“އައި ހޭވް ޓު ޓޯކް ޓު ޔޫ.. ސާހިލްއަށް އެނގެން ޖެހޭ ކަންތައް އަދި އެބަހުރި” ލަޔާލް ބުންޏެވެ.
“މިރޭ.. މިރޭ ނައިން ހާއިރު އަންނާނަން” އިރުކޮޅަކު ވިސްނާލާފައި ސާހިލް ބުންޏެވެ.
ލަޔާލް އިތުރަށް އެއްޗެއް ނުބުނުމުން ސާހިލް ނިކުމެ ދޮރު ލައްޕާލިއެވެ.
ސާހިލް ދިޔުމުން ކިޔާން އައިސް ލަޔާލް ގައިގައި ބައްދާލިއެވެ.
“މަންމާ، ވައި ވޯޒް ހީ ސޯ ސޭޑް؟” ކިޔާން އަހާލިއެވެ.
“އެއީ ވަރަށް ގިނަ ދުވަހު ކިޔާން ނުފެނި ހުރީމަ.. އެކަމަކު ދެން އެހެންނެއް ނުވާނެ. ބައްޕައާ މީޓް ވީމަ ކިޔާން އުފާވޭތަ؟” ލަޔާލް އެހިއެވެ.
ކިޔާން ބޯ ޖަހާލިއެވެ. އެއާއެކު އާއިލާގެ އެކި މީހުންނާ ބެހޭ ގޮތުން ސުވާލު ކުރަން ފެށިއެވެ. ހުރިހާ ސުވާލަކަށް ކިޔާންއަށް ތެދަށް ޖަވާބު ދެވޭތޯ ލަޔާލް ބެލިއެވެ.
އަށްގަޑި ފަނަރަ ހާއިރު ކިޔާން ނިދުމުން ލަޔާލް ބަދިގެއަށް ވެނެވެ. އެ ދުވަހު އެއްވެސް ފަހަރަކު ރަނގަޅަށް ނުކެވުމުން އޭރު އިހުސާސް ކުރެވެމުން ދިޔަ ބަނޑުހައިކަން ފިލުވުމަށް ލަޔާލް މޭޒު ދޮށުގައި އިށީނެވެ. ކިޔަންމެ ބަނޑުހައި ވެފައި ހުރި ނަމަވެސް ކާ އެއްޗެއްސަށް ވުރެ ބޮޑަށް ލަޔާލްއަށް ސަމާލުކަން ދެވެމުން ދިޔައީ ފާރުގައި ހުރި ގަޑިއަށެވެ.
ގަޑީގެ ކަށި އެނބުރެމުން ދިޔަ ވަރަކަށް ލަޔާލްގެ ހިތް އަވަސް ވަމުން ދިޔައެވެ. ނުވައެއް ޖަހަން ފަނަރަ މިނަޓަށް ވުމުން އެންމެ ފަހުން ލަޔާލް ތެދުވެ ތަށީގައި ބާކީ ހުރި ބަތްކޮޅު އުކާލާފައި ތަށި ދޮވެފައި ކޮޓަރިއަށް ވަނެވެ.
މޫނު ދޮވެލާ ތާޒާވެލުމަށް ފަހު ކަކުލާ ހަމައަށް އަންނަ “ޕްލަމް” ކުލައިގެ ކުރުތާއެއް ލާފައި މަޑު ނޫ ކުލައިގެ ޝޯލްއެއް އަޅާ ނިމިގެން ތުންފަތުގައި ލިޕްސްޓިކް ޖައްސަން ހުރެފައި ލަޔާލްގެ ހަރަކާތް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި ލަޔާލް ޓިޝޫއަކުން ތުންފަތް ފޮހެލުމަށް ފަހު އަޅައިގެން ހުރި ޝޯލް ނަގާފައި ގޭތެރޭގައި އަޅާ ބުރުގާތަކުގެ ތެރެއިން ދެމޭ ފޮތީގެ ފިޔާތޮށި ކުލައިގެ ވަށް ބުރުގާއެއް އެޅިއެވެ. އެއަށް ފަހު ގަޑި ބަލާލާފައި އަލަމާރި ހުޅުވާލާ ކިޔާންގެ ފައިލް ނަގައިގެން ސިޓިންގރޫމަށް ނިކުތެވެ.
