ހިތަކުން ނުދާނޭ ފިލާ 18
ހުރިހާ ވާހަކައެއް ކިޔާދީ ނިމުމުން ދެންވެސް ހިމޭން ވަގުތުކޮޅަކަށް ފަހު ލަޔާލް މާހިރާއާ ދިމާއަށް ބަލާލިއެވެ.
“ބޮޑުއްތައަށް މާފު ކޮށްދީ ލަޔާލް.. ސާހިލް އެ ވަރުގެ ކަމަކަށް އެއްބަސް ވީމަ ސާހިލް ބުނި ކޮންމެ ބަހަކީ ތެދު ކަމުގަ ހީކުރެވުނީ.. އެކަމަކު ސާހިލް ކުށެއް ނުކުރާ ކަން ސާހިލްއަށްވެސް ނޭނގި ލަޔާލް ބުނީމަވެސް އޭނަ ގަބޫލު ނުކުރީ އެ އަންހެން ކުއްޖާގެ ވާހަކައަށް އިތުބާރު ކޮށްފަ.. އެހެން މީހެއްގެ ބަހަށް ވުރެ ސާހިލްއަށް އިތުބާރު ކުރެވެން ވާނީ އަނބިމީހާގެ ބަހަށް.. ބޮޑުއްތައާ ބޭބެއާ ބައްޕަވެސް ލަޔާލްގެ ވާހަކަ އަޑު ނޭހީ..” ލަޔާލްގެ ދެ އަތްތިލައިގައި ހިފާލަމުން މާހިރާ މާފަށް އެދުނެވެ.
ލަޔާލް އެއްޗެއް ނުބުނެ ހުރީއެވެ.
“ލަޔާލް، ލަޔާލްގެ ދަރިފުޅު..؟” މާހިރާ އަށް އެ ސުވާލު ފުރިހަމައެއް ނުކުރެވުނެވެ.
“ކިޔާން.. ކިޔާން ސާހިލް އިރުފާން.. ކިޔާންގެ ބައްޕައަކީ ސާހިލް. ސާހިލް ބުނީމަ އޭރު އެ ގޮތަށް އެއްބަސް ވެގެން ލަންކާއަށް ދިޔައީ، އެކަމަކު އަހަންނަށް އެ ކަން ކުރާކަށް ނުކެރުނު.. ބޮޑުއްތާ، އަހަރެން ބަލިވެ އިނީ އެންމެ ފަހަރަކު، އަހަރެންގެ ފިރިމީހާގެ ދަރިއަކަށް. ސާހިލް ބުނި ގޮތަށް ކަންތައް ނުކުރާ ކަން ސާހިލްއަށް އަންގަން ބޭނުން ނުވީ. ސާހިލް ފަހުން ސުވާލު ކުރީމަ އަހަރެން ބުނިން އަހަންނާ ސާހިލްގެ މެދުގަ ދެން އެ ބޭބީއެއް ނުހުންނާނެޔޭ، ސާހިލް ގަބޫލު ނުކުރާ އިރު އެ ބޭބީއާ ހަވާލުވާކަށް ސާހިލްއަކަށް ނުޖެހޭނެއެއްނު؟ ބައްޕައާ އެހެން އެންމެންވެސް ބޭނުންވީ ސާހިލް ބުނި ގޮތަށް ހަދަން، އެހެންވެ އެއްވެސް މީހަކަށް ނާންގަން ވެގެން އޭރު ދިޔައީ. ސާހިލް ނޫން މީހަކާ އެކީ އެ ވަރުގެ ގުޅުމެއް އަހަރެން ދުވަހަކުވެސް ނުބާއްވަން. އެކަމަކު އޭރު އަހަރެން އެބޯޝަން ހެދި ނަމަ ދުވަހަކުވެސް ސާހިލްއަށް ހަގީގަތް އެނގޭނެތަ؟ އެކީގަ އުޅުނަސް އިތުބާރު ކުރެވޭނެތަ؟
ބޮޑުއްތަމެންނަށް މެލޭ އިން ކިޔާން ފެނިފަ އޮޅުނީ. ކިޔާން އަކީ ސާހިލްގެ ދަރިއެއް. އެއީ ބައްޕައާ ބޭބެގަ ކާފަ ދަރިފުޅު. ކިޔާންއަށް އޭނަގެ އާއިލާ އެނގޭނެ. ސާހިލްއަކީ ބައްޕަ ކަން އެނގޭނެ. އެކަމަކު ކިޔާންއާ އޮތް ގުޅުން ގަބޫލު ކުރާކަށް އެއްވެސް މީހަކަށް މަޖުބޫރެއް ނޫން. އެއްވެސް މީހަކު އަމިއްލައަށް އެއީ ކިޔާންގެ ކާކު ކަން ނުބުނަނީސް ކިޔާން އެ މީހަކަށް އެ ގޮތަކަށް ނުގޮވާނެ” ރޮވޭ ވަރަކަށް ލޯ ފޮހެމުން ލަޔާލް ވާހަކަ ދައްކަމުން ދިޔައެވެ.
