Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (17 ވަނަބައި)

Anya Level 310 Stories100 Login
December 27, 2025 12 Mins Read
0 Comments

ދެ ޒުވާނުން އެކި ވާހަކަތަކުގައި އިނދެ ފިނި ބުއިންތަކަށް އިންސާފުކުރަން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ރާހިލްގެ ނަޒަރު ޝައިނާގެ ފަހަތުގައި ހުރި މީހަކަށް ހުއްޓުނުހެން ހީވެ ޝައިނާ ފަހަތް ބަލައިލިއެވެ. އެދިމާލުގައި ހުރި މޭޒެއްގައި އިށީން ޒުވާން ޖޯޑެއް އޭނާއަށް ފެނުނުހިނދު، ރާހިލްގެ ނަޒަރު ހުއްޓިފައިހުރީ އެތަނުގައި އިން އަންހެން ކުއްޖާއަށްކަން އޭނާއަށް އެނގުނެވެ. ޒަމާނީ ގޮތަކަށް ކޮށައިލައިފައިވާ އިސްތަށިގަނޑާއި، ކޮށްފައިވާ ލުއި މޭކަޕްގެ އިތުރުން ހެދުން އެޅުމުގައި ބޭނުންކޮށްފައިވާ ޒަމާނީ ގޮތްތަކުގެ ސަބަބުން އެކުއްޖާގެ ރީތިކަން ހާމަވަމުން ދިޔައެވެ. ޝައިނާ އަލުން ރާހިލްއަށް ބަލައިލިއިރު ރާހިލްގެ ކަޅި ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ނަމަވެސް ޝައިނާއަށް ރާހިލްއާ ދިމާލަށް އެއްޗެއް ނުބުނެ އިނުން ވީ ދަތި ކަމަކަށެވެ.

“ސާބަހޭ. އޭނަގެ ބިޓުވެސް ހުއްޓައޭ ތި ބަލަނީ” ޝައިނާ ބުންޏެވެ.

“އަހަރެންތަ ބަލަނީ؟ ނޫނީ އޭނަތަ؟” ރާހިލް ނޭނގޭ ކަމަށް ހަދަމުން ބުންޏެވެ. ޝައިނާއަށްވެސް އެކަން ފާހަގަ ކުރެވެން ފެށިއެވެ. ރާހިލް އަޅައިނުލައި އިން ކަމުގައިވިޔަސް އެތަނުގައި އިންއިރު އެކުއްޖާގެ ސަމާލުކަން ދެވިފައިވީ ރާހިލްއަށެވެ.

“އޭނަ ދަންނަންތަ؟” އެންމެފަހުން ޝައިނާއަށް ނުހުރެވިގެން އަހައިލެވުނެވެ.

“ޝީޒް އެން އެކްސް” ރާހިލް ދެކޮނޑު އަރުވައިލަމުން ބުނެލިއެވެ.

“އޮފްކޯސް” ޝައިނާ ފޫހިގޮތަކަށް ކަޅި އަނބުރައިލި އެވެ. “އައި ވުޑް ބީ ސަރޕްރައިޒްޑް.. މާލޭގަ އަޅާ ކޮންމެ ދެފިޔަވަޅަކުން ރާހިލްގެ އެކްސްއަކާ ދިމާ ނުވަންޏާ”

“މިތަނުން ދަމާ ހިނގާ ދޯ. ކޮންމެހެން އޭނަގެ ވާހަކަ ދައްކަން މިތާ ތިބެނީ ކީއްކުރަން” ރާހިލް ބިލަށްވާ ފައިސާ ބެހެއްޓުމަށްފަހު ލޮލަށް އަވިއައިނު ހެޔޮވަރު ކޮށްލަމުން އެތަނުން ހިނގައިގަތެވެ.

ޕާކިންގް ޒޯންގެ ސައިކަލު ބަހައްޓައިފައިވާ ހިސާބަށް އާދެވުނު ވަގުތު ފަހަތުން މީހަކު ރާހިލްގެ ނަމުން ގޮވައިލި އަޑަށް ޝައިނާއާއި ރާހިލް އެކުއެކީ ފަހަތް ބަލައިލިއެވެ. އޭރު ރެސްޓޯރެންޓުން އެމީހުންނާ ދިމާވި ކުއްޖާ މަޑުމަޑުން ދުވެލާފައި އެދިމާލަށް އާދެއެވެ.

“ފެންނަކަމަށްވެސް ހަދާނުލާ ދަނީތަ؟” އެކުއްޖާ ރާހިލްއާ އަރައި ހަމަކޮށްލަމުން ބުންޏެވެ.

“ހެލޯ އަމްމް..”

“ނުޒޫ” އެކުއްޖާ ރާހިލްއަށް ނޭނގިގެން އުޅުނު ނަން ފުރިހަމަ ކޮށްލައި ދިނެވެ.

“ޔެސް ޔެސް. ނުޒޫ” ރާހިލް ބޯ ކަހައިލަމުން ބުންޏެވެ.

“އޯހް. މީ ދޯ މިހާރު ތި ގެންގުޅޭ ބިޓަކީ؟ ބުނަންތަ ރަނގަޅު ވާހަކައެއް؟ މިހާރު ތިހެންް ލައްކައެކޭ ހީވެފައި ހުރެވިދާނެ. ބޭނުން ކެނޑުނީމަ ދޫކޮށްލާއިރު ނަންވެސް ހަނދާނެއް ނުހުންނާނެ. ހަމަ ވާނީ ތުންފުއްސަކަށް” ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން ނުޒުހާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ހުއްޓާލާ.. ޝައިނާއަކީ ތި ހީކުރާކަހަލަ ކުއްޖެއްނޫން. މިކަމުގެ ތެރެއަށް ޝައިނާ ވައްދާނެ ކަމެއްނެތް” ރާހިލް ޝައިނާ ދިފާއު ކުރިއެވެ.

“އޯހް.. ހާދަ ވަރެއް ވެފައޭ ދޯ…ކޮންމެކަހަލަ ކުއްޖަކަސް ރާހިލްއަކަށް ވަކި ތަފާތެއް ނޯންނާނެ”

“ތީ ކޮންކަމެއް؟ އަހަރެން ކަމު ނުދާތީނު އަހަރެން ދޫކޮށްފާ ދާނީ… ދެން އިތުރަށް އަހަރެން ނުޒޫއާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ” ރާހިލްއަށް ނުޒޫގެ ވާހަކައިގެ މިސްރާބު ކަމަކު ނުދިޔައެވެ.

“ރާހިލް.. އަހަރެން ރާހިލް ދޫކޮށްލީ ކަމުނުގޮސްގެނެއް ނޫނޭ.. އެއީ އަހަރެންނަށް ހެދުނު މިސްޓޭކެއް. އަހަރެން އަދިވެސް ރާހިލް ބޭނުން” ނުޒުހާ އައިސް ރާހިލްގެ އަތުގައި ހިފައިލިއެވެ. ކަށްޓެއްޖެހި ފަދައިން ރާހިލް އަވަސްކަމާއެކު އެ އަތް ދަމައިގަތެވެ.

“ނުޒޫ ދެން ތިއީ ކޮން ސަކަރާތެއް. ނުޒޫގެ މިހާރު ބޯއިފްރެންޑެއްވެސް އެބަހުރި. ޝޯ ހިމް ސަމް ރެސްޕެކްޓް” ރާހިލް ނުޒުހާއަށް ފަސްދީ ދުރަށް ހިނގައިގަތެވެ. ނަމަވެސް ނުޒުހާ ރާހިލް ވަށައިލައިފައި އައިސް އަނެއްކާވެސް ކުރި ބެއްދިއެވެ.

“ރާހިލް.. އަހަރެން ރަނގަޅުމީހެއް ބޭނުމެއްނޫނޭ.. އަހަރެން ބޭނުމީ ރާހިލްގޮތަށް އަހަރެންނަށް ލޯބިދޭނެ މީހެއް.. އައި ޑޯންޓް ވޯންޓް ކާމް އެންޑް ޖެންޓްލް… އައި ވޯންޓް ޔޫ” ނުޒުހާގެ ވާހަކައިން ޝައިނާއަށް ދެލޯ ބޮޑުކޮށްލަމުން އިސްޖަހައިލެވުނީ އޭނާއަށް އިވެން ނުވާފަދަ އެއްޗެއް އިވުމުންނެވެ. އެވަގުތު ރާހިލްއަށްވެސް ކަންބޮޑުވެފައި ޝައިނާއާ ދިމާލަށް ބަލައިލެވުނެވެ. މި މަންޒަރު ފެނުނު ނުޒުހާއަށް އޭގެ މާނަ ނަގައިގަނެވުނީ މުޅިން ގޯސްކޮށެވެ.

