Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 9

Marsha
February 15, 2016
9 Mins Read
92 Views
10 Comments

ހުވަފެނާ ހަގީގަތާ ދެމެދުގައި އޮތް އިފާޝާއަށް ރަނގަޅަށް ހޭލެވުނީ އެހިސާބުންނެވެ. ލޯ ހުޅުވާ ޒިޔާންއަށް ބަލާލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ.

“ޒިޔާން…؟” އިފާޝާއަށް ގޮވާލެވުނީ މިއުޅެވެނީ ހުވަފެނެއްގައި ނޫންކަން ޔަގީން ކުރުމުގެ ގޮތުންނެވެ.

ނިދީގައި އިފާޝާ ޒިޔާންގެ މޭގައި މޫނު ފޮރުވާލި ވަގުތުން ފެށިގެން ޒިޔާންއަށް އަމިއްލަ ހަށިގަނޑަށް ބާރެއް ނުފޯރުވުނެވެ. ޒިޔާންގެ ހަށިގަނޑަށް އަމިއްލަ ބާރެއް ލިބުނު ފަދައެވެ.

އިފާޝާ ގޮވާލުމުން ޒިޔާން ލޯހުޅުވާލިއެވެ. އެލޮލުގައި ވި މަސްތުކަން އިފާޝާއަށް އަނދިރީގެ ތެރޭންވެސް ދެނެގަނެވުނެވެ. އިފާޝާއަށް ނުވެސް އެނގި ޒިޔާން ބުނެފައިވާ ދުވަހަށް ވުރެން ކުރިން އައީތީ ސުވާލު ކުރަން އުޅެފައިވެސް އިފާޝާ އެކަން ފަހަށް ޖައްސާލީ ވަގުތުގެ ގޮތުންނެވެ. ދެމީހުންނަށް ތިބެވުނު ގޮތުންނެވެ. އިފާޝާ ޒިޔާންގެ ކަރުގައި އަތް އަޅުވާލަމުން ލޯމަރާލުމާ އެކު ޒިޔާން އިފާޝާގެ ތުންފަތުގައި ބޮސްދިނީ ކެތްމަދު ވެފައިވާ މީހެއް ފަދައިންނެވެ.

ޒިޔާންއަށް އަމިއްލަ ނަފްސަށް ބާރެއް ނެތް ކަހަލައެވެ. އެކަކު އަނެކަކުގެ އަތުތެރޭ އުފަލާ ހިތްހަމަ ޖެހުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު ޒިޔާންގެ ހިތުގައި މާޔާގެ ޚިޔާލު ނެތް ނަމަވެސް އެރޭ ފެނުނު ހުވަފެނުގެ ސަބަބުން އެވަގުތުވެސް އިފާޝާގެ ހިތުގައި އާމިރުގެ ހަނދާން ވިއެވެ.

އިފާޝާ ކަންތައް ކުރަމުން ދިޔައީ އާމިރު އެދުނު ގޮތަށެވެ. ޒިޔާންއާ އެކު ދިރިއުޅުން ހޭދަ ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅަކީ އެއީ ކަމުގައި ނިންމާފައެވެ. ނަމަވެސް އެއީ ހަމައެކަނި އާމިރުގެ އެދުމަކަށް ނޫންކަން އިފާޝާއަށް އެނގެއެވެ. އިފާޝާގެ ހިތާ ހަށިގަނޑުވެސް އެދެމުން ދިޔައީ ޒިޔާންއާ އެކު ވުމަށެވެ.

އެތައް ދުވަހެއް ވަންދެން ބޭނުންވި ހިތްހަމަޖެހުން ހޯދުމަށް ޒިޔާން މަސައްކަތް ކުރަމުން ދިޔައެވެ. އިފާޝާއަށް ޒިޔާންގެ ކޮންމެ ހަރަކާތަކަށް އަދި ކޮންމެ ބީހިލުމަކަށް މަރުހަބާ ކިޔުނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ނަމަވެސް ދެމީހުންގެ އެދުން އެރޭ ފުރިހަމަ ނުވި ސަބަބަކަށް އޭރުވެސް އިފާޝާގެ ހިތުގައިވި އާމިރުގެ ހަނދާން ވެގެން ދިޔައެވެ. ޒިޔާންއާ އިފާޝާ ކައިވެނީގެ ގުޅުމުން ފުރިހަމައަށް ނުގުޅެވެނީސް އެދެމެދަށް ހުރަސް އެޅުނީ އެސަބަބާ ހެދިއެވެ.

އިފާޝާ ލޯހުޅުވާ އިފާޝާގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައިވި ޒިޔާންގެ މޫނަށް ބަލާލިއެވެ. އެދެމެދުގައި މާނަ ފުން ހިނިތުންވުމެއް ބަދަލު ވެގެން ދިޔައެވެ. އެއާއެކު ޒިޔާން އިފާޝާގެ ކަނާތު ކަންފަތް ކައިރިން މޫނު ފޮރުވާލިއެވެ. ލޯމަރާލަމުން އިފާޝާ ވައަތް ފަރާތަށް މޫނު އަނބުރާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުއްލިއަކަށް އިފާޝާއަށް ލޯހުޅުވާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލެވުނީ ހީވި ހީވުމެއްގެ ސަބަބުންނެވެ.

ކޮޓަރީގެ ދޮރު ކައިރީގައި އާމިރު އެދެމީހުންނަށް ބަލަން ހުއްޓެވެ.

“އާމިރު!” އިފާޝާއަށް ކުއްލިއަކަށް ބުނެވުނެވެ. ނަމަވެސް އެސްފިޔަ ޖަހާލުމާ އެކު އެއީ ހީވި ހީވުމެއްކަން އިފާޝާއަށް އެނގުނެވެ.

