިލިއެވެ. އެއަށްފަހު ނުފެންނަކަން ޔަގީން ކުރުމަށްޓަކައި ޝައިނާގެ ލޯމަތިން ދެފަހަރަކު އަތް ހޫރައިލުމަށްފަހު ރިއާންގެ ކެބިން ތެރެއަށް ދެމިގަތެވެ. ދެން އޭނާ އެތަނުން ނުކުތްއިރު އެއްއަތުގައި ރަތް ފިނިފެންމާބޮނޑިއަކާއި ކުޑަ ފޮށްޓެއް އޮތެވެ. ހުސްކޮށް އޮތް އަތުން ޝައިނާގެ އަތްތިލައިގައި ހިފަހައްޓައިލައިގެންހުރެ އޭނާ މިސްރާބުޖެހީ ޓެރަހާ ދިމާލަށެވެ.
“ބަލައިގެން އަރައްޗޭ” ރާހިލް ބުންޏެވެ.
“ސީރިއަސްލީ ރާހިލް؟ ތިއަށްވުރެން މޮޔަ އެއްޗެއް މީހަކަށް ބުނެވޭނެހެން ހިއެއްނުވޭ.. ބަލާށޭ ބުނެފިއެއްނު އަދި ލޯ މަތީގަ ފޮތި އޮޅާފަ” ޝައިނާ ބުންޏެވެ.
“އޯކޭ މަޑު” ރާހިލް ކުއްލިއަކަށް ފަހަތަށް ޖެހިލުމަށްފަހު އެއްއަތުގެ އެހީގައި ޝައިނާގެ އުފުލައިލަމުން ކޮނޑުމައްޗަށް އެއްލިއެވެ. ސިއްސައިގެންދިޔަ ޝައިނާގެ އަޑުން ތޫލި ހަޅޭކެއް ނުކުތެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިފައިވާ ފޮތިކޮޅުވެސް ދޫވެގެން ވެއްޓުނެވެ. އަދި ރާހިލްގެ ބުރަކަށީގައި ދެއަތުން ތަަޅައިގަތެވެ. ރާހިލްގެ އަނެއް އަތުގައި އޮތް މާބޮނޑިއާއި ފޮށި ޝައިނާއަށް ފެނުނެވެ.
“އޯމައިގޯޑް ރާހިލް މޮޔަވީތަ؟ މީ ދެން މީސްމީހުން މާ ދޭ ގަޑިތަ؟” ޝައިނާ ބުންޏެވެ. އޭރު އެމީހުނަށް ތިބެވުނީ އެ އިމާރާތުގެ ޓެރަހުގައެވެ.
ރާހިލް ޝައިނާ ތިރީގައި ބަހައްޓައިލުމާއެކު ޝައިނާ އާޝޯހުވެފައިހުރެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލައިލިއެވެ. މުޅި ޓެރަސް ރަތް އަލިން ދިއްލައިލެވިފައިވާއިރު ރަތްކުލައިގެ ފިނިފެންމާ ވެޔޮގަނޑެއްް އޮޅައިލެވިފައިވާ ގިޑިގެއެއް ޓެރަހުގެ މެދުގައި ބެހެއްޓިފައިވެއެވެ. އޭގެ މެދަށް ވާގޮތަށް ރަތްކުލައިގެ ފޮތިގަނޑެއް އަޅައިފައިވާ ކުޑަކުޑަ މޭޒެއް ބަހައްޓައިފައި ހުއްޓެވެ. އާގަމަވެފައިހުރެ ތަނުގެ ރީތިކަމަށް ބަލަމުންދިޔަ ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ރާހިލްގެނައި މާބޮނޑިއާއި ފޮށި މޭޒުމަތީގައި ބަހައްޓައިލިއެވެ.
“ވާއު.. ރާހިލް ދިސް.. ދިސް އިޒް” ޝައިނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރާހިލް ލަސްފިޔަވަޅުތަކެެއްގަޢި އައިސް ޝައިނާގެ ކުރިމަތީގައި ހުއްޓިލަމުން އެ ދެއަތުގައި ހިފައިލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ.
“އަހަރެންނަށް އެނގޭ.. އަހަރެންގެ ހިތުގަ ޝައިނާއާމެދު އުފެދިފައިވާ އިހުސާސްތައް ޝައިނާއަށް ސިއްރުވެފައެއް ނޯންނާނެކަން.. ޝައިނާ.. އަހަރެން މި ފާއިތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގަ އެ އިހުސާސްތަކުގެ މަތިން ހަނދާން ނައްތާލަން ކުރިހާ މަސައްކަތް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ.. އަހަރެންނަކަށް ޝައިނާ ނެތް މުސްތަގްބަލެއް ހިޔާލެއް ނުކުރެވުނު… އަހަ.. އަހަރެން..” ރާހިލް އަވަސް ނޭވާތަކެއް ލާންފެށިއެވެ.
