Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (8 ވަނަބައި)

Anya Level 310 Stories100 Login
November 30, 2025 12 Mins Read
1 Comment

“ގޯޝް ރާހިލް އައި ހޭޓް ޔޫ” ސިނގިރޭޓުގެ ދުންތަކާއެކު ރިއާންގެ އަނގައިން އެ ލަފްޒުތައް ބޭރުކޮށްލެވުނެވެ. މިއީ ހުސް ރާހިލްއާހުރެ އޭނާއަށް ޖެހޭހާ ކަންކަމެވެ.

************

ރިއާންއަށް އާ ހެނދުނަކަށް ހޭލެވުނީ ކޮފީގެ މީރުވަސް ނޭފަތުގައި ޖެހުމުންނެވެ. އިރުކޮޅެއް ވަންދެން މޫނުގައި ބާލީސް އަޅައިގެން އޮތުމަށްފަހު ކުޑަކުޑަކޮށް ދެލޯ ހުޅުވައިލަމުން އޭނާ އެބާލީސް ނެގިއެވެ. ސޯފާގެ ކައިރީގައި އިށީނދެލައިގެން އިން ޒީވާފެނި އޭނާއަށް މަޑުމަޑުން ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ޒީވާއާ ދެއްކުނު ވާހަކަތަކަކީ ކިހާ ގޮތެއްފޮތެއް ނެތް ވާހަކަތަކެއްކަން ހަނދާންވުމާއެކު ފުންމައިގެންތެދުވެ ސޯފާގައި އިށީނދެވުނެވެ. އޭނާއަށް ނިދުނީވެސް ފަތިސްވާން އުޅެނިކޮށް ކަމަށްވާތީ އޭރުވެސް ދެލޮލުގައި ނިދީގެ އަސަރު ހުއްޓެވެ.

“ކޮފީ؟” ޒީވާ އަތުގައި ހުރި ކޮފީމަގު ދިއްކޮށްލަމުން ބުންޏެވެ. ރިއާން އެ ތަށީގައި ހިފަން އަތް ދިއްކޮށްލިއެވެ. ނަމަވެސް އޭނާއަށް އޭގައި ހިފުމުގެ ކުރިން ޒީވާ އެ ތަށި ދުރުކޮށްލިއެވެ. “ފުރަތަމަ ބްރެކްފަސްޓް!” ޒީވާ އިންތަނުން ތެދުވަމުން ބުންޏެވެ. ކޮފީމޭޒު މަތީގައި ބަހައްޓާފައިހުރި ޓްރޭގައި ހެނދުނުގެ ނާސްތާ އަތުރާފައި ހުރިތަން ރިއާންއަށް ފެނުނީ އަދި ކިރިޔާއެވެ. ޕާނާއި ޖޭމް އަދި ބިސްގަނޑެއްގެ އިތުރުން ފޮތިކޮށް ކޮށާފައިވާ ދޮންކެޔޮވަކަކާއި އާފަލެއް ތަބަކުގައި އަތުރާފައި ވިއެވެ.

“ޔޫ ރިއަލީ ޑިޑިންޓް ހޭވް ޓު ޑޫ ދިސް” ރިއާން ބުނެލިއެވެ.

“ތިއީ ރިއާންއަށް ޝުކުރު އަދާކުރުމުގެ ގޮތުން އަހަރެން ކޮށްދިން ކަމެކޭ. ފްރިޖުން ފެނުން އެއްޗަކުން ކޮންމެވެސް ގޮތެއް ހަދާލީ. ކޮފީ މެޝިން ފެނުނީމަ އޭރުވެސް ހިތަށްއެރި ރިއާންތީ ހޭލާގޮތަށް ކޮފީބޯ މީހެކޭ. އެކަމަކު ކީއްކުރާނީ. އަހަރެން މަސައްކަތްކުރަނީ ސިއްހީ ދާއިރާގަ. ދުޅަހެޔޮގޮތް އޮއްވާ އެހާ ކަންފަސޭހަ އާދައަކަށް ހިތްވަރެއް ނުދެވޭނެދޯ.. ސޯ ކޮފީ ލިބޭނީ ބްރެކްފާސްޓް ނިންމާފަ.” ޒީވާގެ ވާހަކައިވި ވީފޫއްސާއި އައި ރުޅިން ރިއާނަށް މޫނުގައި އަތް އުނގުޅައިލެވުނެވެ. އޭނާއަކީ ހެނދުނު ހޭލާއިރު އާދަޔާހިލާފު ރުޅިއެއް އަންނަ މީހެކެވެ. ޒީވާ ނޫން މީހަކު އޭނާގެ ތާވަލަށް ހުރަސްއެޅިނަމަ މުޅި ގެވެސް ވައްޓާލާވަރު ކުރީހެވެ. ނަމަވެސް އޭނާގެ އެ ސިފަ ޒީވާއަށް ދައްކަން ރިއާން ބޭނުމެއް ނުވިއެވެ.

ފާރުގައި ހަރުކުރެވިފައިވާ ގަޑިން ހެނދުނު ނުވައެއް ޖަހައިފިކަށް އަންގަމުން ދިޔައެވެ. އެއީ ރިއާން އާންމުކޮށް ހޭލާ ގަޑިތަކަށްވުރެ ލަސް ގަޑިއެކެވެ. ހިތްހަމަނުޖެހިފައި އިނދެ ފައިދޮށުގައި އޮތް ޓީޝާޓުނަގައި ބޮލަށް މަހައިލަމުން ކައިރީގައި އޮތް އޫ ނަގައި އާފަލުފޮއްޗަކަށް ހަރައިލިއެވެ. ޒީވާއަށް ބަލައިލިއިރު އެހާ ހެނދުނާވެސް ޒީވާ ހުރީ ރޭގައި ލައިގެންހުރި ޔުނީފޯމަށް ބަދަލުކޮށް ގެއަށްދާން ތައްޔާރު ވެގެންކަން އޭނައަށް އެނގުނެވެ. ރިއާން ނާސްތާ ކުރުން އަވަސްކޮށްލިއެވެ. އޭނާއަކީ އާންމުކޮށް ދަތް ނޫނގުޅާ ކާ މީހެއްވެސް ނޫނެވެ. އެކަންވެސް ހަނދާން ނައްތާލައި ނާސްތާ ނިންމައިލުމަށްފަހު ކޮފީތަށި ދޭށޭ ބުނާފަދަ ގޮތަކަށް ޒީވާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ކޮފީތަށި ތުނބުގައި ޖައްސައިލިހިނދު އޭގައި ލީ ރަހައަކުން ރިއާންއަށް އެ ދުރުކޮށްލެވުނެވެ.

“މެޝިން ހުއްޓަކަސް އެއާ ކުޅެން ނޭނގެންޏާ އަހަރެންނަކަށް ކޮފީއެއް ނުގިރޭނެއްނު. އެހެންނޫނަސް އަހަންނަކަށް ނޭނގެ ރިއާން ބޯ ގޮތެއް. އެހެންވެ އަހަރެން ބޯ ގޮތަށް ގިރީ. ކޮފީ ޕްލަސް ގެރިކިރު.” ޒީވާ އޭނާގެ ކޮލުގައިވާ އަޑިކޮޅުތަށް ފެންނަހާ ބޮޑަށް ހިނިތުންވެލައިގެން އިނދެ ބުންޏެވެ. ރިއާން ކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރައިލުމެވެ. ކޮފީއަށް ގެރިކިރު އަޅައިގެން ބޮއެ އުޅެނީ ކޮން ގަބީލާއެއްގެ ކޮން ވަންހައެއްގެ ބައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ޒީވާގެ އެ ލޯބި ހިނިތުންވުން ފެންނަ މީހަކަށް ޒީވާދެކެ ރުޅިއާދެވޭނީ ކިހިނެތް ހެއްޔެވެ؟ ރިއާން އެއް ނޭވާއިން ކޮފީތަށި ހުސްކޮށްލުމަށްފަހު ޒީވާ ގާތު މަޑުކުރުމަށް ބުނެ ކޮޓަރިއަށް ދިޔައެވެ.