އެފަދަ ވަގުތެއްގައި އިފާޝާގެ ދުލުން އާމިރުގެ ނަން ބުނި އަޑު އިވުމުން ޒިޔާންގެ ހިތް ސިކުންތަކަށް މަޑު ޖެހިލިއެވެ. ބޯހިއްލާ އިފާޝާއާ ދިމާއަށް ބަލާލި އިރު އެލޮލުގައި އެތައް ސުވާލަކާ އެތައް ޝަކުވާއެއް ވިއެވެ.

އިފާޝާއަށްވެސް ޒިޔާންގެ މޫނަށް ބަލާލެވުނީ ވާނުވާ ނޭނގި ހުރެ ބަލާލާ ފަދަ ގޮތަކަށެވެ. ހަރަކާތެއް ނެތި އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު ތިބެފައި ޒިޔާން ކުއްލިއަކަށް ތެދުވެ އެނދުގެ މަގަތުން އިށީނެވެ.

“ގޯޑް! އިފާ، އާމިރުއެއް ނޫން… ޒިޔާން!” ދެއަތުން މޫނު ފޮހެލާފައި އެއިން ގޮތަށް އިނދެ ޒިޔާން ބުނެލިއެވެ.

ޒިޔާންގެ އެބަސްތަކާއެކު އިފާޝާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. ޒިޔާންއާ ދިމާއަށް ބަލާލާފައި އިފާޝާ މަޑުމަޑުން ތެދުވެ މޭމަތީގައި ބާލީސް ޖައްސާލިއެވެ. އެހެން ބުނެލި އިރު ޒިޔާންގެ އަޑުގައިވި ހިތްހަމަ ނުޖެހުމާ ނުރުހުން އިފާޝާއަށް ފާހަގަ ކުރެވުނެވެ. އެވަގުތު އިފާޝާއަށް އާމިރުގެ ނަން ބުނެވުމުން ޒިޔާން ހިތަށް އަރާނެ އެއްޗެހި އިފާޝާއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ.

އިފާޝާއަށް ވީގޮތުން ޒިޔާންއަށް ހީވި އިފާޝާ އެރޭ އެގޮތަށް ޒިޔާންއަށް މަރުހަބާ ކީ އެއީ އާމިރު ކަމަށް ހީކޮށް ކަމަށެވެ. އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. އެރޭ އިފާޝާ ފުރަތަމަވެސް ޒިޔާންގެ އަތުތެރެއަށް އައީ ނިދީގައި އޮވެއެވެ.

“ޒިޔާން… އަހަރެން—” އިފާޝާ އެއްޗެއް ބުނަން އުޅުނެވެ. ވީގޮތް ޒިޔާންއަށް ބުނެދޭން އުޅުނެވެ. ނަމަވެސް ކަންތައް ވީ ގޮތް ޒިޔާންއަށް ބުނެދޭނެ ލަފްޒެއް އިފާޝާގެ ދުލަކަށް ނައެވެ.

“އިޓްސް އޯކޭ އިފާ… އަހަރެން އަންޑަސްޓޭންޑް ވޭ…” އިން ގޮތަށް އިނދެ އެހެން ބުނެފައި ޒިޔާން އިފާޝާއާ ދިމާއަށް އެނބުރުނެވެ. އިފާޝާ އިން ގޮތް ފެނިފައި ޒިޔާން އެނދުގެ ފައިލާ ކޮޅުގައި އޮތް ރަޖާ ނަގާ އިފާޝާ އަތަށް ދިނެވެ.

“ސޮރީ!” ޒިޔާން ބުންޏެވެ. އަދި ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

ވިސްނެޔޭ ބުނި ނަމަވެސް ވީ ގޮތް ޒިޔާންއަށް ނުވިސްނޭ ކަން އިފާޝާއަށް އެނގެއެވެ. ކަންތައް ވީ ގޮތާ މެދު ޒިޔާންގެ ހީކުރާނީ ކީކޭ ކަން އިފާޝާއަށް އަންދާޒާ ކޮށްލެވުނީ އެވަގުތު ތެދުވެފައި ޒިޔާން ބުނި އެއްޗަކުންނެވެ.

“އާމިރުއެއް ނޫން… ޒިޔާން!”

އިފާޝާއަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. އެވަގުތު ޒިޔާންގެ ދުލުން މާޔާގެ ނަން ބުނި ނަމަ އިފާޝާއަށްވެސް ވާނީ އެހެންނެވެ.

ކަންތައް ވީގޮތް ޒިޔާންއަށް ބުނެދޭން އިފާޝާ ބޭނުން ވިއެވެ. ނަމަވެސް ބުނާނީ ކީކޭ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެވަގުތުގައިވެސް އިފާޝާގެ ހިތުގައި އާމިރުގެ ހަނދާން ވިއެވެ. ނަމަވެސް ޒިޔާންއަށް އިޖާބަ ދެމުން ގެންދިޔައީ އެއީ އާމިރު ކަމަށް ހީކޮށްގެން ނޫން ކަމަށް އިފާޝާ ބުނި ނަމަވެސް ޒިޔާން ގަބޫލު ކުރާނެ ހެއްޔެވެ؟

ޔަގީނެވެ. ޒިޔާން ހުންނާނީ އިފާޝާއާ މެދު ހިތްހަމަ ނުޖެހިފައެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ގައިގައި ރަޖާ އޮޅާލައިގެން އިފާޝާ އިންދާ ފާހާނާއިން ފެން މާގަނޑު ދޫކޮށްލި އަޑު އިވުނެވެ.

އެތައް އިރެއް ވަންދެން ޒިޔާން ގަޔަށް ފެން އެޅި އިރުވެސް ހޫނު ވެފައިވާ ހަށިގަނޑަށް ފިނިކަމެއް ނުލިބުނެވެ. ފާރުގައި ދެއަތް ޖައްސާލައިގެން ބޯ ތިރިކޮށްލައިގެން ލޯމަރާލައިގެން ގަޔަށް ފެން އަޅައަޅާ ވިއްސަކަށް މިނަޓް ވަންދެން ޒިޔާން ހުއްޓެވެ.

