“ތި ބުނީ ލަޔާ ކައިރިއަށް އަހަރެން ޗޭންޖް ވާށޭތަ؟” ލަޔާލްގެ ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ސާހިލް އަހާލީ ސަމާސާ ގޮތަކަށެވެ.
“އަހަންނާ ކިޔާން” އެ ދުވަހު ދެ މީހުން އެކުގައި ހޭދަ ކުރެވުނު ވަގުތުގެ ހަނދާންވެ ލަޔާލްގެ މޫނަށް ރަތްކުލަ އަރައިގެން ދިޔުމުން، އިސްޖަހާލަމުން ލަޔާލް ބުންޏެވެ.
“ޔެސް!” ސާހިލް އެހެން ބުނުމާއެކު އައިސް ދެއަތް މައްޗަށް ލަޔާލް ނަގައިގެން ކޮޓަރިއަށް ވަނެވެ.
ދެން އައި ހަތަރު މަހެއްހާ ދުވަސް އެއީ ކިޔާންއާ އެކު ސާހިލްއާ ލަޔާލްއަށް ހޭދަ ކުރެވުނު އެންމެ އުފާވެރި ދުވަސްތަކެވެ. އެއީ ވަގުތީ އުފަލެއް ކަން އެނގުނު ނަމަވެސް ކިޔާންއަށް ޓަކާ ދެ މީހުންވެސް ހިތްވަރު ކުރަމުން ދިޔައެވެ. އެ ދުވަސްތަކުގައި ލަޔާލްއާ އެކު ސާހިލް ހުރީތީ އެއީ ލަޔާލްއަށް ލިބުނު ހިތްހަމަޖެހުމަކަށް ވިއެވެ. އެކަނިވާ ވަގުތުގައި ދެން ވެދާނެ ގޮތް ހިތަށް އަރާ ކެތް ނުކުރެވި ރޮވޭ އިރު ސާހިލްގެ ފަރާތުން ލޯތްބާ އޯގާތެރިކަން ލިބުން ވީ ކިޔާންގެ ކުރިމަތީ ހިތުގެ ޙާލު ސިއްރު ކުރުމަށް ލަޔާލްއަށް ފަސޭހަވީ ކަމަކަށެވެ. ދެ މީހުންނަށްވެސް އެ ދުވަސްކޮޅު އެކަކު އަނެކަކުގެ އެހީ އިންތިހާއަށް ބޭނުންވިއެވެ.
ލަޔާލްއާ ކިޔާން ކައިރިއަށް ބަދަލުވެފައި މާހިރާއާ އިރުފާންއާ ސާހިލް ވާހަކަ ދެއްކިއެވެ. ސާހިލްއާ އެކު އެ ގެއަށް ދިޔުމުގެ ބަދަލުގައި ލަޔާލް އެދުނީ ލަޔާލްއާ ކިޔާން ކައިރިއަށް ސާހިލް އައުމަށް ކަމަށް ވުމުން، އެހާ ދުވަސް ފަހުން އެ ދެމަފިރިން ގުޅުމަށް އެ މީހުން ހިތުގެ އަޑިން ރުހުނެވެ. ސާހިލްއާ ލަޔާލް އަލުން އެކުގައި އުޅެން ފެށުމުން ދެ އާއިލާގެ އެންމެންވެސް އުފާވިއެވެ. ލަޔާލްގެ ދިރިއުޅުން އަލުން އާބާދު ވީތީ ނާފިޒް އިންތިހާއަށް އުފާވިއެވެ.
