އިރުކޮޅެއް ވަންދެން އެގޮތުގައި އިނުމަށްފަހު ރާހިލް އޭނާ އިށީނދެ އިން ގޮނޑިން ތެދުވެގެން އައިސް ޝައިނާ އިން ގޮނޑި ކައިރީގައި މަޑުކޮށްލިއެވެ. ރާހިލް ދެންކުރި ކަމަކުން ޝައިނާ ދިރުވައިލަން އުޅުނު ކާއެތިކޮޅުވެސް އަރުގައި ތާށިނުވީ ހަމަކިރިޔާއެވެ. ރާހިލް ޝައިނާގެ ގޮނޑި ކައިރިއަށް އެއްކަކޫ މައްޗަށް ތިރިވެލަމުން ޝައިނާގެ އަތުގައި ހިފައިލިއެވެ. އެވަގުތު ގިނަ ބައެއްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ޝައިނާހުރީ އެފަދަ ސަމާސާއެއް ރާހިލް ކުރަމުންދާތީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ހިޔާލެއްވެސް އަހައިލުމެއްނެތި ރާހިލް އެފަދަ ގޮތަކަށް އާންމު ތަނެއްގައި ހުށަހެޅުމެއް ހުށަހަޅައިފާނެ ބާއެވެ.
“ރާހިލް. ސާބަސް އެންމެން އެ ބަލަނީއޭ. ކީއްތަ ތި ކުރަ-”
ޝައިނާގެ ވާހަކަ ނުނިމެންދެން ރާހިލް ޝައިނާގެ ވައަތުގެ ކުޑަހުޅުގައި އަޅުވައިފައިވާ ބޮޑު ވޫލްކޮޅު ނައްޓައިލަމުން ކޮޅަށް ތެދުވިއެވެ. އަދި ޝައިނާގެ ފަހަތުގައި ހުއްޓިލުމަށްފަހު ފަރުވާތެރިކަމާއެކު ޝައިނާގެ އިސްތަށިގަނޑު އެކީ އެކައްޗަކަށް ވާގޮތަށް އައްސައިލައިދިނެވެ. އެއަށްފަހު އޭނާގެ ދެއަތް ޝައިނާގެ ދެފަރާތުން ގެންގޮސް މޭޒުގައި ވިއްދައިލަމުން ޝައިނާގެ ކަންފަތް ކައިރިއަށް ގުދުވެލިއެވެ.
ޝައިނާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެ މޫނަށް ވެރިވި ހާސްކަން ނުފެންނާނެހެން އޭނާގެ ފަހަތުގައި ރާހިލް ހުރިކަމީ ނަސީބެކޭ ޝައިނާގެ ހިތަށް އެރިއެވެ.
“މިހާރު ހިތްހަމަ ޖެހިލައިގެން ކެވޭނެ. އިސްތަށިގަނޑުގެ އުނދަގުލެއް ނުފޯރާނެ” ރާހިލްގެ ބަސްތަކުގައި ވަނީ ސަމާސާ އަސަރު ކަމުގައިވިޔަސް ޝައިނާއަކަށް ރާހިލް ކުރާ އެފަދަ ސަމާސާތައް ކަމަކު ނުދެއެވެ. ނުވަތަ އޭނާއަށް ކަމުނުދަނީ އެ ސަމާސާގެ ސަބަބުން އޭނާގެ ހިތަށް ވާގޮތް ކަމުގައިވެސް ވެދާނެއެވެ. އޭނާއަކީ ރާހިލް އެ ހާސިލްކުރާ އަންހެން ކުދިން ކަހަލަ ކުއްޖެއް ނޫންކަމަށް ނިންމައި، ރާހިލްގެ އެ އެރީތި ކަމަކުން އޭނާގެ އިހުސާސްތަކަކާ ނުކުޅެވޭނެކަމަށް ޝައިނާ ގަބޫލު ކުރެއެވެ. ނަމަވެސް މިފަހަކަށް އައިސް ރާހިލްގެ ހަރަކާތްތަކުގެ ސަބަބުން އޭނާގެ ސިކުނޑި އޮޅުންބޮޅުން ވާން ފަށައިފިއެވެ. ރާހިލްގެ ރީތިކަމުގެ އަވައިގައި ނުޖެހުނު ކަމަށްވިޔަސް، ރާހިލްގެ ހިތްގައިމު އަދާތައް ހުދު އޭނާއަށްވެސް ކަމުގޮސްފިކަން އިހުސާސްވުމާއެކު ބިރުވެރިކަން މީހާ ވަށައިލިއެވެ. ނަމަވެސް ރާހިލްގޮސް ކުރިމަތީގައިހުރި ގޮނޑީގައި އިށީނުމުގެ ކުރިން އެނާ އެކަން ފޮރުވައިލިއެވެ. އަދި މޫނުމަތީގައިވި ހާސްކަން ސިއްރުކުރުމަށްޓަކައި އަލުން ކެއުމުގެ ތެރޭގައި މަސްއޫލުވެލިއެވެ.
“ރާހިލް އަޅެ އަހަރެން މިތަނަށް ގެނައީ ހަމަ އަހަރެންނަށް ކާންދޭ ހިތުންތަ؟ ގައިމު ތިހިރީ ތި ތަށީގަ އަތްވެސް ނުލާވިއްޔަ” ޝައިނާ އަޖައިބުވެފައި އަހައިލިއެވެ.
“ހޫމް. ޝައިނާ ކާތަން ފެނުނީމަ އަހަރެން ހާދަ ހިތްހަމަ ޖެހެޔޭ. ހަމަ ކޮމެޑީ ޝޯއެއް ބަލާލުން ކަހަލަ. ބޭނުމިއްޔާ މި ތަށިވެސް ދީފާނަން” ރާހިލް މަޖާވެލައިފައި ބުނެލިގޮތުން ޝައިނާ ލޯ އަޅައިލިއެވެ. ރާހިލްގެ އަނގައިން އެއް ޖުމްލަ ރަނގަޅަށް ނުކުމެއްޖެނަމަ އަނެއް ޖުމްލަ ވާނީ އަބަދުވެސް ކޮންމެސް މަލާމާތަކަށޭ ޝައިނާގެ ހިތަށް އެރިއެވެ.
“ގެޓް އައުޓް އޮފް މައި ސައިޓް” ޝައިނާ ފޫހިގޮތަކަށް ކަޅި އަނބުރައިލަމުން ބުންޏެވެ.
“ގެޓް އައުޓް އޮފް މައި މައިންޑް” ރާހިލްވެސް ޝައިނާ ބުނެލި ރާގުގައި ބުންޏެވެ.
“ވަޓް؟” ޝައިނާ ދެލޯ ބޮޑުކޮށްލައިފައި އަހައިލިއެވެ.
“ނަތިންގ” ރާހިލް ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
“ހޫމް ދެން ހެވޭ.. އަހަރެން މި ކައި ނިމުނީއޭ. އެހެންވީމާ ޝޯ ނިމުނީ. ރަނގަޅެއްނު؟” ޝައިނާ ކައިރީގައި ހުރި ކޯކުތަށި އެއް ނޭވާއިން ދަމައިލަމުން ބުންޏެވެ. އޭރުވެސް ރާހިލް މޮޔައެއްހެން ހެވިފައި އިނދެ ޝައިނާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
“އަހަރެން އުޅުނީ އަސްލު ވާހަކައެއް ދައްކަންވެގެން. އެކަމަކު ދެން ތިރިއަށް ފައިބާފަ ދޯ. މިތާކު ނޫން” ރާހިލް ބިލް ގެނައުމަށް ވެއިޓަރ އަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
*************
ރެސްޓޯރަންޓުން ފޭބުމަށްފަހު ދެ ޒުވާނުން ކާނިވަލް ސަރަހައްދުގެ ތިރީގައިވާ ހުސްކޮށް އޮތް ޖާގައިގައި ހިނގަމުން ދިޔައެވެ. ވަކި ހިސާބަކުން އެތަނުގައި އުޅުނު ބުޅާތައް ފެނި ޝައިނާ އެދިމާލަށް ދުއްވައިގަތެވެ. އަދި ކޮންމެ ބުޅަލަކާ ދިމާލަށް ހުއްޓި ދަބަހުން ނެގި ޕެކެޓެއްގައިހުރި އެއްޗެއް އެބުޅަލެއްގެ ކުރިމައްޗަށް އަޅަމުން ދިޔައެވެ. ރާހިލްވެސް ޝައިނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޝައިނާގެ ގާތުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
“ތިއީ ހަމަ އަބަދުވެސް ދަބަހުގަ ގެންގުޅޭ އެއްޗެއްތަ؟” ރާހިލް ޝައިނާގެ އަތުގައި އޮތް ބުޅަލަށް ކާންދޭ ޕެކެޓަށް އިޝާރާތްކޮށް ބުންޏެވެ.
