“އޭ އޭ މަޑުކޮށްބަލަ. ރާހިލްއަށް އެނގޭތަ އެއްވެސް ވަރަކަށް މިކޮޅުގެ ހާލަތު އޮތް ގޮތް. އޮފީހުގެ ދޮރުން ނުކުމެގެން ޕާކިންގް ސްޕޮޓާ ހަމައަށް ދާންވާއިރަށް އަހަރެން ތެމޭނެ. މިރޭ އޮފީހުގަ މަޑުކުރާގޮތަށް އަހަރެން މިހިރީ.. ދެން ތީ ކޮންހާ ސަކަރާތެއް؟” ރިއާން ހިތްހަމަނުޖެހުވެ.
“ރިއާން އަހަރެން އެހެން ކާކު ކައިރީގަތަ ބުނާނީ؟ އަހަރެން އަދި ރާއްޖެ މި އައީ ދާދި މިދާކަށް ދުވަހު. އައިގޮތަށް މިއާދެވުނީ މި ރަށަށްކަށްްނު. މިތަނުގަވެސް މާލެއަށްވުރެ އަހަރެންގެ ރައްޓެހިން ގިނަވާނެ” ރާހިލްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
“އަދިވެސް ވެގެން އުޅޭ ގޮތެއް ނުބުނެވެއެއްނު؟ ތިހެން ބޮޑާހޭކިޔަކަސް އަހަރެންނަކަށް ނޭނގޭނެ” ރިއާން ބުންޏެވެ.
“ރިއާންއަށް އެނގެއެއްނު ކުޑަ އިރުއްސުރެން ޒީވާގެ ހުންނަ ބިރެއްކަން ބާރު އަޑަކީ. ޒީ އެބަހުރި ގުގުރާތީއޭ ކިޔާފަ ހުޅުމާލޭގަ ގަބުވެފަ. ރިއާން ދިޔަޔަސް ޑްރައިވަރު ފޮނުވިޔަސް އަހަރެންގެ މައްސަލައެއް ނެތް އެކަމަކު އަހަރެން ބޭނުން ކުރިއަށް އޮތް ވިއްސަކަށް މިނަޓްތެރޭ ޒީވާގާތަށް ކޮންމެވެސް މީހަކު ފޮނުވަން. އުމުރު ދުވަހުވެސް އަހަރެން މިކަން ހަނދާނުގަ ބަހައްޓާނަން.” ރިއާން ވަކި އެއްޗެއް ބުނުމުގެ ކުރިން ރާހިލް ފޯނު ކަނޑައިލިއެވެ. ބަހަނާއެއް ދެއްކުމުގެ ފުރުސަތެއް ނުދީފިނަމަ ރިއާން އެކަމެއް ކުރާނެކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ ރާހިލްއެވެ. އޭނާ އެގޮތަށް އަމަލުކުރި ސަބަބަކީ އެއީއެވެ.
ރިއާންއަށް ޒީވާގެ ލޮކޭޝަން ފޮނުވާލުމަށްފަހު ރާހިލް ޒީވާއަށް ގުޅޭތޯ އުޅުނެވެ. އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް އޭނާ ދިޔައީ ހުއްޓުމެއްނެތި ޒީވާއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ.
ރާހިލްގެ ކޯލު ކެނޑުމާއެކު ރިއާން އޭނާ ކުރަންއިން މަސައްކަތުގެ ތެރެއަށް ރުޖޫއަވިއެވެ. ނަމަވެސް ރާހިލްގެ ވާހަކަތައް އޭނާގެ ސިކުނޑިން ރިކޯރޑު ކުރެވިފައިވާ އަޑުތަކެެއް ފަދައިން އިވެމުން ދިޔައެވެ. އޭނާގެ ހިޔާލުގައި މީގެ އެތަށް އަހަރެއް ކުރީގެ ހަނދާންތައް ކޮށްޓަމުން ދިޔަ ކަހަލައެވެ. އައު އަހަރަށް މާލޭގައި ހަވާ އަރުވާ ރޭރޭ ޒީވާ އެމީހުނާއެކު ޝޯބަލަން ނުދާ ހަނދާނެވެ. ވިއްސާރަވެ ގުގުރާނަމަ ރާހިލްއަށް ޒީވާގާތު ގޭގައި މަޑުކުރަން ޖެހޭ ހަނދާނެވެ. ވިއްސާރައިގައި ގުގުރި ރެއަކު ޒީވާ އެކަނި ކޮޓަރީގައި ހުއްޓާ ހަބަރު ހުސްވެގެން އެވާހަކަ ރާހިލް އޭނާ ގާތު ކިޔައިދިން ދުވަހުގެ ހަނދާނެވެ.
އިތުރަށް ގޮނޑީގައި އިންނަން އުނދަގޫ ކަމަކަށްވުމުން ރިއާން ތެދުވެ ދެފަރާތަށް ހިނގަންފެށިއެވެ. ނަމަވެސް އެއްބިތުގައި އެއްކޮށް ޖަހައިފައިވާ ބިއްލޫރި ގަނޑުން އެތެރެއަށް އެޅިގެންދިޔަ ވިދުވަރުގެ އަލިން ކެބިން ދިއްލައިލުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އެއާ ވިދިގެން ކެބިންގެ ތެރެއަށް ފޭދިގެންއައި ފަނޑު ގުގުރީގެ އަޑު އޭނާގެ ކަންފަތަށް އިވުމާއެކު އެ ފިޔަވަޅުތައް އެކީ ހުއްޓުނެވެ. ކެބިންގައި ޖަހާފައިވާ ސައުންޑް ރެސިސްޓެންޓް ބިއްލޫރި ފޫ އަޅުވައިލާ އެއަޑު އޭނާއާހިސާބަށް ފޯރާނަމަ އެ އަޑު މަގުމަތީގައިހުރި ޒީވާއަށް އިވޭނީ ކިހާ ބާރަށްކަން އޭނާއަށް އެނގުނެވެ. އިތުރަށް އެންމެ ސުކުންތެއްވެސް އެތަނުގައި މަޑުކުރާކަށް ރިއާން ގަސްދެއް ނުކުރި އެވެ. ލަސްކުރުމެއްނެތި ކާރުގެ ތަޅުދަނޑި ހިފައިގެން ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ.
************
ސްޕީޑް މީޓަރުން ދައްކަމުންދިޔަ މަތީ ސްޕީޑަށް ބެލުމެއްނެތި ބްރިޖްމަތިން ކާރު ދުއްވާފައި ދިޔައިރު ދެ ފަހަރެއްގެ މަތިން ފެނުނު ޓްރެފިކް ބައްތިތަކުން އަޅަމުންދިޔަ ރަތް ސިގްނަލަކީ ރިއާންއަށް މާ މުހިއްމު އެއްޗަކަށް ނުވިއެވެ. ވަގުތާއި މޫސުމުގެ ގޮތުން ބްރިޖްމަތީގައި ދުއްވާ އެއްޗެއް ނެތް ނަމަވެސް، މިފަދަ ރެއެއްގައި އޭނާ ދުއްވަމުން އެދާ ސްޕީޑުގައި ދަނިކޮށް ސިކުނޑިން އިންޒާރު ދެމުންދާފަދަ ހާދިސާއެއް ހިނގައިފިނަމަ އޭނަގެ ފުރާނަ ސަލާމަތްވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ހުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ހިތުގެ ތެރޭގައި ވަންހަނާވެފައިވާ ނޭނގޭ އަޑަކުން ޒީވާގެ ގާތަށް ވީހާވެސް އަވަހަށް ދިޔުމަށް އޭނާ ގާތު ބުނަމުން ދިޔަ ކަހަލައެވެ. ނޫނެކެވެ. އެއީ އޭނާގެ ހިތް ކަމަކަށް އޭނާ ގަބޫލެއް ނުކުރާނަމެވެ. އެކަމަކު އެނގޭހާވެސް އެއްޗަކީ އޭނާގެ މުޅި ހަށިގަނޑަށް އެ އަޑު އިހްސާސްވަމުން ދިޔަކަމެވެ. އަދި އެ އަޑަށް ބީރު ކަންފަތެއްދޭން އޭނާ ނުކުޅެދިފައި ވާކަމެވެ.
