Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ބަޔާޅީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
October 18, 2025 7 Mins Read
10 Comments

“ހާއި.. ކިހިނެއްތަ؟” މަންހަލްއާ އަރާ ހަމަކޮށްފައި އައިޝާ ބުންޏެވެ.

“ކުޑަކޮށް ބަލިކޮށް މިއުޅެނީ..” މަންހަލް ހިނިތުންވެލިއެވެ.

“ކިހިނެއްވީ އަނެއްކާ؟” ކަންބޮޑުވެފައި އައިޝާ ސުވާލުކުރިއެވެ.

“އަހަރެން މަންމައަކަށް ވަނީ..” މަންހަލްގެ ހިނިތުންވުން ފުޅާވެލި އިރު އޭނާ ފެންކަޅި ވެއްޖެއެވެ. އޭނާ އައިޝާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މަންހަލް ހީކުރީ އައިޝާވެސް އުފާވާނެ ކަމަށެވެ. އެހެނަސް އެދެލޮލުން ފެނުނު އަސަރުން މަންހަލްގެ ހިތް ބިރުގަތެވެ. ދުލުން ބޭރުވި ބަސްތައް އަނބުރާ ގެނެވޭނެ ނަމައޭ ހިތަށް އެރިއެވެ.

“ކޮންގްރެޖުލޭޝަން..” އައިޝާ ކުއްލިއަކަށް މަންހަލްގެ ގައިގައި ބައްދާލިއެވެ. “ސަޕްރައިޒްވި ވަރުން ބުނާނެ އެއްޗެއްވެސް ނޭނގުނު..”

“ހެހެ…” މަންހަލް ހުރީ ބަސް ހުއްޓިފައެވެ.

“މީހަކު އަންނާތީތަ ތިހުރީ؟” މަންހަލްއާ ދުރުވެލާ އައިޝާ ސުވާލުކުރިއެވެ.

“ޔަޒްދާން އަންނާނަމޭ ބުނީމަ..” މަންހަލް ހިނިތުންވެލިއެވެ.

“އެހެންވިއްޔާ އަހަރެން ދިޔައީ.. ފަހުން ދިމާވާން ވާނެ ދޯ. ގުޅާނަން އެނގޭ.” އައިޝާ އަވަސް އަވަހަށް އެގެއާ ދުރަށް ދާން ހިނގައިގަތެވެ.

އައިޝާ ދިޔަތަން ބަލަން މަންހަލްއަށް ހުރެވުނީއެވެ. އޭނާގެ ސިކުނޑި އޭނާއަށް އިންޒާރު ދެނީއެވެ. އައިޝާގެ ލޮލުން ސިކުންތު ކޮޅަކަށް އޭނާއަށް އަމާޒުވި ބިރުވެރި ނަޒަރު ލޮލު ކުރިމަތިން ތަކުރާރު ވަނީއެވެ. މަންހަލްގެ ސިކުނޑި އެހެން ކަމެއްވެސް މި ފަހަރު ހަނދާން ކޮށްދިނެވެ. ޔަޒްދާން އަންނަ ވާހަކަ ބުނެފިއްޔާ އައިޝާ ކޮންމެވެސް އެއްޗެއް ކިޔާފައި ދެއެވެ. އެގޭ ކައިރިއަށް އައިޝާ ވަރަށް ނާންނާނެއެވެ. ހިޔާލުތަކުގައި ޖެހިފައި މަންހަލް ހުރި ވަރުން ޔަޒްދާން އައިއިރުވެސް އޭނާއަށް ނޭނގުނެވެ. ޔަޒްދާން ސައިކަލު ބަރުގޮނު އަޅާލި އަޑަށް މަންހަލް ދިޔައީ ސިއްސައިގެންނެވެ. ބަލައިލި އިރު ޔަޒްދާންއާއެކު އައިޒިންއާ ޒަކާވެސް ސައިކަލުގައި ތިއްބެވެ.

“ކިހިނެއް؟” ސައިކަލަށް އަރާ ހަމަޖެހިލަމުން، ޒަކާއަށް އިޝާރާތްކޮށް މަންހަލް އަހާލިއެވެ.

“ރަނގަޅު. މަންހަލް ކިހިނެއް؟” ޒަކާވެސް ސުވާލުކޮށްލިއެވެ.

“ރަނގަޅު ހަމަ. ބޭބީވެސް ރަނގަޅު ދޯ.” ޒަކާގެ ބޮޑުވެފައިވީ ބަނޑު ފެނުމާއެކު މަންހަލްގެ ދެލޯ ފެންކަޅި ވެއްޖެއެވެ. އޭނާގެ ބަނޑުގައިވީ ތުއްތު ދަރިފުޅުގެ އިހުސާސް ކުރެވޭނެ ވަގުތަކަށް އިންތިޒާރު ކުރަން ފެށުނެވެ. މަންހަލްގެ ވާހަކައަށް ޒަކާ ބޯ ޖަހާލީއެވެ.

