“އޭ ދޮރު ވައްޓާލަންވީތަ ނޫނީ ހުޅުވާނީތަ؟؟ ****” ބޭރުން ވާހަކަދައްކަމުންދިޔަ މީހާ ވަރަށް ބާރަށް ގޮވައިލިއެވެ. އެވަގުތު އޭނާ ދޮރުގައި ޖެހިބާރުމިނުން ހީވީ ދޮރުވެސް ދެންމެ ދެންމެ ނައްޓައިގެން ގޮސްދާނެ ހެންނެވެ. ޝިޔާނާގެ ގައިގައި ބައްދާލައިގެން އިން ޝައިނާވެސް ސިއްސައިގެން ދިޔައެވެ. އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ބޭރު ނުވާވަރަށް ބިރުގެންފައެވެ. ޝިޔާނާއަށް ސަލާމަތެއްނެތްކަން އެނގި ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ.
“ކޮއްކޯ. ދޮންތި ދޫނީ. ދޮންތި މި އުޅެނީ ދޮރު ހުޅުވަން އިނގޭ. ދޮންތި ކޮއްކޮ ފާހަނައަށް ލާނަން. އެ ބޭބެތައް އެ އައީ ދޮންތިއާ ކޮންމެވެސް ވާހަކައެއް ދައްކަންވެގެން. އެ ބޭބެތައް ދިޔައިމަ ދޮންތި ދޮރު ހުޅުވާނަން އިނގޭ. އެކަމު ކޮއްކޮވެސް އެތެރެއިން ތަޅުލައިގެން ހުންނައްޗޭ. ކޮންމެ އަޑެއް އިވުނަސް ދޮންތި ކޮންމެ އެއްޗެއް ކިޔަސް ދޮންތި ކިތަންމެ ހަޅޭއްލެވިޔަސް ކޮއްކޮ ވާހަކަ ނުދައްކައްޗޭ. ދޮރުވެސް ނުހުޅުވައްޗޭ އިނގެ. ޕްލީޒް. ފިލަފިލާ ކުޅޭ ގޮތަށް. ޕްލީޒް ދޮންތި މިބުނި ވާހަކަ ހަނދާން ބަހައްޓައްޗޭ. ވާހަކަ ނުދައްކާތި!! ދޮރުގަ ޓަކިވެސް ނުޖަހާތި!! އައި ލަވް ޔޫ ސޯ މަޗް ދޮންތިގެ ޕްރިންސަސް.” ޝިޔާނާ ފާހަނައިގެ ދޮރުކައިރީގައިހުރެ ޝައިނާއާ ސިއްރުން ވާހަކަދެއްކިއެވެ. އެފަދަ ރަހުމްކުޑަ ބަޔަކު ތުއްތު ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަންވެސް ފަސްނުޖެހޭނެކަން އެނގޭތީ އޭނާ އަވަސްވެގަތީ ކޮއްކޮއަށް ހިމާޔަތް ދިނުމަށެވެ. އޭރު އަޑު ބޭރުނުވި ނަމަވެސް ގަނެފައިވާ ބިރުގެ ސަބަބުން ޝައިނާއަށް ރޮވެމުން ދިޔައެވެ. ނަމަވެސް ޝިޔާނާގެ ވާހަކައަށް އެއްބަސްވަމުން ޝައިނާ ނިކަން އަވަހަށް ބޯ ޖަހައިލިއެވެ.
ޝައިނާ ފާހަނައަށްވަދެ ތަޅުލުމާއެކު ޝިޔާނާވެސް ފާހަނައިގެ ބޭރުން ތަންޑު އަޅުވައިލިއެވެ. އޭނާގެ ކުޑަވެސް ނަސީބެއް ހުރިނަމަ މަންމަ އެދެމީހުނަށް ޝައިނާ އެކޮޓަރީގައި އުޅޭކަން އަންގައިފައި ނުވާނެކަމަށް އުއްމީދު ކުރެވެމުން ދިޔައެވެ. އަދި ޝައިނާ ގަނެފާނެ ބިރަކަށް ވިސްނައިލަމުން ފާހަނައިގެ ލައިޓް ޖައްސައިލުމަށްފަހު ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ.
ޝިޔާނާއަށް ރަނގަޅަށް ދޮރު ނުހުޅުވެނީސް ދޮރު ނައްޓައިގެން އައިސް ވަރަށް ބާރަށް ޝިޔާނާގެ ގައިގައި ޖެހުނެވެ. ތޫނު ތަދަކާއެކު ޝިޔާނާގެ ނިތްކުރިން ލޭ އަންނަން ފަށައިފިއެވެ. ކޮޓަރިއަށް ވަތް ދެ ފިރިހެނުންނަށް އެކަމުން އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. އެމީހުންގެ ބާރުގައި ޝިޔާނާ އެނދާއި ހިސާބަށް ގެންދިޔައިރުވެސް ޝިޔާނާގެ އާދޭހަކަށް ހުއްޓުމެއް ނާދެއެވެ.
“ޕްލީޒް… ހެޔޮނުވާނެ. އަހަރެންނަށް ތިހެން ނަހަދާ. ބަލަ ތީ އިންސާނުންނެއް ނޫންތަ؟ އަހަރެން ދޫކޮށްލާ ހެޔޮނު–”
ޝިޔާނާގެ ވާހަކަ ހުއްޓުނީ އެއިން މީހަކު އޭނާގެ އަނގަމަތީގައި ޖެހުމުންނެވެ. އިސާހިތަކު އަނގަމަތިވެސް ފަޅައިގެންގޮސް ލޭ އަންނަން ފެށިއެވެ. އެމީހުން ޝިޔާނާގެ އަޑު ބަންދުކުރުމަށްޓަކައި އެނދުގައި އޮތް ބެޑުޝީޓު އަތަށް ބޮނޑިކޮށްލަމުން ޝިޔާނާގެ އަނގަޔަށް ކޮށްޕައިލިއެވެ.
ސަލާމަތްވާން ކިތަންމެ މަސައްކަތް ކުރިނަމަވެސް އެގޭގެ ބޯ ފާރުތަކުގެ ތެރެއަށް ހިނދެމުންދިޔަ އަޑުތަކާއެކު ޝިޔާނާގެ އިއްފަތްތެރިކަންވެސް އަނިޔާވެރި ބައެއްގެ ފައިދަށުވެގެން ހިނގައްޖެއެވެ. އެދެމީހުންނަށް ޝިޔާނާގެ ހަށިގަނޑަކީ އެފަދަ ކަމަކަށް މުޅިންއާ ހަށިގަނޑެއްކަންވެސް ނޭނގޭކަހަލައެވެ. މަންމަ އޭނާ ވިއްކައިލިއިރު އެކަކަށް ވިއްކައިނުލީ ކީއްވެބާއޭވެސް ޝިޔާނާގެ ހިތަށް އަރަމުންނެވެ. އެކަމުންވެސް އޭނާއަށް ލިބެމުންދާ ވޭން އިންތިހާއެވެ. ނަމަވެސް ހަށިގަނޑުގެ ހުރިހާ ނާރެއް ބުރިބުރިވަމުންދާފަދަ ވޭނާއެކުވެސް ޝިޔާނާގެ ހިތްވަރަކަށް ގުޑުމެއް ނާދެއެވެ. އޭނާގެ ހަށީގައި ހަމަނޭވާ ހުރި ހިނދަކު އެމީހުން ކުރަން އުޅޭ ކަންތަށް އޭނާގެ ރުހުމުގައި ކުރާނެ ފުރުސަތެއް ނުދޭނެއެވެ. އޭނާއަށް ވީވަރަކުން އަނގައިގައި އޮތް ބެޑުޝީޓު ދުރުކޮށް ހަޅޭލަވައި އެދެމީހުން ދުރަށް ކޮއްޕަމުން ދިޔައެވެ. ސަލާމަތްވާން ކުރި މަސައްކަތުގެ ތެރެއިން ޝިޔާނާއަށް އެތަނުން އެކަކުގެ ފަލަމަސްގަނޑުގައި ފައި އަޅައި ކޮށްޕައިލެވުނެވެ. އެމީހާ ދުރަށް ޖެހިލުމާއެކު ލިބުނު ޖާގައިގެ ބޭނުން ހިފައި ޝިޔާނާ އެތަނުން ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެއާ ޖެހިގެންހުރިމީހާ ޝިޔާނާގެ އަތުގައި ހިފައި އެނދާ ދިމާލަށް ހޫރައިލިއެވެ. އެވަގުތު ޝިޔާނާގެ ބޯ ބާރު އަޑަކާއެކު ކައިރި ފާރުގައި ޖެހުނެވެ. އިސާހިތަކު ޝިޔާނާގެ މޫނުމައްޗަށް އަނދިރިވެ ހޭ ހުއްޓިއްޖެއެވެ.
