Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (6 ވަނަބައި)

Anya Level 310 Stories100 Login
November 26, 2025 14 Mins Read
2 Comments

އޭނާ އެންގި ގޮތަށް އަމަލުކުރުމަށްފަހު އެދެމީހުން އެތަނުން ނުކުތުމާއެކު ރިއާންވެސް މާގިނަ އިރަކު އެތަނުގައި މަޑު ކުރާކަށް ގަސްދެއް ނުކުރިއެވެ. ކެބިންއިން ނުކުމެ ކުރިން އެތަނުގައި އިން ޒުވާނާއަށް ބޯޖަހައިލުމަށްފަހު ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

***********

އާދައިގެ މަސައްކަތު ދުވަހެކެވެ. ހޮޓެލްގެ އެކި ދިމާލުގައި ބަހައްޓަން ޖެހޭ ފަރުނީޗަރުތަކުގެ މަސައްކަތް ނިންމައިލުމަށްފަހު ޝައިނާ އޮފީސްބަޔަށް ވަދެލީ ކަރުހިއްކުން ފިލުވައިލުމަށްޓަކައި ފެންފޮދެއް ބޮއިލުމަށެވެ. އެމީހުން އެރަށަށް އައިތާ މިހާރު މަސްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެހެންކަމުން އޮފީސްބައިގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތްކުރާނެ ސްޓޭޝަންތައް މިހާރުވަނީ އަތުރައި ނިމިފައެވެ. ކުރެވިފައިވާ މަސައްކަތާމެދު ހިތްހަމަ ޖެހިފައިހުރެ ޝައިނާގޮސް މަޑުކޮށްލީ ޕްރިންޓަރާއި އިންވެގެންހުރި ވޯޓަރ ޑިސްޕެންސަރު ކައިރީގައެވެ. އޭރުވެސް ޕްރިންޓަރުން ކޮންމެވެސް ގަނޑުތަކެއް ޕްރިންޓް ކުރެވެމުން ދިޔައެވެ.

ޝައިނާގެ ސަމާލުކަން ޕްރިންޓަރަށް ދެވިފައިވަނިކޮށް މީޓިންގް ރޫމުން ނުކުމެގެންއައި ރާހިލް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. ރާހިލްގެ އެދުމަށް އޭނާ މަސައްކަތްކުރާނެ ތަނެއްގެ ގޮތުގައި ރާފިއުވަނީ އެ މީޓިންގްރޫމް ހަމަޖައްސައި ދީފައެވެ. ޝައިނާ މަސައްކަތްކުރީ އެ ކުޑަ ވަގުތުކޮޅުގައިވެސް ރާހިލްއާ ކޮންމެވެސް ވާހަކައެއް ދެއްކުމަށެވެ.

“މިއައީ ހުރިހާ ފަރނިޝިންގެއް ނިންމާލާފަ. ބަލާބަ މަތީގަ ހުންނަ ގްރޭންޑް ސޫއިޓް. ރީތިދޯ.” ޝައިނާ އޭނާގެ ފޯނުން ނަގައިފައިވާ ހޮޓެލްގެ ފޮޓޯތައް ދައްކައިގެން ރާހިލްގެ ސަމާލުކަން ހޯދަން އުޅުނެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އޭނާ ދެއްކި ވާހަކަ އިވޭ ކަމަށްވެސް ހަދައިނުލި ތާނގައި ރާހިލްގެ ނަޒަރުވެސް ޕްރިންޓަރާ ވަކިނުކޮށްލިއެވެ.

“ޕްރިންޓަރުން މާ ޝައުގުވެރި އެއްޗެއް ފެންނަނީތަ؟” ޝައިނާ ސުވާލުކުރިއެވެ. ރާހިލްގެ ފަރާތުން ޖަވާބެއް ނުލިބުނުއިރު އިޝާރާތެއްގެ ހިލަމެއްވެސް ނުވިއެވެ. ގަނޑުތައް ހިފައިގެންގޮސް އަލުން މީޓިންގްރޫމްގެ ތެރެއަށް ގެއްލުނީ ޝައިނާ އެތަނުގައި ހުރިކަމަށްވެސް ހަދައިނުލައެވެ.

ވީފޫހިން ޝައިނާއަށް ތުން އަނބުރައިލެވުނެވެ. އަދި އެެއްބަސްވެފައިވާ ގޮތުގެ މަތިން ރާފިއުއާއެކު މެންދުރުގެ ކެއުމަށް ދާން ހިނގައިގަތެވެ. އޭރު މީޓިންގްރޫމްގެ ބްލައިންޑްތަކުގެ ދޭތެރެއިން އެ މަންޒަރު ބަލަންހުރި ރާހިލްގެ ދެބުމަ ގޮށް ޖެހިފައިވާއިރު މުށްބާރުކޮށްލެވިފައިވާ އަތުގެ ނިޔަފަތިތަކުން އަތްތިލައިގެ ހުދުހަމުގައި ފާހަގަ އެޅެމުންދިޔައެވެ. ބްލައިންޑްތައް ކަހައިލުމަށްފަހު ކައިރީގައިހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއިރު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރާފިއުއާއެކު ހިނގާފަ ދިޔަ ވަގުތު ޝައިނާގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި އުފާވެރިކަށް ކުލަ ތަސްވީރެއް ފަދައިން އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އޭނާއަށް ނުހޯދުނު ގޮތަކަށް ރާފިއުއަށް ޝައިނާގެ ހިތުން ޖާގައެއް ހޯދުނީ ކިހިނެއްހެއްޔެވެ؟ މިރަށަށް އައިއްސުރެން ޝައިނާއާ ރަހްމަތްތެރިކަން ބަދަހިކޮށް ޝައިނާ ހެއްވާލުމަށް އޭނާ ކިހާ މަސައްކަތެއް ކުރިހެއްޔެވެ؟ ނަމަވެސް ޝައިނާގެ ފަރާތުން އެ އުފާވެރިކަން ނުފެނުނު ތާނގައި އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައިވެސް ރިއާނާ ވާހަކަ ދައްކައިގެން އޭނާގެ ކިބައިން ސަލާމާތްވާން މަސައްކަތްކުރީއެވެ. އޭނާ މިހާރު ވަނީ ޝައިނާދެކެ ފޫހިވެފައެވެ. މިހުރިހާދުވަހު ޝައިނާއާމެދު ހިތުގައި އޮތް ޝައުގުވެރިކަމުގެ މައްޗަށް މިހާރު ކުރި ހޯދާފައިވަނީ ފޫހިކަމެވެ.

**************

ގިނަ މަސައްކަތްތަށް ނިމިފައިހުރުމުގެ ސަބަބުން މިހާރު މުވައްޒަފުން ހޮޓެލްގައި މާގިނަ ވަގުތު ހޭދަކުރާކަށް ނުޖެހެއެވެ. މިގޮތުން އާދައިގެ މަތިން މަސައްކަތް ނިންމާލަން ހަމަޖެހިފައިވާ ގަޑިއަށްފަހު ގިނަ މުވައްޒަފުން ހޮޓެލްގެ އިމާރާތް ދޫކޮށް ދާން ފެށި ދުވަހެކެވެ. ރާހިލް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި ހޮޓެލްގައި މަޑުކުރުމަށް ނިންމިއެވެ. ޕްރޮޖެކްޓް ފެށުނީއްސުރެން މާލީގޮތުން ކުރަމުންދިޔަ ހުރިހާ ހަރަކާތެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލަން ޖެހިފައިވުމުގެ ސަބަބުން އޭނާހުރީ ރަނގަޅަށްވެސް ބޯ ގޮވައިފައެވެ. އެންމެފަހުން އޭނާ ނުކުތީ އެކަމުގައި އެހީތެރިވާނެ މުވައްޒަފެއް ހޯދޭތޯއެވެ. އޭނާއަށް ފެންނަވަރުވީ ހަމައެކަނި ކެބިންގައި އިން ރާފިއުއެވެ. ކިތަންމެ ފޫހިވި ނަމަވެސް މަސައްކަތް އަވަހަށް ނިންމަން ބޭނުންވާތީ އޭނާ ރާފިއުގެ އެހީ ހޯދުމަށް ނިންމިއެވެ.

“ރާފިއު. ބިޒީތަ؟” ރާހިލް ކެބިންގެ ދޮރު ހުޅުވައިލައި އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“ނޫން. ކިހިނެއްވީ؟” ރާފިއު ގެއަށް ދިޔުމަށްޓަކައި ގޮނޑިން ތެދުވަން އުޅެފައިވެސް ރާހިލް އައުމުން އިށީނދެލި އެވެ.

“މެއިލް ބަލާލަބަ. އިންނާނެ ފައިލްއެއް ފޮނުވާފަ” ރާހިލް ބުނިފަދައިން ރާފިއު މެއިލް ބަލައިލިއެވެ. ރާހިލް ފޮނުވައިފައިވަނީ މުޅިއަކު ސައްބީސް އެގްރީމެންޓް ހިމަނާފައިވާ ޑްރައިވް ފައިލެކެވެ.

“މީ ކޯއްޗެއް؟” ރާފިއު ސުވާލުކުރިއެވެ.

“އަހަރެންނަށް ކުޑަ އެހީއެއް އެބަ ބޭނުންވޭ. ތީގަ ތިހިރަ އެއްބަސްވުންތައް ކިޔާލާފަ މުހިއްމު ފެކްޓްސްތަކާ ހުރިހާ ފިގަރޒްއާ ގުޅޭ ޑީޓެއިލްސްތައް ހުލާސާކޮށް ނޯޓު ކޮށްލަދީބަ. މާދަން ހެނދުނަށް އަހަރެން ތި ބޭނުން” ރާހިލް އެދުނެވެ.