ރިއާން ނުކުންނަންދެން ޒީވާ ސޯފާގައި އިށީނދެ އިންއިރު އޭނާގެ ނަޒަރު އިރުއިރުކޮޅާ ކޮޓަރީގެ ދޮރަށް ހުއްޓެމުންދިޔައެވެ. ބައި ގަޑިއެއްހާއިރު ފަހުން ރިއާން ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި އަޅި ކުލައިގެ ސޯޓެެއްގައިހުރެ ނުކުމެގެން އައިތަން ފެނުނެވެ. ފެނުގެ ތާޒާ އަސަރު ހަރުލާފައިވާ އިސްތަށިތައް އަތްފުނާ އަޅަމުން އައިސް ސޯފާ ކައިރީގައި ހުރި މޭޒުގައި ބާއްވައިފައި އޮތް އަތުކުރީ ގަޑި އަޅައިލިއެވެ. އެމަަންޒަރު ބަލަން ޒީވާއަށް އާގަމަވެފައި ހުރެވުނީއެވެ. ރިއާންއަށް އެކަންވީ މަޖާ ކަމަކަށެވެ. އޭނާ އެއް މިޔަކަނިން ހިނިތުންވެލިއެވެ. ގަސްތުގައި ކަރުކެހިލަމުން ޒީވާ ގާތު ދާން ބުނުމާއެކު ޒީވާ ތުން އަނބުރައިލަމުން ރިއާންގެ ފަހަތުން ހިނގައިގަތެވެ. ފިސާރި ފޮނިވެސް ފިރިހެނެއްތާއެވެ.

ޒީވާ ދުވާރުމަތީގައި މަޑުކޮށްލީ ރިއާން ކާރު ހިފައިގެން އަންނަންދެން. އިރުކޮޅަކުން ކުރިމައްޗަށް ހުއްޓައިލި ކަޅުރަތްކުލައިގެ މޮޅު ސްޕޯރޓްސް ކާރު ފެނުމާއެކު ޒީވާއަށް އެއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ހުއްޓައި ކާރުގެ މަތިގަނޑު އުފުލިލައިފައި ގޮސް ކާރުގެ ފަހަތުގައި ބޭއްވުނެވެ. ޑްރައިވަރ ސީޓުގައި އިން ރިއާން ފެނުމާއެކު ޒީވާ އަވަސްއަވަހަށް ކާރަށް އެރިއެވެ.

“މީ ރޭގަ އައި ކާރެއް ނޫންދޯ. އަޅެ އޭގަ ވީ އަހަރެންގެ ފޯނާ ދަބަސްވެ-” ޒީވާގެ ވާހަކަ ފުރިހަމަވުމުގެ ކުރިން ރިއާން ޒީވާގެ ދަބަހާއި ފޯނު ދިއްކޮށްލިއެވެ.

“ދޮންބެގެ ސާޅީސް ހަތް މިސްޑް ކޯލް…” ފޯނު ބަލައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް އޭނާ ހުރީ ހެޔޮހާލުގައިކަން ރާހިލްއަށް މެސެޖު ކޮށްލުމަށްފަހު ޗާޖު ނެތުމުން ފޯނު ދަބަސް ތެރެއަށް ވައްޓައިލިއެވެ. “ރިއާން ކިތައް ކާރު ދުއްވަންތަ؟” ކާރުގެ އެތަން މިތަނަށް ބަލަމުން ޒީވާ އަހައިލިއެވެ.

“އަދި ދޭއް. ރޭގަ އައީ އަހަރެން އާންމުކޮށް ދުއްވާ އުޅޭޭ ކާރުގަ. އިޓްސްއަ މެޓް ބްލެކް މަސްޓޭންގް. މި ކާރު އާންމުކޮށް ނެރެލަނީ ހުކުރު ދުވަހު ހެނދުނު. އެހާ ވަރަކަށް ނުދުއްވޭ.” ރިއާން ގަޔާވެލައިފައި ބުންޏެވެ. ކާރެއްގެ ވާހަކައަކިއްޔާ ފޫހި ކަމެއްނެތި އޭނާއަށް ކިތަންމެ ވަރަކަށްވެސް ދެއްކިދާނެއެވެ.

“އަންނަ މަހުގަ އެބަ ގެންނަން އިތުރު ކާރެއް. މާލެ ކޮޅުގަ ބާއްވަން. އިޓްސް އަ…” ރިއާން ޝައުގުވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައިރު ޒީވާއަށް އިނދެވުނީ އެ މޫނުމަތީގައިވާ ހިނިތުންވުމަށް ގެއްލިފައެވެ. އެކި ވާހަކައިގައި ތިބެ ބައިގަޑިއެއްހާއިރު ފަހުން ޒީވާމެން އުޅޭ ގެ ހުންނަ މަގުގެ ކަންމައްޗަށް ކާރު ހުއްޓައިލިއެވެ.

“ރިއާން ނުފައިބާނަންތަ؟” ކާރުން ފޭބުމުގެ ކުރިން ޒީވާ ބުންޏެވެ.

“އެހެން ފަހަރަކުން ދޯ. މިވަގުތު ދާނީ އޮފީހަށް.” ރިއާން ބުންޏެވެ.

“މަންމަ ވަރަށް ކިޔާ ރިއާން ނާންނަ ވާހަކަ.” ޒީވާ ބުންޏެވެ. ރިއާން އިރުކޮޅަކު ވިސްނާލުމަށްފަހު ބޯ ޖަހައިލިއެވެ. މިއަދު ދިޔައިމާ ދެން މިކަންވެސް ނިމުނީތާއޭ އޭނާގެ ހިތަށް އެރިއެވެ. އެންމެ އަވަހަށް ލިބުނު ޖާގައިގައި ކާރު ބާއްވައިލުމަށްފަހު ޒީވާއާއެކު ހިނގައިގަތެވެ.

އެޕާރޓްމެންޓްގެ ބެލް އަޅައިލުމާއެކު ދޮރު ހުޅުވައިލީ އިޝްވާއެވެ. އޭނާ އިރުކޮޅަކު ދެލޯބޮޑުކޮށްގެން ހުރެފައި ކުއްލިއަކަށް އަޑުކޮޅަށް ހަޅޭލަވައިގަންނަމުން އެތެރެއަށް ދުއްވައިގަތެވެ.

“ޕްލީޒް އެކްސްކިއުޒް މިގޭ ޑްރާމާކުއީން.” ޒީވާ ކަޅި މައްޗަށް ހިންގައިލަމުން ގޭތެރެއަށް ވަނެވެ. ރިއާންވެސް ސޯޓުގެ ޖީބަށް އަތް ޖަހައިލައިގެންހުރެ ޒީވާގެ ފަހަތުން ވަނެވެ. ނަމަވެސް ސޯފާގައި އިން މެދުއުމުރުގެ ފިރިހެން މީހާ ފެނުމާއެކު ޒީވާގެ ފިޔަވަޅުތައް ހުއްޓުނެވެ.

“ބައްޕާ. ކޮން އިރަކުތޯ ދުރުވީ؟” އެ ސުވާލަށް ނާޝިދުގެ ޖަވާބެއް ނުލިބިގެން އުޅެނިކޮށް ޒީވާގެ އަޑަށް ބަދިގޭގައި ހުރި ވާފިޔާ އައިސް ޒީވާގެ ގައިގައި ބައްދައިލިއެވެ.

“ދަރިފުޅު ކޮންތާކުތަ އުޅުނީ؟ ފަތިހު ބައްޕަ އައިއްސުރެން މަންމަ ހާދަ ގުޅައިފީމޭ. މަންމަމެން ހީކުރީ ހެނދުނު ޑިއުޓީއަށް ދިޔަކަމަށް. އިޝީ ރޭގަ ނާދެޔޭ ބުނީމާ މަންމައަށް އެނގުނީ ދަރިފުޅު ނެތްކަން. ކޮންތާކު ރޭ ގުގުރިޖެހި އިރު އުޅުނީ؟؟” ވާފިޔާގެ އަޑުން އޭނާގެ ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.

“މަންމާ. އަހަރެން މަގުމަތީގަ ހުރެފަ ދޮންބެއަށް ގުޅީމަ ދޮންބެ ރިއާން ފޮނުވީ. އަހަރެން އެ ގޭގައޭ ހުރީ.” ޒީވާގެ ވާހަކަ އިވުމާއެކު އިޝްވާ ބޯންއިން ކޮފީފޮދު ކަރުގައި ތާށިވެ ކެއްސަން ފެށިއެވެ. ޒީވާ އިޝްވާއާ ދިމާލަށް ލޯ އަޅައިލިއެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާހާލު ވާފިޔާ ފަހަތުގައިހުރި ރިއާންއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

“ރިއާން. ދަރިފުޅުވެސް އެބަހުރިންތަ؟ އާދޭ އަވަހަށް އިށީންނަން.” ވާފިޔާއަށް ހިނިތުންވެލަމުން ރިއާން އައިސް ސޯފާގެ ވަކިން އިށީނދެވެން ހުރި ގޮނޑީގައި އިށީނެވެ.

