Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 30)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
December 8, 2025 5 Mins Read
4 Comments

ސައިބޮއެ ނިމިގެން ގަންނަން ވެފައި ހުރި އެއްޗެހިތައް ގަނެގެން އައިސް ސައި ހެދުމުގެ ތައްޔާރީތައް ވާން ފެށުނުއިރު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ.އެހެނަސް ހަތަރު މީހުން ބަދިގޭގައި އުޅޭތީ ނިކަން އަވަސް ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ދިޔައެވެ.ތިން ގަޑި ބައިވީރު އަހަރެމެންނަށް ހުރިހާ ކަމެއްކޮށް ނިންމާލެވިއްޖެއެވެ.

****

ސައި ހެދުމުގެ މަސައްކަތް ނިންމާފައި ދޮންތަވެސް ތައްޔާރުވާން އަވަހަށް ގެއަށް ގޮސްފިއެވެ.އަހަންނާއި ތުއްތަވެސް ބަދިގެތެރެ ރަމަތަކޮށް, ލާން ހުރި އެއްޗެހި އިސްތިރިކޮށް ހަދާފައި އަވަހަށް ކޮޓަރިއަށް ވަނީމެވެ.އޭރު މެންދުރު ނުކައި ހުރުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެސް ވެފަ އެވެ.އެހެނަސް ދަތް ހީލި ކަރުވާ ކަހަލަ ގޮތެއްވާތީ ކާން އުޅޭ ހިތެއް ނުވިއެވެ.އެއީ އަހަރެން މާ ބޮޑަށް ހިތް އަވަސްވީމައި އަބަދުވެސް ވާ ގޮތެކެވެ.

****

ފެންވަރައި، ރީތިވެ، ނަމާދުކޮށް ހަދައިގެން އަހަރެން ކޮޓަރިން ނުކުތްއިރު ހަަތަރު ގަޑި ބައިވަނީއެވެ.އޭރު މަންމަ ބަދިގެ ފަރާތުގައި ހަރަކާތްތެރިވާ އަޑު އިވެއެވެ.

****

’އަޅެ މަންމަ ތި ތަށިތަކާ އެއްޗެހި ބެހެއްޓިނަމަ…‘ މަންމަ މޭޒު މައްޗަށް އެއްޗިހި ނަގަމުން ދާތަން ފެނި އަހަންނަށް އުނދަގޫވިއެވެ.އަހަންނަށް ވެގެން ވާނަމަ މަންމައަށް ކުޑަވެސް ބުރައެއް ޖައްސާކަށް އަހަރެން ބޭނުމެއްނޫނެވެ.

****

’މިދެން އެވަރުކަމެއް ނޫނެއްނު… ދަރިފުޅުމެން ދެން ރީތިވެގެން އައިސް އަނެއްކާ ހެދުމު އަތުކުރިޔާ އެއްޗެހި ހަޑިވާނީ…އެހެންވެ މަންމަ މިކަން މިކޮށްލަނީ…‘ މަންމަ ހިނިތުންވެލަމުން ބުނެލިއެވެ.ޕިސް ކިޔާލާފައި އަހަރެންވެސް ގޮސް މަންމައާއި ބައިވެރި ވެގެން މޭޒުމަތީގައި ތަށިތައް އަތުރަން ފެށީމެވެ.

****

އިރުކޮޅަކުން ތުއްތަވެސް ތައްޔާރު ވެލައިގެން ނުކުތެވެ.ގަޑިން ހަތަރު ގަޑި ފަންސާސް ހިނގިއިރު ދޮންތައާއި އިހާންވެސް އަތުވެއްޖެއެވެ.އޭރު ހައިދިން ދުށުމަށް ކެތް މަދުވެފައިވީ ވަރުން އަހަރެންގެ ހިތުގެ ހިނގުން ވަނީ އިންތިހާއަށް އަވަސްވެފައެވެ.

****

ބައްޕަވެސް ނުކުތުމުން އެންމެންވެސް އައިސް ސޯފާތަކުގައި އިށީނދެ ހަމަޖެހިލިތަނަކާހެން ބެލް އަޅާލި އަޑު އިވުނެވެ.

