Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 17

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 16, 2025 5 Mins Read
6 Comments

“އެއްވެސް ކަމަކާ ޝަކުވާ ކުރާކަށް ބޭނުމެއް ނޫން. އެއްވެސް މީހަކާ ދޭތެރޭ ހިތްބުރަ ކުރާކަށްވެސް ބޭނުމެއް ނޫން. އެކަމަކު އަހަރެންގެ އާއިލާ މީހުން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތް ދުވަހަކުވެސް ހިތުން ފިލައިގެންނެއް ނުދާނެ.. ބޮޑުއްތާ، އިރާދަ ކުރެއްވިއްޔާ އަދި ދިމާވާނެ.. ދެން ބާއްވަނީ..” މާހިރާގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލަޔާލް ފޯން ކަނޑާލި ގޮތަށް އެ ފޯން މޭގައި ޖައްސާލަމުން ލަޔާލްއަށް ރޮވުނީއެވެ.

އެ ދުވަހުގެ ފަހުން މާހިރާ ދޭތެރެއަކުން ލަޔާލްއަށް ގުޅާލައެވެ. ކޮންމެ ފަހަރަކު އެ ކޯލަށް ޖަވާބު ނުދިން ނަމަވެސް މަދުމަދުން ލަޔާލް މާހިރާއާ ވާހަކަ ދައްކައެވެ. ލަޔާލް މާހިރާއާ ވާހަކަ ދައްކަނީ އެ ކަން އެއްވެސް މީހަކަށް ނޭންގުމަށް ޝަރުތު ކޮށްފައެވެ. ލަޔާލްގެ އެދުމަށް މާހިރާ އެއްބަސް ވީ އެ ގޮތަށް ނަމަވެސް ލަޔާލްގެ ޙާލު އެނގެން ބޭނުން ވީތީއެވެ.

 

މަންމައާ ބައްޕަގެ އާއިލާއާ ބެހޭ ގޮތުން ކިޔާން ފުރަތަމަ ސުވާލު ކުރީ ސްކޫލްގައި ހަދަން ދިން ފިލާވަޅަކަށް ފަހުއެވެ. ލަޔާލް އެ ދުވަހު ކިޔާންއަށް އާއިލާގެ އެންމެން ކިޔާދިނެވެ. ފޮޓޯވެސް ދެއްކިއެވެ. އޭގެ ފަހުން އެކިއެކި ފަހަރު ކިޔާން އެ ފަދަ ސުވާލު ކުރެއެވެ. އާއިލާއާ އެކު ލަޔާލްއާ ކިޔާން ނޫޅެނީ ކީއްވެތޯ ސުވާލު ކުރުމުން ލަޔާލް އެދުނީ އެ ސުވާލު ނުކުރުމަށެވެ. ކުޑަ ކުއްޖެއް ނަމަވެސް އެއީ މަންމަގެ ހިތަށް ތަދު ކުރި ސުވާލެއް ކަން ކިޔާން ދެނެގަތެވެ.

ކިޔާންއަށް ނުވަ އަހަރު ފުރުނީ ހޮސްޕިޓަލުގައި އޮއްވައެވެ. އެއީ އެހެން ފަހަރުތަކަށް ވުރެ ބޮޑަށް ކިޔާން ބަލިވި ފަހަރެކެވެ. އެ ފަހަރު ކިޔާން ދޫކޮށްލީ ތިން ހަފްތާ ފަހުންނެވެ. މާލެއަށް ބަދަލުވުމަށް ލަޔާލް ނިންމީ އެ ފަހަރު ކިޔާން ގޮވައިގެން ގެއަށް ގޮސްފައެވެ. ކިޔާންގެ އުމުރުގައި ބާކީ އޮތީ ކިހާ ދުވަހެއް ކަން ނޭނގުނު ނަމަވެސް ޔަގީން ވާ ކަމަކީ އެއީ މަދު ދުވަސްކޮޅެއް ކަމެވެ.