ޝައިނާ ރާހިލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އަދި ރާހިލްގެ ދެލޮލަށް ބަލައިލަމުން ވާހަކަ ކުރިއަށް ގެންދިޔުމަށް ހިތްވަރުދީ ބޯ ޖަހައިލިއެވެ.
“އަހަރެންނަށް އެނގޭ ޝައިނާއަށް މިވާހަކަ ގަބޫލުކުރަން އުނދަގޫވާނެކަން އެކަމަކު… ދެން ޝައިނާ ނޫން ކުއްޖެއް އަހަރެންގެ ހަޔާތަކަށް ނުގެނެވޭނެ.. އަހަރެން ޝައިނާ ވަރަށް ބޭނުން.. ތި ހިނިތުންވުމާއެކު ތި ސިނގު ރުޅިގަނޑުވެސް އަހަރެން ބޭނުން.. ޝައިނާގެ ދެލޮލުން އޮހޮރޭ ކަރުނަތައް ފިޔަވައި ކޮންމެ އެއްޗަކީ އަހަރެންގެ މިލްކަކަށް ވާން ބޭނުން.. އައި ވޯންޓް އޯލް އޮފް ޔޫ ޝައިނާ.. ޓު ކޯލް ޔޫ މައިން…” އޭނާ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ނިތްކުރީގައި ބޮސްދިނެވެ. އެވަގުތު ޖީބުގައި އޮތް ރާހިލްގެ ފޯނު އެލަރމްވާން ފެށިއެވެ. ރާހިލްއަށް ސިހިފައި ޝައިނާއާ ދުރަށް ޖެހިލެވުނެވެ. އައުވި ދުރު ހަނދާނަކާއެކު ދެމީހުނަށް އެކުގައި ހޭން ފެށުނެވެ.
“އަހަރެން ހީކުރީ އަނެއްކާވެސް ގަޑި ކަމަށް” ޝައިނާ ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ. ރާހިލް ހިނިތުންވެލަމުން އައިވޮޗްގެ ބަދަލުގައި އަތުކުރީގައި އަޅައިފައިވާ ރިހިކުލައިގެ ގަޑި ދައްކައިލިއެވެ. އެއަށްފަހު ޝައިނާގެ އަތުގައި ހިފައިގެން ޓެރަހުގެ ރެއިލިންގާ ގާތްވެލިއެވެ. މާލޭގެ އެންމެ ބޭރަށް ހުންނަ މަގަށް ވާގޮތަށްހުރި އިމާރާތަކަށް ވުމާއެކު އެތަނުގައި ހުންނައިރު ކައިރި ފަޅުގައި އަޅައިފައިވާ އޮޑިދޯނިފަހަރާއި، ކަނޑުގައި އަޅައިފައިވާ ސަފާރީތަކުގެ އަލިތައް ހިތްގައިމު ކަމާއެކު ފެންނަމުން ދިޔައެވެ. ޝައިނާއަށް އާޝޯހުވެފައި އެ މަންޒަރު ބަލަން ހުރެވުނެވެ.
“މިތާނގެ ވިއު ހާދަ ރީއްޗޭދޯ.. މި އޮފީހުގަ 2 އަހަރު ވީ އިރުވެސް އަހަރެން މިތާ މައްޗަކަށް ނާރަން…” ޝައިނާ ބުންޏެވެ.
“ހޫމް.. އެއޮތީ.. އާރްޒއެލްގެ ތިން ސަފާރީ” ރާހިލް ކައިރި ކައިރީގައި އޮތް ތިން ސަފާރި ޝައިނާއަށް ދައްކައިލިއެވެ.
“ހޫމް.. އަހަރެން ދިޔައިން އޮފީސް ކަމަކު.. ވަރަށް ރީތި.. ދުރުން ބަލާއިރުވެސް ވަރަށް ރީތި ދޯ… ރާހިލް… ބަލާބަ ކިހިނެއް އެވަނީ” ކުއްލިއަކަށް ޝައިނާގެ އަޑަށް ހާސްކަން ވެރިވީ އޭނާ ބަލަބަލާ ހުއްޓާ އެ ސަފާރީތަކުގެ އަލިތަށް ނިވެން ފެށުމުންނެވެ. ފަހަރަކު އައްޔެއް ނިވެމުންގޮސް އެކީ އެކައްޗަކަށް ތިން ސަފާރީ ނިވުނުއިރު އެތަނުގައި މިހާރު އެއިން އުޅަނދެއް އޮތް ކަމުގެ ހިލަމެއްވެސް ނެތެވެ.
“ރާހިލް.. ސަމްތިންގް އިޒް ހެޕެނިންގް. ޝުޑް ވީ އިންފޯރމް ރިއާން؟” ޝައިނާ ހާސްވެފައި ރާހިލްއަށް ބަަލައިލިއެވެ.
