
ހިތް އެދެނީ 11
އެފަދަ ޚިޔާލުތަކެއްގައި އިން ޒިޔާން ސިހުނީ ރާއިނާގެ އަޑަށެވެ.
“ޒިޔާން…” ދާދި ގާތުން ރާއިނާ ގޮވާލި އަޑަށް ޒިޔާން ސިހިފައި ލޯ ހުޅުވާ ބަލާލިއެވެ. ޒިޔާން އާ ދިމާއަށް ކުޑަކޮށް ގުދުވެލައިގެން އޮތް ރާއިނާ ފެނިފައި ޒިޔާން ގޮނޑި ފަހަތަށް ޖައްސާ ރާއިނާއާ ދުރަށް ޖެހިލިއެވެ.
“ދާންވީނު؟ އަހަރެން ރެޑީ” ރާއިނާ ބުންޏެވެ.
ޒިޔާން ހިތްހަމަ ނުޖެހިފައިހުރެ ދުރު ބަލާލިއެވެ. އަށް މަސް ކުރިން ޒިޔާންގެ ކުރީގެ ސެކްރެޓަރީ ހައިފާ ވިހެއުމަށްފަހު އޮފީހުން ކެނޑުމުން އެ މަގާމަށް ދެން އޮފީހަށް ވަން ކުއްޖަކީ ރާއިނާއެވެ.
މަސައްކަތަށް ކިތަންމެ ފަރުވާތެރި ނަމަވެސް ރާއިނާއާ މެދު ޒިޔާން އެހާ ހިތްހަމައެއް ނުޖެހެއެވެ. ރާއިނާގެ މިޒާޖު ޒިޔާންއަކަށް ކަމަކު ނުދެއެވެ.
އޮފީހަށް ވަންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއިނާ ޒިޔާންއާ ގާތްވާން މަސައްކަތް ކުރާކަން ޒިޔާންއަށް ފާހަގަކުރެވުނެވެ. ޒިޔާންގެ ސެކްރެޓަރީގެ ގޮތުން ގިނަ ވަގުތު ރާއިނާ ހޭދަ ކުރަނީ ޒިޔާންއާ އެކުގައެވެ. އޭގެ އިތުރުން އޮފީހުގައިވެސް އަދި އޮފީހުން ބޭރުގަޔާއި ހުޅުމާލެ އަދި ވިލިނގިލީގައި އޮންނަ މީޓިންގ ތަކުގައިވެސް ޒިޔާންއާއި އެކު ރާއިނާ ބައިވެރިވެއެވެ. އެގޮތުން ހޭދަވާ ވަގުތުތަކުގައި ރާއިނާ ޒިޔާންއާ ގާތްވުމަށް ލިބޭ ފުރުސަތެއް ދޫކޮށެއް ނުލައެވެ. ޒިޔާން ގައިގައި އަތް ޖައްސާލުމަށް ނުވަތަ ރާއިނާ ޒިޔާން ގައިގައި ޖެހިލުމަށް އަބަދުވެސް ކޮންމެވެސް ބަހަނާއެއް ހޯދައެވެ.
އެފަދަ ކަންކަމާ ހިތްހަމަނުޖެހި ޒިޔާން ވަނީ އެއްޗެއް ނުބުނި ނަމަވެސް އަމަލުން އެކަމަކާ ނުރުހޭ ކަން އެތައް ގޮތަކުން ރާއިނާއަށް ދައްކާފައެވެ. ނަމަވެސް ރާއިނާއަށް އެކަމެއް ނުވިސްނެއެވެ.
“ކިހިނެއްވީ؟ މިއަދު ޒިޔާން ބަލީތަ؟” ޒިޔާންގެ ކޮނޑުގައި އަތް ޖައްސާލަމުން ރާއިނާ އަހާލިއެވެ.
އެވަގުތު އިފާޝާގެ ޚިޔާލުގައި އިން ޒިޔާންއަށް ރުޅި އާދެވުނީ ކުއްލިއަކަށެވެ. ދެން ނުބުނެ ނުވާނެޔޭ ހިތަށް އަރާ ޒިޔާން ގޮނޑި އަދިވެސް ބޮޑަށް ފަހަތަށް ޖައްސާލާފައި ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ.
“ޑޯންޓް ޓަޗް މީ އެގެއިން!” ރާއިނާއަށް ބަލާލަމުން ނުރުހުން އެކުލެވިފައިވާ އަޑަކުން ޒިޔާން ބުނެލިއެވެ.
“އޯކޭ! ސޮރީ…” ފަހަތަށް ޖެހިލަމުން ރާއިނާ މާފަށް އެދުނެވެ. ނަމަވެސް ކުރެވުނު ކަމާމެދު ދެރަވިކަން ދޭހަވާފަދަ އެއްވެސް ކުލައެއް ރާއިނާގެ މޫނުމައްޗަކުން ޒިޔާންއަކަށް ނުފެނުނެވެ.
އިތުރު އެއްޗެއް ނުބުނެ މޭޒުމަތީ އޮތް ދެ ފައިލާއި ލެޕްޓޮޕް ދަބަސް ހިފައިގެން ޒިޔާން ކެބިން އިން ނިކުންނަން ދިޔައެވެ. ފަހަތުން ރާއިނާވެސް އަންނަން އުޅުނެވެ.