ބައިގަޑިއެއްހާ އިރު ފަހުން ޒިޔާން ނިކުތުމާ އެކީ އިފާޝާ ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް ފެން ވަރާލައިގެން އިފާޝާ ނިކުތް އިރު ޒިޔާން ކޮޓަރިއަކު ނެތެވެ. އެގަޑީގައި ޒިޔާން ބޭރަށް ދިޔައީޔޭ ހިތަށް އަރާ ކަންބޮޑުވެ ހުރެ އިފާޝާ ކޮޓަރިން ނިކުތެވެ. ނަމަވެސް ކާމޭޒު ކައިރީގައި ކޮފީތައްޓެއް ހިފައިގެން އިން ޒިޔާން ފެނިފައި އިފާޝާގެ ފިޔަވަޅު ހުއްޓުނެވެ.

އިފާޝާ ނިކުތުމުން ޒިޔާން ބަލާލިއެވެ.

“އިފާ އޮށޯވޭ، އަހަރެންވެސް މިދަނީ” ޒިޔާން ބުންޏެވެ.

އެއްވެސް އެއްޗެއް ނުބުނެ އިފާޝާ ކޮޓަރިއަށް ވަނެވެ. ގަޑިއެއްހާ އިރު ފަހުން ޒިޔާން ވަން އިރުވެސް އިފާޝާ އޮތީ ހޭލައެވެ. ޒިޔާން ވަނުމާއެކު ބިއްދޮށަށް އެނބުރި އޮތް އިފާޝާ ލޯ މަރާލީ ހޭލާ އޮތް ކަން ޒިޔާންއަށް ނާންގަން ވެގެންނެވެ.

އެނދު ކައިރީގައި އިރުކޮޅަކު އިފާޝާއަށް ބަލަން ހުރެފައި ޒިޔާން އޮށޯތެވެ. ލޯ މަރާލި ނަމަވެސް ނިންޖެއް ނައެވެ. އެރޭ ދެމީހުންވެސް ހޭދަ ކުރީ ނުނިދައެވެ.

ދެގަޑިއެއްހާ އިރުފަހުން ފަތިސް ނަމާދަށް ގޮވިއަޑު އިވުމުން އިފާޝާ ތެދުވެ ނަމާދު ކޮށްލިއެވެ. ޒިޔާންވެސް ތެދުވިއެވެ. ހެނދުނު ސައި ބޮއެގެން ޒިޔާން އޮފީހަށް ދިޔަ އިރުވެސް އިފާޝާއާ ޒިޔާން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޒިޔާން އިސްވެ އިފާޝާއާ ވާހަކަ ނުދައްކާތީ އިފާޝާއަށްވެސް ވާހަކަ ދައްކަން ނުކެރުނީއެވެ.

ޒިޔާން ހުރީ ހަގީގަތުގައިވެސް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އެއީ އިފާޝާއަށް ވުރެން ބޮޑަށް އަމިއްލަ ނަފްސާ މެދުގައެވެ.

އިފާޝާގެ ހިތުން އަދިވެސް އާމިރުގެ ހަނދާން ނުފިލާނެކަން ޒިޔާންއަށް ނުވިސްނުނީއެވެ. އެގުޅުމަށް ވަގުތު ބޭނުން ވާނެކަމަށް އިފާޝާ ވަނީ ޒިޔާން ގާތު ބުނެފައެވެ. ވީއިރު އިފާޝާއަށް ބޭނުންވި ވަގުތު ޒިޔާންއަށް ނުދެވުނީއެވެ.

އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް ޒިޔާންގެ ހިތް އެއްބަސް ނުވަނީ ކީއްވެ ހެއްޔެވެ؟ އިފާޝާގެ ހިތުގައި އަދިވެސް އާމިރުގެ ހަނދާންތައް ވާކަން ހިތަށް އެރުމުން ހިތް ނުތަނަވަސް ވަނީ ކީއްވެ ހެއްޔެވެ؟ އެޚިޔާލު ކުރެވުމުން ސަބަބެއް ނެތި ރުޅި އާދެވެނީ ކީއްވެ ހެއްޔެވެ؟

އެދުވަހު އޮފީހުގައި ޒިޔާންއަށް އެއްވެސް މަސައްކަތެއް ގަޔާ ވެގެންނެއް ނުކުރެވުނެވެ. އާންމުކޮށް އެހެން ދުވަސް ދުވަހު ހަތަރު ފަސް ފަހަރަށް ގެޔަށް ގުޅާ ޒިޔާން އެދުވަހު އެންމެ ފަހަރަކު ނޫނީ ގެޔަށް ގުޅާނުލައެވެ. އެވެސް ހެނދުނު އޮތް މީޓިންގ މެންދުރު ފަހަށް ފަސްކޮށް، ކާން ގެޔަށް ނުދެވޭނެ ވާހަކަ ބުނާށެވެ. ފޯން ނެގީ ސަނާއަށް ވުމުން ޒިޔާންއަށް އިފާޝާއާ ވާހަކަ ދައްކާކަށްވެސް ނުޖެހުނެވެ. އެވަގުތު އެކަމާ ހިތާހިތާ ޝުކުރު ކުރެވުނު ނަމަވެސް ފަހުން އިފާޝާއާ ވާހަކަ ނުދެއްކުނީތީ އަމިއްލަ ނަފްސާ ޝަކުވާވެސް ކުރެވުނެވެ. ނަމަވެސް ދެވަނަ ފަހަރަކަށް ޒިޔާން ފޯނެއް ނުކުރެއެވެ.