އެ ދުވަހުގެ ފަހުން އެ ސުވާލު ނުކުރި ނަމަވެސް ހޮސްޕިޓަލުގައި އޮވެ އާއިލާއާ ބައްދަލު ކުރުމަށް ކިޔާން އެދުނު އެދުން ފުރިހަމަ ކޮށްދިނުމަށް ލަޔާލް ބޭނުންވީއެވެ. ކިޔާންގެ އެންމެ ބޮޑު އެދުމަކީ ބައްޕައާ ބައްދަލު ކުރުމެވެ. އެ އެދުމަށް ދެކޮޅު ހަދާނެ ހިތްވަރު ލަޔާލްގެ ކިބައިގައި ނެތީއެވެ.

 

މާޒީއަށް ގެއްލިފައި އޮތް ލަޔާލް ސިހިފައި ތެދުވީ ފޯން ރިންގްވަމުން ދިޔަ އަޑަށެވެ.

“ހެލޯ..؟” ލަޔާލް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ލަޔާ، އޯކޭތަ؟” ލީޝާ އެހިއެވެ.

“އާނ، އޯކޭ.. މި ދަނީ އިނގޭ” ލަޔާލް ދެ އަތުން މޫނު ފޮހެލަމުން ބުންޏެވެ.

“އުހުނ، ލަޔާ މަޑު ކުރޭ. އަހަންނާ ޝިފާޒް މި ދަނީ ކިޔާން ގޮވައިގެން” ލީޝާ ބުންޏެވެ.

“އޯކޭ. ތެންކްޔޫ ލީޝް!” ލަޔާލް ބުންޏެވެ.

“އެއްކަލަ ލަޔާ ތެންކްޔޫ ކިޔަން ފަށައިފި. ބުނެފީމެއްނު ދެން ތި އެއްޗެހިތައް ނުކިޔާށޭ. ގިނަ ވާހަކަ ނުދައްކާ އަހަރެން ދާން ވާ އިރަށް ކޮފީ ގިރަން ފަށާ. ދިހަ ވަރަކަށް މިނަޓް ވާނީ” ލީޝާ ސަމާސާ ރާގަކަށް އެހެން ބުނެފައި ފޯން ކަނޑާލިއެވެ.

ލަޔާލްއަށް ހީލެވުނެވެ. ލީޝާ ފަދަ އެކުވެރިޔަކު ލިބުނުކަމަށްޓަކާ ލަޔާލް ހިތުގެ އަޑިން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ.

ކިޔާންއާ ލީޝާ އައިސް ވަން އިރު ލަޔާލް ހުރީ ކޮފީ ގިރާށެވެ. ކިޔާން ވަން ގޮތަށް އައިސްއަލަމާރި ހުޅުވާލާފައި ލަޔާލް ތައްޔާރު ކޮށްފައި ހުރި މިލްކްޝޭކްތަށި ނަގައިގެން އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.

“ކިހިނެއް ދިޔައީ؟” ދެ އެކުވެރިން މޭޒު ކައިރީ އިށީނދެ ކޮފީތަށިން ރަހަ ބަލާލާފައި ލީޝާ އެހިއެވެ.

އެ ދުވަހު އޮފީހުގައި ވީ ހުރިހާ ކަމެއް ލަޔާލް ކިޔާދިނެވެ.

“އަސްލުވެސް ހަމަ ގަބޫލު ކުރީތަ؟” ލަޔާލްގެ ވާހަކަ ސާހިލް ގަބޫލު ކުރިކަން އެނގުމުން ލަޔާލްގެ އަތުގައި ހިފާލަމުން ލީޝާއަށް އަހާލެވުނެވެ.

ލަޔާލް ބޯ ޖަހާލިއެވެ.

“އަލްޙަމްދުﷲ!” ލީޝާ ބުންޏެވެ.

“ކިޔާންއަށް ކިޔާންގެ ބައްޕައާ މީޓް ކުރެވޭނެ ދެން..” ސޯފާގައި އިން ކިޔާންއަށް ބަލާލަމުން ލަޔާލް ބުންޏެވެ.

“ސާހިލް މީޓް ކުރަން ބުނިތަ؟” ލީޝާ އެހިއެވެ.