ފޯނުން ފެންނަންހުރި ލޮކޭޝަނާ ގާތަށް އާދެވުމާއެކު ރިއާން ކާރުގެ ދުވެލި މަޑުކޮށްލިއެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މުޅި ސަރަހައްދު ވަނީ ފުސްވެފައެވެ. ކާރުގެ ވިންޑްޝީލްޑްގެ ވައިޕަރަށް ނުކަތައިގެން އުޅޭ ވާރޭގެ ތިކިތަކުން އެ ފުސްކަން ހިނދެއް ހިނދަކަށް އިތުރު ކުރުވައެވެ. ނަމަވެސް ތަންކޮޅެއްދުރު ހިސާބެއްގެ އަސްކަންޏެއްގެ ދަށުގައި މީހަކު މަޑުކޮށްލައިގެން ހުރި ކަމުގެ ނިޝާނެއްވުމާއެކު ރިއާން ކާރުގެ އަލި އަޅުވައިލަމުން އެދިމާ ބަލައިލިއެވެ. މޫނު ސާފުކޮށް ފެންނަ ވަރު ނުވި ކަމުގައިވިޔަސް ހުދު ކުލައިގެ ނަރުސް ޔުނީފޯމް ފެނުމާއެކު ރިއާނަށް އެއީ ޒީވާކަން އެނގުނެވެ.
**********
ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ނާއުއްމީދުވެ ޒީވާގެ ހިތްވަރު އެލެމުންދިޔައެވެ. އޭރު އޭނާގެ ހަށިގަނޑުވެސް ދިޔައީ ފިނިން ތުރުތުރުލަމުންނެވެ. ހަނި އަސްކަންޏަށް އެރޭގެ ބޯވާރެއިން އޭނާ ސަލާމަތް ނުކުރެވުމުގެ ސަބަބުން މުޅިމީހާ އެއްކޮށް ތެމި ފޯވެ ލައިގެންހުރި ޔުނީފޯމް ވަނީ ގައިގައި ތަތްލާފައެވެ. އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް މޫނުގައި ޖެހެމުންދާ ވާރޭގެ ތިކިތަކާ އެކުވެ ދުނިޔެއަށް ވަންހަނާވެފައިވާއިރު އެ ކަރުނައިގެ ފުސްކަމުގެ ތެރެއިންވެސް މަގުގެ އަނެއްފަރާތުގައި މަޑުކޮށްލި ކަޅު ކާރު ޒީވާގެ ލޮލުގައި އަޅައިގަތެވެ. އަދި ކާރުން ފައިބައިގެން ވާރޭގެ ތެރޭގައި އޭނާއާ ދިމާލަށް ހިނގައިފައި އަންނަ ކަޅު ހިޔަންޏެއް ފާހަގަ ކުރެވުނެވެ. ޒީވާއަށް އެ މަންޒަރު ފެންނަމުން ދިޔައީ ބިރުވެރި ފިލްމެއްގެ މަންޒަރެއްހެނެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ސިކުނޑި އޭނާއާ ސަމާސާ ކުރަނީއޭ ޒީވާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެ ހިޔަނި ގާތްވަމުން އައި ވަރަކަށް ޒީވާ އިތުރަށް ފާރާ ކައިރިއަށް ޖެހެމުންދިޔައެވެ. އެރޭގެ އަނދިރިކަމާއި އެކަނިވެރިކަމުގެ ތެރެއިިން ފިރިހެނެއްގެ ހިޔަންޏެއް ފެނުން ވެގެންދިޔައީ ދުވަސްކޮޅެއްކުރިން ހޮސްޕިޓަލުގައި ހިނގައިދިޔަ ހާދިސާގެ ހަނދާންވެ ޒީވާގެ ސިކުނޑި ކިލަނބުކުރުވި ކަމަކަށެވެ. ޖަހަމުންދިޔަ ހޮނުގުގުރިއަށް ގަންނަ ބިރަށްވުރެ ބޮޑު ބިރެއް އޭނާގެ ހިތުގައި އުފަންވިއެވެ. އިސާހިތަކު ދެތުންފަތް ފޫއަޅުވައިލައި ނުކުތް ގިސްލުމުގެ އަޑާއެކު އޭނާގެ ރުއިން ކޮންޓްރޯލުކުރަން އުނދަގޫވިއެވެ. ބޮލަށް ބަރުވެ ވެއްޓެން ދާކަމުގެ އިހްސާސެއް ކުރެވުމާއެކު ކޮނޑުގައި އަޅުވާލެވިފައިވާ އަތްދަބަސް މެއާ ކައިރި ކޮށްލަމުން އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. އޭރު އޭނާއަށް ކުރިން ފެނުނު ހިޔަނީގެ ސިފަ ކުލަވާން ފަށައިފިއެވެ. ކަޅުކުލައިގެ ބިޒްނަސް ސޫޓެއްގައިހުރެ ޒީވާގެ ކައިރިއަށް ތިރިވެލި ޒުވާނާއަކީ ކާކުކަން އޭނާއަށް އެނގުނެވެ.
“ރިއާން” ޒީވާގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ.
“ޝްޝްޝް ޒީވް… އައިމް ހިޔަރ ނައު… ސްޓޭ ވިތް މީ”
ޒީވާގެ ދެލޯ މެރެމުން ދިޔަ ވަގުތު ރިއާން އޯގާތެރިކަމާއެކު ޒީވާގެ ކޮނޑުގައި ހިފަހައްޓާލައި އެ މެއާ ކައިރިކޮށްލިކަމުގެ އިހުސާސެއް ޒީވާއަށް ކުރެވުނެވެ. އެ ހަށިގަނޑުގެ ހޫނުން އޭނާގެ ހަށީގައި ހިފައިފައިވާ ފިނިކަން ފިލައިގޮސް އަރާމު ނިންޖަކަށް ފީނައިގަންނަ ފަދައިން ލޯ މަރައިލެވުނެވެ.
ޒީވާގެ މޫނު މޭގައި ލައްކޮށްލައިގެން އިނދެ ރިއާން އިސް އުފުލައިލައި ވެހެމުންދިޔަ ބޯ ވާރެއަށް ބަލައިލިއެވެ. އޭނާ ވިސްނަމުން ދިޔައީ އެ ވާރެއިން ސަލާމަތްކޮށްގެން ކާރާއި ހިސާބަށް ޒީވާ ގެންދާނެ ގޮތަކާމެދުގައެވެ. ރިއާން ދެފަހަރެއްގެ މަތިން ޒީވާއަށް ގޮވައިލިއެވެ. ނަމަވެސް ހޭވެރިކަމުގެ އިޝާރާތެއް ނުވިއެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ފާއްދައިލީ ހާސްކަމުގެ ކުލަވަރުތަކެވެ. ހިތުގެ ތެޅުން އަވަސްވެ ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވިއެވެ. ބޯ ވާރެއަށް ބެލުމެއްނެތި ލަސްނުކޮށް ޒީވާ އަތްދަނޑި މައްޗަށް އުފުލައިލަމުން ކާރާ ދިމާލަށް ހިނގައިގަތެވެ. އަދި ކާރުގެ ކުރީ ސީޓު ތިރިކޮށްލައި ޒީވާ ބޭއްވުމަށްފަހު އޭނާވެސް ކާރަށް އެރުމަށް އަވަސްވެގަތެވެ. އެއަށްފަހު އަނެއްކާވެސް ޒީވާ ހޭއެރުވޭތޯ މަސައްކަތް ކުރިއެވެ. މަޑުމަޑުން ޒީވާގެ ކޮލުގައި ޖަހައިލުމަށްފަހު ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. ދެތިން ފަހަރަކު އެ ހަރަކާތް ތަކުރާރު ކޮށްލި ތަނާހެން ޒީވާ އެސްފިޔަތަށް ތަޅުވައިލައި ކުޑަކުޑަކޮށް ލޯ ހުޅުވައިލިއެވެ. އެ މަންޒަރު ފެނުމާއެކު ރިއާންގެ ހިތްއަވަސްކަން ފިލައިގޮސް އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ޒީވާ އިށީނދެގެން އިން ސީޓު ރިއާން އުސްކޮށްލައިދިނެވެ. އަދި ފެންފުޅިއެއް ނަގައި ޒީވާގެ ތުނބުގައި ޖައްސައިދިނެވެ. ޒީވާ އަމިއްލައަށް އޭގައި ހިފުމުން އިތުރަށް ފަސޭހަ ކޮށްލައިދިނުމުގެ ގޮތުން ޒީވާ އިން ދިމާލަށް އަލިވާނެހެން ކާރުތެރޭގައި ހުރި ލައިޓް ޖައްސައިލިއެވެ. އެއާއެކު ރިއާންއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ވައިނޮޅީގައި ތާށިވިހެނެވެ. ވާރެއާއެކުވެ ހުދު ކުލައިގެ ޔުނީފޯމް ގައިގައި ތަތްލާފައިވުމުން ޒީވާގެ ހަށިގަނޑު ހާމަވެފައިވަނި ވަނާތަކުގެ އިތުރުން އެތެރެއިން ބޭނުންކޮށްފައިވާ އަންނައުނުގެ ކުލަވެސް ވަކިވާހާ ބޮޑަށެވެ. ބޭއިޚްތިޔާރުގައި ރިއާންއަށް ޒީވާގެ ކޮނޑުން ތިރިއަށް ނަޒަރު ހިންގައިލެވުނެވެ. ޒީވާއަށް އެކަން ފާހަގަވީ ކަންނޭނގެއެވެ. ޖެހިލުންވެފައިހުރެ އޭނާގެ ދެއަތުން މެދުހަށީގައި ބައްދައިލިއެވެ.