“ނާޝިދަށް އެނގޭތަ މިސޮރު މިހާރު މިގެއަށް ނުވެސް އާދޭ. މާލެ އައިސް އުޅޭތާ އަހަރެއްވިއިރު ރަނގަޅެއްނު ގައިމު އެއްދުވަހު މިގެއަށް ވަދެލަން. ރާހިލް ނެތަކަސް ގައިމު ޒީވެސް މިއީ ކުޑައިރު ރިއާންއާ އެއްކޮށް އުޅެ ބޮޑުވި ކުއްޖެއް ވިއްޔާ” ވާފިޔާ ޝަކުވާ ކުރިއެވެ.

“ތަންކޮޮޅެއް ބިޒީވީމަ ދައްތާ” ރިއާން ބޯ ކަހައިލަމުން ބުންޏެވެ.

“އެ ތެދެކޭ ވާފިޔާ. އެއި ދެން މިހާރު ކުޑަކުދިންނެއް ނޫނެއްނު. ރިއާންއަކީ މިހާރު އެއަށްވުރެ ޒިންމާތައް ގިނަ ޒުވާނެކޭ.. މިހާރު ރިއާން އެހުރީ ރާއްޖޭގެ އެންމެ މުހިއްމު ސިނާއަތުގެ އެންމެ ދުވަސްވީ ވިޔަފާރީގެ ހުންގާނުގަ. ކޫސަނި ކަންކަމަށް ވަގުތެއް ނުވާނެތާ.. ކޮބާ އެއްކަލަ ސަފާރީ ފްލީޓްގެ ކަންތައް މިހާރު ނިމުނީތަ؟” ނާޝިދު ރިއާންއަށް ތައުރީފު ކޮށްލިއެވެ.

“ބުނަން ވާހަކައެއް. މިގަޑީ ކޮންމެހެން ތި ވިޔަފާރި ވާހަކައެއް ދައްކާނެ ކަމެއް ނެތް. ރިއާން. ދަރިފުޅު މެންދުރު ކައިގެންނު ދާންވާނީ.” ވާފިޔާ އެދެމީހުންގެ ވާހަކައަށް ހުރަސްއެޅިއެވެ.

“މަންމާ. ރިއާން އެހެރީ މިހާރުވެސް ދާން ލަސްވެފައޭ.” ޒީވާ ސޯފާގައި އިން އިޝްވާގާތު އިށީންނަމުން ބުންޏެވެ.

“އެކަމަކުވެސް ހެވޭ. މަންމައަށް ޔަގީން އެގެއަށް ގޮސްފަ އައި އިރު ޝީރީންވެސް ދަރިފުޅަށް ސައިނުދީ ނުފޮނުވާނެކަން.” ވާފިޔާ ބުންޏެވެ. ވާފިޔާގެ ހީކޮށްގެން އެ އުޅެނީ ޒީވާ ރިއާންގެ މަންމަމެންގެ ގޭގައި މަޑުކުރި ކަމަށްކަން ރިއާންއަށް ނަގައިގަނެވުނެވެ. އެ ހީވުން އެގޮތަށް އޮތުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ބަލައި ރިއާން ޒީވާއަށް ބަލައިލަމުން ބޯ ހޫރައިލީ އެ ވާހަކަ ދޮގުނުކުރުމަށް އިޝާރާތް ކުރަމުންނެވެ. ނަމަވެސް ރިއާންގެ ހަރަކާތުން ޒީވާއަށް ހީވީ އެވާހަކަ އޮޅުން ފިލުވައިދޭން ބުނީކަމުގައެވެ.

“މަންމާ. އަހަރެން ދިޔައީ ޝީރީން ދައްތަމެން ގެއަކަށް ނޫނޭ. ރިއާން މިހާރު އުޅެނީ ވަކިންނޭ.”

“ވަޓް؟؟؟” ޒީވާގެ ވާހަކަ އިވުމުން އިޝްވާއަށް ކުއްލިއަކަށް ބުނެވުނެވެ. ރައްދުގައި ޒީވާ އިޝްވާގެ ބަނޑުގައި އުޅަބޮށިން ޖަހައިލިއެވެ. ރިއާން އޭރު އިނީ ޒީވާގެ މޮޔަކަމާމެދު ވިސްނި ހަމަ ރަނގަޅަށްވެސް ބޯ ގޮވައިފައެވެ. ނަސީބު ދިމާކުރިގޮތުން ވާފިޔާއަށް އެއީ މާ ބޮޑު ކަމަކަށްނުވި ނަމަވެސް ރިއާން ވިސްނީ ވީހާވެސް އަވަހަކަށް އެތަނުން ދިޔުމަށެވެ.

“ދައްތާ. އަޅުގަނޑު ގޮސްލީ އިނގޭ” ރިއާން ކޮޅަށް ތެދުވިއެވެ. އަދި ނާޝިދަށް ބޯ ޖަހައިލުމަށްފަހު ވާފިޔާގެ އިޒުނައާއެކު ދޮރުން ނުކުންނަން ހިނގައިގަތް ވަގުތު ފަހަތުން އިޝްވާ ގޮވައިލި އަޑު އިވުނެވެ.

“ރިއާންބޭ.. އިޝީ ޑްރޮޕް ކޮށްދީބާ ބާސްކެޓް ކޯޓަށް ޕްލީޒް ޕްލީޒް ތޭންކްސް.” ރިއާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި އިޝްވާ ދަބަސް ހިފައިގެން ރިއާންގެ ފުލުން އަޅުވައިލިއެވެ. އެއީ ހަމަ ރާހިލްގެވެސް ގޮތޭ ރިއާންގެ ހިތަށް އެރިއެވެ. މީހަކު ބުނާނެ އެއްޗަކަށް ބެލުމެއް ނޯންނާނެއެވެ. އެޕަރޓްމެންޓްގެ ދޮރުން ނުކުމެވުމާއެކު އިޝްވާ ކަރުކެހިލަމުން ރިއާންގެ އަތުގައި ޖެހިގަތެވެ. ރިއާން ބަލައިލިއިރު އިޝްވާހުރީ އަނގައިގެ ހުރިހާ ދަތެއް ފެންނަ ވަރަށް ހީގެން ރިއާންއަށް ބަލާށެވެ.

“ނޯ އިޝްކޮ. ޑޯންޓް އިވަން ތިންކް އަބައުޓް އިޓް!!” ރިއާންއަށް އިޝްވާގެ ހިތުގައި އޮތް އެއްޗެއް އެނގިހުރެ ބުންޏެވެ.

“ދެން އަޅެ ކޮބާތަ މައްސަލައަކީ… ދެންމެ އެތެރޭގަ ހުރި އިރުވެސް ތި ދެމީހުންނަށް އެތަނުން އެހެން ބައެއް ނުވެސް ފެންނަކަހަލަ. އެހާވެސް ގެއްލިފަ. އައި ކުޑް ފީލް ދަ ޓެންޝަން ހަމަ. އިޝީވެސް މިހާރު އެހާ ކުޑައެއް ނޫނޭ.. އިޝީއަށްވެސް އެނގެޔޭ ވާނުވާ..” އިޝްވާ ބުންޏެވެ. ރިއާންގެ ހިޔާލު ދަތުރުކުރީ އެރޭ އޭނާއާއި ޒީވާގެ ދެމެދުގައި ހިނގައިދިޔަ ކުޑަ ހިނދުކޮޅަށެވެ. ޒީވާއެކޭ އެއްފަދައިން ރިއާންވެސް އެއީ ނުވާކަމެއް ކަމުގައި ނިންމައިގެން ހުއްޓަސް ޒީވާ ކޮޓަރިއަށް ނުވަތްނަމަ ރޭ އެދެމެދުގައި ހިނގާނެ ކަންތައްތަކުގެ ހިޔާލުތައް އޭނާގެ ސިކުނޑި ހިސާރު ކޮށްފައިވިއެވެ.

“އޯކޭ. މަޑުން ހުރީމަވެސް އެނގިއްޖެ” ރިއާންގެ ފަރާތުން ރައްދެއް ނުލިބުމުން އިޝްވާ ބުންޏެވެ.

“ކޯއްޗެއްތަ؟ އިޝީ ޕްލީޒް ހުއްޓާލަބަ. ތި ދެން ކޮން ވާހަކައެއްތަ؟” ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“އަހަންނަކަށް ނުފެނޭ މައްސަލައެއް. ރިއާންބެއަށް ރަނގަޅަށް އެނގޭ ދޮންތި ލައިކްވާކަން. ރިއާންބެ ބުނާގޮތުން ރިއާންބެވެސް އެއްވެސް ކުއްޖެއްދެކެ ލައިކް އެއް ނުވޭ. ފުރުސަތެއް ދިނިއްޔާ ދޮންތިވެސް އުފާ ވާނެއްނު.” އިޝްވާ ބުންޏެވެ.