“ބްރޯ. ކަލޭ އަންހެންނުން ބަނޑުބޮޑުވާ ދުވަހު ކަލޭގެ މުސާރަ ހުސްވާނީ ފަހަރި ބޭނުންވާ ކާ އެއްޗެހި ގަނެދިނުމުގަ. މަށަށް ޒަކާ ބޭނުންވާ ކާ އެއްޗެހި ގަނެދީފަ ފޮރުވާނެ އެއްޗެއް ނޯވޭ. ކާހިތްވާ އެއްޗެއް ބުނީމަ ފިހާރައަށް ގޮސް އޭތި ގަނެގެން އަންނައިރު މީނަ ކާން ބޭނުންވާނީ އެހެން އެއްޗެއް. ދެންވީ އަނެއްކާ އެ އެއްޗެއް ގަންނަން ދާން. މަގޭ ސެންޓު ފުޅިތައްވެސް ބަދަލު ކޮށްފިން ޒަކާއަށް ނުބައިވަސް ދުވާތީ ހޮޑުލާ ވަރުން.. އަހަރެންގެ ނަސޭހަތެއް އަހަންޏާ މިހާރުން ފެށިގެން ފަހަށް ރައްކާކޮށްފަ ބަހައްޓާ..” އައިޒިން ސަމާސާ ރާގެއްގައި ޝަކުވާ ކޮށްލިއެވެ. ޒަކާ މޫނުކޮޅަށް ގޮތެއް ހަދާލާފައި އައިޒިންގެ ކޮނޑުގައި ޖަހާލިއެވެ.

“ދެން ހުރިހާ އަންހެނުންނަށް އެއްގޮތެއް ނުވާނެ ދޯ..” ޒަކާ ހިނިއައިސްފައި ރައްދެއް ދިނެވެ.

ޒަކާ މެންނާއެކު ސައިކަލު ބުރެއް ޖަހާލާފައި މަންހަލްއާ ޔަޒްދާން އައިސް ވަނީ އަފީފާމެންގެ ގެއަށެވެ. އޭރު އެންމެން އުޅެނީ ހިނގާލަން ދާން ވެގެންނެވެ.

“މެންދުރު ވެއްޖެދޯ..” މަންހަލް ހަމަ ފެނުމާއެކު މަރިޔަން ބުނެލިއެވެ. މަންހަލް ދެލޯ އަޅާލުމާއެކު މަރިޔަން އޭނާގެ ކައިރިއަށް އައިސް ނިހާނު ބޮޑަށް ހިނިތުންވެލިއެވެ. އަދި އޭނާގެ ދެކޮލުގައި ހިފާލާފައި އޭނާގެ ގައިގައި ބައްދާލިއެވެ.

“ޔަޒްދާން ބުނީތަ؟” މަރިޔަން ދުރުވެލުމާއެކު މަންހަލް ސުވާލުކުރިއެވެ.

“ޔަޒްދާން ބުނީމަތަ އެނގެނީ؟ އެންމެންގެ ކުރިމަތީގަ ސޭލް ވިއްޔަ އެޅުވީ.” މަރިޔަން ހިނިގަނޑެއް ޖަހާލިއެވެ. “ދޭ އަވަހަށް ކާން.. ހުންނާނެ މަންހަލްއަށް އެއްޗެހި ބަހައްޓާފަ..”

“ދޮންތި..” ޔޫވިން ގޭތެރެއިން ނިކުންނަމުން މަންހަލްއަށް ގޮވާލިއެވެ.

“ލައްބާ.. ޔޫ ބުރުގާ އެޅި ވާހަކަވެސް ނުބުނަމެއްނު.. ވަރަށް ލޯބި، ވަރަށް ކިއުޓް، މާޝާﷲ..” ޔޫވިން އައިސް އެއް ހަމައެއްގައި މަޑުކޮށްލުމާއެކު މަންހަލް އޭނާގެ އަތުގައި ހިފާލިއެވެ. ދެކުދިން އެކުގައި ހިނގައިގަތީ ކާގެއަށެވެ.

“ކޮންގްރެޓްސް..” މަންހަލްއަށް ބަލައިލާފައި ޔޫވިން ބުންޏެވެ. އެމޫނުމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ. މަންހަލްވެސް ތުންފިއްތާލާފައި ހިނިތުންވެލިއެވެ.

މަންހަލް ބަތް އަޅައިގެން އައިސް ގޮނޑީގައި އިށީނެވެ. ދެކުދިންގެ މެދުގައި އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. ޔޫވިންއަށް ގޮވަން އައި ނަސްރާއަށް އެ މަންޒަރު ފެނުމުން ހިނިތުންވެވުނީއެވެ. މާޒީގައި ދިމާވި އަޑިގުޑަން ތަކަށް ފަހު ދެ ޢާއިލާ އެއްތަންވެ، ޢާއިލީ ގުޅުން ވަރުގަދަވަމުން ދާތަން ފެނި އޭނާ ހިތަށް ބަޔާންކުރަން ދަތި އިހުސާސެއް ކުރެވުނެވެ.