“ވަޓް؟ ހަހަހަ.. ރާހިލް ބަލާބަލަ.. އޭނައަކަށް އަހަރެންނާ ގާތަށްވެސް ރާހިލް ހިތްހަމަ ޖައްސައެއްނުދެވޭނެ.” ނުޒުހާ ރާހިލްއާ ގާތްވާން މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް އެކަން ކާމިޔާބު ކުރުމުގެ ކުރިން ރާހިލް ނުޒުހާ ކޮށްޕައިލިއެވެ.

“ފޯ ގޯޑްސް ސޭކް ނުޒުހާ މިއީ ޕަބްލިކޭ.. ގައިގަ އަތްނުލާ ހުރޭ… ނުޒުހާއަށް ހީވަނީ ރިލޭޝަންޝިޕެއްގެ ހުރިހާވެސް އެއްޗަކީ އެއީ ކަމަށްތަ؟ ދެވަނަ ފަހަރަށް ޝައިނާއާ ދިމާލަށް އެއްޗެއް ބުނުމުގެ ކުރިން ހަނދާން ކުރާތި ޝީ އިޒް ނޮޓް މައި ގަރލް-”

“ޔެސް އައިމް ނޮޓް ހިސް ގަރލްފްރެންޑް. އަހަރެންނާ ރާހިލްއާ މިއުޅެނީ ވަރަށް އަވަހަށް މެރީކުރަން. އެހެންވީމަ ނުޒުހާއަށްވެސް ދެން ރަނގަޅުވާނީ ރާހިލް ހަނދާން ނައްތާލުން.. އަދި އަހަރެން އަލުން ރެސްޓޯރެންޓަށްގޮސް ނުޒުހާގެ ބޯއިފްރެންޑްގާތު މިހިނގި ކަންތައް ކިޔާނުދެނީސް އަމިއްލަ ރިލޭޝަންޝިޕް ސަލާމަތްކުރަން އުޅުން” ޝައިނާ ރާހިލްއާއި ނުޒުހާގެ ދެމެދަށް ހުރަސްވެލަމުން ބުންޏެވެ.

“ލެޓްސް ގޯ ލަވް” ޝައިނާ ރާހިލްގެ އަތުގައި ހިފައިގެންގޮސް ސައިކަލަށް އެރިއެވެ.

ޝައިނާގެ ދުލުން އޭނާއާ މުހާތަބު ކުރިގޮތް އިވި ރާހިލްގެ ހިތް އާދަޔާހިލާފަށް ތެޅިލިއެވެ. ބަނޑުގައި ކޮކާ އުދުހޭފަދަ އިހުސާސެއް ކުރެވެން ފެށިއެވެ. ސައިކަލު ދުއްވައިލި ވަގުތު ނުޒުހާއަށް ފެންނާނެހެން ޝައިނާ ރާހިލްއާ އިތުރަށް ގާތްވެލިއެވެ. ހިނދުކޮޅަކަށް ރާހިލްއަށް ސައިކަލުގެ ބުރަކިވެސް ޖައްސައިލެވުނެވެ. ގަބޫލުނުކުރެވިިފައި އޭނާގެ ބަނޑުގައި އަޅުވައިލެވިފައިވާ ޝައިނާގެ އަތަށް ބަލައިލިއެވެ. ނަމަވެސް ރާހިލްއަށް ކުއްލިއަކަށް އެ އައި ބަދަލު އިހުސާސްވާ ވަރަށްވުރެން ދުރުގައިހުރިި ނުޒުހާއަށް އެމަންޒަރު ދެއްކުމަށް ޝައިނާގެ ސަމާލުކަން ދެވިފައިވަނީ މާބޮޑަށެވެ.

ނުޒުހާ ނުފެންނަ ހިސާބަށް ދެވުމާއެކު ޝައިނާ ރާހިލްގެ ގައިން ދޫކޮށްލުމަށްފަހު ސައިކަލުގެ ފަހަތަށް ޖެހިލިއެވެ. އެކަމުގެ ސަބަބުން ރާހިލްއަށް އާދަޔާހިލާފު ފަޅުކަމެއްް އިހުސާސް ކުރެވުނެވެ. އޭނާއަށް ޝައިނާ އޭނާގާތު ކޮންމެވެސް ވާހަކައެއް ބުނިހެންވެސް ހީވިއެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމު ވާވަރަށްވުރެ އޭނާގެ ސިކުނޑި ޝާމިލުވެފައިވީ ހިނގައިދިޔަ ކަންތައްގަނޑު ނަގައިގަތުމުގައެވެ. އިންތިޒާރުކުރެވެމުން ދިޔައީ ބުރާސްފަތި ދުވަހުގެ ރޭގަނޑަށެވެ.

************

މެންދުރުގެ ހޫނުގަދަ އަވިން ސަލާމަތްވުމަށްޓަކައި ޒީވާ އޭނާ ހުއްޓިލައިގެންހުރި އާރް.އެލް އޮފީސް އިމާރާތުގެ ބޭރުގައި ހަދައިފައިވާ ދެތިން ސިޑީގެ މައްޗަށް އެރިއެވެ. އޭނާއަށް ހުރެވުނީ އިމާރާތައް ވަދެނުކުމެ އުޅޭ މީހުންގެ މަގު ބަންދުވާ ގޮތަށްކަން އެނގުނީ ފަހަތުން މީހަކު ތަން ދެއްކުމަށް ގޮވައިލުމުންނެވެ. ޒީވާ ބަލައިލިއިރު އެ އޮފީހުގައި މަސައްކަތް ކުރާ ބިދޭސީއެއް ބަރު ފެންފުޅިއެއް ހިފައިގެން ދޮރުން ނުނިކުމެވިފައި ހުއްޓެވެ. ޒީވާ އެމީހާއަށް އެހީތެރިވުމުގެ ގޮތުން ހިސާބަކަށް ހުޅުވިފައިވާ ބިއްލޫރި ދޮރު އިތުރަށް ހުޅުވައިލައިދީ އިރުކޮޅަކު ހިފަހައްޓައިގެން ހުއްޓެވެ. އަދި އެމީހާ ދިޔުމުން ދޮރުން ވަދެނުކުމެ އުޅޭ އެހެން މީހުނަށް އުނދަގޫ ނުވާނެހެން ދޮރުގެ އެއްކައިރިއަކަށް ޖެހިލުމަށްފަހު ފޯނު ނަގައި ޝައިނާއަށް މެސެޖު ކޮށްލިއެވެ.

“އަދިވެސް ނުނިމެނީތަ؟ މިހާރު މިތާހުރެ ދާހިއްލާ ފޯވެއްޖެ” ޒީވާ މެސެޖުގައި ލިޔެލިއެވެ.

ޝައިނާގެ ފަރާތުން ރައްދެއް ނާދެއެވެ. ޝައިނާ ބިޒީވީ ކަމަށްބަލައި ޒީވާ ފޯނު ޖީބަށް ލިއެވެ. އަދި ދަލުން ފޯވަމުންދިޔަ ޔުނީފޯމު ގަޔާ ދުރުކޮށްލަމުން ކުޑަކޮށް ތަޅުވައިލިއެވެ. އެވަގުތު މެންދުރުގެ ހުސްވަގުތުކޮޅު ނިންމައިލުމަށްފަހު އޮފީހަށް ވަންނަން އައި ރިއާންގެ ލޮލުގައި ޒީވާ އަޅައިގަތެވެ. ޒީވާ އެތަނުގައި ކުރަނީ ކީއްކަމާމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އޮފީހަށް ވަނުމުގެ ބަދަލުގައި އޭނާ ލަސް ފިޔަވަޅުތަކެެއްގައި ޒީވާ ހުރި ދިމާލަށް ދިޔައެވެ.

“ހައި.. ޒީވް މިތާ ކީއްކުރަނީ؟” ކައިރިން ރިއާންގެ އަޑު އިވުމާއެކު ޒީވާ ސިހިފައި ރިއާންއާ ދިމާލަށް ބަލައިލިއެވެ.

“މީ.. ޝައިނާ އަންނަންދެން.. ކުއްލިއަކަށް ބިޒީ ވީއޭ ބުނީ” ޒީވާ ރިއާންގެ ސުވާލަށް ޖަވާބުދިނެވެ.