“ނުބުނޭ.. އެކަމަކު އޭނަ ގަބޫލު ކުރަންޏާ ކިޔާން ދެކެން ބޭނުން ވާނެއެއްނު؟” ލަޔާލް ބުންޏެވެ.

“ލަޔާ.. ކިޔާންގެ ވާހަކަ ބުނިންތަ؟” އެއީ ލަޔާލްއަށް ކުރަން އުނދަގޫ ވާނެ ކަމެއް ކަން ލީޝާއަށް ވިސްނެއެވެ.

ލަޔާލް ދެފަރާތަށް ބޯ ހަލުވާލިއެވެ.

“އަދި ބުނާނަން.. އަހަރެން ހީކުރީ އެންމެންނާ ފޭސް ކުރާނެ ހިތްވަރު އަހަރެންގެ ހުންނާނެ ކަމަށް. އެކަމަކު ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށް ވީ. ބައްޕަ.. ބައްޕަ އަދިވެސް ބަދަލެއް ނުވޭ.. ދެން ސާހިލް.. މިހާ ދުވަސް ފަހުން ފެނުނު އިރުވެސް އަހަރެން.. ނަތިންގ ހޭޒް ޗޭންޖްޑް ލީޝް.. އެ ހުރިހާ ކަމަކަށް ފަހުވެސް އަހަރެން އަދިވެސް.. ސާހިލް ބުނި ގޮތުން ސާހިލްވެސް..” ލަޔާލްއަށް ހިތުގައިވި އެއްޗެއް ދުލާ ހަމައަށް ގެންނަންވެސް އުނދަގޫވިއެވެ.

“ޔޫ ސްޓިލް ލަވް ހިމް، އައި ނޯ. އެހެން ނޫން ނަމަ މިހާ ދުވަސް ވީ އިރު ލަޔާ ވަރިނުވެ ނުހުންނާނެއެއްނު؟ ސާހިލްގެ ގޮތެއް އަހަންނަކަށް ނޭނގެ، އެކަމަކު އޭނަގެ ހިތުގަވެސް އެހެން ނެތްނަމަ އެގާރަ އަހަރު ވީ އިރު ލަޔާ ވަރި ނުކުރިޔަސް އެހެން މީހަކާ ނީނދެވެސް ނުހުންނާނެ ކަންނޭނގެ.. ދެން ލަޔާ ކިހިނެއް ހަދަން ވިސްނަނީ؟ ސާހިލްއާ އެކީ—” ލީޝާއަށް ފަހު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“ނޫން.. އަހަރެން ހަނދާނެއް ނުނެތޭ.. އަހަރެން ކުރި އާދޭސް އަޑު ނާހާ އެބޯޓް ކުރަން ސާހިލް ބުނީ.. އައި ކާންޓް ފޮރގެޓް.. މިއަދު ގަބޫލު ކުރިޔަސް އެ ދުވަހު އޭނަ ޓްރަސްޓް ކުރީ ހިލޭ އަންހެނަކަށް. ސާހިލް ބުނިހެން އަހަރެން ކަންތައް ކުރި ނަމަ އަހަރެންގެ ކުށެއް ނެތް ކަން މިއަދުވެސް ގަބޫލެއް ނުކުރާނެ. ކިޔާންއަށް ޓަކާ ނޫން ނަމަ އަހަރެން ދުވަހަކުވެސް ސާހިލްއާ ކުރިމަތި ލާކަށް ބޭނުމެއް ނޫން.. އެކަމަކު މިއަދު ހުރިހާ ކަމަކަށް ވުރެ ކިޔާންގެ އުފާ އަހަންނަށް މުހިންމު” ލަޔާލް ބުންޏެވެ.

ލީޝާ އިތުރު އެއްޗެއް ނުބުނެއެވެ.

