Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (12 ވަނަބައި)

Anya Level 310 Stories100 Login
December 11, 2025 13 Mins Read
2 Comments

ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވަމުންދާ ވަރަކަށް ރާހިލްގެ ކަޅި އެކި ދިމަދިމާލަށް ދަތުރުކުރަން ފެށިއެވެ. ހިތް އަވަސްވެފައިވާ މީހެއް ފަދައިން ފައި ތަޅުވާާލަ ތަޅުވާލައި އިނދެ އިރުއިރުކޮޅާ މެހެމާނުން ވަންނަ ދޮރާ ދިމާލަށް ބަލައިލައެވެ.

“ކާކު ހޯދަނީ. ޝައިނާތަ؟” ރިއާން ރާހިލްގެ ގާތަށް ގޮނޑި ޖައްސައިލަމުން އަހައިލިއެވެ.

“އަހަރެން ކީއްކުރަން އޭނަ ހޯދަންވީ؟ ތިހެން ބުނީމަ މި ހަނދާންވީވެސް. ކޮބާތަ އޭނަ؟ މި ޕްރޮޖެކްޓްގެ ބާނީއެއް ނޫންތަ އެއީ؟” ފުރުސަތުގެ ބޭނުންހިފައި ރާހިލް އަހައިލިއެވެ. ރާހިލް އޮޅުވައިލަން މަސައްކަތްކުރި ނަމަވެސް ރިއާންއަށް ރާހިލް އޭރުވެސް ހޯދަމުން ދިޔައީ ޝައިނާކަން އެނގުނެވެ.

“ނޭނގެ. ވަރަށް ލަސްވަންދެން މިތަން ސެޓްކުރުމުގަ އޭނާ އުޅުނީ އެކަމަކު މިހާރު މިނިސްޓަރ އަންނަންވެސް ފަސް މިނަޓަށްވީ. ހިއެއްނުވޭ ކަމަކާނުލާ އިވެންޓް މިސް ކޮށްލާނެހެނެއް. އޭނަގެ ޕްރެޒެންޓޭޝަންވެސް އޮންނާނެ އަހަރެންގެ ސްޕީޗް ނިންމާފަ” ރިއާން ފޯނު ނަގައި ޝައިނާއަށް ގުޅައިލިއެވެ. ފުރަތަމަ ރިންގާއެކު ޝައިނާ ފޯނު ނެގިއެވެ. ރިއާންގެ މޫނަށް އަރައިގެންދިޔަ ރޫތަކުގެ ސަބަބުން ރާހިލް އިނީ ފޯނުގެ އަނެއް ފަރާތުން ދައްކަމުންދިޔަ ވާހަކަތައް އެނގެން ކެތްމަދުވެފައެވެ.

“ބޭރުގަޔޯ. އަޅެ ހިނގާބަ މަށާ އެއްކޮށް. އެބަ އަންނަން” ރިއާން ރިޔާޒްމެނަށް ބޯ ޖަހައިލުމަށްފަހު ކޯޓުގެ ގޮށްއަޅުވައިލަމުން ހިނގައިގަތެވެ. ރިއާންގެ ފަހަތުން ރާހިލްވެސް ހަލުވި ފިޔަވަޅުތަކެއްގައި އެ މާލަމުން ނުކުތެވެ.

ވަކި ހިސާބަކަށް ދެވުނު އިރު ލިފްޓް ކައިރީގައި މަޑުކޮށްލައިގެންހުރި ޝައިނާފެނި ރާހިލްގެ ދެފައި އޮޅި ވެއްޓެން ނުދިޔައީ ކިރިޔާއެވެ. އޭނާގެ ފިޔަވަޅުތައް އިހްތިޔާރަކާނުލައި ލަސްކޮށްލެވުނެވެ. ކަނޑުނޫކުލައިގެ ލޭސްފޮތިން އެކީއެކައްޗަކަށް ޖަރީކުރެވިފައިވާ ކަޅުކުލައިގެ ޖަމްޕްސޫޓް ހެދުމުގައި ޝައިނާގެ ފަރާތުން ފެންނަނީ ދުނިޔެމަތީގެ ކަމެއްހެންވެސް ހީނުވާފަދަ ރީތިކަމެކެވެ. ހެދުމުގެ މަތީބައި ނިމޭ ހިސާބުން އުނަގަނޑުގައި ރިހިކުލައިގެ ހިމަ ބެލްޓެއް އަޅައި ތިރި އާދަޔާހިލާފަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ހެދުމުގެ ތިރީބައި ފަރުމާކޮށްފައިވަނީ ދެފަޔަށް ވަކިން ކަމުގައިވިޔަސް އެކީ އެކައްޗަކަށް ފަހައިފައިވާ ވަށްތިރިއަކާ ތަފާތެއް ނެތެވެ. ހެދުމުގެ އަތްވެސް ވަނީ ތިރީބައެކޭ އެއްފަދައިން އުޅަނބޮށްޓާއި ހިސާބަށް ދިގުކޮށް ގެނެސް ދޫކޮށްލައިފައެވެ. ބައްދާލެވިފައިވާ ކަރާއި ގުޅޭނެހެން އިސްތަށިގަނޑު އުސްކޮށް އައްސައިލެވިފައިވުމުގެ ސަބަބުން ކަންފަތުގައި ލައްވާފައިވާ ބޮޑު ރިހިކުލައިގެ ބޮޅަށް އެކަށީގެންވާ ސަމާލުކަމެއް ލިބެމުންދިޔައެވެ.

ޝައިނާހުރި ހިސާބާ ގާތަށް އާދެވުނު ވަރަކަށާ ރާހިލްގެ ނަޒަރު އެމޫނުން ވަކިކޮށްލުން އުނދަގޫވަމުން ދިޔައެވެ. އެހެންޏާ ހަމައެކަނި މަސްކަރާއަކުން ފުއްދާލާ ދެލޮލުގައި ނުލާއި ރިހިކުލަ ރަމްޒުވާފަދަ ސްމޯކީ މޭކަޕެއްކޮށް އަނދުން އަޅައިފައި ހުރުމުގެ ސަބަބުން އެދެލޮލުން އާދަޔާހިލާފު ދަމާބާރެއްގެ އިހުސާސް ރާހިލްއަށް ކުރެވެމުން ދިޔައެވެ. އަދި އެ އިހުސާސްގެ ސަބަބުން މޭފިތި ނޭވާލާން އުނދަގޫވާން ފެށިއެވެ.

“އަހަރެން ހާސްވަނީ. އަހަރެންނަށް ކަމެއް ދޫކޮށްލެވިފަ އިނިއްޔާއޯ؟ ލައިޓިންގް. ސައުންޑް. ޑެކޯ. ކަމެއް ގޯސްކޮށް ކުރެވިފަ އިނިއްޔާއޯ؟ އޯ ގޯޑް. ވަޓް އިފް ދިސް ގެޓްސް ރުއިންޑް؟” ޝައިނާ ހާސްވެފައިހުރެ ރިއާންއާ ވާހަކަދެއްކިއެވެ. އެ ހާސްކަމުގެ ސަބަބުން އޭނާއަށް އެތެރެއަށް ވަންނާނެހާ ހިތްވަރުވެސް ނުލިބެނީއެވެ.

“ޝައިނާ ހަމަޖެހިބަ!! ދެން ތި ހުރިހާ ކަމަކާ ވިސްނުމުގެ ބޭނުމެއް ނެތެއްނު. ޔޫ މެނޭޖްޑް ޓު އޯރގަނައިޒް މި މުޅި ޕްރޮޖެކްޓް. މި އިވެންޓަކީ އެޔާ ބަލާފަ ކޯއްޗެއް. އަހަރެންނަށް ޔަގީން މިކަހަލަ އިވެންޓެއް ޝައިނާހާ ފުރިހަމައަށް އޯރގަނައިޒް ކުރެވޭނެ އެކަކުވެސް މި އިވެންޓަކަށް ނާންނާނެކަން.. އެހެންނޫނަސް އަހަރުމެން މިއައީ އެތެރޭގަ ތިބެފަ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ. ދޯ ރާހިލް؟” ރިއާން ރާހިލްއަށް ދޯ ދިނެވެ. ނަމަވެސް ރާހިލްއަށް ރިއާންކީ އެއްޗެއް ނީވޭ ކަހަލައެވެ. ކަޅި ޖަހާނުލައި އޭނާއަށް ޝައިނާއާ ދިމާލަށް ބަލަން ހުރެވުނީ އެއީ ދުނިޔެ މަތީގައިވާ އަށްވަނަ އަޖައިބު ފަދައިންނެވެ.

“އެހެމް އެހްމް. ދޯ ރާހިލް.” ރާހިލްގެ ސަމާލުކަން ހޯދުމަށްޓަކައި ރިއާން ކަރުކެހިލިއެވެ.

“އޭނ ކީކޭ؟ އާނ ޔެސް… ޔެސް ޔޫ ލުކް ގުޑް” ރާހިލް ދިނީ ސުވާލާ ނުވެސް ގުޅޭ ޖަވާބެކެވެ. ރިއާންއަށް ފުންނޭވާއެއް ދޫކޮށްލަމުން ނިތްކުރިއާއި ނޭފަތް ގުޅޭ ހިސާބުގައި ހިފަހައްޓައިލެވުނެވެ. އޭނާ ދެއްކި އެންމެ ވާހަކައެއްވެސް ރާހިލްއަށް ނީވޭކަން އެނގުނެވެ. އެވަރަކުން އަދި އެކަމާ މުޅިން ނުގުޅޭ ޖަވާބެއް ދޭން ޖެހޭ ހެެއްޔެވެ؟

“އައި މީން ދަ އިވެންޓް ރާހިލް” ރިއާން ތަކުރާރު ކޮށްލިއެވެ.