“މިއަދު ރާއިނާ ނަޔަސް އޯކޭ.” ހުއްޓިފައި ރާއިނާއަށް ބަލާލަމުން ޒިޔާން ބުންޏެވެ. އަދި ރާއިނާ ބުނާ އެއްޗަކަށް ނުބަލާ ކެބިން އިން ނިކުތް ގޮތަށް އާމިރުގެ ކުރީގެ ސެކްރެޓަރީ ނިހާޔާއަށް ގޮވާލާފައި ޒިޔާންއާއެކީ އައުމަށް ބުންޏެވެ.
ޒިހާންއާ ނިހާޔާ އެކުގައި ނިކުތް ތަން ބަލަން ހުރެފައި ރާއިނާ މޫނަށް ވައްތަރެއް ޖައްސާލަމުން އެތެރެއަށް ވަނެވެ.
“ކޮން ކަމަކާ ހިތްހަމަ ނުޖެހިފަ؟” ބޭރަށް ނިކުންނަމުން ނިހާޔާ ޒިޔާންގެ މޫނަށް ބަލާލާފައި އަހާލިއެވެ.
“ރާއިނާއާ ދޭތެރޭ ހަދާނެ ގޮތެއް ނޭނގެ އަހަންނަކަށް.” ކުއްލިއަކަށް ހުއްޓިފައި ޒިޔާން ބުނެލިއެވެ.
ރާއިނާއާ ބެހޭގޮތުން ޒިޔާން ވާހަކަ ދެއްކި ހަމައެކަނި މީހަކީ ނިހާޔާއެވެ. ކުރިންވެސް ރާއިނާގެ އުޅުމާ ބެހޭގޮތުން ޒިޔާން ވަނީ ނިހާޔާއާ ވާހަކަ ދައްކާފައެވެ. ކޮންމެ ފަހަރަކުވެސް ނިހާޔާ ޚިޔާލު ދެނީ ރާއިނާ ގާތު ޒިޔާން އަމިއްލައަށް އެގޮތް ދޫކޮށްލަން ބުނާށެވެ. ނަމަވެސް ޒިޔާންގެ ޚިޔާލު ތަފާތެވެ. ޒިޔާންއަށް ފެންނަ ގޮތުގައި އަޅާނުލާ ހުރުމުން ރާއިނާ އަމިއްލައަށް އެގޮތް ދޫކޮށްލާނެއެވެ. އެހެން ނަމަވެސް މިހާރު ޒިޔާންގެ ޚިޔާލު ތަފާތެވެ.
“އަހަރެން ކުރިންވެސް ބުނީމެއްނު ރީއްޗަށް ބުނިއްޔާ މާ ރަނގަޅު ވާނެޔޭ” ނިހާޔާ ބުންޏެވެ.
“ނިހާ، މިއަދު ޓައިމް ވާނެތަ؟ މިވަގުތު މިވާހަކަ ދައްކާކަށްވެސް ނުތިބެވޭނެ. އެކަމަކު އަހަރެން ބޭނުން މިކަމާ ވާހަކަ ދައްކާލަން.” ގަޑި ބަލާލަމުން ޒިޔާން ބުންޏެވެ.
“މީޓިންގ ނިންމާލާފަ ބްރޭކްއެއް ނަގަމާ؟” ނިހާޔާ އަހާލިއެވެ. ޒިޔާންވެސް އެގޮތާ އެއްބަސްވިއެވެ.
މީޓިންގ ނިންމާފާއި ޒިޔާންއާ ނިހާޔާއަށް ނިކުމެވުނު އިރު ދެގަޑި ބައި ވެއެޖެއެވެ. އޮފީހަށް ނުގޮސް ވަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ.
“ކޮބާ ފަހުދު؟ ބޭބީގެ ހާލު ކިހިނެއް؟” ޒިޔާން އިށީނދެ ހަމަޖެހިލާފާއި އަހާލިއެވެ.
“ރަނގަޅު އެންމެންވެސް. ލީން މިހާރު ބޭބީ ކިޔާ ވަރެއް ނޫނެއްނު؟” ހީލަމުން ނިހާޔާ ބުންޏެވެ.
“އިފާއާ ކުދިންގެ ހާލު ކިހިނެއް؟” ނިހާޔާ އަހާލިއެވެ.
“ރަނގަޅު.” ޒިޔާން ބުންޏެވެ.
“ދެން އެވާހަކަ ފަށާބަލަ. މިއަދު ކިހިނެއްވީ؟” ނިހާޔާ އަހާލިއެވެ.
“މިއަދު އެކަންޏެއް ނޫނެއްނު؟ އެކަމަކު މިއަދު ރުޅި ގަދަވެގެން ބުނެވިއްޖެ ދުރުގަ ހުންނާށޭ.” ޒިހާން ބުންޏެވެ.
“އަހަރެން ފުރަތަމަވެސް ބުނީމެއްނު ބުނާށޭ. އެއީ އާދައިގެ ކުއްޖެއް ނޫނޭ. އެކަން ޒިޔާންއަށްވެސް އެނގިއްޖެއެއްނު؟” ނިހާޔާ ބުންޏެވެ.
“އެހެން ކަންނޭނގެ ދެން ހަދަންވީ.” ޒިޔާންއަށްވެސް މިފަހަރު އެޚިޔާލު ކަމުދިޔައެވެ.