މަޑުމަޑުން ކިޔާންގެ ޙާލު ގޯސްވާ ކަން ފާހަގަ ކުރެވެމުން ދިޔަ ވަރަކަށް ކިޔާންއެކޭ އެއްގޮތަށް ލަޔާލްވެސް ބަލިވަމުން ދިޔައެވެ. ކިޔާންއަށް ކާން އުނދަގޫ ވާން ފެށުމުން ލަޔާލްވެސް ކެއުމާ ދުރުވިއެވެ. ދުވަހެއް ދުވަހަކަށް ކިޔާން ގައިގެ ހަކަތަ ދަށްވެ، ތެދުވެ އުޅެވޭ ވަގުތު މަދުވަމުން ދިޔަހެން ލަޔާލްގެ ހުރިހާ ވަގުތެއް ހޭދަ ވަނީ ކިޔާން ކައިރީ އެނދުގައި އޮވެއެވެ. ކިޔާންއަށް ކާން ދިނުމަށް ލަޔާލް ކުރާ މަސައްކަތް، ލަޔާލްއަށް ކާން ދިނުމަށް ސާހިލް ކުރަން ޖެހެއެވެ. އާއިލާގެ ކުރިމަތީ ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް ލަޔާލްއަށް އެކަން ކާމިޔާބެއް ނުވެއެވެ. މުޅި އާއިލާގެ އެއްބާރުލުން ލިބުނު ކަން ވީ ކެތްތެރިކަމާއެކު އެ ހުރިހާ ކަމަކާ ކުރިމަތިލުމަށް ލަޔާލްއަށް ލިބުނު ހިތްވަރަކަށެވެ. ހިތާ ދެކޮޅަށްވެސް ސާހިލްއާ، އަދި އާއިލާގެ އެހެން މީހުން ބުނާ ގޮތް ހަދަން ލަޔާލް މަސައްކަތް ކުރަނީ ކިޔާންއަށް ޓަކައެވެ.
ކިޔާން ހޮސްޕިޓަލަށް ގެންދަން ޖެހުނީ އެއް ދުވަހެއްގެ މެންދުރުއެވެ. އޭރު ސާހިލްއާ އިރުފާން ގޭގައި ތިއްބެވެ. ކިޔާން ގެންދިޔަ ގޮތަށް އިމަރޖެންސީގައި ފަރުވާ ދިނުމަށް ފަހު އެޑްމިޓް ކުރެވުނެވެ. ހަތަރު ވަނަ ދުވަހު ނިދުނު ގޮތަށް ކިޔާން ހެއެއް ނުލައެވެ. ހަފްތާއެއްހާ ދުވަސް ފަހުން، ކިޔާން ކައިރީގައި އިނދެފައި ތެދުވި ތަނުން ލަޔާލް އަނބުރައިގަނެގެން ވެއްޓުނެވެ. ކިޔާންއާ އެކު ލަޔާލްވެސް ސާހިލްއާ ވަކިވެދާނެ ކަމުގެ ބިރު ސާހިލްގެ ހިތުގައި އުފެދި ކުރަމުން ދިޔަ ހިތްވަރު ދޫވެދާނެ ހެން ހީވިއެވެ.
ލަޔާލް އެޑްމިޓްކޮށް ޓެސްޓްތައް ހެދުމުން ލިބުނީ ސާހިލް ހީވެސް ކޮށްފައި ނުވާ ފަދަ ޚަބަރެކެވެ. ރިޕޯޓްތައް ހިފައިގެން ޑޮކްޓަރ އައި އިރު އެނދުގައި އޮތް ލަޔާލްގެ އަތުގައި ހިފާލައިގެން އިން ސާހިލް ކައިރީ މާހިރާއާ ނަސްމާ ތިއްބެވެ.
އަތުގައި އޮތް ފައިލްއަށް ބަލަން ހުރެ ލަޔާލްގެ ޙާލު އޮޅުން ފިލުވައިދެމުން ދިޔަ ޑޮކްޓަރއަށްވެސް އިރުކޮޅަކަށް މަޑު ކޮށްލެވުނީ ކިޔާންގެ ކޭސްއާ ބެހޭ ގޮތުން އެނގޭތީއެވެ.
