Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފު (ތެޔާޅީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
January 1, 2026 7 Mins Read
5 Comments

ލޯންޗު ފަޅުން ނިކުތުމާއެކު ޝަޔަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގައި އޮތް ތޮތްޕާ ލޮލުގައި އަޅާފައި އޮތް އަވި އައިނު ނަގާ އަތް ދަބަހަށް ލިއެވެ. އަދި އޭނާ އަޅައިގެން އިން ފޭސް މާސްކު ތިރިކޮށްލިއެވެ. އެވަގުތު ކައްޕި ކައިރީ ހުރި ޒުވާނަކު އައިސް ޝަޔަމްގެ ސީޓާއި ޖެހިގެން އިން ސީޓުގައި އިށީނެވެ. ޝަޔަމް އާއި ޒުވާނާގެ ހަތަރުކަޅި ހަމަވި ވަގުތު ޝަޔަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބިރެއް ފެނުނު ފަދައިން އޭނާއަށް ފައުޒާންގެ މޫނަށް ބަލަން އިނދެވުނީއެވެ.

“ހައި!” ޝަޔަމް ބަލަން އިން ގޮތުން ފައުޒާން އޭނާގެ މޫނު ކުރިމަތީ އަތް ހޫރުވާލިއެވެ.

“ހައި!” ޝަޔަމް ވެސް އެފަދައިން ރައްދު ދިނެވެ.

“މިއަދު ޕިކްނިކްއެއް ނޫންތަ ދިޔައީ؟” ޔަޒްދާންގެ ފަރާތުން އެނގިފައިވާ އެއްޗަކާ ގުޅުވާ ފައުޒާން ބުންޏެވެ.

“ދިޔައިން. އެކަމަކު އަހަރެން ކުޑަ ކަމެއް ޖެހިގެން މާލެ ދާން ޖެހުނީ..” ޝަޔަމް ހާސްކަން ފޮރުވާލީ ނުހަނު އަވަހަށެވެ.

“އެކަކުވެސް ނާދޭތަ ފުރުވަން ވެސް؟” ފައުޒާން ސުވާލުކުރިއެވެ. ޝަޔަމް ބޯ ޖަހާލީއެވެ.

“ފިލަނީތަ؟” ހިތުގައި އޮތް އެތި ސަމާސާ ރާގަކަށް ފައުޒާން ބުނެލިއެވެ. އޭނާ އިނީ ފަރުވާތެރިވެގެންނެވެ.

“މަށަށް؟ މަށަށް ފިލޭތަ؟ މަންމާފުޅުގެ އެޖެންޓުން މަގޭ ހޯދާނެ ފަސް މިނެޓުން..” ހިސާބަކަށް ހުއްޓުން އެރިއަސް ޝަޔަމްގެ ޖަވާބު އަވަހެވެ. ކަންކަން ފޮރުވަން އޭނާ ހާދަ ކުޅަދާނައޭ ފައުޒާންގެ ހިތް ބުނެލިއެވެ.

“ކާކު ބަލާ އަންނަނީ؟” މިފަހަރުވެސް ސުވާލުކުރީ ފައުޒާންއެވެ.

“ރައްޓެއްސެއް..” ކިތަންމެ ހަމަޖެހެން އުޅުނަސް ފައުޒާންގެ ސުވާލުތަކުން ޝަޔަމްގެ މޭގަނޑު އަތަށް އާދެއެވެ.

ދެން ފައުޒާން އެއްވެސް ސުވާލެއް ނުކުރެއެވެ. މަޑުމަޑުން ފޯނުނަގާ މެސެޖެއް ލިޔެލިއެވެ. ދެޚިޔާލެއްގައި ހުރެފައި ޔަޒްދާންއަށް ފޮނުވާލިއެވެ.

މަންހަލްމެންނަށް ޔަޒްދާންއާ ދިމާވީ މަގުމަތިންނެވެ. ޝަޔަމް އާއްމުކޮށް ހިނގާ އުޅޭ މަގުތަކުން ދުއްވައިގެންވެސް އޭނާ ފެންނަ ގޮތެއް ނުވިއެވެ. ތިން މީހުން އެކުގައި ދިޔައީ ގޮނޑުދޮށަށެވެ. އޭރު ގޮނޑުދޮށުގައި އުޅުނު މީހުން ބައެއް އެއްޗެހި ގެއަށް ގެންދަން ތައްޔާރު ކޮށްފިއެވެ.

“ނުފެނުން.” މަރިޔަން ބުނެލިއެވެ.

” ޔަގީން އެ ޝަފްނާ އައީކަން..” ޒަހީނާ ރުޅިގަނޑު ހިފަހައްޓަން މަސައްކަތް ކުރިއެވެ. ސާހިލްއާ ސުހައިލް އެކަކު އަނެކަކަށް ބަލައިލިއެވެ.

ޔަޒްދާން ފޯނު ޖީބުން ނެގިއެވެ. އަދި އެއްފަހަރު ޝަޔަމްއަށް ގުޅާށެވެ. ފޯނު ހުޅުވާލުމާއެކު އޭނާގެ ދެބުމަ ކައިރިވެލިއެވެ.