“ތިކަހަަލަ ވާހަކަ ނުދައްކާ. ރާހިލްއަށް އެނގުނިއްޔާ ވަރަށް ހިތްހަމަނުޖެހޭނެ. އެހެންނޫނަސް އިޝްކޮއާ ޒީވްއާ އަހަރެންނަށް ވަކި ތަފާތެއް ނޯންނާނެ. ޒީވްއަށްވެސް މިހާރު ވިސްނޭނެ. ކުރިންހެނެއް ނުވާނެ. މިހާރު ކޮން ދުވަހެއް” ރިއާން ލިފްޓުން ނުކުންނަމުން ބުންޏެވެ.

“އެހެންވިއްޔާ ކީއްވެތަ ދޮންތި އަދިވެސް އޭގެ ފަހުން ރިލޭޝަން އަކަން ނުގޮސް އުޅެނީ؟ ދޮންބެއަކީ ތި ބުނާހާ ބޯހަރު މީހެއްނޫން. ދޮންބެވެސް ބޭނުންވާނެ ދޮންތި އުފަލުގަ ހުންނަން. ކޮންމެސް އެހެން ކަމަކާ ރިއާންބެ ބިރުގަންނަނީ. ހާދަ ފިނޑިއޭ ދޯ”

“އިޝްކޯ” އިޝްވާގެ ވާހަކައަށް ރައްދެއް ނުދެވިގެން އުޅެނިކޮށް މީހަކު ގޮވައިލި އަޑު ރިއާންއަށް އިވުނެވެ. އޭރު އުނަގަނޑާ ހިސާބަށް ދިގުކޮށްފައި އޮތް އިސްތަށިގަނޑެއްގެ ވެރި ފިރިހެނެއް އެމީހުނާ ދިމާލަށް އަންނަތަން ފެނެއެވެ. އެމީހާއަށް އިޝްވާ ނުފެންނާނެ ފަދައިން ރިއާން މަގަތަށް ޖެހިލިނަމަވެސް ކުއްލިއަކަށް އޭނާ އައިސް އިޝްވާގެ ކުރިމައްޗަށް އެރިއެވެ.

“ދުރަށްދޭ!” އިޝްވާ އަޑަށް ބާރުލައިފައި ބުންޏެވެ.

“ސޮރީއޭ އިޝްކޯ” އެމީހާ އިޝްވާއާ ވާހަކަދެއްކި ގޮތުން ރިއާން ހައިރާންވިއެވެ. އިތުރުކަމެއް ކުރަން ނޭނފިފައި ހުރެވުނީ އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއް ނޭނގޭތީއެވެ.

“ކިހާ ދެރަކަމެއްތަ؟ މިބުނީނު ދުރަށްދާށޭ.” އިޝްވާ އޭނާ ކޮށްޕައިލިއެވެ.

“އިޝީ އެބުނީނު ދުރުގަ ހުންނާށޭ” ރިއާން އެމީހާގެ މޭގައި އަތްއަޅައި ދުރުކޮށްލިއެވެ. ކުއްލިއަކަށް އެމީހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ރުޅިއައިސްފައި ރިއާންގެ އަތް ފޮޅުވައިލަމުން ރިއާންއަށް ބަލައިލިއެވެ.

“މީ ކާކުތަ؟ މީނަ ހުރީމަތަ މަގޭ ކައިރި މާ ވަރަކަށް ތި ފުއްޕަނީ؟ މަ ދުށީމޭ މަގޭ ބޭބީޑޯލް ގޮވައިގެން މިއަދު މީނަ އައިތަން” ރިއާންއަށް އިޝާރާތްކޮށް އެމީހާ އިޝްވާއާ ދިމާލަށް ބުންޏެވެ.

“ކޮންމެ މީހަކަސް ކީއްތަ؟ ބަލާބަލަ ފޯނު. އަހަރެން ކިތައް ފަހަރު ގުޅާފަ އޮތްތޯ. އެހެންވެ އަހަރެން ބުނަނީ ފައިސަލް ތި ބުނާ ކަމެއް އަހަރެންނަކަށް ނުވާނޭ. ގައިމު އަހަންނަށް އެނގޭ ރޭގަ ހަމަހޭގަ ހުރިނަމަ ފައިސަލް ދޮންތަ ބަލާ ދާނެކަން. އެހެންވީމާ ފައިސަލަށް ނުދެވޭ ކަމަށް ވަންޏާ ދޮންތަ ކޮންމެ މީހަކާ އެއްކޮށް އަޔަސް ކީއް؟ އަދި ބުނަން؟ ދެވަނަ ފަހަރަށް ތި ފާޑަށް އަހަންނާ ދިމާލަށް ފެލި ނުގަންނައްޗޭ. އަހަރެން ފައިސަލާ ވާހަކަ ދެއްކީ ފައިސަލްގެ އުޅުމަށް ބަލާފަ ފުރުސަތެއް ދޭން ދޮންތަ ކައިރި ބުނާނަމޭ ހީކޮށް. ދެން އެކަމަކު އެކަން ހަނދާން ނައްތާލާ.” އިޝްވާގެ ވާހަކަ ނިންމައިލިއެވެ. ލަސްކުރުމެއްނެތި އޭނާ ރިއާންގެ އަތުގައި ހިފައި ދަމަމުން އެތަނުން ދުރަށް ދިޔައެވެ.

“އެއީ ކާކު؟ މީ ކޮންކަމެއް؟” ރިއާން ކާރާ ހިސާބަށް އައުމަށްފަހު އަހައިލިއެވެ.

“އަޅާނުލާ. އެއި އެހާވަރު ކަމެއްނޫން. އޭނަ ދޮންތި ސެޓުކުރަން އުޅޭތާ ވެދާނެ ދެ އަހަރެއްވަރު. އަހަރެން ބުނީ އޭނަ ރަނގަޅަށް އުޅެންޏާ ދޮންތިގެ ކަންތައް ކޮށްދޭނަމޭ” އިޝްވާގެ ވާހަކައިން ރިއާންގެ ލޭ ކެކިގަތެވެ.

“ރިއަލީ އިޝީ؟ އެބަ އެނގޭތަ ތި ކުރެވޭ ކަމެއް؟ އެކަހަލަ މީހުނާ އިޝްކޮ ވާހަކަ ދައްކަނީ ކީއްކުރަން؟ އެންޑް ޒީވާއާ އޭނައާ އެއީ ގުޅުވުން އެއީ ރަނގަޅުކަމެއްކަން އިޝީގެ ހިޔާލަށްވެސް އައީ ކިހިނެތް؟” ރިއާންގެ އަޑު ކާރުގެ ތެރޭގައި ގުގުމައިލިއެވެ.

“އޯކޭ ޗިލް ބްރޯ. ދޮންތިހާ އެކަނިވެރިކޮށް އުޅޭ އެ އުމުރުގެ ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން… އެހެންވެ ރިއާންބެ ދޮންތިއާ ގުޅެން ނޫޅޭތީ އިޝީ ބަލާލީނު އެހެން ގޮތެއް ވޭތޯ. ސޮރީ އިޝީއަށް ނުވިސްނުނީ” އިޝްވާ މަޑުމައިތިރި ކަމާއެކު ބުންޏެވެ. ފުރަތަމަ ރަނގަޅު ހިޔާލެއްހެން ހީވިޔަސް ފައިސަލްއާ އޭނާގެ ދޮންތަ ގުޅުވުމަކީ ގޯސް ހިޔާލެެއްކަން އޭނާ އަމިއްލައަށްވެސް ފަހުން ވިސްނުނެވެ. އައިސްފައިވާ ރުޅިން ރިއާންއަށް ދަތްކުނޑި ވިކައިލެވުނެވެ.

“އަޅެ ސޮރީ. ބައްޕަ ނޫނީ ދޮންބެ ކައިރި ނުބުނައްޗޭ. ޕްރޮމިސް ދެން ނުދައްކާނަން ފައިސަލްއާ ވާހަކައެއް.” ރިއާންގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔަތަން ފެނި އޭނާ އައިސްފައިވާ ރުޅި އަންދާޒާ ކޮށްލެވުނު އިޝްވާ ބުންޏެވެ. ރިއާން އެ ވާހަކައަށް ރައްދު ދިނުމެއްނެތި ކާރު ސްޓަރޓް ކޮށްލިއެވެ.