ސާހިލް އައިސް ބެލް ޖަހާލީ ލަޔާލް ޓީވީއިން ފިލްމެއް އަޅުވައިގެން އިންދައެވެ. ވަގުތުން ލަޔާލްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ތެދުވެ ހަމަޖެހިލުމަށް ދެތިން ނޭވާ ލުމަށް ފަހު ލަޔާލް ދޮރު ހުޅުވާލިއެވެ.
ސާހިލް އިށީނުމުން ލަޔާލްވެސް އަނެއް ސޯފާގައި އިށީނެވެ. އެ ހުރިހާ އިރު ވާހަކަ ފަށާނެ ގޮތް ހިތުތެރޭ ރާވަމުން ދިޔަ ނަމަވެސް ސާހިލް ފެނުމާ އެކު ލަޔާލްގެ ހިތުން އެ ހުރިހާ އެއްޗެއް ފިލިއެވެ. ކޮފީޓޭބަލް މަތީ އޮތް ފައިލްއަށް ބަލަހައްޓައިގެން ދެއަތް ދެއަތާ މޮޑެމުން ދިޔަ އިރު ދެންވެސް ލަޔާލްއަށް ވިސްނެމުން ދިޔައީ ކިޔާންގެ ބަލީގެ ވާހަކަ ސާހިލް ގާތު ބުނާނެ ގޮތަކާ މެދުގައެވެ.
“ލަޔާ، ކޮން ވާހަކައެއް ބުނަން އޭރު އުޅުނީ؟” ސާހިލް އެންމެ ފަހުން އަހާލިއެވެ.
“ކިޔާން.. ކިޔާން އިޒް ސިކް!” ފުރަތަމަ ސިކުނޑިއަށް އައި ބަސްތައް ލަޔާލްގެ ދުލުން ބޭރުވިއެވެ.
“ކިހިނެއް ވީ؟ އޭރު އައި އިރުވެސް ބަލިވެތަ އުޅުނީ؟ ޑޮކްޓަރަށް ދެއްކީތަ؟” ސާހިލްގެ އަޑުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.
ލަޔާލް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ދެން..؟” ސާހިލް އަހާލިއެވެ.
ލަޔާލް ޖަވާބެއް ދިނުމުގެ ބަދަލުގައި ކޮފީޓޭބަލް މަތީ އޮތް ފައިލްއަށް އިޝާރާތް ކޮށްލިއެވެ.
ހައިރާންކަން އެކުލެވިގެންވީ ނަޒަރަކުން ލަޔާލްއަށް ބަލަން އިނދެފައި ސާހިލް ފައިލް ނަގާ ހުޅުވާލިއެވެ.
ކިޔާންގެ ބައްޔާ ބެހޭ ހުރިހާ ލިޔެކިޔުމެއް އެ ފައިލްގައި ހުއްޓެވެ. ފުރަތަމަ ރަށުން ޑޮކްޓަރަށް ދެއްކި ލިޔުންތަކާ، މާލެއިން ހެދި ޓެސްޓްތަކުގެ ނަތީޖާއާ، އަދި ލަންކާއަށް ގޮސް ކުރި ސަރޖަރީއާ، އޭގެ ފަހުން އެ ދުވަހާ ހަމައަށް ކިޔާންއަށް ކުރަމުން އައި ފަރުވާގެ ހުރިހާ ތަފްޞީލެއް އެ ފައިލްއިން އެނގެން ހުންނާނެއެވެ. ކުރީގެ ލިޔެކިޔުންތައް އެންމެ ފުރަތަމަ ކިޔޭނެހެން އަދި އެންމެ ފަހުގެ ޓެސްޓްތަކުގެ ރިޕޯޓްތައް އެންމެ ފަހުން ފެންނާނެހެން ހުރިހާ ކަމެއް ފެށުނީއްސުރެ ނިމެން ދެން ފަސޭހަ ކަމާއެކު ކިޔާލެވޭނެ ގޮތަށެވެ.
