“އަހަރެން މިތާ ހުންނަން ބޭނުން ނޫނިއްޔާ މިހާރު ބުނޭ ލަޔާ.. ލަޔާ ދާށޭ ބުނެފިއްޔާ އަހަރެން މަޑެއް ނުކުރާނަން.. އެކަމަކު އިރުކޮޅަކުވެސް އަހަރެން މަޑު ކޮށްފިއްޔާ ދެން ނުދެވޭނެ.. ސޯ، ޓެލް މީ ޓު ލީވް ލަޔާ!” ސާހިލް ބުންޏެވެ.
ސާހިލް އެ ބުނި އެއްޗެއް ލަޔާލްއަށް ވިސްނުނެވެ. ދުލުކުރީގައި އޮތް ޖަވާބު ނުދެވި ފަސްޖެހިފައި ލަޔާލްއަށް ހުރެވުނީ ހިތް އެދެމުން ދިޔަ ގޮތާ ދެކޮޅަށް ސިކުނޑިން އިންޒާރު ދޭން ފެށުމުންނެވެ. އެހެން ނަމަވެސް ހިތުން އަންނަމުން ދިޔަ ޖަވާބު އެހެން ހުރިހާ ކަމެއްގެ މައްޗަށް ކުރި ހޯދިއެވެ.
“ސްޓޭ!” އިސް ޖަހާލަމުން ލަޔާލް ޖަވާބު ދިނެވެ.
ސާހިލް އިތުރަށް ސިކުންތެއްވެސް ލަސް ނުކުރިއެވެ. ދެ އަތުން ލަޔާލްގެ މޫނުގެ ދެ ފަރާތުން ހިފާލުމާއެކު ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ. ސާހިލްގެ އަވަސް ހަރަކާތްތަކުގެ ޖަވާބު ލަޔާލްގެ ފަރާތުން ފަސްޖެހުމެއް ނެތި ދެމުން ދިޔައެވެ. އެކަކު އަނެކަކަށް އެދި ހިތް ގޮވަމުން ދިޔަ ގޮވުމުގެ އަޑު ނޫން އަޑެއް އެކަކަށްވެސް ނީވެއެވެ. އަހަރުތަކެއް ދުރުގައި ހޭދަވެފައި ވީ ނަމަވެސް ދެ މީހުންގެ ހަރަކާތްތަކުގައިވެސް ވީ ފަރިތަކަމެވެ. އެހާ ދުވަސް ވީ އިރު އެކަކުގެ ހިތުންވެސް އެ ހަނދާންތައް ކުޑަކޮށްވެސް ފަނޑު ނުވެއެވެ. އެ ގޮތުގައި ހޭދަވީ ކިހާ އިރެއް ކަމެއް އެކަކަށްވެސް ނޭނގެއެވެ. ސާހިލްއަށް ގަޑި ބަލާލެވުނު އިރު ތިނެއް ޖަހަނީއެވެ.
“ދާންވީތަ؟” ސާހިލް ފޯނުން ގަޑި ބަލާލުމުން ލަޔާލް އެހިއެވެ.
“ނޫން. ދާކަށް ނޫޅެން. ލަޔާ ދެން ނިދާލާ” ކުރިއަށް ވުރެ ބޮޑަށް އަތުތެރޭ ލަޔާލް ފިއްތާލަމުން ސާހިލް ބުންޏެވެ.
“ނިންޖެއް ނާދޭ” ލަޔާލް ނިދާކަށް ބޭނުމެއް ނޫނެވެ.
ނިންޖެއް ނާދެޔޭ ބުނި ނަމަވެސް އިރުކޮޅެއްގެ ތެރޭ ލަޔާލްގެ ލޯ މެރުނެވެ. ލަޔާލްގެ މޫނަށް ބަލަން އޮވެ ސާހިލްއަށްވެސް ނިދުނީއެވެ. ފަތިހު އެލާމްގެ އަޑަށް ސާހިލްއަށް ހޭލެވުމާއެކު ލަޔާލްއަށް ހޭނުލެވެނީސް އެލާމް ކަނޑާލަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ލަޔާލްއަށް ހޭލެވުނެވެ.