ރާފިއު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. މިހާރު އިރުއޮއްސި ހައެއް ޖަހައިފިއެވެ. އޭނާ އަދި ގެއަށް ދާން އުޅުނީވެސް މަންމަ ގުޅީތީއެވެ. ނަމަވެސް އެއީ ރާހިލް އޭނާގާތު ކަމަކު ކީ އެންމެ ފުރަތަމަ ފަހަރެވެ. ރާހިލްއަކީ ވެގެންވަންޏާ އޭނާއާ ވާހަކަވެސް ދައްކާ މީހެއްނޫނެވެ. އެހެންމީހުންނާއެކު ސަކަރާތްޖަހާ ހެދިޔަސް ރާފިއުއާ ބަހައްޓާ ދުރުކަން އެއީ ހުދު ރާހިލްގެ މިޒާޖާވެސް ނުގުޅޭ ބީރައްޓެހި ކަމެކެވެ. ރާފިއުއަކަށްވެސް އެކަމުގެ ފަހަތުގަ ފޮރުވިފައިވާ ސަބަބެއް ނޭނގެއެވެ. އެހެންކަމުން ރާހިލް އޭނާގާތަށް އެ މަސައްކަތް ހިފައިގެން އައުމަކީ އެމީހުންގެ ރަހްމަތްތެރިކަމުގެ ފެށުމެއްކަމަށް ނިންމައި ރާފިއު ނިކަން އަވަހަށް އެކަމާ އެއްބަސްވިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހެވެ. ގެއަށްދިޔުމުގެ ކުރިން ޝައިނާ އައިސް ރާފިއުގެ ކެބިންއަށް ވަދެލީ އާދައިގެ މަތިން ރާފިއުއާ ވަދާއުގެ ސަލާމް ކުރުމަށެވެ. އޭރު ރާފިއު މާ ފޫއްސެއްވެފައި އިނދެ ވަކި މަސައްކަތެއް ކުރަމުންދާތަން އޭނާއަށް ފެނުނެވެ.

“މާ ވަރަކަށް މޫނު ކުނިކޮށްގެން އިނދެ ކޮންކަމެއް ތި ކުރަނީ؟” ޝައިނާ ހިނިތުންވެލަމުން އަހައިލިއެވެ.

“މީ ރާހިލްގެ ކުޑަ ކަމެއްގަ ހެލްޕެއްދެނީ.” ރާފިއުގެ ވާހަކައިގައި ރާހިލްގެ ނަން އައުމާއެކު ޝައިނާއަށް ސަމާލުކަން ދެވުނެވެ.

“ތީ ކޯއްޗެއް؟”

“އެގްރީމެންޓްތަކެއް” ޝައިނާގެ ސުވާލަށް ރާފިއު ޖަވާބުދިނެވެ. އަދި އޭނާއާ ރާހިލް ޖެއްސި މަސައްކަތް ތަފްސީލުކޮށް ކިޔައިދިނެވެ. ޝައިނާ ރާފިއުގާތު އިށީނދެލައިގެން ރާފިއު ކުރަމުންދިޔަ މަސައްކަތައް ބަލަމުން ދިޔައެވެ. އޭރު ހުއްޓުމެއްނެތި މޭޒުމަތީގައި އޮތް ރާފިއުގެ ފޯނު ވައިބްރޭޓްވަމުން ދިޔައެވެ.

“ވަރަށް ގިނައިރުވެއްޖެ ފޯނު ރިންގުވާތާ. ރާފީވެސް ފެންނަކަމަށް ނަހަދާތީ އަހަރެން ނުބުނަން މި ހުންނަނީ” ޝައިނާ އެންމެފަހުން ނުހުރެވިގެން ބުންޏެވެ.

“އާނ އެއީ މަންމަ. ކޮންމެސް ކަމަކު އަންނާށޭ ކިޔާފަ އޮއްވާ މިކަންތައް ލައިގަތީވެސް. ދެން ކިހިނެއް ދާނީ؟” ރާފިއު ފޯނަށް ބަލައިލަމުން ބުންޏެވެ.

“މަންމަވެއްޖެއްޔާ ދާން ވާނެ. ގެނޭ އަހަރެން އަތަށް. އަހަރެން ތީތި ނިންމާލަދޭނަން” ޝައިނާ ބުންޏެވެ.

“އަޅެ ހަމަ އަސްލުވެސްތަ؟” ރާފިއުގެ ސުވާލަށް ޝައިނާ ބޯ ޖަހައިލިއެވެ.

“އާނއެކޭ ދެން. ކިހާވަރެއްތަ ނުނިމި ހުރީ؟” ޝައިނާ އަހައިލިއެވެ.

“އަދި ނިމުނީ ހަތަރުއެތި. ބައެއް އެގްރީމެންޓްތައް ވަރަށް ދިގު. ސާދަ ވަރަކަށް ޞަފްހާވެސް އެބަ އުޅޭ. ބާކީ އަދިވެސް އެބައިން ބާވީސް.” ރާފިއު ބުންޏެވެ.

“އިޓްސް އޯކޭ. އަހަރެން މިރޭ ދިއުމުގެ ކުރިން ނިންމާލާނަން” ޝައިނާ ބުނެލިއެވެ. ރާފިއުގެ މޫނު ވަގުތުން އުޖާލާވިއެވެ.

“އަޅެ އަހަރެން ގޮތެއް އޮތްނަމަ ނުދޭނަން އެނގޭ. އެކަމަކު މަންމަ ގުޅީމަ އަހަރެންވެސް ދާން ބޭނުން. ތޭންކްޔޫ ސޯ މަޗް. ތިއީ ހަމަ ޖަވާހިރެއް” ރާފިއު ގޮނޑިން ތެދުވަމުން ޝައިނާއާ މަސައްކަތް ހަވާލުކުރިއެވެ.

ގަޑިން ރޭގަނޑު ދިހައެއް ޖެހުމާއެކު ރާހިލް ގެއަށްދާން ތައްޔާރުވެލިއެވެ. ހޮޓަލުން ނުކުތުމުގެ ކުރިން ރާފިއުއާ ހަވާލުކުރި މަސައްކަތް ގޮސްފައިވާ ހިސާބު ބަލައިލުމަށްޓަކައި ދިޔައެވެ. ކެބިންއާ ހިސާބަށް ދެވުނުއިރު ކުޑަކޮށް ހުޅުވައިލެވިފައިވާ ބްލައިންޑްސްތަކުގެ ތެރެއިން ފެނުނު މަންޒަރުން އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނާ ހަވާލުކުރި މަސައްކަތުގައި ރާފިއުގެ ބަދަލުގައި ޝައިނާ މަސްއޫލުވެގެން އިން މަންޒަރުފެނި އޭނާގެ ނިތަށް ރޫތައް ގިނަވިއެވެ. އެވަރު ކަމަކު ބުނީމަވެސް ރާފިއުއަށް އެކަންތަށްވެސް ނުވިތާއެވެ. ވީ ފޫހިން އަލުން އައިސް މީޓިންގްރޫމްގައި އޭނާ މަސައްކަތްކުރަން އިން ގޮނޑީގައި ހަމަ ޖެހިލިއެވެ. ފަސޭހައެއް ހޯދަން އުޅުނަސް އުނދަގުލެއް ނޫނީ ނުވާނޭ އޭނާގެ ހިތަށް އެރިއެވެ. ދެން މިވީ ގޮތުން މި ޖެހުނީ ޝައިނާ ނިމެންދެން އޭނާވެސް އެތަނުގައި މަޑުކުރާށެވެ. އާނއެކެވެ. ޝައިނާ އެކަނި ހޮޓެލްގައި ބައިންދާފައި ދާކަށް އޭނާއަކަށް ނުކެރުނެވެ. ރާފިއު ޝައިނާގެ ކޮނޑަށް އެ މަސައްކަތް ޖަހާފައި ދިޔައީތީ ހިތާހިތުން ރާފިއުއަށް ކުދިކިޔުނެވެ.

“ކޮބާ ނިކަން ޝައިނާދެކެ ފޫހިވާކަން އެބަ އެނގެއެއްނު” ހިތުގެ އަޑުން ރާހިލްއަށް މަލާމާތް ރައްދުކުރަމުން ދިޔައެވެ.

“ނޫން. އެގޮތަށް އަންހެން ކުއްޖެއް އެކަނި ބައިންދާފަ ދާނީ ކާކު. މީ އަހަރެން ކޮންމެހެން އެއީ ޝައިނާއަށްވީތީ ކުރާ ކަމެއްނޫން. ކޮންމެ ކުއްޖެއް އިނަސް އަހަރެން މަޑުކުރީސް” ރާހިލްގެ ސިކުނޑި ހަމަ އެހާމެ އަވަހަށް އެ މަލާމާތައް ރައްދުދިނެވެ. ކޮންމެއަކަސް އެރޭ އޭނާއަށް އަވަހަށް ގެއަށް ދެވެން ނެތްކަމަށް ނިންމާ ރާހިލް ގޮނޑީގައި ހަމަޖެހިލަމުން ލޯމަރައިލީ ކުޑަ އިރުކޮޅަކަށް ސިކުނޑި ތާޒާ ކޮށްލުމުގެ ނިޔަތުގައެވެ.

ކުއްލިއަކަށް މޭޒުމައްޗަށް ފައިލެއް ޖެހުނު އަޑާއެކު އިވުނު ޝައިނާގެ އަޑުން ރާހިލްއަށް ލޯ ހުޅުވައިލެވުނެވެ. “އަން. މިއޮތީ ފޮނުވި އެގްރީމެންޓް ތަކުން ނެގި ނޯޓްސް.” ރާހިލް މޫނުގައި އަތް އުނގުޅައިލަމުން ހަމަޖެހިލިއެވެ. ރޭގައި ލަހުން މަސައްކަތް ނިންމާފައި ނިދަން ދާންޖެހުނީތީ މިހެނދުނު އޭނާގެ ލޮލަށް ނިދި ސަވާރުވަމުންއައީ ކެތްނުވާ ވަރަށެވެ.