މަސައްކަތް ނުނިމި ހުރި ނަމަވެސް ޒިޔާންއަށް އޮފީހުގައި އިނދެވުނީ ހަތަރެއް ޖަހަން ދެނެވެ. ދާނީހޭ ނުދާނީހޭ އަމިއްލަ ހިތާ ދެފަހަރަކު ސުވާލު ކުރެވުނީ އިފާޝާއާ ދިމާ ވުމުން ދައްކާނެ ވާހަކައެއް ހިތަށް ގެންނަން އުޅެވެސް ކާމިޔާބު ނުވުމުންނެވެ. ނަމަވެސް އެންމެ ފަހުން ޒިޔާންގެ ސެކްރެޓަރީ ރާއިނާ ގާތު އަވަހަށް ގެޔަށް ދަނީ ކަމަށް ބުނެފައި އަވަސް ވެފައިވާ ހިތަކާ އެކު އޮފީހުން ނިކުމެވުނު ސަބަބެއް ޒިޔާންއަކަށްވެސް ނުވިސްނުނެވެ.

މުޅި ދުވަހު ހިތް ނުތަނަވަސްވެ އިރުއިރުކޮޅާ ގަޑިއަށް ނުވަތަ ގޭ ދޮރަށް ބަލާލަ ބަލާލާ އިން އިފާޝާ ސިހިފައި ސޯފާއިން ތެދުވީ ޒިޔާން ވަން ތަން ފެނުމުންނެވެ.

އިފާޝާއަށް ބަލާލާފައި ޒިޔާން އިސްޓާކީނު ބާލަން ފެށިއެވެ. އެހެންނާ ދުވަހަކުވެސް އެކަމަށް ނުނަގާހާ ވަގުތު އެދުވަހު އެކަމުގައި ޒިޔާން ހޭދަ ކުރިއެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި ތެދުވި ގޮތަށް އިސް ޖަހައިގެން ހުރި އިފާޝާއާ ދިމާއަށް ޒިޔާން އިރުއިރުކޮޅާ ބަލާލައެވެ.

ދެމީހުންގެ މެދަށް ވެރިވެފައިވި ހިމޭން ކަން ނަގާލީ ކޮޓަރިން ނިކުމެގެން އައި ޒާޔާއެވެ.

“ބައްޕާ!” ޒިޔާން ފެނުމުން ގޮވާލަމުން ޒާޔާ ދުވެފައި ގޮސް ޒިޔާން ގާތަށް ހުއްޓުނެވެ.

“ބައްޕައަށް އެނގޭތަ؟ އެނީ މިއަދު ހަމަ ހިނގަން ވެގެން އުޅެނީ” ޒާޔާ އެދުވަހުގެ ބޮޑު ޚަބަރު ޒިޔާންއަށް އިއްވާލިއެވެ.

“އެހެންތަ؟ ތެދެއް އިފާ؟” ޒިޔާން ޒާޔާ ކައިރިއަށް ތިރިވެ ޒާޔާގެ ބޮލުގައި ފިރުމާލާފައި އިފާޝާއަށް ބަލާލިއެވެ.

އާއެކޭ ބުނުމުގެ ގޮތުން އިފާޝާ ބޯޖަހާލިއެވެ.

“އެނީ ހާދަ މޮޅޭދޯ؟ ދެން މިއަދު ޒާ ކުރީ ކޮން ކަމެއްތަ؟” ތެދުވެ ޒާޔާގެ އަތުގައި ހިފައިގެން ސޯފާއާ ދިމާއަށް ދަމުން ޒިޔާން ސުވާލު ކޮށްލިއެވެ.

“ޒާ މިއަދު މަންމައާ އެކީ އެނީ ހިނގާ ތަން ބަލަން އުޅުނީ… ބައްޕައަށް އެނގޭތަ؟ އެނީ ވެއްޓުނަސް ހަމަ ތެދުވެ އަނެއްކާވެސް ހިނގަނީ، ތަދެއްވެސް ނުވޭ އެނީއަކަށް…” ޒާޔާ އިތުރަށް ކިޔާދިނެވެ.

“އެހެންތަ؟ އެނީ އަސްލުވެސް ހާދަ މޮޅޭދޯ؟ ޒާތަ އެނީއަށް ދަސްކޮށްދިނީ؟” ސޯފާގައި އިށީނދެ އުނގުގައި ޒާޔާ ބައިންދާފައި ޒިޔާން އަހާލިއެވެ.

“ނޫން… އެނީ އެކަނި ދަސް ކުރީ… ބައްޕާ، ހިނގާ ސައިކަލު ދުއްވާލަން ދާން، ޒާ މިހިރީ ރީތިވެސް ވެގެން” ފޯރިއާއެކު އެދުވަހުގެ ކަންތައް ކިޔާދީފައި ޒާޔާ ހޭވިފައިވާ އިސްތަށިގަނޑު ދެއަތުން އޮމާން ކޮށްލާފައި ޒިޔާންގެ ކަރުގައި ބައްދައިގަތެވެ.

“އައްދޭ! ދަރިފުޅު ފެންވަރައިގެން ހުއްޓަސް ބައްޕަ އަދި މިހިރީ ހަޑިކޮށް… އަންނާނަން ފެން ވަރައިގެން އިނގޭ” ޒާޔާގެ ނޭފަތުގައި ހިފާލާފައި ޒިޔާން ބުންޏެވެ. އެއާއެކު ޒާޔާ ޒިޔާންގެ އުނގުން ފައިބައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ޒިޔާންވެސް ތެދު ވެގެން ކޮޓަރިއަށް ވަނެވެ. ނަމަވެސް އެތެރެއަށް ފިޔަވަޅެއް އަޅާލާފައި އަނެއްކާވެސް ނިކުތެވެ.

