ހިތަކުން ނުދާނޭ ފިލާ 16
ލަޔާލްއަށް ކިޔާން ގޮވައިގެން ލަންކާއަށް ދެވޭ ވަރުވީ ކިޔާންއަށް ދެ އަހަރުގައެވެ. އޮޕަރޭޝަން ކުރެވުނު ނަމަވެސް ލަޔާލް އުންމީދު ކުރި ނަތީޖާއެއް ނުލިބުނެވެ. ޑޮކްޓަރުން ހީކުރި ވަރަށް ވުރެ ކިޔާންގެ ޙާލަތު ގޯހެވެ. ޑޮކްޓަރުން ކިޔާދިން ގޮތުގައި އޮޕަރޭޝަންއަށް ފަހުވެސް ކިޔާންގެ ހިތުގައި ވާ ލޯވަޅު މުޅިން ބެދޭނެ ގޮތެއް ނެތެވެ. ދެވަނަ އޮޕަރޭޝަންއަކަށް ދާން ލަޔާލް އެދުނު ނަމަވެސް އެއީ ކިޔާންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމުގައި ބުންޏެވެ. ކިޔާންއަށް އޮތް ހަމަ އެކަނި ގޮތަކީ އެ ޙާލަތާއެކު ދިރިއުޅުމެވެ.
އެއްއުމުރެއްގެ ކުދިންނާ އެއް ގޮތަކަށް ކިޔާންއަކަށް ނޫޅެވޭނެއެވެ. ހެދިބޮޑުވުން ލަސްވާނެއެވެ. އެހެން ކަމުން ކިޔާން ހުންނާނީ އުމުރަށް ވުރެ ކުޑަކޮށެވެ. ސްކޫލަށް ގޮސް ހެދުނު ނަމަވެސް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތެއް ކިޔާންއަކަށް ނެތެވެ. އަވަސް އަވަހަށް ބަލިވުން ގާތެވެ. ހަމައެއާއެކު ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ދުވަސްވާ ވަރަކަށް ފުއްޕާމޭގެ ބާރު ދެރަވެ އޮކްސިޖަން ލިބުން ދަތިވާނެއެވެ. އެ ކަމަށް އޮތް ހަމައެކަނި ހައްލަކީ އޮކްސިޖަން ލިބޭނެ އެހެން ގޮތެއް ހޯދުމެވެ.
ޑޮކްޓަރުންގެ ވާހަކަ ނުނިމެނީސް ލަޔާލްއަށް ރޮވެން ފެށުނެވެ. ލަޔާލްއާ އެކު އިން ލީޝާ ލަޔާލްގެ އަތްތިލައިގައި ހިފާ ބާރުކޮށްގެން ހުރިހާ ވާހަކައެއް އަޑު އަހަން އިނެވެ. ޑޮކްޓަރުގެ ކޮޓަރިން ނިކުތް ގޮތަށް ނީޒާ ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔަ އިރު ލަޔާލްއާ މެދު ކަންބޮޑުވެފައި ހުރި ނީޒާއަށްވެސް ރޮވެމުން ދިޔައެވެ. ލަޔާލްގެ ބުރަކަށީގައި ފިރުމަމުން ދިޔަ ލީޝާގެ ލޮލުންވެސް އޭރު ކަރުނަ އަންނަމުން ދިޔައެވެ.
ލަޔާލްމެންނަށް މާލެ އާދެވުނީ ތިން މަސް ފަހުންނެވެ. އޭގެ ފަހުން ކޮންމެ ހަތަރު މަހަކުން ކިޔާން ގޮވައިގެން ލަޔާލް ލަންކާއަށް ދާން ޖެހެއެވެ. ކިޔާންއަށް ހަތަރު އަހަރު ވީ އިރު އިތުރަށް ގޯހެއް ނުވެއެވެ. ނަމަވެސް ޑޮކްޓަރުން ބުނެފައި ވަނީ އެ ގޮތުގައި ގިނަ ދުވަހެއް ނުވާނެ ކަމުގައެވެ. ލަންކާއަށް ދިރިއުޅުން ބަދަލު ކުރަން ލަޔާލް ނިންމީ އެހެންވެއެވެ. އޮޕަރޭޝަންއަށް ފަހު މާލެ އައިސްފައި ދެ މަސް ފަހުން ޑޮކްޓަރަށް ދައްކަން ލަންކާއަށް ދިޔަ ފަހަރު ލަޔާލް އެކޮޅުގައި މަޑުކުރީއެވެ. ލަޔާލްއަށް އެހީވުމަށް ޓަކާ ލަމްހާގެ އާއިލާ ދިރިއުޅެމުން އައި ގެ ބަދަލު ކުރީ، ލަޔާލްއަށްވެސް އެ މީހުންނާ އެކު ދިރިއުޅެން ފަސޭހަ ވާނެ ގޮތަށެވެ.