“އަސްލު ފައިލް އިންނާނެ މެއިލްވެސް ކޮށްލާފަ. އެކަމަކު އަހަރެންނަށް ފާހަގަވި ރާހިލް އާންމުކޮށް ހާޑްކޮޕީޒްގަ ވޯރކް ކުރާކަން. އެހެންވެ ޕްރިންޓެއް ނަގައިދިނީ. އެނގޭ ރާފިއުކައިރީގަކަން ބުނީ އެކަމަކު ރާފިއު ބިޒީ ވީމަ އަހަރެން މިކަން ކޮށްލަދިނީ”

ޝައިނާ މަސައްކަތް ކުރީ ކޮންމެވެސް ގޮތަކުން ރާހިލް އޭނާއާ ވާހަކަ ދައްކާކަހަލަ ގޮތެއްވޭތޯއެވެ. ނަމަވެސް އޭނާގެ ވާހަކަ ނުނިމެންދެން ރާހިލް މެއިލުން އައިސްފައިވާ ފައިލު ހުޅުވައިލުމަށްފަހު ބަލަންފެށިއެވެ. އޭރުވެސް ޝައިނާ ހުއްޓުމެއްނެތި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. މިފަހަކަށް އައިސް ޝަައިނާގެ ހުންނަ އަނގަގަދަ ކަމާމެދު ރާހިލް ހުންނަނީ ހައިރާންވެފައެވެ. ޝައިނާ މިހާރު އުޅެމުންދަނީ މީގެ ކުރިން އޭނާ ޝައިނާގެ ސަމާލުކަން ހޯދަން އުޅުނުކަހަލަ ގޮތަކަށެވެ.

މިނެޓެއްހާއިރުތެރޭ ރާހިލް އަވަސްކަމާއެކު ފައިލު އެއްކޮޅުން އަނެއްކޮޅަށް ބަލައިލުމަށްފަހު ތެދުވިއެވެ. މޭޒުމައްޗަށް ޝައިނާ ޖެހި ފައިލް ހިފައިގެންގޮސް ރާފިއުގެ ކެބިންއަށްވަނެވެ. ޝައިނާވެސް ވާނުވާ ނޭނގިފައިހުރެ ރާހިލްގެ ފަހަތުން ދިޔައެވެ.

“ކަމެއް ނުވަންޏާ އެކަމެއް ނުވާނެ ވާހަކަ ރީއްޗަށް ބުނާނީ. މީގަ ހުރި އެއްވެސް އެއްޗަކުން އަހަރެންނަކަށް ވާނުވާއެއް ނޭނގޭ. މުޅި މަސައްކަތް ބޭކާރު. ކަމެއް ހަވާލު ކުރާއިރުވެސް ކުރަން އެނގޭ މީހެއް އަތަށް ދޭނަމަ. އަހަރެން އެކަނި ކުރި ނަމަވެސް މިއަށްވުރެ ރަނގަޅުވާނެ.” ރުންކުރުކަމާއެކު ރާފިއުގެ މޭޒުމައްޗަށް ފައިލް ޖަހަމުން ރާހިލް ރާފިއުއާ ދިމާލަށް ބުންޏެވެ. ޝައިނާ އެ ފައިލް އަލުން ނެގުމަށްފަހު ރާހިލްގެ ކުރިމަތީގައި ހުއްޓިލިއެވެ.

“މަސައްކަތްކުރީ އަހަރެން. ހިތްހަމަ ނުޖެހެންޏާ ބުނާނީ އަހަރެން ކައިރީ. އަަހަރެން އެތާ ރާހިލްގެ ކައިރީގަ ހުއްޓާ ބުނަން ބޭނުން އެއްޗެއް ބުނެވުނީސް. ކޮންމެހެން ރާފިއުއާ ދިމާލަށް އެއްޗެހި ކިޔާނެ ކަމެއް ނެތް!! އަހަރެންނަށް އެނގޭ ރާހިލް ރަނގަޅަށް އެ ފައިލް ނުވެސް ބަލާކަން. އެކަމަކުވެސް ހެޔޮ. ދެން ކަން ކުރަންވީ ގޮތަކީ މީ” ޝައިނާ ރާހިލްއާ ދިމާލަށް ބުންޏެވެ. އެއަށްފަހު ފައިލްގެ ކުރިމަތީގައިުރި ހުރިހާ ގަނޑެއް ނެގުމަށްފަހު އެއްފަހަރުން އެ ވީދައި ކުދިކުދިކޮށް ރާހިލްގެ ފައިކައިރިއަށް އުކައިލިއެވެ.

“މެއިލް އިން ފޮނުވި ފައިލްވެސް ޑިލީޓް ކޮށްލާ” ޝައިނާ ރުޅިއައިސްފައި ބުންޏެވެ. ރާހިލްއަށް ޝައިނާގެ އެކުރި އެއްވެސް ކަމަކުން އަސަރެއް ނުކުރާ ކަހަލައެވެ. މޫނަށް ރުލެއްވެސް އަރުވައިލުމެއްނެތި އެތަނުން ނުކުމެގެން ދިޔައެވެ. ޝައިނާއަށް އަތުގައި އޮތް ހުސް ފައިލް އަތުގެ ކޮޅަށް ހޫރައިލެވުނެވެ.

“އޭނާގެ މައްސަލައަކީ ކޮބާތަ؟ ރާފިއު އަހަރެންނަށް އަޅެ ބުނެދީބަލަ އޭނަގެ މައްސަލައަކީ ކޮބާކަން” ޝައިނާ ސުވާލުކުރިއެވެ. އެފަދަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާބޮޑު މަސައްކަތެއް ކުރަންޖެހުމަކީ ރާހިލް ރުޅިއައިސް “ސްޓްރެސްވުން” ހައްޤުވާވަރުގެ ކަމެއްކަން ޝައިނާއަށްވެސް އެނގެއެވެ. އޭނާގެ މައްސަލައަކީ އެ ރުޅީގެ އަމާޒު ފަތްގަނޑަކަށް އޭނާ ހެދުމެވެ.

ގޮނޑީގައި އިށީނދެވުމާއެކު ރާހިލް އޭނާއަށް ޝައިނާ ފޮނުވި ފައިލް ޑެސްކްޓޮޕަށް ސޭވްކޮށްލިއެވެ. އޭނާގެ ތުންފަތަށް ހިތްހަމަ ޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. ހަގީގަތަކީ ޝައިނާ އެ މަސައްކަތް ކޮށްފައިވަނީ އޭނަ އުއްމީދުވެސް ނުކުރާހާ ފުރިހަމައަށް ކަމެވެ. އެހެނަސް ރާހިލް ބޭނުންވީ ޝައިނާ ރުޅިއަރުވައިލާށެވެ. ކެތްތެރިކަމާއެކު ރާހިލްގެ ފަހަތުން އާދޭސް ކުރުމުގައި ޝައިނާ އުޅޭގޮތް އޭނާއަށް ކަމަކު ނުދެއެވެ. އޭނާއަށް ކަމުދަނީ ޝައިނާ ޝައިނާގެ ގޮތުގައި ހުރީމައެވެ. އެގޮތަށް ރުޅިމޫނު ހަދައިފައި ހުންނައިރު ޝައިނާ މާ ލޯބިކަމަށް ދައްކާހެން އޭނާއަށް ހީވެއެވެ. އެހެންވެ ކުޑަ ދުވަސްކޮޅަކަށް އޭނާއަށް ނުފެނި ދިޔަ ޝައިނާގެ އަސްލު މިޒާޖާއި ކުލަތައް ދެކިލަން އޭނާ ބޭނުންވީއެވެ. އެކަން ކާމިޔާބުވުމުން ހެވިފައި އިނދެ ރާހިލް އޭނާގެ މަސައްކަތައް ރުޖޫއަވިއެވެ.

ޝައިނާ އުއްމީދުކުރީ އޭނާ އެ ފަައިލާއިމެދު ކަންތައް ހިނގިގޮތުގެ ސަބަބުން ދެރަވެ ރާހިލް އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ. އޭނާއަށް ކުރިން ފެނިފައިވާ ރާހިލްއަކީ އެހާ ހިތްހަރު މީހެއް ނޫންވިއްޔާއެވެ. ނަމަވެސް ކަންތައްތައް ހިނގަމުންދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ރާހިލްގެ ފަރާތުން އޭނާއަށް ފެންނަމުންދިޔައީ ހަމަ ބީރައްޓެހިކަމެވެ. ޖެހިގެންއައި ހަފްތާއަކީ ރާފިއުވެސް ގްރެޖުއޭޝަން ހަފްލާއަށް މާލެދިޔަ ހަފްތާއަކަށް އިތުރުން ރާހިލްގެ ފަރާތުން ފެންނަމުންދިޔަ ދުރުކަމާއިހުރެ އޭނާގެ ފޫހިކަން އިތުރުވިއެވެ.

އެދުވަސްތަކުގައި އޭނާ އެންމެ ހަނދާންވީ ޒީވާގެ މަތިންނެވެ. އޭނާ ޒީވާއަށް ގުޅަން މަސައްކަތްކުރި ކަމުގައި ވިޔަސް ނޭނގޭ ސަބަބަކާއިހުރެ ޒީވާވެސް ދިޔައީ އޭނާއާ ދުރުވަމުންނެވެ. އާދަޔާހިލާފު ހިމޭންކަމެއް ޒީވާގެ މިޒާޖަށް އައިސްފައިވާ ކަހަލައެވެ. ގުޅޭ ފަހަރަކުވެސް އޭނާއާ މާގިނަ ވާހަކަ ދައްކާކަށެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ފޫހިކަން ފިލުވައިލުމަށްޓަކައި ޝައިނާ ނިންމީ ރާފިއު އަންނަން ވާއިރަށް ރާފިއުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކުޑަ ޕާޓީއެއް ބޭއްވުމަށެވެ. އެ ޕާޓީގެ ކަންކަމުގައި މަސްއޫލުވުމަށެވެ. ޕާޓީގައި ބައިވެރިވާނެ މީހުން ހޯދުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެގޮތުގެ މަތިން ރާހިލްއާވެސް ބައްދަލުކުރަން ނިންމިއެވެ.