“ނޫން. އަބަދު މި ގެންގުޅޭނީ ކިހިނެއް. މިރޭ މިދިމާލަށް އަންނަކަން އެނގުނީމަ ބުޅާތައް ކައިރިއަށް އާދެވިދާނޭ ހީކޮށް ގެނައީ. ސޯ ލޯބި ދޯ؟” ޝައިނާ އެތަނުން ބުޅަލެއް އުރައިލުމަށްފަހު ރާހިލްއާ ދިމާލަށް ދިއްކޮށްލިއެވެ.
“ޗީ. އައި ހޭޓް ކެޓްސް. ޑިސްގަސްޓިންގް ކެހެރި” ރާހިލް ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާ ތުން އަނބުރައިލުމަށްފަހު ރާހިލްއަށް ލޯ އަޅައިލަމުން ބުޅަލުގެ ގައިގައި ފިރުމަށްފެށިއެވެ.
“އެމީހާ ދައްކާ ވާހަކަ އަޑު ނަހައްޗޭ އިނގެ ކެޓް. ޔޫ އަރ ނޮޓް ޑިސްގަސްޓިންގް ހީ އިޒް ޑިސްގަސްޓިންގް” ޝައިނާ އެ ބުޅަލާ ވާހަކަދައްކަން ފެށިއެވެ. ގަބޫލުނުކުރެވިފައިހުރެ ރާހިލް ހެމުން ހެމުން ދެފަރާތައް ބޯ ހޫރައިލިއެވެ.
“ތިހާ ލޯބިވަންޏާ ކީއްވެތަ ބުޅަލެއް ނުގެންގުޅެނީ؟” ރާހިލް ސުވާލުކުރިއެވެ.
“ވަގުތު ނުވެދާނެތީ. އަހަރެން ބޭނުމެއްނުވޭ އެޓޭޗް ކޮށްލާފަ ދޫކޮށްލާކަށް. އެހެންނޫނަސް ދާ ކޮންމެތާކުވެސް ބުޅާ ހުރެއެއްނު. ހަނދާންވޭތަ އެކޮޅުގަ ވިހައިގެން އުޅުނު ބުޅާ؟ ވަރަށް ލޯބި އޭގެ ކުދި ބުޅާތައް މިހާރު. ކުރީ ދުވަހު ތޫބާ ފޮޓޯ ފޮނުވީ. ބަލާބަ” ޝައިނާ އަތުގައި އޮތް ބުޅާ ތިރީގައި ބަހައްޓައިލުމަށްފަހު ރާހިލް ކައިރިއަށް ހުއްޓިލަމުން ފޯނު ހުޅުވައިލިއެވެ.
ޝައިނާ ފޯނުން އެކި ފޮޓޯތައް ދައްކަމުން އެ ބުޅާތަކާބެހޭ ވާހަކަތައް ކިޔައިދިން ނަމަވެސް ރާހިލްގެ ސިކުނޑިއަށް އެއިން އެއްވެސް ވާހަކައެއް ފަހުމު ނުވާ ކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޝައިނާ ހިނިތުންވެފައިވާ މޫނަށެވެ. ޒީވާއާއެކު އުޅޭ ވަގުތުތައް ފިޔަވައި އެހެން ވަގުތެއްގައި ޝައިނާގެ މޫނު އެހާ އުޖާލާވެފައި ހުންނަތަނެއް އޭނާއަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ. އެހެންވެ އޭނާ ދައްކަން އުޅުނު ވާހަކަ ދައްކައިން މިވަގުތު އެ މޫނުގައިވި އުޖާލާކަން ގެއްލިދާނެ ކަމާމެދު ރާހިލް ހާސްވާން ފެށިއެވެ. އެދެމުގައި އުފެދިފައިވާ ރަހްމަތްތެރިކަން ގެއްލިދާނެކަމުގެ ބިރު ހީވަމުން ދިޔައެވެ. ރެސްޓޯރެންޓްގައި ތިބި އިރުވެސް އޭނާއަށް އެވާހަކަ ދައްކާނެ ހިތްވަރު ނުލިބުނު ސަބަބަކީ އެއީއެވެ.
“ރާހިލް… ރާހިލް. އަޅެ ދެން ބަލާބަ” ޝައިނާ ރާހިލްގެ މޫނުގައި ހިފައި ފޯނާ ދިމާލަށް އަނބުރައިލިއެވެ. އެ ބީހުމާއެކު ރާހިލްގެ ސިކުނޑި އަމިއްލަ ހިޔާލުތަކުން ހޭލައްވައިލި ކަހަލައެވެ.
“އާނ ޔެސް ކީކޭ؟” ރާހިލް ޝައިނާގެ ފޯނަށް ބަލައިލަމުން ބުންޏެވެ. ޝައިނާ ދެއްކި އެއްވެސް ވާހަކައެއް ރާހިލް އަޑުނާހާކަން އެނގުމާއެކު ޝައިނާ މީ ފޫހިން ފޯނުގެ ޑިސްޕްލޭ ނިއްވައިލަމުން ދަބަހަށް ލިއެވެ.
“އަހަރެންނަށް އެނގޭ މިރޭ ރާހިލްއަށް ކޮންމެސް ކަމެއް ވެގެން އެބަ އުޅޭކަން. ނޭނގެނީ އެއީ ކޮންކަމެއްކަން. ރެސްޓޯރަންޓްގަ ތިބިއިރު ބުނީ ތިރިއަށް ފައިބާފަ ވާހަކަ ދައްކާނަމޭ. މިހާރު މިހިރީ ތިރީގަ. ދެން ވީގޮތެއް ބުނަންވީނު” ޝައިނާ ހިތްހަމަ ނުޖެހިފައިހުރެ މޫދުގެ ތޮށިގަނޑާވި ދިމާލުގައި ރާނައިފައިވާ އުސް ފާރުގެ މައްޗަށް އަރައި އިށީނދެލަމުން ބުންޏެވެ. ރާހިލް މަޑު ހިނގުމެއްގައި ގޮސް ޝައިނާ ގާތު ހުއްޓިލިއެވެ.
“ޝައިނާއަށް މިކަން ގަބޫލު ނުކުރެވިދާނެ”
“ކޮންކަމެއްތަ؟؟ އަޅެ ބުނީމަ ދޯ އެނގޭނީ”
“ފަހަރެއްގާ ޝައިނާ އަހަރެންދެކެ ހިތްހަމަ ނުޖެހިދާނެ” ރާހިލް ޖެހިލުންވިއެވެ.
“ތިއީ އެއްވެސް އިރެއްގަ އަހަރެން މާ ހިތްހަމަ ޖެހޭ ގޮތަކަށް އުޅޭ މީހެއްތަ؟”
“އެކަމަކު މިއީ މުޅިން ތަފާތު ކަމެކޭ”
“ބުނީމައެއްނު އެނގޭނީ”
“އަހަރެން ވަރަށް ގަޔާވާ ކުއްޖަކު އެބަހުރި” ރާހިލް ދެ ހިޔާލެއްގައިހުރެ ބުންޏެވެ. ޝައިނާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަތުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.
“ދެން؟” ޝައިނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ހާސްކަމެއް ނުވަތަ ހައިރާންކަމެއްގެވެސް ނިޝާނެއް ނެތެވެ.
“އަހަރެން ބުނި އެއްޗެއް އަޑު ނީވޭތަ؟ އަހަރެން ވަރަށް ގަޔާވާ ކުއްޖަކު އެބަ ހުއްޓޭ..” ރާހިލް ތަކުރާރު ކޮށްލިއެވެ.
“އެންޑް؟” ޝައިނާ ކުރިންވެސް އެހި ރާގުގައި އަހައިލިއެވެ.
“ޝައިނާއަށް އަހަރެން މި ކިޔާ އެއްޗެއް ނޭނގެނީތަ؟” ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ. ޝައިނާގެ މޫނުމަތީގައިވާ އޮމާން އަސަރުތަކުން ރާހިލްގެ ހިތް ނުތަނަވަސްވާން ފެށިއެވެ.
“އަހަރެންނަށް ތި ކިޔާ އެއްޗެއް އިވެޔޭ. ޔޫ ލައިކް އަ ގާރލް. އެއީ އާ ކަމެއް ނޫނެއްނު. ތިއީ މަހަކު ދެތިން ކުދިންދެކެ ލައިކްވާ މީހެއްނު. ތި ބުނާ ގަބޫލު ނުކުރެވޭ ޝޮކިންގް ވާހަކައިގެ އިންތިޒާރުގަ އަހަރެން މިހިރީ. އަނެއްކާ އެކުއްޖާ ރާހިލް ރިޖެކްޓް ކުރީތަ؟” ޝައިނާ ހަމަޖެހިފައި ބުންޏެވެ.