ލަންކާއަށް ބަދަލުވެ ހަމަޖެހިލެވުމުން ލީޝާގެ އާއިލާގެ އެއްބާރުލުމާއެކު ލަޔާލް ކިޔަވަން ފެށިއެވެ. ލަޔާލް ބޭނުންވީ ލަޔާލްއަކީވެސް އޯޝަންވިލާ އާއިލާގެ އެހެން ކުދިން ފަދަ ކިޔަވައިގެން ހުރި ގާބިލު ކުއްޖެއް ކަން ސާބިތު ކޮށްދޭށެވެ. ކިޔާން ގޮވައިގެން އުޅެމުން ކިޔެވުން ވީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށް ނަމަވެސް ލަޔާލް ހިތްވަރު ދޫކޮށް ނުލާ ކުރިއަށް ދިޔައެވެ. އިތުރަށް ކުރިއަށް ނުދެވިގެން ހުއްޓާލަން ހިތަށް އެރި ދުވަސްތައް އައި ނަމަވެސް ލަޔާލް ކުރަމުން އައި މަސައްކަތް ހުއްޓައެއް ނުލައެވެ.
ކިޔާންގެ ޙާލަތު ގޯސްވާން ފެށީ ހަތަރު އަހަރު ވީ ފަހުންނެވެ. ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް އެކިއެކި ރޯގާތަކާ ބަލިތަކުން ކިޔާން ރައްކާތެރި ކުރުމަކީ އުނދަގޫ ކަމަކަށް ވިއެވެ. އެހެން ކުދިންނަށް ޖެހޭ އާދައިގެ ރޯގާ ކިޔާންއަށް ވަނީ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ބައްޔަކަށެވެ. ކޮންމެ ދެ މަހަކުން ކަހަލަ ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކިޔާންއަށް ފަރުވާ ދޭން ޖެހެއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ލަޔާލް ކެތް ކުރިއެވެ.
ނާފިޒްއާ ނަސްމާ، އަދި މާހިރާއާ އިރުފާންއަށް ކިޔާން ފެނުނީ ކިޔާންގެ އުމުރުން އަށް އަހަރުގައެވެ. އެ އަހަރުގެ ބަންދުގައި ލީޝާގެ އާއިލާއާއެކު ލަޔާލްއާ ކިޔާން މެލޭޝިޔާއަށް ކުރި ދަތުރުގައެވެ. އެ ދުވަހު ކިޔާން ގޮވައިގެން ލަޔާލްއާ ލަމްހާ ހޮސްޕިޓަލަށް އައީ ކިޔާން ޑޮކްޓަރަށް ދައްކާލުމަށެވެ. ލަމްހާގެ ފިރިމީހާ ފަޒީން އެ މީހުން ބަލާ އައީ ލަޔާލްމެން ބޭސް ނަގަން ގޮސް ތިއްބައެވެ. ވަރުބަލިވެފައި ހުރި ކިޔާން އުރާލައިގެން ބޭރަށް ނިކުތް ފަޒީންގެ ފަހަތުން ލަޔާލް ދިޔައީ އެތަނުގައި ހުރި ކެންޓީންއަށެވެ. ނާފިޒްމެންނާ ދިމާވީ އެ ތަނުންނެވެ.
ކިޔާން އުނގަށް ލައިގެން އިން ލަޔާލްއާ، ލަޔާލްއާ ވާހަކަ ދައްކަން އިން ފަޒީން ފެނިފައި ކެންޓީންއަށް ވަދެގެން އައި ނާފިޒް ހުއްޓުނެވެ. ލަޔާލްއަށް އެ މީހުން ފެނުމުން އިރުކޮޅަކު ބަލަހައްޓައިގެން އިނދެވުނެވެ. ނާފިޒް ހަމަޖެހިލަމުން ކުރިއަށް ގޮސް މޭޒެއް ކައިރީ އިށީނުމުން ނަސްމާއާ އިރުފާން ނާފިޒްއާ އެކު އިށީނެވެ. މާހިރާ ދިޔައީ ލަޔާލް ކައިރިއަށެވެ.