ފަހަރަކު ގަނޑެއް އެއްލަމުން ރިޕޯޓްތައް ކިޔަމުން ގޮސް ފައިލް ލައްޕާލި އިރު ސާހިލްގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވެފައި ވީ އިރު އެ ހިތް ހީވީ ކުދިކުދިވެގެން ހިނގައިދާނެ ހެންނެވެ. ކުރެވުނު ކުށުގެ ސަޒާ އެންމެ ހިތްދަތި ގޮތުގައި ލިބެމުން ދިޔަ ކަހަލައެވެ. ހިތާމައާ ކުށްވެރިކަމުގެ އިހުސާސް ކުރިއަށް ވުރެ އެތައް ގުނައެއް އިތުރަށް އިހުސާސް ކުރެވެމުން ދިޔައެވެ. ދެ އަތުން ފައިލްގައި ހިފަހައްޓައިގެން އިސް ޖަހާލި ގޮތަށް ސާހިލްއަށް އިނދެވުނީއެވެ.
“ބާކީ އޮތީ ކިހާ ދުވަހެއް ކަމެއް ނޭނގޭ.. ޔަގީން ވާ ކަމަކީ އިތުރު ފަރުވާއެއް ނެތް ކަން.. މާ ގިނަ ދުވަސްތަކެއް ދެން ނެތް ކަން..” ސާހިލް ސުވާލު ނުކުރި ނަމަވެސް ލަޔާލް ޖަވާބު ދިނެވެ.
“އަދި ޓްރައި ކުރެވިދާނެ.. އެހެން ތަންތަނަށް ދެވިދާނެ—” ސާހިލް ހިންދިރުވާލަމުން ބުނަން އުޅުނެވެ.
“އެއްވެސް ކަމެއް ބަދަލެއް ނުވާނެ. އެކްސެޕްޓް އިޓް!” ސާހިލްގެ ވާހަކަ މެދުކަނޑާލަމުން ހަރުކަށި ރާގެއްގައި ލަޔާލް ބުނެލިއެވެ.
ސާހިލްއަށް ލޯ މަރާލެވުނެވެ. ހިތް ރޮމުން ދިޔަ އިރު، ސާހިލްގެ ހިތަށް އެހާ އަސަރު ކުރި އިރު ލަޔާލްގެ ހިތަށް ވާނެ ގޮތް އަންދާޒާވެސް ކޮށްނުލެވޭނެ ކަމުގައި ސާހިލްގެ ހިތް ބުނަމުން ދިޔައެވެ.
ސާހިލް އިސް އުފުލާ ލަޔާލްއާ ދިމާއަށް ބަލާލިއެވެ.
“ލަޔާ..” ސާހިލްގެ ގޮވާލުމުގައި ވީ އާދޭހެވެ.
“އަވަރ ސަން އިޒް ޑައިންގް ސާހިލް..” އެ ވަރަށް ބުނެވުމާއެކު ލަޔާލްއަށް ރޮވުނެވެ. ސާހިލްއަށްވެސް އިތުރަށް ކަރުނައެއް ނުހިފެހެއްޓުނެވެ. ދުރުގައި ތިބެ ދަރިފުޅަށް ތަކާ ދެ މީހުން ރޮމުން ދިޔަ އިރު އެކަކު އަނެކަކަށް ހިތްވަރު ދިނުމަށް ބުނާނެ ބަހެއް ނެތެވެ. އެކަކުގެ ހިތާމައިގައި ބައިވެރިވާނެ ހިތްވަރެއްވެސް އަނެކަކުގެ ކިބައިގައި ނެތެވެ.
ދިހަ ވަރަކަށް މިނަޓް ފަހުން ލަޔާލް ތެދުވެ ސާހިލްގެ އަތުގައި އޮތް ފައިލްގައި ހިފާލިއެވެ. އިރުކޮޅަކަށް ދޫނުކުރާނެ ހެން ހީވި ނަމަވެސް ސާހިލް އެ ފައިލް އިން ދޫކޮށްލިއެވެ.
