އެ މީހުންނަށް ކިޔާން ފެނުމުން އެކަކުގެ ހިތުގައިވެސް ޝައްކެއް ނުވާނެ ކަން ލަޔާލްއަށް އެނގެއެވެ. ކިޔާންއަކީ ސާހިލްއާ އިރުފާން ސިފަތައް އެކުވެފައި ވާ އެ ދެބަފައިންގެ ކޮޕީއެކެވެ. ލަޔާލްގެ ފަރާތުން ކިޔާންއަށް ވާރުތަވެފައި ވަނީ ހަމައެކަނީ އެ ބުޅި އިސްތަށިގަނޑެވެ. ކިޔާންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް ސާހިލް ކުޑަ އިރުގެ ތަސްވީރެއް ފެންނާނެއެވެ. ސާހިލްއަށް ލިބިފައި ވަނީ ސާހިލްގެ މަންމަގެ ލޯ ނަމަވެސް، ކިޔާންއަށް ލިބިފައި ވަނީ އިރުފާންގެ ލޮލެވެ. އެ މޫނުގެ އެހެން ކޮންމެ ސިފައެއް ސާހިލްއާ ތަފާތެއް ނެތެވެ.
އެއްޗެއް ނުބުނެ އިސްޖަހާލި ލަޔާލްއަށް ލޯމަރާލެވުނެވެ. އެގާރަ އަހަރު ކުރިން އެ ޖުމްލަތައް އަޑު އެހުމަށް ލަޔާލް ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ހަމައެކަނި ލަޔާލްގެ ވާހަކަ އަޑުއަހާލުމަށް އެއްބަސްވީ ނަމަވެސް އެއިން ކޮންމެ މީހެއްގެ ފައިދަށަށް ވެއްޓި އާދޭސް ކުރީހެވެ. ނަމަވެސް އެ ދުވަހު ލަޔާލްއަށް އެ ފުރުޞަތެއް ނުލިބުނެވެ. އެހެން ކަމުން މިއަދު އެއްވެސް މީހެއްގެ ބަހަކުން ލަޔާލްގެ ހިތުގައި ވީ ޒަޚަމްއަށް ފަރުވާއެއް ނުލިބޭނެއެވެ. މިއަދު ލަޔާލްގެ ހަމައެކަނި އެދުމަކީ ކިޔާންގެ އެދުން ފުރިހަމަވުމެވެ. ކިޔާންގެ މަންމައާ ބައްޕަގެ އާއިލާއާ ބައްދަލުވުމެވެ. އެ މީހުން ކިޔާން ބަލައިގަތުމެވެ.
އެ ވަގުތު ނާފިޒް ތެދުވެގެން އައިސް އެއްވެސް ބަހެއް ބުނުމެއް ނެތި ލަޔާލްގެ ދެ ކޮނޑުގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ.
އިރުކޮޅަކު ހުރެފައި ލަޔާލް ބައްޕައާ ދުރަށް ޖެހިލިއެވެ. ހިތުގައި އުތުރެމުން ދިޔަ އިހުސާސްތައް ހަމައަކަށް އެޅިލުމަށް ލަޔާލްއަށް ވަގުތުކޮޅެއް ބޭނުންވިއެވެ. މިނަޓެއް ހާއިރު ފަހުން ލަޔާލް އިސްއުފުލާލި އިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އެހެން ނަމަވެސް ލަޔާލްއަށް ބަލާލި ކޮންމެ މީހަކަށްވެސް އެއީ ހަގީގީ ހިނިތުންވުމެއް ނޫން ކަން އެނގުނެވެ.
“ކިޔާން ބޭނުން ވީ ކިޔާންގެ ފެމިލީއާ މީޓް ކުރަން..” ލަޔާލް ބުންޏެވެ. އެ ވަގުތު ލަޔާލްއަށް ބަލާލާފައި ކިޔާން ހީލިއެވެ.
ކިޔާން އެންމެ ބޭނުންވީ ސާހިލްއާ ބައްދަލު ކުރަން ކަން ލަޔާލްއަށް އެނގެއެވެ. އެންމެންނާ އެކު ސާހިލް ނައުމުން ހިތުގައި ސުވާލު އުފެދުނު ނަމަވެސް ލަޔާލް ހިމޭނުން ހުރީއެވެ.