ފާހަނައިގެ ދޮރުގައި ލެގިލައިގެންއިން ޝައިނާއަށް އިރުއިރުކޮޅާ އިސް އުފުލައިލައި ފާހަނައިގެ ތަންޑާއި ދިމާލަށް ބަލައިލެވެއެވެ. ދޮންތަގެ ވޭނީ ހަޅޭކުގެ އަޑު އިވޭ ކޮންމެ ފަހަރަކު އެ ޅަހިތް ކުދިކުދިވަމުންދާ ކަހަލައެވެ. ކަމުގެ ކުޑަބޮޑުމިން އިހުސާސް ނުވިކަމުގައިވިޔަސް ދޮންތައަށް ބަޔަކު އަނިޔާވެރި ވަނީކަން އޭނާގެ ޅަސިކުނޑިއަށް ވިސްނެއެވެ. ކުއްލިއަކަށް ދޮންތަގެ އަޑު ކެނޑިގެން ދިޔުމާއެކު ޝައިނާގެ ހިތަށް ހާސްކަން ވެރިވި ނަމަވެސް އެކުއްޖާ ދޮންތައަށްވި ވައުދުގައި ހިފެހެއްޓިއެވެ. ކޮންމެ ގޮތެއްވިޔަސް ފާހަނައިގެ ދޮރުގައި ޓަކި ނުޖެހުމަށް އަދި އަނގައިން ބަހެއް ބޭރު ނުކުުރުމަށް ވީ ވައުދެވެ. އަޑު ނުކުމެދާނެކަމަށް އެތުއްތު ދެއަތުން އަމިއްލަ އަނގަ ނިވާކޮށްލައިގެން އިނެވެ. މެންދުރު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ކޮޓަރިއަށް ވަތްގޮތަށް ނުކައި އިނުމުންނާއި ފާހަނައިގައި ގިނައިރު އިނދެ ގައިން ދާހިތްލަމުން ދިޔުމުގެ ސަބަބުން ތުއްތު ޝައިނާގެ ހަށިގަނޑުން ވަރުދޫވެ ފެންމަދުވަމުން ދިޔައެވެ. އިތުރަށް ކޮޅަށް އިންނާނެ ހިތްވަރު ނެތުމުން ޝައިނާ ފައިކުރުކޮށްލައިގެން ފާހަނައިގެ ތަޅުންމަތީގައި އޮށޯވެލިއެވެ. އެވަގުތު އޭނާގެ ލޯ މެރިގެންދިޔައީ ނިދީގެ ސަބަބުންކަމެއް ނުވަތަ ހަބަރުހުސްވެގެންކަމެއް ނޭނގެއެވެ.
“އޭ ކިހިނެއް ތި ހެދީ؟ ހެސްކިޔާފާ ލޭ ފައިބާ އެބަ މީނަ ބޮލުން” ޝިޔާނާގެ ގާތުގައި ހުރި ފިރިހެންމީހާ ބުންޏެވެ.
“މަ ގަސްތަކު ނޫނެެއްނު. އޭނަ ގަދަ ހަދަންފެށީމަ މަވެސް އެހެން ހެދީ. މިހާރު ހެއެއްވެސް ނެތް ދޯ؟” ދެންހުރި މީހާ ހާސްވެފައި ބުންޏެވެ.
“ބުރޯ. މީނަގެ ވިންދެއްނެތް. ނޭވައެއްނުލާ” ޝިޔާނާގެ ގާތުގައިހުރި މީހާ ބުންޏެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.
“އޭ މީނަ މިއޮތީ މަރުވެފަ ކަންނޭގެ. މިއީ ހުސް ކަލޭގެ ކަންތައް. ކަލޭ ޖެހޭތަ އެގޮލާ ހޫރާލަން” ރުޅިއައިސްގެންގޮސް އެނާ ދެންހުރި މީހާގެ ކަރުގައި ހިފައިގަތެވެ.
“އޭ އޭ މާއްޓޭ ކައޭ ހަމަޖެހިބަ. މިގަޑީ މަގޭ ގައިގަ ތަޅައިގަތީމަ ކޯއްޗަކަށްތަ ވާނީ؟ މަށަށް އަންނަ ތުހުމަތަކިއްޔާ ކައެއަށްވެސް އަންނާނެ. ހިނގާބަލަ ވިސްނަން. މީނަ މިތާ ބާއްވައިގެނެއް ނުތިބެވޭނެއެއްނު” ޝިޔާނާ ކޮއްޕާލި މީހާ ހާސްވެފައި މޫނުގައި އަތް އުނގުޅައިލިއެވެ. “ހިނގާ ވަޅުލަން ދާން”
“އޭ ކައޭ މޮޔަވީތަ؟؟ މިހާރު މީހުންތައް ފަތިސް ނަމާދަށް ދާނޭ. މީ މާ ގަސްގިނަ ބޯ ޖަންގައްޔެއް އޮންނަ ރަށެއްވެސް ނޫން. ކޮންތާކުތަ ވަޅުލާނީ. އެބައޮތް ގޮތެއް!! އަން މީގަ ދަންމަޅިއެއް ޖަހާބަލަ” އޭނާ ދެންހުރި މީހާ އަތަށް އެނދުގެ ބެޑްޝީޓް ނަގައި އޮޅައިލުމަށްފަހު ދިއްކޮށްލިއެވެ. އޭރުވެސް ދެންހުރި މީހާ ހުރީ ވަމުންދާގޮތެެއް ނޭނގި ސުވާލު މާކެއްގެ ތެރޭގައެވެ.
“ސާބަސް ބަލަން ނުހުރެ މީގަ ދަންމަޅިއެެއް ޖަހާބަލަ. ޝާއިރާ ހީކުރާނީ މިރޭ އަހަރުމެން އޭނައަށް މިހެން ހެދީމާ އަމިއްލައަށް މަރުވީ ކަމަށް. އޭނާ އެގޮތަށް އެހެން މީހުނަށް ކިޔާދޭނެ. އަވަސްކުރޭ. އަހަރުމެންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ މީ”
އެމީހާ އެދުނު ގޮތަށް ޝިޔާނާ މަރާލި މީހާ ދަންމަޅިއެއް ޖަހާލައި ފަންކަލުގައި އަޅުވާލައިފިއެވެ. ދެމީހުންގެ މަސައްކަތުން ޝިޔާނާ އޭގައި އެލުވުމަށްފަހު ބަދިގެއިން ގެނައި ތެލިދޮންނަ ފުޅިއާއި ދާގަނޑު އަދި ސްޕޮންޖްގެ އެހީގައި ކޮޓަރީގެ އެތަން މިތަނުގައިހުރި ލޭތައް ފިލުވައިލުމަށްފަހު އެ އެެއްޗެހި ކޮތަޅަކަށްއަޅައި އެ ހިފައިގެން އިރު އަރަންވާއިރަށް އެގެއިން ނުކުތެވެ. އެމީހުންގެ މަސައްކަތާމެދު އެމީހުން ތިބީ ހިތްހަމަ ޖެހިފައެވެ. އެމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން މި ފަނާވަނިވި ދުނިޔެއާ އަލަވަދާއުކީ ޝިޔާނާގެ ފުރާނައަކީ އެދެމީހުނަށް އެއްވެސް އަގެއްހުރި އެއްޗެއް ނޫންކަހަލައެވެ.
އާދުވަހަކަށް އިރުއަރައިގެން އައި އިރު ރަށުތެރޭގައި ފަތުއަޑު ކިޔާފައި ދައްކަމުންދިޔައީ ޝިޔާނާ ދަންޖެހުނު ވާހަކައެވެ. ސަފާރީގައި ރޭ ހޭދަކޮށްލުމަށްފަހު ޝާއިރާ ރަށަށް އައީ އެދުވަހުގެ ހަވީރުގެ ވަގުތާ ގާތްވަނިކޮށެވެ. ގެއާ ދިމާލަށް ހިނގަމުންދިޔައިރު މަގުތަކުން ދިމާވާ ކޮންމެ މީހެއް އޭނާއަށް ބަލަމުން ދިޔައެވެ. ނަމަވެސް އެއީ އާންމު އުސޫލުކަމަށްވާތީ އެކަމަށް މާބޮޑު ފަރުވާލެއްނުދީ ޝާއިރާ ކުރިއަށް ދިޔައެވެ.
ގެއާ ހިސާބަށް އާދެވުނުއިރު ގޭދޮށަށް އެއްވެފައި ތިބި މީހުނާއި ފުލުހުންގެ ވެހިކަލްފެނި އޭނާ އަވަސްއަވަހަށް މީހުންގެ ތެރެއިން ފުރޭނިގެންއައިސް އެންމެ ކުރީ ސަފުގައި ހުއްޓިލިއެވެ. އެވަގުތު ފޮތިގަނޑެއް އަޅައިގެން ނެރުނު ހަށިގަނޑުފެނި އޭނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެއީ ޝިޔާނާއަށް ވެދާނޭ އޭނާގެ ހިތް ބުންޏެވެ. ޝާއިރާއަށް ހުރެވުނީ ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައެވެ.
“އައްސަލާމް އަލައިކުމް. ޝިޔާނާގެ މަންމަ ތޯ؟” އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ޝާއިރާއަށް އިޝާރާތް ކުރުމުން އެތަނުގައި އިިސްކޮށް އުޅުނު އޮފިސަރު އައިސް ޝާއިރާގެ ގާތުގައި ހުއްޓިލިއެވެ. އެއީ އެރަށު ފުލުހެއް ނޫންކަން އޭނާއަށް އެނގުނެވެ. އެމީހާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝާއިރާ ބޯ ޖަހައިލިއެވެ.
“އަޅުގަނޑަކީ ސަރޖެންޓް ސިރާޖް. ޝިޔާނާގެ މަރުގެ ތަހުގީގުގައި ހަރާކާތްތެރިވުމަށް މާލެއިން ފޮނުވި ޓީމުގައި އިސްކޮށް ހަރާކާތްތެރިވާ އޮފިސަރ. ޝިޔާނާގެ މަންމައާ އަޅުގަނޑު ސުވާލުކޮށްލަން ބޭނުން. އެތެރެއަށް ވަޑައިގަންނަވާ” ޝާއިރާ އެ އޮފިސަރުގެ އިޝާރާތަށް ގޭ ތެރެއަށްވަނެވެ.
