Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (13 ވަނަބައި)

Anya Level 310 Stories100 Login
December 14, 2025 13 Mins Read
2 Comments

“ރާހިލް. ހިތްވަރުކޮށްލާފަ އަހަންނާއެކު އެނދާ ހިސާބަށްދާން ޓްރައި ކޮށްބަ ޕްލީޒް. ޔޫ އަރ ޓޫ ހެވީ ފޯރ މީ..” ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ޝައިނާގެ އެހީގައި އެނދާ ހިސާބަށް ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ވަގުތުން ރާހިލްގެ ދެލޯ މެރުނުތަން ފެނި ޝައިނާ ކަންބޮޑުވިއެވެ.

“ރާހިލް. ރާހިލް” ދެފަހަރަކަށް ރާހިލްގެ މޫނުގައި ޖަހައިލަމުން ޝައިނާ ގޮވައިލިއެވެ. ދެލޯ ހުޅުވައިލަން ކުރި މަސައްކަތުގެ ތެރެއިން ރާހިލްއަށް ކުރެވުނުހާވެސް ކަމަކީ ބުމަ އަރުވައިލުމެވެ. އެ އިޝާރާތުންވެސް ޝައިނާގެ ހާސްކަން ހިނދުކޮޅަކަށް ފިލައިދިޔައެވެ. ރާހިލްގެ ހުންގަނޑު މައިތިރި ކުރާނެ ގޮތެއް ހޯދުމަށް ޝައިނާ ދުރަށްދާން އުޅުން ވަގުތު ރާހިލް އޭނާގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

“ޑޯންޓް ލީވް” ރާހިލް ތުންތަޅުވައިލަމުން ބުނި އެއްޗެއް ޝައިނާއަށް އިވޭވަރުވީ ކިރިޔާ އެވެ.

“ރާހިލް. އަހަރެންނެއް ނުދަމޭ. މި އަންނަނީ.” ޝައިނާ އޯގާތެރިކަމާއެކު ވާހަކަދެެއްކިއެވެ. އަދި ވަގުތު ބޭކާރު ކުރުމެއްނެތި ފާހަނައިގެ ކެބިނެޓުން ހުދު ތުވާއްޔެެއް ތެންމާލައިގެން އައިސް ރާހިލްގާތު އިށީނެވެ. އެއަށްފަހު ރާހިލްގެ ބޮލާއި މޫނު އަދި ކަރުދޮށުގައި ތުވާލި އުނގުޅައިލިއެވެ. ގަމީހުގެ ގޮށްތަށް ނައްޓައިލުމަށްފަހު މޭމަތީގައިވެސް ތުވާލި އުނގުޅައިލިއެވެ. ރާހިލްގެ ކުކުރުމުގެ އަޑު މަޑުވާންފެށިއެވެ. ހަށިގަނޑަށް ލުއިވާން ފެށުމާއެކު ފުން ނިންޖެއްގެ ތެރެއަށް ގެނބިގެންދިޔައެވެ.

ޝައިނާ އެތަނުން ތެދުވާކަށް ހިޔާލެއް ނުކުރިއެވެ. ތުވާލީގެ ފެން ހިކޭހެން ހީވާއިރަށް ގޮސް ތެންމާލައިގެން އައިސް ރާހިލްގެ ހުން މައިތިރިކުރެވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. ރާހިލްގެ މޫނުމަތިން ފެންނަމުންދިޔަ ވަރުބަލިކަމުގެ އަސަރުތައް މަޑުމަޑުން ފިލަމުން ދިޔައެވެ. ޝައިނާގެ އަތް ބޭއިހްތިޔާރުގައި ރާހިލްގެ މޫނުގައި ބީއްސައިލެވުނެވެ. އެނާގެ އިނގިލިތައް ރާހިލްގެ ތުންފަތުގައި ބީއްސައިލެވުނު ވަގުތު ސިކުނޑިއަށް ވެރިވި ހިޔާލުތަކާއެކު ގައިން ހީބިހި ނަގައިގެން ދިޔަހެން ހީވިއެވެ. ރާހިލްގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ޝައިނާއަށް އަސަރުތަކެއް ކޮށްފިކަން ގައިމެވެ.

***********

ހުންގަނޑު މައިތިރިވެ ބޮލުގައި އަޅައިފައިވާ ތުވާލީގެ ތެތްކަން އިހުސާސްވާންފެށި ރާހިލްއަށް ހޭލެވުނެވެ. ކަނާއަތް އައްސިވެފައި ވާހެން ހީވުމުން ވައަތް ހިއްލާލައި ނިތްކުރި މަތިން ތުވާލި ނެގުމަށްފަހު އުނދަގޫކަމާއެކު ދެލޯ ހުޅުވައިލަން މަސައްކަތް ކުރިއެވެ. އޭނާގެ އަތުގައި ބޯ އަޅައިލައިގެން އޮތް އަންހެންކުއްޖާ ފެނުމާއެކު ރާހިލްއަށް އެއަތް އައްސިވެފައިވި ސަބަބު އެނގިގެންދިޔައެވެ. އެފަދަ ކަންކަމަކީ އޭނާއަކަށް އާ ކަމެއް ނޫނެވެ. އެފަދަ މަންޒަރަކަށް އޭނާ އެ ހޭލަނީ އަލަކަށްނޫނެވެ. ނަމަވެސް އެހެން އަންހެންކުދިންނާމެދު އަމަލު ކުރާ ފަދައިން އެ އަތް ޝައިނާގެ ބޯދަށުން ދަމައިގަތުމަށް ރާހިލްގެ ޟަމީރު އެއްބަހެއް ނުވިއެވެ. ނިދިފައި އޮތް ޝައިނާގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުން ނަގާލެވިދާނެ ކުޑަވެސް ހަރަކާތެއް ގެންނަން އޭނާ ބޭނުން ނުވާ ކަހަލައެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ވަރުބަލިކަމުގެ ނިޝާންތަކުން ޝައިނާ އެރޭގެ ހަތަރުދަން އޭނާއަށް ހޭހަން ކޮށްދިނުމުގައި އުޅުނުކަން ސާބިތުވާން ހުއްޓެވެ. ބޭރުފުށުން މީހުންނަށް ދައްކަމުންދާ ހިތްހަރުކަމާއި ހިލާފަށް ޝައިނާގެ ފަރާތުން ދުވަހެއް ދުވަހަކަށް ފެންނަމުންދާ އޯގާތެރިކަމާމެދު ރާހިލްއަށް ވިސްނޭވަރު އިތުރު ވަމުންދާކަން ހުދު އޭނާއަށްވެސް އެނގެއެވެ. އެކަންކަމަށް އޭނާގެ ހިތް ލެނބެމުންދާ ވަރަކަށް އޭނާގެ އަމަލުތައް ކޮންޓްރޯލުން ނެއްޓެމުންދާކަންވެސް އޭނާއަށް ގަބޫލުކުރެވެއެވެ.

ރާހިލް ނުވިސްނައި ހުއްޓައި ޝައިނާ ނިދީގެ ތެރެއިން މޯޅިއަކަށް ދެމިލަމުން އިތުރަށް ރާހިލްގެ ގައިގައި ބައްދައިލިއެވެ. އެ ފިނިއަތް ރާހިލްގެ ގަމީހުން ނައްޓަލެވިފައިވާ ގޮށްތަކުގެ ތެރެއިން މޭމަތީގައި ބީހިލުމާއެކު ރާހިލްގެ ނޭވާވެސް ހުއްޓުން ކަހަލައެވެ. ދެވަނަ ސިކުންތުގައި އޭނާވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ޝައިނާއާ އިތުރަށް ގާތްވެލައި ޝައިނާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އެ އިސްތަށިގަނޑުގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހުނުހިނދު ފުންނޭވާއެއް ދަމައިލަމުން ހިނިތުންވެލިއެވެ. އޭނާގެ ހިތަށް މިއިން ޒަމާނަކު ނުލިބޭފަދަ ހިތްހަމަޖެހުމެއް ޝައިނާއާ ގާތުގައިވުމުން ލިބެމުންދިޔައެވެ.

“މިއޮތީއެއްނު މަގޭ ސިކުނޑި އޮޅުންބޮޅުންކޮށް ހުރިހާ ހާލެއް ޖައްސާފަ އަރާމުގަ ނިދަން. ތެންކިޔޫ ފޯރ ޓޭކިންގް ކެއަރ އޮފް މީ ލަ–” އިހްތިޔާރަކާއިނުލާ ދުލުން ބޭރުވާން އުޅުނު ލަފްޒުގެ ބަރުދަން އިހުސާސްވުމާއެކު ރާހިލްއަށް އޭނާގެ ވާހަކަ މެދުކަނޑައިލެވުނެވެ. ނިތަށް ގިނަވި ރޫތަކާއެކު މުޅި މީހާއަށް ހާސްކަމެއް ވެރިވިއެވެ. ކުއްލިއަކަށް ޝައިނާގެ ބޯ ދަށުގައިވި އަތް ދަމައިގަންނަމުން އޭނާއަށް ތެދުވެ އިށީނދެވުނު ގޮތްވެސް ނޭނގުނެވެ. އެ ކުއްލި ހަރާކާތާއެކު ޝައިނާއަށްވެސް ހޭލެވުނެވެ. ލަސްލަހުން ދެފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު ލޯ ހުޅުވައިލިއެވެ.