“މަންހަލް ކައި ނިމުނީމަ ދެމީހުން އެއްކޮށް އާދޭ.. އަހަރުމެން ނިކުތީއޭ ބޭރަށް.. ތިކުދިން ދައްކަން ޖެހޭ ވާހަކަ ހުންނާނެ ދޯ..” ނަސްރާގެ ހިޔާލު އެންމެ ފަހު ވަގުތު ބަދަލުވީއެވެ. ދެމީހުންގެ އޮލަ ވާހަކައަށް ހުރަހެއް އެޅޭކަށް އޭނާ ނޭދެއެވެ. އެންމެފަހުން އެހެން އެންމެން ހިނގަން ނިކުތީ މަންހަލްއާ ޔޫވިން ގޭގައި ބައިތިއްބާފައެވެ. ޔަޒްދާން މަޑުކުރަން އުޅުމުންވެސް ޔުނާން އާދޭސް ކުރި ވަރުން އޭނާވެސް ދިޔައީއެވެ.

ހަވީރު ފިންޏަށް ނިކުތް މީހުން މަޣްރިބް ނަމާދު ބަންގި ގޮވަންދެން ބަނދަރުމަތީގައި އިރު އޮއްސޭ މަންޒަރު ބަލަން ތިއްބެވެ. އެއަށްފަހު އެންމެންވެސް އެބައެއްގެ ގެޔަށް ދިޔައީ ޖެހިގެން އޮތް ދުވަހު ޕިކްނިކް ދިއުމަށް ގަޑި ކިޔާ ހުރިހާ ކަމެއް ރާވާފައެވެ.

އިޝާ ފަހުން މަންހަލްއާ ޔަޒްދާންވެސް ދިޔައީ ސިއްހީ މަރުކަޒަށެވެ. ޑޮކްޓަރު އިރުޝާދު ދިނީ ލޭގެ ޓެސްޓު ހެދުމަށެވެ. މަންހަލްގެ ލޭ ނެގުމަށްފަހު ދެމީހުން ގެއަށް އައިއިރު ރޭގަނޑުގެ ކެއުމުގެ ކަންތައް ނިމިއްޖެއެވެ. ސާހިލް ސޯފާގައި އެކަނި އިނުމުން މަންހަލް ބައްޕަ ގާތުގައި އިށީނީ އެދުވަސް ނިމިގެން ދިޔައިރުވެސް ބައްޕައާ ވާހަކަދައްކާލާނެ ފުރުސަތެއް ނުލިބުނީތީއެވެ. މަންހަލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ޔަޒްދާން ކޮޓަރިއަށް ދިޔައީ އެދެބަފައިންނަށް ވަގުތު ކޮޅެއް ދޭށެވެ.

“ބައްޕަ ކައިފިންތަ؟” މަންހަލް ސުވާލުކޮށްލިއެވެ.

“ހްމް. ދަރިފުޅު ނުކައެއް ނޫންތަ ތިއުޅެނީ! ޔަޒްދާން ބުނި ބަލިކޮށް އުޅޭ ވާހަކަ.” ސާހިލް ދަރިފުޅުގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލައިލިއެވެ.

“އެއީ.. ކުޑަކޮށް ލޮޑުވީ މިއަދު.. ޑޮކްޓަރު ބުނި ޓެސްޓް ހަދާލަން. މާދަން ނަތީޖާ ލިބޭނީ.” މަންހަލް އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. ބައްޕަ ކުރިމަތީގައި އޭނާ ލަދުގަތީއެވެ.

“ދޮންބެ ގުޅި. ރާއްޖެ އަންނާނަމޯ ވަރަށް އަވަހަށް.. އެކަމަކު އެއީ ސަޕްރައިޒް އެއް އިނގޭ. އަނެއްކާ ނުބުނާތި ބައްޕަ ބުންޏޭ.. އޭރަށް ދޮންބެ ހިތްހަމަނުޖެހޭނީ ބައްޕަ ދެކެ..” ހިނިގަނޑެއް ޖަހާލާފައި ސާހިލް ބުންޏެވެ.

“އެންމެ ރަނގަޅު..” މަންހަލް އެއްބަސްވިއެވެ. “ބައްޕައަށް ކިހިނެއްތަ ޔަޒްދާންއާ ދިމާވީ؟”