“ރާހިލް” މީޓިންގްރޫމްގެ އެތެރެއަށް ފިޔަވަޅު އަޅައިލިވަގުތު ފަހަތުން ޝައިނާގެ އަޑު އިވުމާއެކު ރާހިލް މަޑުކޮށްލިއެވެ. ކުރީދުވަހު ހިނގައިދިޔަ ކަންތަކަށްފަހު ޝައިނާ އޭނާއާ މާވަރަކުން ވާހަކަ ދައްކަން ނޫޅޭތީ އެ ގޮވީ މުހިއްމު ކަމެއްގައި ކަމަށް އޭނާ ނިންމިއެވެ.

“ރާފިއު އަންނާތީ މާދަމާރޭ ކުޑަ ސެލެބްރޭޝަންއެއް ދޭން ހެޑް ކައުންޓެއް ނަގަނީ. ރާހިލް އަންނާނަންތަ؟” ދުވެލާފައި އައިސް ރާހިލްއާ އަރައި ހަމަ ކޮށްލަމުން ބުނެލިއެވެ.

“ވަރަށް މަސައްކަތް އެބައޮތް” ރާހިލް ބަހަނާ ދައްކައިލިއެވެ. ރާފިއުގެ ވާހަކަ ނޫން ވާހަކައެއް ޝައިނާއަށް ދައްކަން ނޭނގެނީބާއެވެ.

“ސީރިއަސްލީ؟ ކާކު ހިތަށް އަރާނީ ރާހިލް ތިވަރުގެ ވޯރކަހޮލިކް އަކަށް ވާނޭ. އަހަރެން ހީކުރީ ތީ ވަރަށް މަޖާ އަދި ސޯޝަލް މީހެއްކަމަށް” ޝައިނާ ދިމާކުރުމުގެ ރާގެއްގައި ބުނެލިއެވެ.

“އެންމެ ފަހަރަކުވެސް އަހަރެންނަށް ދިންކަހަލަ ތާކުންތާކުން ނުޖެހޭ ޑެޑްލައިނެއްގަ މަސައްކަތް ކުރިންތަ؟” ރާހިލް ޝައިނާގެ ވާހަކައަށް ސަމާލުކަން ދިނުމެއްނެތި އެތެރެއަށް ވަނެވެ.

“އަހަންނަށް ހީވަނީ މާދަމާރޭ ދެތިން ގަޑިއިރު ޕާޓީއަށް ހުސްކޮށްލަދިނަސް ރާހިލްއަށް އަދި މަސައްކަތް ކުރެވިދާނެހެން. މިތާ އުޅޭ އެހެން އެންމެންވެސް ދޭ. އަންނަންޏާ އަންނަންވީ އަހަރެން މި ބަލަނީ ރާހިލް އަންނާނެ ކަމަށް. އެންޑް ޔެސް… ކަޅު ނޫނީ އަނދިރި ކުލައެއްލާތި. ހުދުކުލަ ނުލާތި” ޝައިނާ ބުނާނެ އެއްޗެއް ބުނެ ނިންމައިލުމަށްފަހު ރާހިލްގެ ޖަވާބަކަށް މަޑު ކުރުމެއްނެތި އެތަނުން ދާން ނުކުތެވެ.

ރާފިއުގެ ޕާޓީ ބޭއްވުމަށް ހަމަޖެހިފައިއޮތީ ރަށުގެ ރެސްޓޯރެންޓެއްގެ ރޫފްޓޮޕްގައެވެ. އެންމެން އައިސް މޭޒުތައް އެއްކޮށްލުމަށްފަހު އިށީންއިރު ކޭކާއި ކާއެއްޗެހީގެ އިތުރުން ދެންވެސް ބޭނުންވާ ހުރިހާ އެއްޗެއްވަނީ ހަމަ ކުރެވިފައެވެ. ހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުން އައީ ރާފިއު އަންނާނެ އިރަކަށެވެ. ހުދު ކުލައިގެ ގަޔަށްދޫ އަތްކުރު ލިނެން ގަމީހަކާއި ކަޅު ޖިންސެއްގައިހުރި މީހެއް ސިޑިން އަރަމުން އައިތަން ފެނި އެންމެން އެމީހާއަށް މަރުހަބާ ކިޔުމަށް ތައްޔާރު ވެލިއެވެ. ތަނުގެ އަނދިރި ކަމާއެކު އެމީހުންނަށް ފެންނަނީ އެ ހުދު ގަމީސް އެކަނި ކަމުގައި ވިޔަސް އެ ކުލަ ލައިގެން އަންނާނެ ހަމައެކަނި މީހާކީ ރާފިއު ކަމަށްވާތީ ޕާޓީ ޕޮޕަރ ހިފައިގެން ތިބި ދެމީހުންގޮސް ސިޑީގެ ދެފަރާތުގައި މަޑުކޮށްލިއެވެ. ސިޑީގެ ފަހު ފިޔަވަޅުން ނާރައިގެން އުޅެނުކޮށް ޕާޓީ ޕޮޕަރ ގޮއްވައިލުމާއެކު ސިޑިންއެރި މީހާގެ ގަޔަށް އޭގައި ހުރި ހުރިހާ ކަރުދާސްތަކެއް ފައިބައިގަތެވެ. ނަމަވެސް އެމީހާ މައްޗަށް އެރުމާއެކު އަނދިރީގެ ތެރެއިންވެސް އެތާ ތިބި އެންމެނަށް އެ އިސްކޮޅުގެ ވެރިއަކީ ކާކުކަން އެނގުނެވެ. އެއާއެކު އެންމެންގެ އަޑުން އެއްފަހަރާ މާޔޫސްކަން ފާޅުވެގެން ދިޔައެވެ.

ސިޑިން އަރައިގެން އައި ރާހިލްއަށް ސިހުމެއް ލިބުނީ ރަނގަޅަށް މައްޗަށް ނޭރިގެން އުޅެނިކޮށް ބަޔަކު އޭނާގެ ކަންފަތް ކައިރިން ޕާޓީ ޕޮޕަރ ގޮއްވައިލި އަޑާއެކު ގަޔަށް ކަރުދާސްތަކެއް އެޅުމުންނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑިއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. އެމީހުން ހީކޮށްގެން އެ އުޅެނީ އޭނާއަކީ ރާފިއު ކަމަށްހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއާ ރާފިއުއާ ވައްތަރީ ކޮންގޮތަކުން ހެއްޔެވެ. ރާހިލްއަށް އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލެވުނެވެ.

ރާހިލް ހަމަޖެހިލައިފައި ގޮސް ނިހާމް ގާތު ހުސްކޮށްހުރި ގޮނޑީގައި އިށީންނަން އުޅުނު ވަގުތު އައި ނައި ތަނެއް ނޭނގި ޝައިނާ އައިސް އޭނާގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތެވެ. އަދި އެންމެންނާ ދުރަށް ދެވުމުން ކުއްލިއެއް ޖެހުމާއެކު ރާހިލްގެ އަތުން ދޫކޮށްލިއެވެ.

“އަހަަރެން ރާހިލް ގާތު ނުބުނަންތަ ހުދުކުލަ ލައިގެން ނާންނާށޭ. އަހަރެން ހުރީ މިހާ ލަސްވީމަ ރާހިލް ނާންނަނީ ކަމަށް ނިންމައިގެން.. ކޮބާތަ ރާހިލްގެ މައްސަލައަކީ؟ ކޮންމެ ކަމެއް ސްޕޮއިލް ކުރަން ތި އުޅެނީ؟ މި ޕާޓީ ހަރާބު ކޮށްނުލާ ހަމަ ނުފުދުނީތަ؟” ޝައިނާ ރުޅިއައިސްފައި ބުންޏެވެ. އަނދިރީގެ ތެރެއިންވެސް ރާހިލްއަށް ޝައިނާގެ ކަންފަތުން ދުން އަރަމުންދާތަން ފެންނަ ކަހަލައެވެ. ރާހިލް އޭނާގެ ހިނިގަނޑު ހިފެހެއްޓުމަށް މަސައްކަތް ކުރިއެވެ. ހަގީގަތަކީ އޭނާ ހުދުކުލަ ލީ ގަސްދުގައި ޝައިނާ ރުޅި އަރުވައިލުމުގެ ނިޔަތުގައިކަމެވެ. ނަމަވެސް އެކަމުގެ ސަބަބުން މިހާބޮޑު ކަންތައްގަނޑެއް ހިނގާނެ ކަމަކަށް އޭނާއަކަށް އޭރު ވިސްނައެއް ނުލެވުނެވެ.

“އަހަރެ–”

“ޝައީ. މިއޮއް އައީ ރާފިއު” ރާހިލްގެ ވާހަކަ ފަށައިނުގަނެވެނީސް ދުރުން ކުއްޖަކު ގޮވައިލި އަޑަށް ޝައިނާ ރާހިލްއަށް ލޯ އަޅައިލުމަށްފަހު އެދިމާލަށް ދުއްވައިގަތެވެ. ރާހިލްވެސް މަޑުމަޑުންގޮސް ނިހާމްގާތު އިށީނެވެ.

“އަހަރެން އައުމުގެ މާކުރިން ސެލެބްރޭޝަން ފަށައިފި ދޯ” ބިންމަތީގައިވާ ދަޅައަޅަމުންފިޔަ ކަރުދާސްތައް ފެނި ރާފިއު ސަމާސާ ރާގެއްގައި ބުންޏެވެ. އެއާއެކު ޝައިނާ ނުރުހުމުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.

“ކޮންގްރެޓްސް ރާފީ. އެއީ ކުޑަ އޮޅުމެއްއެރީ. އާދޭ ކޭކް ފަޅާލަން” ޝައިނާ އަތުގައި އޮތް ވަޅި ރާފިއުއަށް ދިއްކޮށްލަމުން ބުންޏެވެ.

“މޭން ކިހިނެއް ތި ހެދީ؟” ކައިރީގައި އިން ނިހާމް ރާފިއުގެ ކަންފަތްދޮށުގައި ބުންޏެވެ.