“ރާހިލް. ހޭލީތަ؟ ގަޑިން ކިހާއިރެއް” ޝައިނާ މޯޅިއަކަށް ދެމިލަމުން ރާހިލްގާތު އިށީނެވެ.

“ނޫނޭ. އައިމް ޖަސްޓް ސްލީޕް ވޯކިންގް.” ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

“ޕިސްޕިސް މިހިރީ ވާ މީހެއް. ހޭލާ ގޮތަށްވެސް ސަކަރާތް ޖެހުމުގަ. އެކަމަކު މިހާރު ދެން ރާހިލްގެ ކުރީގެ ސެލްފްއަށް އިއާދަވެފަ ހުރީމަ މި ބަލަނީ މިހާރު އޯކޭ ކަމަށް.” ޝައިނާ އެނދުން ތެދުވެލަމުން ބުންޏެވެ.

“އިރު އަރަނީ ދޯ. 9 ޖަހާއިރު އެއަރޕޯޓަށް ދާން ޖެހޭނެ. ރާހިލްވެސް ރެޑީ ވެލާ. އަހަރެން ބަލާނަން ސޫޕްއެއް އެއްޗެއް ހަދާލެވޭތޯ އެނގޭ. ގައިގަ ވަރު ޖައްސަން ވާނެއެއްނު” ޝައިނާ ބުންޏެވެ.

“ގައިގަ ވަރު ޖައްސައިގެން އަހަރެން ކުރަން އޮތީ ކޮންކަމެއް. ޝައިނާ ހަނދާން ނެތުނީތަ ރެއިން ފަށައިގެން އަހަރެންގެ ގާރލްފްރެންޑެއް ނެތްކަން” ރާހިލް ލާނެތް ޒާތަކަށް ހީލައިފައި ބުންޏެވެ.

“އޭންންޑްޑް ހީ އިޒް ބެކް. ދަ އޯލްޑް އެނޯއިންގް ރާހިލް” ޝައިނާ ލަފްޒުތަކަށް ދަމައިލަމުން ބުންޏެވެ. “އެއްޗެއް ބޭނުން ނެތިއްޔާ އަހަރެންގެ މައްސަލައެއްނެތް. ސީ ޔޫ އެޓް ދަ އެއަރޕޯޓް” ޝައިނާ ދޮރުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެވަގުތު އޭނާގެ ފައި ބިންމަތީގައި އޮތް އެއްޗެއްގައި ޖެހުމުން ޝައިނާ އެއީ ކޯއްޗެއްތޯ ބަލައިލިއެވެ. އެއީ އޭނާގެ ފޯނެވެ. ރޭގައި ރާހިލް އޭނަގެ ގައިމައްޗަށް ޖެހުން ވަގުތު ފޯނު ވެއްޓުނު ގޮތަށް ޑިސްޕްލޭވެސް ވަނީ ތަޅައިގެން ގޮސްފައެވެ. ޝައިނާ އެ ފޯނު ހުޅުވޭތޯ މަސައްކަތްކުރިތަން ރާހިލްއަށް ފެނުނެވެ. ނަމަވެސް އެކަމުގައިހުރެ އޭނާ ކޮޓަރިން ނުކުތުމުން އެފޯނު ހުޅުވުމަށް ޝައިނާ ކުރި މަސައްކަތް ކާމިޔާބުވިކަމެއް ނުވަތަ ނުވާކަމެއް ރާހިލްއަކަށް ނޭނގުނެވެ. ކޮޓަރި ތަޅުލުމަށްފަހު އަނެއްކާވެސް އޮށޯވެލީ އެއަރޕޯޓަށް ދިޔުމުގެ ކުރިން ކުޑަކޮށް ނިދާލައި ވަރުބަލިކަން ފިލުވައިލެވޭތޯއެވެ.

***********

ފްލައިޓް ރަންވޭއަށް ޖެެއްސުމާއެކު ރިއާން އޭނާގެ ޑްރައިވަރަށް ގުޅައިލިއެވެ. ޓާރމިނަލުން ނުކުމެވުނުއިރު ދެކާރު އޭނާގެ އިންތިޒާރުގައި މަޑުކޮށްގެން އޮތެވެ. އެމީހުނާއެކު އައި ހެޑް އޮފީހުގެ ދެ މުވައްޒަފުންނަށް ޑްރައިވަރުންނާއެކު އެއްކާރުގައި ދިޔުމަށް އެނގުމަށްފަހު ރިއާން އޭނާގެ ކާރުގެ ޑްރައިވަރ ސީޓާއި ހަވާލުވިއެވެ. އޭނާއަކީ އެއްވެސް އިރަކު އެހެންމީހުން ލައްވައި ކާރުދުއްވާ މީހަކަށް ނުވާތީ އޭނާއަށް އެގޮތް ކަމު ނުދިޔައީއެވެ. ރިއާންގެ އިޝާރާތަށް ރާހިލްއާއި ޝައިނާ ރިއާންގެ ކާރަށް އެރިއެވެ.

ރާހިލް ކުރީ ސީޓުގައި ހަމަޖެހިލައި ފޯނު ޗާޖަށް ޖަހަން ދިމާކޮށްލި ވަގުތު ފަހަތު ސީޓުގައި އިން ޝައިނާވެސް އެ ވާގަނޑުގައި ހިފައިލިއެވެ. ރާހިލް ނުހަނު ފަސޭހަކަމާއެކު ޝައިނާއަށް އެ ވާގަނޑު ދޫކޮށްލިތަން ފެނި ރިއާންގެ ގާތަށް ހިނިއައި ނަމަވެސް އެކަން ފޮރުވައިލިއެވެ. އެކަމާ ގުޅުވައި ފަހުން ރާހިލްއާ ދިމާކުރުމަށް ސިކުނޑީގައި ރާވައިލަމުން އޭނާ ކާރު ދުއްވައިލިއެވެ. ރާހިލްގެ ނަޒަރު އޭރުވަނީ ފަހަތުގައި އިން ޝައިނާގެ ހަރަކާތްތަކަށް ހުއްޓިފައެވެ. ޝައިނާއަށް އަދިވެސް ފޯނު ނުހުޅުވިގެން އުޅޭކަން އޭނާއަށް ފާހަގަވިއެވެ.

މާލެއާ ހިސާބަށް އާދެވުނު އިރުވެސް ކާރުތެރޭގައިވި ހިމޭންކަމުގެ ސަބަބުން ރިއާންއަށް ހައިރާންކަމެއް ލިބުނެވެ. ރާހިލްއާއެކު 20 އަހަރުވީ ރަހްމަތްތެރިކަމުގައިވެސް ދުއްވާ އެއްޗެއްގައި އެހާ ހިމޭން ދަތުރެއް ކުރި ހަނދާނެއް އޭނާގެ ނެތެވެ. ވަކިން ހާއްސަކޮށް ބޭރުފެންނަ ބިއްލޫރިގަނޑެއް ހުރި އުޅަނދަކިއްޔާ ދުއްވާފައިދާއިރު ފެންނަހާ އެއްޗަކަށް ފާޑުކިޔުމުގައި ރާހިލްއަކީ ކުޑަކުއްޖަކަށްވެސް ދޫ ނުކުރާވަރުގެ ފަހުލަވާނެކެވެ. ވީއިރު ރާހިލްއަށް އައިސްފައިވާ ބަދަލާމެދު ރިއާން ކަންބޮޑުވިއެވެ.

ކާރުއައިސް ޝައިނާ އުޅޭ ގޭގެ ކުރިމައްޗަށް ހުއްޓާލުމުން ރާހިލް ކުޑަދޮރުން ބޭރަށް ކަޅި ހިންގައިލައި ޝައުގުވެރިކަމާއެކު އެ އިމާރާތަށާ ބަލައިލިއެވެ. ގާތްގަނޑަކަށް 5 ފަންގިފިލާއަށް ހިއްލާލެވިފައިވާ އެގެ ބޭރުން ފެންނަނީ އާދައިގެ މާލޭ ގެތަކާއި އެއް ފެންވަރުގެ ގެއެއްގެ ގޮތުގައެވެ.