“ޔަޒްދާން ދޯ.. އޭނަ އިނީ ބައްޕަގެ ކުރީގެ އީމެއިލްއަށް މެއިލްއެއް ފޮނުވާފަ. އެއްރޭ ދަންވަރު ބައްޕަ އެ އީމެއިލް ހުޅުވި އިރު ފެނުނީ. އެރޭ ފުރަތަމަ ފެނުނީ ޝަފްނާ ފޮނުވާފަ ހުރި އީމެއިލްތަކެއް. އެހެންވެ އޭނާއާ އިންނާނަމޭ ބުނެފަ ބައްޕަ މެއިލް ކުރީ.. އެކަމަކު ﷲގެ ހެޔޮ ރަޙުމަތުން، މެއިލްގަ މައްސަލައެއް ދިމާވެގެން އެމެއިލް ނުގޮސްއިނީ.. ދެން ބައްޕަ ހުޅުވީ އެންމެ ފަހުން ލިބިފަ އިން މެއިލް. ޔަޒްދާން ފޮނުވާފަ ހުރީ ދެކުދިން ކައިވެނީގެ ފޮޓޯތައް. ދެން ވަޓްސް އެޕް ނަންބަރާއި ފޭސްބުކް އައިޑީއާ ހުރިހާ އެއްޗެއް ހުރި މެއިލްގަ ލިޔެފަ..” ސާހިލް ފުރަތަމަ ފަހަރަށް އޭނާގެ ބާ އީމެއިލް ހުޅުވި ރޭ ކަންތައް ވީގޮތް ކިޔައިދިނެވެ. މަންހަލްއަށްވެސް ކުއްލިއަކަށް ކުރީގެ ހަނދާނެއްވިއެވެ. ދެމީހުން ހަނީމޫން ނިންމާލުމަށްފަހު މާލެދިޔަ ރޭ ފޮށިތައް ހުޅުވައިގެން އުޅުނު އިރު ޔަޒްދާން ފައިލެއްގެ ފޮޓޯނެގި ހަނދާނެއްވިއެވެ. އެހެންވީމާ އެރޭ ނެގި ފޮޓޮއިން ޔަޒްދާން ބައްޕަގެ އީމެއިލް ހޯދީކަން މަންހަލްއަށް ނަގައިގަނެވުނެވެ. “ބައްޕަ ވަގުތުން ދޮންބެ ނަގައިގެން ގެނެސް ޔަޒްދާންއަށް ކޮންޓެކްޓު ކުރަން މަސައްކަތް ކުރީ.. އެރޭ އެނގުނީ ދޮންބެއަށް ޔަޒްދާން އެނގޭކަން.”

“ޔަޒްދާން ނުވެސް ބުނޭ.. ހުރެފަ ކުއްލިއަކަށް އެއްރޭ ވީޑިއޯ ކޯލް ކުރީ މީޓިން އަކަށޭ ކިޔާފަ.. އެކަމަކު އޭގެ ކުރިން ދުވަހު ވަރަށް ދުރުދުރުން ބައްޕައާ ދޮންބެގެ ވާހަކަދެއްކި. އެކަމަކު މަންނު ހިތަކަށް ނާރާނެ ދޯ ފައިނަލީ ބައްޕަ ފެނުނީއޭ..” މަންހަލް ބުންޏެވެ. އެދުވަހު ލިބުނު ޝޮކާއި ވީއުފާ ހިތުގެ އެންމެ ފުނުގައި ރައްކާކުރެވިފައި ވިއެވެ. “ބައްޕާ..” ފަސްޖެހިފައި މަންހަލް ގޮވާލިއެވެ.

“ކިހިނެއް ވީ؟” ސާހިލް ޖަވާބު ދިނެވެ.

“މަންނުއަށް ހުރިހާ އެއްޗެއް ކިޔައިދީބަ ޕްލީޒް.. މަންނުއަށް އެނގެނީ އެއްބައި.. ޝަޔަމްއަށްވެސް ހުރިހާ ކަމެއް ނޭނގޭ.. އޭނާ ކިޔައިދިން ވަރަކަށް މަންހަލްއަށް އެނގެނީ..” މަންހަލް އިސްދަށަށް ޖަހާލިއެވެ.

ސާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ހުރިހާ ކަމެއް މަންހަލްއަށް ކިޔައިދޭންޖެހޭ ދުވަސް އައިސްފިކަމަށް އޭނާ ގަބޫލުކުރިއެވެ. އެދަރިފުޅު މިހާރު އެހުރީ ހުރިހާކަމެއް އެނގޭ ވަރަށް ބޮޑުވެފައެވެ. ހަގީގަތް އެނގުމަކީ އެދަރިފުޅަށް ލިބިފައިވާ ހައްޤެކެވެ. ދެއަތް ދެއަތާ މޮޑެލުމަށްފަހު ސާހިލް ވާހަކަ ފަށައިގަތީ މިޝްޔާއާ ސާހިލްގެ ސުކޫލު ދުވަސްވަރުންނެވެ. ވީހާވެސް ކުރުކޮށް، ހުރިހާ އެއްޗެއް ކިޔައިދެވޭތޯ ސާހިލް ބެލިއެވެ.

“ދަރިފުޅުވެސް މިހާރު ތިހުރީ ބޮޑުވެފަ. ކަންކަން ވިސްނޭނެ، އިހުސާސް ކުރެވޭނެ، ނަގައިގަނެވޭނެ. ބައްޕަ ދަރިފުޅު އެކަނި ދޫކޮށްލީ.. ދަރިފުޅު ހަގީގަތުގައި ވެސް ބައްޕައަށް.. ބައްޕައަށް ޓަކައި ހިތްހެޔޮތަ؟” ސާހިލް ދަރިފުޅުގެ އަތްމަތީގައި އޭނާގެ އަތް ބާއްވާލިއެވެ. އެހުރިހާ ކަމެއް އެނގުމަށްފަހު މަންހަލްގެ ހިތުގައި އޭނާއަށް ނުރުހުން ވާނެއޭ އޭނާގެ ހިތް ބުނަނީއެވެ.