“އޯޝަންލައިންއާ ޖޮއިން ކުރެވުން އެއީ އެންމެ ރަނގަޅު ގޮތް ބާއޭ މިހާރު އެބަ ހިތަށް އަރާ.. ބައްޕައާ ކޮންމެ ދުވަހަކު ފޭސް ކުރާނެ ގޮތެއް ނޭނގެ. އެއީ ކިޔާންގެ ކާފަ ކަން ބުނެދިނަސް ބައްޕަ އެކަން އެކްސެޕްޓް ނުކުރަންޏާ.. ލީޝް.. ކިޔާން އެދޭ ކަންތައް އަހަންނަށް ނުކޮށްދެވިއްޖެއްޔާ..؟” ލަޔާލް ސުވާލު ކުރިއެވެ.

“ސާހިލްވެސް ގަބޫލު ކުރީއެއްނު؟ ލަޔާ ކަންބޮޑު ނުވޭ، އިރާދަ ކުރެއްވިއްޔާ ލަޔާގެ ބައްޕަވެސް އަދި ގަބޫލު ކުރާނެ” ލަޔާލްގެ ކޮނޑުގައި ފިރުމާލަމުން ލީޝާ ބުންޏެވެ.

ލަޔާލް ބޯ ޖަލާލިއެވެ. އިރުކޮޅެއް ވަންދެން އެކަކުވެސް އެއްޗެއް ނުބުނެ ކޮފީ ބޯން ތިބީއެވެ. އެ ހިމޭން ކަން ނައްތާލީ ލަޔާލްގެ ފޯނެވެ.

“ބޮޑުއްތަ..” ފޯނަށް ބަލާލަމުން ލަޔާލް ބުންޏެވެ.

“ނަގާބަލަ!” ލީޝާ ބުންޏެވެ.

“ހެލޯ، ބޮޑުއްތާ..” ލަޔާލް ކަންފަތުގައި ފޯން ޖައްސާލަމުން ގޮވާލިއެވެ.

“ލަޔާ، ބޮޑުއްތަ ބޭނުން ލަޔާއާ ބައްދަލު ކޮށްލަން” މާހިރާ ގިނަ ވާހަކަތަކެއް ނުދައްކާ ގުޅި ބޭނުން ހާމަ ކުރިއެވެ.

“ކަމަކުތަ؟” ލަޔާލް އަހާލިއެވެ.

“ލަޔާއާ ބައްދަލު ނުކުރެވޭނީތަ؟ ބޮޑުއްތައާ ބައްދަލު ކުރަން ލަޔާ ބޭނުން ނޫނީތަ؟” ލަޔާލް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މާހިރާވެސް ކޮށްލީ ސުވާލެކެވެ.

“ނޫން، އެހެންނެއް ނޫން.. ބޮޑުއްތާ، ސާހިލް އެއްޗެއް ބުނީތަ؟” އެ ދުވަހު ވީ ކަންތައް ސާހިލް މާހިރާއަށް ކިޔާދިނީ ހެން ލަޔާލްއަށް ހީވިއެވެ.

“ނޫން، ސާހިލް އެއްޗެއް ބުނެގެންނެއް ނޫން.. ކިހިނެއްވީ؟ ލަޔާލްއާ ދިމާއަށް ސާހިލް އެއްޗެއް ބުނީތަ؟” އޮފީސް ތެރޭ ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގީއޭ ހީވެ މާހިރާ ކަންބޮޑުވިއެވެ.

“ނޫން.. ބޮޑުއްތަ ބުނޭ، ބައްދަލު ކުރަން ކޮން ތާކަށް ދާންވީ؟” ލަޔާލް އެހިއެވެ.

“ލަޔާލްމެން ގޭ ކައިރީގަ މިހުރީ” މާހިރާ ބުންޏެވެ.

“މި ގޭ ކައިރީގަ؟” ލަޔާލްއަށް އަހާލެވުނެވެ. އަދި ތެދުވެގެން ގޮސް ބެލްކަނީގެ ދޮރު ހުޅުވާ ތިރިއަށް ބަލާލިއެވެ. ނަމަވެސް މާހިރާ ފެންނާކަށް ނެތެވެ.

“އަދި ތި ގެއާ ހިސާބަކަށް ނުދެވޭ” މާހިރާ ބުންޏެވެ.