“ރިއާން.. ލަގެޖް.” ޝައިނާ ކާރުން ނުކުންނަމުން ރިއާންއަށް ހަނދާން ކޮށްލައިދިނެވެ. ރިއާން ކާރުގެ ޑިކީ ހުޅުވާލިއެވެ. ޝައިނާ ކާރުގެ ފަހަތަށްގޮސް ލަގެޖް ނެގުމަށް މަސައްކަތް ކުރަމުންދިޔައެވެ. އޭރު ރިއާންއާއި ރާހިލް ކާރުގެ ކުރީ ލޯގަނޑުން އެ މަންޒަރު ބަލަން ތިއްބެވެ. ކާރުގެ ފަހަތައް ވެހިކަލްތައް ގިނަވެ ފުނިޖެހުނުއިރުވެސް ޝައިނާއަށް އެ ލަގެޖް ނެގޭ ގޮތެއް ނުވިއެވެ. އެހެންކަމުން ރިއާން އޭނާ އިން ފަރާތުގެ ދޮރު ހުޅުވައިލީ ޝައިނާއަށް އެހީތެރިވާން ދިއުމުގެ މަގްސަދުގައެވެ. ނަމަވެސް ރިއާންއަށް ކާރުން ބޭރަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ރާހިލް ކާރުން ފައިބައިގެންގޮސް ޝައިނާ ގާތަށް ހުއްޓުނެވެ. މިނެޓެއްހާއިރު ވަންދެން ޝައިނާ ނުނެގިގެން އުޅުނު ފޮށި ރާހިލް އެންމެ އަތެއްގެ ބާރުގައި ނަގައި ބިންމަތީގައި ބަހައްޓައިލިއެވެ. ލައިގެންހުރި ގަދަފެހި ކުލައިގެ ގަމީހުގެ އަތް އުޅަނބޮއްޓާއި ހިސާބަށް އޮޅާލެވިފައިވުމުގެ ސަބަބުން ހާމަވެފައިވާ ރާހިލްގެ މުލައްދަނޑީގެ ނާރުތައް އެހަރަކާތާއެކު ފުފިލިގޮތް ފެނި ޝައިނާއަށް، މޫނުއަނބުރައިލެވުނީ ބަލަން ނުވާ މަންޒަރެއް ފެނުނު ފަދައިންނެވެ.

“އޭ ނައްޓާލާ. އަހަރެން ގުޅާނަން ފަހުން” ރާހިލް ކާރުގައި ޖަހައިލަމުން ރިއާންއަށް އެންގިއެވެ. އެކަމާ އިތުރު ސުވާލެއްނުކޮށް ރިއާން ދިޔައީ އޭރުވެސް މަގުގެ ފަހަތުން ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު އިވެމުންދާތީއެވެ.

“ކުރިންވެސް ތިކަން ތިހެން ވީހެއްނު”

“މިހާރު ގަޑި ޖެހިއްޖޭ މި ކަމަކާހުރެ”

“މި އަންހެން ވެރިންނަށް ހީވާނެ ފިރިހެނުންނަށް ވާ ކޮންމެ ކަމެއް ތިމަންނަމެނަށް ވާނޭ”

“އޭނަ އެ ހުރިހާ ވަގުތެއް ނެގިއިރުވެސް ކާރު ތެރޭ ތިބި މީހުންވެސް އަޅާނުލާ ތިބީއޭ ހަމަ”

“ބަ* އެކޭ މި ކާރުތަކާ ހެދި”

ފޮށި ނަގަން ލަސްވުމުގެ ސަބަބުން ރިއާންގެ ކާރުގެ ފަހަތުން ނައްޓައިލި ސައިކަލުތަކުގައި ތިބި މީހުން ދެއްކި ވާހަކަތައް ރާހިލްއާއި ޝައިނާއަށް އިވުނެވެ. އެކަމަށް އެހާބޮޑު ސަމާލުކަމެއް ނުދީ ދެމީހުންވެސް ގޭގެ ދޮރާށިން އެތެރެއަށްވަނީ އެއީ މާލޭގެ ކޮންމެ ދުވަހެއްގެ ހާލަތު ކަމުގައި ވާތީއެވެ.

“ތެންކްޔޫ. އަހަރެން ހަމަޖައްސާލާނަން ދެން މިހިސާބުން” ޝައިނާ ރާހިލްއަށް ޝުކުރު އަދާކުރިއެވެ.

“މިތާކު ލިފްޓެއްވެސް ނެތެއްނު. ކިތަށްވަނަ ފްލޯރއަށް މި އަރުވަން ޖެހޭނީ؟” ރާހިލް ސިޑިއަށް ބަލައިލަމުން ބުންޏެވެ.

“ތިނެއް. އަހަރެންނަށް ވާނެޔޭ. އަހަރެން ތިފޮށި ސިޑިން ބޭލީވެސް.” ޝައިނާ ރާހިލްއަތުން ފޮށި އަތުލަން މަސައްކަތް ކުރިއެވެ.

“ސިޑިއަކުން އެއްޗެއް ބޭލުމާ އެރުވުމާ ވަރަށް ތަފާތުވާނެ. އަހަރެން ހީކުރީ އަހަރެންނަށްވުރެ ބޮޑަށް ޝައިނާއަށް އެކަން އެނގޭނަ ކަމަށް. ފިޒިކްސްއާ އޭތި މީތި ކިޔަވައިގެން ހުރީމަ” ރާހިލް ބުންޏެވެ.

“އައިމް އެން އާރކިޓެކްޓް. ނޮޓް އެން އިންޖިނިއަރ” ޝައިނާ ޖަދަލުކުރިއެވެ. ނަމަވެސް ރާހިލް ހަމަހިލާ ޝައިނާއަކަށް ދުލެއް ނުކުރިއެވެ. އެންމެފަހުން ޝައިނާ ހަތިޔާރު ބެހެއްޓިއެވެ. އަދި ރާހިލްގެ ފަހަތުން ސިޑީގެ ހަރުފަތްތަށް ގިރާކުރަން ފެށިއެވެ. އެޕަރޓްމެންޓްގެ ދޮރު ތަޅުލައިފައި ހުރުމުން ދަބަހުގައި އޮތް ތަޅުދަނޑި ނަގައި އެޕަރޓްމެނޓް ހުޅުވައިލަމުން ޝައިނާ އެތެރެއަށް ވަނެވެ. ރާހިލް ބޭރުގައި ހުރެ ޝައިނާގެ ފޮށި އެޕަރޓްމެންޓް ތެރެއަށް ވައްދައިލިއެވެ.

“ފެން ބޭނުންތަ؟ ޖޫސް؟ އެތެރެއަށް ވަދެބަ” ރޭގައި ބަލިވެ އުޅުމަށްފަހު އެ ފޮށި އުފުލަން ޖެހުމުން ރާހިލް އިތުރަށް ވަރުބަލިވެފައި ހުރެދާނެކަމަށް ވިސްނި ޝައިނާ ބުންޏެވެ. ރާހިލް އަވަސް އަވަހަށް އެޕާރޓްމެންޓްގެ ތެރެއަށް ވަދެގަތްގޮތުން ހީވީ ޝައިނާ އެހެން ނުބުނެގެން ހުރިހެންނެވެ.

ޝައިނާ ރާހިލްއަށް ފެންތަށްޓެއް އަޅައިދިނުމަށްފަހު އޭނާގެ ފޮށި ދަމައިފައިގޮސް ކޮޓަރިއަށް ވެއްދިއެވެ. އެވަގުތުކޮޅުގެ ތެރޭގައި ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. އާދައިގެ އެޕަރޓްމެންޓެއް ކަމުގައިވިނަމަވެސް ރީތި ސާދާ ގޮތެެއް ފެންނަން ހުއްޓެވެ. ސިޓިންގްރޫމްގައި ބޮޑު ގޮނޑިސެޓަކާއި ތިރި މޭޒެއް އަދި ޓީވީއެއްގެ އިތުރުން ފެންނަންހުރީ ކާމޭޒެކެވެ. އެ މޭޒު ހުރި ހިސާބުން ވަކި ކުރެވިފައިވާ ކައްކާ ތަންކޮޅަކާއި ސީދާ ސިޓިންގްރޫމްގެ ތެރެއަށް ނުކުމެވޭ ގޮތަށް ހުރި ކޮޓަރިއަކާއި ކާމޭޒާއި ދިމާލަށް ނުކުމެވޭ ގޮތަށް ދެކޮޓަރި ހުއްޓެވެ. އެޕަރޓްމެންޓްގެ ފްލޯރިންގާއި ގުޅޭގޮތަށް ފާރުގައި ލެވިފައިވާ ކުލަތަކާއި ޒީނަތްތެރިކަމަށް ބޭނުން ކުރެވިފައިވާ އާލާތްތަކުން ޝައިނާގެ ހުނަރުވެރިކަން ފެންނަމުންދިޔައެވެ.

“ހިއެއްނުވޭ މިގަޑީގަ އެކަކުވެސް އުޅޭ ހެނެއް. އަހަރެން ދައްތަމެންނަށް ގުޅާލާނަ–” ރާހިިލްގެ ކުރިމައްޗަށް އައިސް ހުއްޓުނު ޝައިނާގެ ވާހަކަ މެދުކެނޑުނީ ޝައިނާގެ ކޮޓަރިއާ އިންވެގެން ހުރި ކޮޓަރީގެ ތެރެއިން އެއްޗެއް ވެއްޓުނު އަޑަށެވެ.