“ބައްލަވާ އަޅުގަނޑު ރަށުގައި ނެތި އެނގޭތޯ ހިނގިކަމެއް ހިނގީ. އަޅުގަނޑު ރޭގެ ވަގުތެއްގައި ރަށުން ބޭރަށް ދިޔައީ. އަޅުގަނޑަކީ ޝިޔާނާގެ މަންމަ އަޅުގަނޑަށް ކިޔާދެވިދާނެތޯ މިކަން ހިނގިގޮތް.” ޝާއިރާ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“އަޅުގަނޑުމެންނަށް ފުރަތަމަ މިކޮޅު ސްޓޭޝަނުން ކޯލެއް އައީ މެންދުރު އެގާރަ ޖެހިއިރު. ހީވާގޮތުން މައްސަލަ ރިޕޯޓު ކުރީ ގެ ކައިރީގައި އުޅޭ އަވަށްޓެރިއެއް. ޝިޔާނާގެ ކޮޓަރީގެ ބިއްދޮށަށް ވާގޮތަށް މިގެއާ އިންވެގެން ހުރި އަނބުގަހަކުން އަނބު ބިންނަން އުޅުމުގެ ތެރޭގައި މިގޭގެ އިންފާރުން އެތެރެއަށް އަނބުތައް އެޅިގެން އަނބުތައް ހޮވަން ގެއަށް ވަތް މީހެއް އެއީ. އެމީހާ ގޭތެރެއަށް ވަނީ ފާހަނައިން ކުޑަކުއްޖަކު ރޮމުން ދޮރުގައި ތަޅާއަޑަށް ކަމަށް ބުނި. އެކުއްޖާ ކޮބާތޯ ބަލަމުން އަންނައިކޮށް ޝިޔާނާގެ ކޮޓަރި ދޮރު ހުޅުވާފައި ހުރެގެން އޭނާވަނީ. އޭރު ޝިޔާނާ ހުރީ ފަންކަލުގައި ދަންޖަހެފައި. އެމީހާ އެކުއްޖާ ގޮވައިގެން ނުކުތްގަޑީ ކުއްޖާއަށްވެސް މަންޒަރު ފެނުނު. އެކުއްޖާ އެގަޑީގަ ރޮމުން ފާހާނާއިގަ އެކުއްޖާ ތަޅުލީ ޝިޔާނާ ކަމަށްބުނި. ޝިޔާނާގާތަށް ދާންވެސް އުޅުނު. ކޮންމެއަކަސް މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުންވެސް ވަނީ ވަރަށްބޮޑު އަސަރުތަކެއް ކޮށްފަ. ރުއިން ހުއްޓާލި ގޮތަށް އަދިވެސް މީހަކާ ވާހަކައެއް ނުދައްކާ. މިވަގުތު ކުއްޖާވީ ސިއްހީ މަރުކަޒުގަ. ޝިޔާނާގެ މަރާ ބެހޭގޮތުން މިހާތަނަށް ބުނެވޭނީ އަމިއްލައަށް މަރުވި މަރެއްގެ ގޮތުގައި.” ފުލުސް މީހާ ޝާއިރާއަށް ކަން ވެގެން އުޅޭގޮތުގެ ކުރު ހުލާސާއެއް ދިނެވެ.
“އަހަރެން އަހަން ބޭނުންވަނީ އެންމެ ސުވާލެއް. ޝިޔާނާ މަރުވީ އަމިއްލައަށް ކަމުގައި ފެނުނަސް ޝިޔާނާގެ ގައިން އެކި ކަހަލަ އަނިޔާގެ ނިޝާންތަށް ފެންނަށް އެބަހުރި. މިކަމުގައި ބައެއްގެ އަތެއް ވެދާނެ. ޝިޔާނާ މަރުވި ރޭ ޝިޔާނާގެ މަންމަ ކޮންމެހެންވެސް ރަށުން ބޭރަށް ދާން ޖެހުނީ ކީއްވެތޯ؟” ސިރާޖް އޭނާ އަހަން އުޅުނު ސީދާ ސުވާލު ކޮށްލިއެވެ.
ޝާއިރާ ހާސްވެ ކަންބޮޑުވިއެވެ. މޫނުމަތިން ދާހިއްލަން ފަށައިފިއެވެ. ނަމަވެސް ގަދަކަމުން ދެލޮލަށް ކަރުނަތައް ހިލުވައިލަމުން އޭނާ މަންމައެއްގެ ރޯލު ކުޅުމަށް އަވަސްވެގަތެވެ.
“އާން މީ ހުސް އަހަރެންގެ ކުށް. އަހަރެންނަށް ޝިޔާނާ ބަހައްޓާފަ ނުދެވުނު ނަމަ މިހެން ނުވީސް. މަގޭ ދަރި” ޝާއިރާ ރޮމުން ރޮމުން ގޮނޑީގައި އިށީނެވެ.
“ބައްލަވާ އަޅުގަނޑުވެސް މަސައްކަތް މިކުރަނީ މިކަމުގެ އަޑީގަ އިތުރު ބަޔަކު ތިބިތޯ ބަލަން. ދަރިފުޅަށް އިންސާފު ހޯދައިދޭން ބޭނުން ނަމަ ތަހުގީގަށް އެއްބާރުލުން ދެއްވާ. އަޅުގަނޑު ކުރި ސުވާލަށް ޖަވާބު ދެއްވާ.” ސިރާޖް ޝާއިރާ ގާތު އިށީނދެލަމުން ބުންޏެވެ.
“އަޅުގަނޑަށް އެނގޭނީ ކިހިނެއް މިހެން ވާނެކަމެއް؟؟ މިރަށު އެންމެނަށްވެސް އެނގޭނެ. އަޅުގަނޑަކީ ވަރަށް ގިނައިން ރަށުން ބޭރަށް ދާ މީހެއްކަން. އަބަދުވެސް ދަނީ ކުޑަކުއްޖާ… މިބުނީ ޝައިނާ.. ޝިޔާނާއާ ހަވާލުކޮށްފަ. ރޭގައިވެސް ވީ ހަމައެހެން. އެކަމަކު އައި އިރު ބަލާބަލަ އަހަރެންގެ ދިރިއުޅުމަށް ވެފަ އޮތްގޮތް” ޝާއިރާ އަނެއްކާޥެސް ރޯން ފެށިއެވެ. ސިރާޖް އެތަނުން ތެދުވެ އެތާހުރި އެހެން އޮފިސަރެއްގާތު ޝާއިރާގެ ކުޑަދަރިފުޅު ކައިރިއަށް ސިއްހީ މަރުކަޒަށް ގެންގޮސް ދިނުމަށް ބުންޏެވެ.
ސިއްހީ މަރުކަޒަށް ދެވުމާއެކު ޝާއިރާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ޝައިނާ ކައިރީގައި އިށީނދެލައިގެން އެއިނީ މީގެ 16 އަހަރުކުރިން އޭނާ ދޫކޮށްލާފަޢި ދިޔަ ބައްޕައެވެ. ޝާއިރާގެ ގާތަށް ރުޅިއައެވެ. ބައްޕައާ ދިމާލަށް ހަޅޭއްލަވައި ފޮނުވައިލަން ބޭނުންވިއެވެ. ނަމަވެސް ކައިރީގައި ހުރި ފުލުސް އޮފިސަރާމެދު އޭނާ ވިސްނާލިއެވެ.
“ކީއްކުރަން ކަލޭ ތި އައީ؟ ކާފަދަރި ފެނިގެންތަ؟ ބުނަން. މިތަނުން ދޭ. މިއީ މަގޭ ދަރިއެއް. މަރުވީވެސް މަގޭ ދަރިއެއް. ކަލޭމެން މިކަމުގެ ތެރެއަށް ވަންނަން ނޫޅޭ!!” ޝާއިރާ ބައްޕަގެ އިތުރުން އެތަނުގައި އިން އޭނާގެ ކޮއްކޮއާއި ކޮއްކޮގެ ފިރިމީހާއަށް މުހާތަބުކޮށް ބުންޏެވެ.
“ޝިޔާނާއަށް ވި ކަންތަކަށްފަހު އަހަރުމެން ޝައިނާ ކަލޭގެ އަތްމައްޗަށް ދޫކޮށްލާފަ ދާނެހެން ހީވަންޏާ އެއީ ކަލެއަށް ކުރެވޭނެ ވަރަށްބޮޑު ކުށްހީއެއް.” ޝާއިރާގެ ބައްޕަ ބުންޏެވެ.
“އޭ މީ މަގޭ ދަރިއޭ އަޑެއްނީވޭތަ؟ ކަލޭމެނަކަށް ނުބެހެވޭނެ” ޝާއިރާ ހަޅޭއްލަވައިގަންނަމުން ޝައިނާގެ އަތުގައި ހިފިއެވެ. ނަމަވެސް ޝައިނާ ސިއްސައިގެންގޮސް ޝާއިރާގެ ކޮއްކޮ ޝަފިއްޔާގެ ގައިގައި ބައްދައިލިއެވެ. އޭރު ދުރުގައިހުރި ފުލުސް އޮފިސަރުވެސް އެމީހުން ގާތަށް އަތުވެއްޖެއެވެ.
“ކިހިނެއްތޯ ވީ؟” އެމީހާ ސުވާލުކުރިއެވެ.
“މީނަ އުޅެނީ މަގޭ ދަރިފުޅު ގެންދަން” ޝާއިރާ އައިސްފައިހުރި ރުޅީގައި ބުންޏެވެ.