ނިހާޔާއަކީ އިފާޝާއާ މާޔާއާ އެއް އުމުރެއްގެ ކުއްޖެކެވެ. ޒިޔާންއާ އާމިރު ކޮމްޕެނީ ހުޅުވައިގެން ފުރަތަމަ އެ އޮފީހަށް ވަން ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އަށް އަހަރު ވަންދެން އާމިރުގެ ސެކްރެޓަރީގެ ވަޒީފާގައި ހުރީ ނިހާޔާއެވެ. އެދުވަސްތަކުގެ ތެރޭގައި ޒިޔާންއާ އާމިރުގެ ގާތް ރަހުމަތްތެރިއަކަށް ނިހާޔާ ވިއެވެ. އޭގެ އިތުރުން އިފާޝާއާ މާޔާގެ ރައްޓެއްސަކަށްވެސް ނިހާޔާ ވަނީ ވެފައެވެ.
ހަތަރު މީހުން އެކީ ކުރި ދަތުރުގައި ކަންތައް ވީގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކީ ނިހާޔާއެވެ. އިފާޝާއާ ޒިޔާންގެ ކައިވެނި ކުރެވުނު ގޮތާއި އެ ހުރިހާ ކަމެއްވެސް ޒިޔާންވަނީ ނިހާޔާއާ ހިއްސާ ކޮށްފައެވެ. އޮފީހުގެ މުވައްޒަފަކަށް ވުރެން ބޮޑަށް ޒިޔާންއާއި އާމިރުވެސް ނިހާޔާ ދެކުނީ ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. ޒިޔާންގެ އިތުރުން އާމިރުވެސް ގިނަ ކަންތައްތައް ނިހާޔާއާ ހިއްސާކޮށްފައިވަނީ އެހެންވެއެވެ.
“މިއަދު ގޮސް ރާއިނާއަށް ގޮވާފަ ރީއްޗަށް ބުނެބަލަ އެގޮތް ދޫކޮށްލާށޭ. ޒިޔާންއަކީ އޭނަ ހީކުރާ ކަހަލަ މީހެއް ނޫނޭ. އޭރުން ފަހަރެއްގަ ގަބޫލު ކޮށްފާނެ.” ރާއިނާގެ ގޮތް އެނގުނު ނަމަވެސް ނިހާޔާ ބުނީ އެހެންނެވެ. އެއްވެސް މީހެއްގެ ގޯސް ސިފައެއްގެ ވާހަކައެއް އެހެން މީހުންގެ ގާތުގައި ދެއްކުމަކީ ނިހާޔާ ކުރާހިތްވާ ކަމެއް ނޫނެވެ.
“ހިތަށް އެބައަރާ ރާއިނާގެ ޕޯސްޓް ޗޭންޖް ކުރަން. އެ ޕޯސްޓްގަ ނިހާ ހުރިއްޔާ މާ ފަސޭހަވާނެ. ތަންކޮޅެއް ކުރިން އެ ހިޔާލު އައި ނަމަ…” ޒިޔާން ބުންޏެވެ.
“އޭނައަށް އިތުރު ޗާންސެއް ނުދީ ތިހެން ކަންތައް ކުރުން ރަނގަޅެއް ނުވާނެ.” ނިހާޔާ ބުންޏެވެ.
“ހައިފާވެސް ވެއްޖެ ވިއްޔަ ޖޮބް ދޫކޮށްލަން.” ޒިޔާން ބުނެލިއެވެ.
“ދެން އެއީ އޭނަގެ ޗޮއިސް ދޯ!” ނީހާޔާ ހީލިއެވެ.
ބައިގަޑިއެއްހާއިރު ފަހުން ޒިޔާންއާއި ނިހާޔާ އޮފީހަށް ވަދެގެން އައިސް ޒިޔާންގެ ކެބިންއަށް ވަންތަން ބަލަން ރާއިނާ އިނީ ނުރުހިފައެވެ.
“ހާދަ ފާޑަކަށް ތީނީ؟ ކަމުނުދާ މަންޒަރެއްތަ އެއީ؟” ރާއިނާ ގާތުގައި އިން ރީނާޒް އަހާލިއެވެ.
“ބައެއްފަހަރު ހިތަށްއަރާ ނިހާ އާ ޒިޔާންގެ މެދުގަ ގުޅުމެއް އޮންނަނީ ބާއޭވެސް…” ރާއިނާ އިންގޮތަށް އިނދެ ބުނެލިއެވެ.
“ތިހެން ބުނާކަށްވެސް ނުވާނެ ރާއިނާ. ނިހާ އެއީ މިއޮފީހަށް ފުރަތަމަ ވަން އެކަކު. އޭރުއްސުރެ އާމިރުއާ ޒިޔާންގެ ވަރަށް ކްލޯޒް ފްރެންޑެއް އެއީ. އަނެއްކާ އޭނަ އުޅެނީ މެރީކޮށްގެން. ނުލާހިކު ހެޕީކޮށް އުޅެނީ. ދެން ޒިޔާން… މި އޮފީހުގެ އެންމެންނަށްވެސް އެނގޭނެ ޒިޔާން އޭނަގެ ކުރީގެ ވައިފް މާޔާދެކެ ލޯބި ވާވަރު. އެއީ ރާއިނާ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ.” ރާއިނާގެ ވާހަކަ ހުރި ގޮތުން ރީނާޒް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
“އެހާ ލޯބި ވާތީތަ އެހާ އަވަހަށް އާމިރުގެ ވައިފްއާ ޒިޔާން އެ އިނީ؟” ރާއިނާ އަހާލިއެވެ.
“ސާބަސް! އެއީ އެދެމީހުން ކުރެ އެކަކުވެސް ބޭނުން ވެގެން ކުރި ކަމެއް ނޫނޭ. އެކަން ވީގޮތް ރާއިނާއަށްވެސް އެނގޭނެ.” ރީނާޒް ނުރުހިފައި ބުންޏެވެ.