ރާހިލްއާއި ޝައިނާ އެކަކުއަނެކަކަށް ބަލައިލުމަށްފަހު ދެމީހުންއެކީ އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ގޭގައި މީހެއްނެތި ވަގެއް ވަނީކަމަށް ހިތައި ޝައިނާ ކަންބޮޑުވިއެވެ. އެކޮޓަރިއާ އަރައި ހަމަވުމާއެކު ޝައިނާ ރާހިލްއަށް ބަލައިލިއެވެ. ރާހިލް ބޯ ޖަހައިލުމުން ޝައިނާ ކޮޓަރީގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. ކޮޓަރި ތަޅުނުލައި ހުރުމުން ދެމީހުންގެ ހިތުގައިވެސް ވަގަކާމެދު އުފެދިފައިވި ޝައްކު އިތުރަށް ޔަގީންވިއެވެ. އެހެނަސް ހުޅުވިގެން ދިޔަ ދޮރާއެކު ފެނުނު މަންޒަރުން ރާހިލްއާއި ޝައިނާ ދެލޯބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލައިލިއެވެ. އެކޮޓަރީގައިހުރި އެނދުގެ ބާލީސްތައް އެތަން މިތަނަށް އުކާލެވިފައިވާއިރު އެނދުގެ ރަޖާގަނޑުގެ ދަށުގައި ދެމީހަކު ހަރަކާތްތެރިވާކަން އެނގެމުންދެއެވެ. އެ ރަޖާގަނޑުގެ ދަށުން އަންހެން ކުއްޖެއްގެ ހުނުމުގެ އަޑާއި މާނޭވާލުމުގެ އަޑު އިވެމުން ދިޔައެވެ.

ޝައިނާއާއި ރާހިލްއަށް ހުރިތަނުން ގުޑާނުލެވިގެން އުޅެނިކޮށް ރަޖާގަނޑުގެ ތެރޭގައި އުޅުނު ފިރިހެންކުއްޖާ ތެދުވިއެވެ. އުނަގަނޑާއި ހަމައަށް އެޅިފައިވާ ރަޖާގަނޑާއެކު ހުރި ޝިމާން ފެނުމާއެކު ޝައިނާ ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ފަހަތައް އެނބުރުނެވެ.

“ސްޓޮޕް ބީއިންގް ޑްރެމެޓިކް ސިސް.. އައިމް ނޮޓް ނޭކެޑް. ޖަސްޓް ޝަރޓްލެސް.” ޝިމާން ތެދުވެ އެނާގެ ޖިންސުގައި އަޅައިގަނެފައިވާ ރަޖާގަނޑު ވަކިކޮށްލަމުން ބުންޏެވެ. ރާހިލް ޝައިނާގެ ކޮނޑުގައި ހިފައި ކޮޓަރިއާވީ ފަޅިއަށް އަނބުރައިލުމުން ޝައިނާ އޭނާގެ އިނގިލިތަށް ކުޑަކޮށް ދުރުކޮށްލައި ބަލައިލުމަށްފަހު ލޯމަތިން އަތް ނެގިއެވެ. އޭރުވެސް ރަޖާދަށުގައި އުޅުނު އަންހެންކުއްޖާގެ ހިލަމެއް ނުވެއެވެ.

“ސީރިއަސްލީ އަހަރެން ހިއެއް ނުކުރަން ޝައިނާތީ އެހާ ހިޕޮކްރިޓް މީހެއް ކަމަކަށް. އައި މީން ޝައިނާގެ ބްރަދަރ މިހެން އުޅޭއިރު އަހަރެންގެ އުޅުމަށް ފާޑުކިޔަން” ރާހިލްގެ ވާހަކައައެކު ޝައިނާ ލޯ އަޅައިލީ ޝިމާންއާ ދިމާލަށެވެ.

“ކަމޯން ސިސް. އަހަރުމެން އެއްވެސް ކަމެއް ނުކުރަމޭ. ސްޓަޑީ ބްރޭކެއް ނެގި ގަޑީގަ ކުޑަކޮށް ގިލިގިލި ކޮށްޓާލީ. މީ ކާކުތަ މިތާހުރެ ފާޑުފާޑުގެ ވާހަކަ ދައްކަން” ޝިމާން ގޮނޑީގައި އަޅުވައިލައިފައި އޮތް ޓީޝާޓު ބޮލުން މަހާލަމުން ބުންޏެވެ.

“ކޮބާ ދައްތަމެން؟” ޝައިނާ އެއްސެވެ.

“މަންމަމެން ދޯ. ސިސް ރޭގަ ގުޅާފަ ބުނީމެއްނު މިއަދު އަންނާނަމޭ. އެހެންވެ މެންދުރަށް މާ ވަރުގަދަޔަށް ކައްކާށޯ ކިޔާފަ އެއްޗެހި ގަންނަށް ނިކުތީ. އެކަމަކު މިހާރު ވަރަށް އިރުވެއްޖެ ދިޔަތާ. އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެއްނު… މީ ކާކު؟” ޝިމާން ރާހިލްގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން ބުންޏެވެ.

“ދޮންބޭ؟” އެނދުގައި އިން ކުއްޖާގެ އަޑަށް ދޮރު ކައިރީގައި ތިބި ތިން މީހުންގެ ބޯތައް އެދިމާލަށް އެނބުރުނެވެ.

“ދޮންބޭ؟” “އިޝީ؟” ޝިމާންއާ ރާހިލްއާށް އެއްފަހަރާ އިޝްވާއާ ދިމާލަށް އެނބުރެމުން އަހައިލެވުނެވެ. އެއަށްފަހު އެ ދެމީހުންގެ ނަޒަރު އެކަކުއަނެކަކާ ސީދާވިއެވެ. ރާހިލް އިޝްވާއަށް ބަލައިލުމަށްފަހު ނުރުހުމުގެ ނަޒަރަކުން ޝިމާންއަށް ބަަލައިލިގޮތުން ޝިމާންއަށް ހިންދިރުވައިލެވުނެވެ.

“ނޮޓް ދަ ބެސްޓް ވޭ ޓު މީޓް ދި ބްރަދަރ އައި ގެސް” ކުށްވެރިއެއް ފަދައިން ދެއަތް ކޮނޑާއި ހިސާބަށް ހިއްލާލައިގެންހުރެ ޝިމާން ރާހިލްގެ ކުރިމަތިިން ދުރަށް ޖެހިލިއެވެ.

“ދޮންބޭ. މިތާ ކީއްކުރަނީ؟” އިޝްވާ އެނދުން ތެދުވެގެން އައިސް އެމީހުންގާތު ހުއްޓިލިއެވެ.

“ތިސުވާލު ކުރަންވީ އަހަރެންނެއްނު. އިޝްކޮ މިތާ ކީއް ތިކުރަނީ؟ ވިތް ދިސް.” ރާހިލް ހިތްހަމަ ނުޖެހިފައިހުރެ ޝިމާންއަށް ބަލައިލަމުން ބުންޏެވެ.

“ކިޔަވާށޭ އައީ. ސްޓަޑީ ބްރޭކްއެއް ނަގާފަ މާނު އިޝީގައިގަ ގިލިގިލި ކޮށްޓަން ފެށިއިރަށް ދޮންބެމެން ތިއައީ.” އިޝްވާ ރާހިލްގެ އަތުގައި އެލިގަންނަމުން ބުންޏެވެ. ރާހިލް ޝިމާންއަށް ލޯ އަޅައިލިއެވެ.

“ކަޓް އިޓް ދޮންބޭ. އިންޑިއާ ފިލްމް ތަކުގަ އުޅޭކަހަލަ ވިލައިން ދޮންބެ އަކަށްވީމަ މައި ސްވީޓް ދޮންބެއަކާ ނުވެސް ގުޅޭ. އިޝީއަށް އެނގޭ ދޮންބެ ޗިލް ވާނެކަން. މާނު އިޒް އަ ގުޑް ބޯއީ އޭ. ދޯ ސިސް. ސިސްއަށްވެސް ދޮންތިއަށްވެސް އެނގެޔޭ އިޝީ އެންޑް މާނުގެ ކަންތައް” އިޝްވާ ޝައިނާއަށް ދޯ ދެމުން ބުންޏެވެ. ރާހިލް ޝައިނާގެ އިޝާރާތަކަށް ބަލައިލުމާއެކު ޝައިނާވެސް އެކަމާ އެއްބަސްވަމުން ބޯ ޖަހައިލިއެވެ.

“އެންމެނަށް އެނގޭއިރު ކީއްވެ ދޮންބެ ކައިރި ނުބުނީ؟” ރާހިލް އިޝްވާގާތު އެހިއެވެ.

“ބަަލަ ދޮންބެގާތު ބުނެވޭނީ ފުރުސަތެއް ލިބިގެންނު. އައި ގޮތަށް ދޮންބެ ނައްޓާލީވިއްޔަ ހ.ދ އަށް ކޮންމެ–” ކުއްލިއަކަށް އިޝްވާ އެއްޗެެއް ހަނދާންވި ފަދައިން ވާހަކަ ހުއްޓައިލިއެވެ. “ވެއިޓް. ދޮންބޭއާ ސިސް އާ ދެމީހުންވެސް މާލެ އައީ. ސޭމް ޑޭ. ސޭމް ޓައިމް. ޑަޒް ދިސް މީން”

“ޔެސް ދޭ ވަރ ރޫމް މޭޓްސް” ޝިމާން އިޝްވާގެ ހިތުގައި އޮތް ސުވާލަށް ޖަވާބުދިނެވެ.

