“ބިރުވެރި ހުވަފެނެއް ފެންނަނީ…ތަކުރާރުކޮއް އެއް ހުވަފެނެއް ފެންނަތާ އޯލްމޯސްޓް ވީކްއެއް މިވީ..” ހިދާ ފެށިއެވެ.
“ސާބަސް…ޔަގީން ކުރުސިވެސް ނުކިޔާކަން ނިދަނީ…” ޝިފްނާ ހިދާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.
“ދެން ފުރަތަމަ އަޑުއަހާބަލަ…” ހިދާ ހުރީ ސަކަރާތްޖަހާ ހިތަކުން ނޫންނެވެ. “ކޮންމެހެން ބިރުވެރި ހުވަފެނެއް ފެނުނޭ ކިޔާފަ އަހަރެންވެސް ބިރަކުން ނޫޅޭނެއެއްނު…އަހަރެން ބިރުގަންނަނީ ރިޕީޓްކޮއް ސޭމް ހުވަފެން ފެންނާތީ..ދެން ނޭނގެ..އައި ފީލް ލައިކް އިޓްސް ނޮޓް ޖަސްޓް އަ ޑްރީމް…” ހިދާ ކިޔާދިނެވެ.
އޯހް…އެހާ ބޮޑަށް ނުވިސްނާ…ހުވަފެނަކީ ބިލާހެކޭ ބުނެ އުޅެއެއްނު….ކިހިނެއްވަނީ ހުވަފެނުގަ؟…” ޝިފްނާ ޝައުގުވެރިކަމާއެކު އަހާލިއެވެ.
ހިދާ ކުރުކޮއް ފެންނަމުންދާ ހުވަފެނުގައި ވާގޮތް ޝިފްނާއަށް ކިޔާދިނެވެ. “ބައެއްފަހަރު ހީވޭ ހަމަ އަސްލަށްވެސް އެތާގައޭ މަށަށް ހުރެވެނީ…” ހިދާ ބުންޏެވެ.
“ހިދާ މާބޮޑަށް އެހުވަފެނަކާ ދޭތެރޭ ވިސްނާތީ އަބަދު އެހުވަފެން ފެންނަނީ ކަމަށް ވެދާނު ހަމަ…” ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޝިފްނާއަށް ހީވާގޮތް ހާމަކުރިއެވެ.
“ވެދާނެ ތިހެން ކަމަށްވެސް….ދެން އައި ޑޯންޓް ނޯ…އެހެންވާހަކައެއް ދައްކަމާ…” ހިދާ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
އެތަށް އިރަކު ވާހަކަދައްކަން ތިބުމަށްފަހު ދެއެކުވެރިން ގެޔާއިދިމާލަށް މިސްރާބުޖެހީ އިރުއޮއްސުމުންނެވެ. ހިދާއަށް ގެޔައް އާދެވުނުއިރު ސަކީނާ ބަދިގޭގައިއުޅޭހެން ހީވުމުން ހިދާ އެދިމާލަށް މިސްރާބުޖެހިއެވެ.
“މަންމާ…” ހިދާ ބަދިގެޔައް ވަންނަމުން ގޮވާލިއެވެ.
“އޯއި…” ސަކީނާ ބުންޏެވެ.
“މަންމަ ބުނީމެއްނު ލަސްވާނެއޭ…ހާދަ އަވަހަކަށް ނިމުނީ؟..” ހިދާ ސުވާލުކޮއްލިއެވެ.
“އަދި ނުނިމެއޭ…އިޝާ ނަމާދުކޮއްލައިގެން އަނެއްކާވެސް ދާންކަމަށް މިއުޅެނީ…” ސަކީނަ ޖަވާބުދިނެވެ. “ހިދާ ކޮންތާކުން ތިއައީ؟” ސަކީނާ އަހާލިއެވެ.
“ޝިފްނާ ބުނެގެން އޭނައާއެއްކޮށް ބޭރަށް ގޮސްލާފަ…” ހިދާ މިހެން ބުނުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ހިދާ ކޮޓަރިއަށްވަދެ އޮށޮވެލީ ނިދުމުގެ މަގްސަދެއްގައެެެއް ނޫނެވެ. ނަމަވެސް އެހެން އޮއްވާ މާކަގިނައިރެއްނުވެ ހިދާއަށް ނިދިއްޖެއެވެ.