“ކޮބާތަ މިގޭ ކުޑަ ޕްރިންސެސް؟ ޒާ ކޮޓަރީގަ ދޯ؟” ޒިޔާން އިފާޝާއާ ސުވާލު ކޮށްލިއެވެ. އިފާޝާ ބޯޖަހާލުމުން ޒިޔާން ގޮސް އެކޮޓަރިއަށް ވަނެވެ. އޭރު ސަނާއާ ޒާޔާއާ އާނާ ސަކަރާތް ޖަހަން ތިއްބެވެ. އެނދުގައި ހިފަހައްޓައިގެން ތެދުވެ ހިނގަން މަސައްކަތް ކުރަމުން ދިޔަ އާނާ ކޮންމެ ފަހަރަކުވެސް ތިން ހަތަރު ފިޔަވަޅު އަޅާފައި ވެއްޓެނީއެވެ. އެމަންޒަރު ބަލަން ތިބި ސަނާއާ ޒާޔާ އަތް ޖަހަން ފަށާ އިރަށް އާނާއަށް އިތުރަށް މަޖާ ވެގެން އަނެއްކާވެސް ތެދުވެ މަސައްކަތް ފަށައެވެ.

ހީގެންފައި ޒިޔާން ގޮސް ހިނގަހިނގާ ހުރި އާނާ އުރާލި ގޮތަށް މައްޗަށް އުފުލާލިއެވެ. އެއާއެކު އާނާވެސް ބާރަށް ހީގަތެވެ.

“ބައްޕަގެ އެނީ ހާދަ މޮޅޭ…” އާނާ ގެނެސް މެޔާލާ ބޮނޑި ކޮށްލަމުން ޒިޔާން ބުންޏެވެ.

އިރުކޮޅަކު ކުދިންނާ އެކީ ސަކަރާތް ޖަހަން އުޅެފައި ޒިޔާން ފެނަވަރަން ދިޔުމުން އިފާޝާ އަލުން ޒާޔާ ރީތި ކޮށްލިއެވެ. އެއަށްފަހު ބަދިގެޔަށް ދިޔައީ ޒިޔާން ފެންވަރާ ނިމެން ވާ އިރަށް ސައި ހަދާށެވެ.

ޒިޔާންއަށް ސައި ހަދަން ހުރި އިރު އިފާޝާ ވިސްނަމުން ދިޔައެވެ. ރެއިން ފެށިގެން އެދުވަހުގެ އެވަގުތާ ޖެހެން ދެން ޒިޔާން އިފާޝާއާ ވާހަކައެއް ނުދައްކައެވެ. އިފާޝާ ދެރަވިއެވެ. ރޭގައި އެހެން ގޮތަކަށް ކަންތައް ވީނަމައޭ އިފާޝާގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. އިފާޝާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ.

ޒިޔާން އިފާޝާއާ ވާހަކަ ނުދައްކާތީ އިފާޝާ ދެރަވެއެވެ. ކޮންމެ ގޮތަކުން ވިޔަސް ވީގޮތް ޒިޔާންއަށް ކިޔާދީ އެ ދުރުކަން ނައްތާލަން އިފާޝާ ބޭނުމެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ދެމީހުންގެ މެދުގައި އޮތް ގާތްކަން އިފާޝާ ބޭނުމެވެ. އެގޮތަށް އެއްގެޔެއްގެ ތެރޭގައި ވާހަކަ ނުދައްކާ ދެބީރައްޓެހިން ހެން އުޅޭކަށް އިފާޝާ ބޭނުމެއް ނޫނެވެ. ނަމަވެސް އެވާހަކަ ދައްކާނެ ގޮތެއް އިފާޝާއަކަށް ނުވިސްނުނެވެ.

ކޮފީތައްޓާ ބިސްގަނޑު ގެނެސް މޭޒުމަތީ ބެހެއްޓި ތަނާ ޒިޔާން އައިސް އިށީނެވެ. އެވަގުތު ޒިޔާން ފެނުމާއެކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެވާހަކަ ދައްކަން އިފާޝާ ނިންމިއެވެ. މޭޒު ކައިރީ ކޮޅަށް ހުރެ ވާހަކަ ފަށާނެ ގޮތަކާ މެދު އިފާޝާ ވިސްނާލިއެވެ. ގިނަ އިރު ވިސްނަން ނުހުރެ ހިތުގައި ވާ އެއްޗެއް ބުނުމަކީ އެންމެ ރަނގަޅު ގޮތޭ ހިތަށް އަރާ އިފާޝާ ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ.

“އިފާ ސައި ބޮއެފިންތަ؟” ހަމަ އެވަގުތު ޒިޔާން އިފާޝާއަށް ބަލާލަމުން އަހާލިއެވެ.

އިފާޝާ އަވަސްއަވަހަށް ބޯޖަހާލިއެވެ. ދެމީހުން ހަތަރުކަޅި ހަމަވުމާއެކު އިރުކޮޅަކު އެގޮތުގައި ތިބެވުނެވެ. އެވަގުތުކޮޅުގައި ދެހިތުގައިވެސް ހިނގަމުން ދިޔައީ އެއް ޚިޔާލެކެވެ. އެއް ހަނދާތަކެކެވެ.

ރަތް ވެގެން ދިޔަ މޫނާއެކު އިސްޖަހާލަމުން އިފާޝާ ގޮނޑިއެއް ދަމާލާފައި އިށީނެވެ. އިފާޝާއަށް ވީގޮތުން ހިނި އައިސްފައި ޒިޔާންވެސް ސައި ބޯން ފެށިއެވެ.

“ޒިޔާން… ރޭގަ އަހަރެން—” އިފާޝާ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ޒިޔާން އެފުރުސަތެއް އިފާޝާއަކަށް ނުދިނެވެ.