“ބައްލަވާ އޮފިސަރ. އަޅުގަނޑަކީ މިކުއްޖާގެ ކާފަ. ދެން މިީނީ މިކުއްޖާގެ ބޮޑުދައިތަ. އަޅުގަނޑުމެން ބުނީ ޝިޔާނާ އެފަދަ ގޮތަކަށް ފެނުމުން ކުއްޖާއަށް ލިބިފައިވާ ނަފްސާނީ ގެއްލުންތަކާއެކު އެގޭގައި އުޅޭކަށް ފަސޭހައެއް ނުވާނޭ. ޝާއިރާއަށްވެސް މިކަމާ ފިކުރުކުރަމުން މިކުއްޖާއަށް ދޭން ވާވަރު އަޅާލުމެއް ނުދެވޭނެޔޭ. ކޮންމެ ގޮތެއްވިޔަސް މަރުވީވެސް ހަމަ ޝާއިރާގެ ދަރިއެއް. އެންމެ ރަނގަޅުގޮތަކީ ޝާއިރާއަށްވެސްް މިކަމުން އަރައިގަނެވެންދެން އަޅުގަނޑުމެން މާލެ ގެންގޮސް މިކުއްޖާއަށް ފަރުވާ ދިނުން. އަދި ކުއްޖާ ހަމަޖެހެންދެން މި މާހައުލާ ދުރަށް ގެންދިޔުން.” ޝާއިރާގެ ބައްޕަ ބުންޏެވެ. ޝާއިރާގެ ފަރާތުން ލިބިދާނެ ޖަވާބަކަށް އޮފިސަރު ޝާއިރާގެ މޫނަށް ބަލައިލިއެވެ.
“މައްސަަލައެއްނެތް. އަހަރެންވެސް ތިކަން ގަބޫލުކުރަން. ފަރުވާ ނިމުނުހާ އަވަހަކަށް މަގޭ ދަރިފުޅު ގެނެސްދޭން ޖެހޭނެ. އޮފިސަރ. ހިނގާ އަޅުގަނޑަށް ޝިޔާނާގެ މޫނު ދައްކާލަން” ޝާއިރާގެ އެދުމަށް އޮފިސަރ ޝާއިރާ ގޮވައިގެން ދިޔައެވެ. އޭނާހުރީ ޝައިނާގެ ކިބައިންވެސް ސަލާމަތްވެވޭތީ ހިތްހަމަ ޖެހިފައެވެ.
އެހުރިހާ މަންޒަރެއް ބަލަން އިން ކުޑަކުޑަ ޝައިނާއަށް އޭރު އެއީ އޭނާއަށް އެ ނުބައި މަންމަ ފެންނާނެ އެންމެ ފަހު ފަހަރުކަމެއް ނޭނގެއެވެ. ޝައިނާމެން މާލެ އައިތާ ތިންމަސް ދުވަސްވީއިރު ފުލުހުންނަށް ޝިޔާނާގެ ހަށިގަނޑުން ލިބުނު ޑީ.އެން.އޭ ގެ އެހީގައި އެރޭގެ ދެ ގާތިލުން ހޯދައި ސުވާލުކުރެވުނެވެ. އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުގެ އެހީގައި ޝާއިރާވެސް ހައްޔަރު ކުރެވުނެވެ. އަދި އެ ތިންމީހުންނަށް އުމުރު ދުވަހުގެ ޖަލުހުކުމެއް ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ޝައިނާގެ ބަލަދުވެރިކަން ވާރުތަވީ އޭނާގެ ބޮޑުދައިތަ ޝަފިއްޔާއަށެވެ. ޝަފިއްޔާގެ ދެމަފިރިންވެސް އެކަމާ ތިބީ ނުހަނު އުފަލުންނެވެ. އެދެމަފިރިންނަށް ލިބިފައިވާ ހަތަރު އަހަރުގެ ތުއްތު ޝިމާންއާއެކު ދިހަ އަހަރުގެ ޝައިނާ އެމީހުން ބަލައިބޮޑު ކުރީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
އަމިއްލަ މަންމައަކު އަޑީގައިހުރެ ދަރިއަކާމެދު އަމަލުކުރި ލާއިންސާނީ ގޮތުގެ ވާހަކަ ވެގެންދިޔައީ އެދުވަސްކޮޅު މުޅި ރާއްޖެވެސް ސިއްސުވައިލި ވާހަކައަކަށެވެ. ޝައިނާއަށް އޭރު މާބޮޑަށް އެކަމުގެ ހަގީގަތެއް ނޭނގުނު ނަމަވެސް ބޮޑުވަމުން އައި ވަރަކަށް ޝައިނާއަށްވެސް ތަންދޮރު އޮޅުން ފިލަމުންދިޔައެވެ. އެކަމުގެ ސަބަބުން ކިތަންމެ އަސަރެއްކުރި ކަމުގައިވިޔަސް ތުއްތު އިރުގައި ދިމާވި ކަންތައްތަކުގެ ސަބަބުން ޝައިނާވީ އާދަޔަހިލަފަށް ހިތްވަރުގަދަ ކުއްޖަކަށެވެ. އުމުރުގެ އެހެންކުދިންނާ އަޅައިބަލާއިރު ހަރުދަނާ ކުއްޖަކަށެވެ. ސްކޫލް ދައުރުގައިވެސް އެހެންކުދިންނަށް ކުރިމަތިވާ ނާއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ ކުއްޖަކަށެވެ.
އޭނާއަށް ލިބިފައިވާ މަންމަގެ ރީތިކަމުގެ ސަބަބުން ޝައިނާވަނީ ގިނަ ފިރިހެންކުދިންގެ ތެރޭގައި މަގްބޫލު ސޫރައަކަށް ވެފައެވެ. ނަމަވެސް މާޒީގެ ސަބަބުން ފިރިހެނުންނަށް އޭނާގެ އިތުބާރުވަނީ ގެއްލިފައެވެ. ފިރިހެންކުއްޖަކާ ގާތް ރަހްމަތްތެރިކަމުގެ ގުޅުމެއްވެސް ބާއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކިތަންމެ ފަހަރަކު އެންމެން އެމީހުންނާ އެއްގޮތެއް ނުވާނެކަމަށް ބުނެ ޒީވާވެސް އޭނާއަށް ވިސްނައިދޭން އުޅެއެވެ. ނަމަވެސް އެމީހުންނާ އެއްގޮތްވާނީ ކޮން ބައެއްކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ގޮތްބެލުމުގެ ނަމުގައިވިޔަސް ގިނަ ބަޔަކާ ވާހަކަދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ފުރިހަމަ އަމާޒަކަށް ވެފައިވަނީ އޭނާގެ އަބުރަށް ހުތުރު އަރާފަދަ ގޮތަކަށް އެއްޗެއްބުނުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމެވެ. އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްގޮސް މުސްތަގްބަލް އުޖާލާކުރުމަށް މަސައްކަތް ކުރުމެވެ.
~~~~~~~~~~~~~~~~~~~~~~~~~~
ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތަށް އައުމަށް ހަމަޖެހިފައިވާ މެހެމާނުންގެ އިސްތިގުބާލްގައި ޝައިނާގެ އިތުރުން އޭނާއާއެކު އެދަތުރުގައި ބައިވެރިވި ހެޑްއޮފީހުގެ ދެ ސްޓާފުންނާއި ރާފިއުވެސް ޓަރމިނަލްގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. މެހެމާނުން ގެނައުމަށް ހަމަޖެހިފައިވާ ޗާޓަރޑް ފްލައިޓް ޖެއްސިތާ އަދި ވީ އެންމެ ދެތިން މިނެޓެވެ. އެހެން ދުވަސްދުވަހާ ހިލާފަށް މިއަދު ޝައިނާގެ ނަފްސަށް މަޑުމައިތިރިކަމެއް ވެރިވެފައިވާއިރު އެކަމާ ކަންބޮޑުވެގެން ރާފިއުވެސް ވެގެން އުޅޭގޮތް ހޯދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޝައިނާ މިއަދު ރާފިއުއާވެސް ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ. ރާހިލްއަށް އޭނާއާ ދޭތެރޭ އެކަހަލަ ގޮތަކަށް ވިސްނުނީ އޭނާއަށް ރާފިއުމެންނާ މާ ގާތްކޮށް އުޅެވުނީމަ ކަމުގައި އޭނާ ނިންމިއެވެ. ކުރިއްސުރެން ފިރިހެނުންނާ އޮންނަ ދުރުކަށް އެގޮތުގައި ބޭއްވުނުނަމަ ރާހިލްއަށް އެހެން ވިސްނުމުގެ ޖާގައެއް ނުލިބޭނެ ކަމުގައިބުނެ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔައެވެ. ހަގީގަތަކީ މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި އުޅުމަށްފަހު ރަށްފުށުގެ ހިމޭން މާހައުލުން އޭނާއަށް ކީ މަރުހަބާގެ ސަބަބުން ރަށްފުށުގެ އާދަކާދައާއި ދިރިއުޅުން ހުންނަގޮތް ބަލައިލުމަށް އޭނާވެސް ޝައުގުވެރިވީއެވެ. އަދި އެކަމަށްޓަކައި ރާފިއުގެ އެހީ ހޯދުނީއެވެ. އެކަމުން ރާހިލްއަށް ނުބައި މާނައެއް ނެގުނީއެވެ.