“އަދި 12:40 ދޯ ވީ.. އާނ އެހެންވީމަ އިންނާނީ މީޓިންގަ. އަސްލު އަހަރެން ދާންޖެހޭ މީޓިންގްއެއް އެއީ.. މުހިއްމު ތަނަކަށް ދާން ޖެހުނީމަ ޝައިނާ ކައިރި ބުނީ ފިލް-އިން ކޮށްލަދޭން” ރިއާން ފަޓުލޫނު ޖީބަށް ޖަހައިލެވިފައިވާ އަތްނޫން އަނެއް އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.

ޒީވާއަށް ފޫހިގޮތަކަށް ތުން އަނބުރައިލެވުނެވެ. މިއީ ހައްތަހާވެސް މި ރިއާންގެ ކަންތަކޭ ހިތަށް އެރިއެވެ.

“އެތެރޭގަ މަޑުކޮށްލަންވީނު؟ ވަރަށް އަވިގަދަހެން ހީވަނީ” ރިއާން އުޑުމައްޗަށް ބަލައިލުމަށްފަހު ކަރުގައި އޮތް ޓައި ދޫކޮށްލަމުން ބުންޏެވެ. މިއީވެސް އަޖައިބެއްކަހަލަ މީހެއްތާއެވެ؟ ހަމަ އަވިގަދަކަން ޔަގީން ނުވަނީބާއޭ ޒީވާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް މިއަދު ރިއާންއަަށް ޒީވާގެ ހިތްހަމަޖެހޭގޮތަށް އެންމެ ޖުމްލައެއްވެސް ބުނެވޭގޮތެއް ނުވިއެވެ.

“ނޫން.. ރަނގަޅުވާނެ. އަހަރެން މިތާ މަޑުކޮށްލާނަން..” ޒީވާ މަސްނޫއީ ހިނިތުންވުމަކާއެކު ބުނެލިއެވެ.

“ޔަގީންތަ؟ އަދި ވިއްސަކަށް މިނަޓް އެބައޮތް ކަންނޭނގެ ނިމެން” ރިއާން އަހައިލިއެވެ.

“ހްމްހް ޔަގީން” ޒީވާ ފޫހި ރާގެއްގައި އެހެން ބުނި ކަމުގައިވިޔަސް އިތުރަށް ވިހިމިނަޓު މަޑުކުރަން ޖެހޭނެކަން އެނގުމުން ކުޑަކޮށް މާޔޫސްވިއެވެ.

“ޕްލީޒް. އައި އިންސިސްޓް” ރިއާން އެދުނެވެ. އެންމެފަހުން ޒީވާ ބޯ ޖަހައިލުމަށްފަހު ރިއާނާއެކު އެތެރެއަށް ހިނގައިގަތެވެ.

“އަހަރެން މިތާ މަޑުކޮށްލާނަން” ޒީވާ ލޮބީ އޭރިޔާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ.

“ކެބިންއަށްގޮސް ފިނިއެއްޗެއް ބޯލަންވީނު. ޒީވް އިނަކަސް އަހަރެންނަކަށް އުނދަގުލެއް ނުވާނެ” ރިއާން އެދުނެވެ. ޒީވާ އަލަށް އެ އޮފީހަށް އައީތީ ޒީވާއަށް މެހެމާންދާރީވާން އޭނާގެ ޟަމީރު ބުނަމުންދިޔަ ކަހަލައެވެ.

“ނޭނގޭނެއެއްނު.. އަހަރެން ހީކުރީ ރިއާންގެ ލައިފްގެ އެންމެ ބޮޑު އުނދަގުލަކީ އަހަރެން ކަމަށް” ޒީވާ މީގެ އަށް އަހަރު ކުރިން ރިއާން އޭނާއާ ދިމާލަށް ބުނި ޖުމްލައެއް ރިއާންއަށް އަމާޒުކޮށްލިއެވެ. ރިއާންއަށް އެކަމުން ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާ އެއީ މާ ބޮޑުކަމަކަށް ނެހެދުމަށް ނިންމިއެވެ. އެންމެފަހުން ޒީވާ ރިއާންއާއެކު ދިޔުމަށް އެއްބަސްވީ އޭނާގެ ހިތުގައިވެސް ރިއާންގެ ކެބިން ބަލައިލުމުގެ ޝައުގުވެރިކަން އޮތް ބޮޑުކަމުންނެވެ.

ލިފްޓަށް އެރި ވަގުތު ލިފްޓުގެ ލޯގަނޑުން އަމިއްލަ ސޫރަ ފެނުމާއެކު ޒީވާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ދިގު ޑިއުޓީއެއް އަދާކޮށްފައި އައުމުގެ ސަބަބުން ތަރުތީބެއްނެތި އޭނާގެ ހުޅިން ނެއްޓިފައިވާ އިސްތަށިތަކާއި މޫނުމަތީގައިވާ ވަރުބަލިކަމުގެ ސަބަބުން އޭނާއެކޭ މަރުވެފައިވާ މައްޔިތެކޭ ތަފާތެއް ނެތެވެ. އަތްފުނާ އަޅައިލައި އިސްތަށިތައް ކަންފަތް ދަށަށް ލައްވައިލުމަށްފަހު ދަބަހުން ނެގި ޓިޝޫއަކުން މޫނު ފޮހެލިއެވެ. އަދި މަޑު ކުލައެއްގެ ލިޕްސްޓިކަކުން ތުންފަތް ފަވައިލުމަށްފަހު ދެތިން ފަހަރަކު ދެތުންފަތް އުނގުޅައިލިއެވެ. އެ މަންޒަރުފެނި ރިއާންގެ ފަރާތުން މަޑު ހީނލުމެއްގެ އަޑު އިވުނެވެ. އެއަޑު ވެގެންދިޔައީ ޒީވާގެ އިތުރުން ހުދު ރިއާންއަށްވެސް ސިހުން ލިބިގެންދިޔަ އަޑަކަށެވެ. ވަގުތުން މޫނުމަތީގައިވާ ހިނިތުންވުން ފިލައިގޮސް ނިތަށް ރޫތައް ޖަމާވިއެވެ. އަޑު ވީއްލާ ހިނިއަންނަވަރުގެ މަޖާކަމެއް ޒީވާ ވަކި ކޮށްފި ހެއްޔެވެ؟ އެއަށްވުރެން މަޖާ ކަންކަން ރާހިލްވެސް ކުރެއެވެ. ނަމަވެސް އޭނާގެ ފަރާތުން އެންމެ ބޮޑު އިޝާރާތަކަށްވެސް ދެވިފައިވަނީ ހިނިތުންވުމެކެވެ. ދެން އެހެންވީރު ދެންމެ އޭނާ ގާތަށް އެ ހިނިއައީ ކޮންކަމަކާ ހެއްޔެވެ؟ އެވަގުތު އެކަން ފާހަގަވާނެ އިތުރުބަޔަކު އެތަނުގައި ނެތްކަންވެސް އެއީ ނަސީބެކޭ ރިއާންގެ ހިތަށް އެރިއެވެ. ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔަމުން އޭނާގޮސް ޒީވާއާއެކު ކެބިންއަށް ވަނެވެ.

ކެބިންއަށް ވަދެވުމާއެކު އާޝޯހުވެފައިހުރި ޒީވާގެ ނަޒަރު ކެބިންގެ އެކި ދިމާލަށް ދަތުރު ކުރަން ފެށިއެވެ. މެދުގައި ބަހައްޓައިފައިވާ ބޮޑު މޭޒުން ފެށިގެންގޮސް އެއް ފަރާތުގައިހުރި ހޯމްބާރ އާއި ބިލިއާޑް މޭޒުގެ އިތުރުން އަނެއް ފަރާތުގައިވާ ބޮޑު ފޮތް ހަރުގަނޑުތަކަށެވެ. ސުކުންތެއްވެސް ލަސްކުރުމެއްނެތި އޭނާ އެ ފޮތް ހަރުގަނޑުތަކާ ދިމާލަށް ދުއްވައިގަތެވެ. އެ މަންޒަރުފެނި ރިއާންއަށް ހިނިތުން ވެލެވުނެވެ. އެއީ ރިއާން ޒީވާގެ ފަރާތުން އުއްމީދުކޮށްގެން ހުރި ކަމެއް ކަހަލައެވެ. ވާނީވެސް އެހެންތާއެވެ؟ ރިއާންގެ ގެއަށް ދެވުނު ދުވަހުވެސް ޒީވާ އެންމެ ފުރަތަމަވެސް ދުއްވައިގަތީ ޓީވީ ހަރުގައިހުރި ދެތިން ފޮތާ ދިމާލަށް ވިއްޔާއެވެ. ވީއިރު އެ ފޮތްހަރުތަށް ފެންނަ ވަގުތު ޒީވާގެ އަމަލުތައް ހުންނާނެގޮތް އޭނާއަށް ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލެވުނެވެ.