ލަޔާލްގެ ނިތްކުރިއަށް ބޮސްދީފައި ސާހިލް ތެދުވެގެން ފާހާނާއަށް ވަންނަން ދެން ބަލަން އޮވެފައި ލަޔާލް ތެދުވެ ބުރަކަށި ދަށަށް ބާލީހެއް ލައްވާލަމުން ލެނގިލިއެވެ. އެހެން އިންދަ ސާހިލް ފެންވަރައިގެން ނިކުތުމުން ލަޔާލް ކުއިލްޓާ އެކު ތެދުވެގެން އައިސް، ހޮސްޕިޓަލުން އައި ދުވަހު އެގޭގައި ބޭއްވި ސާހިލްގެ ޓީޝާޓާ ޖީންސް ނަގާފައި ދިނެވެ.
“މިސްކިތަށް ގޮއްސަ ގެއަށް ދާނީ” ތައްޔާރު ވެގެން ނިކުތުމުގެ ކުރިން ސާހިލް ބުންޏެވެ.
ލަޔާލް ބޯ ޖަހާލިއެވެ.
“މެންދުރު އަންނަންތަ؟” ދާން ބޭނުން ނުވެ ހުރެފައި ސާހިލް އަހާލިއެވެ.
ދެންވެސް ލަޔާލް ބޯ ޖަހާލުމުން ސާހިލް ނިކުތެވެ.
ލަޔާލްވެސް ނަމާދަށް ތައްޔާރު ވެގެން ގޮސް ކިޔާންއަށް ގޮވިއެވެ.
މެންދުރު ނަމާދުން ފައިބައިގެން ސާހިލް އައެވެ. އޭރު ލަޔާލް ކާން ހަދާފައި ސާހިލް އަންނާނެ ކަމަށް ބުނެފައި އޮތުމުން މަޑުކޮށްލައިގެން އިނެވެ. ކިޔާންވެސް ހުރީ ސާހިލް އައުމުން އެންމެން އެކުގައި ކާށެވެ. ބައެއް ރޭރޭ ލަޔާލްއާ ކިޔާންއާ އެކު ކެއުމުގައި ސާހިލް ބައިވެރިވި ނަމަވެސް އެ ދުވަހު މެންދުރު ކާން ތިބި އިރު އެއީ އާއިލާއެއް ކަމުގެ އިހުސާސް ލަޔާލްއަށް ފުރަތަމަ ފަހަރަށް ކުރެވުނެވެ.
ކެއުމަށް ފަހު ކިޔާން ބޭސް ކައިގެން ދެކޮޅު ހެދުމެއް ނެތި ޓެބްލެޓް ހިފައިގެން ކޮޓަރިއަށް ވަނީ ސާހިލް ބުނުމުންނެވެ.
“ލަޔާ، އޯކޭތަ؟” ސޯފާގައި އިން ލަޔާލްގެ އަތުގައި ހިފާ ގެނެސް ސާހިލްގެ ކައިރީ ބައިންދާފައި ލަޔާލްގެ މޫނަށް ބަލާލަމުން ސާހިލް އެހިއެވެ. ރޭގައި އެ ދެމެދުގައި ހިނގި އެއްވެސް ކަމަކާ ލަޔާލް ދެރަވާކަށް ސާހިލް ނޭދެއެވެ. އަދި އެއީ ލަޔާލްގެ ނުރުހުމުގައި ވީ ކަމަކަށް ވުމަށްވެސް ސާހިލް ނޭދެއެވެ. ލަޔާލްގެ ދިރިއުޅުމުގެ ބަޔަކަށް ސާހިލް ވާން ބޭނުން ވަނީ ލަޔާލް ހިތުގެ އަޑިން އެދޭ ނަމައެވެ.
ސާހިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ލަޔާލް ބޯ ޖަހާލިއެވެ.
“ލަޔާއާ ކިޔާންގެ ލައިފްގެ ބަޔަކަށް ވުމަކީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ބޭނުން ކަމެއް. އެކަމަކު އެއީ ލަޔާ އެ ގޮތް ބޭނުމިއްޔާ. އަހަންނަށް މާފު ނުކުރެވެންޏާ ލަޔާއަށް އެއްވެސް ގޮތަކަށް ފޯސް ކުރާކަށް ބޭނުމެއް ނޫން. ރޭގަ ވީ ގޮތުން ލަޔާ އެހެން ހީ ނުކުރައްޗޭ. އަހަރެން އަބަދުވެސް މާފަށް އެދޭނަން..” ސާހިލް ކަންބޮޑުވަނީ ލަޔާލްއަށް މަޖުބޫރު ކުރެވެނީއޭ ހީވާތީއެވެ.
“ކިޔާން ވަރަށް ބޭނުން ތިން މީހުން އެކީގަ އުޅެން، އޭނަގެ މަންމައާ ބައްޕަ އޭނައާ އެކީގަ އުޅެން” ލަޔާލް ބުންޏެވެ.
“އެނގޭ. ކިޔާން ވަރަށް ގިނައިން އެހެން ބުނޭ. ކިޔާންއަށް ޓަކާ ކޮންމެ ކަމެއްވެސް އަހަރެން ކުރާނަން. އެކަމަކު ލަޔާލް ރެޑީ ނޫނިއްޔާ އެކަމެއް ނުވާނެ. ލަޔާލް، އައިމް ސޮރީ.. ލަޔާލްއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތް.. އައި ވިލް ރިގްރެޓް ދެޓް ފޯރ ދަ ރެސްޓް އޮފް މައި ލައިފް! އުމުރު ދުވަހު ލަޔާލް ކައިރީ މާފަށް އެދެން ޖެހުނަސް އަހަރެން މާފަށް އެދޭނަން. އައިމް ސޮރީ ލަޔާ.. އައިމް ސޮރީ..” ލަޔާލްގެ މާފު ލިބިގެން ނޫނީ ސާހިލްގެ ހިތަށް ހަމަޖެހުމެއް ނެތެވެ.
“ސާހިލް.. ޕްލީޒް.. ދެން މާފަށް ނޭދޭ.. ކިޔާންގެ އުފަލަށް ވުރެ އެހެން ކަމެއް އަހަންނަށް މުހިންމެއް ނޫން. ކިޔާން އެދެނީ ފުރިހަމަ އާއިލާއަކަށް. އަހަންނަށް އެކަން ކޮށްދެވެން އޮއްވާ ނޫނެކޭ ނުބުނާނަން. ތީ ކިޔާންގެ ބައްޕަ، ކިޔާންގެ ލައިފްގެ އެއްބައި. އެހެން ކަމެއް ނެތިއްޔާ ކިޔާންއަށް ޓަކާ ނަމަވެސް އަހަރެން ސާހިލްއަށް މާފު ކުރާނަން.. ދެން މާފަށް ނޭދޭ.. އެ ދުވަސްތަކުގެ ވާހަކަ ދެން ނުދައްކާ. އައި ފޮރގިވް ޔޫ!” ސާހިލްގެ ދެ އަތްތިލައިގައި ހިފާލަމުން ލަޔާލް ބުންޏެވެ.