“ބައްޕާ. އަޅުގަނޑު ތެދައް ބުނާނަން. ވަރަށް ދެރަވި. ވަރަށް ޝަކުވާކުރެވުން އަމިއްލަ ނަފްސަށް.. ރުޅިވެސް އައި.. ނަފްރަތުވެސް.. ކުރެވުން.. ބައްޕަ އަދިވެސް މަންހަލް ބަލައި ނާންނަނީ ކީއްވެތޯ ހިތާ ސުވާލުރެވުން. ބައްޕަ މަންހަލް ދެކެ ލޯބި ނުވެޔޭވެސް ގަބޫލުކުރިން.. އެކަމަކު ފަހުން.. ފަހުން މަންހަލް ގަބޫލުކުރީ މިއީ މަންހަލްގެ ތަޤުދީރުކަމަށް.. މިއީ މާތް ﷲ މަންހަލްއަށް އިރާދަކުރެއްވި ގޮތް ކަމަށް. މަންހަލްއަށް އެންމެ ހެޔޮ ގޮތް ކަމުގަ. ކޮންމެވެސް ދުވަހަކުން އެ ތަނުން ނިކުމެވޭނެ ކަމަށް މަންހަލް ގަބޫލުކުރީ. މޮޅަށް ކިޔެވީވެސް އެހެންވެ. އަމިއްލަ ފައި މައްޗަށް ތެދުވަން ބޭނުންވި ވަރުން.. ފަހުން ގަބޫލުކުރިން ބައްޕައަށްވެސް މަޖުބޫރުވީއޭ.. ބައްޕައަށް އެގޮތަށް ނުވިނަމަ ދުވަހަކުވެސް މަންހަލް ދޫކޮށްލާނެތަ؟ ނުކުރާނެ. މަންހަލް އަށް އެވަރު ވިސްނުން. ބައްޕަ، މަންހަލްއާ ދޮންބެދެކެ ވަރަށް ލޯބިވޭ. މަންމަ ދެކެ އަދި މާ ލޯބިވޭ.. ބައްޕާ.. މިހާރު އެ އެގާރަ އަހަރަކީ މާޒީ.. އެދުވަސްތައް ފާއިތުވެ ހިނގައްޖެ. އެދުވަސްތައް ހަނދާންކޮށް ކަރުނަ ނާޅާ.. ޕްލީޒް. މަންހަލް ބޭނުންވަނީ އެދުވަސްތައް ހަނދާން ނައްތާލަން. ބައްޕަވެސް އުފަލުގައި ހުންނަން. މަންހަލްގެ މަންމައެއް ނެތް. ހަމައެކަނި ބައްޕަ ހުރީ. މަންމަގެ ރޯލުވެސް ބައްޕަ އަދާކޮށްދިން… ބައްޕަ ހެޕީކޮށް ހުރުމަކީ މަންހަލްގެ ހަމައެކަނި އެދުމަކީ. މިހާރު މަންހަލް މިއުޅެނީ ވަރަށް އުފާވެރި ހަޔާތެއް. މަންހަލް ދެރަވާނެ އެއްވެސް ކަމެއް ނެތް. އަލްޙަމްދުﷲ.. ބައްޕަވެސް އަމިއްލަ ނަފްސު ކުށްވެރިކުރުން ހުއްޓާލަބަލަ. މަންހަލްގެ ހިތުގައި ބައްޕައަށް ޓަކައި އެއްވެސް ހިތްހަމަނުޖެހުމެއް، ރުޅިވެރިކަމެއް ނެތޭ…” މަންހަލް ބައްޕަގެ އަތުގައި ފިރުމާލިއެވެ.

“ބައްޕައަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފުކުރެވޭނެ ހެނެއް ހިޔެއްނުވޭ…” ސާހިލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

“ދެން ބައްޕާ.. މަންހަލް ބޭނުމީ ކުރީގެ ބައްޕަ. އެނާޖެޓިކް، ފަން، ލަވިން ބައްޕަ.. ބައްޕަ އުފާ ނުވަންޏާ މަންނުވެސް ދެރަވެގެން ރޯނީ..” ސާހިލްގެ ކޮނޑުގައި ބޯ އަޅާލާފައި މަންހަލް ބުނެލިއެވެ. އޭނާ ބޭނުންވީ ތުއްތު ތުއްތު މަންހަލްއަށް ވާށެވެ. ބައްޕައަށް އަތުނުވާންވެގެން ގޭތެރޭގައި ދުވި މަންހަލްއަށް ވާށެވެ. ގޭތެރެ އަޑުގަދަ ކަމުން މަންމަ އެއްޗެހިކީ ދުވަސްތަކުގެ އިތުރުން އެންމެން އެކުގައި ވާރެއާ ތެމުން ދުވަސްތައް މަންހަލްގެ ހަނދާނަށް އައެވެ. އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވުމާއެކު ލޮލަށް ކަރުނަތައް ބޮނޑި ވެއްޖެއެވެ.

“ދޮންބެ ވަރަށް ރުޅިއައިސްގެން އުޅޭނީ ބައްޕަދެކެ. މަންހަލް އެގޮތަށް ދޫކޮށްލީމަ.” ސާހިލްގެ ހިޔާލުތަކުގައި ވީ އަދިވެސް ފާއިތުވި އެގާރަ އަހަރެވެ.

