“ސޮރީ ސޮރީ.. އެކަމަކު އަހަރެން މިބުނީ ދޮގެއްތަ؟؟ ކައިވެނިކުރަން މި އުޅެވެނީ ކާކާތޯވެސް ބަލައިލުމެއްނެތި އެއްބަސްވާއިރު މި ސުވާލު ކުރާ ހިސާބަށް ގޮސްފިއެއް ނޫންތަ؟ ކުޑަމިނުން އެއީ ކިހިނެތް ހުރި ކޮން އުމުރެއްގެ މީހެއްތޯ ޒީވާ ބަލައިލިންތަ؟” ރާހިލް އަދިވެސް އެއްޗެހި ކިޔަމުން ދިޔައީ ޒީވާއަށެވެ. މިފަހަރު ޒީވާއަކަށް އޭނާގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މީހުން އޭނާއާ ދިމާލަށް އެއްޗެހި ކިޔުމަކީ އޭނާ ކުޑައިރުއްސުރެންވެސް ދެރަވާކަމެކެވެ. އެގޭގެ ދެންތިބި ދެކުދިންނާ ހިލާފަށް އޭނާއަކީ ފަސޭހައިން ހިތުގައިޖެހޭ ކުއްޖެކެވެ. އޭނާއަކަށް ރުއިން ކޮންޓްރޯލެއްް ނުކުރެވުނެވެ.
“އަހަރެންނަށް ހެވޭ ކޮންމެ މީހަކަސް. އަހަރެންނަށް އެނގޭ މަންމައާ ބައްޕަ އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން” ޒީވާ ގިސްލަގިސްލާފައި ބުންޏެވެ.
“ޒީވާ ހީކުރިންތަ އެއްވެސް ދުވަހަކު ޒީވާގެ މަންމައާ ބައްޕަ ޒީވާ މީހަކާ އިންނަން މަޖުބޫރު ކޮށްފާނޭ؟ އެބަ ފެނެއެއްނު އެ ދުވަސް!!” ރާހިލް އަނެއްކާވެސް އެހިއެވެ.
“ރާހިލް! ތި ހީކުރެވެނީ އަދި މުޅިން ގޯސްކޮށް. އަހަރުމެން ޒީވާއަކަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރަން. އެހެންނޫނަސް ޒީވާގެ ކައިވެނި ކުރެވޭނީ ޒީވާ ބެލޭވަރުގެ ތަނަވަސްކަމާއި ސިއްހަތުހުރި މީހަކާ އެކަމާ ރާހިލް ހާސްވާކަށް ނުޖެހޭނެ” ފަހަތުން އިވުނު ނާޝިދުގެ އަޑަށް ރާހިލްގެ މޫނަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. އެބުނި އެއްޗެއް ގަބޫލު ނުކުރެވިފައި ހުރިފަދަ ފާޑަކަށް ހެމުން އޭނާ ނާޝިދާއި ކުރިމަތިލިއެވެ.
“ކަލޭގެ ކަމެއް ދޯ މީ؟ ކަލޭގެ ވިޔަފާރި ނޫނީ ސިޔާސީ ޑީލަކަށް ޒީވާ ވިއްކާލީ ދޯ؟ މިގޭގަ ކަލެއާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރޭނީ ޒީވާއަށްކަން އިނގޭތީތަ؟ ކަލޭގެ ދަރި ވިއްކާނުލާ މަގޭ ކޮއްކޮ ދޯ ވިއްކާލަން އެނގުނީ؟ އޭން؟” ރާހިލް ރުޅިވެރިކަމާއެކު ކާމޭޒު މަތީގައިހުރި ތަށިތައް ބުރުވައިލިއެވެ. އޭގެން ބައެއްތަށި ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑު ކާގޭގައި ގުގުމައިލިއެވެ. އެއަޑަށް ޒީވާއަށް ސިހިފައި ހަޅޭއްލަވައިގަންނަމުން ކަންފަތުގައި އަތް އަޅައިލެވުނީ އޭނާއަކީ އަބަދުވެސް ބާރު އަޑުތަކަށް ބިރުގަންނަ ކުއްޖަކަށް ވާތީއެވެ.
“ކަލޭ ހީ ނުކުރައްޗޭ އަހަރެން ދުނިޔޭގަ ހުއްޓާ ކަލެއަށް ތިހެން މަގޭ ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލެވޭނެ ކަމަށް” ރާހިލް ހީވީ ދެންމެ ދެންމެ ގޮސް ނާޝިދުގެ ކަރުގައި ހިފައިފާނެހެނެވެ. އިޝްވާއާ ވާފިޔާގެ މަސައްކަތުން ރާހިލް ދުރުކުރެވުނެވެ. އިތުރަށް މަޑުކުރުމެއްނެތި ރާހިލް ކާރުގެ ތަޅުދަނޑި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނުކުތީ އޭނާގެ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރުގައެވެ. ރާހިލް ހަމައަކަށް އެޅުވުމަށްޓަކައި ރާހިލްގެ ފަހަތުން އިޝްވާވެސް ދުއްވައިގަތެވެ.
ރާހިލް ސިޑިން ފައިބައިގެންދިޔަތަން ފެނުމުން އިޝްވާ އަވަސްވެގަތީ ލިފްޓުގައި ފޭބުމަށެވެ. އޭނާ ރާހިލް އަންނަންދެން ތިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ނަމަވެސް ސިޑިން ފައިބައިގެން އައި ރާހިލް އިޝްވާއަށް ބެލުމެއްނެތި ގަރާޖުގެ ދޮރު ހުޅުވައިލުމަށްފަހުގޮސް ކާރަށް އެރިއެވެ.
“ދޮންބޭ. ދޮންބޭ އަޅެ އެންމެ ފަހަރަކުވެސް ގޮތް ދޫކޮށްފަ އިޝީ ކިޔާ އެއްޗެއް އަޑު އަހާބަލަ! ދޮންބެ ތިހާ ރުޅިއަންނަންވި ސަބަބަކީ ކޮބާކަމެއް އިޝީއަކަށް ނުވިސްނޭ” ރާހިލް ކިޔާނެ އެއްޗެކަށް އަމަލު ކުރާނެ ގޮތަކަށް ބެލުމެއްނެތި އިޝްވާވެސް ކާރުގެ ކުރީ ސީޓަށް އެރިއެވެ.
“އިޝްކޮވެސްތަ؟ އެންމެން މިކަން އެހާ ކުޑަކަމަކަށް ހަދާލައިގެން ތިއުޅެނީ މީ ޒީވާގެ މުޅި ހަޔާތަށް އަސަރު ކުރާނެވަރު ނިންމުމެއްކަން ހަމަ ނޭނގިގެންތަ؟ ނުވެސް ދަންނަ ބީރައްޓެއްސަކާ ޒީވާގެ ކައިވެނި ކުރުވަން އުޅޭއިރު އަހަރެން މިވީ ހެވިފަ އެތަން ބަލަން ހުންނަންތަ؟” ރާހިލްގެ ބާރު އަޑު ކާރުތެރޭގައި ގުގުމާލިއެވެ.
“އެހެންވެއެއްނު އަހަރެން މި ބުނަނީ ރުޅި މަޑުކޮށްފަ އަޑު އަހާބަލާށޭ. ދޮންތަ މެރީ ކުރަން އުޅޭ މީހަކީ ކޮންމެހެން ބީރައްޓެއްސެއް ނޫން ވެއްޖެއްޔާ.. އެމީހަކީ ދޮންތައާއި އާއިލާ އަދި ދޮންބެއަށްވެސް އެނގޭ އިތުބާރު ކުރެވޭ ވަރު މީހަކިއްޔާ ދޮންބެ މިކަމާ ހުރަސް ނާޅާނަންތަ؟” އިޝްވާ ރާހިލްގެ އަތުގައި ހިފަހައްޓަމުން އަހައިލިއެވެ.
“ސްޓޮޕް އިޓް އިޝްކޯ. ތި ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. މި ވާނީ އޭނާގެ ކޮންމެސް ސިޔާސީ މަންފާއަކަށް ޒީ-”
“އެމީހަކީ ދޮންތަވެސް ލައިކްވާ މީހަކަށްވިއްޔާ ދޮންބެ އޭރުންވެސް މިކަމާ ހުރަސް އަޅާނަންތަ؟” އިޝްވާ ރާހިލްގެ ވާހަކަ ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމެއްނެތި ބުންޏެވެ.
“ޔޫ މީން ރިއާން؟” ރާހިލް މަލާމާތުގެ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
“ދޮންބެއަށް އެނގޭތަ؟” އިޝްވާ ހައިރާންވިއެވެ.