ކާމޭޒު ކައިރިއަށް ގޮސް ލަޔާލް ތަށިތަކުގެ މަތި ނަގާފައި ފުރަތަމަ މުހައިމިންއަށް ގޮވިއެވެ. ނާފިޒްއާ އިރުފާންއަށް ގޮވަން ފަސްޖެހިފައި ހުރެ ލަޔާޅް އިޝާރާތް ކޮށްލީ ލަޔާލްއަށް އެހީވުމަށް ކައިރީގައި ހުރި އާޔާއަށެވެ.
“ބައްޕައާ ބޭބެއާ ކުޑައްތަބޭވެސް އާދޭ” އާޔާ ގޮވާލިއެވެ.
މުހައިމިންމެން ކައި ނިމުމުން މާހިރާއާ އާސިމާއާ ނަސްމާ ކާން އެރީ ކުޑަ ކުދިން ގޮވައިގެންނެވެ. ލަޔާލްއާ އާޔާއާ ރަމްޝާ އެރީ އެންމެ ފަހުންނެވެ. އެގާރަ އަހަރު ފަހުން އާއިލާއާ އެކު ހޭދަ ކުރެވެމުން ދިޔަ ވަގުތުކޮޅަކީ ހިތަށް ހަމަޖެހުން ގެނެސްދޭން ޖެހޭ ފަދަ ވަގުތެއް ނަމަވެސް ލަޔާލްގެ ހިތުގައި ވީ ނުތަނަވަސްކަމެވެ. ހަނދާނަށް އަންނަމުން ދިޔައީ އެ ދުވަހު ލަޔާލްގެ ވާހަކަ އަޑުއެހުމަށް އެދި ކުރި އާދޭހެވެ. ސާހިލްއާ ނާފިޒް އިސްވެ ތިބެ ލަޔާލްއަށް ކުރި މަޖުބޫރެވެ.
ރަމްޝާއާ އާޔާ ވާހަކައިގެ ތެރޭގައި ކަމުން ދިޔަ އިރު ލަޔާލްއަށް އިނދެވުނީ ކެއުމާ ގަޔާނުވެ ބަތްތަށި ހާވާށެވެ. އެ މީހުންގެ ވާހަކައަށް އާނހޫނ ލައްވާލި ނަމަވެސް އެ ވާހަކައަށް ލަޔާލްގެ ސަމާލުކަމެއް ނުދެވުނެވެ. އިރުއިރުކޮޅާ ލަޔާލްގެ ނަޒަރު ދަތުރު ކުރަނީ މެދުގައި ކިޔާން ބައިންދައިގެން ތިބި ނާފިޒްއާ އިރުފާންއަށެވެ.
“އާޔާ، ކިޔާން ވަރަށް ޓަޔަޑް ވެފަ އޭނީ. މި ގަޑީގަ ކިޔާން ކުޑަ ނެޕްއެއް ނަގަން ބޭނުން ވާނެ” އާޔާ ކައިނިމެން ދެން މަޑުކޮށްގެން އިން ލަޔާލް އާޔާއަށް ގޮވާލާފައި ބުންޏެވެ.
ލަޔާލް އިތުރަށް ބުނެދިނުމަކާ ނުލާ، ނާފިޒް އަދި އިރުފާންއާ އިސްވެ ވާހަކަ ދައްކަން ލަޔާލް ފަސްޖެހުނު ކަން އާޔާއަށް ވިސްނުނެވެ. އަވަސް ކޮށްލާފައި އަތް ދޮވެގެން ގޮސް އެ މީހުން ކައިރީގައި މަޑުކޮށްލާފައި ކޮންމެވެސް އެއްޗެއް ނުބެފައި ކިޔާންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
ތަށިތައް ނެގުމުގައި ރަމްޝާ ލަޔާލްއަށް އެހީވިއެވެ. އެ ކަން ނިންމާފައި ދެ އަންހެން ކުދިން މޭޒު ކައިރިން ދެ ގޮނޑި ހިފައިގެން އައިސް އެންމެން ކައިރީ އިށީނެވެ.