“މިދާވަރުން ދަންޏާ ކުރާނެހެން ހީވަނީ” ރާހިލް ކިރިޔަ ކިރިޔާ އަމިއްލަ މީހާއަށް އިވޭވަރަށް ބުންޏެވެ.
“ކީކޭ؟” ޝައިނާއަށް ރާހިލް ކީ އެއްޗެއް ރަނގަޅަށް ފަހުމް ނުވުމުން އެހިއެވެ.
“މިބުނީ އަހަރެން އަދި އެކުއްޖާ ކައިރި ނުބުނަމޭ. އަހަރެން އެކުއްޖާ ކައިރި ބުނާނީ ކިހިނެއްތަ؟” ރާހިލް އަހައިލިއެވެ.
“އަހަރެން ކައިރިތަ ތި އަހަނީ؟ އަހަރެންނަށްވުރެ އިޝީވެސް ތިކަމަށް ހިޔާލު ދޭން މާ މޮޅުވާނެ. އެހެންނޫނަސް ރާހިލްއަށް އެނގޭވަރަށް ތިކަހަލަ ކަންކަން އެނގޭނެ އިތުރު މީހަކު ހުންނާނެހެނެއް އަހަރެންނަކަށް ހިއެއް ނުވޭ. އަހަރެން މިއީ އަދި ކާކު؟ ރާހިލް ހަމަ އެހެންކުދިން ކާމިޔާބު ކުރާ ގޮތަކަށް ތި ކުއްޖާވެސް ވާނެއެއްނު” ޝައިނާ ކޮނޑު އަރުވައިލަމުން ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. ރާހިލް ފުންނޭވާއެއް ދުކޮށްލުމަށްފަހު ޖީބަށް އަތް ޖަހައިިލައިގެން ހުރެ ޝައިނާ އިށީނދެ އިން ފާރުގައި ލެގިލިއެވެ.
“ޝައިނާއަކަށް އަދި ނޭނގޭނެ. ތިބުނާ ހުރިހާ އަންހެންކުދިންނާ އޭނައާ ހާދަ ތަފާތޭ.. އެއީ ވަރަށް ގޮތުގަ ހުންނަ ކުއްޖެއް. ވަރަށް ބޯހަރުވާނެ. އެހާ ފަސޭހައިން އޭނަ ކާމިޔާބު ކުރެވޭނެހެން އަހަރެންނަކަށް ހިއެއްނުވޭ. އަހަރެން ކަމެއް ކުރާގޮތުން އޭނާ ރުޅިވެސް އަައިސްފާނެ. ޑޯންޓް ގެޓް މީ ރޯންގް. އޭނާ ރުޅިއައިމަ އަހަރެން ވަކި ބިރެއްނުގަނޭ އެނގޭ.. ރުޅި އައިސްފަ ހުންނަ އިރު ވަކިން ލޯބި. އެކަމަކު އެކުއްޖާ ގެއްލޭކަށް ބޭނުމެއްނޫން. ބޭނުންވަނީ އެ ރީތިކަން އަހަރެންގެ މިލްކަކަށް ހަދަން. ދޯސް ޝާޕް ބިއުޓިފުލް އައިޒް. ދޯސް ސްވީޓް ލިޕްސް”
އެހިސާބަށް ވާހަކަ ދިޔުމާއެކު ރާހިލް ހިންދިރުވައިލިއެވެ. ފަޅިސުކުންތަކަށް އޭނާގެ ނަޒަރު ޝައިނާގެ ތުންފަތަށް ހުއްޓުނު ނަމަވެސް އޭނާގެ ވާހަކަ ހުއްޓާލާކަށް ގަސްދެއް ނުކުރިއެވެ.
“ޕަރީއެއްހާ ރީތި. ޕަރީއެއްހާ ހިތްހެޔޮ. މިބިންމަތީގައި ޕަރީން އުޅޭނަމަ އެއީ ޕަރީއެއްބާއޭ އަހަރެން ހިތަށް އަރާ. އަހަރެންގެ ލޮލަށް އޮޅުވާލަން އިންސިއެއްގެ ސިފަ ޖެހިގެން އުޅެނީބާ؟ އެ ރީތިކަން އަހަރެންގެ ދުލުން ބަޔާން ކޮށްދޭނީވެސް ކިހިނެތް؟ ދަ ޕްރިޓިއަސްޓް ސްމައިލް އައިވް އެވަރ ސީން. ދަ ޕްރިޓިއަސްޓް އައިޒް އައިވް އެވަރ މެޓް.” ރާހިލްގެ ވާހަކަ ނިމުމާއެކު ޝައިނާ އާގަމަވެފައި އިނދެ އަތް ޖަހަން ފެށިއެވެ.
“ވާ. ވާ. ވާ. ބުނަންތަ؟ ތިހާ ފަށުވި މޮޅު އިބާރާތްތަކުން އަންހެން ކުއްޖަކަށް ތައުރީފުކުރި ފިރިހެނެއް އަހަރެންގެ ހަޔާތުގަވެސް ނުދެކެން. ވެލް މިސްޓަރ ޕްލޭ ބޯއީ. އަރ ޔޫ އިން ލަވް” ޝައިނާ ދެއަތްތިލަ ޖޯޑުކޮށްލައި ރާހިލްގެ ކޮނޑުގައި އަޅުވައިލިއެވެ. ރާހިލް ޝައިނާއާ ކުރިމަތިލުމަށްޓަކައި ކަނާތް ފަރާތަށް މޫނު އަނބުރައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިއުމާއެކު ރާހިލްއަށް ޝައިނާގެ ދެލޮލުން ނަޒަރު ވަކިކޮށްލުން ވީ އުނދަގޫ ކަމަކަށެވެ.
“އޭމް އައި؟” ރާހިލް ސީދާ ޝައިނާގެ ދެ ލޮލާއި ސުވާލު ކުރިފަދައެވެ. އޭނާ ބޭނުންވާ ޖަވާބުތައް އެ ދެލޮލުން ހޯދަން އުޅޭކަހަލައެވެ.
ޝައިނާގެ ތުންފަތުގައިވި ލާނެތް ހިނިތުންވުންވެސް ފިލައިގެން ހިނގައްޖެއެވެ. ރާހިލްގެ ސުވާލަށް ދޭނެ ޖަވާބެއް ވިސްނޭ ވަރަށްވުރެ ބޮޑަށް އެ ހިމޭން ހިނދުކޮޅުގެ ތެރޭގައި އޭނާވެސް ޢަރަގުވަމުންދާ ކަހަލައެވެ. އެކެއް އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތްވެވުނު ވަގުތު ރާހިލްއަށް ޝައިނާގެ ތުންފަތަށް ނަޒަރު ހުއްޓައިލެވުނެވެ. އޭނާގެ އަމަލުތަކުގެ ލަގަން ދޫވާން އުޅޭކަން އިހުސާސްވިއެވެ. ނަމަވެސް އެ އިހްސާސްތަކުގެ މައްޗަށް އޭނާ ގަދަވެގަތެވެ. ހިންދިރުވައިލުމަށްފަހު ޝައިނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ހަށިގަނޑުގެ ހުރިހާ ހިތްވަރަކާއެކު ލަސްލަހުން ޝައިނާގެ އަތްތިލައިގެ ދަށުގައިވި ކޮނޑު ދުރަށް ޖައްސައިލައި ކުރިއަށް ފިޔަވަޅެއްް އަޅައިލިއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޝައިނާ ރާހިލްގެ ހާސްކަން ދެނެގަތެވެ. އަދި އޭނާއަށް ފުރަގަސްދީގެންހުރި ރާހިލްގެ ނަމުން ގޮވައިލިއެވެ.
“ރާހިލް؟”
“ހްމްްމް؟” ރާހިލް ޝައިނާއާ ކުރިމަތިލުމެއްނެތި ޖަވާބުދިނެވެ.