“އޭރު ލަޔާލްގެ ވާހަކަ ގަބޫލު ނުކުރެވުނީ ކީއްވެ ކަމެއް ނޭނގޭ.. އެކަމަކު މިއަދު ލަޔާލްގެ ވާހަކަތައް ގަބޫލު ކުރެވިއްޖެ.. މިހާރު ހިތަށް އަރާ އެ ދުވަހުވެސް ލަޔާލްއަށް އިތުބާރު ކުރެވުނު ނަމައޭ.. އެކަމަކު.. ލަޔާލް، ދަރިފުޅާ، ބޮޑުއްތައަށް މާފު ކޮށްދީ..” ލަޔާލްގެ ދެ އަތްތިލައިގައި ހިފާލައިގެން ހުރި މާހިރާ އަނެއްކާވެސް މާފަށް އެދުނެވެ.
“ސާހިލް އެއްޗެއް ބުނީތަ ބޮޑުއްތާ؟ އެހެންވެތަ ތި އައީ؟” ލަޔާލް އަނެއްކާވެސް އެ ސުވާލު ކޮށްލިއެވެ.
“ސާހިލް އެއްޗެއް ބުނެގެންނެއް ނޫން.. އޭރު މީޓިންގްއަށް ފަހު ލަޔާލް ދިޔަ ފަހުން ރަމް ބުނި އެއްޗަކުން.. އަހަރުމެން ބޮޑެތި މީހުންނަށް ނުވިސްނުނު ވަރަށް އަހަރުމެންގެ ދަރިންނަށް ވިސްނޭ.. ރަމް ބުނީ އޭރުވެސް ލަޔާލް ބުނީ ތެދަކަށް ވެއްޖެއްޔާ ކިހިނެއްހޭ ވާނީ..” މާހިރާ ބުންޏެވެ.
ލަޔާލްއަށް ކަރުނައިގެ ތެރެއިންވެސް ހިނިތުން ވެލެވުނެވެ. އެގާރަ އަހަރު ފަހުން ވިޔަސް ލަޔާލްގެ ވާހަކަ މާހިރާ ގަބޫލު ކުރީތީ ހެއްދެވި ފަރާތަށް ހިތާހިތުން ޝުކުރު އަދާ ކުރި އިރު ރަމްޝާއަށްވެސް ޝުކުރު ހައްގު ކަމުގައި ލަޔާލްގެ ހިތް ބުންޏެވެ.
“ލަޔާ، ބޮޑުއްތައަށް ދަރިފުޅާ ބައްދަލު ކޮށްލެވިދާނެތަ؟” މާހިރާ އެދުނު އިރު އެ އަޑުގައި ޖެހިލުންވުމުގެ އަސަރު ވިއެވެ.
“ބޮޑުއްތާ ޕްލީޒް، މިއަދަކު ނޫން.. އަހަންނަށް އެއް ދުވަސް ދީ. ކިޔާންއާ ވާހަކަ ދައްކާލާފަ އަހަރެން ބޮޑުއްތައަށް ގުޅަންތަ؟” ލަޔާލްގެ އަތުގައި ހިފައިގެން ހުރި މާހިރާގެ އަތަށް ބާރުކޮށްލަމުން ލަޔާލް އެދުނެވެ.
ލަޔާލްގެ މޫނަށް ބަލަން ހުރެ މާހިރާ ބޯ ޖަހާލިއެވެ.
