Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތަކުން ނުދާނޭ ފިލާ 24

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 4, 2025 5 Mins Read
21 Comments

ފެންނަމުން ދިޔަ މަންޒަރުން ކަންބޮޑުވަމުން ދިޔަ ކިޔާންއަށް ސާހިލްގެ އަތުގައި ބާރަށް ހިފާލެވުނެވެ.

“ހޭ، އިޓްސް އޯކޭ.. މަންމައަށް އެއްވެސް ކަމެއް ނުވޭ.. ޝީ އިޒް އޯލްރައިޓް..” ކިޔާން ކައިރިއަށް ތިރިވެލާ ދަރިފުޅުގެ ދެ ކޮނޑުގައި ހިފާލަމުން ސާހިލް ބުންޏެވެ. އަދި ކިޔާން ގައިގައި ބައްދާލިއެވެ.

ލަޔާލްއަށް ހަމަޖެހިލެވުނު އިރު އެ ތަނުގައި ތިބި އެންމެންނަށްވެސް ތިބީ ރޮވިފައެވެ.

“މީ ދަރިފުޅުގެ ގެ.. ދެން ގޮސްގެން ނުވާނެ” ލަޔާލްގެ މޫނުގައި ދެ އަތުން ހިފާލަމުން ނަސްމާވެސް އެދުނެވެ.

ނާފިޒްއަށް ބަލާލަމުން ލަޔާލް ބޯ ޖަހާލިއެވެ. އަނެއްކާވެސް ލޯ ފުރިގެން އައި ނާފިޒް ލަޔާލްގެ ނިތްކުރީގައި ބޮސްދިނެވެ.

އެންމެން ސިހިގެން ދިޔައީ އާޔާގެ ފޯން ރިންގްވީ އަޑަށެވެ.

“އޯކޭ އޯކޭ..” ކަންފަތުގައި ފޯން ޖައްސާލަމުން އެހެން ބުނުމާއެކު އާޔާ ފޯން ކަނޑާލިއެވެ. “ރިޝްވާން އެ އައީ” ނާފިޒްއަށް ބަލާލަމުން އާޔާ ބުންޏެވެ.

ނަސްމާއާ އެކު ލަޔާލް ކޮޓަރިއަށް ވަނީ މޫނު ރިތި ކޮށްލާށެވެ. ލަޔާލްގެ ފަހަތުން ކިޔާންވެސް ދިޔައެވެ.

“މަންމާ..” ކިޔާން ގޮވާލިއެވެ.

“ދަރިފުޅު ދެރަ ނުވައްޗޭ. މަންމަ އޯކޭ އިނގޭ. އެވްރީތިންގް އިޒް އޯކޭ” ކިޔާން ގެނެސް ކައިރި ކޮށްލަމުން ލަޔާލް ބުންޏެވެ.

ކިޔާން ބޯ ޖަހާލުމުން ނަސްމާ ކިޔާންގެ އަތުގައި ހިފައިގެން ދިޔުމުން ލަޔާލްވެސް އަވަސް ކޮށްލައިގެން ނިކުތެވެ.

އާޔާއާ ރިޝްވާން ބޭނުންވީ ދެ މަސް ފަހުން، އާޔާގެ އުފަން ދުވަހުގައި ކައިވެނި ކުރާށެވެ. ނާފިޒް އެގޮތާ ގަބޫލުވިއެވެ. އެއަށް ފަހު ދެ އާއިލާ އެކުގައި ބައްދަލު ކޮށްލުމަށް ނާފިޒްއާ ނަސްމާ އެދުނެވެ. އިރު އޮއްސެން އުޅެނިކޮށް ރިޝްވާން ގެއަށް ދިޔުމަށް ނިކުތުމުން އާޔާވެސް ރިޝްވާންއާ އެކު ބޭރަށް ނިކުތެވެ.

“ދަރިފުޅު، މިރޭ މި ގޭގަ މަޑުކޮށްލަން ވީނު؟ މާދަމާއަށް އޭރުން ފަސޭހަ ވާނެއްނު؟” ނާފިޒް ލަޔާލްއަށް ބަލާލާފައި ބުންޏެވެ.