“ބޭނުންވާ ކަހަލަ ފޮތެއް ފެނިއްޖެތަ؟” ރިއާން ހޯމްބާރގައި ހުރި ފުޅިއަކުން އޮރެންޖް ޖޫސްތަށްޓެއް އަޅައިގެން އައިސް ޒީވާގާތު މަޑު ކޮށްލަމުން ބުންޏެވެ.

“ނޫނޭ. ބަލާލަށް ވަރަށް ރީތި. އެކަމަކު އަހަރެން ކިޔާ ކަހަލަ ފޮތެއް ނެތް.. މިތާ މިހިރީ ހުސް ހިސްޓްރީ އެންޑް ނަން-ފިކް” ރިއާން ދިން ޖޫސްތަށީގައި ހިފަމުން ޒީވާ ބުންޏެވެ. އެ މޫނުމަތީގައިވާ ހިނިތުންވުމުން ޒީވާ އެތަނާ ގަޔާވެފައިވާ މިންވަރު ރިއާންއަށް ނަގައިގަނެވުނެވެ.

“މިހާރު ޝައިނާ ނިމިދާނެހެން ހީވަނީ. އިށީނދެލަންވީނު. އަހަރެން ގުޅާލާނަން” ރިއާންގެ އެދުމަށް ޒީވާގޮސް އެތަނުގައި ހުރި ސޯފާގައި އިށީނެވެ. އޭރު ރިއާން ކޮންމެވެސް މީހަކަށް ކޯލެއް ކުރުމަށްފަހު އެމީހާ ގާތު މީޓިންގް ނިމުމުން ޝައިނާ އެ ކެބިންއަށް ފޮނުވައިދިނުމަށް އެދުނެވެ. އެއަށްފަހު އޭނާވެސް މަސައްކަތުގެ ތެރެއަށް ވަދެގަތެވެ.

ޒީވާ ދެއަތުން ހިފަހައްޓައިލައިގެން އިން ޖޫސްތަށި ތުނބުގައި ޖަހައިލިއެވެ. އޭނާގެ ނަޒަރު ރިއާންއާ ވަކިކޮށްލަން ދަތިވެފައިވާ ކަހަލައެވެ. ސިއްރުސިއްރުން ރިއާންގެ ކޮންމެ ހަރަކާތަކަށް ބެެލެމުން ދިޔައެވެ. ރިއާން ފެންނަ ހިސާބުގައި ހުރުމުން ހިތް އަވަސްވެފައިވާކަން އެނގިހުރެވެސް އޭނާ ދިޔައީ އެކަން ފޮރުވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ހިތުގެ އެދުމަކީ އޭނާގެ އިހްތިޔާރުން ބޭރުގައިވާ ކަމެއް ކަމަށްވިޔަސް އެކަމަށް އިޖާބަ ދިނުމަކީ އޭނާގެ ފުރިހަމަ އިހްތިޔާރުގައިވާ ކަމެއްކަން އޭނާ ދަނެއެވެ. ރިއާންގެ ލޯބި އޭނާއަށް ދުވަހަކުވެސް ނުލިބޭނެކަމަށް ޒީވާ ވަނީ އެ ހިތަށް ވިސްނައިދީފައެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އެހެން މީހެއްގެ އަންބަކަށް ވާން އުޅޭކަންވެސް އޭނާ ވަނީ ގަބޫލު ކޮށްފައެވެ. އެކަން އެނގިހުރެވެސް މިނިވަނެއްގެ ގޮތުގައި ފަހު ފަހަރަށް، ހިތް ފުރޭވަރަށް، ރިއާންއަށް ބަލައިލުމަށް އޭނާގެ ހިތް ބޭނުންވަނީއެވެ.

ޒީވާއަށް އޭނާގެ ހިޔާލުތަކުން ބޭރުވެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ރިއާންގެ ހުއްދައާއެކު އެތެރެއަށް ވަދެގެންއައި ޝައިނާ ފެނުމުން ޒީވާ ހަނާ އަޅައިލިއެވެ.

“ޒީ.. ތިރީގަ މަޑުކޮށްލިނަމަ..” ޝައިނާ ރިއާންއަށް ބޯ ޖަހައިލަމުން ކަންބޮޑުވެފައި އައިސް ޒީވާގާތު އިށީނެވެ.

“އަހަރެންނާ ތިރިން ދިމާވީމަ ގެނައީ މިކޮޅަށް” ރިއާން އޭނާގެ މެކްބުކްއިން ނަޒަރު ވަކިކޮށްލުމެއްނެތި ބުނެލިއެވެ.

“ތެންކްޔޫ ސޯ މަޗް ރިއާން. އެއްގޮތަކަށްވެސް ހިއެއް ނުކުރަން މީޓިންގެ އެހާ ލަސްވެދާނެ ކަމަކަށް. ޒީ ހުންނަތާ ވަރަށް ގިނައިރު ވެއްޖެތަ؟” ޝައިނާ ރިއާނަށް ޝުކުރުވެރިވަމުން ޒީވާގާތު އެއްސެވެ.

“އަހަރެން ބޭރުގަ ހުރިތާ ބައި ގަޑިއިރުވީ ފަހުން ރިއާންއާވެސް ދިމާވީ. އަހަރެން އެހާ ވަރަކުން އަންނާކަށްވެސް ނޫން ހުރީކީ އެކަމަކު ޝައި އެއްނު ބުނީ އޭނަ ކައިރިއަށް ދާން ޖެހޭނީ ދޭއްގެ ކުރިންނޭ” ޒީވާ ބުންޏެވެ.

“އޯހް. އަދި އަހަރެން ހަނދާން ނެތިފައޭ މި ހުންނަނީވެސް. އެކެއްވެސް ޖަހައިފިދޯ އަޅެ. ހިނގާ ދާން އަވަހަށް ދެންވެސް. އޭނަ ރުޅިއައިއްޔާ ހެދުން ނުވެސް ފަހާދޭނެ. އެހާދިގު ވެއިޓްލިސްޓެއް އޮންނާނެ އޭނާގެ. ހާލަކުން އެނގޭ ޒީގެ ހެދުންވެސް ފަހާދޭން އެއްބަސްވީ..” ޝައިނާ އަވަސް އަރުވައިލުމަށްފަހު ދަބަސް ހިފައިގެން ތެދުވިއެވެ.

“ދެން އެހާވަރު މީހެއް ކައިރިއަށް ދާން ޖެހޭތަ؟ އަހަރެން ނުދިޔަކަސް ހެދުމެއް ދިނީމަ މިންވެސް ނެގުނީނު. މިއީ ދެން އެހާ ކަންތައް ބޮޑުކުރާވަރުގެ ކަމެއްތަ؟ ޝައިއަށްވެސް ފަހާލެވުނީހެއްނު؟” ޒީވާ ފޫހިގޮތަކަށް ތުން އަނބުރައިލިއެވެ. އޭނާ އެތަނުން ތެދުވުމުގެ ހިޔާލެއްވެސް ނެތް ކަހަލައެވެެ. އެވަގުތު ރިއާން މޭޒު ކައިރިން ތެދުވެގެން އައިސް ވަކިން ހުރި ސޯފާގޮނޑީގައި އިށީނދެލަމުން ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.

“ސާބަހޭ މިހިރަ ދަރިއެެއްދޯ. ރިއާން ބުނެބަލަ އަޅެ ދުނިޔޭގަ އެކަކުވެސް އުޅޭތަ އަމިއްލަ ވެޑިންގްޑްރެސް ފަހަން މިން ނަގަން ނުގޮސް ހެދުމެއް ފޮނުވައިގެން ހެދުމުގެ މިނަށް ފަހާ މީހެއް؟” ޝައިނާ ޒީވާގެ އަތުގައި ހިފައި ތެދުކުރުވިއެވެ.

“ދެން އަހަރެންމީ ކޮންމެ ކޮންމެ ބްރައިޑެއް ނޫނެއްނު.” ޒީވާ ބުންޏެވެ.

“މަޑުކޮށްބަ؟ ކާކު މެރީ ކުރަނީ؟” ރިއާންގެ ނިތަށް ރޫތަށް ގިނަވިއެވެ.