****

’މަހޫ ދޭބަ ދޮރު ހުޅުވަން‘ އާދައިގެ ގޮތަކަށް ދޮންތަ ބުނެލި ނަމަވެސް ސީދާ ތުއްތަ ގާތުގައި ދޮރު ހުޅުވަން ދާން ދޮންތަ ބުނެލުމުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ.ތުއްތަވެސް ފާޑަކަށް ދޮންތަގެ މޫނަށް ބަލާލާފައި ތެދުވިއެވެ.އަހަރެން ދޮންތައާއި ދިމާލަށް ބަލައިލިއިރު އޭނާވެސް އިނީ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ފާޑަކަށް ހިނިއައިސްފައެވެ.އަހަރެން އަތުގެ އިޝާރާތުން ކިހިނެއް ވީހޭ އަހައިލުމުން ދޮންތަ ކުޑަކޮށް ބޯ ޖަހާލާފައި އަހަރެން ގާތުގައި ހަމަޖެހުމަށް އިޝާރާތުން އަންގައިލިއެވެ.އެހެނަސް އަހަރެން އިނީ އެކަމާ ސުވާލު އުފެދިފައެވެ.

****

ތުއްތަ ގޮސް ދޮރު ހުޅުވާލި ގޮތަށް ޖެހި ބުދެއްހެން ހުއްޓުން އެރިއެވެ.އޭރު އޭނާގެ ދެލޯވެސް ހުރީ ބޮޑުވެފައެވެ.އެމަންޒަރު ފެނި އިހާންއާއި ދޮންތަ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ.ވާނުވާ ނޭނގިފައި ތިބީ އަހަންނާއި މަންމައާއި ބައްޕައެވެ.

****

’އަ…އަޝަރު…‘ ތުއްތަގެ އަޑު ނުކުތީ ވެސް އާދައިގެ ވަރަށް ވުރެ ތޫލިކޮށެވެ.އެންމެނަށްވެސް ވީގޮތް ނަގައިގަނެވުނީ ދެނެވެ. ދޮރުމަތީގައި ހުރި މީހަކީ އަޝަރެވެ.ތުއްތަ ދެރަކޮށް ރުޅި އަރުވާލާ ބަހައްޓާފައި އަޝަރު އޭނާއަށް ސަޕްރައިޒެއް ދިނީއެވެ.ހައިދިން އަންނަން ކިޔާފައި ބަދަލުގައި ދޮރުމަތީގައި ހުރި މީހަކީ އަޝަރުކަން އެނގުމުން އަހަރެން މާޔޫސްވިއެވެ.ސުވާލު އުފެދުނެވެ.ހައިދިން އަހަންނަށް ދޯކާއެއް ދިނީބާވައޭ ހިތަށް އެރުމުން އަހަންނަށް ތުން ފިތައިލެވުނެވެ.

****

ތުއްތަ ދޮރުމަތިން އެއްފަރާތް ވެލުމުން އަޝަރު ސަލާމް ގޮވާލާފައި އެތެރެއަށް ވަންނަމުން އޭނާގެ އަތުގައި އޮތް ބޮޑު ރަތް ފިނިފެންމާ ބޮނޑި ތުއްތަގެ އަތަށް ލައިދިންތަން ފެނުނެވެ.އެއާއެކު ތުއްތަގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ.

****

އަޝަރު އެތެރެއަށް ވަނުމުން ތުއްތަ ދޮރު ލައްޕާލަން އުޅެނިކޮށް ހައިދިންގެ އަޑުން ސަލާމް ގޮވާލި އަޑުއިވިފައި އަހަރެންގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.ތުއްތަ އަވަހަށް ދޮރު ހުޅުވާލާފައި ހައިދިން ވަންނަން ތަން ދެއްކި އެވެ. އެތެރެއަށް ވަދެގެން އައި ހައިދިން ފެނިފައި އަހަންނަށް ލައި ލައި ހުރި ނޭވާވެސް މަޑު ޖައްސައިލެވުނެވެ.ކަނޑު ނޫ ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ވަރަށް ރަސްމީކޮށް ހުރި އިރު ވަރަށް ހިތްގައިމު ގޮތެއް ހުއްޓެވެ.އަޝަރެކޭ އެއްގޮތަކަށް އެނާގެ އަތުގައިވެސް މާބޮނޑިއެއް އޮތެވެ.ރަތް ފިނިފެންމަލާއި ހުދު ލިލީ ބޭނުންކޮށްފައިވާ އެ މާބޮނޑި ވަރަށްވެސް ރީއްޗެވެ.