“ލަޔާ، ކިޔާން ގޮވައިގެން އެކަނި ނޫޅެ ބައްޕަ ބުނިހެން ގެއަށް ބަދަލު ވާން ބޮޑުއްތައަށްވެސް ފެންނަނީ” އިރުކޮޅަކު އެކު ވާހަކަ ދައްކަން ތިބެފައި މާހިރާ ބުންޏެވެ.
“ތެދެއް ދަރިފުޅާ. ދެން ކާފަ ކައިރިއަށް އާދޭ” މުހައިމިންވެސް މާހިރާގެ ވާހަކައަށް ބާރު ދިނެވެ.
“ވިސްނާނަން” ދެކޮޅު ހެދުމެއް ނެތި ލަޔާލް ބުންޏެވެ.
ލަޔާލް އިތުރަށް އެއްޗެއް ނުބުނުމުން ތަނަށް ހިމޭން ކަން ވެރިވިއެވެ. އެކަކުވެސް އެއްޗެއް ނުބުނެ ތިބީއެވެ.
“ދޮންތާ، ކިޔާންއަށް ނިދިއްޖެ” އެ ވަގުތު ކޮޓަރިން ނިކުތް އާޔާ ބުންޏެވެ.
“ނާފިޒް، ދެން ދަމާ؟” މުހައިމިން ތެދުވަމުން ނާފިޒްއަށް ގޮވާލިއެވެ.
އެންމެން އެކުގައި ހެން ތެދުވިއެވެ. އާސިމާއާ މާހިރާ އައިސް ލަޔާލް ގައިގައި ބައްދާލިއެވެ.
“ކުޑައްތަ ވަރަށް އުފާ ވެއްޖެ ލަޔާލް އެނބުރި އައީތީ. ދެން ނުދައްޗޭ” އާސިމާ ބުންޏެވެ. ލަޔާލް ޖަވާބެއް ދިނުމުގެ ބަދަލުގައި ހީލުމަކުން ފުއްދާލިއެވެ.
މާހިރާ އެއްޗެއް ނުބުނެ ލަޔާލްގެ ނިތްކުރީގައި ބޮސްދީފައި ނިކުތެވެ.
އެންމެން ނިކުތް އިރު ނާފިޒްއާ ނަސްމާ މަޑުކޮށްލައިގެން ތިއްބެވެ.
“ލަޔާލް، އެޕާޓްމެންޓް ހުންނާނީ ހުސްކޮށް. ބަދަލު ވާން ވީމަ ބުނޭ. އޭރުން ބައްޕަ ހުރިހާ އެއްޗެއް ހަމަ ކޮށްދޭނަން” ނާފިޒް އައިސް ލަޔާލްގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ.
ލަޔާލް އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.
“ދަނީ، އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަދި އަންނާނަން” ލަޔާލްގެ އަތުގައި ހިފާލަމުން ނަސްމާ ބުންޏެވެ.
ދެންވެސް ލަޔާލް ހަމައެކަނި ބޯ ޖަހާލީއެވެ.
އެންމެން ދިޔުމުން ލަޔާލް ސޯފާގައި އިށީނދެ މޫނުގައި ދެ އަތް ޖައްސާލިއެވެ. ކިޔާންއަށް ޓަކާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި ނަމަވެސް ބައްޕައާ ކުރިމަތިލުން ވީ ލަޔާލް ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. އެހާ ދުވަސް ފަހުން، އޭރުގެ ހަނދާނުން ހިތަށް އެހާ ތަދުވެދާނެ ކަމަށް ލަޔާލް ހިއެއް ނުކުރެއެވެ. ނަމަވެސް ނާފިޒްއާ މާހިރާއާ އިރުފާން ފެނުމުން ކޮންމެ ފަހަރަކުވެސް އެ ދުވަހުގެ ހަނދާނުން ހިތް ރޮއްވާލައެވެ.
އެންމެން މިއަދު ލަޔާލްގެ ވާހަކަ ގަބޫލު ކުރުމުން ހިތަށް ލުއިވި ނަމަވެސް އަދިވެސް އެ ހަނދާނުން ލަޔާލްގެ ލޯ ތެންމާލައެވެ. އެ ކަންތައް ހިތުން ފިލުވާލަން ބޭނުންވި ނަމަވެސް ދުވަހަކުވެސް ކާމިޔާބު ވެދާނެ ކަމާމެދު ލަޔާލްއަށް ޔަގީން ކަމެއް ނެތެވެ.