“ކިޔާން ބޭނުން ވީ ފެމިލީއާ މީޓް ކުރަން. އޭނައަށް ކަންތައްތައް އެނގެން ފެށީއްސުރެ އެންމެންވެސް ކިޔާދިނިން. މަންމައާ ބައްޕަ ދުރުގަ ތިބޭ ކަން އެނގުނަސް ސުވާލެއް ނުކުރޭ. ވަރަށް ފަހުން ސްކޫލްއިން ދިން ފިލާވަޅަކާ ހެދި ކިޔާން ސުވާލު ކުރީ. އޭގެ ފަހުން ހޮސްޕިޓަލްގަ އޮވެފަ މީޓް ކުރަން ބޭނުން ވެގެން ބުނީ. އެހެން ނޫން ނަމަ ސާހިލްގެ ދަރިއަކު ހުރި ކަމެއް ސާހިލްއަކަށް ނޭނގުނީސް” ލަޔާލް ބުންޏެވެ.
“ލަޔާ.. އެނގޭ އަހަރެން މިއަދު ބުނާ އެއްވެސް އެއްޗަކުން ކުރާނެ ފައިދާއެއް ނެތް ކަން.. އެކަމަކު.. އައި އޭމް ސޯ ސޮރީ.. އަހަރެން ލަޔާލްއާ މެދު ކަންތައް ކުރި ގޮތުން.. ކިޔާން.. ކިޔާންއަށް..” ސާހިލްއަށް އިތުރަކަށް ނުބުނެވުނެވެ. ދެ އަތުން މޫނު ފޮރުވާލި ގޮތަށް އިނީއެވެ.
“ކިޔާން އަކީ ސާހިލްގެ ދަރިފުޅު.. އަހަރުމެންގެ ދަރިފުޅުގެ ލައިފްގަ ބާކީ މި އޮތް ދުވަސްކޮޅު އެ ދަރިފުޅާ އެކީ ހޭދަ ކޮށްދީ..” އެ ވަރަށް ބުނެފައި ލަޔާލްއަށްވެސް ރޮވުނީއެވެ.
ސާހިލް ކުއްލިއަކަށް ސޯފާއިން ތެދުވި ގޮތަށް ލަޔާލްގެ އަތުގައި ހިފާ ދަމާލުމާއެކު ގެނެސް ސާހިލްގެ މޭގައި ޖައްސާލަމުން ދެއަތުން ލަޔާލް ގައިގައި ބައްދާލިއެވެ.
ރޮވެމުން ދިޔަ ލަޔާލް ދެކޮޅު ހެދުމެއް ނެތި ސާހިލް މޭގައި މޫނު ފޮރުވާލަމުން ދެ އަތުން ސާހިލްގެ ގަމީހުގެ މޭމަތިން ހިފާ ބޮނޑި ކޮށްލިއެވެ. ލަޔާލް ގާތު ހުއްޓާލުމަށް ބުނުމުގެ ބަދަލުގައި ސާހިލް ސޯފާގައި އިށީނީ އުނގުގައި ލަޔާލް ބައިންދައިގެންނެވެ.
އެ ގޮތަށް ދެ މީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ލަޔާލްގެ ރުއިން ހުއްޓުނުތާ އިރުކޮޅެއް ވީ އިރުވެސް ލަޔާލްގެ ބުރަކަށީގައި ސާހިލް ފިރުމަމުން ދިޔައެވެ. އަދި އިރުއިރުކޮޅާ ލަޔާލްގެ ބޮލުގައި ބޮސްދެމުން ދިޔައެވެ. ސާހިލްގެ އުނގުގައި އެ މޭގައި ފޮރުވިގެން އިނދެވުނު ކަން އިހުސާސް ކުރެވުމާ އެކު ލަޔާލްގެ މުޅި ހަށިގަނޑު ހަރުކަށިވެގެން ދިޔައެވެ. އެއާއެކު ލަޔާލްގެ ބުރަކަށީގައި ފިރުމަމުން ދިޔަ ސާހިލްގެ އަތްވެސް މަޑުޖެހިލިއެވެ. އެހެން ނަމަވެސް ލަޔާލް ގައިން ސާހިލް ދޫކޮށެއް ނުލައެވެ. ސާހިލްގެ އުނގުން ފައިބަން ލަޔާލް ތެޅިގަތުމާއެކު ސާހިލްއަށް ހައްތަހާ ބާރަށް ލަޔާލްގެ ގައިގައި ހިފަހައްޓާލެވުނެވެ.
“ދޫކުރޭ..!” ލަޔާލް ބުންޏެވެ.