“ތެދެއް ކިޔާން؟” ކިޔާން ބުނާ އެއްޗެއް ބަލާލުމަށް ލަޔާލް އެހިއެވެ.

ކިޔާން އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

“ދެން ކޮން އިރަކުން އެއްކޮށް މި ގެއަށް ބަދަލު ވާނީ؟” ކިޔާންގެ ބޮލުގައި ފިރުމާލަމުން ނަސްމާ އެހިއެވެ.

“މި ފެށޭ ހަފްތާ ތެރޭގަ އެއްޗެހި ހަމަ ކުރަން ފަށާނީ” ކުއްލިއަކަށް ބަދަލު ވުމުގެ ބަދަލުގައި ލަޔާލް ބޭނުން ވީ ހަފްތާއެއްހާ ދުވަސް ފަހުން އެކީ ބަދަލު ވާށެވެ.

“އެންމެ ރަނގަޅު. ދަރިފުޅަށް ފެންނަ ގޮތެއް. މިރޭ ވާނެ އެޕާޓްމެންޓް ބަލާލަން” ނާފިޒް ބުންޏެވެ.

އެރޭގެ ކެއުން އޮތީ އާސިމާގެ އެޕާޓްމެންޓްގައެވެ. ކެއުމުގެ ކުރިން ނާފިޒްއާ އާޔާއާ އެކު ލަޔާލް ގެއަށް ދިޔައީ އެރޭ މަޑު ކުރާތީ ބޭނުން ވާނެ ބައެއް އެއްޗެހި ބަލައެވެ. މަޣްރިބް ނަމާދަށް ފަހު ގޮސްފައި ލަޔާލްއާ އާޔާ ލާފައި ޢިޝާ ނަމާދުގެ ފަހުން ބަލާ އަންނާނެ ކަމަށް ބުނެފައި ނާފިޒް ދިޔައީއެވެ.

އެރޭގެ ކެއުމުގައި މާހިރާގެ އާއިލާ ބައިވެރިއެއް ނުވެއެވެ. ނަމަވެސް އަނެއް ދުވަހުގެރޭ ރިޝްވާންގެ އާއިލާއާ ބައްދަލު ކުރުމަށް މާހިރާއާ އިރުފާން އައެވެ. އެރޭގެ ކެއުމުގައި އާސިމާގެ އާއިލާވެސް ބައިވެރިވިއެވެ. ރިޝްވާންގެ އާއިލާވެސް ބައިވެރި ވާތީ އެރޭގެ ކެއުން ހަމަޖެހުނީ ރެސްޓޯރެންޓެއްގައެވެ. ކިޔާން ވަރުބަލި ވެދާނެތީ ބައިވެރި ނުވާން ހުރެފައިވެސް ލަޔާލް ދިޔައީ ކިޔާން ބޭނުން ވެގެން ބުނުމުންނެވެ. ނަމަވެސް އަށެއް ޖެހި އިރަށް ގޮސްފައި ނުވައެއް ޖަހަން ވާ އިރަށް ކިޔާން ގޮވައިގެން ލަޔާލް ގެއަށް ދިޔައީ ސާހިލްއާ އެކުގައެވެ.

ކިޔާން ނިދުމުން ލަޔާލް ނިކުތް އިރު ސާހިލް ޓީވީ ހުޅުވައިގެން އިނެވެ.

“ސާހިލްއަށް އޯކޭތަ ގެއަށް ޗޭންޖް ވިޔަސް؟” ތަބަކަކަށް ލައިގެން ގެނައި ދެ ކޮފީ މަގުން އެއް މަގު ސާހިލްއަށް ދިއްކޮށްލަމުން ލަޔާލް އަހާލިއެވެ. ނާފިޒް ގާތު ގެއަށް ބަދަލުވުމަށް އެއްބަސް ވީއްސުރެ އެ ނިންމުމާ މެދު ސާހިލް ދެކޭނެ ގޮތަކާ ދޭތެރޭ ލަޔާލްއަށް ވިސްނެމުން ދިޔައެވެ.