“ޝީ އިޒް ޕްރެގްނަންޓް! ތި ފެމިލީގެ ޙާލަތު އަޅުގަނޑަށް އެނގޭ. ލަޔާލްއަށް ރެސްޓް ބޭނުންވޭ، ސްޓްރެސް އާ ދުރުގަ ހުރުންވެސް މުހިންމު، އެކަމަކު މި ސިޗުއޭޝަންގަ އެހެން ނުވާނެ ކަން އަޅުގަނޑަށް ވިސްނޭ، އެހެން ވިޔަސް ޕްލީޒް ޓްރައި” ޑޮކްޓަރ އެހެން ބުނެފައި މާހިރާގެ ކޮނޑުގައި އަތް ޖައްސާލާ ހިނިތުންވުމެއް ދީފައި ދިޔައެވެ.
ލަޔާލްއާ ދިމާއަށް ބަލަން އިން ސާހިލް އެ ވަގުތު އެނބުރިފައި މާހިރާގެ ބަނޑާ ދިމާލުން ބޯ ޖައްސާ އެއް އަތުން ބައްދާލިއެވެ.
“ސާހިލް، ދަރިފުޅު ހިތްވަރު ކުރަން ވާނެ. އެހެން ނޫނީ ލަޔާލްއަށް ކިހިނެއް ވާނީ؟” ސާހިލްގެ ބޮލުގައި ފިރުމަމުން ދިޔަ މާހިރާގެ ލޮލުންވެސް ކަރުނަ އައެވެ.
“މަންމާ، ލަޔާއަށް އެހެން ކަމަކާ ވިސްނޭނެތަ މިހާރު؟ އޭނައަށް ރެސްޓް ކުރެވޭނެތަ؟ ސްޓްރެސް ނުވާނެ ގޮތެއް ބުނެބަލަ.. ދުނިޔޭގަ ހުރި ދަރިފުޅުގެ ފުރާނައަށް ޓަކާ ހިތްވަރު ނުކުރެވުނު އިރު އަދި ދުނިޔެއަށް ނުވެސް އަންނަ ދަރިފުޅަށް ޓަކާ ކިހިނެއް…” ސާހިލްއަށް ފުރިހަމައެއް ނުކުރެވުނެވެ.
ކައިރީގައި ހުރި ނަސްމާގެ ލޯވެސް ފުރިގެން އައެވެ. ސާހިލްގެ ބުރަކަށީގައި ފިރުމާލި އިރު ނަސްމާގެ ނަޒަރު ހުރީ އެނދުގައި އޮތް ލަޔާލްއަށެވެ. ނަސްމާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ލަޔާލް ކުރަމުން އެދާ ހިތާމައިގެ ފެށުމަކީ ނަސްމާއެވެ. މަސީހާ ނިޔާ ވުމަށް ފަހު އަހަރެއްހާ ދުވަސް ފަހުން ނާފިޒް ނަސްމާއާ ކައިވެނި ކުރި އެންމެ ބޮޑު ސަބަބަކީ ލަޔާލްއެވެ. ނާފިޒްގެ އެންމެ ބޮޑު އެދުމަކަށް ވީ ލަޔާލްއަށް މަންމައެއްގެ ލޯބި އުނި ނުވުމެވެ. ނަމަވެސް ނާފިޒްގެ ހިތް ލަޔާލްއާ މެދު ގޯސް ކުރުވި މީހަކީ ނަސްމާއެވެ. ނާފިޒް ކޮންމެ ކަމެއްގައި ނަސްމާއަށް ވުރެ ލަޔާލް އިސްކުރަމުން އައިތީ ނަސްމާއަށް އެކަން ބަލައިގަންނަން ނުރުހެވުނީއެވެ. ނާފިޒް، މުހައިމިން އަދި އާސިމާއަށް ޝައްކެއް ނުވާނެހެން އެންމެންގެ ނަޒަރުގައި ލަޔާލްއަކީ ބަސްނާހާ، ނަސްމާ ބުނާ ގޮތް ނުހަދާ ކުއްޖެއް ގޮތުގައި އެންމެންގެ ކުރިމަތީ ދައްކަމުން އައި އިރު، ނަސްމާގެ ވާހަކަ ގަބޫލު ނުކުރެވުނީ މާހިރާއަށެވެ.