ޒީވާގެ އެ ހަރަކާތާއެކު ރިއާންއަށްވެސް އެކުރެވޭ ކަމެއް ރޭކައިލިއެވެ. އަވަސް އަވަހަށް ކަރުކެހިލުމަށްފަހު ޑްރައިވަރު ސީޓުގައި ހަމަޖެހިލައި ކުރިއަށް ނަޒަރު ހުއްޓައިލިއެވެ. އަދި ޒީވާ ޖެހިލުންވެފައި އިންހެން ހީވެ އޭނާ ލައިގެން ހުރި ކޯޓު ބާލައި ޒީވާއަށް ދިއްކޮށްލިއެވެ. އާންމުގޮތެއްގައި އޮފީހަށްދާއިރު އެހާ ރަސްމީކޮށް ހެދުންނޭޅި ނަމަވެސް ދުވަސްކޮޅުގެ ގޮތުން ދާންޖެހޭ ބައްދަލުވުންތައް ގިނަވެ މިއަދު ރަސްމީކޮށް ހެދުން އަޅަން ޖެހުމަކީ ލެއްވި ނަސީބެކޭ އޭނަގެ ހިތަށް އެރިއެވެ. ޒީވާ ކޯޓުގައި ހިފުމުން ހަމަޖެހިލަން ވަގުތުކޮޅެއް ދިނުމަށްފަހު ރިއާން ލަސްލަހުން ކާރު ދުއްވައިލީ ޒީވާގެ ބޮލަށް އެނބުރުން އަރާފާނެކަމަށް ވިސްނައިގެން އިނދެއެވެ.
ގާތްގަނޑަށް ދިހަ ވަރަކަށް މިނެޓަށްފަހު ރިއާން އޭނާ ދިރިއުޅެމުންދާ އެޕަރޓްމެންޓް ކޮމްޕްލެކްސްގެ ތިރީގައިވާ ޖާގައިގައި ކާރު ޕާކްކޮށްލިއެވެ. އަދި ކާރު ނިއްވާލުމަށްފަހު ޑްރައިވަރ ސީޓުން ފައިބައިގެން އައިސް ޒީވާ އިން ފަރާތުގެ ދޮރު ހުޅުވައިދިނެވެ. ބޮލަށް ބަރުވެފައި ހުރުމުން ކާރުން ފޭބި ވަގުތު ޒީވާ އަރި އަޅައިލި ނަމަވެސް ރިއާން ހުޝިޔާރުކަމާއެކު ޒީވާގެ ކޮނޑުގައި ހިފެހެއްޓިއެވެ.
“އެކަނި ހިނގޭނެތަ؟ ލިފްޓް ކުޑަކޮށް ދުރުވާނެ” އެރޭގެ ފުރަތަމަ ފަހަރަށް ޒީވާއަށް ރިއާންގެ އަޑު އިވުނެވެ. ރިއާންއަށް ޖަވާބު ދިނުމުގެ ގޮތުން ޒީވާ ބޯޖަހައިލިއެވެ. އަދި ގައިގައި އޮޅައިލެވިފައިވާ ރިއާންގެ ކޯޓުގައި ބާރަށް ހިފަހައްޓައިލަމުން ރިއާންގެ ފަހަތުން ހިނގައިގަތެވެ. އޭނާއެކޭ އެއްފަދައިން ރިއާންއަކީވެސް މިޒާޖުގައި ބަސްމަދު މީހެއްކަން އޭނާ ދަނެއެވެ. ނަމަވެސް ހިނގައިދިޔަ ކަންތަކަށްފަހު ކާރުގައި ވޭތުވެދިޔަ ވަގުތުކޮޅުގައި އެންމެ ފަހަރަކުނަމަވެސް ރިއާން އޭނާގެ ހާލު އަހާލާނެ ނަމައޭ ޒީވާގެ ހިތަށް އަރަމުން ދިޔައެވެ. ރިއާންގެ އަމަލުތަކުން އޭނާއާ މެދު ބެހެއްޓި އޯގާތެރިކަން ފެނުނަސް، އެ ދުލުން އޯގާތެރި ބަސްތަކެއް އިވުމަށް ޒީވާއަށް އުއްމީދު ކުރެވުނެވެ.
ނުވަވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު ރިއާން އައިސް ކީ ކާޑު ޖައްސައިލަމުން އެޕާޓްމެންޓް ހުޅުވައިލިއެވެ. އަދި ޒީވާ ވަނުމަށް ތަންދެއްކިއެވެ. ޒީވާގެ ފަހަތުން އޭނާވެސް ވަދެ އެޕާރޓްމެންޓް ދޮރު ލައްޕައިލިއެވެ. އަދި ދޮރާއި ޖެހިގެން ފާރުގައި ހަރުކުުރެވިފައި ހުރި ރިމޯޓު ނަގައި ސީލިންގުގައި ހަރުކުރެވިފައިވާ ޒަމާނީ ޗާންދެލިޔާ ދިއްލައިލިއެވެ. ތަނަށް ވެރިވެގެންދިޔަ ގަދަ އަލީގެ ސަބަބުން ރިއާންއަށް އުނދަގޫވިއެވެ. އެ އެޕާރޓްމެންޓް ގަތީއްސުރެވެސް އެތަން މިހާ އަލިކުރި ދުވަހެއް އޭނާގެ ހަނދާނަކަށް ނާދެއެވެ. ނަމަވެސް ޒީވާ ގަނެފައިވާ ބިރު ފިލުވާލުމަށްޓަކައި އެ އެޕާރޓްމެންޓް ފުރެންދެން އުއްބައްތި ޖަހަން ޖެހިއްޖެނަމަ އެކަންވެސް ކުރަން އޭނާހުރީ ތައްޔާރަށޭ ހުދު އޭނާއަށްވެސް ހީވާކަހަލައެވެ. އެ ހީވުންތަކަށް ދޭނެ ރައްދަކާމެދު ވިސްނޭ ވަރަށްވުރެ އޭނާގެ ސިކުނޑި އޭރުވަނީ އެހެން ކަމެއްގައި މަސްއޫލުވެފައެވެ. އާނއެކެވެ. އެ ރީތި އެޕާރޓްމެންޓްގެ ފުރިހަމަ ކަމާމެދު އާޝޯހުވެފައިހުރި ޒީވާގެ މޫނުމަތީގައިވި ހިނިތުންވުން ތަސްވީރު ކުރުމުގައެވެ. އެތަނުގެ ސީލިންގާއި ފަރުނީޗަރު ތަކުން ފަށައިގެން ގޮސް ބަހައްޓައިފައިވާ ކުދި ކުދި އެއްޗެެއްސަށްވެސް ޒީވާ ނަޒަރު ހިންގަމުން ދިޔައެވެ. އެންމެ ފަހުން ޓީވީ ހަރުކުރެވިފައިވާ ފާރާ ދިމާލުން ތަންކޮޅެއް މަތީގައި ހަރުކޮށްފައިވާ ހަރުތަކާ ހިސާބަށް ކޮރައިލަމުން ހިނިތުންވެފައިހުރެ އޭގައި ބަހައްޓާފައި ހުރި ފޮތްތަކުގައި އަތް ބީއްސައިލިއެވެ. ރިއާންގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ވާނީވެސް އެހެންތާއެވެ. ޒީވާގެ މޫނުމަތީގައިވާ އުޖާލާކަން ފެނިއްޖެ މީހަކު އެއީ ދާދި ކުޑަ އިރުކޮޅެއްކުރިން ބިރުން ހޭހުއްޓިގެން އޭނާގެ އަތްމައްޗަށް ވެއްޓުނު ކުއްޖާއޭވެސް ނުބުނާނެއެވެ.
“ރިއާން ފޮތް ކިޔަންތަ؟” ޒީވާގެ އަޑު އިވުމާއެކު ރިއާންއަށް އޭނާގެ ހިޔާލުތަކުން ދުރުވެވުނެވެ. ބުނީ ކީކޭކަން ނޭނގުނު ނަމަވެސް ޒީވާގެ ވާހަކައަށް ބޯޖަހައިލަމުން އޭނާ ބެލްކަންޏަށް ނުކުތެވެ. އަދި ވާރޭގެ ސަބަބުން ތެމިފައިވާ ބޫޓާއި އިސްޓާކީން ބޭލިއެވެ.