“ރިލޭކްސް ޑަރލިންގް. ބަލާބަ” ރާހިލްގެ އެދުމަށް ޝައިނާ އަނެއްކާވެސް އެދިމާ ބަލައިލިއެވެ. ކުއްލިއަކަށް އެއްސަފާރީގެ އަލިތަށް އިނގިރޭސި “އައި” އަކުރެއްގެ ބައްޓަމަށް ދިއްލިގެން ދިޔައެވެ. އަދި ދެން އޮތް ސަފާރީގެ އަލިތައް އިނގިރޭސި ޔޫ އަކުރެެއްގެ ބައްޓަމަށް ދިއްލިގެން ދިޔައެވެ. ޝައިނާއަށް ކޮންމެވެސް ވަރަކަށް މި ވަނީ ކިހިނެއްކަން ރޭކައިލުމާއެކު ދެލޯ ބޮޑުކޮށްލަމުން އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ސާފާރީތަކަށް ބަލައިލިއެވެ. އޭނާއަށް ހީވި ހީވުން ޔަގީނަށް ބަދަލުވީ މެދުގައި އޮތް ސަފާރީގެ އަލިތައް ހިތެއްގެ ބައްޓަމަށް ދިލުމުންނެވެ.
“އައި ލަވް ޔޫ” ރާހިލް ފަހަތުން ޝައިނާގެ ގައިގައި ބައްދައިލުމަށްފަހު ޝައިނާގެ ކޮނޑުގައި ބޮސްދިނެވެ.
“އޯމައި ގޯޑް.. ރާހިލް..ޑިޑް ޔޫ.. ޑިޑް ޔޫ ރިއަލީ ޑޫ ދިސް؟” ޝައިނާގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ.
“ޔޫ އަރ ކްރޭޒީ ރާހިލް.. ބަޓް އިޓްސް ސޯ ބިއުޓިފުލް.. ތެންކްޔޫ” ޝައިނާ ރާހިލްގެ ގައިގައި ބައްދައިލިއެވެ. އަދި ހަމަ އެހާމެ އަވަހަށް ރާހިލްގެ ގައިން ދޫކޮށްލިއެވެ. “މަޑުކުރޭ ފޮޓޮއެއް ނަގާލާނަން” ޝައިނާ ހިފައިގެންހުރި ކްލަޗްގެ ތެރެއިން ފޯނު ހޯދައިލަމުން ބުންޏެވެ.
“ވަޓް؟؟ އެހެންވިއްޔާ އަވަސް އަހަރެން ބުނީވެސް އެންމެ ތިރީސް ސުކުންތަ– އެ ނިމުނީ” ރާހިލްގެ ވާހަކަ ނުނިމެންދެން ސަފާރީތަކުގެ އަލިތައް އެއްކޮށް ދިއްލުމާއެކު އޭނާ ބުންޏެވެ.
“ފޮޓޯ ނެގުނުތަ؟” ރާހިލް ޝައިނާގާތު އަހައިލިއެވެ. ޝައިނާ އާނއެކޭ ބުނުމަށްފަހު އޭނާ ފޯނުން ނެގި ފޮޓޯ ރާހިލްއަށް ދައްކައިލިއެވެ.
“ވަރަށް ރީތިދޯ؟” ޝައިނާ ފޮޓޮއަށް ބަަލަންހުރެ ބުންޏެވެ.
“ހްމްމް.. އަހަރެން އަހަން އުޅުނީ-”
“ޔެސް” ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. ރާހިލްއަށް ހުރީ އޭނާއަށް އިވުނު ލަފްޒު ގަބޫލުވެސް ނުކުރެވިފައެވެ. އޭނާ ޖެހިލުންވެފައިހުރެ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ މޫނުގައި ހިފަހައްޓައިލިއެވެ.
“ކީކޭ ތި ބުނީ؟” ރާހިލް އަހައިލިއެވެ.
“މި ބުނީ އަހަރެން ރާހިލްއަށް ފުރުސަތެއް ދީފާނާމޭ.. ރާހިލް އަހަރެންގެ އިތުބާރު ގެއްލުވާނުލާނެ ކަމަށް އަހަރެން އުއްމީދުކުރަން..” ޝައިނާ ބުންޏެވެ.
“ޝައިނާގެ އިތުބާރު ގެއްލޭފަދަ ކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނަން.. އަހަރެންނަށް ވީ ވަރަކުން ޝައިނާ އުފާ ކޮށްދޭނަން.. އަހަރެން ޝައިނާދެކެ ވަރަށް ލޯބިވޭ.. އެންޑް އައި ވިލް މޭކް ޝުއަރ ޔޫ ލަވް މީ ޓޫ” ރާހިލް ބުންޏެވެ. ޝައިނާ ބޯ ޖަހައިލިއެވެ.