“އޯހް.. އޯ ޔެސް ޔެސް އެވްރީތިންގް އިސް ޕާފެކްޓް. ނަތިންގް ޓު ވޮރީ އަބައުޓް ރިއަލީ. އެކްސެޕްޓް.. ޔޫ މައިޓް ހިޕްނޮޓައިޒް ސަމް މެން އައުޓް ދެއާ.” ރާހިލްގެ ޖަވާބުން ޝައިނާގެ ނިތަށް ރޫތައް ގިނަވިއެވެ. ރިއާންވެސް ކައިރީގައި ހުއްޓާ ރާހިލް އެފަދަ ގޮތަކަށް އޭނާއާ ‘ފްލަރޓް’ ކުރަނީ ހެއްޔެވެ.

“ރާހިލް ރިއަލީ؟ މީ ސަމާސާ ކުރަންވީ ގަޑިއެއް ނޫނޭ” ޝައިނާ ކުރިއަށް ޖެހިލަމުން ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“އެބްޒޮލިއުޓްލީ ޔެސް ޝައިނާ. އެގްރީޑް ދެޓް އިޓްސް ނޮޓް ޓައިމް ޓު ޖޯކް. އިޓްސް ޓައިމް ފޯރ ދަ މިނިސްޓަރ ޓު އެރައިވް ސޯ ޕްލީޒް. ލެޓް އަސް އޯލް ގޯ އިންސައިޑް.” ރިއާން އެދެމެދުގައި ޒުވާބެއް ނުފެށެންދެން ހުއްޓުވިއެވެ. ޝައިނާވެސް ރިއާންގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް އެހިނގުމުގައިވާ ޖެހިލުންވުން ފާހަގަ ކުރެވި އެންމެ ފަހަތުގައިހުރި ރާހިލް ދުވެލައިފައި އައިސް ޝައިނާއާ ހަމަކޮށްލިއެވެ.

“ހޭ. އަހަރެން އަސްލުވެސް މީން ކޮށްފަ ބުނީ. ސަމާސާއަކަށްނޫން. ޔޫ ލުކް ޑޭންޖެރަސްލީ ބްރެތްޓޭކިންގް. އައި މީން ޔޫ ޓުކް މައި ބްރެތް އަވޭ. ލިޓެރަލީ..” ކުރީގައިހުރި ރިއާންއަށް ނީވޭނެހެން މަޑުމަޑުން ޝައިނާގެ ކަންފަތް ދޮށުގައި ރާހިލް ބުނެލިއެވެ.

“ތޭންކްސް އައި ގެސް” ރާހިލްގެ ބަސްތަށް އިވުމާއެކު ކޮށްފައިވާ މޭކަޕާއެކުވެސް ޝައިނާގެ ދެކޮލަށް ހޫނުވެ ޖަންބުކުލަ އަރައިގެން ދިޔައެވެ. އެ މަންޒަރު ރާހިލްއަށް ފޮރުވުމަށްޓަކައި ތުންފަތުގައި ދަތް އަޅައިލަމުން އިސްޖަހައިލިއެވެ. ނަމަވެސް އެ ހަރަކާތް ރާހިލްގެ ލޮލުގައި އަޅައިގަތެވެ. އިސާހިތަކު ކުރިންރޭ އެދެމީހުންގެ ދޭތެރޭ ހިއްސާކުރެވުނު ވަގުތުކޮޅު ހަނދާންވުމާއެކު އޭނާގެ ހިތް އަވަސްވެ ހަށްޓަށް އުދާސްކަން ވެރިވާންފެށިއެވެ. އެ ތުންފަތުގެ މީރުކަން އަދިވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވިއެވެ. އެސިކުނޑި އަމިއްލަ ބާރުގެ ދަށަށް ގެނައުމަށްޓަކައި ރާހިލް ފަޓުލޫނުގެ ޖީބުގައިވާ އަތް މުއްކަވައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި މިފަހަރު ރިއާންއަށްވެސް އިވޭނެ ފަދައިން ދެއްކޭނެ ގޮތަކަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

“ސޯ އައި ގެސް އިޓްސް ޔޯ އޯން ޑިޒައިން؟ ދަ ޑްރެސް؟” ރާހިލް އަހައިލިއެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އޭނާބެލީ ޝައިނާއާ ވާހަކަ ދެއްކޭތޯއެވެ.

“ހްމްމް.” ޝައިނާ ކުރުކޮށް ޖަވާބު ދިނެވެ.

“ވަރަށް ރީތި. ކަންފަތުގަ އިން ހޫޕް ތި ހެދުމާ ވަރަަށް ގުޅޭ. ޔޫ ލުކް ޕާރފެކްޓް” ރާހިލްގެ ތައުރީފުގެ ބަސްތައް އިވުމާއެކު ރިއާންގެ ގާތަށް ހިނިއައި ނަމަވެސް އޭނަ ކެއްސުމަކުން އެކަން ފޮރުވައިލިއެވެ. އޭރު އެމީހުންނާ ތިބެވުނީ މާލަމުގެ ތެރޭގައެވެ.

“ތޭންކްސް. އެކަމަކު ތިހެން ކޮށްލާ ތައުރީފަކަށް ދޭ ރައްދަކުން ހީނުކުރާތި އަހަރެން މާފު ކުރީއޭ.” ޝައިނާ ބުންޏެވެ. އަދި ރިއާންމެންނާ ދުރުގައި އޭނާ އިށީނުމަށް ހަމަޖެހިފައިވާ މޭޒާ ދިމާލަށް ދިޔައެވެ. އެތަނުގައި ހޮޓެލްގެ މެނޭޖަރުގެ ހައިސިއްޔަތުން ރާފިއުވެސް އިނެވެ.

ޝައިނާ އިށީނުމާއެކުހެން ރާފިއު ޝައިނާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިގޮތުންނާއި، ރައްދުގައި ޝައިނާ ރާފިއުއަށް ހިނިތުންވެލިގޮތުން އެކުރީ ތައުރީފެއްކަން ރާހިލްއަށް ޔަގީންކުރެވުނެވެ. ރިއާންއާއެކު ހިނގައިގަތް އިރުވެސް އޭނާގެ ނަޒަރު ޝައިނާމެން ތިބި މޭޒާ ވަތްކެއް ނުކުރެވުނެވެ. ގޮނޑީގައި އިށީނދެވުމުން މޭޒުމަތީގައިހުރި ނަން އަލްކޮހޮލިކް ސްޕާރކްލިންގް ޑްރިންކް ތަށި ނަގައި އެއްފަހަރުން ހުސްކޮށްލިގޮތުން ހީވީ ޝައިނާ ފެނުނީއްސުރެ އިހުސާސް ކުރެވެމުންދިޔަ ކަރުހިއްކުމުގެ އަސަރު އެކީހެން ފިލުވައިލާން އުޅުނު ހެންނެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރުގެ އިތުރުން އަތޮޅުގެ މެންބަރުންނާއި ގިނަ އަދަދެއްގެ ސީޔާސީބޭފުޅުން އަދި ވިޔަފާރިވެރިން ބައިވެރިވި އޯޝޭނިއާ ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތު ކާމިޔާބު ކަމާއެކު ނިންމައިލެވުނެވެ. ފޮޓޯ ނެގުމުގައި އުޅުނު މަދު ބަޔަކު ފިޔަވައި ދެންތިބިމީހުން ގޮސް ތަނުން މީހުން މަދުވާން ފަށައިފިއެވެ.

“އޯކޭ ޓީމް ފޮޓޯ. އާދޭ އެންމެން.” ރާހިލް ހޮޓެލްގެ މަސައްކަތުގައި އުޅުނު ލޯކަލް ޓީމުގެ އިތުރުން ޝައިނާއާއި ހެޑްއޮފީހުގެ ދެ މުވައްޒަފުންނަށް ގޮވައިލިއެވެ. ފޮޓޯގްރަފަރގެ އިރުޝާދާ އެއްގޮތައް ހުއްޓި ޓީމް އެކުގަޔާއި ވަކިވަކި މީހުންނާއެކު ފޮޓޯ ނެގުމުގައި އުޅުނެވެ. އެގޮތުގެ މަތިން ރާހިލްއާ ޝައިނާވެސް އެކުގައި ފޮޓޯ ނަގަންޖެހުނެވެ.

“ވޮއާ” އެދެމީހުން އެކުގައި ކެމެރާގެ ލެންސަށް އެރި ވަގުތު ފޮޓޯނަގަން ހުރި އަންހެން ކުއްޖާއަށް މަޑުމަޑުން ބުނެވުނެވެ. އެހެން މީހުނެކޭ އެއްގޮތައް ކައިރީގައި ހުއްޓިލައިގެން ހުރެ ފޮޓޯއެއް ނެގުމަށްފަހު ދާން އުޅުނު ވަގުތު ފޮޓޯ ނަގަން ހުރި ކުއްޖާ އެދެމީހުންނަށް ގޮވައިލިއެވެ.