“ނޭނގޭ ވަރެއްތަ؟ ޒީއަކީ ރިއާންގެ ފޭން ގަރލްއެއްކަން އަހަރެންނަށް އެނގެޔޭ… މިގެއަށް ރިއާން އައިސް އުޅުނު އިރުވެސް ފޮލޮއިންގް އެވްރީވެއަރ ހީ ގޯޒް.. އެކަމަކު އެކަހަލަ ޓީނޭޖް ކްރަޝްތަކަކީ އެހާ އަޅާލާވަރު ކަންކަމެއް ނޫނެއްނު. އެހެންނޫނަސް ރިއާން އެގޮތަށް ޒީއާ ދޭތެރޭ ހިތަށްވެސް ނާރުވާނެ. ސޯ.. ނޯ ވޮރީޒް…” ރާހިލް ދެކޮނޑު އަރުވައިލަމުން ހަމަޖެހޭގޮތް ދައްކައިލިއެވެ.
“އެއީ ތި ހީކުރާހާ ސިމްޕަލް ކްރަޝްއަކަށް ނުވިއްޔާއޯ؟” އިޝްވާގެ ސުވާލާއެކު ރާހިލްގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އެ ބުނި އެއްޗެއް ދޭހަ ނުކުރެވިގެން އުޅެނިކޮށް އިޝްވާ ދެން ބުނެލި ޖުމްލައާއެކު ހީވީ ކާރުގެ ތެރޭގައި ބޮމެއް ގޮއްވައިލެވުނު ހެނެވެ.
“އިޓްސް ރިއާން ދޮންބޭ.”
“ކީކޭ؟” ރާހިލް ގަބޫލު ނުކުރެވިފައި އިނދެ އަހައިލިއެވެ. އިޝްވާ އެއީ ތެދެއްކަން އަނގައިދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
“ހަހަހަ. ރިއަލީ އިޝީ.. މިއަދަށް ވާވަރަށް އަހަރެންނަށް ޝޮކު ލިބިއްޖެ.. ސޯ ޕްލީޒް.. ތިއީ ސަމާސާއަކަށް ވާނަމަ ހުއްޓާލާ.. އެއްވެސް މަޖަލެއް ނޫން” ރާހިލް ބުންޏެވެ.
“ކޮބާތަ ރިއާންބެގެ މައްސަލައަކީ؟ ޒިންމާދާރު، ތައުލީމީ ތަނަވަސް ޒުވާނެއް.. އެންޑް ހީ އިޒް އަ ގުޑް މޭން ހީ ވިލް ޓޭކް ގުޑް ކެއަރ އޮފް ދޮންތި” އިޝްވާއަކަށް ރިއާންގެ އުނި ސިފައެއް ނުފެނުނެވެ.
“އިޝްވާ މިވަގުތު އަހަރެންނާ ސަމާސަ ނުކުރޭ!” ރާހިލް އިންޒާރު ދިނެވެ. ނަމަވެސް އިޝްވާގެ މޫނުގައިވާ މައުސޫމު ކުލަވަރުން ރާހިލްއަށް އެއީ ތެދު ވާހަކައެއްކަން އެނގުނެވެ.
“ރިއާން ރިއާން.. ދެޓް ބަ**ރޑް! އަހަރެންގެ އަތުން އޭނަ މަރުވާނެ!! ހައު ޑެއަރ ހީ ކަމް އަޕް ވިތް ދިސް ޝި* ބިހައިންޑް މައި ބެކް” ރާހިލް ކާރު އިސްޓާޓު ކޮށްލިއެވެ. ނަމަވެސް ދުއްވައި ނުލެވިގެން އުޅެނިކޮށް މިފަހަރުވެސް އިޝްވާ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.
“ދޮންބޭ!! ހަމަ ޖެހިބަލަ!! މީ.. މީ ރިއާންބެގެ ކަމެއް ނޫނޭ!! އަހަރެންނަކަށް ހިއެއް ނުވޭ ކުޑަމިނުން ރިއާންބެއަށްވެސް މިއިން ކަމެއް އެނގޭހެން. މީ.. މީ މަންމަމެންގެ ކަމެކޭ.. ދޮންބޭ ޕްލީޒް ހިނގާބަ ގެއަށް. މަންމަ ހުރިހާ އެއްޗެއް ކިޔާ ދޭނެ”
“އަހަރެންނަށް ހެވޭ މީ ކޮންމެ މީހެއްގެ ކަމަކަސް. ރިއާން މިކަމާ އެއްބަސްވާކަށް ނުޖެހޭ. މަންމަމެން ކޮން މޮޔައެއް ހީވެގެންތަ ޒީވާ އެހާ އަވަހަށް ކައިވެނި ކުރުވަން އެ އުޅެނީ؟ ޒީވާ ކައިރި ބުނޭ ކުޑަކުދިން އުޅޭހެން ނޫޅޭށޭ! މަންމަމެން ކައިރި ބޮޑާހާކައިގެން ހޯދާ ކުޅޭ އެއްޗެއްހެން ހިތްކިޔާ ކޮންމެ މީހެއް ހޯދަން ނޫޅޭށޭ!” ރާހިލްގެ އަޑަށް ރުޅިވެރިކަން ވެރިވިއެވެ.
“ވަޓް؟؟ ދޮންބެ ހީކޮށްގެން ތި ހުންނަނީ ދޮންތިއަކީ ކިހާ ގޮތެއްފޮތެއް ނެތް މީހެއް ކަމަށްތަ.. ތިބުނިގޮތް އޮއްވާ.. ބޮޑާހާކައިގެން ހިތްކިޔާ މީހާ ހޯދެން އޮއްވައިވެސް ދޮންތިގެ ހިތުގަ ރިއާންބެއަށް އޮތް ލޯބި 9 އަހަރުވަންދެން ފޮރުވައިގެން އެ އުޅެނީ ހަމަ ދޮންބެއާއި ރިއާންބެއާ ދެމެދުގަ އޮންނަ އެކުވެރިކަމުގެ ސަބަބުންނެއް ނޫންތަ؟ އެކަމް ދޮންބެ އެއްވެސް ވަރަކަށް އެކަހަލަ ކަމަކާ ވިސްނާލިންތަ؟ ކުޑަމިނުން ސިސްއާ އެހާ ކްލޯޒްކޮށް އުޅޭއިރު… ޑޯންޓް ޑިނައި އިޓް އަހަރެންނަށް އެނގޭ ދޮންބެ ސިސްގެ ފަރާތުން ބޭނުންވެގެން ތި އުޅެނީ އެކުވެރިކަން ނޫންކަން!! އެންޑް އައި ހޯޕް ޝީ ވޯންޓް ފޯލް ފޯ އިޓް. ކޮޒް މެން ލައިކް ޔޫ އަރ ޓްރޭޝް. މިހާރު އެނގޭ ދޮންތިއަށް ދިމާވި އެސައުލްޓްގެ ވާހަކަ ބައްޕަ ދޮންބެއަށް ކިޔާ ނުދިނީ ކީއްވެކަން. ޔޫ ޑޯންޓް ޑިސަރވް އެއްވެސް ކަމެއް އެނގޭކަށް” އިޝްވާ ކާރުން ނުކުތިމަށްޓަކައި ދޮރު ހުޅުވައިލިއެވެ.
“ވަޓް؟ ކީކޭ ތިބުނީ؟” ރާހިލް އިޝްވާ ހުއްޓުވިއެވެ.
“މި ބުނެވުނު އެއްޗެެއް ނޭނގުނުތަ؟ މިބުނީ ދޮންބެއަކީ ތި ބުނާހާ ކެއަރ ކުރާ މީހަކަށް ވިނަމަ ކުޑަމިނުން މީ ކިހިނެއްވެގެން ހަމަޖެއްސި ކައިވެންޏެއްތޯ ނޫނީ ދޮންތަ މިކަމާ އެހާ ފަސޭހައިން އެއްބަސްވީ ކިހިނެއްވެގެންތޯ އަހާލާނޭ” އިޝްވާ ބުންޏެވެ.
“ޒީ.. ޒީއަށް މީހަކު-”
“އާނ ދޮންބޭ. ބައްޕަމެން މި ޑެސިޝަން ނެގީ ދޮންތިއަށް ރަނގަޅަކަށް. ދޮންބެމެން އެރަށުގައި ހުއްޓާ ދޮންތި…”
އިޝްވާ މީގެ ތިންމަސް ކުރިން ޒީވާއަށް ކުރިމަތިވި ކަންތަކުގެ ވާހަކަ ރާހިލްއަށް ކިޔައިދޭން ފެށިއެވެ. އެވާހަކަތައް އިވެމުންދިޔަ ވަރަކަށް ރާހިލްގެ މޫނުން ހިތާމައާއި ރުޅިވެރިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. އެއްފަހަރު ގޮށްމުށުގެ އެތިފަހަރެއް ކާރުގެ ހުންގާނަށް އަރުވައިލައިފިނަމަ އަނެއްފަހަރު ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލާނެއެވެ.
“ދޮންބެ އެވަގުތު އަހަރުމެންނާއެކު ހުރިނަމަ އެނގޭނީ ދޮންތި ވެއްޓުނު ހާލަތު. އަހަރުމެން ބޭނުންވަނީ ދޮންތި އެކަމާ ވީހާވެސް ދުރުވާން. އެހެން ކަމެއްގެ ތެރެއަށް ވިސްނުން ބަދަލުކުރަން. މާހައުލު ބަދަލުކުރަން.. ފިރިހެނުންގެ މައްޗަށް އުފެދިފަ އޮތް ބިރު ކަނޑުވާލާ ދޮންތިއަށް އަޅާލާ ހިމާޔަތްދޭނެ މީހެއް ހޯދައިދޭން” އިޝްވާ ރާހިލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ތިކަމަށް އެންމެ ރަނގަޅު އޮޕްޝަނަކަށް ފެނުނީ ރިއާންތަ؟” ރާހިލް ދެފަރާތަށް ބޯ ހޫރައިލަމުން އަހައިލިއެވެ.
“ރިއާންބެގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ދޮންބެއަށް.. ޔޫ ނޯ ހީ އިޒް އަ ގުޑް އޮޕްޝަން” އިޝްވާ ބުންޏެވެ.
“ޔެސް އައި ނޯ ހިމް ބެޓަރ ދޭން އެނީވަން ވިޗް އިޒް ވައި އައި ނޯ ހީ އިޒް ނޮޓް އަ ގުޑް އޮޕްޝަން” ރާހިލްގެ އަޑުގައިވަނީ ހިމޭންކަމެވެ.
“މާނައަކީ؟؟” އިޝްވާ އަހައިލިއެވެ.
“އިޝީ ޕްލީޒް ގެޓް އައުޓް އޮފް ދަ ކާރ” ރާހިލް ބުންޏެވެ.
“މައްސަލައެއް ނެތް. އެކަމަކު ދޮންބެ ހުވާ ކުރޭ… ރިއާންބެގާތު މިރޭ ހިނގި އެެއްވެސް ވާހަކައެއް ނުކިޔާނަން ކަމަށް.. އަދި މިވަގުތު ރިއާންބެ ގާތަށް ނުދާނަން ކަމަށް. ފުރަތަމަ ދޮންބެ މިކަމާ ހަމަ ޖެހިލައިގެން ވިސްނާލަބަ. ރިޔާޒްބެމެންވެސް މިވާހަކަ މިހާރު ރިއާންބެއާ ދައްކަފާނެ އެއްނު. އެހެންވީމަ ރިއާންބެ އަމިއްލައަށް ފެނިގެން މިވާހަކަ ބުނަންދެން ދޮންބެ އެއްވެސް އެއްޗެއް ނުކިޔާނެކަމުގެ ޔަގީންކަންދީ” އިޝްވާ ބުންޏެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ.
“މައްސަލައެއް ނެތް. އަހަރެން އިހަކަށް މިވާހަކަ ނުދައްކާނަން. އިޝްކޮ ދެން ފައިބާ. ދޮންބެ އަންނާނަށް ކުޑަކޮށް ދުއްވާލާފަ” ރާހިލް ހަމަޖެހިލައިފައި ބުންޏެވެ. އިޝްވާ ދެ ހިޔާލެއްގައި ހުރި ނަމަވެސް ކާރުން ފޭބިއެވެ. އެއާއެކު ރާހިލް ކާރު ދުއްވައިލިއެވެ. ގަރާޖުން ނުކުމެގެންދިޔަ ކާރު މަގުގެ ކޮޅުން އޮބައިލަންދެން ބަލަން ހުރުމަށްފަހު އިޝްވާ ގަރާޖުގެ ދޮރު ލައްޕައިލަމުން އެތެރެއަށްވަނެވެ.
ސިކުނޑީގައި ފުނިޖެހެމުންއައި ހިޔާލާއި ވަސްވާސްތަކުން ސަލާމަތްވާން މަސައްކަތްކުރަމުންދިޔަ ރާހިލް މިސްރާބެއްނެތި މާލޭގެ ކާރޫބާރޫބޮޑު މަގުތަކުގައި ކާރު ދުއްވަމުން ދިޔައެވެ. ޒީވާއާ ރިއާން ގުޅުމަކީ އެދެމީހުންނަށް އެންމެ ރަނގަޅުގޮތްބާއެވެ؟ ރިއާންގެ ފަރާތުން ކުރިން ފެނުނު ފަދަ ކަމެއް ތަކުރާރު ވެދާނެބާއެވެ؟ ރާހިލްއަށް ޔަގީންވާ ކަމަކީ ޒީވާއަށް އެދެމެދުގައި ކިތަންމެ ބޮޑު ކަމެއް ހިނގިޔަސް އޭގެ ވާހަކަ ދައްކާކަށް ނުކެރޭނެ ކަމެވެ. ކިތަންމެ ނާއިންސާފުން ނުވަތަ އަނިޔާވެރިކޮށް މީހަކު ޒީވާއާ ދޭތެރޭ އަމަލުކުރިޔަސް ޒީވާއަށް އެކަމުގެ ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. އިޝްވާއަށްވުރެވެސް ބޮޑަށް އޭނާ ޒީވާއާމެދު ކަންބޮޑުވާ ސަބަބަކީ އެއީއެވެ. ވީއިރު ރިއާންގެ އަތްމައްޗަށް ޒީވާ ކަހަލަ މަޑުމަޑުން ހުންނަ ކުއްޖެއް ދޫކޮށްލެވިދާނެ ބާއެވެ؟ ނަމަވެސް ރިއާންވަނީ މިހާރު ވަރަށްބޮޑުތަން ބަދަލުވެފައިކަން ރާހިލްވެސް ގަބޫލުކުރެއެވެ. އެހެނެއްކަމަކު ކަށީގައި ހަރުލައިފައިވާ އާދަތަކަކީ މުޅިން ފިލައިގެންދާ އާދަތަކެއްނޫނޭ މީހުން ބުނާއަޑުވެސް އޭނާ އަހައެވެ. ފަހަރުގައި ޒީވާގެ ސަބަބުން ރިއާންގެ ހަޔާތްވެސް ރަނގަޅުގޮތަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެނަސް, ރިއާންއަކީ އޭނާއާ ކިތަންމެ ގާތް މީހެއް ކަމުގައި ވިޔަސް، ލޯބިވާ ކޮއްކޮގެ އުފާވެރިކަމަށް އެޅޭ ހުރަހެއްކަމުގައި ރިއާން ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ބައިގަޑިއެއްހާއިރު ވަންދެން ވަކި މިސްރާބެއްނެތި ދުއްވުމަށްފަހު ރާހިލްގެ ކާރު މަޑުކޮށްލީ ޝައިނާ އުޅޭ ގޭގެ އިމާރާތް ހުންނަ މަގުގެ ކަންމައްޗަށެވެ. އެތަނަށް އާދެވުނީ ކިހިނެއްކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާގެ އިހްތިޔާރަކާއިނުލައި ނޭނގޭ ދަމާ ބާރަކުން ކާރުގެ މިސްރާބު އެމަގަށް ބަދަލުކުރީ ކަހަލައެވެ. އެއީ ކޮންމެ ގޮތަކަށް ހިނގި ކަމެއް ކަމުގައިވިޔަސް ރާހިލް އެތަނުގައި އިން ވަގުތު ފޯނު ނަގައި ޝައިނާއަށް ގުޅައިލިއެވެ.
“މްމް ހަލޯ؟” ފޯނު ރިންގުވަމުންގޮސް ކެނޑެން ކައިރިވެފައި ވަނިކޮށް ޝައިނާ ފޯނަށް ޖަވާބުދިނެވެ. އެހެންޏާ ނުހުންނަ ފަދަ ހިމަހިމަ ރާޅުކަމެއް އެ އަޑުގައި ހުރުމުން ރާހިލްއަށް މި ގުޅުނީ ޝައިނާ ނިދާފައި އޮއްވައިކަން އެނގުނެވެ. ނަމަވެސް އެ އަޑުގައި ހިތް ދަމައިގަންނަކަހަލަ ހިތްގައިމުކަމެއް ހުއްޓެވެ. ރާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ސިކުނޑީގައިވާ އެހެން ހިޔާލުތަށް މުޅިން ފިލައިގޮސް ނަފްސަށް އާދަޔާހިލާފު ހަމަ ޖެހުމެއް ލިބުނެވެ. އެ އަޑުގައިވަނީ ކޮންފަދަ ޖާދޫއެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
“ހައި. ނިދަނީތަ؟” ރާހީލް އާދައިގެ ގޮތަކަށް އަހައިލިއެވެ.
“ހްމްމް…ރާހިލް ކަމަކުތަ؟” ޝައިނާ މަޑުމަޑުން އަހައިލިއެވެ. ރާހިލްއަށް ޝައިނާ ކިޔާއެއްޗެއް ސާފުވާވަރު ވަނީވެސް ހަމަ ކިރިޔާއެވެ.
“ނޫނޭ.. ތި ގެ ކައިރިން ދަމުން ހަމަ ގުޅާލީ.. މާދަން ލަންޗަށް ދާންވީނު އަހަންނާއެކު” ރާހިލް އެދުނެވެ.
“ހްމްމް މާދަން އޮފީސް އޮވެމްމްމްމް” ވާހަކައިގެ ތެރެއިން ޝައިނާއަށް ނިދުނެވެ.