“ނަސީބެއްނު” ރާހިލް ބުންޏެވެ.
“ތި ބުނީ؟” ޝައިނާ އަހައިލިއެވެ.
“މިބުނީ ޝައިނާ އާނއެކޭ ބުނިކަން ނަސީބެކޭ.. އެހެންނޫނިއްޔާ އަހަރެން ގެނައި ކޭކުވެސް ވާނީ ބޭކާރެއްނު” ރާހިލް ގޮސް ކުޑަ މޭޒުމަތީގައިހުރި ކޭކު ފޮށިގަނޑުގެ މަތި ނަގަމުން ޝައިނާއަށް ދައްކައިލިއެވެ. އެއީ ރަތްކުލައިގެ ކުދިމާތަކަކުން ހިތެއްގެ ބައްޓަމަށް ހަދައިފައިވާ ކޭކެކެވެ. އެވަގުތު ޝައިނާގެ ފޯނަށް އިޝްވާގެ މެސެޖެއް އައެވެ.
“ރާހިލް.. އިޝްކޮ އެ މެސެޖްކުރީ ޒީ އެބަ ހޯދައޭ ކިޔާފަ.. ދެން ހިނގަދާން.. މިހާރުވެސް މާ ލަސްވެއްޖެ” ޝައިނާ ބުންޏެވެ.
“ދެން އެކަމަކު ކޭކް..” ރާހިލް ދެރަވެލައިފައި ބުންޏެވެ.
“ދެން ފަހުން ކޭކް ކާނީއޭ.. އަން.. މީގަ ހިފާ.. ދެންވެސް އަވަހަށް ހިނގާބަ ދަންޏާ..” ރާހިލްގެ އަތަށް ކޭކުފޮށި ދިނުމަށްފަހު މޭޒުމަތީގައި އޮތް މާބޮޑި ހިފައިގެން ޝައިނާ އެތަނުން ފައިބަން ހިނގައިގަތެވެ. ރާހިލްވެސް ޝައިނާގެ ފަސްފަހަތުން އެތަނުން ފައިބަން ހިނގައިގަތެވެ.
———
ޕާޓީގެ ތެރެއަށް އަތްޖޯޑު ކޮށްލައިގެން ވަތް ރާހިލާއި ޝައިނާފެނި ނާޝިދުގެ ދެބުމަ ގޮށްޖެހުނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާހިލްގެ އުޅުމަށް ފާރަލުމުގެ ތެރެއިން އޭނާއަށް ކުރެވިފައިވި ކުށްހީ ޔަގީނަށް ބަދަލުވެގެން ދިޔައެވެ. ފެނުނު މަންޒަރާމެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެއީ އެވާހަކަ ދެއްކުމަށް އެންމެ މުނާސަބު ވަގުތާއި ތަން ނޫންކަމަށް އޭނާ ދެކުނެވެ. އަދި ކައިރީގައި ހުރި އެކުވެރި އާމިރަށް ބޯ ޖަހައިލުމަށްފަހު ރާހިލްމެންނާ ދިމާލަށް ހިނގައިގަތެވެ. ނާޝިދު އެދިމާލަށް އަންނަތަން ފެނި ޝައިނާ އަވަސްއަވަހަށް ރާހިލްގެ އަތުން ދޫކޮށްލަމުން ދުރަށް ހިނގައިގަތެވެ.
“އާދެބަ ބައްޕައާއެކު” ރާހިލް ގޮވައިގެން ނާޝިދުގޮސް ހުއްޓުނީ އާމިރުމެން ގާތުގައެވެ. ރާހިލްއަށް ވަނީ ކީއްކަން ނޭނގުނު ކަމުގައި ވިޔަސް އާމިރު ފެނުމާއެކު ހިނިތުންވެލިއެވެ.
“މިއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް… އާމިރު.. ދަރިިފުޅަށް ނޭނގުނަސް ކުޑައިރު ދިމާވެފަ ހުންނާނީ އެއްކަލަ ސްކޫލް ޗުއްޓީއަށް ރަޝިޔާއަށް ދިޔަ ފަހަރު… އާމިރު ގެ އަންހެނުންނަކީ ރަޝިޔާ މީހެއް.. އެ އާއިލާއަކީ ރަޝިޔާގައި ހޮސްޕިޓަލް ޗެއިންއެއް ހިންގާ ބައެއް… މިހާރު އާމިރުވެސް އެ ވިޔަފާރީގަ މަސައްކަތް ކުރަނީ.. ދެން މިހިރީ އެލީޝާ.. އާމިރުގެ ދަރިފުޅު” ނާޝިދު ތައާރަފު ކޮށްދިނެވެ.