“މަންމާ.. ޝަޔޫ ރަނގަޅޭ.. އޭނާ މާލެ ދަނީ..” ޒަހީނާ ހިތްހަމަ ޖައްސައިދޭން ޔަޒްދާން ބުނެލީ ހަގީގަތުގެ އެއްބައި ފޮރުވާފައެވެ. އޭނާ ފައުޒާންގެ މެސެޖަށް ޖަވާބުދިނެވެ.

“ނުވެސް ބުނެލާ ދަނީ ކީއްކުރަންތަ؟” މަންހަލްގެ ހިތުގައި ޝަކުވާ ވިއެވެ. ޝަފްނާ ނުގެންދާނަމަ ޝަޔަމް ދާނީ ޖާވިދު ކައިރިއަށްކަން މަންހަލްއަށް ގަބޫލުކުރެވުނެވެ.

ދަތުރުގެ އުފާވެރިކަން ކެނޑުނެވެ. އެންމެންވެސް ބޭނުންވީ ޕިކްނިކް ނިންމާލާފައި ގެއަށް ދާށެވެ. ހުރިހާ އެއްޗެއް ޕެކްކޮށްގެން އެންމެން އިންތިޒާރުގައި ތިބީ ބަގީ އަންނަންދެނެވެ. މަންހަލްގެ ފޯނު ވައިބްރޭޓްވީ އޭނާ އެހެން ހުއްޓައެވެ. އޭނާ އަވަސް އަވަހަށް ފޯނު ބަލައިލިއެވެ.

“އެނގޭ މަންނު ރުޅި އަންނާނެކަން. އެކަމަކު ވަރަށް ބޮޑަށް ސޮރީ.. ލޮތްބަކީ ކަނު އެއްޗެއް ދޯ. އަހަރެންވެސް މިހުރީ ކަނުވެފަ. ޖާވިދު ކައިރިއަށް މިދަނީ.. މަންނު ހާސްވާނެތީ މިބުނީ. އަހަރެންގެ މި ސިއްރު ހިފަހައްޓައިދީ.. ރަށަށް ދާނަން މާދަން އިންޝާﷲ.. ވަރަށް ލޯބިވޭ..” ޝަޔަމް ފޮނުވާފައި އޮތް މެސެޖުގައި ވިއެވެ.

މަންހަލްގެ ގާތަށް ފާޑެއްގެ ރުޅިއެއް އައެވެ. ކަނާއަތުން ގޮށް މުއްކަވާލާފައި ވައަތުގައި ޖެހިއެވެ. އެންމެންގެ ނަޒަރުވެސް މަންހަލްއަށް ހުއްޓުނެވެ. އެކަމަށް މަންހަލްގެ ފަރުވާލެއް ނެތް ފަދައެވެ.

“ޝަޔަމްމް..” ކެޕިޓަލް އަކުރުން ލިޔެފައި މަންހަލް މެސެޖު ފޮނުވާލިއެވެ. ” ތިހާ ލޯބިވަންޏާ އޭނަ ކައިރީ ބުނޭ އިންނާށޭ.” ދިގު ޕެރެގްރާފެއް ލިޔަން ފަށާފައިވެސް މަންހަލް ފޮނުވާލީ ކުރު ޖުމްލައެކެވެ.

ބަގީ އައުމާއެކު މަރިޔަންއާއި އަފީފާ އާއި ޔަޒްދާންގެ ދެމަފިރިން ފިޔަވާ އެންމެން ބަގީއަށް އެރިއެވެ. ބަގީގެ ފަހަތުން ސައިކަލުގައި ދިޔައީ މަރިޔަންއެވެ. ޔަޒްދާންއާއި މަންހަލް ދިޔައީ ސިއްހީ މަރުކަޒަށް ޓެސްޓުގެ ނަތީޖާ ބަލައެވެ.

ބަލި މީހުން ބަލާ ކޮޓަރިން މަންހަލްއާއި ޔަޒްދާން ނިކުތް އިރު އެދެމަފިރިންގެ މޫނުމަތީވަނީ ހިނިތުންވުމެވެ. މަންހަލްގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ކަރުދާހަށެވެ. ދެން ޔަޒްދާންއަށް ބަލައިލާ ރަކި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޓެސްޓުގެ ނަތީޖާއިން އެދެމަފިރިންގެ ޙަޔާތަށް އިތުރު މެހެމާނެއް އަންނަކަން ޔަގީން ކޮށްދީފިއެވެ.