“އޯ ވާއު. ދޮންތި އިމްޕްރެސް ކުރަންތަ މި ކާރުގަ އައީ؟” އިޝްވާގެ ތުންފަތާ ކުޅެލީ ހިނިތުންވުމެކެވެ. ރިއާން އިޝްވާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ރޭގައި ރާހިލްގާތު ޝަކުވާ ކުރިއިރު އޭނައާއެކު ހުރީ ޒީވާކަން ޝުކުރު ކުރުމަށް ބުނި ބުނުމުގެ ތެދުކަން އޭނާއަށް މިހާރު އެނގިއްޖެއެވެ. އިޝްވާއާއެކު ގިނަވަގުތު ހޭދަކުރަން ވެއްްޖެނަމަ އޭނާ ހަމަ ރަނގަޅަށްވެސް ދުނިޔެއިން މޮޔަވެދާނެއެވެ. އެއީ މިޒާޖުގެ ގޮތުން ހަމަ ރާހިލްގެ ތައްގަނޑެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

***************

“ހުރިހާކަމެއް ނިމެންދެން މި ކަމުގެ ތެރޭގަ އުޅުނު އެންމެނަށްވެސް ވަރަށްބޮޑަށް ޝުކުރިއްޔާ. ދެން އޮތީ އެންމެ ފަހު މަރުހަލާ.. އެއީ ހުޅުވުމުގެ ރަސްމިއްޔާތު. އުއްމީދު ކުރަނީ މި ލިބުނު އެއްބާރުލުން ކުރިއަށް މިއޮތް 7 ދުވަސް ތެރޭގަވެސް ހަމަ ލިބޭނެ ކަމަށް. އެނގޭ ވަރަށް ކުރު މުއްދަތެއްކަން… އެކަމަކުވެސް އަހަރުމެންނަށް މިކަން ވާނެ. ނިންމާލަމުން އެންމެނަށް ހަދިޔާއެއްގެ ގޮތުން މާދަމައަކީ ޕެއިޑް އޮފްޑޭ އެއް ގޮތުގަ ހަމަޖެހިފައި އޮތް ވާހަކަ ބުނެލަން. ސީ ޔޫ އޯލް ސޫން”

ހޮޓެލްގެ މަސައްކަތްތައް ނިމުން ފާހަގަކުރުމަށް ރިސެޕްޝަން އޭރިއާގައި ބޭއްވުނު ކުޑަ ބައްދަލުވުމުގެ ތެރެއިން ޝައިނާގެ ވާހަކަ ނިމުމާއެކު އެއްވެފައިތިބި ފަންސަވީހަކަށް މުވައްޒަފުންގެ ތަރުހީބާއި ހަޅޭކުގެ އަޑު އިވިގެންދިޔައެވެ. ކޮންމެވެސް ވަރަކަށް މީހުން މަދުވާން ފެށުމުން އެންމެ ފަހަތުގައިހުރި ރާހިލްއަށް ޝައިނާ ފެންނަވަރު ވިއެވެ. އޭނާގެ ނަޒަރު ޝައިނާގެ ނިތްކުރީގައި ހަރުކުރެވިފައިވާ ބޭސްމަލަންކޮޅަށް ދަތުރުކުރިއެވެ. ހަމައެވަގުތު ޝައިނާވެސް އޭނާއާ ދިމާލަށް ބަލައިލުމުން ދެމީހުންގެ ހަތަރުކަޅި ހަމަވެ ރާހިލްގެ ހިތް އާދަޔާ ހިލާފު ބާރުމިނެއްގައި ތެޅިލިއެވެ. ހުދު އޭނާއަށްވެސް އެވީ ކިހިނެއްކަމެއް ނޭނގުނެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލި ނަމަވެސް މާކުރިން ރާފިއުގޮސް ޝައިނާގެ ކޮނޑަށް އަތް ވައްޓައިލިތަން ފެނި ރާހިލްއަށް ފިޔަވަޅު އަޅައިލެވުުނީ ފަހަތަށެވެ. އިތުރަށް މަޑުކުރުމެއްނެތި އޭނާ އެތަނުން ނުކުމެގެންދިޔައީ އެވަގުތު ދޮރުން ވަދެގެން އައި ނިހާމްގެ ކޮނޑުގައި ބާރަށް ޖެހިގަންނަމުންނެވެ.

ރާހިލް ދިޔަގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ނިހާމްއަށް އެނގުނެވެ. ދުރުގައިހުރި ޝައިނާއާއި ރާފިއުއަށް ބަލައިލުމަށްފަހު އޭނާ ދުވެލާފައިގޮސް ރާހިލްއާ އަރައި ހަމަަކޮށްލިއެވެ.

“އޭ ހާދަ ރުޅިއެއް އައިއްސަ ތިއޮއް ޗިލް ގޮލާ. މަންޖެއާ މައްސަލައެއް ޖެހުނީތަ؟” ނިހާމް ރާހިލާ އެއްވަރަކަށް ހިނގަމުން އަހައިލިއެވެ.

“އަހަރެންތަ؟ އަހަރެން ރުޅި އަންނަންވީ ކޮންކަމަކާތަ؟ އެހެންނޫނަސް އަހަރެންގެ ނުހުންނާނެ ތިބުނާވަރު މަންޖެއެއް.” ރާހިލް ހަމަޖެހޭކަން ދައްކަމުން ބުންޏެވެ.

“ތިކަން މަށައްވެސް އެނގެޔޭ. އަންހެނެއްގެ ކަންތަކާ ރާހިލް ސީރިއަސްއެއް ނުވާނެކަން! މި ފަހުން ޖައްސަައިގެން ތި އުޅޭ މަންޖެވެސް މަށަށްވިއްޔަ މިހާރު ހުރިހާ އުނދަގުލެއް ކުރަނީ ރާހިލް ފޯނު ނުނަގައިގެން. މަށަށްވެސް ނޭނގިގެން މި އުޅެނީ ތި ރުޅިއައިސްފަހުރި ސަބަބެއް.. ހަމަ ސީރިއަސް މަންޖެއެއް ހުރެދާނެއްނު” ނިހާމް ދެމާނަ އެކުލެވިފައިވާ ގޮތަކަށް ބުނެލިއެވެ.

“މިހާރު މި ގެންގުޅޭ ބިޓުގެ ކަަންތައްވެސް މާ ބޮޑީ. އެޔެއްނޫން ދެން.. ކީކޭ ކިޔަން ތި އުޅެނީ؟” ރާހިލްގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. ހަގީގަތުގައިވެސް އޭނާ ހުރީ ސަމާސާ ކުރާކަހަލަ މޫޑެއްގައެއް ނޫނެވެ.

“އެއްޗެކޭ ނޫން.. މަ ބުނީ ރޭގަ ހޮސްޕިޓަލުގެ ނަންބަރު ހޯދަން އުޅުމާ ޝައިނާގެ ބޮލުގަ ޖަހާފަ އެހެރަ ބޭސްމަލަމާ ގުޅުމެއްވޭތަ؟” ނިހާމް ސުވާލުކުރިއެވެ. އޮޅުވާލަން ބޭނުންވި ނަމަވެސް ނިހާމަކީ އެހާބޮޑު މޮޔައެއް ނޫންކަން އޭނާއަށްވެސް އެނގެއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރާހިލް ރޭގައި ހިނގައިދިޔަ ކަންތައްތަށް ކިޔައިދިނެވެ. އޭނާ ސޯފާގައި އިންދާ ޝައިނާ އައިސް އުނދަގޫ ކުރަންފެށި ހިސާބުން ފަށައިގެން ޝައިނާ ހޭއެރުމަށްފަހު ހިނގައިދިޔަ ކަންތައްތަކާ ހަމައަށެވެ.

“ނިކަން އަޅެ ނިހާމް ބުނެބަލަ.. އަހަރެން ދިޔައީ ފާހަނައިގެ ލައިޓްވެސް ދިއްލާފަ. ޝައިނާ އެހާ އޮވަރ ރިއެކްޓް ކުރަންޖެހޭ ސަބަބެއް މީގަ އެބޮތްތަ؟” ރާހިލް ވާހަކަ ނިންމައިލަމުން އަހައިލިއެވެ.

“ނޭނގެދޯ. ވެދާނެެއްނު އޭނާ ބިރުގަތީ ކަމަށް” ނިހާމް ޖަވާބުގައި ބުންޏެވެ.

“ޝައިނާ؟ އޯ ޕްލީޒް ތީ ނިހާމަށް ޝައިނާގެ ގޮތް ނޭނގޭތީ ބުނާ އެއްޗެއް. މިތަނަށް ފުރޭތައެއް އެރިޔަސް އެ ފުރޭތަވެސް ދާނެ ޝައިނާ ލޯ އަޅާލާ ގޮތުން ބިރުން” ރާހިލް ހީނގަތެވެ.