ކޮންމެއަކަސް ސިކުނޑީގައި ހިނގަމުންއައި ހިޔާލުތަކުގެ ސަބަބުން ވަކި މީހަކާ ވާހަކަ ދެއްކުމެއްނެތި އެހެން މީހުނެކޭ އެއްފަދައިން ޝައިނާ ޓާރމިނަލްގެ ދޮރާ ދިމާލަށް ބަަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް ދުރުގައި ހުރި ރާހިލްގެ ކަޅި ހުއްޓިފައިވަނީ އެ ދޮރަކަށް ނޫނެވެ. ރޭގައި ހިނގައިދިޔަ ކަންތަކަށްފަހު ޝައިނާ ފެނުނީއްސުރެން އޭނާއަށް ޝައިނާއާ ނަޒަރު ވަކިކޮށްލުން ވެފައިވަނީ ދަތިކަމަކަށެވެ. މެންދުރުގެ ގަދަ އަވިން ހިމާޔަތްވުމަށް އަޅައިފައިވާ އަވިއައިނުގެ ސަބަބުން އެދެލޯ ނުފެނުނު ކަމުގައިވިޔަސް އެ ދެލޮލުގައިވާ އަސަރުތައް ދެނެގަތުމަށް ރާހިލްވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެ ކިޔުނު ބަސްތަކުގެ ސަބަބުން ރާހިލްއަށް ފެންނާނީ ހިތާމައާއި ހިތްދަތިކަންބާއޭ ނުވަތަ އޭނާއަށްޓަކައި އުފަންވެފައިވާ ރުޅިވެރިކަމެއްބާއޭ ރާހިލްގެ ހިތަށް އަރަމުން ދިޔައެވެ. އެއީ ރުޅިވެރިކަން ކަމުގައި ވުމަށް އޭނާއަށް ހިތާހިތުން ދުއާކުރެވެމުންދިޔައެވެ. އޭނާގެ ދުލުން ބޭއިހްތިޔާރުގައި ބޭރުވި މާނައެއްނެތް ބަސްތަކެއްގެ ސަބަބުން ޝައިނާ ހިތުގައި ޖެހެން އޭނާ ބޭނުން ނުވަނީއެވެ. އެއަށްވުރެ އެ ރުޅިވެރިކަންވެސް އޭނާއަށް މާ ރަނގަޅެވެ.
ޓާރމިނަލްގެ ދޮރުން ފުރަތަމަ ނުކުމެގެންއައި މެހެމާނުންނާއެކު ރިއާންވެސް ނުކުތެވެ. ބެއިޖްކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްގައިހުރި ރިއާން ފެނުމާއެކު ދުރުގައިހުރި ރާހިލް ކުރިއަށް ހިނގައިގަތެވެ. އަދި ދެމީހުން އެކުގައި ރަސްމިއްޔާތަށް އައި ހާއްސަ މެހެމާނުންތައް ހޮޓެލްގެ ވޭންގެ އިތުރުން ކުލީކާރުތަކުގައި ފޮނުވައިލުމަށް އެހީތެރިވެދިނެވެ. އެމީހުނާއެކު ރާފިއުވެސް ފޮނުވައިލިއެވެ.
“އަހަރެންވެސް ހޮޓެލްގަ މަޑުކުރާނީ. މިއޮށް ހޫނުވާއިރު މިތާ ނުތިބެ ތިމީހުން ދިޔަސް އެންމެ ރަނގަޅު” މީހުން ގޮސް ހުސްވުމުން އެތަނުގައި ބާކީތިބި ޝައިނާއާއި ރާހިލްއަށް އިޝާރަތްކޮށް ރިއާން ބުންޏެވެ.
“މަޑުކޮށްބަލަ. ހާދަ އަވަހަކަށޭދޯ ފޮނުވާލަން ތި އުޅެނީ. އަހަރެން ވަރަށް ބަނޑުހައި. ހިނގާބަލަ ކާ އެއްޗެއް ދޭން.” ރާހިލް ރިއާންގާތު ބުންޏެވެ.
“އަހަރެންވެސް ވަރަށް ހައިވެއްޖެ. ހިނގާ ދޯ މިތާ ކައިރި ތާކަށް އަރަމާ. ޝައިނާވެސް އަންނަންވީނު” ރިއާން ދައުވަތު ދިނެވެ.
“ނޫނޭ. އަހަރެން އެހާ ކާހިތެއް ނެތް.” ޝައިނާ ކުރުގޮތަކަށް ޖަވާބުދިނެވެ.
“ތިގޮތް ކަމަކު ނުދާނެ.. އެއްޗެއް ނުކެޔަސް ޑްރިންކެއް ނެގިދާނެއްނު މިއޮށް ހޫނުވާ ގަޑީގަ. އެހެންނޫނަސް ޝައިނާ ތި ނިންމާލީ ވަރަށް ބޮޑު މަސައްކަތެއް… އައި އޯވް ޔޫ ދިސް ވަން. ސޯ ވަޓް ޑޫ ޔޫ ސޭ؟” ރިއާން ބުންޏެވެ.
ރިއާން ގާތުގައި ހުރި ރާހިލްއަށް ބަލައިލުމަށްފަހު ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ރާހިލްއާ ކުރިމަތިލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ދެން މިރޭގެ ހަފްލާއަށްފަހު މިކަންވެސް ނިމުނީތާއޭ ހިތަށް އަރުވައިލަމުން ޝައިނާ އެއްބަސްވިއެވެ. އަދި އޭނާއާ އެއްކޮށް އައި ދެ މުވައްޒަފުން ގާތު އޭނާ ދާނީ ވަކިން ކަމުގައި ބުނެ އެދެމީހުން ފޮނުވައިލިއެވެ.
ކާރުގައި ދިޔައިރު ރިއާންއަށް ރާހިލްއާއި ޝައިނާގެ ދެމެދަށް ވެރިވެފައިވި ހިމޭންކަން ފާހަގަވިއެވެ. އެއީ އޭނާ ދުރުގައި ހުރިއިރު އަބަދުމެ ކޯޅުމެއްގައި އުޅޭ ދެމީހުންނެވެ. ހަގީގަތުގައި ރިއާންއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ރާހިލް މާ މަޑުން އިންނާތީއެވެ. ޝައިނާއަކީ އެއްވެސް އިރެެއްގައި އެހާ ސަކަރާތްބޮޑު އަނގަގަދަ ކުއްޖެއްގެ ގޮތުގައި އެނގިފައި ނެތުމުން ރިއާންއަށް ޝައިނާގެފުށުން ފެނުނީ ހަމަ އާންމުގޮތެއްގައިވެސް ހުންނަ މިޒާޖެވެ.
“ހާދަ މަޑުންނޭ ދެމީހުން ތި ތިބެނީ. ޖަހާނެ ސަކަރާތް ހުސްވީތަ؟ އަހަރެން މާލޭގަ ހުރިއިރު ގައިމު ތި ދެމީހުންގެ ޝަކުވާ އަޑު އަހާފަ އިތުރު ކަމެއް ކުރާނެ ވަގުތެއް ނުވޭ” ރިއާން ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.
“އެހެންނު ވާނީ. މި އަންނަނީއޭ ކިޔާފަ ހެނދުނު އަހަރުމެން ހޭލައްވައިފި. އާދެވޭވަރު ތިވީ މެންދުރު. މީހުން ބޮލުގަވެސް ރިއްސާނެ ދޯ.. ރަތްދައްކާ އަވީގަ ވިއްޔަ ހުންނަން ޖެހުނީ” ރާހިލް ޖަވާބުދިނެވެ.
“އެކޮޅުގެ ރަންވޭ ކްލިއަރ ނުވީއޭ. އަހަރެން ކީއްތަ ކުރާނީ؟” ރިއާން ދިފާއުގައި ބުންޏެވެ.
“ދެން މައްސަަލައެއްނެތޭ ކޮބާތަ އެއްކަލަ އަހަރެން ބުނި….” ރާހިލް ނުހަނު ފަސޭހައިން ރިއާންގެ ސަމާލުކަށް އެހެން ދިމާލަކަށް އަނބުރައިލަމުން ވާހަކައެއް ފެށިއެވެ. މާގިނައިރެއްނުވެ ކެފޭއެއްގެ ކައިރިއަށް މަޑުކޮށްލި ކާރުން ފައިބައިގެން ތިން މީހުން ގޮސް ކެފޭގެ އޯޕެން އޭރިއާގައި ހިޔާއެޅިފައިހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. އެވަގުތަކީ ކެފޭގައި މީހުންވެސް މަދު ވަގުތެެއް ކަމަށްވުމާއެކު ދާދި އަވަހަށް އޯޑަރު ދެވުނެވެ.
“މިކޮޅަށް އައުމުގެ ކުރިން ބަލާލިން ވެބްސައިޓްއަށް ލާފަ އިން ހޮޓެލްގެ ވަރޗުއަލް ޓުއަރ. ވެލް ޑަން!! ޝައިނާގެ ފުރަތަމަ ލީޑިންގް ޕްރޮޖެކްޓާ ބަލާފަ މާ ބޮޑަށްވެސް ހިތްހަމަޖެހޭ. އަސްލު ހަމަލޮލުން ބަލާލަން ނައިސް ސީދާ އޯޕެނިންގަކަށް ދާންވެސް ނިންމީ އެހެންވެ” ޝައިނާ ވާހަކައިގައި ބަައިވެރިކުރުމަށް ރިއާން މަސައްކަތްކުރިއެވެ.
“އެކަމަކު އަސްލު އަހަރެން މާ ހިތްހަމަ ޖެހުނީސް ސަރ އައިސް ބަލާލާފަ ޑެސިޝަަނެއް ނެގިނަމަ. ފަހަރެއްގައި ހަމަ ބަދަލުކުރަންޖެހޭ ކަމެެއްވެސް ހުރެދާނެއެއްނު” ޝައިނާ ބުންޏެވެ.
“ހިއެއް ނުވޭ އެހާ ބޮޑު މައްސަލަތަކެއް ފެންނާނެ ހެނެއް. އެހެން އުޅޭ ކުދިކުދި ކަންތައް ހުޅުވާފަހުންވެސް ރަނގަޅުކޮށްލެވޭނެ އެއްނު.” ރިއާން ބުންޏެވެ.
“އަސްލު އަހަރެންވެސް ހިއެއްވެސް ނުކުރަން އެހާ ކުޑަ ދުވަސްކޮޅެއް ފިނިޝިންގް ނިމޭނެއެކޭ. އައިމް އިމްޕްރެސްްޑް..” ރާހިލްއަކަށް ހިމޭނަކުން ނީނދެވުނެވެ. އޭނާ އިންނަތާކު ވާހަކައެއް ދައްކަންޏާ އޭގެ ތެރެއަށް ވަދެގަތުމަކީ މިޒާޖުގައި ހަރުލާފައިވާ ކަމަކަށް ވާތީ ރާހިލްއަށް ހިނދުކޮޅަކަށް ޝައިނާއާ ދެމެދު ހިނގަމުންދާ ކަންތައް ހަނދާނުން ކައްސައިލައި ހިޔާލު ފާޅު ކުރެވުނީއެވެ.
“ޔާ ބިކޯޒް އަންލައިކް ސަމް ޕީޕަލް.. މިބުނީ މިކޮޅަށް މަޖާނަގަން އައި ބައެއް މީހުނާ ހިލާފަށް އަހަރެން މަސައްކަތްކުރީ ހަވާލުވެފައިވާ ކަންތައް ނިންމޭތޯ ވިއްޔަ” ޝައިނާ ރާހިލްއާ ދިމާލަށް ވައްބަހެއް އެއްލިއެވެ.
ރާހިލް އެކަމާ ހިތްހަމައެއް ނުޖެހުނެވެ. ނޭނގޭ ސަބަބަކާހުރެ ޝައިނާ އަބަދު އޭނާއާ ޖައްސާލައިފައި ހުންނަ ހުރުމުގެ ސަބަބުން އޭނާގެ ބޯ ގޮވަން ފަށައިފިއެވެ. އިއްޔަރޭ އެދެމެދުގައި ކޮންމެ ކަމެއް ހިނގިކަމުގައި ވިޔަސް އޭގެ ކުރިންވެސް ކަންއޮތީ އެހެންނެވެ. ނުވިތާކަށް އޭނާ ދެންމެ އެބުނި ވާހަކައަކީ އޭނާ ޝައިނާގެ މަސައްކަތައް ކުރި ތައުރީފެކެވެ. ފާޑުކިޔުމެެއްނޫނެވެ. ޝައިނާގެ ރައްދު އެފަދަ ގޮތަކަށް ލިބެންޖެހޭ ސަބަބެއް އޭނާއަކަށް ނޭނގެއެވެ.
“އަސްލު ކޮބާތަ ޝައިނާގެ މައްސަލައަކީ؟ އަހަރެންނާ ހަވާލު ކުރެވުނު ކަމަކިއްޔާ އަހަރެންވެސް އޮންނާނީ ނިންމާފަ. އަހަރެން ފަރުވާކުޑައެކޭ ނުބުނެވޭނެ. އަބަދުވެސް އަހަރެންދެކެ މާވަރުގެ ރުޅިއެއް އަންނަ ސަބަބެއް އަހަރެންނަށް ބުނެދެވިދާނެތަ؟ ކަމެއް ރަނގަޅުކުރަން އުޅުނަސް ޝައިނާއަކަށް ސަލާމަތެއް ނޯވޭ” ރާހިލްގެ އަޑުގައިހުރި ހިތްހަމަ ނުޖެހުމުގެ އަސަރު ސިއްރެއް ނުވިއެވެ. އޭނާ މޭޒުގައި އަތްވިއްދައިލަމުން ކުރިއަށް ޖެހިލައި ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ހަހަ ތިއީ ޖޯކެއްތަ؟. ނޭނގިގެންތަ ތި އަހަނީ ކީއްވެހޭ ރުޅިއަންނަނީ؟ ރޭގަ ވީ ކަންތަކާ ކިޔުނުހާ އެއްޗެހި އޮތްތާނގަ ބާއްވާފަ އަހަރެން ފާހަނައިގަ ތަޅުލިރޭ މަތިން ހަނދާން ނެތުނީތަ” ޝައިނާވެސް ރާހިލްގެ ހަރަކާތް ތަކުރާރުކޮށްލައި ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.
“އަހަރެން އެރޭ ދިޔައީ ބޮކިވެސް ދިއްލާފަ. އަހަންނަށް ކިހިނެއްތަ އެނގެނީ ތީ އެވަރު ކަމަކާ ބިރުން ހޭނެތޭވަރު ކުޑަކުއްޖެއް ކަމެއް؟ ޕްރިޓީ ޑްރެމެޓިކް.. އިފް ޔޫ އާސްކް މީ” ރާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ.
“އޯހް ޑްރެމެޓިކް؟ ސޭޒް ދަ ސިކްސް ފީޓް މޭން ދެޓްސް ސްކެއަރޑް އޮފް އަ ސިކްސް ސެންޓިމީޓަރ ކޮކްރޯޗް” ޝައިނާ ރައްދުދިނެވެ.
“ވެލް އެޓްލީސްޓް އަހަރެން ހެއެއް ނުނެތެއެއް–”
“ރާހިލް އޭ ހަމަޖެހިބަލަ!! ދެން އޯކޭ އޭ. ޔާރައްބީ މިތިބަ ބައެއްދޯ. ކުޑަކުދިން ކުރާކަހަލަ ކޫސަނި ޒުވާބުވެސް ކޮށްފާނެ ދޯ؟ އަހަރެން ހީކުރީ ކާރުގަ މަޑުން ތިބީމަ އަދި ދެމީހުނަށް ހެޔޮ ވިސްނުން ލިބުނީ ކަމަށް.” ރިއާން ރާހިލްގެ ކޮނޑުގައި ހިފަހައްޓާލަމުން ރާހިލްގެ ވާހަކަ ހުއްޓުވިއެވެ. އޭރު ރާހިލްއާ ޝައިނާ ތިބީ އެކެއްއަނެކެއްގެ ގަޔަށްބޮލަށް އަރައިގަންނަ ހިސާބުގައެވެ. ރިއާން އިނީ އަދިވެސް އެދެމީހުންގެ ޒުވާބު ފެށިގެން އެހިސާބަށް ދިޔަގޮތާމެދުވެސް ވިސްނާލަން ނޭނގިފައެވެ.
“ސާބަސް!! ދެމަފިރިންތަ ތީ؟ އަބަދު ތިގޮތަށް ތި ޒުވާބު ކުރަނީ؟ ތިހެން އުޅެމުންގޮސް އެންމެފަހުން ތިދެމީހުން ކަންނޭގެ އިންނާނީވެސް” ރިއާން ބޯ ހޫރައިލިއެވެ.
“ޗި..”ޝައިނާއާއި ރާހިލަށް އެއްފަހަރާ ބުނެވުނެވެ.
“އޯކޭ އޯކޭ. ބަޓް ދެއަރ އިޒް އަ ވެރީ ތިން ލައިން ބިޓްވީން ހޭޓް އެންޑް ލަވް. މީހުން ބުނެ އުޅޭ ނަފްރަތަކީ ލޯބީގެ ފެށުމޭވެސް. ނޮޓް ދެޓް އައި ބިލީވް އިން ލަވް” ރިއާން ލާނެތް ފާޑަކަށް ހިނިއައިސްފައި އިނދެ ބުންޏެވެ.
“ކީކޭ ތި ބުނަން އުޅެނީ؟” ރާހިލް ސުވާލުގެ ނަޒަރަކުން އެއްބުމަ ހިއްލައިލިއެވެ. ބަދަލުގައި ރިއާން ދެއަތް ކޮނޑާ ހިސާބަށް ހިއްލައިލުމަށްފަހު ދެކޮނޑު އަރުވައިލަމުން ނޭނގޭކަމަށް އިޝާރާތް ކުރިއެވެ.
“ރިއާންއަށް ހީވޭތަ އަހަރެން މި އަގްލީ ސަންތިގަނޑާ އިންނާނޭ؟؟ އޯ ޕްލީޒް އައި ހޭވް ސީން ޕްރިޓިއަރ ގަރލްސް އިން މައި ނައިޓްމެއަރޒް” ރާހިލް ޝައިނާ ރުޅިއަރުވައިލުމުގެ ނިޔަތުގައި ބުންޏެވެ. އަދި އެކަން ކާމިޔާބުކުރިއެވެ.
“ސީ ޔޫ ޓުނައިޓް. ނޮޓް އިން ނައިޓްމެއަރޒް.. އެޓް ދަ އިވެންޓް” ޝައިނާ ރުޅިއައިސްގެން އިން ގޮނޑިން ތެދުވެ ބޭރަށް ނުކުންނަށް ހިނގައިގަތެވެ.
“ޝައިނާ. ދަނީތަ؟ އަދި އޯޑަރ ވެސް ނާދޭ..” ރިއާން އިނީ ރާހިލްގެ އަމަލުތައް ހުރިގޮތުގެ ސަބަބުން ހިތްހަމަ ނުޖެހިފައެވެ.
“މިވަގުތު އަހަރެން މިތާ އިނުން ރަނގަޅެއްނޫން. އަހަރެން ދާނީ ކާރެއް ނަގައިގެން. ޑޯންޓް ވޮރީ” ރިއާން ބުނި އެއްޗަކަށް ފަރުވާލެއްނުދީ ޝައިނާ އެތަނުން ދިޔައެވެ. ޝައިނާ ދިޔުމުން ރިއާން ސުވާލުގެ ނަޒަރަކުން ރާހިލްއާ ދިމާލަށް ބަލައިލިއެވެ.
“ވަޓް؟” ރާހިލް ފެންތަށި ތުނބުގައި ޖަހައިލިއެވެ.