“އެކްސްކިއުޒް. ސޮރީ. ކޭން ޔޫ ޕޯޒް ފޯރ އަ ފިއު މޯރ ފޮޓޯޒް؟ އަސްލު ލޭޑީގެ ހެދުމާ ޖެންޓްގެ ސޫޓާ ވަރަށް ގުޅޭ. ދަ ލުކްސް އެންޑް ފީޗަރޒް. ހަމަ އައިޑިއަލް މެގެޒިން ކަޕްލް އަކާ ދިމާވިކަހަލަ. ބޭނުމިއްޔާ އަޅުގަނޑު ފޮޓޯތައް ދީފާނަން. އެކަމް ތިދެމީހުންގެ ހުއްދައާއެކު ހަމަ އަޅުގަނޑުގެ ޕޯރޓްފޯލިއޯ އަށް އެޑް ކޮށްލަންވެގެން” އެމީހާ އަދަބުވެރިކަމާއެކު ބުނިގޮތުން އެދެމީހުންނަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެއީ މާބޮޑު މާނައެއްނެތް ފޮޓޯ ތަކެއްކަމުގައި ދެމީހުންވެސް ނިންމިއެވެ.

“ޝައިނާ ބޭނުމިއްޔާ ނޫނެކޭވެސް ބުނެވޭނެ އިނގޭ. މިހާރު ހުއްޓާލަން ބޭނުންވިޔަސް” ރާހިލް ހުރީ ޝައިނާ ހިތްހަމަނުޖެހިދާނެތީ ކަންބޮޑުވެފައެވެ.

“އިޓްސް އޯކޭ ރާހިލް. އަހަރުމެން ދޭތެރޭ ޖެހިފައި އޮތީ މުޅިން އެހެން މައްސަލައެއް. އެކުއްޖާ ކިހާ ނައިސް. އެންޑް ޔަންގް ކިހިނެއް އެނގެނީ މިއީ އޭނަގެ ޕޯރޓްފޯލިޔޯއަށް ކިހާ މުހިއްމު ފޮޓޯތަކެއް ނޫން ކަމެއްވެސް.” ޝައިނާ ބުންޏެވެ. އަދި ފޮޓޯ ނެގުމައިގެން ކުރިއަށް ދިޔައެވެ.

“އޯކޭ. ކުޑަކޮށް ކައިރިވެލާ. ޔެސް. ކޮނޑުމަތިން މިކޮޅަށް. ޔެސް. ކުޑަކޮށް ލޭޑީގެ ވެއިސްޓްގަ ރައިޓް ހޭންޑް އަޅުވާލާ ތްރީ ޓޫ ވަން. ބިއުޓިފުލް. ޔެސް އަދި ވަންސް. ވާއު މާވެލަސް.. ކުޑަކޮށް ކައިރިއަށް. ޔެސް ޕަރފެކްޓް” ފޮޓޯ ނަގަމުން ދިޔައީ އެތަށް ބައެއްގެ ކުރިމަތީގައި ކަމަށްވިޔަސް ހުންނަން ޖެހުނު ގާތްކަމުގެ ސަބަބުން ރާހިލްއަށް އެކަމުން އަސަރުތަކެއް ކުރުވައިފިއެވެ. ފޮޓޯ ނެގުމަށްޓަކައި ޝައިނާއާ ގާތްވެލަންޖެހޭ ކޮންމެ ފަހަރަކު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަމަވެސް އެ އިހުސާސް ތަކަކީ ކުރީރޭ ހިނގައިދިޔަ ކަންތަކުގެ ސަބަބުން އުފެދެމުންދާ ވަހުމެއްކަމަށް އޭނާ ދިޔައީ ހިތަށް ވިސްނައިދެމުންނެވެ.

އެންމެފަހު ފޮޓޮއަށް ހުއްޓުންވަގުތު ޝައިނާގެ ކަރަށް ރާހިލްގެ ހޫނު ނޭވާ އެޅިގެން ދިޔުމާއެކު ޝައިނާގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނުފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ރާހިލްގެ ގައިން ދުވަމުންދިޔަ މޮންޓް ބްލެންކް ސެންޓުގެ މީރުވަސް ނޭފަތުގައި ޖެހުމާއެކު އޭނާއަށް ބޭއިހްތިޔާރުގައި ދެލޯ މަރައިލެވުނެވެ. އެވަގުތުކޮޅު ދިގުދެމިގެން ދިޔުމަށް އެދެވުނު ނަމަވެސް ފޮޓޯ ނަގަން ހުރި ކުއްޖާ އެމަންޒަރު ނަގައި ނިމިއްޖެކަން އެނގުމާއެކު ޝައިނާއަށް ކުއްލިއަކަށް ދެލޯ ހުޅުވައިލެވުނެވެ. އޭރު ރާހިލްވެސް އޭނާގެ ގައިން ދޫކޮށްލަނީއެވެ. އޭނާގެ މޫނަށް ބަލައިލުމެއްވެސް ނެތި ރާހިލްގޮސް ތަންކޮޅެއް ދުރުގަިއ މަޑުކޮށްލިއެވެ. ރާހިލްގެ ހަރަކާތްތަށް އަވަސްވެފައި މޫނުން ފެންނަންހުރި ހާސްކަމުގެ ސަބަބުން ޝައިނާއަށް އެދިމާލަށް ހިނގައިގަނެވުނެވެ.

“ރާހިލް.. އޯކޭތަ؟ ކެމެރާ ފެނުނީމަ ހާސްވަނީތަ؟” ޝައިނާއަށް އެވަގުތު ފުރަތަމަ ވިސްނުނު ގޮތް އަހައިލިއެވެ.

“ނޮޓް އެޓް އޯލް ހަހަ. ޑޫ ޔޫ އިވަން ސީ މީ؟ އައިމް މޭޑް ފޯރ ކެމެރާޒް” ރާހިލް އާދައިގެ މަތިން އޭނާގެ އަމިއްލަ ނަފްސަށް ތައުރީފު ކޮށްލިއެވެ. ޝައިނާ ފޫހި ގޮތަކަށް ކަޅި އަނބުރައިލުމަށްފަހު އެތަނުން ދާން ހިނގައިގަތީ ރާހިލްއަށް އެއްވެސް ކަމެއް ނުވާކަމުގައި ޔަގީން ކުރަމުންނެވެ.

“މަޑުކޮށްބަ” ޝައިނާ ދުރަށް ހިނގައިގަތް ވަގުތު ރާހިލް ޝައިނާގެ އަތުގައި ހިފައިލިއެވެ. ޝައިނާ ކުޑަކޮށް ފަހަތަށް އެނބުރިލަމުން އެއްފަހަރު ރާހިލްއަށް އަނެއްފަހަރު އެދެމީހުންގެ އަތަށް ބަލައިލިއެވެ.

“ސޮރީ” ރާހިލް އަވަސް އަވަހަށް ޝައިނާގެ އަތުން ދޫކޮށްލިއެވެ.

“އަސްލު އަހަރެން ބޭނުންވީ މާފަށް އެދެން. ރޭގަ ވީ ކަންތަކަށް. އައި ވޯޒް އަމް.. އިޓް ވޯޒް އަމް.. އައި ޖަސްޓް.. އިޓްސް އަމް…. ޝައިނާ ތިހިރީ އަހަރެންދެކެ ރުޅި އައިސްފަތަ؟” ދެއްކޭނެ އުޒުރެއް ސިކުނޑިއަށް ނައުމުން ރާހިލް އަވަސް އަވަހަށް އަހައިލިއެވެ.

“އަހަހ. ތީ ސަމާސާ އެއްތަ؟ ރާހިލް. އަހަރެންގެ ބަހާއި އަމަލުން… އަހަރެންގެ ދެލޮލުން.. ރާހިލްއަށް އަހަރެން ރުޅިއައިސްފަހުރި ވަރު ނުފެންނަންޏާ ރާހިލް އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ. އަހަރެން ރުޅި އަންނަވަރުގެ ކަމެއް ކުރެވުންތޯ. ރާހިލް އަހަންނަށް ހެރެސް ކުރީތީ މައްސަލަ ނުޖައްސާ ކަމަށްޓަކައިވެސް ޝުކުރު ކޮށްބަލަ.” ޝައިނާ ދަތްކުނޑިވިކައިލަމުން ބުންޏެވެ.

“އޯކޭ ވައު. ސޯ މިހާރު ޝައިނާ ތި ހެދީ އަހަރެން ޝައިނާއަށް ހެރެސް ކުރި ކަމަށްތަ؟ އަހަރެން ހިއެއް ނުކުރަން މީ އެހާ ފުންކޮށް މާނަ ނަގަންޖެހޭ ކަމެއް ކަމަކަށް. ފޯނު އަތުލަންވެގެން އުޅުން ދުވަހު ޝައިނާ ފުންމައިގެން އައިސް އަހަރެންގެ ގަޔަށް އެރިއެރުމަކީ ހެރެސްމެންޓެއް ނޫންތަ؟ ޑޯންޓް ބީ އަ ހިޕޮކްރިޓް. އަހަރުމެން ދެމީހުންނަކީވެސް ތަންދޮރު އެނގޭވަރުގެ ދެމީހުން. އިޓް ވޯޒް ޖަސްޓް އަ ޑޭމްންޑް ކިސް ދެޓް މެންޓް ނަތިން. އަހަރެން ގަބޫލުކުރަން އަހަރެންކަން އިސްނެގީ. ސޮރީ ފޯ ދެޓް. އެކަމް ޝައިނާ އަމިއްލައަށް ބުނެބަ ޝައިނާ އެންމެ ފަހަރަކުވެސް އެކަމުގަ ބައިވެރިއެއް ނުވަމޭ. ޓްރުތް އިޒް ޔޫ ވޯންޓެޑް އިޓް އޭޒް މަޗް އޭޒް އައި ޑިޑް..” ރާހިލް މަލާމާތުގެ ރާގެއްގައި ވާހަކަދެއްކިއެވެ. އެ ވާހަކަތަކަށް ދޭނެ ރައްދެއް ޝައިނާއަކަށް ނުވިސްނުނެވެ. އެވަގުތު ފޮޓޯ ނަގައިދޭ ކުއްޖާ އައިސް ޝައިނާ ގާތު މަޑުކޮށްލުމީ ނަސީބެއް ކަމުގައި އޭނާ ގަބޫލުކުރިއެވެ.