“އޯހ ގޯޑް! އަލްޙަމްދުﷲ!” ހިތަށް ލިބުނު ހަމަޖެހުމާއެކު ސާހިލްއަށް ލޯ މަރާލެވުނެވެ. ހީވީ އެގާރަ އަހަރު ވަންދެން އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ޝިފާ ލިބުނު ހެންނެވެ. އެ ހުރިހާ ދުވަސް ވަންދެން ބަންދެއްގައި ހުރެފައި މިނިވަން ވީ ފަދަ އިހުސާސެއް މެއަށް ކުރެވުނެވެ. ލަޔާލްގެ އަތުގައި ހިފާ ގެނެސް ތުންފަތުގައި އެ އަތްތިލަ ޖައްސާލެވުނު އިރު ސާހިލްގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.
“ތެންކް ޔޫ.. އަހަރެން.. އަހަރެން..” ސާހިލްއަށް ވާހަކަ ދެއްކުންވެސް ދަތިވިއެވެ. ލަޔާލްގެ މޫނަށް ބަލާލަމުން، ސާހިލްއަށް ކުރެވެމުން ދިޔަ އިހުސާސް އެ ލޮލުން ބުނެދެވޭތޯ މަސައްކަތް ކުރިއެވެ.
ސާހިލްއަށް ވަމުން ދިޔަ ގޮތް ފެނިފައި ލަޔާލްއަށްވެސް ކެތެއް ނުކުރެވުނެވެ. ދެ އަތުން ސާހިލް ގައިގައި ބައްދާލެވުނު އިރު ލަޔާލްއަށްވެސް ރޮވިއްޖެއެވެ. އެއާއެކު ދެ މީހުން ރޮމުން ދިޔަ އިރު އޮހެމުން ދިޔަ ކަރުނައިން އެގާރަ އަހަރުގެ ޝަކުވާ ދެ ހިތުންވެސް ދޮވެވި ސާފުވެގެން ދިޔައެވެ.
ދެ މީހުންނަށްވެސް ހަމަޖެހިލަން އިރުކޮޅެއް ބޭނުންވިއެވެ. ސާހިލްއަށް ވުރެ ކުރިން ލަޔާލް ދެ އަތުން މޫނު ފޮހެލާފައި ސާހިލްގެ މޫނުވެސް ފޮހެދިނެވެ.
“ދެން ނުދަންތަ؟” ސާހިލްގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ލަޔާލް އެހިއެވެ.
ސާހިލްވެސް ގަޑި ބަލާލިއެވެ. ދޭއް ޖަހަން ކައިރިވެފައި ވީ އިރު ދާން ބޭނުން ނުވި ނަމަވެސް އެ ދުވަހު ނުގޮސް ނުވާނެ ކަން އެނގޭތީ ސާހިލް ތެދުވިއެވެ.
“ދެގަޑި ބައިގަ މީޓިންގްއެއް އޮންނާނެ. ކޮންމެހެންވެސް ދާން ޖެހޭ—” ސާހިލްއަށް އެ ވަރަށް ބުނެވުނު އިރަށް ފޯން ރިންގް ވީ އަޑު އިވުނެވެ. ސާހިލް ބަލާލި އިރު ގުޅަނީ އިރުފާންއެވެ. ބައްދަލުވުމަށް ވަގުތަށް އައުމަށް ހަނދާން ކޮށްދިނުމަށް އިރުފާން ގުޅީ ސާހިލް ކާން ގެއަށް ނުދާތީއެވެ. ސާހިލް ހުރީ ލަޔާލްމެން ގޭގައި ކަން އެނގުމާ އެކު އިތުރު ސުވާލެއް ނުކޮށް އިރުފާން އެ ކޯލް ނިންމާލީއެވެ. އިތުރަށް މަޑު ކުރެވެން ނެތުމުން ކިޔާން ގާތު ބުނެފައި ސާހިލް ދިޔައީއެވެ.