“ދޮންބެ ގުޅީތަ ރިއާންއަށް މިރޭ. އަހަރެން ހިއެއް ނުކުރަން އަސްލު އެހެން ވާނެކަމަކަށް. ސޮރީ. އެނގޭ އަހަރެންނާހެދި ރިއާންއަށް އުނދަގޫ ވާނެކަން.” ޒީވާ ދެެއްކި ވާހަކައަށް ރައްދު ދިނުމުގެ ބަދަލުގައި ރިއާން ބެލްކަނިން ނުކުމެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަދި އޭނާއާއެކު އައުމަށް ޒީވާއަށް އިޝާރާތް ކުރިއެވެ. ޒީވާ އެ ބޮޑު ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮޓަރީގެ ފާރުތަކުގައި އަޅިކުލައިގެ ރީތި ފަރުމާއެއްގެ ވޯލްޕޭޕަރު ހަރުކުރެވިފައިވާއިރު ކަޅާއި ރަންކުލައިން ފަރުމާކުރެވިފައިވާ ކިންގް ސައިޒްގެ ބޮޑު އެނދާއި، އެނދުގެ ހުރަހަށްވާހެން ކަނާތް ފަރާތަށްހުރި ފާރު އެއްކޮށް ފޮރުވޭހެން ސީލިންގާ ހަމައަށް ޖަހައިފައިވާ ކަޅުކުލައިގެ އަލާމާރީގެ އިތުރުން ވަކި ބިތެއްގައި ނުޖެހޭގޮތަށް އެނދާއި ދެތިން ފޫޓު ދުރުގައި ބެހެއްޓިފައިވާ ރަންކުލައިގެ ޗެއިސްލާންޖް ސޯފާއިން ކޮޓަރީގެ ހައިބަތު އިތުރު ކޮށްދެއެވެ. ނަމަވެސް ޒީވާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޗެެއިސްލޯންޖްގެ އަރިމައްޗަށް ވާގޮތަށްހުރި ފާރުގައި ހަރުކޮށްފައިވާ ރަންކުލައިގެ ބޯޑަރުއެޅި އިސްކޮޅަށްވުރެ ދިގު އެހާމެ ފުޅާ ލޯގަނޑެވެ. ޒީވާއަށް ހިންދިރުވައިލެވުނެވެ. އެޕަރޓްމަންޓްގެ ސިޓިންގްރޫމުން ފެނުނު ފުރިހަމަކީ މި ކޮޓަރީގެ ފުރިހަމަކަމާއި އަޅާބަލާއިރު ޒައްރެއްގެ މިންވަރުތާއޭ ހިތަށް އެރިއެވެ. އެކޮޓަރީގެ ކޮންމެ ކަނަކުންވެސް ޒީވާއަށް ރިއާންގެ ވަރުގަދަ ހައިބަތާއި ޝަހްސިއްޔަތު ފެންނަމުންދާ ކަހަލައެވެ.
“އެންމެ ކޮޓަރިއެއް ބޭނުން ކުރާތީ އަނެއް ކޮޓަރި ފަހަރެއްގާ ހިރަފުސްވެފަ ހުރެދާނެ. އެހެންވީމަ މިރޭ މިތަނުގަ މަޑުކޮށްލާ. އަހަރެން ބޭރުގެ އޮވެލާނަން. އެންޑް ގުގުރިޔަސް ހާސްވާނެކަމެއް ނެތް. މިކޮޓަރިން ބޭރުގެ އެއްވެސް އަޑެއް އެތެރެއަކަށް އަދި އެތެރޭގެ އެއްވެސް އަޑެއް ބޭރަކަށް ނީވޭނެ. އިޓްސް ސައުންޑްޕްރޫފް ސޯ މޭކް ޔޯސެލްފް ކޮމްފޮޓަބަލް” ރިއާން ޒީވާގެ ސަމާލުކަން ހޯދިއެވެ. އަދި އަލަމާރީގެ ދޮރުފަތް ކަހައިލުމަށްފަހު ޓީޝާޓަކާއި ސޯޓެއް ނެގިއެވެ. އެ ތަކެތި ނަގާދިނީ ޒީވާއަށްހެން ހީވި ނަމަވެސް ދެން ފެނުނީ ރިއާން އިތުރު އެއްޗެއް ނުބުނެ އެ ހިފައިގެން ކޮޓަރިން ނުކުތްތަނެވެ.
“ދެން ކޮންކަހަލަ މީހެއްތަ؟ އަހަރެން ލާނެ އެއްޗެއްވެސް ދޭން ނޭނގުނުތަ؟” ފޫހިގޮތަކަށް ތުން އަނބުރައިލި ޒީވާ އޭނާގެ ގައިގައި އޮޅާލެވިފައިވާ ރިއާންގެ ކޯޓު ގަޔާ ވަކިކޮށްލަމުން އަތުގެ ތެރޭގައި ބޮނޑި ކޮށްލިއެވެ. އަދި މަޑުމަޑުން ހިނގައިފައިގޮސް އެނދުގެ ވައަތް ފަރާތުގައިވާ ބިއްލޫރި ފާރު އެއްކޮށް ފޮރުވޭހެން އަޅުވައިފައިވާ ދޮރު ފޮތިތަށް ކަހައިލިއެވެ.
ބިއްލޫރިގަނޑުގައި ހަރުލައިފައިވާ ފެންތިކިތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޒީވާގެ ސިކުނޑީގައި މަންޒަރާގުޅޭ މަޑުރާގެއް ކުޅެވެމުން ދިޔަ ކަހަލައެވެ. ބޭއިޙްތިޔާރުގައި އަތުގައި އޮތް ރިއާންގެ ކޯޓުގެ ގެނެސް ނޭފަތުގައި ޖައްސައިލިއެވެ. ހިތް ފުރިގެން ބަންޑުންވާފަދަ މީރުވަހެއް ނޭފަތުގައި ހަރުލުމާއެކު އޭނާ ދެލޯ މަރައިލަމުން ހިނިތުންވެލިއެވެ. އެވަގުތު ވެގެންދިޔައީ ފޯނުގެ ޗާޖަރު ހޯދުމަށްޓަކައި ރިއާންއަށް ކޮޓަރީގެ ދޮރު ހުޅުވައިލެވުނު ވަގުތަށެވެ. ނަމަވެސް ޒީވާގެ ފަރާތުން ފެނުނު މަންޒަރުގެ ސަބަބުން ރިއާންގެ ހަރަކާތްތަށް ގަނޑުވެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބަނޑުގައި ކޮކާ އުދުހޭހެންވެސް ހީވާންފެށިއެވެ. އަވަސްއަވަހަށް ދޮރު ލައްޕައިލުމަށްފަހު ހަލުވި ފިޔަވަޅުތަކެެއްގައި ގޮސް ސިޓިންގްރޫމްގެ މެދުގައި ހުއްޓިލިއެވެ.
ފާއިތުވެދިޔަ ގަޑިއެއްހާއިރު ތެރޭގައި ހިނގައިދިޔަ ކަންތައްތަކާއި ބީރައްޓެހި އިހުސާސްތަށް ރިއާންގެ ސިކުނޑީގެ މަސްލަހަތު ނަގައިލައިފައި ވިއެވެ. ހިޔާލަށް އަންނަމުންދިޔައީ އެ ބޯވާރޭގެ ތެރެއިން ޒީވާ ފުރަތަމަ ފެނިލުމާއެކު ލިބުނު ހަމަޖެހުމާއި، ޒީވާގެ ހަބަރުހުސްވެފައި އޮތް ހަށިގަނޑު އެ އަތުތެރޭގައި ވީއިރު ލިބުނު ހިތްނުތަނަވަސްކަމެވެ. ފެނުގެ ސަބަބުން ތުނިވެފައިވި ފޭރާމުގެ ތެރެއިން ޒީވާގެ ހަށިގަނޑުގެ ވަނާތައް ފެނުނު ވަގުތު ހިނދުކޮޅަކަށް ނަމަވެސް އެނާގެ ހިއްސުތައް ހަމަ ބުއްދިން ކައްސާލިގޮތެވެ. އޭނާއަކީ ރާހިލްއެއް ނޫނެވެ. އޭނާގެ ހިއްސުތަކާ ކުޅުމަކީ ކޮންމެ ކޮންމެ އަންހެންކުއްޖަކަށް އެހާ ފަސޭހަކަމެއް ނޫނެވެ. ވީއިރު، ވަކިން ހާއްސަކޮށް ޒީވާގެ ހާލަތުވެސް އެހާ ނާޒުކުވެފައިވި ދަނޑިވަޅެއްގައި ސިކުނޑިއަށް ވެރިވެގެންދިޔަ ވަސްވާހުގެ ސަބަބުން ރިއާންއަށް ދިޔައީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންނެވެ. އެކަންތައްތައް ސިކުނޑިން ނުފިލައިގެން އުޅެނިކޮށް ޒީވާ އޭނާގެ ކޯޓުން ވަސް ބަލާލައިގެން ހުރި ގޮތާއި، އޭރު އެމޫނުގައިވި މައުސޫމު ހިނިތުންވުން ސިފަވެ ކުރުވި އިހުސާސުން އޭނާގެ ބޯ ހާސްވަމުން ދިޔައެވެ.