“ރޭގެ ވާހަކަ ނުދައްކާ އިފާ… އެކަމާ ދެން ނުވިސްނާ. އަހަންނަށް ނުވިސްނުނީ، މާ އަވަސް ކޮށްލެވުނީ… އަހަރެން ހަނދާން އެބަހުރި އަދި ވަގުތު ބޭނުން ވެޔޭ އިފާ ބުނިކަން، އަހަރެން ގަބޫލު ކުރަން އެހާ އަވަހަށް އާމިރު މަތިން އިފާއަށް ހަނދާން ނައްތައެއް ނުލެވޭނެ ކަން… އަހަރެންވެސް އަދި މާޔާ މަތިން ހަނދާނެއް ނުނެތޭ، އެހެން ވީމަ އިފާގެ ހާލުވެސް އަހަންނަށް އިހުސާސް ކުރެވޭ… އިފާ އެކަމާ ދެން ނުވިސްނާ އިނގޭ…” ޒިޔާންގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. އެއްވެސް ރުޅިވެރިކަމެއް ހިތްހަމަ ނުޖެހުމެއް ނެތެވެ.

އެހެން ނަމަވެސް ޒިޔާންގެ ވާހަކައިން އިފާޝާއަށް ހަމަޖެހުމެއް ނުލިބުނެވެ. ޒިޔާންއަށް ވެފައިވާ ކުށްހީ ފިލުވަން އިފާޝާ ބޭނުން ވިއެވެ.

“އެކަމަކު ޒިޔާން، އެހެންނެއް ނޫނޭ—” އިފާޝާ އަނެއްކާވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރުވެސް ކާމިޔާބެއް ނުވިއެވެ.

“އިފާ، އަޅާނުލާބަލަ… ޓޭކް ޔޯރ ޓައިމް… ވަގުތު ޖެހުނީމަ އަހަރުމެން ދެމީހުންނަށްވެސް އެނގޭނެ، ކަންބޮޑު ނުވެބަލަ…” އިފާޝާގެ މޫނުގައި އެއްއަތުން މަޑުމަޑުން ހިފާލަމުން ހިނިތުން ވުމަކާއެކު ޒިޔާން ބުންޏެވެ.

އިތުރަށް އެވާހަކަ ދައްކަން އުޅެފައިވެސް އިފާޝާ ހުއްޓާލިއެވެ. ކޮށްލީ އެންމެ ސުވާލެކެވެ.

“ޒިޔާން ރުޅިއެއް ނާދޭ…؟” ޖެހިލުންވެ އިނދެ ޒިޔާންގެ މޫނަށް ބަލާލަމުން އިފާޝާ އަހާލިއެވެ.

“ކީއްވެ އަހަރެން ރުޅި އަންނަންވީ؟ އެއްގޮތަކަށްވެސް ނާދޭ ރުޅިއެއް… އިފާ ގަބޫލު ކުރޭ” ޒިޔާން މަޑުމަޑުން ބުންޏެވެ.

އިރުކޮޅަކު ޒިޔާންއަށް ބަލަން އިނދެފައި އިފާޝާ ބޯޖަހާލިއެވެ.

“އަންނާނަން ޒާ ގޮވައިގެން ބުރެއް ޖަހަލާފަ” ސައި ބޮއެ ނިމިގެން ތެދުވަމުން ޒިޔާން ބުންޏެވެ. އިފާޝާ ބޯޖަހާލުމުން ޒާޔާއަށް ގޮވާލާފައި ޒިޔާން ނިކުތެވެ.

އެދުވަހުގެ ފަހުން ޒިޔާންއާ އިފާޝާގެ މެދުގައި އޮތީ ކުރިންވެސް އެދެމެދުގައި އޮތް ފަދަ ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. އެރޭގެ ފަހުން ދެމީހުން އެއް އެނދެއްގައި ނިދި ނަމަވެސް އެފަދަ ކަމެއް ދެމީހުންގެ މެދުގައެއް ނުހިނގައެވެ.

އާނާއަށް އެއް އަހަރު ފުރުނު ދުވަހު ބޮޑު ޕާޓީއެއް ބޭއްވިއެވެ. އެހެން މެހެމާނުންނެކޭ އެއްގޮތަށް އާމިރުގެ އާއިލާ ޕާޓީއަށް އައެވެ. މަހަކު އެއްފަހަރުވެސް އާނާ ނުދެކޭ ކާފަ، އާމިރުގެ ބައްޕަ ޝަރީފް އާނާ އުރާލަން އުޅުމުން އާނާ ޝަރީފް ގާތަކަށް ނުދިޔައެވެ.

ޒިޔާންއާ އިފާޝާ ކައިވެނި ކުރި އިރު އެކަމާ އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ފަހުން އެކައިވެންޏާ މެދު ނުރުހުން ފާޅު ކުރި ޝަރީފްއާ، އާމިރުގެ ދޮންމަންމަ ޝާއިރާ، އާނާ ޝަރީފްއާ ދުރު ކަމުން އެކަމުގައިވެސް ކުށްވެރި ކުރީ އިފާޝާއެވެ.

ޒިޔާން އާނާ ގެންގުޅޭ ގޮތާ މެދުވެސް އެންމެންގެ ތެރޭގައި ޝާއިރާ ނުރުހުން ފާޅުކޮށް ވާހަކަ ދެއްކިއެވެ. އާއިލާގެ މީހުންނާ އާނާ ދުރުކޮށް އެހެން މީހުންނާ އާނާ މާ ގާތް ކުރަނީއޭ ބުނެ ޝާއިރާ ވާހަކަ ދެއްކި އަޑު އިވުމުން އިފާޝާއެކޭ އެއްގޮތަށް ޒިޔާންވެސް ރުޅި އައެވެ. ނަމަވެސް އެދެމީހުން އެކަމާ އެއްވެސް އެއްޗެއް ނުބުނެއެވެ.