ފައުޒާންއަށް ޔަޒްދާންގެ މެސެޖު ލިބުނީ މާލެއާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. އޭނާ ޝަޔަމްއަށް ބަލައިލާފައި ހިނިތުންވީއެވެ. ލޯންޗު މާލޭ ފަޅަށް ވަދެ، މީހުން ފައިބަން ފެށުމުން ޝަޔަމްވެސް ސީޓުން ތެދުވިއެވެ. ފޯނުން މީހަކަށް ގުޅާ އޭނާ ބަލައި އައިސްފިކަން ޔަގީންކުރިއެވެ. ޝަޔަމްގެ ފަސްފަހަތުން ފައުޒާންވެސް އައެވެ. މާލެ ފައިބަން ޖެހުނީ އެއް ލޯންޗުން އަނެއް ލޯންޗަށް ބަދަލުވެގެންނެވެ. މާލެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޝަޔަމް ދެކޮޅު ބަލައިލީ ޖާވިދު ހޯދާށެވެ. އެހެނަސް ހުއްޓެން ޖެހުނީ ނުހަނު ގާތުން ބައްޕަ ފެނިފައެވެ. ޝަޔަމްގެ މެއަށް ހޫނުފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ހާސްވެފައި އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ ޖާވިދު ފެންނަން ހުރިތޯއެވެ. ޖާވިދުއަށް އަޒީމް ފެނިގެން އަވަސް އަވަހަށް ފަހަތަށް އެނބުރި ހިނގައިގަތްތަން އޭނާއަށް ފެނުނެވެ. ޝަޔަމް ދުރު ބަލާތީ އަޒީމްވެސް އެދިމައަށް ބަލައިލިއެވެ. އޭނާއަށް ޖާވިދުގެ މޫނު ނުފެނުނަސް އެއީ ޖާވިދުކަން ނަގައިގަނެވިއްޖެއެވެ. ކައިރީގައި ހުރި އެކުވެރިޔާ ގާތު މަޑުކޮށްލުމަށް އޭނާ އެދުނެވެ. އެތެރެހަށީގައި ހިނގަމުން ދިޔަ ތޫފާން މައިތިރި ކުރަމުން އަޒީމް ދަރިފުޅާ ކައިރިވެލީ އެދަރިފުޅާ މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކަން ހިތުގެ އަޑިން ވަޢުދުވަމުންނެވެ.

“ޝަޔަމް..” އަޒީމް ގޮވާލިއެވެ.

“ބައްޕާ..” ޝަޔަމްވެސް ގޮވާލިއެވެ.

“ބައްޕަ ކައިރީ ނުވެސް ބުނަމެއްނު މާލެ އައިއިރުވެސް.. ދޮންތައަށް އެނގޭނެތަ؟” އަޒީމް ސުވާލުކުރިއެވެ. ބައްޕައަށް ދޮގުހަދަން ޝަޔަމް ފަސްޖެހުނެވެ. އިސް ޖަހާލެވުނީ އެހެންވެއެވެ. އެ ހަމަހިމޭންކަމުން އަޒީމްއަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނު ކަހަލައެވެ.

“އިތުރު ދަބަހެއް ގެނައިންތަ؟” ނިތްކުރީގައި ދެއިނގިލިން ފިރުމާލާފައި އަޒީމް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“ނުގެންނަން..” މަޑުމަޑުން ޝަޔަމް ޖަވާބުދިނެވެ.

“އާދޭ..” ޝަޔަމް ގާތުގައި އޭނާ ބުންޏެވެ. މަގުމަތިން ޓެކްސީއެއް މަޑުކުރުވާފައި ޝަޔަމް އެއަށް އަރުވާ ދާންވީ  އެޑްރެސް ބުނެދިނެވެ. އެކުވެރިޔާ ގޮވައިގެން ސައިކަލުގައި އަޒީމްއައީ ކާރުގެ ފަހަތުންނެވެ.

އެހުރިހާ މަންޒަރެއް ބަލަން ފައުޒާން ހުއްޓެވެ. ޝަޔަމްއާ ބައްދަލުކުރަން އައިސް އަނބުރާލާފައި ދިޔަ ޒުވާނާ ދުރުގައި ބަލަން ހުރިތަންވެސް ފެނުނެވެ. ޝަޔަމްއާއެކު އަޒީމް ހުރުމުން ފައުޒާން ހިނގައިގަތީ އޭނާ ނުދަންނަ ޒުވާނާގެ ހަރަކާތްތަކަށް ފާރަލުމަށެވެ.

އަތުގައި އޮތް ފޯނުން ފައުޒާން މެސެޖުކުރީ ބަލައި އަންނަން ބުނި އެކުވެރިޔާއަށެވެ. އެއަށްފަހު ކޮންޓެކްޓަށް ވަދެ ޔަޒްދާންގެ ނަންބަރު ހޯދުމަށްފަހު އޭނާއަށް ގުޅާލިއެވެ.

“ކަލޭ އަޒީމްބެއަށް ގުޅީތަ؟” ޔަޒްދާން ފޯނު ނެގުމާއެކު ފައުޒާން ކޮށްލީ ސުވާލެކެވެ.

“ކިހިނެއްވީ؟ ދޮންބެ ދިޔައީތަ ޝަޔޫ ބަލައި؟ އަހަރުމެން ކައިރީ ނުބުނެ ދޮންބެ ކައިރީ ބުނެފަތަ އެދިޔައީ؟” ޔަޒްދާންގެ ހިތުގައި އުފެދުނު ސުވާލުތައް ކޮށްލެވުނެވެ.