“ބޮޑުއްތަ އައިސްފަ ގުޅާލާ..” ލަޔާލް އެތެރެއަށް ވަނެވެ.

ލަޔާލްގެ އެދުމަށް ކިޔާން ގޮވައިގެން ލީޝާ ކޮޓަރިއަށް ވަނެވެ. ފަސް ވަރަކަށް މިނަޓް ފަހުން މާހިރާ އަނެއްކާވެސް ގުޅުމުން ލަޔާލް އަރަންވީ ފްލޯރއާ އެޕާޓްމެންޓް ކިޔާދިނެވެ. މާހިރާ އަންނަން ވާ އިރަށް ދޮރު ހުޅުވައިގެން ހުރި ލަޔާލް ހައިރާންވީ މާހިރާއާ އެކު އިރުފާންއާ ނާފިޒްވެސް އައުމުންނެވެ.

ލަޔާލްއަށް އެއްޗެއް ނުބުނެވިފައި ހުއްޓާ މާހިރާއާ އެކު ވަދެ ނާފިޒްއާ އިރުފާން ސޯފާގައި އިށީނެވެ. ލަޔާލް ދޮރު ލައްޕާލާފައި އައިސް ދެން ހުރި ސޯފާއަށް އިޝާރާތް ކޮށްލަމުން މާހިރާ ގާތު އިށީންނަން ބުންޏެވެ. ނަމަވެސް އިށީނުމުގެ ބަދަލުގައި މާހިރާ އައިސް ލަޔާލް ގައިގައި ބައްދާލިއެވެ.

“ބޮޑުއްތަ.. ކިހިނެއްވީ؟” މާހިރާ ދޫކޮށްލުމުން ލަޔާލް އަހާލިއެވެ.

“އިހަށް ދަރިފުޅުވެސް އިށީނދޭ” ލަޔާލް ދެއްކި ސޯފާގައި ލަޔާލް ބައިންދާފައި އިރުފާންއާ ނާފިޒްގެ މެދުގައި މާހިރާ އިށީނެވެ.

ލަޔާލް ފަސްޖެހިފައި އިނދެވެސް އިރުފާންއާ ނާފިޒްއަށް ބަލާލިއެވެ.

“ލަޔާލް.. އޭރު ވީ ކަންތައް ކިޔާދެވިދާނެތަ؟” މާހިރާގެ ސުވާލާއެކު ލަޔާލްއަށް ލޯ ބޮޑުކޮށްލަމުން މާހިރާއަށް ބަލާލެވުނެވެ.

“ކީއްވެ؟” ލަޔާލް އަހާލިއެވެ.

“ކަންތައް ވީ ލަޔާލް އޭރު ބުނި ގޮތަށް ކަމަށް ވަންޏާ ބައްޕަމެންނަކީ ލަޔާލްގެ ކުށްވެރިން..” ލަޔާލް ކުރި ސުވާލުގެ ޖަވާބުގައި އިރުފާން ބުންޏެވެ.

“ސާހިލް.. އެއްޗެއް ބުނީތަ؟” އަނެއްކާވެސް ލަޔާލްއަށް އަހާލެވުނެވެ.

“ސާހިލް ބުނި އެއްޗެއް އަޑު އަހައިގެން މިހާ ދުވަހު ތިބީ. މިހެން ބުނަން މިހާރު މާ ލަސްވެއްޖެ ކަންވެސް ގަބޫލު ކުރަން.. އެކަމަކު ލަޔާލްގެ ވާހަކަ އަޑު އަހަން ބައްޕަމެން މިހާރު ބޭނުން ވަނީ” ދެންވެސް ވާހަކަ ދެއްކީ އިރުފާންއެވެ.

އެއްޗެއް ނުބުނެ އިސް ޖަހާލި ލަޔާލްގެ ލޮލަށް ޖަމާވި ކަރުނަ ކޯ މަތިން ފައިބައިގެން ދިޔައެވެ.

“ލަޔާލް، ކިޔާދީ ދެން” ނާފިޒްގެ އަޑަށް ލަޔާލް ބަލާލިއެވެ. ލަޔާލްއަށް ބަލަން އިން ނާފިޒް އިސްޖަހާލިއެވެ.