“ވަރަށްބޮޑަށް ޝުކުރިއްޔާ އެނގޭ. ހަމަ ވަރަށް ނުބުނަން ހުރެފަ ޕޯޒް ކޮށްދޭން ބުނީވެސް. އެއްވެސް ވަރަކަށް މޮޑެލިންގްއަށް އިންޓްރެސް ހުރޭތަ؟” އެކުއްޖާ ޝައިނާ ގާތު އަހައިލިއެވެ.

“ނޯ. ތެންކްޔޫ. އަސްލު އަލަށްވެސް ނުކުރާ ކަމެއް ދެންމެ މިވީ ވެސް. މޮޑެލް ކުރާކަށް އެއްވެސް ވަރަކަށް ބޭނުމެއް ނޫން. އޯކޭ އިނގޭ ފޮޓޯތައް ނުދިނަސް. ގުޑްލަކް ވިތް ދަ ޕޯރޓްފޯލިއޯ. ޕޭޖެއް އިންނާނެތަ ފޮލޯ ކޮށްލަން؟” ޝައިނާ އެކުއްޖާއާ ވާހަކަ ދައްކަމުން ދުރަށް ހިނގައިގަތެވެ. އެ މަންޒަރު ބަލަންހުރި ރާހިލްގެ ބޯ އޭރު ފަޅައިގެންދާން އުޅޭ ކަހަލައެވެ. ޝައިނާއާމެދު އޭނާއަށް ކުރެވޭ ބީރައްޓެހި އިހުސާސްތަކާއި ޝައިނާއާ ގާތްވެވޭ ކޮންމެ ފަހަރަކު އޭނާގެ ނަފްސު އަމިއްލަ ބާރުގެ ދަށުން ވީއްލިގެން ދާން އުޅޭ ގޮތާމެދު ވިސްނައި އޭނާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ފޮޓޯޝޫޓްގެ މެދުތެރެއިންވެސް އޭނާ ދުރަށް ހިނގައިގަންނަށް ޖެހުނު ސަބަބަކީ އެއީއެވެ. ނަމަވެސް ހަމަބުއްދި ހުރިހާ ހިނދަކު އެ އިހުސާސްތައް ބޭޒާރުވިޔަ ނުދީ ހިފަހައްޓަން އޭނާއަށް ކުރެވެން ހުރި ހުރިހާާ މަސައްކަތެއް ކުރާނެއެވެ. ހިޔާލުތަކަށް ގެއްލިފައިހުރެ ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި އަތް ހިންގައިލަމުން ރާހިލް ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.

“ހައި. އަހަރެން ބޭނުން މީޓް ވެލަން. ނޫނޭ. މިހާރު. ފަހުން ވިއްޔާ އަޅާނުލާ. އޯކޭ. ސީ ޔޫ އިން ޓްވެންޓީ” ރާހިލް ފޯނުކޯލު ކުރުކޮށްލިއެވެ. އަދި ޝައިނާ ދުރަށްދިޔަ ވަގުތަށް ފޮޓޯނަގައިދޭ ކުއްޖާގާތު މަޑުކޮށްލިއެވެ.

“ހައި. ބުނީމެއްނު ފޮޓޯތައް ދޭނަމޭ. ނަންބަރ ލިޔެލާންވީނު؟” ރާހިލް އެކުއްޖާއަށް ނަންބަރު ކިޔާލަދިނެވެ. “އެންޑް ޔެސް. ޝައިނާއަށް މިކަން ނޭންގިދާނެތަ؟ މިބުނީ އަހަރެންނަށް މި ފޮޓޯތައް ދޭ ވާހަކަ. އަސްލު ނާންގާށޭ މި ބުނީ. އެއި ފާޑެއްގެ ގޮތެއް ހުންނަ ކުއްޖެއް. ވަރަށް ރުޅިގަދަވާނެ. ދެން އެވާހަކަ ބާއްވާ. އަހަރެން އުއްމީދުކުރަނީ ނުބުނާނެކަމަށް” ރާހިލް އެކުއްޖާއަށް އަރައިފާނެ އޮޅުމަކަށްޓަކައި ބުންޏެވެ. އަދި ފޯނުން އެއްބަސް ވެފައިވާ ގޮތުގެ މަތިން ވިހި މިނެޓު ތެރޭގައި ގެސްޓްހައުސްއާ ދިމާލަށް ދިޔުމަށް އަވަސްވެގަތެވެ.

***********

ކާރުން ފޭބުމަށްފަހު ލައިގެން ހުރި އުސް ފައިވާން އަތަށް ނެގި ޝައިނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނާއަކީ އުސް ފައިވާންތަކަށް އެރުމަށް ލޯބިކުރާ މީހެއް ކަމުގައިވިޔަސް އާންމުކޮށް އަރައިއުޅޭ 3 އިންޗީގެ އުސްމިން ހުންނަ ފައިވާނުގެ ބަދަލުގައި އޭގެ ދެގުނަ އުސް އެއްޗަކަށް އަރަން ޖެހުމުގެ ސަބަބުން ފައިތިލައިގައި އެކަމުގެ ވޭން ހަރުލައިފައި ހުއްޓެވެ.

ލިފްޓާ ހަމައަށް އާދެވުނު އިރު ލިފްޓުގެ ކައިރީގައި މަޑުކޮށްލައިގެންހުރި އަންހެން ކުއްޖާ ޝައިނާގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާގެ މޫނުމަތީގައި ދަންނަގޮތެއް ހުރިހެން ހީވި ކަމުގައިވިޔަސް އެކުއްޖާ ލައިފައިވާ ކަކުލާހަމައަށްހުރި ގަޔަށްބާރު އަތްދިގު ހެދުމުގެ އިތުރުން އަރައިފައިވާ އުސް ފައިވާނުގެ ސަބަބުން އެއީވެސް ކޮންމެސް ހަފްލާއަކުން އައި ކުއްޖެއް ކަމުގައި އޭނާ ނިންމިއެވެ. ފަހަރުގައި އޭނާއަށް އެ މޫނު ފެނުނީ މިރޭގެ ހަފްލާއިން ކަމުގައިވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން އެއީ އެ ހަފްލާއަށް އައިސްއުޅޭ މެހެމާނުންގެ ތެރެއިން އެ ގެސްޓްހައުސްގައި މަޑުކުރާ މެހެމާނެއްކަމުގައި އޭނާ ނިންމިއެވެ.

ލިފްޓަށް އެރުމާއެކު ޝައިނާއަށް ހީކުރެވުނު ގޮތާމެދު ޝައްކު އުފެދުނެވެ. ތިންވަނަ ފަންގިފިލާގެ ބަޓަނަށް ފިތައިލައި ލިފްޓުގައިހުރި ލޯގަނޑާ ކުރިމަތިލުމަށްފަހު އަތުގައި އޮތް ކުޑަ ދަބަހުން ނެގި ގަދަ ރަތްކުލައިގެ ލިޕްސްޓިކުން އެ ތުންފަތް ފަވައިލި މަންޒަރު ފެނި ޝައިނާއަށް އެއީ އަމިއްލަ ކޮޓަރިއަށް ދާ ކުއްޖެއް ނޫންކަން އެނގުނެވެ. ނަމަވެސް އެއީ އޭނާއާ ގުޅުންހުރި ކަމަކަން ނުވާތީ އެކަމާ ފަރުވާލެއްނުދީ އެކުއްޖާ ފޭބުމުން ހަތަރުވަނަ ފަންގިފިލާގެ ބަޓަނަށް ފިތައިލިއެވެ.

އެޕަރޓްމެންޓަށް ވަދެވުމާއެކު އެންމެ ފުރަތަމަ ކަމަކަށް ޝައިނާ އިސްތަށިގަނޑުގައި ބާރުކޮށް އައްސައިފައިވާ ވޫލްކޮޅު ނައްޓައިލަމުން އެ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ބޮލަށް ލުއިވެގެން ދިޔުމާއެކު އޭނާއަށް ހިނިތުންވެލަމުން ދެލޯ މަރައިލެވުނެވެ. ވަރުބަލިކަން ފިލުވާލުމުގެ ނިޔަތުގައި ފިނި ފެންފުޅިއެއް ހިފައިގެން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އަދި ހުސްކޮށް އޮތް އެޕަރޓްމެންޓަށް ނަޒަރު ހިންގައިލިއެވެ.