“ނައިސް މީޓިންގް ޔޫ” ރާހިލް ހިނިތުންވެލަމުން އެލީޝާއަށް ބަަލައިލިއެވެ. ޕާޓީގެ ކުލައާއި ގުޅޭނެހެން އެލީޝާވެސް ލައިފައިހުރީ ކަޅުކުލައިގެ ހެދުމެކެވެ. ކިރިޔާ ބުޑު ނިވާވާވަރުގެ އެ ބާރު ހެދުމުގެ އަތް ހުރީ ދިގުކޮށެވެ. މޫނާއި ފައިން ހާމަވެފައިވާ ހަމުގެ ކުލަ ދޮންކަމުން ހުރީ ހުދު އަރައިފައެވެ. ފެހިކުލައިގެ ވިދުންގަދަ ދެލޮލާއި ކޮނޑަށްވުރެ ތިރިއަށް އޮތް ބްލޯންޑްކުލައިގެ ބުޅި އިސްތަށިގަނޑުން އެކަނިވެސް އޭނާއަކީ ރާއްޖެ ކުއްޖެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނޭކަން ޔަގީނެވެ. ހުތުރު ކުއްޖެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.
“އެލީޝާމެން މިކޮޅުގަ އުޅޭނެ ދެތިން ހަފްތާވަންދެން.. ރާހިލް ވާނެ އެލީޝާ ގޮވައިގެން ތަންތަން ދައްކާލަން ދާން. އެލީގެވެސް އަނެއްހެން ރައްޓެއްސެއް ނުހުންނާނެ މިކޮޅުގައެއް” އާމިރުގެ ވާހަކައަށް ރާހިލް ބޯ ޖަހައިލުމާއެކު އެލީޝާ ހިނިތުންވެލިއެވެ.
ނާޝިދު އާމިރު ގޮވައިގެން ދުރަށް ޖެހިލުމުން ރާހިލްހުރީ އެލީޝާ އެކަނިކޮށްލުމަށްފަހު ދާން ނުކެރިފައެވެ. އެހެންކަމުން އޭނާ އެކުވެރިކަމާއެކު އެލީޝާއާ ވާހަކަ ދައްކަން ފެށިއެވެ. އެ ވަގުތުކޮޅުގެ ތެރޭގައި އޭނާއަށް އެލީޝާއާގުޅޭ އެތައް މައުލޫމާތުތަކެއް ލިބުނެވެ. އާމިރަކީ މުސްލިމެއް ކަމުގައިވިޔަސް އެލީޝާއަކީ އޭނާގެ މަންމައެކޭ އެއްފަދައިން ނަޞާރާއެކެވެ. ކިޔަވަމުންދަނީ ޑަކްޓަރުކަމުގެ ރޮނގުންނެވެ. މިއީ އޭނާ ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. އޭނާ އުޅެން ބޭނުންވަނީ ރަޝިޔާގައެވެ. އެތަނުގައި ޖޯޝުއާ ނަމަކަށް ކިޔާ އޭނާގެ ލޯބިވެރިއެއް ހުރެއެވެ. ނަމަވެސް އޭނާއާއި ޖޯޝުއާގެ ގުޅުމަކީ އާއިލާގެ އެއްވެސް މެންބަރަކު ތާއީދުކުރާ ގުޅުމެއް ނޫނެވެ.
“އަހަރެންގެ ހުރިހާ ވާހަކައެއް ކިޔާދިން އިރުވެސް ރާހިލްގެ އެއްވެސް ވާހަކައެއް ކިޔައެއް ނުދެމެއްނު” އެލީޝާ ބުންޏެވެ. ކުޑައިރުއްސުރެން އޭނާގެ ބައްޕަފަރާތު އާއިލާވެސް އުޅުނީ ރަޝިޔާގައި ކަމަށްވާތީ އޭނާއަށް ވަނީ ފަރިތަކަމާއެކު ދިވެހިބަހުން ވާހަކަދައްކަން ދަސްވެފައެވެ.
“އަހަރެންގެ މާ ހާއްސަކަމެއް ވަކި ނޯންނާނެ.. މަސައްކަތްކުރަނީ ބަައްޕަގެެ ވިޔަފާރީގަ… ރީސަންޓްލީ އިން އަ ރިލޭޝަންޝިޕް.. ދެއަރ އިޒް މައި ގަރލް..” ރާހިލް ދުރުގައިހުރި ޝައިނާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. އެވަގުތު އެދިމާލަށް ބަލަންހުރި ޝައިނާ ކުއްލިއަކަށް މޫނު އަނބުރައިލިތަން ފެނި ރާހިލް ހާސްވިއެވެ. އަދި “އެކްސްކިއުޒް މީ” އޭ ބުނުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. އޭނާހުރީ ޝައިނާއަށް އެލީޝާގެ ސަބަބުން ގޯސް މާނައެއް ނެގިދާނެތީ ހާސްވެފައެވެ.