އޭރު ނާފިޒްގެ ހިތް ލަޔާލްއާ މެދު ގޯސް ނުކުރެވުނު ނަމަ، ސާހިލްއާ ކައިވެނިކޮށް ލަޔާލް ބަލިވެ އިނުމުން ސާހިލް ކަންތައް ކުރި ގޮތަށް ފަހު ނާފިޒް ލަޔާލް ދޫކޮށްނުލީހެވެ. ބައްޕަގެ ފަރާތުން ލަޔާލްއަށް ލޯތްބާ ރައްކާތެރިކަމާ އެހީތެރިކަމާ ހިމާޔަތް ލިބުނީހެވެ. ކިޔާން އުފަން ވީއްސުރެ އެކަނިމާ އެކަނި އެ ހުރިހާ ހިތާމައެއް އުފުލަން ލަޔާލްއަށް ނުޖެހުނީހެވެ. ލަޔާލްއާ މެދު ނޭދެވޭ ވާހަކަތަކެއް އާއިލާ ތެރޭގައި ނަސްމާ ނުފެތުރި ނަމަ ލަޔާލްގެ ބަހަށް އިތުބާރު ކުރަން ސާހިލްއަށްވެސް އެހާ އުނދަގޫ ނުވީހެވެ.
ކުރެވުނު ކުށް ނަސްމާއަށް އިހުސާސް ކުރެވުނީ ސާހިލްއާ ލަޔާލްގެ މެދުގައި މައްސަލަ ޖެހުމަށް ފަހު ގެއަށް އައުމުން، ނާފިޒްވެސް ލަޔާލްއާ ދެކޮޅު ވީ ހިސާބުންނެވެ. ކުރިން ވީ ހުރިހާ ކަމަކަށް ފަހުވެސް އެ ދުވަހު ނާފިޒް ލަޔާލްގެ ބަހަށް އިތުބާރު ނުކޮށް ސާހިލްއާ އެއްކޮޅަށް ހުރުން ވީ ނަސްމާއަށް ކުރެވުނު ކުށް ގަބޫލު ކުރަން މެދުވެރިވި ސަބަބަށެވެ.
ލަޔާލްއާ މެދު ނާފިޒްގެ ވިސްނުން ބަދަލު ކުރުމަށް ނަސްމާ އެ ދުވަހުގެ ފަހުން ވަރަށް މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ވީ ކިޔާންގެ ކަންތައް އެނގުނު ހިސާބުންނެވެ.
ލަޔާލްއަށް ބަލަން ހުރި ނަސްމާގެ ހިތަށް އެ ހުރިހާ އެއްޗެއް އަރަމުން ދިޔަ އިރު، އަމިއްލަ ބަނޑުން އުފަން ނުކުރި ނަމަވެސް އެއީ ހަމަ ނަސްމާގެ ދަރިއެކޭ ހިތަށް އަރަމުން ދިޔައެވެ. މިއަދު އާޔާ އެކޭ އެއްފަދައިން ލަޔާލް ދެކެ ނަސްމާ ލޯބިވެއެވެ. ލަޔާލް ކުރަމުން ދާ ހިތާމައިން ނަސްމާގެ ހިތްވެސް ކުދިކުދި ވަމުންދާ ފަދައެވެ.
ލަޔާލްއަށް ލޯ ހުޅުވާލެވުނު އިރު ނަސްމާއާ މާހިރާއާ ސާހިލް ތިބި ގޮތުން ފުރަތަމަވެސް ހިތަށް އައީ ކިޔާންގެ ނަމެވެ. ތިން މީހުން އެއްފަހަރާ ބަލާލި ގޮތުން ލަޔާލްއަށް ކިޔާންގެ ނަން ބާރަށް ކިޔުނު ކަން އިހުސާސް ކުރެވުނެވެ. އޭރު އެ މީހުން ކައިރީ ރާއިދާވެސް ހުއްޓެވެ.