“ލަޔާގެ ނިންމުމަކާ އަހަންނަށް ދެކޮޅު ހެދޭނެތަ؟” ލަޔާލްއަށް ބަލާލަމުން ސާހިލް އަހާލި ނަމަވެސް ލަޔާލް އެ ސުވާލު ކުރީތީ ސާހިލްގެ ހިތަށް އުފާވެރި އިހުސާސެއް ކުރެވުނެވެ. ސާހިލް ދެކޭނެ ގޮތަކާ މެދު ނުވިސްނާ ނަމަ ލަޔާލް އެހެން ނާހާނެކަން ސާހިލްއަށް އެނގެއެވެ.

“ތީ ކިޔާންގެ ބައްޕަ، ކިޔާންގެ ކަންތައްތަކާ ގޮތް ނިންމަން ޖެހޭނީ ސާހިލް ކައިރީވެސް އަހާފަ. އެހެންވެ..” ލަޔާލް ބުންޏެވެ.

“އަހަންނަށް ރަނގަޅީ އަހަންނާ އެކީ އަހަރެންގެ ގެއަށް ލަޔާއާ ކިޔާން އައިއްޔާ.. އެކަމަކު އެހެން ނުވާނެ ކަން އެނގޭ. އެހެން ވީމަ ލަޔާލް އެކަނި އުޅުމަށް ވުރެ މި ގޮތް ރަނގަޅު” ސާހިލް ބުންޏެވެ.

ޖެހިގެން އައި ހަފްތާގެ ބުރާސްފަތި ދުވަހު ހަވީރު ލަޔާލްއާ ކިޔާން، ނާފިޒްމެން ގޭގެ ހަތަރު ވަނަ ފްލޯރގައި ހުރި އެޕާޓްމެންޓަށް ބަދަލުވިއެވެ. އެރޭގެ ކެއުން އޮތީ ނާފިޒްމެން ގޭގައެވެ. މުހައިމިންއާ ނާފިޒްއާ ނަސްމާއާ އާޔާއާ އެކު ކާން ތިބި އިރު ކިޔާން އެކިއެކި ސުވާލު ކުރަމުން ދިޔައެވެ. އާންމުކޮށް އަށެއް ޖަހާއިރަށް ނިދާ ކިޔާން އެރޭ ނިދިވެސް ނާދެއެވެ. ކާފަމެން ގެއަށް ބަދަލު ވެވުނީތީ އުފަލުން ހުރި ވަރުން ވަރުބަލިކަންވެސް ކިޔާންއަށް އިހުސާސް ނުކުރެވޭ ފަދައެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް ކިޔާންއަށް އިނދެވުނީ ނުވައެއް ޖަހަން ދެނެވެ.

ކިޔާން ގޮވައިގެން ލަޔާލް އެޕާޓްމެންޓަށް ވަންތަނާ ސާހިލް މެސެޖް ކުރިއެވެ. އެ ދުވަހު ދިމާ ނުވާތީ ކިޔާން ދެކިލަން އައީ ކަމުގައި ސާހިލް ބުނުމުން އެޕާޓްމެންޓަށް އައުމަށް ލަޔާލް ބުންޏެވެ.

ސާހިލް އައި އިރު ކިޔާން ހުރީ ނިދަން ތައްޔާރު ވެގެންނެވެ. ކިޔާން އޮށޯތުމުން ސާހިލް ކިޔާން ކައިރީ އިނެވެ. ފަސް ވަރަކަށް މިނަޓް ތެރޭ ކިޔާންއަށް ނިދުމުން ސާހިލް ނިކުތް އިރު ލަޔާލް ހުރީ ކޮފީ ގިރާށެވެ.

“ދަނީ” ކޮޓަރިން ނިކުތް ގޮތަށް ސާހިލް ދޮރާ ދިމާއަށް ދަމުން މަޑުކޮށްލާފައި ބުންޏެވެ.

“ކޮފީ ގިރަނީ މި. ނުބޮއެ ދަނީތަ؟” ލަޔާލް އަހާލިއެވެ.

ސާހިލް ޖަވާބެއް ނުދީ ހުރެފައި ލަޔާލްއާ ދިމާއަށް އެނބުރުނެވެ. ސާހިލްގެ ލޮލުގައިވި ވަރުބަލިކަމާ، މިޒާޖަށް އައިސްފައިވި ބަދަލު ލަޔާލްއަށް ފާހަގަ ކުރެވުނީ އެ ވަގުތުއެވެ.