“އަހަރެންނަކަށް ނޭނގޭ ރާހިލްގެ ހިތުގަ ތި ކުއްޖަކާ ދޭތެރޭ ވާ އިހުސާސްތަކަކީ ކިހާ ބުރަދަނެއް ހުރި އިހުސާސްތަކެއް ކަމެއް. އެކަމަކު އަހަރެން ބުނެލަން ބޭނުން.. ތިބުނާ ބޯހަރު ކުއްޖަކު އެކަކަށްވެސް ކާމިޔާބު ކުރެވެންޏާ އެކަން ކުރެވޭނެ މީހަކީ ރާހިލް. ރާހިލްއާއެކު ހޭދަ މި ކުރެވުނު މަދު ދުވަސްތަކުގަ އަހަރެންނަށް ޔަގީންކުރެވިއްޖެ ރާހިލްގެ ބަސްތަކާއި އާދަތަކަށް ނުގުޑާނެ ކުއްޖެއް މަދުވާނެކަން. ސޯ ޖަސްޓް ބީ ޔޯސެލްފް. އަހަރެންނަށް ޔަގީން ހަަމަ ކުޑަކުޑަ ޖެސްޗަރ އަކުންވެސް ރާހިލްއަށް އެކުއްޖަކު ކާމިޔާބު ކުރެވިދާނެކަން..” ޝައިނާ އޭނާއަށް ވީ ވަރަކުން ރާހިލްއަށް އެހީތެރިވެދޭން މަސައްކަތް ކުރިއެވެ. އެއީ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން އޭނާ ކުރަން ޖެހޭނެ ކަމެއް ކަމުގައި ދެކުނެވެ.
“ޖެސްޗަރ؟” ޝަައިނާ އެބުނި އެއްޗެއް އޮޅުން ފިލުވަން ރާހިލް މަސައްކަތް ކުރިއެވެ.
“ހޫމް. އެނގެއެއްނު. ހާއްސަކަމެއް.. އެކުއްޖާ ގަޔާވާކަހަލަ.. އެކުއްޖާއަށްޓަކައި ނޫނީ ރާހިލް ނުކުރާނެ ކަހަލަ.. އެހާ ބޮޑަށް ނުވިސްނަބަލަ. ޖަސްޓް ސަމްތިންގް ކިއުޓް އެންޑް ސިމްޕަލް.” ޝައިނާ އިށީނދެ އިން ފާރުކޮޅުމަތިން ފުންމާލައިގެން އައިސް ރާހިލް ގާތު ހުއްޓުނެވެ.
ހިޔާލަކަށް ގެއްލިފައިހުރި ފަދައިން ރާހިލް ކުރިމަތީގައި އުޅުނު ބުޅާތަކަށް ނަޒަރު ހިންގައިލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ކުރިއަށް ހިނގަމުންގޮސް އެތާ އޮތް ކުޑަ ކުޑަ އަޅިކުލައިގެ ބުޅަލެއްގާތު އިށީނެވެ. އެއީ ކުރިން ޝައިނާ އޭނާގެ އަތަށް ލައިދޭން އުޅުނު ބުޅަލެވެ. ރާހިލް އެ ބުޅަލުގައި އަތްލާން މަސައްކަތް ކުރިއެވެ. ދެފަހަރަކު ޖެހިލުންވި ނަމަވެސް އޭނާ ހިތްވަރު ކުރުމަށްފަހު އެ ބުޅާ އުރައިލިއެވެ. އަދި މަޑުމަޑުން ހިނގައިފައި ޝައިނާއާ ދިމާލަށް ދާން ފެށިއެވެ. ރާހިލް ކުރަން އުޅޭ ކަމެއް ނޭނގި ހައިރާންވެފަައި ރާހިލްގެ ހަރަކާތްތަކަށް ބަަލަން ޝައިނާއަށް ހުރެވުނެވެ.
“ރާހިލް ކީއް ތިކުރަނީ ؟ ޔޫ ހޭޓް ކެޓްސް”
“އެނގޭ މީ ވަރަށް ކުޑަ ކަމެއްކަން.. އެކަމަކު.. ޑަޒް ދިސް ކައުންޓް؟” ރާހިލްގެ ހާސްވެފައިހުރެ އަހައިލިއެވެ. މީގެ ކުރިން އަންހެން ކުއްޖަކު ހާސިލްކުރަން މަސައްކަތް ކުރިއިރު ނުވާ ކިތަންމެ ގޮތެއް އޭނާއަށް ވަމުން ދިޔައެވެ. ކިތަންމެ ހިޔާލެއް އޭނާގެ ސިކުނޑިގައި އެނބުރެމުން ދިޔައެވެ. ޝައިނާ ދޭނެ ޖަވާބަކާމެދު ކަންބޮޑުވެ އޭނާގެ އަތް ފައިން ދާހިއްލަން ފަށައިފިއެވެ.
“ތިބުނީ؟” ޝައިނާ ސުވާލުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.
“ޝައިނާ ގަޔާވާ ކަމެއް.. ހަމައެކަނި ޝައިނާއަށްޓަކައި އަހަރެން ކުރާނެ ކަމެއް.. ސަމްތިންގް އައި ރިއަލީ ޑިސްލައިކް. ޑަޒް ދިސް ކައުންޓް އޭޒް އަ ޖެސްޗަރ؟” ރާހިލްގެ ދެލޮލުން ފެންނަމުންދިޔަ ނުތަނަވަސްކަން ފެނި ޝައިނާއަށް ރާހިލް އެކުރަނީ ސަމާސާއެއް ނޫންކަން ކަށަވަރުވިއެވެ.
“ތީގެ މާނައަކީ؟” ޝައިނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ފެށިއެވެ. އެ ސުވާލުއިވި ރާހިލް ފުންނޭވާއެއް ދޫކޮށްލިތަން ޝައިނާއަށް ފެނުނެވެ. ކަކޫ މައްޗަށް ތިރިވެލުމަށްފަހު އޭނާ ގެނައި ބުޅާ ބިން މައްޗަށް ދޫކޮށްލިއެވެ. އަދި ތެދުވެ ޝައިނާގެ ކޮނޑުގައި ހިފަހައްޓައިލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ.
“ޔެސް ޝައިނާ. މާނައަކީ އަހަރެން މިތާ ހުރެ މިހުރިހާއިރު މި ދެއްކީ ޝައިނާގެ ވާހަކައޭ… ޝައިނާ.. އަހަރެންނަށް ޝައިނާ ވަރަށް ކަމުދޭ… އަހަރެން މިރޭ މިވާހަކަ މިނޫން ގޮތަކަށް ބުނަން ވަރަށް މަސައްކަތް ކޮށްފިން. އަހަރެންގެ މި އިހުސާސްތައް ދޮގުކުރަންވެސް ވަރަށް މަސައްކަތް ކޮށްފިން އެކަމަކު.. އަހަރެންނަކަށް މި އިހްސާސްތަކަކަށް ނުފިލުނު. ޝައިނާގެ ހިޔާލުތަކާ ދުރަކަށް ނުދެވުނު”
ރާހިލްގެ ވާހަކަ އިވުމާއެކު ޝައިނާއަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވައިލެވުނު ހެނެވެ. އޭނާގެ ހިތްވެސް ބާރަށް ތެޅެން ފަށައިފިއެވެ. ރާހިލްއާމެދު އެފަދަ ގޮތަކަށް އޭނާއަށް ދެކެވޭކަށް ނެތެވެ. އޭނާގެ ހިތް ތެޅެމުންދަނީ އޭނާ ދޭންޖެހޭ ޖަވާބުގެ ގޮތުން އެދެމެދުގައި އަރަފޯދެމުން އަންނަ ރަހްމަތްތެރިކަމަށް އަސަރު ކޮށްފާނެތީއެވެ. ބޮޑުދައިތަމެން ވަކިވެ ދިޔަ ހާދިސާއިން އަރައިގަތުމަށްވެސް އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދޭން ގާތުގައިހުރި ރަހްމަތްތެރިޔަކީ ރާހިލްްއެވެ. އެ ރަހްމަތްތެރިކަމަކީ އޭނާ ބާއްވަން ބޭނުންވާ ރަހްމަތްތެރި ކަމެކެވެ. ނަމަވެސް ރާހިލް އެ ދެއްކި ވާހަކައިގެ އިތުރުން، ރާހިލްގެ ލޮލުން ފެންނަމުންދާ އަސަރުތަކަށް ބަލަން ހުންނާކަށް ޝައިނާއަކަށް ކުޅަދާނައެއް ނުވިއެވެ. އިސްޖަހައިލަމުން ރާހިލްގެ އަތުގައި އޮތް އޭނާގެ އަތްތިލަ ނައްޓުވައިލިއެވެ. އެ ހަރަކާތާއެކު ރާހިލްގެ ހިތް މޯޅިވި ނަމަވެސް އެހާ ދުރަށް އެވާހަކަ ގެންދިޔުމަށްފަހު އިތުރަށް ފަސްޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ޝައިނާ ކޮންމެހެން މިވަގުތު ޖަވާބެއް ނުދިނަސް އަހަރެންގެ މައްސަލައެއް ނެތް. އަހަރެންނަށް އެނގޭ ޝައިނާ ވިސްނަން ވަގުތު ބޭނުންވާނެކަން” ރާހިލް ޝައިނާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަން މަސައްކަތް ކުރިއެވެ. މިފަހަރުވެސް ޝައިނާ މޫނު އަނބުރައިލަމުން ރާހިލްގެ އަތް ދުރުކޮށްލިއެވެ. ޝައިނާގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދުކުރެވުނު ނަމަވެސް އެކަމުން ރާހިލްގެ ހިތުގައި ރިއްސައިލިއެވެ.