“ބޮޑުއްތާ..” މާހިރާއަށް ގޮވާލި އިރުވެސް ލަޔާލްގެ ނަޒަރު ހުރީ ނާފިޒްއަށެވެ.
ލަޔާލްއަށް ބަލާލާފައި އެ މޭޒުދޮށުގައި މާހިރާ އިށީނެވެ.
“މިތާތަ ލަޔާލް އުޅެނީ؟” މާހިރާ އަހާލިއެވެ.
“ނޫން.. ލަންކާގަ.. ލީޝްގެ ފެމިލީއާ އެކީ..” ލަޔާލް ބުންޏެވެ.
“ލީޝާގެ ދަރިފުޅުތަ؟” ލަޔާލްގެ އުނގުގައި ނިދިފައި އޮތް ކިޔާންއަށް ބަލާލަމުން މާހިރާ އެހިއެވެ.
މާހިރާގެ މޫނަށް ބަލާލަމުން ލަޔާލް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ދެން..؟” މާހިރާ ދެންވެސް އަހާލިއެވެ.
“އެއީ ލަޔާލްގެ ދަރިފުޅު” މާހިރާގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ދިނީ ފަޒީންއެވެ.
މާހިރާއަށް ލޯ ބޮޑުކޮށްލަމުން ލަޔާލްގެ މޫނަށް ބަލަން އިނދެވުނީ ހިތުގައި ސުވާލުތައް ގިނަވެފައެވެ.
“ލަޔާލްގެ—؟ އެކަމަކު..” މާހިރާއަށް ގަބޫލު ކުރަން ދަތިވިއެވެ.
“ބޮޑުއްތާ.. ޕްލީޒް ސުވާލު ނުކުރޭ..” އިސް ޖަހާލަމުން ލަޔާލް ބުންޏެވެ.
“ލަޔާލް!” މާހިރާއަށް ބުނެވުނެވެ.
“ބޮޑުއްތާ.. ކިޔާ—” މާހިރާގެ އަތުގައި ހިފާލަމުން ލަޔާލް ވާހަކަ ދައްކަން އުޅުނެވެ.
“މާހިރާ، ހިނގާ ދާން، ވަރަށް ލަސް ވެއްޖެ” އެ ވަގުތު އެ މޭޒާ ތަންކޮޅެއް ދުރުގައި ހުއްޓިފައި އިރުފާން ބުންޏެވެ. ތިން މީހުންނަށް އެއް ފަހަރާ އިރުފާންއާ ދިމާއަށް ބަލާލެވުނެވެ. ލަޔާލްއާ ދިމާއަށް ބަލާލާފައި މާހިރާ އަނެއްކާވެސް އެއްޗެއް ބުނަން އުޅުނެވެ.
“މާހިރާ!” އިރުފާން އަނެއްކާވެސް ގޮވާލިއެވެ.
މާހިރާ ލަޔާލްގެ ބޮލުގައި ފިރުމާލާފައި ތެދުވިއެވެ.
“ބޮޑުއްތާ..” މާހިރާގެ އަތުގައި ހިފާލަމުން ގޮވާލެވުނު އިރު ލަޔާލްއަށް ރޮވިއްޖެއެވެ. މާހިރާ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ކެންޓީން އިން ނިކުންނަން ދިޔަ ނާފިޒްއާ ނަސްމާއާ އިރުފާންގެ ފަހަތުން ދިޔައީއެވެ.
ލަޔާލްއަށް އިސްޖަހާލެވުނީ ރޮވެން ފެށުމުންނެވެ.
“ލަޔާލް..” ހަދާނެ ގޮތެއް ނުވިސްނިފައި އިން ފަޒީން ގޮވާލި ވަގުތު ލަމްހާ އައިސް ލަޔާލް ކައިރީ އިށީނެވެ.
“ކިހިނެއްވީ؟” ލަޔާލް ރޯތީ ލަމްހާ ސުވާލު ކުރީ ފަޒީންއާއެވެ.
އެ ދުވަހު ހޮޓެލްއަށް ގޮސްފައިވެސް ލަޔާލްއަށް ރޮވެނީއެވެ. ގާތްގަނޑަކަށް ނުވަ އަހަރު ފަހުން ފެނުމުންވެސް ނާފިޒް ލަޔާލްއާ ދިމާއަށް ބަލާވެސް ނުލިއެވެ. ލަޔާލްއާ ވާހަކަ ދައްކަން މާހިރާ ބޭނުންވި ކަން ލަޔާލްއަށް އެނގެއެވެ. ނަމަވެސް އިރުފާން އެކަމާ ނުރުހުނީ ކަންވެސް ވިސްނުނެވެ. އެ އެންމެން ހީކުރާނީ އެ ފަހަރު ލަޔާލް ލަންކާއަށް ދިޔައީ ސާހިލް ބުނި ގޮތަށް ކަންތައް ކުރަން ކަމުގައެވެ. ނަމަވެސް ކިޔާން ފެނުމުން ސާހިލްއާ ނާފިޒް ބުނި ގޮތަށް ހަދަން ލަޔާލް ދެކޮޅު ހެދިކަން އެނގޭނެއެވެ.