“ބަލިވެތަ ތިއުޅެނީ؟” އަތުގައި ހުރި މަގު ބަހައްޓާފައި ލަޔާލްއަށް ސާހިލް ކައިރިއަށް ދެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

“އަހަރެން ބަލިއްޔާ ލަޔާ ކީއް ކުރާނީ؟” ސާހިލް އަހާލިއެވެ.

“ބުނެބަލަ.. ކިހިނެއްވީ؟” ސާހިލްގެ ސުވާލަށް މާ ބޮޑު ސަމާލުކަމެއް ނުދީ ލަޔާލް އަތް ހިއްލާ ސާހިލްގެ ނިތްކުރީގައި އިނގިލިތައް ޖައްސާލިއެވެ.

ސާހިލް ލޯ މަރާލަމުން ލަޔާލްގެ އަތްތިލައިގައި ހިފާ ގެނެސް އެ އިނގިލިތައް ތުންފަތުގައި ޖައްސާލިއެވެ.

“އަހަރެން ކިހިނެއް ހަދަންވީ؟ ޓެލް މީ ވަޓް ޓު ޑޫ ލަޔާ.. އަހަންނަށް މާފުކޮށް ނުދެވެންޏާ މި ހިތުން ތި ނަން ފޮހެވޭނެ ގޮތެއް ބުނެދީ” ލަޔާލްގެ އިނގިލިތަކުގައި ބޮސްދީފައި އެ އަތްތިލަ ގެނެސް މޭގައި ޖައްސާ ބާރުކޮށްލަމުން ސާހިލް ބުންޏެވެ.

“ސާހިލް..!” އަތް ދަމައިގަންނަމުން ލަޔާލް ގޮވާލިއެވެ. ނަމަވެސް އެ އަތުގައި ހިފާ ދަމާލަމުން ސާހިލް ލަޔާލް ގެނެސް މޭގައި ޖައްސާލާ ބައްދާލިއެވެ.

އިރުކޮޅަކު ލަޔާލްއަށް ހަރަކާތެއް ނުކުރެވިފައި ހުރެވުނީ ލިބުނު ސިހުމުންނެވެ. އެ ސިހުން ފިލާ ސާހިލްގެ އަތުތެރެއިން ނިކުތުމަށް ލަޔާލް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ލަޔާލްއަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް ސާހިލް އަނެއްކާވެސް އަތުތެރެއަށް ލަޔާލް ގެނެސް ލަޔާލްގެ ކަނދުރާގައި އެއް އަތުން ހިފާލުމާއެކު އެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.

ސާހިލްގެ ބީހިލުމަށް ހިތާ ނަފްސު ގެނބިގެން ދިޔައީ ލަޔާލްއަށް ނުވެސް އެނގިއެވެ. ހުރިހާ ކަމެއް ހަނދާން ނެތި ކުރެވެމުން ދިޔަ އިހުސާސްގައި ދެ މީހުންވެސް ބެހިގެން ދާން ގިނަ ވަގުތެއް ނުނަގައެވެ. ލަޔާލްއަށް ހަމަވިސްނުން ލިބުނު އިރު ދެ މީހުންނަށް ތިބެވުނީ ސޯފާގައެވެ. ސޯފާގައި އެއް އަތް ވިއްދާލައިގެން ލަޔާލްއަށް ބަރު ނުވާނެހެން އޮތް ސާހިލްގެ އަނެއް އަތް ލަޔާލްގެ ހެދުމުގެ ދަށުން އެކި ހިސާބުގައި ދަތުރު ކުރަމުން ދިޔަ އިރު ލަޔާލްގެ ކޮނޑާ ކަރު ގުޅުނު ހިސާބުން ސާހިލްގެ ތުންފަތުގެ ހޫނު އިހުސާސް ކުރެވެމުން ދިޔައެވެ.

“ސާހިލް..” ބެހެމުން ދިޔަ ހިއްސުތައް އަމިއްލަ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން ލަޔާލް ގޮވާލިއެވެ.