މިއީ އޭނާ އެ އެޕަރޓްމެންޓްގައި ހޭދަކުރާ ފަހު ރެއެވެ. ހައިރާންވާ ކަމަކީ އޭނާއަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަޒީފާގެ ކަންކަމުގައި ރިސޯޓުތަކާއި ރަށްތަކަށް ދަތުރުކޮށްފައިވާ މީހަކަށް ވާއިރު އެއިން އެއްވެސް ދަތުރެއްގައި އޭނާ އުޅުނު ތަނަކާމެދު ނުކުރެވޭފަދަ ގާތް އިހުސާސެއް އޭނާއަށް އެތަނާމެދު ކުރެވުމެވެ. އެޕަރޓްމެންޓްގެ ހަތަރުފާރުގެ ތެރޭގައި ހިނގައިދިޔަ އެތައް ކަމެއްގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އާލާވަމުން ދިޔައެވެ. އެއިން ކޮންމެ ހަނދާނަކީވެސް ތަފާތު ހަނދާނެކެވެ. އެހެނަސް އެއިން ކޮންމެ ހަނދާނެއްގައިވެސް އެއްގޮތްކަމެއް ވެއެވެ. އާނއެކެވެ. އެއީ ރާހިލްއެވެ. އޭނާއާއި ރާހިލް އެކަކު އަނެކަކު ރުޅިއެރުވުމުގެ މަގްސަދުގައިވިޔަސް ކޮށްފައިވާ ކަންކަން މިހާރު ވެފައިވަނީ ފޮނި ހަނދާނަކަށެވެ. ރިކޯޑު ކުރެވިފައިވާ ޓޭޕުތަކެއް ފަދައިން ސިކުނޑީގައި ކުޅެވެންފެށި އެ މަންޒަރުތަކުގެ ސަބަބުން އޭނާއަށް ހިނިތުންވެލެވުނެވެ.

ތަރުތީބުން ފެންނަމުންދިޔަ މަންޒަރުތަކުން ވަކި މަންޒަރެއް ސިކުނޑީގައި ކޮށްޓައިލުމާއެކު ކުއްލިއަކަށް އޭނާގެ ހިނިތުންވުން ފިލައިދިޔައެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ހަމަ އެކުއްޖާއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނުހެން ހީވާ ކުއްޖަކާ ވައްތަރުވި ސަބަބަކީ އެއީއެވެ. ލިފްޓުން އޭނާއަށް އެ ފެނުނީ އެރޭ ރާހިލް އެޕަރޓްމެންޓަށް ގެނައި އަންހެން ކުއްޖާއެވެ. ތިންވަނަ ފަންގިފިލާއަކީ ރާހިލް މިހާރު އުޅޭ ކޮޓަރި ހުންނަ ފަންގިފިލާއެވެ. މިރޭވެސް އެކުއްޖާ އެދިޔައީ ރާހިލްގެ ގާތަށް ކަން ޝައިނާއަށް ޔަގީންކުރެވުނެވެ.

ޝައިނާ އިށީނދެގެން އިން ގޮނޑި ދޫކޮށްލުމަށްފަހު ސިޓިންގްރޫމްގެ މެދުގައިހުރެ ދެފަރާތަށް ހިނގަންފެށިއެވެ. ވިސްނަން ބޭނުންނުވި ކަމުގައިވިޔަސް އެކުއްޖަކާއި ރާހިލްއާ ދެމެދު މިގަޑީ ހިނގައިފާނެ ކަންތައްތައް ހިތަށް އެރުމާއެކު އޭނާއަށް އުނދަގޫ އިހުސާސެއް ކުރެވެމުން ދިޔައެވެ.

“އެއީ އަހަރެންނަކާ ބެހޭކަމެއް ނޫން. އަހަރެން ކީއްވެތަ ރުޅި އަންނަންވީ؟ އަހަރެން ކީއްކުރަން އެކަމާ ވިސްނަންވީ؟” ޝައިނާގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔައެވެ.

“ނޫން. އަހަރެންނަށްވެސް މިކަމާ ބެހެވެންވާނެ. ކީއްވެ ނުބެހެވެންވީ؟؟ އެހެން މީހަކާ ރައްޓެހިވެހުރެ ރޭގަ އަހަރެންނާއެކު އެކަހަލަ ކަމެއް ކުރުމުގެ އިހްތިޔާރެއް އޭނާއަކަށް ނޯންނާނެ!! އެކުއްޖާއަށްވެސް އޭނާގެ ގޮތް އެނގެން ޖެހޭނެ!! އެކަހަލަ އޮޅުމެއްްގެ ތެރޭގަ އެކުއްޖާ ބަހައްޓައިގެން އެކުއްޖާގެ ފައިދާ ނެގުމުގެ ޖާގައެއް ނުދެވޭނެ!! ރާހިލްގެ ގޮތް އޭނާއަށް އެނގެން ޖެހޭނެ!!” ޝައިނާ އޭނަގެ އަމިއްލަ ޟަމީރުގެ އަޑަށް ބީރު ކަންފަތެއް ދިނެވެ. އަދި އިތުރަށް އެންމެ ސިކުންތެއްވެސް މަޑު ކުރުމެއް ނެތި އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ.

***********

ހަފްލާއަށް ލައިގެންދިޔަ ސޫޓާއެކު އެނދުގެ ފަޑީގައި ލެގިލައިގެން ބިންމަތީގައި އިން ރާހިލްވަނީ ފުން ހިޔާލެއްގެ ތެރޭގައެވެ. ކަކުލުހުޅުން ލަންބާލެވިފައިވާ ވައަތުފައިގެ ކަކުލުގައި އެއްއަތް އަޅުވާލައިގެން އިންއިރު އޭނާގެ ކޮނޑުމަތިން ގެނެސް މޭމައްޗަަށް ވާގޮތަށް ވައްޓާލެވިފައިވާ އަންހެން ފައެއްގައި އަނެއް އަތުން ހިފަހައްޓައިލައިގެން އިނެވެ.

“ރާހިލް. ދެންއަޅެ ކީއްކުރަންތަ އަހަރެން ގެނައީ ކަމަކާނުލާ؟؟ ރިޝްގެ ބަރތްޑޭ ޕަރޓީގަ ހުރެފައޭ މި އައީ” ރާހިލްގެ ކޮނޑުމައްޗަށް ދެފައި ބައިލައިގެން އެނދުގައި އީށީނދެއިން އަންހެންކުއްޖާ ހިތްހަމަ ނުޖެހިފައި އަހައިލިއެވެ. އޭރު އެކުއްޖާގެ ހިމަ އިނގިލިތަކުން ރާހިލްގެ ބޯ މޮޑެދެމުން ދިޔައެވެ.

“އަޒޫ ޕްލީޒް. މިރޭ އަހަރެންގެ މޫޑެއް ނެތޭ. ހަމައެކަނި އަހަރެންގާތު ހުރެލަދޭންވީ. ވާނެތަ؟” ރާހިލް އެކުއްޖާގެ ފައިގައި ތުންފަތް ޖައްސައިލަމުން ބުނެލިއެވެ. އެކުއްޖާ ފާޑަކަށް ތުން އަނބުރައިލި ނަމަވެސް ތިރީގައި އިން ރާހިލްއަކަށް އެ މަންޒަރެއް ނުފެނެއެވެ.

“ރާހިލް ދެން ވެގެންއުޅޭ ގޮތެއްވެސް އަހަރެންގާތު ބުނަނީކީއެއް ނޫން. ހުން އައިސްފަ ހުއްޓާ އަހަރެން ގެނައީ ކީއްކުރަން؟ މިހެން މިކަން ވާނެކަން އެނގުނުނަމަ ރިޝްގެ ޕާރޓީގަ ހުރެފަ އަހަރެން ނާންނާނެ ދޯ. އެހެންނޫނަސް ރައްޓެހިވިއިރު އަހަރެން ހީކުރީ ތީ ވަރަށް މަޖާ މީހެއްކަމަށް. މިހެން ބޭކާރުކޮށް ވަގުތު ހޭދަކުރަން ގުޅައިގެން ގެންނަހާ ފޫހި މީހަކަށް ވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. ކީއްވެތަ ތިހާ ވަރަށް ބަދަލުތަކެއް ތި އަންނަނީ؟” އެ އަންހެންކުއްޖާގެ ވާހަކަ އަޑު އިވެމުންދިޔަ ވަރަކަށް ރާހިލްއަށްވެސް އޭނާއަށް އަންނަމުންދާ ބަދަލުތަކާމެދު ވިސްނެމުންދިޔައެވެ. އެ ބީރައްޓެހި ބަދަލުތަކަށް ހުދު އޭނާވެސް މަރުހަބާ ކިޔާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެކަމުގައި މިހާރު އޭނާގެ ކޮންޓްރޯލް ގެއްލިފައިވާ ކަހަލައެވެ.