“ކީއްވެ އެހެން ވާންވީ؟ ޒީވާ އަދިވެސް… ނޫނޭ ރިއާން ކުށްހީ ނުކުރޭ. މިހާރު އޭގެ ފަހުން ކިތަށް އަހަރު ފާއިތުވެއްޖެ؟” ރިއާންގެ ސިކުނޑި އޭނާގެ އަމިއްލަ ޒަމީރާ ވާހަކަ ދައްކަމުންދިޔައެވެ. ތެތްވެފައިވާ ގަމީސް ގަޔާ ވަކިކޮށްލަމުން އޭނާ ސޯފާގައި އިށީނެވެ. އަދި ސައިލެންޓް މޯޑުގައި އޮތް ފޯނަށް އަންނަމުން ދިޔަ ކޯލަށް ޖަވާބުދިނެވެ.
“ޓު ހެލް ވިތް ޔޫ އެންޑް ދަ ސިޗުއޭޝަންސް ޔޫ ގެޓް މީ އިން ރާހިލް.” ފޯނު ނެގުމާއެކު ސުކުންތެއްވެސް ލަސްނުކޮށް ރިއާން ބުންޏެވެ.
“ޒީއާ ދިމާވެއްޖެތަ؟ ޒީ އޯކޭތަ؟” ރިއާންގެ ބަސްތަކަށް ފަރުވާލެއްނުދީ ރާހިލް އަހައިލިއެވެ.
“އާނ މިވަގުތަށް އޯކޭ.. ބަޓް ރިއަލީ ރާހިލް؟ ގުގުރާއިރު ޒީ ހާސްވާކަން އެނގިހުރެ ކީއްވެ ދައްތަމެން ތިގޭގެ ޑްރައިވަރ ނުލާ ޒީވާ ހުޅުމާލެ ފޮނުވީ؟ އަދި އެވެސް މިހާ ދަންވީމަ. އަހަރެން ކުޑަކޮށް ލަސްވިނަމަ ޒީވާ އޮންނާނީ ފެންގަނޑުތެރޭގަ. އަނބުރައިގަނެފަ.” ރިއާންއަށް އެ މަންޒަރު ސިފަވުމާއެކު ރުޅިއާދެވުނެވެ.
“އަހަންނަކަށްވެސް ނޭނގެއޭ ޒީ މިދުވަސްކޮޅު އެކަނި ދިޔަ ސަބަބެއް. އެހެންނޫނަސް ޒީ ދިޔައީ އެހާ ދަންކޮށްފަހެން ހިއެއްނުވޭ. ދެން ހަމަޖެހިބަލަ. ޒީ އެހާ ކަންތައް ބޮޑެއް ނުވާނޭ. އިޝްކޮނަމަތާ ރިއާންއަށް އުނދަގު ވާނީވެސް. ޒީ އަކީ އަހަރުމެން ތިންބެއިންގެ ތެރެއިންވެސް އެންމެ ބަސްއަހާ އަންސްޕޮއިލްޑް އެންޑް ޑްރާމާބައި ކުޑަ މީހާ.” ރާހިލް ހިސާބަކަށް ހަމަޖެހިފައި ބުނެލިއެވެ.
“އޮފްކޯސް ނުވާނެ.. ހައް.. ރާހިލް! އައި ވޯޒް އޮން މައި ނީޒް.. ނީލިންގް އޮން ދެޓް ޑިސްގަސްޓިންގް މަޑް.. އިން އަ ފްރީކިން ތްރީ-ތައުޒަންޑް ޑޮލާރ ސޫޓް! އަހަރެން މިއީ މިހާރު ކޮން މަގާމެއްގަ ހުރި ކާކުކަން ރާހިލްއަށް ވަރަށް ރަނގަޅަށް އެނގޭނެ! މީހަކަށް ފެނުނުނަމަ މާދަމާ ހަބަރުގަ އޮންނާނެ ސުރުހީ ވިސްނާލެވޭތަ؟” ރިއާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ރާހިލްއަށް އެކަން ވީ މަޖާ ކަމަކަށެވެ.
މާ ގިނައިރު ރިއާންއާ ވާހަކަ ދައްކަން އިނުމުގެ ބަދަލުގައި ރާހިލް ނިދަން ދިޔުމަށްޓަކައި ފޯނު ކަނޑައިލިއެވެ. ލެޕްޓޮޕް އެނދުމަތީގައި ބޭއްވުމަށްފަހު ފާހަނައަށް ވަނުމަށްއެޅި ފިޔަވަޅާއެކު ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ރާހިލް ދުއްވައިގަތެވެ. އޭނާގޮސް ހުއްޓުނީ ޝައިނާގެ ކޮޓަރީގެ ފާހަނަ ކައިރީގައެވެ. ޝައިނާ އެތަނުގައި ތަޅުލިތާ މިހާރު ދެ ގަޑިއިރު ވަނީއެވެ. ރާހިލް ދެފަހަރަކަށް ޝައިނާގެ ނަމުން ގޮވާލުމުންވެސް ޝައިނާގެ ހަބަރެއް ނުވިއެވެ. އިތުރަށް ވަގުުތު ބޭކާރު ނުކޮށް ފާހަނައިގެ ބޮކި ނިއްވާލުމަށްފަހު އޭނާ ތަންޑު ނައްޓައިލީ ޝައިނާ ހުރެދާނެ ހާލަތަކަށް ވިސްނައިލަމުންނެވެ. އިންޗިއެއްހާތަން ކުޑަކޮށް ހުޅުވުމަށްފަހު އިތުރަށް ދޮރު ކުރިއަކަށް ނުދިއައެވެ. އޭނާއަށް ޝައިނާ އިނީ ދޮރުގައި ލެގިގެންކަން އެނގި ދުރަށް ޖެހުމަށް ގޮވައިލިއެވެ. ނަމަވެސް ޖަވާބެެއް ނުލިބުނެވެ. އިތުރަށް ދޮރު ހުޅުވާލުމުން ފާހަނައިގެ ތެރެއަށް އެއްޗެއް ވެއްޓުން ކަހަލަ އަޑެއް އިވި ރާހިލް ދޮރު ކޮށްޕާލުމަށްފަހު ފާހަނައިގެ ތެރެއަށް ވަނެވެ.
“ސިރިއަސްލީ މި އަންހެންވެރިންގެ ހޭނެތުންވެސް ހުންނަނީ ބެސްޓްފްރެންޑާ ސިންކް ވެފަތަ؟” ހޭހުސްވެފައި ބިންމަތީގައި އޮތް ޝައިނާގާތަށް ތިރިވެލަމުން ރާހިލްއަށް ބުނެވުނެވެ. ނަމަވެސް އޭނާގެ އަޑުގައި ސަމާސާގެ އަސަރެއް ނެތެވެ. ހާސްވެފައިހުރެ ޝައިނާއަށް ގޮވައިލުމަށްފަހު އަވަހަށް ވިންދު ބަލައިލިއެވެ. އަދި ބޮލަށް ކުރާނެ އަސަރު ވީހާވެސް ކުޑަވާނެހެން ޝައިނާ އުފުލާލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. ފާރުގައިޖެހި ޝައިނާގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާތަން އޭނާއަށް ފެނުނީ އަދި ކިރިޔާއެވެ. އެތަނުގައި ތާޒާ ލޭގެ އަސަރު ފެންނަން ހުރުމާއެކު އެއީ އޭނާ ދޮރު ކޮށްޕައިލި ވަގުތު ލިބުން އަނިޔާއެއްކަން ރާހިލަށް ޔަގީންވިއެވެ. އެފަހަރު އޭނާއަށް އެ އިވުން އަޑަކީ އެއީތާއެވެ. ޝައިނާގެ ނިތްކުރި ފާރުގައި ޖެހުނު އަޑުތާއެވެ.
