ހިތް އެދެނީ 10
ޒިޔާން އައި ރުޅީގައި ތަނުގައި ތިބި ބަޔަކާ މެދުވެސް ވިސްނާލުމެއް ނެތި އެވަގުތު ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރު ކޮށްލިއެވެ.
ޝަރީފް އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ނަމަވެސް ޝާއިރާއަށް އަނގައިން ނުބުނެ ނުހުރެވުނެވެ.
“އާމިރުއާ މެދު ޒިޔާން ވިސްނި ވަރުން ދޯ އޭނަ މަރުވިތާ އަހަރެއް ވީ އިރަށް އިފާއާ އިނީ؟ ކާކަށް އެނގެނީ ތީ—” ޝާއިރާއަށް އޭނަ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ.
“ދައްތާ!”
“ޝާއިރާ!”
“މަންމާ!”
އިފާޝާއާއި ޝަރީފްއާއި މާއިރާއާއި މީރާ އެއްފަހަރާ ޝާއިރާ ހިމޭންވުމަށް ގޮވާލިއެވެ.
އެވަގުތާއި ހަމައަށް ލޮލުން އަންނަން ތައްޔާރުވަމުން ދިޔަ ކަރުނަ ހިފަހައްޓައިގެން ހުރި އިފާޝާއަށް އިތުރަކަށް ނުހުރެވުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯމައްޗަށް އޮހެންފެށީ ޝާއިރާގެ ވިސްނުން ހުރިގޮތުން އިފާޝާގެ ހިތަށް ކުރި އަސަރުންނެވެ.
އިތުރަށް އެވާހަކަ ދެއްކުމަށް ޝާއިރާ އަނގަ ހުޅުވާލިއެވެ. ނަމަވެސް ޝަރީފް އެ ފުރުސަތު ޝާއިރާއަކަށް ނުދިނެވެ.
“ދެން ހެޔޮ ޝާއިރާ!” ޝާއިރާގެ އަތުގައި ހިފާލަމުން ޝަރީފް ބުންޏެވެ.
“އަހަންނާ އިފާ އިނީ އާމިރު އެކަމަށް އެދުނީތީ. އަހަރެން އެވާހަކަ އާމިރުގެ ބައްޕަގާތު ބުނިން. ޤަބޫލު ނުކުރާ ބަޔަކަށް އިތުރަށް ކިޔައިދޭކަށް ބޭނުމެއް ނޫން.” ޒިޔާން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ތީ ތި ދެމީހުން ދައްކާ ވާހަކައެއްނު؟ ކާކަށް އެނގެނީ ތީގެ ހަޤީގަތެއް؟ ކިހިނެއް އެނގެނީ މާ ކުރިންވެސް…..”
“ދެންހެޔޮ!” ޒިޔާންއަށް އިތުރަށް ރުޅިގަނޑެއް ނުހިފެހެއްޓުނެވެ. “އެންމެ ރަނގަޅުވާނީ ހަމަ މހާރު މިތަނުން ދިޔައިއްޔާ!” ޒިޔާން ދޮރާއި ދިމާއަށް އެއް އަތް ދިއްކޮށްލަމުން ބުނެލިއެވެ.
ޝާއިރާ އިތުރު އެއްޗެއް ނުބުނެ ނިކުތެވެ. ޝާއިރާގެ ފަހަތުން ޝަރީފްވެސް ނިކުތެވެ. ބާރަށް ރޮއެގަންނަމުން އެތެރެއަށް ދުއްވައިގަތް އިފާޝާއަށް ޒިޔާންގެ އަޑުއިވުނު ނަމަވެސް މަޑެއް ނުކުރެއެވެ. މައިރާއާއި މީރާ އިފާޝާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ޒިޔާން އެކަން ހުއްޓުވިއެވެ.
“މައިމެންވެސް އިހަށް ގެއަށްދޭ. އެހެން ފަހަރަކުން އާދޭ. ތި ދެކުދިން މިގެއަށް އައުން އަހަރެން މަނައެއް ނުކުރާނަން. އެކަމަކު… މަންމަ ގާތު ބުނާތި ދެން މިގެއަށް ނާންނައްޗޭ!”
ޕާޓީ ނިމެން ކައިރިވެފައި ވުމާއިއެކު އެތާ ދެންތިބި މީހުންވެސް ދާން ނިކުތެވެ. މަޑުކުރީ ސާދާގެ އާއިލާ އެކަންޏެވެ.
ސާދާ އަތަށް އާނާ ދީފައި ޒިޔާން ކޮޓަރިއަށް ވަންއިރު އިފާޝާ އެނދުމަތީގައި ރޯން އޮތެވެ.
އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ޒިޔާން އެނދު ކައިރިއަށް ގޮސް ހުއުޓުނުއިރު އިފާޝާގެ ގިސްލުމުގެ އަޑު އިވުނެވެ. އެއާއެކު ޒިޔާން އައިސްފައި ހުރި ރުޅި ވަގުތުން ފިނިވިއެވެ. އެނދުގެ މަގަތުން އިށީނދެ ޒިޔާން އިފާޝާއަށް ގޮވާލިއެވެ. ނަމަވެސް އިފާޝާ ޖަވާބެއް ނުދިނެވެ.