“ހްމްމް..” ލަޔާލްގެ އަޑު އިވުމުން ޖަވާބުގައި ސާހިލް އަޑެއް ލައްވާލިއެވެ. ނަމަވެސް ސާހިލްގެ ހަރަކާތްތައް މަޑެއް ނުވެއެވެ. ބޯ ހިއްލާލާ ލަޔާލްގެ މޫނަށް ބަލާލުމާއެކު ލަޔާލްގެ މެއާ ދިމާއަށް ސާހިލް ތިރިވެލިއެވެ.

“ސާހިލް..” ކުރިއަށް ވުރެ ބާރަށް ގޮވާލަމުން ލަޔާލް ދެ އަތުން ސާހިލްގެ މޫނުގައި ހިފެހެއްޓިއެވެ.

އަނެއްކާވެސް ލަޔާލްގެ މޫނަށް ބަލާލުމާއެކު އެ ތުންފަތުގައި ބޮސްދިނުމަށް ސާހިލް ކައިރިވެލިއެވެ. ނަމަވެސް އެ ވަގުތު ލަޔާލް މޫނު އަނބުރާލިއެވެ.

“ސްޓޮޕް ޕްލީޒް..” ރޮވިފައިވާ އަޑަކުން ލަޔާލް އެދުނެވެ.

ވަގުތުން ސާހިލްގެ ހަރަކާތްތައް މަޑު ޖެހިލިއެވެ. ފުންވެފައިވި ނޭވާ ހަމައަކަށް އަޅުވަމުން ލަޔާލްގެ މޫނަށް ބަލަން އޮތް އިރު އެ ދެ ލޮލުގައިވި މަސްތުކަން ފިލަން އިރުކޮޅެއް ނެގިއެވެ.

“ސާހިލް..!” އަނެއްކާވެސް ލަޔާލް ގޮވާލިއެވެ. އެއާއެކު ސާހިލްއަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. ސާހިލް ލަސްލަހުން ތެދުވެ ލަޔާލްއާ ދުރަށް ޖެހިލާ ސޯފާގެ އަނެއް ކޮޅުގައި އިށީނދެ މޫނުގައި ދެއަތް އަޅާލިއެވެ.

ލަޔާލް ތެދުވި ގޮތަށް ބަދިގެއަށް ވަދެ ސިންކުގެ އިސްކުރު ދޫކޮށްލާ ދެތިން ފަހަރަށް އަތުން މޫނަށް ފެން ޖަހާލިއެވެ. ސިންކާ ދިމާ މަތީގައި ހުރި ޓިޝޫ ރޯލުން ޓިޝޫތަކެއް ވަކިކޮށްލާ މޫނު ފޮހެލާފައި ދެ އަތުން ސިންކުގައި ހިފަހައްޓާލައިގެން ލަޔާލް ހުއްޓެވެ.

“އާރ ޔޫ އޯކޭ..؟” ފަހަތުން ސާހިލްގެ އަޑު އިވުމުން ސިހިފައި ލަޔާލް އެނބުރުނެވެ. އެއާއެކު ދެ ފިޔަވަޅެއްހާ ދުރުގައި ހުރި ސާހިލް ފެނިފައި ލަޔާލްއަށް ފަހަތަށް ޖެހިލެވުނު ގޮތުން މުށިތައް މައްޗަށް އެޅިފައި ހުރި ފެނަށް އެރިފައި ކައްސާލިއެވެ.

“ލަޔާ..!” ކުރިއަށް ޖެހިލާ ލަޔާލްގެ ގައިގައި ހިފަހައްޓަމުން ސާހިލްއަށް ގޮވާލެވުނެވެ.

ނަމަވެސް ދެންވެސް ލަޔާލްއަށް ސާހިލްއާ ދުރަށް ޖެހިލެވުނެވެ.

“އައިމް.. އައި ޝުޑްންޓް ހޭވް..” އިރުކޮޅެއް ކުރިން ވެދިޔަ ކަންތަކަށް ސާހިލް މާފަށް އެދެން އުޅެފައިވެސް ނުބުނެ ހުއްޓާލިއެވެ.