ހަޤީޤަތަކީ ރާހިލްވެސް މިރޭ އެކުއްޖާގާތު އަންނަށް ބުނީ އެކުއްޖާވެސް އުއްމީދުކޮށްގެން ހުރި މަގްސަދުގައި ކަމެވެ. ނަމަވެސް އެކުއްޖާއާ ކައިރި ވެވުނު ހިނދު ޝައިނާއާއެކު ހިއްސާކުރެވުނު ހިނދުކޮޅުގެ ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރިގެން ދިޔައެވެ. ހިނދުކޮޅަކަށް އެކުއްޖާގެ ސިފަވެސް އޭނާއަށް އޮޅުނުހެން ހީވިއެވެ. އެއީ ކުށްހީއެއްކަމާއި، އޭނަގެ ކުރިމަތީގައި ހުރީ ޝައިނާ ނޫންކަން އެނގުނު ހިސާބުން އޭނާގެ ހިތް އެފަދަ ގުޅުމަކަށް އިންކާރު ކުރުން ވެގެންދިޔައީ ހުދު އޭނާވެސް އަޖައިބުކުރުވި ކަމަކަށެވެ. އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ހިތްވަރުކޮށްފައި އަނެއްކާވެސް އެކުއްޖާއާ ގާތްވާން ކުރި މަސައްކަތަށް އޭނާގެ ޟަމީރު ހުރަސް އެޅުމުން އޭނާ މިރެއަށް އެ ހިޔާލު ދޫކޮށްލީއެވެ. އަނެއްކޮޅުން ރިއާން ދެއްކި ވާހަކަތާކާމެދުވެސް އޭނާއަށް ވިސްނެމުންދިޔައެވެ. ރިއާން ބުނި ފަދައިން އޭނާއަށް ހަގީގަތުގައިވެސް ޝައިނާދެކެ ގަޔާވެވެނީ ބާއެވެ. ނޫނެކެވެ. އެހެން ވެގެނެއް ނުވާނެއެވެ. ޝައިނާގެ އެހުންނަނީ އެއްވެސް ފިރިހެނަކު ގަޔާ ނުވާނެ ފަދަ ގޮތް ދޫނުކުރާ މިޒާޖެކެވެ. އެއީ އޭނާއަށް ޝައިނާއާއެކު މާގިނަ ވަގުތު ހޭދަ ކުރެވިފައިވާތީ އަންނަ ހިޔާލުތަކެއްކަމުގައި ނިންމުނެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް މީހަކު ޓަކި ޖަހަން ފެށުމާއެކު ރާހިލް އެކުއްޖާގާތު ދޮރުހުޅުވުމަށް ބުންޏެވެ. އެއާއެކު އެކުއްޖާ ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލައިފައިއޮތް އަތް މިނިވަންކޮށްލަމުން އެނދާ ޖެހިގެންހުރި ސައިޑު ކަބަޑުގެ މަތީގައިވާ ސްވިޗަށް އޮބައިލިއެވެ. އެއާއެކު ކޮޓަރީގެ ދޮރުހުޅުވުން އަޑު އިވުނެވެ. އޭރުވެސް ރާހިލްއަކަށް އެތަނަށް ވަނީ ކާކު ކަމެއް ނޭނގެއެވެ. އޭނާ މަޑުމަޑުން ހިޔާލަކަށް ގެެއްލިފައި އިނދެ އެ އަންހެންކުއްޖާގެ ފައިގައި ބޮސްދެމުން ދިޔައެވެ. ކޮޓަރިއަށް ވަދެގެންއައި ޝައިނާއަށް ރާހިލްމެން ތިބިގޮތްފެނި އިރުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނާގެ ނަޒަރު ރާހިލް ބޮސްދެމުން ދިޔަ ފަައިން ފަށައިގެން އެ ރީތި ފައިގެ ވެރި އަންހެންކުއްޖާއަށް ދަތުރު ކުރިއެވެ.

“ކާކު؟”ރާހިލްގެ ސަމާލުކަށް ދޮރާ ދިމާލަށް ހުއްޓުނީ އޭނާގާތު އިން ކުއްޖާގެ އަޑަށެވެ. ޝައިނާ ފެނުމުން ރާހިލް އަވަސް ހަރަކާތަކާއެކު އެކުއްޖާގެ ފައިން ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. ރާހިލްގެ އަމަލުކުރިގޮތް ފެނި އެކުއްޖާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ޝައިނާއަށް ބަލައިލިއެވެ.

“ވެއިޓް. އަހަރެންނާ ލިފްޓުން ދިމާވި ދޯ؟” އެކުއްޖާ ޝައިނާ ލައިގެންހުރި ހެދުމަށް ބަލައިލަމުން ބުންޏެވެ. ޝައިނާ އެކުއްޖާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ދުރު ފިޔަވަޅުތަކެއްގައި އައިސް ރާހިލްގެ ކުރިމަތީގައި ހުއްޓުނެވެ.

“ލާސްޓް ނައިޓް ޔޫ ކިސްޑް މީ އެންޑް ޓުނައިޓް ޔޫ އަރ ވިތް ސަމްވަން އެލްސް. ތީ ހާދަ ގޮތެއް ނެތް މީހެކޭ ދޯ؟” ޝައިނާގެ ވާހަކައިން ރާހިލް ގާތު ހުރި ކުއްޖާއަށް ހައިރާންކަމެއް ލިބުނެވެ.

“ރާހިލް މީނަ މި ދައްކަނީ ތެދު ވާހަކައެއްތަ؟ އާރ ޔޫ ޗީޓިންގް އޮން މީ؟” އެކުއްޖާ ރާހިލްއާ ސުވާލުކުރިއެވެ.

“ޝައިނާ ހަމަޖެހިބަ” ރާހިލް ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަަޅައިލިއެވެ.

“އޭނަ ކައިރީގަތަ ރާހިލް އަދިވެސް ހަމަޖެހޭށޭ ތި ކިޔަނީ؟؟ އޭނަތަ ހަމަ ޖައްސަން ތި އުޅެނީ؟؟ މަށެއް ނޫންތަ ރާހިލްގެ ބިޓަކީ؟؟ މަ ހަމަޖައްސާކަށް ނޫންތަ ރާހިލް އުޅެން ޖެހޭނީ؟؟” އެކުއްޖާގެ ހިތްހަމަނުޖެހިފައި ހުރެ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

“އަޒޫ” ރާހިލް ގޮތްހުސްވެފައިވާ ފަދައިން އެކުއްޖާގެ އަތުގައި ހިފަހައްޓައިލިއެވެ. ނަމަވެސް އެކުއްޖާ ރުޅިއައިސްފައިހުރެ ރާހިލްގެ އަތް ފޮޅުވައިލިއެވެ.

“އޯކޭ. މަށަށް ފުދިއްޖެ!! މިހާރު އެނގިއްޖެ މިރޭ މަށާ ކައިރި ނުވެވިގެން ތިއުޅެނީ ކީއްވެކަން. އަހަރެން ބޭނުމެއް ނޫން އިތުރަށް މި ގުޅުން ކުރިއަށް ގެންދާކަށް.” އެކުއްޖާ ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު ކޮޓަރިން ނުކުތެވެ. އެކުއްޖާ ދިއުމުން ރާހިލް ރުޅިވެރި ނަޒަރަކުން ޝައިނާއަށް ބަލައިލިއެވެ.

“އަހަރެންގެ ރިލޭޝަންޝިޕް ރޫޅާލެވުނީމަ މިހާރު ހިތްހަމަ ޖެހިއްޖެތަ؟ ފުރަތަމަ ދުވަހުން ފެށިގެން ޝައިނާ އަހަރެންނަށް ތިކުރާ ނަފްރަތުގެ އަސްލަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު އެއީ ކޮންމެ ސަބަބަކަށް ވިޔަސް މިހާރު ފުދިއްޖެ. ޝައިނާ ބުނިހެން އަހަރެންވެސް ބޭނުންވަނީ މިހާރު ޝައިނާއާ ދުރުގަ ހުންނަން. އިތުރަށް ޝައިނާއަށް އުނދަގޫ ކުރާކަށް ޝައިނާ ރުޅި އަރުވާކަށް ބޭނުމެއް ނޫން އެނގިއްޖެތަ؟ ނުކުން–” ޝައިނާ ކުއްލިއަކަށް ރާހިލްގެ ކޮނޑުގައި އަތްއަޅުވައިލުމަށްފަހު ކޮށްލި ކަމަކުން ރާހިލްގެ ދުލުގައިވި ބަސްތަކާއެކު ލާން އުޅުނު ނޭވާވެސް މެދު ކެނޑުނު ކަހަލައެވެ. އޭނާ ކުރީރޭ ކުރިފަދަ ކަމެއް ޝައިނާ އިސްނަގައިގެން ކޮށްފާނެކަން އެއީ އޭނާ ފަހަރެއްގައިވެސް އުއްމީދުކޮށްގެން ހުރިކަމެއް ނޫނެވެ. ރާހިލްގެ ސިކުނޑި ވަހުމުތަކުން ފުރެމުންދިޔަ ނަމަވެސް ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެންނަމުން ޝައިނާއާ ދުރުވެލިއެވެ.

“ޝައިނާ!! މޮޔަވީތަ؟” ރާހިލް ނޭވާ ހަމައަކަށް އެޅުވުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ.

“އައި ވޯންޓް ދިސް. ނޫންތަ؟” ޝައިނާ އަނެއްކާވެސް ރާހިލްއާ ގާތްވެލުމަށްފަހު އެ އަމަލު ތަކުރާރުކޮށްލިއެވެ. ރާހިލް މިފަހަރު ތަންކޮޅެއް ހަރުކަށިކަމާއެކު ޝައިނާ ދުރަށް ކޮށްޕާލިއެވެ.

“ޔޫ ޑޯންޓް ވޯންޓް ދިސް!” މާނޭވާލެވިފައިހުރެ އޮބިނޯންނަ ވަރަށް ތެޅެމުންދިޔަ ހިތް މައިތިރި ކުރުމަށް މަސައްކަތް ކުރަމުން ރާހިލް ބުންޏެވެ.