ރާހިލް ދެފަހަރަކު ގޮވައިލުމުންވެސް ޖަވާބެއް ނައުމުން ރާހިލްއަށް ޝައިނާ ނިދީކަން ޔަގީންވިއެވެ. ލުއި ހީނލުމަކާއެކު އޭނާ ފޯނު ބޭއްވިއެވެ. އަދި ކެނޑެމުންދިޔަ ކޯލަށް ބަލަންއިނދެ ހިނިތުންވެލިއެވެ. އެއަށްފަހު ގެއަށް ދިޔުމަށްޓަކައި ކާރު ދުއްވައިލިއެވެ.
ރާހިލްއަށް ގެއަށް ވަދެވުނުއިރު ގޭތެރޭގައި މީގެ ދޮޅުގަޑިއެއްހާއިރު ކުރިން ހިނގައިދިޔަ ކަމެއްގެ ހިލަމެއްވެސް ނެތެވެ. ކާމޭޒުމަތީގައިހުރި ތަށިތައް ނަގައި އެތަންވަނީ ސާފުކުރެވިފައެވެ. ފެންނަ ހިސާބުގައި މީހެއް ނެތްނަމަވެސް ސިޓިންގްރޫމްގައި ހުރި ޓީވީއިން ކޮންމެވެސް ސިޔާސީ ޕްރޮގްރާމެއް އަޅުވައިފައިވެއެވެ. ރާހިލް ޓީވީ ނިއްވަައިލުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްޓަކައިި ތަޅުގައި ހިފައިލުމަށްފަހު ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އަވަސްް ފިޔަވަޅުތަކެއްގައިގޮސް އިޝްވާގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިޝްވާ އެ ދޮރު ހުޅުވައިލިއެވެ.
“ޔެސް ދޮންބޭ ކިހިނެއްވީ؟” އިޝްވާ ކަންފަތުން ހެޑްސެޓް ނައްޓައިލަމުން އަހައިލިއެވެ.
“އިޝްކޯ. އައި.. އަމްމް. އައިމް ރިއަލީ ސޮރީ ފޯރ ވަޓް އައި ސެޑް. އަހަރެންނަށް ބުނެވުނު ދޯ ‘ކަލޭގެ ދަރި ވިއްކާނުލާ އަހަރެންގެ ކޮއްކޮ ވިއްކާލީ އޭ’؟ ސޯ ސޮރީ އިޝީ އައި.. އަހަރެން ގަސްތުގައެއް ނޫން.. އައި ރުޅީގަ ބުނެވުނީ.. އެއީ އެއްވެސް މާނައެއްނެތް ބުނުމެއް…ހީނުކުރައްޗޭ އިޝީއަކީ އަހަރެންގެ ކޮއްކޮއެއް ނޫނޭ. އައި ލަވް ޔޫ އޭޒް މަޗް އޭޒް އައި ލަވް ޒީ..” ރާހިލްއަށް އިސްޖަހައިލައިގެން ހުރެވުނު އިރު އޭނާއަށް ހުރީ އެކަމާ މާފަށް އެދޭނެ ގޮތެއް ނޭނގިފައެވެ.
“އިޓްސް އޯކޭ ދޮންބޭ. ދޮންތި އަބަދުވެސް ސްޕެޝަލް ވާނެއެއްނު. އަައި އޭމް ޖަސްޓް ހާފް ސިސްޓަރ. ވީ ކާންޓް ޗޭންޖް އިޓް” އިޝްވާ ދެރަވެލާފައި ބުންޏެވެ.
“ނޯ ނޯ.. އިޝީއަކީވެސް ދޮންބެގެ ކޮއްކޮއެއްނު.. އަހަރެންނަށް ދުވަހަކުވެސް ޒީއަށްވުރެ އިޝްކޮއާ ދުރުކަމުގެ އިހުސާސެއް ނުކުރެވޭ. ޒީއަށް ކުރީއްސުރެން ބެލެނީ ޒީގެ ހުންނަ މިޒާޖުގެ ގޮތުން ކަންކަމަށް ނުކެރޭތީ. މީހަކު އެއްޗެކޭ ބުންޏަސް ދިފާއުގަ އެއްޗެއް ބުނަންވެސް ނުކެރޭތީ.. އެކަމަކު އިޝީއާ ދޭތެރޭ މަންމަމެން މިކަހަލަ ޑެސިޝަނެއް ނެގިޔަސް ހަމަ އަހަރެންގެ ރިއެކްޝަން ތަފާތެއް ނުވާނެ. ޔޫއާރ ޖަސްޓް އޭޒް ސްޕެޝަލް އޭޒް ހަރ” ރާހިލް ހުރީ ހަގީގަތުގައިވެސް އިޝްވާއަށް ނިސްބަތްކޮށް އެފަދަ މޭރުމަކުން ވާހަކަ ދެއްކުނީތީ ދެރަވެފައެވެ.
“އޯކޭ އޯކޭ ހުރިހާ އެއްޗެއް ރިކޯޑު ކޮށްފިން. އޯލް އޮފް ދެޓް ސްވީޓް ޓޯކް” އިޝްވާ އަތުގައި އޮތް ފޯނު ދައްކައިލަމުން ބުންޏެވެ.
“ނޯ!!” ރާހިލް އިޝްވާގެ ފޯނު އަތުލުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
“އޯކޭ އޯކޭ ހަމަޖެހިބަލަ ނުކުރަމޭ ރިކޯޑެއް.. ސީ..” އިޝްވާ ފޯނު ދައްކައިލަމުން ބުންޏެވެ. އަދި އިތުރު ކޮށްލިއެވެ. “އެންޑް ދޮންބޭ އިޓްސް ރިއަލީ އޯކޭ. އިޝީގެ ހިތަކަށް ހަމަ އެކައްޗެއްވެސްް ނާރާ.. އެނގޭ ދޮންބެ ދުވަހަކުވެސް އެހެން ނުވިސްނާނެކަން. އެއީ ރުޅީގެ ތެރޭގަ ބައްޕައަށް އެޓޭކް ކުރަން ބުނެލި އެއްޗެއްކަން”
“ބޭނުންތަ މާދަން އައިސްކްރީމް ބޯން ދާން؟ ވީ ކޭން ސްކިޕް ޔޯ ޓިއުޝަން” ރާހިލް ބުންޏެވެ. އޭނާހުރީ ހަގީގަތުގައިވެސް ބުނެވުނު އެތީގެ ގޮތުން ދެރަވެފައެވެ. އިޝްވާ އުފާ ކޮށްލައިދޭން އޭނާ ބޭނުންވިއެވެ.
“ޕިސްޕިސް. ބަލަބަލަ. ވީކް އެއްތެރޭ އޭލެވެލް ޓެސްޓު ފެށެއޭ. ކިހިނެއް ޓިއުޝަން ކެންސަލް ކުރާނީ.. އެކަމަކު ޓިއުޝަން ނިންމާފަ އޯކޭ؟” އިޝްވާ ބުންޏެވެ.
“އޯކޭ” ރާހިލް އިޝްވާގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާހެން އިޝްވާ ގޮވައިލުމުން ރާހިލް ފަސްއެނބުރި އިޝްވާއާ ދިމާލަށް ބަލައިލިއެވެ.
“އަހަރެންނަށް އެނގޭ ދޮންބެ ތި ހުންނަނީ ބައްޕަދެކެ ހިތްހަމަ ނުޖެހިފަކަން. އެކަމަކު ހަނދާނުގަ ބަހައްޓައްޗޭ ބައްޕައަކަށްވެސް އިޝީއާ ދޮންތިއާ ދޮންބެއާ އެއްވެސް ތަފާތެއް ނެތްކަން” އިޝްވާގެ ވާހަކައަށް ރާހިލް ބޯޖަހައިލިއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވަނީ ކިހާވަރެއްގެ ހިތި ހަގީގަތެއް ކަމެއް ކިޔައިދީ އަމިއްލަ ބައްޕައާމެދު އިޝްވާގެ ހިތުގައި ކިލަނބުކަމެއް އުފައްދާކަށް އޭނާ ބޭނުމެއްނުވިއެވެ.
ހަގީގަތަކީ މުޅިދުނިޔެއަށް ނާޝިދަކީީ ރާހިލްއާ ޒީވާއަށް ބޭނުން ކޮންމެއެއްޗެއް ހޯދައިދޭ ލޯބިދޭ އަދި އަޅާލާ ބައްޕައެއް ކަމުގައިވިޔަސް ފަރުދާގެ ފަހަތުގައި ފޮރުވިފައިވަނީ އެހެން މަންޒަރެއްކަމެވެ. ނާޝިދަށް އަބަދުވެސްް ޒީވާއާއި ރާހިލް ފެންނަމުންދިޔައީ ވިޔަފާރި މުދާތަކެއްގެ ގޮތުގައި ކަމެވެ. ކުޑައިރުއްސުރެން އެދެކުދިން ދިޔައީ އެތައް ގޮތަކުން އިޝްވާއާ ތަފާތު ކުރެވެމުުންނެވެ. އިޝްވާއަށް ހުއްދަ އޮތް ކިތަންމެ ކަމެއްދިޔައީ އެދެކުދިންނަށް މަނާ ކުރަމުންނެެވެ. އިޝްވާއަށް އިހްތިޔާރު އޮންނަ ކިތަންމެ ކަމެއް ދިޔައީ އެދެކުދިންނަށް މަޖުބޫރު ކުރެވެމުންނެވެ. އެހެނެއްކަމަކު ޒީވާއާއި ރާހިލްގެ ހިތުގައި އިޝްވާއަށްޓަކައި އެއްވެސް ހިތް ބަރުކަމެއް ނެތެވެ.