“ޒީއެއްނު؟ ރިއާންއަކަށް އަދި ނޭނގޭތަ؟ އަހަރެން ހީކުރީ ރާހިލް ބުނެފަ ކަމަށް އޮންނާނީ” ޝައިނާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

“ވަޓް؟” ރިއާންއަށް ހީވީ އޭނާ ދިރުވައިލަން އުޅުނު ކޮފީފޮދުވެސް އަރުގައި ތާށިވިހެނެވެ. “އައި.. އައި ޑިޑްންޓް ނޯ ޔޫ ވަރ ޑޭޓިންގް” އޭނާ ހިންދިރުވައިލަމުން ޒީވާގެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ. އޭނާއަށް އިނީ އެ ލިބުނު ހަބަރު ގަބޫލުކުރަންވެސް ދަތިވެފައެވެ.

“އަހަރެން.. އަހަރެން..”

“ޒީ.. ދެން އަވަސް ކޮށްބަލަ. ބޭކާރު ވާހަކައެއް ބޭނުމެއްނޫން އަހަރެން ބޭނުމީ ޒީގެ ވެޑިންގްގެ ހުރިހާ ކަމެއްވެސް އެންމެ ބެސްޓް މީހުން ލައްވާ ކުރަން. މާޝާﷲ ޔޫ އަރ ގޮނަ ބީ ދަ މޯސްޓް ބިއުޓިފުލް ބްރައިޑް… ނޫންތަ ރިއާން؟” ޝައިނާ ޒީވާގެ ވާހަކަ ފުރިހަމަ ކުރުމަށް ޖާގަ ދިނުމެއްނެތި ޒީވާގެ ކޮނޑުގައި އަތް އަޅުވައިލުމަށްފަހު ދަތްދޮޅީގައި ހިފަހައްްޓައިލަމުން ރިއާންއާވީ ފަޅިއަށް އަނބުރައިލިއެވެ.

“ޔެސް” ރިއާންއަށް ޒީވާގެ މޫނުފެނުމާއެކު ހިންދިރުވައިލެވުނެވެ. “ޔެސް ޔޫ ވިލް ބީ” ޝައިނާ އެބުނި ވާހަކައާމެދު އޭނާ ދެބަހެއް ނުވެއެވެ. އެހެނަސް އޭނާގެ ނަޒަރު ސީދާ ހުއްޓިފައިވަނީ ޒީވާގެ ދެލޮލަށެވެ. އެ ދެލޮލުން އޭނާއަށްޓަކައި އެއް އިރެއްގައި ފެނުނު އިހުސާސްތައް ހޯދަން ބޭނުންވެފައިވާ ކަހަލައެވެ.

“ދެންވެސް ހިނގާބަލަ ޒީ.. އަވަސް އަވަސް.. ވަގުތެއް ނެތެއްނު. ހުރިހާ ކަމެއް ޕްލޭންކުރަން އޮތީ އެންމެ މަހެއް” ޝައިނާ ޒީވާއާއެކު ކެބިންއިން ނުކުންނަމުން ބުނެލިއަޑު ރިއާންއަށް އިވުނެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ޒީވާގެ ކައިވެނި ކުރެވެން އުޅޭކަމުގެ ހަބަރު ލިބުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. ކުރިމަތީގައިހުރި މޭޒަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލުމަށްފަހު ތެދުވެ ކެބިންގެ ދެކޮޅަށް ހިނގަން ފެށިއެވެ. މިހާބޮޑު ކަމެއް އޭނާއަށް މި ހުރިހާދުވަހު ނޭނގުނީ ކީއްވެހެއްޔެވެ؟ އެ އާއިލާގެ ތެރޭގައި އެހާބޮޑު ނިންމުމެއް ނިންމުނުއިރު އެކަމުގެ ހިލަމެއްވެސް ރާހިލްގެ ފަރާތުން ނުވީ ކީއްވެހެއްޔެވެ؟ ޝައިނާ އައުމުގެ ކުރިން މިއަދު ޒީވާއާއެކު ހޭދަވެދިޔަ ވަގުތުގައިވެސް އެކަހަލަ ވާހަކައެއް ބުނަން ޒީވާގެ ހަނދާނަށްވެސް ނައީ ހެއްޔެވެ؟

އެ ހުރިހާ ކަމަކާމެދު ވިސްނެމުންދިޔަ ވަރަކަށް ރިއާންގެ ބޮލުގައިވާ ރިހުން އިތުރަށް ގަދަވަމުން ދިޔައެވެ. މެއަށް ބާރުވެ ނޭވާލާން އުނދަގޫވާކަމުގެ އިހުސާސެއް ކުރެވެންފެށުމާއެކު ގަމީހުގެ މޭމަތިން ދެގޮށް ނައްޓައިލުމަށްފަހު ސޯފާއަށް ވެއްޓިގަތެވެ. މޭޒުމަތީގައި ބަހައްޓައިފައިވާ ޖަގުން ފެންތައްޓެއް އަޅައިލުމަށްފަހު އެއްނޭވައިން އެ ހުސްކޮށްލިއެވެ. އިރުކޮޅެއްފަހުން ސޯފާއިން ތެދުވެގެންގޮސް އޮފީސް މޭޒުދޮށުގައިހުރި ބޮޑު ގޮނޑީގައި އިށީނދެލައި ދެލޯ މަރައިލިއެވެ. އޭނާއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގޭ ކަހަލައެވެ. ފުން ނޭވާތަކެއް ދޫކޮށްލުމަށްފަހު ހަމަޖެހިލަމުން އޭނާ ކުރަން އިން މަސައްކަތަށް ސަމާލުކަން ދެވޭތޯ އުޅުނެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން އޮފީހުން ބޭރަށް ނުކުމެ ހަރު ފިޔަވަޅުތަކެއްގައި ކާރާ ދިމާލަށް ދިޔައެވެ. ކާރުގެ ދޮރު ހުޅުވައިލި ވަގުތު ކުއްލިއަކަށް އޭނާގެ ހިޔާލު ބަދަލުވި ފަދައިން ކާރު ލޮކް ކޮށްލުމަށްފަހު ކައިރީގައި ހުރި ސައިކަލަށް އަރައި ނައްޓައިލިއެވެ.

ހަލުވި ސްޕީޑުގައި އޭނާގޮސް މަޑުކޮށްލީ ލޮނުޒިޔާރަތްކޮޅުގައި ހުންނަ ބްރިޖްވިއުއާ ހިސާބުގައެވެ. މެންދުރުގެ ވަގުތަށް ވާތީއާއެކު މާ ގިނަބަޔަކު އެތަނުގައެއް ނެތެވެ. ނަމަވެސް އެތަނުގައި ތިބި މަދުމީސްކޮޅު ރިއާންއާ ދިމާލަށް ހައިރާން ކަމާއެކު ބަލަމުން ދިޔައެވެ. އެ ބެލުންތަކަށް ސަމާލުކަން ދިނުމެއް ނެތި ރިއާން ސައިކަލުގެ މަޑިދަށުން ނެގި ސިނގިރޭޓް ފޮށްޓާއި ލައިޓަރު ހިފައިގެންގޮސް އެތަނުން އެކަހެރި ހިސާބެއްގައި އިށީނދެލިއެވެ. އަދި ފުރަތަމަ ސިނގިރޭޓް ރޯކޮށްލުމަށްފަހު ފޯނު ނަގައި ރާހިލްގެ ނަންބަރަށް ގުޅައިލިއެވެ.