“އެހެންވީމައޭ ޒިޔާން އިފާއާ އެކީ އެހެން އުޅުމަށް ވުރެން ރަނގަޅު ވާނީ އޭނަ ވަރިކޮށްފަ ޒިޔާންވެސް އިންނަން ބޭނުން މީހަކާ އިނދެގެން އުޅުނިއްޔާއޭ އަހަރެން މިބުނަނީ.” ރާއިނާ ރީނާޒް އާ ދިމާއަށް އެނބުރުނެވެ.
“އެކަމަކު އެއީކީ އެހެން މީހުން ބެހެން ޖެހޭ ކަމެއް ނޫނޭ. އެއީ ޒިޔާންގެ އަމިއްލަ ކަމެއްނު؟” ރީނާޒް އަކަށް ރާއިނާގެ ވާހަކައަކާ އެއްބަހެއް ނުވެވުނެވެ.
“އަހަރެން ބޭނުން ވަނީ އެހެން އުޅެން މަޖުބޫރު ނޫންކަން ޒިޔާންއަށް ވިސްނައިދޭން. މެރީކޮށްގެން އުޅުނަސް، ދަރިއަކު ހުއްޓަސް، ޒިޔާންއާ ލައިކްވާ އަންހެން ކުދިން ތިބިކަން ބުނެދޭން.” ރާއިނާ އޭނަގެ މަގުސަދު ބުނެދިނެވެ.
“ތިހެން ޒިޔާންއާ ލައިކް ވާނެ ބައިވަރު އަންހެން ކުދިން ވާނެ. ޒިޔާން އަކީ ނުލާހިކު ސަޅި އަދި އެހާ ރިޗް މީހެއް ވިއްޔަ. އެކަމަކު އަހަންނަށް ޔަގީންވާ ކަމަކީ ތިގޮތަށް ޒިޔާންއާ ލައިކްވާ މީހުންނާ އިފާއާ އަޅާވެސް ކިޔާ ނުލެވޭނެ ކަން.” މަލާމާތުގެ ހިނުތުންވުމަކާއި އެކު ރާއިނާއަށް ބަލާލާފައި އެހެން ބުނެފައި ރީނާޒް މަސައްކަތަށް އެނބުރުނެވެ.
ރީނާޒްއާ ދިމާއަށް ލޯ އަޅާލާފައި ރާއިނާ ގޮސް އިށީނީ އަހުދާ ކައިރީގައެވެ. އާއްމުކޮށް ކޮންމެ އޮފީހެއްގައިވެސް އޮންނަ ގޮތަށް ޒިޔާންގެ އޮފީހުގައިވެސް މުވައްޒަފުން ތިބެނީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކީ މިޒާޖުގެ ގޮތުން ރާއިނާ ފަދަ ކުދިންނެވެ. އަނެއް ބަޔަކީ ނިހާޔާއާ ރީނާޒް ފަދަ ކުދިންނެވެ.
އެ އޮފީހަށް އިންޓަވިއުއަށް އައި ދުވަހުވެސް ރާއިނާއަށް ޒިޔާން ވަނީ ކަމުގޮސްފައެވެ. އެދުވަހުން ފެށިގެން ޒިޔާން ހާސިލް ކުރުމަށް ހިތުއަޅައިގެން ހުރި ރާއިނާގެ އަޒުމް ކުރިއަށް ވުރެން ވަރުގަދަވީ ޒިޔާންއަކީ އެ އޮފީހުގެ އެންމެ އިސްވެރިޔާ ކަން އެނގުމުންނެވެ.
އޮފީހަށް ވަންތާ ހަފްތާއެއްހާ ދުވަސްތެރޭ ޒިޔާންއަކީ މީހެއްގެ ފިރިއެއް ކަމާ ދަރިންވެސް ތިބި މީހެއްކަން އެނގުމުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ރާއިނާގެ އަޒުމް ބަލިކަށިވިއެވެ. ނަމަވެސް އަނެއްކާވެސް އާ ހިތްވަރާކާއެކު ރާއިނާގެ މަސައްކަތް ފެށީ މާޔާއާ އާމިރުގެ ވާހަކަ އެނގި އިފާޝާއާ ޒިޔާން ކައިވެނި ކުރަން މެދުވެރިވި ސަބަބު އެނގުމުންނެވެ.
ރާއިނާ ގަބޫލު ކުރާ ގޮތުގައި އެފަދަ ގޮތަކަށް ކުރެވުނު ކައިވެންޏަކާ މެދު ޒިޔާން އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭނެއެވެ. ޒިޔާން ބޭނުންވާނީ އިފާޝާގެ ކިބައިން ސަލާމަތް ވުމަށެވެ.
ރާއިނާގެ އެ ޚިޔާލުގައި ރާއިނާއާ އެއްބަސް ނުވި ނަމަވެސް އަހުދާއާ އެނޫންވެސް އެ އޮފީހުގައި އަހުދާ ފަދަ ރާއިނާގެ ރަހުމަތްތެރިން އެކަމާ މާބޮޑަށް ދެކޮޅެއް ނަހަދައެވެ. ކޮންމެ މީހަކުވެސް ބުނަނީ ޒިޔާންއަކީ ރާއިނާ ހީކުރާފަދާ މީހެއް ނޫން ކަމަށެވެ. ރާއިނާގެ މަގްސަދު ހާސިލް ނުވާނެ ކަމަށެވެ.