“ދެން އެދުވަސްތައް ހަނދާން ނުކޮށް ވަރަށް މަޖާ ދުވަހެއް ހަނދާންކޮށްބަލަ.. މިސާލަކަށް… މަންހަލް އާ ބައްޕަ ތިބީ ގަނޑެއްގައި ފެން ކުލަ ލާންވެގެން އެއްދުވަހު.. ހުޅުމާލޭގައި އުޅުން އިރުގަ. އެހެން ތިއްބާ މަންހަލް އަތުން އެއްކަލަ ބޮޑު ކުލަ ފުޅި ވެރުނީ ސޯފާމައްޗަށް.. ހަމަ އެގަޑީގަ މަންމަ ގެއަށް އައި އަޑުއިވުނީ.. ހަނދާންވެއްޖެތަ؟” މަންހަލް ބައްޕަގެ ކޮނޑުން ބޯ ހިއްލާލާ ބައްޕަގެ މޫނަށް ބަލައިލިއެވެ.

“ހްމް. ދެން ބައްޕަ އަވަސްއަވަހަށް ދިޔައީ މަންނު އެތަނުގައި ބައިންދާފަ ބެލްކަންޏަށް ފޯނެއްގަ ކަމަށް ހެދިގެން.. އެހެންނޫނީ މަންމަ ރުޅި އަންނާނީ ބައްޕަ ދެކެވިއްޔަ.. މަންނު ބަލަން ބައިންދާފަ ދިޔައީމަ ނުބަލައޭ ކިޔާފަ..” ސާހިލް އެވާހަކަ ފުރިހަމަ ކޮށްދިނެވެ. އެއާއެކު ދެބަފައިންނަށްވެސް އެކުގައި ހެވުނެވެ.

“ދެން މަންމަ ރުޅި އައީ މަންނުދެކެ.. މަންމަ ރުޅި އައިސްގެން އެއްޗެހި ކިޔަނިކޮށް ވާރެވެހެން ފެށީމަ ބައްޕަ އައިސް މަންމަ ގޮވައިގެން ނިކުތީ ބެލްކަންޏަށް.. ދެން ދޮންބެއާ މަންނުއާ އެންމެން ގޮސް ވާރެއާ ތެމުނީ..” މަންހަލްގެ ހިނިތުންވުން ފުޅާވިއެވެ. އެންމެން އެކުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މަންހަލްއަށް އެންމެ ޚާއްސަ ދުވަހަކީ އެދުވަހެވެ.

“އާން. މަންމަ ވަރަށް ވާރެއާ ތެމޭހިތްވާނެ…” މިޝްޔާގެ ހަނދާންތަކުން މިފަހަރު ސާހިލްގެ ހިތަށް އަނިޔާއެއް ނުލިބުނެވެ. ލިބުނީ ފިނިކަމެކެވެ.

“މަންހަލްވެސް ވަރަށް ފޯރިހުރޭ ވާރެއާ ތެމެން.” އެވަގުތު އެތަނަށް އައި ޒަހީނާއަށް ވާހަކައިން އިވުނު ބަޔަށް ރައްދެއް ދިނެވެ. ޒަހީނާވެސް ހުރީ ނިކަން އުފާވެފައެވެ. ހެނދުނުކޮޅު ހުރިހާ ކަމަކާ ގަނަތެޅުނު އިރު ވެފައި ހުރި ނުރުހުން، ރޭގަނޑު ވެރިވި ފިނިކަމާއެކު ފިލައިދިޔަ ފަދައެވެ. މަންހަލް މަންމައަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ހްމް. މަންހަލްއަށް ބޮޑަށް ވާރުތަކޮށްފަ ހުރީ މަންމަގެ ސިފަތަކާއި މަންމަގެ އުޅުން..” ސާހިލް ޒަހީނާއަށް ކިޔައިދިނެވެ.

މަންހަލް ގަޑި ބަލައިލިއެވެ އޭރު ގަޑިން ދިހަގަޑި ދިހައެއް ވެއްޖެއެވެ. އޭނާ ސޯފާއިން ތެދުވެލީ ނިދަން ދާންވެގެންނެވެ. ދެބަފައިން ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ގޮސް ކޮޓަރިއަށް ވަނީއެވެ. ޒަހީނާވެސް ގޭގެ ބޮކިތައް ބަދަލުކުރުމަށްފަހު ކޮޓަރިއަށް ވަނެވެ.

އެރި އިރާއެކު އެންމެން ތެޅިފޮޅިގަތީ ހެނދުނު ސައި ބޮއެ ހަދައިގެން ޕިކުނިކު ދިއުމަށް، އެންމެފަހުގެ ތައްޔާރީތައް ވުމަށެވެ. ގޭތެރެ އެންމެ ހަލަބޮލިވެލާ ވަގުތު ބަލާފައި ޝަޔަމް ދެމިގަންނަނީ ކޮޓަރިއަށެވެ. މަންހަލްއަށް އެކަން ފާހަގަވެގެން އެއް ފަހަރު ޝަޔަމް ގާތު އެވާހަކަ ބުނެފިއެވެ. އޭނާގެ ޖަވާބަކަށް ވަނީ ފާހަނައަކަށް ވަންނަން ޖެހެނީ ކަމުގައެވެ. މަންހަލް އޭނާއަށް ބަލައިލި ގޮތުން އޭނާ ޝަޔަމްގެ ވާހަކަތައް ގަބޫލުނުކުރިކަން ޝަޔަމްއަށް އެނގުނެވެ. އެހެނަސް އޭނާ އެކަމާ މާ ބޮޑަށް އަޅައެއް ނުލިއެވެ.