“ތީ ރާހިލްއަށް ހީވާ ގޮތް. މި އަންހެންވެރިން ކިތަންމެ ގަދަވެފަ ތިމާވަރެއް ނެތިގެން އުޅުނަސް އެކަހަލަ ކަންކަމުގަ ފިސާރި ފިނޑިވާނެ. އެ ވާނީ ހަމަ ބިރުގަތީކަމަށް. އަޅާނުލާާ ބެހެއްޓީމަ އަމިއްލައަށް އައިސް ވާހަކަދައްކަން ފަށައިފާނެ” ނިހާމްގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ. އޭނާވެސް އުއްމީދު ކުރަމުން ދިޔައީ ނިހާމް އެ ބުނި ފަދައިން ކަން ވާނެ ކަމަށެވެ. ޝައިނާ އަމިއްލައަށް އިސްނަގައިގެން އޭނާއާ ވާހަކަދައްކާނެ ކަމަށެވެ. ނަމަވެސް ކަން ހިނގަމުންދިޔައީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. އެދުވަހުގެ މެންދުރު އައި ރިއާންގެ ކޯލާއެކު މިފަހަރު ޝައިނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫންކަން ރާހިލްއަށް އެނގުނެވެ.

“އަހަރެންނަކަށް ނޭނގެ ރިއާންއާ ހިސާބަށް ޝަކުވާ ދާންވި ސަބަބެއް. އެއީ އެހާވަރު ކަމެއްވެސް ނޫން.” ރިއާން ފޯނުން ދައްކަމުންދިޔަ ވާހަކައަށް ރާހިލް ރައްދު ދިނެވެ.

“އެކަމަކުވެސް ޝައިނާ ބޭނުންވަނީ ރޫމް ޗޭންޖް ވާން. އެންމެ ފުރަތަމަވެސް އޭނަ ބޭނުންވީ ވަކިން ހުންނަންް. މިހާރު ދެން އެ ގެސްޓްހައުސްގެ ތިރިން އިތުރު ރޫމްތަކެއްވެސް ހުސްވެފަ އެބަހުރި. އެހެންވީމާ ރާހިލް އެއިން ކޮޓަރިއަކަށް ބަދަލުވޭ. އޭރުން އަހަރެންނަށްވެސް ތަންކޮޅެއް ބޮލަށްފަސޭހަ ވާނެ ކަންނޭގެ. ތިކޮޅަށް ދިޔައިއްސުރެން އަހަރެން އަބަދު އުޅެން މި ޖެހެނީ ތި ދެމީހުންގެ ކޮންމެސް ކަމެއްގަ. އަސްލު އެޗް.އާރް އަށް ތިކަން އެނގުނިއްޔާ މާ ބޮޑުކޮށްލާނެ. އެހެންވެ ކަންނޭގެ ޝައިނާވެސް ރާހިލްގެ ކަމަކިއްޔާ އަހަރެންނަށް ގުޅަނީ. ސޯ މިބުނި ގޮތަށް ކަންތައް ކުރޭ” ރިއާން ބުންޏެވެ. އިތުރަށް ޒުވާބުކުރުމުގެ ބަދަލުގައި ރާހިލްވެސް ރިއާންގެ ވާހަކައަށް އެއްބަސްވަމުން ފޯނު ކަނޑައިލިއެވެ. އެވަގުތުން އެވަގުތައް ތިރިން ކޮޓަރިއަކަށް ބަދަލުވުމުގެ މަސައްކަތް ފެށިއެވެ.

***********

ހިނގައިދިޔަ ކަންތައްތަކާއިހުރެ ރާހިލްއާ ޝައިނާގެ ދެމެދުގައި އޮތް ގުޅުން ހީނަރުވަމުންދިޔަ ވަރަކަށް ޝައިނާއާ ރާފިއުގެ ދެމެދުގައި އޮތްގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. މަސައްކަތުގެ ސަބަބުން ގިނަ ފަހަރަށް ޝައިނާ އުޅޭގޮތް ބަލައިނުލެވުނު ނަމަވެސް އެންމެން އެކުގައި ބައްދަލުވާ މަދު ފަހަރުތަކުގައިވެސް ރާހިލްއަށް އެކަން ފާހަގަވަމުން ދިޔައެވެ. އެއްބައި ރޭރޭ އޭނާ ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެން ހުންނަ ވަގުތު ރާފިއުގެ ސައިކަލުގައި ޝައިނާ ގެސްޓްހައުސްއަށް ގެނެސްދޭ މަންޒަރުގެ އިތުރުން ބައެއް ރޭރޭ ޝައިނާއާއެކު ރާފިއު ގެސްޓްހައުސްއަށް ވަންނަތަންވެސް އޭނާއަށް ފެނެއެވެ. އެ މަންޒަރުތަކުގެ ސަބަބުން އޭނައަށް ބުނެދޭން ނޭނގޭ އުނދަގުލެއް ވަމުންދިޔަ ނަމަވެސް އެއީ ކީއްވެގެން ވާ އުނދަގުލެއްކަމާއި އެކަމުގެ ސިއްރެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެއީ އޭނާ ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫންކަމެވެ.

************

މެންދުރުގެ ހޫނުގަދަ ވަގުތު ރާހިލް އެހެންދުވަސްތަކެކޭ އެއްފަދައިން މަސައްކަތުން ހުސްވަގުތުކޮޅެއް ނެގުމަށްފަހު މީޓިންގްރޫމުން ބޭރަށް ނުކުމެލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އޮފިސް އޭރިޔާގައި އާންމުކޮށް ޝައިނާ މަސައްކަތްކުުރުމަށް އިންނަ ވޯކްސްޓޭޝަނަށެވެ. އެތަނުގައި އަދިވެސް ޝައިނާގެ ދަބަހާއި ލެޕްޓޮޕް ބެހެއްޓިފައި ހުރިތަން ފެނި އޭނާއަށް ޝައިނާ ބްރޭކަށް ނުދާކަން އެނގުނެވެ. ހަބަރު ހޯދުމަށްޓަކައި އޭނާ ގުޅައިލީ ނިހާމަށެވެ.

“ހަލޯ. ކޮބާ މިތާ އުޅޭ ސަންތި މަރިޔަނބު ދުށިންތަ؟” ރާހިލް އަހައިލިއެވެ.

“ޝައިނާތަ؟ ލައިޓް ޝިޕްމަންޓްތައް އައިސްގެން އުޅޭތީ ހަތަރުވަނަ ފްލޯގެ ކޮންމެވެސް ޗާންދެލިޔާއެއް ހަރުކުރަން އުޅުނު ކަންނޭގެ.” ރާހިލް އެ ވަނަން ބޭނުންކުރަނީ ޝައިނާއަށްކަން އެނގި ނިހާމް އެންމެ ފަހުން ޝައިނާ ފެނުނު ތަން ބުނެދިނެވެ.

“ލަންޗަށް ދިޔަތަ؟” ރާހިލް އެހިއެވެ،

“ހިއެއްނުވޭ.. ވަރަށް ބިޒީކޮށް މިއަދު އުޅުނީ” ނިހާމްގެ ޖަވާބާއެކު ރާހިލް އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑައިލަމުން ހޮޓެލުން ނުކުތެވެ.

ބައިގަޑިއެއްހާއިރު ފަހުން އޭނާ އަލުން އަނބުރައި އައިއިރު އޭނާގެ އަތުގައި ކަރުދާސް ކޮތަޅެއް އޮތެވެ. ސިއްރުން ކަމެއް ކުރަން އުޅޭހެން ދެފަޅި ބަލައިލުމަށްފަހު އޭނާގޮސް މަޑުކޮށްލީ ޝައިނާ ބޭނުންކުރާ ވޯކްސްޓޭޝަން ކައިރީގައެވެ. އަދި އެ ކޮތަޅުން ނެގި ތައްޓެއްގައި ބަންދުކުރެވިފައިވާ ކާއެއްޗަކާއި ޖޫސްޕެކެޓެށް މޭޒުމަތީގައި ބަހައްޓައިލިއެވެ. ކޮންމެވެސް އެއްޗެއް ހޯދުމަށްޓަކައި އޭނާގެ ލޯ ސްޓޭޝަންގެ ވަށައިގެން ހިންގައިލިިއެވެ. އެތަނުގައި ބާއްވައިފައި އޮތް “ސްޓިކީ ނޯޓްސް” ބަންޑަލި ފެނުމުން އޭގެން ގަނޑުކޮޅެއް ވަކިކޮށްލުމަށްފަހު މޭޒުމަތީގައި އޮތް ގަލަން ނަގައި ރީތިގޮތަކަށް އިނގިރޭސި އަކުރުން “ސޮރީ” އަޅައިލިއެވެ. ގަލަމުގެ ދޯރިޖަހައިލުމަށްފަހު އަނެއްކާވެސް އެ ދޯރި ނައްޓައިލީ ލިޔެވުނު ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ކަހަލައެވެ. ގަނޑުކޮޅު ބޮނޑިކޮށްލުމަށްފަހު ޖީބަށްލަމުން އަނެއްކާވެސް އެހެން ގަނޑުކޮޅެއް ނަގައި “ސޮރީ” ލިޔެލައިފިއެވެ. މިފަހަރުވެސް އޭނާ އެ ގަނޑުކޮޅު ބޮނޑިކޮށްލިއެވެ. ގާތްގަނޑަކަށް ހައެއްކަ ފަހަރު އެހެން ތަކުރާރު ކުރަނިކޮށް އޭނާ ހިތްހަމަޖެހޭ ގޮތަށް ނޯޓު ލިޔެވުނު ފަހަރަކާ ދިމާވެއްޖެއެވެ. މިފަހަރު އޭނާ އެ ގަނޑުކޮޅުގައި ދެރަވެފައިވާ ވަށް މޫނެއްވެސް ކުރަހައިލިއެވެ. އަދި މެސެޖު ރައްދުކޮށްދިން ފަރާތް ހާމަކުރުމަށް ގަނޑުކޮޅުގެ ކަނެއްގައި އިނގިރޭސި “އާރް” އަކުރެެއް ލިޔެލިއެވެ.