ރާހިލްއަކީވެސް ތުއްތުއިރު އެތަކެއް އުއްމީދުތަކެއް ކުރި ޒުވާނެކެވެ. ވައިގެ ތެރޭގައި އުދުހިލައި، ދުނިޔޭގަ ވަށައި ދުއްވައިލެވޭ މަތިންދާ ބޯޓެއްގެ ކެޕްޓަނަކަށްވުމަށް އޭނާކުރީ ކިހާ ދިގު އިންތިޒާރެއް ހެއްޔެވެ؟ ވިލާތަކުގެ މަތިން އިރުއަރަމުން އަންނަ މަންޒަރާއި އިރުއޮއްސޭ މަންޒަރު ގާތުން ދެކިލުމަށް އޭނާ ދެކުނީ ކިހާ ފޮނިހުވަފެންތަކެއް ހެއްޔެވެ؟ ނަމަވެސް އެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގައިވެސް އެންމެ ބޮޑު ހުރަހަކަށްވީ ނާޝިދެވެ. މުސްތަގްބަލަށްޓަކައި އެންމެ ބޮޑު ނިންމުމެއް ނިންމަން ޖެހުނު ދުވަހު ޒީވާއާއި ރާހިލް ނާޝިދުގެ ކުރިމައްޗަށް ހާޒިރުކުރެވުނެވެ. އޭނާގެ ވިޔަފާރިއާ ހަވާލުވުމަށްޓަކައި ކޮންމެވެސް އެކަކު ވިޔަފާރިއާ ގުޅޭ ރޮނގަކުން ތައުލީމު ހާސިލްކުރުން މަޖުބޫރުކުރިއެވެ. އިޝްވާގެ ޝައުގުވެރިކަން ހުރީ ވިޔަފާރިއާ ގާނޫނުފަދަ ދާއިރާއަަކަށްކަން އެނގިހުރެވެސް ނާޝިދުގެ ވިޔަފާރީގެ ތެރެއަށް އިޝްވާ ވައްދާކަށް ބޭނުން ނުވީއެވެ. ގިނަފަހަރަށް ސިޔާސީ މީހުންގެ ވިޔަފާރިތަކަކީ އެމީހުން ކުރާ ގާނޫނާ ހިލާފު ފައިސާއާގުޅޭ މުއާމަލާތްތައް ފޮރުވުމަށް ބޭނުންކުރާ ވަސީލަތެއްކަން ރާހިލްއަށް އެނގެއެވެ. އަދި ނާޝިދުގެ އެފަދަ އަނދިރި ފަރާތެއްްް އިޝްވާއަށް އަންގަން ބޭނުންނުވަނީ ކަންވެސް ރާހިލްއަށް އެނގުނެވެ. ހުދު ރާހިލްވެސް އެފަދަ ޖަރީމާއެއްގައި ބައިވެރިވާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާ އެކަމުން ބަރީއަވެއްޖެނަމަ އެކަމުގެ ތެރެއަށް ވަންނަން ޖެހޭނީ ޒީވާކަން ރާހިލްއަށް އެނގުނެވެ. އެފަދަ ކަމެއްގައި ޒީވާ ޝާމިލުވާކަށް އޭނާ ނޭދެއެވެ. އަދި އެވެސް ޒީވާގެ އެންމެބޮޑު ހުވަފެން ކަމުގައިވާ ސިއްހީ ދާއިރާއިން ކުރިއަށް ދިޔުމުގެ އުއްމީދު ފުނޑުކޮށްލުމަށް ފަހުގައެވެ. އެހެންކަމުން ދެވަނަ ވިސްނުމަކަށްނުގޮސް ރާހިލް ނިންމީ އެ ޒިންމާ އޭނާގެ ކޮނޑު އަޅާށެވެ. އިޝްވާއާއި ޒީވާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި އޭނާ ދެކެމުންއައި ހުވަފެންތަކުގެ މަތިން ހަނދާން ނައްތައިލުމަށެވެ.
***********
ފޯނުގެ ސްކްރީނުން ފެންނަމުންދިޔަ އިންސްޓަގްރާމް ޗެޓަށް ބަލަހައްޓައިގެން އޮތް ޒީވާ ވަނީ ފުން ހިޔާލެއްގެ ތެރޭގައެވެ. އެއީ އޭނާއާއި ރިއާންގެ އިންސްޓަގްރާމް ޗެޓެވެ. އެ ޗެޓަށް އެންމެ ފަހުން ފޮނުވި މެސެޖުގައި ޒީވާ ވަނީ ރިއާންގެ ގެއަށް އޭނާ ގެންދެވުނުރޭ ވެދިން އިހްސާންތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އެ ޝުކުރުގެ މެސެޖަށް ރިއާންވަނީ ހަމައެކަނި “ޝުއަރ” އަކުން ރައްދު ދީފައެވެ. އެ ރައްދު ކިތަންމެ ކުރު ކަމުގައިވިޔަސް ޒީވާގެ ޝަކުވާއެއް ނެތެވެ. ރައްދެއް ލިބުނީތީވެސް އޭނާ އެކަމާ ޝުކުރުވެރިވެއެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އެދުވަހުގެ ކުރިން ފޮނުވައިފައިވާ މެސެޖުތަކަށެވެ. އެ ހުރިހާ މެސެޖެއްވެސް ގޮސްފައިވަނީ އޭނާގެ ފަޅިންނެވެ. ރިއާން އެ މެސެޖުތަށް ބެލިކަން އެނގުނުު ކަމުގައިވިޔަސް އެންމެ ރައްދެއްވެސް އެއިން މެސެެޖަކަށް ލިބިފައެއް ނުވެއެވެ. އެންމެ ފަހަށް ފޮނުވައިފައި އޮތް މެސެޖުގެ ތާރީހު ގުޅެނީ މީގެ ހަތަރު އަހަރު ކުރިއާއެވެ. އޭގެފަހުން ރިއާންވަނީ އެ އެކައުންޓްގައި ހުރި ކުރީގެ ޕޯސްޓްތައްވެސް ޑިލީޓް ކޮށްލައިފައެވެ. ހުސް ވިޔަފާރިއާގުޅޭ ޕޯސްޓްތައް ކުރަން ފަށައިފައެވެ.
ރިއާންއަކީ މިއަދު މުޅި ރާއްޖޭގެ ގިނަބައެއްގެ އިތުރުން ސަރަހައްދީ ގިނަ ވިޔަފާރިވެރިންވެސް ދަންނަ ފަރާތަކަށް ވާއިރު އޭނާގެ އެކައުންޓްގެ ފޮލޮވަރުންގެ އަދަދުވެސް ވަނީ ލައްކައަކަށްވުރެން މައްޗަށް އަރައިފައެވެ. ވީއިރު ރިއާން މިހާރު ކުރީގެ ޗެޓްތައް ޑިލީޓްނުކޮށް ނުހުންނާނެ ކަންވެސް ޒީވާއަށް އެނގެއެވެ. ކުރިއަށް ނުދެވިގެން އުޅެނީ އޭނާއަށެވެ. ރިއާން ފުރައިގެން ދިޔަރޭ ހިނގައިދިޔަ ކަންތަކަށްފަހު 4 އަހަރުވަންދެން ކޮންމެ ދުވަހަކު އޭނާ ރިއާންގާތު ރޮއެފައި ކުރި އާދޭހުގެ ހެކި ނައްތައިނުލެވިގެން އުޅެނީ އޭނާއަށެވެ. ނަމަވެސް މިރޭ އޭނާ އެކަން ކުރާނެއެވެ.
ޒީވާ ހިންދިރުވައިލުމަށްފަހު ރިއާންއަށް އޭރު ފޮނުވައިފައިހުރި މެސެޖުތަކުން ފަހަރަކު މެސެޖެއް ‘އަންސެންޑް’ ކުރަމުންގޮސް ހުރިހާ މެސެޖެއް ފޮހެލިއެވެ. އެކަމަށްޓަކައި އޭނާ ގަޑިއެއްހާއިރު ވޭތުކުރިއެވެ. އެންމެފަހުން އޭނާ ފޯނު ބޭއްވީ ރިއާންގެ ޗެޓުވެސް އެކީ ފޮހެލުމަށް ފަހުގައެވެ. އެއަށްފަހު ބާލީހުގައި ބައްދައިލަމުން އެއް އަރިއަކަށް އޮށޯތެވެ. ލޮލުގެ ހިމަކޮޅުން ފައިބައިގެންދިޔަ ކަރުނަތިތްކަށް ސަމާލުކަން ދިނުމެއް ނެތި ލޯމަރައިލަމުން ނިދޭތޯ މަސައްކަތްކުރިއެވެ.