“ސާހިލް، ކިޔާން.. ކިޔާން ކޮބާ..؟ ކިޔާން ކޮބާ..؟” އެނދުން ތެދުވަން މަސައްކަތް ކުރަމުން ލަޔާލް އަވަސް އަވަހަށް އެހިއެވެ.
“ދަރިފުޅު އިހަށް އޮށޯވެބަލަ.. ކިޔާން އަދި އަމަ އެހެން.. ލަޔާލް، ދަރިފުޅު..” މޫނު މައްޗަށް އަނދިރި ވުމުން އިރުކޮޅަކަށް މަޑުކޮށްލާފައި އަނެއްކާވެސް ތެދުވަން އުޅުނު ލަޔާލްގެ ކޮނޑުގައި މާހިރާ ހިފެހެއްޓިއެވެ.
“ބޮޑުއްތާ.. ކިޔާން..” އެނބުރުން އަރައިގެން ދިޔުމާއެކު އެއްފަރާތަކަށް ދިޔަ ލަޔާލްއަށް ނިތްކުރިމަތީ އެއް އަތް ޖައްސާލެވުނެވެ.
“ލަޔާ.. ތަންކޮޅެއް މަޑުން. ކިޔާންއަކަށް ބަދަލެއް ނާދޭ. ކިޔާން ކައިރިއަށް ދާން ބޭނުމިއްޔާ ލަޔާ ފުރަތަމަ ޖެހޭނީ ތެދުވެވޭ ވަރު ކުރާކަށްނު؟ ތި އުޅެނީ ރަނގަޅަށް އިށީނދެނުލެވިގެން. ހަމަ ޖެހިލެވުނީމަ ދެވޭނެއޭ” ލަޔާލްގެ ދެ ކޮނޑުގައި ހިފާލަމުން ސާހިލް ބުންޏެވެ.
“އަހަރެން.. އޭރު ކިޔާން ކައިރީ އިނދެފަ.. ކިހިނެއްވީ؟” ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނު ލަޔާލް ކަންތައް ވީ ގޮތް ހަނދާންވިއެވެ. އަތަށް ގުޅާފައި އިން އައިވީއަށް ބަލާލާފައި ލަޔާލް އަހާލިއެވެ.
“ލަޔާލް ފެއިންޓް ވީ. މާ ބޮޑަށް ވީކް ވީ. އެހެންވެ އައިވީ ގުޅަން ޖެހުނީ” ރާއިދާ ބުންޏެވެ.
“ރާއި ޕްލީޒް، އިރުކޮޅަކަށް ވިޔަސް އަހަންނަށް ކިޔާން ކައިރިއަށް ދެވިދާނެތަ؟” ރާއިދާއަށް ބަލާލަމުން ލަޔާޅް އެދުނެވެ.
“އައިވީ ހުސްވީމަ ގެންގޮސްދޭނަން. އެކަމަކު އޭގެ ކުރިން ލަޔާލް ކޮންމެވެސް އެއްޗެއް ކާލަން އެބަ ޖެހޭ” ރާއިދާ އެހެން ބުނެފައި ނަސްމާއަށް އިޝާރާތް ކޮށްލިއެވެ.
ޖޫސްތައްޓަކާ ސޭންޑްވިޗްއެއް ލާފައި އިން ތަބަކެއް ހިފައިގެން އައިސް ނަސްމާ ލަޔާލް ކައިރީ އިށީނދެ ސޭންޑްވިޗް ނަގާ ލަޔާލްގެ އަނގަޔާ ކައިރި ކޮށްލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި ލަޔާލް އެތިކޮޅެއް ކާލިއެވެ. ހިތްވަރު ކުރި ނަމަވެސް ލަޔާލްއަށް ކެވުނީ އެއްބައެވެ. ޖޫސްތަށިންވެސް ކުޑަ އެތިފޮދެއް ބޯލުމަށް ފަހު ލަޔާލް ބަލާލީ ރާއިދާއަށެވެ.