ލަޔާލް މޫނު ފޮހެލަމުން މާހިރާއަށް ބަލާލިއެވެ. ލަޔާލްއަށް ހިތްވަރު ދިނުމުގެ ގޮތުން މާހިރާ ބޯ ޖަހާލިއެވެ.

ވާހަކަ ދައްކަން އަނގަ ހުޅުވާލި ނަމަވެސް ނާފިޒްއާ އިރުފާންއަށް ބަލާލާފައި ލަޔާލް ފަސް ޖެހުނެވެ. އެ ކަންތައް ވީ ގޮތް އެ މީހުންގެ ކުރިމަތީ ކިޔާދޭން ޖެހިލުންވެ ލަޔާލް އަނެއްކާވެސް ބަލާލީ މާހިރާއަށެވެ.

“ބޮޑުއްތަ.. އަހަންނާ އެކީ އަންނަން ވީނު..؟” ލަޔާލް ތެދުވަމުން ބުންޏެވެ.

މާހިރާ ތެދުވެގެން ލަޔާލްގެ ފަހަތުން ބެލްކަންޏަށް ނިކުތެވެ. ރެއިލިންގގައި އަތް އަޅުވާލައިގެން ހުރި ލަޔާލް ކައިރީ މާހިރާ އައިސް ހުއްޓުމުން ލަޔާލް ވާހަކަ ދައްކަން ފެށިއެވެ. ސާހިލްއާ ކައިވެނި ކުރި ދުވަހުން ފެށިގެން އަފްޒާގެ މަންމަ ނިޔާވި ދުވަހު ކަންތައް ވީ ގޮތާ، ސާހިލްއާ ލަޔާލްގެ މެދުގައި އޮތް ގުޅުން ގާތް ވެގެން ދިޔަ ގޮތާ، ރިޒޯޓަށް ގޮސް ހޭދަވި ދެ ދުވަހު ކަންތައް ވީ ގޮތާ، ބަލިވެ އިން ކަން އެނގުނު ދުވަހާ އޭގެ ފަހުން ވީ ގޮތް ލަޔާލް ކިޔާދިނެވެ. އަދި އަފްޒާއަށް ގުޅި ވާހަކައާ އަފްޒާ ދިން ޖަވާބާ، އެކަން އެނގުމުން ސާހިލް އައިސް ބުނީ ކީކޭ ކަންވެސް މާހިރާއަށް ކިޔާދިނެވެ. ފުރަން އޮތް ދުވަހުގެ ކުރީރޭ ސާހިލްއާ ލަޔާލްގެ މެދުގައި ދެކެވުނު ވާހަކަވެސް ކިޔާދިނެވެ. ލަޔާލް ވާހަކަ ދެއްކުން ހުއްޓާލަން ދެން މާހިރާ ސުވާލެއް ނުކުރެއެވެ.

ހުރިހާ ވާހަކައެއް ކިޔާދީ ނިމުމުން ހިމޭން ވަގުތުކޮޅަކަށް ފަހު ލަޔާލް މާހިރާއާ ދިމާއަށް ބަލާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މައީރިން 1

Next

ހަވޭލީ – ނަވާވިސްވަނަ ބައި

Next
November 16, 2025

ހަވޭލީ – ނަވާވިސްވަނަ ބައި

Previews
November 15, 2025

މައީރިން 1

6 Comments!

  1. Anonymous says:
    November 16, 2025 at 9:50 am

    v reethi vaahaka

    1. Mar Sha Mar Sha says:
      November 17, 2025 at 1:58 pm

      thank u

  2. ...reader... says:
    November 16, 2025 at 7:02 pm

    Varah varah reethi.. when next??

    1. Mar Sha Mar Sha says:
      November 17, 2025 at 1:59 pm

      thank u reader, Wednesday

  3. kokila says:
    November 17, 2025 at 10:43 am

    when is next part

    1. Mar Sha Mar Sha says:
      November 17, 2025 at 2:00 pm

      Wednesday ga

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 18←


All Right Reserved!