“ނޮޓް ރޫމް މޭޓްސް” ޝައިނާއާއި ރާހިލް އެއްފަހަރާ ބުންޏެވެ

“އޯކޭ އޯކޭ. ހައުސް މޭޓްސް. ފްލެޓް މޭޓްސް. ހަމަ އެކައްޗެއްނު މި ކިޔެނީ” ޝިމާން ކޮޓަރީގެ މޭޒުމަތީގައިހުރި ކޯކްފުޅިން ކޯވަރެއް އަނގަޔަށް އަަޅައިލަމުން ބުންޏެވެ.

“ދެން ދޮންބެ ކީއްވެ ދޮގު ހެދީ. ހ.ދ އަށޭ ބުނީ” އިޝްވާގެ އަޑު ކުއްލިއަކަަށްބާރުވިއެވެ.

“އަހަރެން ވޯކް ޓްރިޕްއެކޭ ބުނިނަމަ މަންމަމެން އެހާ ފަސޭހައިން ފޮނުވާނެތަ؟ ޑޭޑް ބޭނުމެއްނުވޭ އެ ކޮމްޕެނީ ނޫން ކޮމްޕެނީ އެއްގަ އަހަރެން ވޯކް ކުރާކަށް” ރާހިލް އަސްލު ސަބަބު ފޮނުވައިލިއެވެ.

“ދޮންތިއަށް އެނގޭތަ؟” އިޝްވާ ދެއަތް މޭމަތީގައި ހުރަސްކޮށްލަމުން އަހައިލިއެވެ. ރާހިލް ކުށްވެރިއެއް ފަދައިން އިސްޖަހައިލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހުރައިލިއެވެ.

“ވަޓް؟؟ ދޮންބޭ. ޔޫ ކާންޓް. އަހަންނަށް އެނގިއްޖެ ދޮގު ހެދީ ކީއްވެކަން. ސިސް އާ އެއްކޮށް ދިޔަކަން ދޮންތިއަށް ނާންގާކަށެއްނު” އިޝްވާ ހިތްހަމަ ނުޖެހިފައި ރާހިލްއާ ދިމާލަށް ބުންޏެވެ.

“ކަމޯން. އިޝްކޮއަށް އެނގެއެއްނު ދޮންތި އެއީ ކުދިކުދި ކަންކަންވެސް ކިހާ ބޮޑުކޮށްލާ މީހެއްކަން. އެހެންވެ ބުނަން ނުކެރުނީއޭ. އަހަރެން ޒީގެ ފްރެންޑްސް އާ ވާހަކަ ދައްކަން ޒީ ބޭނުން ނުވާކަން އިޝްކޮއަށް އެނގެއެއްނު” ރާހިލް އަމިއްލަ ނަފްސު ދިފާއުކުރަން މަސައްކަތް ކުރިއެވެ.

“ޝީ ހޭޒް ވެލިޑް ރީޒަންސް ފޯރ އިޓް. ސިސްއާ ގާތްވާން ހިޔާލުވެސް ނުކުރާތި. ސިސް. ސިސްވެސް ދޮންބެ ދައްކާ މޮޅެތި ވާހަކަތަކަށް ނުހެއްލޭތި” އިޝްވާ ޝައިނާގެ އަތުގައި ހިފައި ދަމައިގަންނަމުން ރާހިލްއާ ދުރަށް ހިނގައިގަތެވެ.

“ތި އެންމެންވެގެން އަހަރެން އެހާ ބޮޑު ވިލަންއަކަށް ނުހަދަބަދޯ. އަހަރެން ނޫޅެމޭ ޝައިނާއަށް ގޮތެއް ހަދާކަށް. ޕްލީޒް ޑޯންޓް ޓެލް ޒީ” ރާހިލް އާދޭހުގެ ރާގެެއްގައި އިޝްވާގާތު ބުންޏެވެ.

“އެ ތެދެއް އިޝީ. އަހަރުމެން ދިޔައީ ހަމައެކަނި ވޯކް އަށޭ. އަހަރެންވެސް ބޭނުމެއްނޫން މިކަން ޒީ އަށް އެނގިހެން ބޮޑު ޑްރާމާއަކަށް ވާކަށް. އެހެންނޫނަސް ރާހިލްއަކީ ތި ބުނާވަރު ވިލަންއެއް ނޫނޭ” ޝައިނާވެސް އިޝްވާ ރުއްސުމުގެ މަސައްކަތް ކުރިއެވެ. ޒީވާ އަހާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ ނެތެވެ. ޒީވާ އެދެމެދުގައި ކަމެއް ހިނގިތޯ އަހައިފިނަމަ ދޮގު ހަދާނެހާ ހިތްވަރު އޭނާގެ ކިބައިގަ ހުންނާނެހެން ހިއެެއް ނުވެއެވެ.

“ބަލާބަ. ސިސްވެސް ސިއްރު ކުރަން ތި އުޅެނީ. މިހާއަވަހަށް ދޮންބެގެ މަޅީގަ ޖެހުނީ” އިޝްވާގެ ވާހަކައިން ޝައިނާއަށް މަޑުމަޑުން އިޝްވާގެ ނަމުން ގޮވައިލެވުނު އިރު ރާހިލްއަށް ފޫހިގޮތަކަށް ކަޅި އަނބުރައިލެވުނެވެ.

“އޯކޭ. އެކަމަކު ދޮންބެވެސް ނުވާނެ އިޝީ އެންޑް މާނުގެ ވާހަކަ މަންމިމެން ކައިރި ބުނެގެނެއް” އިޝްވާ ރާހިލްއާ ދިމާލަށް އެނބުރިލަމުން ބުންޏެވެ.

“ޑީލް” ރާހިލް ދެއަތް ހުޅުވައިލަމުން ބުންޏެވެ. އެއާއެކު އިޝްވާ އުފަލުން ރާހިލްގެ ގައިގައި ބައްދައިލިއެވެ.

އިޝްވާގެ ގައިގައި ބައްދައިލަމުން ރާހިލް އިޝްވާއަށް ނުފެންނާނެ ފަދައިން ދުރުގައި ހުރި ޝިމާންއަށް ބަލައިލަމުން އިންޒާރެއް ދޭ ފަދައިން ދެއިނގިލިން އަމިއްލަ ލޮލަށް އިޝާރާތް ކޮށްލުމަށްފަހު ޝިމާންގެ ދެލޮލަށް އިޝާރާތް ކޮށްލިއެވެ. އެމަންޒަރު ފެނި ޝައިނާގެ ގާތަށް ހިނިއައި ނަމަވެސް އެކަން ފޮރުވައިލިއެވެ. އިޝްވާ ބުނި ފަދައިން ރާހިލްފަދަ ސަކަ މިޒާޖެއްގެ މީހަކަށް ސީރިއަސް ބޭބެއެއްގެ ރޯލު ކުޅެވިދާނޭ ޝައިނާގެ ހިތެެއްވެސް ނުބުނެއެވެ. ކުއްލިއަކަށް ޝިމާންގެ ފޯނު ރިންގުވާން ފެށުމާއެކު އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ.

“ކާކު؟” އިޝްވާ އާދައިގެމަތިން އަހައިލިއެވެ.

“ތިނެއް ތިނެއްގެ ނަމްބަރެއް. ވެދާނެ ބާސްކެޓް އެސޯސިިއޭޝަންއިން އޮފިޝަލް ކަންތަކުގަ ގުޅަނީ ކަމަށްވެސް. ހެލޯ” ޝިމާން ފޯނު ނަގަމުން ޖަވާބުދިނެވެ.

“ޔެސް؟ ޔެސް ދިސް އިޒް މީ. އައިމް ދަ ސަން” ޝިމާން ވާހަކަ ދައްކަމުން ދިޔައިރު މޫނަށްއަރަމުންދިޔަ ކުލަވަރުތަކުގެ ސަބަބުން ކަމެެއް ގޯސްވެއްޖެކަން އެތާ ތިބި މީހުންނަށް ރޭކައިލިއެވެ.

“ވަޓް. ވެއިޓް… ވެން ވޯޒް ދިސް. ޔެސް. ޔެސް ވީ ވިލް ބީ ދެއަރ ސޫން” ފޯނު ބޭއްވުމާއެކު ޝިމާން ކަންބޮޑުވެފައި ޝައިނާއާ ދިމާލަށް ބަލައިލިއެވެ.

“ސިސް” ކުޑައިރުއްސުރެން ޝިމާން ދެރަވާކަމެއް ދިމާވެއްޖެނަމަ ޝައިނާއަށް ގޮވާލާ ރާގުގައި އަކުރުތަކަށް ގޮވައިލިއެވެ. އޭނާއަށް ލިބުނު ހަބަރުގެ ސަބަބުން ދެފައިން ވަރުދޫވެ ކަކޫމައްޗަށް ވާގޮތަށް ބިންމަތީގައި އިށީދެވުނެވެ.