“އިފާ…” ޒިޔާން އިފާޝާގެ އަތުގައި ހިފައި މަގަތަށް އަނބުރާލިއެވެ. ކަރުނައިން ފޯވެފައިވާ އެމޫނު ފެނުމާއެކު ޒިޔާންގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ކުއްލިއަކަށް އިފާޝާގެ ގައިގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ. އިފާޝާވެސް ޒިޔާންގެ ގައިގައި ބައްދާލަމުން އެ މޭގައި މޫނު ޖައްސާލިއެވެ.
“އިފާ…ދެން ހުއްޓާލަބަލަ!” ޒިޔާން އިފާޝާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.
“ޒިޔާން، ކީއްވެތަ އެމީހުން އަހަރެންދެކެ އެހާ ރުޅި އަންނަނީ؟ އަހަންނަށް ކޮން ކަމެއްތަ ކުރެވުނީ؟ މި ހުރިހާ ދުވަސް ވަންދެން އަހަރެން އުޅުނުގޮތެއް އެމީހުންނަކަށް ނޭނގޭނެ. ކީއްވެ އެކަހަލަ ވާހަކަ ދައްކަންވީ؟” ޒިޔާންގެ މޫނަށް ބަލާލާފައި އިފާޝާ ޝަކުވާ ކޮށްލިއެވެ.
ޒިޔާން އެއްވެސް އެއްޗެއް ނުބުނެ ދެއަތުން އިފާޝާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ.
“ނުރޮއެ އިފާ… ބަޔަކު ކިޔާހާ އެއްޗެއް އަޑުއަހައިގެން ކިހިނެއް އުޅޭނީ؟ އެމީހުން ކޮންމެ އެއްޗެއް ކިޔަސް އަޅާނުލާބަލަ… އަހަންނާ އިފާއަށް އެނގެއެއްނު ހުރިހާ ކަމެއް؟ އާމިރުއާ މާޔާއަށްވެސް އެނގޭނެ. ދެން އިތުރު ބަޔަކު ހިތަށް އަރާ އެއްޗަކާ އަހަރުމެންނާ ކޮން ކަމެއް؟” ޒިޔާން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
“އެކަމަކު ޒިޔާން…” އިފާޝާއަށް އަދިވެސް އެ ޝަކުވާ ކުރެވެނީ ޝާއިރާގެ ވިހަ ބަސްތަކުން އިފާޝާގެ ހިތަށް ކުރި އަސަރުންނެވެ.
“ޝްޝްޝް… ދެން ހެޔޮ! ކުރިންވެސް އެއީ އިފާއާމެދު އަޅާލި ބައެއް ނޫން… ދެން މިއަދު އެމީހުން ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއް ނެތް. އިފާ އެކަން ހިތަށް ނާރުވާ. އަހަރުމެން މިތިބީ އިފާއާ އެކީގައެއްނު؟” ޒިޔާން އިފާޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.
ޒިޔާންގެ މޫނަށް ބަލަން އިނދެފައި އިފާޝާ އަނެއްކާވެސް ޒިޔާންގެ މޭގައި މޫނު ފޮރުވާލިއެވެ. ޒިޔާންވެސް ކުރިއަށް ވުރެން ބޮޑަށް އިފާޝާ ޒިޔާންއާ ކައިރިކޮށްލިއެވެ.
ރުއިން ހުއްޓާލެވުމާއެކު ތިބެވުނު ގޮތް އިފާޝާއަށް އިހުސާސް ކުރެވުނެވެ. ޒިޔާންގެ މޭގައި އިފާޝާގެ މޫނު ޖެހިފައިވާ ހިސާބުން ޒިޔާންގެ ގަމީސް ތެމިފައިވީ އިފާޝާގެ ކަރުނައިންނެވެ. ދުރަށް ޖެހިލަން ހިތަށް އަރާފައިވެސް އިފާޝާއަށް އިންގޮތަށް އިނދެވުނީ ޒިޔާންއާ ދުރުވާން ހިތް ނޭދޭތީއެވެ.
އިފާޝާ ރުއިން ހުއްޓާލިކަން ޒިޔާންއަށް އެނގުނެވެ. ގަމީހުގެ ތެމިފައިވާ ހިސާބުން އިފާޝާގެ ހޫނުނޭވާ އެޅެމުން ދިޔައެވެ. އެއާއެކު ޒިޔާންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެތައް ދުވަހެން ވަންދެން ހިތަށް އަރުވަން ދެކޮޅު ހަދަމުން ދިޔަ ޚިޔާލުތައް އައިސް ޒިޔާންގެ ހިތާއި ސިކުނޑި ވަށާލިއެވެ.