****

ހައިދިން އައިސް އޭނާގެ އަތުގައި އޮތް މާބޮނޑި އަހަރެންގެ އަތަށް ދިއްކޮށްލާފައި ގޮސް އަޝަރުއާއި ޖެހިގެން އިށީނެވެ.

****

’ކޮބާ މަހޫ ސަޕްރައިޒް ކަމުދިޔަތަ؟ ހެހެ‘ ދޮންތަ ނިކަން އަވަހަށް ތުއްތައާއި ދިމާކޮށްލިއެވެ.

****

’މިވަރަކަށްނު ދެން ސަޕްރައިޒް ވާނީ…ތިމީހުން އެންމެން އެއްބަސް ކިޔައިގެން ކުރި ކަމެއް ދޯ މީ…؟ އަޝަރުމެން ގޭ މީހުންވެސް…އަޅެ އެކަމަކު…‘ ތުއްތަ އިނީ ނިކަން އުފާވެފައިކަން އޭނާގެ މޫނުމަތިން އެނގެއެވެ.

****

’އާނ ދެން…މަހޫ ރުޅި އަރުވާލާފަ ސަޕްރައިޒެއް ދިނީމަ ދޯ ބެސްޓް ވާނީ އަސްލު…އެހެންވެ ހައްތަހާ ވެސް… ތެންކްސް ޔޫ ގައިޒް އިނގޭ… ތިމީހުން ނުލައި މިކަމެއް ނުވީސް ހެހެ‘ އަޝަރުވެސް އިނީ ވަރަށް އުފާވެރި މޫޑެއްގައެވެ.އެހެންވީމާ އަހަރެން ހީކުރި ވަރުގެ ފޭކު މީހަކަށް އަޝަރު ނުވިތާއެވެ.

****

’ހިނގާ ފުރަތަމަ ސައިބޯން ދާން ދަރިފުޅުމެންނޭ.ސައިބޮއެގެން ވާހަކަ ދައްކާނީ…‘ މަންމަ ބުނެލިއެވެ.އަހަރެމެން ތިން ބެއިންވެސް ތެދުވެގެން މަންމައާއިއެކު ބަދިގެ ފަރާތަށް ލެފިލީމެވެ.އެހިސާބުން ދޮންތަގެ އަނގަ ގަދަވެއްޖެއެވެ.

****

’އާރރރރރގްހް! ފައިނަލީ..!އަޝަރު އެވާހަކަ ދެއްކީންސުރެން މަ މިހުންނަނީ ފިއްތައިގެން…މި މަހޫ ރުޅި އައިސްގެން އުޅޭގޮތް ފެނުނީމަ ނުހީ އިނދެވެނީވެސް ހަމަ ކިރިޔާ… އަނެއްކާ މީނަ ކޮޅަށް ބަސް ކިޔައިގެން މަ މިއުޅެން ޖެހުނީ…އިހާން ވެސް މަށާ އެވަރަށް ދިމާކުރި ދެން ފަޅައިގެން ދާނީއެއް ނޫނޭ ކިޔާފަ…‘ ދޮންތަ ހެމުން ބުނެލިއެވެ.

****

’އޯކޭ އޭ ދެން… އަޝަރުއަށްވެސް މިފަހަރު ސަޕްރައިޒެއް ދޭން އެނގިއްޖެ.ދެން ހިނގާ ދޯ ބަލަމާ ވާ ގޮތެއް.‘ ތުއްތަ ބުނެލިއެވެ.