“ފިރިހެނަކު އައި ކަންނޭނގެ އޭނާ ބަލައި. އަޒީމްބެ ފެނުނީމަ ދިޔައީ އަނބުރާލާފަ. މިތާ ގަހެއް ކައިރީ އެބަހުރި.” ފައުޒާން އޭނާއަށް ފެނުނު ކަންތައްތަކަށް ބަރޯސާވެ އޭނާއަށް ގަބޫލުކުރެވުނު ގޮތަށް ބުނެލިއެވެ. “އެއްޗެއް އެބަލިޔޭ ފޯނުގަ. ފޯނު ޖީބަށް ލައިފި. ސައިކަލަށް އަރަނީ.”

“އުޅޭ ތަނެއް ބަލާބަ. ފޮޓޮއެއް ފޮނުވައްޗޭ..” ޔަޒްދާން އެދުނެވެ.

“އޯކޭ ބޮސް..” ފައުޒާން ފޯނު ކޯލު ކުރުކޮށްލިއެވެ. އޭނާގެ އެކުވެރިޔާ ސައިކަލުގައި އަންނަތަން ފެނުމުންނެވެ.

“ކަލޭ އަރާ ފަހަތަށް..” ފޯނު ޖީބަށް ލާފައި ފައުޒާން އެކުވެރިޔާއަށް ބުންޏެވެ. ޖާވިދު ސައިކަލަށް އަރާ ދުއްވާލުމާއެކު އޭނާގެ ފަހަތުން ފައުޒާންވެސް ދުއްވާލިއެވެ.

“ޝަޔަމް އުޅެނީ މީހަކާ ރައްޓެހިވެގެންތަ؟” ކޮޓަރިއަށް ވަދެފައި މަންހަލް ގާތު ޔަޒްދާން އަހާލިއެވެ.

“ކިހިނެއްވީ؟” މަންހަލް ޖަވާބުދިނީ ސުވާލަކުންނެވެ.

“ބުނެބަލަ. ތިއެއްނު އޭނާގެ ބެސްޓު ފްރެންޑަކީ. އަހަރެން ކިތަންމެ ގާތަކަސް އެކަހަލަ ވާހަކައެއް ނުކިޔައިދޭނެއްނު..” އާދޭސްކުރާ ފަދައަކުން ޔަޒްދާން ބުނެލިއެވެ.

“ނުކިޔައިދޭ ވާހަކައެއް ހޯދާނެ ކަމެއް ނެތެެއްނު..” އެކުވެރިޔާގެ ސިއްރު ހިފަހައްޓަން މަންހަލް ބޭނުންވިއެވެ.

“މަންހަލް.”

މަންހަލް މަޑުމަޑު ހޫންއެއް ލައްވާލިއެވެ. އެކަމާ އޭނާވެސް އެހާ ގަޔާނުވާކަން ޔަޒްދާންއަށް ދޭހަވިއެވެ.

“ކާކުކަން އެނގޭތަ؟ ކޮންކަހަލަ މީހެއްކަން އެނގޭތަ؟” ޔަޒްދާން އޮޅުންފިލުވަން ބޭނުންވިއެވެ. އޭނާގެ ސުވާލުތަކަށް ޖަވާބުނުދީ އޭނާ އެހެން ކަމެއްގައި މަޝްއޫލުވާން އުޅުންހެން ހީވެ ޔަޒްދާންއަށް ނުހަނު އަވަހަށް މަންހަލްގެ ގާތަށް ދެވުނެވެ. އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލާ ނަޒަރު ސީދާކުރުވިއެވެ. “މަންހަލް.. ޕްލީޒް..”

“ޝަޔަމް އައީމަ އޭނާ ކައިރީ އަހާބަލަ. ޔަޒްދާން ސުވާލިކޮށްފިއްޔާ ކިޔައިދޭނެ ކަންނޭނގެ.” މަންހަލް ފުން ނޭވާއެއް ލިއެވެ. “އޭނާއަށް ލިބެންޖެހޭ މިނިވަންކަން ނޯންނާތީއޭ އެހެން އެއުޅެނީ. އެންމެންވެސް އޭނާއަށް ޑިސިޝަން ނަގައިދީފައި އޮންނާނީ. އަމިއްލަ އެއްވެސް ކަމެއް އިހްތިޔާރު ކުރާކަށް ފުރުސަތެއް ނޯވޭ.. އޭނާ މިހާރު އެހީކުރަނީ މީހަކާ އިނީމަ ދެން، އެދިރިއުޅޭ ކޮށިން ނިކުމެވި ފަސޭހަ ދިރިއުޅުމެއް އުޅެވިދާނޭ.”

“ފަހަރި ކުރާ ކަންތަކެއްނު އެއީ..” ޔަޒްދާން ތުންފަތް ދަމާލިއެވެ. ފޯނަށް މެސެޖެއް އައުމާއެކު އޭނާ އަވަސް އަވަހަށް ޖީބުން ފޯނު ނަގާ ހުޅުވާލައިފިއެވެ. ފައުޒާން ފޮނުވާފައި އޮތް ފޮޓޯ ހުޅުވާލުމާއެކު މަންހަލްއަށް ވެސް އެފޮޓޯ ދައްކާލިއެވެ.

“މީ ކާކުކަން އެނގޭ ދޯ..” ޔަޒްދާން މަންހަލްގެ މޫނަށް ބަލަން ހުއްޓެވެ. ޔަޒްދާންއަށް ބަލައިލާ އޭނާ ބޯ ޖަހާލިއެވެ.