“އަހަރެންނަށް ކިހިނެއްތަ އެނގެނީ މިވަރު ކަމެއް ވާނެކަމެއް؟ އެހެންނޫނަސް މީ ކައިވެންޏެއްތަ ކުލަކޯޑުކޮށްގެން ހެދުން ލާން” ރާހިލް އަމިއްލަ ނަފްސު ދިފާއުކުރިއެވެ.

“މިތަން އަނދިރި ވީމަ ރަނގަޅަށް މީހުން ނުފެނިދާނެތީއޭ ޝައި އެހެން ނިންމީ. ސާބަހޭ ކަލެއަށް. ކަލޭ ހަމަ އެމަންޖެ ރުޅިއަރުވާލަން ކޮންމެ ކަމެއްވެސް ކޮށްފާނެ ދޯ.” ނިހާމްގެ ވާހަކައަށް ރާހިލް ރައްދެއް ނުދިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ ކޭކު ފަޅަންހުރި ރާފިއުގެ ގާތުގައި އިން ޝައިނާއަށެވެ. ކޭކުފަޅައި ނިމުމުން ރާފިއު ޝައިނާ ގޮވައިގެން ދުރަށް ޖެހިލިތަން އޭނާއަށް ފެނުނެވެ. އެދެމީހުނަށް ހަމަ އެކަކު އަނެކަކާ ނުލައި ނޭވާވެސް ނުލެވެނީ ހެއްޔެވެ؟

“ހޭއި ކަމެއް ވެފަތަ؟ އަހަރެންނަށް ހާދަ ހީވެޔޭ ޝައި މޫޑު ކަޓާފަ ހުރިހެން” ރާފިއު ޝައިނާ ގާތު އަހައިލިއެވެ.

“މޫޑު ނުކަޓާ ވަރެއްތަ؟ މިއުޅޭ ރާހިލްގަނޑު–” ޝައިނާ ރުޅިއައިސްފައިހުރެ ރާހިލް ކަންތައްކުރިގޮތުގެ ވާހަކަ ރާފިއުއަށް ކިޔައިދިނެވެ.

“ދެން ޝައި އަށް އެނގޭނު ރާހިލްގެ ގޮތް. ހީ ލައިކްސް ޓު ބީ އިން ދަ ސަޕޮޓްލައިޓް. އެއީ ދެން އެހާވަރު ކަމެއް ނޫނޭ. އައި ރިއަލީ އެޕްރިޝިއޭޓް ޔޫ ޑުއިންގް ދިސް. ތޭންކްޔޫ” ރާފިއުއަށް އެއީ މާބޮޑު މައްސަލައަކަށް ނުވިއެވެ.

“ނޯ ތޭންކްސް ނީޑަޑް. އެކަމަކު ހުވާ މި ބުނީ. އަހަރެން ރުޅިއަައިސް ލޭމައްޗަށް ގޮސްގެން މަރުވަންޏާ އެކަމުގެ ސަބަބަކަށް ވާނެ މި ރާހިލް” ޝައިނާ އަދިވެސް ހުރީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.

“ސާބަހޭ ޝައިއަށް. އޭނަ އުޅޭ ގޮތާ މާވަރަކަށް އަޅާ ނުލާބަލަ. ޝައި ތިހެން އޯވަރރިއެކްޓް ކުރާތީއޭ އޭނަ އެކަހަލަ ކަންކަން ކުރަނީވެސް. ދެން ތި ހީނލާފަ ކާން ހިނގާ. ވަރަށް ބަނޑުހައި” ރާފިއު ޝައިނާގެ ކޮނޑަށް އަތް ވައްޓައިލަމުން ޝައިނާގެ ކޮލުގައި ހިފައިލިއެވެ.

ރާފިއުއާއެކު މޭޒު ކައިރީގައި އިށީނދެލި ޝައިނާގެ ހިނިތުންވެފައިވާ މޫނު ފެނުމާއެކު ރާހިލްއަށް އަތުގައި އޮތް އުލުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ދަތްކުނޑި ވިކައިލެވުނު ހިނދު އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔައެވެ. ދެންމެ ޝައިނާ އައިސްފައިހުރި ރުޅި އެންމެ ގާތުން ދުށް އެކަކީ އޭނާއެވެ. އެހާ އަވަހަށް ޝައިނާގެ މޫނު މައްޗަށް ހިނިތުންވުން ގެންނަން ރާފިއު ބޭނުން ކުރީ ކޮން އުކުޅެއްބާއޭ ރާހިލްގެ ހިތަށް އެރިއެވެ. ވިސްނަން ނުވާ ގޮތްގޮތަށް ހިޔާލުތަކުގެ މިސްރާބު ދަތުރުކުރަން ފެށުމާއެކު ރާހިލްއަށް ކެއުން ކުރިއަށް ގެންދަން އުނދަގޫވިއެވެ. ކާން ގެންގުޅުނު އުލާއި ސަމްސާ ތަށީގެ ތެރެއަށް ދޫ ކޮށްލުމަށްފަހު އޭނާ އެތަނުން ދިޔައީ ކައިރީގައި ނިހާމްގާތު މަސައްކަތް ބުރަކަމުގެ ބަހަނާ ދައްކަމުންނެވެ.

ޕާޓީ ނިންމައިލުމަށްފަހު ޝައިނާ ހޮޓެލްއަށް އައީ އެންމެ މަގުސަދެއްގައެވެ. ރާހިލް ކުރި ކަންތަކުގެ ބަދަލު ހިފާނޭ ގޮތަކާމެދު ވިސްނުމަށެވެ. އޭނާއަކީ ކުޑަ އިރުއްސުރެންވެސް ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރުމަށް ދެވިހިފައިފައިވާ ޒުވާނެކެވެ. އޭނާއަށް ކުރާ ކުދި ގޯނާތަކަށް އަޅައިނުލައި ހުރި ކަމުގައި ވިޔަސް އޭނާ ރާވާ އެކަހަލަ ކަންކަމަށް ހުރަސް އެޅުމަކީ ޝައިނާއަށް އަޅައިނުލައި ދޫކޮށްލެވޭނެ ކަމެއްނޫނެވެ. އެކަން ނުދައްކައި ހުންނަން އޭނާ ޕާޓީ ނިމެންދެން ނުހަނު މަސައްކަތްކުރިއެވެ.

އެތަން މިތަން ހޯދަމުން ދަނިކޮށް ޝައިނާއަށް މޮޅު ހިޔާލެއް ލިބުނީ މީޓިންގް ރޫމްގައި ހުރި ރާހިލް ބޭނުންކުރާ ބޯޑު ފެނުމުންނެވެ. ރާހިލްގެ މަސައްކަތައް ބޭނުންވާ އެކި ކަހަލަ ޗާޓުތަކާއި ލިޔުންތައް އެ ބޯޑުގައި ހުއްޓެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ރާހިލް ކަމުނުދާ ކަމަށްބުނެ ފޮނުވާލި އޭނާގެ މަސައްކަތުގެ ޕްރިންޓްތަކެއް އެތަނުގައި ހަރުކޮށްފައި ހުރުމުންނެވެ. ވަގުތުން އޭނާއަށް އެދުވަހު ރާހިލް ހެދީ ދޮގެއްކަން ފަޅާއެރިއެވެ. ބަލާކަށް ނުހުރެ އެ ބޯޑުގައި ހުރި ހުރިހާ ގަނޑެއް ނެއްޓުމަށްފަހު ވީދައި ކުދިކުދިކޮށް ބިންމައްޗަށް އަޅައިލިއެވެ. އޭނާގެ ކުށަކާނުލައި އޭނާދެކެ އެހާ ރުޅި އަންނަ މީހަކު އޭނާ މިކަންކޮށްގެން ވަކި އަންނާނެ އިތުރު ރުޅިއެއް އޮންނާނެ ހެއްޔެވެ؟

އެރޭ ޝައިނާ އެތަނުން ނުކުމެގެން ދިޔައީ ކުރެވުނު ކަންތަކާމެދު ހިތްހަމަޖެހިގެނެވެ. މާދަމާ ރާހިލްއަށް އެމަންޒަރު ފެނުމުން އަންނަ ރުޅީގައި އޮފީހުގައި ރޯކޮށްލަންވެސް ފަސްނުޖެހޭނެކަން އެނގި އޭނާގެ މޫނަށް ކާމީޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. އެކަން ޔަގީންކުރުމަށްޓަކައި ދެން އައި ހެނދުނު އޭނާ އެންމެނަށްވުރެ ކުރިން މަސައްކަތަށް ނުކުތެވެ.

ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ބައިގަޑިއެއްހާއިރު ފަހުން ހޮޓެލްއަށް ވަދެގެންއައި ރާހިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހެނދުނުގެ ތާޒާ އަސަރުތަށް އެމޫނާއި އިސްތަށިގަނޑުން ފާޅުވާން ހުއްޓެވެ. އަތުގައިހުރި ޓޭކްއަވޭ ކޮފީތަށި ތުނބުގައި ޖަހައިލަމުން ދުރުގައި ހުއްޓިހުރި ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެހާމެ އަވަސް ފިޔަވަޅުތަކެއްގައިގޮސް މީޓިންގްރޫމްގެ ތެރެއަށް ދެމިގަތެވެ. ޝައިނާގެ ފުރިހަމަ ސަމާލުކަން އެދިމާލަށް ދަތުރު ކުރިއެވެ. އޭނާ އުއްމީދުކުރި ފަދައިން ސިކުންތެއް ނުވަނީސް ރާހިލް ދުން ޖަހާފައި އެތަނުން ނުކުތެވެ. އޭރު ރާހިލްގެ މޫނުމަތީގައިވި ހިތްހަމަ ނުޖެހުން ބަލަން ހުރި މީހަކަށް ސިއްރެއް ނުވާނެއެވެ. އެހެނެއްކަމަކު ޝައިނާ ފެނުމާއެކުހެން އޭނާ އެ އަސަރުތަށް މޫނުމަތިން ފޮރުވައިލަމުން ހަމަޖެހޭގޮތް ދައްކައިލިއެވެ. ތަންކޮޅެއް ބާރަށް އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކަށް ގޮވައިލިއެވެ.