****

ބިސްމީގެ ބަރަކާތުން ސަޔަށް އިންސާފު ކުރަން ފެށުނެވެ.އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.ކެއުމުގައި އެންމެ ފޯރީގައި އުޅުނީ އަޝަރެވެ.އޭނާ ރާއްޖޭން ބޭރުގައި ހުރި އިރު ހެދިކާ ކާން ނުލިބޭ ވާހަކަ ކިޔައި ހެދިކާގެ ރަހަތަކަށް ވަރަށް ތައުރީފުކޮށްލިއެވެ.ހައިދިންވެސް އަޝަރުއާއި އެއްބައިވެގެން އަހަރެމެން ހެދިކާ ބިޒްނަސްއެއް ފަށަން ފެނެޔޭ ކިޔައި ތައުރީފް ކުރިއެވެ.

****

ސައިބޮއެ އަވަދިވެގެން ގޮސް އެންމެން ސޯފާތަކުގައި ހަމަ ޖެހިލަމުން އިސްވެ ވާހަކަ ދައްކަން ފެށީ ހައިދިންއެވެ.އޭނާ ވަރަށް ސާފު ސީދާ ބަހުން އަހަރެންގެ ބައްޕަ ގާތުގައި އަހަރެންގެ ކައިވެންޏަށް އެދުނެވެ.ބައްޕަ ވަގުތުން އަހަރެންގެ މޫނަށް ބަލައިލާފައި ނިއް އަރުވައިލިއެވެ.އެ މޫނުމަތިން ހިތްހަމަޖެހުން ފެންނަން ހުއްޓެވެ.އެހެނަސް ބައްޕަގެ އެ އިޝާރާތަކީ އެއީ އަހަރެން ރުހޭ ކަމެއްތޯ ބަލައި ލުމުގެ ގޮތުން ކޮށްލި އިޝާރާތެއްކަން އަހަންނަށް އެނގުނެވެ.

****

’އަހަރެން ގަބޫލު…‘ އިތުރަށް ދިގު ދަންމާކަށް ޚުދު އަހަރެންވެސް ބޭނުމެއް ނުވިއެވެ.ވަރަށް ސާފު ސީދާ ބަހުން އަހަރެންގެ ޖަވާބު އެންމެންގެ ހާޒިރުގައި ހައިދިންއަށް އިއްވީމެވެ.ހީވީ ބޮލުން ބޮޑު ބަރެއް ނެގިގެން ދިޔަ ހެންނެވެ.އަހަރެންގެ ޖަވާބު އަހާފައި ހައިދިންގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ އުފާވެރި ހިނިތުންވުމެކެވެ.ދެން ތިބި އެންމެންގެ ފަރާތުންވެސް ހަމަ އެހާ އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

****

ހައިދިންއަށްފަހު ދެން ’ސްޕޮޓްލައިޓު‘ ހުއްޓުނީ އަޝަރާ ދިމާލަށެވެ.އޭރު އޭނާ އިނީ ފާޑަކަށް ރަކިވެފައިކަން އޭނާގެ ދޮން މޫނުމަތި ރަތް އަރާފައި ހުރި ގޮތުން ދޭހަވެއެވެ.އެހެނަސް ވަރަށް ހިތްވަރު ކޮށްފައި އަޝަރުވެސް ބައްޕަގެ ގާތުގައި ތުއްތަގެ ކައިވެންޏަށް އެހިއެވެ.ތުއްތަގެ ޖަވާބު އައީ ހަމަ އަހަރެމެން އެންމެންވެސް ހީކުރި ގޮތަށެވެ.ރުޅި ހަދާލައިގެން އުޅޭ ކަމަށް ހެދުނަސް އެހާ ދިގު އިންތިޒާރަކަށްފަހު ތުއްތަ ނޫނެކޭ ނުބުނާނެ ކަން އެންމެނަށްވެސް އެނގެއެވެ.

****

’ވާވާ…ދެ ވެޑިން ބޯމަތިވީއެއްނު މިއޮއް…ޑަބަލް ވެޑިންއެއްތަ؟!‘ ދޮންތަ އުފާވެފައި ބުނެލިއެވެ.