ވިއްސަކަށް މިނަޓް ފަހުން ލަޔާލްއާ މާހިރާ އެތެރެއަށް ވަނުމާއެކު އިރުފާންއާ ނާފިޒް އެއްފަހަރާ ބަލާލިއެވެ.
“ދަމާ؟” އެ މީހުންނަށް ބަލާލަމުން މާހިރާ ބުންޏެވެ. އަދި އެނބުރި ލަޔާލް ގައިގައި ބައްދާލާފައި ބޭރަށް ނިކުތެވެ.
“ދޮންތާ..” ސޯފާއިން ތެދުވެފައި ނާފިޒް ގޮވާލިއެވެ.
“ފަހުން..” މާހިރާ ބުނެލީ ހަމައެކަނި އެހެންނެވެ.
ނާފިޒް އެނބުރި ލަޔާލްއަށް ބަލާލިއެވެ. ލަޔާލްގެ ނަޒަރުވެސް ހުރީ ނާފިޒްއަށެވެ. އެއްޗެއް ބުނަން އުޅުނު ފަދައިން ހަރަކާތް ކޮށްލާފައިވެސް ނާފިޒް ހިމޭންވިއެވެ. ބުނަން ބޭނުންވި ކިތަންމެ ވާހަކައެއް ހިތުގައި ވީ ނަމަވެސް، ކުރެވެމުން ދިޔަ ކުށްވެރި އިހުސާސްގެ ސަބަބުން އެއްޗެއް ބުނަކަށް ނާފިޒްއަކަށް ނުކެރުނެވެ. ނާފިޒް ކައިރިއަށް ޖެހިލާ ލަޔާލްގެ ބޮލުގައި ފިރުމާލާފައި މާހިރާއާ އިރުފާންގެ ފަހަތުން ނިކުތެވެ.
މާހިރާމެން ދިޔުމުން އިރުކޮޅަކު ލަޔާލްއަށް ވިސްނަން ހުރެވުނެވެ. ކަންތައް ވީ ގޮތް ގަބޫލު ކުރަން އުނދަގޫވި ނަމަވެސް އަހަރުތަކަކަށް ފަހު ލަޔާލްގެ ހިތަށް ހަގީގީ ހަމަޖެހުމެއް އިހުސާސް ކުރެވުނެވެ. ލޮލުން ކަރުނަ އަންނަމުން ދިޔަ ނަމަވެސް ލަޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި ލަޔާލް ވަން އިރު ކިޔާންއަށް އޮތީ ނިދިފައެވެ. ލަޔާލް ގޮސް ދަރިފުޅުގެ މަގަތުން އިށީނދެފައި ކިޔާންގެ ނިތްކުރީގައި ބޮސްދިނެވެ.
“ލަޔާ..؟” ލީޝާ ގޮވާލިއެވެ. ލީޝާގެ ހިތުގައި ވީ ސުވާލު ވިސްނި ލަޔާލް އެދުނީ ބޭރަށް އައުމަށެވެ. ސޯފާގައި ދެ އެކުވެރިން އިށީނދެފައި ލަޔާލް ހުރިހާ އެއްޗެއް ލީޝާއަށް ކިޔާދިނެވެ.
“ފައިނަލީ.. އަލްޙާމްދުﷲ!” ލީޝާއަށް ބުނެވުނެވެ.
ލަޔާލް ބޯ ޖަހާލިއެވެ.
ގަޑިއެއްހާ އިރު ފަހުން ކިޔާން ހޭލުމުން ލަޔާލް ކިޔާން ގޮވައިގެން ސޯފާގައި އިށީނެވެ.
“ދަރިފުޅު ބުނީމެއްނު ފެމިލީއާ މީޓް ކުރަން ބޭނުމޭ؟ އެ މީހުންވެސް ދަރިފުޅާ މީޓް ކުރަން ބޭނުން” ލަޔާލް ބުންޏެވެ.
“މަންމައަށް އޯކޭތަ؟” ލަޔާލްގެ މޫނަށް ބަލާލަމުން ކިޔާން އަހާލިއެވެ. އެ މަޢުޟޫއަކީ ލަޔާލްއަށް ވާހަކަ ދައްކަން އުނދަގޫ މަޢުޟޫއެއް ކަން އެ ޅަ ސިކުނޑިއަށްވެސް ވިސްނެއެވެ.
ލަޔާލް ބޯ ޖަހާލިއެވެ.