“ލަޔާ..” ސާހިލް ލަސްލަހުން ގޮވާލި ނަމަވެސް ދުލެއް ނުކުރިއެވެ.
“ދޫކުރޭ ސާހިލް! އަހަރެން ގައިގަ އަތް ލާކަށް އަހަރެން ސާހިލްއަކަށް ހުއްދައެއް ނުދެން” ލަޔާލް ދެންވެސް ސާހިލްއާ ދުރަށް ދާން ގަދަ ހަދަމުން ދިޔައެވެ.
“ލަޔާލް ގައިގަ އަހަންނަށް އަތް ލެވޭނެ. ތީ އަދިވެސް އަހަރެންގެ އަންހެނުން” ސާހިލް އެހެން ބުނި ނަމަވެސް ލަޔާލް ގައިން ދޫކޮށްލިއެވެ. ލަޔާލް ތެދުވި ގޮތަށް ގޮސް ދެން ހުރި ސޯފާގެ ފަހަތުގައި ހުއްޓުނު އިރު ބާރުބާރަށް ތެޅެމުން ދިޔަ ހިތާއެކު، ދުވެދުވެ ވަރުބަލިވެފައި ހުރިހެން މާނޭވާ ލެވެމުން ދިޔައެވެ.
“އަންހެނުންނޭ..؟ އަހަރެން މީ ސާހިލްގެ އަންހެނުންނަށް ވެގެން އަހަންނަށް ކޮން ފައިދާއެއް ވީ؟ އަހަރެންގެ ފިރިމީހާއަށް ވީތީ ސާހިލްއަށް އޮތް ކޮންމެ ހައްގެއްގެ ބޭނުން ކޮށްފަ އަހަރެން ސާހިލްގެ އެހީ އެންމެ ބޮޑަށް ބޭނުންވި ދުވަހު އަހަރެން ދޫކޮށްލީ. ވަރި ނުކުރިޔަސް ސާހިލް އަހަންނާ ދޭތެރޭ ކަންތައް ކުރީ އަނތްބަކާ ދޭތެރޭ ފިރިއަކަށް ކަންތައް ކުރެވޭ އެންމެ ގޯސްކޮށް. އެކަމަކު އަދިވެސް ތި ބުނަނީ އަހަންނަކީ ސާހިލްގެ އަންހެނުންނޭ؟ މި ދިޔަ އެގާރަ އަހަރު ސާހިލް އެ ކަން ހަނދާން ހުރިތަ؟ ސާހިލްގެ އަންހެނުން ދިރި ހުރިތޯ ނޫނީ މަރުވިތޯވެސް ބަލާލިންތަ؟ ސާހިލްގެ އަންހެނުން ހުރީ ކައިގެންތޯ ބަލާލިންތަ؟ ސާހިލްގެ ދަރިއަކަށް ބަލިވެ އިން ސާހިލްގެ އަންހެނުން އެ ދަރިފުޅު ވިހަން އުޅުނީ ކޮން ހާލެއްގަ ކަން ސާހިލްއަށް އެނގޭތަ؟ އެނގޭކަށް ނުވެސް ޖެހޭނެއްނު؟ ސާހިލްއާ އިނީއްސުރެ އަހަރެން އުޅުނީ އަންހެނަކަށް އުޅެވޭނެ އެންމެ ވިޔާނުދާ ގޮތަށް ވިއްޔަ!” ރުޅި އައިސްގެން ހަޅޭ ލަވަމުން ދިޔަ ލަޔާލްއަށް އަނެއްކާވެސް ރޮވެން ފެށުމުން އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ.
“ލަޔާ.. އަހަރެން.. އައިމް..” މާފަށް އެދުމަށް ސާހިލްގެ ދޫ ހަރަކާތް ކުރި ނަމަވެސް އެ ބަސް ފުރިހަމައެއް ނުކުރެވުނެވެ. ލަސް ލަހުން އައިސް ލަޔާލްގެ ކުރިމަތީ ހުއްޓި ސާހިލް ލަޔާލްގެ ދެ އަތުގައި ހިފާލި ގޮތަށް އިސްޖަހާލިއެވެ.