އެ ދުވަހަށް ފަހު ދެ މީހުން ވާހަކަ ދައްކާ ގޮތެއް ނުނިންމި ނަމަވެސް ސާހިލްގެ ގިނަ ވަގުތު ލަޔާލްމެން ގޭގައި ހޭދަ ކުރެވެން ފެށިއެވެ. ފުރަތަމަ އެ ގޭގައި ހޭދަ ކުރި ރޭގެ ފަހުން މުޅި ރޭ އެކީ އެ ގޭގައި ހޭދަ ނުކުރި ނަމަވެސް ސާހިލް ބޭނުން ވަނީ އެ ގޮތެވެ. އެހެން ނަމަވެސް ލަޔާލްއަށް ވަގުތު ދީގެން ސާހިލް ހުރީއެވެ. އެ ރޭގެ ފަހުން އެ ދެމެދުގައި އެފަދަ ގާތްކަމެއްވެސް ނުހިނގައެވެ. ލަޔާލް އަދިވެސް އެ ގުޅުމަށް މުޅިން ރުހުނު ހެން ހި ނުވާތީ ސާހިލް ދުރުގައި ހުންނަނީއެވެ.
މާލެ އައި ފަހުން ދެވަނަ ފަހަރަށް ކިޔާން އެޑްމިޓް ކުރަން ޖެހުނީ ރޯގާ ޖެހިގެންނެވެ. އެއީ އެހެން މީހުންނަށް އާދައިގެ ކަމަކަށް ވިޔަސް ރޯގާގެ ސަބަބުން ކިޔާންގެ ފުއްޕާމޭ އިތުރަށް ބަލިވެއެވެ. އެފަދަ ކަމަކަށް އަބަދުވެސް ތައްޔާރަށް ހުންނަ ލަޔާލް އެ ފަހަރުވެސް ވަގުތުން ކިޔާން ހޮސްޕިޓަލަށް ގެންދިޔައެވެ. ކުރީ ފަހަރެކޭ އެއް ގޮތަށް އެ ފަހަރުވެސް ކިޔާން ރަނގަޅު ވަންދެން ލަޔާލްއާ ސާހިލް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ދިހަ ދުވަސް ވަންދެން ކިޔާން ހޮސްޕިޓަލްގައި އޮތް އިރު އެ ދިހަ ދުވަސް ލަޔާލްއާ ސާހިލް ހޭދަ ކުރީ ނުކައި ނުބޮއެ ނުނިދައެވެ.
ތިން ދުވަސް ވަންދެން އައިސީޔޫގައި ބާއްވާފައި ރޫމްއަށް ބަދަލު ކުރިތާ ހަތް ވަނައަށް ވީ ދުވަހު ހެނދުނު އަށެއް ޖެހިތަނާ ޑޮކްޓަރ އައިސް ބަލާފައި އެ ދުވަހު މެންދުރުފަހު ކިޔާން ދޫކޮށްލާނެ ކަމަށް ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން މާހިރާ އައުމުން ލަޔާލް ގެއަށް ދިޔައީ ކިޔާން އަންނަން ވާ އިރަށް ގޭތެރެ ސާފުކޮށްލާ ހަދާށެވެ. ލަޔާލްއާ އެކު ސާހިލްވެސް އައިސް ލަޔާލްއަށް އެހީވުމަށް އުޅުނެވެ.
ދިހައެއް ޖެހިތަނާ ހުރިހާ ކަމެއް ނިންމާފައި ލަޔާލް ފެންވަރަން ވަނީ މެންދުރު ނަމާދަށް ފަހު ހޮސްޕިޓަލަށް ދާން ބޭނުން ވެގެންނެވެ. ފާހާނާއިން ނިކުމެ އެނދުގައި އޮށޯވެލި އިރު ނިދުމުގެ ޚިޔާލު ނެތް ނަމަވެސް އެ ހުރިހާ ދުވަހުގެ ވަރުބަލިކަމާއެކު ލަޔާލްއަށް ނިދުނީއެވެ.