ކިޔާންވެސް ބޯ ޖަހާލަމުން ހީލިއެވެ.
“ކޮން އިރަކުން؟ ކިޔާން ބޭނުން ބަލި ނުވަނީސް މީޓް ކުރަން. އެހެން ނޫނީ މާ ލަސް ވާނެ” އާއިލާއާ ބައްދަލު ކުރުމަށް ކިޔާން ބޭނުން ވާ ވަރު ބުނެދިނެވެ.
ލަޔާލް ވިސްނާލިއެވެ. ހުކުރު ދުވަހުގެ ކުރިން އަންނަން މާހިރާމެންނަށް އުނދަގޫ ވެދާނެއޭ ހިތަށް އަރާފައި ރޭގަނޑުގެ ވަގުތެއް ބުނަން އުޅެފައިވެސް ލަޔާލް ފަސް ޖެހުނެވެ. ސްކޫލަށް ދާ ދުވަހެއް ނަމަ އިރުއޮއްސެން ވާ އިރަށް ކިޔާން ހުންނާނީ ވަރުބަލި ވެފައެވެ. އެހެން ކަމުން ލަޔާލްއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ހުކުރު ދުވަސް އަންނަން ދެން މަޑު ކުރުމެވެ. ލަޔާލް ބޭނުން ވަނީ ކިޔާން އެންމެންނާ އެއްފަހަރާ ބައްދަލުވުމެވެ.
“ފްރައިޑޭ އޯކޭތަ؟” ލަޔާލް އެހިއެވެ.
ކިޔާން ވިސްނާލާފައި ބޯ ޖަހާލިއެވެ.
“ދަރިފުޅު އެންމެން ހަނދާން އެބަހުރިތަ؟” ލަޔާލް އަހާލިއެވެ.
ކިޔާން ބޯ ޖަހާލާފައި ސޯފާއިން ފައިބައިގެން ކޮޓަރިއަށް ވަދެފައި އައީ ކިޔާންގެ ޓެބްލެޓް ހިފައިގެންނެވެ.
“މާމައާ ކާފަ، އަނެއް މާމައާ ކާފަ، ބޮޑު ކާފަ، ޔާޔާ އާންޓް، ކުޑައްތަ، ޒިޔާބޭބެ..” ފަހަރަކު ފޮޓޯއެއްގައި އަތް ޖައްސަމުން ކިޔާން ކިޔަމުން ދިޔައެވެ. ކިޔާންއަށް ނޭނގެނީ ބޮޑުދައިތަ އާސިމާގެ މާމަ ދަރިން އެކަންޏެވެ. އެ ކުދިންގެ ބައެއް ފޮޓޯ ހުރި ނަމަވެސް ލަޔާލްއަށްވެސް އެ ކުދިން ނޭނގޭތީ ކިޔާންއަށް ކިޔާނުދެވުނީއެވެ.
“ބައްޕަ..” ކިޔާން ސާހިލް ދައްކާލީ އެންމެ ފަހުންނެވެ. ސާހިލްއާ ލަޔާލްގެ ކައިވެނީގެ ފޮޓޯތައް ބަލަން ކިޔާން އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ.
ކިޔާންއަށް ޓަކާ އާއިލާއާ އޮތް ގުޅުން އަލުން އިއާދަ ކުރަން ރުހުނު ނަމަވެސް ލަޔާލްގެ ހިތުން އަދި އެއްވެސް ކަމެއް ނުފިލައެވެ. އާސިމާގެ އާއިލާއާ މެދު ހިތުގައި ޝަކުވާއެއް ނުވި ނަމަވެސް އަމިއްލަ ބައްޕައާ ދޮންމަންމަ އަދި ވަކިން ޚާއްސަކޮށް ބޮޑުދައިތައާ މެދު ލަޔާލްގެ ހިތް ޝަކުވާއިން ފުރިފައި ވިއެވެ. މާހިރާއަކީ ސާހިލްގެ ދޮންމަންމަ ނަމަވެސް އެއީ ލަޔާލްއާ އެއްލޭ ހިނގާ ލަޔާލްގެ ބޮޑުދައިތައެވެ. ލަޔާލްގެ ބައްޕައާ އެއްބަނޑު އެއްބަފާ ދައްތައެވެ. މަސީހާއާ ސަލްމާ ނިޔާ ވުމަށް ފަހު މަންމައެއްގެ ލޯބި ލަޔާލްއަށް ލިބުނީ މާހިރާގެ ފަރާތުންނެވެ. ކުޑަ އިރުން ފެށިގެން ނާފިޒްއާ ނަސްމާއާ ދެކޮޅަށް އަބަދުވެސް ލަޔާލްގެ ދިފާޢުގައި ނިކުންނަ މާހިރާ، ލަޔާލް އެންމެ ބޭނުންވީ ދުވަހު ހުރީ ލަޔާލްއާ ދެކޮޅަށެވެ.