ޢަޞްރު ނަމާދަށް ގޮވި ފަހުންވެސް އިރުކޮޅަކު އެފަދަ ފިކުރުތަކެއްގައި ލަޔާލްއަށް އިނދެވުނެވެ. ކިޔާން ހޭލުމުގެ ކުރިން ނަމާދު ކޮށްލަން ބޭނުން ވާތީ ލަޔާލް ކޮޓަރިއަށް ވަނެވެ. އެއަށް ފަހު ނިކުމެ ކިޔާންގެ މިލްކްޝޭކް ހަދަން ހުއްޓާ ބެލް ޖަހާލި އަޑު އިވުމުން އަތް ދޮވެގެން ގޮސް ކާކުތޯވެސް ނުބަލާ ލަޔާލް ދޮރު ހުޅުވާލީ އެއީ ލީޝާ ކަމުގައި ޔަގީން ކޮށްފައެވެ. ނަމަވެސް ދޮރު ހުޅުވާލުމާއެކު ހިތުގެ ތެޅުން ބާރު ވެގެން ދިޔަ ލަޔާލްއަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
އާދީއްތަ ދުވަހު އޮފީހުން ފެނުނު ފަހުން ލަޔާލްއަށް ސާހިލް އެ ފެނުނީއެވެ. ސާހިލް ނާންނާތީ މާހިރާ ގާތު އަހާލަން ހިރަށް އެރި ނަމަވެސް ލަޔާލް އެ ޚިޔާލު ދޫކޮށްލީއެވެ.
އެ ދުވަހު ގެއިން ނިކުތް ގޮތަށް ސާހިލް ދިޔައީ އެގާރަ އަހަރު ކުރިން ލަޔާލްއާ އެކު ކައިވެނީގެ އަހަރީ ދުވަސް ފާހަގަ ކުރަން ދިޔަ ރިޒޯޓަށެވެ. ތިން ދުވަސް ވަންދެން ހުރެފައި ހުކުރު ދުވަހު މެންދުރު ގެއަށް އައީ، ހުކުރު ދުވަހުގެ މެންދުރު ކެއުމަށް އެންމެންނަށް ލަޔާލްއާ ކިޔާން ދަޢުވަތު ދީފައި އޮތް ވާހަކަ މާހިރާ އޭގެ ކުރީރޭ ގުޅާފައި ބުނުމުންނެވެ.
މާހިރާއާ އިރުފާން ދަމުން ސާހިލް ގާތު އެ މީހުންނާ އެކު އައުމަށް ބުނުމުން ސާހިލް ދެކޮޅު ހެދީއެވެ. ކިޔާންއާ ބައްދަލު ކުރަން ކެތްތެރިކަން ކުޑަވެފައި ވީ ނަމަވެސް މުޅި އާއިލާއާ އެކު ދާން ސާހިލް ބޭނުން ނުވީއެވެ. ޢަޞްރު ވާން އުޅެނިކޮށް މާހިރާ ގެއަށް އައި ކަން އެނގުމުން ސާހިލް މިސްކިތަށް ގޮސްފައި ނަމާދުން ފޭބި ގޮތަށް ދިޔައީ ލަޔާލްމެން ގެއަށެވެ.
“ވަންނާކަށް ނުބުނާނަންތަ؟” ސާހިލްއަށް ބަލަހައްޓައިގެން އެއްޗެއް ނުބުނެ ލަޔާލް ހުރުމުން ސާހިލް އަހާލިއެވެ.
“ވަދޭ..” ފަހަތަށް ޖެހިލަމުން ލަޔާލް ބުންޏެވެ.
ސާހިލް ވަދެ ސޯފާގައި އިށީނެވެ.
“ކިޔާންއަށް ނިދިފަ އޮތީ. އިރުކޮޅަކުން ހޭލާނެ. ކާން ހަދަނީ މި، ކުޑަ އިރުކޮޅަކު މަޑުކޮށްލާ” ބަދިގެއާ ދިމާއަށް ދަމުން ލަޔާލް ބުންޏެވެ.
“އިޓްސް އޯކޭ، ކާން ނުހެދިޔަސް ރަނގަޅު ވާނެ. މަޑު ކޮށްލާނީ” ސާހިލް ބުންޏެވެ.