ގިނަ ދުވަސް ދުވަހު އޮފީހުން އެ ގެއަށް އަންނާތީ ސާހިލްގެ އެއްޗެހި އެ ގޭގައި ހުރުމުން ގެއަށް ދިޔުމުގެ ބަދަލުގައި ސާހިލްވެސް ކިޔާންގެ ކޮޓަރިއަށް ވަދެ ފެންވަރައިގެން ނިކުމެފައި ލަޔާލް ނިކުންނަން ދެން މަޑުކޮށްލީ ސާހިލްގެ އެއްޗެހި ވާނީ ލަޔާލްގެ ކޮޓަރީގައި ކަމަށް ވާތީއެވެ. ނަމަވެސް ލަޔާލް ނުނިކުމެ ލަސް ވާތީ ސާހިލް އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރު ޖަހާލި އިރުވެސް ޖަވާބެއް ނުލިބުމުން ތަޅުގައި ހިފާލި އިރު ތަލު ނުލާ ހުރުމުން ސާހިލް ދޮރު ހުޅުވާލާފައި ވަނެވެ.
ކޮޓަރި ތެރެއަށް ހައެއްކަ ފިޔަވަޅު އަޅާލި ގޮތަށް، އެނދުގައި ނިދިފައި އޮތް ލަޔާލް ފެނިފައި ސާހިލް ހުއްޓުނެވެ. ހަމައެކަނި މެއާ ހަމައިން އޮޅާލާފައި އޮތް ތުވާއްޔާއެކު ނިދިފައި އޮތް އިރު ލަޔާލްގެ ދިގުދިގު ބުޅި އިސްތަށިގަނޑު ބޮލާ ދިމާލުން އެނދުމަތީ ފެތުރިފައި އޮތެވެ. އިރުކޮޅަކަށް ހުއްޓުނުހެން ހީވި ހިތުގެ ތެޅުން އަވަސްވެ ބާރުވެގެން ދިޔަ އިރު ސާހިލްގެ އެއްވެސް ހަރަކާތަކަށް އަމިއްލަ ބާރެއް ނެތް ފަދައެވެ. އެނދުގައި ލަޔާލްގެ މަގަތުން އިށީނދެ އެއްއަތް ހިއްލާލާ ލަޔާލްގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ދުރަށް ޖައްސާލުމާއެކު ސާހިލްއަށް ކުއްލިއަކަށް ހަމަވިސްނުން އައި ފަދައިން ފަހަތަށް ޖެހިލިއެވެ.
ތަނުގައި ހިފާފައިވި އެސީގެ ފިނީގައި ލަޔާލްއަށް ފިނިވާނެތީ ފައިލާ ކޮޅުގައި އޮތް ކުއިލްޓް ނަގާ ލަޔާލްގެ ގައިގައި އަޅާލާފައިވެސް ލަޔާލް އޮތް ގޮތަށް ބާއްވާފައި ދާން ހިތްހަމަނުޖެހިގެން ސާހިލް މަޑުކޮށްލިއެވެ. ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކަށް ދެކޮޅު ހަދަމުން ސާހިލް ލަޔާލްއަށް ގޮވާލިއެވެ. ނަމަވެސް އެ ވަގުތު ލަޔާލް އޮތީ ސާހިލްގެ އަޑު އިވޭ ވަރަށް ވުރެ ގަދަ ނިދީގައެވެ.
ސާހިލް ފުން ނޭވައެއް ލަމުން ލަޔާލްގެ ގައިގައި ހިފާ ކުޑަކޮށް އުފުލާލަން އުޅުނެވެ. ނަމަވެސް އެ ވަގުތު ލަޔާލްއަށް ހޭލެވުނެވެ.
“ކުޑަކޮށް މައްޗަށް ޖެހިލާފަ ކުއިލްޓް އަޅާލަން ވީނު؟ އެހެން ނޫނީ މާ ބޮޑަށް ފިނިވެދާނެ” ސާހިލް އެހެން ބުނެފައި ދުރަށް ޖެހިލަން އުޅުނެވެ. އެހެން ނަމަވެސް އެކަން ހުއްޓުވަމުން ލަޔާލް ސާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
“ލަޔާ..!” ސާހިލް ގޮވާލިއެވެ.