“މިއަދު ބޭނުން ތަންކޮޅެއް އަވަހަށް ގެޔަށް ގޮސްލަން. މިއަދަށް ކޮންމެހެން ނިންމަންޖެހޭ އެއްޗެއް ހުރިތޯ ބަލާލަ ދީބަލަ ނިހާ.” އިށީނދެފައި ޒިޔާން ބުންޏެވެ.
“ހިއެއް ނުވޭ އެހާ އަރޖެންޓް ކަމެއް އޮތްހެނެއް. އެކަމަކު ރާއިނާ ކައިރީ އަހާލާނަން.” ނިހާޔާ ބޭރަށް ނިކުތެވެ. އިރުކޮޅެއް ނުވެ ކަރުދާސްތަކެއް ހިފައިގެން ނިހާޔާއާ އެކީ ރާއިނާ އައިސް ވަނެވެ.
“މި އެއްޗެހީގަ ސައިން ކޮށްލަނިކޮށް އޯކޭ. އިތުރު ކަމެއް ނެތް.” ޒިޔާންގެ މޭޒުމަތީ ކަރުދާސްތައް ބަހައްޓާފައި ރާއިނާ ބުންޏެވެ. ރާއިނާއާ ދިމާއަށް ބަލާނުލާ ޒިޔާން އެ ކަރުދާސްތަކުގައި ސޮއެ ކޮށްލިއެވެ.
“ކޮފީއެއް ގެނެސްދެންތަ ޒިޔާން؟” އެއް އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ކަރުދާސްތައް ނަގަން އަނެއް އަތް ދިއްކޮށްލާފައި ރާއިނާ ފޮނިގޮތަކަށް އަހާލިއެވެ.
ރާއިނާގެ އެ ސުވާލަށް އެވަގުތު ޒިޔާން ރަނގަޅު ޖަވާބެއް ދޭނެޔޭ ހިތަށް އެރި ނިހާޔާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.
“ނޫނޭ. މިއަދު ކޮފީ ބޯނީ އިފާއާ އެކީ. ލަންޗް މިސް ވީމަ ވައިފް ހައްދާލާނީ ކޯޒީ ކޮފީއަކުން.” ހީލަމުން ރާއިނާއަށް ބަލާލާފައި ޒިޔާން ބުނެލިއެވެ. ރާއިނާ އެއްޗެއް ނުބުނެ ހުއްޓެވެ. ޒިޔާން ކެބިން އިން ނިކުންނަމުން ނިހާޔާއާ ދިމާއަށް އެއް ލޯ މަރާލިއެވެ.
ހިތްހަމަ ނުޖެހިފައި ހުރި ރާއިނާއާ ހިނިތުން ވެލައިގެން ހުރި ނިހާޔާ، ޒިޔާން ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަން ތިއްބެވެ.
“ވަރަށް އުފާވޭ ޒިޔާންގެ ލައިފް އަލުން ނޯމަލް ވާން ފެށިތީވެ. ރާއިނާއަށް އެނގޭތަ؟ އެ އެކްސިޑެންޓް ވެގެން… ޒިޔާން އޭރު ހީވަނީ މަރުވެފަ ހުންނަ މީހެއްހެން. އެއްކޮޅުން އެހާ ލޯބިވާ އަންހެނުން، އަނެއްކޮޅުން ބެސްޓް ފްރެންޑް. ހަމަ އެހެން އިފާވެސް… އަނެއްކާ އޭގެ ދުވަސްކޮޅެއް ފަހުން އެނގުނީ އިފާ ބަނޑުބޮޑުކަން. އެދެމީހުން ވީ އެކަކު އަނެކަކަށް ލިބުނު ވަރަށް ބޮޑު ސަޕޯޓަކަށް. މިހާރު އަސްލުވެސް އިފާއާ ޒިޔާން އެކީ ފެނުނީމަ ވަރަށް ހިތްހަމަ ޖެހޭ.” ނިހާޔާ ބުންޏެވެ.
ރާއިނާ ނިހާޔާގެ ވާހަކައަށް ވަކި ޖަވާބެއް ނުދީ ނިކުތެވެ. ދެފަރާތަށް ބޯ ހަލުވާލަމުން ނިހާޔާވެސް ނިކުތެވެ.
ޒިޔާން ގެއަށް ވަންއިރު އާނާއަށް ކާންދޭން ސިޓިންގރޫމްގައި އިފާޝާ އިނެވެ. ދޮރުހުޅުވާލި އަޑާއެކު އެދިމާއަށް ބަލާލި އިފާޝާއަށް ޒިޔާން ފެނުމާއެކު ހަނދާންވީ އެދުވަހު އެދެމެދުގައި ފޯނުން ދެކެވުނު ވާހަކައެވެ. ރަކި ހިނިތުންވުމަކާއެކު އިފާޝާ އާނާއަށް ކާންދިނުން ކުރިއަށް ގެންދިޔައެވެ. ބޫޓާ އިސްޓާކީނު ބާލާފައި ޒިޔާން ގޮސް އިފާޝާ ގާތު އިށީނެވެ.
“ހާދަ އަވަހަކަށް މިއަދު ތި އައީ؟” އިފާޝާ ބުނެލިއެވެ.
“އަވަސްތަ؟” ޒިޔާންވެސް ކޮށްލީ ސުވާލެކެވެ.
“މިގޭ ގަޑިން އަދި ހަތަރެއް ކިރިޔާ އެ ޖެހީ” ގަޑިއަށް ބަލާލަމުން އިފާޝާ ބުންޏެވެ.