“ކީއްވެ ސާހިލް އަހަންނަށް ޓްރަސްޓް ނުކުރީ؟ ކީއްވެ އަހަރެން ލޯބި ވީ ވަރަށް ސާހިލް އަހަރެން ދެކެ ލޯބި ނުވީ؟ އަހަރެންގެ ހުރި އުނި ކަމެއް ވިއްޔާ ސާހިލް ބުނިނަމަ، އަހަރެން އެ ކަމެއް ބަދަލު ކުރާނަމޭ.. އަހަރެން ލޯބި ވާ ވަރު ނޭނގެނީތަ؟ އަހަރެން ދެކެވެސް މީހަކު ލޯބި ވެދާނެ ކަން އަހަންނަށް ބުނެދިން މީހަކީ ތީ.. އާއިލާ ތެރޭގަ ބާކީވެފަ ހުއްޓާ އަހަރެން އަނތްބަކަށް ހަދައިގެން ގެނެސް އަހަރެން ދެކެ އެހާ ލޯބިވެފަ ސާހިލްއަށް އެހެން ވީ ކީއްވެ؟ ބައްޕައާ ދައްތައާ އެންމެން ހެން ސާހިލްވެސް އަހަރެން ދެކެ ފޫހިވީތަ؟ ސާހިލްއަށް ކަމުނުދާ ސިފައެއް އަހަރެންގެ ހުރިއްޔާ ބުނިނަމަ.. ސާހިލްއަށް ޓަކާ އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނެ ކަން ސާހިލްއަކަށް ނޭނގޭތަ؟ އަހަރެންގެ ބަނޑުގަ އޮތީ މި ދުނިޔެއިން އަހަރެން އެންމެ ލޯބިވާ މީހާގެ ދަރިއެއް. އަހަރެން މަރުވިޔަސް އެ ދަރިފުޅަށް އަހަރެން ގޮތެއް ނުހަދާނެ ކަން ސާހިލްއަކަށް ނޭނގޭތަ؟ ސާހިލް ބުންޏަސް އަހަރެން އެ ގޮތަށް ކަންތައް ކުރާނެތަ؟” ރޮމުން ރޮމުން ލަޔާލް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދިނުމެއް ނެތި ސާހިލް އަނެއްކާވެސް ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ.
“އައިމް ސޮރީ ލަޔާ.. އައިމް ސޮރީ.. އެރޭ ވީ އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނެތް.. ހޭލެވުނު އިރު އެނދުގަ އަހަންނާ އެކީ އޭނަ އޮތް ގޮތުން.. އެކަމަކުވެސް އައި ޝުޑް ހޭވް ޓްރަސްޓެޑް ޔޫ.. ލަޔާއަށް ވުރެ ބޮޑަށް އެއްވެސް މީހަކަށް ޓްރަސްޓް ކުރުން އެއީ އަހަރެންގެ ކުށް.. އެހެން މީހަކަށް ބްލޭމް ކުރުމުގެ ބޭނުމެއް ނެތް.. ކުށްވެރިއަކީ އަހަރެން.. އަހަންނަށް ލަޔާލްއަށް ޓްރަސްޓް ކުރެވުނު ނަމަ އެއްވެސް ކަމެއް ނުވީސް.. އައިމް ސޮރީ.. މިހާ ދުވަސް ފަހުން މިހެން ބުނުމުގެ ބޭނުމެއް ނެތް ކަންވެސް އެނގޭ.. އަހަރެން އެހެން ބުނެގެން ލަޔާލް އެކަނި އެ ހުރިހާ ކަމަކާ ކުރިމަތި ލާން ނުޖެހޭ ކަމަކަށް ނުވާނެ.. ލަޔާލް އަހަރެން ދެކެ ލޯބި ވާ ވަރަށް އަހަރެންވެސް ލަޔާލް ދެކެ ލޯބި ވީ ނަމަ ލަޔާލް ކުށެއް ކުރި ނަމަވެސް އަހަރެން އެކަން ބަލައިގަތީސް، ލަޔާލްއަށް މާފު ކުރީސް.. އައި ޑޯންޓް ޑިޒަރވް ޔޫ!.. އެކަމަކުވެސް އަހަރެން ލަޔާލް ބޭނުން.. ލަޔާލް ދެކެ ވަރަށް ލޯބިވޭ.. އަހަރެން ކީއް ކުރަންވީ ލަޔާލް..؟ ޕްލީޒް ޓެލް މީ.. އަހަރަން ކީއް ކުރިއްޔާ ލަޔާލް އަހަންނަށް މާފު ކުރާނީ؟” ވާހަކަ ދައްކަމުން ދިޔަ ސާހިލް އެންމެ ފަހުން އާދޭސް ކުރިއެވެ.