އެއްޗެއް ނުބުނެ ސާހިލްގެ އަތުގައި ހިފާ ދަމާލަމުން ލަޔާލް އެއްފަރާތަށް ޖެހިލިއެވެ. ދެކޮޅު ހެދުމެއް ނެތި ލަޔާލް ކައިރީ ސާހިލް އޮށޯވެ ކުއިލްޓް ނަގާ ދެ މީހުންގެ ގައިގައި އަޅާލިއެވެ. ލަޔާލް ފުރޮޅިލަމުން ތެމިފައި އޮތް ތުވާލި ގަޔާ ވަކިކޮށްލާ އެނދުން ބޭރަށް ވައްޓާލިއެވެ. ސާހިލްވެސް ފަސްޖެހުމެއް ނެތި އެހެން ކަންތައް ކުރިއެވެ. ސާހިލްއާ ދިމާއަށް އެނބުރިލަމުން ލަޔާލް އިސްނެގުމުން ސާހިލްވެސް އިތުރަށް ލަހެއް ނުކުރެއެވެ.
ދެ މީހުންނަށް އެއްފަހަރާ ހޭލެވުނީ ލަޔާލްގެ ފޯން ރިންގް ވުމުންނެވެ. ސައިޑްކަބަޑް މަތީ އޮތް ފޯން ނަގާ ލަޔާލް އަތަށް ދިނީ ސާހިލްއެވެ.
“ކީކޭ ދައްތާ؟” ލަޔާލް ސްކްރީނަށް ބަލާލާފައި ކަންފަތުގައި ފޯން ޖައްސާލިއެވެ.
“ކާ އެއްޗެހި ހިފައިގެން ހޮސްޕިޓަލަށް ދާން ގުޅީމަ ދޮންތަ ބުނި ލަޔާލް ގޭގައޭ ވީ. އެހެންވެ މި ގުޅީ. ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ކާން އަންނަން ވީނު؟ ސާހިލް އުޅެންޏާ ގޮވައިގެން އާދޭ އިނގޭ” ނަސްމާ ބުންޏެވެ.
“އެބަ ދަން” ޖަވާބު ދީފައި ލަޔާލް ފޯން ކަނޑާލާފައި ގަޑި ބަލާލި އިރު އެއްގަޑިބައި ވީއެވެ. ލަޔާލް އަވަހަށް މާހިރާއަށް ގުޅާލިއެވެ.
“ބޮޑުއްތާ، ޑިސްޗާޖް ކުރަން ޑޮކްޓަރ އައިތަ؟” މާހިރާ ފޯން ނެގުމާ އެކު ލަޔާލް އެހިއެވެ. އޭރު އަދި ޑޮކްޓަރުން ނާންނަ ކަމަށް ބުނުމުން ގަޑިއެއްހާ އިރު ތެރޭ ލަޔާލް ދާނެ ކަމަށް ބުނެފައި ފޯން ކަނޑާލިއެވެ.
އެހާ އިރު މަޑުން އޮތް ސާހިލް، ލަޔާލް ފޯން ބޭއްވުމުން ކައިރި ވެލިއެވެ.
“ސާހިލް، ދައްތަ ގުޅާފަ އެ ބުނީ ކާން އަންނަން.. ހިނގާ ދެން..” އެހެން ބުނި ނަމަވެސް ސާހިލްއާ ދުރަށް ދާކަށް ލަޔާލް މަސައްކަތެއް ނުކުރެއެވެ. އެހެން ކަމުން ސާހިލް ކުރިއަށް ދިޔައެވެ.