“އަހަރެން އަންނަން ވާއިރަށް މިތަން ކުޑަކޮށް ސާފުކޮށްލަދީބަ. ކޮފީ އެޅިފަހުރީ. ބައެއް ގަނޑުތައްވެސް. ޓޭކް ޔޯ ޓައިމް. އަހަރެން ކުޑަކޮށް ލަސްވާނެ” ރާހިލް އެމީހާގާތު ބުންޏެވެ. އަދި ދުރުގައިހުރި ޝައިނާއަށް ލޯ އަޅައިލާފައި ހޮޓަލުން ނުކުތުމަށް ހިނގައިގަތެވެ. ޝައިނާ އުއްމީދު ކުރިކަހަލަ ރުޅިވެރި “ރިއެކްޝަނެއް” ނުލިބުނު ކަމުގައިވިޔަސް އޭނާ ކުރިކަންތަކުން ރާހިލްއަށް ސިހުން ލިބުނުވަރުގެ ހެއްކަކަށް ބަންޑުންވެފައިވާ ކޮފީތަށިވެސް ޝައިނާއަށް ފުދުނެވެ. އެތެރެއަށް ހިނިގަނޑު ހިންދައިލަމުން އޭނާވެސް މަސައްކަތަށް ރުޖޫއަވީ ރާހިލްއަށް އޭނާ ދޭން ބޭނުންވި މެސެޖު ފޯރުކޮށްދެވިއްޖެކަން ޔަގިންކުރާ ހާލުގައެވެ.

***********

މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަސް ހުއްޓައިލުމާއެކު ބަހުން ފޭބި ޒީވާ އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. ބަނަވެފައިވާ އުޑުމަތިން ހުޅަނގު މޫސުމުގެ ވިއްސާރަ ވިލާތަކުގެ އަސަރު ފެންނަން ހުއްޓެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ފިނިން ސަލާމަތްވުމަށް ކުޑަކޮށް އަމިއްލަ ގައިގައި ބައްދާލައިގެންހުރެ ޒީވާ މަޑުމަޑުން އޭނާގެ މަދަރުސީ ދައުރުގެ ރަހްމަތްތެރިއެއް ކަމުގައިވާ ޔަލާގެ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ކިޔަވަމުން އައި ކޯހުގެ ބާކީބައި ފުރިހަމަ ކުރުމަށް ޔަލާ ފުރަން އޮތީ އެރޭގެ ނުވައެއްގެ ފްލައިޓުން ކަމަށްވާތީ ޒީވާ ބޭނުންވީ ފުރުމުގެ ކުރިން ޔަލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ހޮސްޕިޓަލުގައި އޭނާއަށް ދިމާވި ހާދިސާއަށްފަހު އޭނާ ގިނަ ދުވަސްތަކެއް މީހުންނާ ވަކިން ގޭގައި ހޭދަކުރަންޖެހުމުން ޔަލާއާ ދިމާކުރެވޭ ގޮތް ނުވީއެވެ. ދެތިން ހަފްތާގެ ކައުންސެލިންގް ސެޝަންތަކަށްފަހު އޭނާ ޑިއުޓީއަށް ނުކުންނަން ފެށިތާ ހަފްތާއެއް ފާއިތުވެއްޖެއެވެ. ހޮސްޕިޓަލުން އޭނާއަށް އެއްބާރުލުން ދިނުމުގެ ގޮތުން މަސައްކަތް ކުރަންޖެހޭ މާހައުލު ބަދަލު ކުރުމަށްޓަކައި އޭނާވަނީ އެހެން ޑިފާޓްމެންޓަކަށް ބަދަލުކޮށްދީފައެވެ.

ބަސްހުއްޓިން ފަށައިގެން ޔަލާގެ ގެއާހިސާބަށް ދިޔުމަށް އޮންނަ ރާސްތާއަކީ ފުދޭ ވަރެއްގެ ދިގު ރާސްތާއެއް ކަމަށްވުމާއެކު ޒީވާ ދިޔަމަގުމަތީ ޝައިނާއަށް ގުޅައިލިއެވެ. ކޮޓަރީގެ އެނދުގައި ރަޖާ އޮޅައިގެން ފިލްމު ބަލަން އޮތް ޝައިނާއަށް ޒީވާގެ ކޯލު ފެނުމާއެކު ފިލްމު ހުއްޓާލަމުން ޖަވާބުދިނެވެ.

“ސާބަހޭ އަދިވެސް އެނދުގަތަ؟ މިހާރު އަހަރެންނަށް މިއާދެވުނީ ހުޅުމާލެ” ޒީވާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

“ހާދަ ފިންޏޭ. މިކޮޅަށް އަދިވެސް ވެހޭ އެބަ. ނުކުތަސް ނެތޭ ކުރާނެ ކަމެއް ވަރަށް ފޫހި” ޝައިނާ ތުންދަމައިލިއެވެ.

“މިކޮޅުވެސް ވަރަށް ފޫހި. ދޮންބެވެސް އައިތާ ހަފްތާއެއްނުވެ ހިނގައްޖެ އަތޮޅުތެރެ ބަލާލާށޭ ކިޔާފަ. އޭނަ ހުންނަންޏާ މިހާ ފޫއްސެއް ނުވާނެ. އެއީ ވިއްޔާ އަހަރުމެންގޭގެ ޖޯކަރަކީވެސް. ކޮބާތަ ޝައިއާ އެއްކޮށް ތިކޮޅަށް ދިޔަ ބޯއީ؟ އަހަރެން ހީކުރީ ތި ދެމީހުން މިހާރު ފްރެންޑްސް ކަމަށް” ޒީވާ ދިމާކުރާ ރާގަކަށް ބުންޏެވެ.

“ފްރެންޑްސްއޭ. އެކަމަކު ދެން ފޫހިވާ އިރަށް ގޮސް އޭނައަށް އުނދަގޫ ކުރެވޭތަ؟” ޝައިނާ އާދައިގެ ގޮތަކަށް ބުނެލި ނަމަވެސް އޭނާއަށް ދިޔައީ ކުށްވެރިކަމުގެ އިހުސާސެއް ކުރެވެމުންނެވެ. ރިއާންވެސް އެދަތުރުގައި ރާހިލް ބައިވެރިވިކަން ސިއްރުކުރަން ބޭނުންވިއިރު އެއީ ރާހިލް ބޭނުންވިގޮތް ކަމާއި އެކަމަށް ރިއާން ރުއްސީ ރާހިލްކަން އޭނާއަށް ޔަގީން ކުރެވެއެވެ. ނަމަވެސް ރިއާން އެންގުމުން އޭނާ އެކަމާ އިތުރަށް ސުވާލު ނުކުރީ ހުދު އޭނާއަށްވެސް ޒީވާއަށް އެކަން ވިސްނައިދޭން އުނދަގޫ ވާނެހެން ހީވާތީއެވެ.

“އޯކޭ ބާއްވަނީ އެނގޭ. މިހާރު އާދެވިއްޖެ” ޒީވާގެ އަޑާއެކު ޝައިނާއަށް އޭނާގެ ހިޔާލުތަކުން ދުރުވެވުނެވެ. އަދި ޔަލާއަށް ސަލާމް ރައްދުކޮށްދޭން އެދުމަށްފަހު ކޯލު ކުރުކޮށްލިއެވެ. އޭނާ ހުރީ ފޫހިވެފައެވެ. ދެތިންދުވަސް ކުރިން ހޮޓެލްގައި ހިނގައިދިޔަ ކަންތަކަށްފަހު ރާހިލް އޭނާއާ މުޅިންހެން ވާހަކަދެއްކުން ހުއްޓައިލީތީ ގޭތެރޭގައިވެސް އޭނާ މާވަރަކަށް ކޮޓަރީން ބޭރަކަށް ނުނިކުމެއެވެ. ނަމަވެސް މިއަދު އެކަން ބަދަލު ކުުރުމަށް އޭނާ ހިތުލިއެވެ. ރަޖާގަނޑު ކޮނޑުމަތިން ގެނެސް ގައިގައި އޮޅާލައިގެންހުރެ ޝައިނާ ކޮޓަރީން ނުކުތެވެ. މަޑުމަޑުން ހިނގާފައި ސޯފާއާ ހަމައަށް ދެވުނުއިރު ލެޕްޓޮޕް ހިފައިގެން އެތަނުގައި މަސައްކަތްކުރަން އިން ރާހިލް އޭނަގެ ލޮލުގައި އަޅައިގަތެވެ. އާއްމުކޮށް ގޭގައި އުޅޭ އިރު ޓީޝާޓެއް ނުވަތަ ގަމީހެއް ލައި ނޫޅުނު ކަމުގައިވިޔަސް މިއަދު ލައިފައިވާ ހުދު ކުލައިގެ ހުޑީއާ ކަޅުކުލައިގެ ސްވެޓްޕޭންސް ފެނުމުން ރާހިލްއަށްވެސް ފިނީގެ އަސަރު ކުރަމުންދާކަން ޝައިނާއަށް ފަހުމްވިއެވެ.