“ޖާވިދު.. ރަށުގަ އުޅުން އިރު ބައެއްފަހަރު ޗުއްޓީތަކުގައި ޝަފްނާ އޭނާ ފޮނުވާނެ ޝަޔަމް ބަލައި..” ޔަޒްދާން ބަލަން ހުރުމުން މަންހަލް ސާފުކޮށްދިނެވެ.

“ރަނގަޅު މީހެއްތަ އެއީ؟” ދެބެންގެ ދެދަރި ކޮއްކޮއަށް ދެރަގޮތެއްވާކަށް ޔަޒްދާން ނޭދެއެވެ. ގޮތް ނޭނގޭ މީހަކާ އިނދެގެން މަރިޔަންގެ ހަޔާތަށް އައި ތޫފާނާއެކު އޭނާ ރުއި ރުއިމާއި ކުރި ހިތާމަ އެންމެ ގާތުން ފެނުނީ އޭނާއަށެވެ. ތުއްތު ކުއްޖެއް ގޮވައިގެން އޭނާ އެކަނިމާއެކަނި އުޅޭ ހާލު އޭނާވަނީ ދެކެފައެވެ.

“ނޭނގެ. ހީވޭތަ ޝަފްނާ ގެންގުޅޭ މީހެއް ރަނގަޅުވެދާނެހެން؟” މަންހަލް ހެދުން އަލަމާރި ކައިރިއަށް ދިޔައެވެ. ޔަޒްދާން ތުންފިއްތާލީއެވެ.

ގެއަށް ވަދެވުމާއެކު ޝަޔަމް ވަނީ ބައްޕަގެ ގޭގައި އޭނާއަށް ހާއްސަކޮށްފައިވީ ކޮޓަރިއަށެވެ. އަޒީމް ދަރިފުޅުގެ ފަހަތުން ދާކަށް ނޫޅުނެވެ. ކައްކާ ބަޔަށް ވަދެ ސޭންޑްވިޗް އަކާއި ޖޫސް ތައްޓެއް ތައްޔާރުކޮށްލިއެވެ. ޝަޔަމްއަށް ގޮވަން ދިޔައީ އޭގެ ފަހުގައެވެ. އަޒީމް ކޮޓަރި ދޮރުގައި ޓަކި ޖަހާލި އިރަށް ޝަޔަމް ދޮރު ހުޅުވައިފިއެވެ. މޫނުމަތީގައި ފެން ހުރުމުން ފާހާނައަށް ވަދެފައި ނިކުތީކަން އެގުނެވެ. ޖުސް ބޯށޭ ބުނުމުން ބަހަނާއެއް ނުދައްކާ ޝަޔަމް ނިކުމެއްޖެއެވެ. ކާމޭޒު ކައިރިއަށް ގޮސް ގޮނޑި ދުރުކޮށްލާ ގޮނޑީގައި އިށީނެވެ. އަޒީމްވެސް ފެން ތަށްޓެއް އަޅައިގެން އައިސް ޝަޔަމްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

“ބައްޕަ ދެކެ ރުޅި އައިސްފަތަ؟” މަޑުމައިތިރިކަމާއި އެކު އަޒީމް ސުވާލުކުރިއެވެ. ޝަޔަމް ދެފަރާތަށް ބޯ ހޫރުވާލިއެވެ.

” ބައްޕަ ޝަޔޫދެކެ ރުޅި އައިތަ؟” މައުސޫމު ކަމާއި އެކު ޝަޔަމް އަހާލިއެވެ.

“ދެރަވީ. ބައްޕަ ކައިރީ ނުބުނެ އައީމަ.” އަޒީމް ހިނިތުންވެލިއެވެ.

“ސޮރީ..” ޝަޔަމް މައާފަށް އެދުނެވެ.

“ޖާވިދު ކައިރިއަށްތަ އައީ؟” އަޒީމް މަޑުމަޑުން އޭނާ ބޭނުންވި މައުޟޫ ފަށައިގަތެވެ.

“ހޫމް..” ބައްޕަގެ މޫނަށް އަވަސް ނަޒަރެއް ދީފައި ޝަޔަމް އިސްޖަހާލިއެވެ.

“ބައްޕައަށް އިނގޭ ބައްޕަގެ ކުޑަކުޑަ ޝަޔޫ ބޮޑުވެއްޖެކަން.. މިހާރު އެހެންމީހެއްގެ ބެލުމުގެ ދަށަށް ފޮނުވަންވެފަ ތިހުރީ ދޯ.. ޖާވިދު ދެކެ ވަރަށް ލޯބިވޭތަ؟” އަޒީމްގެ އަރުތެރެ ބެދޭގޮތްވިއެވެ.