“ނޫން ރާހިލް.. ނޫން ނޫން. އަހަރެން ދުވަހެއް ބޭނުމެއް ނޫން. ކިތަންމެ ދުވަހެެއް ދިނަސް އަހަރެންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ. ޕްލީޒް ރާހިލްވެސް ތި ހިޔާލު ދޫކޮށްލާ. ތީ ރާހިލްއަށް ހީވާ ގޮތެއް. ތި ހީވުންތަކުގެ ތެރެއަށް މި އެކުވެރިކަން ބެހިގެންދާނެ ފުރުސަތު ނުދީ” ޝައިނާ ރާހިލްއާ ދުރަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.
“ޝައިނާ ހެޔޮނުވާނެ.. ހަގީގަތަކީ ޝައިނާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންނަށް ޝައިނާ ކަމުދިޔަކަން. އެކަމަކު އެއީ ބޭރުފުށުން ފެނުނު ރީތިކަމަށް ކީ ހިތްކިޔުމެއް ކަމަށްވާތީ އަހަރެން އެކަމަކާ ނޫޅެމެއްނު. އަހަރެން މިވާހަކަ މިދެއްކީ ޝައިނާގެ ގޮތް އެނގިހުރެ. ތި ރީތިކަމުގެ އިތުރުން ޝައިނާގެ ކޮންމެ އާދައެއް އަހަރެންނަށް ކަމުދާން ފަށައިފިކަން އެނގުނީމަ. ޝައިނާއަށް ބުނަން ކެރޭނެތަ އަހަރުމެންގެ ދެމެދުގަ ހިނގި ކަންކަމަކީ ހަމައެކަނި އެކުވެރިކަމެކޭ؟ އަހަރެންނަށް އެކަނިތަ އަހަރެމެން ދެމީހުންގެ ދެމެދުގަ ހިނގި ކަންކަމުން އަސަރެއް ކުރީ؟” ރާހިލް އަނެއްކާވެސް ޝައިނާގެ އަތުގައި ހިިފައި އޭނާއާ ދިމާލަށް އަނބުރައިލިއެވެ.
“ރާހިލް. އަހަރެންނަށްވެސް އެނގެޔޭ ރާހިލް ބުނަން ތި އުޅެނީ ކީކޭކަން. އެ ދަތުރުގަ ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން އަހަރުމެންގެ ތެރޭގައި އުފެދުނު ޓެންޝަން އަހަންނަށްވެސް އިހުސާސްވިޔޭ ރާހިލް. އެކަމަކު. ދިސް އިޒް އޯލް ޖަސްޓް އެން އެޓްރެކްޝަން. އިޓް ވިލް ފޭޑް އަވޭ. ރާހިލްގެ ދިރިއުޅުމަށް އަންނަ އެހެން ކުދިންނެކޭވެސް އެއްފަދައިން އަހަރެން މަތިންވެސް ހަނދާންނެތޭނެ. އެހެންނޫނަސް އަހަރެންނަށް އެނގެޔޭ ރާހިލްގެ ރިލޭޝަންޝިޕްސް ވޯކް ކުރާ ގޮތް. އަހަންނަކަށް ރާހިލް މި ގުޅުންތަކާ ދޭތެރޭ ދެކޭގޮތެއް ކަމަކު ނުދޭ. އަހަންނަކަށް ރާހިލް ބޭނުންވާކަހަލަ ބައިވެރިޔަކަށް ނުވެވޭނޭ” ޝައިނާ ބުންޏެވެ.
“އަހަރެން ބޭނުންވަނީ ޝައިނާއާ އެކު އަސްލު ގުޅުމެއް.. އަހަރެން ނުބުނަންތަ ޝައިނާ އެހެން އެންމެނާ ތަފާތޭ؟ އަހަންނަކަށް އެއީ ކިހިނެއްކަމެއް ކިޔާދޭކަށް ނޭނގޭ. ނޭނގެ ކޮން އިރަކުކަމެއް އެހާ ހާއްސަ ގޮތަކަށް އަހަރެންނަށް ޝައިނާއާ ދޭތެރޭ ވިސްނެންފެށީ. އެރަށުގަ ޝައިނާއާ ވާހަކަ ދެއްކުން ހުއްޓާލީވެސް އަހަރެންގެ ހިތާއި ސިކުނޑި އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ދާން ފެށީމަ. އެކަމަކު ޝައިނާ އަހަރެންދެކެ ރުޅިއަންނަންފެށި ހިސާބުން އަހަންނަށް އިތުރަށް އުނދަގޫވާން ފެށި. ރާފިއުއާ އެއްކޮށް ފެނުނީމަވެސް އެވާ އުނދަގުލެއް… ޝަައިނާ ޕްލީޒް. ޝައިނާ ހީކުރީ އަހަރެންވެސް މިކަމާ ދޭތެރޭ ރަނގަޅަށް ނުވިސްނާ މިވަރު ބޮޑު ރިސްކެއް ނަގާނެ ކަމަށްތަ؟ ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހު އަހަރެންގެ ލައިފަށް އިތުރު އެއްވެސް ކުއްޖަކު ގެންނަން ހިތަކަށްވެސް ނާރާ. އަހަރެންގެ ދުވަސްތައް ފުރާލެވިފައިވީ ޝައިނާގެ ހިޔާލުތަކުން. އަހަރެން ޝައިނާ ބޭނުން. އަހަރެންނަށް ފުރުސަތެއް ދީ. އަހަރެން މިއީ މިސްޓޭކެއް ނޫންކަން ޝައިނާއަށް ސާބިތު ކޮށްދޭނަން.. އަހަރެންނާ ދޭތެރޭ ފީލިންގްސް ނެތަސް އަހަރެން އެ ފީލިންގްސް ކްރިއޭޓް ކޮށްދޭނަން. އަހަންނާމެދު އެ އިހުސާސްތައް އުފަން ކުރުވަން މަސައްކަތް ކުރާނަން” ރާހިލް އާދޭހުގެ ރާގެއްގައި ބުންޏެވެ.
“ރާހިލް ހެޔޮނުވާނެ ތި ވަހުމުތައް ސިކުނޑިން ފޮހެލަބަލަ. ތިއީ ކުށްހީއެކޭ. ރާހިލް އަހަރެންދެކެ ތިބުނާ ގޮތަކަށް ލައިކެއް ނުވެޔޭ ތީ ރާހިލްއަށް ހީވާގޮތެކޭ. ތިއީ މިފަހުން ދިމާވި ކަންތަކުގެ ސަބަބުން ރާހިލް އަހަރެންނާ ދޭތެރޭ ވާ ހަމްދަރުދީއެެއް. އާނ. ތިއީ ހަމްދަރްދީ. ތިއީ ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ރާހިލްއަށް އިހުސާސް ކުރެވޭ ކަމެކޭ ގަބޫލު ކޮށްބަލަ. އަހަރެންގެ ކަންތައްތަކުގަ އުޅެން ހަދައިގެން ރާހިލްއަށް މި ދިޔަ ދުވަސްތަކުގައި އިތުރު ކަމަކާ ވިސްނާލާނެ ފުރުސަތު ނުލިބުނީ. އިތުރު ރިލޭޝަންޝިޕައަކަށްވެސް ދާނެ ވަގުތެއް ނުލިބުނީ. އެކަމަށްޓަކައި އަހަރެން މާފަށް އެދެން” ޝައިނާ ރާހިލްގެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
“މައްސަލައެއްނެތް. ޝައިނާ ގަބޫލު ނުކުރާނަމަ މިއީ ނުދައްކާ ވާހަކައެއް. އެކަމަކު ބުނަން؟ އަހަރެންގެ އިހުސާސްތައް އަހަރެންނަށް ކިޔާދޭކަށް ޝައިނާއަކަށް ނޭނގޭނެ. އަހަރެން ޝައިނާދެކެ ގަޔާވާކަން ބުނީމަ އެއީ ހަމްދަރުދީކަން އަހަރެންނަށް ސާބިތުކޮށްދޭކަން ޝައިނާއަކަށް ނުޖެހޭނެ. އަހަރެން ބޭނުމެއް ނޫން ނުކުރެވުނު ކަމަކާމެދު ހަޔާތުގަ ފަހުން ރިގްރެޓް ކުރާކަށް. އެހެންވެ އަހަރެން ޝައިނާގާތު މި ވާހަކަދެއްކީ އަހަރެންގެ ހިތާއި ސިކުނޑިއަށް ތަސައްލީއެއް ހޯދުމަށް. ޝައިނާގެ ޖަވާބު ވަރަށް ސާފު. ޝައިނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި އެކުވެރިކަން. އެކަމަކު އަހަރެން ޝައިނާގެ ފަރާތުން އެއަށްވުރެން ގާތް ގުޅުމެއް އުއްމީދު ނުކުރާނެކަމަށް ބުނެފިނަމަ އެއީ އަހަރެންނަށް ހެދޭނެ ދޮގެއް. ޝައިނާއަށް އެވަރު ބޮޑު އޮޅުވާލުމެއް އޮޅުވާލާ ވަރަށްވުރެ އަހަރެންނަށް ޝައިނާ ހާއްސަ. އެހެންވީމާ.. ތަގުދީރު އަހަރެމެން ދެމީހުންގެ ރާސްތާ ވަކިކުރުވާ ހިސާބަކީ މިއީތާ؟” ރާހިލް ހިންދިރުވައިލަމުން ބުންޏެވެ. އަރު ބެދޭހެން ހީވެ ދިލަ ރިހުމެއް އޭނާގެ މޭގައި އުފެދުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީގެ ހިތިރަހަ ތަޖުރިބާ ކުރެވިއްޖެއެވެ.