“އަހަރެން ވާނުވާގަ ނުބަހައްޓާ މި ވާ ގޮތެއް ކިޔާދޭން ވެއްޖެއެއްނު. އެންމެ ދެމަހެއްހާ ދުވަސްތެރޭ ހާދަ ބަދަލެކޭ ރާހިލްއަށް ތި އައީ. ތީ ކުރިން ދުވަހަކުވެސް ތިގޮތަށް އަންހެންކުދިން ޗޭސްކޮށް އުޅުން މީހެއްނޫން. ކުޑަމިނުން ކުއްޖެއް ހިފަހައްޓަންވެސް އުޅުނު މީހެއްނޫން. އެންމެ އީޒީ ކުދިން ބަލާފަ ގެންގުޅެނީ. ޝައިނާ އެ ހުރިހާ ގޮތަކަށް ރާހިލް ރިޖެކްޓް ކުރާއިރު.. އަހަރެން ދަންނަ ރާހިލްނަމަ އެކަން ހަނދާންނައްތާލާފަ ފަސޭހަ އޮޕްޝަނަކަށް ދާނެތާ ކިތަންމެ ދުވަހެއް… އަހަންނަށްވެސް އެނގޭ އެއީ ރީތި ކުއްޖެއްކަން. އެ ސިފައިގެ އަވައިގަ ޖެހިގެންކަން ރާހިލް މިކޮޅަށް އައީވެސް. އެކަމަކު ރާހިލް ތިއުޅެނީ ކުޅިވަރެއް ކުޅެން ކަމަށްވަންޏާ ތިކަން ދޫކޮށްލާ. ޝައިނާއަކީ ރާހިލް ތި ހީކުރާ ކަހަލަ ކުއްޖެއްނޫން. ވަރަށް ނިކަމެތި އެެކަނިވެރި ކުއްޖެ-”
“ޔެސް ޔެސް އަހަރެންނަށް އެނގެއޭ ރިއާން. ތީ ރިއާން އަލަށް ކިޔާ ބަނދިވަރެއް ނޫނެއްނު. އަހަރެންނަކަށްވެސް ނޭނގެ ޝައިނާ އަހަރެންދެކެ އަންނަ ރުޅިއެއް. އަހަރެންމިހާރު ނޫޅެން އޭނައާ ހެދި މާވަރަކުން” ރާހިލް ރިއާންގެ ވާހަކަ މެދުކަނޑައިލިއެވެ.
“މީގެ ކުރިން އަހަރެންނަކަށްވެސް ޝައިނާގެ މިޒާޖުގައި މައްސަލައެއް ފާހަގަ ކުރެވިފައެއްނެތް. އަނެއްހެން އަހަރެންނަކީ މުވައްޒަފުންގެ ކަންކަމުގެ ތެރެއަށް މާބޮޑަށް ވަދެގަންނަ މީހެއްވެސް ނޫން. އެކަމަކު މިކޮޅަށް އައިފަހުން ތިދެމީހުންގެ ކަންތައް ބޮޑުކަމަކަށްވެގެން އަހަރެންވެސް ކުޑަކޮށް ބަލައިލިން. ނީމް ބުނީ އޮފިސްތެރޭގަ އަބަދުވެސް ޝައިނާގެ ވާހަކަ ދައްކާކަމަށް. އޭނާއާ ގޯސްގޮތަކަށް އެޕްރޯޗް ނުކުރާހަ ހިނދަކު އޯކޭއޯ. އެކަމަކު ކިރިޔާވެސް މީހަކު އޭނާއަށް އިންޓްރެސްޓް ޝޯ ކުރާހެން ހީވަންޏާ އެމީީހަކާ ދޭތެރޭ ވަރަށް ރުންކުރު ކަމަށޯ ފާހަގަ ކުރެވެނީ. ހީވާގޮތުން ޝައިނާ ފިރިހެނުންދެކެ ވަރަށް ރުޅިއާދެޔޯ. ޝީ ހޭޓްސް މޭލް އެޓެންޝަން. އެހެންވީމަ ތިއީ ރާހިލްގެ މައްސަލައެއްނޫން. ޝައިނާގެ މިޒާޖުގެ މައްސަލައެއްކަމަށް ބަލާފަ ތިކަން ދޫކޮށްލާ”
“މިޒާޖުގައި ހުންނަ ގޮތެއްހެނެއް ހިއެއްނުވޭ. ގައިމު މިކޮޅުގަ ރާފިއުއާވެސް ވަރަށް ކޫލްކޮށް އުޅެނީ. އަނެއްކާ ޝައިނާއަކީ ޒީމެން އޭޖް ކުއްޖެއް. އެންމެ 23 އަހަރެއްނު. ފިރިހެނުންނަށް އެވަރަށް ނަފްރަތު ކުރާވަރުގެ ސަބަބެއް އޮންނަ ވަރަށްވުރެ މާ ޔަންގް. މެރީވެސް ކުރީކީ ނޫނެއްނު. ގޯސް ފިރިއެއްގެ އެކްސްޕީރިއަންސް އެއްވެސް ނޯންނާނެ.” ރާހިލް ރިއާންގެ ވާހަކަ ގަބޫލެއްނުކުރިއެވެ.
“އަހަރެން މި ބުނީއެއްނު މައްސަލަ ޖެހެނީ އޭނައަށް އިންޓްރެސްޓް ޝޯ ކުރާ ހިސާބުންނޭ. ވެދާނެއެއްނު ރާފިއުގެ ފަރާތުން އެކަހަލަ ނިޔަތެެއް ފާހަގަ ނުވަނީކަމަށް. އަނެއްކޮޅުން ކޮންމެހެން މެރީ ނުކުރިޔަސް ލައިފްގަ ކަމެއް ހިނގާފާނެ. ވެދާނެއެއްނު އެބިއުސިވް އެކްސް އަކަށްވެސް. ރާހިލް ކުދިންނާއެކު ސްލީޕް ކުރާތީވެސް އޭނާ ރުޅިއާދެއެއްނު. ވެދާނެ އެއްނު ޗީޓިންގް ކޭސްއަކަށްވެސް.” ރިއާން މަސައްކަތްކުރީ ރާހިލްއަށް ވިސްނައި ދިނުމަށެވެ.
“ހިއެއްނުވޭ ތިހެނެއްވެސް. ޝައިނާ ޑޭޓް ކުރީ އެންމެ މީހަކާ. އެވެސް ހައިސްކޫލްގަ” ރާހިލް ބުންޏެވެ.
“އައްދޭ. ހާދަ ވަރަކަށް އޭނަ ދަސްކޮށްފީމޭ ދޯ. އަހަރެންނަކަށް ނޭނގެ އަދި ތިހާ ގާތްކަމެއް.” ރިއާން ހައިރާންވެފައި ބުނަމުން ކޮފީތަށި ތުނބުގައި ޖައްސައިލިއެވެ.
“އެކަހަލަ މީހަކާ ގާތްވެވޭނީ މިވަރަކަށް. ވީ ކިސްޑް.” ރާހިލްގެ ޖަވާބާއެކު ރިއާންގެ އަނގައިގައި ހުރި ކޮފީފޮދުވެސް ބުރައިގެން ނުދިޔައީ ކިރިޔާއެވެ. އަވަހަށް ދިރުވާލަން އުޅުމުގެ ތެރޭގައި މިހާ ކޮށިއަރައިގަތެވެ.
“އޭ އޭ. ހާދަ ވަރެކޭ ތިވީ. ރިއާންއެއްނު ބުނީ އެއީ ހަމަ ސިސްޓަރ އެކޭ. އެކަހަލަ ހިޔާލެއް ނެތޭ. ރިއާންއެއްނު ބުނީ އަހަރެންނަށް މިކަން ނުވާނޭވެސް. ދެން މި ފެންފޮދު ބޯލާފަ ހަޖަމް ކޮށްލަބަ. ލިޓެރަލީ..” ރާހިލް ރިއާންއާ ގާތަށް ފެންތަށި ޖައްސައިލަމުން ބުންޏެވެ.
“ޔޫ ވަޓް؟” ރިއާން ފެންތަށި ބޯލުމަށްފަހު ހަމަޖެހެން މަސައްކަތްކުރަމުުން އަހައިލިއެވެ.
“އައިމީން އައި ކިސްޑް ހަރ. އެންޑް ވަން މިނަޓް ޝީ ވޯޒް ކިސިންގް މީ ބެކް.. ބަޓް ދަ ނެކްސްޓް ސެކަންޑް ޝީ ސްލެޕްސް މީ. ކޭން ޔޫ ބިލީވް އިޓް؟” ރާހިލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ.
“އޯކޭ އޯކޭ. ތީ ކޮން އިރަކު ހިނގިކަމެއް؟؟ އަނެއްކާ ޔަގީންތަ ތީ ރާހިލްއަށް ފެނުނު ހުވަފެނެއް ނޫންކަން.” ރިއާންހުރީ އަދިވެސް އެވާހަކަ ގަބޫލު ނުކުރެވިފައެވެ.
“ޕިސް ރޭގައޭ. އެކަމަކު ކުރިންވެސް އަހަރެންނަށް ހީވި އަހަރުމެން ދެމީހުން ދޭތެރޭގަ ކޮންމެވެސް ޓެންޝަންއެއް އޮތްހެން… އޭނަގެ ގޮތެއް ނޭނގެ. ހަމަގައިމުވެސް އަހަރެންނަށް އެހެން ފީލްވި” ރާހިލް ބުންޏެވެ.
“ފަހަރެއްގާ ރާހިލް އަސްލުކޮށް ވެސް ޝައިނާދެކެ ލައިކް ވަނީ ކަންނޭގެ.” ރިއާން ބުންޏެވެ.