“ބައްޕަގެ ރައްޓެއްސެއްގެ ދަރިއެކޯ އެއީ.. އެލީޝާ ކިޔަނީ.. އެއްބައި ރަޝިއަން ކުއްޖެއް..” ޝައިނާގެ އެއްވެސް ސުވާލަކާނުލައި ރާހިލް އަމިއްލައަށް ކިޔައިދޭން ފެށިއެވެ. ޝައިނާ އެކަމާ ހިނިއައެވެ.
“ސާބަހޭ.. އަހަރެން ނާހަމެއްނު.. އެހެންނޫނަސްް އަހަރެންނަށް ހެވޭ ރާހިލް ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް.. އަހަރެން ރާހިލްއަށް އިތުބާރު ކުރަން.. އެކަމަކު ބައެއްފަހަރު ހަމަ ހީވަނީ ރާހިލް މިކަމާ ސީރިއަސްބާއޭ.. ދުވަސްކޮޅަކުން އަހަރެން ދޫކޮށްލާނޭ..” ޝައިނާ ތެދުތެދަށް ޖަވާބުދިނެވެ.”ރާހިލް އަހަރެންނަށް ދެރަގޮތެއް ހެދިއްޔާ ދެން ދުވަހަކުވެސް އެހެން ފިރިހެނަކަށް އިތުބާރު ކުރެވޭނެހެނެއް ހިއެއްނުވޭ” އޭނާ ބުންޏެވެ.
“ޝްޝްޝް.. އިރާދަކުރެއްވިއްޔާ ޝައިނާ އެހެން މީހަކަށް އިތުބާރު ކުރާކަށް ނުޖެހޭނެ.. އަހަރެން ޝައިނާއަށް ދެރަގޮތެއް ނަހަދާނަން.. އައި ލަވް ޔޫ.. މިހާރު ތި ވާހަކަދައްކާ ގޮތުން ހީވަނީ ޝައިނާވެސް އަހަރެންނާ ގަޔާވާހެން” ރާހިލް އެއްމިޔަކަނިން ހިނިތުންވެލިއެވެ.
“ސާބަހޭ.. ނުވަންޏާ ކީއްވެތަ ޔެސް އޭ ބުނަންވީ؟ މޮޔަގަނޑު” ޝައިނާ ހިނިތުންވެލިއެވެ. ރާހިލްއަށް އެމީހުން ޕާޓީގެ ތެރޭގައި ތިބީތީ ހިތާހިތުން ޝަކުވާކޮށްލެވުނެވެ. ނޫންނަމަ މިވަގުތު ޝައިނާ އެ އަތުގެ ތެރެއަށް ގެންނަން އޭނާ ހާދަ ބޭނުމެވެ.
ރާހިލް ބަލަހައްޓައިގެން ހުރުމުން ޝައިނާ ލަދުން އިސްޖަހައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. ރާހިލް ލާނެތް ފާޑަކަށް ހިނިތުންވެލަމުން ކައިރީގައިހުރި މޭޒުމަތިން ކޯކުތަށްޓެއް ނަގައި ތުނބުގައި ޖަހައިލި ވަގުތު ފަހަތުންއައި އިޝްވާ އޭނާގެ ކޮނޑުގައި ޖެހިގަތެވެ. އެއާއެކު ރާހިލްގެ ނޯށަށް ކޯކުތަށި ނޭރީ ހަމަ ކިރިޔާއެވެ.
“އިޝްކޮ ކުރާ ކަންތައް” ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
“ދެން އަޅެ ހާދަ ފޫހި ޕާޓީ ގަނޑެކޭ މީ. އެންޓްރެންސެއް ޑާންސެއް އައިޓަމެއްވެސް އޮތީކީ ނޫން ހާދަ ފޫއްސޭ… މިހާ ފޫހި ވެޑިންގަކަށް ދުވަހަކުވެސް ނުދެވޭ” އިޝްވާ ޝަކުވާ ކޮށްލިއެވެ.
“އަހަހަހަ. އެހެނެއްނު ވާނީ.. އެއްކޮޅުން ސިޔާސީ އާއިލާއެއް. އަނެއްކޮޅުން ވިޔަފާރި އާއިލާއެއް. އެހެންވީމާ އަންނަނީ ހުސް ރަސްމީ ބޭކަލުންވިއްޔަ.. ސޯ ވެޑިންގް ކުރިއަށްދާނީ ބްލެކްޓައި އިވެންޓެއް ހެނެއްނު… ހާސްނުވޭ.. އަހަރެންގެ ވެޑިންގް މިހާ ޑަލްއެއް ނުވާނެ” ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
ޕާޓީ ނިމި މެހެމާނުން ދާން ފެށުމާއެކު ޒީވާ ބޭނުންވީ ވީހާވެސް އަވަހަށް ތަނެއްގައި އިށީނދެ ވަރުބަލި ފިލުވައިލުމަށެވެ. އެހެންކަމުން އޭނާ ގޮސް ރާހިލްމެން ތިބި މޭޒުދޮށުގައި އިށީނެވެ.