ޒިޔާންގެ މޭގައި މޫނު ޖައްސާލައިގެން އިންއިރު އެ ހިތުގެ ތެޅުމަށް އަންނަމުން ދިޔަ ބަދަލު އިފާޝާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އެއާއެކު އިފާޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އިންގޮތަށް އިނދެ އިފާޝާ ޒިޔާންގެ މޭގައި އަތް ޖައްސާލިއެވެ. ދިހަވަރަކަށް ސިކުންތު ވަންދެން އެހެން އިނދެފައި އިފާޝާ އެ އަތުން ޒިޔާންގެ މޭގައި ފިރުމާލިއެވެ. އެ ފިރުމާލުމުގެ މާނަ ޒިޔާންއަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު ޒިޔާން އެތެރެއަށް ނޭވާ ދަމާލި އަޑު އިފާޝާއަށް އިވުނެވެ.
އިފާޝާ އިސް އުފުލާ ޒިޔާންގެ މޫނަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމާއެކު ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ހިތުގައިވާ އެއްޗެއް ސާފުވިއެވެ. ތިބެވުނު ތަނާއި، އެ ވަގުތާއި ބޭރުގައި ތިބި ބަޔާކާމެދު އެކަކުގެ ހިތުގައިވެސް އެއްވެސް ޚިޔާލެއް އެވަގުތު ނެތެވެ.
ދެނޭވާ އެކުވެގެން ދިޔުމާއެކު ޒިޔާންއާއި އިފާޝާގެ ހަރަކާތްވެސް އަވަސްވެގެން ދިޔައެވެ. ޒިޔާންގެ ގަމީހުގެ ގޮށްތައް ނެއްޓީ އިފާޝާ ކަމެއް އިފާޝާވެސް ހަނދާނެއް ނެތެވެ. ޒިޔާންގެ މެއާއި ކޮނޑުގައި އިފާޝާގެ ދެއަތްތިލަ ދަތުރު ކުރަމުން ދިޔައެވެ.
ކޭކު ފަޅަން ބޭނުން ވެގެން ޒާޔާ ސާދާ ގާތު ބުންޏެވެ. ދިހަވަރަކަށް މިނެޓް ފަހުން ޒާޔާ ކުރުނުކޮށްގެން، އާނާ އުރާލައިގެން ހުރެ ސާދާ، ޒާޔާގެ އަތުގައި ހިފައިގެން އިފާޝާމެންގެ ކޮޓަރިއަށް ވަނެވެ.
އިރުއޮއްސުނު ވަގުތަށް ވުމާއިއެކު ކޮޓަރީގެ ބޮކި ނުދިއްލާ ހުރުމުން ފުރަތަމަ ސާދާއަށްވެސް ޒިޔާންއާއި އިފާޝާއެއް ނުފެނެއެވެ. ޒިޔާންއާއި އިފާޝާވެސް އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބިވަރުން ސާދާ ވަން ކަމެއްވެސް ނޭނގެއެވެ.
ކޮޓަރިތެރެ އަނދިރި ވުމުން ވަކި ހިސާބަކަށް ގޮސްފައި ޒާޔާ އައިސް ބޮކި ދިއްލާލިއެވެ. އެއާއެކު ޒިޔާންއާއި އިފާޝާގެ އިތުރުން ސާދާވެސް ސިހުނެވެ.
ކޮޓަރިތެރެ އަލިވުމާއިއެކު ކުއްލިއަކަށް ޒިޔާންއާއި އިފާޝާ ދުރަށް ޖެހިލިއެވެ. ސާދާ ފެނުމާއެކު ޒިޔާން ތެދުވެ ގަމީސް ރީތިކޮށްލަމުން ގޮށްތައް އަޅުވަން ފެށިއެވެ.
“ސާބަހޭ! ކިހިނެއްތަ އެނގޭނީ އިފާގެ ރުއިން ޒިޔާން ހުއްޓުވަނީ ތިހެން ކަމެއް؟” ހިނިއައިސްހުރެ ދިމާކުރާ ރާގަކަށް ސާދާ ބުނެލިއެވެ.
އިފާޝާގެ މޫނު ރަތްވެގެން ދިޔައެވެ. ރަކިގޮތަކަށް ހީލަމުން އިފާޝާ އިސްޖަހާލިއެވެ. އެމަންޒަރު ފެނުމުން ޒިޔާން ގާތަށް ހިނިއައެވެ.
“ކޮންމެ ކަމެއްގެވެސް ނިމުން ފޮނިވަނިކޮށް އެ ނިމުނީ. ދޯ އިފާ؟” ޒިޔާންވެސް ހީލަމުން ސާދާގެ ސަމާސާގައި ބައިވެރިވެލިއެވެ. އިފާޝާ ޒިޔާންއަށް ބަލައިލިއެވެ.
“މަންމާ، ހިނގާބަލަ ކޭކު ފަޅަން.” އެވަގުތު ޒާޔާ ބުނެލިއެވެ.
“ކޮން އިރެއް މިހާރު ޒާ ކޭކު ނުފެޅިގެން އުޅޭތާ؟ އެހެންވެއޭ އަހަރުމެން މިއައީވެސް. ދޯ އެނީ؟” ސާދާ އާނާގެ މޫނަށް ދޮނެއް ދެމުން ބުންޏެވެ.