“އަދި ކުޑަ އިރުކޮޅެއް އިނގޭ. ފަނަރަ ވަރަކަށް މިނަޓް ތެރޭ އައިވީ ހުސްވާނެ” ކުޑަ ކުއްޖަކާ ވާހަކަ ދައްކާ ހެން ރާއިދާ ބުންޏެވެ.
އައިވީ ހުސްވުމުން ނަރުހާ އެކު ޑޮކްޓަރ އައެވެ. އައިވީ ނައްޓާލާފައި ޑޮކްޓަރ އެއްޗެއް ބުނަން އުޅުމުން އެ ވަގުތު ލަޔާލްގެ ކުރިމަތީ ވާހަކަ ދައްކަން ބޭނުން ނުވާތީ ޑޮކްޓަރއާއެކު ސާހިލް ބޭރަށް ނިކުތެވެ. އެ މީހުންގެ ފަހަތުން ރާއިދާވެސް ދިޔައެވެ.
“ބޮޑުއްތާ، ދައްތާ.. ކަމެއް ވީތަ؟ ޕްލީޒް ބުނެބަލަ..” ލަޔާލް މާހިރާއާ ނަސްމާގެ އަތުގައި ހިފާލިއެވެ.
“ކަމެއް ނުވެޔޭ، ދަރިފުޅު ހަމަޖެހިބަލަ” ލަޔާލްގެ ބޮލުގައި ފިރުމާލަމުން މާހިރާ ބުންޏެވެ.
ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި ލަޔާލް ހިމޭންވެ ސާހިލްގެ އިންތިޒާރުގައި އޮތެވެ. ފަސް ވަރަކަށް މިނަޓް ފަހުން ސާހިލް އައެވެ.
“މަންމަމެން އިހަށް ބޭރުގަ މަޑުކޮށްލަން ވީނު؟” ސާހިލް އައިސްފައި މާހިރާއަށް ބުންޏެވެ. ދެބަސްވުމެއް ނެތި ނަސްމާއާ މާހިރާ ނިކުތެވެ.
“ސާހިލް..” އެނދުގެ ވަށައިގެން ހުރި ފޮތިގަނޑު ދަމާލާފައި ސާހިލް އައިސް ކައިރީގައި އިށީނުމާއެކު ލަޔާލް ގޮވާލިއެވެ.
ލަޔާލްގެ މޫނުގައި ދެފަރާތުން ހިފާ ކައިރިވެލާ ނިތްކުރީގައި ބޮސްދިން ގޮތަށް ސާހިލް ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ.
“ލަޔާ.. ޔޫ އާރ ޕްރެގްނަންޓް!” ކުޑަކޮށް ދުރަށް ޖެހިލާ ލަޔާލްގެ ދެ އަތްތިލައިގައި ހިފާ ގެނެސް ތުންފަތުގައި ޖައްސާލަމުން ސާހިލް ބުންޏެވެ.
ބަހެއް ނުބުނެވިފައި އިން ލަޔާލްގެ ދެލޯ ފެންކަޅިވެގެން ދިޔަ ގޮތަށް ކޯމައްޗަށް ކަރުނަތައް އޮހެން ފެށިއެވެ. ދެ އަތުން ސާހިލްގެ ކަރުގައި ބައްދާލުމާއެކު ލަޔާލްއަށް ރޮވެން ފެށިއެވެ. ސާހިލް އެކޭ އެއް ގޮތަށް އެ ޚަބަރުން ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ލަޔާލްއަކަށްވެސް ނުވިސްނުނެވެ.
ލަޔާލް ގައިގައި ބައްދާލައިގެން އިން އިރު ސާހިލްގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. ލަޔާލް ގާތު ހުއްޓާލުމަށް ބުނާނެ ހިތްވަރުވެސް ސާހިލްގެ ކިބައިގައި ނެތް ކަހަލައެވެ. ލަޔާލް ހިތްހަމަޖެހޭ ވަރަށް ރޯލުމަށް ދޫކޮށްލައިގެން ބުރަކަށީގައި ފިރުމާލަ ފިރުމާލާ ސާހިލް އިނީއެވެ.