“ދެމީހުންވެސް ލޯބިވަންޏާ ބައްޕައަށް މައްސަލައެއް ނެތް. ރައްޓެހިވެގެން މާގިނަ ދުވަހު ނޫޅެ ކައިވެނި ކުރަންވާނެ. މަގުމަތިވެގެން އުޅޭ ބައެއްހެން މާ ދަންވަންދެން ބޭރުގައި އުޅެގެން ނުވާނެ. ކައިވެނީގެ ކުރިން މާ ގައިގޯޅިވެގެން ނުވާނެ. މިއީ ބައްޕަގެ ޝަރުތުތަކެއް ނޫން. މިއީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތް. ބައްޕަ ދަރިފުޅުގެ މިނިވަންކަން އަތުލައިގަންނަނީއެއް ނޫން. ބައްޕައަކަށް ވީތީ ބައްޕަގެ ޒިންމާ އަދާކުރަނީ.. ދަރފުޅާ.. ބައްޕަ މިބުނި އެއްޗެއް ވިސްނިއްޖެ ދޯ.. ޖާވިދު ގެންނަންވީނު ބައްޕައާ ވާހަކަދައްކާލަން..” ކަރުކެހިލާފައި އަނެއްކާވެސް އަޒީމް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ބުނާނަން..” ޝަޔަމް މަޑުމަޑުން ބުނެލިއެވެ.

“ބައްޕަ ތަށި ދޮވެލާނަން. ދަރިފުޅު ދޭ ދެން އަރާމު ކޮށްލަން..” ޝަޔަމް ތަށި ހިފައިގެން ސިންކު ކައިރިއަށް ދާން އުޅުމުން އަޒީމް ބުނެލިއެވެ. ބައްޕައަށް ބަލައިލާފައި ޝަޔަމް ގޮސް ކޮޓަރިއަށް ވަނީއެވެ.

ޝަޔަމް ދިއުމާއެކު އަޒީމްގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮށް ލޮލުން ތިރިއަށް ފިރުކިލައިފިއެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. ލޯބިވާ ދަރިފުޅު ބޮޑުވެގެން އައިއިރު އެ ދަރިފުޅާ ވަކިން އުޅެން ޖެހުނުކަމަށް ޓަކައެވެ. އަލުން އެދަރިފުޅާ ބައްދަލުވިއިރު އެކުއްޖާ ހުރީ ފުރާ ފުރިހަމަ މީހަކަށްވެފައެވެ. އަމިއްލަ ދިރިއުޅުމެއް ފަށާވަރުވެފައެވެ. އޭނާގެ ސަބަބުން ސާހިލްވެސް އޭނާގެ ދަރިފުޅާ ވަކިން އުޅެން ޖެހުނު ކަމަށް ޓަކައި އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. ހިތުގެ އެންމެ ފުނުގައި ވަޅުލާފައިވާ އިހުސާސްތައް އަލުން ތާޒާވާން ފެށީ ސާހިލްގެ އެނބުރި އައުމާއެކުއެވެ. އަބަދުވެސް މާޔޫސްކަމާއި އެކަނިވެރިކަން އޭނާގެ ވަށާލާފައިވިއެވެ.

މަންހަލް ތައްޔާރުވީ އައިޝާ ބުނެގެން ބޭރަށް ދާށެވެ. ހަމަ ކުއްލިއަކަށް އައިޝާ އޭނާއާ ބައްދަލުކުރަން ބޭނުންވީ ކީއްވެކަމެއް މަންހަލްއަކަށް ނޭނގުނެވެ. ޔޫވިން ގޮވައިގެން ދާން އުޅުމުންވެސް އައިޝާ ބޭނުންވީ ދެމީހުން ވަކިން ބައްދަލުކުރާށެވެ. ޔަޒްދާން ގޭގައި ނޫޅޭތީ ޒަހީނާ ގާތު ބޭރަށްދާ ވާހަކަ ބުނުމަށްފަހު އޭނާ މަގުމައްޗަށް ނިކުތެވެ. ބަނދަރު މައްޗަށް ދެވުނު އިރު އައިޝާ އޭނާގެ އިންތިޒާރުގައި އުނދޯއްޔެއްގައި އިނެވެ.

“ހިނގާ ހިނގާލަން ދާން..” މަންހަލް ހަމަ އައުމާއެކު އައިޝާ އޭނާގެ އަތުގައި ހިފާލިއެވެ. ދެމީހުންވެސް ހިނގީ ފަޅާ ވަރަށް ކައިރިންނެވެ. އެހެން ރޭ ރެއަށްވުރެ އެރޭ ބަނދަރުމަތީ މީހުން މަދުވެފައި ހަމަހިމޭންހެން މަންހަލްއަށް ހީވިއެވެ. އެ ހަމަހިމޭންކަން މަންހަލްގެ ހިތަށް އުނދަގޫ ކުރިއެވެ.

“ކީއްވެތަ ކުއްލިއަކަށް ބައްދަކުކުރަން ބޭނުންވީ؟” މަންހަލް ސުވާލުކޮށްލިއެވެ.

“ވާހަކައެއް ބުނަން. ރުޅި ނާންނައްޗޭ..” އައިޝާ ވަށައިގެން ބަލަމުން ވާހަކަދެއްކިއެވެ.