ރާހިލް ކޮޓަރި ތެރެއިން އޭނާއަށް އެންމެ އަވަހަށް އަތުޖެހުނު ހެދުން ކުޑަކޮށް ތެންމާލުމަށްފަހު އައިސް ޝައިނާގެ ނިއްކުރީގައި ޖައްސައި ހިފަހައްޓައިލިއެވެ. އަދި މޫނުގައި ފެން ހާކަން ފެށިއެވެ. އެކަމުން ކާމިޔާބެއް ނުފެނުނެވެ. ޝައިނާ ހޭއަރުވަން ހަދާނެ އިތުރު ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. ކުޑަމިނުން އެރަށުގައި ހުންނަ ހޮސްޕިޓަލުގެ ނަންބަރުވެސް އޭނާއަށް އެނގެނީކީ ނޫނެވެ. އޭނާއަކީ ދުވަހަކު މިފަދަ ކަމަކަށް އުއްމީދު ކޮށްގެންވެސް ހުރި މީހެއް ނޫނެވެ. އޭނާގެ ވިސްނުމަށް އައި އެންމެ ރަނގަޅު ހިޔާލަކީ ޒީވާއަށް ގުޅުމެވެ. ޒީވާއަކީ ނަރުހަކަށްވީތީ އޭނާ ދެން ހަދަންވާގޮތެއް ޒީވާއަށް އެނގޭނެ ކަމުގައި ނިންމިއެވެ. ނަމަވެސް އޭނާގެ މަސައްކަތްވީ ނާކާމިޔާބެވެ. ޒީވާގެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ.
ޝަައިނާގެ ހަށިގަނޑުގައި ހަރަކާތެއްނެތި ފާއިތުވަމުންދާ ކޮންމެ ސުކުންތެއް އަދި ކޮންމެ މިނެޓަކާއެކު ރާހިލްއަށް ގޮތް ހުސްވަމުންދިޔައެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި އުފަންވެގަތެވެ. އޭގެ ސަބަބުން ހިތުގެ ތެޅުން އާދަޔާ ހިލާފަށް އަވަސްވެ ވަށައިގެންވާ ދުނިޔެވެސް ހުއްޓެންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ.
“ޝައިނާ.. ޝައިނާ.. ޕްލީޒް ވޭކަޕް… ޕްލީޒް އޯޕަން ދޯސް ބިއުޓިފުލް އައިޒް… ގްލެއަރ އެޓް މީ… ގިވް މީ ދެޓް ޑެތް ސްޓެއާ.. ޖަސްޓް އެނީތިންގް ޕްލީޒް” ރާހިލް ފޯނު ހިފަހައްޓާލައިގެން ހުރި އަތް ނޫން އަނެއް އަތުން ޝައިނާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ކިޔަމުން ދިޔައެވެ.
“ގޯޑް ޑެމިޓް ޒީ ފޯނު ނަގާބަލަ.” ރާހިލް އަމިއްލަ ނަފްސަށް ހަމަޖެހުމަށް ބާރު އަޅަމުން ޒީވާއަށް ގުޅަމުން ދިޔައެވެ. ވިއްސަކަށް ކޯލަށްފަހު ޒީވާ ފޯނު ނުނަގާނެކަން އެނގިހުރެ ފަހުންކުރި ކޯލު ކަނޑައިލިއެވެ. އަދި އެކުގައި އުޅޭ ނިހާމަށް ގުޅައިލީ ހޮސްޕިޓަލުގެ ނަންބަރު ހޯދުމަށެވެ. ދެފަހަރެެއްގެ މަތިން އޭނާ ކުރި މަސައްކަތުން ނިހާމްއަށް ގުޅުނެވެ. ރާހިލް ކުރުގޮތަކަށް ވެގެންއުޅޭގޮތް ކިޔައިދިނެވެ.
“އޭ އޯކޭ އެބަ ފޮނުވާލަން ނަންބަރު. ބަލާބަ އެއްޗެއްގެ ވަސް ޖައްސައިގެން އޯކޭ ވޭތޯ. މަގޭ މަންމަ އަނބުރައި ގަތީމަވެސް އަހަރުމެން ހަދަނީ އެހެން.” ނިހާމް ބުންޏެވެ.
“ތޭންކްސް މޭން.” ރާހިލް ވަގުތު ބޭކާރު ނުކޮށް ފޯނު ކަނޑައިލުމަށް ފަހު ޑްރެސިންގް ޓޭބަލްގައި ހުރި ސެންޓުފުޅި ނަގައި އަމިއްލަ އަތަށް ޖަހައިލިއެވެ. އަދި ޝައިނާގެ ނޭފަތާ ކައިރިކޮށްލިއެވެ.
“ގޯޑް ޑޭމްން މީ ޝައިނާ އައިމް ސޯ ސޮރީ. ހެޔޮނުވާނެ ދެން ހޭލަބަލަ” ރާހިލް ބުންޏެވެ. ފާއިތުވަމުންދާ ކޮންމެ ސުކުންތަކާއެކު އޭނާގެ ހާސްކަން އިތުރުވެ ހިތް އަވަސްވަމުން ދިޔައެވެ. ނިހާމް ފޮނުވި ނަންބަރަށް ގުޅަމުންވެސް އޭނާ ހުއްޓުމެއްނެތި ޝައިނާއަށް ގޮވަމުން ދިޔައެވެ. އޭރު އޭނާގެ ދެލޯ ފުސްވެ މަޑު ދިލައެއް ނަގަން ފަށައިފިއެވެ.
“ވޭކް އަޕް ޝައިނާ! ވޭކް އަޕް!” ކެތްތެރިކަން ކުޑަވެފައިވާ ހާލު އޭނާއަށް ޝައިނާގެ ހަށިގަނޑުގައި ހިފައި ތަޅުވައިގަތެވެ. އެއާއެކު ޝައިނާ މަޑުމަޑުން ލޯ ތަގުޅިކޮށްލިތަން ރާހިލްއަށް ފެނުނެވެ. އަދި އުނދަގުލާއެކު ނަމަވެސް ދެލޯ ހުޅުވައިލިއެވެ.
ރާހިލްއަށް ހިނދުކޮޅަކަށް ގަނޑުވެފައި ހުރެވުނީއެވެ. ނަމަވެސް ސްޕީކަރަށް ލައިފައިވާ ފޯނުން، ހޮސްޕިޓަލުން ޖަވާބުދިން ކުއްޖާ ސަލާމްގޮވައިލި އަޑު އިވުމާއެކު ރާހިލްއަށް ވާނުވާ ރޭކައިލިއެވެ. ފޯނު ކަނޑައިލުމަށްފަހު އެނދުގައި އުޅަނބޮށި ޖައްސައިލަމުން ތެދުވަން މަސައްކަތް ކުރި ޝައިނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އެއީ ރާހިލްގެ އަމިއްލަ އިހްތިޔާރުން ބޭރުގައި ހިނގިކަމެއް ކަމުގައިވިޔަސް އޭނާގެ އަވަސްވެފައިވާ ހިތަށް އެކަމުން ހަމަޖެހުމެއް ލިބި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ އެ ހުރިހާކަމެއް ހިނގައިދިޔައިރު އޭނާ ނޭވާލާންވެސް ހަނދާން ނެތިފައިވިހެންނެވެ.
“އަލްހަމްދުލިއްﷲ. އަހަރެން ހާދަ ކަންބޮޑުވިޔޭ. ޝައިނާ ޕްލީޒް. އައިމް ސޯ ސޮރީ އަހަން-” ރާހިލްގެ ވާހަކަ މެދުކެނޑުނީ ޝައިނާ ނޭފަތް ދަމާލިއަޑަށެވެ. އޭރު ޝައިނާއަށް ދިޔައީ ރޮވެމުންނެވެ.
“ލުކް އައިމް ސޯ ސޮރީ ޝައިނާ. އަހަރެން ދިޔައީ ޝައިނާ ބިރުގެންފާނެ ކަމަށް ލައިޓްވެސް އޮން ކޮށްފަ. އެއްވެސް ވަރަކަށް ހިތަކަށް ނާރާ ޝައިނާއަށް މިހެން ވެދާނެ ކަމަކަށް” ރާހިލް ހާސްވެފައިވާ އަޑަކުން ބުންޏެވެ. އެހެން ބުނުމާއެކުހެން ކުއްލިއަކަށް ޝައިނާ އެނާގެ ދެއަތުގައި ހުރި ބާރެއްލުމަށްފަހު ރާހިލް ދުރަށް ކޮށްޕައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި އިން ރާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. އެގޮތަށް އޭނާ ކޮށްޕައިލުމުގެ ހައްގު ޝައިނާއަށް އޮތްކަން ފުރިހަމައަށް ގަބޫލު ކުރެވުނަސް އެކަމުގެ ސަބަބުން އޭނާގެ ހިތަށް އުނދަގުވިއެވެ.