“އަހަންނަށް ގޮތެއް ނިންމަން ވަގުތު ބޭނުން ސާހިލް..” ލަޔާލް މަޑުމަޑުން ބުންޏެވެ.

ސާހިލް ބޯ ޖަހާލިއެވެ. އަދި އެއްޗެއް ނުބުނެ ދާން އެނބުރުނެވެ. އެހެން ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި ސާހިލް މަޑު ކޮށްލިއެވެ.

“ދެންމެ ވީ ކަންތައް.. ތީ އަދިވެސް އަހަރެންގެ އަންހެނުން..” ވެދިޔަ ކަންތަކަކީ ކުށެއް ނޫން ކަން ލަޔާލްއަށް ބުނެދޭން ހިތުން ގޮވަމުން ދިޔަ އަޑަށް އިޖާބަ ދެމުން ސާހިލް ބުންޏެވެ.

“ހަނދާން އެބަހުރި!” ލަޔާލް ބުންޏެވެ.

“ލަޔާއަށް ފަހު އެހެން މީހަކާ މެދު އަހަންނަށް އެ ނަޒަރަކުން ނުދެކެވޭ..” ދެ މީހުން ދުރުގައި އެގާރަ އަހަރު ހޭދަ ކުރި އިރުވެސް ސާހިލްގެ ޙަޔާތަށް އެހެން އަންހެނަކު ނާންނަ ކަން ލަޔާލްއަށް ބުނެދޭން ސާހިލް މަސައްކަތް ކުރިއެވެ.

ލަޔާލް އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.

“ލަޔާ..” ސާހިލް އަނެއްކާވެސް އައިސް ލަޔާލްގެ ކުރިމަތީ ހުއްޓި ގޮވާލިއެވެ. އެހެން ނަމަވެސް ލަޔާލް އިސް އުފުލާ ސާހިލްއަށް ބަލައެއް ނުލިއެވެ.

“ޕްލީޒް ސާހިލް.. އަހަންނަށް ވަގުތު ދީ..” ލަޔާލް ބުންޏެވެ.

އިރުކޮޅަކު ލަޔާލްއަށް ބަލަން ހުރެފައި ސާހިލް އަނެއްކާވެސް ދާން އުޅުނެވެ. ނަމަވެސް އެ ފަހަރު ސާހިލް ހުއްޓުނީ ކިޔާންގެ އަޑަށެވެ.

“މަން.. މާ..” ބަލި އަޑަކުން ކިޔާން އަނެއްކާވެސް ގޮވާލިއެވެ.

ލަޔާލްއަށް އަޑު އިވުނީ ކިޔާން ދެވަނަ ފަހަރަށް ގޮވާލުމުންނެވެ. އެއާއެކު ކޮޓަރިއާ ދިމާއަށް ލަޔާލް ދުއްވައިގަތީ ކިޔާން އެހެން ގޮވާލާނީ ކިހިނެއް ވެގެން ކަން އެނގިގެންނެވެ.

“ސާހިލް، ކާރުގަތަ އައީ؟” ކޮޓަރިއަށް ވަންނަމުން ފަހަތުން އައި ސާހިލް ގާތު ލަޔާލް އެހިއެވެ.

“ނޫން—” އެތެރެއަށް ވަނުމާއެކު އެނދުމަތީ ނޭވާ ނުލެވިގެން ތެޅެމުން ދިޔަ ކިޔާންއަށް ބަލާލާފައި ސާހިލް ގަނޑުވި ކަހަލައެވެ.

އެނދު ކައިރީ ހުރި ކަބަޑުން އޮކްސިޖަން މާސްކް ނަގާ މެޝިނަށް ގުޅާލަމުން ލަޔާލް ކިޔާންގެ މޫނުގައި މާސްކް ޖައްސާލިއެވެ.

“ޓެކްސީއަކަށް ގުޅާ.. ހޮސްޕިޓަލަށް ދާން..” އެއް އަތުން މާސްކް ހިފަހައްޓައިގެން އަނެއް އަތުން ކިޔާންގެ ބޮލުގައި ފިރުމަމުން ލަޔާލް ވާހަކަ ދެއްކި އިރު ބަލާލާ މީހަކަށް ލަޔާލް ކަންބޮޑުވެފައި ވާކަން ނަގައިގަންނަން ދަތިވެދާނެއެވެ.