“ޝިމާން.. ކިހިނެއްވީ؟؟ ބުނެބަ..” ޝައިނާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޝިމާންގެ ކުރިމަތީގައި އިށީނދެލަމުން އެ ދެއަތުގައި ހިފަހައްޓައިލިއެވެ. އޭނާގެ މޫނުންވެސް ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ނަމަވެސް ޝިމާންއަށް އެއްޗެއް ބުނަން އުނދަގޫ ވެގެން އުޅޭ ކަހަލައެވެ.

އިޝްވާވެސް ގޮސް ޝިމާންގާތު އިށީނދެލަމުން ކޮނޑުގައި ހިފަހައްޓައިލިއެވެ. އެމަންޒަރު ބަލަންހުރި ރާހިލްވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެތަނުގައި ކުރިން އޮތް އުފާވެރި މާހައުލު ބަދަލުވެގެން ދިޔައިރު އެކަމުގެ ފަހަތުގައިވާ ސަބަބެއް ޝިމާންއަކަށް ނޫނީ ނޭނގެއެވެ.

“ޝިމާން އަޅެ ކިހިނެއްތަވީ. ކާކުތަ ގުޅީ؟” ޝިމާންގެ މޫނަށް ވެރިވަމުންދިޔަ އަސަރުތައްފެނި ޝައިނާގެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ.

“ބޭބް. ބޭބް ލުކް އެޓް މީ. ބުނެބަ ކިހިނެއްތަވީ؟؟” އިޝްވާވެސް ކައިރީގައި އިށީނދެ ޝިމާންއަށް ވެގެންއުޅޭ ގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.

“ހޮސްޕިޓަލް. އެކް..އެކސިޑެންޓްގަ. މަމް. މަމް އައިސީޔޫގަ” ޝިމާން އިޝްވާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލި ބަސްތަކާއެކު ހީވީ އެތަނުގައި ބޮމެއް ގޮއްވައިލެވުނު ހެނެވެ.

ޝައިނާގެ ހަރަކާތްތަށް ހިނދުކޮޅަކަށް ގަނޑުވިއެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން އޭނާ ޝިމާންއަށް ހިތްވަރުދިނެވެ.

“ބޭބެ ކޮބާ؟ ޝިމާން ހަމަ ޖެހިބަ. އަދި ވެގެން އުޅޭ ގޮތެއްވެސް އެނގޭނީ ހޮސްޕިޓަލްއަށް ދެވުނީމައެއްނު. އިޝީ.. ނިކަން އަވަހަށް ކާރަކަށް ގުޅާބަލަ” ޝައިނާގެ އިރުޝާދާ އެއްގޮތަށް އިޝްވާ އަމަލުކުރިއެވެ. އެޚަބަރަކީ ޝައިނާއަށްވެސް އަޑު އަހަން ފަސޭހަ ހަބަރެއްނޫނެވެ. އެ ބޮޑުދައިތައަކީ މަންމައަކާ އެންމެ ގާތަށް އޭނާއަށް ލޯބިދިން ފަރާތެވެ. އުފަން މަންމަގެ އަނިޔާވެރި ވަކިތަކުން އޭނާ ސަލާމަތްކޮށްދީ ދިރިއުޅުމެއް ހޯދައިދިނީ އެ ބޮޑުދައިތައެވެ. އެ ބޮޑުދައިތަގެ ހާލާމެދު އޭނާގެ ހިތް ކަންބޮޑުވަމުން އައި ނަމަވެސް ޝިމާންގެ ކުރީމަތީގައި ނެތް ހިތްވަރު ދައްކަން އޭނާއަށް މަޖުބޫރުވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ޝިމާންގެ އުފަން މަންމަތާއެވެ.

އިޝްވާ ކާރު އައިކަން އެންގުމާއެކު އެންމެންވެސް ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަތެވެ. ކާރު ހޮސްޕިޓަލާ ހިސާބަށް ވާސިލްވިއިރުވެސް ޝިމާންގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. ޝައިނާ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިނަމަވެސް ރާހިލްއަށް އެ މޫނުމަތީގައިވި ކަންބޮޑުވުން ސިއްރެއް ނުވިއެވެ. ހޮސްޕިޓަލަށް އާދެވުމުން އިޝްވާއާއި ޝިމާން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ރާހިލް މަޑުމަޑުން އެމީހުންގެ ފަހަތުގައިހުރި ޝައިނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“އާރ ޔޫ އޯކޭ؟” ރާހިލް ކަންބޮޑުވެފައިވާ ރާގެއްގައި އަހައިލިއެވެ.

“ވަރަށް ހާސް އެބަ ވޭ. އައި ކާންޓް ލޫޒް ހަރ ޓޫ ރާހިލް” ޝައިނާ އޭނާގެ ހާސްކަން ފޮރުވާކަށް ނޫޅުނެވެ.

“އިރާދަކުރެއްވިއްޔާ އިޓް ވިލް ބީ އޯކޭ” ޝައިނާ ބުނީ ކީކޭކަން ސީދާ ނޭނގުނު ނަމަވެސް ރާހިލް ހިތްވަރު ދިނުުމުގެ ގޮތުން ޝައިނާގެ އަތަށް ބާރުކޮށްލިއެވެ. ޝައިނާ ބޯޖަހައިލުމަށްފަހު ޝިމާންމެންގެ ފަހަތުން ދިޔައެވެ.

ހަތަރު މީހުން އެކުގައި އައިސީޔޫ ހުންނަ ދިމާލަށް މިސްރާބު ޖެހިއިރު ޑިއުޓީގައި އުޅެމުންދިޔަ ޒީވާވެސް ދުވެފައި އެމީހުންގެ ގާތަށް އަތުވެއްޖެއެވެ. ޒީވާ އައިސް ޝައިނާގެ ގައިގައި ބައްދައިލުމާއެކު އިޝްވާ ގޮސް ޝިމާންގާތު އިށީނެވެ. ރާހިލް ހުރީ އެ އެންމެނާ މާ ދުރުގައިހުރި ތަނބެއްގައި ލެގިލައިގެން އެމަންޒަރު ބަލާށެވެ. ޝައިނާގެ އާއިލީ ކަމެއްގައި އޭނާގެ ހައިސިއްޔަތަކީ ކޮބައިކަން ނޭނގޭތީ އެ މަންޒަރާ ދުރުވާން މަސައްކަތް ކުރިއެވެ. ހޮސްޕިޓަލުން ނުކުތުމުގެ ހިޔާލު ސިކުނޑީގައި އެނބުރުނު ނަމަވެސް އޭނާގެ ދެފައިގައި ތަޅު އެޅުވިފައިވާ ކަހަލައެވެ. އޭނާގެ ހިތުގައި ޝައިނާއާމެދު ކަންބޮޑުވުން އުފެދުނެވެ. ޒީވާއަށް ރާހިލް ފެނުމާއެކު ލޮލުގެ އިޝާރާތުން އިޝްވާއަށް ރާހިލް ދައްކައިލިއެވެ.

“އަހަރެން ގުޅީ ދޮންބެއަށް. މިއަދު ހެނދުނު ދޮންބެ އައީ” އިޝްވާ އަވަހަށް ވާހަކައެއް ހަދައިލިއެވެ. ޒީވާ ރާހިލްއަށް ކައިރިއަށް އައުމަށް އިޝްރާތް ކޮށްލިއެވެ. ރާހިލް ތެޅިތެޅިއޮތް ހިތަކާއެކު ޒީވާމެން ތިބި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ އަންނަންފެށި ރިއާންގެ ކޯލަށް ޖަވާބުދިނުމުގެ ގޮތުން އޭނާގެ ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ.

“ކޮބާ ތީ ގުޅާނަމޭ ބުނި މީހާ؟ އަދިވެސް ހިތް ނުފުރެނީ ދޯ. ޝައިނާއަށް ސަންތިއޭ ކިޔަމުންގޮސް ރާހިލްއަށް ތިހިރީ ހަމަ ރަނގަޅަށްވެސް ސަންތި އަވަލާފަ” ރިއާންގެ ދިމާކުރުންތައް ފެށިގެންދިޔައެވެ.

“އޭ ތިއެއް ނޫނޭ. ވީ ގޮތަކީ–” ރާހިލް ރިއާންއަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.

“އޯ އެވާހަކަތަ ހަބަރުގަ އެއޮތީ؟ ފިރިހެންމީހާ ގެންދިޔަ އިރުވެސް ނިޔާވެފައޯ ދޯ އޮތީ” ރިއާންބުނި ވާހަކައިން ރާހިލްއަށް ކުއްލި ސިހުމެއް ލިބުނެވެ.

“ވަޓް؟؟ އަހަންނަކަށް ހިއެއްނުވޭ އަދި ތިވާހަކަ އެނގޭހެނެއް. ހަމައެކަނި އަންހެންމީހާގެ ވާހަކަ ކަންނޭގެ ހޮސްޕިޓަލުން ބުނީވެސް. މަޑުކުރޭ އެބަ ގުޅަން” ރާހިލް އަވަސްއަވަހަށް ފޯނު ކަނޑައިލުމަށްފަހު ޝައިނާމެން ތިބި ދިމާލަށް ދިޔައެވެ.