***********
“އަޅެ އަހަރެން އެއްގޮތަކަށްވެސް ހަނދާނެއްނުވޭ ލަންޗަށް އަންނަން އެއްބަސް ވެވުނު ހަނދާނެއް.” ރާހިލްގެ ފަހަތުން މާލޭގެ ހުޅަނގު ފަރާތު ރެސްޓައުރެންޓެއްގެ މަތީ ފަންގިފިލާއަށް އެރި ޝައިނާ ކަންބޮޑުވެފައި ބުންޏެވެ.
“އަހަރެން މި ބުނީނު ގަބޫލު ނުކުރެވެންޏާ ކޯލް ހިސްޓްރީ ބަލާށޭ. އަހަރެން ރޭގަ ގުޅީމޭ” ރާހިލް އާދައިގެމަތިން ޝައިނާ އިށީނުމަށްޓަކައި ގޮނޑި ދަމައިލައިދެމުން ބުންޏެވެ. އެ ހަރަކާތާއެކު ޝައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ ރާހިލްގެ ކުޑަކުޑަ އާދައެއް ކަމަކަށްވިޔަސް އެފަދަ ކުދި ކުދި އާދަތަކަކީ ރާއްޖޭގެ ފިރިހެނުންގެ ފަރާތުން މަދުން ނޫނީ ނުފެންނަ މަންޒަރެއްކަމުން ޝައިނާއަށް އެކަން ހާއްސަވިއެވެ.
“އަހަރެންވެސް ކޯލް ހިސްޓްރީބެލީމޭ. އަހަރެން ނިދާފަ އޮއްވާ ގުޅާފަ އޮތީ.. އަހަރެންނަކަށް ނޭނގެ މި ލަންޗްގެ އިތުރަށް ކޮންކޮން ކަމަކަށް ކަންވެސް އެއްބަސް ވެވުނީ”
“ހާސްވާންޖެހޭ ވަރު ކަމަކާ އެއްބަހެއް ނުކުރުވަން އިނގޭ… ހަމަގައިމުވެސް އަހަރެންނާ އިންނާކަށް އެއްބަހެއް ނުވޭ.. ކިހިނެއް އަހަންވެސް ކެރޭނީ.. އެގަޑީގަ އަޑުވެސް އެހާ ލޯބި” ރާހިލް ގޮނޑީގައި އިށީނުމަށްފަހު ޝައިނާއަށް އެއްލޯ މަރައިލަމުން ބުންޏެވެ.
“އެއްކަލަ ރާހިލްގަނޑު.. ހޫމް ދެން މައްސަލައެއް ނެތޭ. ކޮން ވާހަކައެކޯ ދައްކަން އޮތީ؟ ތާރސްޑޭ ނައިޓް އަންނަންދެން ކެތްކޮށް ނުލެވުނީތަ؟” ޝައިނާ އަހައިލިއެވެ.
“ތާރސްޑޭ ނައިޓް؟” ރާހިލްއަށް އޮޅުނެވެ.
“ހޫމް. އެއްބަސް ވީމެއްނު؟ ސޮރީ ސޮރީ…. ގަދަކަމުން އެއްބަސް ކުރުވީމެއްނު؟ މާ ވަރުގަދަ ކެއުމަކަށް؟ ދައުވަތު ދޭ ކުދިން ގިނަކަމުން އޮޅުނީ ދޯ؟” ޝައިނާ ޖެއްސުމުގެ ރާގެއްގައި އަހައިލިއެވެ.
“ވަޓް؟ ނޫން. ނޫން. އެއީ މުޅިން އެހެން ވާހަކައެއް. އެވާހަކަ އެރެއަށް ބާއްވާ. އެހެންނޫނަސް ޝައިނާއަށް އެނގޭދޯ އަހަރެން މިފަހަކަށް އައިސް ކުދިންނަށް އިންވައިޓް ކުރުން ހުއްޓާލައިފިންކަން” ރާހިލްއަށް އަމިއްލަ ނަފްސު ދިފާއުކުރެވުނެވެ.
“ތިއެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ރާހިލް ބުނީތީ މިފަހަރު ގަބޫލު ކޮށްފިން. ދެން ކޮން ވާހަކައެއްތަ ނުދެއްކިގެން ތި އުޅެނީ؟” ޝައިނާ އެއްސެވެ.
“ޝައިނާއަށް މިފަހުން އިވުންތަ އެއްވެސް ވާހަކައެއް ޒީ އޭ ކިޔައިގެން؟ އައި މީން ޒީ.. ޒީ ގެ ބީ.އެފް އެއް ނުހުރޭ ދޯ؟” ރާހިލް ސުވާލު ކުރިއެވެ.
“އަހަން ތި އުޅެނީ ޒީއާއި ރިއާންގެ ކައިވެނީގެ ވާހަކަ ތަ؟” ޝައިނާ ހަމަޖެހިލައިފައި ބުންޏެވެ.
“ވަޓް؟ ޝައިނާއަށް އެނގޭތަ؟ އަހަރެންނަށް އެކަނިތަ މިވާހަކަ ނޭނގި ހުރީ؟ އަބަދުވެސް ކީއްވެތަ އެންމެން އަހަރެންނަށް އެއްޗެހި ސިއްރު ކުރަނީ؟” ރާހިލް ހިތްހަމަ ނުޖެހުނެވެ.
“އަހަރެންގާތު ޒީ ފުރަތަމަ ކައިވެނިކުރާ ވާހަކަ ދެއްކީމަ އަހަރެންވެސް ހިތްހަމަ ނުޖެހުނު. ކުޑަމިނުން ޒީއަށް އެއީ ކާކުކަންވެސް ނޭނގިހުރެ އެއްބަސްވީމަ ރުޅިވެސް އައި.. އެކަމަކު ޒީ ހުރީ ގޮތްދޫކުރާކަށް ނޫން. ފަހުން އަސްލު ވިސްނުނީ… މިފަހުން ހިނގި ކަންތައްތަކާހުރެ މީ ރަނގަޅު ނިންމުމަކަށްވެސް ވެދާނޭ.. އެހެންވެ އަހަރެންވެސް ފަހުން ބުނިން.. ޒީ ތިކަމަށް އޯކޭހާ ހިނދަކު އަހަރެންގެ ފުލް ސަޕޯޓް ދޭނަމޭ. އެކަމަކުވެސް ހިތާހިތުން ދުއާކުރިން ޒީގެ ހިޔާލު ބަދަލު ވޭތޯ” ޝައިނާ ބުންޏެވެ.
“މިފަހުން ހިނގި ކަންތައްތަކޭ؟ ތިބުނީ އެ އެސައުލްޓްގެ ވާހަކަތަ؟” ރާހިލްގެ ސުވާލަށް ޝައިނާ ބޯ ޖަހައިލިއެވެ.
“ވަޓް؟ އެވާހަކަވެސް ޝައިނާއަށް އެނގޭތަ؟؟ އެވާހަކަވެސް އެންމެ ފަހުން މި އިނގުނީ އަހަރެންނައްތަ؟ ކީއްވެ އަހަރެންގާތު ނުބުނީ؟” ރާހިލް ޝަކުވާ ކުރިއެވެ.
“ދައްތަ އަންގާފަ އޮތީ ބުނެގެން ނުވާނޭ.” ޝައިނާ ބުންޏެވެ.
“ހެއްްވާ އެނގޭ.. ޝައިނާއަށް މުހިއްމީ އަހަރެންތަ މަންމަތަ؟” ރާހިލް އެހިއެވެ.
“ދައްތައެއްނު.. ރާހިލް މުހިއްމު ވާންވީ ކީއްވެ؟” ޝައިނާ މައުސޫމުކަމާއެކު އަހައިލިއެވެ.
“އައުޗް..” ރާހިލް މޭގައި އަތް އަޅައިލަމުން އެކްޓް ޖައްސައިލިއެވެ. ބަދަލުގައި ޝައިނާ މޭޒުގެ ތިރިން ރާހިލްގެ ބޫޓަށް ފައިވާނުގެ ކަށި ހަރައިލުމުން ރާހިލް ހޭން ފެށްޓެވެ.
“އޯކޭ ފައިން.. އަހަރެންނަށް ފޮރުވައިފައި އޮތް އިތުރު ސިއްރެއް އޮންނާނެތަ؟” ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން އަހައިލިއެވެ.
“ހޫމްމްމް. ޒީ އެކްޗުއަލީ ލައިކްސް ރިއާން.. އަ ލޮޓް..” ޝައިނާ ވިސްނައިލުމަށްފަހު ބުންޏެވެ.
“ތިކަން އަހަރެންނަށް އެނގޭ.. ރޭގަ އިޝްކޮ ބުނި.. މަޑުކޮށްބަ.. ޒީއަށް މެރީ ކުރަން އުޅެވެނީ ކާކާކަން ނޭނގޭއިރު ޝައިނާއަށް އެއީ ރިއާންކަން އެނގުނީ ކިހިނެއް؟” ރާހިލް އެހިއެވެ.