‘ހިދާއަށް ހުރެވުނީ އަނދިރި މަގެއްގައެވެ. މަގުގެ އަނެއްކޮޅު ހަމަލޮލަށް ފެންނަވަރަށްވުރެވެސް ދިގު މަގެކެވެ. މަގުގެ ދެފަރާތުގަ ވަނީ ޖަންގައްޔެވެ. ތަނުގައި އެއްވެސް އަލިކަމެއް ނެތް ނަމަވެސް ހިދާއަށް މަންޒަރު ސާފުކޮއް ފެންނަމުން ދިޔައެވެ. ކުއްލިޔަކަށް މީހެއްގެ ހަޅޭކުގެ އަޑުއިވުނެވެ. ހިދާއަށް ބޭއިޙްތިޔާރުގައި އަޑުއައި ދިމާލަށް ދުއްވައިގަނެވުނެވެ. އަޑުއައީ މަގުގެ ވާތްފަރާތާއި ދިމާލަށް އޮތް ވަލުގެ ވަރަށް އެތެރެއިންނެވެ. މިގޮތަށް ދުވަމުންދާތާ އެތަށް އިރެއްވީއިރުވެސް އެހަޅޭލަވައިގަތް މީހެއް ފެންނަ ގޮތެއް ނުވިއެވެ. ވެފައި ހުރި ވަރުބަލިން ހިދާއަށް މާނޭވާލެވެމުން ދިޔައެވެ. ކުޑަކޮއް ހަމަޖެހިލުމަށްފަހު ހިދާ ރަނގަޅަށް ވަށައިގެން ބަލާލިއެވެ. އެއީ އެއްކަލަ ޖަންގައްޔެވެ. ހިދާ ހުރި ހައިރާންކަމެއްގެ މަތީގައެވެ. މަގުމަތީހުރެ ހިދާއަށް ވަދެވުނީ އާދައިގެ ޖަންގައްޔަކަށްކަން ހިދާއަށް ކަށަވަރެވެ. މިހާރު ހުރެވުނު ތަނަށް އާދެވުނު ގޮތަކަމެދު ވިސްނަން ހުއްޓާ އަނެއްކާވެސް އެމީހެއްގެ ހަޅޭކުގެ އަޑުއިވުނެވެ. ހިދާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އަޑު މިފަހަރު އިވުނީ މާދުރަކުން ނޫނެވެ. އަންހެނެއްގެ ވޭނުން ފުރިފައިވާ ހަޅޭކެކެވެ. ހިދާ އަނެއްކާވެސް އަޑުއި ދިމާލަށް ދުއްވައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ބިންމަތީ ދެމެމުން ކަހަލަގޮތަކަށް ދިޔަ އަންހެނެއް ހިދާގެ ލޮލުގައި އަޅައިގަތެވެ. އެއަންހެން މީހާގެ މޫނު ފެނޭތޯ ހިދާ މަސައްކަތް ކުރިއެވެ. މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިތަކުގެ ސަބަބުން ސީދާ އެއީ ކާކުކަން ވަކިވާވަރެއް ނުވިއެވެ. ނަމަވެސް އެމީހަކީ ހިދާ ދަންނަ މީހެއްކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. މަޑުމަޑުން އެމީހަކާއި ދިމާލަށް ހިދާ ހިނގައިގަތެވެ. ކުއްލިޔަކަށް އެމީހާ ކުރިޔަށް ޖެހިލި ގޮތަކުން އޭނާގެ މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިތަށް ކުޑަ ހިނދުކޮޅަކަށް އެއްފަރާތްވެގެންދިޔައެވެ. ހިދާ ހުރިފިޔަވަޅުމަތީ ގަނޑުވިފަދައެވެ. ހިދާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އެހެންވާނީ ކިހިނެއްބާއެވެ؟ އެހާލުގައި ބިންމަތީގައި ދެމެމުން އެދަނީ ހިދާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝިފްނާއެވެ. ހިދާގެ ދެލޯ ފެންކަޅިވެގެން ދިޔައި އެކުވެރިޔާގެ ގައިގައިވާ ޒަޙަމްތަށް ފެނުމުންނެވެ. ޝިފްނާއާއި ދިމާލަށް ދާން ހިދާ ކުރިޔަށް އެޅި ފިޔަވަޅު ފަހަތަށް ޖައްސާލީ ދެން ފެނުނު މަންޒަރުންނެވެ. ޝިފްނާގެ ފަހަތުން އެއްޗެއް އެބަ އާދެއެވެ. ދިގު ބިޔަ އެއްޗެކެވެ. ހަމަ ޔަޤީނުންވެސް އެއީ އިންސާނެއް ނޫނެވެ. އަތްފައިގެ އިނގިލިތަކާއި ނިޔަފަތިފަށް ދިގެވެ. ދެލޮލުގައި ހުދުކަޅިއެއް ނެތެވެ. ހަންގަނޑު ހީވަނީ ނޮޅައިލާފައިވާ ހެންނެވެ. ގައިގެ އެތަށް މިތަނުން ލޮނދި ދިޔަގަނޑެއް ފައިބާތަން ފެނެއެވެ. މޫނު ފެންނަލެއް ސާފެއް ނުވިއެވެ. ނަމަވެސް އެއެއްޗެއްގެ އަނގައިގެ ދަތްތަށް ހުރިގޮތް ހިދާއަށް ފާހަގަ ވިއެވެ. ހީވަނީ މިޔަރެއްގެ ދަތްތަކެއް ހެނެވެ. އެއެތި އެދިޔަގޮތަށް ގޮސް ބިންމަތިގައި ދެމެމުން ދިޔަ ޝިފްނާގެ އެއްފައިގަ ހިފާ ދަމައިގަތެވެ. އެވަގުތު ޝިފްނާގެ ހަޅޭކުގެ އަޑު ގަދަވިއެވެ. ސަލާމަތްވާން މަސަތްކަތް ކުރަމުން ދިޔަ ޝިފްނާގެ ދެފައި އޭތި ބިންދާލީ ފަސޭހަކަމާއެކުގައެވެ. އެވަގުތު ޝިފްނާގެ ވޭނުން ފުރިފައިވާ އަޑު ހިދާގެ ދެކަންފަތުގައި ގުގުމާލިއެވެ. އިރުކޮޅަކުން އެއަޑު މަޑުވަމުންގޮސް އެއްކޮށް އަޑު ކެނޑިއްޖެއެވެ. ބަލާބެލުމަށް ޝިފްނާ ހޭނެތުނީއެވެ. ދެން ފެނުނީ އިންސާނަކަށް ބަލަން ކުޅަދާނަ މަންޒަރެއް ނޫނެވެ. އެއްވެސް ރަހުމަކާނުލާ އެއެއްޗެއް ޝިފްނާގެ ދެއަތާއި ދެފައި އޭނާގެ ހަށިގަނޑާ ވަކިކޮއްލިއެވެ. އެއައްފަހު ޝިފްނާގެ ބޯވެސް އޭނާގެ ހަށިގަނޑާއި ވަކިކޮއްލައިފިއެވެ. ދެން އެއެތި ޝިފްނާގެ މެދުހަށިގަނޑު ހިފައިގެން ބިންމަތީ ދެފައި ވައްކޮއްލައިގެން އިށީނދެލިއެވެ. ހިދާހުރީ ބިރުން ހަޅޭލަވައިގަންނަންވެސް ނޭނގިފައެވެ. ހިދާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ދެން ފެެނުނު މަންޒަރުން ހިދާގެ ހެޔަށް ގޮތްވާންފެށިއެވެ. ބޮލުގައި ހިފާޓާލައިގެން އޭނާ ހުރިތަނަށް ތިރިވެލިއެވެ. ހިދާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ. އޭތި އެތަނުގައި ހުރެގެން ޝިފްނާގެ މެދުހަށިގަނޑު ކާލައިފިއެވެ. މުޅިތަނުގައި ވަނީ އެމައުސޫމު ކުއްޖާގެ ލެއިން ކޯރުހެދިފައެވެ. ހިދާ އިސްއުފުލާ ބަލާލިއެވެ. ބިރުން ފުރާނަ ނުދިޔައީ ކިރިޔާއޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އެއެއްޗެއް ހުރީ ސީދާ ހިދާގެ ކުރިމަތިގައެވެ. މޫނު އަދިވެސް ސާފުކޮއް ފެންނަގޮތެއް ނުވިއެވެ. އޭތި ހިދާއާއި ދިމާލަށް ގުދުވެލިއެވެ.
“އެއްވެސް މީހަކަށް ކިޔާދީގެން ނުވާނެ…” ހިދާގެ ކަރުގައި ހިފާ ބާރުކޮއްލަމުން އެ މަޙްލޫޤް ދިނީ އިންޒާރެކެވެ.’
” މަންމާ!…” ހިދާއަށް ހަޅޭލަވައި ގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Yippppeee
Ma first 😁
Miadhuge part varah reethi
Thank you.
vrh reethi when next part thankoleh dhigu kollachey
Thank you. Next part will be available soon In Shaa Allah.