“ޒީ. އައިސްބަލަ” ހާލަތަށް ރިއާާޔަތްކޮށް އެންމެ ފަސޭހައިން އެވާހަކަ ބުނެވޭނީ ޒީވާގާތު ކަމަށްވާތީ ރާހިލް ޒީވާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

“ޒީ… ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް. ހަބަރު ދުށިންތަ؟” ރާހިލް ކަންބޮޑުވެފައި އަހައިލިއެވެ.

“ކޮން ހަބަރެއް؟” ޒީވާ ޔުނީފޯމުގެ ޖީބުން ފޯނު ނަގަމުން އަހައިލިއެވެ. އެވަގުތު އައި.ސީ.ޔޫގެ ދޮރު ހުޅުވައިލުމަށްފަހު ޑަކްޓަރަކާއި ނަރުސް ކުއްޖެއް ނުކުތްތަށް ފެނި އެތަނުގައި ތިބި އެންމެނެކޭ އެއްގޮތަށް ޒީވާއާއި ރާހިލްވެސް އެދިމާލަށް ދިޔުމަށް އަވަސްވެގަތެވެ.

“ޝަފިއްޔާ” ނަރުސް ކުއްޖާ ޝައިނާގެ ބޮޑުދައިތަގެ ފުރިހަމަ ނަމުން ގޮވައިލިއެވެ. އެއާއެކު އެންމެންގެ ލޯތައް އެދިމާލަށް ހުއްޓުނެވެ.

“އައިމް ސޮރީ. މިކޮޅަށް ގެނެވުންއިރުވެސް ޕޭޝެންޓްގެ ހާލު ވަރަށް ދަށް. އިންޓަރނަލް ބްލީޑިންގެ ގެ އަސަރުތައް ސިކުނޑިންވެސް ފެންނަންހުރި. ވީ ޓްރައިޑް އަވަރ ބެސްޓް ބަޓް. ޝީ އިޒް ނޯ މޯރ” ޑަކްޓަރުގެ ހަބަރާއެކު ޝައިނާ ހަށިގަނޑު އެކީ ހުއްޓުމަކަށް އައި އިރު ޝިމާންގެ ލޯވެސް ފެންކަޅިވިއެވެ.

“ޑަކްޓަރ. ވަޓް. ވަޓް އަބައުޓް މައި ޑޭޑް.” ޝިމާން ހިންދިރުވާލަމުން އަހައިލިއެވެ.

“މިކޮޅުން އިންފޯރމް ނުކުރޭތަ؟ މޭލް ޕޭޝަންޓް މިކޮޅަށް ގެނެވުން އިރުވެސް އޮތީ ނިޔާވެފަ. އައިމް ސޮރީ ޗައިލްޑް. ދީސް އާރ ޑިފިކަލްޓް ޓައިމްސް. އެކަމަކު މާތް ﷲ ވޮޑުގެންވަނީ ކެތްތެރިންނާއެކު” ޑަކްޓަރު ޝިމާންގެ ކޮނޑުގައި އަތް ބާއްވައިލަމުން ހިތްވަރު ދިނެވެ.

ޑަކްޓަރު ދިޔުމާއެކު ޝިމާން އަލުން ގޮނޑިބަރީގައި އިށީނދެ ދެކަކުލުގައި އުޅަނބޮށި އަޅުވައިލަމުން އިސްޖަހައިލިއެވެ. އަދި މޫނުގައި އަތް އަޅައިލިއެވެ. އިސާހިތަކު އޭނާގެ ވޭނީ ގިސްލުމުގެ އަޑު އެތަނުގައި ގުގުމައިލައިފިއެވެ. އިޝްވާގޮސް ޝިމާންގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑުގައި ބައްދައިލިއިރު އޭނާވެސް ވަނީ ފެންކަޅިވެފައެވެ. ޝިމާންގެ ގިސްލުމުގެ އަޑު ޖެހުމާއެކު އިޝްވާ ކުރަމުންއައި ހިތްވަރު އެކީ އެލިގެން ދިޔަކަހަލައެވެ. ޝިމާންގެ އިސްތަށިގަނޑުގެ ތެރޭގައި މޫނު ފޮރުވައިލިއިރު އިޝްވާއަށްވެސް ޝިމާންއެކޭ އެއްވަރަށް ރޮވެމުންދިޔައެވެ.

“ހޮސްޕިޓަލަށް އޮޅުނީ. އެހެންނެއް ނުވާނެ. ދައްތައަށް އެހެންނެއް ނުވާނެ” ޝައިނާގެ އަޑާއެކު އިޝްވާއާއި ޝިމާން ފިޔަވައި އެންމެންގެ ލޯތައް އެ ދިމާލަށް ހުއްޓުނެވެ. އޭރު އައި.ސީ.ޔޫ ގެ ބޭރު ފާރުގައި ލެގިލައިގެންހުރެ ޝައިނާ ބޯ ހޫރަމުންދިޔައީ ޑަކްޓަރުގެ ވާހަކައަށް އިންކާރު ކުުރާ ފަދައަކުންނެވެ. އޭނާގެ މުޅި ހަށިގަނޑު އެ ހަބަރާއެކު ތުރުތުރު އަަޅަމުން ދިޔައިރު ހިފެހެއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

“ޝީޒް ނޯ މޯރ. ޝައި.. ޕްލީޒް. ހިތްވަރުކޮށްބަ” ޒީވާގޮސް ޝައިނާގެ ގައިގައި ބައްދައިލިއެވެ. އެއާއެކު ޝައިނާގެ ވޭނީ ރުއިމުގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ. ޒީވާއަށް ޝައިނާގެ ހަށިގަނޑު ކޮންޓްރޯލް ނުކުރެވި ދެމީހުން އެކުގައި ބިންމަތީގައި އިށީނދެވުނެވެ.

“ހޮސްޕިޓަލަށް އޮޅުނީ. އެހެންނެއް ނުވާނެ. ދައްތައަށް އެހެންނެއް ނުވާނެ. ދުރަށްދޭ. ދޮގު ނުހަދާ ދުރަށްދޭ. ދައްތަ އަހަރެން ދޫކޮށްލާފައެއް ނުދާނޭ. އަޑެއް ނީވޭތަ؟” ޝައިނާ ޒީވާ ދުރަށް ކޮށްޕައިލުމަށްފަހު ޒީވާއާ ދުރަށް ޖެހިލިއެވެ. ދުރުގައިހުރި ރާހިލްއަށް އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝައިނާގެ ފަހަތުގައި އިށީނދެލަމުން އެކޮނޑުގައި ހިފަހައްޓައިލެވުނެވެ.

“ރާހިލް. ރާހިލް ބަލާބަލަ މިމީހުން ކިޔާ އެއްޗެއް. ބުނޭ އެއީ ދޮގެކޭ. ހޮސްޕިޓަލަށް އޮޅުނީ. ރާހިލް ބުނީމެއްނު ޝީ ވޯންޓް ލީވް މީ އޭ. ދައްތަ ނުދާނެ އަހަރެން ދޫކޮށްފައެއް. ޝީ ގޭވް މީ އަ ނިއު ލައިފް. އައި ކާންޓް ލޫޒް ހަރ ޓޫ ރާހިލް. އައި ކާންޓް ލޫޒް ހަރ ޓޫ” ޝައިނާ ދެފަރާތައް ބޯހޫރަމުން ރާހިލްގެ ގަމީހުގައި ހިފަހައްޓައިއެވެ. ރާހިލް އިތުރަށް ޝައިނާ އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. ޝައިނާއަށް ވަމުންދާގޮތް ފެނި އެނާގެ ހިތަށްވެސް އަސަރު ކުރަމުންދިޔައެވެ. ލޮލަށް ހިލިގެންއައި ކަރުނަތައް ފޮރުވާލުމަށްޓަކައި އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ޝައިނާގެ ބޮލުގައި ދަތްދޮޅި އަޅުވައިލިއެވެ. އޭރު ކަމެއް ހިނގައިގެން އުޅޭކަން އެނގި ގިނަ ބަޔަކު އެދިމާލަށް އެއްވަމުންދިޔައެވެ.