“އައި ކާންޓް ފޮރގެޓް ސާހިލް! ކިޔާން ބަލިކަން އެނގިގެން.. ސަރޖަރީއަށް ވީހާވެސް އަވަހަކަށް ލަންކާއަށް ދާން ބުނީމަ.. އަހަރެން ކިހިނެއް ކުއްލިއަކަށް އެހާ ބޮޑު އަދަދެއް ހަމަކުރާނީ؟ ކިތައް ފަހަރު އަހަރެން ސާހިލްއަށް ގުޅިން؟ ބައްޕައަށް ގުޅީމަ އަހަރެން ބުނާ އެއްޗެއް އަޑު އަހާލަންވެސް ބައްޕަ މަޑެއް ނުކުރި.. ސާހިލްއަށް އުނދަގޫ ކުރަން ނޫޅެ ސާހިލްގެ ދިރިއުޅުމުން އަހަރެން ދުރަށް ދާށޭ ބައްޕަ ބުނީ.. ގެއިން ފިލައިގެން ދިޔަ ފަހުން އަހަރެން މީ ބައްޕަގެ ދަރިއެއް ނޫނޭ ބުނީ.. ދެން ކާކު ކައިރިއަށް އަހަރެން އެހީއަކަށް އެދިގެން ދާނީ؟” ދެންވެސް ލަޔާލް ރޮމުން ކިޔާދިނެވެ.
“ބަޓް.. އަހަރެން ކޮންމެ މަހަކުވެސް ލަޔާލްގެ އެކައުންޓަށް ޓްރާންސްފަރ ކުރަން..” ސާހިލް ބުންޏެވެ. ކިޔާން ބަލި ކަން އެނގި އޮޕަރޭޝަންއަކާ ހަމައަށް ދާން ޖެހުނު އިރު ލަޔާލް އެކަނިމާ އެކަނި އެކަންތައް ހަމަ ޖައްސަން އުޅޭނެ ގޮތް ހިތަށް އެރުމާއެކު ސާހިލްގެ މެއަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ.
ލަޔާލް ބުނި އެއްޗަކުން ސާހިލް ހައިރާންވިއެވެ. އޭރު ލަޔާލް ދިޔަ ނަމަވެސް ލަޔާލް އެނބުރި މާލެ އައުމާ ހަމައަށް، ހިނގަމުން އެދާ މަހާ ހަމައަށްވެސް ކޮންމެ މަހެއްގައި ސާހިލް އައީ ލަޔާލްގެ އެކައުންޓަށް ފައިސާ ޖަމާ ކުރަމުންނެވެ.
“އަހަރެން ދިޔަ ފަހުން ސާހިލް ޓްރާންސްފަރ ކުރާ ލާރި ބޭނުމެއް ނުކުރަން..” އަނެއްކާވެސް ސާހިލްއާ ދުރަށް ޖެހިލަމުން ލަޔާލް ބުންޏެވެ.
ކިޔާން ބަލިވެގެން ޑޮކްޓަރަށް ދައްކާ އޮޕަރޭޝަން ކުރި އިރުވެސް ސާހިލް ފޮނުވާ ފައިސާއެއް ލަޔާލް ބޭނުމެއް ނުކުރެއެވެ. ލަޔާލްގެ ބަނޑުގައި ވަނީ ސާހިލްގެ ދަރިއެއް ނޫން ކަމުގައި ގަބޫލު ކުރާހާ ދުވަހަކު ސާހިލްގެ ފައިސާ ބޭނުން ކުރުމަށް ލަޔާލްގެ ހިތް ނުރުހުނީއެވެ. އެހާ ދުވަސް ވަންދެން ކޮންމެ މަހަކުވެސް ލަޔާލް އަމިއްލައަށް ބޭނުން ކުރުމުގެ ބަދަލުގައި ލަޔާލްގެ މަންމައާ ސާހިލްގެ މަންމަގެ ނަމުގައި އެ ފައިސާ ޞަދަގާތް ކުރީއެވެ. އެއިން އެންމެ ރުފިޔާއެއްވެސް ލަޔާލްއާ ކިޔާންގެ ކަމަކަށް ބޭނުން ނުކުރެއެވެ.