“ހިނގާ ކިޔާން ކައިރިއަށް” އެތައް އިރެއް ފަހުން ދުރަށް ޖެހިލާ ދެއަތުން މޫނު ފޮހެލާފައި ލަޔާލް އެދުނެވެ.
ޑޮކްޓަރގެ ހުއްދައާ އެކު ކިޔާން ކައިރިއަށް ލަޔާލް ދިޔައެވެ. ކިޔާންގެ ޙާލަތަށް ބަދަލެއް ނާދެއެވެ. ވަގުތީ ފަރުވާއަށް ފަހު ލަޔާލް ދޫކޮށްލި ނަމަވެސް ސާހިލްއާ މާހިރާ އަދި ނަސްމާއަށް ޑޮކްޓަރ އިރުޝާދު ދީފައި ވަނީ ގަދަ ކަމުން ވިޔަސް ލަޔާލްއަށް ގަޑިން ގަޑިއަށް، ކިތަންމެ ކުޑަކޮށް ނަމަވެސް ކާ އެއްޗެއް ދިނުމަށެވެ. އަދި އިރުއިރުކޮޅާ ކޮންމެވެސް ބުއިމެއް ދިނުމަށެވެ. އަދި އޭގެ އިތުރުން ލަޔާލްގެ ހަށިގަނޑާ ސިކުނޑިއަށްވެސް އަރާމު ބޭނުން ކަމުގައި ބުނެފައިވެއެވެ.
ނަމަވެސް ލަޔާލްއަށް ކާ އެއްޗެއް ދިނުން ވީ އުނދަގޫ ކަމަކަށެވެ. އިރުއިރުކޮޅާ ޖޫސްފޮދެއް ބޯލި ނަމަވެސް ލަޔާލްއަށް ކާ އެއްޗެއް ނުކެވެއެވެ. ގަދަ ކަމުން ހަފާފައި ފެންފޮދަކާ އެކީ ދިރުވާލި ނަމަވެސް ބަނޑުގައި އެއްޗެއް ހަރުލާ ގޮތެއް ނުވެއެވެ. ކިޔާން ހޮސްޕިޓަލުގައި އޮންނަތާ މަހެއް ވީ އިރު ހަތަރު ފަހަރަށް ލަޔާލް އެޑްމިޓް ކުރަން ޖެހުނެވެ. އެންމެ ފަހުން އެޑްމިޓް ކުރަން ޖެހުނު ފަހަރު ލަޔާލް ދޫކޮށްލާކަށް ޑޮކްޓަރުން އެއްބަހެއް ނުވިއެވެ. ވަރުދެރަ ވެގެން ގޮސް އަމިއްލައަށް ކޮޅަށް ނުހުރެވޭ ވަރު ވުމުން އެޑްމިޓް ކޮށްފައި އައިވީއެއް ހުސްވާން ވާ އިރަށް ލަޔާލް އެދުނީ ކިޔާން ކައިރިއަށް ދިޔުމަށެވެ.
ނަމަވެސް އެ ފަހަރު ޑޮކްޓަރވެސް ގޮތްދުލެއް ނުކުރިއެވެ. ކިޔާންއާ ބައްދަލު ކުރެވޭނީ އެޑްމިޓް ވެގެން ކަމުގައި ބުނުމުން އެންމެ ފަހުން ލަޔާލް އެއްބަސްވިއެވެ. ސާހިލްގެ ހުރިހާ ވަގުތެއް ހޭދަވަނީ ހޮސްޕިޓަލުގައެވެ. ސާހިލްގެ އިތުރުން އާއިލާގެ ކޮންމެވެސް މީހަކު އަބަދުވެސް ލަޔާލް ކައިރީ މަޑު ކުރެއެވެ.