“ޝައިނާ ޕްލީޒް” ރާހިލް ކުރިއަށް ޖެހެން މަސައްކަތްކުރުމުން ޝައިނާ އަތް ދަމައިލައި ދުރުގަ ހުރުމަށް އިޝާރާތްކުރިއެވެ. އެއަށްފަހު އެނދުގެ އެއްފަރާތެއްގައި ހުރި ސައިޑްކަބަޑުގެ މަތީގައި ހުރި ފެންފުޅިއާއި ކަބަޑުގެ ތެރެއިން ދެތިން ބޭސްކާޑެއް ނެގުމަށްފަހު އެއިން ކޮންމެ އެއްޗަކުން ގުޅައެއް ނަގައި ކައިލިއެވެ. ރާހިލްގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދުނެވެ. އެހެނެއްކަމަކު އެއިން އެންމެ ސުވާލެއްވެސް އޭނާގެ ދުލާ ހަމައަކަށް ނުގެނެވުނެވެ. މިފަހުން ޝައިނާގެ ފަރާތުން އެހާ ސަމާލުކަން ލިބުމަށްފަހު ޝައިނާގެ ފަރާތުން ފެންނަމުންދާ މަޑުމޮޅިކަމާއި އެދެމެދަށް ވެރިވެފައިވާ ހިމޭންކަމުގެ ސަބަބުން ރާހިލްއަށް އުނދަގު ވަމުންދިޔައެވެ.
“އައިމް ސޮރީ ޑަރލިންގް… ސްކްރީމް އެޓް މީ.. ޔެލް އެޓް މީ.. އިންސަލްޓް މީ އިފް ޔޫ ވޯންޓް. ބަޓް ޑޯންޓް ކިލްމީ ވިތް ދެޓް ސައިލަންސް.” ރާހިލް އަނެއްކާވެސް ކައިރިވެލަމުން ޝައިނާގެ މޫނާ ދިމާލަށް އަތް ހިއްލައިލިއެވެ. ނަމަވެސް ޝައިނާ މޫނު އަނބުރާލަމުން ދުރުކޮށްލިއެވެ.
“އަހަރެންނަށް ކަމެއް ކޮއްދެންޏާ ރާހިލް މިތަނުން ދޭ.” ޝައިނާ ހަރުކަށިކަމާއެކު ބުންޏެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް ބޯ ޖަހައިލިއެވެ. ސަމާސާ ވިހަވެެއްޖެކަން އޭނާއަށް އެނގުނެވެ. އަދި އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އޭނާގެ ސަބަބުން ޝައިނާއަށް ގެއްލުމެއްވާން އުޅުނުކަމުގެ ހިޔާލުން އެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިފައިވިއެވެ. ހިތްވަރުކޮށްފައި ނިދަންކުރި މަސައްކަތް ބޭކާރުވުމާއެކު ރާހިލްއަށް އައި ރުޅީގައި ކައިރީގައި އޮތް ބާލީސް ނަގައި ކޮޓަރީގެ ފާރާ ދިމާލަށް ހޫރައިލެވުނެވެ.
***********
ރާހިލްއެކޭ އެއްފަދައިން އެރޭ ރިއާންގެ ލޮލާވެސް ނިދި ވަނީ ބީރައްޓެހި އެއްޗަކަށް ވެފައެވެ. ނިދި އަންނަކަހަލަ ޕްރޮގްރާމެއް ހޯދުމަށްޓަކައި އޭނާ ތެދުވެ ޓީވީ ހުޅުވައިލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ނުތަވަސްކަމަކީ އަރާމު އެނދު ދޫކޮށްލުމަށްފަހު ސޯފާގައި އޮންނަން ޖެހުމުންވާ އުނދަގުލެއްކަން އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. އެހެނެއްކަމަކު އެ ބީރައްޓެހި އިހުސާސްތައް ހިތުގައި އުތުރިގެންދާ ކޮންމެ ފަހަރަކު އޭނާއަށް ބަލައިލެވެނީ ޒީވާ ނިދާފައި އޮތް ކޮޓަރިއާ ދިމާއަށެވެ. އެންމެފަހުން މޭޒުމަތީގައި ބާއްވައިފައި އޮތް ސިނގިރޭޓުފޮށިން ސިނގިރޭޓެއް ނަގައި އެ ރޯކޮށްލަމުން އެނާ ބެލްކަންޏަށް ނުކުތެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުން ދިޔައެވެ.
ފަޒާގެ ތެރޭގައިވާ ތެތްފިނި ވައިރޯޅީގެ އަސަރު ހާމަވެފައިވާ މެއަށް ކުރުމާއެކު ރިއާންގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. އެހެނަސް އެ ފިންޏަށް ދޫދިނުމަށްފަހު އެތެރެއަށް ވަނުމުގެ ބަދަލުގައި ރިއާން އޭނާގެ އަތުގައި އޮތް ސިނގިރޭޓު ހުލިކުރަމުންދިޔައީ ޒީވާގެ ތަސްވީރު ސިކުނޑިން ފޮހެލުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަށް ހުރަސްއެޅުނީ ފަހަތުން ދޮރެއްގެ ތަޅު ހުޅުވުނު އަޑަށެވެ. އަވަސް ހަރަކާތަކާއެކު މުށުގެ ތެރެއަށް ސިނގިރޭޓް ނިއްވާލުމަށްފަހު ރިއާން ފަހަތަށް އެނބުރުނެވެ. ކޮލެޖު ދުވަސްވަރު އޭނާ އާންމުކޮށް ލައި އުޅުނު ގަދަނޫކުލައިގެ ސްވެޓާރގައި ޒީވާ ފެނުމާއެކު ރިއާންއަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން ހުރެވުނެވެ. އެއީ ހުދު ރިއާންއަށްވެސް ދޫ ސްވެޓަރެއްކަމުން ސްވެޓަރުގެ ދިގުމިން ހުރީ ޒީވާގެ ފަލަމަސްގަނޑާ ހިސާބަށެވެ. ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލަން ބޭނުންވިޔަސް ރިއާންގެ ނަޒަރު ޒީވާގެ ހާމަވެފައިވާ ފައިން ދުރުކޮށެއް ނުލެވުނެވެ. އޭނާގެ އަމިއްލަ ނަފްސަށް އޮތް ކޮންޓުރޯލު މުޅިން ގެއްލިފައިވާ ކަހަލަ އެވެ. ޒީވާގެ ސަބަބުން އޭނާއަށް މި ކުރާ އަސަރުތަކަކީ އޭނާ އެއްވެސް ވަރަކަށް ގަޔާވާ އަސަރު ތަކެއްނޫނޭ ރިއާންއަށް ހިތަށްއެރިއެވެ.
“ޔުނީފޯމް ތެމިފަ އޮތީމަ. އަލަމާރިން މީތި ނެގުނީ. ސޮރީ.”ޒީވާ ލައިގެންހުރި ސްވެޓަރުގައި ހިފައި ތިރިއަށް ދަމައިލަމުން ބުންޏެވެ. ނަމަވެސް ރިއާންއަށް އެ އަޑު ނީވޭ ކަހަލައެވެ. ރިއާންގެ ދެލޯ އޭނާއާ އަމާޒުވެފައިވާކަން އެނގި ޒީވާގެ ހިތްއަވަސްވިއެވެ. އޭނާ އިސްޖަހައިލަމުން ބުންޏެވެ. “އަހަރެން ހީކުރީ ރިއާން ނިދީ ކަމަށް. އެހެންވެ ނުކުތީ. ކީއްވެ ނުނިދާ ތިއުޅެނީ؟”
“ސޯފާ އުނދަގޫވީމަ.” ރިއާން އޭނާގެ އަމިއްލަ ސިކުނޑިއަށް ދައްކަމުންދިޔަ ބަހަނާ ޒީވާއަށްވެސް ދެއްކުނުކަން ރޭކައިލީ ޖަވާބު ދެވުނު ފަހުންނެވެ. އެއީ ކިހާ މޮޔަކަމެއް ކަންވެސް އެނގުނީ އެހިސާބުންނެވެ. މިހާރުދެން ޒީވާ ހީކުރަނީ ޒީވާ އެގޭގައި ހުރީތީ އޭނާއަށް އުނދަގޫވަނީ ކަމަށެވެ. ރިއާންއަށް އަމިއްލަ މޮޔަކަމާމެދު ވިސްނައިލެވުނެވެ.