ޝައިނާގެ ފަރާތުން ޖަވާބެއް ނުލިބި ގިނަ އިރުވާންފެށުމުން ރާހިލް ބޯ ޖަހައިލުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި އެތަން ދޫކޮށް ދާން ހިނގައިގަތެވެ. ޝައިނާއާ ދުރަށް އެޅޭ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ފަޔަށް އެތައްހާސް ޓަނެއްގެ ބަރުދަން އިތުރުވަމުންދާ ކަހަލައެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އުޑުމައްޗަށް ބަލައިލަމުން ބޮލުގެ ފުއްކިބައާ ހިސާބުން ދެ އަތުގެ އިނގިލިތައް ގުޅުވައިލިއެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނާދެއެވެ. ޝައިނާގެ ނިންމުމަށް އިހްތިރާމް ކުރަންޖެހޭނެކަމަށް އޭނާ ގަބޫލު ކުރިއެވެ.
ދުރަށް އަޅަމުންދިޔަ ރާހިލްގެ ފިޔަވަޅުތަކުގެ އަޑު ފަނޑުވަމުންދާ ވަރަކަށް ޝައިނާގެ ހިތް ނުތަނަވަސްކަމުން ފުރެމުން ދިޔައެވެ. ހާސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯ ދެއަތުން ނިތްކުރީގައި ހިފަހައްޓައިލުމަށްފަހު ދެކޮޅަށް ކުރުކާލިކަނޑަން ފެށުނެވެ. ރާހިލް އެދަނީ ވަރަށް ރަނގަޅަށް އެއީ އެމީހުންގެ ވަދާއީ ސަލާންކަން ޝައިނާއަށް ސާފުކޮށްދީފައެވެ. އެއްވެސް ހައިސިއްޔަތަކުން އޭނާގެ ހަޔާތަށް ދުވަހަކުވެސް އަނބުރާ ނާންނާނެކަމުގެ ޔަގީންކަން ދީފައެވެ. އެފަދަ ކަމަކަށް އޭނާ ތައްޔާރުބާއެވެ؟ އެހެން ވެއްޖެނަމަ ޟަމީރުގެ އަޑުން ރާހިލް ހުއްޓުވަން ގޮވާއަޑު އިވެމުންދަނީ ކީއްވެބާއެވެ؟ ރާހިލްއަކީ އޭނާގެ ހަޔާތުގައި އެހާ މުހިއްމު މީހެއް ހެެއްޔެވެ؟
އެ ސުވާލުތަކުގެ ޖަވާބު ނުލިބުނު ކަމުގައިވިޔަސް ރާހިލްއާއެކު ހޭދަކުރެވިފައިވާ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ހިޔާލުގައި އާވާން ފެށިއެވެ. ދެމީހުން އެކަކު އަނެކަކަށް ކުރިހައި އުނދަގުލާއި ކޯޅުމުގެ ދުވަސްތަކެވެ. އޭގެ އިތުރަށް ރާހިލްގެ ފަރާތުން ހުއްޓުމެއްނެތި ލިބެމުންއައި އޯގާތެރިކަމެވެ. އޭނާގެ ފިލާވަޅު ހެދުމުގައި އެހީތެރިވި ދުވަހުގެ ހަނދާނާއި، މެންދުރު ކާން ނުދެވުނު ދުވަހު ކާން ގެނެސްދިން ހަނދާނެވެ. ދަތުރު ދިޔަ ދުވަހު ޕިކަޕުގައި ހުއްޓައި އަވިދޭން ފެށިވަގުތު އެ ހަށިގަނޑުން އޭނާއަށް އެ ދޯދިތަކުގެ މައްޗަށް ހިމާޔަތް ދިން ހަނދާނެވެ. އޭގެ އިތުރަށްވެސް ދެމީހުން އެކުގައި ހޭދަކުރެވޭ ވަގުތު ތަކުގައި ކޮށްދޭ ކުދި ކުދި ކަންތައްތަކުގެ ހަނދާނެވެ. އަދި އެންމެ ބޮޑު ކަމަކަށް ބޮޑުދައިތައާއި ބޭބެ ވަކިވެ ދިޔަ ދުވަހު އޭނާގެ ހިތާމަތަކުގައި އެންމެ ފުރިހަމައަށް ހިއްސާވި ގޮތާއި، އޭގެ ފަހުން އައި ދުވަސްތަކުގައި ރާހިލްގެ ހުރިހާ ވަގުތެއް އޭނައާއި ޝިމާންއަށްޓަކައި ހުސްކޮށްލިގޮތުގެ ހަނދާންތަކެވެ. ގިނަ ބައެއްގެ މޫނުމަތިން ހިނިތުންވުން ގެއްލި ބަނަވެފައިވާ މިފަދަ ޒާލިމް ދުނިޔެއެއްގައި ރާހިލްފަދަ ހިތްހެޔޮ އުފާވެރި މިޒާޖެއްގެ އިތުރު ފިރިހެނަކު އުޅެފާނެ ހެއްޔެވެ؟
ޝައިނާ އަދިވެސް އެއްފަހަރު ސައިކަލުތަކާ ދިމާލަށް ހިނގަމުންދިޔަ ރާހިލްއަށް ބަލައިލިއެވެ. ރާހިލްއަށް މިހާރުވަނީ ވަރަށް ދުރަށް ދެވިފައެވެ. އިތުރަށް މަޑުކޮށްފިނަމަ އޭނާގެ ލޯ މައްޗަށް ރާހިލް ގެއްލޭކަށް މާގިނައިރެއް ނެތެވެ. އޭނާގެ ހަޔާތުން ރާހިލް ގެއްލޭކަށް މާގިނައިރެއް ނެތެވެ. އެހެންކަމުން ފަޔަށް ބާރުލައިފައި އޭނާ ރާހިލްއާ ދިމާލަށް ދުއްވައިގަތެވެ. އަދި އެހިސާބަށް ދެވުމާއެކު ރާހިލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ. ރާހިލްގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. ފަހަތަށް އެނބުރެން ނޫޅުނު ކަމުގައިވިޔަސް އެ ބީހުމުން އެކަނިވެސް އޭނާއަށް އެއީ ޝައިނާކަން އެނގުނެވެ.
“ރާހިލް.. ރާހިލް މަޑުކޮށްބަ.. އަހަރެން.. އަހަރެން ރާހިލްއަށް އިތުބާރު ކުރާނީ ކިހިނެއް؟؟ އެހެން ހުރިހާ ކުދިންނެކޭ އެއްގޮތަށް ވަގުތު ޖެހުނީމަ ރާހިލް އަހަރެން ދޫކޮށްލައިފައި ނުދާނެ ކަމަށް… އަހަރެންނަށް ރާހިލްއަށް އިތުބާރު ކުރެވިދާނެތަ؟” ޝައިނާގެ ސުވާލާއެކު ރާހިލްއަށް ފަހަތަށް އެނބުރިލެވުނެވެ.