“މިއަދު އޮފީހުގަ ވަރަށް ފޫހި. މެންދުރު ކުރީގަ ވަރަށް ބިޒީކޮށް އުޅުނީ. މީޓިންގ ނިންމާފަ އައިސް އޮފީހުގަ އިންނަ ހިތް ނުވެގެން ހިތަށް އެރީ ގެއަށް ދާނީއޭ. އޭރު ގުޅި ފަހުން ހަމަ ގެއަށް އަންނަ ހިތުން…” ވާހަކަ ދައްކަމުން ޒިޔާން އިފާޝާގެ ގައިގައި ބައްދާލިއެވެ.
“ޒިޔާން ގުޅީމަ އަހަންނަށް މާ ހާއްސަ ވާހަކައެއް ބުނެވުނީތަ؟” އާނާއަށް ކާންދީ ނިމުނު ތަށި ކޮފީ ޓޭބަލް މަތީ ބަހައްޓާފައި ފެންފުޅި ނަގަމުން އިފާޝާ އަހާލިއެވެ.
“އަހަރެން ނުލާހިކު ދެކޭހިތްވާ އިމޭޖްއެއްގެ ވާހަކަ ދައްކައިގެން އިފާ އަހަރެން ދަހި ކުރުވީނު؟” އާނާއަށް ފެންދީ ނިމުމުން ޒިޔާން އިތުރަށް އިފާޝާ ޒިޔާންގެ އަތުތެރޭގައި ބޮނޑި ކޮށްލިއެވެ.
“ޒިޔާން… ޒާ…” އިފާޝާގެ މޫނާ ޒިޔާންގެ މޫނު ކައިރި ކޮށްލުމުން އިސްޖަހާލަމުން އިފާޝާ އެއްޗެއް ބުނަން އުޅުނެވެ.
“ޒާ އަންނަންޏާ އެނގޭނެ” އިފާޝާގެ ދަތްދޮޅީގައި އިނގިލި ޖައްސާލަމުން ޒިޔާން މަޑުމަޑުން ބުންޏެވެ. އިފާޝާ އިތުރަށް އެއްޗެއް ބުނަން އުޅުނު ނަމަވެސް ޒިޔާން އެ ފުރުސަތެއް ނުދިނެވެ.
“މަންމީ…!” ކޮޓަރިން ޒާޔާ ނިކުތުމުގެ ކުރިން ގޮވާލި އަޑު އިވުނެވެ. ޒިޔާން އިފާޝާގެ މޫނާ ދެތިން އިންޗި ދުރުވެލިއެވެ.
“ބުނީމެއްނު؟” ހީލަމުން ޒިޔާން ބުންޏެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތް ޒާޔާ ޒިޔާން ފެނުމާއެކު ދުވެފައި އައިސް ޒިޔާންގެ އުނގަށް އެރިއެވެ.
“ހާދަ ބާރަކަށް މަންމައަށް ގޮވަމުން ތި ނިކުތީ؟ ކިނިނެއް ވީ؟” ޒާޔާގެ ބޮލުގައި ބޮސްދެމުން ޒިޔާން އަހާލިއެވެ.
“ޒާ އާ ތިއްތައާ ބޭނުން މިއަދު ފިޝް އެންޑް ޗިޕްސް ކާން. ދޯ ތިއްތާ؟” ޒާޔާގެ ފަހަތުން ނިކުތް ސަނާއަށް ބަލާލަމުން ޒާޔާ ބުންޏެވެ.
“ތިއްތައެއް ނުބުނަމެއްނު؟ ޒާ ކޮއްކޮއެއްނު ބުނީ މިރޭ ކާނީ ފިޝް އެންޑް ޗިޕްސް އޭ؟” ހީލާފައި ސަނާ ބުންޏެވެ.
“އޯކޭ. ޒާ ބޭނުމިއްޔާ މިރޭ ފިޝް އެންޑް ޗިޕްސް ހަދައިދޭނަން” އިފާޝާ ޒާޔާގެ ނޭފަތުގައި ހިފާލަމުން ބުންޏެވެ. އެއާއެކު ޒާޔާ ހީގެންފައި އިފާޝާ ގައިގައި ބައްދައިގަތެވެ.
“ތޭންކްސް މަންމީ” ޒާޔާ ބުންޏެވެ.
“އެކަމަކު ގޮތެއްގެ މަތިން. އިހަށް ދޭ ތިއްތައާ އެނީއާ އެކީ ޒާ ކޮޓަރިއަށް ކުޅެލަން. މަންމަ ގޮވަންދެން ބަސްއަހައިގެން ކުޅެން ތިބެންވާނެ.” ޒިޔާން އެވަގުތު އިފާޝާއާއެކު އެކަނިވެލުމަށް ފުރުސަތު ހޯދިއެވެ.
“އޯކޭ. ތިއްތާ، ހިނގާ އެނީ ގޮވައިގެން” ޒާޔާ ވަގުތުން އެއްބަސްވިއެވެ.
“އަންނާނަން ތުން ދޮއްވާލައިގެން.” ކޮށިން އާނާ ނަގައިގެން ތެދުވި އިފާޝާ ގޮސް އާނާގެ ތުން ދޮއްވިއެވެ. ޒިޔާން އާނާ އުރާލާފައި ސަނާ އަތަށް ދިނުމުން ޒާޔާ ސާނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
ޒިޔާން އިފާޝާއަށް ބަލާލަމުން އިފާޝާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. ޒިޔާންގެ ބޭނުން ވިސްނުނު ނަމަވެސް އިފާޝާ ބޭނުންވީ ޒިޔާންއާ ސަމާސާ ކޮށްލާށެވެ.