“އަޅެ ފައިގަ ރިއްސާ އެބަ” ޒީވާގެ އެދުމަށް އިޝްވާ ޒީވާގެ ފައި މަސާޖު ކޮށްދޭން ފެށިއެވެ. ކުއްލިއަކަށް މޭޒުކައިރީގައި އިން ޝައިނާ ހާސްވެފައި ތެދުވިއެވެ. އޭނާ އެދިމާލަށް އައި ރިއާން ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
“ރިއާން.. ބައެއް ފޮޓޯގްރާފަރުން އަދިވެސް ތިރީގަ އެބަތިބި… ހިއެއްނުވޭ އެމީހުންނާ ކުރިމަތިލާން ޒީ އަދި ތައްޔާރުހެނެއްް.. ކީކޭ ބުނަންވީ؟” ޝައިނާ ބުންޏެވެ.
“ބުނޭ މިރޭ ހޮޓެލްގަ މަޑުކުރާނޭ އަހަރުމެން.. ޒީވާ އެހާ އަވަހަށް ޕަބްލިކް ކުރާކަށް އަހަރެންވެސް ބޭނުމެއްނޫން” ރިއާން ބުންޏެވެ. އެކަހަލަ ސާދާ ދިރިއުޅުމެއް އުޅުނު ކުއްޖަކަށް އަދި އެކަންކަމުގައި ވަގުތު ބޭނުންވާނެކަން ރިއާންއަށްވެސް އެނގެއެވެ.
“އެކަމަކު އެމީހުން ގަބޫލު ކުރާނެތަ؟ ހީވަނީ މިހާރު ތި ޓެކްޓިކްތައް އެމީހުންނަށް އެނގޭހެން..” ޝައިނާ ބުންޏެވެ.
“އެހެންވިއްޔާ ހަމަ ހަގީގަތުގައިވެސް މަޑުކުރެވޭނެ ގޮތެއް ހަމަޖައްސާ” ރިއާން ބުންޏެވެ.
“ތިގޮތްވެސް ބަލައިފިން.. ބޭރުންވެސް ޕާޓީއަށް ގިނަބައެއް އައިމައާއެކު މިހޮޓެލްވެސް އެއްކޮށް ފުލްވެފަ” ޝައިނާގެ ޖަވާބުއިވި ރިއާންއަށް ޗޮކެއް ކަނޑައިލެވުނެވެ. އަދިވެސް އެއްފަހަރު ދުރުގައި އިން ޒީވާއަށް ބަލައިލަމުން ޝައިނާއަށް ބޯ ޖަހައިލިއެވެ.
“ދެން އެހެންވިއްޔާ އިތުރުގޮތެއް ނެތް.. ކާރު ސީދާ ދޮރު ކުރިމައްޗަށް ވާގޮތަށް މަޑުކުރޭ.. އަހަރެން ޒީވާ ގޮވައިގެން ދާނަން.. ހަމަ ކުޑަ ސިކުންތުކޮޅެއް ނަގާނީ” ރިއާންގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.
“ހާދަ ވަރުގަދަ ވާހަކައެކޭ ދޯ” ޝައިނާއާއި ރިއާން އައިސް މޭޒުދޮށުގައި އިށީނުމާއެކު ރާހިލް ބުންޏެވެ.
“އަދިވެސް ދާކަށް ނުވޭތަ؟ މިހާރު މަންމަމެންވެސް އެ ދިޔައީ އެއްނު؟ ފޮޓޯ ސެޝަންވެސް ނިމުނީ.. ބޭންޑްވެސް އެ ޕެކް ކުރަނީ.. ދެން ކީއްކުރަން މިތާ މި ތިބެނީ..” ޒީވާ ޝަކުވާ ކޮށްލިއެވެ.
“އަސްލުވެސް.. މިހާރު ނިދިވެސް އެބަ އާދޭ..” އިޝްވާ އާފުރިލަމުން ބުންޏެވެ. އެންމެންގެ އެއްބަސްވުމުގެ މަތިން އެތަން ދޫކޮށް ދާން ނިންމިއެވެ.
“އަހަރެން މިރޭ ގެއަށް ދަންތަ؟ ފަހުން ބަދަލުވާން..” ލިފްޓުން ފޭބުމަށްފަހު ޒީވާ އިޝްވާގާތު އަހައިލިއެވެ.
“ނޫންނޫން. ދެން އެއްވެސް އަހަރެންނެއް ނޯންނާނެ. އިޝީ މިހާރު ދޮންތިގެ އެއްޗެހިވެސް ޕެކް ކޮށްފިން” އިޝްވާ ބުންޏެވެ.