“އަހަހަ. ތީ ދެން ވަރަށް ބޮޑު އަޖައިބެއް. ރާހިލްއެއްނޫންތަ މީރޭ ބުނީ އެއީ އަހަރެންވެސް ބޭނުންވެގެން ހިނގި ކަމެކޭ؟؟ ދެން އަހަރެންގެ އަނގައިން އަހަރެން ބޭނުންކަމަށް އެއްބަސްވީމަ ކީއްވެތަ ގަބޫލު ނުކުރަނީ؟؟ ރާހިލް ކުރިއްޔާ އެވަނީ މާނައެއްނެތް މޮމެންޓަކަށް. އަހަރެން ކުރިއްޔާ ވަނީ މޮޔަ ކަމަކަށްތަ؟” ޝައިނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ. ރާހިލްއަށް ވެގެންއުޅޭގޮތެއް ރޭކައިލީ އަދި ކިރިޔާއެވެ. ޝައިނާ ބޭނުންވަނީ މިރޭ އޭނާ ދެއްކި ވާހަކަތަކުން އޭނާއަށް ވަށްބަސް ޖަހާށެވެ. އެއީ ހަގީގަތެއްނެތް ވާހަކަ ތަކެއްކަން ސާބިތު ކޮށްދޭށެވެ.

“ރާހިލްއެއްނޫންތަ ކަންބޮޑު ވެގެން އުޅުނީ އަހަރެން ރާފިއު އާ ‘އޯކޭ’ ވެފަ ރާހިލްއާ ‘އޯކޭ’ ނުވެގެންވެސް. މިހާރު އަހަރެން އޯކޭވީމަ ތި ދުރުކޮށްލަނީ ކީއްވެ؟” ޝައިނާ ހުރީ ގޮތް ދޫކުރާކަހަލަ ގޮތަކަަށް ނޫނެވެ.

“ޝައިނާ ޕްލީޒް. މިތަނުން ދޭ. އަހަންނަށް އެނގޭ ޝައިނާވެސް މިގޮތް ބޭނުން ނުވާނެކަން. ތީ އަހަރެންނަށް ރޭގަ ހެދުނު ގޯހަކާހެދި ޝައިނާގެ ސިކުނޑީގަ އުފެދުނު ވަހުމްތަކެއް. އަހަރެން ގަބޫލުކުރަން ރޭގައާއި މިރޭ އަހަރެންގެ ބަސްމަގު މި ބެހެއްޓުނީ އެންމެ ރަނގަަޅަށް ނޫންކަން.. އެ ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަނބުރައި ގެނެސްފިން.. ސޯ ޕްލީޒް. ލީވް.” ރާހިލް މަސައްކަތްކުރީ ރީތިކޮށް ވާހަކަދެއްކޭތޯއެވެ.

“އަހަރެން އަތްލީމަ ބޭނުން ނުވަނީތަ. އެހެން އެންމެނާ އަހަރެންނާ ހުރީ ކޮން ތަފާތެއްތަ؟ އަހަރެން ހުތުރީތަ؟ އެކުދިންހާ ހަމުގެ ކުލަ އަލި ނޫންވީމަ ރާހިލްގެ ސްޓެންޑަޑަށް ނުފެތެނީތަ؟ އަހަންނަށްވެސް އެނގެޔޭ ރާހި–” ޝައިނާގެ ވާހަކަ މެދުކެނޑުނީ ރާހިލް އައިސް ޝައިނާގެ އަނގަމަތީގައި އަތްއެޅުމުންނެވެ. އޭނާ ރާހިލްއާ މުހާތަބު ކުރަމުންދިޔައީ ރާހިލްވެސް ކުރީރޭ އޭނާއާ މުހާތަބު ކުރިފަދަ ބަސްމަގަކުންނެވެ. ރާހިލްއަށް އެއްޗެއް ވިސްނައިދިނުމުގެ ނިޔަތުގައެވެ.

“ޕްލީޒް. ނޮޓް ޓުނައިޓް.. މިރޭ ޝައިނާ އަހަރެންނާ ތިގޮތަށް ޗެލެންޖް ނުކުރޭ. އައި ވޯންޓް ޓު ޕްރޫވް ޔޫ ރޯންގް ސޯ ބޭޑްލީ… ތިއީ ދޮގެއްކަން ސާބިތުކޮށްދޭން އަހަރެންނަށް ވަރަށް ސްޓުޕިޑް ރިގްރެޓްފުލް ކަމެއް ކުރެވިދާނެ. ޔޫ އަރ ވޭ ބިޔޯންޑް މައި ސްޓެންޑަރޑްސް. ސޯ ޕްލީޒް ލީވް” ޝައިނާއާ ހަތަރުކަޅި ހަމަ ކޮށްލައިގެންހުރެ ރާހިލް ވާހަކަ ދައްކަމުން ދިޔައިރު ޖެހިލުންވެފައިހުރެ ޝައިނާއަށް އެ ތޫނު ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ރާހިލްގެ ގައިން އޭނާއަށް އޭރު އާދާޔަހިލާފު ހޫނެެއް އިހުސާސުވަމުންދިޔައެވެ. އެކަން ޔަގީންކުރުމަށްޓަކައި އޭނާ މަޑުމަޑުން ރާހިލްގެ މޫނުގައި އަތް ޖައްސައިލިއެވެ. ރާހިލްއަށްވެސް މަޑުމަޑުން ޝައިނާގެ އަނގަމަތީގައި އަޅައިފައިވާ އަތް ތިރި ކޮށްލެވުނެވެ.

“ރާހިލް ޔޫ އަރ ސޯ ހޮޓް” ޝައިނާގެ ޖުމްލަ އިވުމާއެކު ރާހިލް އެއްމިޔަކަނިން ހިނިތުންވެލަމުން ޝައިނާއާ ދުރަށް ޖެހިލިއެވެ.

“އައި ނޯ ރައިޓް؟؟ ގްލޭޑް ޔޫ ފައިނަލީ ނޯޓިސްޑް.” ގަމީހުގެ މަތިން ލައިފައިވާ ކޯޓު ބާލައި ގޮނޑީގެ ފަޑީގައި އަޅުވައިލަމުން ރާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ. އަދި އެއްމިޔަކަނިން ހެވިފައިހުރެ ގަމީހުގެ އަތުކުރީގައި އަޅުވައިފައިވާ ގޮށް ނައްޓައިލިއެވެ.

“ވަޓް؟ އޯ ގޯޑް.. މިބުނީ… ހާދަ ހޫނޭ. ރާހިލް ބަލީތަ؟” ޝައިނާ ކުރިއަށް ޖެހިލައި ރާހިލްގެ ކަރުގައި އަތް ޖައްސައިލިއެވެ. އެވަގުތު ރީތިވާ މޭޒުމަތީގައި ހުރި ބޭސްކާޑުތައް ޝައިނާގެ ލޮލުގައި އަޅައިގަތެވެ. “ކީއްވެ ރެސްޓްނުކޮށް މިރޭ ހަފްލާއަށް ދިޔައީ؟” ޝައިނާ ކަންބޮޑުވެފައި އަހައިލިއެވެ.

“ބިރު ނުގަނޭ.. މިއީ ގައިންގަޔަށް އަރާކަހަލަ ވައިރަލް ހުމެއް ނޫން. ރޭގަ ތެމިގެން ހުއްޓާ އެ އޮތްގޮތަށް ނިދުނީމަ ކުޑަކޮށް ހުން އައީ. އައިމް ފައިން” ރާހިލް ބުންޏެވެ. ޝައިނާއާ ދެމެދު ހިނގައިދިޔަ ކަންތަކަށްފަހު ރޭގަ އޭނާއަށް ވިސްނަން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އަލަށް ކުރެވެން ފަށައިފައިވާ އިހުސާސްތަކުގެ ސަބަބުން އޭނާގެ ސިކުނޑީގައިވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. އެ އިންގޮތަށް އިންދައި ނިދިޖެހުނީއެވެ.

“އަދިވެސް ހުރީތަ؟ ހެނދުނު ފްލައިޓްވެސް އެބައޮތެއްނު. ދެން ދޭ..” އޭސީ ނިއްވައިލުމަށްފަހު ކޮނޑާހަމައަށް ރަޖާ އޮޅައިލައިގެން އެނދާ މާ ދުރުނޫން ހިސާބެއްގައި ބަހައްޓައިފައިހުރި ސޯފާގައި އިށީންނަމުން ރާހިލް ބުންޏެވެ. އަދި އޭގެ ކުރިމައްޗަށް ވާގޮތަށްހުރި ޓީ.ވީ ހުޅުވައިލިއެވެ.

ބޭހުގެ އަސަރު ކެނޑެމުން އަންނަ ވަރަކަށް ހަށިގަނޑަށް ފެތުރެމުންދާ ހުމުން ރާހިލްއަށް ކުރާ އަސަރު އިތުރުވަމުން އައެވެ. އެކަން ޝައިނާއަށް ނުދެއްކޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭސީ ކޮށްފައިވާ މާލަމެއްގައި މުޅިރޭ ހޭދަކޮށްފައި އައުމުގެ ސަބަބުން އޭނާއަށް އެކަން އުނދަގޫ ވަމުން ދިޔައެވެ. ގައިގެ ކަށިތަކުގައިވެސް އިންތިހާއަށް ރިއްސަމުން ދިޔައެވެ. އިސާހިތަކު އަތުގެ ކުޑަހުޅުން ވަރު ދޫވެގެން އޭނަގެ އަތުގައި އޮތް ރިމޯޓުވެސް ވެެއްޓެން ދިޔައެވެ. އަދި އެ ނެގުމަށްޓަކައި ގުދުވި ވަގުތު އަމިއްލަ ހަށިގަނޑުވެސް އަރިއަޅައިލިއެވެ.