“އިތުބާރު ކުރުމާއި ނުކުރުމުގެ އިހްތިޔާރު އޮތީ ޝައިނާއަށް.. އަހަރެން ޝައިނާގެ އިތުބާރު ހޯދަން މަސައްކަތް ކުރާނަން” ރާހިލް ބުންޏެވެ.
“ރާހިލްއަށް އަހަރެންގެ ހަޔާތާ ބެހޭގޮތުން އެނގެނީ ކިހާ މިންވަރެއް؟ އަހަރެންނަކަށް އެހާ އޮމާން ސުލްހަވެރި ގުޅުމެއްގެ ޔަގީންކަމެއް ނުދެވޭނެ. އައި.. އައިމް މެސްޑް އަޕް ރާހިލް. ރާހިލްއަށް އަހަރެން ޓޮލެރޭޓް ކުރެވޭނެތަ؟” ޝައިނާ ރާހިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.
“އަހަރެން މަސައްކަތް ކުރާނަން. ތިއީ އަހަރެންގެ ކާއެއްޗެއްސަށްވެސް ޒަހަރުލީ- އައި މީން މިރުސްލީ މީހެއްނު. ޓޮލެރޭޓް ނުކުރެވޭވަރު އިތުރު ކަމެއް ޝައިނާ އަހަރެންނަށް ކުރަން އޮންނާނެތަ؟” ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓައިލަމުން ބުންޏެވެ. އެ ޖަވާބާއެކު ދެމީހުންނަށްވެސް އެއްފަހަރާ ހީނލެވުނެވެ.
“އަހަރެން އިންތިޒާރު ކުރަންވީތަ؟” ރާހިލް އުއްމީދުން ފުރިފައިވާ ރާގެއްގައި އަހައިލިއެވެ. އެއާއެކު ޝައިނާގެ މޫނުމަތިން ފަސްޖެހުމުގެ އަސަރު ފެނުނެވެ. އެހެނަސް އޭނާ ހިނިތުންވުމަކާއެކު ރާހިލްގެ ސުވާލަށް ބޯ ޖަހައިލި އެވެ.
“ތެންކްޔޫ.. ވަރަށް އުފާވެއްޖެ. ތި ހިނިތުންވުމާއި ލޮލުގައިވާ ވިދުމުގެ އަސްލަކީ އަހަރެން ކަމުގައިވަންދެން އަހަރެން ޝައިނާއަށް އިންތިޒާރު ކުރާނަން.” ރާހިލް އޭނާގެ އަތާ ގުޅުވައިލެވިފައިވާ ޝައިނާގެ އަތްތިލައިގައި ބޮސްދެމުން ބުންޏެވެ.
*************
ސައިކަލުގައި އައިސް ޝައިނާ އުޅޭ ގޭގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ޝައިނާ ސައިކަލުން ފޭބުމަށްފަހު ރާހިލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
“ގެއަށް ގޮސް ފެންވަރާލައިގެން ގުޅާނަން އެނގޭ. ޝައިނާގެ ހުރިހާ ވާހަކައެއް އަހަރެން އަޑުއަހާނަން” ރާހިލް ޝައިނާގެ އަތްތިލައަށް ބާރު ކޮށްލިއެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު ގޭގެ ދޮރާށިން ވަނުމުން ރާހިލް ސައިކަލު ދުއްވައިލިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ޝައިނާގެ މޫނުމަތީގައިވާ މަސްނޫއީ ހިނިތުންވުން ފިލައިދިޔައެވެ. އޭނާއަށް މި ކަންތައް ކުރެވެނީ ހަމަ އެންމެ ރަނގަޅަށް ބާއޭ ހިތަށް އަރަމުން ދިޔައެވެ. ނޫނީ އަވަސް އަރުވާލައިގެން އޭނާއަށް ގޯހެއް ހެދެނީބާއެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތްކަމަށް ވިސްނައި ޝައިނާ ރާހިލްގެ ކޯލު އަންނަން ވާއިރަށް ތައްޔާރުވެލިއެވެ. ގަޑިއެއްހާއިރު ފަަހުން ފޯނު ރިންގުވުމާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ނެގިއެވެ.
“ހެލޯ ބިއުޓިފުލް. ސޯ އައި ހޭވް ޗިޕްސް ޕޮޕްކޯން އެވްރީތިންގް ފޯރ ސްޓޯރީ ޓައިމް” ރާހިލް އޭނާގެ އުފާވެރި މިޒާޖުގައި ބުންޏެވެ. ޝައިނާއަށް މަޑުމަޑުން ހީނލެވުނެވެ. ރާހިލް އެހެން ބުންޏަސް އެއީ ދޮގުކަން އޭނާއަށް އެނގުނެވެ. ރާހިލްގެ ހަމަބުއްދި ފިލައިނުދާހާ ހިނދަކު އެބުނި ފަދަ ކާ އެއްޗެއް އޭނާގެ އަރުން އެތެރެކުރުމަކީ ނާދިރުކަމެކެވެ.
“އައި ނޯ ޔޫ އަރ ލައިންގް.. ހެލްތް ފްރީކް” ޝައިނާ ބުންޏެވެ.
“ހޭ ޕޮޕްކޯން އިޒް ހެލްތީ.. އިޓްސް ކޯން” ރާހިލް ބުނެލި އަޑު އިވުނެވެ.
“އޯކޭ އޯކޭ… ރާހިލްއަށް މި ވާހަކަތައް އެނގެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ” ޝައިނާ މަޑުމައިތިރި ކަމާއެކު ބުންޏެވެ.
“އަޑުއަހަން މީނީ” ރާހިލް ބުންޏެވެ.
“ރާހިލް. އަހަރެންގެ..އަހަރެންގެ ބައްޕައެއް ނުހުރޭ..” ޝައިނާ ބުންޏެވެ.
“އަހަރެންނަށް އެނގެޔޭ ޝައިނާ. އަހަންނަށް އެނގޭ ޝައިނާގެ މަންމައެއްވެސް ނެތްކަން އެންޑް އައިމް ޝުއަރ ދެއި އާރ އެޓް އަ ބެޓަރ ޕްލޭ-”
“އަހަރެންގެ މަންމަ ދުނިޔޭގަ އެބަހުރި ރާހިލް.. މަންމަ.. މަންމަ ވީ ޖަލުގަ.. ބައްޕަ ދުނިޔޭގަ ހުރިކަމެއް ނެތްކަމެއް ނުވަތަ އެއީ ކާކު ކަމެއްވެސް އަހަރެންނަކަށް ނޭނގޭ” ޝައިނާ ރާހިލްގެ ވާހަކަ މެދުކަނޑައިލާމުން ބުންޏެވެ.
ރާހިލްގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާ އެބުނި ވާހަކައާއެކު އަމަލު ކުރާނެ ގޮތެއް ނުވަތަ ބުނާނެ އެއްޗެއްވެސް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ.
“ރާހިލް. ހަލޯ. ހަލޯ؟؟”
“ޔެސް. ޔެސް ޝައިނާ.. ޝައިނާއަށް މިވާހަކަތައް ކިޔާދޭން އުނދަގުލިއްޔާ ނޫނީ އަދި އެހާ ރަނގަޅަށް އަހަރެންނަށް އިތުބާރު ނުކުރެވެންޏާ އެންމެ ރަނގަޅު މިވާހަކަ ނުދެއްކިޔަސް. ޝައިނާގެ ބެކްގްރައުންޑް އަހަރެންނަކަށް މެޓަރ އެއް ނުވޭ… ހަގީގަތުގައި އަހަރެން ޝައިނާ ދަސްކުރަން ބޭނުން. ވަރަށް ބޭނުން.. އެކަމަކު ޝައިނާގެ މާޒީ އެހާ ޕެއިންފުލް ކަމަށްވާނަމަ އަހަރެން ބޭނުމެއްނޫން ޝައިނާ އެކަން ރީ-ލިވް ކުރުވައިގެން ޝައިނާގެ ފަރާތުން ޖަވާބުތަކެއް ހޯދާކަށެއް…” ރާހިލް ހުރީ ޝައިނާއާމެދު ކަންބޮޑުވެފައެވެ.
“ނޯ ނޯ ރާހިލް.. އަހަރެންގެ މާޒީއަކީ ކޮންމެހެން މާ ބޮޑު ސިއްރެއް ނޫން. އެވާހަކަ ދައްކަން ބޭނުން ނުވާތީ ނުދައްކަނީ.. ފޮރުވާކަށް ނޫން..” ޝައިނާ ކަންއޮތްގޮތް އޮޅުން ފިލުވައިދިނެވެ. “ރާހިލްއަށް މިވާހަކަތައް އެނގެން އަހަރެން ބޭނުން” ޝައިނާ ބުންޏެވެ.