“އެ ތެދެއް އިޝީ ބުނީމަ އަހަރެން ޕާޓީގަ ހުރެފަ ގޮސް ރިއާންގެ ކާރަށް ލަގެޖްވެސް އަރުވައިފިން” ރާހިލް ބުންޏެވެ.
“އަޅެ ތިމީހުން އެހާ އަވަހަށް އަހަރެން ފޮނުވާލަނީތަ؟ ހާދަ ގޯހޭ” ޒީވާ ބުންޏެވެ.
“ބުނަން.. ކޮންމެހެން ކަސޯޓީގަނޑެއް ކުޅެއް އުޅޭނެ ކަމެއް ނެތް.. މިތަނުން ދޭ” ރާހިލް ޒީވާގެ ނިތްކުރީގައި ފުއްޓަތްކެއް ޖަހައިލަމުން ބުންޏެވެ.
“ވަރަށް ގޯސް..” ޒީވާ ތުން ބިންދައިލިއެވެ.
“ރިއާން.. ކާރު އެބައޮތް ބޭރުގަ” ޒީވާގެ ވާހަކަ މެދުކެނޑުނީ އެތަނަށް އައި ޝައިނާ ވާހަކަ ދެއްކުމުންނެވެ.
“އަރ ޔޫ ގޮއިންގް ވިތް މީ؟” ރިއާން ދެ ހިޔާލެއްގައިހުރެ ޒީވާގާތު އެއްސެވެ. ޒީވާ ބޯ ޖަހައިލުމާއެކު ނޭނގޭ ސަބަބަކާހުރެ އޭނާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
“ރިއާންބެ މިރޭ އެހާ އަވަސްއަރުވާ ނުލައްޗޭ.. މައި ޑިއަރ ދޮންތި ވަރަށް ބޭބީވާނެ” އެވަގުތު އިޝްވާ ކޮށްލި ލާނެތް ސަމާސާއާއެކު ރިއާންއަށް ސިހުން ލިބުނެވެ.
“އައި ސްވެއަރ ރާހިލް ދިސް ކިޑް–” ރިއާން އިޝްވާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނީއެވެ. ހޮޓެލްގެ މައި ދޮރު ހުޅުވައިލުމުގެ ކުރިން ރިއާން ޒީވާއަށް ބަލައިލިއެވެ.
“އަހަރެން ބުނީމަ ތަންކޮޅެއް ބާރަށް ހިނގާލާފަ ގޮސް ކާރަށް އަރާ އިނގޭ؟” ރިއާން އަހައިލިއެވެ.
“މި ހެދުމާއެކު؟ އޯކޭ ކޭން ޓްރައި” ޒީވާ ހިނިތުންވެލިއެވެ. ރިއާން ހިތާހިތުން ތިނަކާ ހަމައަށް ގުނައިލުމަށްފަހު ދޮރުހުޅުވައިލުމާއެކު ސުކުންތެއްގެ މަޑުޖެހުމެއްވެސް ނެތި އެދިމާލަށް ކެމެރާތަކުގެ އަލި އެޅެން ފެށިއެވެ. އެ ކެމެރާތަކުގެ ލެންސަށް ޒީވާ ނާރާނެހެން އެދެމެދަށް ހުރަސްވެލަމުން ރިއާން ހަލުވިކަމާއެކު ގޮސް ޒީވާއާއެކު ކާރުގެ ފަހަތަށް އެރިއެވެ. އޭރު ކާރުގެ ބިއްލޫރި ގަނޑުގެ ބޭރުގައި ކެމެރާ ޖައްސައިގެންވެސް ފޮޓޯނެގޭތޯ އެތައް ބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Alheyyy raahil and shai haadha loabieyyy 💞
Raahil is so rom
Sifakurunthakah hama HABEYS🔥
Plz e eleesha gandu fonuvaalahchey Russia ah ,I hate her
I LOVE THIS PART ,ITS PHENOMENAL 😍
Dying to read the next part!!!
Avahah upload kohla dhehchey inge 😊
Ur an EXCELLENT AUTHOR 💓
Luv u always,💌
Ahahaha lets see dhw. Thankyouu sm Jnnn luv u too🥹❤️
, when is the next part?
Now submitted☺️
Heyyy kobaa tha next part. Mihen avas avahah up kohdheefa kulli akah ep lasveema v dhera vey. Varaj eba inthizaaru kuran ingey. Work hard!
Hii. I m soo sorry for the delayy. Insha allah this won’t happen again. Aslu mi week kudakoh bxy koh dhiyaima submit kohlaane time eh nuvee. But now submitted ingeyyy.
Ohh actually im sorry ingey.. I felt, my comment thankolheh rude eyy. Rlly sorry aslu. That won’t happen again ia. I can understand bxy vedhaane kan. 🤗☺️