’އުހޫނ…ދެބައި މީހުން އެއްކޮށް ވެޑިން ބޭއްވީމަ އަމިއްލަވަންތަކަން ގެއްލޭނެ…މިހޫވެސް ބޭނުންވާނެ އޭނާގެ އަމިއްލަ ގޮތްގަނޑެއް…އަޅެ ނޫންތަ؟‘ ތުއްތަ ބުނެލިއެވެ.

****

’މިހޫ ބޭނުން ގޮތެއް ތިކަމުގައި އޮންނާނީ…‘ ހައިދިން އަހަންނާއި ނަޒަރު ސީދާކޮށްލަމުން ބުނެލިއެވެ.

****

’އަހަރެމެން ހަމަ އޭރު ކީ ޑޭޓަށް ވެޑިން ބާއްވާ ގޮތަށް…އިތުރު ބަދަލެއް ގެންނާކަށް ނުވިސްނަން… އަނެއްހެން ހުރިހާ ޕްލޭނެއް ނިމިފައި އެ އޮތީ ވެސް…‘ އަޝަރު ބުނެލިއެވެ.

****

އެންމެން މަޝްވަރާކުރުމަށްފަހު އަހަންނާއި ހައިދިންގެ ކައިވެނި ހަމަޖެހުނީ ތުއްތަމެންގެ ކައިވެނި ނިންމުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ސައްބީސް ވަނަ ދުވަހަށެވެ.ތަންކޮޅެއް ލަސްކުރަން ނިންމީ ތުއްތަގެ ކައިވެންޏަށްފަހު އެންމެނަށްވެސް ހަމަ ޖެހިލަން ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ.އަހަރެންގެ އަލަތު ކައިވެންޏަށް ނުވިޔަސް ހައިދިންގެ އަލަތު ކައިވެންޏަށް ވާތީ ޕާޓީ ބޭއްވުމުގެ ޚިޔާލަށް އަހަރެން ތާއީދު ކުރީ ހަގީގަތުގައި ހައިދިންއާއި އެކުގައި އާ ދިރިއުޅުމެއް ފަށާ ދުވަހަކީ ޚާއްސަ ދުވަހަކަށްވާން އަހަރެންގެ ހިތްވެސް އެދޭތީއެވެ.ހައިދިން އެތައް ފަހަރަކު އެއީ އަހަރެން ބޭނުންވާ ގޮތްތޯ އަހާ ޔަގީން ކުރިވެސްމެއެވެ.

****

ކައިވެނި ހަމަޖެހިފައި އޮތަސް އަހަންނާއި ހައިދިން އެކަހެރިކޮށް ބައްދަލުކޮށެއް ނުހަދަމެވެ.އެކަން އެގޮތަށް ނުކުރުމަށް ހައިދިންވެސް ވަރަށް އިސްކަންދޭކަން އަހަންނަށް ފާހަގަވިއެވެ.

****

’އަހަރެން ވަރަށް ގިނައިން ހިތަށް އަރާ އެއްޗެއް އަޅެ ބުނަންތަ…؟‘ ތުއްތަމެން ޕާޓީގެ ކަންކަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެފައި އެންމެން ސައި ބުރޭކެއް ނެގި ގަޑީގައި ހައިދިން ހުރެފައި ބުނެލިއެވެ.އޭރު މޭޒު ދޮށުގައި މަންމައާއި ބައްޕަ ނޫން އެންމެން ތިއްބެވެ.އެ ދެމީހުން އޭރު ވީ ގެއަށް ވިޔަފާރި ކުރުމަށް ބޭރަށް ގޮހެވެ.

****

’ހޫނ އަޅެ ބުނެބަލަ…‘ ތުއްތަ ސަމާލުކަން ދިން ގޮތް ދައްކަމުން ދަތްދޮޅީގައި އަތް ވިއްދާލާފައި ބުނެލިއެވެ.