“ތެދެއްތަ؟ ހިނގާ އަވަހަށް.” ޒިޔާން ޒާޔާގެ އަތުގައި ހިފައިގެން ނިކުންނަން ދިޔައެވެ. ސާދާއާއި އިފާޝާވެސް ޒިޔާންގެ ފަހަތުން ދިޔައެވެ.
އިފާޝާއާއި ޒިޔާންގެ ގުޅުމަށް އައިސްފައިވާ ބަދަލު ސާދާއަށް ފާހަގަ ކުރެވުނީ އެރެއެވެ. އެކަމާ ސާދާ އުފާވިއެވެ. އެރޭ ސާދާ ގެއަށް ދިޔައީ ހިތްހަމަ ޖެހިފައިހުރެއެވެ.
އެހެން ރޭރެޔާ ޚިލާފަށް އެރޭ ޒިޔާންއަށް، ނިދާ ގަޑިއަށް އިންތިޒާރު ކުރެވެން ފެށިއެވެ. ކައިނިމިގެން އިފާޝާ ޒާޔާ ނިންދަވާފައި އައިސް އާނާ ނިންދަވަން އިންއިރު ޒިޔާން އެނދުގައި އިފާޝާއަށް ބަލަން އޮތެވެ.
އާނާއަށް ނިދުމުން އެނދުގައި ބާއްވާފައި އިފާޝާ ބަދިގެއަށް ގޮސް ބަދިގޭ ހުރިހާކަމެއް ނިންމާލާފައި އައިއިރު ޒިޔާން ޓީވީ ހުޅުވައިގެން އޮތެވެ. ޓީވީ ބަލަން އޮތްނަމަވެސް ޓީވީއިން ދައްކާ އެއްޗަކަށް ޒިޔާންގެ ޝައުގެއް ނެތްކަން އިފާޝާއަށް އެނގުނީ އިރުއިރުކޮޅާ ޗެނަލް ބަދަލުކޮށްލާތީއެވެ. ހިނިއައިސްފައި ކޮޓަރިތެރެ ތަރުތީބުކޮށްލާފައި އިފާޝާ އަނެއްކާވެސް ކޮޓަރިން ނިކުންނަން އުޅުނީ ނިދުމުގެ ކުރިން ޒިޔާން އާންމުކޮށް ބޭނުންވާ ކޮފީ ގެނެސްދޭށެވެ. ނަމަވެސް އެވަގުތު ޒިޔާން އިފާޝާއަށް ގޮވާލިއެވެ.
“ކީއްކުރަން ތިދަނީ؟” އިފާޝާ ބަލާލުމުން ޒިޔާން އަހާލިއެވެ.
“ޒިޔާންއަށް ކޮފީ ހަދަން” އިފާޝާ ޖަވާބުދިނެވެ.
“މިރޭ ކޮފީ ބޭނުމެއް ނޫން…” ޓީވީ ނިއްވާލާފައި ތެދުވަމުން ޒިޔާން ބުންޏެވެ.
އިފާޝާ އެއްޗެއް ނުބުނެ ދޮރު ކައިރީ ޒިޔާންއަށް ބަލަން ހުއްޓެވެ. ޒިޔާން އައިސް އިފާޝާގެ ކުރިމަތީ ހުއްޓުނެވެ. އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު ތިބެފައި އިފާޝާ ކުރިއަށް ފިޔަވަޅެއް އަޅާލާ ޒިޔާންގެ މޭގައި ބޯޖައްސާލަމުން ދެއަތުން ޒިޔާންގެ އުނަގަނޑުގައި ބައްދާލިއެވެ.
ޒިޔާން ކުއްލިއަކަށް ދެއަތް މައްޗަށް އިފާޝާ ނެގިއެވެ. ސިހިފައި އިފާޝާއަށް ޒިޔާންގެ ކަރުގައި އަތް އަޅުވާލެވުނެވެ. ޒިޔާންގެ މޫނަށް އިފާޝާ ބަލާލުމާއިއެކު ޒިޔާން ބޯ ތިރިކޮށްލިއެވެ. އެނދުގައި އޮށޯވެވެންދެންވެސް ދެމީހުންތިބީ އެހެންނެވެ. އެރޭ ދެމީހުން ގުޅުމަކަށް އެއްވެސް ހުރަހެއް މެދުވެރިއެއް ނުވެއެވެ. އެތައް އިރެއް ފަހުން ވަރުބަލިކަމާއިއެކު ލޯ މެރެންދެންވެސް ޒިޔާންއާއި އިފާޝާ ތިބީ އެކަކު އަނެކަކުގެ އަތު ތެރޭގައެވެ.
ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުރަތަމަ ހޭލެވުނީ އިފާޝާއަށެވެ. ހޭލެވުމާއެކު ޒިޔާންގެ އަތުތެރޭ އޮވެވުނު ގޮތުން އިފާޝާއަށް ހިނުތުންވެލެވުނެވެ. ފުން ނިދީގައި އޮތް ޒިޔާންގެ މޫނަށް ބަލާލުމާއެކު ރޭގެ ހަނދާންތައް އިފާޝާގެ ހިތުގައި އާވެގެން ދިޔައެވެ. އޮތް ހިސާބުން ޒިޔާންގެ މޭގައި ތުންފަތް ޖައްސާލާފައި އިފާޝާ މަޑުމަޑުން ތެދުވިއެވެ.
އިފާޝާ ޒިޔާންއަށް ގޮވީ ފެންވަރައިގެން ނިކުމެއެވެ. އިފާޝާ ނަމާދުކޮށް ނިމުނުތަނާ އާނާ ހޭލިއެވެ. ގިނަ އިރެއް ނުވެ ޒާޔާވެސް ހޭލައިގެން އައެވެ. ރެއަށްފަހު ޒިޔާންއާއި އިފާޝާއަށް އެކަނިވެލާނެ ފުރުސަތެއް ލިބުނީ އިފާޝާ ބަދިގޭގައި ސައިހަދަން ހުއްޓައެވެ. ކޮޓަރީގައި ކުޅެންތިބި ޒާޔާއާއި އާނާ ގާތު އިނދެފައި ޒިޔާން ނިކުތެވެ. ސަނާވެސް ފެންނަން ނެތުމުން ޒިޔާން ގޮސް ބަދިގޭ މޭޒުކައިރީގައި ހުރި އިފާޝާ ގައިގައި ފަހަތުން ބައްދާލިއެވެ.
“ރޭގެ ހަނދާން ވާތީ… މިސްވާތީ…” ޒިޔާން މަޑުމަޑުން ބުނެލިއެވެ.
“ޒިޔާން!” އިފާޝާ ގޮވާލިއެވެ. ޒިޔާންގެ އެ ބަސްތަކާއި އެކު އިފާޝާގެ މޫނު ރަތްވެގެން ދިޔައެވެ. އެ މަންޒަރު ފެނުމުން ޒިޔާން ހީލިއެވެ. ރޭވެސް އެތައް ފަހަރަކު ޒިޔާން ހިތަށް އެރި ފަދައިން، އެވަގުތުވެސް މާޔާއާއި އިފާޝާ ހާދަ ތަފާތޭ ޒިޔާން ހިތަށް އެރިއެވެ.
ގިރަން ހުރި ސައިތަށީގެ ތެރެއަށް ސަމްސާ ދޫކޮށްލަމުން އިފާޝާ ޒިޔާންގެ ގައިގައި ލެގިލިއެވެ. އިފާޝާގެ ކޮނޑުމަތިން ކުރިމައްޗަށް ގެންގޮސްފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު ޒިޔާން އިފާޝާގެ ކަނދުރާގައި ތުންފަތް ޖައްސާލިއެވެ. ލޯ މަރާލަމުން އިފާޝާ ޒިޔާންގެ އަތުތެރޭގައި ހުރެ އެނބުރިލާފައި ޒިޔާން ގައިގައި ބައްދާލިއެވެ.
އެވަގުތު ސަނާ ކޮޓަރިން ނިކުތް އަޑުއިވުމާއިއެކު ޒިޔާން ދުރަށް ޖެހިލިއެވެ. އިފާޝާވެސް ސައި ތައްޔާރު ކުރަން ފެށިއެވެ.
އެރޭގެ ކުރިންވެސް ދެމީހުންގެ މެދުގައި އޮތް ގުޅުން ބަދަލުވެފައިވާކަން އިފާޝާއާއި ޒިޔާންއަށް އެނގުނު ނަމަވެސް އެކަން އަމަލުން އެކަކު އަނެކަކަށް ދައްކަން ފެށީ އޭގެ ފަހުންނެވެ.
ކުރިންވެސް ޒިޔާން ނެތްނަމަ ފޫހިވެ ޒިޔާންއަށް ފޯންކޮށްގެން ކުދިންގެ ވާހަކަވިޔަސް ދެއްކުމުގައި ވަގުތު ހޭދަކުރާ އިފާޝާ އޭގެފަހުން ގޭގައި އުޅޭ ވަގުތުގައި ކުރިއަށް ވުރެން ބޮޑަށް ޒިޔާން މަތިން ހަނދާންވެއެވެ.
ޒިޔާންވެސް އޮފީހުގައި އުޅޭ ވަގުތުތަކުގައި ކުރިންވެސް ގުޅާހެން އިފާޝާއަށް ގުޅައެވެ. ނަމަވެސް އެދެމެދުގައި ދެކެވޭ ވާހަކަ ތަފާތުވިއެވެ. ކުދިންގެ ވާހަކައިގެ އިތުރުން ދެމީހުންގެ އަމިއްލަ ވާހަކަ ދެކެވެން ފެށިއެވެ.