ހުރިހާ އެއްޗެއް ތައްޔާރުކޮށް ގޮނޑުދޮށަށް ގެންގޮސް، އެންމެން ހަމަވިއިރު ހެނދުނު ނުވައެއް ޖަހައިފިއެވެ. ގެނައި ދޮށިތައް ހިފައިގެން ސުހައިލްއާ ސާހިލް މަސްބާނަން މޫދަށް އެރުނު އިރު އަންހެން ވެރިން ގުރޫޕު ބެހުމަށް ފަހު ފައިގަތަޅާ ކުޅެން ފެށިއެވެ. ޔުނާންއާ ޔަޒްދާންވެސް ދެފަހަރު އުކަން ތިބުމަށްފަހު ހިނގައިގަތީ މަސްބާނަން ދާށެވެ.

“މަންނަ ހުރޭ އުކަން.. މާ ބޮޑަށް ނުދުވާތި..” ޔަޒްދާން ދަމުން މަންހަލް ގާތު ބުނެލިއެވެ.

“ހޫން ހޫން.. އަހަރުމެން ތި ލޯބި އަނބިމީހާއަށް ބަަލައިގެންނޭ އުޅޭނީ..” މަރިޔަން ހުރީ ދިމާކޮށްލާނެ ފުރުސަތެއް ނުލިބިފައެވެ. ޔަޒްދާން ދެ އިނގިލި ލޮލާ ކައިރި ކޮށްލުމަށްފަހު މަރިޔަންއަށް އަމާޒު ކޮށްލިއެވެ. ދިން އިންޒާރެއް ފަދައިންނެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު ފަހަރަކު މީހަކު ލޮޑުވެގެން ވެލިގަނޑު މަތީގައި އިށީންނަން ފެށިއެވެ. އެއަށްފަހު ފެށިގެން ދިޔައީ ފަސްއޮށް ކުޅުމުގެ މުބާރާތެކެވެ. ޒުވާން ކުދިން ކުޅެން ބައިތިއްބާފައި ނަސްރާއާއި ޒަހީނާއާއި އާފީފާ މެންދުރުގެ ކެއުމަށް ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ. އެގާރަ ގަޑި ބައިވާން އުޅެނިކޮށް ޝަޔަމް ފާޚާނާއަކަށް ދާން ޖެހުނެވެ. ޔަޒްދާންގެ ސައިކަލުގައި އޭނާ ގެއަށް ދިޔައީ އެކަންޏެވެ. ޝަޔަމް ހަމަ ދިޔަހެނެއް ހިޔެއް ނުވެ ފިރިހެން ވެރިން ބޭނި މަސްތައް ހިފައިގެން އެއްގަމަށް އަރައިފިއެވެ. މަރިޔަންއާއި މަންހަލްވެސް ކުޅުން ހުއްޓާލާފައި ކެއްކުމުގެ ކަންތަކާ އުޅެގަތެވެ. ޝާނީ ދައްކާ ވާހަކަތައް އަޑުއަހަން އުނދޯލީގައި ޔޫވިން އޮތެވެ.

“ޝަޔަމް ކޮބައިތަ؟” އިރުކޮޅު ކޮޅުން ގަޑި ބަލައިލާ މަންހަލް އެންމެ ފަހުން ބުނެލިއެވެ. އޭރު ގަޑިން ބާރަ ޖަހައިފިއެވެ. އޭނާ ޝަޔަމްއަށް ފޯނުކޮށްފައި ކަންފަތުގައި ޖައްސާލިއެވެ. “ނިއްވާލާފަޔޯ..”

“ޔަޒްދާން ދޭބަލަ ގެއަށް. ކަމެއް ވީކަންނޭނގެއްނު..” ޒަހީނާ ނުހަނު ބޮޑަށް ހާސްވިއެވެ. އޭނާގެ ސިކުނޑިއަށް ފުރަތަމަވެސް އައީ ޝަފްނާގެ ނަމެވެ.

“މަންމާ.. އެހާ ހާސްނުވެބަލަ. އޭނާއަށް ކަމެއް ނުވާނޭ އިރާދަކުރައްވިއްޔާ..” ޔަޒްދާން ޒަހީނާ ހިތްހަމަ ޖައްސާއިދޭން މަސައްކަތް ކުރިއެވެ.

“އެކަމަކުވެސް ދޭބަލަ.. މިހާރު ބައި ގަޑިއިރު ވީ ދިޔަފަހުން..” ޒަހީނާ ތަކުރާރުކޮށް އެދެން ފެށިއެވެ.