“ރާހިލް… ރާހިލް އޯކޭތަ؟” ޝައިނާ ދުވެފައި އައިސް ރާހިލް ގޮނޑީގައި އިށީނުމަށް އެހީވުމަށްޓަކައި ގައިގައި ހިފަހައްޓައިލަމުން އެއްސެވެ. ރާހިލް އެ ސުވާލަށް ޖަވާބު ދިނުމެެއްނެތި ޝައިނާގެ އަތް އޭނާގެ ގަޔާ ވަކިކޮށްލިއެެވެ. ޝައިނާގެ ހަބަރެއްނުވެ ގިނައިރުވާން ފެށުމުން ރާހިލް އިސް އުފުލައިލައި ބަލައިލިއިރު ޝައިނާ ފެންތަށްޓަކާއެކު ބޭސްގުޅައެއް ހިފައިގެން އައިސް އޭނާއަށް އެ ދިއްކޮށްލަނީއެވެ. ރާހިލް ޖަދަލު ކުރުމެއްނެތި ޝައިނާ ގެނައި ބޭސްގުޅަ އަނގަޔަށްލުމަށްފަހު އެއްނޭވައިން ފެންތަށި ހުސްކޮށްލިއެވެ.

“ދެން އެންމެ ރަނގަޅެއްނު. އަހަރެން ބޭސްވެސް މި ކެއީއެއްނު.. ދެން ދޭ” ކުރިމަތީގައިހުރި ޓީވީއަށް ނަޒަރު ހުއްޓައިލަމުން ރާހިލް ބުންޏެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް ދޮރު ހުޅުވައިލުމަށްފަހު ދެ ހިޔާލެއްގައިހުރެ ފަހަތައް އެނބުރިލަމުން ރާހިލްއަށް ގޮވައިލިއެވެ.

“އެއްވެސް ކަމެއް ގޯސްވަންޏާ އަހަރެންނަށް ގުޅައްޗޭ.” ޝައިނާ ބުންޏެވެ. ރާހިލް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމުން ޝައިނާ މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

ގަޑިއެެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް ޝައިނާގެ ލޮލަކަށް ނިންޖެއް ނައެވެ. ރާހިލްގެ ކޯލެއްގެ އިންތިޒާރުގައި އިރުއިރުކޮޅާ ބާލީސް ދަށުގައި އޮތް ފޯނު ނަގައި ބަލައިލެވެއެވެ. އަބަދުމެ އުޖާލާކޮށް ހުންނަ އެމޫނު މަތީގައިވި ވަރުބަލިކަން ފެނި އޭނާއަށް ރާހިލް ރަނގަޅު ނޫންކަން އެނގުނެވެ. އެހެނެއްކަމަކު ރާހިލް ރަނގަޅުކަމަށް ބުނާހާ ހިނދަކު އޭނާއަށް އެތަނުގައި މަޑުކުރަން ދެއްކޭނެ ބަހަނާއެއްވެސް ނެތެވެ. ރާހިލް އޭނާގާތު އެތަނުން ދާން ބުނި ވަގުތު އެފަދަ ބަހަނާއެއް ހޯދުމަށް އޭނާގެ ސިކުނޑި އަވަސްވެގަތްގޮތުން ޝައިނާ ހާސްވިއެވެ. އޭނާއަކީ ފިރިހެނުންނަށް ނަފްރަތުކުރާ މީހެކެވެ. އޭނާގެ މަންމައާ ދޮންތަގެ ދިރިއުޅުންވެސް ފަނާވެގެން ދިޔައީ އަނިޔާވެރި ފިރިހެނުންތަކެއްގެ ސަބަބުންނެވެ. ހަމަ ރާހިލްފަދަ އަންހެނުންނަށް އެއްވެސް ގަދަރެއް ނުކުރާ އަމިއްލަ ނަފްސުގެ ޝަހުވަތްތަކަށް ގޮސް ހެއްލިފައިވި ބައެއްގެ ސަބަބުންނެވެ. ރާހިލް ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާއަށް ރާހިލްދެކެ ނަފްރަތު ކުރެވޭ ސަބަބަކީ އެއީއެވެ. ނަމަވެސް މިހާރަކަށްއައިސް އޭނާއަށް މާ ވަރަކަށް ރާހިލްއާމެދު މި އަޅައިލެވެނީ ކީއްވެކަމެއް ނޭނގެއެވެ. ރާހިލްގެ އަތް ފިހުނުތަން ފެނުމުން އެރޭ އެނާގެ ލޮލަށް ހަމަނިދި ނުލިބުނު ފަދައިން މިރޭވެސް އޭނާއަށް ނުނިދިގެން އުޅެނީ ކީއްވެ ހެއްޔެވެ؟

ސުވާލުތަކުން ފުނިޖެހެމުންދިޔަ ހިތަށް ތަސައްލީއެއް ހޯދުމަށް ޝައިނާ ކުރަހާ ފޮތް ނަގައިގެން އޭގައި ކުރަހަން ފެށިއެވެ. އެ ކުރެހުންތަކުގެ ހިޔާލީ ދުނިޔެއިން އޭނާ ހޭ ލައްވައިލީ ޗާޖަށް ޖަހައިފައި އޮތް ފޯނު ރިންގުވާން ފެށި އަޑުންނެވެ. ޝައިނާ އަވަސްއަވަހަށް އެނދުން ފައިބައިގެން ދުވެފައި ގޮސް ފޯނު ބަލައިލިއެވެ. ޑިސްޕްލޭ އަށް އަރައިފައިވާ ރާހިލްގެ ނަން ފެނުމާއެކު ސުކުންތެއްވެސް ލަސްނުކޮށް ޖަވާބުދިނެވެ.

“ހޭ.. ނި..ނިދަ.. ނިދަނީ.. ދޯ..” ރާހިލްގެ ބަލިއަޑު ކަންފަތުގައި ޖެހުމާއެކު ޝައިނާގެ ހިތައް ހީވީ ހޫނުފެން އެއްޗެެއް އޮއްސައިލެވެނުހެނެވެ. އެ ކުރެވުނު އިހުސާސާމެދު ވިސްނަން ހުރުމުގެ ބަދަލުގައި އޭނާ ރާހިލް ގާތަށް ދިޔުމަށް އަވަސް ވެގަތެވެ.

“ރާހިލް. އަރ ޔޫ އޯކޭ. ކޯލުުގަ ހުންނައްޗޭ އިނގޭ.. އަހަރެން އެބަދަން.” މިނެޓެެއްހާއިރު ފަހުން ޝައިނާއަށް ހުރެވުނީ ރާހިލް އުޅޭ ކޮޓަރީގެ ބޭރުގައެވެ. އޭނާ ޓަކި ޖަހައިލުމުން ފޯނުގައިގުރެ ރާހިލް ދޮރު ހުޅުވައިލިއެވެ.

ޝައިނާއަށް ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލެވުނީ ހަމަ ކިރިޔާއެވެ. ރާހިލްގެ ބަރު ހަށިގަނޑު އޭނާގެ ގައިމައްޗަށް ވެއްޓެން އައުމާއެކު އޭނާ އަރި އަޅައިލައިގެންގޮސް އަތުގައި އޮތް ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. ނަމަވެސް އޭނާގެ ގައިގައިހުރި ހުރިހާ ބާރަކާއެކު ރާހިލްގެ ހަށިގަނޑު ކޮންޓްރޯލް ކުރިއެވެ. އޭރު ރާހިލްގެ ހުން އިންތިހާއަށް ގަދަ ވެފައިވާކަށް އޭނާއަށް އިހުސާސް ކުރެވުނެވެ.

“ތޭން. ތޭންކްސް” ރާހިލް މަޑުމަޑުން ބުނެލި އަޑު އިވުނެވެ.

“ރާހިލް. ހިތްވަރުކޮށްލާފަ އަހަރެންނާއެކު އެނދާ ހިސާބަށްދާން ޓްރައި ކޮށްބަ ޕްލީޒް. ޔޫ އަރ ޓޫ ހެވީ ފޯރ މީ..” ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ޝައިނާގެ އެހީގައި އެނދާއި ހިސާބަށް ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ވަގުތުން ރާހިލްގެ ދެލޯ މެރުނުތަން ފެނި ޝައިނާ ކަންބޮޑުވިއެވެ.

 

– ނުނިމޭ –

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

މާސްކު (ޕާޓް 31)

Next

މުޅި ހިތް ބޭޤަރާރު ވެއްޖެވޭ-1

Next
December 11, 2025

މުޅި ހިތް ބޭޤަރާރު ވެއްޖެވޭ-1

Previews
December 11, 2025

މާސްކު (ޕާޓް 31)

2 Comments!

  1. Anonymous says:
    December 11, 2025 at 3:34 pm

    Nice

  2. K says:
    December 11, 2025 at 4:20 pm

    Aaaaahhh soo nice next part avahah up kohdhehchey

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (13 ވަނަބައި)←


All Right Reserved!