“ކޮފީ ހަދަންތަ؟” ބަދިގެއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން އިފާޝާ އަހާލިއެވެ.
“މިގަޑީގަ ކޮފީ ބޭނުމެއް ނޫން” ދެފަރާތަށް ބޯ ހަލުވާލަމުން ޒިޔާން ބުންޏެވެ.
“އިހަށް ފެން ދޯ ވަރާނީ؟” އިފާޝާ އަހާލިއެވެ.
“ފެން ވަރާކަށްވެސް ބޭނުމެއް ނޫން.” ޒިޔާން އިފާޝާގެ އަތުގައި ހިފެހެއްޓިއެވެ.
“ދެން ކޮން ކަމެއް ބޭނުންވަނީ؟” ޒިޔާންގެ މޫނަށް ބަލާލަމުން އިފާޝާ ސުވާލުކޮށްލިއެވެ. އިފާޝާގެ ސަމާސާ ޒިޔާންއަށް ވިސްނުނެވެ.
“އަހަރެން ބޭނުންވަނީ…” އިފާޝާގެ މޫނުގައި ދެއަތުން ހިފާ، އެތުންފަތުގައި ލުއިކޮށް ބޮސްދިނުމަށްފަހު ބޭނުންވާ ކަންތައް ޒިޔާން އިފާޝާއަށް ބުނެދިނީ އެފަދަ އެތައް ބޮސްދިނުމެއްގެ ތެރޭންނެވެ.
“ތިވަރަށް ކިޔާނުދިނަސް މިހާރު އެނގިއްޖެޔޭ.” ލަދުން ގޮސް މޫނު ރަތްވެގެން ދިޔަ އިފާޝާ ޒިޔާންގެ ތުންފަތުގައި އިނގިލިތައް ޖައްސާލަމުން ޒިޔާންގެ މޭގައި ބޯ ޖައްސާލިއެވެ.
“އެނގޭއިރު އަދިވެސް އިފާ ސުވާލު ކުރާނަންތަ؟” ލުއި ހުނުމަކާއެކު ޒިޔާން އިފާޝާ ގައިގައި ބާރަށް ބައްދާލަމުން އަހާލިއެވެ.
“ތިހާ ޑީޓެއިލްކޮށް ޒިޔާން ކިޔާދޭނެ ކަމެއް ނޭނގޭނެއެއްނު؟” އިފާޝާ ބުންޏެވެ.
“މިހެން ތިއްބާ ވަގުތު ގެއްލިދާނެ…” ހުނުމާއެކެ ދެއަތް މައްޗަށް އިފާޝާ ނަގަމުން ޒިޔާން ބުނެލިއެވެ.
އާނާގެ ޕާޓީގައި ވީ ކަންތައްތަކަށް ފަހު ތިންމަސް ވެގެން ދިޔައިރުވެސް ޝަރީފް އަދި ޝާއިރާގެ ހަބަރެއް ނުވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މައިރާ އާ މީރާ އާނާ ގާތަށް އާދެއެވެ.
އާނާގެ ކާފައާ އަދި އާއިލާގެ އެކަކާވެސް އާނާ ދުރުކުރާކަށް އިފާޝާ ނޭދެއެވެ. އެދުވަހު ފަހުން އެތައް ދުވަހެއް ވަންދެން އެވާހަކަ ނުދައްކާ ހުރެފައި، ޖެހިލުންވެ ހުރެވެސް އެއްދުވަހު ޒިޔާން ގާތު އިފާޝާ އެވާހަކަ ދައްކަން އުޅުނެވެ.
“އިފާ، ހިނގާ މިފަހަރު ބަންދުގަ މަންމަމެން ނުގެނެސް އަހަރުމެން ރަށަށް ދާން ދޯ؟” އޮފީހުން ގެއަށް އައިސް ޒިޔާން އެދުވަހު އައި ޚިޔާލު އިފާޝާއާ ހިއްސާކުރިއެވެ.
“އާނ. ރަނގަޅުވާނެ ހަމަ” އިފާޝާއަށްވެސް އެ ޚިޔާލު ކަމުދިޔައެވެ.
“އެނީއަށްވެސް މަންމަމެން ފެނުނީ އަދި ދެފަހަރު. އެހާ ކުޑައިރުގެ ވާހަކަ ދައްކާނެ ކަމެއްވެސް ނެތް. ޖޫންގަ އައިފަހުން މިހާރު އަނެއްކާ ހަނދާނެއްވެސް ނުހުންނާނެ. ދޯ؟” ޒިޔާން ބުންޏެވެ.
“އާނ، އެނީ ނުހުންނާނެ ހަނދާނެއް” އެހެން ބުނެފައި އިފާޝާ ވިސްނުމަކަށް ގެއްލިފައި ކަހަލަ ގޮތަކަށް އިނެވެ.
“އިފާ. ކިހިނެއްވީ؟” އިފާޝާގެ އަތުގައި ހިފާލަމުން ޒިޔާން އަހާލިއެވެ.
“އަހަރެން ހިތަށް އެރީ… އާމިރުގެ ބައްޕަމެންނާ އެނީ ދުރުކަމުން…” އެވަރަށް ބުނެފައި އިފާޝާ ހުއްޓާލިއެވެ.