“ކީއްވެތަ ރުޅި އަންނަންވީ؟” މަންހަލް ސުވާލުކޮށްލިއެވެ. އައިޝާ ވަށައިގެން ބަލާތީ މަންހަލްވެސް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އެމީހުންނާ ދިމާއަށް ހިނގާފައި އައި ކަޅު ބިޔަ ފިރިހެނެއް މަންހަލްގެ ލޮލުގައި އަޅައިގަތެވެ. ހުސްކަޅުކުލައިގެ އެއްޗެހި ލާފައި ހުރިއިރު އެމީހާ ވައްތަރުވީ އިނގިރޭސި ވާހަކަތަކުގައި އުޅޭކަހަލަ މާފިޔާ މީހަކާއެވެ. މަންހަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ކުރިމަތީގައި އޮތް ލޯންޗުގައިވެސް ހަމަ އެގޮތަށް ތިބި ދެތިން މީހަކު މަންހަލްއަށް ފެނުނެވެ. އެތަނުން ދުވެ ފިލަން މަންހަލް ބޭނުންވިއެވެ. ޔަޒްދާން އެވަގުތު ބަނދަރަށް އަންނާނެނަމައޭ ހިތަށް އެރިއެވެ. ހިތަށް ގޮތެއް ވެފައިވާއިރު ހީވަނީ ކޮންމެވެސް ބޮޑުކަމެއްވާން އުޅެނީހެންނެވެ. “ހިނގާ މިތަނުން ފައިބަން. އެ ލޯންޗުގައި ބަޔަކުއެބަ އުޅޭ..”

“އޯކޭ ވާނެއޭ. ބަނދަރުގައި ހުންނައިރު ނުކެރޭނެ ކަމެއް ކުރާކަށް. މީހުން އުޅޭތީ.. ނޫނީ ހަސްބެންޑް އޯކޭ ނޫނީތަ ފިރިހެނަކާ ތިން ފޫޓަށްވުރެ ކައިރިވަން.. ހެހެހެ..” އައިޝާ ހިނިގަނޑެއް ޖަހާލިއެވެ. މަންހަލްއަށް އިހުސާސްވީ އައިޝާ އޭނާއަށް މަލާމަތް ކުރަނީހެންނެވެ. ހަމަރަނގަޅަށްވެސް އެރޭ އެތަނަށް އާދެވުނު މޮޔަހީވިއެވެ. “އެޔެއް ނޫނޭ.. އަހަރެން ބުނަން އުޅުނު ވާހަކައަކީ، މިއުޅެނީ ބުރުގާ ބާލަން..”

“އެއީ؟” މިފަހަރު އައިޝާ ދެއްކިވާހަކައަށް މަންހަލްގެ ހުރިހާ ސަމާލުކަމެއް ދިޔައެވެ. ހައިރާންވެފައި އޭނާ އައިޝާގެ މޫނަށް ބަލައިލިއެވެ. ހަމައެއާއެކު ފަހަތުން އައި މީހާ ވަރަށް ކައިރިވިހެން ހީވެ މަންހަލް ހިނގުން ބާރުކޮށްލަން އުޅުނެވެ. އެހެނަސް އައިޝާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އޭރު އެމީހުންނަށް ކުރިމަތިލެވިފައި ތިބީ ލޯންޗާ ދިމާއަށެވެ. މަންހަލް އައިޝާއަށް ބަލަން ހުއްޓާ އޭނާ އަޅައިގެން ހުރި ޝޯލްގައި ހިފާ ދަމާލިއެވެ. އަދި އޭނާގެ ބޮލުން ޝޯލް ވަކިކޮށްލުމަށްފަހު ކަރުގައި އަޅުވާލިއެވެ. އެއާއެކު އޭނާގެ ބުޅި އިސްތަށިގަނޑު ވަޔާ ހޫރެން ފަށައިފިއެވެ.

“އައިޝާ..” މަންހަލް ގޮވާލިއެވެ. ލޯންޗު އިންޖީނު ހިންގާލި އަޑު އިވުނީ އެވަގުތެވެ. އައިޝާގެ ހަދިޔާކޮށްލި ހިނިތުންވުމާއި އެދެލޮލުގައިވީ މަކަރުވެރިކަން ސިއްރުކުރަން މިފަހަރު އޭނާ މަސައްކަތް ނުކުރިކަން މަންހަލްއަށް ނަގައިގަނެވުނެވެ. އޭނާ އުޅުނީ އަވަހަށް ގެއާ ދިމާއަށް ހިނގައިގަންނާށެވެ. އެހެނަސް ފަހަތުން ކައިރިވެލި މީހާ އޭނާގެ ގައިގައި ހިފާލުމަށްފަހު ލުއި ފަތެއްހެން ލޯންޗުގެ ކުޑަދޮރަކުން ލޯންޗުތެރޭގައި ހުރި މީހާއަށް ދިއްކޮށްލިއެވެ. މަންހަލްގެ ހަޅޭކުގެ އަޑު ބަނދަރުގައި ގުގުމައިގެން ދިޔައެވެ. ފަހަތުގައި ހުރި ފިރިހެން މީހާ ލޯންޗުތެރެއަށް ފޭބުމާއެކު އޭނާގެ އަތް އައިޝާއަށް ދިއްކޮށްލިއެވެ. އެއަތުގައި ހިފާ އައިޝާ ލޯންޗު ތެރެއަށް ފުންމާލުމާއެކު ލޯންޗު ދުއްވާލިއެވެ. ބާރު ސްޕީޑުގައި ފަޅުން ނިކުމެގެން ދިޔައެވެ.