ޖެހިގެން އައި ދެ ދުވަހުވެސް ލަޔާލް ބޭރަކަށް ނުނިކުމެއެވެ. ނާފިޒްމެންނާ ދިމާވެދާނެތީ ލަޔާލް ކަންބޮޑުވަނީއެވެ. އެހެން ވިޔަސް ބައްޕައާ ބޮޑުދައިތައާ ބައްދަލު ކޮށްލަން ލަޔާލްގެ ހިތް އެދެމުން ދިޔައެވެ. ދެވަނައަށް ވީ ދުވަހުގެ ރޭ ނާފިޒްގެ ކޯލެއް އައުމުން ލަޔާލްއަށް ފުރަތަމަ ފޯނަށް ބަލަން އިނދެވުނީއެވެ. އެ ކޯލަށް ޖަވާބު ދެމުން ކަންފަތުގައި ޖައްސާލި އިރު ލަޔާލްއަށް ރޮވިއްޖެއެވެ.
“ލަޔާލް.. ލަޔާލްތަ؟” ނާފިޒް ފުރަތަމަ އަހާލިއެވެ.
“ބައްޕާ..” ލަޔާލް ގޮވާލިއެވެ.
“އަހަންނަކީ ލަޔާލްގެ ބައްޕައެއް ނޫން.. އަހަރެންގެ ދަރިއަކު ތި ވަރުގެ ކަމެއް ނުކުރާނެ.. މީހެއްގެ އަނތްބެއްގެ ގޮތުގަ ހުރެ ތި ވަރުގެ ފާފައެއް ނުކުރާނެ.. އެންމެ ފަހަރަކު ނޫން.. ދެ ފަހަރަށްވެސް—”
“ނޫން ބައްޕާ—” ނާފިޒްގެ ވާހަކަ ހުރި ގޮތުން ހަގީގަތަށް ކިޔާދޭން ބޭނުންވެ، ނާފިޒް ވާހަކަ ދައްކާ ނުނިމެނީސް ލަޔާލް ވާހަކަ ދެއްކިއެވެ.
“މި ބުނީނު އަހަންނަކީ ލަޔާލްގެ ބައްޕައެއް ނޫނޭ، އަޑެއް ނީވޭތަ؟ ލޮލަށް ފެނުނީމަވެސް ދެކޮޅު ހަދަނީތަ އަދިވެސް؟ އެއީ ލަޔާލްގެ ދަރިފުޅޭ ބުނި އިރު ހީކުރީތަ އެކަކަށްވެސް ނޭނގޭނެޔޭ؟ ކުރި ކަންތައް ސިއްރު ކުރަން ވެގެންތަ ފިލައިގެން ތި އުޅެނީ؟ ތި ހުރިހާ ކަމެއް ކުރި އިރު ސާހިލް ކައިރިން ވަރިނުވީ ކީއްވެތަ؟ ނޫނީ ފުރަތަމަ އިނީ ކީއްކުރަން؟ ލަޔާލްއަކީ ތިހާ ވަރުގެ..” އެ ވަރަށް ބުނެފައި ނާފިޒް މެދު ކަނޑާލިއެވެ.