“އަހަރެން އޮވެދާނަން ބޭރުގަ ނޫނީ ކޮޓަރީގެ ސޯފާގަވެސް. މިއިން ސޯފާއެއް އަހަރެންނަކަށް ކުޑައެއްނުވާނެ.” ޒީވާ ބުންޏެވެ. ރިއާން ދިން ޖަވާބުގެ ގޮތުން ޒީވާ ބުނާނީ އެހެންކަން ރިއާންއަށް މާކުރިންވެސް އެނގެއެވެ. އޭނާއަކީ އެވަރު ނުވިސްނޭ ކުޑަކުއްޖެއް ނޫނެވެ. އިތުރަށް ވާހަކަ ދައްކައިފިނަމަ އަނެއްކާވެސް ހަމަނުޖެހޭ އެއްޗެއް ބުނެވިދާނެކަމަށް އޭނާ ހިމޭންކަން ޚިޔާރުކުރިއެވެ.
“ނޫނީ އެނދު ޝެއަރވެސް ކުރެވިދާނެ. ދެމީހުނަށް އޮވެވޭހާ ޖާގަ އެބަ އޮތެއްނު.” ޒީވާ އިސްޖަހާލައިގެންހުރެ ބުންޏެވެ.
ޒީވާގެ މައުސޫމުކަމާމެދު ރިއާންއަށް ހިނިތުންވެލެވުނެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ޒީވާގެ ކުރިމަތީގައި ހުއްޓިލިއެވެ.
“އަހަރެންނަށް އެނގެއޭ މިއީ ވަރަށް ވިއަޑް ސިޗުއޭޝަނެއްކަން. ވަކިން ހާއްސަކޮށް އެއިޓް އިޔަރޒް ކުރިން ވެދިޔަ ކަންތައްގަނޑަށްފަހު… އެކަމަކު ރިއާން އަހަރެންނާ ވާހަކަ ނުދައްކަންޏާ ހައްތަހާ ވިއަޑްވާނި. މިހާރު އަހަރުމެންވެސް ބަދަލުވެއްޖެ. ފީލިންގްސް ވެސް ބަދަލްވެއްޖެ. ރިއާން އެނދުގަ އޮތަކަސް އަހަންނަށް އުނދަގުލެއް ނުވާ–”
“ޝްޝްޝް. ގޯ ޓު ސްލީޕް” ރިއާން ޒީވާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން ވާހަކަ މެދުކަނޑައިލިއެވެ. ޒީވާ މާ އަނގަ ގަދަވާން ފަށައިފިނަމަ ގޯހެއް ހެދިދާނޭ ރިއާންއަށް ހީވީ ކަހަލައެވެ.
“ރިއާން އޮފީހަށްވެސް ދާން ޖެހޭނެއްނު. ރަނގަޅަށް ނިދަން ވާނެއެއްނު” ޒީވާ އިސްއުފުލައިލަމުން ރައްދުދިނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ރިއާންގެ ގައިގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރި ކަހަލައެވެ. އަނދިރީގެ ތެރެއިން ފާޅުވާންހުރި ޒީވާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ކާރުތެރޭގައި އޭނާއަށް ފެނުނު ޒީވާގެ ތަސްވީރު ސިކުނޑިން ފޮހެވިގެން ނުުދާ ތަނުގައި އެތޫފާނީ ރޭގެ ސަބަބުން މާހައުލުގައި ހިފައިފައިވާ ފިނިކަން އޭނާގެ ހިއްސުތައް ހޭލައްވަމުންދިޔައެވެ. ހިތުގެ ގޮވައިލުން ދޮގުކުރެވުނު ނަމަވެސް ހަށިގަނޑުގެ އެދުން އޭނާއަށް ދޮގު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭހާލު ރިއާން އިތުރަށް ދެމީހުންގެ ދެމެދުގައިވާ ޖާގަ ހަނިކޮށްލިއެވެ. އޭރު އެކެއް އަނެކެއްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް އެ ދެމީހުންނަށް ވަނީ ކައިރިވެވިފައެވެ. އޭނާ ޒީވާގެ ހުޅިން ނެއްޓިގެން ފައިބައިފައިވާ އިސްތަށިތަށް ކަންފަތުގައި އަޅުވައިލިއެވެ. އަދި މަޑުމަޑުން ޒީވާގެ ކޯތާފަތުގައި އަތް ބީއްސައިލިއެވެ. އެ ބީހިލުމާއެކު ޒީވާގެ ދެލޯ މެރިގެންދިޔަ ގޮތްފެނި ރިއާންއަށް ހީވީ އެއީ އޭނާއަށް ލިބުނު ދައުވަތެއް ހެންނެވެ. ޒީވާގެ ހިތުގައި އޭނާއަށްޓަކައިވާ އިހުސާސްތައް އޭނާއަށް އެނގެއެވެ. އިންފަހަނައަޅައި ދެވޭއިރުވެސް ޒީވާ އޭނާގެ އަމަލުތަށް ހުއްޓުވާނެކަމާމެދު ރިއާންއަށް ޝައްކެވެ. ނަމަވެސް މިފަދަ ރެއެއްގައި، ޒީވާ އޭނާގެ ހިމާޔަތުގެ ދަށުގައި ވަނިކޮށް، ޒީވާގެ ފައިދާ ނަގާކަށް އޭނާގެ ޟަމީރު ހަމަހިލާ އެއްބަހެއްނުވިއެވެ. އެކަމަށްޓަކައި އޭނާ ދިޔައީ ވެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްތެރިވަމުންނެވެ.
“ޔޫ އަރ ރައިޓް ޒީވް.” ރިއާންގެ އަޑަށް ޒީވާއަށް ލޯ ހުޅުވައިލެވުނެވެ. ރިއާން އެ ބުނި އެއްޗެއް އަދި އެ މޫނުން ފެންނަމުންދާ އަސަރެއް ދޭހަ ކުރާކަށް ޒީވާއަކަށް ނޭނގުނެވެ. އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ވަނިކޮށް އަނެއްކާވެސް ރިއާން ވާހަކަ ދެއްކިއެވެ.
“ފީލިންގްސް ހޭވް ޗޭންޖްޑް.. ވީ.. ހޭވް ޗޭންޖްޑް. މިހާރު އަހަރުމެންނަކީ ކުޑަކުދިންނެއް ނޫން. ޔޫ އަރ އަ ވެރީ ކޮމްޕްލީޓް ވުމަން…” ރިއާން ޒީވާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. “އެންޑް އަ އޭމް… އަ މޭން.” ޒީވާއާ ހަތަރުކަޅި ހަމަކޮށްލަމުން ރިއާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދެޓްސް ވައި.. ވީ ކާންޓް ޝެއަރ ދަ ބެޑް ޒީވް. އެންޑް ދެޓްސް ވައި އައި އޭމް އެކްސްޕެކްޓިންގް ޔޫ ޓު އަންޑަރސްޓޭންޑް ވެން އައި ޓެލް ޔޫ ޓު ގޯ ބެކް ޓު ދެޓް ރޫމް. ނައު! ރައިޓް ދިސް މޫމަންޓް!”
ރިއާންގެ އަޑުގައިވާ އަސަރުން ޒީވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެބުނި އެއްޗެއްގެ މާނަ ނަގައިގަނެވުމާއެކު ލަދުންގޮސް މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އިތުރަށް މަޑުކުރަން ނުހަދައި ރިއާން އެދުނުގޮތަށް ދުވެލާފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
ރިއާންއަށް ފުންނޭވާއެެއް ދޫކޮށްލެވުނެވެ. ޖީބަށް ޖަހާލެވިފައިވާ އަތުގެ ތެރެއަށް ނިއްވާލި ސިނގިރޭޓު ރޯކޮށްލަމުން އަނެއްކާވެސް ބެލްކަންޏަށް ނުކުތެވެ.
“ގޯޝް ރާހިލް އައި ހޭޓް ޔޫ” ސިނގިރޭޓުގެ ދުންތަކާއެކު ރިއާންގެ އަނގައިން އެ ލަފްޒުތައް ބޭރުކޮށްލެވުނެވެ. މިއީ ހުސް ރާހިލްއާހުރެ އޭނާއަށް ޖެހޭހާ ކަންކަމެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Hii readers..
And finally the beginning of Zeeva & Riaan’s story dhw. Hope you all will like this episode. Please leave a feedback❤️
When next story upload kurany??
I LOOOVVVVVEEEEE IIITTTTTTT…
CANT WAIT FOR THE NEXT EPISODE….
Konme dhuvahaku episode eh kiyaalan libeyne nama… Even though I’ve read this story eh faharu, alun kıyan feshuneema, yk the urge to know what happens next… Even though Ik what’s gonna happen next… 😭😭