ލަޔާލް ހުއްޓިފައި ބޯ ޖަހާލި ނަމަވެސް ބަދިގެއަށް ވަނެވެ. އިރުކޮޅަކުން އައިސް ކޮފީޓޭބަލް މަތީ ކޮފީ މަގެއް ބެހެއްޓިއެވެ.
އެއްޗެއް ނުބުނެ ސާހިލް ކޮފީތަށި ނަގާ ރަހަ ބަލާލިއެވެ. އެއަށް ފަހު ދެ އަތުން މަގުގައި ހިފައިގެން އިނީއެވެ.
“ކޮޅަށްތަ ހުންނާނީ؟” ކާމޭޒު ކައިރީ ކޮޅަށް ހުރި ލަޔާލްއަށް ބަލާލަމުން ސާހިލް އަހާލިއެވެ.
ލަޔާލް އެއްޗެއް ނުބުނެ ގޮނޑިއެއް ދަމާލާފައި އިށީނެވެ. އެ ގޮތުގައި ވިއްސަކަށް މިނަޓް ވީ ފަހުން ކިޔާން ކޮޓަރީގެ ދޮރު ހުޅުވާލާފައި ލަޔާލްއަށް ގޮވަމުން ނިކުތެވެ. ވަކި ހިސާބަކަށް އައިސްފައި ސާހިލް ފެނުމުން ކިޔާން ކުއްލިއަކަށް ހުއްޓުނެވެ. ސާހިލްއާ ދިމާއަށް ބަލަން ހުރެފައި ލަޔާލްއަށް ބަލާލި ކިޔާންގެ ހިތުގައިވީ ސުވާލު ދެނެގަތް ލަޔާލް ބޯ ޖަހާލިއެވެ.
“ދަރިފުޅު، އެނގޭ ދޯ ކާކު ކަން؟” ލަޔާލް އަހާލިއެވެ.
ކިޔާން ބޯ ޖަހާލިއެވެ.
ކިޔާން ފެނުނު ވަގުތުން ފެށިގެން އެ މޫނަށް ބަލަހައްޓައިގެން އިން ސާހިލްއަށް ލޯ މަރާލެވުނު އިރު، ސާހިލްގެ ހިތް ހީވީ މޭ ފަޅާފައި ނިކުމެދާނެ ހެންނެވެ. އަތުގައި ހުރި މަގު ކޮފީޓޭބަލް މަތީ ބަހައްޓާފައި ދަރިފުޅާ ދިމާއަށް ބަލާލި ސާހިލްގެ ލޮލުން ފޭބި ކަރުނަ ތިކި ތުނބުޅީގެ ތެރެއަށް ހިނދިގެން ދިޔައެވެ.
“މީ ސާހިލްގެ ދަރިފުޅު.. ކިޔާން” ލަޔާލް ކައިރިއަށް އައިސް މަޑުކޮށްލި ކިޔާންގެ ދެ ކޮނޑުގައި ހިފާ ސާހިލްއާ ކުރިމަތި ވާނެހެން އަނބުރާލަމުން ލަޔާލް ބުންޏެވެ.
“ކިޔާން..” ހިތުތެރޭ ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ އިހުސާސްތަކުގެ ސަބަބުން ބަރުވެފައިވާ އަޑަކުން ސާހިލް ގޮވާލިއެވެ. އެއާއެކު އެއް އަތުން ދެ ލޯ ފޮރުވާލިއެވެ.
ކިޔާން އެނބުރި ލަޔާލްގެ މޫނަށް ބަލާލިއެވެ. ބޯ ޖަހާލަމުން ކިޔާންގެ ކޮނޑުގައި ހިފާ މަޑުމަޑުން ސާހިލްއާ ދިމާއަށް ކޮއްޕާލަމުން ލަޔާލް ތުންފަތުގެ ހަރަކާތުން “ގޯ” އޭ ބުނުމުން ފަސްޖެހިފައި ހުރެވެސް ކިޔާން ގޮސް ސާހިލްގެ ކުރިމަތީ ހުއްޓުނެވެ.
ހިމޭން ކަމާއެކު ރޮމުން ދިޔަ ސާހިލް ސިހުނީ ކިޔާން އައިސް ސާހިލްގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ.