ދެން ހުރީ ލަޔާލްގެ ބައްޕައެވެ. ދެވަނަ ކައިވެންޏެއް ކުރި ފަހުން ނާފިޒްއަށް އަބަދުވެސް ލަޔާލްއަށް ވުރެ އިސް ކުރެވުނީ ނަސްމާއެވެ. މާހިރާ ފަދަ ދޮންމަންމައަކަށް ނަސްމާއަކަށް ނުވެވުނެވެ. ލަޔާލްއާ ނާފިޒްގެ މެދުގައި އުފެދުނު ދުރުކަމަކީ ނަސްމާގެ މަސައްކަތެވެ. ލަޔާލްއާ ދެކޮޅަށް ނަސްމާގެ ބަސް ގަބޫލު ކުރި ފަދައިން ސާހިލްއާ ލަޔާލްގެ މެދުގައި ހިނގި ދެބަސްވުމަށް ފަހު ނާފިޒް އެރީ ސާހިލްގެ ކޮޅަށެވެ.
އާއިލާގައި ލަޔާލްއާ އެއްކޮޅަށް އެއްޗެއް ބުނީ ހަމައެކަނި މުހައިމިންއެވެ. ނަމަވެސް މާހިރާއާ ނާފިޒްގެ ނުރުހުމުގެ މައްޗަށް މުހައިމިންގެ ރުހުން ގަދައެއް ނުވިއެވެ. އާސިމާއަށް ސާހިލްގެ ވާހަކަ ގަބޫލު ނުކުރެވުނު ނަމަވެސް ލަޔާލްއަށް ޓަކާ މާ ބޮޑު ކަމެއް އާސިމާއަކަށް ނުކޮށްދެވުނެވެ. އާސިމާއަށް އެ ފުރުޞަތު ނުލިބުނީ ލަޔާލްގެ ސަބަބުން ކަން ލަޔާލް ގަބޫލު ކުރެއެވެ. އާޔާއާ ރަމްޝާ އޭރުވެސް ލަޔާލްގެ ދިފާޢުގައި މަސައްކަތް ކުރިއެވެ. ނަމަވެސް ބޮޑެތި މީހުންގެ ކުރިމަތީގައި އާއިލާގައި ހަގަށް ތިބި ކުދިންގެ އަޑު އެކަކުވެސް ނޭހީއެވެ.
އާޔާއާ މެދު ލަޔާލް އަބަދުވެސް ދުރުކަން ބަހައްޓަމުން އައީ އެއީ ނަސްމާގެ ދަރިފުޅަށް ވީތީއެވެ. ނަމަވެސް ލަޔާލްގެ ހިތުގައި އާޔާއާ މެދު އެއްވެސް ނަފްރަތެއް ނުވަތަ ރުޅިވެރިކަމެއް ނުވެއެވެ. ހަމަ އެހެން ނަސްމާގެ ހިތުގައި ލަޔާލްއާ މެދު އޮތް ނުރުހުން އާޔާގެ ހިތުގައި ނުވާކަންވެސް ލަޔާލްއަށް އެނގެއެވެ. އާޔާ ލަޔާލްއާ ގުޅުން ބަދަހި ކުރަން ކުރި މަސައްކަތަށް ހުރަސް އަޅަމުން ދިޔައީ ލަޔާލް އަމިއްލައަށެވެ. ނަމަވެސް މިއަދު އެކަމާ ލަޔާލް ދެރަވެއެވެ. އެ ކޮއްކޮ ދެކެ ލަޔާލް ލޯބި ވާކަން ހާމަ ކުރަން ހިތް އެދެއެވެ.