“މިއަދު ހެނދުނު އިޝްކޮ ބުނީ ރިއާންގެ ފެމިލީއާއޭ ނާޝިދުބެމެން ވާހަކަދެއްކީ. އަހަރެންވެސް ހުރީ ހައިރާންވެފަ. ޒީއަށް އެހަބަރު ދޭންވެސް ހިތަށް އެރި. އެކަމަކު އިޝްކޮ ބުނެފި ޒީއަށް ސަޕްރައިޒަކަށް އެކަން ބާއްވާށޭ… މޮޅު ގޮތަކަށް ދެމީހުނަށް އެކަން އަންގަން. އަހަރެންނަށްވެސް އެ ހިޔާލު ވަރަށް ކަމުދިޔަ. އަސްލު ނަސީބެއްނު އެއީ ރިއާންއަށް ވީކަން” ޝައިނާގެ މޫނުމަތީގައިވާ އަސަރުތަކުން ރާހިލްއަށް އޭނާ ޒީވާއަށްޓަކައި އުފާވެފައިވާ މިންވަރު ފެންނަމުން ދިޔައެވެ. ނަމަވެސް ރާހިލްއަކަށް އެއީ އުފާވެރި ހަބަރެއް ނޫނެވެ.
“ނަސީބު ރަނގަޅޭ ތިބުނީ ޒީ ރިއާންދެކެ ލައިކްވާތީތަ؟” ރާހިލް ސުވާލުކުރިއެވެ. އޭނާގެ ނިތަށް ގިނަވި ރޫތަށް ޝައިނާއަށް ފޮރުވަން މަސައްކަތް ކުރަމުންނެވެ.
“ހްމްމް.. އަނެއްކާ ރިއާން އަކީ ކިހާ ރަނގަޅު މީހެއް.. އާއިލާ ދަންނަ ހަރުދަނާ ސްޓޭބަލް ތަނަވަސް ޒުވާނެއް. ޒިންމާދާރު.. ތައުލީމީ..”
“އިޝީއާ ދެމީހުން އެކައްޗެއް ކިޔަން ހިތުލައިގެންތަ ތި އުޅެނީ؟ އަހަރެންނަށް އެނގެޔޭ ހީ އިޒް އަ ރެސްޕޮންސިބަލް އެޑިއުކޭޓެޑް ރިޗް މޭން ކަން ބަޓް އެކަމަކު އެހާ އަނިޔާވެރި-” ރާހިލްގެ މޭޒުމައްޗަށް ވީއްލައިލި ގޮށްމުށުގެ އެތިފަހަރާއެކު މެދުކަނޑާލި ވާހަކައިން ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް ރާހިލްގެ މޫނުމަތީގައިވި ރުޅިވެރިކަމުން ޝައިނާއަށް އެއީ ތޯތޯ ވާހަކައެއް ނޫންކަން އެނގުނެވެ. އެހެންނޫނަސް ރާހިލްއަށްވުރެ ބޮޑަށް ރިއާންގެ ހަގީގަތް އެނގޭނެ އިތުރު މީހަކު ހުންނާނެ ހެއްޔެވެ.
ބުނެވިދިޔަ ވާހަކައިގެ ބުރަދަން އިހުސާސް ވުމާއެކު ރާހިލް ހާސްވާން ފެށިއެވެ. ފަހަތަށް ޖެހިލައި ގޮނޑީގައި ލެގިލުމަށްފަހު ދެއަތުން މޫނުގައި އަތް އުނގުޅައިލިއެވެ. ރިއާންގެ މާޒީއަކީ އޭނާ ކުރިން ދުވަހަކުވެސް އިތުރު މީހަކާ ހިއްސާކޮށްފައިވާ އަދި ކުރަން ބޭނުންވާވެސް މާޒީއެއް ނޫނެވެ. ރޭގަ އޭނާ އެހާވަރަށް ރުޅިއައިސްފައި ހުރި ވަގުތުވެސް އިޝްވާގާތުވެސް އެއިން ވާހަކައެއް ނުބުނެ ހިފަހައްޓައިލެވުނެވެ. ނަމަވެސް ޝައިނާގާތު އޭނާއަށް އެއްވެސް ޖެހިލުންވުމަކާ ނުލައި އެވާހަކަ ބުނެވެން އުޅުނީ ކީއްވެ ހެއްޔެވެ؟ އެންމެ ގާތް ރަހްމަތްތެރިޔާގެ ހަޔާތުގެ އެންމެ އަނދިރި ސިއްރު ހާމަކުރަން އެހާ ފަސޭހަވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ދުލުގެ މައްޗަށް އޮތް ކޮންޓްރޯލް އެހާ އަވަހަށް ގެއްލިގެން ދިޔައީ ހެެއްޔެވެ؟
ރާހިލްއަށް ނޭނގުނު ކަމަކީ އޭނާގެ ކޮންމެ ބަހެއް އަދި ކޮންމެ އަމަލެއްގެ ކޮންޓްރޯލް ގެއްލުވާލާފަދަ ބާރެއް ޝައިނާގެ ކިބައިގައި ވާކަމެވެ. އޭނާގެ ކޮންމެ އިހުސާސެއްގެ މައްޗަށް ގަދަވަމުން އަންނަ އިހުސާސެއްކަމުގައި ޝައިނާ ވަމުން އަންނަކަމެވެ.
“ރާހިލް. ރާހިލް ތިބުނީ ރިއާންއަކީ އަނިޔާކުރާ މީހެކޭތަ؟ އެހެންކަމަށްވާނަމަ ޒީއަށް މިހެން ކަންތައްވާން ދޫކޮށެއް ނުލާނަން.. ކޮންމެހެނެއް ހަދާފަވެސް އަހަރެން މި ކައިވެނި ހުއްޓުވާނަން” ޝައިނާ ބުންޏެވެ. މީގެ އިރުކޮޅެއްކުރިން އެ މޫނުގައިވި އުފާވެރިކަން ކަންބޮޑުވުމަށް ބަދަލުވެއްޖެއެވެ.
“ނޫން ނޫން އެހެނެއް ނޫން. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން..” ރާހިލްއަށް ނިތްކުރީގައި ހިފަހައްޓައިލެވުނެވެ. ޝައިނާއަށް ވަގުތުން ރާހިލްއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ.
“ރާހިލް…. ރާހިލް ހަމަ ޖެހިބަ.. އަހަރެންގެ ފަރާތުން މިވާހަކަ އިތުރު އެއްވެސް މީހަކަށް ނޭނގޭނޭ. ސޯ ޑޯންޓް ވޮރީ.. ރާހިލްއަކީ ގޯސް ރަހްމަތްތެރިއެއް ނޫން.. މިވަގުތު ރާހިލްއަކީ ހަމައެކަނި ކޮއްކޮގެ މުސްތަގްބަލަށް ވިސްނާ ރަނގަޅު ބޭބެއެއް! އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަ ރާހިލް. ރިއާން؟ އިޒް ހީ އެބިއުސިވް؟ ވަޔަލަންޓް؟” ޝައިނާ ރާހިލްގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.
“ނޫނެކޭ.. އިޓްސް.. އިޓްސް ކޮމްޕްލިކޭޓެޑް. އަހަރެންނަކަށް ކިޔާދޭކަށް ނޭނގޭ… މީގެ ކުރިންވެސް އަހަރެން އެއްވެސް މީހަކަށް ކިޔައެއް ނުދެން. އެކަންތައް އެއީ އެއްފަހަރަކު ހިނގި ކަމެއް.. އެކަމަކު އެރޭ އަހަރުމެންގެ ގޭގައި އޮތް ޕާޓީއެއް ނިންމާފާ ރިއާން ތަންކޮޅެއް އަވަހަށް ދިޔައީމަ… އަހަރެން ދިޔައީ ރިއާން ހޯދަން އެގެއަށް. ދިޔައިރު ރިއާންގެ ބައްޕަ އޮތީ ސިޑި ކައިރިން ބިންމަތީގަ. ބޮލުންނާއި އަނގައިންނާއި ހުރިހާ ތާކުން އަންނަނީ ލޭ. ފުރަތަމަ އަހަރެން ހީކުރީ ސިޑިން ވެއްޓުނީކަމަށް އެކަމަކު ދެން ފެނުނީ ރިއާން ދަނޑިބުރިއެއް ހިފައިގެން ހުރި ތަން. އެހިސާބުން އަހަރެންނަށް އެނގުނީ ރިއާޒްބެ ސިޑިންވެސް ކޮށްޕާލީ ރިއާންކަން. އިރުކޮޅަކު ހުއްޓާލައިގެން ހުރެފަ އަނެއްކާވެސް ރިއާންގޮސް ރިޔާޒްބެ ގައިގަ ތަޅަންފެށީ. އެރޭ ރިއާން ހުރީ ހަމައިގައެއް ނޫން. އަހަރެން.. އަހަރެންނަކަށް މާ ބޮޑަކަށް ވާނުވާއެއް ނޭނގޭ. އަހަރެންނަން ރިއާން ހިފެހެއްޓޭ ވަރުވީ ކިރިޔާ… އެރޭ ފުލުހުން ރިއާން ގެންދިޔަ އެކަމަކު ރިޔާޒްބެ ދައުވާ ނުކުރަން ނިންމި ހިސާބުން އެކަންތައް އޮބިގެން ދިޔައީ. ޑްރަގްސްގެ މައްސަލަ ދެން ރިޔާޒްބެގެ ނުފޫޒު ބޭނުން ކޮށްގެން ހިންދާލީ.. ބޭރަށް ރިހެބަށް ފޮނުވާ ގޮތައް. އޭގެ ކުރިންވެސް ރިހެބަށް ދިޔަ.. އެރޭ.. އެރޭ އިޓް ވޯޒް އަ ރީ-ލާޕްސް.. އަހަރެންނަށްވުރެން ކުރިން ރިއާން ފުރަން ޖެހުނީ އެހެންވެ. އެކޮޅުގަ ފަރުވާގެ ދެ އަހަރެއް ނިންމާފަ.. ބާކީބައި ކުރިއަށް ގެންދަމުން އޭނާ ކިޔެވުން ސްޓާޓް ކުރީ” ރާހިލް ކިޔައިދިނެވެ.