މަރިޔަންއާއެކު ސައިކަލުގައި މަންހަލް ގެއަށް ދިއުމަށް މިސްރާބު ޖެހީ ޒަހީނާ އެދުނު ވަރުންނެވެ. ގޭގެ ދޮރުމަތީގައި ޔަޒްދާންގެ ސައިކަލު ހުއްޓެވެ. ދެމީހުން ގެއަށް ވަދެ ޝަޔަމްއަށް ގޮވާ ގޮވާ ޚަބަރެއް ނުވިއެވެ. ހުރިހާ ކޮޓަރިއަކާ ފާޚާނާތަކެއް ބެލިއިރުވެސް ޝަޔަމްއެއް ނުފެނުނެވެ. މަންހަލް އޭރު ހާސްވާ ގޮތް ވެއްޖެއެވެ. ޔަޒްދާން ގުޅުމުން މަންހަލް ފޯނު ދިއްކޮށްލީ މަރިޔަން އަށެވެ. ގޭގައި އޭނާ ނެތް ވާހަކަ ޔަޒްދާން ކައިރީ ބުނީ މަރިޔަންއެވެ. ފޯނު ކަނޑާލާފައި އޭނާ މަންހަލްގެ އަތަށް ފޯނު ދިނެވެ.

“ވެދާނެއްނު ސައިކަލު ބަހައްޓާފަ ހިނގާފަ ދިޔައީ ކަމަށްވެސް..” މަރިޔަން އޭނާގެ ޚިޔާލު ފާޅުކުރިއެވެ. މަންހަލްގެ އަތުގައި ހިފައިގެން އޭނާ ބޭރަށް ނިކުތެވެ. މަގުތައް އަތް ފުނާ އެޅުމުގެ ނިޔަތުގައެވެ.

ލޯންޗު ފަޅުން ނިކުތުމާއެކު ޝަޔަމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގައި އޮތް ތޮތްޕާ ލޮލުގައި އަޅާފައި އޮތް އަވި އައިނު ނަގާ އަތް ދަބަހަށް ލިއެވެ. އަދި އޭނާ އަޅައިގެން އިން ފޭސް މާސްކު ތިރިކޮށްލިއެވެ. އެވަގުތު ކައްޕި ކައިރީގައި ހުރި ޒުވާނަކު އައިސް ޝަޔަމްގެ ސީޓާއި ޖެހިގެން އިން ސީޓުގައި އިށީނެވެ. ޝަޔަމްއާ ޒުވާނާގެ ހަތަރުކަޅި ހަމަވި ވަގުތު ޝަޔަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބިރެއް ފެނުނު ފަދައިން އޭނާއަށް ފައުޒާންގެ މޫނަށް ބަލަން އިނދެވުނީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 8

Next

ވިހަ ލޯބި 13

Next
October 18, 2025

ވިހަ ލޯބި 13

Previews
October 18, 2025

ހިތަކުން ނުދާނޭ ފިލާ 8

10 Comments!

  1. Lilee says:
    October 20, 2025 at 11:45 am

    Mi part ves vrh reethi
    Kon irkn next part upload kurany
    Vrh keh madhuvefa mihuhnany dhn vaagoii balan👀

    1. Aayaa Aayaa says:
      November 9, 2025 at 4:29 pm

      Thank you Lilee! In Sha Allah soon.. 🥰🤍

  2. Mysha says:
    October 21, 2025 at 2:51 pm

    Masha allah mi part varah reethi💞
    Can someone tell me who is fauzaan
    Is he a new character or kurin vx mi vhk ga in character eh tha?
    I dont remember can someone tell me im. Just curious 😭

    1. Aayaa Aayaa says:
      November 9, 2025 at 4:39 pm

      Thank you Mysha! 🥰🤍
      Kurin ves ulhun character eh. Yazdhaan, Aizin and Fauzaan mee trio eh.. Yazdhaan ge co-workers and best friends.

  3. No one says:
    October 25, 2025 at 12:21 pm

    Nice 💯
    Thank goodness e massage shafnaa ah nudhiya Kan I was so scared 😯
    And who is fauzaan????
    When next part ❤️
    Can’t wait
    Love you 😘

    1. Aayaa Aayaa says:
      November 9, 2025 at 4:41 pm

      Thank you No-one! 🥰🤍
      One of Yazdhaan’s close friend
      I’m trying my best to post the next part asap ☺️

  4. Nuha says:
    November 2, 2025 at 9:48 pm

    Alheyyy dhn kon irkn next partt
    It’s been 2 weeks now
    Mihaaru ehen writers vhk liye ninmaalee eyoh
    (No hate)

    1. anony says:
      November 10, 2025 at 10:50 pm

      ebunaahen dhan komme dhuvahaku ebabeley mi vaahakaa upload koffa idheytho.
      ekamu dhn nubalaanan ehnyaa fahe dhn mee thanfukeh boduvaru no offence

  5. laii says:
    December 1, 2025 at 8:33 am

    Dhn kon iraku thanupload kuranyyy its been so long im geting boareddd its been a month already.. im still waiting for the next part btw

  6. Anonymous says:
    December 24, 2025 at 8:34 am

    Heyyyy
    Whn nxt????

Comments are closed.

Next Episodeއިންސާފު (ތެޔާޅީސްވަނަ ބައި)←


All Right Reserved!