ލަމްހާ ވިހަން ވާ އިރަށް ލަންކާ ގޮސް ތިބި ލީޝާއާ ނީޒާ މާލެއަށް އައީ ލަމްހާ ވިހޭތާ މަހެއް ވުމުންނެވެ. މާލެ އައި ގޮތަށް ލީޝާއާ ނީޒާ ހޮސްޕިޓަލަށް އައެވެ. ލަޔާލް ފެނުމުން ނީޒާގެ ލޮލުން ކަރުނަ އައެވެ. ލަޔާލްއަށް ހިތްވަރު ދިނުމަށް މަސައްކަތް ކުރަމުން ދިޔަ އިރު ނީޒާއާ ލީޝާ ތިބީ ރޮވިފައެވެ.
ކިޔާން ނިޔާވީ ހޮސްޕިޓަލުގައި އެޑްމިޓް ކުރިތާ އެއް މަހާ ތިން ވަނަ ދުވަހުގެ ހެނދުނު އިރު އެރި ވަގުތެވެ. އެންމެން ލަޔާލްއާ މެދު ކަންބޮޑުވެފައި ތިބި ނަމަވެސް ހީކުރި ގޮތާ ޚިލާފަށް އެ ދުވަހު ލަޔާލްއަށް ވުރެ ސާހިލްގެ ޙާލު ދެރަވިއެވެ. އެންމެ ފަހު ވަގުތު ކިޔާން ކައިރީ ތިބީ ސާހިލްއާ ލަޔާލްއާ މާހިރާއެވެ.
ކިޔާންގެ ފަހު ނޭވަޔާއެކު އެ ހުރިހާ ދުވަހު ސާހިލް ކުރަމުން އައި ހިތްވަރު މުޅިން ދޫވިއެވެ. މާހިރާ ގައިގައި ބައްދާލައިގެން ހުރެ ބާރަށް ރޮމުން ދިޔަ ސާހިލް ހިފަހައްޓާނުލެވިގެން މާހިރާ ޖެހުނީ އިރުފާންއަށް ގޮވާށެވެ. ކިޔާންގެ އަތުގައި ހިފަހައްޓާލައިގެން ގޮނޑީގައި އިން ގޮތަށް، ރާއިދާ އައިސް ލަޔާލްގެ އަތް ކިޔާންގެ އަތާ ވަކިކޮށްލުމަށް ފަހު ލަޔާލް ގޮވައިގެން ނިކުންނަން ދެންވެސް ލަޔާލްގެ ލޮލުން ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ.
ލަޔާލް ގޮވައިގެން ރާއިދާ ބޭރަށް ނިކުތުމުން ނަސްމާއާ އާޔާ އައިސް ލަޔާލް ގޮވައިގެން ގޮނޑިބަރީގައި އިށީން އިރުވެސް ލަޔާލް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު އިނދެފައި އިރުފާން ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔަ ސާހިލްއަށް ބަލާލާފައި ލަޔާލް ތެދުވިއެވެ. ލަޔާލް ތެދުވުމާއެކު ލަޔާލް ވެއްޓިދާނެތީ ސަމާލުވެ އާޔާ ތެދުވެ ލަޔާލް ގައިގައި ހިފަހައްޓާލަން އުޅުނެވެ. ނަމަވެސް އާޔާގެ އަތް ފޮޅުވާލަމުން ލަޔާލް ގޮސް ސާހިލް ކައިރީ ހުއްޓިފައި ސާހިލްގެ ބުރަކަށީގައި އަތް ޖައްސާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.








Miadhu ves 4 second age 🥹
ehentha, thank you for reading
Ago*
Salaam ❤️ sis Mashallah ♥️ ooh no sed😭Very very nice story heartbroken.💔love story ❤️ Inshallah I will wait for Tuesday. Very, very nice story❤️
thank u Zam
Can’t wait for the next part….
thank u Nana, miadhu upload kollaanan
My kiyaan 😔😭
Bunaane ehcheh ves neyngifa meenee
Anyways, varah reethi maa sha allah next part ge inthizaaruga ingey marsha!!
thank u dear, miadhu upload kollaanan