“ޕިސް.. ލައިކޭ؟ އަހަރެންނަށް އެންމެ މަހެއް އިތުރަށް ލިބުނު ނަމަވެސް ޝައިނާގެ ކަންތަށް މިއަށްވުރެ ކުރިއަށް ގެންދާނަން.. އޭނައަށް އެކަންޏެއް ނޫނޭ ގޮތް ދޫނުކުރެވެނީ..” ރާހިލްގެ ޖަވާބާއެކު ރިއާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނާގެ ރަހްމަތްތެރިޔާ ދުވަހަކުވެސް އިސްލާހެއް ނުވާނޭ ހިތަށް އެރިއެވެ. ނަމަވެސް ފުރާވަރަށްފަހު އުމުރުގެ ބޮޑުބައި ވިލާތުގެ ގައުމެއްގައި ހޭދަކޮށްފައިވާ މީހަކަށް ދޭނެ ނަސޭހަތެއްވެސް އޭނާއަކަށް ނޭނގުނެވެ. ހުދު އޭނާއަކީވެސް އޭގެ މީހެކެވެ. ނަމަވެސް އެމީހުންނެކޭ އެއްފަދައިން އަންހެނުންގެ ދަޅައިގައި ނުޖެހި އޭނާއަށް ވަނީ ސަލާމަތްވެވިފައެވެ.
***********
އިވެންޓް ފެށުމަށް އޮތް ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ކޮންފަރެންސް ހޯލްގެ ތެރެއަށް މީހުން ޖަމާވަމުން ދިޔައެވެ. މާލަމުގެ ވަށައިގެން ދަމާފައިވާ ހުދުކުލައިގެ ފޮތިތަކަށް ހޮޓެލްގެ ރަސްމީ ކުލަ ކަމުގައިވާ ގަދަ ނޫކުލައިން އަލި އަޅުވައިފައިވާއިރު މާލަމުގައި އަތުރައިފައިވާ ވަށްމޭޒުތަކާއި ގޮނޑިތަކުގައިވެސް ވަނީ ހުދުފޮތި އަޅައި ގަދަ ނޫކުލައިގެ ސެންޓަރޕީސްތަށް ބަހައްޓައިފައެވެ. ސްޓޭޖުގައިވާ ބެކްޑްރޮޕް ފަރުމާ ކުރެވިފައިވަނީ ކަނޑުއަޑީގެ މަންޒަރެއް ސިފަވާފަދަ ގޮތަކަށެވެ. މެހެމާނުންނަށް މަރުހަބާ ކިޔުމުގައި ރިއާންއާއި އާރް.އެލް. ހޯލްޑިންގްސްގެ އިސްވެރިން އުޅުނެވެ.
ހުދުކުލައިގެ ގަމީހާއެކު ހިމަދިގު ކަޅުޓައިއެއް އަޅައިފައިވާއިރު އޭގެ ބޭރުން ލައިފައިވާ ކަޅުކުލައިގެ ވެސްޓާއި ޓަކްސީޑޯގެ ސަބަބުން މިރޭ ރިއާންއާ ދިމާވާ ކޮންމެ މީހަކަށްވެސް އެއީ ހަފްލާގެ މުހިއްމު މީހެއްކަން އެނގޭފަދަ ޝާހީކަމެއް އޭނާގެ ފަރާތުން ފެންނަމުން ދިޔައެވެ. އޭނާގެ ހައިބަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އަތުކުރީގައި އަޅައިފައިވާ ރަންކުލައިގެ ގަޑީގެ ސަބަބުންނެވެ.
ރިއާންއާ ހިލާފަށް ރާހިލް ހުދުކުލައިގެ ގަމީހުގެ ބޭރުން ލައިފައިވަނީ ކަޅުނޫކުލައިގެ ބްލޭޒާ ސޫޓެކެވެ. އޭނާއަކީ އެއްވެސް އިރެއްގައި ޓައި އަޅަން ގަޔާވާ މީހަކަށް ނުވާތީ ޓައި އެޅުމުގެ ބަދަލުގައި އަތުކުރީގައިވާ ގަޑިއާ ގުޅޭ ރިހިކުލައިގެ ފަށެއް ކަރުގައި އަޅައިފައިވެއެވެ. އަދި އެފަށް ފެންނާނެހެން ގަމީހުގެ މޭމަތިން ދެގޮށެއް ނައްޓައިލައިފައިވެއެވެ. ޖަލްސާގައި ކުރާނެ މާބޮޑު ކަމެއް ނެތުމުން އޭނާ ދިޔައީ ކުޑަކުއްޖެއްހެން ރިއާން ދާހާ ތަނަކަށް ރިއާންގެ ފަހަތުން ހިނގަމުންނެވެ. ބައެއްފަހަރު ރިއާން އެހެން މެހެމާނުންނާ ދައްކާ ވާހަކައަށް ސަމާސާ ބަހެއް އިތުރުކޮށްލައި އެމީހުން ހެއްވައިލައެވެ. އެކަމުގައި އޭނާއަށްވުރެ ކުޅަދާނަ އިތުރު މީހެއް ނެތްކަހަލައެވެ.
“ސީރިއަސްލީ.. އަހަރެން ހިތަށް އަރާ އަބަދު ތި ހައިޕަރ އެނަރޖީއެއްގަ އުޅޭއިރު ރާހިލްގެ ސޯޝަލް ބެޓެރީ ޑްރެއިން ނުވޭބާއޭ. މަގޭ ކޮލަށްވެސް މިހާރު އެބަ ތަދުވޭ އަބަދު މި މީހުންނަށް ސްމައިލްކުރަން ޖެހޭވަރުން” ރިއާން ގަދަކަމުން ހިނިތުންވެލައިގެން ހުރެ އިތުރު މީހަކާ ސަލާން ކޮށްލުމުގެ ކުރިން ހަމައެކަނި ރާހިލްއަށް އަޑު އިވޭނެހެން ބުނެލިއެވެެ.
“އެހެން އެވަނީ ތި ގަދަކަމުން ހޭން އުޅޭތީއޭ. ތިންކް ހެޕީ ތޯޓްސް. އޭރަށް ހުރިހާ ކަމެއްވެސް އަންނާނެ ނެޗުރަލީ” ރާހިލްވެސް މޫނުމަތިން ހިނިތުންވުން ވަކިކޮށްލުމެއްނެތި ބުންޏެވެ.
ގިނަބަޔަކު އައިސް ހަމަޖެހުމާއެކު ރިއާން ރާހިލް ގޮވައިގެން އެންމެ ކުރީސަފުގެ މެދުގައިހުރި މޭޒުގައި އިށީނދެލިއެވެ. އެ ދެމީހުންނާއެކު އެމޭޒުގައި އިތުރު ބަޔަކަށް ތިބީ ރިއާންގެ ބައްޕަ ރިޔާޒާއި ދޮންމަންމަ ޝީރީނެވެ. ތުނިކޮށް ކޮށައިފައިވާ ހުދު ތުނބުޅިއާއި ބޯ އިސްތަށިގަނޑުގެ އިތުރުން ހެދުން އެޅުމުގައި ހުރި ފާޑުވެރިގޮތުގެ ސަބަބުން ފުރޮޅުލީ ގޮނޑިއެއްގައި އިންނަމަވެސް ރިޔާޒުގެ ހައިބަތަށް ބަދަލެއް ނާދެއެވެ. ގާތުގައި އިން ޝީރީންވެސް ފެންނަނީ އެހާމެ ޒުވާންކޮށެވެ. ސާޅީހުގެ ފަހުގެ އަހަރުތަކުގައިވެސް އެ މޫނުމަތިން ރުލެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ލުއި މޭކަޕެއްކޮށް ކޮނޑާއި ހަމައަށް ކޮށައިލެވިފައިވާ ފަން އިސްތަށިގަނޑުގައި އަޅި ކުލައެެއް ޖައްސައިފައިވާއިރު އޭނާ ލައިގެން ހުރި ގަދަނޫކުލައިގެ ޒަމާނީ ކުރުތާގައިވަނީ އިސްތަށިގަނޑުގައިވާ އަޅިކުލައާގުޅޭ މިނާތަކެއް ހަރުކުރެވިފައެވެ.
“މީ އަހަރުމެންގެ ރާހިލްތަ؟ މިހާރު ނުވެސް ފެނޭ. ކޮބާތަ ތިގޭ ކުދިންކޮޅު؟” ރިޔާޒު އޭނާ އިށީނދެގެން އިން ފުރޮޅުލީ ގޮނޑީގައި ރާހިލް ގާތަށް ޖެހިލަމުން އަހައިލިއެވެ.
“އާނ އަސްލު ރާއްޖެ އައި ގޮތަށް މިކޮޅަށް އައީ. އަދި ރިޔާޒުބެމެން ގާތަށް ނުދެވިގެން މި އުޅެނީ.” ރާހިލް ހިނިތުންވެލާފައި ޖަވާބުދިނެވެ. އަދި ދުރުގައި އިން ޝީރީނަށްވެސް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އެމީހުން ކުރަމުން ދިޔަ ގިނަ ސުވާލުތަކަށް ޖަވާބުދެމުން ދިޔައީ ރާހިލްއެވެ. ރިއާން އޭނަގެ ބަސްމަދު މިޒާޖުގައި، މާގިނަ ވާހަކަ ދެއްކުމެއްނެތި ފޯނާ ކުޅެން އިނެވެ.
ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވަމުންދާ ވަރަކަށް ރާހިލްގެ ކަޅި އެކި ދިމަދިމާލަށް ދަތުރުކުރަން ފެށިއެވެ. ހިތްއަވަސްވެފައިވާ މީހެއް ފަދައިން ފައި ތަޅުވާާލަ ތަޅުވާލައި އިނދެ އިރުއިރުކޮޅާ މެހެމާނުން ވަންނަ ދޮރާދިމާލަށް ބަލައިލައެވެ.
“ކާކު ހޯދަނީ. ޝައިނާތަ؟” ރިއާން ރާހިލްގެ ގާތަށް ގޮނޑި ޖައްސައިލަމުން އަހައިލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