“އަހަރެންނަށް ޔަގީން ޝައިނާގެ މަންމައަށް ކުރެވުނީ ކޮންމެފަދަ ކުށަކަށްވިޔަސް އެ މަންމަ ޝައިނާދެކެ ވަރަށް ލޯބިވާނެކަން” ރާހިލް ބުނެލިއެވެ.
“ނޫނޭ.. އެކަހަލަ މައިންނަކަށް ލޯބިވާކަށް ނޭނގޭނެ. މަންމައަކަށް އަހަރެންނާއި ދޮންތައަކީ މުހިއްމު ބައެއްނޫން ރާހިލް. ޔެސް އަހަރެންގެ ދޮންތައެއް ހުރޭ. ދޮންތަ ވީ ނިޔާވެފަ. ދޮންތަ ދަންޖެހިފަ ހުރިތަން އަހަރެންގެ އުމުރުން އެންމެ ނުވަ އަހަރުގަ ހަމަލޮލުން ދުށިން. އެކަމުގެ އަޑީގައިވެސް ވަނީ މަންމަ. އެއީ އެއްވެސް ވަރަކަށް މައިވަންތަކަމުގެ ކުލުނެއް ހުރި މަންމަ އެކޭ ބުނެވޭނެތަ؟؟ މަންމައަކީ……” ޝައިނާ އުނދަގުލާއެކު އޭނާގެ މާޒީ ރާހިލްގެ ކުރިމަތީގައި ހުޅުވައިލިއެވެ.
ޝައިނާގެ ވާހަކަ ކުރިއަށް ގެންދަން އުނދަގޫވާ ކިތަންމެ ފަހަރަކު ރާހިލް އެވާހަކަ ހުއްޓާލަން މަސައްކަތް ކުރިނަމަވެސް ޝައިނާ އެވާހަކަ ކުރިއަށް ގެންދިޔައެވެ. ބޭނުންވީ އެއަށްފަހު ރާހިލް އޭނާއާމެދު ދެކޭގޮތް ބަދަލުވޭތޯ ބެލުމަށެވެ. އެފަދަ އާއިލާއަކުން އަންނަ ކުއްޖަކު ރާހިލްމެން ފަދަ އަބުރުވެރި އާއިލާއެއްގެ ކުދިންނާ އެކަށީގެން ނުވާނެކަން ރާހިލްއަށް ސާބިތު ކޮށްދޭށެވެ. އޭރު ޝައިނާދައްކާ ކޮންމެ ވާހަކައާއެކު ފޯނުގެ އަނެއްފަރާތުގައި ހުރި ރާހިލްގެ މޫނަށް އަރަމުންދާ ކުލަތައް ޝައިނާއަށް ވަނީ ސިއްރުވެފައެވެ. ޝައިނާގެ ދުލުން ބޭރުވާ ކޮންމެ ޖުމްލައަކާއެކު ރާހިލްގެ އަތް މުށްކެވެމުން ދިޔައެވެ. އެކުދިންގެ މަންމަގެ ފަރާތުން ލިބެމުންދިޔަ އަނިޔާއިން ފަށައިގެން ބައެއްގެ ލާއިންސާނީ ވަކިތަކުގެ ދަށުވެ ޝިޔާނާގެ ފުރާނަ ގެއްލިގެން ދިޔަގޮތާއި، ޝައިނާއަށް އެކަމުން ކުރި އަސަރު އިނގެމުންދިޔަ ވަރަކަށް އޭނާގެ ހިތުގައި އެ އަނިޔާވެރިންނަށްޓަކައި ރުޅިވެރިކަން އުފެދުނެވެ. އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ރާހިލްއަށް އަސަރުކޮށްފައިވާކަން ލަސްވެފައިވާ ރާހިލްގެ ހަރަކާތްތަކުން ފެންނަމުން ދިޔައެވެ. ހަމައެއާއެކު އެދުލުން ބޭރުވަމުންދާ ކޮންމެ ލަފްޒަކާއެކު ރާހިލްގެ ހިތުގައި ޝައިނާއަށް ދެވިފައިވާ ކުލުނު އިތުރު ވަމުން ދިޔައެވެ. މަގާމު އަރިސްވަމުން ދިޔައެވެ. ޝަައިނާގެ ހިތްވަރަށް ތައުރީފު ކުރެވެމުން ދިޔައެވެ.
“ރާހިލް އަދިވެސް ގަބޫލު ކުރަންތަ މިރޭ އެވާހަކަތައް ދެއްކީ އަހަރެންނަކީ ކާކުކަން އެނގިގެން ކަމަށް؟ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޒީވާ ނޫންކަމާއި މިދެމެދުގައިވާ ފަރަގުތައް މިހާރު ވިސްނިއްޖެތަ؟ ރާހިލް ކަހަލަ އުފާވެރި އާއިލާއެއްގެ… ކްލީން ބެކްގްރައުންޑަކުން އައިސްފައިވާ މީހަކަށް އަހަންނާއެކު އުޅެން ކިހާ އުނދަގުވާނެކަން ވިސްނޭތަ؟” ޝައިނާ އޭނާގެ ވާހަކަތައް ކިޔައިދިނުމަށްފަހު ރާހިލްއާ ސުވާލު ކުރިއެވެ. އެ އަޑުގައިވާ މަޑު ތުރުތުރާއި އިރުއިރުކޮޅާ އިވޭ ނޭފަތް ދަމާލާ އަޑުން ޝައިނާ ރޮނީކަން ރާހިލްއަކަށް ސިއްރެއް ނުވެއެވެ. ޝައިނާގެ ސުވާލުތަކަށް ޖަވާބުދިނުމެއްނެތި ރާހިލް ފޯނު ކަނޑައިލިއެވެ. އަދި އެނދުން ތެދުވެގެން އައިސް ތުވާލި ހަރުގައި އަޅުވައިފައި އޮތް ޓީޝާޓު ބޮލަށް މަހައިލަމުން ކޮޓަރިން ނުކުތެވެ.
ރާހިލް ފޯނު ކަނޑައިލިކަން އެނގުމާއެކު ޝައިނާ ދެފަހަރަކު ރާހިލްގެ ފޯނަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ނާކާމިޔާބުމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައިސް އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އޭނާގެ ދެލޮލުގައި ތާޒާ ކަރުނައިގެ އަސަރު ހުރި ނަމަވެސް އެ ކަރުނަތައް ފޮހެލުމަށްފަހު އޭނާ ސީލިންގުގައިވާ ފަންކާއަށް ނަޒަރު ހުއްޓައިލިއެވެ. ދެންމެ ފެނުނު މަންޒަރެއް ފަދައިން ފަންކަލުގައި ދަންޖެހިފައިވާ ޝިޔާނާގެ ހަށިގަނޑު އޭނާއަށް ކުލަވާން ފެށިއެވެ. އެހިޔާލުތަކާއި ދުރުވުމަށް ލޯ މަރައިލި ވަގުތު އޭނާއަށް ސިފަވީ ރާހިލްގެ ސޫރައެވެ. އިސާހިތަކު އޭނާގެ ހިޔާލުތަކުގެ މިސްރާބު އެހެން ދިމާލަކަށް ދަތުރު ކުރަން ފެށިއެވެ. ރާހިލް ކޯލު ކަނޑައިލި ސަބަބާމެދު ވިސްނަން ފެށިއެވެ. ފަހަރުގައި އޭނާ ހީކުރި ފަދައިން ރާހިލްއަށް އޭނާގެ މާޒީ ކަމުނުދިޔައީއެވެ. އެދެމެދުގައިވާ ތަފާތުތައް ގަބޫލު ނުކުރެވި އެރޭގެ އިރާކޮޅު ދެއްކި ވާހަކަތައް ހަނދާން ނައްތައިލުމަށް ނިންމީއެވެ. އެއީ ހުދު އޭނާވެސް ރާހިލްގެ ފަރާތުން އުއްމީދު ކޮށްގެން ހުރި ގޮތަށް ވާއިރުވެސް އެކަން އެގޮތަށް ހިނގުމުން އޭނާއަށް އެކަމާ ޝަކުވާ ކުރެވެނީ ކީއްވެ ހެއްޔެވެ؟ ރާހިލް ފޯނު ކަނޑައިލުމުން އެކަމާ އޭނާގެ ހިތް މާޔޫސްވަނީ ކީއްވެ ހެއްޔެވެ؟
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Mi baives vvv reethi
Waiting for the next 🤍