އިރު އޮއްސެން ކައިރި ވެފައި، ޕާޓީ ނިމެން ގާތް ވެފައި ވީ ނަމަވެސް، މަޖަލާއެކު ކުރިޔަށް ދިޔަ ޕާޓީގެ ފޯރި ގެއްލުނީ ޝަރީފްގެ ދެމަފިރިންނާ ޒިޔާންއާ ދެމެދު ހިނގި ޒުވާބެއްގެ ސަބަބުންނެވެ.

ބައިގަޑިއެއްހާ އިރު ވަންދެން މަޑުކުރުމަށް ފަހު ގެޔަށް ދިޔުމުގެ ކުރިން ޝަރީފްއާ ޝާއިރާ އައިސް އާނާ އުރާލައިގެން ހުރި އިފާޝާ ގާތު މަޑު ކޮށްލިއެވެ.

“އާނާ، ދެން ކާފަމެން ދަނީ އިނގޭ. އާދޭ ކާފަ އުރާލަން” އާނާއާ ދިމާއަށް ދެއަތް ދިއްކޮށްލަމުން ޝަރީފް ބުންޏެވެ.

އެއާއެކު އާނާ ޝަރީފް ގާތަށް ނުދާން ވެގެން އަނެއް ފަރާތަށް އެނބުރި އިފާޝާގެ ކަރުގައި ބައްދައިގަތެވެ.

“ދެން އާނާ، މީ އާނާގެ ކާފަޔާ މާމައޭ، ތިހާ ރުޅި ވާކަށް ނުވާނެއެއްނު؟” އާނާގެ އަތުގައި ހިފާލަމުން ޝާއިރާ ބުންޏެވެ.

“އެނީ ނުދާނެ ސްޓްރޭންޖަރސް ކައިރިއަކަށް” އެވަގުތު އިފާޝާ ކައިރީގައި ހުރި ޒާޔާއަށް އެކަން މަޖާ ކަމަކަށް ވެގެން ބުނެލިއެވެ.

“މީ ނުދަންނަ މީހުންނެއް ނޫނޭ” ހިތްހަމަ ނުޖެހިފައި ޝާއިރާ ބުންޏެވެ. އަދި ގަދަ ކަމުން އިފާޝާގެ އަތުން އާނާ ނަގާ އުރާލިއެވެ. އެއާއެކު އާނާ ބާރަށް ރޯން ފެށިއެވެ. އާނާގެ ރުއިމަށް މާބޮޑު ސަމާލު ކަމެއް ނުދީ ޝާއިރާ ޝަރީފް އަތަށް އާނާ ދިނެވެ. އާނާގެ ރުއިން ހައްތަހާ ބާރު ވިއެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އިފާޝާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ޒިޔާންވެސް ހުއްޓެވެ.

ޝަރީފް އާނާ ހުއްޓުވަން މަސައްކަތް ކުރަމުން ބޭރަށް ނިކުންނަން ދިޔައެވެ. އިފާޝާވެސް އެމީހުންގެ ފަހަތުން ދިޔައެވެ.

“އިފާ، އެނީ އެވަރަށް ނުރޮއްވާ އޭނަ ނަގާބަލަ ދެން” އާނާ ރުއިން ހުއްޓާނުލުމުން ޒިޔާންއަށް ނުހުރެވިގެން އައިސް އިފާޝާއަށް ބުންޏެވެ.

ޒިޔާންއަށް ބަލާލަމުން އިފާޝާ އާނާ ނަގަން އަތް ދިއްކޮށްލިއެވެ. ދޭން ނުދޭން ހުރެފައި ޝަރީފް އިފާޝާ އަތަށް އާނާ ދިނެވެ. ރޮއެރޮއެ އިން އާނާ އިފާޝާ ގާތުވެސް މަޑުނުވެ ޒިޔާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ކާކުތަ ބައްޕަގެ ދޫނި ރޮއްވާލީ؟” އާނާ އުރާލާފައި އެ ތުއްތުތުއްތު މޫނުން ކަރުނަތައް ފޮހެލަމުން ޒިޔާން އަހާލިއެވެ.

އެއަޑު އިވުމުން ޝާއިރާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“އިފާ އެބަހުރި ދޯ އާނާއަށް ރަނގަޅަށް އާއިލާ ދަސްކޮށްދީފަ؟ ކިތަންމެ ވަރަކަށް ބައްޕަ ކިޔުއްވިޔަސް އާނާގެ ބައްޕައަކަށް ނުވާނެ ޒިޔާންއެއް” އެމަންޒަރު ބަލަން ހުރި ޝާއިރާ ބުނެލިއެވެ.

ޒިޔާން ވަގުތުން ރުޅި އައެވެ. އެދުވަހު ޝަރީފްއާ، އަދި ވަކިން ޝައިރާގެ ފަރާތުން އަޑު އިވުނު ބަސްތަކަށް ޒިޔާން ކެތް ކުރީ އިފާޝާއަށް ޓަކައެވެ. އާމިރުއަށް ޓަކައެވެ. ނަމަވެސް ދެން ޒިޔާންއަކަށް ނުހުރެވުނެވެ.

“ތި އާއިލާއިން ރަނގަޅު ވާނީ ތިކަހަލަ ވާހަކަ ނުދެއްކިއްޔާ” ޝައިރާއަށް ބަލާލަމުން ޒިޔާން ބުނެލިއެވެ.

“އާނާގެ ކަންތަކާ ޒިޔާންއަށް ވުރެން ބަސް ބުނުން ހައްގު ވާނީ އަހަރުމެންނަކަށް ނޫންތަ؟ ކޮންމެ ގޮތެއް ވިޔަސް ޒިޔާންއަކާ އާނާއަކާ އެއްވެސް ގުޅުމެއް ނެތް، އާނާގެ އާއިލާއަކީ އަހަރުމެން” ޝާއިރާ ދޫނުކޮށް ބުނެލިއެވެ.