އެހެން އެންމެންނަށް ވުރެ ކުރިން ލަޔާލް ގުޅީ މުހައިމިންއަށެވެ. މުހައިމިން ފޯނަށް ޖަވާބު ދިނުމުން ލަޔާލް އެދުނީ އެހެން މީހަކަށް ނޭނގި އާޔާ ގޮވައިގެން ލަޔާލްމެން ގެއަށް އައިސް ދިނުމަށެވެ.
މުހައިމިން އައިސް ލަޔާލްއަށް ގުޅީ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. ދޮރު ހުޅުވުމުން އެތެރެއަށް ވަން ގޮތަށް އާޔާއާ މުހައިމިންވެސް ލަޔާލްއާ ދިމާއަށް ބަލަހައްޓައިގެން ތިބީއެވެ. ކޮއްކޮއާ ކާފައަށް ބަލަން ހުރި ލަޔާލް އިސްޖަހާލީ ރޮވެން ފެށުމުންނެވެ. އެއާއެކު އާޔާ ކުރިއަށް ޖެހިލަމުން ލަޔާލް ގައިގައި ބައްދާލިއެވެ. ދުރުގައި ނުހުރެ މުހައިމިންވެސް އައިސް ދެ ކުދިންގެ ބޮލުގައި ފިރުމާލިއެވެ.
“އައިމް ސޮރީ އާޔާ.. ދޮންތައަށް މާފު ކޮށްދީ އެ ހުރިހާ ދުވަހު އާޔާ ދުރުކޮށްގެން އުޅެވުނީތީ.. ދޮންތަ ވަރަށް ލޯބިވޭ އާޔާ ދެކެ..” އާޔާގެ މޫނުގައި ދެ އަތުން ހިފާލަމުން ލަޔާލް ބުންޏެވެ.
“އެނގޭ ދޮންތަ އެހެން ހެދީ ކީއްވެ ކަން.. ދޮންތާ، މަންމަވެސް މިހާރު ދެރަވޭ އޭރު ކަންތައް ކުރެވުނު ގޮތުން، ގަބޫލު ކުރޭ..” އާޔާ ބުންޏެވެ.
ލަޔާލް އެއްޗެއް ނުބުނެ ބޯ ޖަހާލާފައި މުހައިމިންއަށް ބަލާލިއެވެ.
“އައިމް ސޮރީ ކާފާ، އޭރު ކާފަ ބުނީމަވެސް އަޑު ނޭހީމަ..” ލަޔާލް ބުންޏެވެ.
“ވީ ކަމެއް ވީ ދަރިފުޅާ، އިތުރަށް އެ ވާހަކަތައް ދައްކާނެ ކަމެއް ނެތް. ކާފައަށް ވިސްނޭ ދަރިފުޅު އެހެން ކަންތައް ކުރީ ކީއްވެ ކަން.. އަޅާނުލާ.. މިހާރު ދަރިފުޅު ތިހުރީ ކާފަމެން ކައިރީ.. ދެން އެކަމަކު އެ ގޮތަށް ގޮސްގެން ނުވާނެ” ލަޔާލްގެ ނިތްކުރީގައި ބޮސްދެމުން މުހައިމިން ބުންޏެވެ.
ބޯޖަހާލަމުން ލަޔާލް ދެ އަތުން މޫނު ފޮހެލިއެވެ.
“ކާފަ އީށީނދޭ، އާޔާވެސް.. މި އަންނަނީ އިނގޭ” މުހައިމިންއާ އާޔާ އިށީނުމުން ލަޔާލް ކޮޓަރިއަށް ވަދެފައި އިރުކޮޅެއް ނުވެ ނިކުތީ ކިޔާންގެ އަތުގައި ހިފައިގެންނެވެ.
“މީ ކިޔާން” ލަޔާލް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.








varh reethi. mi mihaaru mi site in kiyaa hama ekani vaahaka. but anehkaaves mi jehuni veyndhenivi inthizaareh kuran next episode ah. kon iraku baa kiyaalan libeyni?
hi kokila, Saturaday ga upload kollaanan 18. ehentha, varah ufaa vejje mi vaahaka kiyaalaathy
When next?
Varah reethi maasha allah❤️
saturday, thank u
Kobaa
Next submitted tha?
adhi hama vagutheh nuvegen miulheny inge, InshaAllah haveeru around 6 upload kollaanan
It’s okay