ރާހިލް އިން ހިސާބާ ފޫޓެއްގެ ތަން ބެހެއްޓުމަށްފަހު ޝައިނާ އިށީނެވެ. އޭނާގެ ނަޒަރު ހުއްޓުނީ އިސްޓާކީނާއެކު މޭޒުމައްޗަށް އަރުވައިލެވިފައިވާ ރާހިލްގެ ފައިތިލައަށެވެ. ސިކުނޑިއަށް ވެރިވެގަތް ހިޔާލާ އެއްގޮތަށް އޭނާ ކުރިއަށް ޖެހިލައި އަތުގެ އިނގިލިތަކުގެ ކުރިން ރާހިލްގެ ފައިތިލައިގައި ކޮށްޓާލިއެވެ. އެއާއެކު ރާހިލް ސިއްސައިގެންގޮސް ދެފައި ތިރި ކޮށްލަމުން މޭޒުމަތީގައި ލެޕްޓޮޕް ބެހެއްޓިއެވެ. ނުރުހޭ ޒާތަކަށް ޝައިނާއަށް ލޯ އަޅައިލުމަށްފަހު ގޮނޑީގެ ކުރިއަށް ޖެހިލައި ކަކުލުގައި އުޅަނބޮށި ވިއްދާލަމުން އަނެއްކާވެސް ކުރިމަތީގައިހުރި ލެޕްޓޮޕަށް ކަޅި ހުއްޓައިލިއެވެ.

“ވަރަށް އޮޑް. އެހާ ހެޕީކޮށް އުޅޭ ސަންޝައިން މީހަކާ ބަލާފަ ޔޫ ޗޯޒް ސަޗް އަ ޑަލް ކެރިއާ.” ޝައިނާ ބުންޏެވެ.

“އެންޑް ޔޫ ބިއިންގް ސަޗް އަ ގްރަމްޕީ އެންޑް ޑަލް ޕަރސަން، ޗޯޒް ވޯކް ވިތް ކަލަރޒް” ރާހިލް މާބޮޑު ފިކުރަކާނުލާ ބުންޏެވެ. ޝައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިއީ ފާއިތުވެދިޔަ ހަފްތާގައިވެސް ރާހިލް އޭނާއާ މުހާތަބުކޮށް އެއްޗެއް ބުނި ފުރަތަމަ ފަހަރު ކަމަށްވުމާއެކު އޭނާއަށް އެކަމުން އާ އުއްމީދެއް ލިބިގެންދިޔަ ކަހަލައެވެ. ރާހިލް ލައްވައި އިތުރަށް ވާހަކަދެެއްކުވުމުގެ ނިޔަތުގައި އަޑު ކަނޑާލައިފައި ހުރި ޓީވީގެ އަޑު ބާރު ކޮށްލިއެވެ.

“ތި އަޑު މަޑުކޮށްބަލަ” ރާހިލް އިރުކޮޅެއް ފަހުން ބުންޏެވެ. މޫސުމުގެ ގޮތުން އޭނާހުރީ މަސައްކަތްކުރާ މޫޑެއްގައެއް ނޫނެވެ. ވީއިރު ޓީވީގެ އަޑާހުރެ އަދި އިތުރަށް ސަމާލުކަންދޭން އުނދަގޫ ވަމުން ދިޔައެވެ. ކިތަންމެ ފަހަރަކު ނަންބަރުތައް އޮޅުން ބޮޅުންވާއިރު ޕްރެޒެންޓޭޝަން ނުބައިކޮށް ލިޔެވޭ ފަހަރުތައް މަދެެއް ނޫނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ވިސްނައި ނުލެވުނު ޝައިނާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ރާހިލް ޝައިނާގެ އަތުން ރިމޯޓު އަތުލުމަށްފަހު ޓީވީ ނިއްވައިލިއެވެ. ޝައިނާ އަނެއްކާވެސް ހުށިޔާރުކަމާއެކު ރިމޯޓު ޖަހައިގަތުމަށްފަހު ޓީވީ ހުޅުވައިލާފައި ރިމޯޓާއެކު ދުރަށް ދުއްވައިގަތެވެ. ކުއްލި ހަރަކާތަކާއެކު ރާހިލްވެސް ޝައިނާގެ ފަހަތުން ދުއްވައިގަތެވެ. އޭޭރު މުޅި އެފާޓްމެންޓްގެ ތެރޭގައި ޝައިނާގެ ހުނުމުގެ އަޑު ހަރުލާފައި ހުއްޓެވެ. ރާހިލްގެ މޫނުމަތިންވެސް ފެންނަނީ ހަމަޖެހުމެވެ. ހުޅުވައިފައިވާ ޓީވީގެ ބާރު އަޑުގެ ސަބަބުން އޭނާގެ ބޮލުގެ ރިހުން އިތުރުވަމުން އައި ނަމަވެސް މިހާރު އޭނާއަށްވެސް ހުރެވުނީ ރަނގަޅަށް ސަކަރާތުގެ ތެރެއަށްވަދެ ހިނިތުންވެލައިގެނެވެ.

ސޯފާގެ ވަށައިގެން ދެމީހުން އެނބުރެމުންގޮސް ރާހިލް ކުއްލިއަކަށް ސޯފާގެ މަތިން ފުންމާލައި ހުރަސްކޮށްލަމުން ޝައިނާގެ ގައިގައި ހިފެހެއްޓިއެވެ. އެވަގުތު ޝައިނާގެ ފަރާތުން ތޫލި ހަޅޭކެއްގެ އަޑުއިވުނެވެ. ކުއްލިއެއް ޖެހުމާއެކު ޝައިނާ އުފުލައިލާ ކޮނޑުމައްޗަށް އެއްލަމުން ރާހިލް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. މަޖާ ވެފައިހުރެ ބާރަށް ހީނގަންނަމުން ޝައިނާ ރާހިލްގެ ކޮނޑުން ފުންމާލަން އުޅުނެވެ. އޭރު ރާހިލް އަވަސް ހިނގުމެއްގައި ޝައިނާ ކޮނޑަށް ލައިގެންގޮސް ޝައިނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ޝައިނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ރާހިލް ފާހަނާއިގެ ދޮރު ހުޅުވައިލުމުންނެވެ. ތެޅިގަނެފައި ރާހިލްގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރިނަމަވެސް އެ ބާރުގަދަ ދެއަތުގެ ތެރޭގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތި ގޮތް ހުސްވިއެވެ. ރާހިލް ހުސްކޮށް ހުރި ބިލިގާ ތެރޭގައި ޝައިނާ ބެހެއްޓުމަށްފަހު ދުވެފައި ނުކުމެ ފާހަނާއިގެ ބޭރުން ތަންޑު އެޅުވިއެވެ. އޭރު ޝައިނާ ދޮރުގައި ތަޅަމުން ދޮރު ހުޅުވުމަށް އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް މަޖަލުގެ ތެރެއަށް ވަދެވިފައި ހުރިވަރުން ދޮރު ހުޅުވުމުގެ އެއްވެސް ހިޔާލެއް ނެތި ރާހިލް އެތަނުން ދިޔައީ ޝައިނާ ބިރު ގަނެފާނެ ކަމަށް ފާހަނައިގެ ލައިޓް “އޮން” ކޮށްލުމަށް ފަހުގައެވެ.

************

އެހާ ގިނަ ދުވަހަށްފަހު ޒީވާ ފެނުމުން ޔަލާ ހުރީ ވަރަށް އުފަލުންނެވެ. ކެއުމާއި ވާހަކައިގައި ދެ އެކުވެރިން މަސްއޫލުވެފައިވީއިރު ވަގުތުތަށް ހިނގައިދިޔަ ގޮތްވެސް ނޭނގޭ ކަހަލައެވެ. ފުރަން ދާންވީ ވަގުތު ޖެހުމުން ޔަލާގެ އާއިލާއާއެކު ޒީވާ އެގޭގެ ތިރިއަށް ފޭބިއެވެ. މާގިނަ އިރެއްނުވެ ކާރު އަތުވެއްޖެއެވެ. ޔަލާވެސް ވަދާއުގެ ސަލާމެއްގެ ގޮތުން ޒީވާގެ ގައިގައި ބައްދައިލިއެވެ.

ޔަލާއާއި ޔަލާގެ މަންމަގެ އިތުރުން ކޮއްކޮ ހިމެނޭ އެ ކުޑަކުޑަ އާއިލާ ކާރަށް އަރަންދެން މަޑުކޮށްލުމަށްފަހު ޒީވާ މަޑުމަޑުން ބަސްހުއްޓިއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އުޑުމަތީގައި ނަގާފައިހުރި ވިއްސާރަ ވިލާތަކުގެ އަސަރު ކުރަންފަށައި ވާރޭ އޮއްސައިލައިފިއެވެ. ޑިއުޓީ ނިމުނުގޮތަށް ޔުނީފޯމާއެކު ހުޅުމާލެ އާދެވުނު މޮޔަ ޒީވާގެ ހިތަށް އަރަމުންދިޔައެވެ. ގެއަށްގޮސް އެއްޗެހި ބަދަލު ކޮށްލައިގެން އާދެވުނު ނަމަ ކިހާ ފަސޭހަވީސް ހެއްޔެވެ؟

ޒީވާ ފޫހިގޮތަކަށް ތުންކޮޅު ދަމައިލިއެވެ. ހެދިފައިވާ ފެންގަނޑުތަކުގެ ސަބަބުން ލައިގެންހުރި ހުދުކުލައިގެ ނަރުސް ޔުނީފޯމުގެ ފައިކުރި ކިލާވެދާނެތީ އެކަމަށް ސަމާލުވަމުން މަގުގެ އެއްފަރާތުން ހިނގާފައި ދިޔައެވެ. ނަމަވެސް އެސްފިޔަ ޖަހާލާފަދަ މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނދިރިކަން ވެރިވެފައިވި އުުޑުމަތި ދިއްލައިލަމުން ވިދައިލި ވިދުވަރާއެކު ޖަހައިލި ހޮނުގުގުރިން ޒީވާގެ ފިޔަވަޅުތަށް ގަނޑުވިއެވެ. ތޫނު ރިހުމެއް މޭގައި އުފެދި ނޭވާ ކުރުވާން ފެށިއެވެ. ބާރު އަޑުތަކަކީ ޒީވާގެ ބަލިފައެވެ. ވަކިން ހާއްސަކޮށް ގުގުރީގެ އަޑުދެކެ އޭނާ އަބަދުވެސް ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އިތުރަށް ހަރަކާތެއް ކޮށްލުންވެސް އޭނާއަށްވީ އުނދަގޫ ކަމަކަށެވެ. އޭރު އޭނާގެ މުޅި ހަށިގަނޑަށް ވަނީ ހިތުގައި އުފެދުނު ބިރުވެރިކަމުގެ ސަބަބުން މަޑު ތުރުތުރެއް އައިސްފައެވެ. ވެހެމުންދާ ބޯވާރޭގެ ސަބަބުން ތަންކޮޅެއް ދުރުގައިހުރި މަގު ބައްތީގެ އަލި ފަނޑުވެފައިވާއިރު ޖެހޭ ގަދަ ވައިގެ ސަބަބުން މަގުގެ އަނެއްފަރާތުގައިހުރި ފިތުރޯނު ގަސްތައް ހެލިލާ މަންޒަރުވެސް ޒީވާއަށް އޭރު ސިފަވަމުންދިޔައީ ބިރުވެރި ހައިވާނުންތަކެއްގެ ނެށުމެއް ހެނެވެ. މުޅި މާހައުލުގައި ނާމާންކަމުގެ ސާލެއް އޮޅާލެވިފައިވާ ކަހަލައެވެ.