****

’އަސްލު މި ފެމިލީއާ ބައްދަލުވުމުގެ ކުރިން އަހަރެންގެ ޚިޔާލާއި ފިކުރު ހުރީ ހަމަ މި ޒަމާނާ އެއްގޮތަށް…މިބުނީ ރައްޓެހިވެގެން އެތައް ދުވަހަކު އުޅެ…ޑޭޓުތަކަށް ގޮސް.. ދުއްވަން ގޮސް…މީ ހަމަ ވަރަށް ނޯމަލް ކަންކަމޭ ކުރީގައި ހީކުރީ…އެކަމަކު މިގެއަށް ފުރަތަމަ އައި ދުވަހުވެސް އަހަރެންގެ އެ ވިސްނުން މުޅިން ބަދަލުވެގެން ދިޔަ.ދޮންބެ އެހާ ޓްރެޑިޝަނަލްކޮށް މަޒޫއަށް ޕްރޮޕޯސް ކުރަން އުޅޭ ވާހަކަ ބުނީމަ ފުރަތަމަ އަހަންނަށް ވީ ބޮޑު ޖޯކަކަށް… ވަރަށް ދިމާވެސް ކުރިން އޭނަޔާ…އެކަމަކު އެކަން ހިނގާ ދިޔަ ގޮތް ހަމަ ލޮލަށް ފެނުނީމަ ހިތަށް އެރި އަސްލު ހާދަ ސަޅި ގޮތެކޭ އެއީ…ބައްޕަގެ ހާޒިރުގައި ހެޔޮގޮތުގައި އަންހެން ދަރިއެއްގެ ކައިވެންޏަށް އެހުމަކީ…މިހާރު މިޒަމާނުގައި ކަން އޮންނަ ގޮތަށް އެކަން ކުރާނަމަ ޕްރޮޕޯސް ކޮށްފައި ވެސް ދެން އަރައިގަންނާނީ އަނެއްކާ އަނެއް ފާފަޔަށް……އަޅެ ނޫންތަ؟‘ ހައިދިން ވަރަށް ސީރިއަސްވެފައި ބުނެލިއެވެ.

’ރަނގަޅު ވާހަކައެއް…‘ ދޮންތަ ބުނެލިއެވެ.

’އާނ ދޯ…މަހޫ… އަހަރެމެންވެސް ރައްޓެއްސެއް ނުވަމޭ ދޯ އަސްލު.‘ އަޝަރު އިނދެފައި ބުނެލިއެވެ.

’ރައްޓެެއްސެއް ނުވަން އެކަމަކު ލައްކަ ދުވަހު ވާހަކަ ދެއްކިން… ބައްޕަމެނަށް އެނގިގެން.އަޝަރު ކިޔަވަން ބޭރުގައި ހުންނާތީ މިގެއަށް އައިސްގެން ބައްދަލު ނުކުރެވޭތީ ގުޅަން ވިއްޔާ ޖެހެނީ…މެސެޖް ކުރިއަސް ގިނަފަހަރު ނުފެންނާނެ ބިޒީކަމުން ހެހެ…ދެން މީނަ މިކޮޅަށް އަންނަ ފަހަރަކުވެސް ގެއިން އެކަނި ހަމަ މީޓްވާނީ…ރޫލްސް ބުރޭކެއް ނުކުރަން އަހަރުންނެއްވެސް ދޯ‘ ތުއްތަ ބުނެލިއެވެ.

****

’މަންމައާ ބައްޕަގެ ތަރުބިއްޔަތު ހަމަ ވަރަށް ފުރިހަމަ‘ ހައިދިން ހިނިތުންވެލާފައި ބުނެލިއެވެ.

’ބައެއް ފަހަރު މަންމަ ހޫނު ފޮޅި ކާންދޭ އެކަމަކު އިނގޭ…‘ ދޮންތަ ހެމުން ބުނެލިއެވެ.