ވީގޮތް ސިކުނޑިއަށް ނަގައިނުގަނެވުނަސް މަންހަލް ސަލާމަތްވެވޭތޯ ތެޅި ފޮޅުނެވެ. އެހެނަސް ބިޔަ ފިރިހެނުން ތަކެއްގެ ކިބައިން ސަލާމަތްވެވޭ ވަރަށް ވުރެ އޭނާ ނިކަމެތިކަން މަންހަލްއަށް ނަގައިގަނެވުނެވެ. ގަބޫލުނުކުރެވިފައި އޭނާގެ ކުރިމަތީ ގޮނޑީގައި އިން އައިޝާއަށް ބަލަން މަންހަލްއިނެވެ. މާނޭވާ ލަމުން ދިޔައިރު އޭނާގެ ދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ޖެހޭ ފިނި ވައިރޯޅިތައް އައިޝާގެ ބުޅި އިސްތަށިގަނޑާއި ސަމާސާ ކުރަމުން ދިޔައިރު މަންހަލްގެ ސިކުނޑި އޭނާއަށް ކަމެއް ހަނދާންކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ.

“މަންހަލްއަށް އެނގޭތަ؟ އަހަރެންގެ ފޭންސް ވަރަށް ގިނަވާނެ. ރަށު ސްކޫލުގައި ކިޔެވިއިރުގައާ މާލޭގައި އޭލެވެލް ކިޔެވި އިރުވެސް. ފިރުޝާއަކީ ގްރޭޑް ހަތަކުން ފަށައިގެން އަހަރެންގެ ފަހަތުން ނުނައްޓައިގެން އުޅޭ މީހެއް. ކިތަންމެ ފަހަރަކު ބުނެފިން ނޫނެކޭ. ސީދާކޮންނާ ނުސީދާކޮށްވެސް. އަދި އަހުމަދިއްޔާގަވެސް އުޅުން ވަރަށް ރިޗް ކުއްޖެއް. ބުޅި އިސްތަށިގަނޑެއް އޮންނާނެ. ތުންފަތުގައި ހުންނާނީ ގަދަ ރަތްކުލަ ޖައްސާފަ. އައިޝަތު އަފްރާ ކިޔާނީ. އެކަމަކު އައިޝާ ކިޔަންޏާ އޭނާ ވަރަށް ރުޅި އަންނާނެ.. ކުލާސްކުދިން އޭނާ ރުޅިއަރުވަން ކިޔާނީ އައިޝާ..”

މަންހަލްގެ ސިކުނޑީގައި ޔަޒްދާންގެ އަޑު ގުގުމާލިއެވެ.

“އައިޝާ.. އައިޝަތު އަފްރާ..” މަންހަލްގެ އަޑުގައި ވަރެއް ނެތް ފަދައިން ކިޔާލިއެވެ.

“ޔެސް ޔެސް.. އައިޝަތު އަފްރާ.. ހަސްބެންޑް ކިޔައިދިން ދޯ. އޭގެ މާނައަކީ ހަނދާނެއް ނުނެތެއޭ..” އަފްރާއަށް މުޅިން އާ ޖޯޝެއް ލިބުނު ފަދައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ލިޔުންތެރިއެއްގެ ދިރިއުޅުން

Next

ވަޢުދޭ ވެވޭމީ 13

Next
January 1, 2026

ވަޢުދޭ ވެވޭމީ 13

Previews
January 1, 2026

ލިޔުންތެރިއެއްގެ ދިރިއުޅުން

5 Comments!

  1. Eva says:
    January 1, 2026 at 5:33 pm

    V inthizaarah fahu mi part kiyaalan mi libunee varah reethi ❤️
    Koniraku next part
    Can’t wait anymore 😀

    By the way congratulations 👏 you won 1st place in story writing competition right?? I watch it called aayaa but don’t know it is you or other aayaa
    Keep going my fav author ❤️

    1. Aayaa Aayaa says:
      January 3, 2026 at 6:05 am

      Next part January nimey kolhu kiyalan libeyny In Sha Allah. Aayaa ge target aki kuriah oeh 2 parts in vaahaka nimmalun.
      Yes, That was me. Thank you so much Eva! 🥰🤍

  2. Anonymous says:
    February 5, 2026 at 5:59 am

    January nimuny mioh muhaaru..
    When next?

    1. Aayaa Aayaa says:
      February 7, 2026 at 9:08 pm

      Sorry anonymous.. Chutty nimmafa rashah aifahun v varugadha roaga eh lavvalaigen ulhefa adhi mi hama akah elhuny.. Midhia week ga school ah nudhevunyma filavalhu thah ves hadhan jehifa hury. Hope you’d understand!
      In sha Allah mi week ga next part genesdheynan ingeyyy.😊🤍

  3. StorySeeker_X says:
    March 27, 2026 at 4:47 pm

    Where is the next part it’s march now

Comments are closed.

Next Episodeއިންސާފް (ސައުރަޔާޅީސްވަނަ ބައި)←


All Right Reserved!