އެންމެ ކައިރިން ފެންނަންހުރި ފިހާރައިގެ އަސްކަނި ދަށަށް ވަދެ ފޯނުން ޓެކްސީއަކަށް ގުޅުމަށް އޭނާ މަސައްކަތް ކުރިއެވެ. ހުރިހާ ސެންޓަރުތަކުންވެސް އަންގަމުންދިޔައީ ބިޒީ ކަމަށެވެ. ވިއްސާރަ ދުވަހެއް ކަމަށްވުމާއެކު އެކަންވާނީ އެހެންކަން ޒީވާއަށް މާ ކުރިންވެސް އެނގުނެވެ. ހިތްވަރުކޮށްލާފައި ބަސްހުއްޓިއަށް ދިޔުމަށް ނެގި ފިޔަވަޅު އަނެއްކާވެސް ހުއްޓުނީ ޖަހައިލި ހޮނުގުގުރީގެ އަޑުންނެވެ. ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން ފޯނުން ފަހަރަކު ނަންބަރަކަށް ގުޅަމުންދިޔައިރު ޖަވާބު ދޭނޭ އެކަކުވެސް ނުވިއެވެ. މިފަދަ ތޫފާނީ ރެއެއްގައި އަރާމު ތަންމަތި ދޫކޮށްލުމަށްފަހު ބޭރަށް ނުކުމެ އުޅޭނީ ކާކު ހެއްޔެވެ؟

ތުރުތުރު އަޅަމުންދިޔަ އަތަކުން ޒީވާ ރާހިލްގެ ނަންބަރު ފޯނުގައި ޖަހައިލިއެވެ. ރާހިލް ހުރީ މާލޭން ބޭރުގައި ކަމުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތްނަމަވެސް އޭނާގެ ދޮންބެއަށް އޮންނަ އިތުބާރު އެ ހިތުގައި ދެމިއޮތެވެ. މީހުންގެ ނަޒަރުގައި ދޮންބެއަކީ ހިޔާލެއް ފިކުރެއްނެތި އުޅެމުންދާ މީހެއްކަމަށްވިޔަސް އެދެބެއިންނަށް ދިމާވާ ކޮންމެ ކަމަކަށްވެސް ރާހިލް ހައްލެއް ހޯދައިދޭނެކަން ޒީވާއަށް ޔަގީންވިއެވެ.

ސޯފާމަތީގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު ފުންނޭވައެއް ދޫކޮށްލަމުން ރާހިލް ލެޕްޓޮޕާއި ދުރަށްޖެހިލިއެވެ. ފޯނަށް އަރައިފައިވާ ޒީވާގެ ނަން ފެނުމާއެކު ފޫހި ގޮތަކަަށް ފޯނަށް ޖަވާބުދިނެވެ.

“ދޮންބޭ” ކުރެހިފައިވާ ހިމަ އަޑަކުން ޒީވާ ރާހިލްއަށް ގޮވާލުމާއެކު އޭނާގެ މޫނުމަތީގައި ހުރި ފޫހިކަން ފިލައިގޮސް ކުއްލިއަކަށް ސޯފާއިން ތެދުވެވުނެވެ.

“ހެލޯ. ޒީ.. ރޮނީތަ؟ ވަޓް ހެޕެންޑް ސްވީޓީ؟” ރާހިލް ހާސްވެފައި އަހައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފޯނުގެ އަނެއްފަރާތުން އިވުނު ބާރުގަދަ ގުގުރީގެ އަޑާއެކު އިވުނު ޒީވާގެ ތޫލި ހަޅޭކުގެ އަޑުން ރާހިލަށް ކަންތައްވެގެން އުޅޭގޮތް ރޭކައިލިއެވެ.

“ޒީ.. ހަލޯ.. އަރ ޔޫ ދެއާ؟ ޒީ ކޮންތާކު..؟ ގޭގަތަ؟ އެއްވެސް މީހެއް ގޭގަ ނެތީތަ؟؟” ރާހިލް ސުވާލުކުރި ނަމަވެސް ޒީވާގެ ފަރާތުން އިވެމުންދިޔައީ ހިމޭންކަމެވެ. “ޒީ.. އަޅެ ލޯ މަރާލާފަ ވާހަކަދައްކަން މަސައްކަތް ކޮށްބަ. ޕްލީޒް” ރާހިލް އާދޭހުގެ ރާގަކަށް ބުންޏެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު މިފަހަރު ރާހިލްއަށް ޒީވާގެ އަޑު އިވުނެވެ.

“ދޮން..ބޭ.. ހުޅު..ހުޅުމާލޭގަ..ޔަލް ފުރުވަން.. އަ..އައީ..އެއްވެސް..މީހެއްނުނަގާ.. ޓެކްސީ..ވެސް.. ނުނަގާ..”

ޒީވާ އުނދަގުލާއެކު ނަމަވެސް ރާހިލްއަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. އަވަށްޓެރި ގައުމަކަށް އައިސްފައިވާ ތޫފާނެއްގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައި ޒީވާއަށް އަމިއްލަ ހާލަތު އެނގިހުރެ އެކަނި ބޭރަށް ދިޔުމުން ރާހިލް ހިތްހަމަ ނުޖެހުނެވެ. އަދި އެވެސް ހުޅުމާލެއަށެވެ. ނަމަވެސް މި ވަގުތަކީ ޒީވާއާ އެޒުވާބު ކުރަން އެންމެ އެކަށީގެންވާ ވަގުތައް ނުވުމާއެކު ރާހިލް ބެލީ ޒީވާ މަސަލަސް ކުރެވޭތޯއެވެ.

“އޯކޭ ޒީ.. ކާމް ޑައުން އިނގޭ. ފޯނު ކަނޑާނުލާ ހުންނައްޗޭ.. ދޮންބެއަށް ލޮކޭޝަން ފޮނުވާލަބަ. ޑޯންޓް ޕެނިކް ޒީ. އައިމް ހިޔަރ.” ރާހިލް ބުންޏެވެ. އޭނާ އެދުނު ގޮތަށް ޒީވާ ކަންތައް ކުރިއެވެ. “އޯކޭ ޒީ. ދޮންބެ އެބަ ޓްރައި ކުރަން އެނގޭ ގޮތެއް ވޭތޯ. 2 މިނަޓުތެރޭ މި ގުޅަނީ އެނގޭ. ސްޓޭ ކާމް އެންޑް ފުންކޮށް ނޭވާލާ. އެބަ ގުޅަން އެނގޭ” ރާހިލް ޒީވާއަށް އިރުޝާދު ދިނުމަށްފަހު ފޯނު ކަނޑައިލިއެވެ. އޭނާ ރިއާންއަށް ގުޅުމަށް އަވަސްވެގަތެވެ.

“ހަލޯ. ކޮންތާކު؟؟” ރާހިލް އަހައިލިއެވެ.

“އޮފީހުގަ ކިހިނެއްވީ؟؟” ރާހިލް އަނެއްކާވެސް މި ގުޅީ ޝައިނާގެ ކޮންމެވެސް ޝަކުވާއެއް ކުރާށޭ ހީވެ ރިއާން ރުންކުރު ރާގަކަށް އަހައިލި އެވެ.

“ދޭބަ ހުޅުމާލެއަށް. މި ފޮނުވަނީ ލޮކޭޝަން.” ރާހިލް ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

“އޭ އޭ މަޑުކޮށްބަލަ. ރާހިލްއަށް އެނގޭތަ އެއްވެސް ވަރަކަށް މިކޮޅުގެ ހާލަތު އޮތް ގޮތް. އޮފީހުގެ ދޮރުން ނުކުމެގެން ޕާކިންގް ސްޕޮޓާ ހަމައަށް ދާންވާއިރަށް އަހަރެން ތެމޭނެ. މިރޭ އޮފީހުގަ މަޑުކުރާގޮތަށް އަހަރެން މިހިރީ.. ދެން ތީ ކޮންހާ ސަކަރާތެއް؟” ރިއާން ހިތްހަމަނުޖެހުވެ.

 

– ނުނިމޭ –

 

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 25

Next

މިހިތައް ލޯބިދޭށޭ – 06 ބައި

Next
November 26, 2025

މިހިތައް ލޯބިދޭށޭ – 06 ބައި

Previews
November 26, 2025

އެދިގެން ކަލާ ލިބޭތޯ 25

2 Comments!

  1. Eyesherth says:
    November 27, 2025 at 12:52 am

    Omg sissy…. Raahil dheke loabi vevihjje kanneynge alun… 😭😭
    Hehe… Raahil and Shaina… Shaina and Raahil.. They’ll be the perfect example of “Nafrathakee loabeege feshun” theory… 😂😂
    Love it.. And lysm sissy

    1. Rana Lathyf says:
      November 27, 2025 at 4:46 pm

      Thankyouu lym❤️
      Ahahah when it comes to Rahil it’s fall in love again & again dhw hama😅

Comments are closed.



All Right Reserved!