ގޭގައި އުޅޭ ވަގުތުތަކުގައި ޒިޔާން ހުންނަނީ އިފާޝާއާ އެކު އެކަނިވެލާނެ ފުރުސަތަކަށް ބަލަބަލައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޒިޔާން ބޭނުންވަނީ އިފާޝާއާ ގައިގޯޅި ވެލުމަށެވެ. އިފާޝާވެސް ޒިޔާންގެ އެދުމަކާ ދެކޮޅެއް ނަހަދައެވެ.
އެކަކު އަނެކަކާމެދު ހިތުގައިވާ އިހުސާސްތަކަށް ބަދަލެއް އަންނަމުން ދާކަން ފުރަތަމަ އިހުސާސް ކުރެވުނީ އިފާޝާ އަށެވެ.
އެހެން ދުވަސްތަކާއި ޚިލާފަށް އެދުވަހަކީ އޮފީހުގައި ޒިޔާންއަށް ބުރަކޮށް އުޅެން ޖެހުނު ދުވަހެކެވެ. ހަފްތާއެއްހާ ދުވަސް ވަންދެން ފަސް ކުރަމުން އައި މުހިއްމު ބައްދަލުވުމެއް އިތުރަށް ފަސް ކުރެވެން ނެތުމުން، އެކަންވެސް އެދުވަހުގެ މަސައްކަތުގެ ތެރެއަށް އިތުރު ކުރަން ޖެހުނު އިރު، ވަގުތުގެ ދަތިކަމުން ޒިޔާން މެންދުރުގެ ބްރޭކް ނުނަގާ އެ ގަޑިއަށް ބައްދަލުވުން ހަމަޖެއްސިއެވެ.
ނަމަވެސް މެންދުރު ވީއިރު ޒިޔާން ހުރީ ބައްދަލުވުމަށް ދާހިތް ނުވެފައެވެ. ޒިޔާން ބޭނުންވީ ގެއަށް ދާށެވެ. ކުދިން ދެކިލާށެވެ. އިފާޝާ ދެކިލާށެވެ. އެހެން ހިތަށް އެރުމާއެކު ކާން ނުދެވޭނެ ވާހަކަ ބުނަން އަދި އިފާޝާއަށް ގުޅާ ނުލެވޭކަން ޒިޔާން ހަނދާންވިއެވެ. ކުރަން އިން މަސައްކަތް ވަގުތުން ހުއްޓާލާފައި ގަޑި ބަލާލިއިރު އެގާރަގަޑި ސާޅީސް ވެއްޖެއެވެ. އިފާޝާ އެވަގުތު އިންނާނީ އާނާ ނިންދަވަން ކަން ޒިޔާންއަށް އެނގެއެވެ.
ޒިޔާން މޯބައިލްފޯން ނަގާ އިފާޝާއަށް ގުޅާލިއެވެ.
“ކީކޭ ޒިޔާން؟” ފުރަތަމަ ރިންގުން އިފާޝާ ފޯނަށް ޖަވާބުދިނެވެ.
“އެނީ ނިންދަވަނީ ދޯ؟” ޒިޔާން ގޮނޑީގައި ލެގިލަމުން އަހާލިއެވެ.
“ނިންދަވާފަ މި ބޭއްވީ ހަމަ” އިފާޝާ ބުންޏެވެ.
“ކީއް ތި ކުރަނީ؟” ޒިޔާން އެހިއެވެ.
“ފެންވަރާލަން ދާން ކަމަށް މިއުޅެނީ” ހީލަމުން އިފާޝާ ބުންޏެވެ.
ޒިޔާން ލޯ މަރާލިއެވެ. ޚިޔާލަށް އިފާޝާ ސިފަވެގެން ދިޔައެވެ. ވިންދު އަވަސް ވެގެން ދިޔުމާއެކު ޒިޔާން ބޭނުންވީ ވަގުތުން ގެއަށް ދާށެވެ.
“އިފާއަށް އެނގޭދޯ އަހަރެންގެ ހިތާ ކުޅެލާނެ ގޮތްވެސް؟” ލުއި ހުނުމަކާއެކު ޒިޔާން އަހާލިއެވެ.
“ކިހިނެއް ވީ؟” އިފާޝާ އަހާލިއެވެ.
“އިފާ ތިހެން ބުނީމަ އަހަރެން ބޭނުމީ ހަމަ މިހާރު ގެއަށް ދާން.” ޒިޔާން ބުނެލިއެވެ.
“ހަމަ މޯސްޓް ވެލްކަމް އޭ ބުނެވޭނީ. ޒާވެސް އެބައޮތް މިއަދު ނިދާލާފަ. ސަނާ ސްކޫލުން އަންނާނީ ދެގަޑި ބައިގަ.” އިފާޝާ އިތުރަށް ޒިޔާން ތަޅުވާލިއެވެ.
“އިފާ…” ގެއަށް ދާން ބޭނުންވި ނަމަވެސް އެދުވަހު ޒިޔާންއަށް ދެވޭކަށް ނެތެވެ.