ރާހިލް އޭނާ ގެނައި ތަށީގެ މަތިގަނޑުގައި ގަނޑުކޮޅު ތަތްކޮށްލުމަށްފަހުގޮސް މީޓިންގްރޫމަށް ވަނެވެ. އަދި ކަހައިލެވިފައިވާ ބްލައިންޑްސްތަކުގެ ދޭތެރެއިން ބޭރުގައިވާ ކަންކަން ފެންނާނެހެން ހުރި ގޮނޑިއެއްގައި އިށީނެވެ. ކުރިމަތީގައި ލެޕްޓޮޕް ބަހައްޓައިލި ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބޭރަށެވެ. ޝައިނާ އަންނާނެ އިރެއްގެ އިންތިޒާރުގައި ނުތަނަވަސްކަމާއެކު ފައި ތަޅުވާލަތަޅުވާލައި އިނދެވުނެވެ. އޭނާއަކީ އެއްވެސް އިރެއްގައި ކުށެއްނެތް މީހަކަށް ދެރައެއް ދޭން ބޭނުންވާ މީހެއްނޫނެވެ. އެއީ އޭނާގެ ތަބިއްޔަތާ ހިލާފު ކަމެކެވެ. ނަމަވެސް އެރޭ އޭނާއަށް ޝައިނާއާ ދޭތެރޭ މާ ހަރުކަށި ވެވުނީއެވެ. އެކަމުގެ ސަބަބުން ޝައިނާއަށް ވީގޮތް އޭނާވަނީ ލޮލުންދެކެ އަތުން ހިފައިފައެވެ. އެ ހަށިގަނޑު ހަބަރު ހުސްވެފައިވަނިކޮށް އޭނާގެ އަތްދަނޑިމައްޗަށް އުފުލައިލިގޮތް ދެންމެ ވީކަމެއްހެން އޭނާގެ ހަނދާނުގައި ހަރުލައިފައި ހުއްޓެވެ. އެކަމާ ވިސްނޭވަރުން އޭނާއަށް މަސައްކަތް ކުރުންވެސް ވަނީ ދަތިކަމަކަށް ވެފައެވެ. އޭނާއަށް ދިޔައީ ކުށްވެރިކަމުގެ އިހްސާސެއް ކުރެވެމުންނެވެ. ނުވިތާކަށް އެރޭގެ ކަންތަކަށްފަހު ޝައިނާއާ ރާފިއުގެ ގުޅުންވެސް އިތުރަށް ބަދަހިވާން ފަށައިފިއެވެ. ނިހާމް ދައްކައިފައިވާ ވާހަކަތަކުން ރާހިލްއަށް ރާފިއުގެ ނިޔަތް ޝައިނާއާ ދޭތެރޭ ރަނގަޅު ނޫންހެން ވަނީ ހީކުރެވިފައެވެ. އެހެންވެ ޝައިނާ ރާފިއުއާ ގާތް ގުޅުމެއް ބާއްވަނީ އޭނާގެ އަމަލުތައް ހުންނަގޮތުންކަން ގަބޫލުކުރެވޭ ކޮންމެ ފަހަރަކުވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އެ ކުށްވެރި އިހްސާސްތަކުން ސަލާމަތްވެ ނަފްސަށް ހަމަޖެހުން ލިބެންއޮތް ހަމައެކަނި ގޮތަކީ ޝައިނާގެ މަޢާފު ލިބިގެން ކަމަށްވާތީ އޭނާ ވަނީ އިންތިހާއަށް ޝައިނާގެ މަޢާފަށް ބޭނުންވެފައެވެ. މާގިނަވަގުތެއްނުވެ ޝައިނާ މަސައްކަތް ނިންމާލާފައި އައިތަން ރާހިލްއަށް ފެނުނެވެ.

ޝައިނާއަށް މޭޒުމަތީގައި ބަަހައްޓައިފައިވާ ތަށްޓާއި ޕެކެޓު ފެނުމާއެކު ހުއްޓެވުނެވެ. ކާކުގެ ކަމެއްކަން ނޭނގުމާއެކު ސުވާލު އުފެދިފައިހުރެ ބުމަ އަރުވައިލެވުނެވެ. ނަމަވެސް މާފަށް އެދިފައިވާ ގަނޑުކޮޅުގެ ތިރީކަނުގައިވާ ‘އާރް” އަކުރު ފެނުމުން ގޮނޑީގައި ހަމަަޖެހިލަމުން ފޯނު ނަގައި ނަންބަރަކަށް ގުޅައިލިއެވެ. އެމަންޒަރު ބަލަން އިން ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ. ޝައިނާ އެމީހަކާ ދައްކާ ވާހަކަ އަޑުއެހުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައިގޮސް މީޓިންގް ރޫމްގެ ދޮރުފަތް ކަހައިލަމުން ދޮރުކަނީގައި ލެގިލިއެވެ. ޝަައިނާ ބޭރުގައި އިނދެ ދައްކަމުންދިޔަ ވާހަކަ ސާފުކޮށް އޭނާއަށް އިވެމުންދިޔައެވެ.

“އަހަރެން ބުނީމެއްނު އެކަމާ އަޅައިނުލާށޭ. އަހަންނަށް އެނގެޔޭ ރާފީ ބިޒީ ނޫންނަމަ މިކޮޅަށް އައިސް އަހަރެން ގޮވައިގެންކަން ދާނީ. އެހެންނޫނަސް މިއަދު އަހަރެންވެސް ބިޒީވީ. ސްޓިލް ތެންކްޔޫ އިނގޭ. އައި ލަވް ދިސް ނޫޑްލްސް.” ޝައިނާގެ ވާހަކަ އިވުމުން ރާހިލްއަށް ފޫހި ގޮތަކަށް ކަޅި އަނބުރައިލެވުނެވެ. މި ރާފިއުއެއްގެ ކަންތައް މިދަނީ މާ މައްޗަށޭ ހިތާހިތުން ބުނެލެވުނެވެ.

ކުއްލިއަކަށް ޝައިނާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔަތަން ރާހިލްއަށް ފެނުނެވެ. އެތުންފަތުގައިވި ހިނިތުންވުން ފިލައިގޮސް އެދެބުމަ ގޮށްޖެހިގެން ދިޔަތަން ފެނި ރާފިއު ޝައިނާގެ ހީވުންތައް ދޮގު ކޮށްދީފިކަން ރާހިލްއަށް ޔަގީންވިއެވެ.

“ވަޓް. ރާފީއެއް ނޫންތަ؟ އަހަރެން އައި އިރު ޓޭބަލަގަ ހުރީ. ސޮރީ ނޯޓެއްވެސް ޖަހާފަ. އާރް އަކުރެ–” ގޮނޑިން ތެދުވުމަށްފަހު ވަށައިގެން ހޯދައިލި ވަގުތު ދުރުގައިހުރި ރާހިލްފެނި ޝައިނާއަށް ކަންވީގޮތް ނަގައިގަނެވުނެވެ. ރާހިލްއާ ނަޒަރު ވަކިކޮށްލުމެއްނެތި ފޯނު ކަނޑައިލިއެވެ.