“އިފާ އާނާއަށް ބަލިވެ އިނދެ ވިހަން ދެން ތި އާއިލާ ކޮބާ؟ މިއަދު އާނާއަށް އަހަރެއް މިފުރުނީ، މިހާ ދުވަސް ވަންދެން ތިއާއިލާ ކޮބާ؟ އާއިލާއޭ ކިޔާފަ ބަޔަކު ތިއްބަކަސް އެނިމުނީކީ ނޫނޭ. އަހަރެން އެއްޗެއް ނުބުނެ މިހުރިހާ އިރު ހުރީ ދައްތަ ކީ އެއްޗެހި އަޑު ނީވޭތީކީ ނޫނޭ، ތީ އާމިރުގެ ބައްޕައަށް ވީތީ، އާމިރުގެ އާއިލާއަށް ވީތީ ހުރީ. އާމިރު މަރުވި ފަހުން މިއަދާ ހަމައަށް އާމިރުގެ އަންހެނުންނާ ދަރިފުޅު އުޅުނު ގޮތެއް ތިއާއިލާގެ އެކަކަށްވެސް އެނގޭތަ؟ މީ އާމިރުގެ އެންމެ ފަހުގެ ނިޝާނަށް ވީއިރު މިކުއްޖާއާ މެދު ތިއާއިލާގެ މީހަކު މިއަދާ ހަމައަށްވެސް ކޮށްދިނީ ކޮން ކަމެއްތަ؟ ހަފްތާއަކު އެއްފަހަރުވެސް މިކުއްޖާގެ ހާލު ބަލާލިތަ؟ މަހަކު އެއްދުވަހުވެސް މިކުއްޖާ ދެކިލަން އައިންތަ؟

މިއަދު ކުއްލިއަކަށް ފެނުނު ބައެއްގެ ކައިރިއަކަށް މިވަރުގެ ކުއްޖަކު ހެމުންނެއް ނުދާނެ، އެވަރެއް ނޭނގޭތަ؟ މިހުރިހާ ދުވަހު އަޅާނުލާފަ މިއަދު މިކުއްޖާ ރޮއްވާފަ އުރައިގެން އުޅުމުގެ ބޭނުމަކީ ކޮބާ؟ މީ އާމިރުގެ ދަރިއެއް ކަން، ތި އާއިލާގެ ކާފަ ދަރިއެއް ކަން މިއަދު ކުއްލިއަކަށް ހަނދާން ވީ ކިހިނެއް ވެގެން؟ މިހުރިހާ ދުވަހު ތިބުނާ ހައްގު ކޮބާ؟ އެކަން ދަންނަ ބަޔަކަށް ތިއާއިލާގެ މީހުން ވީނަމަ މިއަދު އާނާގެ ހުރިހާ ކަމެއް ބަލަހައްޓާނީ އަހަންނެއް ނޫނޭ، އާމިރުގެ ދަރިފުޅުގެ ކަންތައް ބަލާނީ އާމިރުގެ ބައްޕައޭ…

ކޮންމެ މީހަކަށްވެސް އެނގޭނެ އާމިރުއަކީ ތިއާއިލާގެ ކާކު ކަން، އާމިރު އިނީ އިފާ ނޫން އެހެން ކުއްޖަކާ ނަމަ ތި އާއިލާއަކަށް ނުވެސް އެނގޭނެ އާމިރު ކައިވެނި ކުރި ކަމެއް، ދަރިއަކު ލިބުނު ކަމެއް… ތިއާއިލާއާ އާމިރުއާ އޮތް ގުޅުމެއް އޮތީ އިފާގެ ސަބަބުން. އެކަމަކު އާމިރު މަރުވި ފަހުން ތީގެން އެކަކުވެސް އިފާގެ ހާލު ބަލާލިތަ؟ ހައްގުގެ ވާހަކަ މިތާނގަ ނުދެއްކުން ރަނގަޅު ވާނެ” ޒިޔާން އައި ރުޅީގައި ތަނުގައި ތިބި ބަޔަކާ މެދުވެސް ވިސްނާލުމެއް ނެތި އެވަގުތު ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރު ކޮށްލިއެވެ.

ޝަރީފް އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. ނަމަވެސް ޝާއިރާއަށް އަނގައިން ނުބުނެ ނުހުރެވުނެވެ.

ނުނިމޭ

55
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އަދި އެއްފަހަރު

Next

އެދެނީ މަޢާފް

Next
February 15, 2016

އެދެނީ މަޢާފް

Previews
February 15, 2016

އަދި އެއްފަހަރު

10 Comments

  1. Marsha says:
    February 15, 2016 at 6:59 pm

    Hey… here’s 9… hope u like thiss…

  2. twnkl str says:
    February 15, 2016 at 7:05 pm

    Yeyy im.first..stwry nyc

  3. roassy says:
    February 15, 2016 at 7:19 pm

    nice inge.marsha haadha molhey.varah real

  4. Ily says:
    February 15, 2016 at 8:03 pm

    Alhey ifa kihineh tha thi hedhy hehe…
    V reethi?? next part up kohladheythi avahah…..waiting…….

  5. Zaanaa says:
    February 15, 2016 at 8:23 pm

    Haada kuru hen heevehjeyay story vvvvvvvvvvv reethi

  6. Mari says:
    February 15, 2016 at 8:46 pm

    Vvvv reethi…keep it up..

  7. Aimsithu says:
    February 15, 2016 at 8:52 pm

    Waaaau… ziyaan ehchis kiyaali leh adhi madhu..

  8. Zeena says:
    February 15, 2016 at 9:37 pm

    Your are mine blowing… Waaao Waaao Waaao

  9. Asd says:
    February 16, 2016 at 12:46 am

    Abcd

  10. ishaa says:
    February 16, 2016 at 3:54 pm

    inthizaaru ga

Comments are closed.

All Right Reserved!