“ބައްޕައަށް ވިޔަސް، އަދި އެހެން މީހަކަށް ވިޔަސް އަހަރެންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ.. އެކަމަކު އެ މީހަކު ބޭނުން ވީމަ ބޭނުން ކޮންމެ އެއްޗެއް އަހަންނާ ދިމާއަށް ކިޔޭ.. އެކަމަކު އެ ހައްގެއް ބައްޕައަކަށްވެސް ސާހިލްއަކަށްވެސް އަދި އެހެން މީހަކަށްވެސް ނޯންނާނެ. އަހަންނަކީ ދުނިޔޭގަ އޮތްހާ ނުބައި ކަމެއް ކުރަމުން ދުވާ މީހެއް ނޫން، ބައްޕައަށް ނޭނގުނަސް އެ ވަރުގެ އުޅުމެއް އަޚުލާގެއް ނެތް ދަރިއެއް ނޫން ބައްޕައަށް ލިބުނީކީ.. އެކަމަކު އަހަރެންގެ ވާހަކަ އެކަކުވެސް ގަބޫލެއް ނުކުރާނެ ކަން ކުރިއަށް ވުރެވެސް ބޮޑަށް މިހާރު ޔަގީން ވެއްޖެ. އެހެން ގޮތަކަށް އުންމީދު ކުރެވުން އެއީ އަހަރެންގެ މޮޔަކަން.. އެހީއަކަށް އެންމެ ބޭނުންވި ދުވަހުވެސް އަހަރެންގެ އަޑުވެސް ނޭހި މީހެއް ކައިރީ އިތުރަށް އާދޭސް ކުރުމުގެ ބޭނުމެއް ނޯންނާނެ..” ލަޔާލްއަށް ވާހަކަ ދެއްކުނީ ރޮމުންނެވެ.
ނާފިޒް އިތުރު އެއްޗެއް ނުބުނެ ފޯން ކަނޑާލީއެވެ.
އެ ދަތުރު ނިންމާފައި ފުރުމުގެ ކުރިން މާހިރާވެސް ލަޔާލްއަށް ގުޅިއެވެ.
“ބޮޑުއްތަވެސް ތި ގުޅި އެއްޗެހި ކިޔަން ވެއްޖެއްޔާ އަހަރެން އަޑު އަހާކަށް ބޭނުމެއް ނޫން” ލަޔާލް ބުންޏެވެ.
“ކޮން އިރަކުތަ ލަޔާލް ތިހާ ގޮތްދޫ ނުކުރާ ކުއްޖަކަށް ވީ؟” މާހިރާ އަހާލިއެވެ.
“އަހަންނަކީ އަބަދުވެސް ގޮތްދޫނުކުރާ މީހެއްނު؟ މިހާރު ދެން އެއަށް ވުރެ ބޮޑެތި ކަންތައްތަކެއްނު އަހަރެން ކުރަނީ؟” ލަޔާލް ބުންޏެވެ.
“ލަޔާލް. ކީއްވެ ދަރިފުޅު ތިހެން ތި ހަދަނީ؟ ލަޔާލްއަށް އެންމެ މުހިންމު ވާން ވާނީ ސާހިލްއެއްނު؟ ކީއްވެ ސާހިލް ބުނި ގޮތަށް ހަދާފަ ދުރަށް ދިޔައީ؟ ބޮޑުއްތަ ހީކުރީ ސާހިލް ދެކެ ލަޔާލް ލޯބި ވާ ކަމަށް” މާހިރާގެ އަޑުގައި ރުޅިވެރިކަމެއް ނެތެވެ.
“ހީކުރާ ކޮންމެ ކަމަކީ ތެދަކަށް ނުވާނެ.. އަހަރެންވެސް ހީކުރީ ސާހިލް އަހަރެން ދެކެ ލޯބި ވާ ކަމަށް. އެކަމަކު އެހެންނެއް ނުވިއެއްނު؟” ލަޔާލް ބުންޏެވެ.
“ދަރިފުޅު ދެކެ ސާހިލް ލޯބި ވެޔޭ، އެހެން ނޫން ނަމަ ދެވަނަ ކައިވެންޏެއް ނުކޮށް ސާހިލް އެހެންނެއް ނުހުންނާނެ” މާހިރާ ބުންޏެވެ.
“ސާހިލް.. ސާހިލް މީހަކާ ނީނދޭތަ؟” ލަޔާލްއަށް އަހާލެވުނެވެ.
“ލަޔާލް ދެކެ ލޯބި ވާ އިރު ސާހިލް އެހެން މީހަކާ ނީންނާނެ. ކީއްވެ ލަޔާލް ތިހެން ތި އެހީ؟” ލަޔާލް ކުރި ސުވާލުން މާހިރާ ހައިރާންވިއެވެ.
“އެއީ.. އަޅާނުލާ.. ސާހިލް އަހަރެން ދެކެ ލޯތްބެއް ނުވޭ. ލޯބި ވެޔޭ ދުލުން ބުނެލިޔަކަސް އެއީ ތެދަކަށް ނުވާނެ. އެހެން ކައިވެންޏެއް ނުކޮށް ސާހިލް ހުންނަނީ އަހަންނާ ހެދިއެއް ނޫން. އަހަރެން ދެކެ ލޯބި ވާ ކަން ސާބިތު ކުރާކަށް އެހެން ހުންނާކަށް ނުޖެހޭނެ. ސާހިލް ކައިރީ ބުނޭ އަހަރެން ވަރިކޮށްފަ ސާހިލްގެ ދިރިއުޅުމާއިގެން ކުރިއަށް ދާށޭ” ލަޔާލް ބުންޏެވެ.