****

’ހޫނު ފޮޅިއޭ ކިޔައިގެން ކީކޭ މިކިޔަނީ މިހާރު..؟‘ މަންމަ އަޑަށް ބާރުލާފައި ބުނެލި އަޑަށް އެންމެން އެދިމާލަށް ބަލާލާފައި ވަގުވަގަށް ހޭން ފެށިއެވެ.އޭރު މަންމަ ދެއަތް ފުރެންދެން ވިޔަފާރި ކޮތަޅުތައް ހިފައިގެން ހުރެ އެތެރެއަށް ވަދެގެން އާދެއެވެ.

****

’މަންމާ….ހައިދިން އެކިޔަނީ މަންމަޔާ ބައްޕަ އަހަރެމެން ތަރުބިއްޔަތުކޮށްފައި ހުރި ގޮތް ފުރިހަމަ ވާހަކަ… ދެން އަހަރެން މިބުނީ އެކަމަކު ބައެއް ފަހަރު މަންމަ ހޫނު ފޮޅި ކާން ދެޔޭ..‘ ދޮންތަ އަނގަ ސަކަރާތްވެފައި އިނދެ ބުނެލިއެވެ.

****

’ހޫނ ސާބަސް.‘ މަންމަ ގާތަށް ހިނި އައެވެ.

’ހޫނު ފޮޅި ކާން ދެނީ ކާން ދޭން ޖެހުނީމަ އޭ… މިހާރު ވެސް ހަމަ ކާން ދޭނަން ދޭން ޖެހުނީމަ…އެހެންނު ވާނީ ދޯ ދަރިފުޅާ އިހާން‘ މަންމަ ދޯ އެއްލީ އިހާންއަށެވެ.

****

’އެކިޔާހެން މަޒޫއެއް ކަމަކު ބަސް ނާހަންޏާ މަންމަ ހަމަ ހޫނު ފޮޅި ކާން ދޭން ވީ…ތިކަމާ ތާއީދު..‘ އިހާން ހެމުން ބުނެލިއެވެ.

****

އެ ސަކަރާތެއްގައި އުޅެފައި އިރު އޮއްސުމުން މަސައްކަތްތައް މެދުކަނޑާލާފައި އެންމެން ގެއަށް ދިޔުމުން އިސާހިތަކު ގޭތެރެއަށް ވެރިވީ ފަޅުކަމެވެ.އަހަރެންވެސް ކޮޓަރިއަށް ވަދެ ނަމާދުކޮށް ހަދައިގެން އެނދުގައި ޖައްސާލި ތަނާހެން ދެލޮލަށް ނިދި ސަވާރުވެއްޖެއެވެ.ދެން ހޭލެވުނީ އަހަރެން ކާން ނުނުކުމެގެން މަންމަ އައިސް ދޮރުގައި ޓަކިދޭން ފެށި އަޑަށެވެ.އޭރު ނުވައެއް ޖެހުމާ ގާތް ކުރަނީއެވެ.

(ނުނިމޭ)

(މި ޕާޓް ލަސްވިކަމަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދެން)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ލޯބި އަހަރެންވެސް ވީމޭ… (3 ވަނަ ބައި)

Next

ދެވުނީ ވޭނޭ 23

Next
December 8, 2025

ދެވުނީ ވޭނޭ 23

Previews
December 8, 2025

ލޯބި އަހަރެންވެސް ވީމޭ… (3 ވަނަ ބައި)

4 Comments!

  1. Nai_73 says:
    December 8, 2025 at 9:37 pm

    Masha Allah mi part ves Vrh reethi finally haidhin and mihoo
    Curiously waiting for the next part when’s next Avahah up kohdhehchey pls can’t wait ☺️

    1. Lamtty Lamtty says:
      December 9, 2025 at 7:26 pm

      Thank you Nai_73 ❤️
      Already submitted
      Hope you like it

  2. Nyb says:
    December 9, 2025 at 4:17 pm

    Love this part
    Now waiting for their weddings
    Keep up the good work

    1. Lamtty Lamtty says:
      December 9, 2025 at 7:27 pm

      Thank you Nyb ❤️
      Next part submitted
      Hope you like it too

Comments are closed.

Next Episodeމާސްކު (ޕާޓް 31)←


All Right Reserved!