“ހެލޯ.. ކޮންތާކު؟؟ ޖައްސާލަބަ ބްރިޖްވިއުއަށް.. އެތާ މީނީ. ޔެސް…. ޔެސް ނައު”

ފޯނުކޯލު ކުރުކޮށްލުމަށްފަހު ރިއާން ދުރުން ފެންނަން އޮތް މާސިންގާ ކަނޑަށް ނަޒަރު ހުއްޓައިލިއެވެ. ޒީވާ ކައިވެނިކުރަން އުޅޭކަމުގެ ހަބަރު ގަބޫލުކުރަން އޭނާއަށް އަދިވެސް ދަތިވަނީއެވެ. އެހާ އަވަހަށް ޒީވާ އޭނާގެ މަތިން ހަނދާންނައްތައިލީ ހެއްޔެވެ؟ އޭނާ ގާތު ޒީވާ ކުރި އާދޭސްތަކަކީ އެއްވެސް މާނައެއް ނެތް އާދޭސްތަކެއް ހެއްޔެވެ.؟ އެހެންވެއްޖެނަމަ ޒީވާ ލޯބީގެ ގޮތުން މިވީހާދުވަހު ގުޅިގެން އެ އުޅުނީ ކާކާބާއެވެ؟

އެ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތުގައި ރިއާން އަނެއްކާވެސް ފޯނު ހުޅުވައިލިއެވެ. ޒީވާގެ އިންސްޓަގްރާމް އެކައުންޓަށް ލައިފައިވާ ޕޯސްޓްތަކާއި ޓެގްކޮށްފައިވާ ޕޯސްޓްތަކުގެ އިތުރުން ހައިލައިޓްތައް ހުސްވަންދެން އޭނާ ބެލިއެވެ. ނަމަވެސް އިޝްވާއާ ޝައިނާ އަދި ރާހިލް ފިޔަވައި އިތުރު މީހެއްގެ ޕޯސްޓެއް ނުވަތަ ކޮމެންޓެއްގެ ހިސާބުވެސް އޭނާއަކަށް ނުފެނުނެވެ. އެނގެން ބޭނުންވި މައުލޫމާތު ނުލިބުން ވެގެންދިޔައީ ރިއާން އިތުރަށް ރުޅިގަދަވި ކަމަކަށެވެ. އޭނާ ކޮންމެހެންވެސް ޒީވާގެ ފަރާތުން އެކަމުގެ ތަފްސީލު ބޭނުންވިއެވެ. އެހެންކަމުން ޗެޓް ހުޅުވައިލީ އެ ޖަވާބުތައް ހޯދުމަށެވެ. ޒީވާ ފުލުފުލުގައި ކޮށްފައިވާ މެސެޖުތަކުން މެސެޖެއްގައި އެކަމާ ގުޅޭ ވާހަކައެއް އޮވެދާނެ ކަމަށެވެ. މީގެ ކުރިންވެސް އޭނާ އެ މެސެޖުތައް ނުކިޔަން ހުރީ ޒީވާގެ އާދޭސް އަހައިފިނަމަ އެ އާދޭސްތަކަށް ބީރު ކަންފަތެއް ދޭން އޭނާ ނުކުޅެދިދާނެ ކަމަށް ހީވާތީއެވެ. އެހެނަސް ރިއާންގެ ހައިރާންކަން އިތުރުވީ ޒީވާ ކުރިން އޭނާއަށް ފޮނުވައިފައިވާ އެއްވެސް މެސެޖެއް އެ ޗެޓުން އޭނާއަށް ފެންނަން ނެތުމުންނެވެ. އެއީ އޭނާ އެއްވެސް އިރެއްގައި ޑީލީޓްކުރި ޗެޓެއް ނޫނެވެ. އޭނާ އެންމެފަހުން ބަލައިލި ދުވަހުވެސް މެސެޖުތައް ޗެޓުގައި ހުރި ހަނދާންވެއެވެ. ވީއިރު ޒީވާ އެ މެސެޖުތައް ޑިލީޓްކޮށްފައި އެވަނީ ވަރަށް ފަހުންކަން އޭނާއަށް އެނގުނެވެ. ދަތްކުނޑި ވިކައިލަމުން ރިއާން ފޯނު ނިއްވައިލުމަށްފަހު ޖީބަށް ކޮށްޕައިލިއެވެ. ފުން ހިޔާލަކަށް ގެއްލިފައި އިނދެ ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުލިކުރަމުންގޮސް ފޮށި ހުސްވުމާ ގާތްވެފައި ވަނިކޮށް ރާހިލްއައިސް އޭނާ ގާތު އިށީނެވެ.

“ސޮރީ މޭން.. ލަސްވީ އިނގޭ.. ކުޑަކަމެއްގަ އުޅުނީ..” ރާހިލް ރިއާން ގާތު އިށީނދެލަމުން ބުންޏެވެ.

“ކޮންކަމެއްގަ؟ މިހާރު ބިޓެއްވެސް ނުހުރެއެއްނު” ރިއާން ނުރުހުންވެފައި ވާހަކަދެއްކިއެވެ. ރާހިލްއަށް ވަގުތުން ރިއާންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ.

“ކަމެއްވީތަ؟ އަސްލު މީ… މިދުވަސްކޮޅު ގޭގަ ކުޑަ ކަމެއް ލައިގަނެގެން… މަންމަމެންވެސް އުޅެނީ އެއަށް ރެޑީވާން ބޭރަށް ޝޮޕިންގްއަށްދާން. އެހެންވެ ޓިކެޓް ކަންތަކާ އުޅެލީ..” ރާހިލް ބުނެލިއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ؟” ރިއާން އަތުގައި އޮތް ސިގިރޭޓު ހުސްކުރި ފިލްޓަރު ނިވައިލަމުން ބުންޏެވެ.

“އަހާބަލަ.”

“އަހަރެން މިއީ ރާހިލްގެ ހަޔާތުގަ އެއްވެސް ވަރަކަށް މުހިއްމު މީހެއްތަ؟؟ ރާހިލް ދުވަހަކުވެސް އަހަރެންނަށް ކަމެއް ހިއްސާނުކޮށް އޮންނާނެތަ؟؟ އަހަރެމެން ދެމީހުންގެ އޮންނަނީ ސްޕެޝަލް ބޮންޑެކޭ ހީކުރެވުނީ އަހަރެންނަށް އެކަނިތަ؟” ރިއާން ހިތްހަމަ ނުޖެހިފައި އަމުނައިލި ސުވާލުތަކުން ރާހިލްގެ ގާތަށް ހިނިއައެވެ.

“އަޅޭ މައި ބޭބީ… ފައިނަލީ ބޭބީއަށްވެސް ރިއަލައިޒްވީތަ އަހަރުމެންގެ ބޮންޑް ސްޕެޝަލްކަން؟ އަހަރެން ކިހާ އިންތިޒާރެއް ކޮށްފިން.. ތިއީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު މީހާ.. އެއްވެސް ކަމެއް ސިއްރެއް ނުކުރަން.. ބިކޯޒް ޔޫ އަރ މައި އެވްރީތިންގް ބޭބް” ރާހިލް ހިނިއައިސްފައި އިނދެ ރިއާންއާ ގާތް ވެލައި ރިއާންގެ ގައިގައި ބައްދައިލަން މަސައްކަތް ކުރިއެވެ.

“ރާހިލް ސްޓޮޕް… ދަ ހެލް!! ޗީޑި!!” ރިއާން ކުއްލިއެއް ޖަހައި ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު އެތަނުގައި ތިބި މީހުނަށް ބަލައިލިއެވެ. މީހެއްގެ ކަޅި އެދިމާލަށް ހުއްޓިފައި ނެތްކަން އެއީ ރާހިލްގެ ނަސީބޭ ރިއާންގެ ހިތަށް އެރިއެވެ. އޭރު ރާހިލް ޕަކަޕަކަލާފައި ހެމުން ގެންދިޔައެވެ.

“އައި ސްވެއަރ ރާހިލް އިފް ޔޫ ޑޫ ދެޓް އަގައިން.. ޔޫ ވިލް ބީ ސިކްސް ފީޓް އަންޑަރގްރައުންޑް” ރިއާން ދެފަރާތައް ބޯ ހޫރައިލުމަށްފަހު ސީރިއަސް ވެލަމުން ބުންޏެވެ.

“އޯކޭ ޕީސް. ދެން މެންދުރުގެ ގަދަ ހޫނުގަ މިތާ އައިސް ތި އިންނަނީ ކިހިނެއް ވެފައޯ؟ ވައި ޖައްސަންތަ؟ ކެބިންގެ އޭސީ ހަލާކުވީތަ؟” ރާހިލް ހިނިގަނޑު މައިތިރި ކުރަމުން ބުންޏެވެ.

“ޒީވާ ކައިވެނި ކުރަން އުޅޭ ވާހަކަ އަޑުއެހިން. އެހާބޮޑު ނިންމުމެއް ނިންމިއިރު އަހަރެންނަށް އަންގާވެސް ނުލަމެއްނު. އަހަރެންވެސް ކުރިން ޒީވާއާ ނުލާހިކު ގާތްވިއްޔާ.. ހީކުރީ އަންގާލާނެ ކަމަށް. ދެން އަޅާނުލާ… އެކަމަކު އަހަރެންނަކަށް އެނގިފައެއް ނެތް ޒީވާގެ ބިޓެއް ހުންނަ ކަމެއްވެސް” ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“އަހަރެން ހީކުރީ ރިއާންއަށް އެނގޭކަމަށް. ރިއާން އަދި އެއްޗެކޭ ބުނަންދެން އަހަރެން މި ހުންނަނީ.. ރިއާންއަކަށް ނޭނގޭތަ؟” ރާހިލް ހައިރާންވިއެވެ. ރިއާންއަށް އޭނާގެ އަމިއްލަ ކައިވެނީގެ ހަބަރު ލިބިފައި ނެތުމުން އަޖައިބުވިއެވެ.