“ހްމްމް…؟” އިފާޝާ ކޮޓަރިން ނިކުމެގެން ގޮސް ޒާޔާގެ ކޮޓަރީ ދޮރު މަޑުމަޑުން ހުޅުވާ ބަލާލިއެވެ. ޒާޔާ ނިދާފައި އޮތްކަން ޔަގީން ކޮށްލާށެވެ.
“ދާން ބޭނުން… އެކަމަކު މިއަދު ދެވޭކަށް ނެތް… އެހެން ބުނަން ވެގެން މި ގުޅީވެސް. ހަފްތާއެއް ވަންދެން ފަސްކުރި މީޓިންގއަށް މިއަދު ކޮންމެހެންވެސް ދާން ޖެހިގެން. އަހަންނަށް އެހެން ވަގުތެއް ނެތިގެން މެންދުރަށް ހަމަޖެހުނީ. އެހެންވެ ކާންވެސް މިއަދު ނުދެވޭނެ ވާހަކަ ބުނަން މި ގުޅީ.” ޒިޔާން ބުންޏެވެ.
“އެހެންތަ؟” އިފާޝާއަށް ބުނެވުނެވެ.
“މިއަދު ވަރަށް މިސްވޭ…” ހިމޭން ވަގުތުކޮޅަކަށް ފަހު ޒިޔާން ބުންޏެވެ.
“އަހަރެންވެސް…” އިފާޝާ ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނެވެ.
“ހަމަ އެކަނި ތިހެން ބުނަން އޮތީ؟” ޒިޔާން އަހާލިއެވެ.
“އައި ލަވް ޔޫ!” އެވަގުތު ކުއްލިއަކަށް އިފާޝާގެ ހިތަށް އެރިއެވެ. އެއާއިއެކު ސިހިފައި އިފާޝާއަށް ތެދުވެވުނެވެ. ކަންފަތާއި ފޯން ދުރުކޮށް ބަލާލެވުނީ އަނެއްކާ އެހެން ބުނެވުނީ ބާއޭ ހިތާހިތާ ސުވާލު ކޮށްލަމުންނެވެ.
އިފާޝާ ޖެހިލުންވެ ހުރެ ފޯން ކަންފަތުގައި ޖައްސާލިއެވެ.
“މީޓިންގ ނިންމާލާފާ އައިސް މިކޮޅުގަ ކަންތައް ހަމައަކަށް އަޅުވާލާފަ އިރުއޮއްސުމުގެ ކުރިން ގެއަށް ދެވޭތޯ ބަލާނަން އިނގޭ.” ޒިޔާން ބުނި އަޑު އިވުނެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން އިފާޝާ މޭގައި އަތް ޖައްސާލިއެވެ.
“އާނ!” އިފާޝާ ބުންޏެވެ.
“ދެން ބޭއްވީ.” ޒިޔާން ފޯން ކަނޑާލުމުގެ ކުރިން ބުންޏެވެ.
އިފާޝާ ފޯން އަތަށް ލައިގެން އަނެއްކާވެސް އިށީނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލި ހުރެއެވެ.
އެވަގުތު އިފާޝާ އެހެން ހިތަށް އެރީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައިވެސް އިފާޝާ ޒިޔާން ދެކެ ލޯބި ވަނީ ހެއްޔެވެ؟
އާއެކެވެ!
ހިތް ވަގުތުން ޖަވާބު ދިނެވެ.
އިފާޝާއަށް ވިސްނުނެވެ. ތެދެކެވެ. އާނާ ބަލިވި ފަހުން އިފާޝާގެ ހިތުގައި ޒިޔާންއާ މެދު ވާ އިހުސާސްތައް ވަނީ ބަދަލު ވާން ފަށާފައެވެ. ނުވެސް އެނގި ހުއްޓާ އިފާޝާއަށް ޒިޔާން ދެކެ ލޯބި ވެވުނީއެވެ.
އިފާޝާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
މާޔާ… އާމިރު…
ޒިޔާން އަކީ މާޔާގެ ފިރިމީހާއެވެ. އާމިރުގެ ބެސްޓް ފްރެންޑެވެ.
ޖަވާބުވެސް އައީ ހިތުންނެވެ.
އެހެން ވިޔަސް މިހާރު ޒިޔާންއަކީ އިފާޝާގެ ފިރިމީހާއެވެ.
އެ ޚިޔާލުން ހިތަށް ލިބުނު ހަމަޖެހުން ނަގާލީ އިފާޝާގެ ހިތުގައި އުފެދުނު އެހެން ސުވާލެއްގެ ސަބަބުންނެވެ.