“އެކަމަކު މިހާރު ރިއާންގެ ތިއިން އެއްވެސް ކަމެއް ހުރި ހެނެއް ހިއެއްނުވޭ ދޯ. މީހަކަށް ބަލާލާފަ މީހެއްގެ ގޮތެއް ބުނާކަށް ނޭނގޭނެ. ދައްތަމެނަށް ތިކަން އެނގިހުރެތަ ޒީގެ ކައިވެނި ރިއާންއާ ކުރުވަން އެ އުޅެނީ.. ރާހިލް.. މިކަން ހުއްޓުވަން ހިނގާ..” ޝައިނާ ބުންޏެވެ.
“ނޫނޭ ޝައިނާ.. ތި ހީވަނީ އަދި މުޅިން ގޯސްކޮށް. ހީއިޒް ނައު ކޮމްޕްލީޓްލީ ރިކަވަރޑް..އަސްލު އަހަރެންނަށް އެނގިފަ އޮތް ގޮތުގަ މިކަމުގަ ވިކްޓިމްއަކީ ރިއާން… ރިޔާޒްބެ ރިއާންއަށާއި ރިއާންގެ މަންމައަށް ވަރަށް އަނިޔާ ކުރި… އަހަރެންވެސް ހަނދާންވޭ. ކުޑައިރު ރިއާންގެ ގައިގަ އަބަދުވެސް ހުންނާނީ ތަންތަން ނޫފައިގެންފަ…. ވެދާނެ ގޭތެރޭގެ ހަމަނުޖެހުމުން އެ މާހައުލުން އެސްކޭޕް ވާން ކަމަށްވެސް ޑްރަގްސްއަށް ދެވުނީ.. ރިއާންއަކީވެސް އޭރު ކުޑަކުއްޖެއް.. އެކަމެއް ފެށިއިރު އުމުރުން އެންމެ ފަނަރަ އަހަރު.. އެ އުމުރުގެ ކުދިން އަބަދުވެސް ހިޔާރު ކުރާނީ އެންމެ ފަސޭހަ އެސްކޭޕް މެތަޑެއް.. އޭރުވެސް އަހަރެންނަކަށް މިކަމުގެ ވާނުވާއެއް ނޭނގޭ…ފަހުން ފަހުން ރިއާންގެ އުޅުން ހުންނަގޮތުންް ކުޑަ ދުވަސްކޮޅަކަށް އަހަރުމެންގެ ގުޅުން ހީނަރުވި.. ބަޓް ހީ ވޯޒް ނެވަރ އަ ބޭޑް ފްރެންޑް.. އެންޑް ނެވަރ އަ ބޭޑް އިންފްލުއެންސް. އަހަރެންނަށް ރިއާންއަށް ފުރިހަމައަށް އިތުބާރު ކުރެވޭ. އެކަމަކު ޒީ ވީމަ.. ހިތަށް އަރަނީ ކަށީގައި ހިފައިފަ ހުންނަ އާދަތައް އެހާ ފަސޭހައިން ފިލައިގެން ދާނެބާއޭ..” ރާހިލް އޭނާގެ ކަންބޮޑުވުން ޝައިނާއާ ހިއްސާ ކުރިއެވެ.
“ރާހިލް.. ރާހިލްއަށް ރިއާންގެ ވާހަކަތައް ގަބޫލު ކުރެވޭތަ؟ ރިއާންއަކީ ވިކްޓިމްއެއްކަން ގަބޫލު ކުރެވޭތަ؟” ޝައިނާގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ.
“ރިއާން އެއިން ކަމެއްގެ ތެރެއަށް އަނބުރާ ގޮސްދާނެކަމުގެ ކުޑަވެސް ޝައްކެއް ރާހިލްއަށް އެބަ އޮތްތަ؟ މިބުނީ ރިއާން މެރީ ކުރަނީ ޒީވާ ނޫން އެހެން މީހަކާ ކަމަށްވިނަމަ އެމީހަކަށް ރިއާންއާ މެރީ ނުކުރަން ރާހިލް އެޑްވައިޒް ކުރާނަންތަ؟” ޝައިނާ އެހިއެވެ.
“ނޫން.. ރިއާންއާ ނީންނާށޭ ބުނަންވީ ކީއްވެ؟.. އަހަރެންނަށް އެނގޭ ރިއާން ކޮމްޕްލީޓްލީ ޗޭންޖްޑް ކަން އެކަމަކު އަހަރެން.. ޒީ-”
“ސީ ރާހިލް.. އިޓްސް އޯކޭ. ހީ އިޒް ގުޑް. އަހަރެން ދެކޭ ގޮތުގަ ރިއާންގެ ބައްޕައާމެދު ތި ހަމަނުޖެހުމެއް ހިނގިއިރު ރިއާން ހުރީ ކޮންމެ ހާލަތެއްގައި ކަމަށްވިޔަސް.. އެކަމުގެ ސަބަބުން އެނގެނީ ރިއާންގެ ހިތް ސާފު މިންވަރު.. އެވަގުތު އޭނާ ހުއްޓުވީ ބައްޕަ މަންމައަށް ކުރަމުންދިޔަ އަނިޔާ… އެކަމުން އަންގާދިނީ އެ އަނިޔާއަށް އޭނާ ނަފްރަތު ކުރާ މިންވަރު…. އެ އަނިޔާއިން މަންމަ ސަލާމަތްކުރަން ބޭނުންވެފަ ހުރި މިންވަރު.. އެފަދަ މީހަކު އަމިއްލަ އަނބިމީހާއަށް އަނިޔާކުރާނޭ އަހަރެންގެ ހިތެއް ނުބުނޭ. ރިއާންއަށް އެކަން ވާނީ އެއަށްވުރެން ސެންސިޓިވް ކަމަކަށް” ޝައިނާ ބުންޏެވެ.
“ބަޓް.. ހީ އިޒް ސޯ ޑެމޭޖްޑް… ވަޓް އިފް ހީ ޑިސްޓްރޯއިސް ހަރ އިން ދަ ޕްރޮސެސް..” ރާހިލް ބުނެލިއެވެ.
“ރާހިލް.. ހުރިހާ ބާރެއް އޮތީ ރާހިލްގެ އަތްމަތީގަ… ރާހިލް ބޭނުންނަމަ ޒީގެ ކައިވެނި ހުއްޓުވޭނެ. އެކަމަކު 9 އަހަރު ރާހިލް. 9 އަހަރުވަންދެން އަހަރެން ޒީގެ ފްރެންޑެއް ގޮތުގަ ހުރިއިރު ހިނދުކޮޅަކަށްވެސް ރިއާން ނޫން މީހަކާ ދޭތެރޭ ޒީ އެކަހަލަ ގޮތަކަށް ވިސްނާލި ހަނދާނެއްވެސް ނުވޭ. ޒީގެ ހިތުގަ ރިއާން ވަރަށް ހާއްސަ. އެއީ ޒީގެ އުފާވެރިކަން. ރާހިލްއަށް އެނގޭނީ އެ އުފާވެރިކަން ޒީއަށް ދޭނީތޯ ނޫންތޯ.. އެހެންވެއްޖެނަމަ ޔޫ އަރ އޮލްސޯ ގިވިންގް އަ ޗާންސް ޓު ރިއާން. ޓު ލެޓް ގޯ އޮފް ހިޒް ޕާސްޓް. ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެ. އެކަކީވެސް އެންމެ ފުރިހަމަ އިންސާނެއް ނޫން.. މާޒީގެ ހިޔަންޏަކީ މުސްތަގްބަލަށް އެޅޭ ހުރަހެއް ކަމަށް ނުބަލަމާ” ޝައިނާގެ އެތައް މަސައްކަތަކުން ރާހިލްއަށް ވިސްނައިދެވުނެވެ.
ދެ ޒުވާނުން އެކި ވާހަކަތަކުގައި އިނދެ ފިނި ބުއިންތަކަށް އިންސާފުކުރަން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ރާހިލްގެ ނަޒަރު ޝައިނާގެ ފަހަތުގައި ހުރި މީހަކަށް ހުއްޓުނުހެން ހީވެ ޝައިނާ ފަހަތް ބަލައިލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