ފެންވަރާ ނަމާދު ކޮށްގެން ނަސްމާ ކައިރިއަށް ގޮސް ކައިގެން ސާހިލްއާ ލަޔާލްއަށް ހޮސްޕިޓަލަށް ދެވުނު އިރު ތިނެއް ޖަހަނީއެވެ. އެ މީހުންނާ އެކު ނަސްމާވެސް ދިޔައެވެ. ބަންގި ގޮވުމުން ސާހިލް މިސްކިތަށް ގޮސްފައި އައި އިރު އިރުފާންވެސް އައިސް އިނެވެ. ޑޮކްޓަރއާ ނަރުސް ކިޔާން ޑިސްޗާޖް ކުރުމުގެ ހުރިހާ ލިޔުމެއް ދިނުމުން ކިޔާން ގޮވައިގެން ގެއަށް ދެވުނު އިރު އިރު އޮއްސެނީއެވެ.
އެރޭ ސާހިލް ގެއަށް ދާން ބޭނުން ނުވެފައި ވަރަށް ލަސްވީ އިރުވެސް ލަޔާލްމެން ގޭގައި އިނެވެ. ރޭގަނޑު ކައި ނިމުނުތަނާ އައި އާޔާއާ ރިޝްވާންވެސް ގެއަށް ދާން ނިކުތީ ބާރަ ޖެހި ފަހުންނެވެ.
“ސާހިލް.. މިރޭ މަޑު ކުރަންވީނު؟” ދެ މީހުން އެކަނި އިރުކޮޅެއް ދިޔަ ފަހުން ލަޔާލް ބުންޏެވެ.
އެއީ ސާހިލް ބޭނުންވާ ގޮތް ނަމަވެސް ހިތުގައި ސުވާލު އުފެދި ސާހިލްއަށް ލަޔާލްއާ ދިމާއަށް ބަލާލެވުނެވެ.
“ލަޔާ..” ހިތުގައި ވާ ސުވާލު ކުރަން އުޅެފައިވެސް ސާހިލް ފަސްޖެހުނެވެ.
“މި ބުނީ.. ސާހިލްއަށް އުނދަގޫ ނުވަންޏާ.. އޭރުން ކިޔާންވެސް ވަރަށް އުފާ ވާނެ” ލަޔާލް ބުންޏެވެ.
“ތި ބުނީ ލަޔާ ކައިރިއަށް އަހަރެން ޗޭންޖް ވާށޭތަ؟” ލަޔާލްގެ ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ސާހިލް އަހާލީ ސަމާސާ ގޮތަކަށެވެ.
“އަހަންނާ ކިޔާން” އެ ދުވަހު ދެ މީހުން އެކުގައި ހޭދަ ކުރެވުނު ވަގުތުގެ ހަނދާންވެ ލަޔާލްގެ މޫނަށް ރަތްކުލަ އަރައިގެން ދިޔުމުން، އިސްޖަހާލަމުން ލަޔާލް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.








Yesssss!!!
hehe thank u
Salaam ❤️ Scenes from the movie that catch you like a happy life❤️
Yes ❤️ Mashallah story ❤️ Sis story the sed love story ❤️ 💯% good 👍
thank u Zam
omg maarsh haadha molhey… vaahaka kiyamun dhiya iru heevi hurihaakameh kurimathin fenigen dhiyahen.. dhen in bayah inthizaaruga hunaanee kehtherikameh nethi
ehentha, ehen viyya vaahaka rangalhu hen hyvey, thank u Kokila
oh marsha marsha! wow! hama bunaane ehcheh ves neyngifa meeni.. ehaa ves reethi allahumma barik!
pls pls kiyaan maruviya nudhehchey.. I want e family ekkoh happy koh ulhemun vaahaka nimen.. please don’t let kiyaan die :((
waiting for the best part!! keep going love!❤️
thank u Nayaa dear, lets see dho, i also want them to be a happy family with a happy ending
when is next part
inshaAllah tomorrow
kobaa dhen 28 avaskollaa v furihama v salhi
thank u rose, mihaaru hama thi kamuga miulheny