“ލަޔާލް.. ބޮޑުއްތަ ކުރާ ސުވާލަކަށް ޖަވާބު ދީބަލަ.. ކީއްވެ ލަޔާލް ތިހެން ކަންތައް ތި ކުރަނީ؟” މާހިރާ އަހާލިއެވެ.
“އަހަރެން ބުނާ އެއްޗެއް ބޮޑުއްތަ ގަބޫލެއް ނުކުރާނެ ކަން އެނގޭ. އެހެން ވީމަ ކީއްކުރަން ސުވާލު ކުރަނީ؟ ބޮޑުއްތައާ ކުޑައްތައާ ބައްޕައާ އާޔާ ދެކެ އަހަރެން ވަރަށް ލޯބިވޭ.. ބޭބެއާ މެދު އަހަރެން ދެކެނީ އަހަރެންގެ ބައްޕަ ފަދައިން.. ސާހިލް.. ސާހިލް..” ސާހިލްގެ ނަން ބުނުމާއެކު ލަޔާލްއަށް ވާހަކަ ދައްކަން އުނދަގޫ ވެގެން ހުއްޓާލިއެވެ.
“ސާހިލް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ސާހިލް ދެކެ ވަރަށް ލޯބި ވީން.. ސާހިލްއަށް ވަރަށް އިތުބާރު ކުރިން.. އެކަމަކު ސާހިލްއަށް އެ ކަމެއް ނުވިސްނުނު.. ބޮޑުއްތާ، ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ އަހަންނަށް އަހަރެންގެ ދަރިފުޅު މުހިންމު.. އެ ކުއްޖާއާ މެދު އަހަރެންގެ އާއިލާ ދެކޭ ގޮތް އެނގޭ.. އޭނައާ ދިމާއަށް މީހަކު އެއްޗެއް ބުނާ އަޑު އަހާކަށް އަހަންނަށް ކެތެއް ނުވާނެ.. އޭނަ ދުނިޔޭގަ ހުއްޓާ އާއިލާއާ ބައްދަލު ކޮށްދޭން ކިތަންމެ ބޭނުން ވިޔަސް..” ލަޔާލްއަށް އަނެއްކާވެސް ރޮވުނެވެ.
“އެއްވެސް ކަމަކާ ޝަކުވާ ކުރާކަށް ބޭނުމެއް ނޫން. އެއްވެސް މީހަކާ ދޭތެރޭ ހިތްބުރަ ކުރާކަށްވެސް ބޭނުމެއް ނޫން. އެކަމަކު އަހަރެންގެ އާއިލާ މީހުން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތް ދުވަހަކުވެސް ހިތުން ފިލައިގެންނެއް ނުދާނެ.. ބޮޑުއްތާ، އިރާދަ ކުރެއްވިއްޔާ އަދި ދިމާވާނެ.. ދެން ބާއްވަނީ..” މާހިރާގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލަޔާލް ފޯން ކަނޑާލި ގޮތަށް އެ ފޯން މޭގައި ޖައްސާލަމުން ލަޔާލްއަށް ރޮވުނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.








Ahey kiyaa hithunn hutta mi bai e nimunee Mee v reethi vaahaka eh kureega noos thakuga hunna vaahaka thah v kiyan ekam Mihaaru nukiyan v dhuvas fahun kee v reethi vaahaka eh mee.. aslu vaahaka liyaa style v reethi normal koh meehun vaahaka dhahkaa kahala gabool kurevey gothakah dialogue thah ves hunannee.. v bodah kaamiyaabee ah edhen adhi miah vure bodu platform thakun ves marsha ge vaahaka kiyaalan libeyne dhuvahakah unmeedhu kuran
varah ufaa vejhe Marsha ge liyun thiha kamudhiyaeema, thank you
Aslu ves vrh realistic kon vhk liyefa hunnany ehnve emme kiyaa hiy vany ves, kiyaalan faseyha sifa kurun thah ves hama perfect maa sha Allah,
May allah bless you all with success mar sha,
Curiously waiting for the next part!!
thank you so much for saying that butterfly
When next?
maadhama hendhunu 17 upload kolleveytho balaanan