“ދަރިފުޅު..” ސާހިލް ހަމަޖެހިލަން މަސައްކަތް ކުރަމުން ދެ އަތުން މޫނު ފޮހެލާފައި ދަރިފުޅަށް ގޮވާލިއެވެ.
ސާހިލްއާ ދިމާއަށް ބަލަން ހުރި ކިޔާން ބޯ ޖަހާލިއެވެ.
“އައިމް ސޯ ސޮރީ..” ކިޔާންގެ ކޮނޑުގައި ހިފާލަމުން ސާހިލް ބުންޏެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ހުރި ކިޔާން އެނބުރި ލަޔާލްއަށް ބަލާލިއެވެ. ލަޔާލް ބޯ ޖަހާލީއެވެ.
“އިޓްސް އޯކޭ” ކިޔާން ބުންޏެވެ.
ސާހިލް ލޯ މަރާލަމުން ދަރިފުޅު ގެނެސް މޭގައި ޖައްސާލިއެވެ. އެ ގޮތުގައި މިނަޓެއްހާ އިރު އެނދެފައި ކިޔާން ގައިން ދޫކޮށްލާފައި ސާހިލް ތެދުވިއެވެ. އަދި އެއްޗެއް ނުބުނެ ނިކުންނަން ދިޔައެވެ.
“ސާހިލް..” ސާހިލް ދޮރާ ހަމަވީ ތަނާ ލަޔާލް ގޮވާލިއެވެ.
“އިހަށް ގޮސްލަނީ.. އަދި އަންނާނަން” އެނބުރި ބަލާލުމެއް ނެތި ސާހިލް ބުންޏެވެ.
“އައި ހޭވް ޓު ޓޯކް ޓު ޔޫ.. ސާހިލްއަށް އެނގެން ޖެހޭ ކަންތައް އަދި އެބަހުރި” ލަޔާލް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.








ސަލާމް، މިއަދުވެސް ކިޔުންތެރިންނަށް ސަޕްރައިޒްއެއް ދެވުނު ކަމުގަ ހީކުރަން. މިހާ ވަރަށް ލިޔެވުނީމަ ހިތަށް އެރީ ތަންކޮޅެއް ކުރުކޮށް ވިޔަސް މިއަދު އަޕްލޯޑް ކޮށްލާނީއޭ. ކަމުދާނެ ކަމަށް ހީކުރަން. ދެން އޮތް ބައި އިރާދަ ކުރެއްވިއްޔާ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އަޕްލޯޑް ކޮށްލެވޭތޯ ބަލާނަން. ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ.
Wow vrh reethi ♥️.. mihaaru kobaa tha afuza?
Afza adhi annaane hen hyvany, thank you Aisha
Vrh reethi. Shahil dhenves thihen noolhe layaal ah alhaalabala. Ekanimaa ekani kihaa dhuvahaku ekehkuranee
Saahil adhi annaane, Layaa kairy varah aadheys kuran vaanenu dho. thank you Fiza
alhey site ah vadheli ehves umeedheh nethi. but varah ufaavejje. thikahala suprise tha gina ginain dhehchey
hehe, vaguthu vy varakun surprise dheveytho balaanan Kokila
Maasha Allah
Mar sha ge vaahakathah haadha reeecchey
mi vaahaka ves v v v v reethi
Kiyan maraa nulache family enmennaa baddhaluoffa
thank u so Thoiga, vaa gothah balama dho
omgg Marsha!!
aslah ves hama rovvaalaifi! saahil ah ehaa faseyhain forgive nukurahchey layaa.. alhe i want saahil to confront afza so bad.. haadha goas anhenekey.. and plsplspls don’t let kiyaan die☹️ nayaa handhaan vey konmes part ehga kiyunu handhaan kiyaan ge umuruga dhuvaheh nethey.. i wanna see all of them as a happy family the way little kiyaan always dreamed of🥹
anyways varah varah reethi ingey allahumma barik.. can’t wait for the best part!💕
hey thanks Nayaa, lets see dho, ya saahil jeheyne varah aadheys kuran and afza anekka genauma dheytherey eba visnan, kiyaan deserves a happy family dho. next part miadhu upload kollaanan