ކަނޑުނޫކުލައިގެ ގަމީހާއެކު ބެގީކޮށް ލައިފައިވާ ކަޅުފަޓުލޫނުގެ ޖީބަށް ދެއަތް ޖަހައިލައިގެން ދޮރުގެ ކަނީގައި ލެގިލައިގެންހުރި ރާހިލް ފެނި ހިނދުކޮޅަކަށް ޝައިނާއަށްވެސް އެ ފިރިހެންވަންތަކަމަށް ހިތާހިތުން ތައުރީފުކުރެވުނެވެ. އެހާމެ އަވަހަށް އެ ތައުރީފުތަށް ހިތުން ފޮހެލަން ޖެހުނީ އެ ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވާ ނޭދެވޭ ސިފަތައްވެސް އޭނާގެ ސިކުނޑިން ހަނދާން ކޮށްދިނުމުންނެވެ. އަވަސްއަވަހަށް ރާހިލްއާ ނަޒަރު ވަކިކޮށްލުމަށްފަހު ތަށީގެ މަތީގައިވާ ގަނޑުކޮޅު ނައްޓައި އެ ބޮޑިކޮށްލުމަށްފަހު ބިންމައްޗަށް ވައްޓައިލިއެވެ. ރާހިލް އިތުރަށް ދުރުގައި މަޑުކުރާކަށް ނޫޅުނެވެ. ހަލުވި ފިޔަވަޅުތަކެއްގައިގޮސް އޭނާ ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޝައިނާގެ އަތަށް ބަލައިލުމަށްފަހު ރާހިލްއަށް ބަލައިލިގޮތުން ރާހިލްއަށް އެބުނަން އުޅުނީ ކީކޭކަން އެނގުނެވެ. އޭނާ އަވަސް އަވަހަށް ޝައިނާގެ އަތުން ދޫކޮށްލުމަށްފަހު ފަަހަތަށް ޖެހިލިއެވެ.

“ސޮރީ” ރާހިލް ކުޑަކޮށް ކަރުކެހިލުމަށްފަހު ބުންޏެވެ. ޝައިނާގެ ފަރާތަކުން ވަކި ޖަވާބެއް ނުލިބުނެވެ.

“އަހަރެންނަށް އެނގެޔޭ ސަމާސާ ވިހަވެއްޖެކަން. އެރޭ އަހަރެންނަށް ކުށެއް ކުރެވިއްޖެކަން. ސަންތިއަކަށް ނުފެނޭތަ އަހަރެން މާފަށް އެދެން ޓްރައި ކުރާވަރެއް. އަހަރެންނާ ދެން ވާހަކަ ދައްކާނީ ކޮން އިރަކުންތަ؟” ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ރާހިލް ޝައިނާއާ އެނަމުން މުހާތަބުކުރި އަޑު އިވުމުން ޝައިނާއަށް ފޫހި ގޮތަކަށް ތުން އަނބުރައިލެވުނެވެ. ނަމަވެސް ރާހިލްގެ އަޑުގައިވި ގާތްކަމާއި އޯގާތެރިކަމުން އެރަށަށް ފުރަތަމަ އައިއްސުރެން ރާހިލްގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި ހިތްތިރިކަން ހަނދާންވިއެވެ. އެކަންތައްތައް ބަދަލުކުރި މީހަކީ ހުދު ރާހިލްއެވެ. އޭނާގެ ކުށެއްނެތް ކަމަކަށް އޭނާއަށް ތުހުމަތުކުރުމަށްފަހު ދުރުކޮށްލި މީހަކީ ރާހިލްއެވެ. އަދި އެ ރުޅިވެރިކަމުގެ ތެރޭގައި ރާހިލްއަށް އެވަނީ ނޭނގިނަމަވެސް އޭނާއަށް ނަފްސާނީގޮތުން ބޮޑު އަނިޔާއެއް ދެވިފައެވެ. ވީއިރު ރާހިލްގެ އެކުވެރިކަމަށް ފުރުސަތުދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ކީއްވެތަ ޖަވާބެއް ނުދެނީ؟ އައިމް ސޮރީ އޭ” ރާހިލް އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. މިފަހަރު ޝައިނާގެ ފަރާތުން އޭނާއަަށް ޖަވާބެއް ލިބުނެވެ.

“ޖަވާބު ނުދެނީ އަހަރެން އެއްވެސް ވަރަކަށް ރާހިލްއާ ވާހަކަ ދައްކަން ބޭނުން ނުވާތީ… ރާހިލްވެސް އަހަރެންގެ ކުށެއް އޮވެގެނެއް ނޫނެއްނު މީގެ ކުރިން އަހަރެންނާ ވާހަކަ ދެއްކުން ހުއްޓާލީކީ. މީ ހަމަ އެކަހަލަ ކަމެއް ކަަމަށް ބަލާ. އެންޑް އޯލްސޯ.. މިއީ ކާ އެއްޗެއް ވީމަ އަހަރެން މި އިސްރާފެއް ނުކުރާނަން. އެކަމަކު މިކަހަލަ ކަމެއް ތަކުރާރު ކޮށްގެން ނުވާނެ” ޝައިނާ ތަށި ހިފައިގެން އެތަނުން ދިޔުމުގެ ކުރިން ބުނެލިއެވެ. ރާހިލްއަށް ހުރި ފިޔަވަޅުމަތީ ހުއްޓިފައި ހުރެވުނެވެ.

ކުރާނީ ކިއްހެއްޔެވެ؟ ޝައިނާ މިވީ އޭނާ ހީކުރި ވަރަށްވުރެވެސް މާ ބޯހަރު ކުއްޖަކަށްތާއޭ ރާހިލްގެ ހިތަށް އެރިއެވެ. ހަމައެއާއެކު އޭނާ ހިތްހަމަ ނުޖެހުނެވެ. ރާފިއުއަށް ޝައިނާ އެހާ ރަނގަޅުވެގެން އުޅޭއިރު އޭނާއަށް މާފުކުރުން ވަކި އެހާ އުނދަގޫ ވާންްވީ ކީއްވެހެއްޔެވެ. ކޮންމެއަކަސް ރާހިލްއަށް އެކަމުގައިވެސް ގޯސް މީހަކަށްވީ ރާފިއުއެވެ. އޭނާ އެތެރެއަށް ހިނގައިގަތީ އެދެމެދުގައި ޖެހޭ ހުރިހާ މައްސަލައެއްގެ އަސްލަކީ ރާފިއު ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.

***********

އާދައިގެ މަތިން އިޝްވާ ކުޅެން ދިޔުމުގެ ކުރިން އައިސް ސިޑި ކައިރީގައި ހުރި ކަބަޑުން ބޫޓެއް ނެގުމަށްޓަކައި ތިރިވެލިއެވެ. އެވަގުތު ދެ ފަންގިފިލައަށް ވާގޮތަށް ފަރުމާ ކޮަށްފައިވާ އެޕަރޓްމެންޓްގެ ތިރީ ބައިން ވާފިޔާއާ ނާޝިދު ދައްކަމުންދިޔަ ވާހަކަތަކަށް އޭނާގެ ސަމާލުކަން ދެވުނެވެ.

“އަހަރެން ހިއެއްވެސް ނުކުރަން އެ ދެކުދިން އެހާ ގުޅޭނެ ކަމަކަށް. ޒީވާ ކިތަންމެ ގަޔާވިޔަސް ޒީވާއަކަށް ނުކެރޭނެ އިސްނަގައިގެން ކުއްޖަކާ ވާހަކައެއް ދައްކާކަށް. ކެރެންޏާ ގައިމު އުމުރުން ތޭވީސް އަހަރު ވީއިރު ރައްޓެއްސެކޭ ކިޔާފަވިޔަސް އަހަރުމެންނަށް ކުއްޖެއް ދައްކާލީހެއްނު. ނާޝިދު ނިކަން އަޅެ ރިޔާޒާ ތި ވާހަކަ ދައްކަބަލަ. އަހަރެންވެސް ޝީރީން މިގެއަށް ގެނެސްގެން އެ ވާހަކަ ދައްކާލާނަން. އެކަމަކު ގޮތެއް ނިންމަންވާނީ ޒީވާގެ ހިޔާލެއްވެސް ބަލާލާފަ” ވާފިޔާ ބުންޏެވެ.

“ކޮން ގޮތެއް؟” އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުން ގާތު މަޑުކޮށްލަމުން އަހައިލިއެވެ. ނާޝިދާއި ވާފިޔާ ހާސްވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. ޒީވާގެ ރުހުމާނުލާ އެފަދަ ކަމެއް ކުރާކަށް އެމީހުންގެ ހިޔާލުގައެއް ނެތެވެ. ވީއިރު އިޝްވާއަށް ނުބައިގޮތަކަށް އެ ދެކެވުނު ވާހަކައިން މާނަ ނެގިދާނެތީ އެ ދެމަފިރިންވެސް އިންތިހާއަށް ކަންބޮޑުވިއެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

މިހިތައް ލޯބިދޭށޭ – 08 ބައި

Next

ހިތަކުން ނުދާނޭ ފިލާ 22

Next
November 30, 2025

ހިތަކުން ނުދާނޭ ފިލާ 22

Previews
November 30, 2025

މިހިތައް ލޯބިދޭށޭ – 08 ބައި

One Comment

  1. Eyesherth says:
    November 30, 2025 at 2:10 pm

    Ooooohhh… Hehe…
    Love it…

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (9 ވަނަބައި)←


All Right Reserved!