އެއީ ޝައިނާއާ ދިމާވީއްސުރެންވެސް އެހާ ބަލިކަށި ހާލަތެއްގައި ޝައިނާ ވަނިކޮށް އޭނާއަށް ފެންނަ ފުރަތަމަ ފަހަރު ކަމުން ރާހިލް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ފެނިދެނިވެ އުޅުނު ޝައިނާގެ ކޮންމެ އިހުސާސެއް އޭނާގެ ހިތުދަހެވެ. އެއީ އުފާވެރިކަން ކަމުގައިވިޔަސް ރުޅިވެރިކަން ކަމުގައިވިޔަސް ފޫހިކަން ކަމުގައިވިޔަސް އަދި ހާސްކަން ކަމުގައިވިޔަސްމެއެވެ. ނަމަވެސް ޝައިނާގެ ހިތާމައާއި ހިތްދަތިކަމަކީ އޭނާއަށް މުޅިން ބީރައްޓެހި އިހުސާސްތަކެކެވެ. އެ ކަރުނަތަކަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. އެހެންކަމުން ޝައިނާގެ ކަރުނައިން އޭނާގެ ގަމީސް ތެމެމުން އައި ވަރަކަށް ރާހިލްއަށް ގޮތް ހުސްވަމުން ދިޔައެވެ. ޝައިނާގެ ހިތުގައި އަޅަމުންދާ ވޭން ފިލުވައިލުމަށްޓަކައި އެ ހަބަރަކީ ދޮގު ހަބަރެއްކަން ބުނަން އޭނާ ބޭނުންވާވަރު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. ނަމަވެސް ދުނިޔެ ދައްކާ އެންމެ ހިތި ހަގީގަތަށް އިންކާރު ކުރެވޭނީ ކާކަށް ހެއްޔެވެ؟ މަރުގެ ސާއަތު ބަދަލުކުރެވޭނީ ކާކަށް ހެެއްޔެވެ؟ ތަގުދީރުގެ ނިޔާއާ ދެކޮޅުހެދޭނީ ކާކަށް ހެއްޔެވެ؟

މިނެޓެއްހާއިރުގެ ވަގުތުކޮޅަކަށްފަހު ޝައިނާގެ ގިސްލުން މަޑުވަމުންގޮސް އެކީ ހުއްޓުނެވެ. އެރުއިމުގެ އަޑު އެކީ ކެނޑިގެންދިޔައެވެ. ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެެވުނެވެ. ޝައިނާ ހަމައަކަށް އެޅުނީ ކަމުގައި ބަލައި ކުޑަކޮށް ގަޔާ ދުރުކޮށްލި ވަގުތު ރާހިލްގެ ގަމީހުން ނެއްޓުނު ޝައިނާގެ އަތް ވަރުނެތް މަސްގަނޑެއް ފަދައިން ބިންމަތީގައި ގޮސް ޖެހުނެވެ. ކުއްލި ސިހުމަކާއެކު ރާހިލް ޝައިނާގެ މޫނަށް ބަލައިލިއެވެ. ޝައިނާގެ މެރިފައިވާ ދެލޮލާއިއެކު އެ ކަނދުރާ ފަހަތައް އެލިގެންދިޔަ ގޮތްފެނި ރާހިލްއަށް ހީވީ މީހަކު އޭނާގެ މެއަށް ފިނިފެން އެއްޗެއް އޮއްސައިލިހެނެވެ. ކައިރީގައި އިން ޒީވާއަށް ބަލައިލިއިރު އެދެލޮލުން ފެންނަމުންދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ.

“ކިހިނެއްވީ؟” ރާހިލްގެ މޫނުމަތީގައިވި ހާސްކަން ފެނި ޒީވާ ރާހިލްމެނާ ގާތަށް ޖެހިލިއެވެ. “އޯ މައި ގޯޑް. ޝައި. ޝައި” ޒީވާ ކުރެހިފައިވާ އަޑަކުން ޝައިނާއަށް ގޮވަމުން ދެފަހަރަކު ޝައިނާގެ ކޮލުގައި ޖަހައިލިއެވެ.

ޝައިނާގެ ހަރަކާތް ހުއްޓިފައިވި ހަށިގަނޑު ފެނުމާއެކު ޒީވާގެ މޫނުމައްޗަށްވެސް ހާސްކަން ވެރިވެގަތެވެ. ޒީވާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހިކުނު ކަހަލައެވެ. އަވަސް އަވަހަށް އޭނާއާއެކު އައުމަށް ރާހިލްއަށް އިޝާރާތް ކުރިއެވެ. ރާހިލް ޝައިނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ހުރެ ޒީވާގެ ފަހަތުން ހިނގައިގަތެވެ. ހަލުވި ފިޔަވަޅު ތަކެއްގައި އަވަސް ފަރުވާދޭ ބަޔަށް ވަދެވުމާއެކު އެންމެ ކައިރީގައި ހުރި އެނދުގައި ޝައިނާ ބާއްވައިލިއެވެ. ހަމައެއާއެކު ޑަކްޓަރަކާއި ނަރުހުންތަކެއް ޝައިނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާން ފެށިއެވެ. އެތަނުން އެކަކު ރާހިލްގާތު ބޭރުގައި މަޑުކުރުމަށް ބުނުމާއެކު ބޭރަށްނުކުމެ ދޮރުކައިރީގައި ހުރި ގޮނޑިބަރީގައި އޭނާ އިށީނެވެ. މީގެކުރިން ދުވަހަކުވެސް އިހްސާސް ނުކުރެވޭފަދަ ބިރުވެރިކަމަކުން ސިކުނޑި ވަށައިލެވުނުއިރު އެކަމުގެ ސަބަބުން އޭނާގެ ހިތުގެ ތެޅުންވެސް ވަނީ މެކުހަށް ޖަހައިފައެވެ. ރާހިލް ޖީބުގައި އޮތް ފޯނު ނަގައި ރިއާންއަށް ގުޅައިިލިއެވެ. އަތް ތުރުތުރުލާކަން އިހުސާސްވީ ފޯނު ކަންފަތުގައި ޖެހުމަށް އަތް ހިއްލައިލުމުންނެވެ.

“ހަލޯ. ބިޒީތަ؟”

“ހަލޯ. ރާހިލް؟ މޭން؟ އޯކޭތަ؟”

ރިއާންގެ ޖަވާބާއެކު ރާހިލްއަށް އޭނާގެ އަޑުވެސް ތުރުތުރުލަމުން ދާކަން އެނގުނެވެ.

“އައި ޑޯންޓް ނޯ މޭން. އައި ޑޯންޓް ނޯ. އައިމް .ސްކެއަރ..ޑް… އައި ޑޯންޓް… ރިއާން. އަހަރެ..ން. އަހަރެންނަ.ށް މި ވަނީ ކިހިނެއް؟ ދި އިޒް ސޯ ވި..އަޑް. އައިމް ޝޭ..ކިންގް.. ޝައިނާ އެމަރޖެންސީއަށް ވެއްދި ފަހުން. އައި ޑޯންޓް ވޮނަ ފީލް ދިސް ރިއާން. ދިސް އިޒް ސްކެއަރީ. އައި ހޭވް ނޯ ކޮންޓްރޯލް” ރާހިލް އެއް ނޭވާއަކަށް އެހުރިހާ އެއްޗެއް ކިޔައި ނިންމައިލިއިިރު އަޑުގައި ހުރި ތުރުތުރުގެ ސަބަބުން ރިއާންއަށް އެ ކިޔާ އެއްޗެއް އޮޅުން ފިލަނީ ހަމަ ކިރިޔާއެވެ.

“ވަޓް. ޝައިނާ؟ ޝައިނާއަށް ކީއްވީ؟؟ އޯކޭ އޯކޭ ރާހިލް.. ހަމަޖެހިބަ. އަހަރެން މި އުޅެނީ ހޮސްޕިޓަލާ ކައިރީގަ. އެބަ ވަންނަން. އެމަރޖެންސީ ބައިގަ ދޯ” ރިއާންގެ އަޑު ރާހިލްގެ ކަންފަތައް ފޯރީ ކިރިޔާއެވެ. އެމަރޖެންސީ ބައިގެ ދޮރު ކަހައިލުމަށްފަހު ޒީވާ ނުކުތެވެ. ރާހިލް ހަމަޖެހޭގޮތް ދައްކަމުން ގޮނޑިން ތެދުވިއެވެ. އަދި ވެގެން އުޅޭގޮތް އަހާލާފަދައަކުން ޒީވާއަށް ބުމަ އަރުވައިލިއެވެ.

“ވަރަށް ދުވަސް ފަހުން މިކަހަލަ ކަމެއް މިވީ. ޑޮކް ބުނީ އެބަ އަންނަމޯ” ޒީވާގެ ވާހަކަތަކުން ރާހިލްއަށް ޖަވާބެއް ލިބުމުގެ ބަދަލުގައި ސުވާލުތައް ވީ އިތުރެވެ.

“ދޮންބޭ. އޯކޭތަ؟ އާރ ޔޫ ޝިވަރިންގ؟” ޒީވާގެ ލޮލުގައި ރާހިލްގެ ތުރުތުރުލަމުން ދިޔަ އަތް އަޅައިގަތެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ލޯބި-11

Next

ލޯބި-15

Next
December 14, 2025

ލޯބި-15

Previews
December 14, 2025

ލޯބި-11

2 Comments!

  1. K says:
    December 14, 2025 at 11:59 am

    Aaaahhhhh haadha rycheyyy. Fan of both of ur stories varah rythi 😭😭😭😭😭💕 when next part

    1. Rana Lathyf says:
      December 14, 2025 at 12:59 pm

      Aww thankyouu so much🥹❤️❤️
      2 stories ves submitted

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (14 ވަނަބައި)←


All Right Reserved!