“އަހަރެން؟؟ އަހަރެން ކީކޭ ކިޔަންދެން؟ އަހަރެންނަށްވެސް އެނގުނީ މިއަދު ޝައިނާ ބުނީމަ” ރިއާން ބުންޏެވެ. ރާހިލްއަށް އެކަމާ ވިސްނައިލެވުނެވެ. ޝައިނާ ރިއާންގާތު ޒީވާގެ ކައިވެނީގެ ވާހަކަ ދެއްކިއިރު އެ ކައިވެނި ކުރުވަން އުޅެނީ ރިއާންއާކަން ނުބުނުމުގެ ސަބަބެއް އޮވެދާނެކަމަށް ނިންމައި އޭނާވެސް އެވާހަކަ ސިއްރުކުރިއެވެ. އެކަމާ އޭނާ ޖެހިލުންވެސް ވިއެވެ. ރިއާންއަށްވުރެން ބޮޑަށް ޝައިނާގެ ހިޔާލު އޭނާއަށް މުހިއްމުވީ ކޮންއިރަކު ހެއްޔެވެ؟

“އަހަރެންވެސް ޝޮކަކަށް ދިޔައީ ތި ވާހަކަ ދެއްކިރޭ.. މޮޅުކަމަކީ އަދި ޒީ ބޭނުމެއްނުވޭ އިނދެވެން މި އުޅެވެނީ ކާކާތޯ ބަލައިލާކަށްވެސް…” ރާހިލްގެ ވާހަކައިން ރިއާންގެ ނިތަށް ރޫތައް ގިނަވިއެވެ.

“ތިބުނީ؟” އޭނާ އަހައިލިއެވެ.

“މިބުނީ.. ބައްޕަ ޒީވާ މެރީ ކުރުވަން އުޅެނީ ކާކާކަން ބަލާކަށްވެސް ޒީވާ ބޭނުމެއްނުވެޔޭ. އަދި އެވެސް އެހާ އަވަހަށް މަހެއްހާ ދުވަސް ތެރޭގަ” ރާހިލް ބުންޏެވެ.

“ތިބުނީ މިއީ.. މިއީ ލޯބިން ކުރެވޭ ކައިވެންޏެއް ނޫނޭތަ؟” އެހިޔާލާއެކު ރިއާންގެ ހިތަށް ތަސައްލީއެއް ލިބިގެންދިޔަހެން ހީވިއެވެ. އެއީ ޒީވާގެ އިހްތިޔާރުގައި ކުރާ ކައިވެންޏަކަށް ނުވީތީ އޭނާ ހިތްހަމަ ޖެހެންވީ ކީއްވެ ހެއްޔެވެ؟ އޭނާ ޒީވާއަށް ހެޔޮއެދޭނަމަ އޭނާ ޖެހޭނީ އެކަމާ ހިތާމަ ކުރާކަށް ނޫން ހެއްޔެވެ؟

“އެރޭންޖްޑް. ދެން ޒީވެސް އޯކޭތާ؟ އެހެންވީމަ މައްސަލައެއް ނެތެއްނު؟ އެހެންނޫނަސް ރިއާންއަށް ހީވޭތަ ޒީގެ ޗޮއިސްއަށް ދޫކޮށްލާފަ އޮތިއްޔާ ޒީ ދުވަހަކުވެސް މީހަކާ އިނުމުގެ ހިޔާލެއް ގެންގުޅޭނެހެން؟” ރާހިލްގެ ޖަވާބާއެކު ރިއާންގެ ލޭ ކެކިގެން ދިޔައެވެ. ޒީވާ ނުވެސް ދަންނަ މީހަކާ ކައިވެނި ކުރުވަން އުޅޭއިރުވެސް ރާހިލް އެކަމާ އެއްޗެކޭ ނުބުނެ ހުންނަނީ ހެއްޔެވެ؟ ރާހިލް ޒީވާދެކެ އެވާ އެއްބަނޑުއެއްބަފާ ކަމުގެ ލޯތްބަކީ އެއީ ހެއްޔެވެ؟

“ރާހިލް. އާރ ޔޫ އިންސޭން؟ ރާހިލް މޮޔަވީތަ.. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ އޭނ؟ ޒީވާ ނުވެސް ދަންނަ މީހަކާ ކައިވެނި ކުރުވަން އުޅޭއިރު ރާހިލް އެކަމާ އެއްޗެކޭ ނުބުނެ ހަމަޖެހިލައިގެން ހުރީތަ؟” ރިއާން އިންތަނުން ތެދުވަމުން ރާހިލްއަށް އަޑުލައިގަތެވެ. އެ އަޑާއެކު އެތަނުގައިތިބި ގިނަބައެއްގެ ލޯތައް އެދިމާލަށް ހުއްޓުނެވެ.

“ހަމަޖެހިފަ އަޑު މަޑުކޮށްބަލަ! އެންމެން ބަަލަނީއޭ” ރާހިލް ތެދުވެ ދުރުގައި ތިބި މީހުންނަށް ނަޒަރު ހިންގައިލިއެވެ.

“އަހަރެންވިއްޔާ އަދި ރުޅިމަޑެއްނު. ޒީއަކީ އަހަރެންނަކަށް މާ މުހިއްމު މީހެއްވެސް ނޫން އެކަމަކު ދަންނަ ކުއްޖަކަށް މިހެން ކަންތައްވާން ދޫކޮށްލަންވީތަ؟ ރާހިލް ހަމަ އެއްވެސް ވަރަކަށް މިކަމާ ދޭތެރޭ ވިސްނާނުލަނީތަ؟” ރިއާން އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅައިލިއެވެ.

“ރިއާން ހަމަޖެހިބަ އަހަ–” ރާހިލް އަތް ހިއްލައިލަމުން ރިއާންއާ ދިމާލަށްއެޅި ފިޔަވަޅު ހުއްޓުނީ ރިއާން އޭނަގެ އަތް ފޮޅުވައިލުމަށްފަހު އެތަނުން ފައިބައިގެން ދިޔުމުންނެވެ. ރާހިލް ބަލަބަލަ ހުއްޓާ ރިއާން ސައިކަލަށް އަރައިގެން ބާރު ސްޕީޑެއްގައި ދުއްވައިލިއެވެ. އެއާއެކު ރާހިލްއަށް ހިފަހައްޓައިގެންހުރި ހިނިގަނޑު ދޫކޮށްލެވުނެވެ.

*************

“ހަމަ ތެދެއް މިބުނީ.. ހަމަ ރަނގަޅަށްވެސް ހައްދާލެވިފަ އެހެރީ. އަހަހަހަ. އަދި އެންމެ ފަހުވަގުތު ދަމުންވެސް ބުނަނީ މިހެން އެނގޭ.. “އަހަރެންވިއްޔާ އަދި ރުޅިމަޑެއްނު. ޒީއަކީ އަހަރެންނަކަށް މާ މުހިއްމު މީހެއްވެސް ނޫން އެކަމަކު ދަންނަ ކުއްޖަކަށް މިހެން ކަންތައްވާއިރު ދޫކޮށްލަންވީތަ؟ ރާހިލް ހަމަ އެއްވެސް ވަރަކަށް މިކަމާ ދޭތެރޭ ވިސްނާނުލަނީތަ؟”.” ރާހިލް ގޮނޑިން ތެދުވެލައި ރިއާން ބުނި ރާގުގައި އެބައި ކިޔާލަމުން މެންދުރު ރިއާން އުޅުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ. އެ މަންޒަރު ބަލަން ތިބި އިޝްވާއާއި ޝައިނާގެ އިތުރުން ޝިމާން ޕަކަޕަކަލާފައި ހޭން ފެށިއެވެ. އެ އެންމެން ތިބީ ޝައިނާމެންގޭގެ ސިޓިންގްރޫމްގައެވެ.

“އަހަރެން ހުރީ ހަމަ ހައިރާންވެފަ.. ރިއާންއަކަށް ނޭނގޭ ވެޑިންގްގެ އެއްވެސް ކަމެއް… އެދެމީހުންނަށް ނާންގަނީތަ؟” ރާހިލް ހައިރާންވެފައި އަހައިލިއެވެ.