އެ ވާހަކަ ބުނުމުން ސާހިލްއަށް އިސްޖަހާލެވުނީއެވެ. އެންމެންނާ ދުރަށް ދިޔުމަށް ލަޔާލްއަށް މަޖުބޫރު ކުރީ ސާހިލްއެވެ. އެހެން ކަމުން ސާހިލްގެ ފަރާތުން އެއްވެސް އެއްޗެއް ލަޔާލް ބޭނުން ނުވާނެ ކަން ސާހިލްއަށް އެނގެއެވެ. އެއަށް ފަހުވެސް އެހީއަކަށް ބޭނުންވި ދުވަހު ލަޔާލް ފުރަތަމަވެސް ގުޅީ ސާހިލްއަށެވެ. އެހެން ނަމަވެސް ސާހިލްއަށް އެ ކަންވެސް ކޮށްނުދެވުނީއެވެ.
“ލަޔާ ގުޅި ކަމެއް ނޭނގޭ.. އެނގުނު ނަމަ އަހަރެން..” ބުނަން ފަށާފައި ސާހިލް މެދުކަނޑާލިއެވެ. ލަޔާލްއަށް ސާހިލްއާ ގުޅުނު ނަމަވެސް ލަޔާލް ބުނި އެއްޗެއް ސާހިލް އަޑު އަހާނެ ހެއްޔެވެ؟
ދެ އަތުން ލޯ ފޮހެލަމުން ލަޔާލް ފަހަތަށް ޖެހިލިއެވެ.
“މިހާރު ދެން އެ ވާހަކަތައް ދައްކާނެ ކަމެއް ނެތް. އެއްވެސް ކަމެއް ބަދަލެއް ނުވާނެ. ކިޔާން އެދޭ ކޮންމެ ކަމެއް ފުރިހަމަ ކޮށްދޭން އަހަރެން ބޭނުން. ކިޔާން ފެނުނީމަ ސާހިލްއަށްވެސް ގަބޫލު ކުރެވޭނެ އަހަރެން އެ ދުވަހު ބުނީ ތެދެއް ކަން. އޭނަ ބޭނުން ވަނީ އާއިލާ އެންމެންނާ އެކީ ވަގުތު ހޭދަ ކުރަން. ސާހިލްއަށް އުނދަގޫ ނުވަންޏާ ކޮންމެ ދުވަހަކުވެސް ކިޔާންއަށް ވަގުތުކޮޅެއް ހުސްކޮށްލަދީ. އެ ނޫން ކަމެއް އެކަކުގެ ފަރާތުންވެސް ބޭނުމެއް ނޫން” ލަޔާލް ބުންޏެވެ.
ސާހިލް އެއްޗެއް ނުބުނެ ހަމައެކަނި ބޯ ޖަހާލިއެވެ. ލަޔާލްއާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހިތުގައި ހުރި ނަމަވެސް ސާހިލް ހިމޭންވެފައި ހުރީއެވެ. ސާހިލް ދައްކާ އެއްވެސް ވާހަކައެއް އަޑު އަހަން ލަޔާލް ބޭނުމެއް ނުވާނެއެވެ. ލަޔާލް ދެއްކި ވާހަކަ ސާހިލްވެސް އަޑު ނޭހި ފަދައިންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








އެކާވީސް ވަނަ ބައި އަޕްލޯޑް ކޮށްލެވިއްޖެ.
ވާހަކައިގެ އިންތިޒާރުގަ ތިބި ކުދިން އުފާވެއްޖެ ކަމަށް ހީކުރަން. އަވަހަށް ކިޔާލާ. ދެން އޮތް ބައި ހޯމަ ދުވަހު ގެނެސްދޭނަން. ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.
Awwww. Hama rovijeh!😔 masha allah vaaahaka Vrh Reethi.🫰🏽
thank u Queen