“އެއީ އިފާގެ ކަމެއް ނޫނެއްނު؟” ޒިޔާން މަޑުމަޑުން ބުންޏެވެ.
“އަހަންނަށްވެސް އެކަމާ މާބޮޑަށް އަޅާނުލެވޭތީ ކަންނޭނގެ އެހެން އެ ވަނީ.” އިފާޝާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“އިފާ. އިފާ އެކަނި މަސައްކަތް ކުރިޔަސް ކާމިޔާބެއް ނުވާނެ. އެހެން ނަމަ އާމިރު ހުރި އިރު އިފާ ކުރި މަސައްކަތުން މިއަދު އާމިރު ނެތަސް އާނާއާ އެމީހުންނާ ގުޅިފަ އޮތީހީ. ތި ދެމެދުގަ އާމިރު ހުރިއިރުވެސް ނުވި ކަމެއް މިއަދު އާމިރު ނެތްއިރު ކިހިނެއްވާނީ؟
އަހަރެން ނުބުނަން އެނީ އެމީހުންނާ ދުރުކުރާށެކޭ. އިފާ ބޭނުމިއްޔާ އެނީ ގޮވައިގެން އިފާ އެމީހުން ކައިރިއަށް ދިޔަޔަސް އަހަންނަށް މައްސަލައެއް ނެތް. އަދީ އާމިރުގެ ބައްޕައާ ދެ ކޮއްކޮ މިގެއަށް އައުންވެސް އަހަރެން މަނައެއް ނުކުރަން. އެކަމަކު… އާމިރުގެ ދޮންމަންމަ މިގެއަށް ވަންނާކަށް އަހަރެން ގަބޫލެއް ނޫން. އިފާތީ އަހަރެންގެ އަންހެނުން މިހާރު. އެއްވެސް މީހަކު އިފާއާ ދިމާއަށް އެއްވެސް އެއްޗެއް ބުނާކަށް އަހަންނަކަށް ނުރުހެވޭނެ. އަދި އަމްދުން އަހަރެންގެ ކުރިމަތީގަ އިފާއާ ދިމާއަށް އެކަހަލަ އެއްޗެއް ބުނާ އަޑު އަހާކަށް އަހަރެން މަޑުންނެއް ނުހުންނާނަން.
އެމީހުން ގަބޫލު ކުރިޔަސް ނުކުރިޔަސް އަހަރުމެން އިނުމުނުގެ ކުރިން، އިފާ އެނީ ނުވެސް ވިހަނީސް ކަންތައް ވީގޮތް ކިޔާދިނިން. އެހެންވީމަ އެކަހަލަ ވާހަކަ ދައްކާކަށް އެއްވެސް ބަހަނާއެއް ނެތެއްނު؟ އޭނަގެ ގޮތް އާމިރުއަށް މާ ރަނގަޅަށްވެސް އެނގޭތީ އާމިރު އެމީހުންނާ ދުރުދުރުން އުޅުނީ. އެކަން އިފާއަށްވެސް އެނގޭނެ. އެކަމަކު އިފާ އެދުނީތީ އާމިރު އާއިލާއާ އޮތް ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރީ.
އިފާއަކަށް ނޭނގޭނެ އެދުވަހު އޭނަގެ ވާހަކަ އަޑުއަހާފަ އަހަރެން ރުޅި އައި ވަރެއް. އެދުވަހު އާމިރު މަތިން ހަނދާން ކޮށްލާފަ އަހަރެން ރުޅި ކޮންޓްރޯލް ކުރީ. އެކަމަކު ދެވަނަ ފަހަރަށް އެކަހަލަ އެއްޗެއް ބުނާ އަޑު އިވިއްޖެއްޔާ… އަހަންނަކަށްވެސް ނޭނގެ އަހަންނަށް ކުރެވިދާނެ ކަމެއް ބުނާކަށް.
އެކަމަކުވެސް އިފާ އެމީހުންނާ ގުޅުން ބޭއްވުމަކަށް އަހަރެން އެއްވެސް ހުރަހެއް ނާޅާނަން. އަހަންނަށް އެނގޭ ފެމިލީއަކީ އިފާއަށް ކިހާ މުހިއްމު އެއްޗެއްކަން.” ޒިޔާން އިފާޝާ ގެ މޫނުގައި އަތް ޖައްސާލިއެވެ.
ނުނިމޭ
15 Comments!
Comments are closed.
އެގާރަ ވަނަ ބައިވެސް ކަމުދާނެ ކަމަށް ހީކުރަން…
Kon iraku next part update vany?????vvvvv salhi… keep it up marsha
Yey..finally up vejjeh..vv kiyaa hithun indhaa thi up koh dhiny marsha..thanks nd this part was awesome..love it ♥♡♥♡♥♡♥♡
Im first dhw..yey
wowwwwwwwwwwwwww vvvvvv rythi 🙂
Ufffffffff v reethi????
Varah reethi
Kuruhen heevanee v nice story
Alheyyyyyy dhn raaina dhw ifaa nd ziyaan ge life halaaku kuran masaikai kuraany….. hehehe knmeh stry ehgaves haadhisaa eh hingaane dhw ….but stry ninmaairu happy ending ahka hadhahcheyyyy…..anyways story vrh vrh vrh vrh vrh reethi….just loved it…..
Story v reethi…
Haadha kurey
Wow…v NYC….when is next part??????
Marsha avahah story up kohdeeba keyaahethun kehmaduvefa
Pleax upp koh bar
V reethi mi part ve