“ޔެސް.. އިޝީ ބުނީ ބައްޕަމެން ކައިރީ އެދެމީހުންނަށް ސަޕްރައިޒެއް ދޭން މަޑުކޮށްލާށޭ. ދެން ވަގުތު ޖެހުމުގެ ކުރިން އެނގޭނެއްނު..” އިޝްވާ ބުންޏެވެ.

“އެތެދެއް މި އިޝްކޮ އެބައުޅޭ ފާޑެއްގެ ޕްލޭންއެއް ހަދައިގެން… ނަސީބެއް ކަންނޭނގެ ޒީ އެހާވަރަކުން އެމީހަކު ހޯދަން ނޫޅޭކަން.” ޝައިނާ ބުންޏެވެ.

“އޯކޭ. އެކަމަކު ވަރަށް އޮކްވަރޑް އިނގޭ ތިންކިންގް މައި ސިސްޓަރ އިޒް މެރީއިންގް މައި ބެސްޓްފްރެންޑް. އަދިވެސް ހިއެއްނުވޭ އަސްލު ހެނެއް”

“ރާހިލް…” “ދޮންބޭ…”

ޝައިނާއާއި އިޝްވާ އެވާހަކަ ނުދެއްކުމަށް ބުނާ ބީދައަކުން ރާހިލްއަށް ގޮވާލިއެވެ. އެދެމީހުނަށް އެތައް ފަހަރަކު ރާހިލްއަށް އެކަމުގައި މައްސަލައެއް ނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރެވިއްޖެއެވެ.

“ޔެސް ޔެސް މެޑާމްސް. އޯކޭ ނުދައްކާ ވާހަކައެއް” ރާހިލް ބުންޏެވެ.

“ދެން ދަނީ އެނގޭ؟ ދޮންތަ މިހާރު ހޯދާނެ. ލެޓްސް ގޯ ދޮންބޭ” އިޝްވާ ރާހިލްއާއެކު ގޮނޑިން ތެދުވަމުން ބުންޏެވެ.

“ދަނީ އެނގޭ.. ސީ ޔޫ ޓުމޯރޯ ނައިޓް” ރާހިލް ދިޔުމުގެ ކުރިން ޝައިނާ ގާތަށް ޖެހިލަމުން ބުންޏެވެ. އެމަންޒަރު ފެނުނު ޝިމާން އެމީހުން ދިޔުމާއެކު ޝައިނާއަށް ބުމަ އަރުވައިލިއެވެ.

“ކިހިނެތްވީ؟” ޝައިނާ އެހިއެވެ.

“އެއީ ކޮންކަމެއް؟” ޝިމާން ދިމާކުރުމުގެ ރާގެއްގައި އެއްސެވެ.

“ދެން ސާބަހޭ ޝިމާންގަނޑާ.. ނިދަން ދަނީ. ގުޑްނައިޓް. ދޮރު ތަޅުލާތި” ޝައިނާ އުނގުމަތީގައި އޮތް ބާލީސް ޝިމާންއާ ދިމާލަށް އެއްލަމުން ތެދުވިއެވެ.

**********

ކާނިވާ ސަރަހައްދުގައި ހުންނަ ސިޓްރޯން ރެސްޓޯރެންޓްގެ މޫދާ ކައިރި މޭޒެއްގައި ޝައިނާއާ ރާހިލް ތިބިއިރު އެ ދެ ޒުވާނުންނެކޭ ދެ ބީރައްޓެހިންނެކޭ ތަފާތެއްނެތް ކަހަލައެވެ. ކުރިމަތީގައި އިން ރާހިލްއަށް މާބޮޑު ފަރުވާލެއް ނުދީ ޝައިނާ އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ބަަލަމުން ހިޔާލެއް ފިކުރެއްނެތި ކާންހުރި ތަށީގައިވާ އެއްޗެހި ހުސްކުރަމުން ދިޔައެވެ. މިއާޙިލާފަށް ރާހިލް ކާންހުރި ތަށި ފެންނަނީ އަތްވެސް ނުލައި ހުއްޓައެވެ. އޭނާގެ ނަޒަރު އެއްބައި ފަހަރު ކުރިމަތީގައި އިން ޝައިނާއަށް ހުއްޓުން ނަމަވެސް ޝައިނާގެ ސަމާލުކަމަށް އެކަން އައިސްދާނެ ކަމަށް ވިސްނައި އިރުއިރުކޮޅާ ސަރާސަރަށް ފެތުރިފައި އޮތް މާސިންގާ ކަނޑަށް ބަލައިލައެވެ.

އެއީ ހިތްގައިމު މަންޒަރެކެވެ. އެކަނޑުގެ ބާނިތައް ކަފަމުން ދަތުރުކުރަމުންދާ ލޯންޗުތަކުގެ ފަރިހަރަކާތުން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަނޑިތަކާއި، ދުރުން ފެންނަމުންދާ އެއަރޕޯޓާއި ސިނަމާލެ ބްރިޖުގައިވާ ލައިޓްތަކުގެ އަލިތަކުން އެކަނޑުގެ ލޮނުގަނޑުގައި ކުރަހައިލެވިފައިވާ މަންޒަރު ފެންނަނީ ބަލައި ފޫހިނުވާނޭ މަންޒަރެއް ހެނެވެ. ނަމަވެސް ރާހިލްއަށް އެއަށްވުރެ މާ ފުރިހަމަ މަންޒަރެއް އެތަނުން ފެންނަމުންދާ ކަހަލައެވެ. އޭނަގެ ކުރިމައްޗަށް ވާގޮތަށް ކަޅުކުކައިގެ ހެދުމެއްގައި އިން ޝައިނާގެ ހަރަކާތްތަކަށް އޭނާއަށް ބެލެމުންދިޔައީ އެތަނުގައި އިތުރު އެއްވެސް މީހެއް ނުވާ ފަދައިންނެވެ. ހިމޭން ޖައްވުގައި އުދުހޭ ވައިރޯޅި އައިސް ޝައިނާގެ އިސްތަށިގަނޑުގައި ބިހިލާ ވަގުތު މޫނުމައްޗަށް ފައިބާ އިސްތަށިތަކުން އުނދަގޫވާއިރުވެސް ޝައިނާގެ ކެއުން ހުއްޓާލާކަށް ގަސްދު ކުރާތަނެއް އޭނާއަކަށް ނުފެނެއެވެ. ރާހިލްއަށް އެކަންވީ ހިތްގައިމު އެހެނަސް މަޖާ ކަމަކަށެވެ. ލުއި ހީނލުމެެއްގެ އަޑު އޭނާގެ ފަރާތުން އިވިގެން ދިޔައެވެ. އެ ލުއި ހީނލުމުގެ އަޑަށް ޝައިނާގެ ފުރިހަމަ ސަމާލުކަން ލިބުނެވެ. ބުމަ އަރުވާލުމަށްފަހު ބޮލުގެ އިޝާރާތުން ކިހިނެއްވީހޭ ރާހިލްގާތު އަހައިލިއެވެ. ރާހިލް ކަމެއްނުވާކަމަށް އެންގުމުގެ ގޮތުން ދެފަރާތަށް ބޯހޫރައިލިއެވެ.

އިރުކޮޅެއް ވަންދެން އެގޮތުގައި އިނުމަށްފަހު ރާހިލް އޭނާ އިށީނދެއިން ގޮނޑިން ތެދުވެގެން އައިސް ޝައިނާ އިން ގޮނޑި ކައިރީގައި މަޑުކޮށްލިއެވެ. ދެންކުރި ކަމަކުން ޝައިނާ ދިރުވައިލަން އުޅުނު ކާއެތިކޮޅުވެސް އަރުގައި ތާށިނުވީ ހަމަ ކިރިޔާއެވެ. ރާހިލް ޝައިނާގެ ގޮނޑި ކައިރިއަށް އެއްކަކޫ މައްޗަށް ތިރިވެލަމުން ޝައިނާގެ އަތުގައި ހިފައިލީއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

މިހިތައް ލޯބިދޭށޭ – 11 ބައި

Next

އަބަދުވެސް ހަނދާންވޭ (ޓެރެއިލަރ)

Next
December 27, 2025

އަބަދުވެސް ހަނދާންވޭ (ޓެރެއިލަރ)

Previews
December 27, 2025

މިހިތައް ލޯބިދޭށޭ – 11 ބައި



All Right Reserved!