އެހެން ނަމަވެސް ލަޔާލްގެ ހިތް ތެޅެމުން ދިޔައެވެ. އެ ލޮލަށް ޖަމާވަމުން އައި ކަރުނަތައް ހިފަހައްޓައިގެން އިން އިރު ބިރުވެރި ޚިޔާލުތައް އައިސް ހިތާ ސިކުނޑިއަށް ގަދަވެގަންނަން މަސައްކަތް ކުރި ނަމަވެސް އެ ޚިޔާލުތައް ހިތުން ނެރެލުމަށް ލަޔާލް ހިތްވަރު ކުރަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވާނުހޭ ގާތުގާ- ހަތަރުވަނަ ބައި

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 5

Next
December 4, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 5

Previews
December 4, 2025

ވާނުހޭ ގާތުގާ- ހަތަރުވަނަ ބައި

21 Comments!

  1. Mar Sha Mar Sha says:
    December 4, 2025 at 11:40 am

    ސަލާމް، މިބައި ކަމުދާނެ ކަމަށް ހީކުރަން. . އާދީއްތަ ދުވަހުން ފެށިގެން އިރާދަ ކުރެއްވިއްޔާ ހަފްތާއަކު ތިން ދުވަހު ވާހަކަ ގެނެސްދޭނަން. އެއީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު. 24 ކިޔާލާފަ ކަމުދަންޏާ ކޮމެންޓެއް ކޮށްލައްޗޭ

  2. ޒމ says:
    December 4, 2025 at 12:37 pm

    Walaikum assalam. Sis Mashallah ♥️ Love ❤️ Story♥️🥰🇵🇸

    1. Mar Sha Mar Sha says:
      December 5, 2025 at 4:20 pm

      thank u

  3. Fiza says:
    December 4, 2025 at 1:20 pm

    Vrh Salhi. hama habeyss. Sahil aai Layaal vrh loabi. Dhen avahah gulhuvaa. Kiyanah dhera gotheh nuhadhahcheyy.

    1. Mar Sha Mar Sha says:
      December 5, 2025 at 4:21 pm

      thank u, Saahil ah maaf kuran vytha dhen

  4. Khajja says:
    December 4, 2025 at 6:59 pm

    Maasha Allah v reethi mi part ves

    1. Mar Sha Mar Sha says:
      December 5, 2025 at 4:21 pm

      thank u Khajja

  5. Pooohbear says:
    December 4, 2025 at 7:13 pm

    B

    1. Mar Sha Mar Sha says:
      December 5, 2025 at 4:22 pm

      vaahaka ah B eh tha mi libuny

  6. Anonymous says:
    December 4, 2025 at 7:54 pm

    Masha Allah vrh reethi ♥️♥️♥️..

    1. Mar Sha Mar Sha says:
      December 5, 2025 at 4:22 pm

      thank u

    2. Big fan says:
      December 6, 2025 at 8:30 pm

      When is next part

    3. Mar Sha Mar Sha says:
      December 7, 2025 at 1:27 pm

      in a bit inge

  7. Aisha says:
    December 4, 2025 at 7:54 pm

    Masha Allah vrh reethi ♥️♥️♥️..

    1. Mar Sha Mar Sha says:
      December 5, 2025 at 4:22 pm

      thank u Aisha

  8. Anonymous says:
    December 5, 2025 at 12:41 pm

    L

    1. Mar Sha Mar Sha says:
      December 5, 2025 at 4:23 pm

      mi vy gothah neyngunu

  9. Aisha says:
    December 7, 2025 at 11:22 am

    Waiting for next episode

    1. Mar Sha Mar Sha says:
      December 7, 2025 at 1:28 pm

      in just a few minutes

  10. imko says:
    December 7, 2025 at 11:43 am

    When is next part
    Can’t wait for next part

    1. Mar Sha Mar Sha says:
      December 7, 2025 at 1:28 pm

      check in 5 mins inge

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 22←


All Right Reserved!