“އެހެން ވިޔަސް ޒިޔާން ދެކެނީ ކޮން ގޮތަކަށް ހެއްޔެވެ؟ ޒިޔާން އިފާޝާ ދެކެ ލޯބި ވޭ ހެއްޔެވެ؟ ދުވަހަކުވެސް ވެދާނެ ހެއްޔެވެ؟”
ހިތަށް ވެރިވި ނުތަނަވަސްކަން ފޮހެލުމަށް އިފާޝާ ދެފަރާތަށް ބޯ ހަލުވާލިއެވެ. އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
އާމިރުގެ ހަނދާންވާ ކޮންމެ ފަހަރަކު ހިތާހިތާ ކުރެވުނު ޝަކުވާތަކާއި، އާމިރުއާ އެކުގައި ވުމަށް އެދެވުނު ދުވަސްތައް އަދި އެ ހަނދާނުން ކެތް ނުކުރެވޭހާ ވޭނާއި ރިހުން އިހުސާސް ކުރެވުނު ދުވަސްތައް ފާއިތުވެފައިވީ ނަމަވެސް އެ ހަނދާންތަކާއި ދުރަށް ދާން އިފާޝާއަށްވެސް ވަގުތު ނެގިއެވެ. ވީއިރު މާޔާގެ ލޯބި ހިތުން ފޮހެ ނުލެވުނަސް އެ ހަނދާނާ ދުރަށް ދިޔުމަށް ޒިޔާންއަށްވެސް ވަގުތު ބޭނުން ވާނެއެވެ. އެހާ ފަސޭހައިން ހިތުގައި ފެވިފައިވާ ލޯބި ހަނދާން ނައްތާ ނުލެވޭނެކަން އިފާޝާއަށް އެނގެއެވެ.
ޒިޔާން މިހާރު އިފާޝާއަށް އެދޭ ވަގުތާއި، އިފާޝާއާއި މެދު ކަންތައް ކުރާގޮތާއި، އިފާޝާއާމެދު ދެކޭގޮތް، އިފާޝާއަށް ޒިޔާންއާ އެކު ދިރިއުޅުން ހޭދަ ކުރުމަށް ފުދެއެވެ. ޒިޔާން އިފާޝާ ދެކެ ލޯބި ނުވިޔަސް އިފާޝާގެ ޝަކުވާއެއް ނެތެވެ. މިހާރު އެދެމެދުގައި އޮތް ރަހުމަތްތެރިކަމާއި އެކަކު އަނެކަކަށްޓަކައި ހިތުގައި ދެވިފައިވާ މަގާމުގެ އެހީގައި ދެމީހުންނަށް އުޅެވިދާނެއެވެ.
އެފަދަ ގޮތަކަށް ވިސްނަމުން އިފާޝާ ފާހާނާއަށް ވަނެވެ.
އިފާޝާގެ ޚިޔާލުގައި ޒިޔާން ގޮނޑީގައި ލޯ މަރާލައިގެން އިނެވެ. ބައެއް ވަގުތުތަކުގައި ޒިޔާން ބޭނުންވަނީ ހުރިހާ ކަމެއް ދޫކޮށްލާފައި އިފާޝާ ގާތުގައި ވުމަށެވެ. އެއީވެސް އެފަދަ ވަގުތެކެވެ. އެހާވަރަށް އިފާޝާއަށް ޒިޔާންގެ ހިތް އެދެނީ ކީއްވެ ހެއްޔެވެ؟ އިފާޝާއާ ދުރުގައި ހޭދަވާ ވަގުތުގައި އެއްވެސް ކަމެއްގައި ޒިޔާންއަށް ޝައުގުވެރި ނުވެވެނީ ކީއްވެ ހެއްޔެވެ؟ ގޭގައި ހުންނައިރު މަސައްކަތުގައި އުޅޭއިރުވިޔަސް، އެއްވެސް ކަމެއްނެތި ސިޓިންގރޫމްގައި ޓީވީ ޗެނަލްތައް ބަދަލު ކޮށްލަކޮށްލާ ޒިޔާން އިންނައިރުވެސް ގާތުގާއި އިފާޝާ ވާކަން އެނގޭތީ ހިތަށް އެލިބޭ ހަމަޖެހުމުގެ މާނައަކީ ކޮބާހެއްޔެވެ؟
އެފަދަ ޚިޔާލުތަކެއްގައި އިން ޒިޔާން ސިހުނީ ރާއިނާގެ އަޑަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.








Yeyy im first. Vvvvv nyc
Nice kyp it up
Upsssss v reethi????
Next part up kohlathi avahah ingey….
Waiting……….
Kobr tha kuramun thi dhaaha goanaa..
Thank you marsha.. knme dhuvahaku vaahaka kiyaalan libumakee vs ufaleh..
Wow!!finally ziyaan nd ifashaa dhemyhun dheke loabi vevuny dhw…
Vaahaka ekkoh genesdhechey adhi. Kiya kiya foohinuva vahakaeh mee. Thanks Marsha.
Salhi..keep it up..next part avahah up koh dhehchey
Wow wow Wow… kn irakun next… plx avahah up khdhybaaa… can’t wait eyy.. ???
Varah salhi
Hama buneleveyny jst Wow eyyy… Waiting 4 next part. Can’t wait ingey. avahah up kohla dehcheyy.. 🙂
Meray next part up kohdeeba vvvv kryaa hiy vay
Wow…. Very nice… Keep it up…
Nice keep it up
Kobaatha meyaduge part avahah up kohdeeba v keyaa hiyvay
avahah upp koh dhybaaaa.., v rythi
v salhi